مدينة المُنوّرةގެ ޒަމާން
"ޖަމަލު ކުރިޔަށް ދާނެ މަގު ދައްކާށެވެ! އޭތި ގޮސް ކަކޫ ޖައްސަންވީ ތަން އެއަށް ވަނީ އަމުރުކުރެވިފައެވެ".
حديث الشريف
ދިހަ އަހަރަށް ދެމިގެންދިޔަ މަދީނާ ޒަމާން ފެށުނީ، މީލާދީން 622، بعثة އަށް ތޭރަ ވަނަ އަހަރުގެ 12 ރަބީޢުލް އައްވަލް ގައި رَسُوْلُ اللهِ ﷺ ކުރެއްވި ހިޖުރައިންނެވެ.
رَسُوْلُ اللهِ ﷺ، خالد بن زيد أبو أيُّوب الأنصاري ގެ ގެއަށް ޝަރަފު ދެއްވި އެވެ. އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ، އެ ގޭގެ ތިރި ބުރީގައި ދިރިއުޅުއްވުމަށެވެ.1 އެހެންކަމުން، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އަށް ޟިޔާފަތު އެރުވުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގަތީ، މި ބަރަކާތްތެރި ޞަޙާބީ އަށެވެ.
خالدގެފާނު މިކަމާ ގުޅިގެން ވިދާޅުވެފައި ވެއެވެ: "رَسُوْلُ اللهِ ﷺ އަޅުގަނޑުގެ ގޭގައި ހުންނެވުމުގެ ޝަރަފު ދެއްވައި، ދިރިއުޅުއްވުމަށް ޤަސްދުކުރެއްވީ ތިރީ ބުރި (ގްރައުންޑް ފުލޯރ) އެވެ. އަޅުގަނޑުމެން ތިބީ މަތީ ބުރީގައެވެ. މިކަމާ އަޅުގަނޑުމެން ތިބީ ވަރަށް ދެރަވެފައެވެ. އެއް ދުވަހު އަޅުގަނޑު ދެންނެވީމެވެ. 'ﷲ ގެ ރަސޫލާ އެވެ. އަޅުގަނޑުގެ މަންމަ އާއި ބައްޕަ ކަލޭގެފާނަށް ޓަކައި ޤުރުބާންކުރިޔަސް ހެޔޮ ތޯ އެވެ! އަޅުގަނޑުމެން މަތީ ބުރީ ގައި ތިބޭ އިރު، ކަލޭގެފާނު ތިރީ ބުރީ ގައި އުޅުއްވާކަށް އަޅުގަނޑު ހިތްހަމައެއް ނުޖެހެއެވެ'. މި ކަމާ ވިދިގެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. އަބާ އައްޔޫބެވެ! ގޭގެ ތިރީ ބުރީ ގައި ދިރިއުޅުމަކީ ތިމަންކަލޭގެފާނުމެންނާ މާ މުނާސަބު އަދި ފަސޭހަ ގޮތެކެވެ". ތިރީބުރިގައި ދިރިއުޅުއްވުން އެކަލޭގެފާނަށް ކަމުދިޔައީ، ޒިޔާރަތްކުރާ މީހުންނާ ފަސޭހައިން ބައްދަލުކުރެއްވުމަށެވެ. އެހެންކަމުން، އަހަރެމެން ދިޔައީ ހަމަ މަތީ ބުރީގައި ދިރިއުޅެމުންނެވެ.
އެއް ދުވަހަކު، އަހަރެމެން ފެން ނަގަން ޖެންގުޅޭ ޖަގު ފަޅައިގެންގޮސްފި އެވެ. ލީކުވާ ފެން رَسُوْلُ اللهِ ﷺ ގެ ހަށިކޮޅަށް އެޅި ހިތްހަމަޖެހިވަޑައިނުގަނެދާނެ ކަމުގެ ބިރަށް، އަހަރެމެންގެ މަޚްމަލުގެ ރަޖާގަނޑު އެ ތަނުގައި އެޅީމެވެ. އަހަރެމެން އަތުގައި އެތަން ބައްދަން އޮތް ހަމައެކަނި އެއްޗަކީ އެއީ އެވެ.
މަތީ ބުރީގައި އުޅުއްވަން ޖެހިވަޑައިގަތުމުން އެކަމާ أبو أيُّوب الأنصاري ހުންނެވީ ވަރަށް ލަދުގެންފައެވެ. އެންމެ ފަހުން، އޭނާ ތިރީ ބުރީ ގައި އަދިرَسُوْلُ اللهِ ﷺ މަތީ ބުރީގައި ދިރިއުޅުއްވަން ފަށްޓަވައިފި އެވެ. أبو أيُّوب (رضي الله عليه) ރިވާކުރައްވާފައި ވެއެވެ.: "އަހަރެމެން އަބަދު ވެސް ކެއުން ތައްޔާރުކުރުމަށް ފަހު رَسُوْلُ اللهِ ﷺ އަށް ފޮނުވަމެވެ. ފަރީއްކުޅުއްވުމަށް ފަހު ބާކީ ހުންނަ ހުންނަ ބައި ފޮނުއްވީމާ، އަހަރެން އަދި އަހަރެން އަނބިމީހާ އުއްމު އައްޔޫބު އެއިން އެކަލޭގެފާނުގެ އަތް ޖެހުނު ތަނަކީ ކޮބައި ތޯ ބަލަމު އެވެ. އަދި ކާނާގެ އެ ބައިތައް ކެއުމުގެ ބަރަކާތްތެރިކަން އަހަރެމެންނަށް ލިބިގެންދެއެވެ. އެއް ރޭ އަހަރެމެން ފިޔާ އަދި ލޮނުމެދު އަޅައިގެން ކެއުމެއް ތައްޔާރުކޮށްފީމެވެ. އެކަމަކު، رَسُوْلُ اللهِ ﷺ އެ ކެއުން އަނބުރާ ފޮނުއްވީ އެވެ. އެ ކެއުމުގައި އަތްލައްވާފައި ނެތް ފެނުމުން، އަޅުގަނޑު ރޮމުން މައްޗަށް އެރީމެވެ. އަޅުގަނޑު ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރުބާންކުރަން ތޯ އެވެ! ކަލޭގެފާނު ކެއުން އަނބުރާ ފޮނުއްވި އިރު، އޭގައި ކަލޭގެފާނު ބަރަކާތްތެރި އަތްޕުޅު ޖައްސަވާފައެއް ނެތެވެ. އުއްމު އައްޔޫބާއި، އަޅުގަނޑު، ކަލޭގެފާނުގެ އަތްޕުޅު ޖެހިފައި ހުންނަ ތަންތަން ހޯދައި އެތަންތަން ކެއުމުގެ ބަރަކާތް ލިބިގަންނަމު އެވެ'. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'މި ކެއުމުން ތިމަންކަލޭގެފާނަށް މި ކެއުމުން ކޮންމެވެސް ވަހެއް ދުވީއެވެ. އެ ކާނާ ނުކެއީ އެހެންވެގެންނެވެ. ތިމަންކަލޭގެފާނަކީ މަލާއިކަތަކާ ވާހަކަދައްކަވާ މީހަކީމެވެ'. އަޅުގަނޑު ދެންނެވީމެވެ. 'މި ކެއުން ޙަރާމް ތޯ އެވެ'؟ އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ނޫނެކެވެ! އެކަމަކު އެއިން ދުވާ ވަހުން ތިމަންކަލޭގެފާނަށް ކަމުނުދިޔައީ އެވެ'. ކަލޭގެފާނަށް ކަމުނުދާ އެއްޗެއް އަޅުގަނޑަށް ވެސް ކަމަކު ނުދެއެވެ'. އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ތިބާ އެ ކެއުން ކާހުށިކަމެވެ'. އެއަށް ފަހު އަހަރެމެން އެ ކެއުން ކެއީމެވެ. އަދި އޭގެ ފަހުން އެ ތަރުކާރީ އަޅައިގެން رَسُوْلُ اللهِ ﷺ އަށް ކެއުމެއް ތައްޔާރުނުކުރަމުއެވެ.
އެހެން ވަގުތެއް ގައި، رَسُوْلُ اللهِ ﷺ އާއި أبوبكر (رضي الله عنه) އަށް ފުދޭ ވަރަށް އަހަރެން ކެއުން ތައްޔާރުކޮށްގެން ގެންދިޔައީމެވެ. رَسُوْلُ اللهِ ﷺ ހަދީޘްކުރެއްވި އެވެ. 'އަބާ އައްޔޫބެވެ! އަންޞާރުންގެ ތެރެއިން ކަމުވޮށިގެންވާ ތިރީސް މީހުންނަށް ދަޢުވަތު ދޭށެވެ'. އަހަރެން ވިސްނަމުންދިޔައީ، އަހަރެމެން އަތުގައި އެހާ މަދުން ކާނާ ހުރި އިރު، رَسُوْلُ اللهِ ﷺ ހީފުޅުކުރެއްވީ އަހަރެމެން އަތުގައި ގިނައިން ކާނާ ހުރި ކަމަށް ވެދާނެ އެވެ. އެކަލޭގެފާނު އަނެއްކާ ވެސް حديث ކުރައްވައިފި އެވެ. أبا أيُّوب އެވެ! އަންޞާރުންގެ ތެރެއިން ކަމުވޮށިގެންވާ ތިރީސް މީހުންނަށް ދަޢުވަތު ދޭށެވެ'. ފިކުރު ބޮޑުވެފައި ހުރެ، އަހަރެން އަންޞާރުންގެ ތެރެއިން ތިރީސް މީހުންނަށް ދަޢުވަތު ދީފީމެވެ؛ އެ މީހުން އައިސް ކެއުމަށް އިންޞާފުކޮށް ބަނޑު ފުރިއްޖެ އެވެ. އެއީ، މުޢުޖިޒާތެއް ކަން އެނގި، އެ މީހުންގެ އީމާންތެރިކަން ވަރުގަދަވެގެންދިޔަ އެވެ. އަދި އިތުރަށް ބައިޢަތު ހިފުމަށް ފަހު އެނބުރި ގޮސްފި އެވެ.
مدينة المُنوّرة އާއި ވަށައިގެން ވާ ތަންތަން
"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! މައްކާ ދެކެ ލޯބިވާ ފަދައިން އަޅަމެންގެ ހިތުގައި މަދީނާ އަށް ލޯބި ޖައްސަވާދޭވެ! މައްކާ އަށް ވުރެ ބޮޑަށް މަދީނާ އަށް ލޯބި ޖައްސަވާދޭވެ! ހައްދަވއި ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅަމެންގެ މީޒާނަށް ގިނަގުނަ ހެޔޮކަން ދެއްވާދޭވެ! މަދީނާ ގައި ދުޅަހެޔޮކޮށް ތިބެވޭގޮތް ހައްދަވާދެއްވާދޭވެ! އެ ރަށުގެ މޫސުމް ހިތްގައިމު ކޮށްދެއްވާދޭވެ!".
حديث الشريف
އަޞްޙާބު ބޭކަލުން އެނބުރި ވަޑައިގަތް ފަހުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ފަސްދޮޅަސް މީހުންނަށް ދަޢުވަތު ދޭށެވެ'. ކެއުން މުޢުޖިޒާތެއްގެ ގޮތުގައި އަހަންނަށް ފެނިފައިވާތީ ކެއުމުގެ ޢަދަދު މަދެއް ނުކުރަމެވެ. ވަރަށް ގަޔާވެ ހުރެ، رَسُوْلُ اللهِ ﷺ ގެ އަރިއަހަށް ދަޢުވަތު ދީފީ މެވެ. އެ މީހުން އައިސް ކެއުމަށް އިންޞާފުކޮށްފި އެވެ. رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތް ދެނެގަތުމާ އެކު އެ މީހުން ގޮސްފި އެވެ.
ދެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އަންޞާރުންގެ ތެރެއިން ނުވަދިހަ މީހުންނަށް ދަޢުވަތު ދޭށެވެ'. رَسُوْلُ اللهِ ﷺ ގެ އަމުރުފުޅަށް، އެ މީހުން ކާން އިށީނީ ދިހައަކުން ދިހައަކުންނެވެ. އެ އެންމެންނަށް ވެސް އެ ބޮޑު މުޢުޖިޒާތް ފެނި، އޭގެ ފަހުން ގޮސްފި އެވެ. އެހެންކަމުން ސަތޭކަ އަށްޑިހަ މީހުން ކެއެވެ. ކާނާ ހުރީ އަހަރެން އެންމެ ފުރަތަމަ ވެސް ގެނައި ގޮތަށް އަތް ވެސް ނުލާ ހުރި ހެންނެވެ".2
އަންޞާރުންނާއި މުހާޖިރުންގެ އަޚުވަންތަކަން
ހިޖުރަކުރެއްވި މުހާޖިރުންނާ، އެ ބޭފުޅުންނަށް ބޯހިޔާވަހިކަން ދެއްވި އަންޞާރުންނަކީ، مدينة المُنوّرة ގައި ގައި ވަރުގަދަ ވަފާތެރިކަމެއް ޤާއިމްކުރެއްވުމަށް ޓަކައި، އެކަކު އަނެކަކުގެ އަޚުންކަމުގައި رَسُوْلُ اللهِ ﷺ ހަމަޖެއްސެވި އެވެ. ބާކީ ހަމައެކަނި ހުންނެވީ علي (رضي الله عنه) އަށް ވުމުން އެކަލޭގެފާނު މަތިން ހަނދުފުޅު ނެތުނީ ކަމަށް ހީކުރައްވައި ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު މަތިން ހަނދުމަ ނެތުނީ ތޯ އެވެ"؟ ދެން ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކަލޭގެފާނަކީ، މި ދުނިޔެ އާއި، އާޚިރަތުގައި ތިމަންކަލޭގެފާނުގެ އަޚާ އެވެ". މި އަޚްވަންތަކަން ބިނާވެފައި އޮތީ، މާއްދީ އަދި މަޢުނަވީ އެހީތެރިކަމުގެ މައްޗަށެވެ. އެހެންކަމުން، ވަޠަނާ ދުރުގައި، ގެތަކާއި، ތިމާގެ މީހުންނާ ދުރުގައި ވުމުގެ ހިތާމަ ކޮންމެވެސް ވަރަކަށް ކުޑަކޮށްދޭނެ އެވެ. އަދި ކީއްތޯއެވެ! ދިރިއުޅުމަށާއި، الله تعالى ގެ ދީން ފެތުރުއްވުމަށް ޓަކައި އެ މީހުންގެ ވަޠަން ދޫކޮށްފައި އައި މުހާޖިރު އަޚުންނަށް މަދީނާގެ މުސްލިމުން ހުޅުވާލެވިފައިވާ އަތްތަކާ އެކު، މަރުޙަބާ ކިޔައި، އެ މީހުންގެ ގެތަކަށް ދަޢުވަތުދީ، ކޮންމެ މައްސަލައެއް ގައި ވެސް ހިތުގެ އަޑިން އެހީތެރިކަން ވެދިނެވެ. މި އަޚުވަންތަކަމާ އެކު، މުހާޖިރުންނާއި، އަންޞާރުން، އެއްބަޔަކު އަނެއް ބަޔަކު ބަލައިގަތީ ވަރަށް އިޚްލާޞްތެރިކަމާ އެކުގައެވެ. رَسُوْلُ اللهِ ﷺ ކޮންމެ މުހާޖިރު އަޚާ، ގުޅުވާލެއްވީ އޭނާ އާ މިޒާޖުގެ ގޮތުން ގުޅޭ އަންޞާރަކާ އެވެ. މި އަޚުވަންތަކަން އޮތް މިންވަރަކީ، އެ ބޭފުޅުންގެ ބަފައިންގެ ފަރާތުން ވާރުތަވީ މުދާ ވެސް އެއްމެދުގައި ބަހާ ލެވެލްގައެވެ.3
މަދީނާގެ ކޮންމެ މީހަކު ވެސް، އޭނާގެ ދަނޑުބިމާއި، ވިނެޔާޑާއި، ބަގީޗާ އާއި، ގެއާއި، މުދާތައް، ކުރުކޮށް ބުނާ ނަމަ، އަތުގައި ހުރި ކޮންމެ އެއްޗެއް ދެބަޔަށް ބަހައި، އެއްބައި އޭނާގެ މުހާޖިރު އަޚާ އަށް ދިނެވެ. عبدالرّحمن بن عوف (رضي الله عنه) ރިވާކުރައްވާފައި ވެއެވެ. "އަޅުގަނޑުމެން مدينة المُنوّرة އަށް ހިޖުރަކުރި އިރު، رَسُوْلُ اللهِ ﷺ އަޅުގަނޑާ އަޚުކުރެއްވީ سعد بن ربيع އާ އެވެ. އެއާއެކު، އަޅުގަނޑުގެ އަޚު سعد އަޅުގަނޑަށް ވިދާޅުވިއެވެ. 'އޭ އަޅުގަނޑުގެ އަޚް ޢަބްދުއްރަޙްމާނެވެ! އަޅުގަނޑަކީ، މުދަލުގެ ގޮތުން ބަލާއިރު، މަދީނާގެ މުސްލިމުންގެ ތެރޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. އަޅުގަނޑުގެ މުދާ ދެބަޔަށް ބަހައިފީމެވެ. އޭގެ ތެރެއިން އެއް ބަޔަކީ ކަލޭގެފާނުގެ ބައެވެ'. ދެން އަހަރެން ބުނީމެވެ. 'ތިބާގެ މުދަލުގައި ބަރަކާތާއި، މަންފާ ލައްވާދޭވެ. އަޅުގަނޑު މުދަލެއް ބޭނުމެއް ނޫނެވެ. ކަލޭގެފާނު ވިޔަފާރިކުރާ ބާޒާރަށް އަޅުގަނޑު ގެންދަވާށެވެ. އެވަރު ފުދެއެވެ'".
އެ ފަދަ ޤުރްބާނީއެއް ވެވުނީ، އިސްލާމް ދީނުގެ އަޚުވަންތަކަމުގެ ސަބަބުންނެވެ. آدم (عليه السّلام) ގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ގިނަ ހިޖުރަކުރުންތަކެއް ހިނގާފައި ވެއެވެ. އެކަމަކު، މިހާ މާނަހުރި، ޝަރަފުވެރި ހިޖުރައެއް، ލޯބިން ފުރިފައިވީ މިފަދަ އެއްބައިވަންތަކަމެއް، އަދި މިހާ އިޚްލާޞްތެރި ބަލައިގަތުމެއް ބޭރު ބަޔަކާ ރަށެއްގެ ބަޔަކާ ދެމެދު ހިނގާފައެއް ނުވެއެވެ. سورة الحجرات ގެ 10 ވަނަ އާޔަތުގައި ގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (إِنَّمَا الْمُؤْمِنُونَ إِخْوَةٌ)4 * الحجرات: 10) މާނައީ: "مؤمن ން ވާކަން ކަށަވަރީ، أخ ންތަކެއް ކަމުގައެވެ". މިއާ އެކު ހާމަކުރައްވާފައި އެވަނީ، ޙަޤީޤީ ލޯތްބާއި، އިޚްލާޞްތެރިކަން ޙާޞިލުކުރެވޭނީ އީމާންކަމާއި، ޢަޤީދާ އިން ކަމާއި، މާއްދީ މަޞްލަޙަތުތަކުން ނޫން ކަމެވެ. ޞަޙާބީންގެ މި ދަރަޖަ ހޯދިފައިވަނީ، رَسُوْلُ اللهِ ﷺ އާ އެކު އެންމެ ޞުޙުބަތު (އެކަލޭގެފާނު حديث ކުރައްވާ އަޑު އިވޭ ފަދަ ބައްދަލުވުމަކަށް) ޙާޒިރުވެގެންނެވެ. رَسُوْلُ اللهِ ﷺ ގެ ހިތްޕުޅުން އުތުރިއަރާ ކަނޑުތަކެއް ފަދައިން، ޢިލްމުގެ ދޯދިތަކާއި، ނިޢުމަތްތައް ދިޔައީ އަޞްޙާބު ބޭކަލުންގެ ހިތްތަކަށް ވާޞިލުވަމުންނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ލޯބިޖެހިފައިވީ އާދަޔާ ޚިލާފު އިޚްލާޞްތެރިކަމަކާ އެކުގައެވެ. އަދި ކޮންމެ ބޭފުޅެއްގެ އަމިއްލަ ނަފްސަށް ވުރެ އެ ބޭފުޅާގެ އަޚާ އިސްކުރެއްވި އެވެ.
އިސްލާމް ދީނުގެ މި އާ މަރުކަޒު ގައި، އަންޞާރުންނާއި، މުހާޖިރުން ވަޢުދުވީ، އެއްބައިވަންތަވުމަށާއި، އިސްލާމް ދީން ވަރުގަދަކުރުމަށް ޓަކައި ވާން ޖެހުނު ކޮންމެ ޤުރްބާނީއެއް ވުމަށާއި، އެންމެ ފަހުން ޝަހީދެއްގެ ދަރަޖަ ހޯދުމަށެވެ. މިގޮތުން، رَسُوْلُ اللهِ ﷺ ގެ ވަށައިގެން ޖަމާވެ، އިސްލާމް ދީނުގެ އަސާސްތަކަށް ތަބާވެ، އާ ނިޒާމަކާއި، އުފާވެރި ދިރިއުޅުމެއް ޤާއިމްކުރިއެވެ.މިހާރު، ހިޖުރަ އާ އެކު، "ދައުލަތަކަށް ވުމުގެ ފުރަތަމަ ފިޔަވަޅު އެޅިގެންދިޔަ އެވެ. އުޖާލާވި މަދީނާ ވަމުންދިޔައީ، އިސްލާމް ދީނުގެ މަރުކަޒަށެވެ.
މަދީނާ ގައި، އަޞްޙާބު ބޭކަލުންގެ އިތުރަށް، ކްރިސްޓިއަނުންނާއި، ޔަހޫދީންނާއި، ބުދަށް އަޅުކަންކުރާ މުޝްރިކުން އުޅުނެވެ. ޔަހޫދީންގެ ތެރޭގައި، ހިމެނުނީ ތިން ޤަބީލާއެކެވެ. އެއީ، بنو النضير އާއި، بنو قُريضة އާއި، بنو قينقاع އެވެ. މި ޤަބީލާތައް އިސްލާމްދީނާ އަދި ވަކިން ޚާއްޞަކޮށް رَسُوْلُ اللهِ ﷺ އާ ވަރަށް ބޮޑަށް ޢަދާވާތްތެރި އެވެ.
ހަމަ އެއާއެކު، رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުންގެ މެދުގައި އަޚުވަންތަކަން ޤާއިމްކުރެއްވުމަކީ، މައްކާގެ މުޝްރިކުން ދުށްގޮތުގައި އެ ބައި މީހުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. އެ މީހުންނަށް މިކަން އަވަހަށް ޙައްލަކަށް ނުގެނެވިއްޖެ ނަމަ، މުސްލިމުން އިހުނަށް ވުރެ ބާރުގަދަވެ، މައްކާ އަށް ޙަމަލާދީ، އެބައި މީހުންގެ ބިންތަކާއި، ގެތައް އަތުލައިގަންނާނެ އެވެ.... މި ގޮތަށް ދެކެމުން އައި މައްކާގެ މުޝްރިކުންގެ ފަރާތުން އިންޒާރުގެ ސިޓީތައް މަދީނާގެ މުސްލިމުންނަށް ދިޔައީ ލިބެމުންނެވެ. މީގެ ތެރެއިން އެއް ސިޓީ ގައި ކިޔެފައިވާ ގޮތުގައި "އަހަރެމެންނާ ދެމެދު ޢަދާވާތްތެރިކަމެއް ވާ ޢަރަބި އެއްވެސް ޤަބީލާއަކުން، ކަލޭމެންހާ ބޮޑަށް އަހަރެމެން ރުޅިއެރުވި ބައެއް ނެތެވެ. އެހެނީ، އަހަރެމެންގެ ތެރެއިންވާ ބޭފުޅަކު އަހަރެމެންނާ ޙަވާލުކުރުމުގެ ބަދަލުގައި، ކަލޭމެން ތިވަނީ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނު ޙިމާޔަތްކޮށްފައެވެ. އެއީ، ކަލޭމެން ހެދި ބޮޑު ގޯހެކެވެ. އަހަރެމެންނާ އެކަލޭގެފާނާ ދެމެދަށް ކަލޭމން ނުވަދެ އެކަލޭގެފާނު އަހަރެމެންނަށް ދޫކޮށްލާށެވެ. އެކަލޭގެފާނުގެ ގޮތް އިޞްލާޙުކުރައްވައިފި ނަމަ، އެކަމާ އެންމެ ބޮޑަށް އުފާކުރާނީ އަހަރެމެންނެވެ. އެހެން ނޫން ނަމަ، އެ ކަލޭގެފާނު އިޞްލާޙުކުރުމަކީ، އަހަރެމެންގެ މައްޗަށް އޮތް ކަމެކެވެ".
މި ސިޓީ އަށް ވަރަށް ރީތި ޖަވާބެއް كبُ بن مالك، رَسُوْلُ اللهِ ﷺ އަށް ތަޢުރީފުކުރައްވާ، ލިޔުއްވި އެވެ.
މައްކާގެ މުޝްރިކުން، މަދީނާގެ މުޝްރިކުންނަށް ވެސް ހަމަ މިގޮތަށް އިންޒާރުގެ ސިޓީތައް ފޮނުވި އެވެ. އެގޮތުން އިންޒާރުދެމުން ސިޓީ ގައި ލިޔެފައި ވެއެވެ. "އަހަރެމެންގެ ބޭފުޅާ ކަލޭމެންގެ ސިޓީ އިން ބޭރުނުކޮށްފި ނަމަ، ނުވަތަ ނުމަރައިފި ނަމަ، އަހަރެމެން ކަލޭމެންނާ ދެކޮޅަށް މާޗްކޮށްފައި ގޮސް، ކަލޭމެން ޤަތުލުކޮށް، ކަލޭމެންގެ އަންހެނުންތައް އަހަރެމެންނަށް ޚިދުމަތް ކުރުމަށް ނަގާނަމެވެ"!
މިއަށް ފަހު، މަދީނާގެ މުޝްރިކުން، މުނާފިޤެއް ކަމުގައިވާ عبدالله بن أُبَيُّ بن سلُول ކައިރި އަށް އެއްވެ، އެ މީހުންނަށް ފުރުޞަތެއް ލިބުމުން رَسُوْلُ اللهِ ﷺ އަށް އަނިޔާކުރުމަށް ނިންމައިފި އެވެ.
"އޭ عليގެފާނެވެ. ކަލޭގެފާނަކީ، މި ދުނިޔެ އާއި، އާޚިރަތުގައި ތިމަންކަލޭގެފާނުގެ އަޚާ އެވެ".
حديث الشريف
މުސްލިމުންނަށް މި ކަން އެނގުމުން، رَسُوْلُ اللهِ ﷺ ޙިމާޔަތްކުރުމަށް ކުރެވުނު ކޮންމެ ކަމެއް ކޮށް، އެކަލޭގެފާނުގެ ވަށައިގެން އެއްބައިވަންތަ ވެއްޖެ އެވެ. ރޭގަނޑު ބޭރަށް ދިއުމަށާއި، އަމިއްލަ ގޭގައި ނިދޭ ވަރެއް ނުވި އެވެ،
أُبيُّ بن كعبُ އިވާކުރައްވާފައި ވެއެވެ. "رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން މަދީނާ އަށް ވަޑައިގަތުމުން، ޢަރަބި ޤަބީލާތަކުގެ ޢަދާވާތްތެރިކަމުގެ އަމާޒަކަށް މުސްލިމުން ވެގެންދިޔަ އެވެ. ޞަޙާބީ ބޭކަލުން، ހަތިޔާރު އަޅައި، ހެނދުން ވަންދެން ގާޑުކުރަން ތިއްބެވި އެވެ".
ނުރައްކާތެރި ޙާލަތްތަކުގައި، އަޞްޙާބު ބޭކަލުން ތިއްބެވީ އެއްބައިވެ، އަތުގައި ހުރި ބާރަކާ އެކު، މުސްލިމު އަޚުންނަށް އެހީތެރިވުމަށް އަވަސްވެގަންނަވައެވެ. އޭގެ އެންމެ އިސް ބޭފުޅަކީ رَسُوْلُ اللهِ ﷺ އެވެ. އަޞްޙާބު ބޭކަލުންނާއެކު ހިތްވަރުގަދަކަމުގައި އެންމެ ކުރީގައި ހުންނެވީ رَسُوْلُ اللهِ ﷺ އެވެ. އެހެނީ، ރިވެތި ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައި ވެއެވެ. ރޭގަނޑު ކިތަންމެ ދަން ވިޔަސް، މީހަކު ރޯ އަޑު އިވިއްޖެ ނަމަ، رَسُوْلُ اللهِ ﷺ އެ ހިސާބަކަށް އެކަލޭގެފާނުގެ އަހުގައި އެހެން މީހަކަށް ދެވުމުގެ ކުރިން ވަރަށް އަވަހަށް ވަޑައިގަންނަވައި، ބިރުގަންނަން ވީ އެއްވެސް ކަމެއް ނެތް ކަމަށާއި، ޔަޤީންކަން އަރުވާ ކަމަށް، އަޞްހާބު ބޭކަލުންނަށް އަންގަވައެވެ.
މަދީނާގެ ޤަދީމީ ތަޞައްވުރެއް
مسجدُ النَّبَوِي – مدينة المُنوّرة
އަނެއްކާ ވެސް އެ މަސް އައީއޭ،
ޢާމްތަކުގެ ސައްޔިދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއޭ.
އަނެއްކާ ވެސް އެ މަސް އައީއޭ،
ހިތުގެ ޢިލްމުގެ މަންބަޢު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއޭ.
ޝަފާޢަތްތެރިކަން ބޭނުންވާ މީހުން ހިނިތުންވާށޭ،
އެކަލޭގެފާނަށް ލޯބިވާ މީހުން ހިތްހަމަޖެހުން ހޯދަންވާނޭ،
އަނެއްކާ ވެސް އެ މަސް އައީއޭ،
ރިވެތި ޚަލްޤުކުރެއްވުމުގެ މާލިކު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއޭ.
އަނެއްކާ ވެސް އެ މަސް އައީއޭ،
އަނދިރީގެ ފުރިހަމަ ހަނދޭ، ހެނދުނުގެ އިރޭ،
ހުދާގެ ފިނިފެންމަލުގެ ބަގީޗާގައިވާ ފިނިފެންމާ
ޙައްޤުގެ ޙަބީބޭ، މުޞްޠަފާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ،
ޝާހީ ލޯބިވެރިޔާ ކޮބައިހޭ؟،
އޭނާގެ ފުރާނަ އަށް ތަސައްލީއެއް ދޭންޖެހެއޭ،
އަނެއްކާ ވެސް އެ މަސް އައީއޭ،
ސިއްރު ޙަޤީޤަތުގެ ޚަޒާނާ އުފަންވެއްޖެއޭ.
އަޅާގެ ހުދާއޭ، އެކަލޭގެފާނު ދެކެ ލޯބިވާ ކޮންމެ މީހަކަށް ވިޔަސް،
އޭނާގެ އަމާޒު ހާޞިލުކޮށްފި އޭ،
އަނެއްކާ ވެސް އެ މަސް އައީއޭ،
ދުނިޔޭގެ ޝަރަފޭ، އިންސާނުންގެ އެންމެ މޮޅު ބޭފުޅާ އުފަންވީއޭ.
رَسُوْلُ اللهِ ﷺ މަދިނާ އަށް ހިޖުރަކުރެއްވި އިރު، އެކަލޭގެފާނުގެ ޖަމަލު قُصْوَى ކަކޫ ޖެއްސި ތަން.
رَسُوْلُ اللهِ ﷺ މި ބިން ބައްލަވައިގަންނަވާ މި ތާނގައި މިސްކިތެއް ބިނާކުރެއްވި.
رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތީ، މި މިސްކިތާ ޖެހިގެން ހުރި އެކަލޭގެފާނުގެ ގެކޮޅުގައެވެ. އަދި އެކަލޭގެފާނުގެ ބަރަކާތްތެރި ޤަބުރު ވަނީ މި ކޮޓަރީގައެވެ. ފަހުން أبوبكر (رضي الله عنه) އާއި، عُمرُ (رضي الله عنه) ފަސްދާނު ލެވުނީ މި ކޮޓަރީގައެވެ. ރިވާވެގެންވާ ގޮތުގައި، އެ ބޭކަލުންނާ ޖެހިގެން އޮތް ޖާގައިގައި ފަސްދާނުލެވޭނީ ޢީސާ (عليه السّلام) އެވެ.
"(إِنَّمَا الْمُؤْمِنُونَ إِخْوَةٌ) މާނައީ: "مؤمن ން ވާކަން ކަށަވަރީ، أخ ންތަކެއް ކަމުގައެވެ".
الحجرات: 10
