ލޮބުވެތި ރަސޫލާ

ފުރަތަމަ ބައި
އަހަރެމެންގެ ސައްޔިދު، ރަސޫލާ ކައުނުގެ ސުލްޠާން

"ކަލޭގެފާނަށް ޓަކައި މެނުވީ ތިމަން ރަސްކަލާނގެ އެއްވެސް އެއްޗެއް ނުހެއްދެވީމުއެވެ".
حديث قدسي

الصّلاة والسّلام عليك, يا رَسُوْلُ اللهِ
الصّلاة والسّلام عليك, يا حبيب الله
الصّلاة والسّلام عليك, يا سيّد الأولين والآخرين

محمّد (‏عليه السّلام)‏ އަކީ، ގެ الله تعالى ގެ ލޮބުވެތި ޙަބީބެވެ. އެކަލޭގެފާނަކީ، ހުރިހާ ގޮތަކުން ބަލާ އިރު ވެސް ދިރިއުޅެފައިވާ އެންމެހާ އިންސާނުންނާއި، އެހެނިހެން މަޚްލޫޤުންގެ ތެރެއިން އެންމެ ރިވެތި އަދި އެންމެ މަތިވެރި މަޚްލޫޤެވެ. އެކަލޭގެފާނު މަތިވެރިކުރައްވާފައިވަނީ الله تعالى އެވެ. އަދި އެކަލޭގެފާނަކީ، ހުރިހާ އިންސީންނާއި ޖިންނީންނަށް ފޮނުއްވި އެންމެ ފަހުގެ އަދި މަތިވެރި ނަބިއްޔާ އެވެ.

އެކަލޭގެފާނު ފޮނުއްވުނީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. އަދި ހުރިހާ އެއްޗެއް ހައްދަވާފައިވަނީ އެކަލޭގެފާނަށް ޓަކައެވެ. އެކަލޭގެފާނުގެ ބަރަކާތްލެއްވިގެންވާ ނަންފުޅަކީ محمّد އެވެ. އެ ބަހުގެ މާނައަކީ، ތަކުރާރުކޮށް އަދި ވަރަށް ބޮޑަށް ތަޢުރީފުކުރެވޭ އިންސާނާ އެވެ. އެކަލޭގެފާނަށް ބަރަކާތްލެއްވިގެންވާ އެހެން ނަންތައް ވެސް ދެއްވިފައި ވެއެވެ. އެއީ، أحمد، محمود، އަދި مصطفى އެވެ. އެކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅަކީ عبدالله އެވެ. އެންމެ މަތިވެރިވެރިވެގެންވާ ރަސޫލާ އުފަންވެ ވަޑައިގެންފައިވަނީ، ހިޖްރައިގެ 53 އަހަރު ކުރިން ހޯމަ ދުވަހުގެ ރޭގައި ރަބީޢުލް އައްވަލް މަހުގެ 12 ގައި މައްކާގައެވެ. ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެ ދުވަސް ދިމާވަނީ މީލާދީން 12 އޭޕްރީލް 571 މި ދުވަހާ އެވެ.

އެކަލޭގެފާނު އުފަންވެ ވަޑައިގަތުމުގެ މަދު މަސްތަކެއް ކުރިން، ބައްޕާފުޅު عبدالله ގެފާނު އަދި ޢުމުރުފުޅުން 6 އަހަރު ގައި އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުގެފާނު އަވަހާރަވި އެވެ. އެ ސަބަބަށް ޓަކައި، އަހަރެމެންގެ ސައްޔިދު ރަސޫލާ އަށް ޛުއްރުލް ޔަތީމް އޭ ކިޔުނެވެ. ޢުމުރުފުޅުން 8 އަހަރު ވަންދެން ދިރިއުޅުއްވީ އެކަލޭގެފާނުގެ ކާފާފުޅު عبدالمطّلب ގެ ފާނުގެ އަރިހުގައެވެ. އަދި ކާފާފުޅު އަވަހާރަވުމުން، ދެން ދިރިއުޅުއްވީ ބޮޑުބޭބޭފުޅު أبو طالب ގެ ފާނުގެ އަރިހުގައެވެ. ޢުމުރުފުޅުން 25 އަހަރުވުމުން ކައިވެނި ބައްލަވައިގަތީ خديجة ގެފާނާ އެވެ. އެކަލޭގެފާނުގެ ފުރަތަމަ ދަރިފުޅުގެ ނަމަކީ ޤާސިމެވެ. ޢަރަބިންގެ ތެރޭގައި ފިރިހެން ދަރިފުޚުގެ ބައްޕަގެ ނަމުން ނަންދެވޭ އިރު، އެކަލޭގެފާނަށް "أبو قاسم"، ޤާސިމްގެ ބައްޕަގެ ނަމުން ނަން ދެވުނެވެ.

އެކަލޭގެފާނަށް ސާޅީސް އަހަރު ވުމުން، އެކަލޭގެފާނަކީ ހުރިހާ އިންސީންނާއި ޖިންނީންގެ ރަސޫލާ ކަމަށް الله تعالى އެންގެވިއެވެ. އޭގެ ތިން އަހަރު ފަހުން އެންމެހާ މީސްތަނުންނަށް އީމާންވުމަށް ގޮވާލައްވަން ފެއްޓެވި އެވެ. ޢުމުރުފުޅުން ފަންސާސް ދެ އަހަރު ފުޅުގައި މިޢުރާޖު1 އަރައިވަޑައިގެންނެވި އެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން ފަންސާސް ތިން އަހަރު ފުޅުވުމުން (‏އޭޑީ 51)‏ އެކަލޭގެފާނު މައްކާ އިން މަދީނާ އަށް މީލާދީން 622 ގައި ހިޖުރަކުރެއްވި އެވެ. އެކަލޭގެފާނު ހަތާވީސް ފަހަރު ހަނގުރާމަ އަށް ވަޑައިގަތެވެ. އަދި އޭގެ ތެރެއިން ނުވަ ހަނގުރާމައެއް ގައި ސިފައިންގެ ބޭކަލެއްގެ ގޮތުގައި ހަނގުރާމަ ކުރެއްވި އެވެ. އެހެން ހަނގުރާމަތަކުގައި ހުންނެވީ ކޮމާންޑަރ އިން ޗީފް ގެ ގޮތުގައެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީ ހިޖުރައިން 11 ވަނަ (‏މީލާދީން 632)‏ އަހަރުގެ ރަބީޢުލް އައްވަލް މަހެއްގެ 12 ވީ ހޯމަ ދުވަހެއްގެ މެންދުރު ކުރިން އެކަލޭގެފާނުގެ ޢުމުރުފުޅުން 63 އަހަރު ފުޅުގައި مدينة المُنوّرةގައެވެ.

الله تعالى ހުތިހާ ނަބީންނަށް ނަމުން މުޚާޠަބުކުރެއްވި ނަމަވެސް، އެކަލޭގެފާނަށް ތަޢުރީފުކުރެއްވީ ތިމަން ރަސްކަލާނގެ حبيب ގެ ގޮތުގައެވެ. ކީރިތި قرآن ގެ އާޔަތެއްގައި2 މާތް ﷲ ވަޙީކުރައްވާފައިވަނީ (‏وَمَآ أَرْسَلْنَـٰكَ إِلَّا رَحْمَةًۭ لِّلْعَـٰلَمِينَ* الأَنبياء: 107)‏. މާނައީ: "އަދި عالم ތަކަށް رحمة އެއް ކަމުގައި މެނުވީ، ތިމަން ރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ3". އަދި ޤުދްސީ ޙަދީޘެއް ގައި ވަޙީކުރައްވާފައިވަނީ "ކަލޭގެފާނަށް ޓަކައި މެނުވީ ތިމަން ރަސްކަލާނގެ އެއްވެސް އެއްޗެއް ނުހެއްދެވީމުއެވެ".4

ސައްޔިދު ޢަބްދުލްޙަކީމް އަރްވާސީ ވިދާޅުވީ ފަދައިން، ކޮންމެ ނަބިއްޔަކީ އެ ބޭކަލެއްގެ ޒަމާނާއި ތަނުގައި، ހުރިހާ ގޮތަކުން ބަލާ އިރު ވެސް އެ ބޭކަލެއްގެ ޤައުމުގެ މީހުންނަށް ވުރެ މަތިވެރި ބޭކަލެކެވެ. އެކަމަކު، محمّد (‏عليه السّلام)‏ އަކީ ދުނިޔެ ހެއްދެވީއްސުރެ ޤިޔާމަތާ ޖެހެންދެން މި ދުނިޔެއަށް އައިސްފައިވާ އަދި އަންނާނެ ހުރިހާ މަޚްލޫޤުންނަށް ވުރެ އެންމެ މަތިވެރި މަޚްލޫޤެވެ. އެކަލޭގެފާނަށް ވުރެ މަތިވެރި އެއްވެސް މީހެއް ނެތެވެ. ޖަނާބުލް ޙައްޤު އެކަލޭގެފާނު ހެއްދެވީ އެފަދައިންނެވެ".

އެކަލޭގެފާނުގެ ބަރަކާތްތެރި ނޫރު ހެއްދެވުން

(‏وَتَقَلُّبَكَ فِى ٱلسَّـٰجِدِينَ * الشعراء: 219)‏. މާނައީ: "އަދި سجدة ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު حركات ތެރިވެވަޑައިގަންނަވާ ތަން ވެސް އެކަލާނގެ ދެކެވޮޑިގެން ވެއެވެ".

الله تعالى ހުރިހާ އެއްޗެއް ހެއްދެވުމުގެ ކުރިން، މާނައަކީ، އެކަލާނގެ އެއްވެސް އެއްޗެއް ހެއްދެވުމުގެ ކުރިން، އަހަރެމެންގެ ލޮބުވެތި ރަސޫލާ محمّد (‏عليه السّلام)‏ ގެ ނޫރު އުފެއްދެވި އެވެ. ގިނަ ތަފްސީރު ޢިމްލުވެރިންނާއި، حديث ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، އެކަލޭގެފާނުގެ ނޫރުން އެކަލާނގެ ވަނީ ދާއިމަށް ދެމިހުންނަ މަތިވެރި މާއްދާއެއް އުފައްދަވާފައެވެ. އެ މަތިވެރި މާއްދާއިން އެ ކަލާނގެ އުފެއްދެވީ މުޅި ކާއިނާތެވެ. އެ މާއްދާ އަށް ކިޔޭ ނަމަކީ، "نور المحمّد" (‏محمّدފާނުގެ ނޫރު)‏ އެވެ. ހުރިހާ ރޫޙަކާއި، ހުރިހާ އެއްޗެއްގެ ފެށުމާއި މަޞްދަރަކީ އެއީއެވެ.

އެއް ދުވަހަކު ޞަޙާބީއެއް ކަމުގައިވާ جابر بن عبدالله ދެންނެވިއެވެ. "މާތް ﷲ ގެ ރަސޫލާއެވެ. ހުރިހާ އެއްޗެއްގެ ކުރިން އުފެއްދެވީ ކޯއްޗެއް ތޯ އެވެ؟" އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "އެކަލާނގެ ތިބާގެ ރަސޫލާ، މާނައަކީ ތިމަންކަލޭގެފާނުގެ ނޫރު ޚުދު އެކަލާނގެ ނޫރުން ހެއްދެވީ ހުރިހާ އެއްޗަކަށް ވުރެ ކުރިންނެވެ. އޭރަކު އަދި لوح އެއް، قلم އެއް، ސުވަރުގެއެއް، ނަރަކައެއް، މަލާއިކަތެއް، އުޑެއް، ބިމެއް، އިރެއް، ހަނދެއް، އިންސީންނެއް، ޖިންނީންނެއް ނުހައްދަވައެވެ".

آدم (‏عليه السّلام)‏ ގެ ބަރަކާތްތެރި ހިތާއި ހަށިގަނޑު محمّدގެފާނުގެ ނޫރު އެކަލޭގެފާނުގެ ދެ ބުމަފުޅު ދޭތެރެއަށް ލެވުނެވެ. އެކަލޭގެފާނުގެ ފުރާނަ އެޅުއްވި އިރު، آدم (‏عليه السّلام)‏ އަށް އެކަލޭގެފާނުގެ ނިތްކުރީގައި ތަރިއެއް ހެން ވިދާބަބުޅާ ނޫރެއް ފެނިވަޑައިގަތެވެ.

آدم (‏عليه السّلام)‏ ހެއްދެވުނު އިރު، އިލްހާމުން އެކަލޭގެފާނަށް އެނގިވަޑައިގަތީ ޖަނާބުލްޙައްޤު އެކަލޭގެފާނާ މުޚާޠަބުކުރެއްވީ "أبو محمّد"، މާނައަކީ محمّدގެ ބައްޕާފުޅު ގެ ނަމުންނެވެ. އެކަލޭގެފާނު ދެންނެވި އެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަސުވާމީންގެ ތިމަން އަޅާ އަށް أبو محمّد ގެ ނަމުން ނަން ދެއްވީ ކީއްވެގެން ތޯ އެވެ؟" الله تعالى އެކަލޭގެފާނަށް ވަޙީކުރެއްވި އެވެ. "އޭ آدم އެވެ! ކަލޭގެފާނުގެ ބޯ އުފުއްލަވާށެވެ!" آدم (‏عليه السّلام)‏ އެކަލޭގެފާނުގެ ބޯ އުފުއްލެވުމުން އެކަލޭގެފާނަށް ފެނިވަޑައިގަތީ العرش الأعلى5 ގައި ނޫރުން أحمد ލިޔެވިފައިވާ ތަނެވެ. ދެން އެކަލޭގެފާނު އެއްސެވި އެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މީ ކާކު ތޯ އެވެ؟" الله تعالى ވަޙީކުރެއްވި އެވެ. "މިއީ ކަލޭގެފާނުގެ ދަރިފަސްކޮޅުން އަންނާނެ ރަސޫލުބޭކަލެކެވެ. އެކަލޭގެފާނުގެ ނަންފުޅަކީ އުޑުތަކުގައި އަޙްމަދު އެވެ. އަދި ބިންމަތީ ގައި محمّد އެވެ. އެކަލޭގެފާނަށް ޓަކައި މެނުވީ ތިމަން ރަސްކަލާނގެ ކަލޭގެފާނު ނުހެއްދެވީމުއެވެ. އަދި ބިމެއް ވެސް އަދި އުޑުތަކެއް ވެސް ނުހެއްދެވީމެވެ".6

އެކަލޭގެފާނުގެ ނޫރު ނިތްކުރިން ނިތްކުރިއަށް ދިއުން

آدم (‏عليه السّلام)‏ ހެއްދެވުނު އިރު، އަހަރެމެންގެ ލޮބުވެތި ރަސޫލާ محمّد (‏عليه السّلام)‏ ގެ ނޫރު އެކަލޭގެފާނުގެ ނިއްކުރިފުޅު ގައި ލެއްވުނެވެ. އެ ނޫރު އެކަލޭގެފާނުގެ ނިތްކުރިފުޅުގައި ވިދާބަބުޅަން ފެށިއެވެ. "تفسير المظهري" ގައި ލިޔެވިފައިވާ ގޮތުން، آدم (‏عليه السّلام)‏ އިން ފެށިގެން މި ނޫރު ވަނީ ޢިއްފަތްތެރި ބަފައިންގެ ފަރާތުން ޢިއްފަތްތެރި މަންމައިންނަށް ވާޞިލުވަމުންވަމުން ގޮސް، އަހަރެމެންގެ ސައްޔިދު ރަސޫލާ އަށް ވާޞިލުވިއެވެ. الله تعالى ވަނީ މިކަން ކީރިތި ޤުރްއާން ގެ އާޔަތެއް ގައި ވަނީ ބަޔާންކުރައްވާފައެވެ.:

(‏وَتَقَلُّبَكَ فِى ٱلسَّـٰجِدِينَ * الشعراء: 219)‏. މާނައީ: "އަދި سجدة ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު حركات ތެރިވެވަޑައިގަންނަވާ ތަން ވެސް އެކަލާނގެ ދެކެވޮޑިގެން ވެއެވެ".7

ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ حديثފުޅެއް ގައި އައިސްފައިވާ ގޮތުގައި، "އިންސާނުން ހެއްދެވީ الله تعالى އެވެ. އެކަލާނގެ ތިމަން ކަލޭގެފާނު ހެއްދެވީ އެންމެ ރަނގަޅު އިންސާނުންގެ ފަރާތުންނެވެ. އެއަށް ފަހު އެކަލާނގެ (‏ޢަރަބި ކަރައިން)‏ އެންމެ ރަނގަޅު އިންސާނުން ޚިޔާރުކުރެއްވި އެވެ. އެކަލާނގެ ތިމަން ކަލޭގެފާނު ހެއްދެވީ އެ މީހުންގެ ކިބައިންނެވެ. ދެން އެންމެ ރަނގަޅު ގެއާއި، އެންމެ ރަނގަޅު ޢާއިލާ ޚިޔާރުކުރެއްވުމަށް ފަހު ތިމަން ކަލޭގެފާނު ހެއްދެވި އެވެ. އެހެންކަމުން، ތިމަން ކަލޭގެފާނުގެ ރޫޙާއި، ޖިސްމަކީ އެންމެހާ މަޚްލޫޤޫންގެ ތެރެއިން އެންމެ ރަނގަޅު ރޫޙާއި ޖިސްމެވެ. އިންސާނުންގެ ތެރެއިން އެންމެ ރަނގަޅީ ތިމަން ކަލޭގެފާނުގެ ނަސަބާއި، ކާބަފައިންނެވެ".

އެހެން حديثފުޅެއް ގައި އަންގަވާފައި ވެއެވެ. "الله تعالى ހުރިހާ އެއްޗެއް ހެއްދެވީ ނެތުމުގެ ތެރެއިންނެވެ. ހުރިހާ އެއްޗެއްގެ ތެރެއިން، އެކަލާނގެ އިންސާނުން ދެކެ ރުއްސަވައި، އަގުހުރި ބައެއް ކަމުގައި ލެއްވި އެވެ. އިންސާނުންގެ ތެރެއިން، ޢަރަބި ކަރައިގައި އަހުލުވެރިވުމަށް އެކަލާނގެ ޚިޔާރުކުރެއްވި ބަޔަކު ވެއެވެ. އަދި ޢަރަބި ކަރައިގެ ކަމުވޮށިގެންވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ކަލޭގެފާނު ޚިޔާރުކުރެއްވި އެވެ. އެކަލާނގެ ތިމަންކަލޭގެފާނު ލެއްވެވީ ހުރިހާ ޢުމުރެއްގެ މީހުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެންމެ ރަނގަޅު މީހުންގެ ތެރޭގައެވެ. އެހެންކަމުން، ޢަރަބި ކަރައިގައިވާ ތިމަން ކަލޭގެފާނަށް އީމާންވީ މީހުން ދެކެ ލޯބިވާ މީހުން އެ މީހުން ދެކެ ލޯބިވަނީ ތިމަން ކަލޭގެފާނަށް ޓަކައެވެ. އެބައި މީހުންނަށް ޢަދާވާތްތެރިވާ މީހުން ތިމަން ކަލޭގެފާނާ ޢަދާވާތްތެރި އެވެ'.

ޙައްޤު ތަޢާލާ آدمގެފާނު ހެއްދެވިއޭ،
آدمގެފާނާ އެކު ޢާލަމްތައް ޒީނަތްތެރިކުރެއްވިއޭ.
آدمގެފާނަށް ސަޖިދަ ޖެހުމަށް ﷲ މަލާއިކަތުންނަށް އެންގެވިއޭ،
އެކަލާނގެ އެކަލޭގެފާނަށް ގިނަގުނަ ނިޢުމަތްތައް ދެއްވިއޭ.
އެކަލާނގެ މުޞްޠަފާގެ ނޫރު އެކަލޭގެފާނުގެ ނިތްކުރިފުޅުގައި ލެއްވިއޭ،
ފަހެ ދަންނާށެވެ. މިއީ އަހަރެންމެ ލޮބުވެތި ރަސޫލާގެ ނޫރޭ.
އެ ނޫރު ސާބިތުވީ އެކަލޭގެފާނުގެ ނިތްކުރިފުޅުގައޭ،
އެތަކެއް ޒަމާނަތަކަކަށް އެ ނުރު އެކަލޭގެފާނާ އެކުވިއޭ.
ދަންނާށެވެ. ދެން އެ ނޫރު ބަދަލުވީ ޙައްވާފާނުގެ ނިތްކުރިއަށޭ،
އެކަމާނާއާ އެކުގައި ވެސް އެ ނޫރު އެތަކެއް މަސްތަކާއި އަހަރުތަކަކަށް ވިއޭ.
ޝިސް އުފަންވެވަޑައިގަތުމަށް ފަހު، އެ ނޫރު ނަޤްލުވީ އެކަލޭގެފާނަށޭ،
ނޫރު ހަރުލީ އެކަލޭގެފާނުގެ ނިތްކުރިފުޅުގައޭ.
އެ ނުރު إبراهيمގެފާނާއި، އިސްމާޢީލުގެފާނާ ހަމައަށް ވެސް ވާޞިލުވިއޭ،
އިތުރަށް ކިޔައިދީފިނަމަ ވާހަކަ ވަރަށް ދިގުވާނެއޭ.
މިގޮތަށް އެކަކަށް ފަހު އަނެކަކަށް ވާޞިލުވަމުން ދިޔައޭ،
އެ ނުރު މުޞްޠަފާ އާ ހަމައަށް ވާޞިލުވުމަށް ދާންދެނޭ.
ދުނިޔެއަށް ރަޙްމަތެއް ކަމުގައި އައޭ،
އެ ނުރު އެކަލޭގެފާނާ ހަމައަށް ވާޞިލުވެ އެކަލޭގެފާނާ އެކު ވިއޭ.
ތިބާ އަލިފާނުން މިންޖުވާން ބޭނުން ނަމަ،
ލޯތްބާ އެކު ދާއިމަށް ޞަލަވާތްކިޔަވާށޭ.

ފުރަތަމަ ހެއްދެވި އިންސާނާ ކަމުގައިވާ آدم (‏عليه السّلام)‏ ގެ ނިތްކުރިފުޅުގައި ނޫރު ބަބުޅާ ވިދާލީ، محمّد (‏عليه السّلام)‏ ގެ ޒައްރާއެއް އެކަލޭގެފާނުގެ ކިބައިގައި ވުމުންނެވެ. މި ނޫރު އެކަލޭގެފާނުގެ ނިތްކުރިފުޅު ގައި ވިދާބަބުޅަމުން ދިޔަ އެވެ. މި ޒައްރާ ޙައްފާގެފާނަށް ވާޞިލުވެ، އެކަމަނާގެ ފަރާތުން ޝީސް އަށް ވާޞިލުވެ، ޢިއްފަތްތެރި އަންހެން ކަނބަލުންނަށް ވާޞިލުވެ، އޭގެ ފަހުން ޢިއްފަތްތެރި އަންހެން ކަނބަލުންގެ ކިބައިން ޢިއްފަތްތެރި ފިރިހެން ބޭކަލުންނަށް ވާޞިލުވިއެވެ. އެ ޒައްރާއާ އާއެކު محمّد (‏عليه السّلام)‏ ގެ ނޫރު ޠާހިރު ނިޔްކުތިތަކުން އެހެން ޠާހިރު ނިތްކުރިތަކަށް ވާޞިލުވަމުން ދިޔައެވެ.

މަލާއިކަތުން آدم (‏عليه السّلام)‏ އަށް ބެއްލެވި ކޮންމެ ފަހަރަކު، އެ ބޭކަލުންނަށް ފެނިވަޑައިގަތީ محمّد (‏عليه السّلام)‏ ގެ ނޫރެވެ. އަދި آدم (‏عليه السّلام)‏ ގެ ފާފަ ފުއްސެވުމަށް އެ ބޭކަލުން ދުޢާ ދެންނެވި އެވެ.

އެކަލޭގެފާނު މަރުގެ ތުންފަތް މަތީގައި އޮންނެވި އިރު، آدم (‏عليه السّلام)‏ އެކަލޭގެފާނުގެ ދަރިފުޅު شيس (‏عليه السّلام)‏ އާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ. "އަހަރެންގެ ދަރިފުޅާ އެވެ! ދަރިފުޅުގެ ނިތްކުރުފުޅުގައި ތި ވިދާ ބަބުޅަމުންދާ ނޫރަކީ އެންމެ ފަހުގެ ނަބިއްޔާ محمّد (‏عليه السّلام)‏ ގެ ނޫރެވެ. މި ނޫރު، ﷲ އަށް އީމާންވާ ޠާހިރު ޢިއްފަތްތެރި އަންހެން ބޭކަނބަލުންނާ ވާޞިލުކޮށްދެއްވައި، ކަލޭގެފާނުގެ އެންމެ ފަހު އެދުމެއްގެ ގޮތުން ކަލޭގެފާނުގެ ފިރިހެން ދަރިފުޅަށް ވަޞިއްޔަތްކުރައްވާށެވެ!"

محمّد (‏عليه السّلام)‏ އަށް ވާޞިލުވުމާ ހަމައަށް ހުރިހާ ބަފައިން ވެސް ދަރިންނަށް މި ވަޞިއްޔަތް ކުރެއްވި އެވެ. އެ ހުރިހާ ބޭކަލުން އެ ވަޞިއްޔަތާ އެއްގޮތަށް ޢަމަލުކުރެއްވީ، އެންމެ މާތް، އެންމެ ޢިއްފަތްތެރި އަންހެން ކަނބަލުންނާ ކައިވެނިބައްލަވައިގަނެގެންނެވެ.

"އަހަރެންގެ ދަރިފުޅާއެވެ! ދަރިފުޅުގެ ނިތްކުރީގައި ވިދާ ބަބުޅަމުން އެދަނީ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދުގެފާނުގެ ނޫރެވެ. މި ނޫރު، ﷲ އަށް އީމާންވާ ޠާހިރު އަދި ޢިއްފަތްތެރި ކަނބަލުންނާ ޙަވާލުކުރައްވައި، ދަރިފުޅުގެ ފިރިހެން ދަރިފުޅަށް ފަހު ވަޞިއްޔަތެއްގެ ގޮތުގައި ވެސް އެހެން ވިދާޅުވާށެވެ!"
آدم (‏عليه السلام)‏

މި ޢިއްފަތްތެރި ބޭކަލުންނާއި، ބޭކަނބަލުންގެ ނިތްކުރިފުޅުތަކުން ވާޞިލުވަމުން ގޮސް އޭގެ ވެރި ބޭފުޅާ އާ ހަމައަށް ވާޞިލުވިއެވެ. ﷲ ގެ ރަސޫލާގެ ކާފާފުޅެއްގެ ދެ ފިރިހެން ދަރިން ތިއްބެވި ނަމަ، ނުވަތަ ޤަބީލާއެއް ދެ ގޮތްޕަށް ބެހިފައިވާ ނަމަ، އަހަރެމެންގެ ރަސޫލާ محمّد (‏عليه السّلام)‏ ގެ ނޫރުފުޅު ވީ އޭގެ ތެރެއިން އެންމެ ރަނގަޅު ފަޅީގައެވެ. ކޮންމެ ޤަރުނެއް ގައި، އެކަލޭގެފާނުގެ ކާފާފުޅު ސާފުކޮށް އެނގިގެންދިޔައީ، ނިތްކުރިފުޅުގައި ވީ ނޫރުންނެވެ. އެކަލޭގެފާނުގެ ނޫރުފުޅު އުފުއްލެވި ފާހަގަކުރެވޭ ނަސަބެއް ވިއެވެ. ކޮންމެ ޤަރުނެއް ގައި ވެސް އެކަލޭގެފާނުގެ ނަސަބުގެ ބޭފުޅާ އަށް ވަރަށް އުޖާލާ އަލި މޫނެއް ލިބިގެން ވިއެވެ. އެ ނުރުން، އެ ބޭކަލަކުގެ އަޚުންގެ މެދުގައި ވަކިން ފާހަގަކުރެވޭ ބޭކަލަކަށް ވިއެވެ. އަދި އެކަލޭގެފާނު ނިސްބަތްވި ޤަބީލާއެއް ވެގެންދިޔައީ، އެހެން ޤަބީލާތަކަށް ވުރެ މާ މަތިވެރި އަދި މާ ޢިއްޒތްތެރި ޤަބީލާއަކަށެވެ.8

އެކަލޭގެފާނުގެ ޙަދީޘެއް ގައި، އަހަރެމެންގެ ކައު ޞާޙިބާ، رَسُوْلُ اللهِ ﷺ حديثކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ އެއްވެސް ކާފައެއް ޒިނޭއެއް ނުކުރައްވައެވެ. الله تعالى ތިމަން ކަލޭގެފާނު ހެއްދެވީ އެންމެ ޠާހިރު އަދި ރަނގަޅު ބަފައިންނާއި، ޠާހިރު މައިންގެ ކިބައިންނެވެ. ތިމަން ކަލޭގެފާނުގެ ކާފައިންގެ ތެރެއިން އެކަކަށް ދެ ފިރިހެން ކުދިން ލިބިފައި ތިބި ނަމަ، އޭގެ ތެރެއިން އެންމެ މަޤްބޫލު އެންމެ ރަނގަޅު ވީހީ ތިމަން ކަލޭގެފާނެވެ".

آدم (‏عليه السّلام)‏ ގެ ފަހުން މި ނޫރު ދަރިޔަކަށް ފަހު ދަރިޔަކަށް ނަޤްލުވަމުން ގޮސް تارح އަށް ވާޞިލު، އެ ކަލޭގެފާނުގެ ދަރިފުޅު إبراهيم (‏عليه السّلام)‏ އަށް ފޯރިއެވެ. އޭގެ ފަހުން ވާޞިލުވީ އެކަލޭގެފާނުގެ ދަރިފުޅު إسماعيل (‏عليه السّلام)‏ އަށެވެ. މި ނޫރު އެކަލޭގެފާނުގެ ނިތްކުރުފުޅުގައި އިރު ފަދައިން ވިދާބެބުޅުމަށް ފަހު ނަޤްލުވީ އެކަލޭގެފާނުގެ ފިރިހެން ދަރިން ކަމުގައިވާ عدنان އަށް، އޭގެ ފަހުން معدّ އަށް، އަދި އޭގެ ފަހުން نزار އަށެވެ. نزار ގެފާނުގެ އުފަންވުމަށް ފަހު އެކަލޭގެފާނުގެ ނިތްކުރިފުޅުން ނޫރު ފެނިވަޑައިގަތުމުން ވީ އުފާފުޅުން ކެއުމެއް ދެއްވައި ވިދާޅުވި އެވެ. "މި ކެއުމަކީ މިފަދަ ދަރިފުޅަކަށް އަދި ކުޑަ މިންވަރެކެވެ". ވުމާއެކު، އެކަލޭގެފާނުގެ ނަމަކަށް ނިޒާރު ހަރުވެގެން ދިޔައެވެ. މާނައަކީ ކުޑަ މިންވަރެވެ. އެކަލޭގެފާނަށް ފަހުން، ޙަޤީޤީ ވެރިޔާ އަހަރެމެންގެ ލޮބުވެތި ރަސޫލާ خاتم الأنبياء محمّد (‏عليه السّلام)‏ އަށް އެ ނުރު ފޯރުމަށް ދާންދެން އެ ގޮތަށް ނަޤުލުވިއެވެ.

އަހަރެމެންގެ ކައު ޞާޙިބާ ރަސޫލާ حديث ކުރައްވާފައި ވެއެވެ. "ތިމަން ކަލޭގެފާނަކީ عدنان ގެ ދަރި، معد ގެ ދަރި، نزارގެ ދަރި، مضر ގެ ދަރި، إلياس ގެ ދަރި، مدركة (‏عامر)‏ ގެ ދަރި، خزيمة ގެ ދަރި، كنانة ގެ ދަރި، نضر ގެ ދަރި، مالك ގެ ދަރި، فهر ގެ ދަރި، غالب ގެ ދަރި، لؤيّ ގެ ދަރި، كعب ގެ ދަރި، مرّة ގެ ދަރި، كلاب ގެ ދަރި، قصيّ (‏زيد)‏ ގެ ދަރި، عبد المناف (‏مغيرة)‏ ގެ ދަރި، هاشم (‏عامر)‏ ގެ ދަރި، عبد المطّلب ގެ ދަރި، عبد الله ގެ ދަރި، محمّد އެވެ.9

رَسُوْلُ اللهِ ﷺ ގެއެހެން ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "إبراهيمގެފާނުގެ ދަރިފަސްކޮޅުން، ޚިޔާރުކުރެއްވީ إسماعيل ގެ ފާނެވެ. އަދި إسماعيل ގެ ފާނުގެ ދަރިފަސްކޮޅުން ޚިޔާރުކުރެއްވީ އެކަލާނގެ ޚިޔާރުކުރެއްވީ كِنانة ޢާއިލާ އެވެ. އަދި كنانة ގެ ދަރިކޮޅުން ޚިޔާރުކުރެއްވީ قريش ވަންހަ އެވެ. އަދި قريش ވަންހައިގެ ދަރިފަސްކޮޅުން ޚިޔާރުކުރެއްވީ هاشم ވަންހަ އެވެ. އަދި هاشم ގެ ދަރިފަސްކޮޅުން ޚިޔާރުކުރެއްވީ عبدالمطّلب ގެ ޢާއިލާ އެވެ. އަދި އެ މީހުންގެ ތެރެއިން އެކަލާނގެ އިޚްތިޔާރުކުރެއްވީ ތިމަން ކަލޭގެފާނެވެ".10

عدنان ފާނާ ހަމައަށް رَسُوْلُ اللهِ ﷺ ގެ ނަސަބު:
محمّد (‏عليه السّلام)‏
عبدالله
عبد المطّلب
هاشم (‏عامر)‏
عبد المناف (‏مغيرة)‏
قصيّ (‏زيد)‏
كِلاب
مرّة
كعب
لُؤَيُّ
غالب
فهر
مالك
نضر
كنانة
خزيمة
مدركة (‏عامر)‏
إلياس
مضر
نزار
معد
عدنان

އެކަލޭގެފާނުގެ ކާފާފުޅު عبدُالمُطّلب ގެފާނު

އަހަރެމެންގެ ސައްޔިދު ރަސޫލާ (‏صلّى الله عليه وسلّم)‏ ވަޑައިގަތީ، ޤުރައިޝް ވަންހައިގެ ހާޝިމް (‏هاشم ވަންހަ)‏ ގެ ފިރިހެން ދަރިންގެ ފަރާތުންނެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ޢަބްދުﷲ ގެ ފާނެވެ. ޢަބްދުﷲ ގެފާނުގެ ބައްޕާފުޅަކީ شَيبَة އެވެ. އަހަރެމެންގެ ރަސޫލާގެ ކާފާފުޅު شَيبَة އުފަންވެވަޑައިގަތީ މަދީނާގައެވެ. شَيبَةގެ ބައްޕާފުޅު ހާޝިމް އަވަހާރަވީ އިރު އެއީ އަދި ކުޑަކުއްޖެކެވެ. އެއްދުވަހަކު އެކުވެރިންނާ އެކު، މަންމާފުޅު ފަރާތުގެ ބޮޑުބޭބެގެ ގެ ކުރިމަތީގައި ދުނިދަނޑި ޖައްސަވަން ފަރިތަކުރައްވަން އުޅުއްވި އެވެ. އެ ކުދިން ކުޅޭތަން ބަލަން ތިބި ބޮޑެތި މީހުން، شَيبَةގެ ނިތްކުރިން ނޫރު ފެނި، އެއީ މާތް ބޭކަލެއްގެ ދަރިފުޅެއް ކަމަށް ދެކި އެ ކަލޭގެފާނާ ގަޔާވިއެވެ. شَيبَة އަށް ދުނިދަނޑި ޖައްސަވަން ވުމުން، އެ ކަލޭގެފާނުގެ ދުނިދަނޑި ފަތުރުއްވާ ދުނި ފޮނުވާލެއްވި އެވެ. އެ ދުނި އަމާޒަށް ދިއުމުން އެކަލޭގެފާނު އުފަލުން ވިދާޅުވިއެވެ. "އަހަންނަކީ ހާޝިމްގެ ދަރިއެވެ. އަހަރެމެންގެ ދުނި އަމާޒަށް ވާޞިލުވާނެކަން ގައިމުތާ އެވެ". އެކަލޭގެފާނުގެ އެ ބަސްތަކުން އެ މީހުންނަށް އެނގިގެންދިޔައީ، އެއީ މައްކާގެ ހާޝިމްގެ ދަރިކަލެއް ކަމެވެ. އޭރު ހާޝިމް ވަނީ އަވަހާރަވެފައެވެ.

ޢަބްދުލް މަނާފު ވަންހައިގެ މީހަކު މައްކާ އަށް އެނބުރި އައުމުން، އޭނާ ހާޝިމްގެ އަޚް މުއްޠަލިބަށް ދެންނެވި އެވެ. "މަދީނާ ގައި ހުރި ތިބާގެ އަޚާގެ ފިރިހެންދަރިފުޅު شَيبَة އަކީ ވަރަށް ވިސްނުން ތޫނު ކުއްޖެކެވެ. އޭނާގެ ނިތްކުރީ ގައި ނޫރެއް ވެސް ވެއެވެ. އެއީ ކޮންމެ މީހަކު ވެސް ގަޔާވާ ކަމެކެވެ. އެ ފަދަ އަގުހުރި ދަރިޔަކު ތިބާގެ ކިބައިން ވަކިކުރުމަކީ އެހާ ރަނގަޅު ކަމެއް ހެއްޔެވެ؟" އެހެންކަމުން، މުއްޠަލިބު ވަގުތުން މަދީނާ އަށް ވަޑައިގެން އޭނާގެ އަޚާގެ ދަރިފުޅު މައްކާ އަށް ގެންނެވި އެވެ. މީސްތަކުން އެއީ ކޮން ކުއްޖެއްހޭ އެހުމުން، އޭނާ ވިދާޅުވީ "އެއީ އަހަރެންގެ އަޅެއް" ކަމަށެވެ. އެއަށް ފަހު، شَيبَةގެ ނަން عبدالمطّلب އަށް ބަދަލުކުރެވުނެވެ. އެބަހުގެ މާނައަކީ، مطلب11ގެ އަޅާ އެވެ.

عبدالمطّلب ހުންނެވީ، އޭނާ ބޮޑުބޭބެ مطلب އަވަހާރަވުމަށް ދާންދެން އެކަލޭގެފާނުގެ އަރިހުގައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ހަށިގަނޑުން ދުވީ ގޮމަކަސްތޫރީގެ ވަހެވެ. އެކަލޭގެފާނުގެ ނިތްކުރިފުޅުގައި الله تعالى ޙަބީބު محمّد (‏عليه السّلام)‏ ގެ ނޫރު ވިދާޅު ބާބުޅާ އިރު، އިޙްސާންތެރިކަމާއި، ދަރުމަވެރިކަން ފާޅުވެގެން ދެއެވެ. ވާރޭ ވެހުން މަދުވެގެންދިޔާ ކޮންމެ ދުވަސްވަރެއް ގައި މައްކާގެ މީހުން އެކަލޭގެފާނު ޘަބީރު ފަރުފަދަ ކައިރި އަށް ގެނެސް އާދޭސް ދަންނަވަމުން ދިޔައީ އަށް ދުޢާ ދަންނަވާ ދެއްވުމަށެވެ. އެކަލޭގެފާނު އެއްވެސް މީހަކުގެ އެދުމެއް ބޮލައިލާ ނުޖައްސަވައި، ވާރޭ ވެހުމަށް އެދި الله تعالى އަށް ދަންނަވަމުން ގެންދެވި އެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލާ ގެ ނޫރަށް ޓަކައި، الله تعالى އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި ގިނަވެގެންވާ ވާރޭ ވެއްސެވި އެވެ. އެހެންކަމުން، ދުވަހެއް ދުވަހަކަށް عبدالمطّلب ގެފާނުގެ އަގާއި އިތުބާރު ދިޔައީ އުފުލެމުންނެވެ. އެކަލޭގެފާނަކީ، އެ މީހުންގެ ވެރިޔާ ކަމަށް މައްކާގެ މީހުން އިޚްތިޔާރުކުރި އެވެ. އެއްވެސް މީހަކު އެކަލޭގެފާނަށް ނުކިޔަމަންތެރިކަމެއް ނުދައްކައެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވީ މީހުން އުޅެމުންދިޔައީ ފަސޭހަކަމާ އެކުގައެވެ. އޭރުގެ ވެރިން، عبدالمطّلب ގެ ފާނުގެ ކުށުން ބައރީއަވުމަށާއި، މަތިވެރިކަމުގެ އަގުވަޒަންކުރި އެވެ. ފާޅާއި ސިއްރުގައި އެކަލޭގެފާނަށް ޙަސަދަވެރިވެ، ނުނިޔަތް ލައިގެން އުޅުނީ ހަމައެކަނި އީރާނުގެ ޝާހު އެކަންޏެވެ.

عبدالمطّلب ގެފާނަކީ ޙަނީފެކެވެ؛ މާނައަކީ މުސްލިމެކެވެ. އެކަލޭގެފާނު ވީ އެކަލޭގެފާނުގެ ކާބަފައިންގެ ތެރޭގައި ހިމެނޭ، ﷲ ގެ ވޮޑިގަތުމާއި، އެއްކައުވަންތަކަން ޤަބޫލުކުރުން ކަމަށްވާ ތައުޙީދުގެ މަގުގައި ވި، إبراهيم (‏عليه السّلام)‏12 ގެ ދިނުގައިވެ، ޙަނަފީއެއް ކަމަށް ޤަބޫލުކުރެއްވި ބޭކަލެކެވެ. މި ސަބަބަށް ޓަކައި، އެކަލޭގެފާނު ބުދަށް އަޅުކަމެއް ނުކުރައްވައެވެ. އަދި ބުދާ ކައިރިއަކަށް ވަޑައެއް ވެސް ނުގަންނަވައެވެ. ގެފުޅުގެ ކައިރީގައި އެކަލޭގެފާނު الله تعالى އަށް ދުޢާ ދަންނަވައި، އަޅުކަން ކުރެއްވިއެވެ.

ޒަމްޒަމް

ޒަމްޒަމް ފެންވަޅު

އެއްދުވަހަކު މީހަކު އޭނާގެ ހުވަފެނުގައި ބުންޏެވެ. "އޭ عبدالمطّلب އެވެ! ތެދުވެ، طيبة ކޮންނަވާށެވެ". ޖެހިގެން އައި ދުވަހު އޭނާ ބުންޏެވެ. "ތެދުވެ، برّة ކޮނޭށެވެ!" ތިންވަނަ އަށް ވީ ދުވަހު އޭނާ ބުންޏެވެ. "ތެދުވާށެވެ. މަޛްނޫނާ ކޮންނާށެވެ". ހުވަފެން ނުހުއްޓެއެވެ. ހަތަރު ވަނަ ދުވަހު ހަމަ އެ މީހާ ބުންޏެވެ. "އޭ عبدالمطّلب އެވެ! ތެދުވާށެވެ! ޒަމްޒަމް ފެންވަޅު ކޮންނާށެވެ!" عبدالمطّلب ގެފާނު އެއްސެވި އެވެ. "ޒަމްޒަމް އަކީ ކޮބައި ހެއްޔެވެ؟ އެ ވަޅު ކޮބައި ހެއްޔެވެ؟" އެ މީހާ ބުންޏެވެ. "ޒަމްޒަމް އަކީ އެއްގޮތަކަށް ވެސް މަދުނުވާ ފެނެވެ. އަދި އެ ފެނުގެ ކޮޅަކަށް ވާޞިލެއް ނުވާނެ އެވެ. މުޅި ދުނިޔޭގެ އެތަންމިތަނުން އަންނަ ޙައްޖުވެރިންނަށް އެ ފެން ފުދެއެވެ. އެ ފެން ފެށިގެން އަންނަނީ جبريل (‏عليه السّلام)‏ އެ ކަލޭގެފާނުގެ ފިޔަފަތި ޖެއްސެވި ތަނުންނެވެ. އެއީ، الله تعالى އިސްމާޢީލް (‏عليه السّلام)‏ އަށް ޓަކައި އުފެއްދެވި ފެނެވެ. އެ ފެނުން ކަރުހިއްކުން ފިލައެވެ. އެ ފެނުން ބަނޑުހައިހޫނުކަން ފިލައެވެ. އެ ފެނުން ބަލި މީހުންގެ ބަލި ރަނގަޅު ވެއެވެ. އެ ވަޅު ހުންނަ ތަން އަހުރެން ކިޔައިދޭނަމެވެ. މީހުން ޤުރުބާންކޮށްފައި ބާކީ ހުންނަ އެއްޗެހި އެއްލައިލާ ތަނެއް ވެއެވެ. ކަލޭގެފާނު އެތަނުގައި ވަނިކޮށް ރަތްކުލައިގެ ތުނބެއް ލާފައި ހުންނަ ކާޅެއް އަންނާނެ އެވެ. އޭތީގެ ތުނބުން ބިންމަތި ހާވާނެ އެވެ. ކާޅު ތުނބު ހާކާ ތަނުގައި ހިނި ހާއްޔެއް ހުރި ތަން ވެސް ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ އެވެ. ޒަމްޒަމް ހުންނާނީ އެ ތަނުގައެވެ".13

ހެނދުނު، عبدالمطّلب ގެފާނު އެކަލޭގެފާނުގެ ދަރިކަލުން حارث އާއެކު ގެފުޅަށް ވަޑައިގެން ކަމެއްގެ އިންތިޒާރުގައި މަޑުކޮށްލެއްވި އެވެ. އެހެން ހުންނަނިކޮށް، ހުވަފެނުގައި ކަމަށް ބުނެވުނު ފަދައިން، ރަތް ތުނބެއް ލާފައި ހުރި ކާޅެއް އެތާ ހުރި ވަޅުގަނޑެއްގެ ތެރޭގައި އެނބުރި އެނބުރި ހުރެލާފައި އޭގެ ތުނބުން ބިމުގައި ތަޅަން ފެށިއެވެ. އެ ވަގުތު ހިނި ހާއްޔެއް ފާޅުވެއްޖެ އެވެ. عبدالمطّلب ގެފާނާއި، އެކަލޭގެފާނުގެ ދަރިކަލުން ވަގުތުން ކޮންނަން ފެއްޓެވި އެވެ. އިރުގަނޑެއް ފަހުން ވަޅުގެ އަނގަ ފެނިއްޖެ އެވެ. عبدالمطّلب އަށް އެ ތަން ފެނިވަޑައިގަތުމުން، އެކަލޭގެފާނު تكبير ކިޔުއްވަން ފެއްޓެވި އެވެ. "الله أكبر، الله أكبر، الله أكبر،"

ފެށުނީއްސުރެ ވަޅު ކޮނުނު ތަން ބަލަންތިބި ޤުރައިޝް ވަންހައިގެ މީހުން އެކަލޭގެފާނަށް ބުނެތްޕެވެ. "އޭ عبدالمطّلب އެވެ! މިއީ އަހަރެމެންގެ ބައްޕަ އިސްމާޢީލްގެ ވަޅެވެ. އަހަރެމެންނަށް ވެސް މިވަޅަށް ޙައްޤުތަކެއް ވެއެވެ. ކަލޭގެފާނު ތިމަންމެން މި ކަމުގައި ބައިވެރިންނަށް ހައްދަވާށެވެ!" عبدالمطّلب އެކަމާ ދެކޮޅު ހައްދަވާ ޖަވާބު ދެއްވިއެވެ. "ނޫން! މި މަސައްކަތަކީ، ހަމައެކަނި ތިމަން ކަލޭގެފާނުގެ މައްޗަށް ވާ މަސައްކަތެކެވެ". އެއަށް ފަހު ޤުރައިޝުން ދެންނެވި އެވެ. "ކަލޭގެފާނު ތި ހުންނެވީ ގިނިކަންޏާ އެވެ. އަދި ކަލޭގެފާނާ އެކު ދަރިކަލަކު މެނުވީ އެހެން މީހަކު ނެތެވެ. ތިމަންމެންގެ މައްޗަށް ވެރިވެގަތުމަކީ ހިލާ ވާނޭ ކަމެއް ނޫނެވެ".

އެކަލޭގެފާނުގެ އަރިހުގައި އެހެން މީހަކު ނެތަތީ އެ މީހުންއެކަލޭގެފާނު ދެރަކޮށްލީތީ އެކަލޭގެފާނު ދެރަވިއެވެ. އެއާއެކު، ދެ އަތް މައްޗަށް ނަންގަވައި الله تعالى އަށް އާދޭސް ދެންނެވި އެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅާ އަށް 10 ދަރިން ދެއްވާދޭވެ! އިބަސުވާމީންގެ އަޅާގެ ދުޢާ އިޖާބަކުރައްވައިފި ނަމަ، އޭގެ ތެރެއިން އެއް ދަރިކަލަކު ގެފުޅު ގައި ޤުރުބާންކުރާހުށީމެވެ".14

عبدالمطّلب އަށް ވިސްނުނު ގޮތުގައި، ވަޅުކޮނުން ނުރައްކާތެރިވެގެން ގޮސް، ނަތީޖާއެއްގެ ގޮތުން އަނިޔާވެރި ތަޅާފޮޅުންގަނޑަކަށް ވެގެން ގޮސްދާނެ އެވެ. އެހެންކަމުން، އެކަލޭގެފާނު ކޮނުން ހުއްޓާލައްވައި، އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރެއްވި އެވެ. އެކަލޭގެފާނު އެދިލެއްވީ ފަނޑިޔާރަކު އެ ކަމާ މެދު ގޮތެއް ނިންމުމަށެވެ. އެންމެ ފަހުން ގޮސް، އެބައިމީހުން ކަނޑައެޅީ ދިމިޝްޤު ގައި އުޅޭ ރަމަލުބަލާ މީހަކު އެ ކަމަށް ޙައްލެއް ހޯދައިދޭނެ ކަމަށެވެ. އެމީހުން ޤުރައިޝް ވަންހައިގެ ބޮޑުންގެ ބަޔަކާ އެކު ދަތުރު ފެށި އެވެ. ފެން ތަދުކަމުންނާއި، ހޫނު ގަދަކަމުން އެ ގާފިލާ އަށް ކުރިޔަށް ދެވޭ ގޮތެއް ނުވި އެވެ. އެ މީހުންގެ ހަމައެކަނި އެދުމަކީ ފެން ހޯދުން ކަމަށް ވިޔަސް، ސަޙަރާގެ މެދުގައި ތިބެ ފެން ލިބޭ ގޮތެއް ނުވި އެވެ.

އެންމެންގެ އުއްމީދު ގެއްލުމުން، عبدالمطّلب ހަޅޭލަވައިގަތެވެ. "އަންނާށޭ! އަންނާށޭ! އެއްވާށޭ! ތިޔަބައި މީހުންނާއި، ތިޔަބައި މީހުންގެ ޖަނަވާރުތަކަށް ވާ ވަރަށް އަހަރެން ފެން ހޯދައިފީމެވެ". محمّد (‏عليه السّلام)‏ ގެ ބަރަކާތްތެރިވެގެންވީ ނޫރު އުފުއްލެވި عبدالمطّلب، ފެން ހޯއްދަވަން އުޅުއްވި ހިނދު، އެކަލޭގެފާނުގެ ޖަމަލުގެ ފައިން ޖެހި ގަލެއް ފޭވެގެން ގޮސް، ފެން އަންނަން ފެށި އެވެ. އެންމެން ދުވަމުން އައިސް ކަރު ހިއްކުން ފިލައި، ބާރުޖެހެން ދެން ފެން ބުޔެވެ.

عبدالمطّلب ގެ ދީލަތި ކަމަށް ފަހު ލަދުވެރިކަން އިޙްސާސްވެގެން ޤުރައިޝުންގެ މީހުން ބުނޫ އެވެ. "އޭ عبدالمطّلب އެވެ! ކަލޭގޭފާނާ ދެކޮޅަށް އަހުރެމެން ކިޔާނޭ އެއްޗެއް ދެނެއް ނެތެވެ. ކަލޭގެފާނަކީ، ޒަމްޒަމް ހޯދުމަށް އެންމެ އެކަށީގެންވާ ބޭފުޅާ އެވެ. ކި ކަމާ މެދު ދެން އަހުރެމެން ކަލޭގެފާނާ އަރާރުމެއް ނުވާނަމު އެވެ. ފަނޑިޔާރާ ހަމައަށް ދިއުމުގެ ބޭނުމެއް ދެން ނެތެވެ. އަހަރުމެން ދެން ގެއަށް ދަނީ އެވެ". މިހެން ކިޔަމުން މައްކާ އަށް ދަތުރު ފަށަތްޕޫއެވެ. އެކަލޭގެފާނުގެ ނިތްކުރީ ގައި ވިދާ ބަބުޅަމުން ދިޔަ ނޫރަށް ޓަކައި، ޢަބްދުލް މުއްޠަލިބަށް ޒަމްޒަމް ވަޅު ކޮނުމުގެ ޝަރަފު އެރުވުނެވެ.15

ޤުރުބާންކުރެވޭ ފިރިހެން ދަރިކަލުން

ޒަމްޒަމް ފެން ވަޅު ކޮނުމަށް ފަހު، عبدالمطّلب ގެ މަޤްބޫލުކަމާއި، މަޝްހޫރުކަން އިހުނަށް ވުރެ އިތުރުވެގެން ދިޔައެވެ. އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވުމާ އެކު ޖަނާބުލް ޙައްޤު އެކަލޭގެފާނަށް، حارث އާއި ހަ ދަރިކަނބަލުންގެ އިތުރުން، 10 ފިރިހެންދަރިން ދެއްވި އެވެ. އެ ބޭކަލުންގެ ނަންފުޅުތަކަކީ: قُسم، أبولهب، عبدالكعبة، هاجل، زُبير، أبوطالب، عبدالله، غيداق، ضرار އަދި مقوِّمُ (‏حمزة ގެފާނާއި، عبّاس ގެފާނު އޭރު އަދި އުފަންވެ ވަޑައިއެއް ނުގަނެއެވެ.)‏އެކަލޭގެފާނުގެ ދަރިދަރިކަނބަލުންނަކީ، صفيّة، عاتكة، أُمُّ حكيم بيضاء، بَرَّة، أُميَّة، އަދި أروى އެވެ.

އެއް ދުވަހަކު އެކަލޭގެފާނުގެ ހުވަފެންފުޅުގައި އެކަލޭގެފާނަށް ދެންނެވުނެވެ. އޭ عبدالمطّلب އެވެ! ކަލޭގެފާނުގެ ވަޢުދު ފުއްދަވާށެވެ!" ޖެހިގެން އައި ހެނދުނު عبدالمطّلب ކަންބަޅި ބަކަރިއެއް ޤުރުބާންކުރެއްވި އެވެ. އެކަލޭގެފާނުގެ ހުވަފެންފުޅުގައި އެރޭ އަމުރު ކުރެވުނީ އެއަށް ވުރެ ބޮޑު ޤުރުބާނެއް ކުރެއްވުމަށެވެ. ޖެހިގެން އައި ހެނދުނު ގެރިއެއް ޤުރުބާން ކުރެއްވި ނަމަވެސް، ހަމަ އެ އަމުރު ހުވަފެނުގައި އެކަލޭގެފާނަށް ކުރެވުނެވެ.: "އެއަށް ވުރެ ބޮޑު ޤުރުބާނެއް ކުރައްވާށެވެ!" އެކަލޭގެފާނުގެ އެއްސެވި އެވެ. "އެއަށް ވުރެ ވަކިން ބޮޑީ ކޯއްޗެއް ތޯ އެވެ" ދެން އެކަލޭގެފާނަށް ދެންނެވުނެވެ. "ކަލޭގެފާނު ވަޢުދުވެވަޑައިގަތީ ކަލޭގެފާނަށް 10 ފިރިހެން ދަރިން ލިބިއްޖެ ނަމަ، ކަލޭގެފާނުގެ ފިރިހެން ދަރިޔަކު ޤުރުބާން ކުރެއްވުމަށެވެ. ކަލޭގެފާނުގެ ވަޢުދު ފުއްދަވާށެވެ!"

ޖެހިގެން އައި ދުވަހު، عبدالمطّلب ގެފާނު އެކަލޭގެފާނުގެ ދަރިން އެއްކުރައްވާފައި، މީގެ އަހަރުތަކެއް ކުރިން ކުރެއްވި ދުޢާގެ ވާހަކަ ވިދާޅުވި އެވެ. ދެން އެކަލޭގެފާނު ގެ ދަރިންނަށް ވިދާޅުވީ އެއިން އެއް ކުއްޖަކު ޤުރުބާންކުރަންޖެހޭ ކަމަށެވެ. އެއިން އެއްވެސް ކުއްޖަކު އެކަމާ އިންކާރެއް ނުކުރި އެވެ. އަދި ކީއްތޯއެވެ. އެކަމަށް އެއްބަސްވި އެވެ. އަދި ބުނޫއެވެ. "އޭ އަހަރެމެންގެ ބައްޕާފުޅާ އެވެ! ތިބާގެ ވަޢުދު ފުއްދަވާށެވެ! ބޭނުން ކޮންމެ ކަމެއް ކުރެއްވުމުގެ މިނިވަންކަން ބައްޕާފުޅަށް ލިބިގެން ވެއެވެ". ޤުރުބާންކުރެވޭ ދަރިފުޅު ހޮއްވެވުމަށް عبدالمطّلب ގެފާނު ގުރުއަތު ލެއްވި އެވެ. ޤުރުއަތުން ދިމާވީ عبدالمطّلب ގެފާނު އެންމެ ލޯބިވާ، އަދި الله تعالى ގެ ޙަބީބު محمّد (‏عليه السّلام)‏ ގެ ނޫރު އުފުއްލެވި ދަރިފުޅު ޢަބްދުﷲގެފާނާ އެވެ. عبدالمطّلب ގެފާނު އިރުކޮޅަކަށް މަޑުޖެހިލެއްވި އެވެ. އަދި ލޮލުން ކަރުނަ ފާއްދާލި އެވެ. އެކަލޭގެފާނު الله تعالى އަށް ވީ ވަޢުދު ފުއްދަން ޖެހެއެވެ. އެކަލޭގެފާނުގެ ޚަންޖަރު ނެންގެވި އެވެ. އަދި އެކަލޭގެފާނު އެކަލޭގެފާނުގެ ރައްބު އަށް ވެވަޑައިގެންނެވި ވަޢުދު ފުއްދުމަށް ޓަކައި އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ كعبة އަށް ވަޑައިގަތެވެ. ރޮވެމުން ދިޔަ عبدالمطّلب ގެފާނު، ޢަބްދުﷲގެފާނު ޤުރުބާން ކުރެއްވުމަށް ޓަކައި ހުރިހާ ތައްޔާރެއް ވެ ވަޑައިގަތެވެ. އެ ވަގުތު، ޤުރައިޝް ވަންހައިގެ ކަމުވޮށިގެންވާ މީހުން، ޙައިރާންކަމާ އެކު ވަމުންދާ ގޮތް ބަލަމުން ދިޔައެވެ. އެ މީހުންގެ ތެރޭގައި ހުރި ޢަބްދުﷲގެފާނުގެ މައިފުށުގެ ބޮޑުބޭބޭ ބުންޏެވެ. "އޭ عبدالمطّلب އެވެ! ހުއްޓާލާށެވެ! ކަލޭގެފާނުގެ ފިރިހެން ދަރިފުޅު ޤުރުބާންކުރުމަށް ތިމަންމެން އެއްގޮތަކަށް ވެސް ކަލޭގެފާނަކަށް ހުއްދައެއް ނުދެމެވެ. ކަލޭގެފާނު ތިކަން ކުރައްވައިފި ނަމަ، ޤުރައިޝުންގެ ތެރޭގައި ހިނގާ އާދައަކަށް އެކަން ވާނެ އެވެ. ކޮންމެ މީހަކު އެ މީހެއްގެ ފިރިހެން ދަރި ޤުރުބާން ކުރުމަށް ވަޢުދުވެ އެ ކުއްޖަކު ކަފާލާނެ އެވެ. އެފަދަ ކަމަކަށް މިސާލަކަށް ނުވާށެވެ. ތަފާތު ގޮތަކަށް ތިކަން ކުރުމަށް ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހރުހިވޮޑިގަތުން ހޯއްދަވާށެވެ". ދެން އެ މީހަކު ޚިޔާލު ހުށަހެޅި އެވެ. "ރަމަލުބަލާ މީހެއްގެ ކައިރީގައި އައްސަވާށެވެ. އޭރުން، އޭނާ ކަލޭގެފާނަށް ޙައްލެއް ހޯދައިދޭނެ އެވެ".

މި ބަސްތަކަށް ފަހު عبدالمطّلب ގެފާނު ޚައިބަރުގައި އުޅުނު ކުތުބާ (‏ނުވަތަ ސަޖަކް)‏ މި ނަން ކިޔުނު ރަމަލުބަލާ މީހެއްގެ ކައިރިއަށް ވަޑައިގެން ވެގެން އުޅޭ ގޮތް ކިޔުއްވައިދެއްވި އެވެ. ރަމަލުބަލާ މީހާ އެއްސެވެ. "ތިޔަބައި މީހުންގެ ތެރޭގައި މީހެއްގެ ޙަޔާތުގެ އަގަކީ ކޮބައި ހެއްޔެވެ؟" "ދިހަ ޖަމަލު ކަމަށް" އޭނާ އަށް ޖަވާބު ލިބުމުން، އޭނާ ބުންޏެވެ. "ޖަމަލާ ތިބާގެ ދަރިފުޅާ ދެމެދު ގުރުއަތު ނަގާށެވެ. ޤުރުއަތުން ދިމާވީ ކަލޭގެފާނުގެ ދަރިކަލުންނަށް ކަމުގައި ވާ ނަމަ، އަގު އިތުރު ދިހަ ޖަމަލަށް އިތުރުކުރައްވާށެވެ. އެ ގޮތަށް ގުރުއަތު ނަގަމުން ގޮސް، ޤުރުއަތުން ޖަމަލާ ދިމާވަންދެން ޤުރުއަތު ނަންގަވާށެވެ".

"ތިމަން ކަލޭގެފާނަކީ ދެ ޤުރުބާނީގެ ފިރިހެން ދަރިއެވެ."
حديث الشّريف

عبدالمطّلب ގެފާނު ވަގުތުން މައްކާ އަށް އެނބުރި ވަޑައިގެން ރަމަލުބަލާ މީހާ ބުނި ގޮތަށް ހައްދަވައިފި އެވެ. އެކަލޭގެފާނު ތަކުރާރުކޮށް ގުރުއަތު ނަންގަވައި، ކޮންމެ ފަރަހަކު ދިހަ ޖަމަލުން އިތުރުކުރައްވަމުން ގެންދެވި އެވެ. ކޮންމެ ފަހަރަކު ވެސް ގުރުއަތުން ދިމާވަނީ ޢަބްދުﷲގެފާނާ އެވެ. އެކަމަކު ޖަމަލުގެ ޢަދަދު 100 އަށް އެރުމުން، ގުރުއަތުން ދިމާވީ ޖަމަލުތަކާ އެވެ. އިތުރަށް ސަމާލުވުމުގެ ގޮތުން އިތުރު ދެ ފަހަރު ގުރުއަތު ނެންގެވި އެވެ. އެ ދެ ފަހަރު ވެސް ގުރުއަތުން ދިމާވީ ޖަމަލުތަކާ އެވެ. "الله أكبر! الله أكبر!" މިހެން ވިދާޅުވަމުން عبدالمطّلب ގެފާނު ޖަމަލުތައް ޤުރުބާންކުރެއްވި އެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ ފިރިހެން ދަރިންކުރެ އެކަކު ވެސް އޭގެ މަހެއް ނުނަންގަވައެވެ. އެ ހުރިހާ މަހެއް އެކަލޭގެފާނު ބެއްސެވި ފަގީރުންނަށެވެ.16

آدم (‏عليه السّلام)‏ ގެ ދުވަސްވަރުން ފެށިގެން إسماعيل (‏عليه السّلام)‏ ޤުރުބާންކުރެއްވުން ވެސް ވަނީ ހިނގާފައެވެ. އަހަރެމެންގެ ކައު ޞާޙިބާ ގެ ނަސަބު إسماعيل (‏عليه السّلام)‏ އާ ގުޅޭ އިރު، އެކަލޭގެފާނު حديثކުރެއްވި އެވެ. "ތިމަން ކަލޭގެފާނަކީ ދެ ޤުރުބާނީގެ ފިރިހެން ދަރި އެވެ".17

އެކަލޭގެފާނުގެ ބައްޕާފުޅު عبدالله ގެފާނު

ދެ ދުނިޔޭގެ ސައްޔިދު رَسُوْلُ اللهِ ﷺ ގެ ނޫރު އުފުއްލެވި ޢަބްދުﷲ ގެފާނު އުފަންވެ ވަޑައިގަތީ، ފޮތުގެ އަހުލުވެރިން (‏ސަމާވީ ފޮތަކާ އެކު ވީ ދީން ޤަބޫލުނުކުރާ މީހުން – ޔަހޫދީންނާއި، ކްރިސްޓިއަނުން)‏ އެއްބަޔަކު އަނެއް ބަޔަކަށް އެންގި ގޮތުގައި "ފަހު ޒަމާނުގެ ރަސޫލާގެ ބައްޕާފުޅު އުފަންވެ ވަޑައިގަތީ މައްކާ ގައެވެ".

إسرائيل ގެ ދަރިކަލުން އަތުގައި يحيى (‏John)‏ (‏عليه السّلام)‏ ގެ ފަށުވީގެ ޖުއްބާއެއް އޮތެވެ. އެކަލޭގެފާނު ޝަހީދުކޮށްލެވުނު ހިނދު ތުރުކުރައްވައިގެން ހުންނެވީ އެ ޖުއްބާ އެވެ. އަދި އެކަލޭގެފާނުގެ ލޭ އެ ޖުއްބާގައި ހުއްޓެވެ. އެބައިމީހުންގެ ފޮތްތަކުގައި ބަޔާންކުރެވިފައި ވެއެވެ. "އެކަލޭގެފާނުގެ ލޭފޮދު އާވެ އޮހޮރެން ފަށާ އިރު، ފަހު ޒަމާނުގެ ރަސޫލާގެ ބައްޕާފުޅު ރައްކާވެވަޑައިގަންނަވާނެ އެވެ". އެހެންކަމުން ފޮތްތަކުގެ އަހުލުވެރިންނަށް މި ޢަލާމާތް ފެނުމުން، ޢަބްދުﷲގެފާނު ރައްކާވެވަޑައިގަތްކަން އެނގުނެވެ. އެބައިމީހުން ޙަސަދަވެރިވެ އެކަލޭގެފާނު އަވަހާރަކޮށްލަން އެތައް ފަހަރަކު އުޅުނަސް، الله تعالى ވަނީ އެކަލޭގެފާނުގެ ނިތްކުރީގައިވާ ނޫރަށް ޓަކައި ޢަބްދުﷲގެފާނު ރައްކާތެރިކުރައްވާފަ އެވެ.

ބާލިޣުވާ ޢުމުރަށް ޢަބްދުﷲގެފާނު ދިއުމުން، އެކަލޭގެފާނުގެ ރިވެތި އަޚްލާޤާއި، ރިވެތި ކަމަށް ޓަކައި، އެކަލޭގެފާނު ވެގެންދިޔައީ ފާހަގަކުރެވޭ ބޭފުޅަކަށެވެ. ޚާއްޞަކޮށް، އެކަލޭގެފާނުގެ ޢުމުރުފުޅުން އަށާރަ އަހަރަށް އަޅައިގަތުމުން، އެކަލޭގެފާނުގެ ރިވެތިކަން ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ އެވެ. އެކަލޭގެފާނުގެ ނިތްކުރިފުޅުގައި ހުރި ނޫރު އިރުގެ އަލިކަން ފަދައިން ބެބުޅި އެވެ؛ މި މަންޒަރު ދުށް އަންހެން ކުދިންނަށް ހަދާނެ ގޮތެއް ނޭނގިގެން ގޮސް އެކަލޭގެފާނަށް ލޯބިވެވެއެވެ. އެކަލޭގެފާނުގެ ރިވެތި ކަމާއި މަޝްހޫރުކަން މިޞްރު ފަދަ ދުރު ހިސާބުތަކަށް ވެސް ފޯރި އެވެ. ކައިރިންނާއި، ދުރުން، މީސްތަކުން އެކަކު އަނެކަކާ ވާދަކުރަމުން ދިޔައީ، އެބައިމީހުންގެ އަންހެން ދަރިން އެކަލޭގެފާނާ ކައިވެނިކުރުވުމަށެވެ. ވަރަށް ގިނަ ޙާކިމުން عبدالمطّلبގެ ފާނާ ހަމައަށް އައިސް، އެ މީހުންގެ އަންހެން ދަރިން އެކަލޭގެފާނުގެ ދަރިކަލުންނާ ކައިވެނިކުރަން ހުށަހެޅި އެވެ. އެ މީހުން އެކަލޭގެފާނަށް ދެންނެވީ، އެކަން ކުރުމަށް ޓަކައި، އެބައިމީހުން ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެ ކަމަށެވެ. އެހެންކަމުން، ގާތްގަޑަކަށް 200 އަންހެން ކުދިން މައްކާ އަށް އައިސްމ ޢަބްދުﷲގެފާނާ ކައިވެނިކުރުމަށް ހުށަހެޅި އެވެ. އެކަމަކު، އެ އެންމެން ވެސް عبدالمطّلب ގެފާނު ޤަބޫލުނުކުރެއްވީ މުނާސިބު ގޮތަކަށެވެ.

عبدالمطّلب ގެފާނު ބައްލަވަމުން ގެންދެވީ އެންމެ އަދަބު ރަނގަޅު، ޝަރަފުވެރި، އަދި ރިވެތި، ޙަނީފުވަންތަ މުސްލިމު އަދި إبراهيم (‏عليه السّلام)‏ ގެ ދުވަސްވަރުން ފެށިގެން އެބައިމީހުން އެބައިމީހުންގެ އުޅެމުން އައި ކާބަފައިންގެ ދީނަށް ތަބާވާ އަންހެންކުއްޖަކަށެވެ.

إسرائيل ގެ ދަރިންނަށް، އެ މީހުންގެ ފޮތްތަކުގައި ލިޔެވިފައިވާ ފަހު ޒަމާނުގެ ރަސޫލާ އަކީ އެ މީހުންގެ ޤައުމުގެ ބޭކަލެއް ނޫންކަން އެނގި، އެ ކަމުގެ ޙަސަދައިގައި، ޢަބްދުﷲގެފާނު އަވަހާރަކޮށްލަން ހުވާކުރި އެވެ. އެ ކަން ކުރުމަށް ޓަކައި، ހަތިޔާރު އެޅި ހަތްދިހަ މީހުން އެ މީހުން މައްކާ އަށް ފޮނުވި އެވެ. އެބައިމީހުން ވަގުތަކަށް ބަލަބަލައި ތިއްބެވެ. އެންމެ ފަހުން، ޢަބްދުﷲގެފާނު މައްކާ އިން ބޭރަށް ވަޑައިގަތް ވަގުތު، އެއްވެސް މީހަކަށް އެ މީހުން ނުފެންނާނެ ކަމަށް ހީކޮށް، އެބައިމީހުންގެ ކަނޑިތައް އުރައިން ނަގައި، ޢަބްދުﷲގެފާނަށް ޙަމަލާދިނެވެ. އެ ދުވަހު، ﷲ ގެ ޙިކްމަތުން18 ޢަބްދުﷲގެފާނުގެ ތިމާގެ ބޭކަލެއް ކަމުގައިވާ ވަހްބު ބިން ޢަބްދުލްމަނާފު އޭނާގެ ގިނަ އެކުވެރިންތަކަކާ އެކު ޝިކާރަކުރެއްވުމަށް ނުކުންނެވި އެވެ. އެ ވަގުތު، إسرائيل ގެ ދަރިން ޢަބްދުﷲގެފާނަށް ޙަމަލަދޭ ތަން އެ މީހުންނަށް ފެނުނެވެ. އެ މީހުން ގަސްތުކުރީ، އެ މީހުންގެ ތިމާގެ ބޭކަލަކަށް ވާތީ، ޢަބްދުﷲގެފާނަށް އެހީތެރިވުމަށެވެ. އެކަމަކު، ޢަދުއްވުން މާ ގިނައެވެ. އެހެންކަމުން އެ މީހުން ބަލިވާނެ ކަން ވަރަށް ސާފުކޮށް އެނގެއެވެ. އެންމެ ފަހުން، އެ މީހުން ގަސްތުކުރީ، އެބައި މީހުންނަށް ނަސޭހަތް ދިނުމަށް މަސައްކަތް ކުރުމަށެވެ. އެ މީހުން އެބައި މީހުންނާ ކައިރިވުމުން، ފެނިގެންދިޔައީ، ކަނޑި ހިފައިގެން ކަޅު އަސްތަކަކަށް ސަވާރުވެގެން ތިބި އަސްވާރުންތަކެކެވެ. މި ބިން މަތީގެ އެއްވެސް މީހަކާ އެ މީހުން ވައްތަރެއް ނޫނެވެ. އަދި ފާޅުވީ ވިދުވަރެއް ފަދައިން އައި ތަނެއް ނޭނގޭ ގޮތަށެވެ. އެއާއެކު، تكبير ކިޔަމުން، އެ އަސްވާރުން އިސްރާއީލުގެ ދަރިންނަށް ޙަމަލާދިނެވެ. އަދި އެ އެންމެން ގަތުލުކުރުމަށް ފަހު އެ އަސްވާރުން ގެއްލިއްޖެ އެވެ. ވަހުބު މި ކަމާ ޙައިރާންވެ އަންތަރީސްވެ، އޭނާ އަށް އެނގިގެން ދިޔައީ ޢަބްދުﷲގެފާނަކީ، ﷲ ގެ ޙަޟްރަތުން ފުރިހަމައަށް ރައްކާތެރިކަން ލިބިގެންވާ ބޭކަލެއް ކަމާއި، އެކަލާނގެ ޙަޟްރަތުގައި އެކަލޭގެފާނުގެ އަގެވެ.

އެކަލޭގެފާނު ގެއަށް ވަޑައިގަތުމުން، ވީ ގޮތް އަނބިކަނބަލުންނަށް ކިޔައިދެއްވި އެވެ. އެ ދެމަފިރިން ނިންމީ، އެ މީހުންގެ އަންހެންދަރިއާ އަރާއަރަފޯދިގެންވަނީ ޢަބްދުﷲގެފާނު ކަމަށެވެ. އަދި އަނބިކަމަނާގެ ގޮތުގައި އެކަލޭގެފާނާ އާމިނަތުގެފާނު ޙަވާލުކުރުމަށެވެ.

"އަހަރެމެންގެ ސައްޔިދު ކީރިތި ރަސޫލާގެ ބައްޕާފުޅު، އެކަލޭގެފާނުގެ ދަރިކަލުން ދުނިޔެދެކެވަޑައިގަތުމުގެ ކުރިން އަވަހާރަވުމުން، މަލާއިކަތުން ދެންނެވި އެވެ. 'އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަސުވާމީންގެ ރަސޫލާ ޔަތީމުވެއްޖެ އެވެ' ".
عبدالله بن عبّاس (‏رضي الله عنه)‏

بني زُهرة ވަންހައިގެ ވެރިޔާ ވަހަބު ގެ ދަރިކަނބަލުން آمنة ގެފާނުގެ ރިވެތިކަމާއި، ޢިއްފަތްތެރިކަމާއި، ޒާހިދުކަމުގެ ވާހަކަ عبدالمطّلب ގެފާނު ވަނީ އައްސަވާފައެވެ. އެ ބައިމީހުންނަކީ ތިމާގެ މީހުން ވެސް މެއެވެ. އަދި އެބައި މީހުންގެ ނަސަބު ގުޅެނީ މީގެ އެތަކެއް ޖީލު ކުރިންނެވެ. މި އަންހެން ކުއްޖާ އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ގެ އަނބިކަމަނާގެ ގޮތުގައި ގެންދެވުމަށް ޓަކައި އެކަލޭގެފާނު ވަހަބުގެ ގެއަށް ވަޑައިގަތެވެ. އެކަލޭގެފާނު ވަހަބުގެ ދަރިކަނބަލުން އެކަލޭގެފާނުގެ ދަރިކަލުންގެ އަނބިކަނބަލަށް ހަމަޖެއްސެވުމަށް ވިދާޅުވުމުން ވަހަބު ދެންނެވި އެވެ. "އަހަރެންގެ ބޮޑުބޭބެގެ ދަރިކަލުންނޭވެ! ކަލޭގެފާނުގެ ކުރިން ތިމަންމެންނަށް ތި ހުށަހެޅުން ވަނީ ލިބިފައެވެ". އަދި އެކަލޭގެފާނަށް ދިމާވި ޙާދިސާ ކިޔައިދެއްވައި ވިދާޅުވި އެވެ. "އާމިނާގެ މަންމަ އަށް ހުވަފެނެއް ފެނުނެވެ. އެ ކަމަނާ ވިދާޅުވި ގޮތުގައި، އަހަރެމެންގެ ގެއަށް ނޫރެއް ވަނެވެ؛ އެ ނޫރުން ބިމާއި އުޑުތައް އަލިކޮށްލި އެވެ. ހަމަ އެއާއެކު، އަހުރެންނަށް، އަހަރެމެންގެ ކާފާ إبراهيم (‏عليه السّلام)‏ ހުވަފެނުން މި ރޭ ފެނުނެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. 'ތިމަން ކަލޭގެފާނު عبدالمطّلب ގެ ދަރިކަލުން ޢަބްދުﷲ އާއި ކަމަނާގެ ތިބާގެ ދަރިކަނބަލުން އާމިނާއާ ކައިވެނިކުރެއްވީމެވެ. ތިބާ ވެސް އެކަމާ ރުހި ގަބޫލުވާށެވެ'. މި އަދުގެ ހެނދުން ފެށިގެން އަހުރެން މި ހުންނަނީ މި ފެނުނު ހުވަފެނުގެ ނުފޫޒު ގައެވެ. އަހުރެން ވިސްނަން ހުރީ ކަލޭގެފާނު ވަޑައިގަންނަވާނެ އިރަކަށެވެ". މި ވާހަކަތައް އެއްސުވުމާ އެކު عبدالمطّلب ގެފާނު ވިދާޅުވި އެވެ. "الله أكبر! الله أكبر!"

އެންމެ ފަހުން، އޭރު ޢުމުރުފުޅުން 18 އަހަރުވީ އެކަލޭގެފާނުގެ ދަރިކަލުންނާއި، އޭރު ޢުމުރުން 14 އަހަރުވީ ވަހަބުގެ ދަރިކަނބަލުން އާމިނާ ކައިވެނި ކުރެއްވި އެވެ. އާމިނަތުގެފާނާއި ޢަބްދުﷲގެފާނުގެ19 ކައިވެންޏާ ބެހޭ އެހެން ރިވާޔަތްތައް ވެސް ވެއެވެ.

އެކަލޭގެފާނުގެ ބަރަކާތްތެރި ނޫރު މަންމާފުޅަށް ނަޤްލުވުން

އަހަރެމެންގެ ސައްޔިދު ސަރްވާރުލްޢާލަމް (‏صلّى الله عليه وسلّم)‏ އެކަލޭގެފާނުގެ މަންމާފުޅަށް ނަޤްލުވުމުން، ވަލުޖަނަވާރުތައް އޭތި އަނެކައްޗަށް މި އުފާވެރި ޚަބަރު ދީ ބުނޫއެވެ. "ދުނިޔޭގެ ސައްޔިދު ބިމަށް ޝަރަފު ހޯއްދަވާދެއްވާ ވަގުތު ވަނީ ކުޑަތަންވެފައެވެ؛ އެކަލޭގެފާނަކީ ބިމުގެ އަމީނެވެ.20 ޒަމާނުގެ އިރެވެ". އެ ރޭ ގެފުޅުގެ ހުރިހާ ބުދުތައް އަނގަ ވަތަށް ވެއްޓުނެވެ. ޝައިޠާނުންތައް ތިބީ ބާރުދޫވެ، އެ އުރެންގެ މަސައްކަތް ނުކުރެވިފައެވެ. މަލާއިކަތުން، އިބިލީސް (‏ޝައިޠާނުންގެ ވެރިކަލޭގެ)‏ ގެ ތާޖު ހަލާކުކޮށްލައްވައި، ކަނޑަށް އެއްލާލައްވައި، ސާޅީސް ދުވަސް ވަންދެން އިބްލީސަށް އަދަބު ދެއްވި އެވެ. އޭގެ ފަހުން އެކަލޭގެ ފިލައިގެން ގޮސް، އަބޫ ޤުބައިސް ފަރުބަދަ އަށް އަރައި އިނދެ ބާރަކަށް ރޮއެގަތެވެ. އޭނާގެ ރިއުމުގެ އަޑު އިވުނު އިބިލީސް ގެ ސިފައިންގެ އެންމެން އޭނާގެ ވަށައިގެން އެއްވި އެވެ. އޭނާ އެ މީހުންނާ މުޚާޠަބުކޮށްފައި ބުންޏެވެ. "އޭ ގޮތް ހުސްވެފައިވާ މީހުންނޭވެ! محمّد (‏عليه السّلام)‏ ދުނިޔެއަށް ވަޑައިގަތުން ގާތްވެއްޖެ އެވެ. މިއަދުން ފެށިގެން لات އާއި عُزَّة އަކަށް އަޅުކަމެއް ނުކުރެވޭނެ އެވެ. މުޅި ކައުނަށް ތައުޙީދުގެ ނޫރު ފެތުރޭނެ އެވެ". އެ ރޭ، ހުރިހާ ސިޙުރުވެރިންނާއި، ރަމަލުބަލާ މީހުން އެ މީހުންގެ މަސައްކަތުގައި ނުކުޅެދިގެން ވިއެވެ. ވާންހުރި ކަންތައް ކިޔައިދިނުން ނިމިއްޖެ އެވެ. ސިޙުރަކުން ނުފުދޭނެ އެވެ. އެ ރޭ ބިން މަތީގައި ތިބި މީހުންނަށް އުޑުން އަޑެއް އިވުނެވެ. "ފަހު ޒަމާނުގެ ނަބިއްޔާ އެތަކެއް ހާސް ނިޢުމަތަކާއި، މަންފާތަކާ އެކު ވަޑައިގަންނަވާ ފަގުތު ޖެހިއްޖެ އެވެ".

އެ ދުވަސްވަރު مكّةُ المُكرَّمة ގައި ތަދުމަޑުކަމެއް އޮތެވެ. އެތަކެއް އަހަރެއް ވަންދެން ވާރޭ ވެހިފައެއް ނެތެވެ. ގަސްތަކުގައި ގެހި ފަތްތަކެއް ނެތެވެ. އަދި ގޮވާމުގެ އެއްވެސް އަސަރެއް ނެތެވެ. މީސްތަކުންނަށް ދަތިކަން ބޮޑުވެ، ހަދާނެ ގޮސް ހުސްވެއްޖެ އެވެ. ލޮބުވެތި ރަސޫލާގެ ނޫރު ޢަބްދުﷲގެފާނުގެ ކިބައިން އާމިންތުގެފާނަށް ނަޤްލުވުމާ އެކު ވަރަށް ގިނައިން ވާރޭ ވެހުނެވެ. އަދި ވަރަށް ގިނަ ގޮވާން އުފެއްދި އެ އަހަރަށް ގިނައިން ލިބުނު އަހަރު ގެ ނަމުން ނަންދެވުނެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ އަށް އާލާސްވެ އިންނެވި 9 މަސް ތެރޭގައި آمنة ގެފާނަށް އެއްވެސް އުނދަގޫ ކަމެއް ކުރިމަތި ނުވެއެވެ.

އަހަރެމެންގެ މަންމާފުޅު آمنة ގެފާނު އާލާސްވެ އިންނެވި ދުވަސްވަރު، އެކަމަނާގެ ފިރިކަލުން ޢަބްދުﷲގެފާނު ވިޔަފާރި ދަތުރެއް ގައި ދިމިޝްޤަށް ވަޑައިގަތެވެ. އެނބުރި ވަޑައިގަތް ދަތުރު މަތީގައި އެކަލޭގެފާނު އާލާސްކަންފުޅާ ޖެހިވަޑައިގަތެވެ. އެކަލޭގެފާނު ޢުމުރުފުޅުން 18 ނުވަތަ 20 އަހަރު މަދީނާ ކައިރީގައި ވާ دارُ النَّابغة ގައި އަވަހާރަވީ އިރު، އަރިހުގައި މައިފުށުގެ ބޮޑުބޭބެއިން ކަމުގައިވާ، ނައްޖާރުގެ ދަރިން، ތިއްބެވެ21. މި ޚަބަރު މައްކާ އަށް ހަމައަށް ފޯރުމުން، މުޅި ރަށް އެއްކޮށް ހިތާމައާއި، މޮޅިވެރިކަމުން ފުރުނެވެ.22

ޞަޙާބީއެއް ކަމުގައިވާ عبدالله إبن عبّاس (‏رضي الله عنه)‏ ރިވާކުރެއްވި އެވެ. "އަހަރެމެންގެ ސައްޔިދު، ރަސޫލާގެ ބައްޕާފުޅު ޢަބްދުﷲގެފާނު، އެކަލޭގެފާނުގެ ދަރިކަލުން ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން އަވަހާރަވުމުން، މަލާއިކަތުން ދެންނެވި އެވެ. 'އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަސުވާމީންގެ ރަސޫލާ ޔަތީމު ވެއްޖެ އެވެ.' ވަޙީކުރެއްވި އެވެ. 'ތިމަން ސުވާމީންގެ އަކީ އެކަލޭގެފާނަށް ޙިމާޔަތްދެއްވާ، އެހީތެރިވެދެއްވާ ފަރާތެވެ.' ''

އެކަމަނާގެ ފިރިކަލުން ޢަބްދުﷲގެފާނު އަވަހާރަވުމުން އާމިނަތުގެފާނު ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. ޅެމެއް ގައި އެކަމަނާ، އެކަލޭގެފާނުގެ އަވަހާރަވުން ސިފަކުރައްވާފައި ވެއެވެ:

އެންމެ ހީނުކުރާ ވަގުތުގައި، މަރު އެކަލޭގެފާނު ގެންދިޔައެވެ،
އެކަމަކު އެކަލޭގެފާނު ވަރަށް ދީލަތިވެފައި އޯގާތެރި އެވެ.

ނީލަގެރި އެތުގެ ޙާދިސާ

"އަހަންނަކީ މި ޖަމަލުތަކުގެ ވެރިޔާ އެވެ. ގެފުޅަށް ވެސް ޖަމަލުތަކެއް ވެއެވެ. އެކަލާނގެ އެތަކެތި ޙިމާޔަތްކުރައްވާނެތެވެ".
شيبة الحمد

ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ދުނިޔެ ވަޑައިގަތުމަށް އޭރު އަދި ދެ މަސް އޮތެވެ. ނީލަގެރި އެތުގެ ޙާދިސާ ހިނގީ އޭރު އެވެ. ކިންގޑަމް އޮފް އަބީސިނިޔާ ގެ ޔަމަނުގެ ގަވަރނަރު އަބްރަހާ ބޭނުންވީ ދުރުންނާއި ގާތުން ގިނަ ޢަދަދެއްގެ މީހުން كعبة އަށް ޒިޔާރަތްކުރުން ހުއްޓުވުމަށެވެ. އިރުމަތީ ރޯމަން އެމްޕަރަރގެ އެހީތެރިކަމާ އެކު އޭނާ "ކުލައިސް" ނަމަކަށް ކިޔާ ބޮޑު ފައްޅިއެއް ޞަންޢާ ގައި ބިނާކުރި އެވެ. އޭނާ ބޭނުންވީ މީހުން އޭނާގެ ފައްޅިއަށް ޒިޔާރަތްކުރުމަށެވެ. އެކަމަކު، ޢަރަބިން އޭނާގެ ފައްޅި އަށް އެއްވެސް އިޙްތިރާމެއް ނުކުރި އެވެ. އެހެނީ، އެބައިމީހުން އަންނަނީ ޤަދީމީ ޒަމާނުއްސުރެ، كعبة އަށް ޒިޔާރަތްކުރަމުންނެވެ. އެހެންކަމުން އަބްރަހާގެ ފައްޅިއަށް ދާ ވާހަކަ ބުނުމުން، އެ މީހުން ދުށީ، އެއީ އެ މީހުންނަށް ކުރި މަލާމާތެއް ކަމަށެވެ. އޭގެ ތެރެއިން އެކަކު އެ ފައްޅި ނަޖިސް ވެސް ކުރިއެވެ.

މި ޙާދިސާ ގެ ސަބަބުން އަބްރަހާ ވަރަށް ބޮޑަށް ރުޅި އައިސް ގެފުޅު މުގުރާލަން ނިންމި އެވެ. މި ކަން ކުރުމަށް ޓަކައި، އޭނާ ބޮޑު ލަޝްކަރެއް ތައްޔާރުކޮށް، މައްކާ އާ ދިމާލަށް ދަތުރުކުރިއެވެ. އަބްރަހާގެ ލަޝްކަރު މައްކާ އާ ކައިރިވުމުން، އެބައިމީހުން ޤުރައިޝުންގެ މުދާތައް ލޫޓަން ފެށިއެވެ. އެގޮތުން، عبدالمطّلب ގެފާނުގެ 200 ޖަމަލު އަތުލައިގަތެވެ. عبدالمطّلب އަބްރަހާގެ ގާތަށް ވަޑައިގެން، އެކަލޭގެފާނުގެ ޖަމަލުތައް އަނބުރާ ދޭން އެދިވަޑައިގަތެވެ. އަބްރަހާ ބުންޏެވެ. "އަހަރެން މިތަނަށް މިއައީ ކަލޭގެފާނުގެ ގެފުޅު މުގުރާލަންވެގެންނެވެ. އެކަމަކު ކަލޭގެފާނުގެ އެ ގެފުޅު ސަލާމަތްކުރާކަށް ބޭނުންމެއް ނުވެއެވެ. ބޭުންވަނީ ހަމައެކަނި ކަލޭގެފާނުގެ ޖަމަލު ހެއްޔެވެ؟"

عبدالمطّلب ގެފާނު ވިދާޅުވިއެވެ. "އަހުރެންނަކީ މި ޖަމަލުތަކުގެ ވެރިޔާ އެވެ. ހަމަ ޔަޤީނުން كعبةގެ ވެރި ފަރާތެއް ވެއެވެ. އެ ފަރާތުން އެ ގެފުޅު ރައްކާތެރިނުރައްވާނެތެވެ". އަބްރަހާ ބުންޏެވެ. "އަހަރެންގެ ކިބައިން އެ ގެފުޅު ސަލާމަތްކޮށްދޭނެ ފަރާތެއް ނުވެއެވެ.". އެއާއެކު، عبدالمطّلب ގެފާނަށް އެކަލޭގެފާނުގެ ޖަމަލުތައް އަނބުރާ ދިނެވެ. އެއަށް ފަހު، އޭނާގެ ލަޝްކަރަށް އޭނާ އަމުރުކުރީ މައްކާ އާ ދިމާލަށް ދިއުމަށެވެ. އަބްރަހާގެ ލަޝްކަރު ގައި "މަޙްމޫދާ" ނަމަކަށް ކިޔުނު ނީލަގެރި އެތެއް ހިމެނުނެވެ. އެ ޒަމާނުގައި ޤަބޫލުކުރެވިފައި އޮތް ގޮތުގައި، އެ ނީލަގެރި އެތް އެ ލަޝްކަރުގެ ކުރިމަތިން ލާފައި ހިނގާފައި ދިއުމުން އެ މީހުންނަށް ކާމިޔާބު ލިބޭނެ އެވެ.

އަބްރަހާ އަށް މަގުދައްކައިދޭ އެކަކު ކަމުގައިވާ ނުކައިލް ބިން ލަބީބު ލެނބިލާފައި މާ ސިންގާ ނީލަގެރި އެތުގެ ކަންފަތް ދޮށުގައި ބުންޏެވެ. "އޭ މަހްމޫދާ އެވެ. ކަލޭ މުގުރާލަންވެގެން ތިދާ ގެއަކީ الله تعالى ގެ ގެކޮޅެވެ. ހަމަ މިހާރު ކުޑަ ކަކޫ ޖަހާށެވެ. މިއަށް ވުރެ އެންމެ ތަންފުކެއް ވެސް ދުރަށް ނުދާށެވެ! ނޫން ހަމަ، ކަލޭގެ ދުވަސް ދާނެއެވެ!" އަބްރަހާ ގެފުޅާ ދިމާލަށް ދިޔަ އިރު، އެ ނީލަގެރި އެތް ކުޑަކަކޫ ޖަހައި އިތުރަކަށް ނުހިނގިއެވެ. އެކަމަކު، ޔަމަނާ ދިމާލަށް އޭތި އަނބުރާލުމުން، އޭތި ދުއްވައިގަނެއެވެ.

އެހެންކަމުން، އަބްރަހާގެ ލަޝްކަރަށް ދަތުރުކޮށްފައި ގޮސް މައްކާ އަށް ޙަމަލާ ދެވޭ ގޮތެއް ނުވިއެވެ. އެ މިހުންގެ މައްޗަށް އަބާބިލް ނަމަކަށް ކިޔޭ ދޫނި ބައިގަނޑެއް الله تعالى ފޮނުއްވި އެވެ، އެ ދޫނިތަކުގެ ތެރެއިން ކޮންމެ ދޫންޏެއް ވެސް ސަނާ މުގު އޮށެއް ނުވަތަ މުގު އޮށެއްގެ ބޮޑުމިނުގެ ތިން ހިލަ އުފުލިއެވެ. އެއީ، އެއް ހިލަ ތުނބުގައި، އަނެއް ދެ ހިލަ ދެފައިގައެވެ. އެ ދޫނިތައް އަބްރަހާގެ ސިފައިންގެ ބޯމައްޗަށް އެ ހިލަތައް އޮއްސާލިއެވެ. އެ ހިލަތައް މަތިން ތިރިއަށް ފައިބައި ސިފައިންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ތޮރުފަމުން ދިޔައެވެ. ހިލައިން ޖެހުނު ކޮންމެ ސިފައިންގެ މީހެއް ވަގުރުން މަރުވިއެވެ. ކީރިތި قرآن ގެ سورة الفيل ގެ 5 ވަނަ އާޔަތުގައި ގައި ވަޙީކުރައްވާފައިވާ ފަދައިން އެ ލަޝްކަރު ޖަނަވަރު ކައިފައި ހުރި ހުއިތަކެއް ފަދައިން ލެއްވި އެވެ. އަބްރަހާ އަށް މި ތަން ފެނުމުން، އޭނާ ބޭނުންވީ ދުވެ ފިލައި ރައްކާވާށެވެ. އެކަމަކު އޭނާ އަކަށް އެ ކަމެއް ނުވިއެވެ. އެ ހިލަތަކުގެ އަޞްލު އަމާޒަކީ ސީދާ އޭނާ އެވެ. އޭނާ ބޮޑަށް ދުވި ވަރަކަށް އޭނާގެ މަސްގަނޑުން ބައިބައި ވަކިވަމުން ގޮސް އޭނާ މަރުވީ އެވެ.

މި ޙާދިސާ ކީރިތި قرآن ގެ ގައި ވަޙީކުރައްވާފައި ވެއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ * أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍۢ * وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ * تَرْمِيهِم بِحِجَارَةٍۢ مِّن سِجِّيلٍۢ * فَجَعَلَهُمْ كَعَصْفٍۢ مَّأْكُولٍۭ * الفيل: 5-1)‏. މާނައީ: "އެތާގެ އެކުވެރިންނާ މެދު (‏އެބަހީ: فيل ބާގައިގެ މީހުންނާ މެދު)‏ ކަލޭގެފާނުގެ ވެރި ތަސްކަލާނގެ، ކަންތައް ކުރެއްވި ގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާ ތޯއެވެ؟ އެކަލާނގެ އެއުރެންގެ މަކަރާއި حيلة، ގެއްލުމެއްގެ ތެރޭގައި ނުލައްވާ ތޯއެވެ؟ އަދި އެކަލާނގެ އެއުރެންގެ މައްޗަށް ދޫނިތަކެއް ފޮނުއްވި އެވެ. ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާއަށް އުކައެވެ. ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވި އެވެ".23

ޢަރަބި ކަރަ އަދި ކައިރީގައިވާ ސަޤާފީ މަރުކަޒުތައް

އުފާވެރި ޚަބަރުތައް

"އޭ ހައްދަވައި ބޮޑޫކުރެއްވި ރަސްކަލާކޮ! އަޅާއަކީ محمّد (‏عليه السّلام)‏ ގެ އުއްމަތުގެ ތެރެއިންވާ މީހެއް ކަމުގައި ލައްވާދޭވެ!"
موسى (‏عليه السّلام)‏

އަހަރެމެންގެ ލޮބުވެތި ރަސޫލާ محمّد (‏عليه السّلام)‏ ގެ ވަޑައިގަތުން ވަނީ آدم (‏عليه السّلام)‏ އިން ފެށިގެން ހުރިހާ ނަބީންނާއި، އެ ނަބީންގެ ޤައުމުތަކުގެ މީހުންނަށް އެންގިފައެވެ. އެކަލޭގެފާނު ދުނިޔެ އަށް ވަޑައިގަތުން ކައިރިވުމާއެކު ހިނގި ވަރަށް ގިނަ ޙާދިސާތައް ވަނީ ވާރިދުވެފައެވެ.

موسى24 (‏عليه السلام)‏ އަށް ބާވައިލެއްވުނު އަދި ފަހުން ތަޙުރީފުކުރެވުނު އޮރިޖިނަލް ތައުރާތު25 ގައި ވަޙީކުރައްވާފައި ވެއެވެ:

"އެކަލޭގެފާނަކީ އެހާ ވެސް ބަރަކާތްތެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ޝަފާޢަތްތެރިކަން މަތިވެރިވެގެން ވެއެވެ. އެކަލޭގެފާނުގެ އެހީތެރިކަން ގިނަގުނައެވެ. އެކަލޭގެފާނަކީ، ފަޤީރުންގެ ލޯބިވެރިޔާ އެވެ. އަދި މުއްސަނދިންގެ ޑޮކްޓަރެވެ. އެކަލޭގެފާނަކީ، އެންމެ ރިވެތި އަދި އެންމެ ޢިއްފަތްތެރި ފަރާތެވެ. ހިންގަވާ އިރު، އެކަލޭގެފާނު މަޑުމައިތިރި އެވެ. މީހުންނަށް އެހީ ދެއްވާ އިރު، އިންޞާފުވެރި އެވެ؛ ކޮންމެ ވިޔަފާރީގެ މުޢާމަލާތެއް ގައި ވެސް އެކަލޭގެފާނު ޞައްޙައެވެ. ދީން ޤަބޫލުނުކުރާ މީހުންނަށް އެކަލޭގެފާނު ހަރުކަށިވެފައި ގަދަފަދައެވެ. އެކަލޭގެފާނަކީ، ޢުމުރުން ދުވަސްވީ މީހުންނަށް އޯގާތެރިވެފައި، ޒުވާނުންނަށް ލޯބިވެތިވެފައި އޯގާތެރި އެވެ. ކުދި ކަންތައްތަކަށް އެކަލޭގެފާނު ﷲ އަށް ޝުކުރު ދަންނަވައެވެ. ހައްޔަރުކުރެވޭ މީހުންނަށް އެކަލޭގެފާނު ހަމްދަރުދީ ވެވަޑައިގެންނެވި އެވެ. އެކަލޭގެފާނަކީ ހިތުންވުމުގެ މޫނުފުޅެއްގެ ވެރިއެކެވެ. އެކަލޭފާނުގެ ހިނިވަރުނަކުރެއްވުމަކީ، ހީލެއްވުމެކެވެ؛ އެކަލޭގެފާނު ހަރު އަޑުފުޅުން ހިނިފުޅުނުވަޑުއްވައެވެ. އެކަލޭގެފާނަކީ އުއްމިއްޔަ (‏ލިޔަންކިޔަން ނުދަންނަ)‏ ބޭކަލެކެވެ. އެއްވެސް އެއްޗެއް ކިޔުމެއް ނުވަތަ ލިޔުމެއް ނެތި، ހުރިހާ ކަމެއް އެކަލޭގެފާނަށް ވަޙީކުރެއްވުނެވެ. އެކަލޭގެފާނަކީ الله تعالى ގެ ރަސޫލާ އެވެ. އެކަލޭގެފާނަކީ، ޠަބީޢަތް ގޯސް، ހިތް ހަރު ބޭކަލެއް ނޫނެވެ. މާކެޓްތަކާއި، ބާޒާރުތަކުގައި އެކަލޭގެފާނު ހަޅޭނުލައްވައެވެ. އެކަލޭގެފާނުގެ އުއްމަތުގެ ތެރޭގައި ރަނގަޅު އަޚްލާޤު ވެއެވެ. އެބައި މީހުން الله تعالى ގެ ނަންފުޅު މަތިވެރި ތަންތަނުގައި ގިނަގިނައިން ކިޔާ އުޅެތެވެ. އެބައިމީހުންގެ މުއައްޒިނުން، މީސްތަކުން ނަމާދަށް އައުމަށް މުންނާރުތަކުން ބަންގި ގޮވައެވެ. އެބައިމީހުން ނަމާދުކުރުމުގެ ކުރިން، ވުޟޫކުރެއެވެ. އެބައިމީހުން ނަމާދުކުރާ އިރު، ސަފުތައް އެއްވަރުކުރެއެވެ. ރޭގަނޑު، އެބައިމީހުން ﷲ ގެ ނަންފުޅު ކިޔާ އަޑު ހީވަނީ މާމުއިކުޅަނދުރު ގެ އަޑާއެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަންނަވާނީ މައްކާގައެވެ. މަދީނާ އިން ދިމިޝްޤާ ދެމެދުގެ ހުރިހާ ސަރަޙައްދެއް ވާނީ އެކަލޭގެފާނުގެ ވެރިކަމުގެ ދަށުގައެވެ. އެކަލޭގެފާނުގެ ނަންފުޅަކީ محمّد އެވެ. ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް މި ދޭ ނަމަކީ متوكّل އެވެ. އެކަލޭގެފާނު، ގޯސް ދީންތައް ނައްތަވާލައްވައި، ތެދު ދީން ފެތުރުއްވުމަށް ދާންދެން ތިމަން ރަސްކަލާނގެ އެކަލޭގެފާނު ފުރާނަފުޅު ނުހިއްޕަވާނަމެވެ. އެކަލޭގެފާނު، މީސްތަކުން ހައްޤަށް ގޮވާލައްވާނެ އެވެ. އެކަލޭގެފާނުގެ ބަރަކާތުން، ކަނު ލޯތަކަށް ފެނި، ބީރު ކަންފަތްތަކަށް އިވޭނެ އެވެ. ފަރުވާކުޑަވުން، ހިތްތަކުން އަރުއްވާނެ އެވެ....26

داؤد27 (‏عليه السّلام)‏ ގެ މައްޗަށް ބާވައިލެއްވި އަދި ފަހުން ތަޙްރީފުކުރެވުނު، އޮރިޖިނަލް زَبور28 ގައި ވަޙީ ބަސްފުޅު އައިސްފައި ވެއެވެ.

"އެކަލޭގެފާނަކީ ދީލަތި ބޭފުޅެކެވެ. އެކަލޭގެފާނު އެއްގޮތަކަށް ވެސް ކޯފާއިސްނުކުރައްވައެވެ. އެކަލޭގެފާނުގެ މޫނުކޮޅު ރީތިވެފައި އަލިވެފައި، އެކަލޭގެފާނުގެ ބަސްފުޅު ފަށުވިއެވެ. އެކަލޭގެފާނަކީ، އިންސާނުންގެ ޝަފާޢަތްތެރިޔާ އެވެ. އެކަލޭގެފާނު ގިނަގިނައިން ކީރިތިކުރައްވައެވެ. އަދި ހިނިވަރުނަކުރެއްވުން މަދެވެ. އެކަލޭގެފާނު ނިދިއަވަހާރަފުޅުލައްޕަނީ މަދުންނެވެ. އަދި ގިނަގިނައިން ވިސްނަވައެވެ. އެކަލޭގެފާނުގެ މިޒާޖާއި ވިސްނެވުން ހަމަޖެހިފައި ރީއްޗެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުން ހިތްތައް ޝައުޤުވެރިކުރުވައި، ރޫޙުތައް ލަންބުވައިލައްވައެވެ. އޭ ޙަބީބެވެ! ކާފަރުންގެ ކިބައިން، ހިތްވަރުގަދަކަމުގެ މައިދާނުގައި ބަދަލުހިތްޕެވުމަށް ޓަކައި، ކަލޭގެފާނުގެ ހުރިހާ ބާރަކާ އެކު ޣީރަތްތެރިކަމުގެ ކަނޑި އުރައިން ނަންގަވާށެވެ. ރިވެތި ބަހުން ވާހަކަދައްކަވައިގެން ތިމަން ރަސްކަލާނގެ ޙައްޤު ތަޢުރީފާއި، ޖާހަތްތެރިކަން ހުރިހާ ތަނެއް ގައި ފަތުރުއްވަވާށެވެ. ދީން ޤަބޫލުނުކުރާ މީހުންގެ ބޯތައް، ކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ދެ އަތްޕުޅުގެ ކުރިފުޅުމައްޗަށް ތިރިވާނެ އެވެ".

عيسى29 (‏عليه السلام)‏ އަށް ބާވައިލެއްވުނު، ފަހުން ތަޙްރީފުކުރެވުނު އޮރިޖިނަލް އިންޖީލު30ގައި، ވަޙީކުރައްވާފައި ވެއެވެ.:

"އެކަލޭގެފާނު މާގިނައިން ކޭންނުބައްލަވައެވެ. އެކަލޭގެފާނަކީ ބަޚީލު ބޭކަލެއް ނޫނެވެ. އެކަލޭގެފާނު މަކަރު ނަހައްދަވައެވެ. އެއްވެސް މީހަކާ މެދު ދެރަކޮށްލައްވަން حديثފުޅުނުކުރައްވައެވެ. ކަންކަމުގައި އަވަސްއަރުއްވާލައްވައިގެން ނޫޅުއްވައެވެ. އަދި ކަންކަމުގައި އެކަލޭގެފާނަށް ބަދަލުނުހިއްޕަވައެވެ. އެކަލޭގެފާނަކީ ކަންނެތް ބޭކަލެއް ނޫނެވެ. އެއްވެސް މީހަކާ މެދު ދެބައޮޑުވާ ގޮތަށް ވާހަކަނުދައްކަވައެވެ....."

ރަމަލުބަލާ މީހަކު عيسى (‏عليه السّلام)‏ ގެ އަރިހުގައި އެއްސެވި އެވެ. ދެން ވަޑައިގަންނަވާނޭ ރަސޫލާގެ ނަންފުޅަކީ ކޮބައިތޯ އެވެ؟ އަދި އެކަލޭގެފާނު ވަޑައިގަންނަވަނޭ ކަމުގެ ޢަލާމާތަކީ ކޮބައިތޯ އެވެ؟ عيسى (‏عليه السّلام)‏ ވިދާޅުވި އެވެ.:

"އެ ރަސޫލާގެ ނަންފުޅުގައި ގަޔާވާކަހަލަ ރީތި ކަމުގެ ދަރަޖައެއް ވާނެ އެވެ. އެކަލޭގެފާނުގެ ރޫޙު އުފެއްދެވި އިރު، އެކަލޭގެފާނަށް އެ ނަން ދެއްވައި އެކަލާނގެ އިލާހީ މަތިވެރިކަމުގައި ލައްވައި ވަޙީކުރެއްވި އެވެ. 'އިންތިޒާރުކުރައްވާށެވެ، އަޙްމަދު އެވެ. ތިމަން ރަސްކަލާނގެ ސުވަރުގެއާއި، ދުނިޔެއާއި، އެހެނިހެން މަޚްލޫޤުންތައް ހެއްދެވީ ކަލޭގެފާނަށް ޓަކައެވެ. އެ ތަކެތި ކަލޭގެފާނަށް ދެއްވީމެވެ. ކަލޭގެފާނު މަތިވެރިކުރާ މީހުން ތިމަން ރަސްކަލާނގެ މަތިވެރިކުރައްވާހުށީމެވެ. ކަލޭގެފާނަށް ލަޢުނަތްދޭ މީހުންނަށް ތިމަން ރަސްކަލާނގެ ލަޢުނަތްލައްވާހުށީމެވެ. ސަލާމަތްކޮށްދެއްވާ ރަސޫލުގެ ގޮތުގައި، ތިމަން ރަސްކަލާނގެ ކަލޭގެފާނު ބިމަށް ފޮނުއްވާހުށީމެވެ. ކަލޭގެފާނުގެ ބަސްފުޅު ވާނީ ސީދާ ތެދަށެވެ. ބިމާއި، އުޑުތައް ފަހަރެއްގައި ނެތިހިނގައިދާނެ އެވެ. އެކަމަކު، ކަލޭގެފާނުގެ މަގަކީ އަބަދަށް ދެމިއޮންނަ އެއްޗެކެވެ'. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ނަންފުޅަކީ أحمد އެވެ". އެއަށް ފަހު، ގެ ވަށައިގެން ތިބި މީސްތަކުން ރޮއިގެންފައި ބުނޫއެވެ. "އޭ أحمد އެވެ! ދުނިޔެ ސަލާމަތްކޮށްދެއްވުމަށް ޓަކައި އަވަހަށް ވަޑައިގަންނަވާށެވެ".

محمّد (‏عليه السّلام)‏ ގެ އުއްމަތުގެ ތެރޭގައި ވެވަޑައިގަތުށް އެކަލޭގެފާނު ގިނަގިނައިން ދުޢާ ދެންނެވި އެވެ. މިހާރު ގެންގުޅޭ ބައިބަލް ގައި ވެސް އެކަލޭގެފާނުގެ ނަންފުޅު ބަނީ ބަޔާންކުރެވިގެންނެވެ. ކްރިސްޓިއަނުން އެކަލޭގެފާނަށް ކިޔަނީ “paraclete” އެވެ. ޤިޔާމަތް (‏doomsday)‏ ކައިރިވުމުން الله تعالى އެކަލޭގެފާނު (‏عيسى (‏عليه السّلام)‏)‏ ބިމަށް އަލުން ފޮނުއްވާނެ އެވެ. ދެން އޭގެ ފަހުން (‏عيسى (‏عليه السّلام)‏ ތަބާވެ ވަޑައިގަންނަވަނީ محمّد (‏عليه السّلام)‏ ގެ ދީނަށެވެ؛ ޙަލާލާއި ޙަރާމް ގެ ގޮތުގައި އެކަލޭގެފާނު ވިދާޅުވާނީ محمّد (‏عليه السّلام)‏ حديثކުރެއްވި ގޮތަށެވެ. Paraclete ގެ މާނަ އަކީ أحمد އެވެ. އަދި أحمد އަކީ محمّد (‏عليه السّلام)‏ ގެ އެއް ނަންފުޅެވެ.

އަދިވެސް އިންޖީލުގައި ވަޙީ ބަސްފުޅު އައިސްފައި ވެއެވެ.

"ހެއްދެވި ފަރާތުން ފޮނުއްވާ މުންހަމަންނާ، ހެއްދެވި ފަރާތުން ފޮނުއްވާ ރޫޙުލް ޤުދުސް، އެކަލޭގެފާނު ވަޑައިގަންނަވާ ނަމަ، އެކަލޭގެފާނު ތިމަންރަސްކަލާގެ އަށް ހެކިވެވަޑައިގަންނަވާނެ އެވެ. ކަލޭގެފާނު ވެސް ހެކިވެވަޑައިގަންނަވާށެވެ. އެހެނީ، ކަލޭގެފާނު ތިމަން ރަސްކަލާނގެ ޙަޟްރަތުގައި ގިނަ ޒަމާންތަކެއް ވަންދެން ހުންނަވައިފީމުއެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި ވާހަކަ މި އިއްވެވީ ކަލޭގެފާނު ޝައްކުނުކުރެއްވުމަށެވެ". ސީރިއަކް ބަހުގައި31 މުންހަމަންނާ ގެ މާނަ އަކީ محمّد އެވެ.

ޖާހިލީ ޒަމާން

ކައު ޞާޙިބާ رَسُوْلُ اللهِ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ކުރިން މުޅި ދުނިޔެ އޮތީ ރޫޙާނީ ގޮތުން ބޮޑު އަނދިރިކަމެއްގެ ތެރޭގައެވެ. މީސްތަކުން ވީ ޙައްދެއް ނެތް ފަސާދައިގައެވެ. الله تعالى ފޮނުއްވި ދީންތައް ހަނދާންނައްތާލާފައެވެ. އިލާހީ ޤާނޫނުގެ ބަދަލުގައި އިންސާނުންގެ ވިސްނުމަށް އިސްކަންދީފައި ވެއެވެ. އިންސާނުންގެ ވަޙްޝީކަމާއި، އަނިޔާވެރިކަމުގެ ސަބަބުން ހުރިހާ މަޚްލޫޤުން އުޅެމުން ދިޔައީ ހިތްދަތިކަމުގައެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއް ގައި الله تعالى ހަނދާން ނައްތާލާފައި؛ ހަމަޖެހުމާއި، އަމާންކަމާއި، އުފާވެރިކަމުގެ މަޞްދަރު ކަމުގައިވާ ތައުޙީދު (‏الله ގެ އެއްކައުވަންތަކަން)‏ ވަނީ އުރުއްވައިގެންފައެވެ. ކުފްރުގެ ޠޫފާނުން އީމާންތެރިކަން މީސްތަކުންގެ ހިތްތަކުން ބޭރުކުރިއެވެ. އަށް އީމާންވުމުގެ ބަދަލުގައި ބުދަށް އަޅުކަންކުރުން މީސްތަކުންގެ ހިތްތަކުގައި އަށަގެންފި އެވެ.

މޫސާގެފާނު ގެނެސްދެއްވި ދީން މީސްތަކުން ހަނދާންނައްތަލި އެވެ؛ ތައުރާތާ ކުޅެ ބަދަލުކޮށްފޫއެވެ. އިސްރާއީލުގެ ދަރިންގެ މެދުގައި އޮތީ ތަޅާފޮޅުމާއި ހަމަނުޖެހުމެވެ. عيسى (‏عليه السّلام)‏ ގެނެސްދެއްވި އަޞްލު ނަޞާރާ ދީން ވެސް އޮތީ އޮޅުވާލާފައެވެ؛ ދީނުގެ ކަންފުޅެއް ވެސް ނެތެވެ. ތިން އިލާހުންގެ ތިބޭ ކަމަށް ބުނާ "ޓްރިނިޓީ" ގެ ޢަޤީދާ ޤަބޫލުކޮށްފޫއެވެ. ޙަޤީޤީ އިންޖީލު ގެއްލިއްޖެ އެވެ؛ ފާދިރީން އެ މީހުން ހިތަށް އެރި ގޮތަކަށް އެ ފޮތް ބަދަލުކުރިއެވެ. އެ ދެ ފޮތް ވެސް އެންމެ ފަހުން الله تعالى ގެ ކަލާމް ގޮތުގައި ނުދެމެހެއްޓުނެވެ.

ތަޙުރީފުކުރެވިފައިވާ ތައުރާތް މިޞްރުގައި ބޭނުންކުރެވެން ފެށިއެވެ؛ އިރުމަތީ ރޯމަން އެމްޕަޔަރ ގައި ބަދަލުކުރެވިފައިވާ ނަސްރާނިއްޔަތު ނުވަތަ ކްރިސްޓިއަނީޓީ އޮތެވެ. އީރާނުގައި އަލިފާނަށް އަޅުކަން ކުރެވުނެވެ. އެ މީހުން އަޅުކަން ކުރަމުން އައި އަލިފާން އެތަކެއް ހާސް އަހަރެއް ވަންދެން ވެސް ނިއްވާލާފައެއް ނުވެއެވެ. މީހުން އަމިއްލައަށް ހަދައިގެން އުޅުނު ދީންތައް ގިނަވެގެން ދިޔައެވެ. މީގެ މިސާލަކީ އިންޑިޔާ ގައި ފެތުރުނު ކޮންފިއުސިއަނިޒަމް، އަދި ޗައިނާ ގައި ބުދު ދީނެވެ.

ޢަރަބި ކަރައިގެ މީހުން ފަސާދަވެފައި ތިބި ލެތް އަދި މާ ބޮޑެވެ. އެބައިމީހުން، الله تعالى މާތްކުރެއްވި كعبةގެ ތެރޭގައި 360 ބުދު ބަހައްޓައިގެން އުޅުނެވެ. كعبة އަކީ، ޢަރްޝީ ގައި މަލާއިކަތް ބޭކަލުން ޒިޔާރަތްކުރައްވާ، އެއް މިނަކަށް ހެދިފައިވާ بيت المعمور ގެ ކޮޕީއެކެވެ. كعبةގެ ޤަދަރު ކުޑަ ކުޅަ ކޮންމެ މީހަކު الله تعالى ވަނީ ހަލާކުކުރައްވާފައެވެ.

"ތިމަން ކަލޭގެފާނުގެ ފަހުން أحمد އޭ ނަންދެވުނު ރަސޫލަކު ވަޑައިގަންނަވާނެ އެވެ".
عيسى عليه السّلام

ޖުރުހުމް ވަންހައިގެ މީހުން ޖިންސީ ގުޅުން ހިންގުމާއި، ޒިނޭކުރުމުގައި ތިބީ މާ މައްޗަށް ގޮސްފައެވެ. އެ މީހުންގެ ވެރިޔާ، އެ މީހުންގެ ޤަދަރުކުޑަ ދަށް ފެންވަރުގެ ސުލޫކު ފެނިފައި، އެ މީހުންނަށް އިންޒާރު ދިނެވެ. "އޭ ޖުރުހުމްގެ މީހުންނޭވެ! الله تعالى ގެ ޙަރަމުއްޝަރިފާއި، އެ ގެފުޅުގެ ރައްކާތެރިކަން ފެނިފައި، ކަލޭމެންގެ ޙިއްސުތަކުގެ ބޭނުންކުރާށެވެ. ރަސޫލުން ކަމުގައިވާ ހޫދު، ޞާލިޙު، އަދި ޝުޢައިބު (‏علبهم السّلام)‏ ގެ އުއްމަތްތަކުގެ މީހުންނަށް ވެގެންދިޔަ ގޮތް، އެ އުއްމަތްތައް ހަލާކުކުރެއްވި ގޮތް ތިޔަބައިމީހުންނަށް އެނގޭނެ އެވެ. ހެޔޮ ޢަމަލުތައް ކުރުމަށް އެކަކު އަނެކަކަށް ހިތްވަރުދީ، ނުބައި ކަންތައްތަކާ ކައިރިވުމާ މެދު އެކަކު އަނެކަކަށް އިންޒާރުދޭށެވެ. ތިބާގެ ވަގުތީ ބާރަކުން ފެންވަރުނޯޅޭށެވެ. ޙައްޤާ ދުރުވެ، މައްކާ ގައި އަނިޔާވެރިވުމުން ދުރުވެގަންނާށެވެ. އެހެނީ، އަނިޔާވެރިވުމަކީ، މީސްތަކުން ހަލާކުކޮށްލާ ކަމެކެވެ. އަހުރެން الله تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. ޙައްޤުން ދުރުވެގަނެގެން މިތާގައި އުޅުނު އެއްވެސް ބަޔަކު، އެ ބަޔަކު ނެތިނުކުރައްވާ އަދި އޭގެ ބަދަލުގައި އެހެން ބަުޔަކު ނުގެންނަވާ އެއްވެސް ބަޔަކު ނުވެއެވެ. މައްކާގެ މީހުންނަށް މިތާގައި ތާއަބަދަކު ނުތިބެވޭނެ އެވެ. ފަހެ، އެމީހުންގެ ފަސާދައިގައި އެމީހުން ކުރިޔަށް ގޮސް، ޢައްޤުން ވަނީ އެއްކިބާވެފައެވެ. ކަލޭމެންގެ ކުރިން މިތާގައި ވަޒަންވެރިވީ މިހުންނަށް ވީ ގިތް ކަލޭމެންނަށް އެނގޭނެ އެވެ. ތަސްމް، ޖާޑިސް އަދި ޢަމާލިޤާ ދަރިކޮޅުގެ މީހުން ކަލޭމެންނަށް ވުރެ ދިގު ޢުމުތަށް އުޅުނެވެ؛ އެ މީހުން ކަލޭމެންނަށް ވުރެ މާ ބާރުގަދަވެފައި، ޢަދަދުން ގިނަވެފައި، މުއްސަންޖެވެ. އެބައިމީހުން ޙަރަމުއްޝަރީފާ ދުރުވުމާއި، ޙައްޤުން އެއްކިބާވެ، މީސްތަކުންނަށް އަނިޔާދީ، މި ބަރަކާތްތެރި ބިމުން އަރުވާލުމަށް މެދުވެރިވި ސަބަބަކަށް ވިއެވެ. އެބައި މީހުންގެ ބައެއް މީހުންގެ މައްޗަށް ކުދި ހިނަތަކެއް ފޮނުއްވައި، އަދި އަނެއް ބަޔެއްގެ މައްޗަށް ބަނޑުހައިހޫނުކަން ފޮނުއްވައި، އަދި ބަޔަކު ކަނޑިން ނައްތަވާލެއްވި އެވެ".

އެކަމަކު، އެބައިމީހުން އެއަޑެއް ނޭހިއެވެ. އެންމެ ފަހުން، އެބައިމީހުންގެ ފަސާދަ ބޮޑުކަމާ ހެދި އެބައި ދެރަނިކަމެތިކޮށްލެއްވި އެވެ.

އެ ދުވަސްވަރު، ކައުނުގެ މަރުކަޒު ކަމުގައިވާ މައްކާ ގައި ކުފުރުގެ ކަންތައްތައް ވަރަށް ގިނައެވެ؛ ﷲ ގެ ގެކޮޅު ކަމުގައިވާ ގެފުޅު ތެރެ ލާތާއި، ޢުއްޒާ އާއި، މަނާތު ފަދަ އެތަކެއް ސަތޭކަ ބުދުތަކުން ފުރާލާފައެވެ. އަނިޔާވެރިކަން އޮތީ އޭގެ އެންމެ ބޮޑަށް ފެތުރިފައެވެ. ބަދުއަޚްލާޤީ ކަންތައްތައް ކުރުން އޮތީ ފަޚްރަކަށް ވެފައެވެ. ޢަރަބި ކަރަ އޮތީ، ދީނީ، ރޫޙާނީ، އިޖްތިމާޢި އަދި ސިޔާސީ އަނދިރިކަމާއި، ކަނު ޖަހާލަތާއި، ޙައްދުންނެއްޓުމާއި، ފަސާދައިގެ ތެރޭގައެވެ. ޖާހިލީ ޒަމާނޭ ކިޔުނު އެ ދުވަސްވަރު، ގިނަ މީހުން އުޅުނީ ބަކަރި ހުއިހަތްޕާ މީހުންގެ ގޮތުގައި، ގަބީލާތަކަކަށް ބެހިގެންނެވެ.

ޖާހިލީ ޒަމާނަކީ، އަނދިރިކަމުން ފެތުރިފައިވި ޒަމާނެކެވެ. އަބަދު ތަޅާފޮޅުމުގައި ތިބި ޢަރަބި ޤަބީލާތަކުން ދުށްގޮތުގައި، އަރައިގަނެ، ލޫޓުވުމަކީ އެބައިމީހުން ދިރިއުޅުމަށް ކުރި މަސައްކަތެކެވެ. އަދި ހަމަ އެއާއެކު، އޭރު ގޯނާކުރުމާއި، ފޭރުން ފެތުރިފައިވި ޤަބީލާތަކަކުން އެކުލެވިގެންވީ ޢަރަބި ކަރައިގައި ސިޔާސީ އަދި އިޖްތިމާޢީ އެއްވެސް ނިޒާމެއް ނެތެވެ. އަދި ހަމަ އެއާއެކު، ބަނގުރަލާއި، ގޭމްބްލިންގއާއި، ޖިންސީގޮތުން ނަހަމަ ގުޅުން ހިންގުމާއި، ވައްކަންކުރުމާއި، އަނިޔާވެރިވުމާއި، ދޮގުހެދުމާއި، ހުރިހާ ބަދުއަޚްލާޤީ ކަންތައްތަކެއް އޭގެ އެންމެ ބޮޑަކަށް އޮތީ ފެތުރިގެން ގޮސްފައެވެ. އަނިޔާވެރިކަމަކީ، ދެރަނިކަމެތިންނާ ދެކޮޅަށް، ބާރުގަދަ މީހުން ބޭނުންކުރި އެންމެ ރަޙްމެއް ނެތް އަދި އެންމެ ބިރުވެރި ހަތިޔާރެވެ. އާދައިގެ މުދާ ފަދައިން އަންހެނުން ގަނެވިއްކައި ހެދިއެވެ. އޭގެތެރެއިން ބައެއް މީހުން ޤަބޫލުކުރި ގޮތުގައި، އަންހެން ދަރިން އުފަންވުމަކީ، މުޞީބާތެއް އަދި ލަދުވެތިކަމެކެވެ. މި ބިރުވެރި ވިސްނުން މައްޗަށް ގޮސްފައި އޮތް މިންވަރަކީ، އެމީހުން އެމީހުންގެ އަންހެން ދަރިން ވަޅުގަނޑުތަކަށް ލައި ފަސްއަޅައި، ބައްދަބައްދާފަ ރޮމުންރޮމުން "ބައްޕާ! ބައްޕާ!" މިހެން ގޮވަގޮވާ ތިއްބާ މަރުވާން ދޫކޮށްލައެވެ. އެމީހުންގެ މި ޢަމަލުތަކުގެ ސަބަބުން އެމީހުންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ؛ އަދި ކީއްތޯ އެވެ؟ އެބައިމީހުން ދުށްގޮތުގައި، އެއީ މޮޅުކަމެކެވެ. އެހެންގޮތަކަށް ބުނާ ނަމަ، އެ ދުވަސްވަރުގެ މީހުންނަކީ، އޯގާތެރިކަމާއި، ރަޙުމާއި، ދީލަތިކަން ނުވަތަ އިންޞާފުގެ އިޙްސާސް ވަރަށް ކުޑަ ބައެކެވެ.

އެކަމަކު އެ ދުވަސްވަރު ޢަރަބިންގެ ތެރޭގައި ވަރަށް ފާހަގަކުރެވޭ ކަމެއް އޮތެވެ. އަދަބިއްޔާތާއި، ބަލާޣާއާއި، ފަށުވިކަން އޮތީ ވަރަށް ބޮޑަށް ކުރިއަރާ، އޭގެ އެންމެ ކުންނަށް އަރާފައެވެ. ޅެމާއި، ޅެންވެރިކަމަށް އެބައިމީހުން ވަރަށް އަހުމިއްޔަތުކަން ދިނެވެ. އަދި އެއީ، އެ މީހުންގެ ފަޚްރުގެ މަޞްދަރެއް ކަމަށް ބެލިމެއެވެ. ހުނަރުވެރި ޅެންވެރިއެއް ކަމުގައި ވާ ނަމަ، އޭނާ އަށާއި، އޭނާގެ ގަބީލާ ގެ ފަޚްރަކަށް އޮތީ ވެފައެވެ. ޚާއްޞަ ވަކި ދުވަސްތަކެއް ގައި، އެބައިމީހުންގެ މެދުގައި ފެއަރތައް ބާއްވައި، ޅެންވެރިކަމާއި، ވާހަކަދެއްކުމުގެ މުބާރާތްތައް ބޭއްވި އެވެ. އޭގެ ތެރެއިން އެންމެ މޮޅެތި މަސައްކަތް ހުރީ ގެފުޅުގެ ފާރުތަކުގައި އެލުވާފައެވެ. ޖާހިލީ ޒަމާނުގައި، ގެފުޅުގައި އެލުވާފައި ހުރި އެންމެ މަޝްހޫރު ހަތް ޅެމަށް ކިޔުނު ނަމަކީ، "معلّقة السبع"، މާނައަކީ، "އެލުވާފައިވާ ހައެތި" އެވެ.

އެ ދުވަސްތަކުގެ ތެރޭގައި، ދީނީ ކަންތައްތަކުގައި ވެސް ޢަރަބި ކަރައިގެ މީހުން ތިބީ ތަފާތު ބައިބަޔަށް ބަހާލެވިފައެވެ. އޭގެ ތެރެއިން ބައެއް ގްރޫޕްތަކަކީ، އެއްވެސް ޢަޤީދާއެއް ދީނެއް ނެތް ދުނިޔަވީ ތަކެތި ފިޔަވައި އިތުރު އެއްވެސް އެއްޗެއް ޤަބޫލުނުކުރި މީހުންނެވެ. އޭގެތެރެއިން ބައެއް މީހުންالله تعالى އަށް އީމާންވި އެވެ. އެކަމަކު، އާޚިރަތް ދުވަހަށް އީމާނެއް ނުވިއެވެ. އޭގެ ތެރެއިން ގިނަ މީހުން، ބުދުތަކަކީ الله تعالى ގެ ބައިވެރިން ކަމަށް ޤަބޫލުކޮށް، އެ އެއްޗިއްސަށް އަޅުކަންކުރި އެވެ. ކޮންމެ މުޝްރިކެއްގެ ގޭގައި ބުދެއް ހުއްޓެވެ.

ދުނިޔެ ކަނުއަނދިރިކަމުގައި އޮތް މިންވަރަކީ، ހުރިހާ އެއްޗެއް ހެއްދެވި الله تعالى އަށް އަޅުކަންކުރުން މީސްތަކުން ތިބީ ދޫކޮށްލައިގެންނެވެ. އެބައިމީހުންގެ ޖާހިލުކަމުން، އެބައިމީހުން އަޅުކަންކުރަމުން ދިޔައީ، ޤުދުރަތީ ޙާދިސާތަކަށާއި، الله تعالى ގެ ހެއްދެވި ތަކެތި، ޚާއްޞަކޮށް، އެ މީހުންގެ އަމިއްލަ އަތުން، ކަލާގެތައް ކަމަށް ހިލަޔާއި، ލަކުޑީ ގައި ކަނޑާނަގައިގެން ގެންގުޅު ބުދުތަކަށެވެ.

އެ މުޝްރިކުން ފިޔަވައި، إبراهيم (‏عليه السّلام)‏ ގެ ދީން މަތީގައި ތިބި "ޙަނީފް" އީމާން ގައި ތިބި މުއުމިނުން ވެސް ތިއްބެވެ. އެފަދަ މީހުން الله تعالى އަށް އީމާންވި އެވެ. އަދި ތިބީ ބުދުތަކަ ދުރުވެގެންނެވެ. އަހަރެމެންގެ ކައު ޞާޙިބާ رَسُوْلُ اللهِ ﷺ ގެ ބައްޕާފުޅު ޢަބްދުﷲ ގެފާނާއި، އެކަލޭގެފާނުގެ ކާފާފުޅު عبدالمطّلب ގެފާނާއި، އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުގެފާނާއި، އެހެން ބައެއް ބޭކަލުން ތިއްބެވީ إبراهيم (‏عليه السّلام)‏ ގެ ދީން މަތީގައެވެ.

ޙަނީފު މުއުމިނުން ފިޔަވައި، އެހެން ހުރިހާ ގްރޫޕްއް ތިބީ، ގޯސް މަގުގައި އިންތިހާއަށް ބޮޑު އަނދިރިކަމުގައެވެ.

ظُلمات އަދި ދިރިހުރުމުގެ ކޯރު

"ޤިޔާމަތް ދުވަހު، ކުރިން އުޅުނު މީހުންނާއި، އޭގެ ފަހުން އުޅުނު އެންމެންގެ ސައްޔިދަކީ ތިމަންކަލޭގެފާނެވެ. ތިމަންކަލޭގެފާނު މި ކިޔައިދެއްވަނީ ތެދެވެ. މިއީ ބޮޑަވެގަތުމެއް ނޫނެވެ."
حديث الشّريف

أبو مشاهد بن أنور بن ناظف (‏رحمه الله)‏ ވިދާޅުވި ގޮތުގައި، ދިރިހުރުމުގެ ކޯރު ވަނީ، އަނދިރިކަމުގެ ތެރޭގައެވެ. ދިރިހުރުމުގެ ކޯރަކީ، އެ ފެން ބުއިމުން މަރުނުވާ، ދިރުމުގެ ފެނެވެ. އަދި ޒުލްމާތަކީ އަނދިރިކަމެވެ. މި ދިރިހުރުމުގެ ފެން ހުންނަ ކަމަށް ބުނެވެނީ، އެހިސާބަށް ދެވިފައިނުވާ ޖަންގައްޔެއްގައި، ވަލުޖަނަވާރުތަކުގެ މެދުގައި، ކަނު އަނދިރީގައި ފުން ވަލުގައެވެ. މި ފެނާ ހަމައަށް ދިއުމަކީ މުސްތަޙީލާ އެއްވަރުގެ ކަމެކެވެ. ތުންތުންމަތިން ވާހަކަދެކެވޭ ގޮތުގައި، އެ ހުރަސްތައް ގިރާކޮށް މީހަކަށް މި ފެނާ ހަމަޔަށް ދެވިއްޖެ ނަމަ، އެ މީހަކު މަރެއް ނުވާނެ އެވެ. އަހްލުއްސުންނާއިން ޤަބޫލުކުރާ ގޮތުގައި، ދިރިހުރުމުގެ ކޯރު ވަނީ ޤާފު ފަރުބަދައިގެ ބިއްދޮށުގައި، މިހާތަނަށް ދެވިފައިނުވާ ޖަންގައްޔެއްގެ އެންމެ އަނދިރި ކަނުގައެވެ. ނިމުމެއް ނުވާ ދުނިޔެއަށް ދައުރުވާ މި ފެނުގެ އެންމެ ތިއްކެއް ބޯ މީހާ އަށް ނިމުމެއް ނުވާ ނިޢުމަތްތައް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

حضرة حسين حلمي بن سيّد ވިދާޅުވެފައި ވެއެވެ. "އެ ފެނުން އެންމެ ތިއްކެއް ބުއި މީހަކަށް މަރުވުމެއް ނެތެވެ. ސުވަރުގޭގައި ދާއިމީ ދިރުން އޭނާ އަށް ލިބިގެން ވެއެވެ. ދިރިހުރުމުގެ ކޯރުގެ ވަނީ، ނުބައި މީހުންނާއި، ބިދުޢަޔާއި،32 (‏رَسُوْلُ اللهِ ﷺ އަދި ހަތަރު ޚަލީފާއިންގެ ދުވަސްވަރު ނެތް، އެކަމަކު އޭގެ ފަހުން މީސްތަކުން ހަދައިގަތް އަޅުކަންތަކާއި، ކަންތައް)‏ ދީން ކުފުރުގެ ތެރޭގައެވެ.

ކައުނުގެ ސައްޔިދުގެ ފޮނުއްވުން ކައިރިވުން

ކައުނާއި، ޠަބީޢަތާއި، ހިތްތައް ހިތާމަވެރިވެ، މޫނުތައް ހިނިތުންވާން ހަނދާންނެތިއްޖެ އެވެ. އެހެން މަޚްލޫޤުންތަކަށް ވުރެ މަތިވެރިކޮށް ހައްދަވާފައިވާ އިންސާނިއްޔަތަށް، އެބައިމީހުން ނަރަކައިން ސަލާމަތްކޮށްދެއްވާނެ ބަޠަލަކަށް ބޭނުންޖެހިއްޖެ އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ކުރިން ލިބިފައިއޮތް ވަގުތު ކުޑައެވެ. آدم (‏عليه السّلام)‏ އިން ފެށިގެން ޢިއްފަތްތެރި އެއް ނިތްކުރިން ޢިއްފަތްތެރި އަނެއް ނިތްކުރިއަށް ނަޤްލުވަމުން އައި ނޫރުގެ ވެރިޔާ ކަމުގައިވި އެކަލޭގެފާނަށް މަރުޙަބާ ދެންނެވުމަށް މުޅި ކައުނު ދިޔައީ ތައްޔާރުވަމުންނެވެ. އިންސީންނާއި ޖިންނީންނަށް ނިމުމެއް ނެތް ނިޢުމަތްތަކުގެ އުފާވެރި ޚަބަރުދެއްވާނެ ޚާއްޞަ ބޭފުޅާ ގެ ވަޑައިގަތުން ގާތްވެއްޖެ އެވެ. އޯގާތެރިކަމާއި، ރަޙުމުގެ މަޞްދަރު ކަމުގައިވީ، އެކަލޭގެފާނު ރައްބުގެ ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންވީ މަތިވެރި އިންސާނާ ވަޑައިގަންނަވަނީ އެވެ.

މަޤާމުލް މަޙްމޫދުގެ ވެރިޔާ، އަދި ޝަފާޢަތްތެރިންގެ ތާޖުގެ ޖައުހަރު ވަޑައިގަންނަވަނީ އެވެ. ކައުނުގެ މުދައްރިސް، މަޚްލޫޤޫންގެ ޖައުހަރު، އަދި އިންސާނިއްޔަތުގެ ސައްޔިދު ވަޑައިގަންނަވަނީ އެވެ. ޤިޔާމަތް ދުވަހު ސަލާމަތްކޮށްދެއްވާނެ، ރަސޫލުންގެ ސުލްޠާން ވަޑައިގަންނަވަނީ އެވެ. الله تعالى، ލޯބިވެވޮޑިގަންނަވާ، އަހަރެމެން އެ ބޭކަލަކަށް ޓަކައި ހައްދަވާފައިވާ، ޢާލަމްތަކަށް ރަޙްމަތެއް ކަމަށް ފޮނުއްވުނު އަހަރެމެންގެ ލޮބުވެތި ރަސޫލާ ވަޑައިގަންނަވަނީ އެވެ. އަހަރެމެންގެ ސައްޔިދު، ރަސޫލާ ޙަޟްރަތު (‏صلّى الله عليه وسلّم)‏ ވަޑައިގަންނަވަނީ އެވެ.

އެމީހުން ބުނޫއެވެ. ކަމަނާގެ ފިރިހެން ދަރިފުޅު ފަދަ އެހެން ކުއްޖަކު ނެތޭ،
ދުނިޔެ ފެށުނީއްސުރެ ނާދެއޭ.
ﷲ އެއްވެސް މީހަކަށް ނުދެއްވައޭ،
ކަމަނާގެ ފިރިހެން ދަރިފުޅު ފަދަ ނިޢުމަތެއް.
އޭ އާމިނާއެވެ، ކަމަނާ އަށް ކިހާ މަތިވެރި ޣަނީމާއެއް ހެއްޔޭ؟
ރިވެތި އަޚްލާޤުގެ ވެރިޔާ، ކަމަނާ ރައްކާވާނީ.
ވަޑައިގަންނަވާނީ އިލްހާމްކުރެވިގެންވާ ޢިލްމުގެ ސުލްޠާނޭ،
ވަޑައިގަންނަވާނީ ތައުޙީދާއި ޙިކްމަތުގެ މަޞްދަރޭ.
އެކަލޭގެފާނުގެ އެއް ނަމަކީ محمود އެވެ. އަނެއް ނަމަކީ أحمد އޭ،
އެކަލޭގެފާނުގެ ވުޖޫދުވުމަކީ، މުޅި ޢާލަމަށް ހުރި އޯގާވަންތަވެރިކަމެކޭ.
އެކަލޭގެފާނަށް ޓަކައި، މުޅި ކައުނު އެނބުރެއޭ،
އިންސާނުންނާއި، މަލާއިކަތުން، ތިބެނީ އެކަލޭގެފާނުގެ މޫނުފުޅު ދެކެން ކެތްމަދުވެފައޭ.