މިޢުރާޖު
"ތިމަންކަލޭގެފާނު ކެއުމެއް ނުވަތަ ބުއިމެއް ބޭނުމެއް ނޫނެވެ. އެކަހަލަ އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް އަޅުކަންކޮށް އާދޭސް ދަންނަވާނެ ތަނެއް ލިބުމުން ފުދޭނެ އެވެ".
حديث الشريف
ޙައްޖަށް ނުވަތަ މައްކާއިންނާއި ބާޒާރުތަކުން ވިޔަފާރިކުރުމަށް އައި މީހުންގެ ތެރެއިން ކީރިތި ރަސޫލާ (صلّى الله عليه وسلّم) އަށް ފެނިވަޑައިގެންނެވި ހުރިހާ އެންމެންނަށް އަދި ހުރިހާ ޤަބީލާތަކަށް އިސްލާމް ދީން ކިޔައިދެއްވި އެވެ. އެ މީހުންގެ ކިބައިން އެކަލޭގެފާނު އެދިވަޑައިގަތީ މީސްތުންނަށް އިސްލާމް ދީން ތަބްލީޣުކޮށްދެއްވުމުގައި ޙިމާޔަތާއި، އެހީތެރިކަން ދިނުމަށެވެ. އެހެން ނަމަވެސް، އެއްވެސް މީހަކު އިސްލާމެއް ނުވިއެވެ. އަދި އެކަލޭގެފާނަށް ޙިމާޔަތްދިނުމަކަށް ވެސް އެއްބަހެއް ނުވި އެވެ. އަދި ކީއްހެއްޔެވެ! އެ މީހުން އެކަލޭގެފާނަށް އިހާނެތިކޮށް، އަނިޔާދީ، މަލާމާތްކޮށް، ޤަބޫލެއް ނުކުރި އެވެ. ޢާލަމްތަކުގެ ސައްޔިދު ހުންނެވީ ވަރަށް ބޮޑަށް ވަރުބަލިވެވަޑައިގެން، ބަނޑުހައިވެ، ފެންބޮވައިގެން، ހިތާމަވެރިވެ، ހިތްދަތިވެފައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ރޭގަނޑު ދަންވަރު ވަންދެން ވެސް މި ގޮތަށެވެ. މައްކާގެ މުޝްރިކުން މެދުކެނޑުމެއް ނެތި ދިޔައީ، رَسُوْلُ اللهِ ﷺ ގެ ފަސްފަހަތުން ބޯކޮޅުބަލަމުން، ކަޢުބަތުﷲ ގެފުޅަށް ޒިޔާރަތްކުރުމަށް އަންނަ މީހުން އިސްލާމްވުމުން ދުރުކުރުވަމުން، رَسُوْلُ اللهِ ﷺ އަށް އަނިޔާކުރަމުންނެވެ. މިހެން ގޮސް، رَسُوْلُ اللهِ ﷺ އަށް ދެން އިތުރަށް ތަނަކަށް ވަޑައިނުގެންނެވޭނެ ހެން ހުރިހާ ދިމާލެއް ގައި ވެސް ތިބީ ޢަދާވާތްތެރިންނެވެ. މައްކަ ގައި އޭރު ފާއިތުވެގެންދިޔަ މަދު މަސްތަކަކީ އުނދަގޫ ދުވަސްތަކެކެވެ.
ރަޖަބު މަހެއްގެ 27 ވަނަ ވިލޭރޭ، رَسُوْلُ اللهِ ﷺ، أبو طالب ގެ އަވަށްގަނޑުގައި ހުންނަ އެކަލޭގެފާނުގެ ބޮޑުބޭބޭ أبو طالب ފާނުގެ ދަރިކަނބަލުން أُمُّ هاني ގެ ގެއަށް ވަޑައިގަތެވެ.
އެ ވަގުތު، أُمُّ هاني އަދި މުސްލިމަކަށް ނުވެއެވެ. "ކާކު ބޭރުގަ" މިހެން أُمُّ هاني އެއްސެވުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މިއީ ކަމަނާގެ ބޮޑުބޭބެގެ ދަރިކަލުން محمّد އެވެ. ކަމަނާ ޤަބޫލު ނަމަ މިއައީ މެހްމާނެއްގެ ގޮތުގައެވެ".
އެ ވަގުތު أُمُّ هاني އަދި އިސްލާމް ދީނެއް ޤަބޫލެއް ނުކުރެއެވެ. أُمُّ هاني ވިދާޅުވި އެވެ. ކަލޭގެފާނު ފަދަ ތެދުވެރި، އަމާނާތްތެރި، ޝަރަފުވެރި އަދި މަތިވެރި މެހްމާނަކަށް އަޅުގަނޑުގެ ޙަޔާތް ހެޔޮހިތުން ޤުރުބާން ކުރާނަމެވެ. ވަޑައިގަންނަވާނެ ކަމަށް ކުރިން އަންގަވާލެއްވި ނަމަ، ކޮންމެ އެއްޗެއް ތައްޔާރު ކޮށްލީމު ހެވެ. އަޅުގަނޑު އަތުގައި ކާނެ އެއްވެސް އެއްޗެއް ނެތެވެ". رَسُوْلُ اللهِ ﷺ حديثކުރެއްވި އެވެ. "ތިމަންކަލޭގެފާނު ކެއުމެއް ނުވަތަ ބުއިމެއް ބޭނުމެއް ނޫނެވެ. އެކަހަލަ އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް އަޅުކަންކޮށް އާދޭސް ދަންނަވާނެ ތަނެއް ލިބުމުން ފުދޭނެ އެވެ".
أُمُّ هاني، رَسُوْلُ اللهِ ﷺ އެތެރެއަށް ވެންނެވުމަށް ދަޢުވަތު ދެއްވައި، މެޓަކާއި، މޫނުދޮންނަ ތަށްޓަކާއި، ފެންކުރައެއް ދެއްވި އެވެ. މެހްމާނަށް ޚިދުމަތްކޮށް، ޢަދާވާތްތެރިޔާގެ ކިބައިން ޙިމާޔަތް ދިނުމަކީ، ޢަރަބިންގެ ތެރޭގައި އޮންނަ އެންމެ ޝަރަފުވެރި ވާޖިބެއް ކަމުގައި ބެލެވެއެވެ. ގެއެއްގެ ތެރޭގައި މެހްމާނަކަށް ލިބޭ އެއްވެސް އަނިޔާ އަކީ، އެ ގޭގެ ވެރިޔާއަށް ލިބޭ ވަރަށް ބޮޑު ލަދުވެތި ކަމެކެވެ. أُمُّ هاني ހިތަށް އެރި އެވެ. "އެކަލޭގެފާނުގެ ޢަދާވާތްތެރިން ގިނައެވެ. އެކަލޭގެފާނު އަވަހާރަކޮށްލަން ބޭނުންވާ އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. އަހަރެންގެ ޝަރަފު ޙިމާޔަތް ކުރުމަށް ޓަކައި، ހެނދުނު ވަންދެން އަހަރެން އެކަލޭގެފާނަށް ކަމެއް ވިޔަނުދީ ބަލަހައްޓާނަމެވެ". އެކަމަނާގެ ބައްޕަގެ ކަނޑި ހިއްޕަވައިގެން ގެ ވަށައިގެން ހިންގަވަން ފަށްޓަވައިފި އެވެ.
އެ ދުވަހު رَسُوْلُ اللهِ ﷺ އަށް ވަރަށް ބޮޑަށް އަނިޔާ ލިބުނެވެ. އެކަލޭގެފާނު ވުޟޫކުރެއްވުމަށް ފަހު މާތް ﷲ އަށް އާދޭސް ދަންނަވައި، މަޣްފިރަތަށް އެދިވަޑައިގެން، މީސްތަކުން އީމާންވެ ނިޢުމަތްތައް ހޯދުމަށް ދުޢާ ދެންނެވި އެވެ. އެކަލޭގެފާނު ހުންނެވީ ވަރަށް ބޮޑަށް ވަރުބަލިވެ، ބަނޑުހައިވެ، ހިތްދަތިވެފައެވެ. އެކަލޭގެފާނު އެ މެޓް މަތީގައި އޮށޯންނެވުމުން އަވަހާރަފުޅުލެއްޕެވިއްޖެ އެވެ.
އެ ވަގުތު، جبريل ގެފާނަށް ވަޙީކުރެއްވި އެވެ. "ތިމަންރަސްކަލާނގެ ލޮބުވެތި ރަސޫލާ އަށް ވަރަށް ބޮޑަށް ހިތާމަ ދެވިއްޖެ އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅާއި، ނާޒުކު ހިތަށް އަނިޔާދެވިއްޖެ އެވެ. އެކަމަކު ވެސް އެކަލޭގެފާނު އަދިވެސް ތިމަންރަސްކަލާނގެ އަށް އާދޭސް ދަންނަވަނީ އެވެ. ތިމަންރަސްކަލާނގެ ފިޔަވައި، އިތުރު ކަމަކަށް ނުވިސްނަވައެވެ. ވަޑައިގެން ތިމަންރަސްކަލާނގެ ޙަބީބު ގެންނަވާށެވެ! އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ސުވަރުގެ އާއި، ނަރަކަ ދައްކަވާށެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށާއި، އެކަލޭގެފާނަށް ލޯބިވާ މީހުންނަށް ތައްޔާރުކުރައްވާފައިވާ ނިޢުމަތްތައް އެކަލޭގެފާނަށް ދައކަވާށެވެ. އެކަލޭގެފާނަށް އީމާންނުވެ، އެ މީހުންގެ ބަހާއި، ލިޔުމުންނާއި، ޢަމަލުން އެކަލޭގެފާނަށް އަނިޔާދިން މީހުންނަށް ޓަކައި ތިމަންރަސްކާލނގެ ތައްޔާރުކުރައްވާފައިވާ ޢަޒާބުތައް އެކަލޭގެފާނަށް ދައްކަވާށެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ތަސައްލީއެއް ގެނެސްދެއްވާނަމެވެ. އެކަލޭގެފާނުގެ ނާޒުކު ހިތުގައިވާ ފާރުތައް ރަނގަޅުކޮށްދެއްވާނަމެވެ".
جبريل (عليه السّلام) رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެންނެވި އިރު، އެކަލޭގެފާނު އޮންނެވި ނިދިއަވަހާރަފުޅު ލައްޕަވާފައެވެ. جبريل ގެފާނަށް رَسُوْلُ اللهِ ﷺ ހޭއަރުވާކަށް ނުކުރެނުވެ. އެ ވަގުތު جبريل (عليه السّلام) ހުންނެވީ އިންސާނެއްގެ ސިފައިގައެވެ. رَسُوْلُ اللهِ ﷺ ގެ ފައިތިލައިގެ ދަށްފުށުގައި جبريل (عليه السّلام) ބޮސްދެއްވި އެވެ. جبريل (عليه السّلام) ގެ ހިތެއް އަދި ލެއެއް ނުހުންނާތީ، އެކަލޭގެފާނުގެ ފިނި ތުންފަތުން رَسُوْلُ اللهِ ﷺ ހޭފުޅުލައްވައިފި އެވެ. رَسُوْلُ اللهِ ﷺ ވަގުތުން جبريل (عليه السّلام) ދެނެވަޑައިގެންފި އެވެ. ކޯފާވެވޮޑިގެންފާނެ ކަމުގެ ބިރުހީފުޅުވެގެން رَسُوْلُ اللهِ ﷺ އެއްސެވި އެވެ:
"އޭ އަޚް جبريل އެވެ! ކަލޭގެފާނު މިހާ ނޫން ގަޑިއެއް ގައި ވަޑައިގަތީ ކީއްވެގެން ތޯ އެވެ؟ ތިމަންކަލޭގެފާނަށް ގޯހެއް ހެދުނި ތޯ އެވެ؟ ތިމަންކަލޭގެފާނުގެ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް އުރެދުމެއް ވެވުނީ ތޯ އެވެ؟ ކަލޭގެފާނު ތިކަންކަލޭގެފާނަށް ގޯސް ޚަބަރެއް ގެންނެވީ ތޯ އެވެ"؟
جبريل (عليه السّلام) ވިދާޅުވި އެވެ. "ހެއްދެވި ހުރިހާ މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރި ކަލޭގެފާނެވެ! ޚާލިޤުގެ ލޮބުވެތި، ރަސޫލުންގެ ވެރިޔާ އެވެ. ރަނގަޅު ކަންތައްތަކާއި، މަތިވެރިކަމުގެ މަޞްދަރު ކަމުގައިވާ ޝަރަފުވެރި އަދި މަތިވެރި ރަސޫލާއެވެ! ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ސަލާމް ކަލޭގެފާނަށް ފޮނުއްވައެވެ. އަދި އެކަލާނގެ ޙަޟްރަތަށް ދަޢުވަތު ދެއްވައެވެ. ތެދުވެ ވަޑައިގެން ދަމާ ހިނގާށެވެ".
އަހަރެމެންގެ ލޮބުވެތި ރަސޫލާ ވުޟޫކުރައްވައިފި އެވެ. جبريل (عليه السّلام)، ނޫރުން ހައްދަވާފައިވާ ތޮއްޕެއް رَسُوْلُ اللهِ ﷺ ގެ އިސްތަށިފުޅުގައި އަޅުއްވައި، ނޫރުން ހައްދަވާފައިވާ ހެދުމެއް ތުރުކުރައްވައި، އެކަލޭގެފާނުގެ ބަރަކާތްތެރި އުނަގަނޑު ގައި ޖަވާހިރުން ވާ ބެލްޓެއް އެޅުއްވި އެވެ. އަދި ހަތަރު ސަތޭކަ އިތާމުތުން ޖަރީކުރެވިފައިވާ ޒަމަރަދުން ވާ ދަނޑިބުރިއެއް رَسُوْلُ اللهِ ﷺ ގެ އަތްޕުޅަށް ދެއްވި އެވެ. ކޮންމެ އިތާމުތެއް ވެސް ދިއްލެމުންދިޔައީ ވީނަސް ފަދައިންނެވެ. ފެހިކުލައިގެ ޒަމަރަދުން ތައްޔާރުކޮށްފައިވާ ފައިވާނެއް އެކަލޭގެފާނުގެ ބަރަކާތްތެރި ފައިންޕުޅުގައި ލެއްވެވި އެވެ.
އަހަރެމެންގެ ފުރަތަމަ ޤިބްލަ، مسجد الأقصى – ޤުދުސް
"ހެއްދެވި ހުރިހާ މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރި ކަލޭގެފާނެވެ! ޚާލިޤުގެ ލޮބުވެތި، ރަސޫލުންގެ ވެރިޔާ އެވެ. ރަނގަޅު ކަންތައްތަކާއި، މަތިވެރިކަމުގެ މަޞްދަރު ކަމުގައިވާ ޝަރަފުވެރި އަދި މަތިވެރި ރަސޫލާއެވެ! ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ސަލާމް ކަލޭގެފާނަށް ފޮނުއްވައެވެ. އަދި އެކަލާނގެ ޙަޟްރަތަށް ދަޢުވަތު ދެއްވައެވެ. ތެދުވެ ވަޑައިގެން ދަމާ ހިނގާށެވެ".
جبريل عليه السّلام
ދެން، އެއް ބޭކަލަކު އަނެއް ބޭކަލެއްގެ އަތްޕުޅުގައި ހިއްޕަވައިގެން ވަޑައިގަތީ ކަޢުބަތުﷲ ގެފުޅަށެވެ. އެތާނގައި، جبريل (عليه السّلام) ލޮބުވެތި ރަސޫލާގެ މޭކޮޅު އިރާލައްވައި، އެކަލޭގެފާނުގެ ހިތްޕުޅު ނަންގަވައި، ޒަމްޒަމް ފެނުން ދޮވެލައްވައި، ޙިކްމަތާއި އީމާނުން ފުރިފައިވާ ބޯތަށްޓެއް ގެންނަވައި، އެ ބޯތަށި އެތެރެ އަށް ބަނޑުންކޮށްލެއްވުމަށް ފަހު މޭކޮޅު ބަންދުކޮށްލައްވައިފި އެވެ.
ދެން جبريل (عليه السّلام)، ސުވަރުގެއިން އެކަލޭގެފާނު ގެންނެވި ބުރާޤޭ ކިޔުނު ހުދު ކުލައިގެ ޖަނަވާރަކަށް އިޝާރާތްކުރައްވާ ވިދާޅުވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ! މި އަށް ސަވާރުވެ ވަޑައިގަންނަވާށެވެ! ހުރިހަ މަލާއިކަތުން ތިއްބެވީ ކަލޭފެފާނުގެ އިންތިޒާރުގައެވެ". އެ ވަގުތު رَسُوْلُ اللهِ ﷺ އަށް ހިތާމަވެރިކަމެއް އިޙްސާސްކުރެވި އެކަމާ ވިސްނަވަން ފަށްޓަވައިފި އެވެ. އެ الله تعالى ވަގުތު، جبريل (عليه السّلام) އާ މުޚާޠަބުކުރައްވައި ވަޙީކުރެއްވި އެވެ. "އޭ ޖިބްރީލެވެ! ތިމަންރަސްކަލާނގެ ޙަބީބު މޮޅިވެރިވެފައި އެ ހުންނެވީ ކީއްވެގެން ހެއްޔެވެ"؟ جبريل (عليه السّلام) އެއްސެވުމުން رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނާ މުޢާމަލާތްކުރެވެނީ ވަރަށް އިޙްތިރާމާއި ޝަރަފާ އެކުގައެވެ. ތިމަންކަލޭގެފާނު ހިތްޕުޅަށް އެރީ ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ ޙާލަކީ ކޮބައި ބާއޭ؟ މަޙްޝަރު ބިމުގައި ކޮޅަށް ތިބޭ އިރު، އެ މީހުންގެ ގިނަގުނަ ފާފަތައް ފަންސާސް ހާސް އަހަރު ވަންދެން އެބައި މީހުން ތަޙައްމަލުކުރާނީ ކިހިނެއް ބާއޭ؟ އަދި ތިރީސް ހާސް އަހަރު ހުރަސްކުރުމަށް ނަގާ ޞިރާޠު މަގުން އެބައި މީހުން ހުރަސްކުރާނީ ކިހިނެއް ބާއޭ"؟
އިލާހީ އެންގެވުން ބާވައިލައްވައިފި އެވެ. "އޭ ތިމަންރަސްކަލާނގެ ޙަބީބެވެ! ކަލޭގެފާނު ޔަޤީންކުރައްވާށެވެ. ކަލޭގެފާނުގެ އުއްމަތުގެ އުއްމަތަށް ފަންސާސް ހާސް އަހަރަކީ ކުޑަ ހިނދުކޮޅެއް ކަމަށް އިޙްސާސްކުރެވޭ ގޮތަށް ތިމަންރަސްކަލާނގެ ލައްވާނަމެވެ. ހިތާމަ ނުކުރައްވާށެވެ"!
އަހަރެމެންގެ ސައްޔިދު، رَسُوْلُ اللهِ ﷺ ބުރާޤަށް ސަވާރުވެ ވަޑައިގަތެވެ. ބުރާޤު ދިޔައީ ވަރަށް ބާރަށް ދަތުރުކުރަމުންނެވެ؛ އަޅާ އެންމެ ފިޔަވަޅަކުން ލޮލަށް ނުފެންނަ ހިސާބަށް ދެއެވެ. އެ ދަތުރުގެ ތެރޭގައި، رَسُوْلُ اللهِ ﷺ ބުރާޤުން ފައިބާވަޑައިގެން ބައެއް ތަންތަނުގައި ނަމާދުކުރެއްވުމަށް جبريل (عليه السّلام) رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. އެގޮތަށް رَسُوْلُ اللهِ ﷺ ތިން ފަހަރެއްގެ މަތިން ބުރާޤުން ފައިބާވަޑައިގެން ނަމާދުކުރެއްވި އެވެ. ދެން، އެކަލޭގެފާނު ނަމާދުކުރެއްވީ ކޮންކޮން ތަންތަނެއް ކަން އެނގިވަޑައިގަންނަވާ ތޯ جبريل (عليه السّلام) ކީރިތި ރަސޫލާގެ އަރިހުން އެއްސެވި އެވެ. އެ ސުވާލަށް جبريل (عليه السّلام) އަމިއްލަފުޅަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެންމެ ފުރަތަމަ މަޑުކުރެއްވީ މަދީނާ ކަމަށާއި، އެ ރަށަށް އެކަލޭގެފާނު ހިޖުރަކުރައްވާނެ ކަމަށެވެ. جبريل (عليه السّلام) ވިދާޅުވީ، ދެން މަޑުކުރެއްވި ތަނަކީ، މޫސާ (عليه السّلام)، الله تعالى އާ އެއްވެސް ހުރަހެއް ނެތި އަދި ނޭނގޭ ގޮތަކަށް ވާހަކަދެއްކެވި ތަން ކަމުގައިވާ ޠޫރު ސީނާ ކަމަށެވެ. އަދި އެންމެ ފަހުން މަޑުކުރައްވައި ނަމާދުކުރެއްވީ ޢީސާ (عليه السّلام) އުފަންވެ ވަޑައިގެންނެވި ބައިތު ލަޙަމް ގައެވެ. ދެން، އެ ބޭކަލުން ޒިޔާރަތްކުރެއްވީ ޤުދުސް (ޖެރޫސަލަމް) ގައި ހުންނަ مسجد الأقصى އަށެވެ.
مسجد الأقصى ގައި، جبريل (عليه السّلام) އެކަލޭގެފާނުގެ އިނގިލިފުޅުން ހިލައެއް ކެޑުއްވުމަށް ފަހު ބުރާޤު އޭގައި އައްސަވައިފި އެވެ. ކުރީގެ ބައެއް ނަބީންނާއި ރަސޫލުންގެ ރޫޙު އެތާނގައި އިންސާނީ ސިފައިގައި ޖަމާވެފައި ވިއެވެ. ޖަމާޢަތުގައި އިމާމުވެ ނަމާދުކުރެއްވުމަށް ރަސޫލުން ކަމުގައިވާ آدم ގެފާނާއި، نُوح ގެފާނާއި، إبراهيم ގެފާނަށް (عليهم السّلام) ހުށަހެޅުނެވެ. އެހެން ނަމަވެސް، އެ ބޭކަލުން އެ ހުށަހެޅުން ޤަބޫލެއް ނުކުރެއްވި އެވެ. جبريل ގެފާނު، رَسُوْلُ اللهِ ﷺ ގެ ނަން ހުށަހަޅުއްވަމުން ވިދާޅުވި އެވެ. "ކަލޭގެފާނުގެ ޙާޟިރު ގައި އެހެން އެއްވެސް މީހަކަށް އިމާމަކަށް ނުވެވޭނެ އެވެ".
رَسُوْلُ اللهِ ﷺ ނަބީންނާއި ރަސޫލުންނާއިގެން 2 ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. އޭގެ ފަހުން ކަން ހިނގައިދިޔަ ގޮތް އެކަލޭގެފާނު ތިރީގައި ވާ ގޮތަށް ރިވާކުރައްވާފައި ވެއެވެ.
ތިމަންކަލޭގެފާނަށް جبريل (عليه السّلام) ގެނެސްދެއްވީ ސުވަރުގޭގެ ޝަރުބަތު ތަށްޓަކާއި، ކިރު ތަށްޓެކެވެ. ތިމަންކަލޭގެފާނު ކިރުތަށި ހިއްޕަވައިފީމެވެ. جبريل (عليه السّلام) ތިމަންކަލޭގެފާނަށް ވިދާޅުވީ ތިމަންކަލޭގެފާނު އިޚްތިޔާރުކުރެއްވީ ދެ ދުނިޔޭގެ ނިޢުމަތެވެ. ދެން ތިމަންކަލޭގެފާނަށް އިތުރު ދެ ތަށްޓެއް ދެވުނެވެ. އެއް ތަށީގައި ހުރީ ފެނެވެ؛ އަނެއް ތަށީގައި ހުރީ މާމުޔެވެ. ތިމަންކަލޭގެފާނު އެ ތަށިން ވެސް ހިއްޕެވީމެވެ. جبريل (عليه السّلام) ވިދާޅުވި އެވެ. 'މާމުއިން ދޭހަކޮށްދެނީ، ކަލޭގެފާނުގެ އުއްމަތް ދުނިޔެ ނިމެންދެން ތިބޭނެ ކަމެވެ. އަދި ފެން ދޭހަކޮށްދެނީ ކަލޭގެފާނުގެ އުއްމަތް އެ މީހުންގެ ފާފަތަކުން ޠާހިރުކުރެވޭނެ ކަމެވެ'. ދެން، ތިމަންކަލޭގެފާނާއި، جبريل (عليه السّلام) އެކީގައި އުޑަށް އަރާވަޑައިގަތީމުއެވެ. جبريل (عليه السّلام) ގޭޓު ގައި ޓަކިޖެއްސެވި އެވެ. 'ތީ ކާކު'؟ އެތެރެއިން ސުވާލުކުރި އެވެ. 'އަހަންނަކީ جبريل (عليه السّلام) އެވެ'.
'ކަލޭގެފާނާ އެކީ ގައި އެ ހުންނެވީ ކޮން ބޭކަލެއް ތޯ އެވެ'؟
'އެއީ محمّد (عليه السّلام) އެވެ'.
'އުޑަށް އަރާވަޑައިގަތުމަށާއި، މިޢުރާޖުގެ ދަޢުވަތު ދެއްވި ވަޙީ ފޮނުއްވުނީ އެކަލޭގެފާނަށް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވީ، "އާދޭހެވެ'. ދެން އެތެރެއިން ޖަވާބު އައީ، 'ވަޑައިގެންނެވި ކަލޭގެފާނަށް މަރުޙަބާ އެވެ! އެކަލޭގެފާނަކީ، ހާދަ ރިވެތި ދަތުރުވެރިއެކެވެ'! އޭގެ ފަހުން ވަގުތުން ގޭޓު ހުޅުވިއްޖެ އެވެ. ތިމަންކަލޭގެފާނަށް ހުންނެވުނީ آدم (عليه السّلام) ގެ ކުރިފުޅުމަތީގައެވެ. އެކަލޭގެފާނު 'މަރުޙަބާ' އޭ ވިދާޅުވެ ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔުއްވި އެވެ... ބައެއް މީހުންގެ ރޫޙު ހިޔަނިތަކެއް ހެން آدم (عليه السّلام) ގެ ވާތްފަރާތުގައި ކޮޅަށް ތިއްބެވެ. آدم (عليه السّلام) އެކަލޭގެފާނުގެ ކަނާތް ފަރާތަށް ބައްލަވާ ކޮންމެ ފަހަރަކު ހިނިފުޅުވަޑުވައެވެ. އަދި އެކަލޭގެފާނު ވާތްފަރާތަށް ބައްލަވާ ކޮންމެ ފަހަރަކު ކީރިތިކުރައްވައެވެ. جبريل (عليه السّلام) ވިދާޅުވީ 'ﷲ ގެ ރަސޫލާ އެވެ. މި ހިޔަނިތަކަކީ، آدم (عليه السّلام) ގެ ދަރިކޮޅުގެ ކުޑަކުދިންގެ ރޫޙުތަކެވެ. ކަނާތްފަރާތުގައި އެވަނީ ސުވަރުގެއަށް ވަންނާނެ މީހުންނެވެ. ވާރްފަރާތުގައި އެވަނީ، ނަރަކަ އަށް ވަންނާނެ މީހުންނެވެ! އެކަލޭގެފާ ނު ކަނާތްފަރާތަށް ބައްލަވާ އިރު ހިނިފުޅުވަޑުވައެވެ؛ ވާތްފަރާތަށް ބައްލަވާ އިރު ކީރިތިކުރައްވައެވެ'!
ވަރަށް ގިނަ މަލާއިކަތް ބޭކަލުން އެތާނގައި ތިއްވަނިކޮށް ފެނުނެވެ. އެ ހުރިހާ ބޭކަލުން ވެސް ތިއްބެވީ ކޮޅަށް، ޚުޝޫޢަތްތެރި ކަމާ އެކުގައި، 'سبّوح قدّوس ربّ الملائكة والرّوح' މި ޛިކުރު ކުރެއްވުމުގައި އަވަދިނެތިކޮށެވެ. ތިމަންކަލޭގެފާނު جبريل (عليه السّلام) އަރިހުގައި އެއްސެވީމެވެ. 'މިއީ އެ މަލާއިކަތުންގެ އަޅުކަންކުރެއްވުން ތޯ އެވެ'؟ އެކަލޭގެފާނު ވިދާޅުވި އެވެ. 'އާދޭހެވެ. އެ ބޭކަލުން ޚަލްޤުކުރެއްވުނު ވަގުތުން ފެށިގެން ޤިޔާމަތާ ހަމަޔަށް އެ ބޭކަލުން ތިއްބަވާނީ މާތް ﷲ އަށް ޤިޔާމް ގައެވެ. ކަލޭގެފާނުގެ އުއްމަތަށް މި އަޅުކަންކުރުން ދެއްވާތޯ الله تعالى އަށް ދަންނަވާށެވެ'. ތިމަންކަލޭގެފާނު الله تعالى އަށް އެ ގޮތަށް ދެންނެވީމެވެ. އެކަލާނގެ ތިމަންކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވި އެވެ. އެއީ ނަމާދު ގައި ޤިޔާމުގައި ތިބުމެވެ.
ގްރޫޕެއްގެ މީހުން ކައިރީގައި (އެ ތާނގައި) މަޑުކުރެއްވީމެވެ. މަލާއިކަތް ބޭކަލުން އެ މީހުންގެ ބޯތަކުގައި ތަޅުއްވައި ސުންނާފަތިކުރައްވައެވެ. އަދި އެ ބޯތައް ކުރިން ހުރި ގޮތަށް އަނބުރާ ބަދަލުވެއެވެ. އެބޭކަލުން އަނެއްކާ ވެސް ބޯތަކުގައި ތަޅުއްވައެވެ؛ އޭގެ ފަހުން ވެސް އެ ބޯތައް ކުރިން ހުރި ގޮތަށް ރުޖޫޢަވެއެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ޖަވާބު ދެއްވި އެވެ. 'އެއީ، ހުކުރު ނަމާދާއި، ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށްލާ މީހުންނާއި، ރުކޫޢާއި ސަޖިދަ ނުކުރާ މީހުންނެވެ'.
ތިމަންކަލޭގެފާނު ގްރޫޕެއްގެ މީހުން ދެކެވަޑައިގަތީމެވެ. އެ މީހުން ތިބީ ބަނޑުހައިކަން މަތީ އޮރިޔާން ޙާލުގައެވެ. ނަރަކަޔާ ޙަވާލުވެތިއްބަވާ ޒަބާނީން އެ މީހުން ކޮއްޕަވަމުން ގެންދެވީ ނަރަކައިގެ އަލިފާންގަނޑާ ދިމާލަށެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ޖަވާބު ދެއްވި އެވެ. 'އެ މީހުންނަކީ، ފަޤިރުންނަށް ރަޙުމެއް ނުބަހައްޓައި، ޒަކާތް ނުދީ އުޅުނު މީހުންނެވެ'.
ތިމަންކަލޭގެފާނު ގުރޫޕެއްގެ މީހުންގެ ކައިރީގައި މަޑުކޮށްލެއްވީމެވެ. އެ މީހުންގެ ކުރިމަތީގައި މީރު ކަނާ ހުއްޓެވެ. ހަމަ އެގޮތަށް އެ ތާނގައި މުޅަ މަސްގަނޑެއް ވެސް އޮތެވެ. އެ މީހުން އެ މީރު ކާނާ ދޫކޮށްލާފައި، ކަމުން ދިޔައީ އެ މުޅަ މަސްގަނޑެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވި އެވެ. 'މިއީ، ޙަލާލު ކާނާ ދޫކޮށްލާފައި ޙަރާމް ކާނާ ކެއުމަށް ޝައުޤުވެރިވީ މީހުންނެވެ. އެ މީހުންނަކީ، ޙަލާލު ކާނާ އެ މީހުން އަތުގައި ހުއްޓާ ވެސް ޙަރާމް ތަކެތި ކާ އުޅުނު މީހުންނެވެ'.
އެ މީހުންގެ ބުރަކަށި މަތީ ގައި ހުރި ތަކެތީގެ ބަރުކަމުން ހިރިނުލެވިގެން އުޅޭ ބަޔަކާ ތިމަންކަލޭގެފާނާ ދިމާވި އެވެ. އެ ޙާލަތުގައި، އެހެން މީހުންގެ ކިބައިން އެ މީހުން އެދެމުންދިޔައީ އެ މީހުންގެ ބުރަކަށި މައްޗަށް އަދި އިތުރަށް ތަކެތި ލުމަށެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ޖަވާބު ދެއްވި އެވެ. 'އެއީ އެހެން މީހުންގެ މުދަލަށް އަރައިގަތް މީހުންނެވެ. އެހެން މީހުންގެ ޙައްޤުތަކަށް އަރައިގެން ތިބެގެން ވެސް، އެ މީހުން ދިޔައީ ޙައްޤުތަކަށް އަރައިގަނެވުނު މީހުންނަށް ދުއްތުރާކުރަމުންނެވެ'.
"އެތެރެއިން ޖަވާބު އައީ، 'ވަޑައިގެންނެވި ކަލޭގެފާނަށް މަރުޙަބާ އެވެ! އެކަލޭގެފާނަކީ، ހާދަ ރިވެތި ދަތުރުވެރިއެކެވެ'! އޭގެ ފަހުން ވަގުތުން ގޭޓު ހުޅުވިއްޖެ އެވެ. ތިމަންކަލޭގެފާނަށް ހުންނެވުނީ އާދަމް (عليه السّلام) ގެ ކުރިފުޅުމަތީގައެވެ".
حديث الشريف
ތިމަންކަލޭގެފާނާއި، جبريل (عليه السّلام) މީސްތަކުންގެ ގްރޫޕެއްގެ މީހުންގެ ކައިރީގައި މަޑުކޮށްލެއްވީމުއެވެ. އެ މީހުން ދިޔައީ އަމިއްލަ މަސް ކަނޑައިގެން ކަމުންމެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވި އެވެ. 'އެއީ ނެތިމޮށޭ މީހުންނާއި، ތޯތޯ ވާހަކަދައްކާ މީހުންނެވެ'.
ކަޅު ކުލައިގެ މޫނުތަކަކާއި، ނޫކުލައިގެ ލޯތަކެއް ހުރި، މަތީ ތުންފަތް ނިތްކުރިއާ ހަމަޔަށް ފޯރާ، ތިރީ ތުންފަތް ފައިތިލައާ ހަމަޔަށް ފޯރާ، ލެޔާއި ދޮސް އަނގައިން ފައިބަމުންދިޔަ ބަޔަކާ ތިމަންކަލޭގެފާނާ ދިމާވި އެވެ. އެ މީހުންނަށް މަޖްބޫރުކުރެވިފައިވަނީ ނަރަކައިން ފައިބަމުންދިޔަ ވިހަ ލެޔާއި ދޮސް އަލިފާނުގެ ތަށްޓެއް ގައި ބުއިމަށެވެ. އަދި އެ މީހުން ޙިމާރުތަކެއް ފަދައިން ހޭރެމުންދިޔަ އެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވި އެވެ. 'އެއީ ރާ ބޮއެއުޅުނު މީހުންނެވެ'.
ތިމަންކަލޭގެފާނާއި، جبريل (عليه السّلام) އާ މީސްތަކުންގެ ގްރޫޕަކާ ދިމާވި އެވެ. އެ މީހުންނަށް ޢަޒާބުދެވެމުންދިޔައީ، އެ މީހުންގެ ދޫތައް އެ މީހުންގެ ބޮލުން ނެރެވިގެން އެ މީހުންގެ ސޫރަ އޫރުތަކަކަށް ބަދަލުކުރެވިގެންނެވެ. جبريل (عليه السّلام) ވިދާޅުވި އެވެ. 'މިއީ ދޮގު ހެކި ދިން މީހުންނެވެ'.
ތިމަންކަލޭގެފާނާއި، جبريل (عليه السّلام) އާ މީސްތަކުންގެ އެހެން ގްރޫޕަކާ ދިމާވި އެވެ. އެ މީހުންގެ ބަނޑު ވަނީ ނުކުމެ އެލިފައެވެ؛ އެ މީހުންގެ ކުލަޔަކީ ނޫކުލައެވެ؛ އެ މީހުންގެ އަތްތަކާއި ފައި ވަނީ ބަދެވިފައެވެ. އަދި އެ މީހުންނަކަށް ކޮޅަކަށް ނުތެދުވުނެވެ. ތިމަންކަލޭގެފާނު جبريل (عليه السّلام) އަރިހުން އެބައި މީހުންނާ ބެހޭގޮތުން އެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. 'އެއީ ރިބާ ނެގި މީހުންނެވެ'.1
ތިމަންކަލޭގެފާނާއި، جبريل (عليه السّلام) އާ އަންހެނުންތަކަކާ ދިމާވި އެވެ. އެ މީހުންގެ މޫނުތައް ހުރީ ކަޅުކުލައިގައެވެ. އަދި އެ މީހުންގެ ލޯތައް ހުރީ ނޫކުލައިގައެވެ. އެ މީހުންގެ ހެދުމަކީ އަލިފާނެވެ. މަލާއިކަތުން ގެންދެވީ އެ މީހުންގެ ގައިގައި އަލިފާނުގެ މަރުތޭލުތަކަކުން އެ މީހުންގެ ގައިގައި ތަޅުއްވަމުންނެވެ. އެ މީހުން ކުއްތާތަކެއް ފަދައިން ހަޅޭލަވަމުންދެއެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވި އެވެ. 'މިއީ ޒިނޭކޮށް، އެ މީހުންގެ ފިރިންނަށް އަނިޔާދިން މީހުންނެވެ'.
ތިމަންކަލޭގެފާނަށް ގްރޫޕެއްގެ މީހުން ފެނުނެވެ. އެ މީހުން ތިބީ ތޮށްޖެހިފައެވެ. އެ މީހުން ތިބީ ނަރަކައިގެ ވާދީ ގައި ޖަލަށް ލާފައެވެ. އަލިފާނުން އެ މީހުން އަންދާލައެވެ. ދެން އޭގެ ފަހުން އެ މީހުން އަލުން ދިރުއްވި އަނެއްކާ ވެސް އަލިފާނުން އަންދާލައެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވި އެވެ. 'އެއީ، އެބައި މީހުންގެ ބަފައިންގެ ބަސްނާހާ އުޅުނު މީހުންނެވެ'.
ގްރޫޕެއްގެ މީހުން ކައިރީ ގައި ތިމަންކަލޭގެފާނު މަޑުކުރެއްވީމެވެ. އެ މީހުން ދިޔައީ، ދަނޑުގޮވާން މުޑުވައްކުރަމުންނެވެ. އަދި ގަސްތައް ދިޔައީ ވަގުތުން ހެދެމުންނެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އެއީ ކޮން ބައެއް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވި އެވެ. 'އެއީ، ހަމައެކަނި الله تعالى އަށް އަޅުކަން ކޮށްއުޅުނު މީހުންނެވެ'.
ތިމަންކަލޭގެފާނަށް މޫދާ ކައިރިއަށް ވަޑައިގެންނެވުނެވެ. އެ ކަނޑުގެ އާދަޔާޚިލާފުކަން ބަޔާންކޮށްދެވުމަކީ މުސްތަޙީލު ކަމެކެވެ. އެ ކަނޑު ކިރަށް ވުރެ ހުދުވެފައި، ރާޅުތައް ފަރުބަދަތަކެއް ފަދައެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'މި ކަނޑަކީ ކޯއްޗެއް ތޯ އެވެ'؟ جبريل (عليه السّلام) ވިދާޅުވި އެވެ. 'މި ކަނޑުގެ ނަމަކީ، ޙަޔާތުގެ ކަނޑެވެ. މަރުވެފައިވާ މީހުން އަލުން ދިރުއްވާ އިރު، الله تعالى މި ކަނޑުން ވާރޭ ވެއްސަވާނެ އެވެ. ހަލާކުވެފައިވާ އަދި އެކި ތަންތަނަށް ބުރައިގެން ގޮސްފައިވާ ހަށިތައް އެ މީހުންގެ ގަބުރުތަކުން ތެދުވާނީ ބިމުން ވިނަ ފަޅައި ހެދެމުންދާ ގޮތަށެވެ....'
އޭގެ ފަހުން ތިމަންކަލޭގެފާނާއި، جبريل (عليه السّلام) އަރާ ވަޑައިގަތީ ދެވަނަ އުޑަށެވެ. جبريل (عليه السّلام) އަނެއްކާ ވެސް ގޭޓު ގައި ޓަކިޖައްސަވައިފި އެވެ. 'ތީ ކާކު'؟ އެތެރެއިން ސުވާލުކުރި އެވެ.
'އަހަންނަކީ جبريل (عليه السّلام) އެވެ'.
'ކަލޭގެފާނާ އެކީ ގައި އެ ހުންނެވީ ކޮން ބޭކަލެއް ތޯ އެވެ'؟
'އެއީ محمّد (عليه السّلام) އެވެ'.
'އުޑަށް އަރާވަޑައިގަތުމަށާއި، މިޢުރާޒުގެ ދަޢުވަތު ދެއްވި ވަޙީ ފޮނުއްވުނީ އެކަލޭގެފާނަށް ތޯ އެވެ'؟
جبريل (عليه السّلام) ވިދާޅުވީ، "އާދޭހެވެ'.
ދެން އެތެރެއިން ޖަވާބު އައީ، 'ވަޑައިގެންނެވި ކަލޭގެފާނަށް މަރުޙަބާ އެވެ! އެކަލޭގެފާނަކީ، ހާދަ ރިވެތި ދަތުރުވެރިއެކެވެ'! އޭގެ ފަހުން ވަގުތުން ގޭޓު ހުޅުވިއްޖެ އެވެ. ތިމަންކަލޭގެފާނަށް ހުންނެވުނީ ދެބެއިންގެ ދެދަރިން ކަމުގައިވާ ޢީސާ އަދި ޔަޙްޔާ (ޖޯން، ޒަކަރިއްޔާގެ ދަރިކަލުން) (عليهما السّلام) އާ ޖެހިގެންނެވެ. އެބޭކަލުން ވިދާޅުވި އެވެ. 'މަރުޙަބާ އެވެ. އަދި އަޅުގަނޑުމެންނަށް ދިޢާ ކޮށްދެއްވާށެވެ....(ޢީސާ (عليه السّلام) އަކީ މެދުމިން އިސްކޮޅެއްގެ އޮޅަލި ކުލައެއްގެ ވެރިއެކެވެ.)
ތިމަންކަލޭގެފާނާ މަލާއިކަތުންގެ ގްރޫޕަކާ ދިމާވިއެވެ. ސަފެއް ގައި ތިއްބެވި އެ ހުރިހާ ބޭކަލުން ވެސް ތިއްބެވީ ރުކޫޢު ގައެވެ. އެ ބޭކަލުންނާ ބީރައްޓެހި ޒިކުރެއް ކުރައްވަމުން ގެންދެވި އެވެ. އެ ބޭކަލުން މެދުކެނޑުމެއް ނެތި ތިއްބެވީ ރުކޫޢު ގައި ތިއްބެވި އިރު، މައްޗަށް ބެލުމެއް ނުވަތަ ބޯހިއްލާލެއްވުމެއް ނެތެވެ. جبريل (عليه السّلام) ވިދާޅުވި އެވެ. 'މި މަލާއިކަތުން އަޅުކަންކުރައްވާ ގޮތަކީ މިއީ އެވެ. ކަލޭގެފާނުގެ އުއްމަތަށް މި އަޅުކަންކުރުން ދެއްވާތޯ الله تعالى އަށް ދަންނަވާށެވެ'. ތިމަންކަލޭގެފާނު الله تعالى އަށް އެ ގޮތަށް ދެންނެވީމެވެ. އެކަލާނގެ ތިމަންކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވި އެވެ. އެއީ ނަމާދު ގައި ރުކޫޢު ގައި ތިބުމެވެ.
ދެން ތިމަންކަލޭގެފާނާއި، جبريل (عليه السّلام) ދެން އަރާވަޑައިގަތީ ތިން ވަނަ އުޑަށެވެ. ކުރިން ވަޑައިގެންނެވި ދެ އުޑުން ވެސް އެއްސެވި ސުވާލުތަކަށް ފަހު، ދޮރު ހުޅުވި، ތިމަންކަލޭގެފާނަށް ހުންނެވުނީ ޔޫސުފު (عليه السّلام) ގެ އަރިހުގައެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ، ހުރިހާ ރިވެތި ކަމެއްގެ ދެބައިކުޅަ އެއްބައި ޔޫސުފުގެފާނަށް ދެއްވާފައިވާކަމެވެ. އެކަލޭގެފާނު 'މަރުޙަބާ' އޭ ވިދާޅުވެ ތިމަންކަލޭގެފާނަށް ދުޢާކުރެއްވި އެވެ...
ތިމަންކަލޭގެފާނަށް ވަރަށް ގިނަ މަލާއިކަތުން ފެނިވަޑައިގަތެވެ. އެ ހުރިހާ މަލާއިކަތުން ސަފެއް ގައި ތިއްބެވީ ސަޖިދާގައެވެ. އެ ބޭކަލުން ޚަލްޤުކުރެވުނީއްސުރެ އެ ބޭކަލުން ތިއްބަނީ ސަޖިދާ ގައި އެ ބޭކަލުންނަށް ޚާއްޞަ ތަސްބީޙައެއް ކިޔުއްވުމުގައެވެ. جبريل (عليه السّلام) ވިދާޅުވި އެވެ. 'މި މަލާއިކަތުން އަޅުކަންކުރައްވާ ގޮތަކީ މިއީ އެވެ. ކަލޭގެފާނުގެ އުއްމަތަށް މި އަޅުކަންކުރުން ދެއްވާތޯ الله تعالى އަށް ދަންނަވާށެވެ'. ތިމަންކަލޭގެފާނު الله تعالى އަށް އެ ގޮތަށް ދެންނެވީމެވެ. އެކަލާނގެ ތިމަންކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، ތިޔަބައި މީހުންނަށް ނަމާދު ގައި ސަޖިދަކުރުން ލެއްވެވި އެވެ.
ދެން ތިމަންކަލޭގެފާނަށް ވާޞިލުވެވަޑައިގެންނެވުނީ ހަތަރު ވަނަ އުޑަށެވެ. އެ އުޑު ގައި ހުރި ދޮރު ހައްދަވާފައިވަނީ ރިހިންނާއި، ނޫރުންނެވެ. އެ ދޮރު ގައި ތަޅަކަށް ހުރީ ނޫރުން ހެދިފައިވާ ތަޅެކެވެ. އެ ތަޅު ގައި ލިޔެވިފައިވަނީ 'لا إله إلّا الله محمّد رَسُوْلُ اللهِ' މިހެންނެވެ. ކުރިން ވަޑައިގެންނެވި ތިން އުޑުން ވެސް އެއްސެވި ސުވާލުތަކަށް ފަހު، ދޮރު ހުޅުވި، ތިމަންކަލޭގެފާނަށް ހުންނެވުނީ އިދުރީސް (عليه السّلام) ގެ އަރިހުގައެވެ. އެކަލޭގެފާނު 'މަރުޙަބާ' އޭ ވިދާޅުވެ ތިމަންކަލޭގެފާނަށް ދުޢާކުރެއްވި އެވެ. އިދުރީސްގެފާނާ ބެހޭގޮތުން ގެ 57 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައިވެއެވެ: (وَرَفَعْنَاهُ مَكَانًا عَلِيًّا ﴿٥٧﴾) * مريم: 57)2 މާނައީ: "އދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ".
"މަރުޙަބާ އެވެ. ކަލޭގެފާނަށް ވުރެ ޝަރަފުވެރި އެހެން އެއްވެސް މީހަކު الله تعالى ޚަލްޤުކުރައްވާފައެއް ނުވެއެވެ. ހަމަ އެއާ އެކު، ކަލޭގެފާނުގެ އުއްމަތް، އެހެން އުއްމަތްތަކުގެ މައްޗަށް މަތިވެރިވެގެންވެއެވެ".
عزرائيل عليه السّلام
ތިމަންކަލޭގެފާނަށް މަލާއިކަތަކު ފެނިވަޑައިގަތެވެ. އެކަލޭގެފާނު ހުންނެވީ ތަޚްތެއް ގައި ހިތާމަވެރިކަމާ އެކު ރެދަލިކުރައްވައިގެން ހުންނަވަނިކޮށެވެ. އެކަލޭގެފާނުގެ ވަށައިގެން ތިއްބެވި މަލާއިކަތުން ގިނަކަމާ އެކު އެ ޢަދަދު އެނގިވޮޑީގަންނަވާނީ ހަމައެކަނި الله تعالى އެވެ. އެކަލޭގެފާނުގެ ކަނާތްފަރަތުގައި ނޫރާނީ މަލާއިކަތުން އިއްބަވަނިކޮށް ފެނިވަޑައިގަތެވެ. އެ ބޭކަލުން ފެހި ކުލައިހެ ހެދުން ތުރުކުރައްވައިގެން ތިއްބެވި އިރު، އެބޭކަލުންގެ ގައިން ވަރަށް މީރު ވަހެއް ދުވަހެވެ. އެ ބޭކަލުން ރީތިކަމުން، މީހަކަށް އެ ބޭކަލުންގެ މޫނަށް ބަލައިނުލެވޭނެ އެވެ. އެ މަލާއިކަތާގެ ވައަތްފަރާތުގައި އެ ބޭކަލުންގެ އަނގައިން އަލިފާން ބޭރުކުރައްވަމުން ގެންދެވި މަލާއިކަތުންތަކެއް ތިއްބެވި އެވެ. އެ ބޭކަލުންގެ ކުރިމަތީ ގައި ވަނީ އަލިފާނުން ވާ ލޮންސި އާއި، އެއްތޭލެވެ. އެ ބޭކަލުންގެ ލޮލޮގެ ތޫނުކަމުން މީހަކަށް އެ ލޮލާ ހަތަރުކަޅި ހަމަކުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. ތަޚްތު ގައި އިށިނދެ އިންނެވި މަލާއިކަތާގެ ބޮލުން ފެށިގެން ފައިތިލަ އާ ހަމައަށް ވަނީ ލޯތަކެވެ. އެ މަލާއިކަތާ އަބަދު ވެސް ގެންދެވީ ކުރިމަތީ ގައި އޮތް ދަފްތަރަކަށް މެދުކެނޑުމެއް ނެތި އަބަދު ވެސް ބައްލަވަމުންނެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީ ގައި ގަހެއް ހުއްޓެވެ. އެ ގަހުގެ ކޮންމެ ފަތެއް ގައި، މީހެއްގެ ނަން ވަނީ ލިޔެވިފައެވެ. އެ ކަލޭގެފާނުގެ ކުރިފުޅުމަތީ ގައި ބޮންތަށްޓެއް ކަހަލަ އެއްޗެއް ހުއްޓެވެ. ބައެއް ފަހަރު އެކަލޭގެފާނުގެ ކަނާތުން އެ ތަށިން އެއްޗެއް ނަންގަވައި، އެކަލޭގެފާނުގެ ކަނާތްފަރާތު ގައި ތިއްބެވި ނޫރާނީ މަލާއިކަތުންނަށް ދެއްވައެވެ؛ ބައެއް ފަހަރު އެކަލޭގެފާނުގެ ވައަތުން އެ ތަށިން އެއްޗެއް ނަންގަވައި، އެކަލޭގެފާނުގެ ވައަތްފަރާތު ގައި ތިއްބެވި ޒުލްމާނީ (އަނދިރި) މަލާއިކަތުންނަށް ދެއްވައެވެ. ތިމަންކަލޭގެފާނު އެ މަލާއިކަތާ އަށް ބެއްލެވުމުން، ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ބިރުވެރިކަން ވަދެގެންދިޔަ އެވެ. ތިމަންކަލޭގެފާނު جبريل (عليه السّلام) އަށް ދެންނެވީމެވެ. 'މިއީ ކޮން މަލާއިކަތެއް ތޯ އެވެ'؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. 'މިއީ، އަޒްރާއީލު (މަރުގެ މަލާއިކަތާ) އެވެ. އެއްވެސް މީހަކަށް އެކަލޭގެފާނުގެ ލޯފުޅަށް ބެލުމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ'. جبريل (عليه السّلام) އަޒްރާއީލު (عليه السّلام) ގެ އަރިހަށް ވަޑައިގެން ވިދާޅުވި އެވެ. 'ޢަޒްރާއީލެވެ. މި ހުންނެވީ ފަހު ޒަމާނުގެ ރަސޫލާ އަދި ގެ އެންމް ލޯބިވެތިވެ ވޮޑިގަންނަވާ މަޚްލޫޤެވެ'. ޢަޒްރާއީލު (عليه السّلام) އެކަލޭގެފާނުގެ ބޯ ހިއްލާލައްވާފައި ހިނިފުޅުވަޑުވައިފި އެވެ. ޢަޒްރާއީލު (عليه السّلام) ތެދުވެވަޑައިގަންނަވާ އަދަބި އިޙްތިރާމާ އެކު އަޅުގަނޑާ މުޚާޠަބުކުރައްވާ ވިދާޅުވި އެވެ. 'މަރުޙަބާ އެވެ. ކަލޭގެފާނަށް ވުރެ ޝަރަފުވެރި އެހެން އެއްވެސް މީހަކު الله تعالى ޚަލްޤުކުރައްވާފައެއް ނުވެއެވެ. ހަމަ އެއާ އެކު، ކަލޭގެފާނުގެ އުއްމަތް، އެހެން އުއްމަތްތަކުގެ މައްޗަށް މަތިވެރިވެގެންވެއެވެ. ތިމަންކަލޭގެފާނުގެ ކުލުނު އެބައި މީހުންގެ ބަފައިންނާއި، މައިންނަށް ވުރެ ބޮޑަށް ކަލޭގެފާނުގެ އުއްމަތަށް ވަމެވެ'. ތިމަންކަލޭގެފާނު ދެންނެވީ މެވެ. 'ކަލޭގެފާނުގެ ކިބައިން ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެއް އެބަ އޮތެވެ. ތިމަންކަލޭގެފާނުގެ އުއްމަތަކީ ބަލިކަށި އުއްމަތެކެވެ. އެ މީހުންނަށް މަޑުމައިތިރިކޮށް ކަންތައް ކޮށްދެއްވާށެވެ. އެ މީހުންގެ ފުރާނަ ކުލުނާ އެކު ނަންގަވާދެއްވާށެވެ'. ދެން އަޒްރާއީލު (عليه السّلام) ވިދާޅުވި އެވެ. 'އެންމެ ފަހުގެ ރަސޫލާގެ ގޮތުގައި އަދި އެކަލާނގެ ޙަބީބުގެ ގޮތުގައި ކަލޭގެފާނު ފޮނުއްވި الله تعالى އަށް ޓަކައި، الله تعالى ކޮންމެ ދުވާލަކާއި ރެއަކު ހަތްދިހަ ފަހަރު ތިމަންކަލޭގެފާނަށް ހަތްދިހަ ފަހަރު އަމުރުކުރައްވަނީ "محمّدގެފާނުގެ އުއްމަތުގެ މީހުންގެ ފުރާނަ ކުލުނާ އެކު މަޑުމަޑުން އަދި ފަސޭހަކަމާއެކު ނަންގަވައި، އޯގާތެރިކަމާއެކު އެ މީހުންނަށް ޚިދުމަތްކުރައްވާށޭ"، މިހެންނެވެ. ތިމަންނާ ކަލޭގެފާނުގެ އުއްމަތަށް، އެ މީހުންގެ މައިންބަފައިންނަށް ވުރެ ކުލުނު ހުންނަނީ އެހެންވެގެންނެވެ'.
ދެން ތިމަންކަލޭގެފާނާއި، جبريل (عليه السّلام) ދެން އަރާވަޑައިގަތީ ފަސް ވަނަ އުޑަށެވެ. އަދި އެތަނުން ތިމަންކަލޭގެފާނާ ހާރޫނު (عليه السّلام) އާ ބައްދަލުވި އެވެ.3 އެކަލޭގެފާނު 'މަރުޙަބާ' އޭ ވިދާޅުވެ ތިމަންކަލޭގެފާނަށް ދުޢާކުރެއްވި އެވެ.
މަލާއިކަތުން އަޅުކަންކުރައްވާ ތަން ފަސް ވަނަ އުޑުން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ ހުރިހާ ބޭކަލުން ވެސް ކޮޅަށް އެ ބޭކަލުންގެ ފައިގެ ބޮޑުވައި އިގިލިތަކަށް ބަލަހައްޓަވައިގެން، އެހެން އެއްވެސް ތަނަކަށް ބެއްލެވުމެއް ނެތި، ތިއްބަވައި ހަރު އަޑުން ތަސްބީޙަ ކިޔުއްވަމުން ގެންދެވި އެވެ. ތިމަންކަލޭގެފާނު جبريل (عليه السّلام) އަށް ދެންނެވީމެވެ. 'މި މަލާއިކަތުންގެ އަޅުކަމަކީ މިއީ ތޯ އެވެ'؟ جبريل (عليه السّلام) ޖަވާބު ދެއްވި އެވެ. 'އާދޭހެވެ. ކަލޭގެފާނުގެ އުއްމަތަށް މި އަޅުކަންކުރުން ދެއްވާތޯ الله تعالى އަށް ދަންނަވާށެވެ'. ތިމަންކަލޭގެފާނު الله تعالى އަށް އެ ގޮތަށް ދެންނެވީމެވެ. އެކަލާނގެ ތިމަންކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވި އެވެ.
ތިމަންކަލޭގެފާނާއި، جبريل (عليه السّلام) ދެން އަރާވަޑައިގަތީ ހަ ވަނަ ވަނަ އުޑަށެވެ. އަދި އެތަނުން ތިމަންކަލޭގެފާނާ މޫސާ (عليه السّلام) އާ ބައްދަލުވި އެވެ. އެކަލޭގެފާނު 'މަރުޙަބާ' އޭ ވިދާޅުވެ ތިމަންކަލޭގެފާނަށް ދުޢާކުރެއްވި އެވެ.
ތިމަންކަލޭގެފާނާއި، جبريل (عليه السّلام) ދެން އަރާވަޑައިގަތީ ހަތް ވަނަ ވަނަ އުޑަށެވެ. ކުރިން ވެސް ކުރެވުނު ސުވާލުތަކާއި ޖަވާބު ތަކަށް ފަހު، އެތަނުން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ إبراهيم (عليه السّلام) ބައިޢަތުލް މަޢުމޫރުގައި ލެނގިލައްވައިގެން ހުންނަވަނިކޮށެވެ. ބައިތުލް މަޢުމޫރަށް ހަތްދިހަ ހާސް މަލާއިކަތުން ކޮންމެ ދުވަހަކު ވަންނަވައެވެ (އަދި އެއް ފަހަރު ވަންނަވާ ބޭކަލުންނަށް އިތުރު ފުރުޞަތެއް ނޯވެއެވެ.) ތިމަންކަލޭގެފާނު إبراهيم (عليه السّلام) އަށް ސަލާމްކުރެއްވީމެވެ. އެކަލޭގެފާނު ތިމަންކަލޭގެފާނުގެ ސަލާމަށް ޖަވާބު ދެއްވި އެވެ. އެކަލޭގެފާނު ވިދާޅުވީ 'ޞާލިޙު ރަސޫލާ އަށް ޞާލިޙު ފިރިހެން ދަރިއަށް މަރުޙަބާ' މިހެންނެވެ. (ދެން) އެކަލޭގެފާނު ވިދާޅުވި އެވެ. 'އޭ محمّدގެފާނެވެ! ސުވަރުގޭގެ ބިންގަނޑު ވަރަށް މަޑުވެފައި، އެ ތާނގެ ފަސްގަނޑު ވަރަށް ސާފެވެ'. އެ ތާނގައި ގިނަގުނަ ގަސް އިންދަން ކަލޭގެފާނުގެ އުއްމަތަށް ވިދާޅުވާށެވެ'. ތިމަންކަލޭގެފާނު ދެންނެވީމެވެ. 'އެ މީހުންނަށް ސުވަރުގޭގައި ގަހެއް އިންދޭނީ ކިހިނެއް ތޯ އެވެ'؟ (އެހެން ރިވާޔަތެއް ގައި ވާ ގޮތުން، إبراهيم (عليه السّلام) ވިދާޅުވީ، '' سبحان الله والحمد لله ولا إله إلّا الله والله أكبر މިހެންނެވެ.) ދެން، جبريل (عليه السّلام) ތިމަންކަލޭގެފާނު ގެންދެވީ صدرة المنتهى އަށެވެ. صدرة المنتهى އަކީ، އެ ގަހެއްގެ މޫތައް ހަ ވަނަ އުޑުގައި އަދި އެ ގަހުގެ ގަސްގަނޑާއި ގޮފިތައް ހަތް ވަނަ އުޑު ގެ މަތީގައިވާ ގަހެކެވެ. އެ ގަހުގެ ފަތްތައް ނީލަގެރިއެތުގެ ކަންފަތް ގޮތަށް ހުންނަ އިރު، އެ ގަހުގައި އަޅާ މޭވާތައް ހުންނަނީ ޓަވަރުތަކެއް (އުސް ޢިމާރާތްތަކެއް) ފަދައިންނެވެ.4 އެ ގަހަކީ، އެ ގަހަކުން ހުރިހާ އުޑުތަކަށާއި، ސުވަރުގެ އަށް ހިޔާ އަޅާ ފަދަ ގަހެކެވެ. الله تعالى ގެ ނޫރުގެ މަތިވެރިކަމުގެ ސަބަބުން، އެ ގަހުގައި ކުލަތައް ޖެހި، ޖަވާހިރާއި، ޒަމަރަދާއި، އެހެން ގަހަނާތަކުން ޖަރީކުރެވި، ރިވެތި ވެގެން ގޮސް، الله تعالى ގެ އެއްވެސް މަޚްލޫޤަކަށް އެ ގަހުގެ ރިވެތިކަން ސިފަކޮށްނުދެވޭނެ އެވެ.
جبريل (عليه السّلام)، ތިމަންކަލޭގެފާނު صدرة المنتهى ފަހަނައަޅާ ދާ ހިސާބަށް ގެންގޮސްދެއްވާފައި އަލްވަދާޢު ކިޔުއްވައިފި އެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'އޭ جبريل (عليه السّلام) އެވެ. ކަލޭގެފާނު ތިމަންކަލޭގެފާނު މިތަނަށް އެކަނި ދޫކޮށްލައްވާފައި ވަޑައިގަންނަވަނީ ތޯ އެވެ'؟ جبريل (عليه السّلام) ހުންނެވީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެ ވަޑައިގެންފައެވެ. الله تعالى ގެ މަތިވެރިކަމުން جبريل (عليه السّلام) ތުރުތުރުއަޅަން ފަށައިފި އެވެ. އަދި ވިދާޅުވި އެވެ. 'އޭ محمّدގެފާނެވެ! އަޅުގަނޑު އެންމެ ފިޔަވަޅެއް ނަމަވެސް (އިތުރަށް) ކުރިޔަށް އަޅައިފި ނަމަ، الله تعالى ގެ މަތިވެރިކަމުން އަޅުގަނޑު ނެތިގެންދާނެ އެވެ. އަޅުގަނޑުގެ މުޅި ހަށިގަނޑު އަނދާ ހަލާކުވެގެންދާނެ އެވެ'".
ޢާލަމްތަކުގެ ސައްޔިދު މި ހިސާބަށް ދަތުރުކުރެއްވީ جبريل (عليه السّلام) އާ އެކުގައެވެ. މި ތާނގައި، جبريل (عليه السّلام)، رَسُوْلُ اللهِ ﷺ އަށް ފާޅުކުރެއްވީ އެކަލޭގެފާނު ހައްދަވާފައިވާ އަޞްލު ޞޫރާގައި، އެކަލޭގެފާނުގެ ހަ ލައްކަ ފިޔަ ފަތުރާލެވި، އެއިން ކޮންމެ ފިޔައެއް ގައި ޖަވާހިރުތަކާއި، އިތާމުތްތައް އަތުރާލެވިފައިވާ ގޮތަށެވެ.
އޭގެ ފަހުން އައީ، އޭގެ އަލިކަން އިރަށް ވުރެ އަލިގަދަ ރަފްރަފް ނަމަކަށް ކިޔޭ ސުވަރުގޭގެ ފެހި ކާޕެޓެވެ. އެ ކާޕެޓް ދިޔައީ މެދުކެނޑުމެއް ނެތި އަށް ޒިކްރުކުރަމުންނެވެ. އަދި ތަސްބީޙައިގެ އަޑުން އެކަލޭގެފާނު ހުންނެވި ހިސާބު ވަނީ ގުގުމާފައެވެ.
ރަފްރަފް رَسُوْلُ اللهِ ﷺ އަށް މަރުޙަބާކިޔައިފި އެވެ. ދެން رَسُوْلُ اللهِ ﷺ ރަފްރަފްގެ މަތީގައި އިށީންނަވައިފި އެވެ. ހިނދުކޮޅެއްގެ ތެރޭގައި، ރަފްރަފާއި رَسُوْلُ اللهِ ﷺ ވަރަށް މައްޗަށް އަރުއްވައި، ހިޖާބު ނަމަކަށް ކިޔޭ ހަތްދިހަ ހާސް ދޮރުފޮތީގެ ތެރެއިން ދަތުރުކުރައްވައިފި އެވެ. އެއިން ކޮންމެ ދެ ޙިޖާބެއް ދޭތެރޭގެ ދުރުމިން ވަރަށް ބޮޑެވެ. އެއިން ކޮންމެ ދޮރުފޮއްޗެއް ބަލަހައްޓަވަން މަލާއިކަތަކު ހުންނަވައެވެ. ރަފްރަފް، رَسُوْلُ اللهِ ﷺ އެ ހުރިހާ ދޮރުފޮއްޗެއްގެ ތެރެއިން ގެންދިޔަ އެވެ. އެހެންކަމުން، ރަފްރަފާއި رَسُوْلُ اللهِ ﷺ ކުރުސި އާއި، ޢަރްޝް އަދި ޢާލަމުލް އަރްވާޙް (ބަރްޒަޚްގެ ޢާލަމާއި، ޢާލަމުއްޒައްރު ހިމެނޭ ހެން) ފަހަނައަޅުއްވައި ވަޑައިގަތެވެ.
ކޮންމެ ދޮރުފޮއްޗެއް ފަހަނައަޅުއްވައި ދަތުރުކުރެއްވި އިރު، رَسُوْلُ اللهِ ﷺ އަށް އިވިވަޑައިގެންނެވި އަމުރުފުޅަކީ، "محمّدގެފާނެވެ! ބިރުފުޅުގެން ވަޑައިނުގަންނަވާށޭ! ކައިރިއަށް ވަޑައިގަންނަވާށޭ، ކައިރި އަށް ވަޑައިގަންނަވާށޭ"! قاب قوسين އާ ހަމައަށް އެކަލޭގެފާނު ވަޑައިގަތެވެ. ނޭނގޭ، ނުވިސްނޭ އަދި ބުނެނުދެވޭ ފަދަ ގޮތަކަށް الله تعالى އިރާދަކުރެއްވި އުސްމިނަކަށް އެކަލޭގެފާނަށް ވާޞިލުވެވަޑައިގެންނެވުނެވެ. ތަނެއް، ވަގުތެއް، ދިމާލެއް ނުވަތަ ސިފައެއް ނެތް ގޮތަކަށް ރުއުޔާ، މާނައަކީ، رَسُوْلُ اللهِ ﷺ އަށް الله تعالى ފެނިވަޑައިގެންނެވި އެވެ. ލޮލާއި، ކަންފަތާއި، ވަސީލަތް ނުވަތަ ތަނަކާ ނުލައި އެކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި މާތް ﷲ ދެކެވަޑައިގަތެވެ. އެހެން އެއްވެސް މަޚްލޫޤަކަށް އެނގި ނުވަތަ ވިސްނޭ ފަދަ ނިޢުމަތްތައް رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތެވެ.
الإمام الرّبّاني އޭނާގެ مكتوبات މި ފޮތުގައި ބަޔާންކުރައްވާ ގޮތުގައި: "މިޢުރާޖަށް އަރާވަޑައިގެންނެވި ރޭ ގައި رَسُوْلُ اللهِ ﷺ އަށް އެކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި މާތް ﷲ ފެނިވަޑައިގަތީ މި ދުނިޔެއަކު ނޫނެވެ. އެކަމަކު އާޚިރަތުގައެވެ. އެހެނީ، އެ ރޭ رَسُوْلُ اللهِ ﷺ، ވަނީ ވަގުތާއި، ތަނުގެ ފްރޭމުން ބޭރުވެ ވަޑައިގެންފައެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އަބަދަށް ދެމިހުންނަ ވަގުތުކޮޅެކެވެ. އެކަލޭގެފާނަށް ފެށުމާއި، ނިމުން ފެނިވަޑައިގަތީ އެއް ޕޮއިންޓެއްގެ ގޮތުގައެވެ. އެ ރޭ، ސުވަރުގެއަށް ވަޑައިގެން، ސުވަރުގޭގައި ހުންނެވުމުން، އެތަކެއް ހާސް އަހަރު ފަހުން ސުވަރުގެ އަށް ދާނެ މީހުން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ ރޭންކު ގައި ފެނިވަޑައިގަތުމަކީ، މި ދުނިޔޭގައި ފެނިވަޑައިގަތުމެއް ނޫނެވެ. އެއީ، އާޚިރަތުގައި ފެނިވަޑައިގަންނަވާ ގޮތަށް ފެނިވަޑައިގަތުމެވެ".
رَسُوْلُ اللهِ ﷺ އަށް 'ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް ސަނާ ކިޔުއްވާށޭ!" އަމުރުފުޅުކުރެއްވުމުން، ވަގުތުން حديث ކުރެއްވި އެވެ. "التّحيّات لله و الصّلوات و طيّبات".
އެންމެ ފުރަތަމަ، الله تعالى "السّلام عليك أيّها النّبيّ و رحمة الله وبركاته" މިހެން ވަޙީކުރައްވައި އެކަލާނގެ ޙަބީބަށް މަރުޙަބާ ވަޙީކުރެއްވި އެވެ. رَسُوْلُ اللهِ ﷺ ޖަވާބު ދެންނެވި އެވެ: "السّلام علينا وعلى عباد الله السّلام".
މި ވާހަކަފުޅުތައް އަޑު އިވުމަށް ފަހު، ހުރިހާ ،މަލާއިކަތުން އެއް ފަހަރާ ވިދާޅުވި އެވެ: "أشهد أن لا إله إلّا الله و أشهد أنّ محمّدا عبده و رسوله".
"އެ ރޭ (މިޢުރާޖު ރޭ) ތިމަންކަލޭގެފާނުގެ އުއްމަތުގެ ޙިސާބުބެއްލެވުން ތިމަންކަލޭގެފާނާ ޙަވާލުކޮށްދެއްވުމަށް الله تعالى ގެ ޙަޟްރަތުގައި ދެންނެވީމެވެ".
حديث الشريف
رَسُوْلُ اللهِ ﷺ "السّلام علينا...." މިހެން حديث ކުރެއްވުމުން، الله تعالى ވަޙީކުރެއްވި އެވެ. "އޭ ތިމަންރަސްކަލާނގެ ޙަބީބެވެ! މި ތާ ގައި ތިމަންރަސްކަލާނގެ އާ ކަލޭގެފާނު ފިޔަވައި އިތުރު މީހެއް ނެތެވެ. ކަލޭގެފާނު علينا އޭ حديث ކުރެއްވީ ކީއްވެގެން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މާތް ﷲ އެވެ! އަޅާގެ އުއްމަތުގެ މީހުންތަކުގެ ހަށިތައް ތިމަން ކަލޭގެފާނާ އެކު ނެތެވެ. އެކަމަކު، އެ މީހުންގެ ރޫޙުތައް ވަނީ ތިމަންކަލޭގެފާނާ އެކުގައެވެ. އަޅާގެ ކުލުނާއި، ޝަފާޢަތްތެރިކަން އެ މީހުންނާ ދުރަކު ނުވެއެވެ. އިބަސުވާމީންގެ އަޅާ އަށް މަރުޙަބާ ވަޙީކުރައްވައި، ހުރިހާ ނުބައި ކަމަކުން ދުރުކުރެއްވީމު އެވެ. ފަހު ޒަމާނުގެ ފިތުނައިން ގެއްލުންވެގެން ދަތިޙާލުގައިވާ އަޅާގެ ނިކަމެތި އުއްމަތް އެ ފަދަ މަތިވެރި ރަޙްމަތަކާއި، ހަދިޔާތަކުން އަޅުގަނޑު މަޙްރޫމްކުރާނީ ކިހިނަކުން ތޯ އެވެ؟ އެފަދަ ނިޢުމަތަކުން އެބައި އަޅާ އެބައި މީހުން މަޙްރޫމްކުރާނީ ކިހިނަކުން ތޯ އެވެ"؟
الله تعالى ވަޙީކުރެއްވި އެވެ. "އޭ ތިމަންރަސްކަލާނގެ ޙަބީބެވެ! ކަލޭގެފާނަކީ، ތިމަންރަސްކަލާނގެ މިރޭގެ މެހްމާނެވެ. ކަލޭގެފާނު ބޭނުންފުޅުވާ ކޮންމެ ކަމެއް ތިމަންރަސްކަލާނގެ ޙަޟްރަތުން އެދިވަޑައިގަންނަވާށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "(އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ.) އަޅާ ބޭނުންވަނީ އަޅާގެ އުއްމަތެވެ".
އެއް ރިވާޔަތެއް ގައި އައިސްފައިވާ ގޮތުގައި، މާތް ﷲ މި ސުވާލު އެތައް ސަތޭކަ ފަހަރު ތަކުރާރު ކުރެއްވި އެވެ. رَسُوْلُ اللهِ ﷺ އަބަދު ވެސް ދެއްވެވީ އެއް ޖަވާބެކެވެ. އާދެ، "އަޅާ ބޭނުންވަނީ އަޅާގެ އުއްމަތެވެ"، މިހެންނެވެ. الله تعالى ވަޙީކުރެއްވީ، "ކަލޭގެފާނު އަބަދު ވެސް ބޭނުންފުޅުވަނީ ކަލޭގެފާނުގެ އުއްމަތެވެ"، މިހެންނެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅާ އަކީ އެދޭމީހާ އެވެ. އިބަރަސްކަލާނގެ އަކީ ދެއްވާ ފަރާތެވެ. އަޅާގެ މުޅި އުއްމަތަށް ޢަފޫކޮށްދެއްވާދޭވެ"! ދެން މާތް ﷲ ވަޙީކުރެއްވި އެވެ. "ކަލޭގެފާނަށް ޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މުޅި އުއްމަތަށް މިރޭ ތިމަންރަސްކަލާނގެ ޢަފޫކުރައްވައިފި ނަމަ، ތިމަންރަސްކަލާނގެ ރަޙްމަތާއި، ކަލޭގެފާނުގެ މަތިވެރިކަން ނުއެއް ފެންނާނެ އެވެ. ކަލޭގެފާނުގެ މުޅި އުއްމަތަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޓަކައި މިރޭ ޢަފޫކުރައްވައިފި ނަމަ، ތިމަންރަސްކަލާނގެ ރަޙްމަތާއި، ކަލޭގެފާނުގެ މަތިވެރިކަން ނުއެއް ފެންނާނެ އެވެ. ކަލޭގެފާނަށް ޓަކައި، ކަލޭގެފާނުގެ އުއްމަތުގެ ބައެއް މީހުންނަށް ކަލޭގެފާނަށްޓަކައި މިރޭ ޢަފޫކޮށްދެއްވައިފީމެވެ. ދެ ބަޔަކަށް ޢަފޫދެއްވުން ފަސްކުރެއްވީމެވެ. ޤިޔާމަތް ދުވަހު، ކަލޭގެފާނު އެދިވަޑައިގަންނަވާނެ އިރު، ތިމަންކަލޭގެފާނު ޢަފޫދެއްވާނަމެވެ. އޭރުން، ތިމަންރަސްކަލާނގެ ރަޙްމަތް، އަދި ކަލޭގެފާނުގެ ޝަރަފުވެރިކަން ފެންނާނެ އެވެ".
رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "އެ ރޭ (މިޢުރާޖު ރޭ) ތިމަންކަލޭގެފާނުގެ އުއްމަތުގެ ޙިސާބުބެއްލެވުން ތިމަންކަލޭގެފާނާ ޙަވާލުކޮށްދެއްވުމަށް الله تعالى ގެ ޙަޟްރަތުގައި ދެންނެވީމެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ. 'އޭ محمّدގެފާނެވެ! ތި އެދިލެއްވުމުން ކަލޭގެފާނު ބޭނުންފުޅުވަނީ، އެއްވެސް މީހަކަށް ކަލޭގެފާނުގެ އުއްމަތުގެ ގޯސް ކަންތައްތައް އެނގިފައި ނުވުމެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ގޮތަކީ، ކަލޭގެފާނުގެ އުއްމަތުގެ ގޯސް ކަންތައްތަކާއި، ނުބައި ޢަމަލުތައް އެހެން މީހުންނަށް ވަންހަނާވެފައި ވުމުގެ އިތުރަށް، ކަލޭގެފާނަކީ، އޯގާތެރި ރަސޫލަކަށް ވުމާ އެކު، ކަލޭގެފާނަށް ވެސް ވަންހަނާވެފައި އޮތުމެވެ. އޭ محمّدގެފާނެވެ! ކަލޭގެފާނަކީ، އެ މީހުންގެ މުރުޝިދެވެ. ކަލޭގެފާނު ވަނީ ވަރަށް ފަހުން އެ މީހުންނާ ބައްދަލުކުރައްވާފައެވެ. ފާއިތުވެދިޔަ މާޟީއިން ފެށިގެން އަބަދަށް، ތިމަންރަސްކަލާނގެ ވަނީ އެ މީހުންނަށް ބައްލަވައި، އަދި ގެންދަވަނީ އެ މީހުންނަށް ބައްލަވަމުންނެވެ. އޭ محمّدގެފާނެވެ! ކަލޭގެފާނުގެ އުއްމަތާ ވާހަކަދައްކަވަން ބޭނުންފުޅުނުވާ ނަމަ، ޤިޔާމަތް ދުވަހު ޙިސާބު ބެއްލެވުމަށް އެބައި މީހުންނަށް ނާންގަވާނަމެވެ. އެބައި މީހުންގެ އެއްވެސް ފާފައަކާ މެދު، ކުޑަ ނުވަތަ ބޮޑު ނަމަވެސް، ތިމަންރަސްކަލާނގެ ސުވާލުނުކުރައްވާނަމެވެ".
الله تعالى ވަޙީކުރެއްވި އެވެ. 'އޭ محمّدގެފާނެވެ! ކަލޭގެފާނުގެ ބަރަކާތްތެރި ލޯފުޅު ހުޅުއްވާލައްވާފައި ކަލޭގެފާނުގެ ފައިތިލަ އަށް ބައްލަވާށެވެ'. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ވެލިކޮޅެކެވެ. الله تعالى ވަޙީކުރެއްވި އެވެ. 'ހުރިހާ މަޚްލޫޤުންނަކީ ކަލޭގެފާނުގެ ފައިތިލައިގެ ވެއްޔެވެ. އެ ވެލި ކަލޭގެފާނު ގެންނެވީ އެކުވެރިޔާގެ ޙާޟިރަށް ތޯ އެވެ؟ ކަލޭގެފާނުގެ އުއްމަތަށް ޢަފޫކުރެއްވުމަކީ، ލޮބުވެތި ފަރާތެއްގެ ކަނޑިކީގައި ހޭކިފައި ހުންނަ ހިރަފުހާ ހެދި ޢަފޫކުރެއްވުމަށް ވުރެ ތިމަންރަސްކަލާނގެ އަށް ފަސޭހަ ކަމެކެވެ".
އޭ ތިމަންރަސްކަލާގެ ޙަބީބޭ، ކަލޭގެފާނުގެ އުއްމަތަށް ދެއްވަމޭ!
ތިމަންސުވާމީންގެ ސުވަރުގެ އެބައި މީހުންނަށް ދެއްވީމޭ.
އޭ ތިމަންރަސްކަލާނގެ ޙަބީބޭ، ކަލޭގެފާނުގެ އެދިވަޑައިގަތީ ކޮން ކަމެއް ތޯ އޭ،
ވެލިކޮޅަކުން، ކަލޭގެފާނު އާދޭސްކުރައްވަނީ ތޯ އޭ؟
އަހަރެމެންގެ ލޮބުވެތި ރަސޫލާ محمّد (صلّى الله عليه وسلّم) ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނު الله تعالى އަށް ވަރަށް ގިނަ ސުވާލު ދެންނެވީމެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު ލިބިވަޑައިގަތެވެ. ސުވާލުތައް ކުރެވުނީތީ ތިމަންކަލޭގެފާނު އެކަމާ ދެރަވަމެވެ. (އޭގެ ތެރެއިން ބައެއް ސުވާލުތަކަކީ:)
'އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ހަ ލައްކަ ފިޔަ جبريل (عليه السّلام) އަށް ދެއްވީމު އެވެ. އެއާ އަޅާބަލާ އިރު، އިބަރަސްކަލާނގެ އަޅާ އަށް ކޮށްދެއްވީ ކޮން ކަމެއް ތޯ އެވެ'؟ الله تعالى ވަޙީކުރެއްވި އެވެ. 'ތިމަންސުވާމީންގެ އަށް، ކަލޭގެފާނުގެ އެންމެ އިސްތަށްޓެއް ވެސް، جبريلގެފާނުގެ ހަ ލައްކަ ފިޔަ އަށް ވުރެ ލޮބުވެތިވެގެން ވެއެވެ. އެހެނީ، ކަލޭގެފާނުގެ އެންމެ އިސްތަށްޓަކަށް، ތިމަންސުވާމީންގެ އެތަކެއް ހާސް އުރެދިފައިވާ ފާފަވެރިން ޤިޔާމަތް ދުވަހު މިނިވަންކުރައްވާނަމެވެ. އޭ محمّدގެފާނެވެ! جبريل ގެފާނު އެކަލޭގެފާނުގެ ފިޔަތައް ހުޅުވާލައްވައިފި ނަމަ، އިރުމައްޗާއި، ހުޅަންގާ ދެމެދުގައި ވާ ތަން ފުރާލާނެ އެވެ. ކަލޭގެފާނު ޝަފާޢަތް ދެއްވައިފި ނަމަ، އުރެދިފައިވާ މީހުން އިރުން ހުޅަނގަށް އޮންނަ ތަން ފުރާލިޔަސް، އެ ހުރިހާ އެންމެންނަށް ތިމަންސުވާމީންގެ ޢަފޫކޮށްދެއްވާނަމެވެ'. ތިމަންކަލޭގެފާނު ދެންނެވީމެވެ. 'ތިމަންކަލޭގެފާނުގެ ބައްޕަ آدم (عليه السّلام) ގެ ކުރިފުޅުމަތީގައި ސަޖިދަކުރުމަށް އިބްސުވާމީންގެ މަލާއިކަތުންނަށް އަމުރުކުރެއްވީމު އެވެ. އެއާ އަޅާބަލާ އިރު، އިބަސުވާމީންގެ އަޅާ އަށް ދެއްވީ ކޮން ހަދިޔާއެއް ތޯ އެވެ'؟
މާތް ﷲ ވަޙީކުރެއްވި އެވެ. 'މަލާއިކަތުން آدمގެފާނުގެ ކުރިފުޅު މަތީ ގައި ސަޖިދަކުރެއްވީ، ކަލޭގެފާނުގެ ނޫރު آدم (عليه السّلام) ނިތްކުރިފުޅު ގައި ހުރުމުންނެވެ. އޭ محمّدގެފާނެވެ!. ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއަށް ވުރެ މާ މަތިވެރި ކަމެއް ދެއްވީމެވެ. ކަލޭގެފާނުގެ ނަންފުޅު ތިމަންސުވާމީންގެ އަރިހުގައި ލައްވައި، عرش الأعلى ގައި ލިޔުއްވީމެވެ. އެ ވަގުތު، آدم (عليه السّلام) އަދި ޚަލްޤުނުކުރައްވަމެވެ. އަދި އެކަލޭގެފާނުގެ ނަމެއް އަދި ޢަލާމާތެއް ނެތެވެ. އުޑުތަކުގެ ދޮރުތަކާއި، ޙިޖާބުތަކާއި، ސުވަރުގޭގެ ގޭޓާއި، ގަނޑުވަރުތަކާއި، ގަސްތަކާއި، ސުވަރުގޭގެ ހުރިހާ ތަނެއް ގައި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ނަން ލިޔުއްވީމެވެ. 'لا إله إلّا الله محمّد رَسُوْلُ اللهِ' މިހެން ލިޔެވިފައިނުވާ އެއްވެސް ތަނެއް ސުވަރުގޭގައި ނެތެވެ. މިއީ، آدم (عليه السّلام) އަށް ދެވިފައިވާ ދަރަޖަ އަށް ވުރެ މަތީ ދަރަޖައެކެވެ'.
ތިމަންސުވާމީންގެ ކަލޭގެފާނަށް ލޮބުވަތާއިގެން، މާތްކަމާއޭ،
ދެ ދުނިޔެ ކަލޭގެފާނަށް ނުލިބޭނީ ކިހިނަކުން ތޯ އޭ، ރިވެތި ކަމާއޭ.
ކަލޭގެފާނުގެ ވުޖޫދަކީ ތިމަންސުވާމީންގެ ލޯގަނޑު ކަމުގައި ހެއްދެވީމޭ،
ކަލޭގެފާނުގެ ނަން ތިމަންރަސްކަލާނގެ ނަމާ އެކު ލިޔުއްވީމޭ.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ނޫޙު (عليه السّلام) އަށް ނާކޮޅު ދެއްވީމު އެވެ. އެކަމާ އަޅާބަލާ އިރު، އިބަރަސްކަލާނގެ އަޅާ އަށް ދެއްވީ ކޮން ނިޢުމަތެއް ތޯ އެވެ'؟ އެކަލާނގެ ވަޙީކުރެއްވި އެވެ. 'ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބުރާޤު ދެއްވައި، ބިމުން ޢަރުޝި އަށް އެއް ރެއެއް ގައި އުފުއްލެވީމެވެ. ކަލޭގެފާނަށް ސުވަރުގެއާއި ނަރަކަ ފެނިވަޑައިގަތެވެ. އަދި ކަލޭގެފާނުގެ އުއްމަތަށް މިސްކިތްތައް ދެއްވީމެވެ. އޭރުން، ޤިޔާމަތް ދުވަހު، އެބައި މީހުން ނަވަކަށް އަރާ ފަދައިން އެ މިސްކިތްތަކަށް އަރައި، ލޮލުގެ އެސްފިޔަ ޖަހާހާ އަވަހަށް ޞިރާޠު މަގު ހުރަސްކުރެވި ނަރަކަ އިން މިންޖުވާނެ އެވެ'.
'އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރސްކަލާނގެ މަންނަ އާއި ސަލްވާ އިސްރާއީލު ބާގައިގެ މީހުންނަށް ދެއްވީމުއެވެ'. މާތް ﷲ ވަޙީކުރެއްވި އެވެ. 'ތިމަންރަސްކަލާނގެ ކަލޭގެފާނުގެ އުއްމަތަށް ދުނިޔެއާއި އާޚިރަތުގެ ނިޢުމަތްތައް ދެއްވީމެވެ. އިސްރާއީލު ބާގައިގެ މީހުންގެ ސޫރަ އިންސާނީ ސޫރައިން ސާރިދޯޅާއި، ރާމާމަކުނާއި، އޫރުގެ ސިފަޔަށް ބަދަލުކުރެއްވީމެވެ. ކަލޭގެފާނުގެ އުއްމަތަށް އެއްވެސް މީހަކަށް ތިމަންރަސްކަލާނގެ އެ ގޮތަށް ނަހައްދަވަމެވެ. އިސްރާއީލު ބާގައިގެ މީހުން ކުޅަ ފަދަ ކަންތައް ކުރިޔަސް، އެ މީހުންނަށް އެކަށީގެންވާ އެފަދަ ބޮޑު މުޞީބާތެއް ނުޖައްސަވަމެވެ. އޭ محمّدގެފާނެވެ! ތައުރާތާއި އިންޖީލުގައި ނެތް ފަދަ ސޫރަތެއް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ. އެ ސޫރަތަކީ سورة الفاتحة އެވެ. އެ ސޫރަތް ކިޔަވާ ކޮންމެ މީހެއްގެ ހަށިގަނޑު ނަރަކަ އަށް ޙަރާމްވާނެ އެވެ. އެ މީހެއްގެ މައިންބަފައިންގެ ޢަޒާބު ތިމަން ރަސްކަލާނގެ ލުއިކޮށްދެއްވާހުށީމެވެ. އޭ محمّدގެފާނެވެ! ކަލޭގެފާނަށް ވުރެ މަރިވެރިވެގެންވާ އެހެން އެއްވެސް މަޚްލޫޤެއް ތިމަންރަސްކަލާނގެ ޚަލްޤުނުކުރައްވަމެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އުއްމަތަށް ކޮންމެ ރެއަކާއި ދުވާލު 50 ނަމާދު ފަރްޟްކުރެއްވީމެވެ.
"މިޢުރާޖަކީ، ބުއްދީގެ ހަމަތައް ނިމި އީމާންކަން ފެށޭ ތަނެވެ".
حديث الشريف
'އޭ محمّد ގެފާނެވެ! ސުވަރުގެ ޙައްޤުވެގެންވަނީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ތިމަންރަސްކަލާނގެ އަށް ޝަރީކުނުކުރާ މީހަކަށެވެ.ކަލޭގެފާނުގެ އުއްމަތުގައި ތިބި އެފަދަ މީހުންނަށް ތިމަންރަސްކަލާނގެ ނަރަކަ ޙަރާމްކުރެއްވީމެވެ. ތިމަންރަސްކަލާނގެ ރަޙުމްވަންތަކަން ވަނީ، ކަލޭގެފާނުގެ އުއްމަތަށް ދެއްވާ ޢަޒާބު ފަހަނައަޅައި ގޮސްފައެވެ.
'އޭ محمّد ގެފާނެވެ! ތިމަންރަސްކަލާނގެ ނަޒަރުފުޅުން ހުރިހާ އެންމެންނަށް ވުރެ، ކަލޭގެފާނު މާ އޯގާވެރިވެފައި، މާ ޝަރަފުވެރި އެވެ. ޤިޔާމަތް ދުވަހު، އެންމެން ޙައިރާންވެ އަންތަރީސް ވާ ވަރުގެ ނިޢުމަތްތައް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވާހުށީމެވެ. އޭ ތިމަންސުވާމީންގެ ޙަބީބެވެ! ކަލޭގެފާނު ސުވަރުގެ އަށް ވަންނަވަންދެން، އެހެން ރަސޫލުންނާއި، އެ ބޭކަލުންގެ އުއްމަތްތަކަށް ސުވަރުގެ ވެންނެވުން ވަނީ ޙަރާމްކުރެވިގެންނެވެ. ކަލޭގެފާނުގެ އުއްމަތުން ވަދެފުމަށް ދާންދެން އެހެން އުއްމަތްތަކުން ނުވަންނާނެ އެވެ. އޭ محمّدގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އުއްމަތަށް ޓަކައި ތިމަންރަސްކާލނގެ ތައްޔާރުކުރައްވާފައިވަނީ ކޯއްޗެއްކަން ދެކެވަޑައިގަންނަވަން ބޭނުންފުޅު ތޯ އެވެ'؟ ތިމަންކަލޭގެފާބު ދެންނެވީމެވެ. 'އާދޭހެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، އަޅާ ބޭނުމެވެ'! إسرافيل (عليه السّلام) އަށް މުޚާޠަބުކުރައްވާ އެކަލާނގެ ވަޙީކުރެއްވި އެވެ. 'އޭ إسرافيل އެވެ! ތިމަންރަސްކަލާނގެ ޙަބީބަށް ސުވަރުގެ އާއި ސުވަރުގޭގައި އެކަލޭގެފާނަށާއި، އެކަލޭގެފާނަށް ތައްޔާރުކުރައްވާފައިވަނީ ކޯއްޗެއްކަން އެކަލޭގެފާނަށް ދެއްކެވުމަށް ތިމަންރަސްކަލާނގެ އަޅާ އަދި އިތުބާރުހިފޭ ވަޙީ އުފުއްލަވާ جبريل (عليه السّلام) އަށް ވިދާޅުވާށެވެ. އެއީ، އެކަލޭގެފާނުގެ ބަރަކާތްތެރި ސިކުނޑިން ކަންބޮޑުވުން ފިލައިދަންދެނެވެ'".
އަހަރެމެންގެ ލޮބުވެތި ރަސޫލާ، ޢާލަމްތަކުގެ ސައްޔިދު محمّد (صلّى الله عليه وسلّم) إسرافيل (عليه السّلام) އާ އެކު جبريل (عليه السّلام) ގެ އަރިހަށް ވަޑައިގެންފި އެވެ. الله تعالى ގެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް ޓަކައި، جبريل (عليه السّلام) رَسُوْلُ اللهِ ﷺ ސުވަރުގެ އަށް ގެންދެވި އެވެ. މަލާއިކަތުން ގެންދެވީ، ދެ އަތުން ތަށިތަކެއް ހިއްޕަވައިގެން ތިއްބަވާ، رَسُوْلُ اللهِ ﷺ އަށް އިންތިޒާރު ކުރައްވަމުންނެވެ. އެއް އަތުގައި ސުވަރުގޭގެ ހެދުމެވެ. އަދި އަނެއް އަތުގައި ނޫރެވެ. جبريل (عليه السّلام) ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! މި މަލާއިކަތުން ޚަލްޤުކުރައްވާފައިވަނީ آدم (عليه السّلام) ގެ އަށްޑިހަ ހާސް އަހަރު ކުރިންނެވެ. އެ ބޭކަލުން އިންތިޒާރުކުރައްވަމުން އެ ގެންދަވަނީ، ކަލޭގެފާނާއި، ކަލޭގެފާނުގެ އުއްމަތަށް އެ ތަށިތަކުގައިވާ އެއްޗެއް އޮއްސާލެއްވުމަށެވެ. ޤިޔާމަތް ދުވަހު، ކަލޭގެފާނާއި، ކަލޭގެފާނުގެ އުއްމަތުގެ މީހުން ސުވަރުގޭގެ ދޮރުކޮޅުން، الله تعالى ގެ އަމުރުފުޅާ އެކު ވަންނަވާ ހިނދު، މި މަލާއިކަތުން އެ ތަށިތަކުގައިވާ ޖަވާހިރުތައް ކަލޭގެފާނުގެ މައްޗަށް އޮއްސާލައްވާނެ އެވެ". ސުވަރުގޭގެ އިސް މަލާއިކަތާ رضوان އެ ބޭކަލުންނަށް މަރުޙަބާ ދެންނެވި އެވެ. رَسُوْلُ اللهِ ﷺ އަށް އުފާވެރި ޚަބަރުތައް ދެއްވަމުން އެކަލޭގެފާނު ވިދާޅުވި އެވެ. "ސުވަރުގެ ލެއްވެވީ ތިން ބަޔަކަށެވެ. އޭގެ ތެރެއިން ދެ ބައި ކަލޭގެފާނުގެ އުއްމަތަށް އަދި ބާކީ ބައި އެހެން ރަސޫލުންގެ އުއްމަތްތަކަށެވެ". އެއާއެކު، رَسُوْلُ اللهِ ﷺ އަށް މުޅި ސުވަރުގެ ދެއްކެވި އެވެ.
رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނަށް ސުވަރުގޭގެ މެދުން ކޯރެއް ފެނިވަޑައިގަތެވެ. އެ ކޯރު ދައުރުވަނީ عرش ގެ މަތިންނެވެ. ފެނާއި، ކިރާއި، ޚަމްރާއި، މާމުއި ފޯދިގެން އަންނަނީ އެއް ތަނަކުންނެވެ. އެކަމަކު އެއިން އެ ބުއިންތައް މަސްހުނިވެގެނެއް ނުދެއެވެ. އެ ކޯރުގެ އައްސޭރި ފަށުގައި ހުންނަނީ ރަބަރުޖުދެވެ. އެ ކޯރުގައި ހުންނަ ވެއްޔަކީ ޖަވާހިރެވެ؛ އަދި އެ ކޯރުގެ މަށްޓަކީ ޢަންބަރެވެ. އަދި އެ ކޯރުގެ ވިނަ އަކީ ސަފްރޯނެވެ. އެ ކޯރުގެ ވަށައިގެން ރިހިކުލައިގެ ރަށިތަކެއް ހުށްޓެވެ؛ އެ ތަށިތަކުގެ ޢަދަދު އުޑުގެ ތަރިތަކަށް ވުރެ ގިނަ އެވެ. އެ ތަނުގެ ވަށައިގެން ތިބީ ދޫނިތަކެކެވެ؛ އެ ދޫނިތަކުގެ ކަރުތައް ޖަމަލުގެ ކަރު ފަދަ އެވެ. އެ ދޫނިތަކުގެ މަސް ކައި، އެ ކޯރުން ފެން ބޯ ކޮންމެ މީހަކަށް ގެ ރިޟާ (ރުއްސެވުން) ލިބެއެވެ. ތިމަންކަލޭގެފާނު جبريل (عليه السّلام) ގެ އަރިހުން އެއްސެވީމެވެ. 'މިއީ ކޮން ކޯރެއް ތޯ އެވެ'؟ އެކަލޭގެފާނު ވިދާޅުވި އެވެ. 'މިއީ ކައުޘަރެވެ. މިއީ الله تعالى ކަލޭގެފާނަށް ދެއްވާ ކޯރެވެ. ކައުޘަރޭ ކިޔުނު މި އާރުން ފެން ދައުރުވެގެން ގޮސް ފައިބަނީ އަށް ސުވަރުގޭގައި ވާ ބަގީޗާތަކަށެވެ. މި ކޯރުގެ އައްސޭރީ ގައި ޓެންޓުތަކެއް ޖަހާފައި ހުއްޓާ ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ ހުރިހާ ޓެންޓުތަކެއް ހެދިފައިވަނީ ހުރީ އިތާމުތާއި، ޔާޤޫތުންނެވެ. ތިމަންކަލޭގެފާނު جبريل (عليه السّلام) ގެ އަރިހުން އެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. 'އެއީ ކަލޭގެފާނުގެ އަނބިކަނބަލުންތަކުގެ ގެތަކެވެ'. އެ ޓެންޓުތަކުގެ ޙޫރުން (ސުވަރުގޭގެ މެއިޑުން) ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެކަނބަލުންގެ މޫނުތައް އިރު ފަދައިން ވިދަމުން ދިޔައެވެ. އަދި އެ ކަނބަލުން ވާހަކަދައްކަމުން ދިޔައީ ތަފާތު އެކި ރީތި ރާގުތަކުންނެވެ. އެކނަބަލުން ބުނެތެވެ. 'އަހަރެމެން މިތިބީ އުފަލުން ހިތްއުފާކޮށްދޭށެވެ. އަހަރެމެންނަކަށް ހިތާމައެއް ނާދެއެވެ. އަހަރެމެން ތިބެނީ ނިވައިކޮށެވެ. އަދި އެއްގޮތަކަށް ވެސް އޮރިޔާނެއް ނުވަމުއެވެ. އަހަރެމެން ޒުވާނެވެ؛ އަދި ދުވަހަކު ވެސް މުސްކުޅިއެއް ނުވާނެ އެވެ. އަހަރެމެންނަކީ ރަނގަޅު މިޒާޖެއްގެ ބައެކެވެ؛ އެއްގޮތަކަށް ވެސް ރުޅިއެއް ނާދެއެވެ. އަހަރެމެން އަބަދު ވެސް އުޅެމުއެވެ؛ އަހަރެމެން އެއްގޮތަކަށް ވެސް މަރެއް ނުވެއެވެ'. ގަނޑުވަރުތަކާއި، ނިޢުމަތުގެ ގަސްތަކާ ހަމައަށް ފޯރާފައިވާ އެކަނބަލުންގެ ލަވަތަކާއި އަޑުތައް ހުރިހާ ދިމާލަކަށް ވަނީ ފެތުރިފައެވެ. އެކަނބަލުންގެ އަޑު ރީތި ވަރަކީ، އެ ކަނބަލުންގެ ލަވަތަކުގެ އަޑުތައް މި ދުނިޔެ އަށް ފޯރައިފި ނަމަ، މި ދުނިޔޭގައި މަރާއި، ބަލިމަޑުކަން އެއްގޮތަކަށް ވެސް ނޯންނާނެ އެވެ. جبريل (عليه السّلام) ތިމަންކަލޭގެފާނުގެ އަރިހުން އެއްސެވި އެވެ. 'ކަލޭގެފާނު އެ ކަނބަލުންގެ މޫނުތައް ދެކެވަޑައިގަންނަވަން ބޭނުންފުޅު ތޯ އެވެ'؟ ތިމަންކަލޭގެފާނު 'އާދޭހޭ' ދެންނެވީމެވެ. އެކަލޭގެފާނު އޭގެ ޓެންޓެއްގެ ދޮރު ހުޅުވާލެއްވި އެވެ. ތިމަންކަލޭގެފާނު ބެއްލެވީމެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވި ރިތިކަން ސިފަކޮށްދެއްވަން ތިމަންކަލޭގެފާނުގެ މުޅި ޢުމުރު ހޭދަކުރެއްވިޔަސް ނުނިމޭނެ ވަރުގެ ރިވެތި ބައެކެވެ. އެބައި މީހުންގެ މޫނުތައް ކިރަށް ވުރެ ހުދުވެފައި، އެބައި މީހުންގެ ކޯތާފަތްތައް ޔާގޫތަށް ވުރެ ރަތްވެފައި، އިރަށް ވުރެ އަލިކަން ގަދައެވެ. އެބައި މީހުންގެ ހަންގަނޑު ފަށުވި އަށް ވުރެ މަޑެވެފައި ހަނދު ފަދައިން އައްޔެވެ؛ އެބައި މީހުންގެ ހަށިގަނޑުން ދުވާ ވަސް މަސްކުގެ ވަހަށް ވުރެ މީރެވެ. އެބައި މީހުންގެ ބޮލުގެ އިސްތަށިގަނޑު ވަރަށް ކަޅުވެފައި، ބައެއް މީހުންގެ އިސްތަށިގަނޑު ގަތާފައި ހުރި އިރު، އަނެއް ބައި މީހުންގެ އިސްތަށިގަނޑު ހުރީ ފަހަތަށް ބަދެފައެވެ. އަދި އަނެއް ބައި މީހުންގެ އިސްތަށިގަނޑު ހުރީ ދޫކޮށެވެ. އޭރުން އެބައި މީހުން އިށީންނަ އިރު، އިސްތަށިގަނޑު ހުންނާނީ ވަށައިގެންވާ ޓެންޓެއް ގޮތަށެވެ؛ އަދި ކޮޅަށް ތެދުވެއްޖެ ނަމަ، އެބައި މީހުންގެ އިސްތަށިގަނޑު ފައިތިލައާ ހަމައަށް ފޯރައެވެ. އެއިން ކޮންމެ މީހެއްގެ ކުރިމަތީ ގައި ހުރީ މެއިޑެކެވެ. جبريل (عليه السّلام) ވިދާޅުވި އެވެ. 'އެއީ ކަލޭގެފާނުގެ އުއްމަތަށް ވާ ބައެވެ'".
رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަށް ބަގީޗާތަކާއި ވިނެޔާޑުތަކާއި، 8 ސުވަރުގޭގެ ނިޢުމަތްތައް ފެނިވަޑައިގައެވެ. ތިމަނަކަލޭގެފާނުގެ ހިތްޕުޅަށް އެރީ، ނަރަކަ އާއި އެ ނަރަކައިގެ އެކި ދަރަޖަތައް ވެސް ދެކެލައްވަން ބޭނުންފުޅުވާ ކަމެވެ. ތިމަންކަލޭގެފާނުގެ އަތްޕުޅު ގައި ހިއްޕެވުމަށް ފަހު، جبريل (عليه السّلام) ގެންދެވީ ނަރަކައިގެ އެންމެ އިސް މަލާއިކަތާ މާލިކުގެ އަރިހަށެވެ. އަދި ވިދާޅުވި އެވެ. 'އޭ މާލިކެވެ! رَسُوْلُ اللهِ ﷺ ބޭނުންފުޅުވަނީ، ޖަހަންނަމައިގައި ވާ ޢަދުއްވުންގެ ތަންތަން ބައްލަވާލެއްވުމަށެވެ. އެކަލޭގެފާނަށް ނަރަކަ ދައްކަވާށެވެ'". ނަރަކައިގެ ކަވަރ، މާލިކު ނެންގެވުމުން، ވަރަށް ބޮޑަށް ކެކި އަރަން ފެށުމުން، އެތާމގައިވާ ކޮންމެ އެއްޗެއް ގައި އަލިފާންހިފައި، ރޯވެ، ދެވޭ ޢަޒާބުތައް ކަމުގައިވާ ފެންބޮވައިގަތުމާއި، ހިލިހިލާތަކާއި، ހަރުފަތަކާއި، ނަގުލަންދާށިތަކާއި، ދެވޭ އެހެން ޢަޒާބުތައް رَسُوْلُ اللهِ ﷺ އަށް ކައިރިން ފެނިވަޑައިގަތެވެ.
"އޭ ތިމަންރަސްކަލާނގެ ޙަބީބެވެ! ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ކޮންމެ މީހަކު ނަރަކައިގެ ޢަޒާބާއި، އަދަބުން ސަލާމަތްކުރެވި، ތިމަންރަސްކަލާނގެ އޯގާވެރިކަން ލިބި، ސުވަރުގޭގައި ތިމަންރަސްކަނާގެ ފެނުމުގެ ޝަރަފު ލިބޭނެ އެވެ.".
حديث الشريف
"ނަރަކައިގެ އެކި ލޭޔަރތައް މާލިކު ކަޝްފުކުރެއްވި އެވެ. ހުރިހާ ލޭޔަރތަކެއް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. ހަތް ވަނަ ލޭޔަރަށް ކިޔެނީ ޙާވިޔާ އެވެ. އެ ތާނގައި ދެވޭ ޢަޒާބު، އެހެން ލޭޔަރުތަކުގައި ދެވޭ ޢަޒާބަށް ވުރެ އެތައް ގުނަޔަކަށް ބޮޑުވެގެން ވެއެވެ. ތިމަންކަލޭގެފާނު މާލިކަށް ދެންނެވީމެވެ. 'މި ލޭޔަރ ގައި ޢަޒާބުދެވޭނީ ކޮން ގްރޫޕަކަށް ތޯ އެވެ'؟ މާލިކުގެފާނު ޖަވާބު ދެއްވި އެވެ. 'ފިރުޢައުނާއި، ޤާރޫނާއި، ކަލޭގެފާނުގެ އުއްމަތުގެ މުނާފިޤުންނަށް ޢަޒާބު ދެވޭނީ މި ލޭޔަރ ގައެވެ. ކާފިރުންނަށް ޢަޒާބު ދެވޭނީ މި ތަނުގައެވެ. ހަ ވަނަ ލޭޔަރ އަކީ، ލަޟްޔު އެވެ. ދީން ޤަބޫލުނުކުރާ މީހުންނަށް ޢަޒާބު ދެވޭނީ މި ތަނުގައެވެ. ފަސް ވަނަ ލޭޔަރ އަކީ ޙުޠަމާ އެވެ. އަލިފާނަށް ނުވަތަ ގެރިއަށް އަޅުކަންކޮށް އުޅުނު މީހުންނާއި، ބުދުދީނުގެ މީހުންނަށް ޢަޒާބުދެވޭނީ މި ލޭޔަރގައެވެ. ހަތަރު ވަނަ ލޭޔަރ އަކީ ޖަޙީމެވެ. އިރަށާއި، ތަރިތަކަށް އަޅުކަން ކޮށްއުޅުނު މީހުންނަށް ޢަޒާބު ދެވޭނީ އެ ލޭޔަރގައެވެ. ތިން ވަނަ ލޭޔަރ އަކީ ސަޤަރެވެ. ކްރިސްޓިއަނުންނަށް ޢަޒާބު ދެވޭނީ އެ ލޭޔަރގައެވެ. ދެ ވަނަ ލޭޔަރ އަކީ ސަޢީރެވެ. ޔަހޫދީންނަށް ޢަޒާބު ދެވޭނީ މި ތަނުގައެވެ. ފުރަތަމަ ލޭޔަރަކީ، ޖަހަންނަމް އެވެ. މި ލޭޔަރ ގައި ދެވޭ ޢަޒާބު އެހެން ލޭޔަރތަކުގައި ދެވޭ ޢަޒާބަށް ވުރެ ކުޑަވާނެ އެވެ. (އެއާ އެކު ވެސް) ހަތްދިހަ ހާސް އަލިފާން ކަނޑު މި ލޭޔަރުން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެއިން ކޮންމެ ކަނޑެއްގެ ވެސް ބޮޑު މިން ހުރި ވަރަކީ، ޢާލަމްތަކާއި، އުޑުތައް އެއިން ކަނޑަކަށް އެއްލާލެވި، މަލާއިކަތަކު ޢައްޔަންކުރެވި، އެއްހާސް އަހަރު ވަންދެން އެ މަލާއިކަތާ އެ ތަކެތި ހޯއްދަވަން އުޅުއްވިޔަސް ނުފެންނާނެ އެވެ. ޒަބާނީން ސައިޒުން ބޮޑު މިންވަރަކީ، އެއިން ބޭކަލަކު ޢާލަމްތަކާއި، އުޑުތައް އެ ބޭކަލެއްގެ އަނގައިގެ އެއް ފަޅިއަށް ލެއްވިޔަސް، އެ ތަކެތި ނުފެންނާނެ އެވެ. އެ ކަނޑުތަކުގައި ރާޅުނަގައި ބިރުވެރި އަޑުތައް އިވޭނެ އެވެ. އެ އަޑުގެ ކުޑަ މިންވަރެއް މި ދުނިޔެ އަށް އަތުވެއްޖެ ނަމަ ހުރިހާ ދިރުން ލެއްވި ތަކެތި މަރުވެގެންދާނެ އެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'މި ލޭޔަރ އަކީ ކޮން ބަޔަކަށް ހުރި ތަނެއް ތޯ އެވެ'؟ مالك (عليه السّلام) ޖަވާބެއް ނުދެއްވި އެވެ. ތިމަންކަލޭގެފާނު އަނެއްކާ ވެސް އައްސަވައިފީމެވެ. ދެން ވެސް ހުންނެވީ އެއްޗެއް ވިދާޅުނުވެ އެވެ....
جبريل (عليه السّلام)، مالك (عليه السّلام) އަށް ވިދާޅުވި އެވެ. 'އެކަލޭގެފާނު އެ އިންތިޒާރުކުރައްވަނީ، ކަލޭގެފާނު ދެއްވާނެ ޖަވާބަކަށެވެ'. مالك (عليه السّلام) މާފަށް އެދިވަޑައިގެން ވިދާޅުވި އެވެ. 'އަޅުގަނޑަށް މާފުކޮށްދެއްވާށެވެ'. ތިމަންކަލޭގެފާނު حديثކުރެއްވީމެވެ. 'އެއީ ކޮންމެ ތަނެއް ކަމަށް ވިޔަސް، ޖަވާބެއް ދެއްވާށެވެ. ޙައްލެއް ހޯދޭނީ އޭރުންނެވެ'. مالك (عليه السّلام) ޖަވާބު ދެއްވި އެވެ. 'ﷲ ގެ ރަސޫލާ އެވެ! އެއީ ކަލޭގެފާނުގެ އުއްމަތުގެ ނުކިޔަމަންތެރި މީހުންނަށް ހުރި ތަނެކެވެ. އެ މީހުންނަށް ނަސޭޙަތްދެއްވާށެވެ. މި ބިރުވެރި ތަނުން އެ މީހުން ސަލާމަތްވެ، މި ތަނަށް ވަނުމަށް މަގުފަހުވާނެ ކަންތައްތަކުން ދުރުވެވޭނީ އޭރުންނެވެ. އެ ދުވަހަކުން، އުރެދުނު މީހުންނަށް ތިމަންކަލޭގެފާނު ހަމްދަރުދީއެއް ވެވަޑައިނުގަންނަވާނަމެވެ. ހުދު ތުނބުޅިލީ މުސްކުޅީން ނުވަތަ އެ ފަދަ ޅަ ޒުވާނުންނަށް ވެސް ތިމަންކަލޭގެފާނުގެ އޯގާތެރިކަމެއް ނުދައްކަވާނަމެވެ'".
ޢާލަމްތަކުގެ ސައްޔިދު ދެން ކަރުނަ އޮއްސަވަން ފަށްޓަވައިފި އެވެ. އެކަލޭގެފާނުގެ ތާކިހާ އެކަލޭގެފާނުގެ ބަރަކާތްތެރި އިސްތަށިފުޅުން ނެންގެވުމަށް ފަހު، ޝަފާޢަތް ދެއްވުމަށް ފަށްޓަވައި، (الله تعالى އަށް) އާދޭސް ދަންނަވަން ފަށްޓަވައިފި އެވެ. އެކަލޭގެފާނު ދަންނަވަމުން ގެންދެވީ، އެކަލޭގެފާނުގެ އުއްމަތަކީ ނިކަމެތި އުއްމަތެއް ކަމަށާއި، އެ މީހުންނަށް އެފަދަ ޢަޒާބަކަށް ކެތްނުކުރެވޭނެ ކަމަށެވެ. رَسُوْلُ اللهِ ﷺ ކީރިތި ކުރެއްވިލެއް ބޮޑުކަމުން އާއި އެހެން މަލާއިކަތުންގެ ލޮލުން ވެސް ކަރުނަ އޮހިގެންދިޔަ އެވެ. الله تعالى ވަޙީކުރެއްވި އެވެ. "އޭ ތިމަންރަސްކަލާނގެ ޙަބީބެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުގައި ކަލޭގެފާނު ޝަރަފުވެރިކަމާއި، އަގު ބޮޑެވެ؛ ކަލޭގެފާނުގެ ދުޢާ ޤަބޫލުރެވިއްޖެ އެވެ. ކަލޭގެފާނުގެ އެދުން ތިމަންރަސްކަލާނގެ އިޖާބަކުރައްވައިފިކަމުގެ ހިތްހަމަޖެހުން ހޯއްދަވާށެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވާ ދަރަޖައިގެ މަތިވެރިކަން ހުރި މިންވަރަކީ، ކަލޭގެފާނު އާދޭސްފުޅާ އެކު، އުރެދިފައިވާ ގިނަ ބަޔަކަށް ތިމަންރަސްކަލާނގެ ޢަފޫކޮށްދެއްވާނަމެވެ. ކަލޭގެފާނު ފުދިއްޖެއޭ ވިދާޅުވަންދެނެވެ. އޭ ތިމަންރަސްކަލާނގެ ޙަބީބެވެ! ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ކޮންމެ މީހަކު ނަރަކައިގެ ޢަޒާބާއި، އަދަބުން ސަލާމަތްކުރެވި، ތިމަންރަސްކަލާނގެ އޯގާވެރިކަން ލިބި، ސުވަރުގޭގައި ތިމަންރަސްކަނާގެ ފެނުމުގެ ޝަރަފު ލިބޭނެ އެވެ. ކަލޭގެފާނަށާއި، ކަލޭގެފާނުގެ އުއްމަތަށް ރޭގަނޑާއި ދުވާލު ގަޑީގައި ފަންސާސް ނަމާދު ލެއްވީމެވެ".
رَسُوْلُ اللهِ ﷺ ކުރިޔަށް ގެންދެވި އެވެ. އެ ލޭޔަރަށް ފަހު، ތިމަންކަލޭގެފާނަށް عرش އާ ހަމައަށް ވާޞިލުވެވިއްޖެ އެވެ. އުޑުތައް ކަޑައްތުކުރައްވަމުން ގޮސް، موسى (عليه السّلام) ހުންނެވި ހިސާބަށް ވަޑައިގެންނެވިއްޖެ އެވެ. موسى (عليه السّلام) އެއްސެވި އެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އުއްމަތުގެ މައްޗަށް الله تعالى ފަރްޟްކުރެއްވީ ކޮން ކަމެއް ތޯ އެވެ'؟ ތިމަންކަލޭގެފާނު حديث ކުރެއްވީމެވެ. 'އެކަލާނގެ ތިމަންކަލޭގެފާނުގެ މައްޗަށް ފަރްޟްކުރެއްވީ، ކޮންމެ ރެއަކާއި، ދުވާލަކު ފަންސާސް ފަހަރު ނަމާދުކުރުމަށެވެ'. ދެން އެކަލޭގެފާނު ވިދާޅުވި އެވެ. 'ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް އެނބުރި ވަޑައިގެން ތަންކޮޅެއް ލުއިކޮށް ދެއްވުމަށް ދަންނަވާށެވެ. އެހެނީ މިހާރު ފަރްޟްކުރައްވާފައިވާ މިންވަރަށް ކަލޭގެފާނުގެ އުއްމަތަށް އެކަން ނުކުރެވޭނެ އެވެ. ތިމަންކަލޭގެފާނު އިސްރާއީލުގެ ދަރިކޮޅުގެ މީހުން ޓެސްޓްކޮށް އިމްތިޙާނު ކޮށްފީމެވެ'. އެއާއެކު، ތިމަންކަލޭގެފާނު އެނބުރި އަޅާ ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާނގެ ޙަޟްރަތަށް ވަޑައިގެން ދެންނެވީމެވެ. 'ހައްދަވައިބޮޑުކުރެއްވި ރަސްކަލާނކޮ! މި އަމުރު އަޅާގެ އުއްމަތުގެ މައްޗަށް ތަންކޮޅެއް ލުއިކޮށްދެއްވާދޭވެ'! ދެން، އެކަލާނގެ ފަންސާހުގެ ތެރެއިން މަދުކޮށްދެއްވީ އެންމެ ފަސް ފަހަރު އެވެ. ތިމަންކަލޭގެފާނު އެނބުރި موسى (عليه السّلام) ގެ އަރިހަށް ވަޑައިގެން، އެކަލާނގެ ފަސް ފަހަރު މަދުކުރެއްވި ވާހަކަ ދަންނަވައިފީމެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. 'ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް އެނބުރި ވަޑައިގެން ތަންކޮޅެއް ލުއިކޮށް ދެއްވުމަށް ދަންނަވާށެވެ. އެހެނީ މިހާރު ފަރްޟްކުރައްވާފައިވާ މިންވަރަށް ކަލޭގެފާނުގެ އުއްމަތަށް އެކަން ނުކުރެވޭނެ އެވެ'. އެހެންކަމުން، ތިމަންކަލޭގެފާނު موسى (عليه السّلام) އާ އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އާ ދެމެދު އެއް ކޮޅުން އަނެއް ކޮޅަށް ވަޑައިގަތީމެވެ. އަދި އެންމެ ފަހުން، الله تعالى ވަޙީކުރެއްވީ، "ތިމަންރަސްކަލާނގެ މި ނަމާދު މިހާރު ފަސް ފަހަރު މަދުކުރައްވައިފީމެވެ. ކޮންމެ ނަމާދަކަށް ދިހަ ސަވާބި އެބަ ލިބެއެބެ. އެހެންކަމުން، އެ ވެގެންދަނީ އަނެއްކާ ވެސް ފަންސާސް ފަހަރަށެވެ. އަދި އެއް ޘަވާބު ހޯދުމަށް ނިޔަތް ގަން މީހާ އަށް އެއް ޘަވާބު ލިބޭހުއްޓެވެ. އެކަމަކު، އޭނާ އަށް އެ ޘަވާބު ހޯދުމަށް މަސައްކަތް ކޮށްފި ނަމަ އޭނާ އަށް އެއް ޘަވާބުގެ ބަދަލުގައި ދިހަ ޘަވާބު ލިބޭ ހުއްޓެވެ. އެހެން ނަމަވެސް، އޭނާ ފާފައެއް ކުރުމަށް ނިޔަތްގަނެ އެކަން ނުކޮށްފި ނަމަ، އެއްވެސް އެއްޗެއް ނުލިޔެވޭ ހުއްޓެވެ. އެކަމަކު، އޭނާ އެ ފާފަ ކޮށްފި ނަމަ، ރިކޯޑުކުރެވޭނީ އެއް ފަފަ ކުރި ކަމަށެވެ'. ދެން ތިމަންކަލޭގެފާނު އެނބުރި موسى (عليه السّلام) އަރިހަށް ވަޑައިގެން، ޙާލަތު ކިޔައިދީފީމެވެ. އަނެއްކާ ވެސް، އެކަލޭގެފާނު ވިދާޅުވީ 'ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް އެނބުރި ވަޑައިގެން ތަންކޮޅެއް ލުއިކޮށް ދެއްވުމަށް ދަންނަވާށެވެ'، މިހެންނެވެ. އެއާ އެކު ތިމަންކަލޭގެފާނު ދެންނެވީމެވެ. 'މިހާތަނަށް ތިމަންކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް މާ ގިނަ ފަހަރު ދަންނަވާފައިވާތީ ދެން އިތުރަށް ދަންނަވަން މިހާރު ލަދުގަނެއެވެ'".5
އެހެންކަމުން، ތަޙައްމަލުކުރައްވަން ޖެހިވަޑައިގެންނެވި އަނިޔާތަކާއި ދުއްތުރާތަކުން ހިތްދަތިވެފައިވާ رَسُوْلُ اللهِ ﷺ ގެ ހިތްޕުޅަށް الله تعالى ތަސައްލީއެއް ދެއްވައިފި އެވެ. އެކަލާނގެ، އެކަލޭގެފާނަށް ދެއްވި ނިޢުމަތްތަކަކީ، އެކަލާނގެ އެހެން އެއްވެސް މަޚްލޫޤަކަށް ދެއްވާފައިނުވާ، އެއްވެސް މީހަކަށް ނޭނގޭ ނުވިސްނޭ ފަދަ ނިޢުމަތްތަކެކެވެ.
މިތަނަށް ވަޑައިގަންނަވާށޭ، ލޯބީގެ އަލިފާނުން އަނދަމުންދާ ކަލޭގެފާނޭ،
ޙަބީބު ދެކެ ލޯބިވާ ކަމަށް ހީކުރާ މީހުންނޭ.
އެ ޝާހުގެ މިޢުރާޖަށް ތަފްޞީލާ އެކު އަޑުއަހާށޭ،
ތިބާ ލޯބީގައި ވާ ނަމަ، ލޯބީގެ އަލިފާނު ގައި އަނދާށޭ.
ތެދު ޚަބަރު އައުމުން އެ ހޯމަވިލޭރޭ،
ވެގެންދިޔައީ އެއީ ޤަދަރު ރެއަށޭ.
ބަރަކާތް ލެއްވިގެންވާ އަދި އެންމެ އަގުހުރި ފަރާތޭ،
އެ ރޭ، ވީ أُمُّ هانيގެ ގޭގައޭ.
އެއްވެސް މީހަކަށް ލިބިފައއެއް ނުވޭ މި ނިޢުމަތް ކުރިން،
އެއްވެސް މީހަކަށް އެހާ މައްޗަކަށް ނުދެއޭ، އެހެނީ
އެހެނީ އެކަލޭގެފާނަށް ހުރިހާ ކަމެއް ފެނުނޭ އަދި ފަހަނައަޅައި ވަޑައިގަތޭ،
ވަޑައިގަތޭ އަދި ވާޞިލުވެވަޑައިގަތޭ ޙަޟްރަތަށް.
އެ ޒުލްޖަލާލު، ތަން ބޭނުންވެ ވޮޑިގެންނުވާ،
އެކަލޭގެފާނަށް ދެއްކެވިއޭ، އެކަލާނގެ ޒާތުފުޅު، ނިސްބަތްވާ ކަމަކާ ނުލައި.
އެކަލޭގެފާނަށް ސާފުކޮށް ފެނިވަޑައިގަތޭ ރައްބުލް ޢިއްޒަތު،
އެއީއޭ އެކަލޭގެފާނުގެ އުއްމަތް އާޚިރަތު ގައި ދެކޭނެ ގޮތަކީ.
ތިބާ، މިޢުރާޖަށް އަރާ ވަޑައިގެން އަދި ނަމާދުކުރެއްވި،
ތިމަންރަސްކަލާނގެ ނަމާދު ލެއްވެވީ ކަލޭގެފާނުގެ އުއްމަތުގެ މިޢުރާޖަށޭ
އީމާންވަމޭ! ރަސޫލާއޭ، އަޅުގަނޑުގެ ޙަޔާތް ވަނީ ކަލޭގެފާނަށޭ
ދެން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ޢާލަމްތަކުގެ ސައްޔިދު قُدس އަށް އެނބުރި ވަޑައިގެން، مكّة المكرّمة އަށް އެނބުރި ވަޑައިގަތުމަށް ޓަކައި، مسجد الأقصى ގެ ކުރިމަތީގައިވާ ހިލައެއް ގައި އައްސާފައި އޮތް ބުރާޤަށް ސަވާރުވެ ވަޑައިގެންނެވި އެވެ. قُدس އިން مكّة އަށް އެނބުރި ވަޑައިގަތް މަގުމަތީ ގައި، ޤުރައިޝް ވަންހައިގެ ވިޔަފާރި ޤާފިލާ އަކާ رَسُوْلُ اللهِ ﷺ އާ ދިމާވި އެވެ. އެ ޤާފިލާގައި އޮތް ޖަމަލަކަށް ޙައިރާންކަން ލިބި ވެއްޓިއްޖެ އެވެ. އެކަލޭގެފާނު އެނބުރި މައްކާ އަށް ވަޑައިގެން ވެންނެވީ أُمُّ هاني ގެ ގެއަށެވެ. އެކަލޭގެފާނު ކުރިން އޮށޯވެ އޮންނެވި ތަނުގެ ހޫނުކަން އަދި ނުކެނޑެއެވެ. އަދި ތަށީގައި ހުރި ފެނުގެ ތެޅުން އަދި ނުހުއްޓެ އެވެ. އޭރު ބޭރުގައި ހިންގަވަން ހުންނެވި أُمُّ هاني އަށް ވީނުވީއެއް ނޭނގޭނެ ހެން ނިދިކުރެވިއްޖެ އެވެ.
ހެނދުނު، މިޢުރާޖުގެ ވާހަކަ أُمُّ هاني އަށް ކިޔައިދެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ގެފުޅަށް ވަޑައިގެން މި ވާހަކަ ކިޔުއްވައިދެއްވާނަމެވެ". أُمُّ هاني ވިދާޅުވެއްޖެ އެވެ. "އަޅުގަނޑުގެ ބޮޑުބޭބެގެ ދަރިކަލުންނޭވެ! މި ވާހަކަ ޤުރައިޝުންނަށް ކިޔުއްވައިނުދެއްވާށެވެ! އެބައި މީހުން ޤަބޫލުނުކޮށް، ކަލޭގެފާނު ހިތްދަތިކުރާނެ އެވެ. ބަލިކަށި އީމާނެއްގައި ތިބި މީހުން މި ވާހަކަ ޤަބޫލުނުކޮށް، އެ މީހުން ކާފަރުވެދާނެ އެވެ. މުޝްރިކުން ވާން އެދޭ ކަމަކީ އެއީ އެވެ. އެބައި މީހުންގެ އީމާންކަން ބަލިކަށިކުރާނެތެވެ. މިހާރު މުސްލިމުން އަދި މަދެވެ. މުސްލިމުންގެ ބާރު ގަދަވުމުން އެ މީހުންނަށް ކިޔައިދެއްވުން ކިހިނެއް ވާނެ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ގެ ތާރީޚީ ޖަވާބަކީ، "ﷲ ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. ތިމަންކަލޭގެފާނު މި ވާހަކަ އެ މީހުންނަށް ކިޔައިދެއްވާނަމެވެ. މިއަދު ކުނިވެފައިވާ އެއްޗެއް މާދަން ވެސް އޮންނާނީ ކުނިވެފައެވެ. ތިމަންކަލޭގެފާނު އިސްލާމްކަން ޤާއިމްކުރައްވާނީ އެ މީހުންގެ އީމާންކަން ސާބިތު މީހުންނާ އެކުގައެވެ. ބައެއް މީހުން އަދިވެސް ތިމަންކަލޭގެފާނާ މެދު ޖެހިލުންވެފައި ތިބޭ ނަމަ، އެ މީހުން ދޫކޮށް ދާންވީ އެވެ. ތިމަންކަލޭފާނު އެ މީހުންނާ އެކު ކުރައްވާނެ ކަމެއް ނެތެވެ. ކުނިވެފައި އޮންނަ އެއްޗެއް އަބަދު ވެސް އޮންނާނީ ކުނިވެފައެވެ. މިއަދު ކުނިވެފައިނުވާ ނަމަ، ކުނިވާން ހުރި އެއްޗެއް މާދަން ވެސް ކުނިވާނެ އެވެ. މާދަން އެކަން ވުމުގެ ބަދަލުގައި، އެކަން މިއަދު ވާންޖެހޭނެ އެވެ. އެހެނީ، އޭރުން އަހަރެމެން އެ މީހުންނަށް އިތުބާރުކޮށްގެން ނުތިބޭނެ އެވެ. ސާބިތުކަން މަތީ ތިބޭ މީހުން އަހަރެމެންނަށް ފުދެއެވެ".
ކާފަރުން މަލާމާތްކޮށް ބުނޫއެވެ. "محمّدގެފާނު ހަމަ އެއްކޮށް މޮޔަވެއްޖެ އެވެ". އިސްލާމް ވުމަށް ގަސްތުކޮށްގެން ތިބި މީހުން ޖެހިލުންވެއްޖެ އެވެ. ބައެއް މުޝްރިކުން އުފަލުން ތިބެ أبوبكر ގެފާނުގެ ގެއަށް ހިނގައްޖެ އެވެ. އެހެނީ، أبوبكر ގެފާނަކީ ވިސްނުންތެރި، ތަޖްރިބާހުރި، އަދި ފަރުވާތެރި ވިޔަފާރިވެރިއެއް ކަން އެމީހުންނަށް އެނގެ އެވެ. އެކަލޭގެފާނު ދޮރުކޮޅާ ހަމައަށް ވަޑައިގަތުމުން އެ މީހުން ސުވާލުކުރި އެވެ. "އޭ أبوبكر ގެފާނެވެ! ކަލޭގެފާނު قُدس އަށް އެތައް ފަހަރަކު ވަނީ ވަޑައިގެންފައެވެ. ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. މައްކާ އިން قُدس އަށް ގޮސްފައި އަންނަން ކިހާ ވަގުތެއް ނަގާނެ ހެއްޔެވެ"؟ أبوبكر ގެފާނު ވިދާޅުވި އެވެ. "އަހަންނަށް ތިކަން ވަރަށް ރަނގަޅަށް އެނގެއެވެ. މަހަކަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ". މިދެއްވި ޖަވާބުން ވަރަށް އުފާވެފައި ތިބެ މުޝްރިކުން ބުނޫ އެވެ. "ބުއްދިވެރި އަދި ތަޖްރިބާ ހުރި ބޭކަލަކު ވެއްޖިއްޔާ ވިދާޅުވާނީ ތިހެންނެވެ". ހެމުން، މަލާމާތްކުރަމުން، އަދި أبوبكر ގެފާނު ވެސް އެ މީހުން ގޮތަށް ވިސްނަވާނެ ކަމަށް ހީކޮށް ބުނޫ އެވެ. "ކަލޭގެފާނުގެ ސައްޔިދު حديث ކުރައްވަނީ، އެކަލޭގެފާނު مكّة އިން قُدس އަށް ވަޑައިގެންފައި އެނބުރި ވަޑައިގަތީ އެންމެ ރެއެއްގައި ކަމަށެވެ. އެކަލޭގެފާނު މިހާރު އެއްކޮށް މޮޔަވެއްޖެ އެވެ". އެއާއެކު، އެ މީހުން أبوبكر ގެފާނަށް ލޯތްބާއި، އިޙްތިރާމާއި، އިތުބާރު އޮތްކަމަށް ދައްކައިފި އެވެ.
رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ނަންފުޅު އެ މީހުން ކީ އަޑު އިވިވަޑައިގެންފައި، ވަގުތުން أبوبكر ގެފާނު ވިދާޅުވި އެވެ. "އެކަލޭގެފާނު އެހެން حديث ކުރައްވައިފި ނަމަ އެ ވާނީ ތެދުފުޅަކަށެވެ. ތިމަންކަލޭގެފާނު ވެސް ޤަބޫލުކުރައްވަނީ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަލޭގެފާނު قُدس އަށް ވަޑައިގެންފައި އެނބުރި ވަޑައިގަތް ކަމަށެވެ". މިހެން ވިދާޅުވެފައި އެތެރެ އަށް ވަންނަވައިފި އެވެ. އެތަނަށް ދިޔަ ހުރިހާ މުޝްރިކުން ވެސް ޙައިރާން އަންތަރީސް ވެއްޖެ އެވެ. އެ މީހުން އެ ތަނުން ދަމުން ބުނަމުން ދިޔައީ، "ކިހާ ފައްކާ ހެއްޔެވެ! محمّد ގެފާނަކީ ކިހާ މޮޅު ސިޙުރުވެރިއެއް ހެއްޔެވެ؟ އެކަލޭގެފާނު ވަނީ أبوبكر ގެފާނުގެ މައްޗަށް ސިޙުރެއް ހަދާފައެވެ".
أبوبكر ގެފާނު ވަގުތުން ވަޑައިގަތީ رَسُوْلُ اللهِ ﷺ ގެ އަރިހަށެވެ. އެތާ ތިބި ގިނަ މީހުންގެ ތެރޭގައި ހުންނަވާ أبوبكر ގެފާނު ހަރު އަޑުން ވިދާޅުވެއްޖެ އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ މިޢުރާޖު ގައި ބަރަކަތްލައްވާށި އެވެ! ކަލޭގެފާނު ހާ މަތިވެރި ރަސޫލެއްގެ ޚާދިމުން ކަމުގައި އަޅުގަނޑުމެން ލެއްވުމުގެ ޝަރަފު ދެއްވައި، ހިތްތައް ފަތަޙަކޮށް އަދި ރޫޙުތައް ލަންބުވާލާ ކަލޭގެފާނުގެ ބަރަކާތްތެރި މޫނު ފެނުމާއި، ކަލޭގެފާނުގެ ފޮނިފޮނި ބަސްފުޅުތައް އަޑުއިވުމުގެ ނިޢުމަތް ދެއްވި الله تعالى އަށް ނިމުމެއް ނެތް ޝުކުރު އަދާކުރަމެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ ކޮންމެ ބަސްފުޅަކީ، ތެދެވެ. އަޅުގަޑު ޤަބޫލުކުރަމެވެ. އަޅުގަނޑުގެ ޙަޔާތް ވަނީ ކަލޭގެފާނަށް ޓަކައެވެ". أبوبكر ގެފާނުގެ މި ބަސްފުޅުތަކުން މުޝްރިކުން އޮޅުންބޮޅުންވެއްޖެ އެވެ. އެ މީހުންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އެއާއެކު، ބަލިކަށި އީމާނުގައި ޝައްކު މަތީގައި އޭރު ތިބި މަދު ބައެއްގެ ހިތަށް ސާބިތުކަން ލިބިއްޖެ އެވެ. އެ ދުވަހު رَسُوْلُ اللهِ ﷺ، أبوبكر ގެފާނަށް "صِدِّيق" ގެ ނަން ދެއްވި އެވެ. މި ނަން ލިބިވަޑައިގެން، އެކަލޭގެފާނުގެ އަގު އިހުނަށް ވުރެ އެރީ މައްޗަށެވެ.6
ކަންތައްތައް ވެގެން މިދިޔަ ގޮތުން ވަރަށް ބޮޑަށް ރުޅިއައިސްފައި ތިބި މުޝްރިކުންނަށް، އީމާންވީ މީހުންގެ ވަރުގަދަ އީމާންތެރިކަމާއި، رَسُوْلُ اللهِ ﷺ حديث ކުރައްވާ ކޮންމެ ޙަދީޘެއް ޤަބޫލުކުރާ ކުރުމާއި، އެކަލޭގެފާނަށް އެ މީހުން ހުންނަ ބޮޑު ލޯތްބާއި، ތެދުވެރިކަމާ ހެދި އެ މީހުންނަށް ކެތްކުރެވެނީކީއެއް ނޫނެވެ. رَسُوْلُ اللهِ ﷺ ބަލިކޮށް، ލަދުގަންނުވާލުމުގެ އެދުމުގައި، އެކަލޭގެފާނާ ސުވާލުކުރަން ފަށައިފި އެވެ.
"އޭ محمّد ގެފާނެވެ! ކަލޭގެފާނު ދަޢުވާކުރައްވަނީ، قُدس އަށް ވަޑައިގެންނެވި ކަމަށެވެ. مسجد الأقصى ގައި ހުންނަނީ ކިތައް ދޮރާއި، ކިތައް ކުޑަދޮރު ހެއްޔެވެ"؟ މިއީ އެ މީހުން ކުރި ބައެއް ސުވާލުތަކެވެ. رَسُوْلُ اللهِ ﷺ އެއިން ކޮންމެ ސުވާލަކަށް ޖަވާބު ދެއްވުމުން، أبوبكر ގެފާނު ވިދާޅުވި އެވެ. "އާދޭހެވެ، މާތް ﷲ ގެ ރަސޫލާ އެވެ"! އެހެންނަމަވެސް، އެކަލޭގެފާނުގެ ޞާލިޙުކަމާއި ތަވާޟުޢުވެރިކަމުގެ ސަބަބުން، ﷲ ގެ ރަސޫލާ އެ ތަނުން އެއްވެސް މީހެއްގެ މޫނަށް ބައްލަވައެއް ނުލުއްވި އެވެ.
އެއަށް ފަހު އެކަލޭގެފާނު حديث ކުރެއްވި އެވެ. "مسجد الأقصى ގެ ވަށައިގެން ނުބައްލަވަމެވެ. އެ މީހުން އެ ސުވާލުކުރި ކަންތަކެއް ތިމަންކަލޭގެފާނަށް ފެނިވަޑައެއް ނުގަންނަވައެވެ. އެ ވަގުތު، جبريل (عليه السّلام) ތިމަންކަލޭގެފާނުގެ މޫނު ކުރިމައްޗަށް مسجد الأقصى ގެނެސްދެއްވީ އެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގެން، ހުރި ކުޑަ ދޮރުތައް ގުނުއްވައި އެމީހުންގެ ސުވާލަށް ޖަވާބު ދެއްވީމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި ގޮތުގައި، ދަތުރުވެރިން ޖަމަލުގައި ދަތުރުކުރަމުން ދިޔަ ތަން އެ ދަތުރުގައި ފެނިވަޑައިގަތެވެ. އަދި حديث ކުރެއްވި އެވެ. "އިރާދަކުރެއްވިއްޔާ އެ މީހުން ބުދަ ދުވަހު އަންނާނެ އެވެ". ބުދަ ދުވަހު އިރު އޮއްސުމުގެ އިރުކޮޅެއް ކުރިން
مسجد البيعة – ޢަޤަބާ
އެ ޤާފިލާ މައްކާ އަށް އަތުވެއްޖެ އެވެ. އެ މީހުން އެ ޤާފިލާ އިން ދަތުރުކުރި މީހުން ކައިރީގައި އެހުމުން ބުނީ، ވަރަށް ވަރުގަދަ އަށް ވައިގަދަވެ، ޖަމަލު ވެއްޓިއްޖެ ކަމަށެބެ. މި ޙާލަތުގެ ސަބަބުން، މުސްލިމުންގެ އީމާންކަން ވަރުގަދަވެ، ކާފަރުންގެ ޢަދާވާތްތެރިކަން އިތުރުވެއްޖެ އެވެ.7
ހިޖުރައިގެ އެއް އަހަރު ކުރިން ހުކުރު ވީ ރަޖަބު މަހުގެ 27 ވަނަ ވިލޭރޭ ހިނގި މި މުއުޖިޒާތަށް ކިޔެނީ މިޢުރާޖެވެ. رَسُوْلُ اللهِ ﷺ މިޢުރާޖަށް އަރާވަޑައިގަތީ، އެކަލޭގެފާނުގެ ރޫޙާއި ޖިސްމުން ހޭލާ ހުންނަވައިގެންނެވެ. މިޢުރާޖުގެ ރޭ އެކަލޭގެފާނަށް އިލާހީ އެތަކެއް އެތަކެއް ޙަޤީޤަތްތަކެއް ދެއްކެވުނެވެ. އަދި ފަރުޟު ފަސް ނަމާދު ފަރުޟްކުރެއްވީ އެ ރޭ ގައެވެ. ހަމަ އެއާއެކު، ސޫރަތުލް ބަޤަރާގެ އެންމެ ފަހު ދެ އާޔަތް ބާވައިލެއްވީ އެ ރޭގައެވެ. މިޢުރާޖު ގެ ވާހަކަ ބަޔާންކުރައްވާފައި ވަނީ، ކީރިތި قرآن ގެ އަދި ގެ ފުރަތަމަ އާޔަތްތަކުގަޔާއި، ބައެއް حديثތަކުގައެވެ.8
މިޢުރާޖަށް ފަހު، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ސުވަރުގެ ސިފަކޮށްދެއްވަމުން ގެންދެވި އިރު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ أبوبكر ގެފާނެވެ! ތިމަންކަލޭގެފާނަށް، ކަލޭގެފާނުގެ ގަނޑުވަރު ފެނިވަޑައިގަތެވެ. އެ ގަނޑުވަރު ބިނާކުރެވިފައިވަނީ ރަތްކުލައިގެ ރަނުންނެވެ. ކަލޭގެފާނަށް ތައްޔާރުކުރެވިފައިވާ ނިޢުމަތްތައް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ". أبو بكر ގެފާނު ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. އެ ގަނޑުވަރާއި، އެ ގަނޑުވަރުގެ ވެރިޔާ ކަލޭގެފާނަށް ޓަކައި ޤުރުބާންކުރައްވާފާދޭވެ"! رَسُوْلُ اللهِ ﷺ عُمرُގެފާނާ ދިމާލަށް އެނބުރި ވަޑައިގެންފައި حديث ކުރެއްވި އެވެ. "އޭ عُمرُ އެވެ! ކަލޭގެފާނުގެ ގަނޑުވަރު ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. އެ ގަނޑުވަރު ބިނާކުރެވިފައިވަނީ ޔާގޫތުންނެވެ. އެ ގަނޑުވަރު ގައި ވަރަށް ގިނަ ޙޫރުން ތިއްބެވެ. އެކަމަކު ތިމަންކަލޭގެފާނު ނުވަންނަމެވެ. ކަލޭގެފަނުގެ ޣީރަތްތެރިކަމާ މެދު ތިމަން ކަލޭގެފާނު ވިސްނެވީމެވެ". عُمرُގެފާނު ވަރަށް ބޮޑަށް ކީރިތިކުރެއްވި އެވެ. ކައުނަ ފައިބާ ޙާލު عُمرُގެފާނު ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މަންމަ އާއި ބައްޕަ އާއި އަޅުގަނޑުގެ ޙަޔާތް ކަލޭގެފާނަށް ޓަކައި ޤުރުބާންކުރައްވާދޭވެ! ކަލޭގެފާނަށް ޓަކައި ޣީރަތްތެރިވެވިދާނެ ތޯ އެވެ"؟ ދެން رَسُوْلُ اللهِ ﷺ عثمان ގެފާނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އޭ عثمان ގެފާނެވެ! ތިމަންކަލޭގެފާނު ހުރިހާ އުޑެއް ގައި ވެސް ކަލޭގެފާނު ދެކެވަޑައިގަތީމެވެ. ސުވަރުގޭގައި ވާ ކަލޭގެފާނުގެ ގަނޑުވަރު ތިމަންކަލޭގެފާނު ދެކެވަޑައިގެން ކަލޭގެފާނުގެ މަތިން ހަނދާންވިއެވެ". ދެން علي ގެފާނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އޭ علي ގެފާނެވެ. ތިމަންކަލޭގެފާނު ހަތަރު ވަނަ އުޑުން ކަލޭގެފާނުގެ ސޫރަ ދެކެވަޑައިގަތީމެވެ. ތިމަންކަލޭގެފާނު جبريل (عليه السّلام) ގެ އަރިހުން އެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! علي ގެފާނު ފެނުމުން މަލާއިކަތުންނަށް އެކަލޭގެފާނަށް ލޯބިވެވިއްޖެ އެވެ. الله تعالى މަލާއިކަތަކު علي ގެފާނުގެ ސޫރައިގައި ޚަލްޤުކުރެއްވީ އެވެ. އެ މަލާއިކަތާ ހުންނަވަނީ ހަތަރު ވަނަ އުޑުގައެވެ؛ މަލާއިކަތުން އެކަލޭގެފާނަށް ޒިޔާރަތްކޮށް ބަރަކާތް ހޯއްދަވަތެވެ'. ދެން ތިމަންކަލޭގެފާނު ވެންނެވީ ކަލޭގެފާނުގެ ގަނޑުވަރަށެވެ. ގަހެއްގެ މޭވާގެ ވަސް ތިމަންކަލޭގެފާނު ބެއްލެވީމެވެ. ޙޫރެއް އޭގެ ތެރެއިން ނުކުމެ، އެކަނބުލޭގެ މޫނު ނިވައިކޮށްފި އެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. 'ތީ ކާކު ހެއްޔެވެ؟ އަދި ތިބާ ޚަލްޤުކުރެއްވިފައިވަނީ ކާކަށް ހެއްޔެވެ'؟ އެކަނބުލޭގެ ޖަވާބު ދިނެވެ. 'މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު ޚަލްޤުކުރެއްވިފައި ވަނީ ކަލޭގެފާނުގެ ބޮޑުބޭބެގެ ދަރިފުޅު علي ގެފާނަށެވެ'".
މިޢުރާޖު ރޭ އައި ދުވަހުގެ ހެނދުނު، جبريل (عليه السّلام) ފަސް ނަމާދު އޭގެ ވަގުތުގައި رَسُوْلُ اللهِ ﷺ ގެ އިމާމުކަން ކުރެއްވި އެވެ. ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ދެ ދުވަސް ވަންދެން، ގެފުޅުގެ ދޮރުކޮޅާ ޖެހިގެން ތިމަންކަލޭގެފާނުގެ އިމާމަކަށް ވެ ހުންނަވާ ނަމާދުކުރެއްވީ جبريل (عليه السّلام) އެވެ. ހެނދުނުގެ ނަމާދު ތިމަންކަލޭގެފާނާއި جبريل (عليه السّلام) ކުރެއްވީ ފަޖްރުގެ ވަގުތުގައެވެ؛ ظُهر (މެންދުރު) ނަމާދު ކުރެއްވީ އިރު މެދުން ލަނބާލި ވަގުތުގައެވެ؛ عَصر (މެންދުރު ފަސް) ނަމާދު ކޮންމެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރުވި ގަޑީގައެވެ؛ مغرب (ހަވީރު) ނަމާދު އިރު އޮއްސޭ ގަޑީ ގައި؛ އަދި عشاء (ރޭގަނޑުގެ) ނަމާދު ރަތްވިލާ އޮއްސުނު ގަޑީގައެވެ. ދެވަނަ ދުވަހު، ހެނދުނުގެ ނަމާދު ތިމަންކަލޭގެފާނާއި جبريل (عليه السّلام) ކުރެއްވީ އުޑުގެ އަލިވިލުމުންނެވެ؛ ظُهر އެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ ދެގުނަ ވުމުންނެވެ؛ عَصر އޭގެ ފަހުން ވަގުތުންނެވެ؛ مغرب ނަމާދު ރޯދަ ވީއްލުމަށް ފަހު އެވެ؛ އަދި عشاء ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ވޭތުވުމުންނެވެ. ދެން އެކަލޭގެފާނު ވިދާޅުވި އެވެ. 'އޭ މުޙައްމަދެވެ! މިއީ، ކަލޭގެފާނާއި، ކުރީގެ ރަސޫލުންނަށް ވެސް ހުރި ނަމާދު ވަގުތުތަކެވެ. ކަލޭގެފާނުގެ އުއްމަތުން ކޮންމެ ދުވަހެއްގެ ފަސް ނަމާދު ކުރަންވާނީ މި ދެ ވަގުތުގެ ދެމެދުގައެވެ'".9
މި ގޮތަށް ނަމާދުގެ ވަގުތުތައް އިޢުލާންކުރެއްވުމަށް ފަހު، ފަސް ނަމާދު ކުރުމަށް ޙަބަޝް ކަރާ ގައި ތިބި މުސްލިމުންނަށް އެންގެވި އެވެ. އަދި ނަމާދު ފަރްޟްކުރެއްވުމުން ފެށިގެން އެ މީހަކު އެ ނަމާދު ކުރުމަށް ފެށި ހިސާބާ ދެމެދުގެ ނަމާދު ޤަޟާއަށް ކުރުމަށް ވެސް އެންގެވި އެވެ.
