ޞަޙާބީންގެ ޢިލްމު އުނގެނުން
مسجد النّبوي
رَسُوْلُ اللهِ ﷺ މަދީނާ އަށް ވަޑައިގެން، އެންމެ ފުރަތަމަ ކުރައްވަން ބޭނުންފުޅުވި ކަމަކީ، އެކަލޭގެފާނު ޞަޙާބީންނަށް ޢިލްމު އުނގަންނަވައިދެއްވައި، ޖަމާޢަތުގައި ނަމާދުކުރުމަށް މިސްކިތެއް ބިނާކުރެއްވުމެވެ. ހަމަ އެއާ އެކު، جبريل (عليه السّلام) ވަޑައިގެން ވިދާޅުވި އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނަށް الله تعالى އަމުރުފުޅު ކުރައްވަނީ ހިލައިން މިސްކިތެއް ބިނާކުރައްވައި، ﷲ އަށް އަޅުކަންކުރުމަށެވެ". رَسُوْلُ اللهِ ﷺ ވަގުތުން ބޭނުންފުޅުވީ، އެކަލޭގެފާނު މަދީނާ އަށް ވަޑައިގަތް ވަގުތު އެކަލޭގެފާނުގެ ޖަމަލު قُصْوَى ކަކޫ ޖެއްސި ބިން އެ ތަނުގެ މަލިކުގެ އަތުން ބައްލަވާގަންނާށެވެ. އެ ބިމުގެ މާލިކުން ބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން އި ބިމުގެ އަގަށް އިންތިޒާރުކުރަނީ الله تعالى ގެ ޙަޟްރަތުން އެކަންޏެވެ. އަޅުގަނޑުމެން އެ ބިން ކަލޭގެފާނަށް މި އަރުވަނީ ﷲ އަށް ޓަކައެވެ". އެ މީހުން ބޭނުންވީ، އެ ބިން އެކަލޭގެފާނަށް ހަދިޔާއެއްގެ ގޮތުގައި ދޭށެވެ. އެހެން ނަމަވެސް رَسُوْلُ اللهِ ﷺ އެ މީހުންގެ އެ ހުށަހެޅުން ޤަބޫލުނުކުރައްވާ، އެ ބިމުގެ އަގަށް ވުރެ މާ ބޮޑަށް އިތުރަށް ފައިސާ ދައްކަވައިގެން އެ ބިން ބައްލަވައިގަތީ އެވެ.1
އެ ބިން ހެޔޮވަރުކުރަމުން ދިޔަ އިރު، މަށީގެ އެޅިގާތައް ބުރިކޮށް، ހިލަތައް ނެގުނެވެ. އެންމެ ފަހުން، ހުރިހާ ތައްޔާރީތަކެއް ވުމަށް ފަހު، ބިންގާ އެޅުމަށް އެންމެން އެއްވެއްޖެ އެވެ. ބިންގާގެ ފުރަތަމަ ގާ އެޅުއްވީ رَسُوْلُ اللهِ ﷺ އެވެ. ދެން، އެކަލޭގެފާނު حديث ކުރެއްވި އެވެ. ތަރުތީބުން "ތިމަންކަލޭގެފާނު ބޭއްވެވި ހިލަޔާ ޖެހިގެން أبوبكر (رضي الله عنه) ގެ ހިލަ ބޭއްވިޔަދޭށެވެ! عثمان (رضي الله عنه) އެކަލޭގެފާނުގެ ހިލަ أبوبكر (رضي الله عنه) ގެ ހިލަޔާ ޖެހިގެން ބޭއްވިޔަދޭށެވެ! علي (رضي الله عنه) އެކަލޭގެފާނުގެ ހިލަ عثمان (رضي الله عنه) ގެ ހިލަޔާ ޖެހިގެން ބޭއްވިޔަދޭށެވެ"! އެކަލޭގެފާނުގެ އަމުރުފުޅު ތަންފީޒުކުރުމަށް ފަހު، އެތާނގައި ތިބި އަޞްޙާބު ބޭކަލުންނާ މުޚާޠަބުކުރައްވާ حديثކުރެއްވި އެވެ. "ތިޔަ ބޭކަލުންގެ ހިލަ ވެސް ބޭއްވިދާނެ އެވެ". ދެން އަޞްޙާބު ބޭކަލުންގެ ހިލަތައް ބަހައްޓަން ފަށްޓަވައިފި އެވެ.
ހުރިހާ އަޞްޙާބު ބޭކަލުން، ޚާއްޞަކޮށް رَسُوْلُ اللهِ ﷺ، މިސްކިތް ބިނާކުރެއްވުމަށް ޓަކައި އަރާމުކުރެއްވުމެއް ނެތި މަސައްކަތް ކުރެއްވި އެވެ. ހިލަތަކާއި، މަށީގެ އެޅިގާތައް އެކަލޭގެފާނުގެ ބަރަކާތްތެރި ބުރަކަށިކޮޅު ގައި އުފުއްލެވި އެވެ. ބިންގާ ދޮޅު މީޓަރަށް ނެގުމަށް ފަހު، ދެން މައްޗަށް ހުރި ބައި ޢިމާރާތް ކުރެއްވީ އެޅިގަލުންނެވެ. އެއް ދުވަހަކު، رَسُوْلُ اللهِ ﷺ މަށީގެ އެޅިގަލެއް އުފުއްލަވަމުން ގެންދެވި އެވެ. އަޞްޙާބު ބޭކަލަކު އެކަލޭގެފާނުގެ އަރިހަށް ދުރުވެ، ވަރަށް އަދަބުވެރިކަމާ އެކު ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ތި މަށީގެ ގާ އުފުލުމުގެ ހުއްދަ އަޅުގަނޑަށް ދެއްވާނަން ތޯ އެވެ"؟ ވަރަށް އޯގާވެރި ކަމާއެކު رَسُوْلُ اللهِ ﷺ އޭނާ އަށް އެންގެވީ، އެކަލޭގެފާނު ވަނީ ޘަވާބު ހޯއްދެވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އަތްޕުޅޫގައި އޮތް ހިލަގަނޑު އެ ޞަޙާބީ އަށް ނުދެއްވި އެވެ. އަދި އެ ޞަޙާބީ އަށް އިރުޝާދު ދެއްވީ އޭނާ ވެސް ހިލަ ގެންނެވުމަށެވެ.
مسجدُ النَّبَوِي ޢިމާރާތްކުރުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ، رَسُوْلُ اللهِ ﷺ އެވެ. އެންމެ ބަރު ހިލަތައް އުފުއްލަވައިގެން ރާނާ މީހުންނާ ހަމަޔަށް ގެނެސްދެއްވަނީ އެކަލޭގެފާނެވެ. އެކަލޭގެފާނު މި ހިލަތަކާއި، މުށި އެޅިގާތައް އުފުއްލަވަމުން ގެންދެވި އިރު، އަޞްޙާބު ބޭކަލުންނަށް ހިތްވަރުދެއްވަމުން ގެންދެވި އިރު، އެ ކުރައްވަމުން ގެންދެވި މަސައްކަތުގެ އަގުހުރި ވަރު ކިޔައިދެއްވައި، އެ މަސައްކަތުން ލިބެން ހުރި ނިޢުމަތްތަކުގެ އުފާވެރި ޚަބަރު ދެއްވި އެވެ.
رَسُوْلُ اللهِ ﷺ ކުރައްވަމުން ގެންދެވި ބުރަ މަސައްކަތް ފެނިފައި، މުސްލިމުން މަސައްކަތްކުރަމުން ގެންދިޔައީ، ނުހަނު ލޯތްބާ އެކުގައެވެ. ޙަޤީޤަތުގައި، ކޮންމެ މީހަކު މަށީގެ އެއް އެޅިގާ އުފުލި އިރު، عمّار بن ياسر ދެ އެޅިގާ އުފުއްލެވި އެވެ، އެއީ، އެތަނުން އެއް އެޅިގާ رَسُوْلُ اللهِ ﷺ އަށް އަދި އަނެއް އެޅިގާ އޭނާ އަށެވެ. رَسُوْلُ اللهِ ﷺ އަށް މި ތަން ފެނިވަޑައިގަތުމުން، عمّار ގެ ގާތަށް ވަޑައިގަތެވެ. އަދި عمّار ގެ ބުރަކަށީގައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން ފިރުމާލައްވާފައި حديث ކުރެއްވި އެވެ. "ސުމައްޔާގެ ދަރިކަލުންނޭވެ! އެހެން އެންމެންނަށް އެއް ޘަވާބު ލިބޭ އިރު، ކަލޭގެފާނަށް ދެ ޘަވާބު އެބަ ލިބެއެވެ".
މިސްކިތުގެ ފާރު ވަރަށް އަވަހަށް ރާނާ ނިންމާލެވި، މަތި ހިޔާކުރެވިއްޖެ އެވެ. މިސްކިތުގެ އެކި ކޮޓަރިތައް ހެދުނީ، ކަދުރު ރުކުގެ ގަސްބުޑުންނެވެ. އަދި ޢަރަބި ކަރައިގެ އާދަކާދައިގެ މަތިން، ފުރާޅު ހިޔާކުރެވުނީ ކަދުރުރުކުގެ ފަނުންނެވެ. ދޮރުތަކުގައި ހުރީ ހަމައެކަނި ފޮތި ދަމާފައެވެ. ދޮރުތައް ހުރީ މިސްކިތުގެ އިރުދެކުނު އަދި އުތުރު ފަރާތު ގައެވެ. އޭގެ ގިނަ ދޮރުތައް ހުޅުވުނީ މިސްކިތުގެ އެތެރެ އަށް ވާ ގޮތަށެވެ. ސީލިންގެ ގެ އުސް މިނުގައި ހުރީ އާދައިގެ ސައިޒެއްގެ މީހަކުގެ އިސްކޮޅުގެ މައްޗަށް އަތްތިލަ އެއް ހުންނަ ވަރަށެވެ. فاطمةގެފާނުގެ ކޮޓަރިކޮޅާއި، عائشة ގެފާނުގެ ކޮޓަރި ކޮޅާ ދެމެދު ދޮރެއް ހުއްޓެވެ. މީގެ އިތުރަށް، މިސްކިތާ ޖެހިގެން އިތުރު ދެ ކޮޓަރި رَسُوْلُ اللهِ ﷺ އަށް މަށިން ބިނާކުރެވުނެވެ. އެ ދެ ކޮޓަރި ވެސް ހުރީ ކަދުރު ރުކުގެ ފަނުންނާއި، ގޮފިތަކުން ހިޔާކޮށްފައެވެ. ދުވަސްތަކެއް ފަހުން، ކޮޓަރިތަކުގެ ޢަދަދު ނުވަޔަކަށް ބަދަލުކުރެވުނެވެ. މިސްކިތް ބިނާކުރުން ނިމުމުން، رَسُوْلُ اللهِ ﷺ خالد بن زيد ގެ ގެއިން، އެކަލޭގެފާނަށް އެޅުނު ގެއަށް ބަދަލުވެ ވަޑައިގެންނެވި އެވެ.2
މާތް ﷲ ގެ ރަސޫލާއެވެ!
ޢާޝިޤުން އުފާކުރުވާ ކަމަކީ،
ތިބާގެ ރިވެތިކަމޭ، މާތް ﷲ ގެ ރަސޫލާއޭ.
އެބައިމީހުން ހެނދުނާއި ރޭގަނޑު އާހޭ ކިޔާ ސަބަބަކީ،
ތިބާ އަށް ކުރެވޭ އިންތިޒާރޭ، މާތް ﷲ ގެ ރަސޫލާއޭ!
ދުވާލާއި ރޭގަނޑު، އަޅުގަނޑަށް ރޮވެނީއޭ،
ދެކޭހިތުން ވާ އަލިފާނުން ރޯވާ އެއްޗަކީ،
މިހާރު އަދި ފަހުން، އަޅުގަނޑުގެ ލޯތެންމާލާ އެއްޗަކީ،
ކަލޭގެފާނާ ވަކިވުމޭ، މާތް ﷲ ގެ ރަސޫލާއޭ!
އަޞްފިޔާއުންނަށް3 ލިބޭ ހުދާގެ ނިޢުމަތޭ،
އައުލިޔާއުންނަށް4 ލިބިގެންވާ އަރާމާއި ހިތްހަމަޖެހުމޭ،
ރަސޫލުންގެ މަތިވެރިކަމަކީ،
ކަލޭގެފާނުގެ ދިންނެވުމާއި ފަލާހޭ، މާތް ﷲ ގެ ރަސޫލާއޭ!
މި އާވާރާ އަށް ރަޙުމްބަހައްޓަވާދެއްވާށޭ،
އަޅުގަނޑު ކުށްވެރިއޭ، މި ފާފަވެރިޔާ އަށް ސަހަރޯވާށޭ،
މޮޅިވެފައިވާ އަދި މަދަދެއްނުލިބޭ މިހާ އަށް ހަމްދަރުދީވުމަކީ،
ކަލޭގެފާނުގެ އާދަފުޅޭ، މާތް ﷲ ގެ ރަސޫލާއޭ!
ފާފަވެރިންގެ ޝަފާޢަތްތެރިޔާއޭ، އެކަލާނގެ ނޫރޭ،
ނަސޫޙީއަކީ ކަލޭގެފާނުގެ އަޅާއޭ، އޭނާ ދުރަށް ނުފޮނުއްވާށޭ،
ރަޙުމްބަހައްޓަވާށޭ، ކަލޭގެފާނުގެ ރަޙުމުގެ ދޮރުން ދުރަށްނުޖައްސަވާށޭ،
އޭނާ އަކީ ކަލޭގެފާނުގެ އުއްމަތޭ، މާތް ﷲ ގެ ރަސޫލާއޭ!
ނަޞޫޙީ އުސްކުދާރީ
ކަދުރު ރުކުގެ ބުޑުގެ ގިސްލުން
"ތިމަންކަލޭގެފާނު އެ ރުއްބުޑު ގައި ފިރުމާނުލި ނަމަ، އޭއްޗަށް ލިބިފައިވާ ހިތާމަޔާއި، ތިމަންކަލޭގެފާނަށް ހުރި ލޯބީގައި ޤިޔާމަތް ދުބަސް ވަންދެން އޭތު ރޮއެރޮއެ ހުންނާނެތެވެ".
حديث الشريف
މަދީނާ ގައި ވާ مسجدُ النَّبَوِي ގައި ކަދުރު ރުކުގެ ބުޑެއް ހުއްޓެވެ. ހުކުރު ދުވަސް ދުވަހު رَسُوْلُ اللهِ ﷺ ޚުޠުބާ ދެއްވަނީ މިސްކިތުގައި ހުރި ޙަންނާނާ އޭ ކިޔުނު މި ރުއްބުޑަށް ލެނގިލައްވައިގެން ހުންނަވައެވެ. ފަހުން، އެކަލޭގެފާނު ވަނީ ތިން ހަރުފަތުގެ މިންބަރެއް އެތާ ބަހައްޓަވަފައެވެ. ހުކުރު ދުވަހެއް ގައި، رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ ޞަޙާބީން مسجدُ النَّبَوِي ގައި އެއްވިއެވެ. ޚުޠުބާ ކިޔުއްވުމަށް އާ މިންބަރަށް އަރާވަޑައިގަތުމުން، އެކަލޭގެފާނު އެއަށް ލެނގިވަޑައިގެން ކުރިން ހުންނެވި ހިކި ކަދުރުރުއް ބުޑު ރޮއި ގިސްލަން ފަށައިފި އެވެ. އެ ގިސްލުމުގެ އަޑުގެ ބާރުމިން ހުރީ އެންމެންނަށް ވެސް އިވޭ ވަރަށެވެ. އަދި އަޑުހުރީ މާބަނޑު ޖަމަލެއްގެ ރުއިމުގެ އަޑުހެންނެވެ. ހުރިހާ ޞަޙާބީން ވެސް އެ އަޑު ޙައިރާން ކަމާ އެކު އަޑު އެއްސެވި އެވެ. އެކަމަކު، އެ އަޑު ނުހުއްޓުނެވެ. އެ ހިސާބުން، رَسُوْلُ اللهِ ﷺ މިންބަރުން ފައިބާވަޑައިގެން އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެ ރުއްބުޑު ގައި ފިރުމާލެއްވި އެވެ. އެއާ އެކު އެ ގިސްލުމުގެ އަޑު ކެނޑިއްޖެ އެވެ. ހިކި ރުއްބުޑެއް رَسُوْلُ اللهِ ﷺ އަށް ހުރި މި ލޯބިވެތިކަން ފެނިފައި އަޞްޙާބު ބޭކަލުންނަށް އެ ބޭކަލުންގެ ކަރުނަ ހިފަހައްޓާނުލެވުނެވެ.
މި ޙާދިސާ އާ ގުޅިގެން، أنس بن مالك (رضي الله عنه) ވިދާޅުވި އެވެ. "އޭތީގެ އަޑާ އެކު މިސްކިތް ވެސް ތެޅުނެވެ". އަދި إبن أبي وداعة ވިދާޅުވި އެވެ. "ކަދުރު ރުކުގެ ރުއްބުޑު ގައި ރެނދުލައި އޭތި ހުރި ތަނުން ކެހިލައިފި އެވެ. رَسُوْلُ اللهِ ﷺ ވަޑައިގެން އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅު އޭގައި ބޭއްވެވުމުން އޭތި މަޑުޖެހިއްޖެ އެވެ".
رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ ފަރާތެއްގެ ބާރުގައި ތިމަންކަލޭގެފާނު ގެ ވުޖޫދުވުން ވާ الله تعالى ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. ތިމަންކަލޭގެފާނު އެ ރުއްބުޑު ގައި ފިރުމާނުލި ނަމަ، އޭއްޗަށް ލިބިފައިވާ ހިތާމަޔާއި، ތިމަންކަލޭގެފާނަށް ހުރި ލޯބީގައި ޤިޔާމަތް ދުބަސް ވަންދެން އޭތު ރޮއެރޮއެ ހުންނާނެތެވެ".
އެހެން ރިވާޔަތެއް އައިސްފައި ވެއެވެ.: رَسُوْلُ اللهِ ﷺ ހިކި ކަދުރު ރުއްބުޑާ ދިމާލަށް އެނބުރިވަޑައިގެން حديث ކުރެއްވި އެވެ. "ތިބާ ބޭނުން ނަމަ، ތިބާ ހުރި ބަގީޗާ ގައި ބަހައްޓަފާނަމެވެ. ތިބާ ރަނގަޅަށް ހެދިލާ ކުރިން ހުރި ގޮތަށް ރުޖޫޢަވާނީ އެވެ. ނުވަތަ ތިބާ ބޭނުން ނަމަ، ތިބާ ސުވަރުރޭގައި އިންދިދާނެ އެވެ. އޭރުން الله تعالى ގެ މިތުރުން ތިބާގެ މޭވާ އިން ކާނެ އެވެ". رَسُوْلُ اللهِ ﷺ އެ ރުއްބުޑާ ދިމާލަށް ކަންފަތްޕުޅު ދިއްކޮށްލައްވައި، އޭ ރުއްބުޑު ކިޔާ އަޑު އިވުނެވެ. "އަޅުގަނޑު ސުވަރުގޭގައި އިންދަވާ ދެއްވާށެވެ. އޭރުން ގެ މިތުރުން އަޅުގަނޑުގެ މޭވާ އިން ކާނެ އެވެ. އަދި އޭރުން އަޅުގަނޑު ހުންނާނީ އަޅުގަނޑު ޢުމުރުން ދުވަސްވެ ފާވެގެން ނުދާނެ އެވެ". رَسُوْلُ اللهِ ﷺ އާ އެކު އޭރު ތިއްބެވި ޞަޙާބީން ވެސް ގަސްބުޑުގެ ވާހަކަދެއްކި އަޑު އެހިއެވެ. އެއާއެކު، رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނު ތިބާ އެދުނު ކަންތައް ކޮށްދެއްވާ ނަމެވެ". ދެން އެކަލޭގެފާނުގެ ޞަޙާބީންނާ ދިމާލަށް އެނބުރި ވަޑައިގެން حديث ކުރެއްވި އެވެ. "އެ ރުއްބުޑު އިސްކަންދިނީ ދާރުލް ފަނާއު (މަރުވާ ދުނިޔެ، މި ދުނިޔެ) ގެ ބަދަލުގައި، ދާރުލް ބަޤާއު (އަބަދީ ބިން، އާޚިރަތް) އަށެވެ".5ދެން رَسُوْلُ اللهِ ﷺ ގެ އަމުރުފުޅަށް އެ ކަދުރު ރުއްބުޑު ވަޅުލެވުނެވެ.
އެ ބޭފުޅުންގެ ޢާއިލާގެ މެމްބަރުން މަދީނާ އަށް ވަޑައިގަތުން
ދެން رَسُوْلُ اللهِ ﷺ އާއި أبوبكر (رضي الله عنه) ހިޖުރަކުރެއްވި އިރު، މަދީނާ އަށް ވަޑައިގަތީ އެ ދެ ބޭފުޅުންގެ ދަރިން މައްކާ އަށް ދޫކޮށްލައްވާފައެވެ. الإمام البُخاري، عائشة (رضي الله عنها) ގެ އަރިހުން ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ އެކަމަނާ އަރިހުގައި حديث ކުރެއްވި އެވެ. "އޭ عائشةގެފާނެވެ! ތިމަންކަލޭގެފާނުގެ ހުވަފެންފުޅު ގައި ދެ ފަހަރެއްގެ މަތިން ކަމަނާ ތިމަންކަލޭގެފާނަށް ދައްކަވާފައި ވެއެވެ. ތިމަންކަލޭގެފާނަށް ހީފުޅުވާ ގޮތުގައި، ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ކަމަނާގެ ސޫރަ ފެހިކުލައިގެ ފޮތިގަނޑެއް ގައި ވަނިކޮށެވެ. ދެން ތިމަންކަލޭގެފާނަށް އެންގެވުނީ، 'މި ސޫރައިގައި މިވަނީ ކަލޭގެފާނުގެ މުސްތަޤްބަލުގެ އަނބިކަނބަލުންނެވެ'". އެ ހުވަފެނަށް ފަހު، (خديجة ގެފާނު އަވަހާރަވީތާ އެއް އަހަރު ފަހުން) ދެ ބޭފުޅުން މައްކާ ގައި އުޅުއްވި އިރު، رَسُوْلُ اللهِ ﷺ އާ عائشة (رضي الله عنها) އެންގޭޖްވެއްޖެ އެވެ. އެހެން ނަމަވެސް، އޭރު އަދި ކައިވެނި ނުކުރެވެއެވެ. މި ކަން عائشة (رضي الله عنها) ރިވާކުރައްވާފައި ވެއެވެ.:
"رَسُوْلُ اللهِ ﷺ މަދީނާ އަށް ހިޖުރަކުރެއްވީ، އެކަލޭގެފާނު އަޅުގަނޑުމެންނާއި، އެކަލޭގެފާނުގެ ދަރިކަނބަލުންތައް މާއްކާ އަށް ދޫކޮށްލައްވާފައެވެ. މަދީނާ އަށް ވަޑައިގަތުމަށް ފަހު، އެކަލޭގެފާނުގެ އޭރު މިނިވަންކުރެވިފައިވާ އަޅު زيد بن حارثة އާއި أبو رافع، ދެ ޖަމަލާއި، އެއްވެސް އެއްޗެއް ގަންނަން ޖެހިދާނެތީ 500 ދިރުހަމާ އެކު ފޮނުއްވި އެވެ. އަޅުގަނޑުގެ ބައްޕާފުޅު، އެ މީހުންނާ އެކު عبدالله بن عريقة، ދޭއް ނުވަތަ ތިން ޖަމަލާއި، އަޅުގަނޑުގެ އަޚް ޢަބްދުﷲ އަށް އަޅުގަނޑުގެ މަންމަ އާއި، އަޅުގަނޑާއި، އަޅުގަނޑުގެ ކޮއްކޮ أسماء ޖަމަލުގައި ފޮނުއްވުމަށް އަމުރުކުރައްވާ ފޮނުއްވި ސިޓީ އަކާ އެކު ފޮނުއްވި އެވެ. މި ދަތުރުގައި ދިޔައީ، އަޅުގަނޑާއި، އަޅުގަނޑުގެ މަންމަ أُمُّ رُومان އާއި، رَسُوْلُ اللهِ ﷺ ގެ ދަރިދަރިކަނބަލުންގެ ތެރެއިން فاطمة الزّهراء އާއި، أُمُّ كُلثُوم އާއި، رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލުން سوداء އާއި، أُسامة އާއި، އޭނާގެ މަންމަ أُمُّ أَيمن އާ އެންމެން އެއްކޮށެވެ. ޤުބައިދު ނަމަކަށް ކިޔޭ ހިސާބަކަށް ދެވުމުން، 500 ދިރުހަމް ދެއްވާފައި زيد އަދި އިތުރު ތިން ޖަމަލު ގެންނެވި އެވެ. طلحة بن عبيد الله ވެސް ޤާފިލާ އާ ގުޅިވަޑައިގަންނަވައިފި އެވެ. މިނާގެ ބައިޟް ނަމަކަށް ކިޔޭ ހިސާބަކަށް ދެވުމުން، އަޅުގަނޑުގެ ޖަމަލު ދުވެ ގޮސްފިއެވެ. އަޅުގަނޑު ހުރީ ކުނިގޮނޑުގައެވެ. އަދި އަޅުގަނޑުގެ މަންމަ ހުރީ އަޅުގަނޑާ އެކުގައެވެ. އަޅުގަނޑުގެ މަންމަ ވަރަށް ކަންބޮޑުވެ 'އަހަރެންގެ ދަރިފުޅަށް ހުރި ދެރަކަމާއެވެ، އަލަތު އަނބި ގޮއްޔެ އަށް ހުރި ދެރަކަމާއެވެ!' މިހެން ކިޔާ ހަޅޭލަވަން ފަށައިފި އެވެ. الله تعالى އެ ޖަމަލު މައިތިރިކުރައްވާ އަޅުގަނޑުމެން ސަލާމަތްކޮށްދެއްވައިފި އެވެ. އެންމެ ފަހުން، އަޅުގަނޑުމެންނަށް މަދީނާ އަށް ވާޞިލުވެވިއްޖެ އެވެ. އަޅުގަނޑުގެ ބައްޕަގެ ބާކީ ޢާއިލާއާ އެކު، އަޅުގަނޑު ޖަމަލުން ފައިބާފީމެވެ. رَسُوْلُ اللهِ ﷺ ގެ ޢާއިލާގެ ބޭފުޅުން ޖަމަލުން ފޭބީ އެ ބޭފުޅުންގެ ކޮޓަރިތަކުގެ ކުރިމަތީގައެވެ".
عائشة (رضي الله عنها) އެކަމަނަގެ ބައްޕަގެ ގެކޮޅު ގައި ދުވަސްކޮޅެއް ވަންދެން ހުންނެވި އެވެ. އެ ބޭފުޅުންގެ ކައިވެނި ކުރެވުނީ ބަދުރު ހަނގުރާމަ އަށް ފަހުގައެވެ.
އެއީ ކިހާ އުފާވެރި އިންސާނެއް ހޭ،
އެކަލޭގެފާނު ކިޔުއްވަނީ ކީރިތި ޤުރްއާނޭ،
އެކަލޭގެފާނަށް އިޤާމަތު، ބަންގި އަޑުއިވޭ ހިނދު،
އެކަލޭގެފާނުގެ ހިތް ފުރިފައިވަނީ އިމާނުންނޭ!
آذانُ المُحَمَّدِيْ
مسجدُ النَّبَوِي ޢިމާރާތްކުރެއްވުމަށް ފަހު، ނަމާދުގެ ވަގުތު ކަނޑައަޅައި، މުސްލިމުންނަށް ނަމާދު ގަޑީ ގައި މިސްކިތަށް ދަޢުވަތުދޭނެ ވަކި ގޮތެއް އޭރަކު ނެތެވެ. އޭރު ގޮވާލެވެނީ ހަމައެކަނި "الصّلاة جامعة (ނަމާދަށް އެއްވޭ)" މިހެންނެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ މަޝްވަރާކުރެއްވުމުގެ ތެރޭގައި އެއްސެވީ، ނަމާދު ގަޑިތަކުގައި މުއުމިނުންނަށް ދަޢުވަތުދޭނީ ކިހިނެއް ތޯ އެވެ. ބައެއް ބޭކަލުން ޚިޔާލު ދެއްވީ ނަމާދު ވަގުތު އިޢުލާންކުރުމަށް ކްރިސްޓިއަނުން ޖަހާ ކަހަލަ ރަނގަބީލެއް ޖެހުމަށެވެ؛ އަނެއް ބައި ބޭކަލުން ހުށަހެޅުއްވީ ޔަހޫދީން ގޮއްވާ ކަހަލަ ދުންމާރިއެއް ފުމުމަށެވެ. ބައެއް އެހެން ބޭކަލުން ޚިޔާލު ހުށަހެޅުއްވަމުން ވިދާޅުވީ، "އަލިފާންގަނޑެއް ރޯކޮށް ނަމާދު ގަޑީގައި އެ އަލިފާންގަނޑު މައްޗަށް ނަގަމާ ހިނގާށެވެ". رَسُوْلُ اللهِ ﷺ އެއިން އެއްވެސް ހުށަހެޅުމެއް ޤަބޫލުފުޅެއް ނުކުރެއްވި އެވެ.6
عبدالله بن زيد بن ثعلبة އަދި عُمرُ (رضي الله عنهما) އަށް އެ ދެބޭކަލުންގެ ހުވަފެނުގައި ބަންގި ގޮވާ ތަން ފެނިވަޑައިގަތެވެ. عبدالله بن زيد رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ތިރީގައިވާ ފަދައިން އެ ހުވަފެން ކިޔައިދެއްވި އެވެ.:
"(وَإِذَا نَادَيْتُمْ إِلَى الصَّلَاةِ اتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ﴿٥٨﴾) * المائدة: 58) މާނައީ: "އަދި ތިޔަބައި މީހުން ނަމާދަށް ގޮވައިފި ނަމަ، އެ ކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ، ހަމަކަށަވަރުން ވެސް ނުވިސްނޭ ބަޔަކު ކަމުގައި ވާތީ އެވެ".
"އަޅުގަނޑަށް ފެނުނީ ފެހި ކުލައިގެ ހެދުމެއް ގައި ހުރި މީހަކު ރަނގަބީލެއް ހިފައިގެން ހުރި ތަނެވެ. އަޅުގަނޑު އޭނާ ކައިރީގައި އެހީމެވެ. 'ތިބާގެ އަތުގައިވާ ރަނގަބީލު އަޅުގަނޑަށް ވިއްކަފާނަން ތޯ އެވެ'؟ އޭނާ އެހިއެވެ. 'ތިބާ އެއިން ކުރާނީ ކީއް ތޯ އެވެ'؟ އަޅުގަނޑު، 'އަޅުގަނޑު އެ ރަނގަބީލު ޖަހާނީ ނަމާދު ވަގުތު އިޢުލާންކުރުމަށް' މިހެން ބުނުމުން އެ ބޭކަލަކު ވިދާޅުވި އެވެ. 'ކަލޭގެފާނަށް އަޅުގަނޑު އެއަށް ވުރެ ރަނގަޅު އެއްޗެއް ދަސްކޮށްދެން ތޯ އެވެ'؟ ދެން ޤިބްލަ އާ ދިމާލަށް އެނބުރިވަޑައިގެން 'الله أكبر الله أكبر...' މިހެން ކިޔުއްވަން ފަށްޓަވައިފި އެވެ. އޭނާ ނިމުމުން ވިދާޅުވި އެވެ. 'ނަމާދުކުރުމަށް ތެދުވާނީ ކޮން ވަގުތެއް ގައި ހެއްޔެވެ'؟ ދެން، އާޒާން ތަކުރާރުކުރެއްވައި، ނިމުމުން 'قد قامت الصّلاة' މި ޢިބާރާތް އިތުރުކުރެއްވި އެވެ.
މި ވާހަކަ އަޑު އެއްސެވުމަށް ފަހު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތި ހުވަފެނަކީ ތެދު ހުވަފެނެކެވެ. އެ ބަސްތައް ބިލާލަށް ދަސްކޮށް ދެއްވައި، އޭނާ ލައްވައި ކިޔުއްވާށެވެ"! އެ ބަސްތަކަށް آذان7 ގެ ނަމުން ނަން ދެވުނެވެ.
بلال (رضي الله عنه) مسجد الشّريف ކައިރީ ގައި ހުރި އުސް ފުރާޅެއްގެ މައްޗަށް އަރާވަޑައިގެން، އޭނާ އަށް ދަސްކޮށްދެވުނު ބަސްތައް ކިޔުއްވައިގެން އެންމެ ފުރަތަމަ ފަހަރަށް ބަންގި ވިދާޅުވި އެވެ.
عُمرُ (رضي الله عنه) އަށް ބަންގީގެ އަޑު އިވިވަޑައިގަތުމުން، رَسُوْلُ اللهِ ﷺ ގެ ޙަޟްރަތަށް ދުވަމުން ވަޑައިގެންފި އެވެ. އެކަލޭގެފާނު ވިދާޅުވީ بلال (رضي الله عنه) ކިޔަވާވިދާޅުވި ބަސްތަކަކީ، އެކަލޭގެފާނުގެ ހުވަފެނުގައި ވެސް ފެނިވަޑައިގެންނެވި ބަސްތައް ކަމަށެވެ. އެ ރޭ ބައެއް ޞަޙާބީންނަށް ވެސް ހަމަ އެ ހުވަފެން ފެނިވަޑައިގަތެވެ. އެ ވަގުތު، ކީރިތި قرآن ގެ سورة الجمعة ގެ 9 ވަނަ އާޔަތް ބާވައިލެއްވި އެވެ. ވީމާ، އާޒާން ކަނޑައެޅިފައިވަނީ ވަޙީ އިންނެވެ.
އެއް ދުވަހަކު، ފަތިސް ނަމާދު ވަގުތު، بلال الحبشي ދެ ފަހަރެއްގެ މަތިން "الصّلاة خير من النّوم"8 މިހެން ދެ ފަހަރެއްގެ މަތިން، رَسُوْلُ اللهِ ﷺ ގެ ގެކޮޅުގެ ދޮރުމަތީ ގައި ކިޔުއްވި އެވެ. رَسُوْلُ اللهِ ﷺ އެކަމާ ގަޔާވެވަޑައިގެން ވިދާޅުވި އެވެ. "ބިލާލެވެ. ހާދަ ރިވެތި ބަސްކޮޅެކެވެ! ފަތިސް ނަމާދަށް ބަންގި ގޮވާ އިރު ތިހެން ކިޔުއްވާށެވެ". އެހެންކަމުން، ފަތިސް ނަމާދުގެ ބަންގި ގޮވާ އިރު މި ބަސް ކިޔެން ފަށައިފި އެވެ.
رَسُوْلُ اللهِ ﷺ ސުވަރުގެ އަށް ވަޑައިގަންނަވަން ދެން މުއައްޒިނެއްގެ ގޮތުގައި ހުންނެވީ بلال الحبشي އެވެ. بلال ގެފާނު އަޑަކީ ބާރުގަދަ، ވަރަށް ރީތި އަދި އަސަރުގަދަ އަޑެކެވެ. އެކަލޭގެފާނު އާޒާން ކިޔުއްވަން ފެއްޓުވުމުން، އެންމެން އަޑުއަހަން ތިބެނީ ވަރަށް ބޮޑު ލޯތްބަކާއި، ފޯރިއެއްގައެވެ. އަދި ނަފްސުގެ ކޮންޓްރޯލް ގެއްލިއްޖެ އެވެ. بلال ގެފާނު ބަންގި ގޮވާއިރު އެންމެން ރޮއެވެ.
آذانُ المُحمَّدي އާ އެކު އަޞްޙާބު ބޭކަލުން ނަމާދު ގަޑީގައި އެއް ބޭކަލަކު އަނެއް ބޭކަލަކަށް މިސްކިތަށް ދަޢުވަތުދޭތީ، އެކަން ވެގެން ދިޔައީ މުޝްރިކުންނަށާއި، މަދީނާގެ ޔަހޫދީންނަށް ވަރަށް އާދަޔާޚިލާފު ކަމަކަށެވެ. ނަމާދަށް ބަންގި ގޮވޭ އިރު އެ މީހުން އެ ކަމަށް ޖެއްސުންކޮށް، ޖޯކުޖަހައި ހެދިއެވެ. އެ މީހުންގެ އެ މަލާމާތްކުރުމާ ވިދިގެން ކީރިތި قرآن ގެ سورة المائدة ގެ 58 ވަނަ އާޔަތް ބާވައިލެއްވުނެވެ. (وَإِذَا نَادَيْتُمْ إِلَى الصَّلَاةِ اتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ﴿٥٨﴾)9 * المائدة: 58) މާނައީ: "އަދި ތިޔަބައި މީހުން ނަމާދަށް ގޮވައިފި ނަމަ، އެ ކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ، ހަމަކަށަވަރުން ވެސް ނުވިސްނޭ ބަޔަކު ކަމުގައި ވާތީ އެވެ"
މުއައްޒިނު ބަންގި ގޮވިއޭ، ތެދުވެ ނަމާދުކުރިއޭ،
އޭނާގެ މޫނު كعب އާ އަށް އެނބުރާލާ ނިޔަތް ގަތޭ.
އީމާންވީ މީހުން އަޑުއިވުނު އިރު، އަޑުއެހީ ތަޤްދީސްކުރުމާ އެކުގައޭ،
ދެން، އެ މީހުން ނަމާދު ފައްޓައި، އެމީހުންގެ ރައްބަށް އަޅުކަންކުރިއޭ.
أصحابُ الصُّفَّة
مسجد النّبويގެ އުތުރު ފަރާތުގެ ފާރުގައި ކަދުރުރުކުގެ ފަންތަކުން ހިޔަލެއް رَسُوْلُ اللهِ ﷺ ހެއްދެވި އެވެ. މައްކާ އިން ހިޖުރަކުރެއްވި މުދަލެއް ނެތް ވަކިވަކި ޞަޙާބީން އެ ތާގައި ދިރިއުޅުއްވުމަށް އެކަލޭގެފާނު އެންގެވި އެވެ.10 އެ ވަކިވަކި ޞަޙާބީންނާއި، އަންޞާރުންނާއި، މުހާޖިރުންގެ ތެރެއިން ފަޤީރު ދިރިއުޅުއްވީ، مسجد النّبوي އާ ޖެހިގެން ހުރި صُفَّة ނަމަކަށް ކިޔާ ހިޔަލެއްގެ ދަށުގައެވެ. އެ ބޭކަލުން އުޅުއްވީ އުނގެނުމާއި، އުނގަންނައިދިނުމުގައި އަވަދިނެތިކޮށެވެ. އެ ބޭކަލުންގެ ޢަދަދަކީ، ދިހަޔަކާ ހަތަރު ސަތޭކަ އާ ދެމެދުގެ ޢަދަދެކެވެ. ގިނަ ވަގުތުތަކުގައި އެ ތާނގައި ހަތްދިހަ ބޭކަލުން ތިއްބަވައެވެ. މި ޞަޙާބީން رَسُوْلُ اللهِ ﷺ އަރިހުން ފެއަކަށް ޖެހިވަޑައިގެން ޞަޙާބީން ދޫކުރައްވައި އެހެންތަނަކަށް ވަޑައެއް ނުގަންނަވައެވެ. ދުވާލާއި ރޭގަނޑު އެބޭކަލުން ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެ، އުނގެނުމާއި، ޙަދީޘުއް ޝަރީދު ހިތުދަސްކުރުމުގައި އުޅެތެވެ. ގިނަ ދުވަސްތައް އެ ބޭކަލުން ހޭދަކުރައްވަނީ ރޯދަހިފުމުގައެވެ.އ އަދި އަޅުކަންކުރުން ދޫކޮށްނުލައްވައެވެ.
އެތަނުން އުނގެނޭ ބޭކަލުން ފޮނުވެނީ އަލަށް އިސްލާމްވީ ޤަބީލާތަކަށް ކީރިތި قرآن އާއި حديث، އާދެ، އިސްލާމް ދީން އުނގަންނައި ދެއްވުމަށެވެ. ގިނަ ރިވެތި ސިފަތައް ލިބިގެންވާ މި ބަރަކާތްތެރި ޞަޙާބީންނަކީ ޙިކްމަތްތެރިކަމުގެ ބޮޑު ލަޝްކަރެކެވެ. رَسُوْلُ اللهِ ﷺ އެ ބޭކަލުން ދެކެ ނުހަނު ލޯބިވެވަޑައިގަތެވެ؛ އެކަލޭގެފާނު އެ ބޭކަލުންނާ އެކު އިށިންނަވައި، ވަގުތު ހޭދަކުރައްވައި، ފަރިއްކުޅުއްވާ ހެއްދެވި އެވެ. އެ ބޭކަލުންނަށް ކިޔޭ ނަމަކީ، أصحاب الصُّفَّة އެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ أصحاب الصُّفَّة އަށް ބައްލަވާލައްވާފައި ހީކުރެއްވީ އެބޭކަލުން ވަރަށް ފަޤީރު ކަމަށެވެ. އެ ޙާލަތު ގައި ވެސް، އެ ބޭކަލުން ހިތްހަމަޖެހުމާއި، ތޫނުފިލިކަމާއެކު ގެންދެވީ އަޅުކަން ކުރައްވަމުންނެވެ. رَسُوْلُ اللهِ ﷺ އެ ބޭކަލުންނަށް ހަމްދަރުދީ ވެވަޑައިގެން حديثކުރެއްވި އެވެ. "އޭ أصحاب الصُّفَّة އެވެ. ތިޔަ ބޭކަލުންނަށް އުފާވެރި ޚަބަރެއް ވެއެވެ. ތިޔަ ބޭކަލުން ތި ތިއްބެވި އުނދަގޫ ޙާލަތް ތަޙައްމަލުކުރަމުންދާ ތިމަންކަލޭގެފާނުގެ އުއްމަތުގެ އެކަކު ހުއްޓަސް، އޭނާ އަކި ހަމަކަށަވަރުން ވެސް ތިމަންކަލޭގެފާނުގެ އެކުވެރިންގެ ތެރެއިން ވާ މީހެކެވެ".
"އޭ أصحاب الصُّفَّة އެވެ. ތިޔަ ބޭކަލުންނަށް އުފާވެރި ޚަބަރެއް ވެއެވެ. ތިޔަ ބޭކަލުން ތި ތިއްބެވި އުނދަގޫ ޙާލަތް ތަޙައްމަލުކުރަމުންދާ ތިމަންކަލޭގެފާނުގެ އުއްމަތުގެ އެކަކު ހުއްޓަސް، އޭނާ އަކި ހަމަކަށަވަރުން ވެސް ތިމަންކަލޭގެފާނުގެ އެކުވެރިންގެ ތެރެއިން ވާ މީހެކެވެ".
حديث الشريف
حبيب الأكرم (صلّى الله عليه وسلّم) ފުރަތަމަ ފޯރުކޮށްދެއްވަނި މި ޞަޙާބީންގެ ބޭނުންތަކެވެ. އެކަލޭގެފާނުގެ އަހްލު ބައިތުންގެ ކަންތައްތައް ފުއްދަވައި ދެއްވަނީ އޭގެ ފަހުންނެވެ. أبُو هُرَيرة ތިރީގައިވާ ގޮތަށް ރިވާކުރެއްވި އެވެ. "އެއްކައުވަންތަ الله تعالى ގަންދީ ހުވާކުރަމެވެ. ބަނޑުހައިވެގެން ތިމަންނާގެ ބަނޑު ބިމުގައި ޖައްސައި ފިއްތާލަމެވެ. އަދި ބައެއް ފަހަރު، ތިމަންނާ ބިމުން ނަގާ ހިލަގަނޑެއް ތިމަންނާގެ ބަނޑުގައި ފިއްތަމެވެ. އަނެއްކާ ވެސް ތިމަންނާ ހުރީ އެފަދަ ޙާލަތެއް ގައެވެ. އެ ދުވަހު، އަހުރެން ހުރީ رَسُوْلُ اللهِ ﷺ މިސްކިތަށް ވަޑައިގެންނވި މަގުގެ އެއް ފަރާތެއް ގައެވެ. އެ ވަގުތު، ޢާމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު ދެ ޢާލަމްގެ ޖައުހަރު އަހުރެންގެ ކައިރި އަށް އުޖާލާ ނޫރަކާ އެކު ވަޑައިގަތެވެ. އަހުރެންގެ ޙާލަތު އެނގިވަޑައިގެން، ހިނިވަރުނަކުރައްވާފައި حديث ކުރެއްވި އެވެ. "އޭ أبُو هُرَيرة އެވެ"! އަޅުގަނޑު 'ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ޙަޔާތް ކަލޭގެފާނަށް ޤުރުބާންކުރައްވާދޭވެ'! އެކަލޭގެފާނު حديثކުރެއްވި އެވެ. 'ތިމަންކަލޭގެފާނާ އެކު އަންނާށެވެ'! އަހަރެން ވަގުތުން އެކަލޭގެފާނާ އެކު ދިޔައިމެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ގެކޮޅަށް ވެދެވަޑައިގެންނެވި އެވެ. އެ ގެކޮޅުގައި ކިރު ތަށްޓެއް ހުއްޓެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. 'އެންމެ ރަނގަޅެވެ. أهل الصُّفَّة އިންގެ ގާތަށް ދާށެވެ. އެ ބޭކަލުން މި ތަނަށް ގެންނާށެވެ'. އަހަރެން އެ ބޭކަލުނަށް ގޮވަން ދިޔަ އިރު، ހިތަށް އެރި އެވެ. 'صُفَّةގެ އެ އެންމެންނަށް ކިރުތަށްޓަކުން ފުދޭނީ ކިހިނެއް ބާވައެވެ؟ އަހަންނަށް ވާ ބައިގެ ގޮތުގައި އެއް ތިކި ފައިބާނެ ބާވައެވެ'؟ އަހަރެން އެ ބޭކަލުންނަށް ގޮވާލީމެވެ. އަހަރެމެން رَسُوْلُ اللهِ ﷺ ގެ ގެކޮޅަށް ގޮސް ވަނުމުގެ ހުއްދަ އަށް އެދި، ގެކޮޅަށް ވަދެފީމު އެވެ. އެކަށީގެންވާ ތަންތަނުގައި އިށީނުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އޭ أبا هُرَيرة އެވެ! މި ކިރު ތަށި ނަންގަވާ އެ ބޭކަލުންނަށް ދެއްވާށެވެ'! އެ ކިރު ތަށި ނަގާ އަހަރެންގެ އެކުވެރިންނަށް ދީފީމެވެ. ކޮންމެ ބޭކަލަކު ވެސް ތަށި ނަންގަވާ ބަނޑުފުރެންދެން ބޮއެފައި އަހަރެން އަތަށް ދިނެވެ. އެ ބޭކަލުން އަތުން އަނބުރާ ތަށި ލިބުނު އިރު، އެ ތަށިން ކިރު މަދުނުވެ ފެށުމުގައި ވެސް ހުރި ވަރަށް ކިރު ހުއްޓެވެ. އެ ގޮތަށް، އެތަނަށް އައި އަހަރެންގެ ހުރިހާ އެކުވެރިންނަށް އެ ތަށި އެ ގޮތަށް ދިނީމެވެ. އެ އެންމެން ވެސް އެ ތަށިން ކިތު ބޮއެ ބަނޑުހައިކަން ފިލައިފި އެވެ. ދެން رَسُوْلُ اللهِ ﷺ އެ ތަށި ނަންގަވާ ހިނިވަރުނަކުރައްވާފައި حديث ކުރެއްވި އެވެ. "އޭ أبا هُرَيرة އެވެ! ކިރު ނުބޮއެ މި ތިބީ ތިބާ އާއި ތިމަންކަލޭގެފާނު އެކަންޏެވެ. ތިބާ ވެސް އިށީންނަވާ ކިރު ބޯށެވެ'! އަހަރެން އިށީނދެފައި ކިރު ބޮއެފީމެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. 'އަދިވެސް ބޯށެވެ'. އަހަރެން ބުއީމެވެ. رَسُوْلُ اللهِ ﷺ، އެއް ފަހަރަށް ވުރެ ގިނަ ފަހަރު 'ބޯށެވެ' حديث ކުރެއްވި އެވެ. އެއިން ކޮންމެ ފަހަރަކު ވެސް، އަހަރެން ބުއީމެވެ. އެންމެ ފަހުން އަހަރެން ދެންނެވީމެވެ. 'ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޤުރުބާން ކުރައްވާށި އެވެ. އަޅުގަނޑަށް ދެން އިތުރަކަށް ނުބޮވޭނެ އެވެ. ކަލޭގެފާނު ތެދު ރަސޫލާ ކަމުގައި ފޮނުއްވި الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. އަޅުގަނޑުގެ ބަނޑު އެއްކޮށް ފުރިއްޖެ އެވެ'. އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ދެން ތަށި ތިމަންކަލޭގެފާނަށް ދޭށެވެ'. އަހަރެން ތަށި އެކަލޭގެފާނަށް އެރުވީމެވެ. الله تعالى އަށް މަދަޙަ އާއި ސަނާ ކިޔުއްވުމަށް ފަހު އެކަލޭގެފާނު ބިސްމި ކިޔުއްވުމަށް ފަހު ކިރު ތަށި ބައްލަވައިގެންފި އެވެ".
رَسُوْلُ اللهِ ﷺ ގެ އެންމެ ޞުޙުބަތެއް ވެސް ގެއްލުވާނުލައި، އުނގެނެމުން ދިޔަ މި ޞަޙާބީންނަށް މަދީނާގެ ޞަޙާބީން އާދަޔާ ޚިލާފަށް ލޯބިކުރައްވައެވެ. އެއް ދުވަހެއްގެ ހަވިރު، صُفَّة ގެ ޞަޙާބީ ތެރެއިން ބޭކަލަކު، ބަނޑުހައިވެގެން ވަރުބަލިވެގެން رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ވެގެން އުޅޭ ގޮތް ދަންނަވައިފި އެވެ. رَسُوْلُ اللهِ ﷺ އޭނާގެ ގޭގެ އެންމެން ކައިރީގައި އެއްސެވީ ގޭގައި ކާނެ އެއްޗެއް ހުރި ތޯ އެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ޖަވާބަކީ، "މިހާރު ގޭގައި ފެން ނޫން އިތުރު ކާނެ ބޯނެ އެއްޗެއް ނެތެވެ". އެތާނގައި ތިބި އެކަލޭގެފާނުފެ ޞަޙާބީންނަށް حديث ކުރެއްވި އެވެ. "ބަނޑަށް ޖެހިފައިވާ މި މީހާ ގޭގައި ބަހައްޓާނީ ކާކު ހެއްޔެވެ"؟ ޞަޙާބީންގެ ތެރޭގައި ހުންނެވި މަދީނާގެ ބޭކަލަކު އެންމެންނަށް ވުރެ ކުރިން ބުނެފި އެވެ. "ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޤުރުބާން ކުރައްވާށި އެވެ. އޭނަ އަށް އަޅާލާނީ އަޅުގަނޑެވެ".
އެ ޞަޙާބީ އޭނާ ގޮވައިގެން ގެއަށް ވަޑައިގެން އޭނާގެ އަނބިމީހާ ކައިރީގައި ބުނެފިއެވެ. "ކީރިތި ރަސޫލާ محمّد (صلّى الله عليه وسلّم) ގެ މެހްމާނަށް މެހްމާންދާރީ އަދާކުރުމަށް ކޮންމެވެސް އެއްޗެއް ތައްޔާރުކުރާށެވެ". އޭނާގެ އަނބިމީހާ ބުނެފި އެވެ. "މި އަހަރެމެންގެ ދަރިންނަށް ދޭން ހުރި ކާނާ ފިޔަވައި، މި ވަގުތު ކާނެ އެއްޗެއް ނެތެވެ". އޭނާ ބުންޏެވެ. "ފުރަތަމަ ދަރިން ނިންދަވާށެވެ. އޭގެ ފަހުން ކާނާ ގެންނާށެވެ". ދެން އޭނާ ކާނާ ނެގި އެވެ. އެއީ އެކަކަށް ވާ ވަރުގެ ކާނާ އެވެ. އަދި އެ މެހްމާނު ހުރި ކޮޓަރި އަށް ވަނެވެ. ކާ މޭޒު ތައްޔާރުކުރުމަށް ފަހު ކެއުމަށް ދަޢުވަތު ދިނެވެ. އެ ދެ މީހުން އެކީގައި ކެއުމަށް ފެށި ފަހުން، އޭނަ ތެދުވެ ބައްތި ރަނގަޅުކުރާ ކަމަށް ހެދިއްޖެ އެވެ. ދެން އަނެއްކާ ވެސް އޭނާ އަނދރި ތަނެއް ގައި އިށީނދެއްޖެ އެވެ. އޭނާ ކާ ކަމަށް ދައްކައި މެހްމާނު ބަނޑުފުރާ ކައި ނިމެންދެން އިންތިޒާރުކޮށްގެން ހުއްޓެވެ. މެހްމާނު ކައި ނިމުނީމާ، މޭޒު ސަފުކޮށްފި އެވެ. އެ ރޭ އޭނައާއި، އޭނާގެ ދަރިން ނިދަން އޮށޯތީ ބަނޑުހައިކަން މަތީގައި ތިބެއެވެ. ހެނދުނު، އެ މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް ދިއުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "ރޭގައި ތިބާ ކަންތައް ކުރި ގޮތާ މެދު الله تعالى ވަނީ ރުއްސަވާފައެވެ". އެއާއެކު، الله تعالى ކީރިތި قرآن ގެ سورة الحشر ގެ 9 ވަނަ އާޔަތް ބާވައިލެއްވި އެވެ. (وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ) * الحشر: 9) މާނައީ: "އަދި އެއުރެންގެ އަމިއްލަ ތަކުގެ މައްޗަށް، އެއުރެން އިސްކަންދެއެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސް މެއެވެ".
ހިތްތަކުގެ ސުލްޠާނުގެ صُحبة
އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އުނގަންނައިދީ ތަޞައްރަފުފުއްދުމަށް ޓަކައި، رَسُوْلُ اللهِ ﷺ ކުރިން ނުބާއްވާ ވަރަށް مسجد النّبوي ގައި ބައްދަލުވުންތައް ބާއްވަވައި، އެކަލާނގެ އެކަލޭގެފާނަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތައް އެ މީހުންގެ ހިތްތަކަށް ވެއްދެވުމަށް މަސައްކަތް ކުރެއްވި އެވެ. رَسُوْلُ اللهِ ﷺ ގެ އަރިހަށް ޙާޒިރުވެ، އެކަލޭގެފާނުގެ ޞުޙުބަތު ގައި ވުމުގެ ޝަރަފު ލިބިފައިވާ މީހުންގެ ހިތްތަކުގައި އަސާސީ ބަދަލެއް އަންނަކަން އެންމެ ފުރަތަމަ ޞުޙުބަތުން ފެށިގެން އިޙްސާސްވެ، ވަރަށް މަތީ ފެންވަރުގެ މަޢްރިފާ ޙާޞިލުވެފައިވާނެ އެވެ. މި ޞުޙުބަތުތަކުގެ ބަރަކާތާ އެކު، ޞަޙާބީން، އެ ބޭކަލުން ފިޔަވައި އެހެން ޞަޙާބީން ދެކެ، ޚާއްޞަކޮށް رَسُوْلُ اللهِ ﷺ ދެކެ، އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލޯބިވާނެ އެވެ. ކީރިތި قرآن ގެ އާޔަތްތަކުގައި الله تعالى ވަނީ އެ ބޭކަލުންނަށް ތަޢުރީފުކުރައްވާފަ އެވެ. رَسُوْلُ اللهِ ﷺ ގެ ޙާޒިރު ގައި އެ ބޭކަލުން ތިއްބަވަނީ ވަރަށް މަޑުމައިތިރިކޮށް އަދި ސަމާލުކަންދީ ކަނުލައި އަޑުއައްސަވައިގެންނެވެ. އެއީ، ދޫނިތައް ބޯކޮޅު ވަތަށް ޖަހައިގެން ބިމަށް ތިރިކޮށްފައި، ތަޅުވާލުމުން އުދުހޭ ފަދައިންނެވެ. އެހެންކަމުން، ޞަޙާބީން ވެގެންދިޔައީ، ރަސޫލުންނާއި، އިސް މަލާއިކަތުން ފިޔަވައި، އެންމެ ހުރިހާ މަޚްލޫޤުންގެ ތެރެއިން އެންމެ ހެޔޮލަފާ އަދި މަތިވެރި މަޚްލޫޤުންނަށެވެ.
އަޞްޙާބު ބޭކަލުންނަށް رَسُوْلُ اللهِ ﷺ ވަނީ އިސްލާމް ދީނުގައި އަމުރުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތައް ތަފްޞީލުކޮށް އުނގަންނަވައި ދެއްވާފައެވެ. އެކަލޭގެފާނު ވަނީ އަޞްޙާބު ބޭކަލުންނަށް ހުރިހާ މަޢުލޫމާތެއް އަލިފުން ޔާ އަށް، އާޚިރަތާއި، ދުނިޔޭގެ މަޢުލޫމާތު، އީމާންކަމާއި އިސްލާމް ކަމުގެ ރުކުންތަކާއި، ނަމާދާއި، ރޯދައާއި، ޙައްޖާއި، ޒަކާތުގެ ޙުކުމްތަކާއި، ކީރިތި قرآن ގެ އާޔަތްތަކުގެ ތަފްސީރާއި، ޙަރާމް އަދި ޙަލާލު ކާނާ އާއި، ފޭރާމާއި؛ ހުވާކުރުން، ނަދުރުބުނުން11، ކައްފާރާ، ވިޔަފާރިކުރުމާ ބެހޭ މަޢުލޫމާތާއި؛ ކެއުމާއި، ބުއިމާއި، ހެދުންއެޅުމާއި، ވާހަކަދެއްކުމާއި މަރުޙަބާކިޔުމުގެ އަދަބުތައް؛ އަވަށްޓެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި؛ ޤާނޫނީގޮތުން ދަޢުވާކުރުން، އަދަބުތައް، އެއްބަސްވުންތައް އަދި ޕާޓްނަރޝިޕްތައް؛ ޞިއްޙަތާއި، ސާފުޠާހިރުކަމުގެ މަޢުލޫމާތާއި؛ ޢަދުއްވުންނާ ހަނގުރާމަކުރުން، ހަނގުރާމައިގެ ޤާނޫނު...ކޮންމެ މީހަކަށް ވެސް ވިސްނޭ ފަދަ ގޮތަކަށް، މުހިއްމު ނުކުތާތައް ތިން ފަހަރު12 ތަކުރާރުކުރައްވަމުންނެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުންތައް މެދުވެރިކޮށް، އަންހެނުންނާ ބެހޭ މަޢުލޫމާތުތައް އެކަލޭގެފާނު ވަނީ އުނގަންނައިދެއްވާފައެވެ.
جبريل حديث الشّريف
އަބަދު ވެސް ކަން އޮންނަ ގޮތަށް ވާހަކަދައްކަވަ ކަމަށް މަޝްހޫރުވެފައިވާ މުސްލިމުންގެ ހިތްވަރުގަދަ އިމާމު ކަމުގައިވާ އަޞްޙާބު ބޭކަލުންގެ ތެރެއިން އެންމެ އިސް އެއް ބޭފުޅާ ކަމުގައިވާ عمر بن خطّاب (رضي الله عنه) ވިދާޅުވެފައި ވެއެވެ.:
"އެ ދުވަހަކީ، رَسُوْلُ اللهِ ﷺ ގެ އަރިހުގައި އަޅުގަނޑުމެން ޞަޙާބީންގެ ތެރެއިން މަދު މީހަކު ތިބި ދުވަހެކެވެ. އެ ދުވަހު، އެ ގަޑި އަކީ ޝަރަފުވެރި، މަތިވެރި އަދި އާދަޔާޚިލާފު ދުވަހެކެވެ. އެ ދުވަހު، رَسُوْلُ اللهِ ﷺ ގެ ޞުޙުބަތުގައި އެކަލޭގެފާނާ ޖެހިގެން އަރިހުގައި، ފުރާނަތަކަށް ތާޒާކަމެއް އަދި ރޫޙުތަކަށް އަރާމު ލިއްބައިދޭ އެކަލޭގެފާނުގެ ރިވެތި މޫނުކޮޅު ފެނުމުގެ ޝަރަފު އަޅުގަނޑުމެންނަށް ލިބުނެވެ. (އެ ދުވަހުގެ ޝަރަފާއި އަގު ވިސްނައިދިނުމަށް ޓަކައި، އޭނާ ވިދާޅުވި އެވެ. "އެއީ އެ ދުވަހެއް ގައި ..."جبريل (عليه السّلام) އިންސާނެއްގެ ސިފައިގައި ފެނި، އަދި ވަރަށް ސާފުކޮށް އަދި ރިވެތިކޮށް رَسُوْلُ اللهِ ﷺ ގެ އަޑު އިވި އެކަލޭގެފާނުގެ ބަރަކާތްތެރި އަނގަފުޅުން މީސްތަކުން ބޭނުންވާ މަޢުލޫމާތު އަޑު އަހައި ހެދުމަށް ވުރެ ޝަރަފުވެރި އަދި އަގުހުރި ވަގުތެއް އަންނާނެ ހެއްޔެވެ؟)
"އޭ ޢުމަރުގެފާނެވެ! ސުވާލު އެކުރެއްވީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ތޯ އެވެ؟ އެއީ ޖިބްރީލް (عليه السّلام) އެވެ. އެކަލޭގެފާނު ވަޑައިގަތީ ތިޔަ ބޭކަލުންނަށް ތިޔަ ބޭކަލުންގެ ދީން އުނގަންނައި ދެއްވުމަށެވެ".
حديث الشريف
އެ ވަގުތު، ހަނދު އަރައިގެން އަންނަ ފަދައިން، ބޭކަލަކު އަޅުގަނޑުމެން ކައިރި އަށް ވަޑައިގެންފި އެވެ. އެ ބޭކަލެއްގެ ހެދުން ވަރަށް ހުދުވެފައި، އިސްތަށިގަނޑު ވަރަށް ކަޅެވެ. އެ ބޭކަލެއްގެ ކިބައިގައި ހިރަފުހާއި، ކެލާ، ނުވަތަ ދާ ފަދަ ދަތުރުކުރިކަމުގެ އެއްވެސް ޢަލާމާތެއް ނެތެވެ. رَسُوْلُ اللهِ ﷺ ގެ ޞަޙާބީން ކަމުގައިވާ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެ ބޭކަލަކު ނޭނގުނެވެ. މާނަ އަކީ، އެ ބޭކަލަކީ، އަޅުގަނޑުމެންނަށް މީގެ ކުރިން ފެނިފައިވާ ނުވަތަ އެނގިފައިވާ ބޭކަލެއް ނޫނެވެ. އެ ބޭކަލަކު رَسُوْلُ اللهِ ﷺ ގެ އަރިހުގައި އިށީނދެވަޑައިގެންފި އެވެ. އެ ބޭކަލެއްގެ ކަކޫ، رَسُوْلُ اللهِ ﷺ ގެ ކަކޫކޮޅުގައި ޖައްސަވައިފި އެވެ. (އެއީ جبريل (عليه السّلام) އެވެ. އެކަލޭގެފާނު ހުންނެވީ އިންސާނެއްގެ ސޫރައިގައެވެ. جبريل (عليه السّلام) އިށިންދެވަޑައިގެން އިންނެވީ މުހިއްމު ކަމެއް އަންގަވައިދެއްވުމަށް ހެން ހީވާ ކަހަލަ ގޮތަކަށެވެ. އެއީ، ދީނާ ބެހޭގޮތުން އުނގެނުމަކީ ލަދުވެތި ކަމެއް ނޫންކަން ދައްކުވައިދިނުމާއި، ސައްޔިދެއްގެ ކުރިމަތީގައި ބޮޑާވެ ހަރުކަށިކަން ދެއްކުމަކީ، ކުރުން މުނާސަބު ކަމެއް ނޫންކަމެވެ. މި ސުލޫކާ އެކު، جبريل (عليه السّلام)، އަޞްޙާބު ބޭކަލުންނާ މުޚާޠަބުކުރައްވާ ވިދާޅުވީ، ކޮންމެ މީހަކު ވެސް ޓީޗަރު އަރިހުން މިނިވަންކަމާ އެކު އަދި ޖެހިލުންވުމެއް ނެތި، އެ މީހަކު އިސްލާމް ދީނުން އުނގެނެން ބޭނުންވަނީ ކޮން ކަމެއްކަން އެދެންޖެހޭނެ ކަމަށެވެ. އެހެނީ، ދީން އުނގެނުމާއި، ދީނުގައިވާ ގޮތަށް އުޅުމާއި، الله تعالى ގެ ޙައްޤުތަކުގެ މަޢުލޫމާތު އުނގަންނައިދިނުމާއި، އުނގެނުމާ މެދު ލަދުގަތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ވާތީ އެވެ.)
އެ މާތް ބޭކަލަކު، އެކަލޭގެފާނުގެ އަތްޕުޅު رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ކަކޫކޮޅުގައި ބާއްވައި ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އިސްލާމް ދީނަކީ ކޮބައިކަމާއި، މުސްލިމަކަށް ވެވޭނެ ގޮތް ބުނެދެއްވާށެވެ"!
رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން އެންމެ ފުރަތަމަ ރުކުނަކީ، ޝަހާދަތުގެ ދެ ކަލިމަ ކިޔުމެވެ". (އެއީ، "أشهد أن لا إله إلّا الله و أشهد أنَّ محمّدا رسوله"، މިހެން ކިޔުމެވެ. އޭގެ މާނައަކީ، ބާލިޣުވެފައިވާ ތަޞައްރަފު ފުދޭ ބޯ ހަމަޖެހޭ މީހަކު ވާހަކަދައްކަނީ، "ބިމުގައި ނޫނީ އުޑުގައި الله تعالى ފިޔަވައި އަޅުކަން ވެވޭ އެހެން ފަރާތެއް ނެތް ކަމަށެވެ. ޙަޤީޤީ ތެދު ކަލާނގެ އަކީ ހަމައެކަނި الله تعالى ކަމަށެވެ. ޙަޤީޤީ ކަލާނގެ އަކީ ހަމައެކަނި الله تعالى ކަމެވެ. އެކަލާނގެއީ واجب الوجوب ކަމެވެ. ކޮންމެ މަތިވެރިކަމެއް އެކަލާނގެ ކިބަފުޅު ގައި ވާ ކަމެވެ. އެކަލާނގެ ކިބަފުޅު ގައި އެއްވެސް އުނިކަމެއް ނުވާ ކަމެވެ. އެކަލާނގެ إسمފުޅަކީ ﷲ ކަމަށް" ހިތުގެ އަޑިން ފުރިހަމަ އަށް ޤަބޫލުކުރުމެވެ. އަދި ހަމަ އެއާއެކު ތިރީގައިވާ ފަދައިން ބުނުމެވެ. "ފިނިފެންމާ ކުލައިގެ މަތިވެރި އިންސާނާ؛ ހުދު-ރަތް، އުޖާލާ އަދި ލޮބުވެތި މޫނުގެ ވެރި؛ ކަޅު ކުލައިގެ ލޮލާއި ބުމައިގެ ވެރި؛ ބަރަކާތްތެރި ފުޅާ ނިއްކުރިއެއް ވެރި، ރަނގަޅު ޠަބީޢަތެއްގެ ވެރި، ހިޔަނިއެއް ނެތް އަދި މަޑު އަޑަކުން ވާހަކަދައްކަވާ އަދި ޢަރަބި ކަރައިގެ މައްކާ ގައި އުފަންވީތީ ޢަރަތްބެކޭ ކިޔޭ، هاشم ވަންހައިގެ ދަރިންގެ ތެރޭގައި ހިމެނޭ ޢަބްދުﷲ ގެ ދަރިކަލުން ކަމުގައިވާ محمّد ގެ ނަންދެވިފައިވާ الله تعالى ގެ އަޅާ އަދި ރަސޫލާ އަދި ނަބީއެކެވެ")
"...ވަގުތު ޖެހުމުން ނަމާދުކުރުމާއި، އެ މީހަކުގެ މުދަކުން ޒަކާތް ދިނުމާއި، ރަމަޟާން މަހުގެ ކޮންމެ ދުވަހު ރޯދަ ހިފުމާއި، ކެރިކުޅަދާނަ ވެގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުކުރުމެވެ".
އެ ބޭކަލަކަށް رَسُوْلُ اللهِ ﷺ ގެ ފަރާތްޕުޅުން މި ޖަވާބުތައް އިވިވަޑައިގަތުމުން ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ތި حديث ކުރެއްވީ ތެދުފުޅެވެ". އަޑުއަހަން ތިބި އަޅުގަނޑުމެން ތިބީ އެ ބޭކަލެއްގެ ޢަމަލުތައް ހުރި ގޮތުން ޙައިރާންވެފައެވެ. އެއީ، ސުވާލެއް ކުރައްވައި، އެ ސުވާލުގެ ޖަވާބު ރަނގަޅު ކަމަށް ޔަޤީންކަން ދެއްވުމެވެ.
"ﷲ ގެ ރަސޫލާ އެވެ! އީމާން ކަމަކީ ކޮބައިކަން ވިދާޅުވެދެއްވާށެވެ". (މި حديث ގައި އީމާން ލަފްޒީ މާނަކޮށްގެން ނުވާނެ އެވެ. އެހެނީ، ނުކިޔަވާ ތިބި ޢަރަބީންގެ ތެރޭގައި އީމާން ގެ ލަފްޒީ މާނަ ނޭނގޭ މީހަކު ނެތެވެ: ޔަޤީންކޮށްދީ ޤަބޫލުކުރުމެވެ. ޔަޤީނުން ވެސް، އަޞްޙާބު ބޭކަލުންނަށް (رضي الله عنهم) އެކަން އެނގިވަޑައިގަތެވެ. އެކަމަކު، جبريل (عليه السّلام) ބޭނުންފުޅުވެ ވަޑައިގަތީ، އަޞްޙާބު ބޭކަލުންނަށް އީމާންގެ މާނަ އަޞްޙާބު ބޭކަލުންނަށް އުނގަންނައި ދެއްވުމަށެވެ. މިތާނގައި ސުވާލަކީ، އިސްލާމް ދިނުގައި އީމާން ކަމުގެ މާނަ ކުރެވޭ ގޮތަކީ ކޮބައި ތޯ އެވެ.) رَسُوْلُ اللهِ ﷺ އީމާންގެ މާނައަކީ، ހަ ކަމެއް ޤަބޫލުކުރުމެވެ.
"އެއީ، الله تعالى އަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނަށް އީމާންވުމާއި، އެކަލާނގެ ފޮތްތަކަށް އީމާންވުމާއި، އެކަލާނގެ ރަސޫލުންނަށް އީމާންވުމާއި، ޤިޔާމަތް ދުވަހަށް އީމާންވުމާއި، ޤަޟާ ޤަދަރަށް މާނައަކީ ހެވާއި ނުބައި އައިސްފައިވަނީ الله تعالى ގެ ޙަޟްރަތުން ކަމަށް އީމާންވުމެވެ". އެ ބޭކަލަކު އަނެއްކާ ވެސް ވިދާޅުވި އެވެ. "ކަލޭގެފާނު ތި حديث ކުރެއްވީ ރަނގަޅަށެވެ" މިހެން ވިދާޅުވެ އެކަލޭގެފާނުގެ ޖަވާބު ޞައްޙަކަން ޔަޤީންކޮށްދެއްވި އެވެ.
"މާތް ﷲ ގެ ރަސޫލާ އެވެ! އިޙްސާން އަކީ ކޮނބައިކަން حديثކުރައްވަފާނަން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެއީ ތިބާ އަށް އެކަލާނގެ ފެންނަ ފަދައިން އެކަލާނގެ އަށް އަޅުކަން ކުރުމެވެ. އެހެނީ، ތިބާ އަށް އެކަލާނގެ ނުފެނުނަސް، އެކަލާނގެ އަށް ޔަޤީނުން ވެސް ތިބާ ދެކެވޮޑިގެން ވެއެވެ". އެ ބޭކަލަކު ދެން ވެސް އެއްސެވި އެވެ. "ﷲ ގެ ރަސޫލާ އެވެ! ޤިޔާމަތް ދުވަހާ ބެހޭގޮތުން ވިދާޅުވެދެއްވާށެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތި މައުޟޫޢު ގައި ތި ސުވާލު ކުރެވުނު ތިމަންކަލޭގެފާނަށް ވުރެ ތި ސުވާލު ކުރެއްވި ބޭފުޅާ އަށް މާ ބޮޑަށް އެނގިވަޑައިގަންނަވާނެ އެވެ". އެ ބޭކަލަކު ވިދާޅުވި އެވެ. "ދެން އެ ދުވަހުގެ ޢަލާމާތްތައް حديث ކޮށްދެއްވާށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޖާރިޔާ އިން އެ ކަނބަލުންގެ ވެރިމީހާ އަށް ދަރިން ވިހެއުމާއި؛ ތިބާ އަށް ހުސްފައިގައި ތިބޭ ހުސް ގަޔާ ތިބޭ ފަޤީރު ޖަނަވާރު ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކުރުމުގައި އެކަކު އަނެކަކާ ވާދަކުރުމެވެ".
رَسُوْلُ اللهِ ﷺ އަޅުގަނޑާ ދިމާއަށް އެނބުރި ވަޑައިގެން އެއްސެވި އެވެ. "އޭ عُمرُގެފާނެވެ! ސުވާލު އެކުރެއްވީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ތޯ އެވެ"؟ އަޅުގަނޑު ދެންނެވީމެވެ. "الله تعالى މޮޅަށް ދެނެވޮޑިގެން ވެއެވެ. އަދި އެކަލާނގެ ރަސޫލާ (صلّى الله عليه وسلّم) މޮޅަށް ދެނެވަޑައިގަނެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެއީ جبريل (عليه السّلام) އެވެ. އެކަލޭގެފާނު ވަޑައިގަތީ ތިޔަ ބޭކަލުންނަށް ތިޔަ ބޭކަލުންގެ ދީން އުނގަންނައި ދެއްވުމަށެވެ".13
އަހަރެމެންގެ ލޮބުވެތި ނަބިއްޔާ (صلّى الله عليه وسلّم) އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ކަންތައްތައް އޮޅުންފިލުއްވައިދެއްވީ އެ ބޭކަލުންނަށް ވިސްނޭނޭހެން، އެ ބޭކަލުންނަށް ދީނުގެ ތެރެއަށް ވަދެވިފައި ތިބި މިންވަރަށް ބައްލަވާފައެވެ. އެއް ދުވަހަކު، ޞަޙާބީންގެ ތެރެއިން އެންމެ މަތިވެރި އެއް ބޭފުޅާ ކަމުގައިވާ عُمرُ (رضي الله عنه) މިސްކިތަށް ވަޑައިގަންނަވަނިކޮށް، ފެނިވަޑައިގަތީ رَسُوْلُ اللهِ ﷺ، أبوبكر (رضي الله عنه) އަށް ކޮންމެވެސް އެއްޗެއް އޮޅުންފިލުއްވައި ދެއްވަނިކޮށެވެ. އެކަލޭގެފާނު އެ ދެ ބޭފުޅުންގެ އަރިހަށް ވަޑައިގެން އެ ދެ ބޭފުޅުން ދައްކަވާ ވާހަކައަކަށް އަޑުއެއްސެވި އެވެ. އެހެން މީހުންނަށް ވެސް އެ ދެ ބޭފުޅުން ފެނުނެވެ. އެކަމަކު، އެ ތަނަށް ގޮސް އަޑުއަހަން ޖެހިލުންވީއެވެ. ޖެހިގެން އައި ދުވަހު، މީހުންނަށް عُمرُ (رضي الله عنه) ފެނުމުން، އެ މީހުން ބުންޏެވެ. "އޭ عُمرُ އެވެ! رَسُوْلُ اللهِ ﷺ ކޮންމެ ވެސް އެއްޗެއް ކަލޭގެފާނަށް އިއްޔެ حديث ކުރެއްވި އެވެ. އަޅުގަނޑުމެންނަށް ކިޔައިދެއްވާށެވެ. އަޅުގަނޑުމެންނަށް ދަސްވާނީ އޭރުންނެވެ". އެހެނީ، رَسُوْلُ اللهِ ﷺ އަބަދު ވެސް حديث ކުރައްވައެވެ. "ތިމަންކަލޭގެފާނުގެ ކިބައިން އަޑުއިވޭ މަޢުލޫމާތުތައް ތިބާމެންގެ އަޚުންނަށް ކިޔައިދޭށެވެ! އެކެއްގެ ފަރާތުން އަނެކަކަށް އުނގަންނައިދޭށެވެ". عُمرُ (رضي الله عنه) ވިދާޅުވި އެވެ. "އިއްޔެ أبوبكر ގެފާނު، އެކަލޭގެފާނު ކައިރިން، އެކަލޭގެފާނަށް ނޭނގޭ އަދި رَسُوْلُ اللهِ ﷺ ޝަރަޙަކޮށްދެއްވި އާޔަތެއްގެ މާނަ އެއްސެވި އެވެ. އަހަރެން އެއް ގަޑި އިރު އަޑުއެހީމާ ވެސް އެކައްޗެއް ވެސް ނޭނގުނެވެ". އެހެނީ، އެކަލޭގެފާނު ހުރިހާ އެއްޗެއް އޮޅުންފިލުވައި ދެއްވަމުން ގެންދެވީ أبوبكر (رضي الله عنه) ގެ މަތީ ރޭންކާ ގުޅޭ ގޮތަށެވެ. عُمرُ (رضي الله عنه) މަތިވެރިކަން ހުރި މިންވަރަކީ، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަކީ، އެންމެ ފަހުގެ ނަބިއްޔާ އެވެ. ތިމަންކަލޭގެފާނަށް ފަހު އެހެން ނަބީއެއް ވަޑައެއް ނުގަންނަވާނެ އެވެ. ތިމަންކަލޭގެފާނަށް ފަހު އެހެން ރަސޫލަކު ފޮނުއްވާ ނަމަ عُمرُގެފާނު ވީހީ އެ ރަސޫލާ އަށެވެ". އެކަލޭފާނު އެހާ މަތިވެރިވެފައި، މާދަރީ ބަސް ކަމުގައިވާ ޢަރަބި ބަސް އެނގުނު ކަމުގައި ވިޔަސް، أبوبكر (رضي الله عنه) އަށް ކިޔައިދެވުނު ކީރިތި قرآن ގެ ތަފްސީރު އޭނާ އަށް ނުވިސްނުނެވެ. أبوبكر (رضي الله عنه) ދަރަޖަ އެކަލޭގެފާނަށް ވުރެ މާ މައްޗެވެ. أبوبكر (رضي الله عنه) އާއި جبريل (عليه السّلام)، رَسُوْلُ اللهِ ﷺ އަރިހުގައި ކީރިތި قرآن ގެ މާނައާއި، ފޮރުވިފައިވާ ކަންތައްތަކާ މެދު ސުވާލުކުރައްވާ އުޅުއްވި އެވެ. رَسُوْلُ اللهِ ﷺ ވަނީ މުޅި ކީރިތި قرآن ގެ ޝަރަޙަ އަޞްޙާބު ބޭކަލުންނަށް ކިޔުއްވާދެއްވާފަ އެވެ.
އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ދީން އުނގަންނައިދެއްވުމުގެ ތެރޭގައި، رَسُوْلُ اللهِ ﷺ ވަނީ ކޭސްތައް ބައްލަވައި، ހެކިވެރިންގެ ހެކި ބަސް އަޑު އައްސަވައި، އެންމެ އުނދަގޫ ޚިޔާލުތަފާތުވުންތައް ޙައްލުކުރައްވާފަ އެވެ. އިސްލާމް ދީން ތަޢާރަފުކުރައްވައި، ފެތުރުއްވުމަށް ޓަކައި، އެކަލޭގެފާނު ވަނީ ގަދައަޅައި މަސައްކަތްކުރައްވާފަ އެވެ. ނަރަކައިގެ ދިލަ އަލިފާނުން އިތުރު އެކަކު ސަލާމަތްކުރެއްވުމަށް ޓަކައެވެ. އެކަލޭގެފާނުގެ އާދަތަކާއި، ޢަމަލުފުޅުތަކުން އެހެން މީހުންނަށް ރަނގަޅު ނަމޫނާއެއް ދެއްކެވި އެވެ. ހަމަ އެހެންމެ، މުޝްރިކުންގެ ޙަސަދަވެރިކަމުން މުއުމިނުން ސަލާމަތްކުރއްވުމަށް ޓަކައި، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ވެސް ޔަޤީންކުރެއްވި އެވެ.
އޭ އައުލިޔާއުންގެ ލޮލުގެ ނޫރުގެ ރިވެތިކަމާއޭ،
އަޅުގަނޑަށް އެހީދެއްވާށޭ، ހުދާގެ ނޫރުގެ މަޞްދަރާއޭ،
ތިބާގެ ފައިތިލައިގެ ހިރަފުހަކީ އަޞްފިޔާއުންގެ ލޮލުގެ އަނދުނޭ،
ތިބާގެ އަތްޕުޅު ދެއްވާށޭ، ހުދާގެ ނުރުގެ މަޞްދަރާއޭ.
ތިބާއާ ނުލައި އެއްވެސް މީހަކަށް الله تعالى އާ ހަމައަށް ނުފޯރާނެއޭ،
ޤަބޫލުކުރެއްވުމުގެ އިޙްތިމާލު އޮތީ ތިބާގެ ޝަފާޢަތުންނޭ،
ތިބާއަކީ ޢާލަމްތަކުގެ ރަޙްމަތޭ، ރަސޫލާއޭ،
ތިބާގެ އަތްޕުޅު ދެއްވާށޭ، ހުދާގެ ނުރުގެ މަޞްދަރާއޭ.
އަޅާ ވަނީ ނިމުމެއް ނެތް ވަރަށް ކުށަށް އަރާފައޭ،
އަޅާ ވަނީ ފާފަވެރިންގެ އެކުވެރިޔަކަށް ވެފައޭ،
އަޅާގެ ފާފަތަކަށް ޝަފާޢަތް ދެއްވާށޭ، ދީލަތިވަންތަ ކަލޭގެފާނޭ،
ތިބާގެ އަތްޕުޅު ދެއްވާށޭ، ހުދާގެ ނުރުގެ މަޞްދަރާއޭ.
މަތިވެރި ނަބިއްޔާއޭ، ދީލަތިވަންތަކަމުގެ މަޞްދަރޭ،
މި ސެލީމީ އަކީ ކުށަށްއަރާ ނިކަމެއްޗެކޭ،
ތިބާގެ ޙާޒިރު ގައި، އޭނާ އާދޭސްކުރަނީ ރަޙުމަށޭ،
ތިބާގެ އަތްޕުޅު ދެއްވާށޭ، ހުދާގެ ނުރުގެ މަޞްދަރާއޭ.
ޔަވޫޒް ސުލްޠާން ސެލީމް (ސެލީމީ)
سَلمانُ الفارسي އިސްލާމްވުން
"ތިމަންކަލޭގެފާނުގެ ކިބައިން އަޑުއިވޭ މަޢުލޫމާތުތައް ތިބާމެންގެ އަޚުންނަށް ކިޔައިދޭށެވެ! އެކެއްގެ ފަރާތުން އަނެކަކަށް އުނގަންނައިދޭށެވެ".
حديث الشريف
ދުވަހަކަށް ފަހު ދުވަހެއް، އިސްލާމް ދީނުގެ ނޫރު ފެތުރެން ފަށައި، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ނަންފުޅު ގަނެވޭ ހިނދު މީސްތަކުންގެ ހިތްތަކުން ޖާގަ ނަގަން ފަށައިފި އެވެ. އެކަލޭގެފާނުގެ ވަޑައިގަންނަވާނޭ އިރަކަށް ބަލަބަލާ ތިބި ދަންދޮރު ދަންނަ މީހުން، ޝައުޤުވެރިކަމާ އެކު މަދީނާ އަށް ވަންނަމުން ދިޔައީ، މިކަންކަން ހޯދައި، މުސްލިމުންނަށް ވުމަށެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ، سلمانُ الفارسي (رضي الله عنه) އެވެ. އޭނާ މުސްލިމަކަށް ވީ ގޮތް އަންނަނިވި ގޮތަށް ކިޔާދެއްވާފައި ވެއެވެ.:
"އަހަންނަކީ، ފާރިސް ކަރައިގެ (އީރާނުގެ) އިސްފަހާން ސިޓީގެ ޖޭ އަވަށުގެ މީހަކީމެވެ. އަހަރެންގެ ބައްޕައަކީ އަވަށުގެ އެންމެ މުއްސަނދި މީހާ އެވެ. އަހަރެމެން އަތުގައި ބައިވަރު ބިމާއި، މުދާ ހުއްޓެވެ. އަހަންނަކީ، އަހަރެންގެ ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެހެންކަމުން، އަންހެން ދަރިއެއް ހެން ބައްޕަ އަހަރެން ޙިމާޔަތްކުރި އެވެ. ބައްޕަ އަހަރެން ގެއިން ބޭރަށް ނުކުތުނަ ނުދެއެވެ. ބައްޕަ އަކީ އަލިފާނަށް އަޅުކަންކުރާ މީހަކަށް ވާތީ، ބައްޕަ ބޭނުންވާ ވަރަށް ޒޮރޯސްޓްރިއަން ދީން ނުވަތަ އަލިފާނަށް އަޅުކަންކުރާ ދީން ދަސްކޮށްދިނެވެ. އަހަރެމެންގެ ގޭގައި އަބަދު ވެސް އަލިފާން އަނދައަނދާ ހުރެއެވެ. އަދި އަހަރެމެން އެ އަލިފާންގަނޑަށް އަޅުކަންކޮށް ސަޖިދައަށް ގޮސް ހަދަމު އެވެ. އަހަރެންގެ ބައްޕަގެ އަތުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ހުރުމާ އެކު، އެއް ދުވަހު ބޭރަށް ނެރެފައި ބުންޏެވެ. "އަހަރެންގެ ދަރިފުޅާ އެވެ! އަހަރެން މަރުވުމުން، މި މުދާތަކުގެ ވެރިޔަކަށް ވާނީ ދަރިފުޅެވެ. ވީމާ، ތިބާގެ މުދާތަކާއި، ބިންތައް ވަކިކޮށް ފާހަގަކުރާށެވެ". އަހަރެން ބުނީމެވެ. "އެންމެ ރަނގަޅެވެ". މިހެން ބުނެފައި، އަހަރެމެންގެ ދަނޑުތަކުގެ ވަށައިގެން ދުވަން ފަށައިފި އެވެ.
އެއް ދުވަހަކު ދަނޑުތައް ބަލަން ދިޔަ އިރު، އަހަންނަށް ފެނުނީ ފައްޅިއެކެވެ. އަހަންނަށް ކްރިސްޓިއަނުންގެ އަޑުތައް އިވުނެވެ. އަހަރެން އެ މީހުންނާ ގާތަށް ދިޔަ އިރު، އެ މީހުން އެތެރޭގައި އަޅުކަން ކުރަމުން ދިޔަ ތަން ފެނުނެވެ. މީގެ ކުރިން އެފަދަ ކަމެއް ފެނިފައި ނުވާތީ އަހަރެން ހުރީ ޙައިރާންވެފައެވެ. އެހެނީ، އަހަރެމެންގެ އަޅުކަމުގައި އަލިފާން ރޯކުރުމާއި، އެ އަލިފާނަށް ސަޖިދަޖެހުން ފިޔަވައި އެހެން ކަމެއް ނޯވެއެވެ. އެމީހުން އަޅުކަންކުރަމުން ދިޔައީ ނުފެންނަ ﷲ (ޢަރަބި ކްރިސްޓިއަނުން އިލާހަށް ކިޔަނީ ﷲ) އަށެވެ. އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ. "އެ މީހުންގެ ދީނަކީ ތެދު ދީން ކަމަށް އަދި އަހަރެމެންގެ ދީނަކީ ނުބައި ދީން ކަމަށް އަހަރެން ހުވާކޮށްފައި ބުނަމެވެ". އެ ޙައިރާން ކަމުގައި ހަވީރު ވަންދެން އަހަރެން އެ މިހުންނަށް ބެލީމެވެ. އަހަރެމެންގެ ޤައުމަށް އެނބުރި ދިއުމުގެ ކުރިން، އަނދިރިވާން ފަށައިފި އެވެ. "މި ދީނުގެ އަޞްލަކީ ކޮބައިހޭ" އަހަރެން ސުވާލުކުރުމުން، އެ މީހުން ބުންޏެވެ. "(އެ ދީނުގެ އަޞްލު ވަނީ) ދިމިޝްޤު ގައެވެ". ދެން، އަހަރެން އެހީމެވެ. "އަހަރެން ދިމިޝްޤަށް ގޮސްފި ނަމަ، އެ މީހުން އަހަރެން ބަލައިގަންނާނެ ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "އާނއެކެވެ. އެ މީހުން ޤަބޫލުކުރާނެ އެވެ". އަހަރެން ސުވާލުކުރީމެވެ. "އަވަހަށް ދިމިޝްޤަށް ދަތުރުކުރާނެ މީހަކު ތިޔަބައި މީހުންގެ ތެރޭގައި އެބަ ހުރި ހެއްޔެވެ"؟ އެ މީހުން ބުނިގޮތުގައި ވިޔަފާރި ޤާފިލާ އެއް ވަރަށް އަވަހަށް ދިމިޝްޤަށް ދާނެ އެވެ. އަހަރެން ވާހަކަދެއްކި މީހުންނަކީ މަދު ޢަދަދެއްގެ ބައެކެވެ؛ އެ މީހުން އިސްފަހާނަށް އައީ ދިމިޝްޤުންނެވެ.
އަހަރެން މި ކަމުގައި އަވަދިނެތިކޮށް އުޅުނު އިރު، ގެއަށް ދިއުން އޮތީ ލަސްވެފައެވެ. އަހަރެން ގެއަށް އެނބުރި ނައިކަން އަހަރެންގެ ބައްޕަ އަށް އެނގުމުން، ބައްޕަ އަހަރެން ހޯދަން ފަށައި، އަހަރެން ހޯދަން މީހުން ފޮނުވައިފި އެވެ. އެ މީހުން ހޯދާހޯދާ އަހަރެން ނުފެނުނެވެ. އެ މީހުން އެކަމާ ކަންބޮޑުވެފައި ތިއްބާ އަހަރެން ގެއަށް އެނބުރި އަތުވެއްޖައީމެވެ. އަހަރެންގެ ބައްޕަ ބުންޏެވެ. "މިއޮތް ހުރިހާ އިރަކު ކޮން ތާކު އުޅުނީ"؟ އަހަރެމެން ދަރިފުޅު ހޯދުމަށް ހުރިހާ ތަނެއް ބަލައިފީމު އެވެ". އަހަރެން ބުނީމެވެ. "ބައްޕާއެވެ! އަހަރެން ދިޔައީ ދަނޑުތަކުގައި ހިނގާލާށެވެ. އެކަމަކު، އަހަރެން ދިޔަ މަގުމަތީގައި ފެނުނީ ކްރިސްޓިއަން ފައްޅިއެކެވެ. އަހަރެން އެތެރެ އަށް ވަނީމެވެ. އެ މީހުން އަޅުކަންކުރަމުން ދިޔައީ، ކުޅަދުންވަންތަ އަދި މަތިވެރި ނުފެންނަ ﷲ އަށެވެ. އެ މީހުންގެ އަޅުކަންކުރުމުން އަހަރެން ޙައިރާންވި އެވެ. ހަވީރު ވަންދެން އަހަރެން އެމީހުންނަށް ބެލީމެވެ. އަހަންނަށް ވިސްނުނީ އެ މީހުންގެ ދީނަކީ ތެދު ދީން ކަމަށެވެ". މި ވާހަކަތައް އަޑުއެހުމަށް ފަހު، އަހަރެންގެ ބައްޕަ ބުންޏެވެ. "އޭ އަހަރެންގެ ދަރިކަލުންނޭވެ! ތިބާ ތި ވިސްނަނީ ގޯސްކޮށެވެ. ތިބާގެ ކާބަފައިންގެ ދީން އެ މީހުންގެ ދީނަށް ވުރެ ތެދުވެރިއެވެ". އެ މީހުންގެ ދީނަކީ ދޮގު ދީނެވެ". އެ އޮޅުވާލުމުގައި ޖެހި އެ ދީން ޤަބޫލުނުކުރާށެވެ"! އަހަރެން ބުނީމެވެ. "ނޫނެކެވެ. އެ މީހުންގެ ދީން އަހަރެމެންގެ ދީނަށް ވުރެ ރަނގަޅެވެ. އަދި އެ މީހުންގެ ދީނަކީ ތެދުވެރި ދީނެވެ. އަހަރެމެންގެ ދީނަކީ ދޮގު ދީނެވެ". މިހެން ބުނުމުން އަހަރެންގެ ބައްޕަ ވަރަށް ރުޅި ގަދަވެއްޖެ އެވެ؛ ބައްޕަ އަހަރެންގެ ދެއަތާއި ދެފައި ބަނދެފައި، އަހަރެން ގޭގައި ހުރަގޮޅީ ގައި ބަންދުކޮށްފި އެވެ.
އަހަރެން އެ ޙާލަތުގައި ހުރި އިރު، އަހަރެން އިންތިޒާރުކުރަމުން ދިޔައީ، ދިމިޝްޤަށް ދަތުރުކުރާނެ ޤާފިލާގެ ޚަބަރަކަށެވެ. އެންމެ ފަހުން، އަހަންނަށް ޚަބަރު ލިބުނީ ކްރިސްޓިއަން ފާދިރީން ޤާފިލާގެ ދަތުރަށް ތައްޔާރުވެއްޖެ ކަމެވެ. އަހަރެންގެ ބަނދެފައިވާ ވާ މޮހެލައިގެން އެ ޤާފިލާ އޮތް ފައްޅިއަށް ގޮސްފީމެވެ. މިތާނގައި އަހަންނަށް ހުރެވެން ނެތް ކަން އެ މީހުންނަށް ކިޔައިދީ، އެ ޤާފިލާ އާ ގުޅި، ދިމިޝްޤަށް ދަތުރު ފަށައިފީމެވެ. ދިމިޝްޤު ގައި، ކްރިސްޓިއަން ދީނުގައި ހުރި އެންމެ ބޮޑު ޢިލްމުވެރިޔަކީ ކާކު ތޯ އަހަރެން އަހައިފީމެވެ. އެ މީހުން ކޮންމެވެސް މީހަކުގެ މަޢުލޫމާތު ދިނުމުން، އެ މީހާ ގާތަށް ގޮސް އަހަރެންގެ ޙާލަތު ކިޔައިދީފީމެވެ. އަހަރެން އެ ޢިލްމުވެރިޔާ ކައިރީގައި ބުނީ، އަހަރެން އޭނާ ކައިރީގައި ހުންނަން ބޭނުންވާ ކަމަށާއި، އޭނާ އަށް ޚިދުމަތްކުރާނެ ކަމަށާއި، އަހަންނަށް ކްރިސްޓިއަން ދީން ކިޔަވައިދިނުމަށާއި، الله تعالى އާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް އަހަންނަށް އެހީތެރިވުމަށެވެ. އޭނާ އެކަން ޤަބޫލުކުރި އެވެ. ވުމާއެކު، އަހަރެން ފައްޅީގެ މަސައްކަތްކުރުމުގައި އެ ޢިލްމުވެރިޔާ އަށް ޚިދުމަތްކުރަން ފެށީމެވެ. އަދި އޭނާ އަހަންނަށް ކްރިސްޓިއަން ދީން އުނގަންނައިދޭން ފަށައިފި އެވެ.
ފަހުން އަހަންނަށް އެނގުނު ގޮތުގައި، އޭނާ އަކީ ނުބައިނުލަފާ މީހެކެވެ. އެހެނީ، ފަޤީރުންނަށް ދިނުމަށް ޓަކައި، ކްރިސްޓިއަނުން އޭނާ އާ ހަމައަށް ޞަދަޤާތުގެ ގޮތުގައި ގެނެސް ޙަވާލުކުރި ރަނާއި ރިހި އޭގެ ބޭނުންޖެހިފައިވާ މީހުންނަށް ނުދީ ހުރީ އޭނާ އަތުގައި ބަހައްޓާފައެވެ. މިގޮތުން، އޭނާގެ އަތުގައި ޖަމާކޮށްފައި ހަތް ފުޅީގެ ރަނާއި ރިހި ހުއްޓެވެ. މިކަން އަހަރެން ނޫން މީހަކަށް ނޭނގެއެވެ. ދުވަސްގަނޑަކަށް ފަހު އޭނާ ނިޔާވެއްޖެ އެވެ. ޖަނާޒާ އަށް ކްރިސްޓިއަނުން ޖަމާވެއްޖެ އެވެ. އަހަރެން އެ މީހުން ކައިރީ ގައި ބުނީމެވެ. "ކަލޭމެން އޭނާ އަށް ތިހާ ވަރަށް އިޙްތިރާމްކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ އިޙްތިރާމްކުރުން ޙައްޤު މީހެއް ނޫނެވެ". އެ މީހުން "ކަލެ އަށް ތިހެން ބުނެވޭނީ ކިހިނެއް ހޭ"؟، މިހެން ބުނެފައި، އަހަރެން ދެއްކި ވާހަކަ ޤަބޫލެއް ނުކުރި އެވެ. އޭނާ ރަނާއި ރިހި ޖަމާކޮށް ރައްކާކޮށްފައި ހުރި ތަން އަހަރެން އެ މީހުންނަށް ދެއްކީމެވެ. އެ މީހުން ރަނާއި ރިހީގެ އެ ހަތް ފުޅި ނެގުމަށް ފަހު، ދެން ބުނޫއެވެ. "މި މީހާ އަށް ޖަނާޒާއެއް ނުވަތަ ވަޅުލުމެއް ޙައްޤެއް ނޫނެވެ". އެ މީހުން އޭނާގެ ހަށިގަނޑު އެއްލާލައި، ހިލަތަކުން ފޮރުވައިފި އެވެ. އެހެން މީހަކު އޭނާ ހުރި މަޤާމަށް އަތުވެއްޖެ އެވެ.14
އެ މީހާ އަކީ ޙަޤީޤަތުގައި ވެސް ދީނަށް ލޯބިކުރާ ޢިލްމުވެރި އެކެވެ. އަދި ދުނިޔެވީ ކަންތައްތަކަށް އެއްވެސް މުހިއްމުކަމެއް ނުދެއެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ އާޚިރަތަށެވެ. އޭނާ އަބަދު ވެސް މަސައްކަތްކުރަމުން ދިޔައީ އާޚިރަތަށެވެ. އެގޮތުން ދުވާލާއި ރޭގަނޑު އަޅުކަންކުރި އެވެ. އަހަރެން އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވިއެވެ. އަދި އޭނާ ގާތުގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރީމެވެ. އަހަރެން އޭނާ އަށް ޚިދުމަތް ކުރީ ހިތުން ރުހުމުންނެވެ. އަހަރެމެން އަޅުކަން ކުރީ އެކީގައެވެ.
އެއް ދުވަހަކު، އަހަރެން އޭނާ ކައިރީ ގައި ބުނީމެވެ. "އޭ ވެރިޔާ އެވެ! އަހަރެން ތިބާ އާ އެކުގައި އުޅޭތާ ދިގު މުއްދަތެއް ވެއްޖެ އެވެ. އަދި އަހަންނަށް ތިބާ ވަރަށް ކަމުގޮސްފި އެވެ. ސަބަބަކީ، ތިބާ الله تعالى ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތައްތަކުން ދުރުވާތީ އެވެ. ތިބާ ނިޔާވުމުން އަހަރެން ކުރަންވީ ކީއްހެއްޔެވެ؟ ތިބާ އިރުޝާދު ދޭ ގޮތަކީ ކޮބައި ހެއްޔެވެ"؟ ޖަވާބު ގައި އޭނާ ބުންޏެވެ. "އަހަރެންގެ ދަރިފުޅާ އެވެ! މީސްތަކުން އިޞްލާޙުކުރުވުމަށް ދިމިޝްޤު ގައި ދެން އިތުރު މީހަކު ނެތެވެ. ތިބާ އެ މީހެއްގެ ގާތަށް ދާ ކޮންމެ މީހަކު ވެސް ތިބާ ފަސާދަކުރާނެ އެވެ. އެހެން ނަމަވެސް، މޫޞަލް ގައި އެކަކު އެބަހުއްޓެވެ. އަހަރެން އިރުޝާދު ދެނީ އޭނާ ހޯދުމަށެވެ".
އޭނާ ނިޔާވުމުން، އަހަރެން ޢިރާޤުގެ މޫޞަލް އަށް ދިޔައިމަ އޭނާ ސިފަކުރި މީހާ ފެނިއްޖެ އެވެ. އަހަން އުފުއްލަން ޖެހުނު ތަކުލީފުގެ ވާހަކަ އޭނާ ކައިރީގައި ބުނީމެވެ. އޭނާގެ ޚިދުމަތަށް އަހަރެން ޤަބޫލުކުރި އެވެ. ކުރީގެ ފާދިރީ ފަދައިން، މީނާ އަކީ ވެސް، ދުނިޔަވީ ކަންތައްތަކަށް ލޯބިނުކުރާ، އަދި ޤަވާޢިދުން އަޅުކަންކުރާ އަގުހުރި މީހެކެވެ. އަހަރެން ދިގު މުއްދަތެއް ވަންދެން އޭނާ އަށް ޚިދުމަތްކުރީމެވެ. އެކަމަކު އެއް ދުވަހު އޭނާ ބަލިވެއްޖެ އެވެ. އޭނާ މަރުގެ ތުންފަތް މަތީ ގައި އޮތްވާ އަހަރެން ހަމަ އެ ސުވާލުތައް ކުރީމެވެ. އޭނާ އަހަންނަށް އިރުޝާދު ދިނީ ނުސައިބިން ގައި އުޅޭ މީހަކާ ބައްދަލުކުރާށެވެ. އޭނާ މަރުވުމަށް ފަހު، އަހަރެން ވަގުތުން ނުސައިބިން އަށް ދިޔައިމެވެ. އޭނާ ކިޔައިދިން މީހާ އާ ބައްދަލުވެ، އަހަރެން އޭނާ ގާތުގައި ހުންނަން ބޭނުންވާ ވާހަކަ ބުނެފީމެވެ. އޭނާ އެކަން ޤަބޫލުކޮށްފި އެވެ. އަދި އަހަރެން އޭނާގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރީމެވެ. އޭނާ ބަލިވުމުން، އަހަރެން އޭނާ ކައިރިން އެދުނީ، އެހެން މީހަކު ރެކޮމެންޑް ކުރުމަށެވެ. އޭނާ ސިފަކޮށްދިނީ ރޯމަން ސިޓީ އައްމޫރިޔާ ގައި މީހެކެވެ. އޭނާ ނިޔާފުމަށް ފަހު، އަހަރެން އައްމޫރިއްޔާ އަށް ދިޔައިމެވެ. އޭނާ ސިފަކޮށްދިން މީހާ އަހަންނަށް ފެނިއްޖެ އެވެ. އަދި އޭނާގެ ޚިދުމަތަށް ވަދެ، އޭނާގެ ގޭގައި އެތަކެއް މަސްތަކެއް ވަންދެން ހުރީމެވެ.
އޭނާގެ މަރު ކައިރިވެއްޖެ އެވެ. އެހެން މީހަކު ގާތަށް އަހަރެން ފޮނުވައިދޭން އެދުމުން އޭނާ ބުންޏެވެ. "ހުވާކޮށްފައި ބުނަމެވެ. ތިޔަ ބުނާ ފަދަ މީހަކު އަހަންނަކަށް ނޭނގެއެވެ. އެކަމަކު ފަހު ޒަމާނުގެ ރަސޫލާގެ އައުން ކައިރިވެއްޖެ އެވެ". އަދި އެ ރަސޫލާގެ ޢަލާމާތްތައް ލިސްޓުކުރި އެވެ. "އެ ބޭކަލަކު ޢަރަބިންގެ ތެރެއިން ވަޑައިގެން، އަމިއްލަ ވަޠަނުން ނުކުންނަވައި ހިލަތައް ހުންނަ ސަރަޙައްދެއް ގައި ގިނަ ކަދުރު ރުއްތައް ހެދޭ ރަށަކަށް ހިޖުރަކުރައްވާނެ އެވެ. އެކަލޭގެފާނު ހަދިޔާ ޤަބޫލުފުޅު ކުރެއްވިޔަސް، ޞަދަޤާ ޤަބޫލުފުޅެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ދެ ކޮންޑުފުޅު ދޭތެރޭ ގައި ރަސޫލު ކަމުގެ ސިއްކަ ވެއެވެ". އެ މީހާ ނިޔާވުމުން، އޭނާގެ ދެއްކި ވާހަކަ އަށް ބަލާފައި، އަހަރެން ޤަސްދުކުރީ ޢަރަބިންގެ ބިމަށް ދާށެވެ.
"އެ ބޭކަލަކު ޢަރަބިންގެ ތެރެއިން ވަޑައިގެން، އަމިއްލަ ވަޠަނުން ނުކުންނަވައި ހިލަތައް ހުންނަ ސަރަޙައްދެއް ގައި ގިނަ ކަދުރު ރުއްތައް ހެދޭ ރަށަކަށް ހިޖުރަކުރައްވާނެ އެވެ. އެކަލޭގެފާނު ހަދިޔާ ޤަބޫލުފުޅު ކުރެއްވިޔަސް، ޞަދަޤާ ޤަބޫލުފުޅެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ދެ ކޮންޑުފުޅު ދޭތެރޭ ގައި ރަސޫލު ކަމުގެ ސިއްކަ ވެއެވެ".
އައްމޫރިޔާގެ ފާދިރީ
އަހަރެން އައްމޫރިއްޔާ ގައި މަސައްކަތްކޮށް، ބައެއް ގެރިއާއި ބައެއް ބަކަރި އަހަރެން އަތުގައި ހުއްޓެވެ. بني كلب ވަންހައިގެ ވިޔަފާރި ޤާފިލާއެއް ޢަރަބި ކަރަޔަށް ދިއުމަށް ތައްޔާރުވެއްޖެ އެވެ. އަހަރެން އެ މީހުން ކައިރީގައި ބުނީމެވެ. "މި ގެރިބަކަރި ނެގުމަށް ފަހު އަހަރެން ޢަރަބި ކަރަޔަށް ގެންގޮސްދޭށެވެ". މިހެން ބުނުމުން، އެ މީހުން އަހަރެންގެ ހުށަހެޅުން ޤަބޫލުކޮށް އެ މީހުންނާ އެކު އަހަރެން ގެންގޮސްފި އެވެ. ވާދިލްޤުރާ ނަމަކަށް ކިޔޭ ހިސާބަކަށް ދެވުނުތަނާ އެ މީހުން އަހަންނަށް ޣައްދާރުވެ، އަޅެކޭ ކިޔައި ޔަހޫދީއަކަށް އަހަރެން ވިއްކާލައިފި އެވެ. އެ ޔަހޫދީ މީހާ ދިރިއުޅުނު ކަދުރު ރުކުގެ ބަގީޗާ އަހަރެން ދުށީމެވެ. އެ ތަން ފެނިފައި އަހަރެން ހިތަށް އެރީ، "ފަހު ޒަމާނުގެ ރަސޫލާ ހިޖުރަކުރައްވާނެ ތަނަކީ މީ ކަމަށް ވެދާނެ އެވެ"، މިހެންނެވެ. އެހެން ނަމަވެސް، އެތަނަކަށް އަހަރެން ނުހޭނުނެވެ. އެ ޔަހޫދީ މީހާ އަށް ދުވަސްކޮޅެއް ވަންދެން އަހަރެން ޚިދުމަތްކުރީމެވެ. ދެން އޭނާ އަހަރެން އޭނާގެ ބޮޑުބޭބޭ ދަރިކަލުންނަށް ވިއްކާލައިފި އެވެ. އޭނާ އަހަރެން މަދީނާ އަށް ގެންގޮސްފި އެވެ. އަހަންނަށް މަދީނާ އަށް އާދެވުމުން، ކުރިން އުޅުނު ތަނެއް ފަދައިން އެ ރަށަށް ހޭނިއްޖެ އެވެ. މިހާރު، އަހަރެންގެ ދުވަސްތައް ހޭދަކުރަނީ މަދީނާ ގައެވެ؛ އަހަރެން މަސައްކަތް ކުރަމުން ދިޔައީ، އަހަރެން ގެނައި އަދި އެ މީހަކަށް ޚިދުމަތްކުރަމުން އަންނަ ޔަހޫދީ މީހާގެ ބަގީޗާގައެވެ. ހަމަ އެއާއެކު، އަހަރެންގެ ޙަޤީޤީ އަމާޒަށް ވާޞިލުވުމަށް އަހަރެން ހުރީ ކެތްމަދުވެފައެވެ.
އެއް ދުވަހަކު، ކަދުރު ރުއް ދަނޑެއްގެ ތެރޭގައި އަހަރެން ހިނގަމުން ދިޔައިމެވެ. އަހަރެންގެ މާލިކު ދިޔައީ ގަސް ދޮށުގައި ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުންނެވެ. ކޮންމެވެސް ހިސާބަކުން އެ މީހުން ބުނާ އަޑި އިވުނެވެ. "އައުސް އާއި ޚަޒްރަޖު ވަންހަ ނެތިގެންދާނެ ނަމަ އެވެ. މައްކާ އިން މީހަކު ޤުބާ އަށް އަތުވެއްޖެ އެވެ. އޭނާ ބުނަނީ އޭނާ އަކީ ރަސޫލެއް ކަމަށެވެ. މި ޤަބީލާތައް އޭނާގެ ދީން ޤަބޫލުކުރަނީ އެވެ..." އަހަންނަށް މި ބަސްތައް އަޑުއިވުމުން، އަހަރެން ހޭނުނެތުނީ ހަމަ ކިރިޔާ އެވެ. އަހަރެން ވަގުތުން އެ މީހާ ކައިރި އަށް ގޮސް އަހައިފީމެވެ. "ކަލޭ ތި ކިޔަނީ ކީކޭ ހެއްޔެވެ"؟ އަހަރެންގެ ޞާޙިބު އަހަރެންގެ ކަންކަށިމަތީ ގައި ޖަހައިފި އެވެ. އަދި ބުންޏެވެ. "ކަލެއާ މި ކަމާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟ ކަލޭ ތި ސުވާލުކުރަނީ ކީއްވެގެން ހެއްޔެވެ؟ ކަލެއާ ނުބެހޭ ކަންތަކާ ނުބެހޭށެވެ"! އެ ދުވަހު، ހަވީރުވުމުން، އަހަރެން ކަދުރުކޮޅެއް ނަގައިގެން ޤުބާ އަށް ގޮސްފީމެވެ. އަހަރެން رَسُوْلُ اللهِ ﷺ އާ ބައްދަލުކޮށްފައި ދެންނެވީމެވެ. "ކަލޭގެފާނަކީ ދީންވެރި އަޅުވެރި ބޭކަލެކެވެ. އަދި ކަލޭގެފާނުގެ ވަށައިގެން ވަނީ ފަޤީރުންނެވެ. އަޅުގަނޑު މި ކަދުރުކޮޅު ގެނައީ ޞަދަޤާތެއްގެ ގޮތުގައެވެ".
އެކަލޭގެފާނުގެ ވަށައިގެން ތިބި ޞަޙާބީންނާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެންމެން އައިސް ކަދުރު ކާށެވެ". އެބައި މީހުން އެ ކަދުރު ކެއެވެ. އެހެން ނަމަވެސް، رَسُوْلُ اللهِ ﷺ އެ ކަދުރު އެއްވެސް ވަރަކަށް ފަރިއްނުކުޅުއްވައެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. "މިއީ އެއް ޢަލާމާތެވެ. އެކަލޭގެފާނު ޞަދަޤާތް ޤަބޫލެއް ނުކުރައްވައެވެ". رَسُوْلُ اللهِ ﷺ މަދީނާ އަށް ހިޖުރަކުރެއްވުމަށް ފަހު، އަހަރެން އަނެއްކާ ވެސް އެކަލޭގެފާނަށް ކަދުރު ގެނައިމެވެ. އަހަރެން ދެންނެވީމެވެ. "މިއީ ހަދިޔާއެކެވެ". އެ ފަހަރު އެކަލޭގެފާނުގެ ޞަޙާބީންނާ އެކު އެ ކަދުރު ފަރިއްކުޅުއްވި އެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. މިއީ ދެވަނަ ޢަލާމާތެވެ. އަހަރެން އޭރު ގެނައީ 25 ކަދުރެވެ. އެހެން ނަމަވެސް އެ ކަދުރު ކައި ނިމުނު އިރު އެތާނގައި އެއްހާސް ކަދުރު އޮށް ހުއްޓެވެ. رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތުން ކަދުރު ގިނަވީ އެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. "އަހަންނަށް މި ފެނުނީ އިތުރު ޢަލާމާތެކެވެ". އަހަރެން رَسُوْلُ اللهِ ﷺ ގެ އަރިހަށް އަނެއްކާ ވެސް ދިޔައިމެވެ. އެކަލޭގެފާނު އޭރު ޖަނާޒާއެއް ކުރިޔަށް ގެންދަވަނީ އެވެ. އަހަރެން ކައިރިވެލީމެވެ. އެހެނީ، އޭރު އަހަރެން ބޭނުންވީ ރަސޫލުކަމުގެ ސިއްކަ ދެކެލުމަށެވެ. އެކަލޭގެފާނަށް އަހަރެންގެ ނިޔަތް އެނގުނެވެ. އަދި އެކަލޭގެފާނުގެ ގަމީސް ހިއްލާލެއްވި އެވެ. އެކަލޭގެފާނުގެ ބުރަކަށިކޮޅު ކަޝްފުވީ އިރު، އަހަންނަށް ރަސޫލުކަމުގެ ސިއްކަ ފެނުނެވެ. އަދި ވަގުތުން އެތާނގައި ބޮސްދިނުމަށް ފަހު ރޮވިއްޖެ އެވެ. އެ ވަގުތު، އަހަރެން ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށް ފަހު އިސްލާމް ވެއްޖައީ މެވެ.
ދެން އަހަންނަށް ދިމާވި ކަންތަކުގެ ވާހަކަ ޙާދިސާއަކަށް ފަހު ޙާދިސާއެއް رَسُوْلُ اللهِ ﷺ އަށް ދަންނަވައިފީމެވެ. އެކަލޭގެފާނު ހުންނެވީ ޙައިރާންވެފައެވެ. އެކަލޭގެފާނު އަޅުގަނޑަށް އަމުރުކުރެއްވީ އެ ވާހަކަ އަޞްޙާބު ބޭކަލުންނަށް ކިޔައިދިނުމަށެވެ. އަޞްޙާބު ބޭކަލުން ޖަމާވުމުން އަހަންނަށް ތަޖްރިބާކުރެވުނު ކަންތައްތައް ތަފްޞީލާ އެކު ކިޔައިދީފީމެވެ..."15
سلمانُ الفارسي މުސްލިމަކަށް ވުމުން، އޭނާ އެދިލެއްވީ ތަރުޖަމާނެކެވެ. އެހެނީ އޭނާ އަށް ޢަރަބި ބަސް އެނގިއެއް ނުލައްވަ އެވެ. އޭނާ رَسُوْلُ اللهِ ﷺ އަށް ތަޢުރީފުކުރުމުން، އެ ފަހަރު ތަރުޖަމާކުރި ޔަހޫދީ ތަރުޖަމާނު ތަރުޖަމާކުރީ އިދިކޮޅަށެވެ. އެ ވަގުތު، جبريل (عليه السّلام) ވަޑައިގެން ސަލްމާން (رضي الله عنه) ވިދާޅުވި ބަސްތައް ޞައްޙަކޮށް ތަރުޖަމާކުރައްވައިފި އެވެ. ޔަހޫދީކަލޭގެ އަށް މިކަން ވިސްނުމުން އޭނާ ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމް ވެއްޖެ އެވެ.
މުސްލިމަކަށް ވުމަށް ފަހު، سلمانُ الفارسي ހުންނެވީ އަދި ވެސް އަޅެއްގެ ގޮތުގައެވެ. "ސަލްމާނެވެ! އަޅުވެތިކަމުން ކަލޭގެފާނު މިނިވަން ވާށެވެ"! މިހެން رَسُوْلُ اللهِ ﷺ حديث ކުރެއްވުމުން، އޭނާގެ ޞާޙިބާ އާ ހަމައަށް ވަޑައިގެން، މިނިވަންވާން ބޭނުންފުޅުވާ ވާހަކަ ވިދާޅުވެއްޖެ އެވެ. އެ ޔަހޫދީ ކަލޭގެ ވަރަށް ފަސްޖެހިފައި ހުރެ އެކަލޭގެފާނު މިނިވަންކުރަން އެއްބަސްވެއްޖެ އެވެ. އެކަމަކު އޭނާ އެ ކަމާ އެއްބަސްވީ ޝަރުޠެއްގެ މަތިންނެވެ. އެއީ، سلمانُ الفارسي ތިން ސަތޭކަ ކަދުރު ރުއް އިންދަވައި، އެ ރުއްތައް ފޯދެންދެން ހައްދައި، 1600 ދިރުހަމް (އެއް ދިރުހަމަށް ލިބެނީ 3 ގްރާމް) ގެ ރަން (އެއް ރިވާޔަތެއް ގައި ވާ ގޮތުގައި، އެއީ ހަތަރު ހާސް ދިރުހަމްގެ ރިހި) ދިނުމެވެ.
އޭނާ رَسُوْلُ اللهِ ﷺ އަށް މިކަމުގެ ޚަބަރު ދެއްވި އެވެ. އެކަލޭގެފާނުގެ ޞަޙާބީންނަށް حديث ކުރެއްވި އެވެ. "ތިބާމެންގެ އަޚާ އަށް އެހީތެރިވާށެވެ". އެ މީހުން ތިން ސަތޭކަ ކަދުރު ރުއް އޭނާ އަށް ޓަކައި ހޯދައި އެއްކުރި އެވެ. رَسُوْلُ اللهِ ﷺ سلمانُ الفارسي އަށް حديث ކުރެއްވި އެވެ. "އެ ކަދުރު ރުއްތައް އިންދާނެ ވަޅުތައް ކޮނެފައި ތިމަންކަލޭގެފާނަށް އަންގަވާށެވެ". ދެން އޭނާ ވަޅުތައް ކޮނެފައި رَسُوْلُ اللهِ ﷺ އަށް ދަންނަވައިފި އެވެ. އެކަލޭގެފާނު އެތަނަށް ވަޑައިގެން، ކަދުރު ރުއްތައް އެކަލޭގެފާނުގެ އަމިއްލަފުޅު އަތްޕުޅުން އިންދަވައިފި އެވެ. އޭގެ ތެރެއިން އެ ރުއް އިންދެވީ عُمرُ (رضي الله عنه) އެވެ. الله تعالى ގެ އިޒުނަފުޅާ އެކު އެ ހުރިހާ ކަދުރު ރުކެއް ގައި ވެސް، عُمرُ (رضي الله عنه) އިންދެވި ރުއް ފިޔަވައި، ހަމަ އެ އަހަރު ކަދުރު އަޅަން ފަށައިފި އެވެ. رَسُوْلُ اللهِ ﷺ އެ ރުއް އުފުރާލައްވާފައި އެކަލޭގެފާނުގެ އަތްޕުޅުން އަލުން އިންދެވި އެވެ. އެކަލޭގެފާނު އެ ރުއް އިންދެވިތަނާ ކަދުރުއަޅަން ފަށައިފި އެވެ.
عُمرُ (رضي الله عنه) ވިދާޅުވި އެވެ. "އެއް ދުވަހަކު، މީހަކު އަހަރެން ހޯދަމުން ސުވާލުކުރަމުން ދިޔަ އެވެ. 'سلمانُ الفارسي މުކާތަބު އަލްފަޤީރު (ވަކި ޢަދަދެއްގެ ފައިސާ ދިނުމުން މިނިވަންވުމަށް އޭނާގެ ސާޙިބާ އާ އެކު އެއްބަސްވުމަކަށް އަންނަ އަޅު) ކޮބައި ހެއްޔެވެ'؟ އެ މީހަކު އަހަރެން ހޯދައި، އޭނާގެ އަތުގައި ހުރި ކުކުޅު ބިސް ސައިޒުގެ ރަން އަހަންނަށް ދީފި އެވެ. އަހަރެން އެއެއްޗެހި ނަގައިގެން عُمرُ (رضي الله عنه) އާ ހަމައަށް ގޮސް ވެގެން އުޅޭ ގޮތް ދަންނަވައިފީމެވެ.
އެ ރަން އަނބުރާ އަޅުގަނޑަށް އަނބުރާ ދެއްވައި، عُمرُ (رضي الله عنه) حديث ކުރެއްވި އެވެ. 'މި ރަން ހިފައިގެން ގޮސް ތިބާގެ ދަރަނި އަދާކުރާށެވެ'. އަހަރެން 'ﷲ ގެ ރަސޫލާއެވެ! މި ރަން ޔަހޫދީ މީހާ ބޭނުންވިހާ ބަރެއް ނޫނެވެ'، މިހެން ދެންނެވުމުން، رَسُوْلُ اللهِ ﷺ އެ ރަން ނަންގަވައި، އޭގައި އެކަލޭގެފާނުގެ ބަރަކާތްތެރި ދޫފުޅު ޖައްސަވާލެއްވި އެވެ. ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. 'މި ނަންގަވާށެވެ! ކަލޭގެފާނުގެ ދަރަނި މިއިން الله تعالى ދައްކަވާނެއެވެ'. ﷲ އަށް ޓަކައި، އަހަރެން އެ ރަން ކިރި އިރު، އޭގެ ބަރުދަނުގައި ބޭނުންވާ ވަރު ހުއްޓެވެ. އަހަރެން ގޮސް އޭނާ އަށް އެ ތަކެތި ދީފީމެވެ. އެއާއެކު އަޅުވެތިކަމުން އަހަރެން މިނިވަންވީ އެވެ". 16
އެ ދުވަހަށް ފަހު، سلمانُ الفارسي، أصحاب الصُّفَّة އާ ގުޅިވަޑައިގެންނެވި އެވެ.
އަޑުއެއްސެވުމަށް މަލާއިކަތުން ވަޑައިގަތުން
رَسُوْلُ اللهِ ﷺ ކިރިތި ޤުރްއާން ކިޔަވާ ތިލާވާކުރެއްވިލެއް ރީތިކަމުން، ލޯބިކަމުން، އަދި މޮޅުކަމުން އަޑުއެހި ޣައިރުމުސްލިމުން އެކަމާ ވަރަށް ބޮޑަށް ގަޔާވި އެވެ. ވަރަށް ގިނަ ޣައިރު މުސްލިމުން އެ ކަލޭގެފާނު ކީރތި ޤުރްއާން ކިޔަވާވިދާޅުވި އަޑުއަހުމަށް ފަހު އިސްލާމްވި އެވެ.
ބަރާއު ބިން ޢާޒިބު (رضي الله عنه) ވިދާޅުވި އެވެ. "އެއް ރޭގެ ޢިޝާ ނަމާދަށް ފަހު، އަހަރެން رَسُوْلُ اللهِ ﷺ سورة التّين ތިލާވާކުރެއްވި އަޑު އެހީމެވެ. އެކަލޭގެފާނުގެ ތިލާވާ ރިވެތި ވަރީ، އެއަށް ވުރެ ބަރާބަރު އަޑެއް ތިލާވާއެއްގެ ވެރި އެހެން މީހަކު އަހަރެން ނުދެކެމެވެ".
"ތިމަންކަލޭގެފާނަށް އެންގެވީ އެކަލާނގެ ހަތަރު ބޭކަލަކު ދެކެ ލޯބިވެވޮޑިގަންނަވާ ކަމަށެވެ. އެކަލާނގެ ތިމަންކަލޭގެފާނަށް އަމުރުކުރެއްވީ އެ ހަތަރު ބޭކަލުން ދެކެ ލޯބިވުމަށެވެ. އެ ބޭކަލުންނަކީ، علي، އަބޫ ޒައްރު، މިޤްދާދު އަދި ސަލްމާން އެވެ".
حديث الشريف
ޞަޙާބީންގެ ތެރޭގައި، ރިވެތި އަޑުގެ ވެރި، އަދި ލޯ ކަރުނައިން ތެމިގެންވާ ޙާލު ކީރތި ޤުރްއާން ތިލާވާ ކުރައްވައި، އެހެން މީހުން ވެސް ކަރުނައިން ތެންމާލާ އެތައް ބޭކަލުންނެއް ތިއްބެވި އެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ، أُسيدُ بن حُضيرُ އެވެ. އެއް ރޭ، އޭނާގެ އަސް ކައިރީގައި ބަނުމަށް ފަހު، سورة البقرة ކިޔަވާވިދާޅުވާން ފަށްޓަވައިފި އެވެ. އޭނާ ކިޔަވާވިދާޅުވަމުން ގެންދެވި އިރު، އަސް ތެޅިގެންފި އެވެ. އުސައިދު (رضي الله عنه) ހުއްޓާލައްވައިފި އެވެ؛ އަސް ހަމަޔަކަށް އެޅިއްޖެ އެވެ. އަނެއްކާ އޭނާ ކިޔަވަން ފެށުމުން، އަސް އަނެއްކާ ވެސް ތެޅިގެންފި އެވެ. ކިޔެވުން ހުއްޓާލުމުން އަނެއްކާ ވެސް އަސް މަޑުމައިތިރި ވެއްޖެ އެވެ. އަނެއްކާ ކިޔަވަން ފެށުމުން ވެސް އަސް އަނެއްކާ ވެސް ތެޅިގެންފި އެވެ. أُسيد بن حُضيرގެ ދަރިކަލުން ޔަޙްޔާ އޮތީ އަހުގެ ކައިރީ ގައި އޮށޯވެގެންނެވެ. އަސް، ކުޑަކުއްޖާ އަށް އަނިޔާއެއް ދީފާނެ ކަމުގެ ކަންބޮޑުވުމުގައި އޭނާ އަނެއްކާ ވެސް ކިޔެވުން ހުއްޓާލައިފި އެވެ. އޭނާ އުޑަށް ބައްލަވާލެއްވި އިރު އޭނާ އަށް ފާހަގަކުރެވުނީ، ހުދު ވިލާގަނޑެއްގެ ހިޔަނި ހެން ފެންނަ ދުންފިނީގެ ތެރެއިން ތެޔޮ ބައްތިތަކެއް ކަހަލަ އެއްޗެހިތަކެއް، ވިދަމުންދާ ތަނެވެ. ކިޔެވުން ހުއްޓާލެއްވުމުން، އޭނާ އަށް ފެނުނީ ވިދަމުން އެ ދިޔަ އެއްޗެހިތައް މައްޗަށް އަރައިގެން ދިޔަ ތަނެވެ.
ހެނދުނު، رَسُوْلُ اللهِ ﷺ އަރިހަށް އޭނާ ދުރުވެ، އެ ރޭ ހިނގި ކަންތަކުގެ ވާހަކަ ދަންނަވައިފި އެވެ.
رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "އެއީ ކޯއްޗެއް ކަން އެނގޭ ތޯ އެވެ"؟ އުސައިދު (رضي الله عنه) ޖަވާބު ގައި ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޤުރްބާން ކުރައްވާށި އެވެ. އަޅުގަނޑަކަށް ނޭނގެ އެވެ".
رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެއީ މަލާއިކަތުންނެވެ. އެ ބޭކަލުން އެ ގެނެވުނީ ތިބާގެ އަޑުގެ ކައިރިއަށެވެ. ތިބާ ކިޔެވުން ކުރިޔަށް ގެންދިޔަ ނަމަ، ހެނދުނު ވަންދެން އެ ބޭކަލުން އަޑުއެއްސެވީހެވެ. އަދި މީސްތަކުންނަށް އެ މަންޒަރު ފެނި ބަލަން ތިބީހެވެ. މީސްތަކުންގެ ލޯތަކުން އެ ބޭކަލުން ނުފޮރުވުނީހެވެ".
އެންމެ އަސަރާ އެކު ކީރިތި ޤުރްއާން ތިލާވާކުރެއްވި އެއް ބޭފުޅަކީ أبوبكر الصدّيق (رضي الله عنه) އެކަލޭގެފާނު ނަމާދު ގައި ޤުރްއާން ކިޔަވާވިދާޅުވާން ފެށްޓެވުމުން އޭނާގެ ލޮލުން ކަރުނަ އޮހޮރުން ހުއްޓަވާނުލެއްވެއެވެ. އެ ވަގުތު އެކަލޭގެފާނު ފެންނަ މީހުންނަށް އެ މަންޒަރު ވަރަށް ޝައުޤުވެރިވެއެވެ. އެއް ދުވަހަކު، މުޝްރިކުން އެއްވެލާފައި ބުނޫއެވެ. "محمّدގެފާނު ގެންނެވި އެއްޗެއް އަސަރާ އެކު ކިޔަވާ އިރު، މި ކަލޭގެފާނު މި ހުންނަވަނީ ރޮއެލަރޮއެލައެވެ. އަހަރެމެން ބިރުގަންނަނީ، އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުން، މި ކަލޭގެފާނުގެ މި ޙާލަތަށް ހިތްދަމައިގަނެގެން ގޮސް މުސްލިމުންނަށް ވެދާނެތީ އެވެ".
عبدالله بن سلام އިސްލާމްވުން
رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މޫނުފުޅު ފެނި އެކަލޭގެފާނަށް ލޯބިޖެހި، އެކަލޭގެފާނު ކިރިތި ޤުރްއާން ކިޔަވާ ތިލާވާކުރެއްވި އަޑުއެހުމަށް ފަހު އިސްލާމްވި އެއް ބޭފުޅަކީ، عبدالله بن سلام (رضي الله عنه) އެވެ.
ތައުރާތާއި އިންޖީލު ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވި عبدالله بن سلام އިސްލާމްވުމުގެ ކުރިން އޭނާ އަކީ، ޔަހޫދީ ޢިލްމުވެރިއެކެވެ. އޭނާ އިސްލާމްވީ ގޮތް އޭނާ ކިޔައިދެއްވި އެވެ. "އަހަރެން ތައުރާތާއި އެ ފޮތުގެ ތަފްސީރު އުނގެނުނީ އަހަރެންގެ ބައްޕަގެ ކިބައިންނެވެ. އެއް ދުވަހަކު، އަހަރެން ކައިރީ ގައި، ފަހު ޒަމާނުގެ ރަސޫލާގެ ސިފަތަކާއި، ޢަލާމާތްތަކާއި، ޢަމަލުތައް ހުންނާނެ ގޮތް ކިޔައިދިނެވެ. އަދި ބައްޕަ ބުންޏެވެ. 'ހާރޫނުގެ ފިރިހެން ދަރިންގެ ތެރެއިން އެ ބޭކަލަކު އަތުވެއްޖެ ނަމަ އަހަރެން އެ ބޭކަލަކަށް ތަބަޢަވާނަމެވެ؛ އެހެން ނޫން ނަމަ، އަހަރެން ތަބަޢައެއް ނުވާނަމެވެ'. އަހަރެންގެ ބައްޕަ ނިޔާވީ، رَسُوْلُ اللهِ ﷺ މަދީނާ އަށް ހިޖުރަކުރެއްވުމުގެ ކުރިންނެވެ.
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ރަސޫލުކަން އިޢުލާންކުރެއްވީ މައްކާ ގައި ކަމަށް އަހަރެން އަޑުއެހި އިރު، އެކަލޭގެފާނުގެ ނަމާއި ވަޑައިގަންނަވާނެ ވަގުތު ފަދަ މަޢުލޫމާތުތައް އަހަންނަށް އޭރު ވެސް ވަނީ އެނގިފައެވެ. އޭގެ ސަބަބުން، އަހަރެން ދިޔައީ އެކަލޭގެފާނަށް އިންތިޒާރުކުރަމުންނެވެ. رَسُوْلُ اللهِ ﷺ ހުންނަވަނީ މަދީނާގެ ކައިރީ ގައިވާ ޤުބާ ކިޔާ ސަރަޙައްދެއް ގައި ހުންނަ ޢަމްރު ބިން ޢައުފުގެ ފިރިހެން ދަރިންގެ ގޭގައި ކަން މީހެއްގެ ފަރާތުން އަހަންނަށް އެނގެންދެން، އަހަރެން ހުރީ، އަހަރެން ހުރި ގޮތް ޔަހޫދީންނަށް ސިއްރުކޮށްގެންނެވެ.
އެއް ދުވަހަކު، އަހަރެންގެ ބަގީޗާ ގައި ހުރި އަހަރެން ކަދުރު ރުކަކުން ތާޒާ ކަދުރު ބިންނަމުން ދަނިކޮށް، ނަޟްރު ވަންހައިގެ މީހެއް ހަޅޭލަވައިގެންފި އެވެ. 'މިއަދު، ޢަރަބިންގެ މީހާ އަތުވެއްޖެ އެވެ'. އަހަރެން ތުރުތުރުއަޅަން ފަށައިފި އެވެ. ވަގުތުން އަހަރެން تكبير 'الله أكبر' ކިޔައިފީމެވެ. އެވަގުތު، އަހަރެންގެ ބަފައިފުށުގެ ބޮޑުދައިތަ ޚާލިދާ ބިންތި حارث އިނީ ގަސް ދަށުގައި އިށީނދެގެންނެވެ. އެއީ، ޢުމުރުން ވަރަށް ދުވަސްވީ އަންހެނެކެވެ. ބޮޑުދައިތަ އަށް އަހަރެން ތަކުބީރު ކީ އަޑު އިވުމުން، ބުންޏެވެ. 'ﷲ ތިބާގެ އަތް ހުސްކުރައްވައި، ތި އެދޭ ކަންތައް ނުދެއްވާދޭވެ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މޫސާ ބިން ޢިމްރާން17 ވަޑައިގަންނަވާ އަޑު އިވުމުން ތިބާ ވަކިން ބޮޑަކަށް އުފަލެއް ނުވާނެ އެވެ'. އަހަރެން ބުނީމެވެ. 'މަގޭ ބޮޑުދައިތާ އެވެ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެއީ މޫސާ ބިން ޢިމްރާންގެ އަޚާ އެވެ. އަދި އެކަލޭގެފާނު ފަދައިން ރަސޫލެކެވެ. އެ ދެބޭފުޅުން ވަނީ އެއް މަގެއްގައެވެ. އަދި އެކަލޭގެފާނު ފޮނުއްވުނީ ތައުޙީދުގެ (الله تعالى ގެ އެއްކައުވަންތަކަން ޤަބޫލުކުރުން) އެއް ޢަޤީދާއަކާ އެއްކޮށެވެ.
އެއާއެކު، ބޮޑުދައިތަ އެހި އެވެ. 'އޭ އަހަރެންގެ އަޚާގެ ދަރިކަލުންނޭވެ! ޤިޔާމަތާ ކައިރިކޮށް ފޮނުއްވާނެ ކަމަށް ބުނެވިފައިވާ ރަސޫލާއަކީ އެކަލޭގެފާނު ކަމަށް ވެދާނެ ހެއްޔެވެ'؟ އަހަރެން 'އާނއެކޭ' ބުނެ ޖަވާބު ދިނުމުން ބޮޑުދައިތަ ބުންޏެވެ. "ދެން ތިބާ ތި ބުނީ ރަނގަޅަށެވެ'.18
رَسُوْلُ اللهِ ﷺ މަދީނާ އަށް ހިޖުރަކުރެއްވުމުން، އެކަލޭގެފާނު ދެކެލުމަށް ޓަކައި، އަހަރެން ވަގުތުން އެއްވެފައިތިބި މީހުންގެ ތެރެއަށް ވަދެ މަސްހުނިވެއްޖައީމެވެ. އެކަލޭގެފާނުގެ ވަރަކާތްތެރި ރިވެތިކަމާއި، އުޖާލާ މޫނުކޮޅު ފެނުމުން އަހަރެން ބުނީމެވެ. 'އެކަލޭގެފާނުގެ މޫނުކޮޅަކީ ދޮގުވެރިއެއްގެ މޫނުކޮޅަކަށް ނުވާނެ އެވެ'. އެތަނަށް އެއްވެފައި ތިބި މީހުންނަށް رَسُوْلُ اللهِ ﷺ ގެންދެވީ އިސްލާމް ދީން އޮޅުންފިލުވައިދެއްވައި، އިރުޝާދު ދެއްވަމުންނެވެ. رَسُوْلُ اللهِ ﷺ ގެ ފަރާތުން އަހަންނަށް އަޑުއިވުނު ފުރަތަމަ حديث ތިރީގައި މިވަނީ އެވެ.:
'ތިޔަބައި މީހުންގެ މެދުގައި ސަލާމް ފަތުރައި، ބަނޑުހައިވެފަ ތިބޭ މިހުންނަށް ކާންދީ، ރަޙިމުގެ ގުޅުން ޤާއިމްކޮށް، މީސްތަކުން ނިދާފައި ތިއްބާ ނަމާދުކުރާށެވެ. އޭރުން ތިބާ ސުވަރުގެ އަށް ވަންނާނެތެވެ'.
رَسُوْلُ اللهِ ﷺ ރަސޫލުކަމުގެ ނޫރުންއަހަރެން ފާހަގަކުރައްވައި، ސިވާލުކުރައްވައިފި އެވެ. 'ތިޔައީ މަދީނާގެ ޢިލްމުވެރިޔާ އިބްނު ސަލާމް ހެއްޔެވެ'؟ އަހަރެން 'އާނއެކޭ' ބުނެ ޖަވާބު ދިނުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވީ ކައިރިއަށް ދިއުމަށެވެ. އަދި ސުވާލުކުރެއްވި އެވެ. "އޭ ޢަބްދުﷲ އެވެ. الله تعالى އަށް ޓަކައި ވިދާޅުވެ ދެއްވާށެވެ! ތައުރާތު ގައި ވާ ތިމަންކަލޭގެފާނުގެ ސިފަތަކުގެ ވާހަކަ ކިޔައި ނުއުނގެނެން ހެއްޔެވެ'؟ އަހަރެން ދެންނެވީމެވެ. 'الله تعالى ގެ ސިފަތައް ބުނެދެއްވަފާނަން ތޯ އެވެ'؟ މި ސުވާލުގެ ޖަވާބު ގައި، رَسُوْلُ اللهِ ﷺ ކުޑައިރުކޮޅަކަށް މަޑުކޮށްލެއްވި އެވެ. އަދި އެ ވަގުތު جبريل (عليه السّلام) މެދުވެރިކޮށް سورة الإخلاص ބާވާލެއްވި އެވެ. رَسُوْلُ اللهِ ﷺ މި ސޫރަތް ތިލާވަކުރެއްވުމުން އަހަރެން ވަގުތުން 'އާދެ މާތް ﷲ ގެ ރަސޫލާ! ކަލޭގެފާނު ތި حديثކުރައްވަނީ ތެދުފުޅެވެ؛ الله تعالى ފިޔަވާ އެހެން އިލާހަކު ނުވާ ކަމަށާއި، ކަލޭގެފާނަކީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ' މިހެން ދެންނެވުމަށް ފަހު ވަގުތުން އިސްލާމްވެއްޖައީމެވެ.
ދެން އަހަރެން ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާއެވެ! ޔަހޫދީންނަކީ، މީސްތަކުން އާޝޯޚުކޮށްލާ ވަރަށް އަނިޔާވެރި، ދޮގު އިލްޒާމުތައް އަޅުވައި، ބަދުބަސްބުނާ ޤައުމެކެވެ. އެ މީހުންނަށް އަޅުގަނޑު އިސްލާމް ވެއްޖެ ޚަބަރު ލިބި، ކަލޭގެފާނު އަޅުގަނޑުގެ އަޚްލާޤާ މެދު ސުވާލުކުރެއްވުމުގެ ކުރިން، އެ މީހުން ޔަޤީނުން ވެސް ހިތަށް ނުގެނެވޭ ވަރުގެ ބަދުބަސް އަޅުގަނަޑާ މެދު ބުނާނެތެވެ. ފުރަތަމަ، އެ މީހުން ކައިރީގައި އަޅުގަނޑާ މެދު ސުވާލުކުރައްވާށެވެ'. އެހެން ވިދާޅުވެފައި ގޭގައި ފިއްލަވައިފި އެވެ. ޔަހޫދީންގެ ކަމުވޮށިގެންވާ ބަޔަކު އަޅުގަނޑުގެ ފަހުން ވަދެއްޖެ އެވެ. رَسُوْلُ اللهِ ﷺ އެ ޔަހުދީންނާ ސުވާލުކުރެއްވި އެވެ. 'ތިޔަބައި މީހުންގެ މެދުގައި ޢަބްދުﷲ ބިން ސަލާމަކީ ކޮން ކަހަލަ މީހެއް ހެއްޔެވެ'؟ ޔަހޫދީން ބުންޏެވެ. 'އޭނާ އަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ ފެންވަރު ޢިލްމުވެރިޔާ އެވެ. އަދި އެންމެ އަރާހުރި ޢިލްމުވެރިޔާގެ ދަރިކަލުންނެވެ! އިބްނު ސަލާމަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ މޮޅު އަދި އެންމެ މޮޅު މީހާގެ ދަރިކަލުންނެވެ'! އެއާ އެކު، رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. 'އޭނާ މުސްލިމަކަށް ވެއްޖެ ނަމަ ތިޔަބައި މީހުން ބުނާނީ ކީކޭ ހެއްޔެވެ'؟ ޔަހޫދީން ޖަވާބު ދިނެވެ. 'ﷲ އޭނަ އެފަދަ ކަމަކުން ރައްކާތެރިކުރައްވާށި އެވެ!
"ތިޔަބައި މީހުންގެ މެދުގައި ސަލާމް ފަތުރައި، ބަނޑުހައިވެފަ ތިބޭ މިހުންނަށް ކާންދީ، ރަޙިމުގެ ގުޅުން ޤާއިމްކޮށް، މީސްތަކުން ނިދާފައި ތިއްބާ ނަމާދުކުރާށެވެ. އޭރުން ތިބާ ސުވަރުގެ އަށް ވަންނާނެތެވެ".
حديث الشريف
އެ ވަގުތު، އަހަރެން ފިލާއޮތް ތަނުން ނުކުމެ، رَسُوْلُ اللهِ ﷺ އެ حديث ކުރެއްވި ފަދައިން މުސްލިމެއްކަން ޔަޤީކަންކޮށްދީފީމެވެ. 'އޭ ޔަހޫދީ މުޖްތަމަޢެވެ! الله تعالى އަށް ބިރުވެތިވާށެވެ! ކަލޭމެންނަށް ގެނެސްދެވުނު ކަންތައް ޤަބޫލުކުރާށެވެ. އަހަރެން الله تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. މިއީ ކަލޭމެން އަތުގައިވާ ތައުރާތުގައި އެ ބޭކަލެއްގެ ނަންފުޅާއި ސިފަތައް ބަޔާންކުރެވިފައިވާ الله تعالى ގެ ރަސޫލާ ކަން ކަލޭމެންނަށް ވެސް އެނގޭނެ އެވެ. الله تعالى ފިޔަވާ އެހެން އިލާހަކު ނުވާ ކަމަށް އަހަރެން ހެކިވަމެވެ. ހަމައެއާއެކު، محمّد ﷺ އަކީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. މިހެން ބުނުމުން، ޔަހޫދީން ބުނޫއެވެ. 'އޭނާ އަކީ އަހަރެމެންގެ ތެރޭގައި ހުރި އެންމެ ގޯސް މީހާ އެވެ. އަދި އަހަރެމެންގެ ތެރޭގައި ހުރި އެންމެ ގޯސް މީހާގެ ފިރިހެން ދަރި އެވެ'. މިހެން ބުނުމަށް ފަހު، އަހަންނަށް ބަދުބަސް ބުނެ އެކިއެކި ގޯސް ހެދިކަމުގެ ތުހުމަތު އެޅުވި އެވެ. އަޅުގަނޑު ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ބިރުގަތް ކަންތަކަކީ މިއީ އެވެ'! އެ މީހުންނަކީ އަނިޔާވެރި، ދޮގުހަދާ، ބަދުބަސް ބުނެ، ޝައިޠާނީ ކަންތައްތަކުން ދުރުނުވާ ޤައުމެކޭ އަޅުގަނޑު ނުދަންނަވަން ތޯ އެވެ؟ މިއިން ދައްކައިދެނީ އެކަމެވެ'. رَسُوْلُ اللهِ ﷺ އެ މީހުންނާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. 'ކަލޭމެންގެ ފުރަތަމަ ހެކިބަހުން އަހަރެމެންނަށް ފުދެއެވެ. ދެވަނަ ހެކި ބަސް ޟަރޫރީއެއް ނޫނެވެ'. އެއާއެކު، އަޅުގަނޑު ގެއަށް އެނބުރި އަތުވެއްޖައީމެވެ. އަހަރެންގެ ޢާއިލާ އާއި، އެކުވެރިންނަށް އިސްލާމް ދީނަށް ދަޢުވަތު ދީފީމެވެ. އަހަރެންގެ ބޮޑުދައިތަ ވެސް ހިމެނޭ ގެން އެ އެންމެން އިސްލާމްވެއްޖެ އެވެ.
އަހަރެން އިސްލާމްވުމުން ޔަހޫދީން ވަރަށް ބޮޑަށް ރުޅި އައިސްފި އެވެ. އެ މީހުން އަޅުގަނޑަށް ފިއްތަން ފަށައިފި އެވެ. ބައެއް ޔަހުދީ ޢިލްމުވެރިން އަހަރެން އިސްލާމް ދީނުން ބޭރުކުރުވަން ވެސް މަސައްކަތްކުރި އެވެ. އެގޮތުން ބުނޫއެވެ. 'ޢަރަބިންގެ ތެރެއިން ރަސޫލަކު ނާންނާނެ އެވެ. ކަލޭގެ ސައްޔިދަކީ ވެރިޔެކެވެ'. އެހެންނަމަވެސް، އެ މީހުންނަކަށް އެކަން ކާމިޔާބެއް ނުވި އެވެ'".
عبدالله بن سلام ގެ އިތުރުން، ثعلبة بن سعية، أُسيد بن سعية، أسد بن عُبيد އަދި ބައެއް އެހެން ޔަހޫދީން ވެސް އިޚްލާޞްތެރިކަމާ އެކު އިސްލާމް ވެއްޖެ އެވެ. އެހެން ނަމަވެސް، ބައެއް ޔަހޫދީ ޢިލްމުވެރިން ބުނޫއެވެ. "محمّد ގެފާނަށް އީމާންވީ ހަމައެކަނި އަހަރެމެންގެ ތެރޭގައި ތިބި ގޯސް މީހުންނެވެ. އެ މީހުންނަކީ ރަނގަޅު މީހުން ނަމަ، އެ މީހުންގެ ކާނަފައިންގެ ދީން ދޫކޮށްނުލީހެވެ". މިއާ އެކު الله تعالى، سورة آل عمران ގެ 113 ވަނަ އާޔަތް ބާވައިލައްވާފިއެވެ. (لَيْسُوا سَوَاءً ۗ مِّنْ أَهْلِ الْكِتَابِ أُمَّةٌ قَائِمَةٌ يَتْلُونَ آيَاتِ اللَّهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ ﴿١١٣﴾)19 * آل عمران : 113) މާނައީ: "އެއުރެން (ގެ އެންމެން) ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ أهل ވެރިންގެ ތެރެއިން ސީދާކަން މަތީ قائم ވެ ތިބޭ ބަޔަކު ވެއެވެ. އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، ﷲ ބާވައިލެއްވި آية ތައް ކިޔަވަތެވެ".
مدينة المُنوّرةގެ ޤަދީމީ ފޮޓޯއެއް (1890)
ދުވަހެއް ދުވަހަކަށް އަޅުގަނޑުގެ ޙާލަތު މާބޮޑަށް ގޯސްވަނީއޭ، މާތް ﷲ ގެ ރަސޫލާއޭ!،
އަޅާގެ ޢަމަލުތައް އިޞްލާޙުވާންޖެހެއޭ، އެހީތެރިވެދެއްވާށޭ، މާތް ﷲ ގެ ރަސޫލާއޭ!
އަޅާގެ ނުލަފާ ނަފްސު ނުހިފެހެއްޓި، ޝައިޠާނާ އަށް ހައްލުވަނީއޭ،
އެ ހުރިހާ ފާފަތަކާ އެކު، އަޅާ އަށް އެހީއަކަށް އުއްމީދުކުރެވޭނެ ތޯ އޭ، މާތް ﷲ ގެ ރަސޫލާއޭ!
ހަވާ ނަފްސާއި ޝާއިޠާނީ އެދުންތަކުން ސަލާމަތްވެވޭނެ ތޯ އޭ،
މީހަކަށް ކަލޭގެފާނުގެ އިރުޝާދު ނުލިބޭ ނަމަ، މާތް ﷲ ގެ ރަސޫލާއޭ!
ކަލޭގެފާނުގެ ރުހުން ފާފަވެރިޔަކަށް ލިބޭ އިރު ވަގުތުން،
އޭނާގެ ރާސްތާ ދެ ދުނިޔޭގައި ވެސް އަމާނޭ، މާތް ﷲ ގެ ރަސޫލާއޭ!
އަޅާ އަމުރުކުރެއްވި ކަންތައް ކޮށް ނަހީކުރެއްވި ކަންތައް ދޫކޮށް، ޙަރާމަށް ޙަލާލޭ ނުބުނަމޭ،
ކޮންމެ ފާފައެއްގެ ނިމުމަކީ ދެރަވުމެކޭ، މާތް ﷲ ގެ ރަސޫލާއޭ!
އިންސީންނާއި ޖިންނީންގެ ރަސޫލާއޭ، މީސްތަކުންގެ އެންމެ މަތިވެރި އިންސާނާއޭ،
އަޅާގެ އިޚްލާޞްތެރިކަމަށް ޝަފާޢަތްތެރިވެދެއްވާށޭ، މާތް ﷲ ގެ ރަސޫލާއޭ!
ހިޖްރައިން ފުރަތަމަ އަހަރު ހިނގި ބައެއް ޙާދިސާތައް
ހިޖުރައިން ފުރަތަމަ އަހަރު، އަންޞާރުންގެ ތެރެއިން أسعد بن زُرارة، براء بن معرُور، كُلثُوم بن الهدم އަދި މުހާޖިރުންގެ ތެރެއިން عُثمان بن مظعون އަވަހާރަ ވެއްޖެ އެވެ. މީގެ އިތުރަށް، أبوبكر އާއި، بلال الحبشي (رضي الله عنهما) އާ ދެ ބޭކަލުންނަށް މަދީނާގެ މޫސުމާއި ފެނުން ކުރި އަސަރަށް ހިފަހައްޓާނުލެވި، މެލޭރިޔާ ބަލި ޖެހުނެވެ. އެއަށް ފަހު، رَسُوْلُ اللهِ ﷺ ދުޢާ ކުރެއްވި އެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅަމެންގެ ހިތުގައި މަދީނާ އަށް ލޯބި ޖައްސަވައި، ތިޔާގިކަމާއި ތަނަވަސްކަން މިތަނުގައި ދެއްވާދޭވެ!". الله تعالىމި ދުޢާ އިޖާބަކުރައްވައި، މުހާޖިރުން މަދީނާ އަށް ލޯބި ޖެއްސެވި އެވެ.
ފުރަތަމަ ކުރެވުނު ލިޔެވިފައިވާ މުޢާހަދާ
رَسُوْلُ اللهِ ﷺ ހިޖުރަކުރެއްވުމުގެ ކުރިން، މަދީނާގެ ޚަޒްރަޖު ވަންހައިގެ ވެރިޔާ عبدالله بن أُبَيُّ بن سلُول މަދީނާގެ ވެރިޔާގެ ގޮތުގައި އިންތިޚާބު ކުރުމަށް އޮތީ ހަމަޖެހިފައެވެ. ޢަޤަބާގެ ބައިޢަތުގެ ސަބަބުން އަދި އޭގެ ފަހުން ހިޖުރައިގެ ސަބަބުން، އައުސް އަދި ޚަޒްރަޖު ވަންހައިގެ މީހުން އިސްލާމް ވެއްޖެ އެވެ. އަދި عبدالله بن أُبَيُّ بن سلُول ގެ ވެރިކަމެއް ޙަޤީޤަތަކަށް ނުވިއެވެ. މި ސަބަބަށް ޓަކައި، عبدالله بن أُبَيُّ بن سلُول ގެ ހިތުގައި رَسُوْلُ اللهِ ﷺ އަށާއި، މުހާޖިރު ޞަޙާބީންނަށް އަދި މަދީނާގެ ޞަޙާބީންނާ މެދު އޮތީ ޙަސަދަވެރިކަން އުފެދިފައެވެ. އެހެން ނަމަވެސް، އޭނާގެ ޢަދާވާތްތެރިކަން ފާޅުކަން ދައްކާކަށް ނުކުރުނެވެ. އޭނާ ފަދަ މަދު މީސްކޮޅަކާ އެކު އޭނާ އުފެއްދީ މުނާފިޤުންގެ ގްރޫޕެކެވެ. އެ މީހުން މުސްލިމުންނާ އެކު ތިބޭ އިރު ބުނަމުން ދިޔައީ، އެ މީހުން އިސްލާމް ދީން ޤަބުލުކުރިކަމަށެވެ؛ އެހެން ނަމަވެސް މުސްލިމުން ނުތިބޭ ތަންތަނުގައި އެ މީހުން ދިޔައީ އިސްލާމް ދީނަށް ފުރައްސާރަކުރަމުންނެވެ. ސިއްރިޔާތުގައި އެ މީހުން ބައިބައިވުމާއި ނަފްރަތު އުފައްދަން ފެށި އެވެ. އެ މީހުން އެކަން ކުރި މިންވަރަކީ، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ބަސްފުޅުތައް ބަދަލުކޮށް މާނައޮޅުވާލުމަށް ވެސް އެ މީހުން މަސައްކަތް ކޮށްފައި ވެއެވެ.
ހަމަ އެ ދުވަސްވަރު، މައްކާގެ މުޝްރިކުން ތިބީ މަޑަކުނެއް ނޫނެވެ؛ رَسُوْلُ اللهِ ﷺ އަށް މައްކާ ގައި ނުކުރެވުނު ކަންތައް މަދީނާ ގައި ކުރެވޭ ތޯ އެ މީހުން މަސައްކަތް ކުރި އެވެ. އެ މީހުން މަދީނާގެ މުޝްރިކުންނަށް އިންޒާރުގެ ސިޓީތައް ފޮނުވި ފަދައިން، މަދީނާގެ ޔަހޫދީ ޤަބީލާތަކަށް ވެސް އެތަކެއް އިންޒާރުދީ ސިޓީތައް ފޮނުވި އެވެ. މި އިންޒާރުތަކުގެ ސަބަބުން ޔަހޫދީން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރި އެވެ.
އެ ދުވަސްވަރު، ޔަހޫދީން رَسُوْلُ اللهِ ﷺ ގެ ޙަޟްރަތަށް ގޮސް ބުނޫއެވެ. "އަހަރެމެން މި އައީ، ކަލޭގެފާނާ އެކު ޞުލްޙަވެރިވާށެވެ. އަހަރެމެން އެއްބަޔަކު އަނެއް ބަޔަކަށް ގެއްލުމެއް ނުދެވޭނެ ހެން މުޢާހަދާއެއް ކުރަމާ ހިނގާށެވެ". رَسُوْلُ اللهِ ﷺ އެ މީހުންނާ އެކު، ފަންސާސް ފަސް މާއްދާ ހިމެނޭ މުޢާހަދާއެއް ކުރެއްވި އެވެ. އޭގެ ބައެއް ނިންމުންތައް ތިރީގައި އެވަނީ އެވެ:
މި މުޢާހަދާ އަކީ رَسُوْلُ اللهِ ﷺ، މައްކާއާއި މަދީނާގެ މުސްލިމުންނާ، އެ މީހުންނަށް ތަބަޢަވާ މީހުންނާއި، އެ މީހުންނާ ފަހުން ގުޅޭނޭ މީހުންނާއި، އެ މީހުންނާ އެކު ހަނގުރާމަކުރާ މީހުންނާ ދެމެދު ލިޔެވޭ ލިޔުމެކެވެ.
ހަމަކަށަވަރުން، މިއީ އެހެން މީސްތކުންނާ ތަފާތު މުޖްތަމަޢެކެވެ.
ކޮންމެ ޤަބީލާއެއް ވެސް، ހައްޔަރުކުރެވިފައިވާ އެ މީހުންގެ މެމްބަރުންގެ ރަހުނު (މުސްލިމުންގެ މެދުގައިވާ އިންޞާފާ އެއްގޮތަށް) ދައްކާނެ އެވެ.
މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދާ މީހުންނާ އިދިކޮޅަށް، އެއީ އެ މީހުންގެ ދަރިން ކަމުގައި ވީ ނަމަވެސް، މުސްލިމުން ފިޔަވަޅުއަޅާނެ އެވެ.
"ޔަހޫދީ ޢިލްމުވެރިންގެ ތެރެއިން ދިހަ މީހުން ތިމަންކަލޭގެފާނަށް އީމާންވެއްޖެ ނަމަ، ހުރިހާ ޔަހޫދީން އީމާންވެއްޖައީހެވެ".
حديث الشريف
ޔަހޫދީންގެ މެދުގައި، މުސްލިމުންނަށް ތަބަޢަވާ މީހުންގެ މައްޗަށް ކުށުގެ ތަޙްޤީޤު ނުހިންގާ، އެ މީހުންނަށް އެހީތެރިކަން ދެވޭނެ އެވެ.
ޔަހޫދީން މުސްލިމުންނާ އެކު އެއް ގްރޫޕެއް ހަދައި، ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ދީނުގެ ވާޖިބުތައް އަދާކުރާނެ އެވެ.
رَسُوْلُ اللهِ ﷺ ގެ ހުއްދައާ ނުލައި އެއްވެސް ޔަހޫދީއަކު ޢަސްކަރީ ކަމެއްގައި ބައިވެރިއެއް ނުވާނެ އެވެ.
އެ ފަރާތަކާ މެދު އެއްބަސްވުން ވެވުނު އެއްވެސް މީހަކަށް އެއް ވެސް މީހަކު އަނިޔާއެއް ނުކުރާނެ އެވެ. އަދި އަނިޔާދެވޭ މީހުންނަށް ޔަޤީނުން ވެސް އެހީތެރިކަން ދެވޭނެ އެވެ.
މި މުޢާހަދާ ކުރި މީހުންނަށް މަދީނާގެ ވާދީ އަކީ، ގެއްލުން ނުދެވޭނެ މަނާ ސަރަޙައްދެކެވެ.
މައްކާގެ މުޝްރިކުންނާއި، އެ މީހުންނަށް އެހީތއެރިވާ މީހުން، އެއްވެސް ޙާލަތެއް ގައި ޙިމާޔަތެއް ނުކުރެވޭނެ އެވެ.
މަދީނާ އަށް ޙަމަލަދޭ މީހުންނާ ދެކޮޅަށް މުސްލިމުންނާއި ޔަހޫދީން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދޭނެ އެވެ.
މުޢާހަދާ އާ އެކު، ޔަހޫދީން މުސްލިމުންނާ ރަޙްމަތްތެރިވެ، މުސްލިމުންނާ ދެކޮޅަށް ޙަސަދަވެރިކަމެއް ނުބާއްވައި، ނުވަތަ ހަތުރުވެރިކަމެއް ނުބާއްވާނެ އެވެ.20
އޭ ތިމަންރަސްކަލާނގެ حبيب އެވެ! ހިތާމަ ނުކުރައްވާށެވެ.
މި މުޢާހަދާ ގައި ސޮއިކުރުމަށް ފަހު، އެ މީހުންގެ ޢަދާވާތްތެރިކަން ސިއްރުކޮށްގެން ތިބި ޔަހޫދީން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރުމަށް ގްރޫޕް ގްރޫޕަށް އައެވެ. އެ މީހުން ހިތުން ވަރަށް އުނދަގޫ ސުވާލުތަކެއް އެ މީހުން ކުރި އެވެ. އެ މީހުންނަށް ލިބުނު ޖަވާބުން އެ މީހުންނަށް ވިސްނުނީ އެކަލޭގެފާނަކީ ޙަޤީޤީ ރަސޫލެއް ކަމެވެ. އެހެން ނަމަވެސް، އެ މީހުންގެ ހުރި ހަރުކަށިކަމަކާއި، ޙަސަދަވެރިކަމެއް ބޮޑުކަމުން އެ މީހުން އީމާންނުވީ އެވެ.
އެ ހިސާބުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޔަހޫދީ ޢިލްމުވެރިންގެ ތެރެއިން ދިހަ މީހުން ތިމަންކަލޭގެފާނަށް އީމާންވެއްޖެ ނަމަ، ހުރިހާ ޔަހޫދީން އީމާންވެއްޖައީހެވެ". رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތާމަވެރިވުމުން، އެކަލޭގެފާނަށް ތަސައްލީއެއް ދެއްވުމުގެ ގޮތުން سورة المائدة ގެ 41 ވަނަ އާޔަތް ބާވައިލެއްވި އެވެ. (يَا أَيُّهَا الرَّسُولُ لَا يَحْزُنكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ مِنَ الَّذِينَ قَالُوا آمَنَّا بِأَفْوَاهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ ۛ وَمِنَ الَّذِينَ هَادُوا ۛ سَمَّاعُونَ لِلْكَذِبِ سَمَّاعُونَ لِقَوْمٍ آخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ الْكَلِمَ مِن بَعْدِ مَوَاضِعِهِ ۖ يَقُولُونَ إِنْ أُوتِيتُمْ هَٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَاحْذَرُوا ۚ وَمَن يُرِدِ اللَّهُ فِتْنَتَهُ فَلَن تَمْلِكَ لَهُ مِنَ اللَّهِ شَيْئًا ۚ أُولَٰئِكَ الَّذِينَ لَمْ يُرِدِ اللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِي الدُّنْيَا خِزْيٌ ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ﴿٤١﴾)21 * آلمائدة: 41) މާނައީ: "އޭ رسول އާ އެވެ! އެއުރެންގެ ހިތްތައް إيمان ނުވެ، އެއުރެންގެ އަނގައިން ތިމަންމެން إيمان ވެއްޖައީމުއޭ ބުނި މީހުންގެ ތެރެއިންނާއި، يهودي ން ކަމުގައިވި މީހުންގެ ތެރެއިން كافر ވުމަށް އަވަސްވެގަންނަ މީހުންނާ މެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އެއުރެންނަކީ، ދޮގުތައް ގިނަގިނައިން އަޑުއަހާ މީހުންނެވެ. (އަދި) ކަލޭގެފާނުގެ އަރިހަށް ނާންނަ އެހެން ބަޔެއްގެ ބަސް ގިނަގިނައިން އަޑުއަހާ މީހުންނެވެ. (توراة ގެ) كلمة ތައް އެ ހުންނަންވީ ތަންތަނުން އެއުރެން ބަދަލުކުރެތެވެ. އެއުރެން ބުނެތެވެ. ތިޔަބައި މީހުންނަށް މި كلمة ތައް (އެބަހީ: ބަދަލުކުރި كلمة ތައް) ލިބިއްޖެ ނަމަ، އޭގައި ތިޔަބައި މީހުން ހިފަހައްޓާށެވެ! އެ كلمة ތައް ތިޔަބައި މީހުންނަށް ނުލިބުނު ނަމަ، ތިޔަބައި މީހުން ރައްކާތެރިވާށެވެ! ﷲ އެ މީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ (ދަންނާށެވެ!) ފަހެ، ﷲ ގެ حضرة ން އެ މީހަކަށް ޓަކައި، އެއްވެސް ކަމެއް ކަލޭގެފާނަށް މިލްކުވެގެނެއް ނުވާނެތެވެ. އެއުރެންނަކީ، އެއުރެންގެ ހިތްތައް طاهر ކުރެއްވުމަށް ﷲ އިރާދަކުރައްވާފައިނުވާ މީހުންނެވެ. އެއުރެންނަށް ދުނިޔޭގައި ހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ".
މުޢާހަދާގެ ނަތީޖާއެއްގެ ގޮތުން، ބައެއް އަޞްޙާބު ބޭކަލުން، އެ ބޭކަލުންގެ އަވަށްޓެރި ޔަހޫދީންނާ ރަޙްމަތްތެރި ވެއްޖެ އެވެ. الله تعالى ވަނީ سورة آل عمران ގެ 118 ވަނަ އާޔަތުގައި އެކަން ނަހީކުރައްވާފައެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ ۖ إِن كُنتُمْ تَعْقِلُونَ ﴿١١٨﴾)22 * آل عمران : 118) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން (إيمان ވި މީހުން) ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައި މީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައި މީހުންގެ ކަންތައް فساد ކުރުމުގައި، އެއުރެން ދުލެއް ނުދޭނެތެވެ. އެއުރެން އެދެނީ، ތިޔަބައި މީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ދައްކާ ވާހަކައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާ ބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ޓަކައި، آية ތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައި މީހުން ވިސްނާ ބަޔަކު ކަމުގައި ވީނަމައެވެ".
މައްކާގެ މުޝްރިކުން، މަދީނާ އާއި، މަދީނާގެ ވަށައިގެން ވާ ޤަބީލާތަކުގެ މުޝްރިކުންނާއި، މުނާފިޤުންނާއި، ޔަހޫދީން ރުޅިއަރުވައި، އިންޒާރު ދިނުމުގައި ހުއްޓުމެއް ނެތި ކުރިޔަށް ދިޔައެވެ. އެ މީހުން މަސައްކަތްކުރަމުން ދިޔައީ، އިސްލާމް ދީނުގެ ނޫރު ވީހާ ވެސް އަވަހަކަށް ނިއްވާލުމަށެވެ. އެ މީހުން ބަލަމުން ދިޔައީ، ލޮބުވެތި رَسُوْلُ اللهِ ﷺ ބަރަކާތްތެރި ވުޖޫދުވުން ނިންމާލެވޭނެ ގޮތްތަކެއް ހޯދުމަށެވެ.
މުނާފިޤުންނާއި، މުޝްރިކުންގެ މި ފަދަ ޢަމަލުތަކާ ދެކޮޅަށް رَسُوْلُ اللهِ ﷺ އަބަދު ވެސް ޚިޔާރުކުރެއްވީ ޞުލްޙައިގެ މަގެވެ. ބައެއް އަޞްޙާބު ބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި، ޢަދާވާތްތެރިންނާ ކުރިމަތިލުމުގެ ވަގުތު ޖެހިއްޖެ އެވެ. އަދި އެ ބޭކަލުން ދުޢާކުރެއްވި އެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! މި މުޝްރިކުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ވުރެ އަގުހުރި ކަމެއް އަޅަމެންނަކަށް ނެތެވެ. ޤުރައިޝް ވަންހައިގެ މި މުޝްރިކުން ވަނީ އިބަސުވާމީންގެ ރަސޫލާގެ ނުބުއްވަތު ޤަބޫލުނުކޮށް. އެކަލޭގެފާނު މައްކާއިން ބޭރުކުރުމަށް މަޖްބޫރުކޯސްފައެވެ. އަޅާގެ ﷲ އެވެ! އަޅަމެންގެ އުއްމީދަކީ، އެބައި މީހުންނާ ހަނގުރާމަކުރުމަށް އިބަރަސްކަލާނގެ އިޒުނަ ދެއްވާނެ ކަމަށެވެ".
رَسُوْلُ اللهِ ﷺ ވެސް އިންތިޒާރުކުރައްވަމުން ގެންދެވީ، އެކަލާނގެ އަމުރުފުޅުކުރައްވާ ގޮތަކަށް ޢަމަލުކުރެއްވުމަށް ޓަކައި، الله تعالى ގެ އަމުރުފުޅަށެވެ. ވަގުތު އައިސް ޖެހިއްޖެ އެވެ. سورة البقرة ގެ 190-192 ވަނަ އާޔަތުގައި އެކަން ބަޔާންކުރައްވައި جبريل (عليه السّلام) މެދުވެރިކޮށް ވަޙީކުރެއްވި އެވެ. (وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ ﴿١٩٠﴾ وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ ﴿١٩١﴾ فَإِنِ انتَهَوْا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿١٩٢﴾)23 * البقرة: 190-192) މާނައީ: "ތިޔަބައި މީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައި މީހުން ﷲ ގެ މަގުގައި ހަނގުރާމަކުރާށެވެ! އަދި (އެ ކަމުގައި) ތިޔަބައި މީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައިދާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. (190) އަދި ތިޔަބައި މީހުންނަށް އެއުރެން (އެބަހީ: ތިޔަބައި މީހުންނާ ހަނގުރާމަކުރާ މީހުން) ފެނުނު ތަނަކުން އެއުރެން قتل ކުރާށެވެ! އަދި އެއުރެން ތިޔަބައި މީހުން ނެރުނު ތަނުން ތިޔަބައި މީހުން އެއުރެން ނެރޭށެވެ! އަދި قتل ކުރުމަށް ވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ. އަދި حرمة ތެރިވެގެންވާ މިސްކިތުގައި އެއުރެން ތިޔަބައި މީހުންނާ ހަނގުރާމަކޮށްފުމަށް ދާންދެން ތިޔަބައި މީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ! އެއުރެން ތިޔަބައި މީހުންނާ ހަނގުރާމަ ކޮށްފި ނަމަ، ތިޔަބައި މީހުން ވެސް (ހަނގުރާމަކޮށް) އެއުރެން قتل ކުރާށެވެ! كافر ންގެ ޖަޒާ ވަނީ އެފަދައިންނެވެ. (191) ފަހެ، އެއުރެން (ހަނގުރާމަ) ހުއްޓާލައިފި ނަމަ، (ތިޔަބައި މީހުން ވެސް ހަނގުރާމަ ހުއްޓާލާށެވެ! އަދި ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ رحيم ވަންތަ ރަސްކަލާނގެ އެވެ". (192)
ފަހުން ބާވައިލެއްވި سورة البقرة ގެ 193 ވަނަ އާޔަތު ގައި ވަޙީކުރައްވާފައި ވެއެވެ. (وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ ﴿١٩٣﴾)24 * البقرة: 193) މާނައީ: "އަދި (دين އާ ދެކޮޅަށް އުފައްދާ) فتنة ވެރިކަން ނެތިއްޖައުމަށް ދާންދެން އަދި دين، ﷲ އަށް خالص ވެއްޖައުމަށް ދާންދެން ތިޔަބައި މީހުން އެއުރެންނާ ހަނގުރާމަކުރާށެވެ. ފަހެ، އެއުރެން އެކަން ހުއްޓާލައިފި ނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداواة ތެރިވުމެއް ނެތެވެ".
ما مدحت محمدا بمقالاتي،
لكن مدحت مقالاتي بمحمّدٍ
عمران الرّبّاني (رحمة الله عليه)
"(وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ ﴿١٩٠﴾) މާނައީ: "ތިޔަބައި މީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައި މީހުން ﷲ ގެ މަގުގައި ހަނގުރާމަކުރާށެވެ! އަދި (އެ ކަމުގައި) ތިޔަބައި މީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައިދާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.".
البقرة: 190
