ލޮބުވެތި ރަސޫލާ

ހިޖުރަ

"ތިޔަބައި މީހުން ހިޖުރަކުރަންވީ ތަން ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފި އެވެ. އެ ތަނަކީ ޔަޘްރިބު (‏މަދީނާ)‏ އެވެ. އެ ރަށަށް ހިޖުރަކުރާށެވެ. އެ ރަށުގައި ތިބު މުސްލިމުން އަޚުންނާ އެއްބައިވަންތަވާށެވެ. الله تعالى ވަނީ އެ މީހުންނަކީ ތިޔަބައި މީހުންގެ އަޚުން ކަމުގައި ލައްވާފައެވެ. އެކަލާނގެ ޔަޘްރިޤު (‏މަދީނާ)‏ ލައްވާފައިވަނީ އެ ތަނަކުން ތިޔަބައި މީހުންނަށް ޙިމާޔަތާއި، އަމާންކަން ލިބޭނެ ވަޠަން ކަމުގައި ލައްވާފަ އެވެ".
حديث الشريف

އައުސު ވަންހައާއި، ޚަޒަރަޖު ވަންހައިގެ މީހުން ކުއްލިއަކަށް އިސްލާމްވުމާއި، މަދީނާ އާއި، މައްކާގެ މުސްލިމުން އެއްބައިވުމުން، އެކަމާ މުޝްރިކުން ބިރުގަނެ، ރުޅި އަތުވެއްޖެ އެވެ. ދެވަނަ ޢަޤަބާ ބައިޢަތުގެ ޚަބަރު އެހި މައްކާގެ މުޝްރިކުންގެ ވިސްނުން ވަރަށް ހަރުކަށިވެ ނުރައްކާތެރި ވެއްޖެ އެވެ. މުސްލިމުންނަށް މާއްކާ ގައި ތިބުން ވެގެންދިޔައީ، ތަޙައްމަލުނުކުރެވޭ ވަރުގެ ކަމަކަށެވެ. އެންމެ ފަހުން ކުރެވުނު ބަޢިޢާ އާ އެކު، މަދީނާ ވެގެން ގޮސްފައިވަނީ މުސްލިމުންނަށް އަމާންކަމާއި ރައްކާތެރި މާޙައުލެއް ފޯރުކޮށްދޭ ތަނަކަށެވެ. އެ ސިޓީ ދޫކޮށް ހިޖުރަކުރާނެ ގޮތެއް ހޯދައި، ހަމަޖެހިގެން ނޭވާލައި ތަންކޮޅެއް މިނިވަންކޮށް އުޅެވޭނެ ރަށްރަށަށް ދިއުމަށް ބޭނުންވެފައެވެ. އެބައި މީހުންގެ ޙާލަތު رَسُوْلُ اللهِ ﷺއަށް ދަންނަވައި، ހިޖުރަކުރުމުގެ ހުއްދައަކަށް އެ މީހުން އެދުނެވެ. އެކަލޭގެފާނުގެ ޞަޙާބީންނަށް އިރުޝާދު ދެއްވީ ކެތްތެރިވުމަށެވެ. އެހެނީ، މައްކާ ދޫކޮށް ދިއުމުގެ ހުއްދަ އަދި ނުދެއްވައެވެ.

އެންމެ ފަހުން، ހިޖުރަކުރުމުގެ އިލާހީ ހުއްދަ އެކަލާނގެ ދެއްވައިފި އެވެ. އެ ދުވަހު، رَسُوْلُ اللهِ ﷺއުފަލުން ހުންނަވާ، އަޞްޙާބު ބޭކަލުންނަށް حديث ކުރެއްވި އެވެ. "ތިޔަބައި މީހުން ހިޖުރަކުރަންވީ ތަން ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފި އެވެ. އެ ތަނަކީ يثرِب (‏މަދީނާ)‏ އެވެ. އެ ރަށަށް ހިޖުރަކުރާށެވެ. އެ ރަށުގައި ތިބު މުސްލިމުން އަޚުންނާ އެއްބައިވަންތަވާށެވެ. الله تعالى ވަނީ އެ މީހުންނަކީ ތިޔަބައި މީހުންގެ އަޚުން ކަމުގައި ލައްވާފައެވެ. އެކަލާނގެ يثرِب (‏މަދީނާ)‏ ލައްވާފައިވަނީ އެ ތަނަކުން ތިޔަބައި މީހުންނަށް ޙިމާޔަތާއި، އަމާންކަން ލިބޭނެ ވަޠަން ކަމުގައި ލައްވާފަ އެވެ". رَسُوْلُ اللهِ ﷺގެ ހުއްދަ އާއި އިރުޝާދަށް ފަހު، ގްރޫޕް ގްރޫޕަށް، ގްރޫޕަކަށް ފަހުގްރޫޕެއް، މުސްލިމުން މަދީނާ އަށް ހިޖުރަކުރަން ފަށައިފި އެވެ.1

ހިޖުރަކުރާ މީހުން ވަރަށް ސަމާލުވެ ތިބުމަށް رَسُوْلُ اللهِ ﷺއެ މީހުންނަށް އިރުޝާދު ދެއްވި އެވެ. މުޝްރިކުންގެ ސަމާލުކަން ނުލިބޭނެ ގޮތަށް ހެދުމަށް ޓަކައި، މުސްލިމުން ދަތުރު ފެށީ ކުދިކުދި ގާފިލާތަކުގައި ވީހާވެސް ސިއްރުކޮށްގެންނެވެ. މަދީނާ އަށް އެންމެ ފުރަތަމަ ހިޖުރަކޮށްފައިވާ أبُو سلامة އަށް މުޝްރިކުން ވަރަށް ބޮޑަށް އަނިޔާކުރި އެވެ. ހިނގަމުންދިޔަ ކަންތައް މުޝްރިކުންނަށް ރޭކާލާން ފެށުމުން، މަގުމަތިން މުސްލިމުން އެނބުރި ދިއުމަށް މަޖްބޫރުކުރަން ފެށިއެވެ. އެ ގޮތުން އަނބިން ފިރިންނާ ވަކިކުރުމާއި، އެ މީހުންނަށް ވުރެ ބަލިކަށި މީހުން ޖަލަށް ލައި، އެ މީހުންނަށް އެކި ވައްތަރުގެ އަނިޔާ ދިނެވެ. އެ މީހުންނަށް އަނިޔާ ކުރީ އެ މީހުންގެ ދީނުން ބޭރުކުރުމަށެވެ. އެކަމަކު، އަހްލީހަނގުރާމައެއް ފެށިދާނެތީ، މީހަކު މަރާކަށް އެ މީހުންނަކަށް ނުކެރުނެވެ، މި ހުރިހާ ކަމަކާ އެކު ވެސް، މަދީނާ އަށް ދިއުމަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ދިޔައީ ކުރަމުންނެވެ.

އެއް ދުވަހަކު، عُمرُގެފާނު ވެސް ކަނޑި އުރަޔަށް ލައްވައި، އެކަލޭގެފާނުގެ ދުނިދަނޑި އާއި، ލޮންސި ހިއްޕަވައިގެން އެންމެން ކުރިމަތީ ގައި ގެފުޅުގެ ވަށައިގެން ހަތް ފަހަރު طوافކުރައްވައިފި އެވެ. މުޝްރިކުންނާ ދިމާލަށް ހަރު އަޑުން ވިދާޅުވި އެވެ. "މިތާގައި، އަހަރެން ވެސް އަހަރެންގެ ދީން ޙިމާޔަތް ކުރުމަށް ޓަކައި، ގެ މަގުގައި އަހަރެން ވެސް ހިޖުރަކުރަނީ އެވެ". އެއްވެސް މީހަކު އެމީހަކުގެ އަނބިމީހާ ހުވަފަތްކޮށް، ދަރިން ޔަތީމުކޮށް، އެމީހެއްގެ މަންމަ ރޮއްވަން ބޭނުން ނަމަ، އެ އޮތް ވަޑީގެ ބިއްދޮށުން އަހަންނާ ބައްދަލުކުރާށެވެ".

އެހެންކަމުން، عُمرُގެފާނާއި، ގާތްގަޑަކަށް ވިހި މުސްލިމުން ރޯމާ ދުވާލު އެއްވެސް ބިރެއް ނެތި މަދީނާ އަށް ދިއުމަށް ދަތުރު ފަށައިފި އެވެ. عُمرُގެފާނަށް ބިރުން، އެއްވެސް މީހަކަށް އެ ޤާފިލާ ގެ މީހެއްގެ ގައިގައި އަތްލާން ވެސް ނުކެރުނެވެ. ދެން، އޭގެ ފަހުން، ހުއްޓުމެއް ނެތި ހިޖުރަކުރާ މީހުން މަދީނާ އަށް ދިޔައެވެ. އެ ގޮތުން ޞަޙާބީން މަދީނާ އަށް ދިޔައީ ގްރޫޕް ގްރޫޕަށެވެ.

ހިޖުރައިގެ މަގު

"އޭ أبو بكر ގެފާނެވެ! ކެތްތެރިވެ ވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނު އުއްމީދުކުރައްވަނީ، ތިމަންކަލޭގެފާނަށް ވެސް ހުއްދަ ދެއްވާނެ ކަމަށެވެ. އަހަރެމެން ދެ މީހުން ހިޖުރަކުރާނީ އެކީގައެވެ".
حديث الشريف

އެ ދުވަސްވަރު، أبو بكر ގެފާނު ހިޖުރަކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެންފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކެތްތެރިވެ ވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނު އުއްމީދުކުރައްވަނީ، ތިމަންކަލޭގެފާނަށް ވެސް ހުއްދަ ދެއްވާނެ ކަމަށެވެ. އަހަރެމެން ދެ މީހުން ހިޖުރަކުރާނީ އެކީގައެވެ". أبو بكرގެފާނު ސުވާލުކުރެއްވި އެވެ. "އަޅުގަނޑުގެ މަންމަ އާއި ބައްޕަ ކަލޭގެފާނަށް ޓަކައި ޤުރުބާންކުރައްވަން ތޯ އެވެ؟ އެން އެހެން ވެދާނެ ތޯ އެވެ"؟ أبو بكر ގެފާނަށް އުފާވެރިކަން ދެއްވުމުގެ ގޮތުން رَسُوْلُ اللهِ ﷺحديث ކުރެއްވި އެވެ. "އާނއެކެވެ. އެ ފުރުޞަތު އެބަ އޮތެވެ".

أبوبكر ގެފާނު ސަތޭކަ ދިރުހަމަށް ދެ ޖަމަލު ބައްލަވައިގެން އެ ދުވަހަކަށް އިންތިޒާރުކުރެއްވި އެވެ. މިހާތަނަށް ދިޔަ އިރު، މައްކާ ގައި ބާކީ ތިބީ، رَسُوْلُ اللهِ ﷺއާއި، أبوبكر ގެފާނާއި، علي ގެފާނާއި، ފަޤީރުންނާއި، ބަލި މީހުންނާއި، މުސްކުޅިންނާއި، މުޝްރިކުން ޖަލަށް ލާފައި ތިބި ބައެއް މުސްލިމުންނެވެ.

އަނެއްކޮޅުން، މަދީނާގެ މީހުން (‏އަންޞާރުން)‏ މައްކާއިން ހިޖުރަކުރި މީހުންނަށް (‏މުހާޖިރުން)‏ ވަރަށް ރަނގަޅަށް މަރުޙަބާ ކިޔައި، އެ މީހުންގެ ގެތަކުގައި ބޭތިއްބި އެވެ. ދެބައި މީހުންގެ މެދުގައި ވަރުގަދަ އެއްބައިވަންތަކަމެއް އުފެދިއްޖެ އެވެ.

رَسُوْلُ اللهِ ﷺހިޖުރަކުރައްވައި، މުސްލިމުންގެ ކަންތައްތައް ހިންގަވަން ފަށްޓަވަފާނެތީ، މައްކާގެ މުޝްރިކުން ތިބީ ވަރަށް ކަންބޮޑުވެފައެވެ. އެ މީހުން މުހިއްމު ކަންތައްތަކަށް މަޝްވަރާކުރުމަށް އެއްވާ ދާރުއްނަދުވާ އަށް އެއްވެ، ކަންތައް ކުރާނެ ގޮތަކާ މެދު މަޝްވަރާކުރަން ފަށައިފި އެވެ. ޢުމުރުން ދުވަސްވީ ނަޖްދުގެ މީހެއް ކަމަށް ވާ شيخ النّجدي ގެ ސިފާގައި ޝައިޠާނާ މުޝްރިކުންގެ ގާތަށް އަތުވެއްޖެ އެވެ. އެ މީހުން ދެއްކި ވާހަކަތައް އެކަލޭގެފާނު އަޑު އެއްސެވި އެވެ. ގިނަ ހުށަހެޅުންތަކެއް ހުށަހެޅުނެވެ. އެކަމަކު އެއިން އެކަތި ވެސް ގާޔާވާ ގޮތެއް ނުވި އެވެ. ދެން ޝައިޠާނާ އެ ދޭތެރެ އަށް ވަދެ އޭނާގެ ރައުޔު ދިނެވެ. "ކަލޭމެންގެ އެއްވެސް އައިޑިޔާއެއް ޙައްލަކަށް ނުވާނެ އެވެ. އެކަލޭގެފާނުގެ ހިނިތުންވެފައިވާ މޫނާއި، ކުރިން އަޅާފައިވާ ފިޔަވަޅުތައް ފޮނި ދުލުން ހުރިހާ ކަމެއް ޚަރާބުކޮށްލާނަމެވެ. އެހެން ޙައްލަކާ މެދު ވިސްނާށެވެ".

ޤުރައިޝުންގެ ވެރިޔާ أبو جهل ބުންޏެވެ. "ކޮންމެ ޤަބީލާއަކުން ބާރުގަދަ މީހަކު އިޚްތިޔާރުކުރާމާ ހިންގާށެވެ. އެ މީހުންގެ ކަނޑިތައް އަތަށް ލައިގެން ގޮސް އެ މީހުން محمّدގެފާނަށް ޙަމަލާދޭނެ އެވެ. އެ މީހުން އެ މީހުންގެ ކަނޑިތަކުން އެކަލޭގެފާނުގެ ހަށިކޮޅު ގައި ޖަހައި ލޭ އޮހުރުވާލާނެ އެވެ. އެކަލޭގެފާނު އަވަހާރަކޮށްލީ ސީދާ ކާކު ކަމެއް ނޭނގޭނެ އެވެ. އެހެންކަމުން، ފިދުޔަނެގުމަށް އެއްބަސްވާން އެ މީހުންނަށް ޖެހޭނެ އެވެ. އަހަރެމެން އެކަލޭގެފާނުގެ ފިދުޔަ ފައިސާ ދޭނަމެވެ. އަދި މި އުނދަގުލުން ސަލާމަތްވާނަމެވެ". ޝައިޠާނާ އަށް ވެސް މި ޚިޔާލު ކަމުގޮސްގެން އެކަން ކުރުމަށް ވަރަށް ބޮޑަށް ހިތްވަރުދީ އިރުޝާދުދީފި އެވެ.2

މި އިންތިޒާމްތައް ކުރުމުގައި މުޝްރިކުން އަވަދިނެތި އުޅެނިކޮށް، جبريل (‏عليه السّلام)‏ ވަޑައިގެން، މުޝްރިކުން ނިންމު ގޮތުގެ މަޢުލޫމާތު رَسُوْلُ اللهِ ﷺއަށް ދެއްވައިފި އެވެ. ހަމަ އެއާއެކު، ދެންނެވި އަނެއް ވާހަކައަކީ، އެކަލޭގެފާނުގެ އެނދުގައި ރޭގަނޑު އަވަހާރަނުލެއްޕެވުމަށާއި، އެކަލޭގެފާނު ހިޖުރަކުރެއްވުމަށް އަމުރުފުޅު ކުރެއްވި ކަމުގެ މަޢުލޫމާތެވެ. މި އިލާހީ އަމުރުފުޅާ އެކު، رَسُوْلُ اللهِ ﷺعلي ގެފާނަށް އެންގެވީ، އެކަލޭގެފާނުގެ އެނދުކޮޅުގައި ނިދިކުރެއްވުމަށާއި، އެކަލޭގެފާނުގެ އަތްޕުޅު ގައި ހުރި ބޭނުންކުރެވޭ ފަދަ ތަކެތި އޭގެ ވެރިންނަށް ދެއްވުމަށެވެ. އަދި حديث ކުރެއްވި އެވެ. "މި ރޭ، ތިމަންކަލޭގެފާނުގެ އެނދުކޮޅު ގައި އަވަހާރަޕުޅު ލައްޕަވާށެވެ. އަދި ތިމަންކަލޭގެފާނުގެ މި ކޯޓު ކަލޭގެފާނުގެ ހަށިކޮޅުމަތީ ގައި އަޅުއްވާށެވެ. ބިރުފުޅު ނުގަންނާށެވެ. ކަލޭގެފާނަކަށް އަނިޔާއެއް ނުވާނެ އެވެ".

علي ގެފާނު، رَسُوْلُ اللهِ ﷺއެންގެވި ގޮތަށް އެކަލޭގެފާނުގެ އެނދުކޮޅު ގައި އޮށޯވެ އޮންނެވި އެވެ. އެ ވަގުތު، علي ގެފާނުގެ ޢުމުރުން 23 އަހަރެވެ. ﷲ ގެ ޙަބީބަށް ޓަކައި، އެކަލޭގެފާނުގެ ފުރާނަ ޤުރުބާންކުރައްވަން علي ގެފާނު ހުންނެވީ ތައްޔާރަށެވެ.

ހިޖްރައިގެ ރޭގައި، ކާފަރުން ތިބީ رَسُوْلُ اللهِ ﷺގެ ގެކޮޅުގެ ވަށާލާފައެވެ. އެ ރޭ، يس سورة ގެ ފުރަތަމަ އާޔަތްތައް ބާވައިލެއްވި އެވެ. رَسُوْلُ اللهِ ﷺގެކޮޅުން ނުކުންނަވައިގެން ބޭރަށް ވަޑައިގެންނެވި އިރު، ބިމުން ގޮށްމުށެއްގެ ވެލި ނަންގަވައި، ކާފަރުންގެ ބޮލާ ދިމާލަށް އުއްކަވާލެއްވި އެވެ. އެ ވަގުތު ކިޔުއްވަމުން ގެންދެވީ يس سورة ގެ 9 ވަނަ އާޔަތެވެ. (‏وَجَعَلْنَا مِن بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ ‎﴿٩﴾)‏ * يس: 9)‏ މާނައީ: "އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެ އެވެ". (‏ރިވާވެގެންވާ ގޮތުގައި، رَسُوْلُ اللهِ ﷺ އުއްކަވާލެއްވި ވެލިން ޖެހުނު ކޮންމެ މީހަކު ވަނީ ބަދުރު ހަނގުރާމައިގައި މަރުވެފައެވެ.)‏ رَسُوْلُ اللهِ ﷺ، އެ މީހުން ފަހަނައަޅުއްވައި އަނިޔާއެއް ނުވެ، ވަޑައިގަތީ أبوبكر ގެފާނުގެ ގެކޮޅަށެވެ. މުޝްރިކުންގެ އެއްވެސް މީހަކަށް އެކަލޭގެފާނު ފެންނަ ގޮތެއް ނުވި އެވެ.

އިރުގަނޑެއް ފަހުން، ބައެއް މީހުން މުޝްރިކުންނާ ހަމައަށް ގޮސް އަހައިފި އެވެ. "ތިޔަބައި މީހުން މި ތަނުގައި ތި ތިބީ ކޮން ކަމެއްގެ އިންތިޒާރުގައި ހެއްޔެވެ"؟ އެ މީހުން ޖަވާބުގައި ބުނޫ އެވެ. "محمّدގެފާނު ނުކުންނަވަން ދެނެވެ". އެ ސުވާލު ކުރި މީހަކު ބުންޏެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. محمّد ކަލޭމެންގެ ތެރެއިން ލާފައި ދުރަށް ވަޑައިގެންފި އެވެ؛ އެކަލޭގެފާނު ކަލޭމެންގެ ބޮލަށް ވެލި ވެސް ޖެއްސެވި އެވެ". މުޝްރިކުން، އެ މީހުންގެ ބޮލުގައި އަތްލި އިރު، އެ މީހުންނަށް ފެނުނީ ބޮލުގައި ވެލި ހުއްޓައެވެ. ހަމަ ވަގުތުން އެ މީހުން رَسُوْلُ اللهِ ﷺގެ ގެކޮޅުގެ ދޮރު ގައި ޖަހައި ގެކޮޅަށް ވަދެގެންފި އެވެ. އެ މީހުންނަށް علي ގެފާނު އެނދުކޮޅުގައި އޮންނެވި ތަން ފެނުމުން، އެ މީހުން އެހީ رَسُوْلُ اللهِ ﷺކޮބައި ތޯ އެވެ. علي ގެފާނު ވިދާޅުވި އެވެ. "އަހަންނަކަށް ނޭނގެ! އަހަރެން ހުރީ އެކަލޭގެފާނު ގާޑުކުރަން ތިޔަބައި މީހުން ހަމަޖައްސާފައި ހެއްޔެވެ"؟ އެއާއެކު އެ މީހުން علي ގެފާނަށް ޙަމަލާދީފިއެވެ. ކާފަރުން، ބޭރަށް ނުކުމެ رَسُوْلُ اللهِ ﷺހޯދަން ހޯދަން ފަށައިފި އެވެ. އިރުގަނޑަކަށް علي ގެފާނު ގެފުޅު ކައިރީގައި ބަންދުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.3

ދެން އެ މީހުން أبوبكر ގެފާނުގެ ގެކޮޅަށް ގޮސް، އެކަލޭގެފާނުގެ ދަރިކަނބަލުން أسمىގެފާނާ ސުވާލުކުރަން ފަށައިފި އެވެ. އެ ކަމަނާ ޖަވާބެއް ނުދެއްވުމުން، އެ ކަމަނާގެ ގައިކޮޅުގައި ތަޅައިގަތެވެ. އެ މީހުން ހުރިހާ ތަނެއް ބަލައި ފާސްކުރި ނަމަވެސް، އެ މީހުންނަކަށް رَسُوْلُ اللهِ ﷺއަދި أبو بكر ގެފާނެއް ވެސް ނުފެނުނެވެ. އެއާއެކު އެ މީހުން ވަރަށް ރުޅި އަތުވެއްޖެ އެވެ. އެ މީހުންގެ ތެރޭގައި ހުރި އެންމެ ނުލަފާ މީހާ ކަމުގައިވާ أبو جهل ހެދި ގޮތަކީ، މައްކާގެ އެކި ދިމަދިމާލުގައި ޖޯއި އަޅާ މީހުން ބައިތިއްބައި، رَسُوْلُ اللهِ ﷺއާއި أبو بكر ގެފާނު ހޯދައިގެން ގެނެސްދޭ މީހަކަށް ނުވަތަ އެ ދެ ބޭކަލުން ތިއްބެވި ތަނެއް ބުނެދޭ މީހަކަށް 100 ޖަމަލު ދޭނެ ކަމަށް ވަޢުދުވެއްޖެ އެވެ. أبو جهل ގެ މި ވަޢުދު އަޑުއެހި އަދި މުދަލަށް ދަހިވެތިވެފައި ތިބި ބައެއް މީހުން، ހަތިޔާރު ނަގައިގެން އެ މީހުންގެ އަސްތަކަށް އަރައިގެން ހޯދަން ފަށައިފި އެވެ.

رَسُوْلُ اللهِ ﷺ، أبو بكر ގެފާނުގެ ގެކޮޅަށް ވަޑައިގެންފައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ހިޖުރަކުރެއްވުމަށް ހުއްދަ ލިބިއްޖެ އެވެ". ވީ އުފަލުން أبوبكر ގެފާނު އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ ފައިންޕުޅު ގައި ވާ ބަރަކާތްތެރި ހިރަފުސް އަޅުގަނޑުގެ މޫނު ގައި ހާކާލިޔަ ދެއްވާށެވެ. އަޅުގަނޑު ވެސް ކަލޭގެފާނާ އެކު ދަން ތޯ އެވެ"؟ رَسُوْلُ اللهِ ﷺحديث ކުރެއްވި އެވެ. "އާއެނކެވެ..." أبوبكر ގެފާނަށް އުފަލުން ކީރިތިކުރެއްވުނެވެ. ކަރުނަ އޮއްސަވަމުން އެކަލޭގެފާނު ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިންނާއި، އަޅުގަނޑުގެ ޙަޔާތް ކަލޭގެފާނަށް ޓަކައި ޤުރުބާން ކުރައްވާށި އެވެ. ޖަމަލުތައް ތައްޔާރެވެ. ކަލޭގެފާނު ބޭނުންފުޅު ކޮންމެ ޖަމަލެއް އިޚްތިޔާރުކުރައްވާށެވެ". رَسُوْلُ اللهِ ﷺحديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ އަމިއްލަ ޖަމަލަކަށް ނޫނީ ތިމަންކަލޭގެފާނު ނުދުއްވާނަމެވެ. (‏އެހެން ނަމަވެސް)‏ އޭގެ އަގު ދެއްކެވުމަށް ފަހު އެ ޖަމަލު ބައްލަވައިގަންނާނަމެވެ". މި އަމުރާ އެކު، أبوبكر ގެފާނަށް ޖެހިވަޑައިގަތީ، އެ ޖަމަލުގެ އަގު ބުނެދެއްވާށެވެ.

މަޝްހޫރު ގައިޑެއް ކަމުގައި ވާ عبدالله بن عريقة ކިޔާ ބޭކަލަކަށް أبوبكر ގެފާނު ގޮވާލައްވައި އޭނާ ގައިޑެއްގެ ގޮތުގައި ނެންގެވި އެވެ. އަދި ތިން ދުވަސް ފަހުން ثور ފަރުބަދައިގެ ހޮހަޅަ އަށް ޖަމަލުތައް ގެނައުމަށް އޭނާ އަށް އަމުރުކުރައްވައިފި އެވެ.

بعثة އަށް 9 ވަނަ އަހަރުގެ ޞަފަރު މަހުގެ 27 ވަނަ އަށް ވީ ބުރާސްފަތި ދުވަހު، رَسُوْلُ اللهِ ﷺ އާއި أبوبكر ގެފާނާ ދެ ބޭކަލުން ބައެއް ކާނާ ހިއްޕަވައިގެން ނުކުންނަވައިފި އެވެ.

ދަތުރުކުރައްވަމުން ގެންދެވި އިރު، أبوبكر ގެފާނު ހިންގަވަމުން ގެންދެވީ ރަސޫލާގެ ވަށައިގެން، ބައެއް ފަހަރު ކަނާތްފަރާތުން، އަނެއްބައި ފަހަރު ކަނާތްފަރާތުން، އަނެއްބައި ފަހަރު ކުރިފުޅުމަތިން، އަދި އަނެއްބައި ފަހަރު ފުރަގަހުންނެވެ. މިހެން މި ހައްދަވަނީ ކީއްވެގެން ތީ رَسُوْلُ اللهِ ﷺ އެއްސެވުމުން، أبوبكر ގެފާނު ޖަވާބު ދެއްވި އެވެ. "އަންނާނެ އެއްވެސް ނުރައްކަލެއް ދުރުކުރުމަށް ޓަކައެވެ. ނުރައްކަލެއް އަންނަ ނަމަ، ފުރަތަމަ އަޅުގަނޑަށް އެރިޔަދޭށެވެ. ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ފުރާނަ އަގުހުރި ކަލޭގެފާނަށް ޓަކައި ޤުރުބާން ކުރުމަށް އަޅުގަނޑު ތައްޔާރެވެ".

"ﷲ ގެ ރަސޫލާ އެވެ! މާތް ﷲ އަށް ޓަކައި އަދި ވެދެވަޑައިނުގެން މަޑުކޮށްލައްވާށެވެ. އަޅުގަނޑު އެތެރެ އަށް ގޮސް، އެތެރޭ ގައި އެއްވެސް ގެއްލުންދެނިވި އެއްޗެއް ހުރި ތޯ ބަލައިލާނަމެވެ. އެ ކަމެއް ލައިގަންނާނީ އަޅުގަނޑަށެވެ. އޭރުން، ބަރަކާތްތެރިވެގެންވާ ކަލޭގެފާނަށް އެއްވެސް ދެރައެއް ހިތާމައެއް ނުޖައްސަވާނެތެވެ".
حديث الشريف

رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ أبوبكر ގެފާނެވެ! ތިމަންކަލޭގެފާނަށް ކުރިމަތިލާންޖެހޭ މުޞީބާތެއް ކަލޭގެފާނަށް ކުރިމަތިވުމަށް އެދިލައްވަނީ ތޯ އެވެ"؟ أبوبكر ގެފާނު ޖަވާބު ދެއްވި އެވެ. "އާދޭހެވެ! ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ކަލޭގެފާނު ތެދުވެރި ރަސޫލާގެ ގޮތުގައި ތެދުވެރި ދީނާ އެކު ފޮނުއްވި الله تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑު ބޭނުންވަނީ، ކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް މައްޗަށް މުޞީބާތްތައް ޖެހުމަށެވެ".4

رَسُوْلُ اللهِ ﷺ ގެ ފައިވާންކޮޅު ހަނިކަމުން، މަގުމަތީ ގައި އެ ފައިވާންކޮޅު ވީދި، އެކަލޭގެފާނުގެ ބަރަކާތްތެރި ފައިތިލަ ޒަޚަމްވެއްޖެ އެވެ. ހިންގަވާނެހާ ވަރެއް ވެސް އެކަލޭގެފާނު ގެ ނެތެވެ. އެ ދެ ބޭކަލުން އުނދަގުލުން ފަރުބަދަ އަށް އަރާ ވަޑައިގެން، ހޮހަޅަ އަށް ވާޞިލުވެއްޖެ އެވެ. ހޮހަޅަ އަށް ވަންނަ ދިމާލަށް އެ ދެ ބޭކަލުންނަށް ފޯރުމުން، أبوبكر ގެފާނު ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! މާތް ﷲ އަށް ޓަކައި އަދި ވެދެވަޑައިނުގެން މަޑުކޮށްލައްވާށެވެ. އަޅުގަނޑު އެތެރެ އަށް ގޮސް، އެތެރޭ ގައި އެއްވެސް ގެއްލުންދެނިވި އެއްޗެއް ހުރި ތޯ ބަލައިލާނަމެވެ. އެ ކަމެއް ލައިގަންނާނީ އަޅުގަނޑަށެވެ. އޭރުން، ބަރަކާތްތެރިވެގެންވާ ކަލޭގެފާނަށް އެއްވެސް ދެރައެއް ހިތާމައެއް ނުޖައްސަވާނެތެވެ". މިހެން ވިދާޅުވެފައި އެތެރެ އަށް ވަންނަވައިފި އެވެ. أبوبكر ގެފާނު އެ ހޮހަޅައިން ކުނިފޮޅާލައްވައި ސާފުކުރެއްވި އެވެ. ހޮހަޅައިގެ އެތޭގައި ކުދި އަދި ބޮޑު ވަރަށް ގިނަ ބާގަނޑުތައް ހުއްޓެވެ. أبوبكر ގެފާނުގެ ކޯޓު އިރާލައްވައި، އެ ބާގަނޑުތަކަށް ޖެއްސެވި އެވެ. އެކަމަކު އެއް ބާގަނޑު ހުރީ ހުޅުވިފައެވެ. އެ ބާގަނޑު އެކަލޭގެފާނުގެ އިޑިނުން ފޮރުވާލައްވާފައި رَسُوْلُ اللهِ ﷺ އަށް ހޮހަޅަ އަށް ވެދެވަޑައިގަތުމަށް ދަޢުވަތު އެރުވި އެވެ.

رَسُوْلُ اللهِ ﷺ ހޮހަޅައިގެ އެތެރެ އަށް ވަންނަވައި، أبوبكر ގެފާނުގެ އުނގުގައި ބޯ ބޭއްވިތަނާ ނިދއަވާހަރަފުޅު ލެއްޕެވިއްޖެ އެވެ. އެ ވަގުތު، أبوبكر ގެފާނުގެ ފައިންޕުޅަށް ހަރުފަޔަކުން ވިހަލައިފި އެވެ. رَسُوْلُ اللهِ ﷺ ނިދިން ހޭނުލައްވަން ވެގެން، أبوبكر ގެފާނު އެ ތަދު ތަޙައްމަލުކުރައްވައި، އެއްގޮތަކަށް ވެސް ޙަރަކާތެއް ނުކުރެއްވި އެވެ. އެކަމަކު، އެކަލޭގެފާނުގެ ކަރުނަ رَسُوْلُ اللهِ ﷺ ގެ މޫނުކޮޅަށް ފައިބައިފި އެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "އޭ أبوبكر ގެފާނެވެ! ވީ ކިހިނެއް ހެއްޔެވެ"؟ أبوبكر ގެފާނު ވިދާޅުވި އެވެ. "އަޅުގަނޑުގެ ފައިތިލައިގެ އިޑިނުން ފޮރުވައިގެން ހުރި ބާގަނޑުން ހަރުފައެއް ދަތްއެޅި އެވެ". رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ބަރަކާތްތެރި ކުޅު أبوبكر ގެފާނުގެ ޒަޚަމުގައި ހޭއްކެވުމުން، އެކަލޭގެފާނަށް ވި ތަދު ވަގުތުން ކެނޑި ބަލިން ރަނގަޅު ވެއްޖެ އެވެ.

رَسُوْلُ اللهِ ﷺ އާއި أبوبكر الصدّيق އާ ދެ ބޭފުޅުން ހޮހަޅާގައި ތިއްބެވި އިރު، މުޝްރިކުން ފަސްފަހަތުން އައިސް ހޮހަޅައިގެ ކުރިމައްޗަށް ވެސް އައެވެ. އެ މީހުންނަށް ފެނުނީ އެ ހޮހަޅައިގެ އަނގަ މަތީ ގައި މަކުނު ވާ ހަދައި، ދެ ކޮތަރު އެ ތާނގައި ހާއްޔެއް ހަދާފައިވާ ތަނެވެ. އެ ތަން ހޯދި މީހާ ކަމުގައިވާ كرز بن علقمة ބުންޏެވެ. "މި ހިސާބުން މި މަގު ނިމުނީ އެވެ". ކާފަރުން ބުނޫ އެވެ. "އެ ދެ ބޭކަލުން މި ހޮހަޅަ އަށް ވެންނެވި ނަމަ، ހޮހަޅައިގެ އަނގަ މަތީ ގައިވާ ވާ ހުންނާނީ ވީދިފައެވެ".

އޭގެ ތެރެއިން ބައެއް ބުނޫ އެވެ. "މިހާ ދުރަށް އާދެވުނީމާ، ކޮންމެ ވެސް އެކަކު ހޮހަޅަ އަށް ވަދެ ބަލާލަބަލާށެވެ". އުމއްޔާ ބިން ޚަލަފޭ ކިޔުނު ކާފަރު ކަލޭގެ ބުންޏެވެ. "ކަލޭގެ އެއްވެސް ޙިއްސެއް ނެތީ ހެއްޔެވެ. މަތިމައްޗަށް މަކުނު ވާ ލާފައިވާ އެ ހޮހަޅައިގައި ކަލޭ ކުރާނީ ކީއް ހެއްޔެވެ؟ އަހަރެން ހުވާކޮށްފައި ބުނަމެވެ. މި މަކުނު އެ ތަނުގައި ވާ ލާފައި އެހެރީ محمّدގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ވެސް ކުރިންނެވެ".

މުޝްރިކުން ހޮހަޅައިގެ އަނގަ މަތީ ގައި ޒުވާބުކުރަން ތިބި ވަގުތު أبوبكر ގެފާނު ކަންބޮޑުވެގެން ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑުގެ އަމިއްލަ ނަފްސާ މެދަގައެއް ނޫނެވެ. އެކަމަކު، އަޅުގަނޑު ބިރުގަންނަނީ، މަތިވެރިވެގެންވާ ކަލޭގެފާނަށް ކަމެއް ވެދާނެތީ އެވެ. އަޅުގަނޑު މަރާލައިފި ނަމަ، އަޅުގަނޑަކީ އެންމެ މީހެކެވެ. އެއްވެސް ކަމެއް ބަދަލެއް ނުވާނެ އެވެ. އެކަމަކު ކަލޭގެފާނަށް އަނިޔާއެއް ވެއްޖެ ނަމަ، މުޅި އުއްމަތް ހަލާކުވެގެންދާނެ އެވެ. ދީން ނެތިގެންދާނެ އެވެ". رَسُوْلُ اللهِ ﷺ އޭނައަށް حديث ކުރެއްވި އެވެ. "އޭ أبوبكر ގެފާނެވެ. ހިތާމަނުކުރައްވާށެވެ. ޙަޤީޤަތުގައި ވެސް الله تعالى ވަނީ އަހަރެމެންނާ އެކުގައެވެ".

أبوبكر ގެފާނު ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ޙަޔާތް ކަލޭގެފާނަށެވެ! އެއިން އެކަކު ވެސް ބޯ ތިރިކޮށްފި ނަމަ، އޭނާ އަށް އަޅުގަނޑުމެން ފެންނާނެ އެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ أبوبكر ގެފާނެވެ! 2 މީހުން ތިބޭ އިރު ތިން ވަނަ ފަރާތަކީ الله تعالى އެވެ. ހިތާމަ ނުކުރައްވާށެވެ! ޙަޤީޤަތުގައި ވެސް الله تعالى ވަނީ އަހަރެމެންނާ އެކުގައެވެ". މުޝްރިކުން އެތެރެ ބެލުމެއް ނެތި ގޮސްފި އެވެ.5

މި ޙާލަތު ބަޔާންކުރައްވާ سورة التّوبة ގައި ވަޙީކުރައްވާފައި ވެއެވެ. (‏إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ ‎﴿٤٠﴾)‏6 * التّوبة: 40)‏ މާނައީ: "ތިޔަބައި މީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، الله، އެކަލޭގެފާނަށް نصر ދެއްވި އެވެ. ދެ މީހުން ކުރެ އެކަކު ކަމުގައިވާ حال، كافرވި މީހުން، އެކަލޭގެފާނު ނެރެލި ހިނދު ގައެވެ. އޭގެ ދެ ކަލުން (‏ثور ފަރުބަދައިގެ)‏ ހޮހަޅައިގައި ތިއްބެވި ހިނދު ގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާ އަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެ ހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން الله ބާވައިލެއްވި އެވެ. އަދި ތިޔަބައި މީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވި އެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސް ކަމުގައި ލެއްވި އެވެ. الله ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅު ކަމުގައި ލެއްވި އެވެ. الله އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެ އެވެ".

رَسُوْلُ اللهِ ﷺ އަދި أبوبكر ގެގެފާނު ثور ފަރުބަދައިގައި ހޮހަޅައިގައި ތިން ދުވަހާއި ތިން ރޭ ވަންދެން މަޑުކުރެއްވި އެވެ. އެހެން އެތާނގައި ތިއްބެވި އިރު، ރޭގަނޑުގެ ވަގުތު ގައި أبوبكر ގެފާނުގެ ދަރިކަލުން ޢަބްދުﷲ ހޮހަޅަ އަށް ވަޑައިގެން މައްކާ އިން އޭނާ އަށް އަޑުއިވުނު ވާހަކަތައް ގެނެސްދެއްވި އެވެ. އަދި އޭނާގެ މިނިވަންކުރެވިފައިވާ އަޅެއް އަދި ޖަނަވާރު ހުއިހައްޕާ މީހެއް ކަމުގައިވާ عامر بن فُهيرة ރޭގަނޑު ކިރުގެނައެވެ. އަދި މަގުމަތީގައި ހުރި ފާހަގަތައް ފޮހެލިއެވެ. ހަތަރު ވަނަ އަށް ވީ ދުވަހު، ހޯމަވިލޭރެއެއް ގައި، رَسُوْلُ اللهِ ﷺ ثور ފަރުބަދައިގެ ހޮހަޅަ ދޫކުރައްވައި، ޤަޞްވާ ނަމަކަށް ކިޔޭ އެކަލޭގެފާނުގެ ޖަމަލަށް ސަވާރުވެ ވަޑައިގެންނެވި އެވެ. ރިވާޔަތެއް ގައި ވާ ގޮތުގައި، رَسُوْلُ اللهِ ﷺ ވަނީ أبوبكر ގެފާނު ވެސް އެ ޖަމަލަށް ނަންގަވާފައެވެ. އެ ހޮހަޅަ އަށް ދާން އޮންނަ މަގުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ عامر بن فُهيرة އާއި عبدالله بن أُريقةދުއްވީ އަނެއް ޖަމަލެވެ.

ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ވަޠަން އަދި ރަށްތަކުގެ ތެރެއިން އެންމެ އަގުހުރި ރަށްކަމުގައިވާ، الله تعالى ތަޢުރީފުކުރައްވާފައިވާ المكَّةُ المُكرَّمة ދޫކުރައްވާ ވަޑައިގަންނަވަނީ އެވެ. އެކަލޭގެފާނުގެ ޖަމަލު الحرمُ الشَّريف އާ ދިމާއަށް އަނބުރާލައްވާފައި ހިތާމައާ އެކު حديث ކުރެއްވި އެވެ. "ﷲ ގަންދީ ހުވާކުރަމެވެ. ތިބާއަކީ، الله تعالى އުފައްދަވާފައިވާ ތަންތަނުގެ ތެރެއިން އެންމެ މުޤައްދަސް ތަނެވެ. އަދި އަޅާގެ ރައްބުގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ތަނެވެ. ތިމަންކަލޭގެފާނު މައްކާ އިން ބޭރު ނުކުރި ނަމަ، ތިމަންކަލޭގެފާނު ތިބާ ދޫކޮށްނުލީމުހެވެ. ތިމަންކަލޭގެފާނުގެ ނަޒަރު ގައި ތިބާ އަށް ވުރެ ރީތި އަދި ލޯބިވެވިގެންވާ ވަޠަނެއް ނެތެވެ. ތިމަންކަލޭގެފާނުގެ މީހުން ތިބާގެ ކިބައިން ނުނެރުނު ނަމަ، ތިމަންކަލޭގެފާނު ތިބާ ދޫކޮށްނުލީހެވެ. އަދި އެހެން އެއްވެސް ތަނެއް ގައި ނޫޅުނީހެވެ".

އެ ވަގުތު، جبريل (‏عليه السّلام)‏ ބިމަށް ތިރިކުރައްވައި އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ ވަޠަނުގެ މަތިން ހަނދުމަފުވަނީ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އާދޭހެވެ. ހަނދުމަފުޅު ވެއެވެ". جبريل (‏عليه السّلام)‏، އެކަލޭގެފާނަށް ތަސައްލީއެއް ދެއްވުމަށް ޓަކައި، އެންމެ ފަހުން މައްކާ އަށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި ކީރިތި قرآن ގެ سورة القصص ގެ 85 ވަނަ އާޔަތް ކިޔުއްވި އެވެ.

"(‏އޭ މައްކަތުލް މުކައްރަމާ އެވެ!)‏ ތިމަންކަލޭގެފާނުގެ ނަޒަރު ގައި ތިބާ އަށް ވުރެ ރީތި އަދި ލޯބިވެވިގެންވާ ވަޠަނެއް ނެތެވެ. ތިމަންކަލޭގެފާނުގެ މީހުން ތިބާގެ ކިބައިން ނުނެރުނު ނަމަ، ތިމަންކަލޭގެފާނު ތިބާ ދޫކޮށްނުލީހެވެ. އަދި އެހެން އެއްވެސް ތަނެއް ގައި ނޫޅުނީހެވެ".
حديث الشريف

ދެބޭފުޅުންގެ ދަތުރު އަމާންކަމާ އެކު ކުރިޔަށްދިޔަ އެވެ. މުޝްރިކުން ހުރިހާ ތަނެއް ހޯދައި ބަލަމުންދިޔަޔަސް، އެ މީހުންނަކަށް އެ ދެބޭފުޅުން ނުފެނުނެވެ. މާތް ﷲ ގެންދެވީ، އެ މީހުންގެ ނުބައިކަމުން އެކަލާނގެ ޙަބީބު ޙިމާޔަތްކުރައްވަމުންނެވެ. އެ ދެ ބޭފުޅުން ޤުދައިދު ނަމަކަށް ކިޔޭ ހިސާބަކަށް ދެވުމުން، رَسُوْلُ اللهِ ﷺ، އެކަމަނާގެ ދީލަތި ކަމަށް މަޝްހޫރު أُمُّ مَعبد ނަމަކަށް ކިޔޭ ވިސްނުންތޫނު އަދި ޢިއްފަތްތެރި އަންހެނެއްގެ ޓެންޓު ކުރިމަތީ ގައި މަޑުކުރައްވައިފި އެވެ. އެ ދެބޭފުޅުން ބޭނުންފުޅުވީ ކާނާ އާއި، ކަދުރާއި، މަސް ބައްލަވާގަންނާށެވެ. أُمُّ مَعبد ދެންނެވި އެވެ. "އަޅުގަނޑު ގެ އަތުގައި ހުރި ނަމަ، އަގަކާ ނުލައި އަޅުގަނޑު ކާނެ އެއްޗެއް އެރުވީމެވެ. ބަނޑުހައިހޫނު ކަމާއި، މާލީ ދަތިކަމާ ހުރެ، އަޅުގަނޑުމެން އަތުގައި އެއްޗެއް ނެތެވެ". އެ ކަމަނާ ކައިރިން "ކިރު އެބަހުރި ތަ"؟ މި ސުވާލުކުރެވުމުން، އޭނާ ޖަވާބު ދިނެވެ. "ނޫނެކެވެ. ކަނބަޅިބަކަރިތައް ދަރިމައިނުވެއެވެ". ޓެންޓު ކައިރީގައިވާ ބަލިކަށި ކަންބަޅި ބަކަރިއަކަށް އިޝާރާތްކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ އުއްމު މަޢްބަދެވެ! މި ކަންބަޅިބަކަރި މިތާ ބަނދެފައި މިއޮތީ ކީއްވެގެން ހެއްޔެވެ"؟ އެ ކަމަނާ ޖަވާބު ދިނެވެ. "ބަލިވެފައި އޮތުމުން އަދި ބަލިކަށިކަނުން އޭތި އައިނުން ބޭރުވެ ފަހަތަށް ޖެހުނީއެވެ. އޭތީގެ ވަރެއް ނެތުމުން، ނުދެވުނީ އެވެ". رَسُوْلُ اللهِ ﷺ "އޭތީގެ އެއްވެސް ވަރަކަށް ކިރު އެބަ ހުރި ހެއްޔެވެ؟ މި ކަންބަޅި ބަކަރިން ތިމަންކަލޭގެފާނު ކިރުފެލުމުގެ ހުއްދަ ދޭނަން ހެއްޔެވެ"؟ އެ ކަމަނާ ޖަވާބު ދިނެވެ. "ފަހަރެއް ގައި އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޤުރުބާންކުރަންވީ ކަންނޭނގެ އެވެ. އެ ކަންބަޅި ބަކަރީ ގައި އެއްވެސް ވަރަކަށް ކިރެއް ނެތެވެ. އެކަމަކު ކަލޭގެފާމު އެއިން ކިރުފެލުން ހުއްޓުވަންވީ ސަބަބެއް ވެސް ނެތެވެ". رَسُوْلُ اللهِ ﷺ އެ ކަންބަޅި ބަކަރީގެ ކައިރި އަށް ވަޑައިގެން الله تعالى ގެ ނަންފުޅު ވިދާޅުވެއްޖެ އެވެ. ދުޢާކުރެއްވުމަށް ފަހު، އެ ކަންބަޅި ބަކަރީގެ އުރަމަތީ ގައި އެކަލޭގެފާނު ބަރަކާތްތެރި އަތްޕުޅުން ބީހިލައްވައިފި އެވެ. އެ ވަގުތު، އޭތީގެ އުރަމައްޗަށް ކިރުލައި ބުރަން ފަށައިފި އެވެ. އެ މީހުން ވަގުތުން، ބޮންތަށްޓެއް ގެނެސް އެއަށް އެ ކިރު އަޅާ ފުރާލައިފި އެވެ. އެންމެ ފުރަތަމަ ކިރު ދެއްވީ އުއްމު މަޢްބަދަށެވެ. އެކަމަނާ ބުއިމަށް ފަހު، އެކަލޭގެފާނު ދެއްވީ ބަނޑުފުރެންދެން أبوبكر ގެފާނާއި ދެން ތިބި މީހުންނަށެވެ. އެކަލޭގެފާނު އެ ކިރު ހިއްޕެވީ އެހެން މީހުންނަށް ވުރެ ފަހުންނެވެ. ދެން އެ ކަންބަޅި ބަކަރީގެ އުރަމަތީ ގައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅު ހިއްޕެވަމުން، އެ ޓެންޓު ގައިވާ އެންމެ ބޮޑު ބޮންތަށި ގެންނަން އަންގަވައިފި އެވެ. އެ ބޮންތަށްޓަށް ކިރު އަޅުއްވައި ފުރުއްވުމަށް ފަހު އުއްމު މަޢްބަދަށް ދެއްވައިފި އެވެ. ރިވާޔަތެއް ގައި އައިސްފައިވާ ގޮތުން، އެ ކަންބަޅި ބަކަރި 18 އަހަރު ވަންދެން ދިރިހުއްޓެވެ. رَسُوْلُ اللهِ ﷺ ގެ ބަރަކާތުން، އެ މީހުންގެ ދިރިއުޅުން އާރާސްތުކުރީ އެ ބަކަރިންނެވެ.

رَسُوْلُ اللهِ ﷺ އާއި أبوبكر ގެފާނު އެ ތަން ދޫކުރައްވާ ވަޑައިގަތުމުން، أُمُّ مَعبد ގެ ފިރިމީހާ އައިސް ކިރު ހުރި ތަން ފެނިގެން އަހައިފި އެވެ. "މި ކިރު ލިބުނީ ކޮންތާކުން ހެއްޔެވެ"؟ أُمُّ مَعبد ޖަވާބު ދިނެވެ. "ބަރަކާތްތެރި ބޭކަލަކު ވަޑައިގެން އަހަރެމެންގެ ގެއަށް ބަރަކާތް ލައްވައިފި އެވެ. ތިބާ އަށް ތި ފެންނަނީ އެ ކަލޭގެފާނުގެ ހެޔޮއެދިލެއްވުމުގެ ނަތީޖާ އެވެ". ފިރިމީހާ ސުވާލުކުރި އެވެ. "އެކަލޭގެފާނު ސިފަކޮށްދީފާނަން ހެއްޔެވެ؟ އެކަލޭގެފާނު ހުންނަނީ ކިހިނެއް ހެއްޔެވެ"؟

أُمُّ مَعبد ޖަވާބު ދިނެވެ. "އަހަންނަށް ފެނުނު އެ މާތް ބޭފުޅަކީ، އަރާއަރަފޯދިގެންވާ އަދި ހިނިތުންވެފައިވާ މޫނުފުޅެއްގެ ވެރިއެކެވެ. އެކަލޭގެފާނުގެ ލޯފުޅުގައި މަޑު ރަތްކުލައެއް ހުރެފައި އަޑުފުޅުގައި މަޑުމައިތިރި ކަމެއް ހުރެއެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ލޮލުގެ އެސްފިޔަ ދިގެވެ. އެކަލޭގެފާނުގެ ލޮލުގެ ހުދުބައި ވަރަށް ހުދެވެ. އަދި ލޮލުގެ ކަޅި ވަރަށް ކަޅެވެ. އެކަލޭގެފާނުގެ ލޮލުގައި އުފަންވެވަޑައިގަތް އިރު ވަނީ އަނދުންއެޅިފައެވެ. އެކަލޭގެފާނުގެ ބޮލުގެ އިސްތަށިގަނޑު ކަޅެވެ. އެކަލޭގެފާނުގެ ތުނބުޅި ހުރީ ބޯކޮށެވެ. އެކަލޭގެފާނު ވާހަކަނުދައްކަވާ އިރު، އެކަލޭގެފާނުގެ އަބުރުވެރިކަމާއި ސީރިއަސްކަން ފެނެއެވެ. އެކަލޭގެފާނު ވާހަކަދައްކަވަނީ ހިނިތުންވެފައި ހުންނަވައިގެންނެވެ. އަދި އެކަލޭގެފާނު حديث ކުރައްވާ ބަސްފުޅުތައް އަނގަފުޅުން އެތުރިގެން އަންނަނީ ވަރަށް ފޮނިކޮށް، އިތާމުތްތަކެއްގެ ހާރެއް ފަދައިންނެވެ. ދުރުން އެކަލޭގެފާނު ފެންނަނީ، ވަރަށް ހައިބަތު ބޮޑުކޮށެވެ. އަދި އެކަލޭގެފާނު ކައިރިވެ ވަޑައިގަންނަވާ ވަރަކަށް ފެންނަނީ ވަރަށް ލޯބިކޮށް އަދި ރީތިކޮށެވެ. އެކަލޭގެފާނާ އެކު އުޅުއްވާ ބޭފުޅުން ހިތާއި ފުރާނައިން އެކަލޭގެފާނުގެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް އުޅުއްވަތެވެ". މިހެން ގޮސް އެކަލޭގެފާނުގެ ގިނަ ސިފަތަކެއް އެ أُمُّ مَعبد ކިޔައިދިނެވެ. މިސިފަކުރުން އަޑުއެހުމަށް ފަހު، أُمُّ مَعبد ގެ ފިރިމީހާ ބުންޏެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. ތި ބޭފުޅަކީ، ޤުރައިޝު ވަންހައިން ހޯދަމުން އައި ބޭފުޅާ އެވެ. އަހަންނާ އެ ކަލޭގެފާނާ ބައްދަލުވި ނަމަ، އެކަލޭގެފާނަށް ޚިދުމަތްކުރުމުގެ ޝަރަފު ލިބިގަތީހެވެ. އަދި އެކަލޭގެފާނު ދޫކޮށްނުލީހެވެ". أُمُّ مَعبد ގެ ފިރިމީހާ، رَسُوْلُ اللهِ ﷺ ގެ ފަހަތްޕުޅުން ގޮސް ވާދީ ރިމް އިން އެކަލޭގެފާނާ ބައްދަލުވެ، އިސްލާމް ވެއްޖެ އެވެ. އަޞްޙާބު ބޭކަލަކަށް ވުމުގެ ޝަރަފު ހޯއްދެވި އެވެ. أُمُّ مَعبد ވެސް މުސްލިމަކަށް ވެއްޖެ އެވެ.7

سُراقة بن مالك

މުޝްރިކުން ކެނޑިނޭޅި ދިޔައީ، މަދީނާ އަށް ދަތުރުކުރައްވަމުން ގެންދެވި رَسُوْلُ اللهِ ﷺ އާއި أبوبكر ގެފާނު ހޯދަމުންނެވެ. މުޝްރިކުންނަށް އެ ދެބޭފުޅުން ނުހޯދުނު ކަމަށް ވާ ނަމަ، އެ މީހުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ އެވެ. އެހެނީ، އެ މީހުން ހީކުރިގޮތުގައި، މުސްލިމުން "އިސްލާމީ ދައުލަތެއް" ޤާއިމްކޮށް ކުރު މުއްދަތެއްގެ ތެރޭގައި އެބައިމީހުން ގެ ދުވަސް ދުއްވާލާނެ އެވެ. މި ސަބަބަށް ޓަކައި، މުޝްރިކުން ވަނީ އެ މީހުން އަތުގައި ހުރި ހުރިހާ އެއްޗެއްގެ ބޭނުންކޮށްފައެވެ. رَسُوْلُ اللهِ ﷺ އަދި أبوبكر ގެފާނު ހިފައި ނުވަތަ އަވަހާރަކޮށްލާ މީހަކަށް ނުވަތަ ބަޔަކަށް ސަތޭކަ ޖަމަލާއި، ޢަދަދުނުކުރެވޭ ވަރަށް މުދަލާއި، ފައިސާ ދިނުމަށް ވަޢުދުވިއެވެ. މި ޚަބަރު، سُراقةُ بن مالك ނިސްބަތްވާ މުދްލިޖު ވަންހައިގެ ތެރޭގައި ފެތުރިއްޖެ އެވެ. سُراقةُ بن مالك އަކީ، މީހުން ހިނގާ މަގު ހޯދުމަށް ކުޅަދާނަ މީހެކެވެ. އެހެންކަމުން، އޭރު ހިނގަމުންދިޔަ ކަންތައްތަކަށް ޝައުޤުވެރިކަމެއް ދިނެވެ.

އަންގާރަ ދުވަހެއް ގައި، މުދްލިޖުގެ ފިރިހެން ދަރިން، سُراقةُ بن مالك ދިރިއުޅުއްވި ޤުދައިދު ސަރަޙައްދު ގައި އެއްވެއްޖެ އެވެ. އޭނާ ވެސް އެ ބައްދަލުވުމުގެ ތެރޭގައި ހުންނެވި އެވެ. ހަމަ އެ ވަގުތު، ޤުރައިޝް ވަންހައިގެ ފިރިހެނަކު އައިސް، އޭނާ ކައިރީ ގައި ބުނެފިއެވެ. "އޭ ސުރާޤަތެވެ! ހުވާކޮށްފައި ބުނަމެވެ. ދެންމެ ތިނެއް ނުވަތަ ހަތަރު ފިރިހެނަކު އައްސޭރި އާ ދިމާލަށް ދާ ތަން އަހަންނަށް ފެނުނެވެ. އެއީ، محمّدގެފާނާއި، އެކަލޭގެފާނުގެ ޞަޙާބީންނަށް ވުން ގާތެވެ". ސުރާޤަތަށް ވެގެން އުޅޭ ގޮތް އެނގިއްޖެ އެވެ. އެކަމަކު، އިނާމު މާ ބޮޑެވެ. އެހެންވެ އޭނާ ބޭނުންވީ، އޭނާ އެކަނި އެ އިނާމު ހޯދުމަށެވެ. މި ސަބަބަށް ޓަކައި، އެހެން އެއްވެސް މީހަކަށް އެ ޚަބަރު ދޭން ބޭނުމެއް ނުވި އެވެ. "ނޫނެކެވެ. ކަލެއަށް ތި ފެނުނު މީހުންނަކީ މިވެނި މިވެނި ބައެކެވެ. އެ މީހުން މިހެން ލާފައި ދެންމެ އެ ދިޔައީ އެވެ. އަހަރެމެންނަށް ވެސް އެ މީހުން ފެނުނެވެ". އެއީ އެއްވެސް މުހިއްމު ކަމެއް ނޫންކަމަށް ދޭހެވާ ގޮތަށް އޭނާ ބުންޏެވެ.

سُراقةُ بن مالك އިތުރު ދުވަސްތަކެއް ވަންދެން އިންތިޒާރުކުރި އެވެ. ސަމާލުކަން ނުހޯދައި، އޭނާގެ ގެއަށް އަތުވެއްޖެ އެވެ. އޭނާގެ ނޯކަރަށް އެންގީ، އޭނާގެ އަހާއި، ހަތިޔާރު ނަގައިގެން ވާދީގެ ބިއްދޮށުގައި އޭނާ އަށް އިންތިޒާރުކޮށްގެން ހުރުމަށެވެ. އޭނާގެ ލޮންސި ނެގުމަށް ފަހު، އޭގެ ވިދުމުން ބަޔަކު އަޅާނުގަންނާނެ ހެން އެކޮޅުކޮޅުން ޖަހައިފި އެވެ. ދެން އޭނާގެ އަސް ދުއްވަން ފަށައިފި އެވެ. އެ ދެ ބޭފުޅުން ވަޑައިގެންނެވި ދިމާ ކަމަށް ބުނެވޭ މަގުން އޭނާ ދިޔަ އިރު، ހިންގަވާފަހުރި ކަމުގެ އަސަރު ފެނުނެވެ. އޭނާ އަށް، رَسُوْلُ اللهِ ﷺ ކިޔަވާވިދާޅުވަމުން ގެންދެވި ކީރިތި قرآن ގެ އަޑު އިވޭހާ ކައިރި އަށް އޭނާ އަށް ދެވުނެވެ. އެކަމަކު، رَسُوْلُ اللهِ ﷺ އެނބުރި ފަހަތަށް ނުބައްލަވައެވެ. أبوبكر ގެފާނު ފަހަތަށް ބެއްލެވި އިރު، ފެނިވަޑައިގެން سُراقةُ ފެނިވަޑައިގެން ކަންބޮޑުވެ ވަޑައިގަތެވެ. رَسُوْلُ اللهِ ﷺ، ހޮހަޅައިގައި ކަންތައް ކުރެއްވި ގޮތަށް، حديث ކުރެއްވި އެވެ. "ހިތާމަ ނުކުރައްވާށެވެ! الله تعالى ވަނީ އަހަރެމެންނާ އެކުގައެވެ".

أبوبكر ގެފާނުގެ އަރިހުން އައިސްފައިވާ ރިވާޔަތެއް ގައި ވާ ގޮތުގައި، އަސްވާރަކު އެ ދެބޭފުޅުންނާ ކައިރިވަމުން އަންނަ ވާހަކަ أبوبكر ގެފާނު، رَسُوْلُ اللهِ ﷺ އަށް ދެންނެވުމުން، رَسُوْلُ اللهِ ﷺ، "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އޭނާ ވައްޓަވަފާދޭވެ!" މި ދުޢާ ކުރެއްވުމުން، سُراقةُ އަރާ ހަމަކުރުމުން، أبوبكر ގެފާނު ކީރތިތިކުރެއްވި އެވެ. ކީރިތި ކުރައްވަނީ ކީއްވެގެން ތޯ رَسُوْلُ اللهِ ﷺ އެއްސެވުމުން، أبوبكر ގެފާނު ދެންނެވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި އަޅުގަނޑު ދަންނަވަމެވެ. އަޅުގަނޑު މި ރޮނީ އަޅުގަނޑަށް ޓަކައެއް ނޫނެވެ. އަޅުގަނޑު މި ރޮނީ ކަލޭގެފާނަށް އަނިޔާއެއް ވެދާނެތީ އެވެ".

رَسُوْلُ اللهِ ﷺ އަށް ހަމަލަދެވޭހާ ކައިރިއަށް سُراقةُ އައެވެ. އޭނާ ބުންޏެވެ. "އޭ محمّدގެފާނެވެ! އަޅުގަނޑުގެ ކިބައިން މިއަދު ކަލޭގެފާނު ސަލާމަތްކޮށްދޭނީ ކާކު ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ޖައްބާރު ވަންތަ އަދި ޤައްހާރު ވަންތަ الله تعالى ތިމަންކަލޭގެފާނު ރައްކާތެރިކުރައްވާނެ އެވެ". އެ ވަގުތު، سُراقةُ ގެ އަސް، ކުރިމަތީ ދެ ފައިގެ ކަކުލާ ހަމައަށް ބިމަށް ގަނބައިގެންފި އެވެ. އެކަމުން އަރައިގަނެވި، އަނެއްކާ ވެސް ޙަމަލަދޭން އުޅުމުން، އޭނާގެ އަސް އަނެއްކާ ވެސް ބިމަށް ގަންބައިގެންފި އެވެ. سُراقةُ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، އޭނާގެ އަސް ގަނބައިގެންފައި ހުރި ތަނުން ދޫކުރެވޭ ގޮތެއް ނުވި އެވެ. އޭނާ އަށް ދެން އިތުރަށް ހެދޭނެ ގޮތް ހުސްވެއްޖެ އެވެ. އޭނާ އަށް ހަދާނެ ގޮތް ހުސްވުމުން، އޭނާ، އޯގާވެރި އަދި ރަޙުމްހުރި رَسُوْلُ اللهِ ﷺ އަށް އާދޭސް ދަންނަވަން ފަށައިފި އެވެ. އެންމެހާ ރިވެތި އަޚްލާޤީ ރިވެތި ސިފަތައް ސިފަތައް ލިބިވަޑައިގެންފައިވާ رَسُوْلُ اللهِ ﷺ، އޭނާގެ އެދުނު ގޮތް ޤަބޫލުކުރައްވައިފި އެވެ. سُراقةُ ބުނަމުންދިޔަ އެވެ. "محمّدގެފާނެވެ! ކަލޭގެފާނު ވަނީ ޙިމާޔަތްކުރެވިގެން ކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު މިނިވަންކޮށްދެއްވުމަށް ދުޢާކޮށްދެއްވާށެވެ. އަޅުގަނޑު ކަލޭގެފާނަށް އެއްވެސް އަނިޔާއެއް ނުދޭނަމެވެ. ކަލޭގެފާނު ހޯދަމުންދާ މީހުންނާ އަޅުގަނޑު ވާހަކަ ވެސް ނުދައްކާނަމެވެ". رَسُوْلُ اللهِ ﷺ، "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އޭނާ އެ ބުނާ ބަސް ތެދުވެރި ނަމަ، އޭނާގެ އަސް ސަލާމްކޮށްދެއްވާދޭވެ"!، މި ދުޢާ ކުރެއްވުމުން އެ ދުޢާ އިޖާބަކުރައްވައިފި އެވެ.

سُراقةُ بن مالك ގެ އަސް ބިންގަނޑަށް ގަނބައިގަނެފައިވާ ވުމުން ސަލާމަތްވީ އެ ދުޢާ އަށް ފަހުގައެވެ. ހަމަ އެވަގުތު، އެ އަސް ބިންގަނޑަށް ގަނބައިގެންދިޔަ ތަނުން ޖައްވަށް ދުން އަރަމުންދިޔަ އެވެ. سُراقةُ ޙައިރާންވެއްޖެ އެވެ. އަދި ހިނގާދިޔަ ހުރިހާ ކަމަކުން، އޭނާ އަށް ވިސްނުނީ رَسُوْلُ اللهِ ﷺ ވަނީ އަބަދު ވެސް ޙިމާޔަތްކުރެވިގެން ކަމެވެ. އޭނާ އަށް ގިނަ ކަންތައްތަކެއް ފެނިއްޖެ އެވެ. އެންމެ ފަހުން އޭނާ ބުނެފި އެވެ. "محمّدގެފާނެވެ! އަޅުގަނޑަކީ سُراقةُ بن مالك އެވެ! އަޅުގަނޑާ މެދު ޝައްކެއް ނުބާއްވަވާށެވެ. އަޅުގަނޑު ކަލޭގެފާނަށް ވަޢުދުވަމެވެ. މި ވަގުތުން ފެށިގެން، ކަލޭގެފާނު ރުހިވަޑައިނުގަންންވާ އެއްވެސް ކަމެއް އަޅުގަނޑުނުކުރާނަމެވެ. ކަލޭގެފާނު ހައްޔަރުކުރާ މީހަކަށް ވަރަށް ގިނަ އިނާމުތަކެއް ދިނުމަށް ކަލޭގެފާނުގެ ގަބީލާގެ މީހުން ވަނީ ވަޢުދުވެފައެވެ". ޤުރައިޝް ވަންހައިގެ މުޝްރިކުން ރާވާފައިވާ ކަންތައްތައް ކަމަކަށް ފަހު ކަމެއް އޭނާ އޮޅުންފިލުވައިދިނެވެ. އޭނާ، އެ ދެބޭފުޅުންގެ ދަތުރަށް ބޭނުންވާ ކާނާ އާއި، ޖަމަލު ވެސް ހުށަހެޅި އެވެ. އެކަމަކު رَسُوْلُ اللهِ ﷺ އެ ހުށަހެޅުން ޤަބޫލުނުކުރައްވާ حديث ކުރެއްވި އެވެ. "އޭ ސުރާޤަތެވެ! ތިބާ އިސްލާމް ދީން ޤަބޫލުނުކުރާހާ ހިނދަކު ތިމަންކަލޭގެފާނު ތިބާގެ ޖަމަލެއް ވެސް އަދި ގެރިއެއް ވެސް ބޭނުންފުޅެއް ނޫނެވެ. ތިބާ އަށް ތިމަންކަލޭގެފާނު މެން ފެނުނު ކަން ސިއްރުކުރާށެވެ؛ އެ ވަރު ފުދެއެވެ".

"އޭ ސުރާޤަތެވެ! ތިބާ ޝާހުގެ ކެވެލިތަކާއި، ބެލްޓާއި، ތާޖު އަޅައިގެން ހުރިތަން ތިމަންކަލޭގެފާނަށް ފެންނަ ފަދައެވެ".
حديث الشريف

إبن سعد (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ: سُراقةُ، "ކަލޭގެފާނު ބޭނުންފުޅުވާ ކޮންމެ ކަމަކަށް އަޅުގަނޑަށް އަމުރުކުރައްވާށޭ"، މިހެން رَسُوْلُ اللهِ ﷺ އަށް ދެންނެވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިބާގެ ރަށުގައި މަޑުކުރާށެވެ. އެއްވެސް މީހަކު ތިމަންކަލޭގެފާނުމެންނާ އަރާ ހަމަކުރިޔަނުދޭށެވެ".

الله تعالى އިރާދަކުރެއްވުމުން ކޮންމެ ކަމެއް ވެސް ވެދާނެ އެވެ. އެކަލާނގެ އަށް އިޚްލާޞްތެރިކަމާ އެކު އިތުބާރުކޮށް، އެކަލާނގެ ދެއްކެވި މަގުން ހިނގާ ނަމަ، ހިތަށް ވެސް ނުގެނވޭ ވަރުގެ ޙާދިސާތައް ހިނގައެވެ. އަޑުގޮއްވަމުން ދާ ސިންގާއެއް ކަމުގެ ވިސްނުމާއި، رَسُوْلُ اللهِ ﷺ އަވަހާރަކޮށްލުމުން ލިބެންހުރި އިނާމުތަކުގެ ދަހިވެތިކަމުގައި ނުކުތް سُراقةُ ބަދަލުވީ މަޑުމައިތިރި، ބަސްއަހާ ކުޑަކުއްޖެއް ފަދަ މީހަކަށެވެ. ގަދަކީރިތި ވަންތަ الله تعالى سُراقةُ ގެ ހިތް އަނބުރާލެއްވީ ރަނގަޅު އެއްޗަކަށެވެ. އެއީ، އޭރުން އޭނާ އަށް މާތް ﷲ ގެ ޙަބީބަށް އަނިޔާއެއް ނުދެވޭހެންނެވެ. ޔަޤީނުން ވެސް الله تعالى އެކަލާނގެ ޙަބީބު (‏صلّى الله عليه وسلّم)‏ ގިނިކަންޏާ ދޫކޮށެއް ނުލައްވާނެތެވެ. އެހެނީ، އެކަލޭގެފާނަކީ މީސްތަކުންނަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވި، އަދި އެބައި މީހުން ދުނިޔެއާއި އާޚިރަތުގައި ނިމުމެއް ނެތް ނިޢުމަތާއި، އުފާވެރިކަން ލިބިގަތުމަށް ޓަކައި، އެކަލާނގެ ޙަޟްރަތުގައި އެންމެ ލޯބިވެތި ރަސޫލާ އެވެ.

ދެން سُراقةُ އެނބުރި ގޮސްފި އެވެ. އޭނާ އަށް މި ފެނުނު ކަންތަކުގެ ވާހަކަ އޭނާ އެއްވެސް މީހަކުގެ ކައިރީގައި ނުބުނެއެވެ.8

ޢާލަމްތަކުގެ ސައްޔިދު ވަޑައިގަންނަވަނީ އެވެ!

އެއް ހަފުތާގެ ދަތުރަކަށް ފަހު، އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އާއި، أبوبكر ގެފާނާއި، عامر بن فُهَيرة އާއި، އެ ބޭފުޅުންގެ ގައިޑް عبدالله بن أُريقة އަށް "ޤުބާ" ނަމަކަށް ކިޔޭ ރަށަކަށް بعثة އަށް 13 ވަނަ އަށް ވީ އަހަރު (‏މީލާދީން 622)‏، 20 ސެޕްޓެމްބަރ، އަދި ހިޖުރައިން ފުރަތަމަ އަހަރުގެ 8 ރަބީޢުލް އައްވަލް ވީ ހޯމަ ދުވަހު ހެނދުނު ގަޑީގައި ފޯރައިފި އެވެ.

އެ ބޭފުޅުން އެ ރަށު ގައި މަޑުކުރެއްވީ كُلثُوم بن الهدم ގެ ގޭގައެވެ.

عامر بن عوف ގެ ފިރިހެން ދަރިންގެ މިލްކަކަށް ވާ ކަދުރު ހިއްކާ ތަނެއް ފުރަތަމަ މުހާޖިރުން ބަދަލުކުރެއްވީ، ނަމާދުކުރާ ތަނަކަށެވެ. އެއީ رَسُوْلُ اللهِ ﷺ މަދީނާ އަށް ވަޑައިގަތުމުގެ ކުރިންނެވެ. رَسُوْلُ اللهِ ﷺ ޤުބާ އަށް ފޯރުމުން، އެ ނަމާދުކުރާ ތަން ބޮޑުކުރައްވައިގެން އެންމެ ފުރަތަމަ މިސްކިތް އެޅުއްވި އެވެ. އެ ބޭކަލުން ނަމާދުކުރެއްވީ މަސްޖިދުލް ޤުބާގައެވެ.

ކީރިތި قرآن ގެ سورة التوبة ގެ 108 ވަނަ އާޔަތުގައި މަސްޖިދުލް ޤުބާ އަށް ތަޢުރީފުކުރައްވާފައި ވެއެވެ. (‏لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ ‎﴿١٠٨﴾)‏9 * التّوبة: 108)‏ މާނައީ: "ދުވަހަކު ވެސް ކަލޭގެފާނު އެ މިސްކިތުގައި (‏ނަމާދަށް)‏ قائم ވެ ނުހުންނަވާށެވ! ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوى ގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއް ގައި (‏އެބަހީ: قباء މިސްކިތުގައި)‏ ކަލޭގެފާނު قائم ވެ ހުންނެވުން މާ حق ކަން ބޮޑެވެ. طاهر ވެ ގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. طاهر ވެ ގަންނަ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ".

ދުވާލާއި ރޭގަނޑު އެއްވަރުވި 23 ސެޕްޓެމްބަރ ވީ 12 ރަބީޢުލް އައްވަލް ވީ ހުކުރު ދުވަހެއް ގައި އެ ބޭފުޅުން މަދީނާ އަށް ވަޑައިގަތުމަށް ޢަޤަބާ ގައި ދަތުރު ފެށްޓެވި އެވެ. މެންދުރު ނަމޑު ގަޑީގައި އެ ބޭފުޅުން މަޑުކުރެއްވީ މަދީނާ އާއި ޤުބާ އާ ދެމެދު ގައިވާ ވާދީ ރަނޫނާ ގައެވެ. އެންމެ ފުރަތަމަ ހުކުރު ނަމާދު އިމާމު ނަމާދުކުރެއްވައި، އެންމެ ފުރަތަމަ ހުކުރު ޚުޠުބާ ދެއްވީ މި ތަނުގައި رَسُوْلُ اللهِ ﷺ އެވެ.10 އަދި ހަމަ އެ ދުވަހު، އެ ބޭފުޅުންނަށް މަދީނާ އަށް ވާޞިލުވެވިއްޖެ އެވެ. (‏ފަހުން "مسجدُ الجُمعة" ނަމަކަށް ކިޔާ މިސްކިތެއް އެ ތާނގައި ބިނާކުރެވުނީ، އެންމެ ފުރަތަމަ ކުރެވުނު ހުކުރު ނަމާދުގެ ޒިކުރިޔާތުގައެވެ.)‏

ހަމަ އެވަގުތު، މައްކާ ގައި މަޑުކުރައްވައިގެން ހުންނެވި علي (‏رضي الله عنه)‏ كعبةُ الشَّريف ގައި ޢާއްމުކޮށް رَسُوْلُ اللهِ ﷺ އިށިނދެވަޑައިގެން ހުންނަވާ ތަނުގައި އިށީންނަވައިފި އެވެ. علي (‏رضي الله عنه)‏ އިއުލާންކުރެއްވި އެވެ. "رَسُوْلُ اللهِ ﷺ ގެ އަތްޕުޅަށް ބޭނުންކުރެވޭ ފަދަ ތަކެތި އަމާނަތެއްގެ ގޮތުން ޙަވާލުކޮށްފައި ތިބި މީހުން އައިސް އެ ތަކެއްޗާ ޙަވާލުވާށެވެ". އެފަދަ ކޮންމެ މީހަކު އައިސް، ޙަވާލުކުރިކަން ސާބިތުކުރުމަށް ފަހު އެމީހެއްގެ އެއްޗެއް އެ މީހަކު ގެންގޮސްފި އެވެ.

ޤުރައިޝުންގެ ކާފަރުން ޢާއްމުކޮށް އެއްވެ އުޅޭ ތަނަށް أَسدُ الله علي (‏رضي الله عنه)‏ ވަޑައިގެންފި އެވެ. އެކަލޭގެފާނު، އެ މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ. "ގެ އިރާދަފުޅާ އެކު، މާދަން އަހަރެން މި ދަނީ مدينة المُنوّرة އަށެވެ. ކަލޭމެން ބުނަން އޮތް އެއްވެސް އެއްޗެއް އެބައޮތް ހެއްޔެވެ؟ އަހަރެން މިތާ ހުއްޓާ ބުނާށެވެ". އެ އެންމެން ބޯ ވަތަށް ޖަހައި، އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހެނދުނު، علي (‏رضي الله عنه)‏، رَسُوْلُ اللهِ ﷺ ހިފާގެންގުޅުއްވާ ތަކެތި އެއްކުރެއްވުމަށް ފަހު ދަތުރު ފަށްޓަވައިފި އެވެ. ޤުރައިޝުންގެ 4 ނުވަތަ 5 މީހުން އެކަލޭގެފާނުގެ ކުރި ބައްދާލަން އުޅުނަސް، އެކަލޭގެފާނު އެ މީހުން ބަލިކުރައްވާ ކުރިޔަށް ވަޑައިގަތެވެ. މަގުމަތީ ގައި، مِقدَادُ بن أَسودُ އާ ދިމާވެއްޖެ އެވެ. އެންމެ އެތިފަހަރަކުން އޭނާ ވައްޓާލައްވައި، އިސްލާމް ދީނަށް ދަޢުވަތު ދެއްވި އެވެ. مقداد އެ ދަޢުވަތު ޤަބޫލުކޮށް އިސްލާމް ވެއްޖެ އެވެ. ދުވާލުގެ ވަގުތު ފިއްލަވަމުން، އަދި ރޭގަނޑުގެ ވަގުތު ފައިމަގުގައި ހިންގަވަމުން علي (‏رضي الله عنه)‏ ކުރެއްވި ދަތުރު ނިންމަވާލެއްވި އިރު، އެކަލޭގެފާނު ހުންނެވީ رَسُوْلُ اللهِ ﷺ ގެ އަރިހަށް ދެވޭ ފަދަ ޙާލަތެއް ގައެއް ނޫނެވެ. رَسُوْلُ اللهِ ﷺ އަށް މި ޚަބަރު ލިބިވަޑައިގަތް އަވަހަކަށް علي (‏رضي الله عنه)‏ އާ ހަމަ އަށް ވަޑައިގަތެވެ. علي (‏رضي الله عنه)‏ ފެނިވަޑައިގަތުމުން އެކަލޭގެފާނަށް ދެރަހީފުޅުވެގެން ބޮޑުބޭބެގެ ދަރިކަލުންނާ ބަޣަލްޤީރުކުރައްވައި، އަތްޕުޅުން ތެދުމަގުގައި ހާހުން އުނދަގޫ އުފުއްލެވި علي (‏رضي الله عنه)‏ ގެ ފައިތިލައިގައި ފިރުމާލެއްވި އެވެ. އަދި علي (‏رضي الله عنه)‏ އަށް ފުރިހަމަ ޞިއްޙަތެއް ދެއްވުމަށް އެދި ދުޢާކުރެއްވި އެވެ. ރިވާކުރެވިގެންވާ ގޮތުގައި ކީރިތި قرآن ގެ سورة البقرة ގެ 207 ވަނަ އާޔަތް ބާވައިލެއްވި އެވެ. علي (‏رضي الله عنه)‏ ގެ ކިޔަމަންތެރިކަމުގެ މައްޗަށެވެ. (‏وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ ‎﴿٢٠٧﴾)‏11 * البقرة: 207)‏ މާނައީ: "އަދި ﷲ ގެ ރުހިވޮޑިގަތުން އެދި (‏އެކަލާނގެ އަށް)‏ ތިމާގެ نفس ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. ﷲ އީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެ އެވެ". ރިވާވެގެންވާ ގޮތުގައި، މި އާޔަތް ބާވައިލެއްވުނީ، علي (‏رضي الله عنه)‏ ގެ ކިޔަމަންތެރިކަމުގެ މައްޗަށެވެ.12

މީގެ ކުރިން މަދީނާ އަށް ހިޖުރަކުރެއްވި އަޞްހާބު ބޭކަލުންނަށް رَسُوْلُ اللهِ ﷺ ހިޖުރަކުރެއްވުމަށް މައްކާ ދޫކޮށްލެއްވި ކަމުގެ ޚަބަރު އަޑުއިވުމުން، އެކަލޭގެފާނު މަދީނާ އަށް ވަޑައިގަންނަވާނެ އިރަކަށް ތިބީ އުފާވެރިކަމާއި، ޝައުޤުވެރިކަމާ އެކު އިންތިޒާރުކޮށްކޮށެވެ. މި ސަބަބަށް ޓަކައި، މަދީނާގެ ރަށްބޭރުގެ އަވަށްތަކުގައި އެކަލޭގެފާނު ވަޑައިގަންނަވާތޯ ބަލަން މީހުން ލެއްވައި، رَسُوْلُ اللهِ ﷺ މަދީނާ އަށް ވެދެވަޑައިގެންނެވުމުން، އެކަލޭގެފާނަށް މަރުޙަބާ ދެންނެވުމުގެ ޝައުޤުވެރިކަމުގައި ތިއްބެވި އެވެ. އެކަލޭގެފާނަށް އޮތް ލޯބީގައި އަނދަމުންދިޔަ މީހުން، ހޫނު ސަޙަރާ ފެނަށް ބޭނުންވާ ފަދައިން އުދަރެހަށް ބަލަހައްޓައިގެން ތިބެ، އެކަލޭގެފާނަށް އެތަކެއް ދުވަހެއް ވަންދެން އިންތިޒާރުކުރި އެވެ.

އެންމެ ފަހުން ކުއްލިއަކަށް މީހަކު ބުނާ އަޑު އިވުނެވެ. "އެ ބޭފުޅުން އެއޮތް ވަޑައިގަންނަވީ އެވެ! އެ ބޭފުޅުން އެއޮތް ވަޑައިގަންނަވީ އެވެ"! އެ އަޑު އިވުނު މީހުން ހޫނު ޞަޙަރާގެ މެދަށް ބަލަން ފަށައިފި އެވެ. އާއެކެވެ! އާއެކެވެ! އެ މީހުންނަށް ވެސް ފެނުނު ގޮތުގައި، އެ ބޭފުޅުން މި ދިމާލަށް ހައިބަތްތެރިކަމާ އެކު ވަޑައިގަންނަނީ، އިރުގެ އަނދަމުންދާ ދިލަ ހޫނާ އެކު ވެސް ހޫނު ޞަޙަރާ ތެރެއިން ލާފައެވެ. އެބައި މީހުން އުފަލުން އެކަކު އަނެކަކަށް "ހުރި ޚަބަރެއްގެ އުފާވެރިކަމާއޭ! ހުރި ޚަބަރެއްގެ އުފާވެރިކަމާއޭ! ﷲ ގެ ރަސޫލާ ވަޑައިގަންނަވަނީ އޭ! އަހަރެމެންގެ ރަސޫލާ ވަޑައިގަންނަވަނީ އޭ! މަދީނާ މީހުންނޭ، އުފާކުރާށޭ! އުފާކުރާށޭ! ﷲ ގެ ޙަބީބު ވަޑައިގަންނަވަނީ އޭ! އަހަރެމެންގެ އަގުހުރި ރަސޫލާ ވަޑައިގަންނަވީ އޭ"! މިހެން ކިޔައި ހަޅޭލަވަން ފަށައިފި އެވެ. ހަމަ ވަގުތުން މި ޚަބަރު مدينة المُنوّرةގެ މަގުތަކަށް ފެތުރިއްޖެ އެވެ. ހުރިހާ އެންމެން، ކުޑަކުދިންނާއި، މުސްކުޅީންނާއި، ބަލިމީހުން، އާދެ، ހުރިހާ އެންމެން އިންތިޒާރުކުރަމުން ދިޔައީ، އެފަދައެއް ނުވާ އުފާވެރި ޚަބަރަށެވެ.

"އަދި ﷲ ގެ ރުހިވޮޑިގަތުން އެދި (‏އެކަލާނގެ އަށް)‏ ތިމާގެ نفس ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ.".
البقرة: 207

އެމީހުންގެ އެންމެ ރިވެތި ހެދުން ލައިގެން ތިބި މަދިނާގެ އެންމެން، رَسُوْلُ اللهِ ﷺ އަށް މަރުޙަބާ ދެންނެވުމަށް އަވަސްވެގެންފި އެވެ. ވައިގެ ތެރެ ގުގުމާފައިވަނީ تكبيرގެ އަޑުންނެވެ. އުފާވެރިކަމުގެ ކަރުނަތައް ބޮޑު ފެންގަނޑެއް ދެމޭ ފަދައިން އޮހިގެންދިޔަ އެވެ. އެތާ ގައި އޮތީ، ހިތާމަވެރިކަމާއި، އުފާވެރިކަމުގެ މާޙައުލެކެވެ. އަދި މަދީނާގެ އަހުލުވެރިން އުހައުވެރިކަން ލިބިގަންނަމުން ދިޔައީ، އެ ރަށުގެ ތާރީޚުގެ އެންމެ ރިވެތި ދުވަހެވެ. އެއްކޮޅުން، "الأَمِين" ގެ ގޮތުގައި އެންމެންނަށް ވެސް އެނގޭ الله تعالى ގެ ޙަބީބު އަވަހާރަކޮށްލުމަށް އިނާމު ހުށަހެޅި މީހުންނެވެ. އަނެއްކޮޅުން، رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އެކުވެރިން ޙިމާޔަތްކޮށް، އެ ބޭފުޅުން ބަލައިގަނެ، އެބައި މީހުންގެ އަމިއްލަ ނަފްސުތައް މި މާތް މަޤްޞަދު ޙާޞިލުކުރުމަށް ޤުރުބާންކުރަން ބޭނުންވި މީހުންނެވެ.

މަދީނާ މީހުން ބޭނުންވީ، އަހަރެމެންގެ ލޮބުވެތި ރަސޫލާގެ އުޖާލާ މޫނުކޮޅު ވީހާ ވެސް އަވަހަކަށް ދެކެލުމަށެވެ. މިފަދަ އުފާވެރި ބަރަކަތްތެރި ވަގުތެއް މީގެ ކުރިން މަދީނާ ދެކެފައެއް ނުވެއެވެ. މިއީ، ކުރިން ފެނިފައިނުވާ ފަދަ ޢީދެކެވެ. ކުޑަކުދިންނާއި، ޒުވާނުންނާއި، މުސްކުޅިންނާއި، ނަސީބުވެރިން، ދިޔައީ ދެވަނައެއް ނުވާ އަދި މީގެފަހުން ވެސް ދެވަނައެއް ނުވާނެ، ތިރީގައިވާ ޅެން ކިޔަމުންނެވެ:13

طَلَعَ ٱلْبَدْرُ عَلَيْنَا
مِنْ ثَنِيَّاتِ ٱلْوَدَاع
وَجَبَ ٱلشُكْرُ عَلَيْنَا
مَا دَعَا لِلّٰهِ دَاعَ
އަހަރެމެންގެ މައްޗަށް ހުޅެވި ހަނދު އަރައިފިއޭ
ވަދާޢުގެ ފަރުބަދައިންނޭ،
އަހަރެމެން ޝުކުރުކުރަންޖެހެއޭ،
ގޮވާލެއްވީ ﷲ އަށް ޓަކައޭ.
أَيُّهَا ٱلْمَبْعُوثَ فِينَا
جِئْتَ بِالْأَمْرِ ٱلْمُطَاع
جِئْتَ شَرَّفْتَ ٱلْمَدِينَة
مَرْحَبًا يَا خَيْرَ دَاع
އަހަރެމެންގެ ތެރެއަށް ފޮނުއްވުނު ރަސޫލާއޭ،
ކަލޭގެފާނު ވަޑައިގަތީ ﷲ ގެ އަމުރާއެކުގައޭ،
ކަލޭގެފާނު ޝަރަފުވެރިކަން މަދީނާ އަށް ގެނެސްދެއްވީމުއޭ،
މަރުޙަބާއޭ އެންމެ ރަނގަޅު ގޮވާލައްވާ
أَنْتَ شَمسٌ أَنْتَ بَدْرٌ
أَنْتَ نُورٌ عَلَى نُوْرٍ
أَنْتَ مِصْبَاحُ السُّرَيَّة
يَاحَبِيْبِي يَا رَسُولِيْ
އިރަކީ ތިބާއޭ، ހަނދަކީ ތިބާއޭ،
ތިބާއަކީ ނޫރުގެ މައްޗަށް ނޫރޭ،
ތިބާއަކީ ޢަސްކަރީ ފައުޖުގެ ބައްތިއޭ،
އޭ ރަސޫލާ އޭ، އޭ ލޯތްބާއޭ.

"މަރުޙަބާ، ﷲ ގެ ރަސޫލާ"، "އަޅުގަނޑުމެންގެ ގެއަށް ވަޑައިގަތުމުގެ ޝަރަފުދެއްވުން އެދެން"، މި އެދުންތައް ހުރިހާ ދިމާލަކުން ދިޔައީ އިވެމުންނެވެ. މަދީނާގެ ކަމުވޮށިގެންވާ ބައެއް މީހުން قُصْوَى ގެ ލަގަނުގައި ހިފަހައްޓައިގެން ތިބެ އެކަލޭގެފާނަށް އާދޭސް ދަންނަވަމުންދިޔަ އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ގެއަށް ވަޑައިގަތުމުގެ ޝަރަފު ދެއްވުން އެދެމެވެ...." رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ޖަމަލުގެ ލަގަން ދޫކޮށްލާށެވެ. އެ ލަގަން އެ މީހަކު އިޚްތިޔާރުކުރާނެ އެވެ. ތިމަންކަލޭގެފާނުގެ ޖަމަލު އެ ގެއެއްގެ ކުރިމަތީގައި ކަކޫ ޖައްސާ ގެއަކީ، ތިމަންކަލޭގެފާނު އެ ގެއެއްގެ މެހެމާނަކަށް ހުންނަވާނެ ގެއެވެ". ކޮންމެ މީހަކު ވެސް ހުރީ އުފާވެ، ދެން ކަންވާނެ ގޮތް ބަލަން ކެތްމަދުވެފައެވެ. قُصْوَى ކަކޫ ޖައްސާނީ ކޮން ގެއެއްގެ ކުރިމަތީ ގައި ބާވައެވެ؟ قُصْوَى މަދީނާގެ މެދާ ދިމާއަށް ކުރިޔަށް ގޮސް، ކޮންމެ ގެއެއްގެ ކުރިމަތިން ލާފައި ދެއެވެ. އެ ވަގުތު ކޮންމެ ގެއެއްގެ ވެރިމީހާ ބުނަމުންދިޔަ އެވެ:

"މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންނަށް ޝަރަފު ދެއްވުން އެދެމެވެ. އަޅުގަނޑުމެންނަށް ޝަރަފު ދެއްވުން އެދެމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޖަމަލު ކުރިޔަށް ދާނެ މަގު ދައްކާށެވެ! އޭތި ގޮސް ކަކޫ ޖައްސަންވީ ތަން އެއަށް ވަނީ އަމުރުކުރެވިފައެވެ".

އެންމެ ފަހުން، قُصْوَى ގޮސް ކަކޫ ޖެއްސީ މިއަދު مسجِدُ النِّبوي ގެ ދޮރުކޮޅު ހުންނަ ހިސާބަށެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޖަމަލުން ފައިބާވަޑައި ނުގަންނަވައެވެ. ޖަމަލު އަނެއްކާ ވެސް ތެދު ހިނގަން ފަށައިފި އެވެ. ދެން، އޭތި ހަމަ އެތާނގައި ކަކޫ ޖައްސައިފި އެވެ. އަދި އޭގެ ފަހުން ނުތެދުވައެވެ. އެއާއެކު، رَسُوْلُ اللهِ ﷺ قُصْوَى އިން ފައިބާ ވަޑައިގެން حديث ކުރެއްވި އެވެ. "މާތް ﷲ ގެ އިރާދަފުޅާ އެކު މިއީ ތިމަންކަލޭގެފާނުމެންގެ ގެއެވެ". ދެން އެއްސެވި އެވެ. "މި ތަނުގެ މާލިކަކީ ކާކު ހެއްޔެވެ"؟ އެތާ ތިބި މީހުން ބުނޫއެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! عمرُو ގެ ދަރިން ކަމަށް ވާ سُهَيل އާއި سًهلُ އެވެ". އެ ކުޑަކުދިންނަކީ އޭރު ޔަތީމު ކުދިންނެވެ. رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ތިމާގެ މިހުންގެ ގެތަކުގެ ތެރެއިން، މި ތަނާ އެންމެ ކައިރީ ގައި ހުރީ ކޮން ގެއެއް ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ ގެ ކާފާފުޅު عبدالمطّلب އަކީ ނައްޖާރުގެ ފިރިހެން ދަރިންގެ ތެރެއިން ވާ ބޭފުޅެކެވެ. خالد بن زيد أبو أيُّوب الأنصاري ފޯރީ ގައި ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އެންމެ ކައިރީގައި ވަނީ އަޅުގަނޑުގެ ގެއެވެ. އަޅުގަނޑުގެ ގެ މިހިރީ އެވެ. އަދި މިއީ ގޭގެ ދޮރެވެ". ދެން އޭނާ قُصْوَى އިން އެއްޗެހި ބާލައި، رَسُوْلُ اللهِ ﷺ އެ ގޭ ތެރެއަށް ވެދެވަޑައިގަތުމަށް ދަޢުވަތު އަރުވައިފި އެވެ.14

رَسُوْلُ اللهِ ﷺ ގެ ހިޖުރައާ މެދު މަދީނާގެ މުސްލިމުންނާއި، މުހާޖިރުން ވަރަށް އުފާވެއްޖެ އެވެ. މި އަހަރަށް ދެވުނު ނަމަކީ سنة الإذن (‏އިޒުނައިގެ އަހަރު)‏ އެވެ. ހިޖުރަކުރެއްވި އިރު، އިންސާނިއްޔަތުގެ ތާޖުގެ ޖައުހަރު، ހިތްތަކުގެ ޝާފީ، الله تعالى ގެ ޙަބީބު ކަމުގައިވާ رَسُوْلُ اللهِ ﷺ ގެ ޢުމުރުފުޅުން އޭރު 53 އަހަރެވެ.

އަޅުގަނޑަށް ވާންވީ ކީއްތޯ؟

މާތް ﷲ ގެ ރަސޫލާއޭ، އަހަންނަށް ވާންވީ ކީއްތޯ އޭ؟
އަޅުގަނޑުގެ ފުރާނަޔާއި ހަށިގަނޑު އަނދައޭ، މާތް ﷲ ގެ ރަސޫލާއޭ.
ކަނިބުރައިގެންދާ އަލިފާނާއި ސެންސަރު ފަދައިން،
ކަލޭގެފާނުގެ ލޯބީގައި އަޅުގަނޑު އަނދައޭ، މާތް ﷲ ގެ ރަސޫލާއޭ.
ދެކޭހިތުންނާއި ވަކިވެފައިވުމުން،
އަޅުގަނޑު ވިރިގެންދަނީއޭ، މާތް ﷲ ގެ ރަސޫލާއޭ.
ކަލޭގެފާނަކީ މަޚްލޫޤުންގެ ޝާހުއޭ، ކަލޭގެފާނުގެ މަތިވެރިވެގެންވާ ދޮރުކޮޅުގައި،
ބޯތިރިކުރާ މީހަކީ އަޅުގަނޑޭ، މާތް ﷲ ގެ ރަސޫލާއޭ.
ފިނިފެންމާތައް ފޮޅިއްޖެއޭ ކަލޭގެފާނު ހިންގެވި މަގުން،
އޭގައިވާ ކަށްތަކީ އަޅުގަނޑޭ، މާތް ﷲ ގެ ރަސޫލާއޭ.

أبو أيّوب الأنصاري (‏رضي الله عنه)‏