މުޤައްދިމާ
އެކަލާނގެ ދެއްވި ނިޢުމަތްތަކަށާއި، ރަނގަޅު ޙާލަތްތަކަށް ޓަކައި الله تعالى އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. ޞަލަވާތާއި ސަލާމް ހުރީ އަހަރެމެންގެ ސައްޔިދު އަދި ވެރިޔާ، އެންމެ ތެދުރި އަދި އެންމެ އަދަބުވެރި އަދި އެންމެ އަޚްލާޤު ރަނގަޅު محمّد ﷺ އަށެވެ. އެކަލޭގެފާނުގެ ޠާހިރު أهل بيتންނާއި، ހުރިހާ އިޚްލާޞްތެރި ޞާލިޙު އަޞްޙާބުންނަށް ޞަލަވާތް ލައްވާށި އެވެ.
މީސްތަކުން ޒީނަތްތެރިކޮށް، ރިވެތިކޮށް، ލޯބިލިބިގެންވާ، އަދި އިޙްތިރާމް ލިބިގެންވާ ބަޔަކަށް ހަދައިދެނީ އެ މީހުންގެ ރިވެތި އަޚްލާޤެވެ. އެއްވެސް ދަރަޖައަކަށް، ނުވަތަ މަޤާމަކަށް، ނުވަތަ މުދަލަކަށް، ނުވަތަ އެހެން އެއްވެސް އެއްޗަކަށް ރިވެތި އަޚްލާޤުގެ މަޤާމު ނުލިބޭނެ އެވެ.
ހުރިހާ މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރި ފަރާތެވެ! خالق ގެ حبيب އެވެ! ނަބީބޭކަލުންގެ ސައްޔިދެވެ. ރަނގަޅު ކަމުގެ މަޞްދަރެވެ. މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅާއެވެ. އަދި މަތިވެރިކަމުގެ މަޞްދަރެވެ. އަޅުގަނޑުމެންގެ ޝަރަފުވެރި ނަބިއްޔާ އެވެ! އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކަލޭގެފާނަށް މަދަޙަކިޔާކަށެއް ނޫނެވެ. އެކަމަކު، އަޅުގަނޑުމެންގެ ލިޔުންތައް ކަލޭގެފާނާ އެކު އަގުހުރި އެއްޗަކަށް ހަދަމު އެވެ.
މާތް ﷲ ގެ ރަސޫލާ އެވެ! ތިބާ އަށް ޘަނާކިޔާނެ ބަހެއް އަޅުގަނޑަށް ނުފެނުނޭ،
އަޅަމެން އެންމެން ޚަލްޤުކުރެއްވީ ކަލޭގެފާނަށް ޓަކައޭ.
محمّد ﷺ އަކީ،الله تعالى ގެ ރަސޫލާ އެވެ. އެކަލޭގެފާނަކީ، އިންސާނިއްޔަތުގެ ސައްޔިދެވެ. ޤިޔާމަތް ދުވަހު، އެކަލޭގެފާނަކީ، އެކަލޭގެފާނަށް ތަބަޢަވީ މީހުން ނަރަކައިން ސަލާމަތްކުރާ މީހުންގެ ތެރެއިން އެންމެ ދީލަތި ބޭފުޅާ އެވެ.
ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ކަށްވަޅުން ތެދުވެވަޑައިގަންނަވާނެ ބޭކަލަކީ އެކަލޭގެފާނެވެ. އެންމެ ފުރަތަމަ ޝަފާޢަތް ދެއްވާނީ އެކަލޭގެފާނެވެ. އެންމެ ފުރަތަމަ ޤަބޫލުފުޅުކުރައްވާނީ އެކަލޭގެފާނުގެ ޝަފާޢަތެވެ. ސުވަރުގޭގެ ދޮރުގައި އެންމެ ފުރަތަމަ ޓަކި ޖައްސަވާނީ އެކަލޭގެފާނެވެ. އެ ދޮރު އެކަލޭގެފާނަށް ވަގުތުން ހުޅުވޭނެ އެވެ. "لواء الحمد" ނަމަކަށް ކިޔޭ ދިދަ ވާނީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ. آدم (عليه السّلام) އާއި، އެކަލޭގެފާނުގެ ދުވަސްވަރުން ފެށިގެން އައި ކޮންމެ މުއުމިނަކު ވެސް ވާނީ މި ދިދައިގެ ދަށުގައެވެ.
رَسُوْلُ اللهِ ﷺ ގެ حديثފުޅެއް ގައި ރިވާވަގެން އައިސްފައި ވެއެވެ.: "ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނަކީ، އެންމެ ފުރަތަމަ އައި މީހުންނާއި، އެންމެ ފަހުން އައި މީހުންގެ ސައްޔިދަކީ ތިމަންކަލޭގެފާނެވެ. ތިމަންކަލޭގެފާނު މި ޚަބަރު މި ދެއްވަނީ ޙައްޤު ތެދެވެ. މިއީ، ތިމަންކަލޭގެފާނު ފޮނިކެޑުމަށް ދައްކަވާ ވާހަކައެއް ނޫނެވެ". رَسُوْلُ اللهِ ﷺ ގެ އެހެން حديثފުޅެއް ގައި ރިވާވެގެން އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނަކީ، حبيب އެވެ. الله تعالى ގެ حبيب އެވެ. ތިމަންކަލޭގެފާނަކީ، ނަބިއްޔުންގެ ސައްޔިދެވެ. ތިމަންކަލޭގެފާނު މިހެން މި حديثކުރައްވަނީ ފޮނިކަނޑާކަށެއް ނޫނެވެ".
ތަފާތު އެކި އިސްލާމީ ބަސްބަހުން ލިޔެވިފައިވާ مولد ތަކުގައި ވާރިދުވެގެން އައިސްފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ ގެ މަންމާފުޅާއި، ބައްޕާފުޅަކީ ޠާހިރު ދެ ބޭފުޅުންނެވެ. ކީރިތި ޤުރްއާނަށް ފަހު ވާ އެންމެ އަގުހުރި އަދި އެންމެ ޞައްޙަ ފޮތް ކަމުގައިވާ البُخاري ގައި ރިވާވެގެން އައިސްފައިވާ رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވަރިދުވެގެން އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނު މި ދުނިޔެ އަށް ފޮނުއްވުނީ، ހުރިހާ ޒަމާނަކާއި، ވަގުތެއް ގައި އުޅުނު އެންމެ ރަނގަޅު އަދި އެންމެ ފާހަގަކުރެވޭ މީހުން މެދުވެރިކޮށެވެ".
އަދިވެސް، އަބަދު ވެސް އެންމެ ތެދުވެރި رَسُوْلُ اللهِ ﷺ حديثކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނަކީ، ނަބިއްޔުން (عليهم السّلام) ގެ ތެރެއިން އެންމެ ފަހުގެ ނަބިއްޔާ އެވެ. މިއީ ތިމަންކަލޭގެފާނު ފޮންޏަށް ދައްވާ ވާހަކައެއް ނޫނެވެ. ތިމަންކަލޭގެފާނަކީ، عبدالله ގެ ދަރިކަލުން محمّد އެވެ. الله تعالى އިންސާނުން ޚަލްޤުކުރެއްވި އެވެ. އެކަލާނގެ ތިމަންކަލޭގެފާނު ޚަލްޤުކުރެއްވީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު އިންސާނާގެ ގޮތުގައެވެ. الله تعالى އިންސާނުން މަޒްހަބުތަކަކަށް ބައިކުރެއްވި އެވެ. އެކަލާނގެ ތިމަންކަލޭގެފާނު ލެއްވެވީ އޭގެ އެންމެ ރަނގަޅު ބައިގައެވެ. ދެން އެކަލާނގެ މި ބައި ޤަބީލާތަކަކަށް ބައިލުރެއްވި އެވެ. އެކަލާނގެ ތިމަންކަލޭގެފާނު ލެއްވެވީ އޭގެ އެންމެ ރަނގަޅު ޤަބީލާގައެވެ. ދެން އެކަލާނގެ މި ޤަބީލާތައް ގެތަކަކަށް ބައިކުރެއްވި އެވެ. އެކަލާނގެ ތިމަންކަލޭގެފާނު މި ދުނިޔެ އަށް ފޮނުއްވީ އެންމެ ރަނގަޅު ގެއިން، މާނަ އަކީ އެންމެ ރަނގަޅު ޢާއިލާ އިންނެވެ. ތިމަންކަލޭގެފާނަކީ، މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު އިންސާނާ އެވެ. ތިމަންކަލޭގެފާނު ވަނީ އެންމެ ރަނގަޅު ޢާއިލާ އިންނެވެ. ޤިޔާމަތް ދުވަހު. އެންމެން ވާހަކަނުދައްކައި އަނގަމަޑުންލައިގެން ތިބޭ އިރު، ވާހަކަދައްކަވާނީ ތިމަންކަލޭގެފާނެވެ. މީހަކަށް ޙަރަކާތެއް ކޮށްނުލެވޭ އިރު، ޝަފާޢަތްދެއްވާނީ ތިމަންކަލޭގެފާނެވެ. އެއްވެސް މީހަކުގެ ކިބައިގައި އެއްވެސް އުއްމީދެއް ނެތުމުން، އެ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާނީ ތިމަންކަލޭގެފާނެވެ. އެ ދުވަހުން، ކޮންމެ ނިޢުމަތެއް، ކޮންމެ އެހީތެރިކަމެއް، ކޮންމެ ދޮރެއްގެ ތަޅުދަނޑި ވާނީ ތިމަންކަލޭގެފާނުގެ އަތްޕުޅުގައެވެ. "لواء الحمد" ވާނީ ތިމަންކަލޭގެފާނުގެ އަތްޕުޅުގައެވެ. ތިމަންކަލޭގެފާނަކީ، މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު އަދި އެންމެ ދީލަތި އިންސާނާ އެވެ. ތިމަންކަލޭގެފާނުގެ އަމުރުފުޅުގެ ދަށުގައި އެތަކެއް ހާސް ޚާދިމުން އެ ދުވަހު ތިބޭނެ އެވެ. ޤިޔާމަތް ދުވަހު، ހުރިހާ ނަބިއްޔުންގެ އިމާމަކަށް، އަދި ޚަޠީބަކަށް، އަދި ޝަފީޢަކަށް ވާނީ ތިމަންކަލޭގެފާނެވެ. މިއީ ތިމަންކަލޭގެފާނު ފޮންޏަށް ދައްވާ ވާހަކައެއް ނޫނެވެ. (ތިމަންކަލޭގެފާނު މި ބަޔާންކުރައްވަނީ ތެދު ޙަޤީޤަތެވެ. ތެދު ތަބްލީޣުކުރެއްވުމަކީ، ތިމަންކަލޭގެފާނުގެ ވާޖިބެވެ. ތިމަންކަލޭގެފާނު މި ވާހަކަތައް حديث ނުކުރައްވާ ނަމަ، ތިމަންކަލޭގެފާނުގެ ވާޖިބު އަދާކުރެއްވީ ކަމަކަށް ނުވާނެ އެވެ)".
އެކަލޭގެފާނަށް ޓަކައި މެނުވީ، الله تعالى އެއްވެސް އެއްޗެއް ޚަލްޤުނުކުރެއްވީހެވެ. އެކަލާނގެ އަކީ، އިލާހު ކަމަށް ކަޝްފުނުކުރެއްވީހެވެ. آدم (عليه السّلام) ފެނާއި، ބިމާ ދެމެދުގައި ވީ ހިނދު، ނުވަތަ އެކަލޭގެފާނުގެ ޚަލްޤުކުރެއްވުމަށް މަށިގަނޑު މޮޑުއްވަމުން ގެންދެވި އިރު، محمّد ﷺ އަކީ ނަބިއްޔެކެވެ.
محمّد ﷺ އަކީ، الله تعالى ގެ حبيب ކަމަށް ވުމާ އެކު، އެކަލޭގެފާނަށް ތަބަޢަވާ މީހުން حبيب ގެ ދަރަޖަ އަށް އުފުލޭނެ އެވެ. އެހެނީ، مُحِبُّ މާނަ އަކީ ލޯބިވެރިޔާ، حبيب ގެ އަޚްލާޤާއި، ނިޝާންތައް ހުންނަ މީހުން ދެކެ ލޯބިވެވޮޑިގަންނަވައެވެ.
މިފަދަ ރަސޫލަކަށް އީމާންވެ، އެންމެހާ އިންސާނުންގެ ސައްޔިދު އަދި އެންމެ މަތިވެރި އެކަލޭގެފާނަށް ތަބަޢަވާ މީހުން ވެގެންދާނީ އުއްމަތްތަކުގެ ތެރެއިން އެންމެ ރަނގަޅު އުއްމަތަށެވެ. ކީރިތި قرآن ގެ سورة آل عمران ގެ 110 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ ﴿١١٠﴾)* آل عمران: 110) މާނައީ: "މީސްތަކުންނަށް ޓަކައި ނެރުއްވި އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައި މީހުން ވީމުއެވެ". އެކަލޭގެފާނަށް އީމާންނުވެ، އެކަލޭގެފާނު ނުވިސްނި، އަދި އެކަލޭގެފާނަކީ އެމީހުން ފަދަ އިންސާނެއް ކަމަށް ދެކޭ މީހުންނަކީ، އެންމެ މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހުންނެވެ.
މިއަދު ދުނިޔޭގެ ޙާލަތު އޮތް ގޮތުން، އެކަލޭގެފާނުގެ ސުންނަތަށް ތަބަޢަވުން ނުވަތަ އިސްލާމް ދީން ޤަބޫލުކުރުމުގެ ޝަރަފު ލިބިގަތް މީހުންގެ ނަސީބު ގަދަކަމާ އެވެ.
ކީރިތި قرآن ގެ سورة النّساء ގެ 80 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ، محمّد ﷺ އަށް ތަބަޢަވުމަކީ، އެކަލާނގެ އަށް ތަބަޢަވުން ކަމަށެވެ. (مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ﴿٨٠﴾)* النّساء: 80) މާނައީ: "رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެ އެވެ". ކީރިތި قرآن ގެ سورة الحشر ގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ﴿٧﴾)* الحشر: 7) މާނައީ: "އަދި رسول އާ ތިޔަބައި މީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއް ގައި، ފަހެ، ތިޔަބައި މީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައި މީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައި މީހުން ދުރުވެގަންނާށެވެ!". މި ބަރަކާތްތެރި އާޔަތުން ދައްކުވައިދެނީ، އިސްލާމް ދީނަށް ތަބަޢަވުމަކީ ޟަރޫރީ ކަމެއް ކަމެވެ. ކީރިތި قرآن ގެ سورة القلم ގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤﴾)* القلم: 4) މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ".
الله تعالى ގެ ފަޟްލުވަންތަވެރިކަމުން، އެކަލޭގެފާނުގެ އުއްމަތުގެ ތެރޭގައި ލައްވައި، އަޅަމެންނަށް ވަނީ އެންމެ މަތިވެރި ނިޢުމަތް ދެއްވާފަ އެވެ. އެކަލޭގެފާނަށް ތަބަޢަވެ ކިޔަމަންވުމަކީ ޟަރޫރަތެއް ކަމަށް އެކަލާނގެ ވަނީ ވަރަށް ވަރަށް ސާފުކޮށް އަންގަވާފަ އެވެ. މި މަތިވެރި ނިޢުމަތަށް ޓަކައި. އަހަރެމެންނަށް الله تعالى އެކަށީގެންވާ ވަރަށް ޙަމްދާއި ޝުކުރު ދެންނެވުމުގެ ޤާބިލުކަމެއް ލިބިފައެއް ނުވެއެވެ.
މި ފޮތުން ރިވާކޮށްދެނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޅި އިންސާނިއްޔަތުގެ ޙަޤީޤީ ހިދާޔަތްދެއްވާ محمّد ﷺ ގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ރިވެތި އަޚްލާޤާއި، އެކަލޭގެފާނުގެ މުޢުޖިޒާތްތަކާއި، އެކަލޭގެފާނުގެ ރިވެތި ސިފަފުޅުތަކެވެ. އަދި މިފޮތުގައި ބަޔާންކޮށްދެނީ، އެކަލޭގެފާނަށް ތަބަޢަވުމަކީ، ދުނިޔެ އާއި، އާޚިރަތުގައި އުފާވެރިކަން ޙާޞިލުކުރުމަށް ޓަކައި ކުރަން އޮތް އެންމެ މުހިއްމު ވާޖިބުކަމެވެ.
އަހަރެމެންގެ އަމިއްލަ ނަފްސުތަކަށާއި، އަހަރެމެންގެ ޢާއިލާތަކަށާއި، އަހަރެމެންގެ ވަޠަނަށާއި، އަހަރެމެންގެ އުއްމަތަށް ފައިދާހުރި ބަޔަކަށް ވާން ބޭނުން ނަމަ، އަހަރެމެން محمّد ﷺ އަށް ތަބަޢަވާން ޖެހެއެވެ. މި ދުނިޔެ އާއި، އާޚިރަތު ގައި ހަމަޖެހުމާއި، އުފާވެރިކަން ލިބިގަތުމަށް ޓަކައި، އަހަރެމެން އެކަލޭގެފާނަށް ތަބަޢަވާން ޖެހެއެވެ.
الله تعالى އަޅަމެންގެ ހިތްތައް محمّد ﷺ ގެ ލޯބިން ފުރުއްވާދެއްވާ ދޭވެ! އަދި أهل السّنّة ގެ ޢިލްމުވެރިން ހާމަކުރައްވާފައިވާ ފަދައިން ތެދުވެރި މަގަށް އަޅަމެންނަށް ހިދާޔަތްދެއްވާދޭވެ! آمين!
ޕްރޮފެސަރ ޑރ. ރަމަޟާން އައިވައްލީ
