ލޮބުވެތި ރަސޫލާ

ޣަޒްވަތު ބަނިއްނަޟީރު

"ޔަހޫދީން ރާވަމުންދިޔައީ، ތިމަންކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. ތިމަންކަލޭގެފާނު އެތަނުން ނުކުމެވަޑައިގަތީ ތިމަންކަލޭގެފާނަށް ޖިބްރީލު (‏عليه السّلام)‏ އެކަން އެނގެވުމުންނެވެ.".
حديث الشريف

عمرو بن أُميّة (‏رضي الله عنه)‏ މަޢޫނާ ގައި ހައްޔަރުކޮށްފައި ހުއްޓާ އޭނާ ހައްޔަރުކޮށްފައި ތިބި މީހުންގެ ކިބައިން ދެމިގަންނަވައިގެން މަދީނާ އަށް އެނބުރި ވަޑައިގެންފި އެވެ. އެ އެނބުރި ވަޑައިގަތް މަގުމަތީ ގައި، އޭނާ އާ ބަނީ ޢާމިރު ވަންހައިގެ ދެ މީހަކާ ދިމާވި އެވެ. އޭނާ ވަނީ އެ ދެ ކާފަރުން ޤަތުލުކުރައްވާފަ އެވެ. އެ މީހުން ތިބީ ގެ ޙިމާޔަތުގެ ދަށުގައެވެ. އެކަމަކު އެކަން عمرو بن أُميّة (‏رضي الله عنه)‏ އަކަށް ނޭނގެއެވެ. އޭނާ މަދީނާ އަށް އައިސް ވެގެން އުޅޭ ގޮތް رَسُوْلُ اللهِ ﷺ އަށް ދަންނަވައިފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވީ عمرُو ގޯހެއް ހަދައިފި ކަމަށެވެ. އަދި އޭނާގެ މައްޗަށް އަމުރުކުރެއްވީ، ވަލީވެރިންނަށް މަރުގެ ދިޔަ ދިނުމަށެވެ.

ބަނީ ޢާމިރު ވަންހަ އާއި، ބަނިއްނަޟީރު ވަންހަ އާ ދެމެދު ރަޙްމަތްތެރިކަން އޮތެވެ. ބަނިއްނަޟީރު ވަންހަ އިން އެ މީހުންގެ އަވަށްޓެރި ޤަބީލާތަކުގެ ޙައްޤުތަކަށް ކަމޭހިތި އެވެ. މި ސަބަބަށް ޓަކައި، މަރުގެ ދިޔަ އާ ބެހޭގޮތުން ބަނިއްނަޟީރު ވަންހަ އާ މަޝްވަރާ ކުރުމަށް އޮތީ ބޭނުންޖެހިފައެވެ.

أُحد ހަނގުރާމަ އަށް ފަހު، ހިޖްރައިން ހަތަރު ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހު، رَسُوْلُ اللهِ ﷺ ޞަޙާބީންގެ ތެރެއިން أبوبكر ، عُمرُ، علي، زُبير، سعد بن مُعاذ، އަދި أُسيد بن حُضير (‏رضي الله عنهم)‏ އިޚްތިޔާރުކުރައްވައި، ބަނިއްނަޟީރަށް ވަޑައިގެންފި އެވެ. ވެގެން އުޅޭގޮތް އެކަލޭގެފާނު އޮޅުންފިލުވައިދެއްވި އެވެ. އެ ބޭކަލުން ދެންނެވީ، ދެ ކާފަރުންގެ މަރުގެދިޔަ އާ ގުޅިގެން އެހީތެރިވާން އެ ބޭކަލުން ތައްޔާރަށް ތިއްބެވި ކަމަށާއި، އެ މީހުން ކެއުމެއް ތައްޔާރުކުރުމަށް އިންތިޒާރުކުރައްވާ ކަމަށެވެ. رَسُوْلُ اللهِ ﷺ އިންނެވީ ބުރަކަށިކޮޅު އެ ބޭކަލުން ތިއްބެވި ގޭގެ ފާރަށް ލެނގިލައްވައިގެންނެވެ. އަޞްޙާބު ބޭކަލުން ތިއްބެވީ އެކަލޭގެފާނުގެ ވަށައިގެން އިށީނދެގެންނެވެ. އެ ވަގުތު، حُيَيُّ بن أخطب ބުންޏެވެ. "އޭ ޔަހޫދީންނެވެ! މިފަދަ އެކަހެރި ތަނެއް ގައި محمّدގެފާނު ފެނުމުގެ ފުރުޞަތު ދެން އެހެން ފަހަރަކުން ނުލިބޭނެ އެވެ. ކަލޭމެންގެ ތެރެއިން އެކަކު އެ ގޭގެ ދުންހޮޅި އަށް އަރައި، އެކަލޭގެފާނުގެ ބޮލުގައި ހިލަގަނޑަކުން ޖަހާނީ އެވެ. އޭރުން އަހަރެމެންނަށް އެކަލޭގެފާނުގެ ކިބައިން މިންޖުވެވުނީ އެވެ". عمرُو ބިން ޖަޙްޝް ބުންޏެވެ. "އަހަރެން ތިކަން ކުރާނަމެވެ". ސަލާމް ބިން މުޝްކާން އޭނާ ހުއްޓުވުމަށް ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް، އެ މީހުން އޭނާގެ ބަހެއް ނޭހި އެވެ. އޭނާ ބުންޏެވެ. "ތިކަން ކުރުން ހުއްޓާލާށެވެ. އެކަލޭގެފާނަށް ތިކަން އެނގިވަޑައިގަންނަވާނެ އެވެ. ތިހެން ހަދައިފި ނަމަ، މި ދޭތެރޭގައި އޮތް ގުޅުން ކެނޑޭނެ އެވެ. މިކަމުން ވަރަށް ގޯސް ކަންތައް އުފެދިގެން އަންނާނެ އެވެ". ބަނިއްނަޟީރު ވަންހައިގެ ޔަހޫދީން އޭނާ ބުނި އެއްޗެއް ނޭހި އެވެ. އެ ވަގުތު، جبريل (‏عليه السّلام)‏ ވަޑައިގެން رَسُوْلُ اللهِ ﷺ އަށް މި ކަމުގެ ޚަބަރު ދެއްވައިފި އެވެ. رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުންނަށް އެއްވެސް އެއްޗެއް ވިދާޅުނުވެ، ކަމެއް ކުރައްވަން ބޭނުންފުޅުވެގެން އުޅުއްވާ ކަހަލަ ގޮތަކަށް ބޭރަށް ނުކުމެވަޑައިގެން މަދީނާ އަށް ވަޑައިގެންފި އެވެ. އެހެންކަމުން، އެކަލޭގެފާނު ޤަތުލުކުރުމަށް ރޭވިރޭވުން ފަނުފުލުން ދިޔައީ އެވެ.

އެއާ އެކު، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ، މުޢާހަދާ އާ ޚިލާފުވި ޔަހޫދީ ޤަބީލާ އާ ހަމަޔަށް محمّد بن مسلمة (‏رضي الله عنه)‏ ފޮނުއްވި އެވެ. އަދި އޭނާ އަށް އެންގެވި އެވެ. "ބަނިއްނަޟީރު ވަންހައިގެ ޔަހޫދީންނާ ހަމައަށް ދާށެވެ! އެ މީހުންނާ ހަމަޔަށް رَسُوْلُ اللهِ ﷺ ތިބާ ފޮނުއްވީ މި އަމުރު އަންގައިދިނުމަށް ކަމުގައި ބުނާށެވެ!: ތިމަންކަލޭގެފާނުގެ ވަޠަނުން ބޭރުވާށެވެ! ތިމަންކަލޭގެފާނާ އެކު މި ތާނގައި ދިރިނޫޅޭށެވެ! ކަލޭމެން ރޭވީ ތިމަންކަލޭގެފާނު ޤަތުލުކޮށްލާށެވެ. ތިމަންކަލޭގެފާނު ކަލޭމެންނަށް މި ދެނީ ދިހަ ދުވަހެވެ. އެއަށް ފަހު، މި ތަނުން ފެންނަ ކަލޭމެންގެ ކޮންމެ މީހަކުގެ ބޯ ކަނޑައިލެވޭނެ އެވެ".

މި އަމުރުފުޅު محمّد بن مسلمة (‏رضي الله عنه)‏ އެ މީހުންނަށް ފޯރުކޮށްދެއްވުމުން، ބިރުން ގޮސް، އެ މީހުން ދަތުރު ހެދުމަށް ތައްޔާރުވާން ފަށައިފި އެވެ. އެހެން ނަމަވެސް، މުނާފިޤުންގެ ވެރިޔާ عبدالله بن أُبَيُّ بن سلُول އެ މީހުންނަށް ފޮނުވި މެސެޖެއް ގައި ބުނެފި އެވެ. "ކަލޭމެންގެ ކިއްލާ ދޫކޮށް ނުދާށެވެ. ކަލޭމެންގެ މުދަލާއި، ވަޒަން ދޫކޮށްނުދާށެވެ. އަހަރެންގެ ދެ ހާސް މީހުންނާ އެކު ކަލޭމެންނަށް އެހީވުމަށް އަހަރެމެން މި އަންނަނީ އެވެ".

މި ޚަބަރު ލިބިވަޑައިގަތުމުން، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ އެކު، مسجدُ النَّبَوِي އާ ހަތަރު ކިލޯ މީޓަރު ދުރުގައިވާ ބަނިއްނަޟީރު ވަންހައިގެ ކިއްލާ އަށް ދަތުރު ފަށްޓަވައިފި އެވެ. މަދީނާގައި އެކަލޭގެފާނުގެ ނައިބަކަށް ލެއްވީ إبن أُمُّ مكتُوم (‏رضي الله عنه)‏ އެވެ. ދިދަ އުފުއްލެވީ علي (‏رضي الله عنه)‏ އެވެ. ޔަހޫދީންގެ ކިއްލާ މުސްލިމުން ޙިޞާރުކުރި އެވެ. މީގެ ކުރިން ޞަޙާބީންނަށް ގޮންޖެހި ޔަހޫދީންނަށް، ކިއްލާ އިން ބޭރަށް ދާން ވެސް ނުކެރުނެވެ. މުނާފިޤުންގެ އެހީތެރިކަމެއް އެ މީހުންނަކަށް ނުލިބުނެވެ. ކިއްލާގެ ވަށައިގެންވާ ހުރިހާ ތަނެއްގެ ފުރިހަމަ ކޮންޓްރޯލް އަޞްޙާބު ބޭކަލުން ނެންގެވި އެވެ. ވިހި ދުވަހަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ އެ ޙިޞާރުކުރުން ނިމިގެންދިޔަ އިރު، ޔަހޫދީން އަމާންދީފި އެވެ. މުސްލިމުންނަށް، އެ މީހުންގެ ހުރިހާ ރަނަކާއި، ރިއްސެއް ދިން އިރު، އޭގެ ބައެއް ޔަހޫދީން ދިމިޝްޤަށް އަދި ބައެއް ޔަހޫދީން ޚައިބަރަށް އަރުވާލެވުނެވެ. އެހެންކަމުން، ޔަހޫދީންގެ ތެރެއިން މަދީނާ ގައި ބާކީ ތިބީ ހަމައެކަނި بنو قُريضة އެކަންޏެވެ.1

ހިޖްރައިން ހަތަރު ވަނަ އަހަރު ހިނގި މުހިއްމު ޙާދިސާތައް

ރާ ބުއިން ޙަރާމްކުރެއްވި އާޔަތް ބާވައިލެއްވުނީ މި އަހަރުގައެވެ.2 رَسُوْلُ اللهِ ﷺ އާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު زينب بنت خُزيمة (‏رضي الله عنها)‏ އަށް ލިބިވަޑައިގަތެވެ.3 ހަމަ މި އަހަރު، علي ގެފާނާއި فاطمة ގެފާނުގެ ދެ ވަނަ ދަރިކަލުން حُسين (‏رضي الله عنه)‏ އުފަންވެ ވަޑައިގަތެވެ.4 أُحد ހަނގުރާމައިގައި ޒަޚަމްވެ ފަހުން އަވަހާރަވި أُمُّ سلمى (‏رضي الله عنها)‏ ގެ ފިރިކަލުން ދުނިޔެ ދޫކުރެއްވީ އެތައް ދަރިންނެއް ދޫކުރައްވާފައެވެ. ވުމާއެކު، أُمُّ سلمى (‏رضي الله عنها)‏، އެ ކަމަނާގެ މުސްކުޅި ޢުމުރު ގައި އުނދަގޫ ޙާލެއް ގައި އުޅުއްވަން ޖެހިވަޑައިގަތެވެ. رَسُوْلُ اللهِ ﷺ އެ ކަމަނާ އަށް ވަރަށް ބޮޑަށް ހަމްދަރުދީވެ ވަޑައިގެން އެކަމަނާ އާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ދެއްވި އެވެ.5

فاطمة بنت أسد އަވަހާރަވުން

علي ގެފާނުގެ މަންމާފުޅު فاطمة بنت أسد އަވަހާރަވީ އެ އަހަރު އެވެ.6 އެކަމާ ގުޅިގެން رَسُوْلُ اللهِ ﷺ އަށް ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެން حديث ކުރެއްވީ، "މިއަދު ތިމަންކަލޭގެފާނުގެ މަންމަ އަވަހާރަވެއްޖެ އެވެ". رَسُوْلُ اللهِ ﷺ ގެ ކާފާފުޅު عبدالمطّلب އަވަހާރަވުމަށް ފަހު، އެކަލޭގެފާނު ބަލަހައްޓަވައި ތަރުބިއްޔަތު ކުރެއްވީ އެކަމަނާ އެވެ. އެކަލޭގެފާނުގެ ރަސޫލުކަން ހާމަކުރެއްވުމުން، އެ ކަމަނާ ވަގުތުން މުސްލިމަކަށް ވެވަޑައިގަތެވެ. އެ ސަބަބަށް ޓަކައި، ޢާލަމްތަކުގެ ސުލްޠާން رَسُوْلُ اللهِ ﷺ އެ ކަމަނާ ބެއްލެވީ، އެކަލޭގެފާނުގެ މަންމާފުޅު ކަމަށެވެ. އަދި ވަރަށް ބޮޑު އިޙްތިރާމެއް އެ ކަމަނާ އަށް ކުރެއްވި އެވެ. އެކަލޭގެފާނު، އެ ކަމަނާ އަށް އޮތް ލޯތއްބެއްގެ ސަބަބުން، އެ ކަލޭގެފާނުގެ ގަމީހެއް އެ ކަމަނާގެ ކަފުނުގެ ގޮތުގައި ބޭނުންކުރުމަށް އެންގެވި އެވެ. އެކަމަނާގެ ކަށު ނަމާދު އިމާމުވެ ކުރެއްވުމަށް ފަހު، އެކަލޭގެފާނު މަޢުލޫމާތު ދެއްވި ގޮތުގައި، އެ ނަމާދުގައި ހަތްދިހަ ހާސް މަލާއިކަތުން ތިއްބެވި އެވެ. އެކަލޭގެފާނު ޤަބުރުސްތާނަށް ވަޑައިގެން އެ އެ ތަނަށް ވެންނެވި އެވެ. ކަށްވަޅު ގައި އެ ކަމަނާގެ ހޭދަކުރައްވާ ވަގުތު ފަސޭހަވެފައި ހިތްގައިމު ކުރެއްވުމަށް ޓަކައި، ކަށްވަޅުގެ ކަންތަކާ ދިމާލަށް އެ ކަންތައް ބޮޑުކުރައްވާހެން ދޭހަވާ ގޮތަށް އިޝާރާތްތަކެއް ކުރެއްވި އެވެ. ދެން، އެކަލޭގެފާނު އެ ކަށްވަޅު ގައި އޮށޯންނެވި އެވެ.

"އަބޫ ޠާލިބަށް ފަހު މި ކަމަނާ (‏ފާޠިމަތު ބިންތި އަސަދު)‏ ހާ ތިމަންކަލޭގެފާނަށް ހެޔޮ މީހެއް ނެތެވެ. އެކަމަނާ އަކި ތިމަންކަލޭގެފާނުގެ މަންމާފުޅެވެ".
حديث الشريف

އެކަލޭގެފާނު ކަށްވަޅުން ނުކުންނެވި އިރު، އެކަލޭގެފާނުގެ ލޯފުޅު ވަނީ ކަރުނައިން ފުރިފައެވެ. އަދި އެކަލޭގެފާނުގެ ކަރުނަފޮދު ކަށްވަޅަށް އެޅުނެވެ. އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އެއީ ކޮންފަދަ ލޯތްބެއް ތޯ އެވެ؟ އަދި އެ ކަމަނާ އަކީ، ކިހާ ނަސީބު ގަދަ ކަމަނާއެއް ތޯ އެވެ؟ عُمرُގެފާނަށް ނުހުންނެވިގެން ވިދާޅުވެއްޖެ އެވެ. "މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާފާދޭވެ! ކަލޭގެފާނު މި ކަމަނާއާ ދޭތެރޭގައި ކަންތައް ތި ކުރެއްވީ އެހެން އެއްވެސް މީހަކާ ދެތެރޭގައި ޢަމަލުކުރައްވާ ގޮތަކަށް ނޫނެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އަބޫ ޠާލިބަށް ފަހު މި ކަމަނާހާ ތިމަންކަލޭގެފާނަށް ހެޔޮ މީހެއް ނެތެވެ. އެކަމަނާ އަކި ތިމަންކަލޭގެފާނުގެ މަންމާފުޅެވެ. އެކަމަނާގެ ދަރިން ބަނޑުހައިހޫނުކޮށް ތިބި އިރު، ފުރަތަމަ ކާންދެއްވީ ތިމަންކަލޭގެފާނަށެވެ. އެކަމަނާގެ ދަރިން ހިރަފުހާއި ކިލަލުން ތަތްތެޅިފަ ތިބޭ އިރު، އެންމެ ފުރަތަމަ ފުނާއަޅައި، ފިނިފެން ތެޔޮ ލައްވަނީ ތިމަންކަލޭގެފާނުގެ ބޮލުގައެވެ. އެކަމަނާ އަކީ ތިމަންކަލޭގެފާނުގެ މަންމާފުޅެވެ. ތިމަންކަލޭގެފާނު ގަމީހުން އެކަމަނާ ކަފުންކުރެއްވީ، އޭރުން އެކަމަނާ ސުވަރުގޭގެ ފޭރާމުން ހެދުންއެޅުވޭނެތީ އެވެ. ތިމަންކަލޭގެފާނު އެކަމަނާ އާ ޖެހިގެން ކަށްވަޅުގައި އޮށޯންނެވީ، އޭރުން ކަށްވަޅަކީ، އެ ކަމަނާ އަށް ހިތްގައިމު އަދި ފަސޭހަ ތަނަކަށް ވާނެތީ އެވެ. جبريل (‏عليه السّلام)‏ ތިމަންކަލޭގެފާނަށް ގެ ޙަޟްރަތުން ޚަބަރު ގެނެސްދެއްވައި ވިދާޅުވީ 'މި ކަމަނާ އަކީ، ސުވަރުގެވަންތަވެރިއެކެވެ"، މިހެންނެވެ. ދެން އެކަލޭގެފާނު ތިރީގައިވާ ފަދައިން فاطمة ބިންތި އަސަދަށް ދުޢާކުރެއްވި އެވެ. "ކަމަނާ އަށް ޢަފޫކުރައްވައި ޖަޒާދެއްވާދޭވެ! އޭ ތިމަންކަލޭގެފާނުގެ މަންމައެވެ! الله تعالى ކަމަނާގެ މައްޗަށް އޯގާވަންތަވެ ވޮޑިގަންނަވާދޭވެ! ކަމަނާ ބަނޑުހައިހޫނު ކަމުގައި ހުންނެވި އިރު، ތިމަންކަލޭގެފާނަށް ކާންދެއްވީމުއެވެ. ކަމަނާގެ ކުރިން ތިމަންކަލޭގެފާނުގެ ހެދުން ލެއްވެވީމުއެވެ. ކަމަނާކެއުމުގެ ކުރިން ތިމަންކަލޭގެފާނަށް ކާންދެއްވީމު އެވެ. ދިރުއްވަވައި، މަރުގަންނަވަނީ ވެސް الله تعالى އެވެ. އެކަލާނގެއަކީ ދާއިމަށް ދިރިވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ އަވަހާރައެއް ނުވެއެވެ. އަޅާގެ ﷲ އެވެ! މިއަޅާގެ މަންނަ فاطمة بنت أسد އަށް ޢަފޫކުރައްވާފާދޭވެ! އިބަސުވާމީންގެ ޢަމަލުކުރައްވާނެ ގޮތް އެ ކަމަނާ އަށް އަންގަވައިދެއްވާދޭވެ! އެކަމަނާގެ ކަށްވަޅު ފުޅާކޮށްދެއްވާދޭވެ! އެންމެ އޯގާވަންތަ އެންމެ ރަޙުމްވަންތަ އަޅާގެ ﷲ އެވެ! އަޅާ އިބަ ސުވާމީންގެ ރަސޫލާ އާއި، ކުރީގެ ރަސޫލުންނަށް ޓަކައި، އަޅާގެ ދުޢާ އިޖާބަކުރައްވާފާދޭވެ"!

ހިޖްރައިން ހަތަރު ވަނަ އަހަރު ހިނގި މުހިއްމު އެހެން ޙާދިސާތައް

عثمان ގެފާނާއި رُقيّةގެފާނުގެ ހަ އަހަރުގެ ދަރިކަލުން ޢަބްދުﷲ އަވަހާރަވެއްޖެ އެވެ. އެކަލޭގެފާނުގެ ކާފަ ދަރިފުޅުގެ ކަށު ނަމާދު ކުރެއްވީ رَسُوْلُ اللهِ ﷺ އެވެ. އަދި ކާފަ ދަރިފުޅު ކަށްވަޅަށް ލެއްވެވީ ވެސް އެކަލޭގެފާނެވެ. އެކަލޭގެފާނު ހުންނެވީ ވަރަށް ހިތާމަކުރައްވާ ޙާލުގައެވެ؛ އެކަލޭގެފާނުގެ ކަރުނަފޮދު އެ މަހާނަ އަށް އެޅުނެވެ. މަހާނަގާ ބޭއްވެވީ އެކަލޭގެފާނުގެ އަމިއްލަފުޅު އަތްޕުޅުންނެވެ. އަދި حديث ކުރެއްވި އެވެ. "الله تعالى، އޯގާތެރި އަދި ހިތްހެޔޮ އެކަލާނގެ ޚާދިމުންނަށް ރަޙުމްވަންތަވޮޑިގެންވެއެވެ".7

ކަލޭގެފާނަކީ ރަސޫލުންގެ ސުލްޠާނޭ، މަތިވެރިވެގެންވާ ޝާހޭ، އަޅުގަނޑުގެ ސައްޔިދޭ.
ކަލޭގެފާނަކީ، އާރެއްޔާރެއް ނެތް މީހުންގެ ނަސީބޭ، އަޅުގަނޑުގެ ސައްޔިދޭ.
ކަލޭގެފާނަކީ، ޤިޔާމަތް ދުނަހުގެ ޒަޢީމޭ، އަޅުގަނޑުގެ ސައްޔިދޭ.
ކަލޭގެފާނަކީ، އިލާހީ މަތިވެރި އަމުރގެ ހުއްދަ ލިބިގެންވާ ފަރާތޭ، އަޅުގަނޑުގެ ސައްޔިދޭ.
ކަލޭގެފާނަކީ އަހްމަދު އަދި މަޙްމޫދު އަދި މުޙައްމަދޭ، އަޅުގަނޑުގެ ސައްޔިދޭ،
ކަލޭގެފާނަކީ، އެކަލާނގެ ޔަޤީންކޮށްދެއްވާފައިވާ ސުލްޠާނޭ، އަޅުގަނޑުގެ ސައްޔިދޭ.
ކަލޭގެފާނުގެ އަވަށުގެ ބައްތިތައް ވަނީ ސާފުޠާހިރު ރޫޙުތަކުގެ ޖަވާހިރުންނޭ.
ބަރަކަތްތެރިވެގެންވާ ކަލޭގެފާނުގެ މަޤްބަރާ އަކީ، މަލާއިކަތުންގެ ކޯތާފަތް ކާއްތާ ތަނޭ.
ކަލޭގެފާނުގެ ބެއްލެވުމަކީ، ބޮޑިގެންވުމުގެ ލޯގަނޑޭ.
أبو بكر، عُمرُ، عثمان ، އަދި علي އަކީ ކަލޭގެފާނުގެ އެކުވެރިންނޭ.
ކަލޭގެފާނަކީ އަހްމަދު އަދި މަޙްމޫދު އަދި މުޙައްމަދޭ، އަޅުގަނޑުގެ ސައްޔިދޭ،
ކަލޭގެފާނަކީ، އެކަލާނގެ ޔަޤީންކޮށްދެއްވާފައިވާ ސުލްޠާނޭ، އަޅުގަނޑުގެ ސައްޔިދޭ.
ކަލޭގެފާނުގެ ޚުޠުބާ ކިޔެނީ އަބަދީ ބިމުގެ މިންބަރުގައޭ.
ކަލޭގެފާނުގެ ޤަރާރަކީ ޤިޔާމަތް ދުވަހު ޞައްޙަ އެއްޗެކޭ.
ކަލޭގެފާނުގެ ތަޢުރީފު ކުރެވެނީ ހުދާގެ ޙާޒިރުގައޭ.
ކަލޭގެފާނުގެ މަތިވެރި ނަންފުޅު ގަނެވެނީ ބިމާއި އުޑުގައޭ.
ކަލޭގެފާނަކީ އަހްމަދު އަދި މަޙްމޫދު އަދި މުޙައްމަދޭ، އަޅުގަނޑުގެ ސައްޔިދޭ،
ކަލޭގެފާނަކީ، އެކަލާނގެ ޔަޤީންކޮށްދެއްވާފައިވާ ސުލްޠާނޭ، އަޅުގަނޑުގެ ސައްޔިދޭ.

شكيب غالب

ޣަޒްވަތު ބަދްރުއްޞުޣުރާ