ލޮބުވެތި ރަސޫލާ

ހިތާމައިގެ އަހަރު

ކުޑަކުއްޖަކު ބީވެގެންދިއުން

ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ އެންމެ ދޮށީ ދަރިފުޅު قاسم ގެ ޢުމުރުން 17 މަހުގައި އަވަހާރަވެއްޖެ އެވެ. އެ ޙާދިސާ އަށް އަހަރުތަކެއް ފަހުން، އެކަލޭގެފާނުގެ ދެން ހުރި ދަރިކަލުން ޢަބްދުﷲ ވެސް އަވަހާރަވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ގެ ދެ ލޯފުޅުން ކަރުނަފޮދު އޮހޮރެމުންދިޔަ ހިނދު ފަރުބަދަޔާ ދިމާލަށް އެނބުރި ވަޑައިގެން حديث ކުރެއްވި އެވެ. "އޭ ފަރުބަދަޔާ އެވެ! ތިމަންކަލޭގެފާނަށް ދިމާވި ގޮތަށް ތި ފަރުބަދަޔަށް ދިމާވި ނަމަހީ، އެ ކަންތައް ނުއުފުއްލުނީހެވެ؛ ނުއުފުއްލިގެން ވެއްޓުނީހެވެ"! މިހެން ހަދީޘްކުރައްވައި، އެ ލިބުނު ހިތާމަ ހާމަކުރެއްވި އެވެ. خديجة ގެފާނު "ﷲ ގެ ރަސޫލާ އެވެ! އެ ދެ ކުދިން މިހާރު ވީ ކޮން ތާކު ތޯ އެވެ"؟ މިހެން އެއްސެވުމުން حديث ކުރެއްވީ، "އެ ކުދިން މިހާރު ވީ ސުވަރުގޭގަ އެވެ"، މިހެންނެވެ.

رَسُوْلُ اللهِ ﷺ ގެ ދެ ދަރިކަލުން އަވަހާރަވުމުން، މުޝްރިކުން ތިބީ އެކަމާ ވަރަށް އުފާވެފައެވެ. أبو جهل ފަދަ ކާފަރުން އެއީ ލިބުނު ފުރުޞަތެއް ކަމަށް ބަލައި ހޭރިގެންފައި ބުންޏެވެ. "މިހާރު محمّدގެފާނުގެ ދެފައި އެވަނީ ބުރިފައެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅު އެވަނީ ހުއްޓިފައެވެ. އެކަލޭގެފާނުގެ ޢާއިލާ ދަމަހައްޓަން ފިރިހެން ދަރިކަލަކު މިހާރަކު ނެތެވެ. އެކަލޭގެފާނު އަވަހާރަވުމުން، އެކަލޭގެފާނުގެ މަތިން މީހުން ހަނދާންނެތޭނެ އެވެ".

މި ޙާދިސާ ވިދިގެން سورة الكوثر ގެ 1 ވަނަ އާޔަތުން 3 ވަނަ އާޔަތާ ހަމަޔަށް الله تعالى ބާވައިލެއްވި އެވެ: (‏إِنَّا أَعْطَيْنَاكَ الْكَوْثَرَ ‎﴿١﴾‏ فَصَلِّ لِرَبِّكَ وَانْحَرْ ‎﴿٢﴾‏ إِنَّ شَانِئَكَ هُوَ الْأَبْتَرُ ‎﴿٣﴾)‏ * الكوثر: 1-3)‏1 މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން (‏އޭގެ ތެރޭގައި كوثر އޭ ކިޔުނު އާރު ވެސް)‏ ކަލޭގެފާނަށް ދެއްވީމެވެ. (‏1)‏ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ! (‏2)‏ ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރުވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާ އެވެ". (‏3)‏

أبو طالب ގެފާނު އަވަހާރަވުން

ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ ދަރިކަލުން ޢަބްދުﷲ އަވަހާރަވުމަށް ފަހު ހިނގާދިޔަ ދުވަސްތަކުގެ ތެރޭގައި أبو طالبގެފާނު ބަލިވެ، އެ ބަލި ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. މި ޚަބަރު ލިބުމުން ޤުރައިޝް ވަންހައިގެ މުޝްރިކުން އެކަލޭގެފާނާ ހަމައަށް އަތުވެއްޖެ އެވެ. އެ މީހުންގެ ވިސްނުމަކަށް ވެފައި އޮތީ، "أبو طالب ގެފާނު ދިރި ދުނިޔޭގައި ހުންނެވި އިރު، رَسُوْلُ اللهِ ﷺ ގެ ޙިމާޔަތަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އެވެ. މިހާރު އެކަލޭގެފާނު އެ ވަނީ މަރުގެ ތުންފަތްމަތީ ގައެވެ. އެކަލޭގެފާނުގެ އެންމެ ފަހު ދުވަހަށް ވިޔަސް، އެކަލޭގެފާނަށް ޒިޔާރަތްކުރަމާ ހިނގާށެވެ. އެހެނީ، އެފަދަ ދެވަނައެއް ނުވާ ޢަރަބި ބަޠަލަކަށް ވާ حمزة ގެފާނާއި، އެކަލޭގެފާނެއްގެ ޖާހާއި، ކެރުންތެރިކަމާއި، ބިރުކުޑަކަން އިރު ފަދައިން އެނގިގެންވާ عُمرُގެފާނު މި ވަނީ އިސްލާމް ވެފައެވެ. ކޮންމެ ދުވަހަކު ވެސް، ޢަރަބި ޤަބީލާތަކުގެ މީހުން ބައިބަޔަށް އައިސް އެ ދަނީ އެކަލޭގެފާނަށް އީމާންވަމުންނެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް މުސްލިމުން އެ ދަނީ އިތުރުވަމުން، އެ މީހުންގެ އަޑު ދުނިޔެ އަށް ފެތުރެމުންނެވެ. މި ޙާލަތު ގައި، އެހެންޏާ އެ މީހުންނަށް ކިޔަމަންވުން ނުވަތަ ހަނގުރާމަ އަށް ތައްޔަރުވެ ހަނގުރާމަކުރުން ކޮންމެހެން މުހިއްމުވާނެ އެވެ. أبو طالب ގެފާނުގެ އަރިހަށް ގޮސް މި ކަންތައްތައް ކިޔައިދެމާ ހިންގާށެވެ. އޭރުން، އެކަލޭގެފާނު އަހަރެމެން ޞުލްޙަކޮށްދެއްވަފާނެ ވެސް ކަންނޭނގެ އެވެ. އެކަލޭގެފާނުގެ ދީނަށް ޙަމަލާ ނުދެމާ ހިނގާށެވެ. އަދި އެކަލޭގެފާނު ވެސް އަހަރެމެންގެ ދީނަށް ޙަމަލާނުދެއްވާ ތޯ ބަލަމާ ހިންގާށެވެ".

عُقبة އާއި، شَيبة އާއި، أبُوجهل އާއި، أُميّة بن خلف ފަދަ ނަން މަޝްހޫރު މީހުން، أبو طالب ގެފާނާ ޖެހިގެން ހުރި ސޯފާ ގައި އިށީނދެއްޖެ އެވެ. އެ މީހުން ބުނެފޫ އެވެ. "ކަލޭގެފާނުގެ މަތިވެރިކަމާއި، އިސްކަން އަޅުގަނޑުމެން ޤަބޫލުކުރަމެވެ. މި ސަބަބަށް ޓަކައި، އަޅުގަނޑުމެން ކަލޭގެފާނާ ދެކޮޅަކަށް މަސައްކަތެއް ނުކުރަމު އެވެ. ކަލޭގެފާނު އަވަހާރަވުމަށް ފަހު، محمّدގެފާނު އަޅުގަނޑުމެންނަށް އުނދަގޫކުރައްވައި، މި ދެމެދުގައިވާ ޢަދާވާތްތެރިކަން ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށް އަޅުގަނޑުމެން ބިރުގަނެ އެވެ. އަޅުގަނޑުމެންނާ ޞުލްޙަވެ ވަޑައިގަންނަވާށެވެ. އޭރުން އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކުގެ ދީނަށް ޙަމަލާއެއް ނުދޭނެ އެވެ".

أبو طالب ގެފާނު رَسُوْلُ اللهِ ﷺ ގެންނަވައި ވިދާޅުވި އެވެ. "ޤުރައިޝް ވަންހައިގެ ހުރިހާ ކަމުވޮށިގެންވާ ބޮޑުން މި އެދެނީ ކަލޭގެފާނު އެ މީހުންގެ ދީނާ ބެހިވަޑައިނުގަތުމަށެވެ. މިކަން ކަލޭގެފާނު ޤަބޫލުފުޅު ކުރައްވައިފި ނަމަ، އެ މީހުން ކަލޭގެފާނު حديث ކުރެއްވި ކޮންމެ ކަމެއް ކޮށްދީ އެހީތެރިވާނެ ތެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ބޮޑުބޭބެ އެވެ! ތިމަންކަލޭގެފާނު އެ މީހުންނަށް ދަޢުވަތު ދެއްވަން ބޭނުންފުޅުވަނީ އެންމެ ލަފްޒަކަށެވެ. އެ ލަފްޒެއް ހުރިހާ ޢަރަބިން ވެސް ޤަބޫލުކޮށް، ޢަޖަމީން އެއަށް ޖިޒީ ދޭނެ އެވެ". އަދި ޤުރައިޝުންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އާނއެކެވެ! ކަލޭމެން އެއް ލަފްޒު ކިޔައިފި ނަމަ، ކަލޭމެން ޢަރަބިންގެ މައްޗަށް ވެރިކަންކުރާނެ އެވެ. އަދި ޢަޖަމީން ކަލޭމެންނަށް ބޯލަންބާނެ އެވެ". أبو جهل ސުވާލުކުރިއެވެ. "އެންމެ ރަނގަޅެވެ. އަޅުގަނޑުމެން ދިހަ ފަހަރު ވެސް ބުނެފާނަމެވެ. އެ ލަފްޒަކީ ކޮބައި ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ކަލޭމެން 'لا إله إلّا الله' މިހެން ކިޔައި الله تعالى މެނުވީ ތިޔަބައި މީހުން އަޅުކަންކުރާ ބުދުތައް ދޫކޮށްލައިފި ނަމައެވެ". މިހެން حديث ކުރެއްވުމުން، މުޝްރިކުން ވަގުތުން ބުނޫއެވެ. "ތި ނޫން ކަމެއް އަޅުގަނޑުމެން ކައިރިން އައްސަވާށެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިޔަބައި މީހުން އިރު ގެނެސް ތިމަންކަލޭގެފާނުގެ އަތްތިލަފުޅު ގައި ބޭއްވި އަސް ތިމަންކަލޭގެފާނު އެހެން ކަމަކަށް ނާއްސަވާނަމެވެ".

މުޝްރިކުން ބުނޫއެވެ. "އޭ أبَا القاسم އެވެ! ކަލޭގެފާނު ތި އެދިލައްވަނީ ވަރަށް އާދަޔާޚިލާފު ހުށަހެޅުއްވުމެކެވެ. އަހަރެމެން ކަލޭގެފާނު ހިތްހަމަޖައްސައިދޭކަށް ނެތީމެވެ. އެހެން ނަމަވެސް، ކަލޭގެފާނު އަހަރެމެން ހިތްހަމަޖެހޭ ފަދަ ކަމެއް ނުކުރައްވައެވެ". މިހެން ބުނުމަށް ފަހު މުޝްރިކުން އެތަނުން ގޮސްފި އެވެ. އެ މީހުން އެ ތަނުން ދިއުމުން، أبو طالب ގެފާނު رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. ކަލޭގެފާނު ޤުރައިޝް ވަންހައިގެ މީހުންގެ ކައިރިން އެދުނު ގޮތް ވަރަށް މުނާސިބެވެ. ކަލޭގެފާނު حديث ކުރެއްވީ ރަނގަޅަށެވެ". أبو طالب ގެފާނު މިހެން ވިދާޅުވުމުން، أبو طالب ގެފާނު އިސްލާމް ވެދާނެ ކަމުގެ އުއްމީދު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގެން އެއްސެވި އެވެ. "ބޮޑުބޭބެއެވެ! އެންމެ ފަހަރަކު ނަމަވެސް 'لا إله إلّا الله'

خديجة ގެފާނުގެ މަޤްބަރާ – ޖަންނަތުލް މުއައްލާ

"ބޮޑުބޭބެއެވެ! އެންމެ ފަހަރަކު ނަމަވެސް މިހެން ކިޔުއްވާށެވެ! އޭރުން ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނަށް ބޮޑުބޭބެ އަށް ޝަފާޢަތްތެރިކަން ދެވޭނެ އެވެ".
حديث الشريف

ހިތާމައާ އެކު ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖާ (‏رضي الله عنها)‏ އަށް ވައްހާބީ ސަރުކާރުގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައި ވެއެވެ.
ގިނަ ޞަޙާބީންނާ ދޭތެރޭ ކަންތައް ކުރި ގޮތަށް އެ މީހުން ވަނީ އެ ކަމަނާގެ ރިވެތި މަޤްބަރާ ވެސް ތަޅާލާފައެވެ.

މިހެން ކިޔުއްވާށެވެ! އޭރުން ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނަށް ބޮޑުބޭބެ އަށް ޝަފާޢަތްތެރިކަން ދެވޭނެ އެވެ". أبو طالب ގެފާނު ޖަވާބު ދެއްވި އެވެ. "އަހުރެން ބިރުގަންނަނީ، އަހުރެން ކުށްވެރިކޮށް މީހުން މިހެން ބުނެފާނެތީ އެވެ. 'އޭނާ މުސްލިމަކަށް ވީ އޭނާ މަރަށް ބިރުގަންނާތީ އެވެ'. އެހެން ނޫން ނަމަ އަހަރެން ކަލޭގެފާނު އުފާކޮށްދިނީމުހެވެ". أبو طالب ގެފާނު ހާމަކުރެއްވި ގޮތުގައި، އެވަގުތު އިސްލާމް ވުމަކީ، އެކަލޭގެފާނުގެ ނަފްސަށް މާ ބުރަ ބޮޑު ކަމަކަށް ވާނެ އެވެ. އެކަލޭގެފާނުގެ ބަލި މާ ސީރިއަސް ވެގެން އަވަހާރަވެއްޖެ އެވެ".2

خديجة ގެފާނު އަވަހާރަވުން

بعثة އަށް ދިހަ ވަނަ އަށް ވީ އަހަރު، أبو طالب ގެފާނު އަވާހަރަވީތާ ތިން ދުވަސް ފަހުން، އަދި ހިޖްރައިގެ ތިން އަހަރު ކުރިން، ރަމަޟާން މަހެއް ފެށިގެން އައި އިރު، ޢުމުރުފުޅުން 65 އަހަރު ގައި، رَسُوْلُ اللهِ ﷺ ގެ ހިތާމަތައް ޙިއްޞާކުރެއްވި އަދި އެކަލޭގެފާނުގެ 25 އަހަރުގެ އަނބިކަނބަލުން خديجة ގެފާނު، އުނދަގޫތަކާއި، ހިތްދަތިކަމުން ފުރިގެންވީ 3 އަހަރުގެ ޙިޞާރުގެ ފަހުން އަވަހާރަވެއްޖެ އެވެ.3 ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ خديجة ގެފާނު ފަސްދާނުލެއްވީ އަމިއްލަފުޅު އަތްޕުޅުންނެވެ. އެ ކަމަނާ އަވަހާރަވުމުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ.

އަނބިކަނބަލުން خديجة ގެފާނާއި، ބޮޑުބޭބޭފުޅު أبو طالب ގެފާނު އެއް އަހަރެއް ގައި އަވާހާރަވުމުން، رَسُوْلُ اللهِ ﷺ އަށް ވަރަށް ބޮޑު ހިތާމައެއް ލިބިގެންދިޔަ އެވެ. މި ސަބަބަށް ޓަކައި، އެ އަހަރަށް ކިޔުނު ނަމަކީ "سنة الحزن/ عام الحزن" އެވެ. މާނަ އަކީ ހިތާމައިގެ އަހަރެވެ.

خديجة ގެފާނު އަވަހާރަވުމުން رَسُوْلُ اللهِ ﷺ އަށް ވަރަށް ބޮޑު ހިތާމައެއް ލިބިގެންދިޔަ އެވެ. އެހެނީ، އެންމެ ފުރަތަމަ އެކަލޭގެފާނަށް އީމާންވީ އެކަމަނާ އެވެ. އަދި އެކަލޭގެފާނުގެ އެންމެ ބޮޑު މަދަދުގާރަކީ އަދި އެންމެ ބޮޑަށް ހިތްހަމަޖެހުން ގެނެސްދެއްވަނީ އެ ކަމަނާ އެވެ. އެންމެން ޢަދާވާތްތެރިންގެ ގޮތުގައި ތިބި އިރު، އެކަމަނާގެ މުޅި ހިތް ބަނޑުންކޮށްލައްވައި، رَسُوْلُ اللهِ ﷺ އަށް ހިތުގެ ފުންމިނުން ލޯބި ދެއްވި އެވެ. އެކަމަނާގެ މިލްކިއްޔާތުގައި ވާ ހުރިހާ އެއްޗަކާއި، ހުރިހާ މުދަލެއް ހޭދަކުރެއްވީ އިސްލާމް ދީނަށް ޓަކައެވެ. އަދި ރެއާއި ދުވާލު ހޭދަކުރެއްވީ رَسُوْلُ اللهِ ﷺ އަށް ޚިދުމަތްކުރެއްވުމުގައެވެ. އެކަމަނާ رَسُوْلُ اللهِ ﷺ އަށް އެއްވެސް ހިތާމައެއް ދެއްވައި، ގެއްލުމެއް ދެއްވާފައެއް ނުވެއެވެ. މި ދޭތެރެ ދޭތެރެއިން މިހެން حديث ކުރައްވައި، އެކަލޭގެފާނުގެ އަނބިކަނބަލުންގެ ކިބައިގައި ހުރި ރިވެތި ސިފަތަކުގެ މަތިން ހަނދުމަކޮށްދެއްވައެވެ.

އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެއިން ބޭރުގައި އުޅުއްވަނިކޮށް، އެކަލޭގެފާނު ހޯއްދެވުމަށް خديجة ގެފާނު ނުކުމެ ވަޑައިގެންނެވި އެވެ. އެ ވަގުތު އިންސާނެއްގެ ސިފައިގައި جبريل (‏عليه السّلام)‏ އެކަމަނާ އަށް ފާޅުވި އެވެ. رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން ސުވާލުކުރެއްވުމަށް ހިތްޕުޅަށް ބޭނުންވެ ވަޑައިގަތަސް، އެއީ ފަހަރެއް ގައި ޢަދުއްވަކަށް ވެދާނެ ކަމަށް ޓަކައި، އެނބުރި ގެއަށް ވަޑައިގަތީ އެވެ. އެ ކަމަނާ އަށް رَسُوْلُ اللهِ ﷺ ފެނިވަޑައިގަތުމުން، އެ ޙާދިސާގެ ވާހަކަ رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކަމަނާ އަށް ފެނުނު ތިމަންކަލޭގެފާނާ މެދު ސުވާލުކުރެއްވީ ކާކު ކަން އެނގޭތޯ އެވެ؟ އެއީ، جبريل (‏عليه السّلام)‏ އެވެ. ކަމަނާ އަށް މި ތަހުނިޔާ ރައްދުކޮށްދިނުމަށް އެކަލޭގެފާނު އެދިވަޑައިގަތެވެ. ހަމަ އެއާ އެކު، އިތާމުތުން ހެދިފައިވާ ޢިމާރާތެއް ކަމަނާ އަށް ޚާއްޞަކޮށް ސުވަރުގޭގައި ތައްޔާރުކުރެވިފައިވާ ކަމުގެ ޚަބަރު ކަމަނާ އަށް ދިނުމަށް جبريل (‏عليه السّلام)‏ ވިދާޅުވި އެވެ. މިފަދަ ހިތާމަވެރި، މައްސަލަޖެހޭ، އުނދަގޫ އަދި ބުރަބޮޑު ކަންތައްތަކެއް އެތާގައި ދިމާނުވާނެ އެވެ".

އެކަކުގެ އަތް ވާޅުވެ، އަނެކަކުގެ ލޯކަނުވުން

ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ އެކަލޭގެފާނުގެ ޞަޙާބީންނާ حديث ފުޅުކުރައްވައި އެ ބޭކަލުންގެ ހިތްތައް އުޖާލާކޮށްދެއްވި އެވެ. ބާވައިލައްވާ އާޔަތްތައް ޝަރަޙަކޮށްދެއްވައި، ކިޔައިނުދެއްވާ އޮޅުންނުފިލާ ހެން އެއްޗެއް ދޫކޮށެއްނުލައްވައެވެ. އަދި ހަމަ އެއާއެކު، މުޝްރިކުން ޖަމާވާ ހިސާބުތަކަށް ވަޑައިގެން، އީމާންވުމަށް، އެއްވެސް ވަރުބަލިކަމެއް މާޔޫސްކަމެއް ނެތި ދަޢުވަތު ދެއްވި އެވެ. أبو جهل އާއި وليد بن مغيرة އާ ދެމީހުން މި ޙާލަތާ މެދު ވަރަށް ރުޅިގަދަވެފައި ތިބެ ބުނޫއެވެ. "މި ދާ ރޭޓުން، محمّدގެފާނު، ހުރިހާ އެންމެން އެކަލޭގެފާނުގެ ދީނަށް ވައްދަވައި، އަހަރެމެންގެ ބުދުތަކަށް އަޅުކަންކުރާނެ މީހަކު ނުބަހައްޓަވާނެ އެވެ. އެއް ދުވަހަކު، އެ މީހުން ނިންމީ، އެ މީހުން ކުރަން އުޅޭ ކަންތައް ކުރެވޭނީ رَسُوْلُ اللهِ ﷺ އަވަހާރަކޮށްލައިގެން ކަމަށެވެ. وليد بن مغيرة އާއި، محزوم ގެ ފިރިހެން ދަރިން ގޮވައިގެން أبو جهل ގެފުޅަށް އަތުވެއްޖެ އެވެ. އެ ވަގުތު رَسُوْلُ اللهِ ﷺ ހުންނެވީ ނަމާދުކުރައްވާށެވެ. އަތަށް ހިލަގަނޑެއް ލައިގެން أبو جهل ކުއްލިއަކަށް ކުރިޔަށް ޖެހިލައިފިއެވެ. އޭނާ ކީރިރި ރަސޫލާގެ ހަށިކޮޅުގައި ޖެހުމަށް އޭނާގެ އަތް އުފުލާލި ވަގުތު، އޭނާގެ ދެ އަތް ވައިގެ ތެރޭގައި ޙަރަކާތެއް ނެތި ހުއްޓިއްޖެ އެވެ. އޭނާ އަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާ އަށް ބޮޑު ޙައިރާންކަމެއް ލިބިއްޖެ އެވެ. އޭނާ މުޝްރިކުންނާ ހަމަވުމުން އޭނާގެ އަތް ކުރިން ހުރި ގޮތަށް ރަނގަޅުވެ، އެ ހިލަގަނޑު ބިންމައްޗަށް ވެއްޓިއްޖެ އެވެ.

محزوم ގެ ފިރިހެން ދަރިންގެ ތެރެއިން އެކަކު ހަމަ އެ ހިލަ ނަގައިގެން رَسُوْلُ اللهِ ﷺ އާ ދިމާލަށް ދަމުން ބުނަމުންދިޔައީ، "ކަލޭމެންނަށް ފެންނާނެ އެވެ. އަހަރެން އެކަލޭގެފާނު އަވަހާރަކޮށްލާނަމެވެ". އޭނާ رَسُوْلُ اللهِ ﷺ އާ ކައިރިވުމުން، އޭނާ ކުއްލިއަކަށް ލޯކަނުވެ އޭނާގެ ވަށައިގެން ހުރި ތަންތަން ފެނުން ހުއްޓިއްޖެ އެވެ. އެއާއެކު، محزوم ގެ ހުރިހާ ފިރިހެން ދަރިން رَسُوْلُ اللهِ ﷺ އާ ދިމާއަށް ވަރަށް ބާރަށް ދާން ފަށައިފި އެވެ. އެ މީހުން رَسُوْلُ اللهِ ﷺ އާ ކައިރިވުމުން އެ މީހުންނަކަށް ކުއްލިއަކަށް އެކަލޭގެފާނު ފެންނަ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް، އެކަލޭގެފާނު حديث ފުޅުކުރައްވަމުން ގެންދެވި ވާހަކައިގެ އަޑު އެ މީހުންނަށް އިވުނެވެ. ދެން، އެ އަޑު އަންނަ ދިމާލަށް ފުރަގަހަށް ދާން ފަށައިފި އެވެ؛ ފަހަތަށް އެނބުރުމުން، އަޑު އަންނަނީ ކުރިން ވެސް އަޑު އިވުނު ތަނަކުންނެވެ. މި ގޮތަށް އެތައް ފަހަރަކު ވިއެވެ. އެންމެ ފަހުން، އެމީހުން ތިބީ رَسُوْلُ اللهِ ﷺ އަށް އަނިޔާއެއް ނުކުރެވި ޙައިރާންވެ އަންތަރީސްވެފައެވެ.

"الله تعالى ގެ ރަސޫލުކަން ތިމަންކަލޭގެފާނު ފުރިހަމަކުރައްވަންދެން ތިމަންކަލޭގެފާނަށް ޙިމާތްދީ އެހީތެރިވާނީ ކާކު ހެއްޔެވެ؟ (‏އޭރުން)‏ އެ މީހަކަށް ސުވަރުގެ ދެއްވާނެ އެވެ".
حديث الشريف

عائشة ގެފާނާއި سعدة ގެފާނު އެންގޭޖްވުން

خديجة ގެފާނު އަވާހަރަވުމުން رَسُوْلُ اللهِ ﷺ އަށް ކަންތައްއް ކޮށްދޭނެ މީހަކު ނެތެވެ. މިކަން حولة بنت حاكم އަށް ފާހަގަކުރެވިގެން رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ދެންނެވި އެވެ. "ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނާ އެކަށީގެންވާ އަނތްބަކު ޚިދުމަތަށް ކަލޭގެފާނަށް ބޭނުންފުޅުވާނެ އެވެ. އެދިވަޑައިގަންނަވާ ނަމަ، އަޅުގަނޑު ކަލޭގެފާނަށް އަތްބަކު ހޯދާފާނަމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޙައުލާ އެވެ. މި ޚިދުމަތަށް އެންމެ އެކަށީގެންވާ އަންހެން ކަނބަލަކީ ކޮބައިތޯ އެވެ"؟ ޙައުލާ ޖަވާބު ދިނެވެ. "ބިކުރުވެރި ކަނބަލަކު ބޭނުންފުޅު ވާ ނަމަ، أبوبكر ގެފާނުގެ ދަރިކަނބަލުން عائشة އެ ހުންނެވީ އެވެ. މީހަކާ އިނދެފައި ހުރި ކަނބަލަކު ބޭނުންފުޅު ވާ ނަމަ، سودة بنت زمعة ގުޅޭނެ އެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ ދެ ކަނބަލުން ވެސް ތިމަންކަލޭގެފާނަށް ޓަކައި އައްސަވާށެވެ". رَسُوْلُ اللهِ ﷺ އެންމެ ފުރަތަމަ އެންގޭޖް ވެ ވަޑައިގަތީ عائشةގެފާނާ އެވެ. ދެން ސައުދާގެފާނާ އެވެ. މައްކާ ގައި ހުންނަ އެކަލޭގެފާނުގެ ގެކޮޅަށް ސަޢުދާ ގެންދެވި އެވެ. عائشةގެފާނާ އެކު ކައިވެނި ކުރެއްވުން އޮތީ މަދީނާ ގައި ހިޖުރައިން ދެ ވަނަ އަހަރުގެ ޝައްވާލު މަހުގައެވެ.

ޢަޤަބާގެ ބައްދަލުވުން

ކޮންމެ އަހަރަކު، ގެފުޅަށް ޒިޔާރަތްކުރުމަށް އަންނަ ޤަބީލާތަކަށް ދީނަށް ގޮވާލައްވައި، ނަރަކައިގެ އަލިފާނުން އެ މީހުން މިންޖުކޮށްދެއްވައި، ނިމުމެއް ނެތް ދަރުމަ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވި އެވެ. އެންމެހާ ވައްތަރެއްގެ އިހާނަތްތަކާ މެދު އަޅާނުލައްވައި، އެކަލޭގެފާނުގެ ރަސޫލު ކަން ފުރިހަމަކުރެއްވުމާއިގެން ކުރިޔަށް ވަޑައިގަތެވެ. ޤަބީލާތަކުން ކޭމްޕް ޖަހައިގެން ތިބޭ ސަރަޙައްދުގައި ކޮޅަށް ހުންނަވައި، އައްސަވަމުން ގެންދެވި އެވެ. "الله تعالى ގެ ރަސޫލުކަން ތިމަންކަލޭގެފާނު ފުރިހަމަކުރައްވަންދެން ތިމަންކަލޭގެފާނަށް ޙިމާތްދީ އެހީތެރިވާނީ ކާކު ހެއްޔެވެ؟ (‏އޭރުން)‏ އެ މީހަކަށް ސުވަރުގެ ދެއްވާނެ އެވެ". އެހެން ނަމަވެސް رَسُوْلُ اللهِ ﷺ އަށް ޙިމާޔަތްދޭނެ މީހަކު ނުވިއެވެ.

އެއީ، بعثة އަށް ދިހަ ވަނަ އަހަރުގެ ޛުލްޙިއްޖާ މަހެވެ. ގެފުޅަށް ޒިޔާރަތްކުރުމަށް މަދީނާ އިން މައްކާ އަށް އައި ބަޔަކާ رَسُوْلُ اللهِ ﷺ އާ ބައްދަލުވި އެވެ. އެ މީހުން ކައިރީގައި "ތީ ކޮން ބައެއް ހޭ" މިހެން رَسُوْلُ اللهِ ﷺ އެއްސެވުމުން، އެ މީހުން ބުނީ އެއީ މަދީނާގެ ޚަޒްރަޖު ވަންހައިގެ މީހުން ކަމަށެވެ. رَسُوْلُ اللهِ ﷺ ގެ ކާފާފުޅު عبدالمطّلب ގެފާނުގެ މަންމާފުޅު سلمى އަކީ ވެސް ޚަޒްރަޖު ވަންހައިގެ ގޮތްޕެއް ކަމުގައިވާ ނަޖްރާންގެ ދަރިންގެ މެމްބަރެކެވެ. ޚަޒްރަޖު ވަންހައިގެ މި ހަ މީހުންނާއެކު رَسُوْلُ اللهِ ﷺ އިށީނދެވަޑައިގެން سورة إبراهيم ގެ 35 ވަނަ އާޔަތުން ފެށިގެން 52 ވަނަ އާޔަތާ ހަމައަށް ކިޔުއްވައިދެއްވައި، އިސްލާމް ދީނާ ބެހޭ މަޢުލޫމާތު ދެއްވި އެވެ. އިސްލާމް ދީން ޤަބޫލުކުރުމަށް އެ މީހުންނަށް ދަޢުވަތު ދެއްވި އެވެ.

މަދީނާ ގައި، އައުސް ވަންހަ އާއި، ޚަޒްރަޖު ވަންހަ އަކީ، ޒަމާނުއްސުރެ ޔަހޫދީންނާ ޢަދާވާތްތެރި ބައެކެވެ. އަދި ފުރުޞަތެއް ލިބޭ ކޮންމެ ފަހަރަކު އެއްބަޔަކު އަނެއް ބަޔަކަށް ތިބެނީ ޙަމަލަދީދީ އެވެ. އެގޮތުން ޙަމަލާ ބަދަލުކުރާ ކޮންމެ ފަހަރަކު ޔަހޫދީން ބުނެތެވެ. "ރަސޫލަކު ވަރަށް އަވަހަށް ވަޑައިގަންނަވާނެ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އެ ރަސޫލާ ފާޅުވާނެ އެވެ. އަހަރެމެން އެކަލޭގެފާނަށް ތަބަޢަވެ ބާރު ހޯދާނަމެވެ. ދެން އަހަރެމެން ކަލޭމެން ބަލިކުރާނަމެވެ". އައުސް އަދި ޚަޒްރަޖު ވަންހައިގެ މީހުން ޤަބޫލުކުރި ގޮތުގައި، އެ މީހުން ޔަހޫދީންނަށް ވުރެ ކުރިން އިސްލާމް ދީން ޤަބޫލުކޮށްފި ނަމަ، ޔަހޫދީންގެ މައްޗަށް ކާމިޔާބު ހޯދި، އެ މީހުން މަދީނާ އިން ބޭރުކުރެވޭނެ އެވެ.

ވަރަށް އަވަހަށް ރަސޫލަކު ވަޑައިގަންނަވާނެ ކަމަށް އެ މީހުންގެ ޤަބީލާގެ ދުވަސްވީ މީހުންނާއި، މަދީނާ ގައި އުޅުނު ޔަހޫދީންގެ ފަރާތުން އިވިފައިވާ މި ނަސީބު ގަދަ މީހުންނަށް ރަސޫލުކަމުގެ ޢަލާމާތްތައް ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ ފަރާތްޕުޅުން ފެނުނެވެ. އެކަލޭގެފާނު އެ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވުމުން، އެ މީހުން އެކަކު އަނެކަކަށް ބަލަން ފަށައިފި އެވެ. ދެން، އެ މީހުންގެ މެދުގައި ބުނެތްޕެވެ. "ޔަހޫދީން ކިޔައިދިން ރަސޫލަކީ މިއީ އެވެ"!

މި ސަބަބަށް ޓަކައި، ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށް ފަހު رَسُوْلُ اللهِ ﷺ ގެ ޙާޟިރު ގައި އެ މީހުން ވަގުތުން އިސްލާމް ވެއްޖެ އެވެ. އެ މީހުން ބުނެފޫއެވެ. "ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމުގެ މީހުން ދޫކޮށްލީ ޔަހޫދީންނާ ހަނގުރާމަކުރަމުން ދަނިކޮށެވެ. އަޅުގަނޑުމެންގެ އުއްމީދަކީ، ކަލޭގެފާނުގެ ސަބަބުން، އެ މީހުން އިސްލާމުންނަށް ވުމުގެ ޝަރަފު الله تعالى ދެއްވާނެ ކަމަށެވެ. އަޅުގަނޑުމެންނަށް އެނބުރި ދެވުނުހާ އަވަހަކަށް، އެ މީހުންނާއި، އަޅުގަނޑުމެންގެ ޤައުމުގެ މީހުންނަށް ކަލޭގެފާނުގެ ރަސޫލުކަން ޤަބޫލުކުރުމަށް ދަޢުވަތު ދޭނަމެވެ. އަޅުގަނޑުމެން އިސްލާމް ދީން ޤަބޫލުކުރި ވާހަކަ އަޅުގަނޑުމެން އެ މީހުންނަށް ކިޔައިދޭނަމު އެވެ. އެ މީހުން މި ދީނަށް ވަދެ އެއްބައިވެއްޖެ ނަމަ، ކަލޭގެފާނަށް ވުރެ އަގުހުރި އަދި ޝަރަފުވެރި މީހަކު ނުހުންނާނެ އެވެ".

މައްކާ-ޠާއިފު ދަތުރު

الله تعالى ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ އަށް ބާވައިލެއްވި ކަންތައްތަކަށް މި ހަ މީހުން ފުރިހަމަ އަށް އީމާންވެއްޖެ އެވެ. އެ މީހުންގެ ޤައުމަށް އެނބުރި ދިއުމުގެ އިޒުނަ رَسُوْلُ اللهِ ﷺ ގެ އަރިހުން އެ މީހުން ހޯދައިފި އެވެ. އަދި ދެން އަންނަ އަހަރެއްގެ ޛުލްޙިއްޖާ މަހުގައި އެނބުރި އައުމަށް އެ މީހުން ނިންމި އެވެ. އެ ހަ ބޭކަލުންނަކީ، عقبة بن عمرو، أسعد بن زرارة، عوف بن حارث، رافع بن مالك، قبطة بن عامر، جابر بن عبدالله (‏رضي الله عنهم)‏ އެވެ.4

އިސްލާމްވި މި ހަ ބޭކަލުން މަދީނާ އަށް އެނބުރި ވަޑައިގެން، އެ ބޭކަލުން ވަގުތުން އިސްލާމް ދީނާއި رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން ވާހަކަދައްކަވަން ފަށްޓަވާ، އިސްލާމް ދީނަށް ވަނުމަށް މީސްތަކުންނަށް ދަޢުވަތު ދެއްވަން ފަށްޓަވައިފި އެވެ. އެ ބޭފުޅުން ދީނަށް ގޮވައިލެއްވުމުގެ މަސައްކަތް ކުރެއްވި ވަރަކީ، މަދީނާ ގައި رَسُوْلُ اللهِ ﷺ އާއ، އިސްލާމް ދީނާ ބެހޭގޮތުން މަޢުލޫމާތު ނުދެވޭ ގެއެއް ނެތެވެ. އެހެންކަމުން، ޚަޒްރަޖު ވަންހައިގެ ތެރޭގައި އިސްލާމް ދީން ފެތުރި، އައުސް ވަންހައިގެ ބައެއް މީހުން ވެސް އިސްލާމްވެއްޖެ އެވެ.

ޠާއިފުގެ މީހުންނަށް އީމާންކަމަށް ދަޢުވަތުދެއްވުން

رَسُوْلُ اللهِ ﷺ ގެ ގިނަގުނަ މުޢުޖިޒާތްތައް މުޝްރިކުންނަށް ފެނުނު ނަމަވެސް، އެ މީހުން އިސްލާމް ނުވީ އެ މީހުންގެ ކިބައިގައި ހުރި ގޮތްދޫނުކުރުމުގެ ސަބަބުންނެވެ. އަދި ކީއްތޯ އެވެ؟ އިސްލާމްވި އެ މީހުންގެ ދަރިންނާއި، އެއްބަނޑު މީހުންނާއި، ގާތްތިމާގެ މީހުންނާއި، އެކުވެރިންނަށް އަނިޔާކުރުން ހުއްޓައެއް ނުލައެވެ. އެ މީހުން ދެމުންދިޔަ އަނިޔާތަކުގެ ސަބަބުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. މައްކާގެ ކައިރީގައިވާ ޠާއިފަށް ވަޑައިގެން އެ ރަށުގެ މީހުންނަށް އިސްލާމް ދީނަށް ގޮވައިލެއްވުމަށް ޤަޞްދުކުރެއްވި އެވެ. އެ ސަބަބަށް ޓަކައި، އެ ކަލޭގެފާނާ އެކު زيد بن حارثة އާ އެކު ޠާއިފަށް ވަޑައިގެންފި އެވެ.

ޠާއިފްގެ ކަމުވޮށިގެންވާ މީހުން ކަމަށް ވާ عمرو ގެ ދަރިން ކަމުގައިވާ عبد ياليل އާއި، حبيب އާއި، مسعود އާ رَسُوْلُ اللهِ ﷺ ވާހަކަފުޅުދެއްކެވި އެވެ. އެމީހުން ހަމައެކަނި އިސްލާމް ދީން ޤަބޫލުނުކުރީއެއް ނޫނެވެ. رَسُوْلُ اللهِ ﷺ އަށް ފުރައްސާރަކޮށް ހަދާފައި އޭގެ އިތުރަށް ބުނޫއެވެ. "ރަސޫލެއްގެ ގޮތުގައި ފޮނުއްވަން ކަލޭގެފާނު ނޫން އެހެން މީހަކު الله تعالى ދެކެވޮޑިނުގަތީ ހެއްޔެވެ؟ ކަލޭގެފާނު ނޫން މީހަކު ރަސޫލެއްގެ ގޮތުގައި ފޮނުއްވުމަށް الله تعالى ކުޅަދުންވަންތަ ވޮޑިގެން ނުވަނީ ހެއްޔެވެ؟ ކަލޭގެފާނު ބޭނުންފުޅު ކޮންމެ ތާކަށް ވަޑައިގަންނަވާށެވެ. އެކަމަކު އަހަރެމެންގެ ބިމާ ދުރަށް ވަޑައިގަންނަވާށެވެ! މި ތަނަށް ތި ވަޑައިގަތީ، ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނު ވިދާޅުވާ ބަހެއް ޤަބޫލެއް ނުކުރުމުން ނޫން ހެއްޔެވެ؟ އަހަރެމެން ހުވާކޮށްފައި ބުނަމުއެވެ. އަހަރެމެން ވެސް ތިބޭނީ ކަލޭގެފާނާ ދުރުގައެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ އެއްވެސް ކަމެއް އަހަރެމެން ޤަބޫލެއް ނުކުރާނަމު އެވެ".

"ހުއްޓާށެވެ! ނުޖަހާށެވެ! އެކަލޭގެފާނަކީ ޢާލަމްތަކުގެ ސައްޔިދެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ އެވެ! އަހަރެންގެ ހަށިގަނޑު ފޮތިފޮތިކޮށްލިޔަސް، އަހަރެމެންގެ ރަސޫލާ އަށް އަނިޔާނުކުރާށެވެ"!
زيد بن حارثة (‏رضي الله عنه)‏

رَسُوْلُ اللهِ ﷺ އެ ރަށް ދޫކޮށްލައްވައި ވަޑައިގަތީ ހިތާމަކުރައްވަމުންނެވެ. ޘަޤީފު ވަންހައިގެ މީހުންނަށް 10 ދުވަސް ވަންދެން އިސްލާމް ދީނަށް ދަޢުވަތު ދެއްވި އެވެ. އެކަމަކު އޭގެ ތެރެއިން އެކަކު ވެސް އިސްލާމް ދީން ޤަބޫލެއް ނުކޮށް، އެ މީހުން ވެސް އެކަލޭގެފާނަށް ޖެއްސުންކޮށް، ފުރައްސާރަކޮށް އަނިޔާކުރި އެވެ. މަގުމަތީގައި ޅަފުރައިގެ ކުދިން ބައިތިއްބައިގެން رَسُوْلُ اللهِ ﷺ ގެ ހަށިކޮޅަށް ހިލައުކައި ޙަމަލާ ދިނެވެ. زيد ގެ ފާނު އޭނާގެ ހަށިކޮޅު އައްޑަނައަކަށް ތާއިފުގެ ކުދިން އުކަމުންދިޔަ ހިލަތަކުން رَسُوْلُ اللهِ ﷺ ޙިމާޔަތްކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. زيد ގެފާނު ގެންދެވީ رَسُوْلُ اللهِ ﷺ ގެ ވަށައިގެން އެނބުރެމުން، އެކަލޭގެފާނުގެ ހަށިކޮޅުގައި ހިލައަކުން ނުޖެހި ވޭތޯ ހިތްވަރާ އެކު މަސައްކަތް ކުރައްވަމުންނެވެ.

زيد ގެފާނުގެ ހަށިކޮޅުގައި ހިލަޔަކުން ޖެހިދާނެތީ، ފަރުވާލެއް ނުބަހައްޓަވައި، رَسُوْلُ اللهِ ﷺ ޙިމާޔަތްކުރައްވަމުން ގެންދެވި އެވެ. އެއީ އެ ދުވަސްތަކަށް ޓަކައި އަމިއްލަ ޖާނު ފިދާކުރެއްވުމަށް ފުރުޞަތަކަށް އެދިއެދި ހުރީ ނޫން ބާވައެވެ؟ އެ ވަގުތު ޠާއިފުގެ މީހުން މަސައްކަތްކުރަމުން ދިޔައީ، އެ މީހުންގެ ބިމުން ބޭރުކުރުމަށް ޢާލަމްތަކުގެ ސައްޔިދާ ދިމާލަށް ހިލައުކަމުން، ޖެއްސުންކޮށް އަނިޔާކުރަމުންނެވެ.

رَسُوْلُ اللهِ ﷺ ޙިމާޔަތްކުރެއްވުމަށް ޓަކައި، زيد ގެފާނު ކަނާތް ފަރާތަށާއި ވާތް ފަރާތަށް ޖެހެމުން ގެންދެވި ހެން އެކަލޭގެފާނުގެ ބޮލާއި، ހަށިގަނޑާއި، ފަޔަށް އެތި ފަހަރަކަށް ފަހު އެތިފަހަރެއް ދިޔައީ އަރަމުންނެވެ. އެހެންވެ، زيد ގެފާނުގެ މުޅި ހަށިގަނޑު ހުރީ އެއްކޮށްލެއިން ތަތްތެޅިފައެވެ. ލޮބުވެތި ރަސޫލާ ޙިމާތްކުރެއްވުމަށް ޓަކައި، زيد ގެފާނު ގެންދެވީ ކުރެވުނު ކޮންމެ ކަމެއް ކަމެއް ކުރައްވަމުން ހިލަ އުކަމުންދިޔަ އަނިޔާވެރި މީހުންނާ ދިމާލަށް ހަޅެއްފުޅު ލައްވަމުން ނެވެ. އެގޮތުން ވިދާޅުވި އެވެ. "ހުއްޓާށެވެ! ނުޖަހާށެވެ! އެކަލޭގެފާނަކީ ޢާލަމްތަކުގެ ސައްޔިދެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ އެވެ! އަހަރެންގެ ހަށިގަނޑު ފޮތިފޮތިކޮށްލިޔަސް، އަހަރެމެންގެ ރަސޫލާ އަށް އަނިޔާނުކުރާށެވެ"! زيد ގެފާނުގެ ހަށިކޮޅު ނުޖެހޭ ހިލަޔަކުން ޖެހި رَسُوْلُ اللهِ ﷺ ގެ ފައިކޮޅުން ލޭ އަތުވެއްޖެ އެވެ.

ހިތާމަޔާއި، ވަރުބަލިކަމާއި، ޒަޚަމްތައް ތަޙައްމަލުކުރައްވަމުން رَسُوْلُ اللهِ ﷺ އަށް ވަޑައިގެންނެވުނީ، عُتبة އާއި شيبة ނަމަކަށް ކިޔޭ ދެ ބެއިންގެ ރާއުފައްދާ ވިންޔާޑަކަށެވެ. އެކަލޭގެފާނަށް ޓަކައި ހުރިހާ އިސްލާމުން ޤުރުބާންވާން ބޭނުންވާ رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ފައިކޮޅުން ލޭ ފޮހެލެއްވި އެވެ. އަދި ގަހެއްގެ ދަށުގައި ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. ދެން، ދެ އަތް މައްޗަށް ނަންގަވާ الله تعالى އަށް ދުޢާ ދެންނެވި އެވެ.

ވިންޔާޑުގެ ވެރިން ދިޔައީ މި މަންޒަރު ބަލަމުންނެވެ. رَسُوْلُ اللهِ ﷺ އަށް ދިމާވި ކަންތައްތަކާއި، އުނދަގޫތައް އެ މީހުން ދިޔައީ ބަލަމުންނެވެ. އެ މީހުންގެ ހިތްތަކުގައި ރަޙުމް އުފެދިއްޖެ އެވެ. عدّاس ނަމަކަށް ކިޔުނު އެ މީހުން އަޅާ އަތަށް ދީފައި މޭބިސްކަދުރު ފޮނުވި އެވެ. އެ މޭބިސް ކަދުރު ހިއްޕެވުމުގެ ކުރިން رَسُوْلُ اللهِ ﷺ ބިސްމި حديث ކުރެއްވި އެވެ. އެ މޭބިސް ކަދުރު ގެނައި އަޅަކީ ކްރިސްޓިއަނެކެވެ، ބިސްމީގެ އަޑު އިވުމުން އޭނާ ޙައިރާން ވެއްޖެ އެވެ. އަދި އަހައިފި އެވެ. "މި ތާނގައި އަޅުގަނޑު އުޅޭތާ މިހާރު އެތަކެއް އަހަރު ވެއްޖެ އެވެ. އެކަމަކު، އެއްވެސް މީހެއްގެ ފަރާތުން ތިފަދަ ލަފްޒެއް އަޑެއް ނީވެއެވެ. މިއީ ކޮން ލަފްޒެއް ތޯ އެވެ"؟

رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ތިބާ ތީ ކޮން ރަށެއްގެ މީހެއް ހެއްޔެވެ"؟ عدّاس ޖަވާބު ދިނެވެ. "އަޅުގަނޑަކީ، ނިނާވަގެ މީހަކީ މެވެ". رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ވީމާ، ކަލެއަކީ ޔޫނުސް (‏عليه السلام)‏ ޤައުމުގެ މީހެކެވެ". ޢައްދާސް އެހި އެވެ. "ކަލޭގެފާނަށް ޔޫނިސް އެނގެނީ ކިހިނެއް ތޯ އެވެ؟ މިތާނަގައި އުޅޭ މީހުންނަށް ޔޫނުސްގެފާނު ނޭނގެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ ބޭބެ އެވެ. އެއީ، ތިމަންކަލޭގެފާނު ގޮތަށް ރަސޫލެކެވެ".

عدّاس ބުންޏެވެ. "މި ރިވެތި މޫނާއި، އަޑުގެ ވެރިޔާ ދޮގުވެރިޔަކަށް ނުވާނެއެވެ. ކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ". އޭނާ ޝަހާދަތް ކިޔައި އިސްލާމް ވެއްޖެ އެވެ. "ﷲ ގެ ރަސޫލާ އެވެ! މި އަނިޔާވެރި އަދި ދޮގުވެރި މީހުންގެ އަޅެއްގެ ގޮތުގައި އަޅުގަނޑު ހުންނަތާ އެތަކެއް އަހަރެއް ވެއްޖެ އެވެ. މި މީހުން ދަނީ ކޮންމެ މީހެއްގެ ޙައްޤުތައް ނިގުޅައިގަންނަމުންނެވެ. އެ މީހުން އެންމެންނަށް އޮޅުވާލައެވެ. ރަނގަޅު އެންމެ ސިފައެއް ވެސް އެމީހުންގެ ކިބައިގައި ނެތެވެ. ދުނިޔޭގެ މުދާވެރިކަން ހޯދައި އެ މީހުންގެ ހަވާ ނަފްސުގެ އެދުންތައް ފުދުއްދުމަށް ޓަކައި، އެ މީހުން ކިތަންމެ ދަށު ދަރަޖައަކަށް ވެސް ވެއްޓިދާނެ އެވެ. އަޅުގަނޑު އެ މީހުންނަށް ނުރުހެމެވެ. އަޅުގަނޑު ބޭނުންވަނީ، ކަލޭގެފާނަށް ޚިދުމަތްކުރުމަށާއި، ކަލޭގެފާނާ އިދިކޮޅަށް މަސައްކަތްކުރާ އިޙްތިރާމް ކުޑަ، ޖާހިލު އަދި ގަމާރު މީހުންގެ އަމާޒަށް ވެ، ކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅު ޙިމާޔަތްކުރުމަށް ޓަކައި އަޅުގަނޑުގެ ޖާން ޤުރްބާންކުރުމަށް ޓަކައި ކަލޭގެފާނާ އެކު ދާށެވެ".5

رَسُوْلُ اللهِ ﷺ ހިނިވަރުނަކުރެއްވުމަށް ފަހު حديثކުރެއްވި އެވެ. "މި ވަގުތަކަށް ތިބާގެ މާލިކާ އެކު މަޑުކޮށްލާށެވެ! ކުޑަ ދުވަސްކޮޅެއް ފަހުން، ތިމަންކަލޭގެފާނުގެ ނަންފުޅު ވަރަށް ބޮޑަށް އިވޭނެ އެވެ. އޭރަކުން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ". އެ ބޭކަލުން އިރުގަނޑެއް ވަންދެން އަރާމުކޮށްލައްވަން ތިއްބަވާފައި މައްކާ އާ ދިމާއަށް ދަތުރު ފަށްޓަވައިފި އެވެ. މައްކާ އާ ދެ ދުވަހުގެ ރާސްތާ ގައި ތިއްބަވަނިކޮށް، ވިލާގަނޑަކުން رَسُوْلُ اللهِ ﷺ އަށް ހިޔާއަޅަނިކޮށް ފެނިވަޑައިގަތެވެ. ރަނގަޅަށް ބައްލަވާލެއްވި އިރު، އެނގިވަޑައިގަތީ އެއީ جبريل (‏عليه السّلام)‏ ކަން އެނގިވަޑައިގަތެވެ. މި ޙާދިސާގެ ވާހަކަ رَسُوْلُ اللهِ ﷺ عائشةގެފާނަށް ކިޔައިދެއްވި އެވެ.

"صحيح بخاري" އާއި، أحمد بن حنبل ގެ ފޮތް "المُسند" ގައި ވާރިދުވެފައިވެއެވެ: އެއް ދުވަހަކު عائشةގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހުން އެއްސެވި އެވެ. "ﷲ ގެ ރަސޫލާ އެވެ! أُحد ހަނގުރާމައިގެ ދުވަހަށް ވުރެ ހިތްދަތި ދުވަހެއް އައި ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. ތިޔަބައި މީހުންގެ ފަރާތުން ލިބުނުހާ ދުއްތުރާ أُحد ހަނގުރާމައިގައި ކާފަރުންގެ ފަރާތަކުން ވެސް ލިބިފައެއް ނުވެއެވެ. إبن عبد يا ليل إبن عبد الخليل އަށް ތިމަން ކަލޭގެފާނު ތަޢާރަފުވެ ވަޑައިގަތް ވަގުތު (‏ތިމަންކަލޭގެފާނުގެ ރަސޫލުކަން އިޢުލާންކޮށް އިސްލާމް ދީނަށް އޭނަ އަށް ދަޢުވަތު ދިން އިރު)‏ އޭނާ ދަޢުވަތު ޤަބޫލެއް ނުކުރި އެވެ. އެ މީހުން ނުތަނަވަސް ކަމުގައި ދޫކޮށްލާފައި އައިސް ޤަރްނުއްޘަޢާލިބު ކިޔާ ހިސާބަކަށް އައުމާ ހަމަޔަށް ތިމަންކަލޭގެފާނަށް ރަނގަޅު ހޭވެރިކަމެއް ނާދެއެވެ. ތިމަންކަލޭގެފާނުގެ ބޯކޮޅު އުފުއްލަވާލެއްވީ އެތަނުގައެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ވިލާގަނޑަކުން ތިމަންކަލޭގެފާނަށް ހިޔާއަޅަމުންދިޔަ ތަނެވެ. ތިމަން ކަލޭގެފާނަށް ފެނިވަޑައިގަތީ جبريل (‏عليه السّلام)‏ ހުންނެވީ އެ ވިލާގަނޑުގެ ތެރޭގައި ކޮޅަށެވެ. جبريل (‏عليه السّلام)‏ ، ތިމަންކަލޭގެފާނާ މުޚާޠަބުކުރައްވާ ވިދާޅުވި އެވެ. 'محمّدގެފާނެވެ! ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނާ ބެހޭގޮތުން ދެއްކި ވާހަކަ ޙައްޤުވެގެން އަޅުކަން ވެވޭ الله تعالى އައްސަވައިފި އެވެ. ކަލޭގެފާނު ޙިމާޔަތްކުރުމަށް އެ މީހުން ބޭނުންނުވާކަން އެކަލާނގެ ދެނެވޮޑިގެން ވެއެވެ. ފަރުބަދަތައް ބެލެހެއްޓުމާ ޙަވާލުވެ ހުންނެވި މަލާއިކަތާ އެކަލާނގެ ފޮނުއްވީ، ކަލޭގެފާނު ބޭނުންފުޅު ކޮންމެ ކަމަކަށް އަމުރުކުރެއްވުމަށެވެ'. އެ މަލާއިކަތާ، ތިމަންކަލޭފާނާ ވާހަކަދައްކަވައި މަރުޙަބާ ކިޔުމަށް ފަހު ވިދާޅުވި އެވެ. 'محمّدގެފާނެވެ! جبريل (‏عليه السّلام)‏ ވިދާޅުވި ފަދައިން، ފަރުބަދަތައް ބެލެހެއްޓުމާ ޙަވަލުވެ ހުރި މަލާއިކަތާ ކަމުގައިވާ އަޅުގަނޑު، އެކަލާނގެ ފޮނުއްވީ، ކަލޭގެފާނު ބޭނުންފުޅުވާ ކޮންމެ ކަމަކަށް އަމުރުފުޅު ކުރެއްވުމަށެވެ. އަޅުގަނޑު މިހިރީ ކަލޭގެފާނު އަމުރުކުރައްވާ ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ، މި ދެ ފަރުބަދަ (‏ޤުޢައިޤިޢާން އާއި އަބޫ ޤުބައިސް)‏ އެއް ފަރުބަދަ އަނެއް ފަރުބަދަ އާ އެކުވެ، މައްކާ މީހުން އެ ދޭތެރޭގައި ބައްދާލަން (‏އަދި މުޝްރިކުން ފިއްތާލަން)‏ ކަމުގައި ވާ ނަމަ، އަޅުގަނޑަށް އަމުރުކުރެއްވުމުން، އަޅުގަނޑު އެ ކަން ކުރާނަމެވެ'. ތިމަންކަލޭގެފާނު އެކަމަށް އިޒުނަނުދީ حديث ކުރެއްވީމެވެ. '(‏ނޫނެކެވެ! ތިމަންކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ.)‏ މި މުޝްރިކުންގެ ކިބައިން الله تعالى އަށް އަޅުކަންކޮށް އެކަލާނގެ އަށް އެއްވެސް ޝަރީކަކު ނިސްބަތްނުކުރާނެ ޖީލެއް ޚަލްޤުކުރެއްވުމަށް މިއަޅާ الله تعالى އަށް ދުޢާ ދަންނަވަމެވެ".

"އެކަލޭގެފާނަކީ (‏يونس-عليه السّلام)‏ ތިމަންކަލޭގެފާނުގެ ބޭބެ އެވެ. އެއީ، ތިމަންކަލޭގެފާނު ގޮތަށް ރަސޫލެކެވެ".
حديث الشريف

ޠާއިފުން މައްކާ އަށް އެނބުރި ވަޑައިގެންނެވި އިރު، رَسُوْلُ اللهِ ﷺ ނަޚްލާ ގައި އިރުކޮޅެއް ވަންދެން މަޑުކޮށްލެއްވި އެވެ. އެގޮތުން އެތާ ހުންނެވި އިރު، ނަމާދުކުރައްވަން ހުންނެވި އެވެ. ނުސައިބީން ޖިންނީންގެ ގްރޫޕެއް އެ ހިސާބުން ދިޔަ އިރު، رَسُوْلُ اللهِ ﷺ ކިޔުއްވި ކީރިތި قرآن ގެ އަޔަތްތައް އެ މީހުންނަށް އިވުނެވެ. އެ ޖިންނީން އެތާ މަޑުކޮށް އަޑުއަހަން ތިއްބެވެ. ދެން، އެ ޖިންނީން رَسُوْلُ اللهِ ﷺ އާ ވާހަކަދެއްކައި އިސްލާމް ވެއްޖެ އެވެ. رَسُوْلُ اللهِ ﷺ އެމީހުންނަށް حديث ކުރެއްވި އެވެ. "ތިޔަބައި މީހުންގެ މީހުންނާ ބައްދަލުވުމުން، ތިމަންކަލޭގެފާނު އީމާންކަމަށް ދެއްވާ ދަޢުވަތުގެ ވާހަކަ ބުނެދޭށެވެ. އެ މީހުންނަށް ވެސް އީމާން ކަމަށް ދަޢުވަތު ދޭށެވެ". އެ ޖިންނީން، އެ މީހުންގެ ޤައުމުގެ މީހުން ކައިރި އަށް ދެވުމުން މި ޚަބަރު ރައްދުކުރި އެވެ. އެ ވާހަކަ އަޑުއެހި ހުރިހާ ޖިންނީން ވެސް އިސްލާމްވެއްޖެ އެވެ.6 މި ވާހަކަ ކީރިތި قرآن ގެ سورة الجنّ ގައި އަދި މަޝްހޫރު حديث ފޮތްތައް ކަމުގައިވާ 'بخاري' އާއި 'مسلم' ގައި ވަނީ ބަޔާންކުރައްވާފައެވެ.

رَسُوْلُ اللهِ ﷺ މައްކާ އާ ކައިރިވެ ވަޑައިގެންފައި ވަނިކޮށް، މުއުމިނުންގެ ފަރާތުން އެކަލޭގެފާނަށް ފޮނުވި މެސެޖެއް ގައި ވަނީ "ޠާއިފުގެ އަނިޔާވެރި މީސްތަކުން ކަލޭގެފާނާ ދޭތެރޭ ޢަމަލުކުރި އިހާނެތި ގޮތުގެ ޚަބަރު ޤުރައިޝް ވަންހައިގެ މީހުން އަހައިފި އެވެ. މި ވަގުތު ކަލޭގެފާނު މި ތަނަށް ވަޑައިގެންފި ނަމަ، އެ މީހުންގެ އަނިޔާތައް އިތުރު ކުރުން އެކަށީގެން ވެއެވެ".

رَسُوْلُ اللهِ ﷺ ޙިރާ ފަރުބަދައާ ކައިރިވެ ވަޑައިގަތުމުން، سُهيل بن عمرُو އާ ހަމަޔަށް ޙިމާޔަތަށް އެދި އެކަލޭގެފާނު މީހަކު ފޮނުއްވި އެވެ. އެ ބަދުނަސީބު މީހާ އެ އެދިލެއްވުން ބޮލާލާ ޖެހުމުން، ދެން އެދިލެއްވީ مُطعم بن عدي ގެ ކިބައިންނެވެ. އޭނާ މި އެދިލެއްވުން ޤަބޫލުކޮށްފި އެވެ. ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ މައްކާ އަށް ވަޑައިގަތީ مُطعم بن عدي ގެ ޙިމާޔަތުގެ ދަށުންނެވެ. مُطعم މި ކަން ޤުރައިޝުންނަށް އެނގި އެވެ. رَسُوْلُ اللهِ ﷺ ގެފުޅު ވަށައި طوافކުރައްވައި حجرُ الأسود ގައި ބޮސްދެއްވި އެވެ.

މަދު ދުވަސްކޮޅެއް ފަހުން رَسُوْلُ اللهِ ﷺ مُطعم އަށް ވިދާޅުވި އެވެ. "ދެން މީގެ ފަހުން ތިބާގެ ޙިމާޔަތުގައި ތިމަންކަލޭގެފާނު ނުހުންނަވާނަމެވެ". مُطعم އެކަން ވެސް ޤަބޫލުކުރި އެވެ. މާތް ﷲ ގެ ޙިމާޔަތް رَسُوْلُ اللهِ ﷺ އަށް ދެއްވި އެވެ.

"لا إله إلّا الله" ކިޔައިގެން ސަލާމަތް ވެގަންނާށޭ

ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ޙައްޤުގެ މަގަށް މީސްތަކުންނަށް ދަޢުވަތު ދެއްވުން ކުރިޔަށް ގެންދެވި އެވެ. މި ޙާލަތުގައި، މުޝްރިކުންގެ ކަންތައް އަނެއްކާ ވެސް ޙައްދުފަހަނަޅައިގެން ގޮސް ކުރިޔަށް ވުރެ ބޮޑަށް އަނިޔާކޮށް ދުއްތުރާކުރަން ފަށައިފި އެވެ. އެ ހިސާބަށް ކަންތައް ދިއުމުން، މާތް ﷲ رَسُوْلُ اللهِ ﷺ އަށް އެންގެވީ، ޒިޔާރަތްކުރާ މޫސުމުގައި މައްކާ އަށް އަންނަ ޢަރަބި ޤަބީލާތަކުގެ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވުމަށެވެ. މި އަމުރުފުޅާ އެކު، ،މައްކާ ސަރަޙައްދު ގައި ބޭއްވޭ ޛުލް މަޖާޒު، ޢުކާޒު، އަދި މަޖަންނާ މަޢުރަޒުތަކަށް رَسُوْلُ اللهِ ﷺ ވަޑައިގަންނަވަން ފަށްޓަވައިފި އެވެ.

އެ ތަންތަނަށް ގިނަގިނައިން ވަޑައިގެން، ޤަބީލާތަކުގެ މީހުންނަށް الله تعالى ގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، އެކަލާނގެ އަށް އަޅުކަންކުރުމަށް ދަޢުވަތު ދެއްވަމުން ވަޑައިގަތެވެ. އެކަލޭގެފާނު އެ މީސްތަކުންނަށް ކިޔައިދެއްވަމުން ގެންދެވީ، އެކަލޭގެފާނުގެ ރަސޫލުކަން ޤަބޫލުކުރުމަށާއި، އެ ގޮތަށް ޤަބޫކޮށްފި ނަމަ، އެކަލާނގެ އެ ބަޔަކަށް ސުވަރުގެ ދެއްވާނެ ކަމަށެވެ. ދެރަކަމަކީ، ވަރަށް ބޮޑު އިލްތިމާސެއްގެ ގޮތުގައި ދެއްވި އެ ދަޢުވަތު އެއިން އެއްވެސް މީހަކު ޤަބޫލުނުކުރި ކަމެވެ. އޭގެ ތެރެއިން ބައެއް މީހުން رَسُوْلُ اللهِ ﷺ އާ ދޭތެރޭ ގައި ކަންތައް ކުރީ ވަރަށް ބޭއަދަބީ ކޮށް އަދި އިހާނެތިކޮށެވެ. އޭގެ ތެރެއިން ބައެއް މީހުން މޫނު ކުނިކޮށްފައި ހުތުރު ބަހުން އެކަލޭގެފާނާ ވާހަކަދައްކާފައި ވެއެވެ. އަދި ކީއްތޯއެވެ! ޤުރައިޝް ވަންހައިގެ މުޝްރިކުން އެކަލޭގެފާނުގެ ފަސްފަހަތުން ގޮސް، އެކަލޭގެފާނު ބައްދަލުކުރެއްވުމަށް ވަޑައިގަތް ޤަބީލާތަކުގެ މީހުންނާ ދޭތެރޭ ޖައްސާފައި ވެއެވެ.

إمام أحمد، بيهقي، طبراني އަދި إبن إسحق، ގެނެސްދެއްވާފައި ވާ ގޮތުގައި، رابعة بن عبّاد ރިވާކުރައްވާފައިވާ ގޮތުގައި: "ތިމަންކަލޭގެފާނު ޒުވާން އިރު، އަހަރެންގެ ބައްޕަ އާ އެކު މިނާ އަށް ދިޔައިމެވެ. ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ޢަރަބި ޤަބީލާތަކުން ކޭމްޕްކޮށް އުޅޭ ހިސާބުތަކަށް ވަޑައިގެން، حديث ކުރެއްވި އެވެ. "އޭ މިވެނި އެވެނި މީހެއްގެ ދަރިންނޭވެ! ތިމަންކަލޭގެފާނަކީ، الله تعالى ގެ ރަސޫލާ އެވެ. އެކަލާނގެ ތިޔަބައި މީހުންނަށް އަމުރުކުރައްވަނީ މި ބުދުތައް އެއްލާލައި، الله تعالى އަށް އެއްވެސް ޝަރީކަކު ނުލައި އަޅުކަންކޮށް، ތިމަންކަލޭގެފާނަށް އީމާންވުމަށާއި، އެކަލާނގެ އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވި ބާޖިވު އަދާކުރެވެންދެން ތިމަންކަލޭގެފާނަށް ޙިމާޔަތް ދިނުމަށެވެ".

ލޯ އަވަރު އަދި ގަތާލެވިފައިވާ އިސްތަށިގަނޑެއް ލާފައި ހުރި މީހަކު އެކަލޭގެފާނުގެ ފަސްފަހަތުން ގޮސް ކިޔަމުން ދިޔައެވެ. 'އޭ މިވެނި އެވެނި މީހެއްގެ ދަރިންނޭވެ! މި މީހަކު މިދަނީ އަހަރެމެންގެ ބުދުތައް ކަމުގައިވާ ލާތަ އާއި ޢުއްޒާ އަށް އަޅުކަންކުރުން ޙަރާމްކޮށް، އޭނާ ހަދައިގެން އުޅޭ ދީނަކަށް ދަޢުވަތު ދެމުންނެވެ! ހޭއަރާތިބޭށެވެ. އެކަލޭގެފާނަށް އަޑުއަހައި ކިޔަމަން ނުވާށެވެ'! އަހަރެންގެ ބައްޕަ ކައިރިން އެހީމެވެ. 'އެ ބޭކަލެއްގެ ފަހަތުން އެ ދަނީ ކާކު ހެއްޔެވެ'؟ ބައްޕަ ބުންޏެވެ. 'އެއީ އެކަލޭގެފާނުގެ ބޮޑުބޭބެ أبو لهب އެވެ'".

طارق بن عبدالله ގެ ކިބައިން طبراني ރިވާކުރައްވާފައި ވެއެވެ. "ޛުލް މަޒާޒުގެ މަޢުރަޒުން އަހަންނަށް ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ފެނިފައި ވެއެވެ. އެކަލޭގެފާނު ހަރު އަޑުފުޅުން حديث ކުރައްވަމުން ގެންދެވީ "އޭ މީސްތަކުންނޭވެ! 'لا إلا إلّا الله' ކިޔައި، މިންޖުވެގަންނާށެވެ"، މިހެން حديث ކުރައްވާ އަޑު އެހުމަށެވެ. އެކަލޭގެފާނުގެ ފަސްފަހަތުން ދިޔަ މީހަކު އެކަލޭގެފާނުގެ ފައިބުޑަށް ހިލަ އުކަމުން ދަމުން ބުނަމުންދިޔަ އެވެ. 'އޭ މީސްތަކުންނޭވެ! އެކަލޭގެފާނުގެ ބަސް ޤަބޫލުނުކުރާށެވެ! އެކަލޭގެފާނާ މެދު ހޭއަރާތިބޭށެވެ! އެހެނީ، އެކަލޭގެފާނަކީ، ދޮގުވެރިއެކެވެ'. އުކަމުންދިޔަ ހިލަތަކުން ޖެހި އެކަލޭގެފާނުގެ ފައިތިލަފުޅުން ލޭފައިބަމުންދިޔަ އެވެ؛ އެހެން ނަމަވެސް، ވަރުބަލިކަމެއް ނެތި އެކަލޭގެފާނުގެ ދަޢުވަތާއިގެން ކުރިޔަށް ވަޑައިގަތެވެ. ބައެއް މީހުން އެހިއެވެ. 'މި ޒުވާނާ އަކީ ކާކު ހެއްޔެވެ'؟ މީހަކު އޭގެ ޖަވާބު ގައި ބުންޏެވެ. 'އެއީ، عبدالمطّلب ގެ ދަރިންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ'. إمام البخاري އޭނާގެ ފޮތް "تاريخ الكبير" އަދި طبراني އޭނާގެ ފޮތް "معجم الكبير" ގައި ބަޔާންކުރައްވާފައި ވެއެވެ؛ مُدرك بن منيب މއޭނާގެ ބައްޕަގެ ކިބައިން އަދި އޭނާގެ ބައްޕަ އޭނާގެ ކާފަގެ ކިބައިން ރިވާ ކުރައްވާފައި ވެއެވެ: "އަހަރެންގެ ބައްޕައާއި އަހަރެން މިނާ އަށް އައިސް އެތާނގައި ވަގުތީގޮތުން މަޑުކޮށްލީމެވެ. އެތަނުން އަހަރެމެންނާ ދިމާވީ މީސްތުންގެ ގްރޫޕަކާ އެވެ. މީހަކު އެ ގްރޫޕުގެ މީހުން ކައިރީ ގައި އެބަ ބުނެއެވެ. "އޭ މީސްތަކުންނޭވެ! 'لا إلا إلّا الله' ކިޔައި، މިންޖުވެގަންނާށެވެ". އެ ބޭކަލެއްގެ ވަށައިގެން ތިބި މީހުންގެ ތެރެއިން ބައެއް މީހުން އެކަލޭގެފާނުގެ ރިވެތި މޫނަށް ދިޔައީ ކުޅުޖަހަމުންނެވެ. ބައެއް މީހުން ދިޔައީ އެކަލޭގެފާނުގެ އިސްތަށިފުޅަށް ކިލާ އުކަމުންނެވެ. އަދި ބައެއް މީހުން ދިޔައީ، އެކަލޭގެފާނަށް ބަދުބަސް ބުނެ އެކި ވައްތަރުގެ ހުތުރު އެއްޗެހި ކިޔަމުންނެވެ. މި ގޮތަށް މެންދުރު ވަންދެން ކުރިޔަށްދިޔަ އެވެ. އެވަގުތު، ކުޑަ އަންހެން ކުއްޖަކު ފެން ތަށްޓެއް އަތަށް ލައިގެން އަތުވެއްޖެ އެވެ. އެ ކުއްޖާ އަށް އެ ބޭކަލަކު އެ ޙާލަތުގައި ވަނިކޮށް ފެނިގެން ރޯން ފަށައިފި އެވެ. އެ ބޭކަލަކު އެ ފެން ބުއިމަށް ފަހު އެ އަންހެން ކުއްޖާ އާ ދިމާލަށް އެނބުރި ވަޑައިގެންފައި حديث ކުރެއްވި އެވެ. 'އޭ އަހަރެންގެ ދަރިކަނބަލުންނޭވެ! ދަރިފުޅުގެ ބައްޕާ ތާށިވެ މަރާފާނެ ކަމަށް ނުވަތަ އިހާނެތިކޮށްފާނެ ކަމަށް ބިރުނުގަންނާށެވެ'. ދެން އަހަރެމެން އެތާ ތިބި މީހުން ކައިރީ ގައި އެހީމެވެ. "މި ބޭކަލަކީ އަދި އެ އަންހެން ކުއްޖާ އަކީ ކޮން ބައެއް ހެއްޔެވެ'؟ އެ މީހުން ބުންޏެވެ. 'މިއީ عبدالمطّلب ގެފާނުގެ ދަރިންގެ ތެރެއިން محمّدގެފާނެވެ. އެކަލޭގެފާނާ ޖެހިގެން އެހެރީ އެކަލޭގެފާނުގެ ދަރިކަނބަލުން زينب އެވެ'".

ساعد بن يحيى بن ساعد أموي އޭނާގެ ބައްޕަގެ ކިބައިން އޭނާގެ ފޮތް "مغازي" ގައި، އަދި އޭނަގެ ބައްޕަ، أبو نعيم، އަދި عبدالرّحمن أميري ގެ ކިވައިން، އަދި ޢަބްދުއްރަޙްމާން އަމީ އެހެން ގިނަ ބޭކަލުންގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. އެ ބޭކަލުން ވިދާޅުވި އެވެ: އެއް ދުވަހަކު، ލޮބުވެތި ރަސޫލާ (‏صلّى الله عليه وسلّم)‏ ޢުކާޒުގެ ބާޒާރާށް ވަޑައިގަތެވެ. އެތާނގައި ބަނީ ޢާމިރު ވަންހައިގެ މީހުންގެ ގާތަށް ވަޑައިގެން އެއްސެވި އެވެ. "އޭ ބަނީ ޢާމިރުގެ މީހުންނޭވެ! ތިޔަބައި މީހުންގެ ތެރޭގައި ޙިމާޔަތް ހޯދާ މީހުން ތިޔަބައި މީހުން ރައްކާތެރިކޮށްދެނީ ކިހިނެއް ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "އެއްވެސް މީހަކަށް އަހަރެމެންނަކާ ނުކުޅެވޭނެ އެވެ؛ އެއްވެސް މީހަކަށް އަހަރެމެންގެ އަލިފާނުން އަހަރެމެންގެ ހުއްދައެއް ނެތި ހޫނުކަމެއް ނުލިބޭނެ އެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަކީ، الله تعالى ގެ ރަސޫލާ އެވެ. އެކަލާނގެ ޙަވާލުކުރެއްވި ރަސޫލުކަމުގެ ވާޖިބު މީސްތަކުންނަށް ތަބްލީޣުކޮށްދެން ތިޔަބައި މީހުން ތިމަންކަލޭގެފާނު ޙިމާޔަތްކޮށްދޭނަން ހެއްޔެވެ"؟ އެ މީހުން އެހިއެވެ. "ކަލޭގެފާނަކީ، ޤުރައިޝް ވަންހައިގެ ކޮން ޢާއިލާއެއްގެ ބޭފުޅެއް ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ "ތިމަންކަލޭގެފާނަކީ عبد المُطّلب ގެ ދަރިންގެ ތެރެއިން ވާ މީހަކީމޭ" މިހެން حديث ކުރެއްވުމުން އެ މީހުން އެހި އެވެ. "ކަލޭގެފާނު ވަނީ عبد المُطّلب ގެ ދަރިންގެ ތެރެއިން ކަމަށް ވާ ނަމަ، އެ މީހުން ކަލޭގެފާނު ޙިމާޔަތް ނުކުރަނީ ކީއްވެގެން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އެ މީހުންނަކީ، އެންމެ ފުރަތަމަ ތިމަންކަލޭގެފާނު ޤަބޫލުނުކުރި މީހުންނެވެ". ބަނީ ޢަމްރު ވަންހައިގެ ގްރޫޕުން ބުންޏެވެ. "އޭ محمّدގެފާނެވެ! ކަލޭގެފާނު ގެންނެވި ދީން އަހަރެމެން ޤަބޫލުކުރުމެއް އަދި ނުކުރުމެއް ވެސް ނެތެވެ. އެހެންނަމަވެސް، މީސްތަކުންނަށް ރަސޫލުކަމުގެ ވާޖިބު ތަބްލީޣުކޮށްދެވެންދެން އަޅުގަނޑުމެން ކަލޭގެފާނަށް ޙިމާޔަތް ދޭނަމެވެ".

"އޭ މީސްތަކުންނޭވެ! 'لا إلا إلّا الله' ކިޔައި، މިންޖުވެގަންނާށެވެ".
حديث الشريف

އެއާއެކު، رَسُوْلُ اللهِ ﷺ ބަނީ ޢާމިރު ވަންހައިގެ މީހުންނާ އެކު އިށީނދެ ވަޑައިގަތެވެ. އެ ވަގުތު، ބަނީ ޢާމިރުގެ ކަމުވޮށިގެންވާ މީހެއް ކަމުގައިވާ ބައިޙަރާ ބިން ފާރިސް ބާޒާރުގައި ވިޔަފާރިކުރުން ނިންމާލާފައި އެނބުރި އަތުވެއްޖެ އެވެ. رَسُوْلُ اللهِ ﷺ އަށް އިޝާރާތްކުރަމުން އޭނާ އަހައިފި އެވެ. "މީ ކާކު ހެއްޔެވެ"؟ އެ މީހުން ޖަވާބު ގައި ބުންޏެވެ. "މިއީ محمّد بن عبدالله އެވެ". ބައިޙަރާ ސުވާލުކުރި އެވެ. "ކަލޭމެންނާ އެކު އިށީނދެގެން ބޭންދެވީ އެކަލޭގެފާނާ އެކު ތިޔަބައި މީހުން ކޮން ވިޔަފާރިއެއް ކުރަން ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "އެކަލޭގެފާނު އަހަރެމެންގެ ޙިމާޔަތް ހޯއްދެވީ އެވެ؛ އެކަލޭގެފާނު حديث ކުރައްވަނީ އެއީ ﷲ ގެ ރަސޫލާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ، މީސްތަކުންނަށް ރަސޫލުކަމުގެ ވާޖިބު ތަބްލީޣުކޮށްދެވެންދެން އަޅުގަނޑުމެން އެކަލޭގެފާނަށް ޙިމާޔަތް ދިނުމަށެވެ". ބައިޙަރާ رَسُوْلُ اللهِ ﷺ އާ ދިމާލަށް އެނބުރިލާފައި ބުންޏެވެ. "ކަލޭގެފާނަށް ޙިމާޔަތް ދިނުމުގެ މާނައަކީ، އަހަރެމެންގެ މޭތައް ޢަރަބިން ފޮނުވާ ދުނިތަކުގެ އަމާޒަކަށް ހެދުމެވެ". ދެން އޭނާ، އޭނާގެ ޤަބީލާގެ މީހުން ކައިރީ ބުންޏެވެ. "ކަލޭމެން ތިކުރި ކަންތައް ހާ ގޯސް ކަމަކާއިގެން އެނބުރި ޤައުމަށް ދާނެ ޤަބީލާއެއް ނޯންނާނެ އެވެ. އެހެންކަމުން، ކަލޭމެން ހުރިހާ ޢަރަބިންނާ ހަނގުރާމަކޮށް، ކަލޭމެންގެ ހަށިތައް އެ މީހުންގެ ދުނިތަކުގެ އަމާޒަކަށް ވާނީ ހެއްޔެވެ؟ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެކަލޭގެފާނުގެ ކިބައިން ރަނގަޅު ކަމެއް ފެނުނު ނަމަ، އެކަލޭގެފާނު އެންމެ ފުރަތަމަ ޙިމާޔަތްކުރާނީ އެ މީހުންނެވެ. ކަލޭމެން ޙިމާޔަތްދީ ރައްކާތެރިކޮށްދޭން ތި އުޅެނީ، އެކަލޭގެފާނުގެ ޤައުމުގެ މީހުން ޤަބޫލުނުކޮށް ދުރުކޮށްލި ބޭކަލަކަށެވެ! ކަލޭމެން ތި ވިސްނަނީ ވަރަށް ގޯސްކޮށެވެ".

ދެން އޭނާ رَسُوْلُ اللهِ ﷺ އާ ދިމާލަށް އެނބުރި މި ބަދުނަސީބު ބަސްތައް ރައްދުކުރި އެވެ. "ހަމަ މިހާރު އަހަރެމެން ދޫކޮށް ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގަންނަވާށެވެ! އަހަރެން ހުވާކޮށްފައި ބުނަމެވެ. ކަލޭގެފާނު އަހަރެންގެ ޤައުމުގެ މީހުންގެ ތެރޭގައި ނެތް ނަމަ، ހަމަ މިހާރު ކަލޭގެފާނުގެ ބޯ ބުރިކޮށްލީމުހެވެ"! އޭނާ މިހެން ބުނުމާ އެކު، رَسُوْلُ اللهِ ﷺ ހިތާމައާ އެކު އެކަލޭގެފާނުގެ ޖަމަލަށް އަރާވަޑައިގަންނަވައިފި އެވެ. ދެން އެ ބައިޙަރާ، رَسُوْلُ اللهِ ﷺ ޖަމަލުން ވައްޓާލައިފި އެވެ. ޞަޙާބީންގެ ތެރޭގައި ހިމެނޭ ބޭކަނބަލެއް ކަމުގައިވާ ضباعة بنت عامر ހަޅޭއްލައްވައި އެކަލޭގެފާނުގެ ތިމާގެ މީހުންނަށް ގޮވާލައްވައިފި އެވެ. އަދި ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ އާ މެދު ކަންތައް ކުރިގޮތް އެކަށީގެންވާ ކަމަށް ކަލޭމެން ތި ދެކެނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ޓަކައި، رَسُوْلُ اللهِ ﷺ ސަލާމަތްކޮށްދޭނެ މީހަކު ނެތީ ހެއްޔެވެ"؟ ދެން رَسُوْلُ اللهِ ﷺ ގެ ބޮޑުބޭބެގެ ތިން ފިރިހެން ދަރިއެއް ބާރުލާފައި ބައިޙަރާ އާ ދިމަލަށް އަތުވެއްޖެ އެވެ. ބައިޙަރާގެ ޤަބީލާގެ ދެ މީހަކު އޭނާ އަށް އެހީވާން އުޅުނަސް، ދެން އައި ތިން މީހުން ބައިޙަރާއާއި އޭނާއާ އެކުގައި ތިބި މީހުން ގައިގައި ވަރަށް ބޮޑަށް ތަޅައިގެންފި އެވެ. މި މަންޒަރު ބައްލަވަން ހުންނެވި رَسُوْلُ اللهِ ﷺ، އެކަލޭގެފާނަށް ޓަކައި މަސައްކަތްކުރި ތިން މީހުންނަށް ދުޢާކޮށްދެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި މީހުންގެ މައްޗަށް އިބަސުވާމީންގެ ރަޙްމަތް ލައްވާށިއެވެ"! އަދި ބައިޙަރާ އާއި އޭނާ އަށް ތާއީދުކުރި މީހުންނާ ގުޅިގެން ދުޢާކުރެއްވާ ދެންނެވި އެވެ. "އޭ ހައްދަވއި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަސުވާމީންގެ ރަޙްމަތުން އެ މީހުން ދުރުކުރައްވާދޭވެ"!

އެކަލޭގެފާނު ރަޙްމަތަށް އެދި ދުޢާދެންނެވި މީހުން އިސްލާމްވިއެވެ. ދެން ތިބި މީހުން ކާފަރުންގެ ގޮތުގައި ތިބެ މަރުވެގެން ދިޔައީ އެވެ. ބަނީ ޢާމިރު ވަންހައިގެ މީހުން އެނބުރި އެ މީހުންގެ ރަށަށް ގޮސް، މުޤައްދަސް ފޮތްތައް ކިޔަވައިގެން ހުރި އެ ޤަބީލާގެ ދުވަސްވީ މީހެއް ކައިރީގައި، އެ މީހުންނަށް މައްކާ ގައި ދިމާވި ކަންތައްތަކުގެ ވާހަކަ ކިޔައިދީފި އެވެ. އެ މީހާ އަށް رَسُوْلُ اللهِ ﷺ ގެ ނަންފުޅު އަޑުއިވުމުން، އޭނާ އެ މީހުންނާ ކައިރިވެލާފައި ބުންޏެވެ. "އޭ ބަނީ ޢާމިރުގެ މީހުންނޭވެ! ކަލޭމެން ތިކުރީ ކީއްހެއްޔެވެ؟ މިހާތަނަށް އިސްމާޢީލުގެފާނުގެ ދަރިކޮޅުގެ ފިރިހެން ދަރިޔަކު ނަބީކަމުގެ ދޮގު ދަޢުވާއެއް ކުރައްވާފައެއް ނެތެވެ. ހަމަ ޔަޤީނުން ވެސް، އެކަލޭގެފާނު އެ ވިދާޅުވީ ތެދެކެވެ. ގެއްލިގެން މިދިޔަ ފުރުޞަތު އަލުން ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ".

އޭނާ جبريل ގެފާނާ ވާހަކަދައްކަވަމުން ދަނިކޮށް،
އޭނާގެ ކުރިމައްޗަށް ރަފްރަފް އައިސް މަރުޙަބާ ކިޔޭ.
ދެން ދުނިޔޭގެ ޝާހު އޭތި ގެންދިޔައޭ،
އެކަލޭގެފާނު ގޮވައިގެން ދިޔައީ ސިދުރާއަށޭ.

އިސްރާ އާއި މިޢުރާޖު