ބިއުރު މަޢޫނާގެ ޙާދިސާ
"އެ ބޭކަލުން (ބިއުރު މަޢޫނާގެ ޝަހީދުން) الله تعالى އަށް ދަންނަވައިފި އެވެ. الله تعالى އެ ބޭކަލުންނާ މެދު ހިތްރުއްސަވައިފި އެވެ. އަދި އެބައި މީހުން ތިބީ الله تعالى އަށް ރުހިގެންނެވެ".
حديث الشريف
ހަމަ އެ އަހަރު، އާދެ ހިޖްރައިން ހަތަރު ވަނަ އަހަރުގެ ޞަފަރު މަހު ޢަރަބި ކަރައިގެ ނަޖްދު ސަރަޙައްދުގެ ޢާމިރު ވަންހައިގެ ޒަޢީމު ކަމުގައިވާ أبو براء ޢާމިރު ބިން މާލިކު، މަދީނާ އަށް އަތުވެއްޖެ އެވެ. އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ޒިޔާރަތްކުރި އެވެ. رَسُوْلُ اللهِ ﷺ އޭނާ އަށް އިސްލާމް ދީނުގެ މަޢުލޫމާތު ދެއްވައި، މުސްލިމަކަށް ވުމަށް އިރުޝާދު ދެއްވި އެވެ. أبو براء އިސްލާމެއް ނުވި އެވެ. އެކަމަކު، އޭނާ ނިންމީ އިސްލާމް ދީނަކީ، ރިވެތި އަދި ޝަރަފުވެރި ދީނެއް ކަމަށެވެ. އޭގެ އިތުރަށް، އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހުން އެދުނީ ނަޖްދު ގައި އިސްލާމް ދީން ފެތުރުމަށް ޓަކައި ބައެއް އަޞްޙާބު ބޭކަލުން ފޮނުވުމަށެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ފޮނުވާނެ މީހުންނާ ދޭތެރޭ ގައި ތިމަންކަލޭގެފާނު ނަޖްދުގެ މީހުންނަކަށް އިތުބާރެއް ނުކުރައްވަމެވެ". ޢާމިރު ޖަވާބު ދިނެވެ. "އަޅުގަނޑު އެ މީހުން ގެންދާނީ އަޅުގަނޑުގެ ޙިމާޔަތުގެ ދަށުންނެވެ. އޭރުން އެއްވެސް މީހަކަށް އެ މީހުންނަކަށް ހާނީއްކައެއް ނުކުރެވޭނެ އެވެ".
رَسُوْلُ اللهِ ﷺ އެ ގޮތަށް އެއްބަސްވެ ވަޑައިގެން، އަޞްޙާބު ބޭކަލުންގެ ހަތްދިހަ ބޭކަލުންގެ ވަފުދެއް ތައްޔާރުކުރައްވައިފި އެވެ. އެ ބޭކަލުން ރޭގަނޑު ކީރިތި ޤުރްއާން ކިޔަވާނެ އެވެ. އެ ހުރިހާ ބޭކަލުންނަކީ ޙާފިޒުންނެވެ. އެ ބޭކަލުންނަށް ދެވިގެންވީ ނަމަކީ أصحاب القُرّاء އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަންތަކަކީ: عامر بن فُهيرة، عمرو بن ضمري، عطية بن عيدالله، أنس بن معاوية، حكم بن كيسان، حارث بن صمّة، كعب بن زيد، مالك بن ثابت، مُنذر بن عمرُو، رافع بن منزل، ساعد بن حُزام، سالم بن ملحان، سُهيل بن عامر، طُفيل بن أسعد އަދި عروة بن أسماء بن الصلت (رضي الله عنهم) އެވެ. رَسُوْلُ اللهِ ﷺ ގެ އަމުރުފުޅާ އެކު، مُنذر بن عمرُو ގެ ކޮމާންޑު ކަމުގައި، އެ ބޭފުޅުން ދަތުރު ފަށްޓަވައިފި އެވެ. ދެ ސިޓީ ލިޔުއްވާފައި މި ވަފުދުގެ އަތަށް ދެއްވައި، ބަނީ عمرُو އާއި ބަނީ ނަޖްދު ވަންހައިގެ ޒަޢީމުންނަށް ފޮނުއްވި އެވެ.
އޭނާގެ ޤަބީލާ އިސްލާމް ދީން ޤަބޫލުކުރުމަށް ބޭނުންވި أبو براء، ޞަޙާބީންނަށް ވުރެ ކުރިން ދަތުރުކޮށްފައި ގޮސް އޭނާގެ ޤަބީލާގެ މީހުން ކައިރީގައި ބުނީ، އޭނާ އެ ވަފުދު ގެނައީ އޭނާގެ ޙިމާޔަތުގެ ދަށުގައި ކަމަށާއި، އެއްވެސް މީހަކު އެ ވަފުދުގެ މީހުންނަށް އަނިޔާއެއް ނުކުރުމަށެވެ. އޭނާއަށް ބޮޑުބޭބެ ކިޔާ ޢާމިރު ބިން ޠުފައިލު ފިޔަވައި އެހެން އެންމެން އެ ވަފުދަށް އަނިޔާއެއް ނުކުރުމަށް އެއްބަސްވެއްޖެ އެވެ. ޢާމިރު ހެދި ގޮތަކީ، ތިން ޤަބީލާގެ ފިރިހެނުން ހަތިޔަރު އަޅުވައި، އެ މީހުންގެ ވެރިޔަކަށް ވެ، ބިއުރު މަޢުނާ އާ ހަމައަށް އައި ޞަޙާބީން ޙިޞާރުކޮށްފި އެވެ. ހުރިހާ ދިމާލަކުން ޙިޞާރުކުރެވިފައިވާ ޞަޙާބީން އެ ބޭކަލުންގެ ކަނޑިތައް އުރައިން ނަންގަވައި އެންމެ ފަހު ލޭތިއްކަށް ދާންދެން ހަނގުރާމަކުރެއްވި އެވެ. އެ ޞަޙާބީންގެ ތެރެއިން އެންމެ ދެ ބޭކަލުން ފިޔަވައި އެހެން އެންމެން ޝަހީދުވެގެންދިޔަ އެވެ. عمرو بن أُميّة (رضي الله عنه) އެ މީހުން ގެންދިޔައީ އަސީރެއްގެ ގޮތުގައެވެ. އަދި كعب بن زيد (رضي الله عنه) މަރުވެފައިވާ ކަމަށް ހީކޮށް ދޫކޮށްލީއެވެ.
ޝަހީދުވެގެންދިޔަ މި ބަރަކާތްތެރި ޞަޙާބީންގެ އެންމެ ފަހު ބަހަކަށް ވެގެންދިޔައީ، "އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅަމެންގެ ޙާލަތު އަށް އަންގަވައިދެއްވާނޭ ފަރާތެއް އިބަސުވާމީންގެ މެނުވީ ނެތެވެ. އަޅަމެންގެ ސަލާމް އެކަލޭގެފާނަށް އަންގަވައިދެއްވާދޭވެ!"، މިއެވެ. އެ ވަގުތު، جبريل (عليه السّلام)، رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަރަށް ހިތާމަވެރި ޙާލަތެއް ގައި ވަޑައިގެން، ނަޖްދަށް ފޮނުއްވުނު ވަފުދުގެ ސަލާމް ރައްދުކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. "އެ ބޭކަލުން الله تعالى އަށް ދަންނަވައިފި އެވެ. الله تعالى އެ ބޭކަލުންނާ މެދު ހިތްރުއްސަވައިފި އެވެ. އަދި އެބައި މީހުން ތިބީ الله تعالى އަށް ރުހިގެންނެވެ".
رَسُوْلُ اللهِ ﷺ "و عليه السّلام"، އޭ حديث ކުރެއްވުމަށް ފަހު، އެކަލޭގެފާނުގެ ޞަޙާބީންނާ ދިމާލަށް އެނބުރި ވަޑައިގެންފައި، ހިނގާދިޔަ ކަންތައްތަކުގެ މަޢުލޫމަތު ވަރަށް ހިތާމަޔާ އެކު ދެއްވަމުން حديث ކުރެއްވި އެވެ. "ތިޔަބައި މީހުންގެ އަޚުންނާ މުޝްރިކުންނާ ކުރިމަތިލައިފި އެވެ. މުޝްރިކުން އެ މީހުންގެ ލޮންސިތަކުން އެ އަޚުން ފޮތޮފޮތިކޮށް ކުދިކުދިކޮށްލައިފި އެވެ...".
ބިއުރު މަޢޫނާގެ ޙާދިސާ
"ﷲ ގަންދީ ހުވާކުރަމެވެ. އަހަންނަށް ސުވަރުގެ ލިބިއްޖެ އެވެ".
عامر بن فهيرة (رضي الله عنه)
މި ޙާދިސާ ގައި، عامر بن فُهيرة ޢަދުއްވުންނާ ހަނގުރާމަކުރައްވަމުން ގެންދަވަނިކޮށް، ޖައްބާރު ނަމަކަށް ކިޔާ މީހަކު އޭނާގެ ލޮންސި، عامر ގެފާނުގެ ބުރަކަށްޓަށް ހަރައިފި އެވެ. އެ ވަގުތު ޢާމިރު ވިދާޅުވި އެވެ. "ﷲ ގަންދީ ހުވާކުރަމެވެ. އަހަންނަށް ސުވަރުގެ ލިބިއްޖެ އެވެ". ދެން އޭނާގެ ހަށިގަނޑު އުޑަށް އުފުލިގެންދިޔައީ، ޖައްބާރާއި، އެހެން މުޝްރިކުންގެ ލޮލުގެ ކުރިމަތީގައެވެ. މި ޙާދިސާއާ ވިދިގެން އެންމެން ވެސް ތިބީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އިސްލާމްވީ ހަމައެކަނި ޢާމިރު ޝަހީދުކޮށްލި ޖައްބާރު އެކަންޏެވެ.
ރަޖީޢު އާއި ބިއުރު މަޢޫނާ މި ދެ ޙާދިސާއާ ވިދިގެން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. އެއްމަސް ދުވަސް ވަންދެން، ކޮންމެ ނަމާދަކަށް ފަހު، މި އަނިޔާވެރި ޢަމަލުތައް ހިންގި ޤަބީލާތަކަށް ބަލާޖެއްސެވުމަށް ދުޢާ ކުރެއްވި އެވެ. رَسُوْلُ اللهِ ﷺ ގެ ދުޢާ الله تعالى އިޖާބަކުރެއްވި އެވެ. އެކަލާނގެ އެ ޤަބީލާތަކަށް ހަނަފަސް ކަން މެދުވެރިކުރައްވައި، ބަނޑަށް ޖެއްސެވި އެވެ. ދެން، އެ މީހުންގެ ތެރެއިން 700 މީހަކު ގައިންގަޔަށް އަރާ ބައްޔެއް ޖެހި މަރުވެގެންދިޔަ އެވެ.1
ކަލޭގެފާނަކީ، ޢާލަމްތަކުގެ ޑޮކްޓަރޭ، އަޅުގަނޑަކީ ހިތްބަލިމީހެކޭ،
އަޅުގަނޑު ރަނގަޅުވާނެ ކަމުގެ އުއްމީދުގައި، އަޅުގަނޑުގެ ހިތް ކަލޭގެފާނަށް ގެނައިމޭ.
އަޅުގަނޑުގެ ބުރަކަށީގައި ފާފައިގެ ފަރުބަދައެއް ވެއޭ، ބިރުން އަޅުގަނޑުގެ މޫނު ހުދުވެއްޖެއޭ.
އެކަމަކު އުއްމީދުން ފުރިފައި، ނައްތާލުމަށްޓަކައި އަޅުގަނޑުގެ ފާފަތައް މިތަނަށް ގެނައިމޭ
ޢާލަމްތަކުގެ ވެރިޔާއޭ! އަޅުގަނޑު ކަލޭގެފާނަށް ލޯބިވެ ގަޔާވަމޭ؛
ކަލޭގެފާނާ ދުރުގައިވުމުން ރެއާއި ދުވާލު އަޅުގަނޑު ރޮމޭ.
ކަލޭގެފާނުގެ ޝަފާޢަތްތެރިކަމަކީ، ދިރިހުރުމުގެ ބޭހޭ، އަދި އަޅުގަނޑު ފެންބޮވައިގެންފިއޭ؛
އެ ބޭހުގެ އެންމެ ތިއްކެއްހާ މިންވަރު އަޅުގަނޑަށް ނުލިބިއްޖެ ނަމަ އަޅުގަނޑު މަރުވާނޭ.
އެކަލޭގެފާނުގެ އަޚްލާޤަށް ތަޢުރީފުކުރުމަކީ، ބޭކާރު ކަމެކޭ.
ބަސްތަކުން އެކަލޭގެފާނު ސިފަކުރުމަކީ، މާ އުނދަގޫ ކަމެކޭ.
އެކަލާނގެ ޢަފޫކުރައްވާ ދީލަތިވަންތައޭ، އިތާމުށް ލިބެނީ ފެނުންނޭ،
ޖަވާހިރު ލިބެނީ ހިލައިންނޭ، ފިނފިންމާ ލިބެނީ ކަށިންނޭ.
އިރު އަލިކުރާ ނަމަ، އެއީ އެކަލޭގެފާނުގެ ނޫރޭ،
ފިނިފެންމަލެއް ގައި ވާ ފެންތިކި، އަންނަނީ އެކަލޭގެފާނުގެ ފިނިފެންމަލެ ފަދަ މޫނުކޮޅުންނޭ.
އެކަލޭގެފާނު ސިފަކުރުމަކީ، އެއަށް ވުރެ މަތިވެރި ކަމެކޭ،
ފާޅުގައި އަހަރެން ބުނާ ނަމަ، ނަފީކުރާނީ ފަރުވާކުޑަމީހާއޭ.
ދުނިޔޭގައި ވާހާ އެއްޗެއް ކުޑަ ޒައްރާއެގެ ތެރެއަށް ލުމަކީ ވެދާނެ ކަމެކޭ،
އެކަލޭގެފާނު ސިފަކުރުމަކީ އަހަންނަށް މާ އުދަގޫ ކަމެކޭ.
