ލޮބުވެތި ރަސޫލާ

ޣަޒްވާތަކާއި، ސަރިއްޔާތައް

މައްކާ ގައި ތިބި އިރު، މުޝްރިކުން މުސްލިމުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްހެދި އެވެ. އެ މީހުން، ބައެއް މުސްލިމުންގެ ގައިގައި ތަޅައި، ބައެއް މުސްލިމުންގެ ބޮލުގެ މެދުން ފަޅައި، އެހެން މުސްލިމުންނަށް ހިތަށް ނުގެނެވޭ ވަރުގެ އަނިޔާކޮށްފައި ވެއެވެ. އޭރު އަދި ހަނގުރާމަ ކުރުމަށް ހުއްދަނުކުރެވެއެވެ. ސަބަބަކީ، އޭރު މުޝްރިކުންގެ ޢަދަދު މާ ގިނަ ވުމެވެ. އެހާ މުސްލިމުން މަދު އިރު ހަނގުރާމަ ކުރި ނަމަ، މުސްލިމުންނަށް ކުރިއެރުމެއް ނުލިބުނީހެވެ. މަދީނާ އަށް ހިޖުރަކުރުމަށް ފަހު، އަޞްޙާބު ބޭކަލުންގެ ޢަދަދު އިތުރުވެއްޖެ އެވެ. އަންޞާރުންގެ އެހީތެރިކަމާ އެކު، މުސްލިމުންނަށް ބާރުވެރިކަން ލިބިގެންދިޔަ އެވެ. އިސްލާމް ދީނުގެ ހައިބަތު އިތުރުވެ ހަނގުރާމަ ޝަރުޢު ކުރައްވައިފި އެވެ. ކާފަރުންނާ ދެކޮޅަށް ހަނގުރާމަކުރުން ހުއްދަކުރައްވައިފި އެވެ.

سَفَر، غزوة އަދި سَريّة

މަދީނާގެ ޙިމާޔަތަށް އަދި ޢަދުއްވުންގެ ކަންތައްތައް ހުރި ގޮތް ބެލުމަށް ޓަކައި، رَسُوْلُ اللهِ ﷺ ސިފައިން މަދު ޢަސްކަރީ ޔުނިޓްތަކެއް އެކުލަވާލެއްވި އެވެ. رَسُوْلُ اللهِ ﷺ ޝަޚްޞީގޮތުން ބައިވެރިވަޑައިނުގަންނަވާ މި ޔުނިޓްތަކުގެ ސިފައިންގެ ޢަދަދަކީ ހަތަރު ސަތޭކަ އާއި ފަސްސަތޭކަ އާ ދެމެދުގެ ޢަދަދެކެވެ.

رَسُوْلُ اللهِ ﷺ ބައިވެރިވެ ވަޑައިގެންނެވި ހަނގުރާމަތަކަށް ކިޔާ ނަމަކީ ޣަޒްވާ އެވެ. ޢަސްކަރީ އެކްސްޕެޑިޝަންތަކަށް ކިޔާ ނަމަކީ ސަފަރު އެވެ.

ޢަދުއްވުންގެ ކުއްލި ޙަމަލާތައް ހުއްޓުވުމަށް ޓަކައި، رَسُوْلُ اللهِ ﷺ ކޮންމެހެން އަޅުއްވަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުއްވި އެވެ. އެގޮތުން، ޕެޓްރޯލްކުރުމަށް ސިފައިން ފޮނުވުމާއި، މަދީނާގައި ގާޑުކުރުމަށް ތިބުން ނިޒާމަކަށް އެޅުއްވި އެވެ.

رَسُوْلُ اللهِ ﷺ ހަތާވީސް ހަނގުރާމައެއް (‏ޣަޒްވާއެއް)‏ ކުރެއްވި އެވެ. އެއީ: ޣަޒްވަތުލް އަބްވާ (‏ވަދާން)‏، ޣަޒްވަތު ބަވާޠު، ފުރަތަމަ ބަދުރު ހަނގުރާމަ (‏ޞަފްވާން)‏، ޣަޒްވަތުލް ޢުޝައިރާ، ބަދުރުގެ ބޮޑު ހަނގުރާމަ، ޣަޒްވަތު ޤަރްޤަރަތުލް ކަދްރި، ޣަޒްވަތު ބަނީ ޤައިނުޤާއު، ޣަޒްވަތުއް ސަވީޤު، ޣަޒްވަތު ޣަތްފާން (‏ޢައްމަރު ޛީ އަމްރު)‏، ޣަޒްވަތު ބަޙްރާން (‏ބަނީ ސުލައިމް، ނަޖްރާން)‏، ޣަޒްވަތު أُحد، ޣަޒްވަތު ޙަމްރާއުލް އަސަދު، ޣަޒްވަތު ބަނިއްނަޟީރު، ޣަޒްވަތު ބަދުރުއްޞުޣުރާ، ޣަޒްވަތު ޒާތުއް ރިޤާޢު، ޣަޒްވަތު ދައުމަތުލް ޖަންދަލް، ޣަޒްވަތު ބަނީ އަލްމުޞްތަލަޤް، ޣަޒްވަތު ޚަންދަޤު (‏އަލް އަޙްޒާބު)‏، ޣަޒްވަތު بنو قُريضة، ޣަޒްވަތު ބަނީ ލިޙްޔާން، ޣަޒްވަތުލް ޣާބާ (‏ޒީ ޤަރްދު)‏، ޣަޒްވަތު ޚައިބަރު، ޣަޒްވަތު ވާދިލްޤުރާ، މައްކާ ފަތަޙަކުރެއްވުން، ޣަޒްވަތު ޙުނައިން، ޣަޒްވަތު ޠާއިފު، އަދި ޣަޒްވަތު ތަބޫކު އެވެ.

އެ ޣަޒްވާތަކުގެ ތެރެއިން، ހަނގުރާމަކުރެވުނީ އޭގެ ތެރެއިން ހަމައެކަނި ނުވަ ޣަޒްވާގައެވެ. އެ ޣަޒްވާތަކަކީ: ބަދުރުގެ ބޮޑު ހަނގުރާމަ، ޣަޒްވަތު أُحد، ޣަޒްވަތު ބަނީ އަލްމުޞްތަލަޤް، ޣަޒްވަތު ޚަންދަޤު (‏އަލް އަޙްޒާބު)‏، ޣަޒްވަތު بنو قُريضة، ޣަޒްވަތު ޚައިބަރު، ޣަޒްވަތު ވާދިލްޤުރާ، ޣަޒްވަތު ޙުނައިން، އަދި ޣަޒްވަތު ޠާއިފު އެވެ. މައްކާ ފަތަޙަކުރެއްވުނީ ހަނގުރާމައަކާ ނުލައެވެ. އަދި ހުރިހާ އެންމެން އިސްލާމްވީ އެވެ.

ކުރެވުނު އެހެން ޣަޒްވާތަކުގައި ހަނގުރާމައެއް ނުކުރެވެއެވެ؛ ބައެއް ޣަޒްވާތަކުގައި މުޢާހަދާތައް ކުރެވުނެވެ؛ ބައެއް ޣަޒްވާތަކުގައި ޢަދުއްވު އަމާންދިނެވެ؛ ބައެއް ޣަޒްވާތަކުގައި އިސްލާމް ދީނުގެ ހަނގުރާމަވެރިން ކުރިއަށް ޖެހިގެން އަންނަ ޚަބަރު ލިބުމާ އެކު، ކާފަރުން މުސްލިމު ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ބިރުގަނެ ފަހަތަށް ޖެހި، އޭގެ ގިނަ މީހުން ފަރުބަދަތަކުގެ ތެރެއަށް ވަދެ ފިލައި ދުވެ ރައްކާވީ އެވެ.

މި ބަސް ވެގެންދާނީ މުޅި ދުނިޔޭގެ ސަލާމަތަކަށޭ،
"ތިބާ ޞުލްޙަ ބޭނުން ނަމަ، ހަނގުރާމަ އަށް ތައްޔާރުވާށޭ".

عبدالحق މޮއްލާ

رَسُوْلُ اللهِ ﷺ ފޮނުއްވި ސަރިއްޔާތައް

ފުރަތަމަ ސަރިއްޔާތައް

حمزة ގެފާނުގެ ސިފައިން

"الله تعالى ގެ ނަންފުޅު ކިޔުމަށް ފަހު الله تعالى ގެ މަގުގައި ޣަޒްވާ އަށް ނުކުންނަވާށެވެ! الله تعالى އަށް އުރެދޭ މީހުންނާ ހަނގުރާމަކުރައްވާށެވެ".
حديث الشريف

މުޝްރިކުން ވިޔަފާރީގެ ދާއިރާ ގައި ބަލިކަށިކުރުމަކީ ޟަރޫރީ ކަމަކަށް އޭރު ވަނީ ވެފައެވެ. އެކަން ކުރުމަށް ޓަކައި، ސީރިޔާ އަށް ވިޔަފާރި ދަތުރުކުރާ މަގު ބަންދުކުރަން ޖެހިފައި ވެއެވެ. ހަމަ އެ ދުވަސްވަރު ޚަބަރު ލިބުނު ގޮތުގައި، މުޝްރިކުންގެ ވިޔަފާރި ޤާފިލާއެއް އޭރު ދިޔައީ މަދީނާ ކައިރިން ދަތުރުކުރަމުންނެވެ. ހިޖުރައިން ފުރަތަމަ އަހަރުގެ ރަމަޟާން މަސް ފެށުނު އިރު، رَسُوْلُ اللهِ ﷺ ޢަސްކަރީ އެކްސްޕެޑިޝަނެއް ވަގުތުން ވަގުތަށް އިންތިޒާމްކުރުމަށް އަމުރުކުރައްވާ، ތިރީސް އަސްވާރުންގެ އެ ފައުޖުގެ ކޮމާންޑަރަކަށް حمزة (‏رضي الله عنه)‏ ޢައްޔަންކުރެއްވި އެވެ. އަށް ބިރުވެތިވެ، އެކަލޭގެފާނުގެ ދަށުގައި ތިބި ސިފައިންނަށް ހެޔޮކޮށް ކަންތައް ކުރެއްވުމަށް حمزة ގެފާނަށް އިރުޝާދު ދެއްވުމަށް ފަހު حديث ކުރެއްވި އެވެ. "الله تعالى ގެ ނަންފުޅު ކިޔުމަށް ފަހު الله تعالى ގެ މަގުގައި ޣަޒްވާ އަށް ނުކުންނަވާށެވެ! الله تعالى އަށް އުރެދޭ މީހުންނާ ހަނގުރާމަކުރައްވާށެވެ..." حمزة (‏رضي الله عنه)‏ އަށް ހުދު ދިދައެއް ދެއްވާފައި، އަލްވަދާޢު ކިޔުއްވައިފި އެވެ.

އަސްވާރުންގެ ކޮމާންޑަރެއްގެ ގޮތުގައި حمزة (‏رضي الله عنه)‏ ތިން ސަތޭކަ އަސްވާރުން ގާޑުކުރަމުންދިޔަ މުޝްރިކުންގެ ޤާފިލާ އާ ދިމާލަށް ދިއުމަށް ދަތުރު ފަށްޓަވައިފި އެވެ. އެ ޤާފިލާ ދިމިޝްޤުން މައްކާ އަށް ދިޔަ މަގުމަތީ ގައި ސިފްރުލް ބަޙްރު ނަމަކަށް ކިޔޭ ސަރަޙައްދަކަށް ދެވުމުން، އެ ޤާފިލާ އާ މުސްލިމު މުޖާހިދުންނާ ދިމާވެއްޖެ އެވެ. ޞަޙާބީން ވަގުތުން ހަނގުރާމަ އަށް އެތުރި، ހަނގުރާމަ ކުރުމަށް ތައްޔާރުވެއްޖެ އެވެ. އެ ވަގުތު، އެތާނގައި ހުރި مجدي بن عمرو الجُهيني އެ މީހުންނާ ހަމައަށް އައިސް އެ ދޭތެރެ އަށް ވަދެއްޖެ އެވެ. مجدي بن عمرو الجُهيني އަކީ މި ދެ ފަރާތުގެ ވެސް އެކުވެރިއެކެވެ. އޭނާ އަށް މުސްލިމުންގެ ޢަދަދު ވަރަށް މަދުކޮށް އަދި މުޝްރިކުންގެ ޢަދަދު ގިނަކޮށް ފެނުމުން، އޭނާގެ ހިތަށް އެރީ މުސްލިމުން ބަލިވެދާނެ ކަމަށެވެ. މުސްލިމު ދައުލަތް އަބަދަށް ދެމިއޮތުމުގެ ޝައުޤު އޮތުމުން، އޭނާ މެދުވެރިއެއްގެ ދައުރި އަދާކޮށް، ހަނގުރާމަނުކުރުމަށް ދެ ފަރާތް އެއްބަސްކުރުވީ އެވެ. رَسُوْلُ اللهِ ﷺ އަށް މަޖްދީ ކަންތައް ކުރި ގޮތުގެ ޚަބަރު ލިބިވަޑައިގެންނެވުމުން رَسُوْلُ اللهِ ﷺ އެކަމާ ހިތްހަމަޖެހިވަޑައިގެން حديث ކުރެއްވި އެވެ. "އޭނާ އެ ކުރެއްވީ ބަރަކާތްތެރި، ރަނގަޅު އަދި ޞައްހަ ކަމެކެވެ".1

عُبيدة بن حارث (‏رضي الله عنه)‏ ގެ ސިފައިން

އެއަށް ފަހު، ސަރިއްޔާތައް ހުއްޓިފައެއް ނެތެވެ. عُبيدة بن حارث (‏رضي الله عنه)‏ އާ ފަސްދޮޅަސް ނޫނީ އަށްޑިހަ މުޖާހިދުން ޙަވާލުކުރައްވައި، ރާބިޣް އަށް ފޮނުވުނެވެ. ދެ ލަޝްކަރު ބައްދަލުވީހާ އަވަހަކަށް ދެ ފަރާތުން ދުނިދަނޑި ޖަހަން ފަށައިފި އެވެ. އިސްލާމް ދީނުގެ ސިފައިންގެ ފަރާތުން އެންމެ ފުރަތަމަ ދުނިދަނޑިއެއް ޖެއްސެވި ބޭކަލަކީ، سعد بن أبي الوقّاص އެވެ. ގިނަ މުސްލިމް ސިފައިން ތިބީ ޙަމަލާއަކަށް ތައްޔާރުވެގެން ފިލައިގެން ކަމަށް ހީކޮށް، أبو سُفيان ގެ ކޮމާންޑު ކަމުގައި ތިބި ދުއިސައްތަ މުޝްރިކުން، މުސްލިމުންނަށް ބިރުން މައިދާން ދޫކޮށް ފިލައިފި އެވެ.2

ﷲ ގެ މަގުގައި އަހަރެމެން ހަނގުރާމަކުރަންވާނޭ، ކާމިޔާބު ހޯދަންވާނޭ،
ކީރިތި قرآن ގައި ޔަޒްދޫންގެފާނު ކާމިޔާބަށް ވަޢުދުވެއޭ.

رَسُوْلُ اللهِ ﷺ ގެ ޣަޒްވާތައް

ފުރަތަމަ ޣަޒުވާތައް

ޣަޒްވަތު ވައްދާން

"ޙައްޖަށް ދިއުމުގެ މަގުމަތީގަޔާއި، މާތް ﷲ ގެ މަގުގައި ހަނގުރާމަކުރާ މީހުންނަށް އުފާވެރި ޚަބަރު ހުއްޓެވެ".
حديث الشريف

މި ޣަޒްވާ އަށް ޣަޒްވަތު އަބްވާ އޭ ވެސް ކިޔެއެވެ. އެއީ، رَسُوْلُ اللهِ ﷺ ގެ އެންމެ ފުރަތަމަ ޣަޒްވާ އެވެ. މި ހަނގުރާމަ ހިނގީ ހިޖްރައިން ބާރަ ވަނަ މަހުގައެވެ. سعد بن عُبادة (‏رضي الله عنه)‏ މަދީނާ ގައި ވަކީލެއްގެ ގޮތުގައި ބެހެއްޓުނެވެ.

ޤުރައިޝް ވަންހަ އާއި، ބަނީ ޟަމްރާ އާ ދެ ޤަބީލާ އާ ހަމަޔަށް ފަސްދޮޅަސް މީހުން މާޗްކޮށްފައި ދިޔައެވެ. ދިދަ އުފުއްލެވީ حمزة (‏رضي الله عنه)‏ އެވެ. މައްކާ މީހުން އެތާކު ނެތެވެ. އެ މީހުންނަށް ވައްދާން ނަމަކަށް ކިޔާ ހިސާބަކަށް އާދެވިއްޖެ އެވެ. ބަނީ ޟަމްރާ ޤަބީލާ އާ އެކު ލިޔުމުން އެއްބަސްވުމެއް ވެވުނެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން:

ޟަމްރާ ޤަބީލާގެ ފިރިހެނުން، އެއްވެސް ޙާލަތަކާ ހެދި ނަމަވެސް، ޢަދުއްވަށް އެހީތެރިކަން ދީގެންނުވާނެ އެވެ.
ޟަމްރާ ގެ ދަރިންގެ ފުރާނަޔާއި، މުދަލުގެ ރައްކާތެރިކަން ވާނީ މުސްލިމުންގެ ގެރެންޓީގެ ދަށުގައެވެ.

އޭގެ ބަދަލެއްގެ ގޮތުން، رَسُوْلُ اللهِ ﷺ ޟަމްރާ ޤަބީލާގެ ފިރިހެން ދަރިން ހަނގުރާމަ އަށް ދިއުމަށް ގޮވާލެއްވުމުން، ވަގުތުން އެހީތެރިވާން ދާންވާނެ އެވެ.

ޣަޒްވަތު ބުވާޠު

މިއީ رَسُوْلُ اللهِ ﷺ ގެ ދެވަނަ ޣަޒްވާ އެވެ. އެ ހަނގުރާމަ ހިނގީހިޖުރައިން ދެވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގައެވެ. ވަކީލެއްގެ ގޮތުގައި މަދީނާގައި ބެހެއްޓުނީ ސާއިބު އިބްނު عُثمان އެވެ. 2،500 ޖަމަލާ އެކު، أبو سُفيان ގެ ވެރިކަމުގައި ސަތޭކަ މުޝްރިކުންގެ ވިޔަފާރި ޤާފިލާއެއް ދިމިޝްޤަށް ދަތުރުކުރަމުންދާ ކަމުގެ ޚަބަރު ލިބުމުން، ޤުރައިޝުންގެ އެ ޤާފިލާއާ ކުރިމަތިލުމަށް ދުއިސައްތަ މީހުންގެ ލަޝްކަރެއް އެ ދިމާލަށް މާޗްކުރަން ފަށައިފި އެވެ. ބުވާޠު ފަރުބަދަ އާ ހަމަ އަށް ހުރިހާ ތަނެއް ބަލާ ޗެކްކުރިޔަސް މުޝްރިކުން އަތެއް ނުވި އެވެ.

ޣަޒްވަތު ޛުލްޢުޝައިރާ

މި ޣަޒްވާ ހިނގާފައިވަނީ ހިޖުރައިން 16 ވަނަ މަސް ފެށުނި އިރު އެވެ. ޚަބަރު ލިބުނީ، މައްކާގެ މުޝްރިކުންގެ ބޮޑު ވިޔަފާރި ޤާފިލާއެއް، أبو سُفيان ގެ ކޮންޓްރޯލްގެ ދަށުގައި ދިމިޝްޤަށް ދަތުރުކުރަމުން ދާ ކަމަށެވެ. رَسُوْلُ اللهِ ﷺ ގެ ވަކީލެއްގެ ގޮތުގައި ބެހެއްޓެވީ أبو سلامة بن عبدالأسد އެވެ. ދިދަ ދެއްވީ حمزة (‏رضي الله عنه)‏ އަށެވެ. އެ ބޭކަލުންގެ އަތްޕުޅުގައި ހުރީ ތިރީސް ޖަމަލެވެ؛ އެކި ބޭކަލުން ޖަމަލަށް ސަވާރުވީ އެކަކަށް ފަހު އަނެކެކެވެ. އެ ބޭކަލުން 150 ނުވަތަ 200 މުޖާހިދުންނާ އެކު ޢުޝައިރާ ނަމަކަށް ކިޔާ ހިސާބަކަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކަށް އެ ތާނގައި މަޑުކޮށްލެއްވި އެވެ. އެކަމަކު، އެ ބޭކަލުންނަށް އެ ޤާފިލާ އަތެއް ނުވިއެވެ. މުޖްލިޖް ވަންހަ އާއެކު ޞުލްޙަވުމަށް ފަހު އެ މީހުން އެނބުރި މަދީނާ އަށް އަތުވެއްޖެ އެވެ.

ފުރަތަމަ ބަދުރު ހަނގުރާމަ

މި ހަނގުރާމަ އަށް ޣަޒްވަތު ޞަފްވާން އޭ ވެސް ކިޔެއެވެ. މުސްލިމުން ޣަޒްވަތު ބުވާޠު އިން އެނބުރި ވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ޚަބަރަކީ، كُرز بن جابر فهري ނަމަކަށް ކިޔާ ޤުރައިޝް ވަންހައިގެ މީހަކާއި އޭނާގެ މީހުންތައް ޖައްމާ ފަރުބަދަ ސަރަޙައްދަށް ޙަމަލާދީ އެ ތާނގައި ހުއިހައްޕަން ތިބި ގެރިތައް ފައްސާލި ވާހަކަ އެވެ.

رَسُوْلُ اللهِ ﷺ، زيد بن حارثة އެކަލޭގެފާނުގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައި، އެ ޙާދިސާ ހިނގި ސަރަޙައްދަށް ވަޑައިގަތުމަށް ޓަކައި ބައެއް އަޞްޙާބު ބޭކަލުންނާ އެކު ނުކުންނެވި އެވެ. އެ ފަހަރު، ދިދަ ޙަވާލުކުރެއްވީ علي (‏رضي الله عنه)‏ އެވެ.

މުޖާހިދުން އެ ޙާދިސާ ހިނގި ސަރަޙައްދަށް ފޯރި އިރު، كُرز އާއި އޭނާގެ މީހުން ޖަނަވަރުތައް ދޫކޮށްލާފައި، އެ މީހުންގެ ނިޝާންތައް ފުހެލާފައި ގޮސްފި އެވެ. ބަދުރުގެ ވާދީ ޞަފްވާން އާ ހަމައަށް ކޮންމެ ހިލަގަނޑެއްގެ ކައިރި ބަލާހެދި ނަމަވެސް އެ މީހުން ނުފެނުނެވެ.

عبدالله بن جحش ގެ ލަޝްކަރު (‏بطن النخلة ސަރިއްޔާ)‏

އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ބޭނުންފުޅުވެ ވަޑައިގަތީ، ޤުރައިޝް ވަންހައިގެ މުޝްރިކުންގެ ޙަރަކާތްތައް ބައްލަވާލެއްވުމަށް ޓަކައި، ނަޚްލާ އަށް ސަރިއްޔާއެއް ދިއުމަށް އިންތިޒާމު ކުރެއްވުމަށެވެ. އެކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގަތީ، ފޮނުވޭ ސިފައިންގެ ލަޝްކަރުގެ ކޮމާންޑަރަކަށް أبو عُبيدة بن جرّاح (‏رضي الله عنه)‏ ހަމަޖެއްސެވުމަށެވެ. أبو عُبيدة بن جرّاح (‏رضي الله عنه)‏ އަށް މި އަމުރު ލިބިވަޑައިގަތުމުން، رَسُوْلُ اللهِ ﷺ އާ ދުރުގައި ހުންނެވުމުގެ ސަބަބުން ލިބިފައިވާ ތަދުގެ ސަބަބުން ކީރިތިކުރައްވަން ފަށްޓަވައިފި އެވެ. އޭނާގެ ބަދަލުގައި ކޮމާންޑަރަކަށް رَسُوْلُ اللهِ ﷺ ހަމަޖެއްސެވީ عبدالله بن جحش (‏رضي الله عنه)‏ އެވެ.3

عبدالله بن جحش (‏رضي الله عنه)‏ އަކީ، މުސްލިމެއްގެ ގޮތުގައި ވަރަށް އުފަލާ އެކު އުޅުއްވި ބޭފުޅެކެވެ. އޭނާ މުސްލިމަކަށް ވުމުން، ކާފަރުން އޭނާ އަށް ހިތަށް ނުގެނެވޭ ފަދަ ބޮޑެތި އަނިޔާތައް ދިން ކަމުގައި ވިޔަސް، އޭނާ އެބައި މީހުންނާ ކުރިމަތިލެއްވީ، އީމާންކަމުގެ ބާރުގައެވެ. އަދި އެބައި މީހުން ދިން އަނިޔާތަކަށް ކެތްކުރެއްވީ ސާބިތުކަމާ އެކުގައެވެ. މި ސަބަބަށް ޓަކައި، رَسُوْلُ اللهِ ﷺ، عبدالله بن جحش (‏رضي الله عنه)‏ އާ ބެހޭގޮތުން ޞަޙާބީންނަށް حديث ކުރެއްވި އެވެ. "ތިޔަބައި މީހުންގެ ތެރެއިން ބަނޑުހައިހޫނު ކަމާއި، ކަރުހިއްކުން އެންމެ ބޮޑަށް ތަޙައްމަލުކުރައްވަނީ އޭނާ އެވެ". رَسُوْلُ اللهِ ﷺ ދެއްވާފައިވާ ޝަހީދުންނަށް ހުރި އުފާވެރި ކަމުގެ ޚަބަރުތައް އަޑުއައްސަވާފައި ވާތީ، عبدالله بن جحش (‏رضي الله عنه)‏ އަބަދު ވެސް ޝައުޤުވެރިވެފައި ހުންނަވަނީ ޝަހީދކަށް ވުމަށެވެ. ހަނގުރާމަތަކުގައި، އެކަލޭގެފާނު ހަނގުރާމަ ކުރެއްވީ އެންމެ ކުރީ ސަފުގައެވެ.

عبدالله بن جحش (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ: އެ ދުވަހު، ޢިޝާ ނަމާދު ކުރުމަށް ފަހު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަރިހަށް ދިއުމަށް އަޅުގަނޑަށް ގޮވާލައްވާފައި حديث ކުރެއްވި އެވެ. "ހެނދުނުހެނދުނާ ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ. ތިބާގެ ހަތިޔާރުތައް ވެސް ގެންނާށެވެ. ތިމަންކަލޭގެފާނު ތިބާ ކޮންމެވެސް ތަނަކަށް ފޮނުއްވާނަމެވެ".

ހެނދުނު، އަހަރެން މިސްކިތަށް ދިޔައިމެވެ. އަހަރެންގެ އަތުގައި އަހަރެންގެ ކަނޑި އާއި، ދުނިދަނޑި، ދުނި އަދި ދަބަހަކާއި، އައްޑަނަ އޮތެވެ. ފަތިސް ނަމާދު އިމާމުވެ ކުރެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ގެކޮޅަށް އެނބުރި ވަޑައިގެންފި އެވެ. އަހަރެން އެ ތަނަށް އެކަލޭގެފާނުގެ ކުރިން ގޮސްފީމެވެ. އެހެންކަމުން، އަހަރެން ހުރީ އެކަލޭގެފާނުގެ އިންތިޒާރުގައި ދޮރު މަތީގައެވެ. އަޅުގަނޑާ އެކު ދިއުމަށް އެކަލޭގެފާނު ވަނީ މުހާޖިރުންގެ ތެރެއިން ބަޔަކު ހޯއްދަވާފައެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ވަނީ ތިބާ، މި މީހުންގެ ކޮމާންޑަރަކަށް ހަމަޖައްސަވާފަ އެވެ". އެކަލޭގެފާނު އަހަރެން އަތަށް ސިޓީއެއް ދެއްވާފައި حديث ކުރެއްވި އެވެ. "ދާށެވެ! ދެ ރޭ ވަންދެން ދަތުރުކުރުމަށް ފަހު މި ސިޓީ ހުޅުވާށެވެ. ދެން، އެ ސިޓީ ގައި ވާ ގޮތަށް ޢަމަލުކުރާށެވެ". އަހަރެން ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ދާންވީ ކޮން ދިމާލަކަށް ތޯ އެވެ"؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "ނަޖްދިއްޔާ އާ ދާ މަގު ޚިޔާރުކުރާށެވެ. ރަކިއްޔާ އާ ދިމާލަށް، ވަޅާ ދިމާލަށް ދާށެވެ".

عبدالله بن جحش (‏رضي الله عنه)‏ އާ ނަޚްލާ އެކްސްޕެޑިޝަން ޙަވާލުކުރެވުނު އިރު، އޭނާ އަށް أميرُ المُؤمنين ގެ ލަޤަބު ފުރަތަމަ ފަހަރަށް ދެވުނެވެ. އިސްލާމް ދީނު ގައި އެންމެ ފުރަތަމަ އެ ލަޤަބު އެރުވުނު ބޭފުޅަކީ އޭނާ އެވެ. ދެ ދުވަސް ފަހުން، އަށެއް ނުވަތަ ބާރަ ސިފައިންނާ އެކު، މަލާލް ނަމަކަށް ކިޔޭ ހިސާބަކަށް ދެވުމުން ސިޓީ ހުޅުވާލައްވާފައި ކިޔުއްވަން ފަށްޓަވައިފި އެވެ.:

"بسم الله الرّحمن الرّحيم. ތިބާ މި ސިޓީ ކިޔާ އިރު، ގެ ނަންފުޅާއި، ބަރަކާތުން މައްކާ އާއި ޠާއިފާ ދެމެދުގައި ވާ ވާދީ ނަޚްލާ އަށް ދެވެންދެން ހިނގާށެވެ. ތިބާގެ އެއްވެސް އެކުވެރިޔަކަށް އެކީގައި ދިއުމަށް މަޖްބޫރުކޮށްގެން ނުގެންދާށެވެ! ވާދީ ނަޚްލާ ގައި ވާ ޤުރައިޝް ވަންހައިގެ މީހުންނާއި، ޤުރައިޝުންގެ ވިޔަފާރި ޤާފިލާ އަށް ބަލަން ތިބޭށެވެ. އެ މީހުންގެ ކަންތައްތައް ހުރި ގޮތް ތިމަންކަލޭގެފާނު މެންނަށް އަންގާށެވެ".

"އޭ جبريل (‏عليه السّلام)‏ އެވެ! الله تعالى ތިމަންކަލޭގެފާނުގެ މޫނުފުޅު ޔަހޫދީންގެ ޤިބްލާ އިން މައްކާ އަށް އަނބުރާލައްވާނެ ކަމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ".
حديث الشريف

މި ސިޓީ ކިޔުމަށް ފަހު، أميرُ المُؤمنين عبدالله بن جحش (‏رضي الله عنه)‏ ވިދާޅުވި އެވެ. "އަހަރެމެންނަކީ الله تعالى ގެ އަޅުންނެވެ. އަދި އަހަރެމެން އެނބުރި ދިއުން އޮތީ އެކަލާނގެ ޙަޟްރަތަށެވެ. ތިމަންނާ އަށް އަޑުއިވި ކިޔަމަންވެއްޖައީމެވެ. الله تعالى އާއި އެކަލާނގެ ލޮބުވެތި رَسُوْلُ اللهِ ﷺ ގެ އަމުރުފުޅު އަހަރެން ތަންފީޒުކުރާނަމެވެ". އަދި އިޙްތިރާމްކުރުމުގެ ނިޝާނެއްގެ ގޮތުން، އެ ސިޓީ ގައި ބޮސްދެއްވައި، އެކަލޭގެފާނުގެ ނިތްކުރީ ގައި ޖައްސަވާލެއްވި އެވެ. ދެން އެކަލޭގެފާނުގެ އެކުވެރިންނާ ދިމާލަށް އެނބުރިފައި ވިދާޅުވި އެވެ. "ތިޔައިގެ ތެރެއިން ޝަހީދަކަށް ވާން ބޭނުންވާ މީހަކު ހުރި ނަމަ އަހަންނާ އެކު އަންނާށެވެ. އަންނަން ބޭނުންނުވާ މީހުން އެނބުރި ދާށެވެ. އަހަރެން ތިޔައިގެ އެއްވެސް މީހަކަށް މަޖްބޫރެއް ނުކުރަމެވެ. އެކަކު ނަޔަސް، އަހަރެން އެކަނި ގޮސް رَسُوْلُ اللهِ ﷺ ގެ އަމުރުފުޅު ތަންފީޒުކުރާނަމެވެ". އޭނާގެ ހުރިހާ އެކުވެރިން އެއްފަހަރާ ޖަވާބު ދިނެވެ. "رَسُوْلُ اللهِ ﷺ ގެ އަމުރުފުޅު ތިމަންމެން އަޑުއެހީމެވެ. އަހަރެމެން الله تعالى އާއި އެކަލާނގެ ލޮބުވެތި رَسُوْلُ اللهِ ﷺ އާއި، ކަލޭގެފާނަށް އަހަރެމެން ކިޔަމަންތެރި އެވެ. ތިބާ ވަޑައިގަންނަވަން ބޭނުންފުޅު ކޮންމެ ތަނަކަށް ވަޑައިގަންނަވާށެވެ".

سعد بن أبي وقّاص (‏رضي الله عنه)‏ ވެސް ހިމެނޭ މި ކުޑަކުޑަ ލަޝްކަރު ޙިޖާޒާ ދިމާލަށް ގޮސް، ނަޚްލާ އަށް ގޮސްފި އެވެ. އެ މީހުން އެތަނުން ހިސާބެއް ގައި ފިލައި ތިބެފައި އެ ހިސާބުން ދާ ޤުރައިޝުންނަށް ފާރަލާން ފަށައިފި އެވެ. އެ ވަގުތު ޤުރައިޝުންގެ ވިޔަފާރި ޤާފިލާ އެހެން ގޮސްފި އެވެ. އެ މީހުންގެ ޖަމަލުތައް ހުރީ ބަރާކޮށްފައެވެ. މުޖާހިދުން އެ ޤާފިލާ އާ އަރާ ހަމަކޮށްފައި، އިސްލާމް ދީނަށް ދަޢުވަތު ދީފި އެވެ. އަދި އެ މީހުން އެ ދަޢުވަތު ޤަބޫލުނުކުރެއްވުމުން، ހަނގުރާމަކުރައްވަން ފަށްޓަވައިފި އެވެ. އޭގެ ތެރެއިން އެކަކު ޤަތުލުކޮށްލައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ. ދެން ހުރި މީހާ އަހަކަށް ސަވާރުވެގެން ހުރުމާ އެކު އޭނާ ހައްޔަރެއް ނުކުރެވުނެވެ. ކާފަރުންގެ ހުރިހާ މުދަލެއް މުޖާހިދުންނަށް ދޫކޮށްލައިފި އެވެ. عبدالله بن جحش (‏رضي الله عنه)‏ މި މުދަލުގެ ފަސްބައިކުޅަ އެއް ބައި رَسُوْلُ اللهِ ﷺ އަށް ޓަކައި ވަކިކޮށްލައްވައިފި އެވެ. މިއީ، މުސްލިމުން ފުރަތަމަ ހަނގުރާމައިގެ ޣަނީމާ ނެގި ފަހަރެވެ.4

مسجد القبلتين (‏ދެ ޤިބްލަ މިސްކިތް)‏

رَسُوْلُ اللهِ ﷺ މަދީނާ އަށް ހިޖުރަކުރެއްވުމަށް ފަހު ސަތާރަ މަސް ވެއްޖެ އެވެ. މިހާތަނަށް މުސްލިމުން ނަމާދުކުރަމުން ދިޔައީ، قُدسُ الشّريف ގައި ވާ بيت المقدس އާ ދިމާލަށް އެނބުރި ތިބެގެންނެވެ. މިފަހަކަށް އައިސް، رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގެންނެވި ޚަބަރަކީ، ޔަހޫދީން ބުނާ ކަމަށް ވަނީ "ކިހާ އާދަޔާ ޚިލާފު ކަމެއް ހެއްޔޭ! އެކަލޭގެފާނުގެ ދީން އަހަރެމންގެ ދީނާ ތަފާތޭ. އެކަމަކު ޤިބްލައަކީ އެއް ޤިބްލައެކޭ"، މިހެންނެވެ. މި ވާހަކަތަކުން އެކަލޭގެފާނުގެ ބަރަކާތްތެރި ހިތްޕުޅަށް ވަރަށް އަސަރުކޮށްފި އެވެ.

އެއް ދުވަހަކު، جبريل (‏عليه السّلام)‏ ވަޑައިގެންނެވި ފަހަރެއް ގައި އެކަލޭގެފާނަށް رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ جبريل (‏عليه السّلام)‏ އެވެ! الله تعالى ތިމަންކަލޭގެފާނުގެ މޫނުފުޅު ޔަހޫދީންގެ ޤިބްލާ އިން މައްކާ އަށް އަނބުރާލައްވާނެ ކަމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ".

جبريل (‏عليه السّلام)‏ ޖަވާބު ދެއްވި އެވެ. "އަޅުގަނޑަކީ ހަމައެކަނި الله تعالى ގެ އަޅެކެވެ. ތިކަމަށް ޓަކައި الله تعالى އަށް ދުޢާ ދަންނަވާށެވެ".

އޭގެ ފަހުން، ކީރިތި قرآن ގެ سورة البقرة ގެ 144 ވަނަ އާޔަތް ބާވައިލެއްވުނެވެ. (‏‏‏‏قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا ۚ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ ‎﴿١٤٤﴾‏)‏ * البقرة: 144)‏ މާނައީ: "އުޑާ ދިމާ އަށް މަތި ބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާ ތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެނެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވަޑައިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (‏އެބަހީ: كعبة الله ގެފުޅާ)‏ ދިމާ އަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައި މީހުން ތިބި ކޮންމެ ތަނެއް ގައި މެ، އެ ފަރާތަށް ތިޔަބައި މީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (‏އެބަހީ: قبلة އާ މެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ)‏ އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެންގެވި حق ގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެން ކުރާ عمل ތަކާ މެދު، غافل ވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެނެއް ނުވެއެވެ".

ޝަޢުބާން މަހުގެ މެދު ތެރޭގެ އަންގާރަ ދުވަހު، މި އާޔަތް ބާވާލެއްވުނު އިރު، رَسُوْلُ اللهِ ﷺ ގެންދެވީ އަޞްޙާބު ބޭކަލުންނާ އެކު މަސްޖިދު ބަނީ ސަލްމާ ގައި އިމާމުވެ ޢަޞްރު ނަމާދު ކުރައްވަމުންނެވެ. كعب އާ އަށް ދިމާއަށް އެނބުރެން އަމުރުފުޅުކުރެއްވުނީ ނަމާދުގެ ހަތަރު ވަނަ ރަކްޢަތު ގައެވެ. އެކަލޭގެފާނަށް ވަޙީ ބާވައިލެއްވުނުހާ އަވަހަކަށް، އެކަލޭގެފާނު ކަޢުބަތުލް މުޢައްޒަމާ އާ ދިމާ އަށް އެނބުރި ވަޑައިގެންފި އެވެ. އަޞްހާބުން ވެސް رَسُوْلُ اللهِ ﷺ އާ އެއް ގޮތަށް އެ ދިމާއަށް އެނބުރުނެވެ. އޭގެ ފަހުން، އެ މިސްކިތަށް "مسجد القبلتين" (‏ދެ ޤިބްލަ މިސްކިތް)‏ގެ ނަމުން ނަން ދެވުނެވެ.

رَسُوْلُ اللهِ ﷺ ޤުބާ އަށް ވެސް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެ މިސްކިތުގެ މިޙްރާބު އަލުން ޢިމާރާތްކުރައްވައި، މިސްކިތުގެ ފާރުތައް ބަދަލުކުރެއްވި އެވެ.5

مسجد القبلتين (ދެ ޤިބްލަ މިސްކިތް)

މުސްލިމުންގެ ފުރަތަމަ ޤިބްލަ އަކީ ހުޅަނގު އުތުރުގައި ވާ مسجد الأقصى އެވެ. މިއީ، ޔަހޫދީންގެ ވެސް ޤިބްލަ އެވެ. ޔަހޫދީން އޭރު ދިޔައީ މުސްލިމުން ވެސް އެނބުރެނީ ތިމަންމެންގެ ޤިބްލައަށޭ ކިޔައި އަޞްޙާބު ބޭކަލުންނަށް ޖެއްސުންކޮށް ފުރައްސާރަކުރަމުންނެވެ. އަހަރެމެންގެ ޤިބްލަ ކަޢުބަތުލް މުޢައްޒަމާ އަށް ހެއްދެވުމަށް ލޮބުވެތި رَسُوْلُ اللهِ ﷺ، الله تعالى އަށް ދުޢާ ދެންނެވީއެވެ.

رَسُوْلُ اللهِ ﷺ ޢަޞްރު ނަމާދު (‏އެއް ރިވާޔަތެއް ގައި މަޣްރިބު ނަމާދޭ ވެސް ބުނެވޭ)‏ މި މިސްކިތުގައި އިމާމުވެ ކުރައްވަނިކޮށް، ކީރިތި قرآن ގެ سورة البقرة ގެ 144 ވަނަ އާޔަތުގައި (‏‏فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ‎﴿١٤٤﴾‏)‏ * البقرة: 144)‏ މާނައީ: "ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (‏އެބަހީ: كعبة الله ގެފުޅާ)‏ ދިމާ އަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ"! މިހެން ވަޙީކުރެއްވުމުން އެކަލޭގެފާނު އިރުދެކުނަށް ކަޢުބަތުލް މުޢައްޒަމާ އާ ދިމާ އަށް އެނބުރިބަޑައިގަތެވެ. މި މިސްކިތަށް "مسجد القبلتين" (‏ދެ ޤިބްލަ މިސްކިތް)‏ގެ ނަމުން ނަން ދެވުނީ އެހެން ވެގެންނެވެ.