ލޮބުވެތި ރަސޫލާ

ޚަންދަޤު ހަނގުރާމަ

"ޢާއިޝާ އެވެ! ކަމަނާ އަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. މާތް ﷲ ވަނީ ކަމަނާގެ ކުށެއް ނެތް ކަމަށް ވަޙީކުރައްވާފައެވެ. ކަމަނާގެ ޢިއްފަތްތެރިކަމަށް އެކަލާނގެ ހެކިވެވޮޑިގެން ވެއެވެ".
حديث الشريف

މި ހަނގުރާމަ އަށް 'އަޙްޒާބު ހަނގުރާމަ" އޭ ވެސް ކިޔެއެވެ. أحزاب އަކީ حزب ގެ ޖަމްޢެވެ. حزب ގެ މާނަ އަކީ، ގްރޫޕް، ބައި އެވެ. މި ހަނގުރާމަ އަށް އަޙްޒާބު ހަނގުރާމަ އޭ ކިޔުނީ، އާ ދެކޮޅަށް ހަނގުރާމަކުރުމަށް ގިނަ ޢަދަދެއްގެ ގްރޫޕްތަކެއް އެއްބައިވުމުންނެވެ.

އެއީ ހިޖުރައިން ފަސް ވަނަ އަހަރެވެ. ފިތުނަވެރިކަމާއި، ގެއްލުންތަކުގެ ސަބަބު ކަމުގައިވާ މަދީނާ އިން ބޭރުކުރެވުނު ޔަހޫދީ ބަނިއްނަޟީރު ވަންހައި ވަނީ ގްރޫޕްތަކަކަށް ބަހާލެވުނެވެ؛ އޭގެ ބައެއް މީހުން ދިމިޝްޤަށް ފޮނުވުނު އިރު، އަނެއް ބަޔަކު ފޮނުވުނީ ޚައިބަރަށެވެ. އެހެން ނަމަވެސް، އެ މީހުންގެ ހިތްތައް ވަނީ، އިސްލާމް ދީނާއި، رَسُوْلُ اللهِ ﷺ އަށް އުފެދިފައިވާ ނަފްރަތާއި، ބަދަލުހިފުމުގެ ޝުޢޫރުތަކުން ފުރިފަ އެވެ. އެ މީހުންގެ ވެރިޔާ حُيَيُّ بن أخطب، އޭނާގެ މީހުންގެ ތެރެއިން ފާހަގަކުރެވޭ ވިހި މީހުންނާ އެކު މައްކާ އަށް ގޮސްފި އެވެ. އެ މީހުން އަބޫ ސުފްޔާނާ ބައްދަލުކޮށް، رَسُوْلُ اللهِ ﷺ ޤަތުލުކޮށްލުމާ ބެހޭ މަޝްވަރާތައް ފަށައިފި އެވެ. އެ މީހުން ބުނޫއެވެ. "އަހަރެމެން ތިބޭނީ ތިބާގެ ފަޅީގައެވެ. އަދި އަހަރެމެން މި ކަން ނިންމަން ދެން އަހަރެމެން ތިބާ ދޫކޮށެއް ނުލާނަމެވެ". أبو سُفيان ބުންޏެވެ. "އަހަރެމެންގެ ޢަދުއްވުންގެ ޢަދުއްވުންގެ އަގު އަހަރެމެން ވަޒަންކުރަމު އެވެ. އެހެން ނަމަވެސް، ކަލޭމެންނަށް އިތުބާރުކުރެވޭނީ، ކަލޭމެން އަހަރެމެންގެ ބުދުތަކަށް އަޅުކަން ކޮށްގެންނެވެ. ކަލޭމެން އިޚްލާޞްތެރި ކަމަށް އަހަރެމެން ޤަބޫލުކުރާނީ އަދި ކަލޭމެންނާ ދޭތެރޭ ޔަޤީންކަން ލިބޭނީ ހަމައެކަނި އޭރުންނެވެ". އެ މީހުންގެ މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި އެމީހުންގެ ދީން ވެސް ދޫކޮށްލަން ޖެހިލުމެއް ނުވާ ޣައްދާރުވެރި ޔަހޫދީން ބުދުތަކުގެ ކުރިމަތީ ގައި ސަޖިދަ ޖަހައިފި އެވެ. އޭގެ ކުރިން، އެ މީހުންނަކީ، ބާވައިލެއްވި ފޮތެއްގެ ވެރި ކާފަރުންނެވެ. މިހާރު، އެ މީހުން އެ ބަދަލުވީ ބާވައިލެއްވި ފޮތެއް ނެތް ކާފަރުންނަށެވެ. ލޮބުވެތި رَسُوْلُ اللهِ ﷺ ޤަތުލުކޮށް، އިސްލާމް ދީން ނައްތާލުމަށް އެ މީހުން ހުވާކޮށްފި އެވެ.

މުޝްރިކުން ވަގުތުން ހަނގުރާމަ އަށް ތައްޔާރުވާން ފަށްޓައިފި އެވެ. ކައިރީގައިވާ މުޝްރިކުންގެ ޤަބީލާތަކަށް ވެސް އެ މީހުން މީހުން ފޮނުވި އެވެ. އެކި ޤަބީލާތައް އެއްބަސްކުރުވަން ޔަހޫދީން ވެސް މަސައްކަތްކުރި އެވެ. އެ މީހުން ބައެއް ޤަބީލާތަކަށް ހަތިޔާރުދީ ހަނގުރާމަ އަށް ތައްޔާރުކުރުވީ ފައިސާ އާއި ކަދުރު ދޭނެ ކަމަށް ވަޢުދުވެފައެވެ. މުޝްރިކުން މައްކާ ސަރަޙައްދުން ހަތަރު ހާސް ސިފައިންގެ ލަޝްކަރެއް ޖަމާކުރި އެވެ. އަބޫސުފްޔާން އެ މީހުންގެ ދިދަ ދާރުއްނަދުވާ ގައި އައްސައި، عُثمان ބިން طلحة އަތަށް ދިނެވެ. އެ ލަޝްކަރުގައި ތިން ސަތޭކަ އަހާއި، ގިނަ ޢަދަދެއްގެ ހަތިޔާރާއި، ފަނަރަ ސަތޭކަ ޖަމަލު ވެއެވެ.

މައްރުއްޒަހްރައިނި އަށް މުޝްރިކުންގެ ހަތަރު ހާސް ސިފައިންގެ ލަޝްކަރު އައިތަނާ ބަނީ ސުލައިމާނާއި، ބަނީ ފަޒާރާ އާއި، ޤަޠްފާނީންނާއި، ބަނީ މުއްރަތާއި، ބަނީ އަސަދު ފަދަ ގިނަ ޤަބީލާތަކެއް ގުޅި، ހަ ހާސް މީހުން އިތުރަށް ގުޅުމާ އެކު، މުޝްރިކުންގެ ލަޝްކަރުގެ ސިފައިންގެ ޢަދަދު ދިހަ ހާހަށް އިތުރުވެއްޖެ އެވެ. އެއީ، އެ ޒަމާނަށް ބަލާ އިރު، ވަރަށް ބޮޑު ލަޝްކަރެކެވެ.

رَسُوْلُ اللهِ ﷺ އާ އެކު އަބަދު ވެސް އެކުވެރި ޚުޒާޢަތު ވަންހައިން ވަގުތުން މި ޚަބަރު މަދީނާ އަށް ފޮނުވައިފި އެވެ. ދިހަ ދުވަހުން ކުރެވޭ ދަތުރު، އަހުގައި ކޮށް ހަތަރު ދުވަހުގެ ތެރޭގައި ކުރި އަސްވާރުން މުޝްރިކުންގެ ޙާލަތާ ބެހޭ ތަފްޞީލީ މަޢުލޫމާތު رَسُوْلُ اللهِ ﷺ އަށް ދިފި އެވެ.

ޞަޙާބީންނާ މަޝްވަރާކުރައްވައިގެން ކަންތައްތައް ކުރެއްވި رَسُوْلُ اللهِ ﷺ ވަގުތުން ޞަޙާބީން އެއްކުރައްވައި، މި ޙާލަތާ ބެހޭގޮތުން މަޝްވަރާކުރައްވައިފި އެވެ. ކޮންމެ ޞަހާބީއަކު ވެސް، ހަނގުރާމަ ކުރާނެ ތަނަކާއި ގޮތާ މެދު ދެކޭގޮތް ހުށަހެޅުއްވި އެވެ. އެ މަޖްލިސް ގައި އިންނެވި سلمانُ الفارسي ހުއްދަ ހޯއްދަވައިގެން ވިދާޅުވި އެވެ.:

"މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން ހަނގުރާމައިގެ ވައްޓަފާޅިއެއް ގެންގުޅެމެވެ. ޢަދުއްވުން ޙަމަލާދީ އަރައިގަންނާނެ ކަމުގެ ބިރު އަޅުގަނޑުމެންނަށް ހީވާ ނަމަ، އަޅުގަނޑުމެން ދިފާޢުވަނީ އަޅުގަނޑުމެން ވަށައިގެން ޚަންދަޤެއް ކޮނެގެންނެވެ". رَسُوْلُ اللهِ ﷺ އާއި އަޞްޙާބު ބޭކަލުންނަށް މި ވައްޓަފާޅި ކަމުގޮސްގެން، ޢަދުއްވުންނާ އެ ގޮތަށް ހަނގުރާމަކުރުމަށް ނިންމަވައިފި އެވެ.1

رَسُوْلُ اللهِ ﷺ ވަގުތުން އެކަލޭގެފާނުގެ ބައެއް ޞަޙާބީންނާ އެކު ޚަންދަޤު ކޮންނަންވީ ތަން ބައްލަވަން ވަޑައިގެންފި އެވެ. މަދީނާގެ ދެކުނުގައި ބަގީޗާތައް ހުރުމުން އެ ސަރަޙައްދު އޮންނަނީ ބޯ ގަސްތަކުން ފޮރުވިފައެވެ. މުޝްރިކުންގެ އެންމެން އެ ތަނުން ޙަމަލާދިނުމުގެ އިޙްތިމާލު ކުޑަ އެވެ. އަދި ކީއްތޯއެވެ! ކުޑަ ފައުޖަކަށް އެ ސަރަޙައްދު ދިފާޢުކޮށްލެވިދާނެ އެވެ. މާޒީ ގައި، އެ ބަޔަކާ އެކު މުޢާހަދާއެއް ކުރެވުނު بنو قُريضة ނަމަކަށް ކިޔާ ޔަހޫދީ ޤަބީލާއެއް ވިއެވެ. މި ސަބަބަށް ޓަކައި، މުޝްރިކުންނަށް ޙަމަލާދެވޭނީ ހަމައެކަނި ހުޅަނގާއި އުތުރު ފަރާތުގެ ހުސް ބިންތަކުން ލާފައެވެ. ޚަންދަޤު ކޮންނާނެ ސަރަޙައްދު ކަނޑައެޅިއްޖެ އެވެ. ކޮންމެ ޞަޙާބީ އަކަށް 3 މީޓަރުގެ ސަރަޙައްދެއް ހަމަޖެއްސުނެވެ. ކޮންމެ ބޭކަލަކު ވެސް އެ ބޭކަލެއްގެ ޖާގަ ކޮންނަ ގޮތަށް ހަމަޖެހުނީ ފުންމިން ދެ ފިރިހެނުންގެ އިސްކޮޅަށް (‏ގާތްގަޑަކަށް 3.5 މީޓަރ)‏ ވާ ވަރެވެ. އަދި ޚަންދަޤުގެ ފުޅާމިން ވާންޖެހޭނީ ބާރަށް ދުވާ އަހަކަށް ނުފެންމޭ (‏7-8 މީޓަރ)‏ ވަރަށެވެ. ވަގުތު ކުޑަތަންވެއްޖެ އެވެ. ޢަދުއްވުން މައްކާ އިން ނިކުމެ، މަދީނާ އާ ދިމާލަށް އަންނަން ފަށައިފި އެވެ. ވީހާ ވެސް އަވަހަކަށް ޚަންދަޤު ކޮންނަން ޖެހިއްޖެ އެވެ.

ފުރަތަމަ ކޮންނަވަން ފެއްޓެވީ "بسم الله الرّحمن الرّحيم" މިހެން حديثކުރައްވަމުން، އެކަލޭގެފާނުގެ ހިތްވަރުގަދަ ޞަޙާބީންނާ އެކު، رَسُوْلُ اللهِ ﷺ އެވެ. ކޮންމެ ބޭކަލަކު ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، ހުރި ހުރިހާ ބާރެއް ލާފައި ވީހާ ވެސް އަވަހަކަށް ޚަންދަޤު ކޮނުމަށެވެ. މި ކަމުގައި ކުޑަކުދިން ވެސް ބައިވެރިވިއެވެ. ޒުބާބު ފަރުބަދައިގައި2 رَسُوْلُ اللهِ ﷺ އަށް ތުރުކީ ފޭލިގެއެއް ތައްޔާރުކުރެވުނެވެ. ޚަންދަޤުން ކޮނެފައި ނެގުނު ވެލި ފަރުބަދައިން އޮއްސާލެވި، ޢަދުވުންނާ ދިމާލަށް އުކުމަށް ޓަކައި ސަލް ފަރުބަދައިން ހިލަގަނޑު ގަނޑު ގެނެވުނެވެ. އަޅައިގެން އުފުލާނެ ތަށްޓެއް ނުލިބުނު ބޭކަލުން ވެލި އުފުއްލެވީ ހެނދުމަށް އަޅުއްވައިގެންނެވެ. ވަރުބަލިފުޅު ވަންދެން رَسُوْلُ اللهِ ﷺ ވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި އެވެ. މި ޙާލަތު ދެކެލެއްވި ޞަޙާބީން ވިދާޅުވަމުން ގެންދެވި އެވެ. "އަޅުގަނޑުމެންގެ ފުރާނަ ކަލޭގެފާނަށް ޤުރުބާން ކުރައްވާށި އެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ މަސައްކަތުން ފުދޭނެ އެވެ. މަސައްކަތްޕުޅު ނުކުރައްވައި، އަރާލުކޮށްލައްވާށެވެ". އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ، މަސައްކަތްކުރައްވައިގެން ތިޔަބައި މީހުން ހޯދާ ޘަވާބުގައި ބައިވެރިވާށެވެ".

އެ ދުވަސް ވަރު ވަރަށް ފިންޏެވެ. އަދި ކީއްތޯއެވެ! އެ އަހަރުގެ ތެރޭގައި ހަނަފަސް ކަމުން ގޮސް ބަނޑަށް ވެސް ވަނީ ޖެހިފައެވެ. ކާނާ ހޯދުމަކީ އުނދަގޫ ކަމަކަށް އޮތީ ވެފައެވެ. ހިމެނޭ ގޮތަށް ހުރިހާ ޞަޙާބީން ތިއްބެވީ ނުހަނު ބަނޑުހައިހޫނު ކަމުގައެވެ. ވަރުގަދަކަން އިޙްސާސްވާން ވެގެން، އެ ބޭކަލުން ހިލަތައް ބަނޑާ ޖައްސާ ބަނެދެ ހެދިއެވެ. އެއީ، ބަނޑަށް ފިއްތުމުން ބަނޑުހައިހޫނު ކަމުގެ އިޙްސާސް ކެނޑޭނޭތީ އެވެ.

ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަނޑުހައިހޫނު ކަމަކަށް ނުވިސްނަވައެވެ؛ އެކަލޭގެފާނުގެ ޞަޙާބީން ބަނޑަށް ތިއްބަވައި މި ފިނިކަމުގައި މަސައްކަތްކުރައްވަމުން ގެންދަވާތީ އާއި، އެ ބޭކަލުން ތަޙައްމަލުކުރެއްވި ދަތިއުނދަގޫތަކަށް ޓަކައި، އެ ކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވި އެވެ. އެކަލޭގެފާނު ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އާޚިރަތުގެ ދިރިއުޅުން ފިޔަވައި (‏ހިތްއެދޭ)‏ އެހެން ދިރިއުޅުމެއް ނުވެއެވެ. އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަންޞާރުންނާއި، މުހާޖިރުންނަށް ޢަފޫކުރައްވާދޭވެ!". އެ ބޭކަލުންގެ އަމިއްލަ ފުރާނަތަކަށް ވުރެ ބޮޑަށް ލޯބިވާ رَسُوْلُ اللهِ ﷺ އަށް އެ ބޭކަލުން ޖަވާބު ދެއްވި އެވެ. "އަހަރެމެންގެ ޙަޔާތުގެ ނިމުމާ ހަމަޔަށް އިސްލާމް ދީން ފެތުރުމަށް ޓަކައި، ﷲ ގެ މަގުގައި އަހަރެމެން رَسُوْلُ اللهِ ﷺ އަށް ތަބާވީމެވެ". ދެ ފަރާތުން ވީ މި ލޯބީގެ ސަބަބުން، ބަނޑުހައިހޫނުކަން ފަދަ ވަރަށް ގިނަ އުނދަގޫތައް ފިލައިގެންދިޔަ އެވެ.

ވިދުޖެހުން

"ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ، މަސައްކަތްކުރައްވައިގެން ތިޔަބައި މީހުން ހޯދާ ޘަވާބުގައި ބައިވެރިވާށެވެ".
حديث الشريف

ޚަންދަޤު ކޮނުން އޮތީ ކޮންމެ ދުވަހެއްގެ ހެނދުނު ގަޑީގައި ފަށްޓައިގެން ގޮސް ހަވީރު ވަންދެނެވެ. އެއް ދުވަހަކު، ކޮނުމުގެ ތެރޭގައި، علي ބިން ޙަކަމް (‏رضي الله عنه)‏ ގެ ފައިތިލަ ޒަޚަމްވެއްޖެ އެވެ. އެތާ ތިއްބެވި ބޭކަލުން، އޭނާ އަހަކަށް އަރުވައި رَسُوْلُ اللهِ ﷺ އާ ހަމަޔަށް ގެންދެވި އެވެ. ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ، "بسم الله الرّحمن الرّحيم" މިހެން حديثކުރައްވަމުން އޭނާގެ ފައިތިލައިގައި ކާއްތާލެއްވި އެވެ.

ޚަންދަޤު ކޮނުން ކުރިޔަށް ދިޔަ އެވެ. އަޞްޙާބު ބޭކަލުނަށް ބިން ހަރު ތަނަކާ ދިމާވެއްޖެ އެވެ. އެ ތަން ކޮނެވޭ ގޮތެއް ނުވި އެވެ. އެ ބޭކަލުން رَسُوْلُ اللهِ ﷺ އާ ހަމަޔަށް ވަޑައިގެން ވެގެންއުޅޭ ގޮތް ދަންނަވައިފި އެވެ. އެކަލޭގެފާނު ވަޑައިގެން ވެންނެވީ އެ ޚަންދަޤު ތެރެއަށެވެ. ދެން އެއްސެވީ ފެން ތަށްޓަކަށެވެ. އެކަލޭގެފާނު އެ ފެން ތަށިން ފެންފޮދެއް ހިއްޕަވާފައި، އަލުން އެ ހަމަ އެ ތަށްޓަށް އެ ފެން އަޅުއްވައިފި އެވެ. ދެން، އެ ފެން، ހަރުކޮށް ހުރި ބިންގަނޑަށް އަޅުއްވައިފި އެވެ. ދެން، މަރުތޭލެއް ނަންގަވައި، އެ ތަނުގައި ޖެއްސެވިޖެއްސެވީނުން، ވެލި ހެން އެ ތަން ތަޅާލައްވައިފި އެވެ. އޭގެ ފަހުން ކޮންނަން ފަސޭހަވެއްޖެ އެވެ. މަރުތޭލުން ޖެއްސެވުމުގެ ތެރޭގައި، رَسُوْلُ اللهِ ﷺ ތުރުކުރައްވައިގެން ހުންނެވު ހެދުން ބަނޑުފުޅާ ދިމާލުން ހުޅުވި، އެކަލޭގެފާނު ބަނޑުހައިފުޅުވެފައި ވުމުގެ ސަބަބުން ބަނޑުޕުޅު ގައި ހިލައެއް އައްސާފައިވާ ތަން ފެނިއްޖެ އެވެ. މި މަންޒަރު ފެނުނު ޖާބިރު ބިން ޢަބްދުﷲ (‏رضي الله عنه)‏، އިޒުނައަކަށް އެދި ދެންނެވި އެވެ. "އަޅުގަނޑުގެ މަންމަ އާއި ބައްޕަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! މާތް ﷲ ގެ ރަސޫލާ އެވެ. ކަލޭގެފާނު ހުއްދަ ދެއްވައިފި ނަމަ، އަޅުގަނޑު ގެއަށް ގޮސްފައި އަންނާނަމެވެ". ގެއަށް ދުރުވުމުގެ ހުއްދަ ލިބުމަށް ފަހު، ދެން ކަން ހިނގައިދިޔަ ގޮތް ޖާބިރު ބިން ޢަބްދުﷲ (‏رضي الله عنه)‏ ކިޔައިދެއްވާފައިވަނީ ތިރީގައި ވާ ގޮތަށެވެ.:

"ހުއްދަ ލިބުމަށް ފަހު އަހަރެން ގެއަށް ގޮސް، އަންހެނުން ކައިރީ ގައި އަހައިފީމެވެ. "ވަރަށް ބޮޑަށް ހައިހޫނުކަން މަތީ ގައި ހުންނަވަނިކޮށް ފެނި ތަޙައްމަލުނުކުރެވޭ ވަރު ވެއްޖެ އެވެ. ގޭގައި ކާނެ އެއްވެސް އެއްޗެއް އެބަހުރި ހެއްޔެވެ"؟ އެ ކަނބުލޭގެ ޖަވާބު ދިނެވެ. "އެއްކަލަ ބަކަރި އާއި، ބާލީކޮޅެއް ފިޔަވައި އިތުރު އެއްޗެއް ނެތެވެ". އަހަރެން ވަގުތުން ބަކަރި ކަތިލާއިފީމެވެ. އަދި އަހަރެންގެ އަންހެނުން ހޭންޑް މިލް އެއް ގައި ބާލީކޮޅު ހިމުންކޮށް ފުށަށް ހަދައިފި އެވެ. އެއިން އެކަނބުލޭގެ ފުށްގަނޑެއް މޮޑެފި އެވެ. އަންހެނުން ތެއްޔަކަށް މަސް އަޅައި ކައްކަން ފަށައިފި އެވެ. އަހަރެން رَسُوْلُ اللهِ ﷺ ގެ އަރިހަށް އެނބުރި ދިޔަ ވަގުތު އަހަރެންގެ އަންހެނުން އަހަންނަށް އިންޒާރުދިނީ އެ ކެއުން ފުދޭނީ މަދު ބަޔަކަށް ކަމަށާއި، އެއަށް ވުރެ ގިނަ ބަޔަކު ކާން އަތުވެއްޖެ ނަމަ، އަހަރެމެން ލަދުގަންނަން ޖެހިދާނެ ކަމަށެވެ. އޭގެ ފަހުން، އަހަރެން رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު އަތުގައި ވަރަށް މަދުން ކާނާ އެބަހުއްޓެވެ. މަދު ބަޔަކާ އެކު މިރޭގެ ކެއުމަށް އަޅުގަނޑުމެންގެ ގެއަށް ވަޑައިގެންދެއްވުން އެދެމެވެ".

رَسُوْلُ اللهِ ﷺ އަޅުގަނޑަށް حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ވަޑައިގަންނަވަން ދެން ތެލިން މަސް އަދި ތަންދޫރުން ރޮށި ނުނަގަން ތިބާގެ އަންހެބުން ކައިރީގައި ބުނާށެވެ". ދެން މުހާޖިރުންނާ ދިމާއަށް އެނބުރޮ ވަޑައިގެން حديث ކުރެއްވި އެވެ. "އޭ ޚަންދަޤުގެ މީހުންނޭވެ! ޖާބިރު އަހަރެމެންނަށް ޓަކައި ކެއުމެއް ތައްޔާރުކޮށް، މިރޭގެ ކެއުމަށް ދަޢުވަތު ދީފި އެވެ. އޭނާގެ ކެއުމަކީ، ގިނަގުނަ އަދި މީރު އެއްޗެކެވެ. ތެދުވާށެވެ! ޖާބިރު ދޭ ކެއުމަށް އަހަރެމެން ދާނަމެވެ". މި އަމުރާ އެކު އަޞްޙާބު ބޭކަލުން އެއްވެ، رَسُوْلُ اللهِ ﷺ ގެ ފަހަތްޕުޅުން ހިންގަވަން ފަށްޓަވައިފި އެވެ. އަހަރެން ވަގުތުން ގެއަށް ގޮސް އަންހެނުން ކައިރީ ގައި ވެގެންއުޅޭ ގޮތް ކިޔައިދިނީމެވެ. އަހަރެން "އަހަރެމެން މިހާރު ހަދާނީ ކިހނެއް ހޭ" މިހެން އެހުމުން، އަންހެނުން ބުނީ، "ކާނާގެ އަދަދާ މެދު رَسُوْلُ اللهِ ﷺ ސުވާލުނުކުރައްވާ ހެއްޔެވެ"؟ އަހަރެން ޖަވާބު ދިނީމެވެ. "އާނއެކެވެ. އަހަރެން އެކަލޭގެފާނު އެއްސެވި އެވެ. އަދި ދެންނެވީމެވެ". އަހަރެންގެ އަންހެނުން ބުންޏެވެ. "އަޞްހާބުންނަށް ދަޢުވަތު ދިނީ ތިބާ ހެއްޔެވެ؟ ނުވަތަ رَسُوْلُ اللهِ ﷺ ހެއްޔެވެ"؟ އަހަރެން "އެ ބޭކަލުންނަށް ދަޢުވަތު ދެއްވީ رَسُوْلُ اللهِ ﷺ އޭ" ބުނުމުން އަންހެނުން "رَسُوْلُ اللهِ ﷺ އަށް ބޮޑަށް އެނގިލައްވާނެ" އޭ ބުނެ އަހަރެން ހިތްހަމަޖައްސާދިނެވެ".

ކުޑަ ވަގުތުކޮޅަކަށް ފަހު، رَسُوْلُ اللهِ ﷺ ގެ އުޖާލާ މޫނުފުޅު އަހަރެމެންގެ ދޮރު ކައިރިން ފެނިއްޖެ އެވެ. ގިނަ ޢަދަދެއްގެ ޞަޙާބީން ކައިރީ ގައި އެކަލޭގެފާނު حديث ކުރެއްވީ "ތޮއްނުޖެހި ވަންނާށެވެ". އަހަރެން ޞަޙާބީ އަޚުން ދިހަ މީހުންގެ ގްރޫޕަށް އިށީންނަވައިފި އެވެ. ރޮށްޓާއި، މަސް އިތުރުކޮށްދެއްވުމަށް އެދިލައްވާ މަތިވެރިވެގެންވާ رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. ދެން، އުނދުނުން ތާސް ނެންގެވުމަކާ ނުލައި، އޭގައި ހުރި ތަކެތި ރޮށިތަކުގައި އުދުއްޔަކުން އަޅުއްވައި، ޞަޙާބީންނަށް ދެއްވައިފި އެވެ. ހުރިހާ ޞަޙާބީން ބަނޑުފުރާ ކޭންބައްލަވައި ނިމެންދެން އެ ގޮތަށް ކުރިޔަށް ގެންދެވި އެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އެއްހާހަށް ވުރެ ގިނަ މީހުން ކައި ނިމުނު އިރު ވެސް، އެ ތާ ހުރި ރޮށްޓާއި މަސް ހުރީ ހަމަ ހުރި ވަރަށެވެ. އަހަރެމެން ކެއުމަށް ފަހު، ބާކީ ހުރި ކާނާ އަހަރެމެންގެ އަވަށްޓެރިންނަށް ދިނީމެވެ.3

سلمانُ الفارسي (‏رضي الله عنه)‏ ވަރަށް މޮޅަށް ޚަންދަޤު ކޮންނެވި އެވެ. އޭނާ އެކަނި ވެސް ދިހަ މީހުންގެ މަސައްކަތް ކުރެއްވި އެވެ. އޭނާ އަށް ހަމަޖެހިފައިވާ ތަން، އޭނާގެ އެކުވެރިންނާ އެކު ކޮންނަވަމުން ދަނިކޮށް، ވަރަށް ހަރު އަދި ހުދު ހިލައަކާ އޭނާ އަށް ޖެހިއްޖެ އެވެ. އެ ހިލަ ތަޅާލުމަށް އެ ބޭކަލުން ވަރަށް މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް، އެ ބޭފުޅުން ކުރެއްވިހާ މަސައްކަތްތައް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އަދި ހަމަ އެއާ އެކު، އެ ބޭކަލުން މަރުތޭލުތަކާއި، ކޯރާޑިތަކާއި، އުދެލިތައް ހަލާލުވެއްޖެ އެވެ. ސަލްމާނުގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ވެގެން އުޅޭގޮތް ކިޔައިދެއްވަމުން ދެންނެވި އެވެ. "އަޅުގަނޑުގެ މައިންބަފައިންނާއި، އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާން ކުރައްވާށިއެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން ޚަންދަޤު ކޮންނަމުން ދަނިކޮށް، އަޅުގަނޑުމެންނާ ދިމާވީ ހަރު ހިލައަކާ އެވެ. އަޅުގަނޑުމެންގެ ހުރިހާ ދަނގަނޑު އާލާތްތައް ހަލާކުވީ އިރު ވެސް، އަޅުގަނޑުމެންނަށް އެ ހިލަ ހިރުވާ ވެސް ނުލެވުނެވެ".

رَسُوْلُ اللهِ ﷺ އެ ތަނަށް ވަޑައިގެން މަރުތޭލެއް ދިނުމަށް އެދިވަޑައިގަތެވެ. އަޞްޙާބު ބޭކަލުން ތިއްބެވީ ވާނެ ގޮތެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. ރަސޫލުންގެ ސުލްޠާން رَسُوْلُ اللهِ ﷺ ޚަންދަޤުގެ ތެރެއަށް ވަންނަވައިފި އެވެ. "بسم الله الرّحمن الرّحيم" މިހެން حديث ކުރައްވަމުން، މަރުތެޔޮ ނަންގަވައި އެ ހިލައިގައި ބާރަށް ޖެއްސެވުމުން، އޭގެ އަސަރުން މަދީނާ އެއްކޮށް އަލިކޮށްލާ ވަރަށް ވިދެއް ޖަހައި، ހިލައިގެ ބައެއް ވަކިވެއްޖެ އެވެ.

رَسُوْلُ اللهِ ﷺ "الله أكبر" ކިޔުއްވި އެވެ. މި އަޑު އައްސަވައި، އަޞްޙާބު ބޭކަލުން ވެސް تكبير ކިޔުއްވި އެވެ. ދެން އެކަލޭގެފާނު މަރުތޭލުން ދެވަނަ ފަހަރަށް ޖެއްސެވި އެވެ. އަނެއްކާ ވެސް، ހުރިހާ ދިމާލެއް އަލިވެގެންދާ ފަދަ ވިދެއް ޖަހައިފި އެވެ. އަދި ހިލައިން ބައިތަކެއް ވަކިވެއްޖެ އެވެ... ލޮބުވެތި رَسُوْلُ اللهِ ﷺ "الله أكبر" ކިޔުއްވި އެވެ. އަދި އެކަލޭގެފާނުގެ ފަހަތުން ޞަޙާބީން ވެސް تكبير ކިޔުއްވި އެވެ. ތިން ވަނަ ފަހަރަށް މަރުތޭލުން ޖެއްސެވުމުން، އަނެއްކާ ވެސް ހުރިހާ ދިމާލަކުން އަލިވެގެންދާ ފަދަ ވިދެއް ޖަހައިފި އެވެ. އަދި ހިލަ ހިލަގަނޑު ކުދިކުދިވެގެންދިޔަ އެވެ. ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އަނެއްކާ ވެސް "الله أكبر" ކިޔުއްވި އެވެ. އަދި އެކަލޭގެފާނުގެ ފަހަތުން ޞަޙާބީން އަނެއްކާ ވެސް تكبير ކިޔުއްވި އެވެ.

سلمان الفارسي (‏رضي الله عنه)‏ އެކަލޭގެފާނުގެ އަތް ދިއްކޮށްލެއްވި އެވެ. رَسُوْلُ اللهِ ﷺ ޚަންދަޤުން މައްޗަށް އަރުއްވައިފި އެވެ. سلمان الفارسي (‏رضي الله عنه)‏ އެއްސެވި އެވެ. "އަޅުގަނޑުގެ މައިންބަފައިންނާއި، އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާންކުރައްވާށިއެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ޙަޔާތުގައި ފެނިފައިނުވާ ކަމެއް ދެންމެ ފެނިއްޖެ އެވެ. މި ކަމުގެ ޝަރަޙަ އަކީ ކޮބައިތޯ އެވެ"؟ رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ ދިމާލަށް އެނބުރިވަޑައިގެން އެއްސެވި އެވެ. "ސަލްމާނަށް ފެނުނު ކަންތައް ތިޔަބައި މީހުންނަށް ވެސް ފެނުނު ހެއްޔެވެ"؟. އެ ބޭކަލުން ދެއްބި ޖަބާކީ، "އާދެ، މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު މަރުތޭލުން ހިލައިގައި ޖެއްސެވި ވަގުތު އަޅުގަނޑުމެންނަށް ފެނުނީ، ވިދުޖެހިތަނެވެ. ކަލޭގެފާނު تكبير حديثކުރެއްވުމުން، އަޅުގަނޑުމެން ވެސް تكبير ކީމެވެ". رَسُوْلُ اللهِ ﷺ އެ ބޭކަލުންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ފުރަތަމަ ޖެހުމުން އުފެދުނު ވިދުޖެހުމުން ޝާހު (‏މަދާއިން)‏ ގެ ގަނޑުވަރުތައް ތިމަންކަލޭގެފާނަށް ފެނުނެވެ. جبريل (‏عليه السّلام)‏ ވަޑައިގެން ވިދާޅުވި އެވެ. 'ކަލޭގެފާނުގެ އުއްމަތުން މި ބިންތައް މިލްކުކުރާނެ އެވެ'. ދެ ވަނަ ޖެހުމާ އެކު، ރޯމަނުންގެ ޕްރޮވިންސްގެ (‏ދިމިޝްޤުގެ)‏ ރަތް ހަވޭލިތައް ފާޅުވި އެވެ. جبريل (‏عليه السّلام)‏ ވަޑައިގެން ވިދާޅުވި އެވެ. 'ކަލޭގެފާނުގެ އުއްމަތުން އެ ބިން ވެސް މިލްކުކުރާނެ އެވެ'. ތިން ވަނަ ޖެހުމާ އެކު، (‏ޔަމަނުގެ)‏ ޞަންޢާ ފެނުނެވެ. جبريل (‏عليه السّلام)‏ ވަޑައިގެން ވިދާޅުވި އެވެ. 'ކަލޭގެފާނުގެ އުއްމަތުން އެ ބިން ވެސް މިލްކުކުރާނެ އެވެ'".

"އޭ ޚަންދަޤުގެ މީހުންނޭވެ! ޖާބިރު އަހަރެމެންނަށް ޓަކައި ކެއުމެއް ތައްޔާރުކޮށް، މިރޭގެ ކެއުމަށް ދަޢުވަތު ދީފި އެވެ. އޭނާގެ ކެއުމަކީ، ގިނަގުނަ އަދި މީރު އެއްޗެކެވެ. ތެދުވާށެވެ! ޖާބިރު ދޭ ކެއުމަށް އަހަރެމެން ދާނަމެވެ".
حديث الشريف

އޭގެ ފަހުން، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ މަދާއިން ގައިވާ ފާރިސީ ޝާހުގެ ގަނޑުވަރު ސިފަކޮށްދެއްވުމުން، އެ ރަށުގެ ބޭކަލެއް ކަމުގައިވާ سلمان الفارسي (‏رضي الله عنه)‏ ވިދާޅުވި އެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާންކުރައްވާށިއެވެ! މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ޙަޤީޤީ ދީނާއި ފޮތާ އެކު ފޮނުއްވި الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. އެ ގަނޑުވަރުތައް ހުންނަނީ ސީދާ ކަލޭގެފާނު ތި ސިފަކޮށްދެއްވި ގޮތަށެވެ. ކަލޭގެފާނަކީ الله تعالى ގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ސަލްމާނެވެ! ޔަޤީނުން ވެސް ދިމިޝްޤު ފަތަޙަކުރެވޭނެ އެވެ. ހެރެކްލަޔަސް، އޭނާގެ ޤައުމުގެ އެންމެ ފަޤީރު ހިސާބުގަނޑަށް ފިލައިގެންދާނެ އެވެ. ތިބާ މުޅި ދިމިޝްޤު ގައި ވެރިކަން ކުރާނެ އެވެ. އެކަކަށް ވެސް ތިބާ އަށް ގޮން ނުޖެހޭނެ އެވެ. ޔަޤީނުން ވެސް، ޔަމަނުކަރަ ފަތަޙަކުރެވޭނެ އެވެ. ޔަޤީނުން ވެސް، "އިރުމަތީގެ ބިން" ވެސް ފަތަޙަކުރެވި، ޝާހު ޤަތުލުކުރެވޭނެ އެވެ. ތިމަންކަލޭގެފާނަށް ފަހު، މި ފަތަޙަކުރުންތައް الله تعالى ތިބާ އަށް ދެއްވާނެތެވެ".4

سلمان الفارسي (‏رضي الله عنه)‏ ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ދެއްވި މި ހުރިހާ އުފާވެރި ޚަބަރުތައް ޙަޤީޤަތަށް ވީ ތަން އަހަރެން ދުށީމެވެ".

ޢަދާވާތްތެރިން އައުމާ ގާތްވެއްޖެ އެވެ. އެ ބޭކަލުން ޚަންދަޤު ކޮނުމުގެ ކަންތައް ބާރަށް ކުރިޔަށް ގެންދަވައި، ވީހާ ވެސް އަވަހަކަށް ނިންމެވުމަށް މަސައްކަތް ކުރެއްވި އެވެ. މުޖާހިދުން މަސައްކަތް ހުއްޓާލައްވަނީ، ހަމައެކަނި ބޮޑު ޟަރޫރަތެއް ޖެހިގެން رَسُوْلُ اللهِ ﷺ ގެ ހުއްދަ ލިބިގެން އެކަމަކަށް ބޭނުންވާ ވަގުތަކަށް ހުއްޓަވާލައްވަފައި، އެނބުރި ވަޑައިގަންނަވާ ގޮތަށެވެ.

މުނާފިޤުން މަސައްކަތްކުރަމުން ދިޔައީ ވަރަށް ވެސް ކަންނެތް ގޮތަކަށެވެ. އެ މީހުން މަސައްކަތަށް އަންނަނީ އެ މީހުން ބޭނުން ވަގުތެއް ގައި މަސައްކަތަށް އައިސް ބޭނުން ވަގުތެއް ގައި ހުއްދަނެތި މަސައްކަތް ހުއްޓާލައެވެ. އޭގެ އިތުރަށް، ޞަޙާބީން ކުރައްވަމުން ގެންދެވި މަސައްކަތަށް ދިޔައީ ޖެއްސުންކޮށް ޖޯކުޖަހަމުންނެވެ. އަދި ކީއްތޯއެވެ! رَسُوْلُ اللهِ ﷺ ދެއްވި އުފާވެރި ޚަބަރާ ބެހޭގޮތުން ވެސް އެ މީހުން ބުނަމުން ދިޔައީ، "އަޅުގަނޑުމެން ޢަދުއްވުންނަށް ބިރުން ޚަންދަޤުތަކަށް އެރި ސަލާމަތްކަން ހޯދަނީ އެވެ. އެކަލޭގެފާނު އަހަރެމެންނަށް އެ ވަޢުދުވެލައްވަނީ ޔަމަނުގެ ހަވޭލިތަކާއި، ރޯމަން އަދި ފާރިސީ ބިންތަކެވެ. އަހަރެމެން ތިބާ ތިދައްކަވާ ވާހަކައިން މި ތިބީ އަންތަރީސްވެފައެވެ".

އެއާއެކު، ކީރިތި قرآن ގެ سورة النُّور ގެ 62 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَىٰ أَمْرٍ جَامِعٍ لَّمْ يَذْهَبُوا حَتَّىٰ يَسْتَأْذِنُوهُ ۚ إِنَّ الَّذِينَ يَسْتَأْذِنُونَكَ أُولَٰئِكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَرَسُولِهِ ۚ فَإِذَا اسْتَأْذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَاسْتَغْفِرْ لَهُمُ اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿٦٢﴾‏‏‏)‏5 * النُّور : 62)‏ މާނައީ: "مؤمن ން ވާކަން ކަށަވަރީ، އެކަލާނގެ رسول އާ އަށް إيمان ވި މީހުން ކަމުގައެވެ. އަދި އެއްވުމަކަށް ވާ މުހިއްމު ކަމެއް ގައި، އެކަލޭގެފާނުގެ އަރިހުގައި އެއުރެން ވެއްޖެ ނަމަ، އެކަލޭގެފާނުގެ އަރިހުން إذن ލިބިއްޖައުމަށް ދާންދެން އެއުރެން ނުދެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަރިހުން إذن އަށް އެދޭ މީހުން (‏ދަންނާށެވެ!)‏ އެއުރެންނީ، ﷲ އަށާއި، އެކަލާނގެ رسول އާ އަށް إيمان ވާ މީހުންނެވެ. ފަހެ، އެއުރެންގެ ބައެއް ކަންތަކަށް ޓަކައި، ކަލޭގެފާނުގެ އަރިހުން އެއުރެން إذن އަށް އެދިއްޖެ ނަމަ، އެއުރެންގެ ތެރެއިން ކަލޭގެފާނު قصد ކުރެއްވި މީހަކަށް إذن ދެއްވާށެވެ! އަދި އެއުރެންނަށް ފާފަ ފުއްސެވުމަށް ﷲ ގެ حضرة ން އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ އެވެ".

މުނާފިޤުންނާ ބެހޭގޮތުން ކީރިތި قرآن ގެ سورة النُّور ގެ 63-64 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏لَّا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ اللَّهُ الَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ‎﴿٦٣﴾‏ أَلَا إِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ قَدْ يَعْلَمُ مَا أَنتُمْ عَلَيْهِ وَيَوْمَ يُرْجَعُونَ إِلَيْهِ فَيُنَبِّئُهُم بِمَا عَمِلُوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ‎﴿٦٤﴾‏)‏6 * النُّور : 63-64)‏ މާނައީ: "ތިޔަބައި މީހުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ގޮވައިއުޅޭ ފަދައިން ތިޔަބައި މީހުންގެ މެދުގައި رسول އާ އަށް ގޮވައިނޫޅޭށެވެ! ތިޔަބައި މީހުންގެ ތެރެއިން (‏إذن އެއް ނެތި)‏ ފިލައިގެންދާ މީހުން ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ ފުޅާ خلاف ވާ މީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذاب އެއް ޖެހިދާނެ ކަމަށް، އެއުރެން ބިރުވެތިވާހުށި ކަމެވެ! (‏63)‏ ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައި ވާހާ ތަކެތި މިލްކުވެވޮޑިގެންވަނީ، ﷲ އަށެވެ. ތިޔަބައި މީހުން އެ ގޮތެއްގެ މަތީގައި ތިބި ގޮތް ހަމަކަށަވަރުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ حضرة އަށް އެއުރެން އެނބުރި ދާ ދުވަސް ވެސް އެކަލާނގެ ދެނެވޮޑިގެން ވެތެވެ. ފަހެ، އެއުރެން ކުރި عمل ތަކުގެ ވާހަކައިން އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ. ﷲ އީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ (‏64)‏".

ޚަންދަޤު ކޮންނަން ފެށިތާ ހަ ދުވަސް ވެއްޖެ އެވެ. ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުކުރެވުނު މަސައްކަތް ފުރިހަމަކޮށްފި އެވެ. އެހެން ނަމަވެސް، ވަގުތު ނުލިބުމުގެ ސަބަބުން، އެއް ހިސާބަކުން އެކަށީގެންވާ ވަރަށް ފުންކޮށް އަދި ފުޅާކޮށް ކޮނެވޭ ގޮތެއް ނުވި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ކަންބޮޑުވުން އެ ތަނާ ބެހޭގޮތުން އޮތްކަން ހާމަކުރައްވައި حديث ކުރެއްވި އެވެ. "މުޝްރިކުންނަށް މި ތަނުން ފިޔަވައި އެހެން ތަނަކުން ނުދެވޭނެ އެވެ". އެތާނގައި ވަންނާނެ ހިސާބުތަކެއް ކަނޑައެޅުއްވި އެވެ.

الله تعالى އަކީ އެންމެ ރިވެތި ބެލެނިވެރިޔާ

މުޝްރިކުންގެ ލަޝްކަރު މަދީނާ އާ ވަރަށް ކައިރިވުމުން، ޔަހޫދީންގެ ބަނިއްނަޟީރު ވަންހައިގެ ވެރިޔާ حُيَيُّ ޤުރައިޝުންގެ ލަޝްކަރަށް މަޢުލޫމާތު ދިނީ މަދީނާގެ ބަނީ ޤުރައިޝާ ވަންހައިގެ ޔަހޫދީން މުސްލިމުންނާ އެކު މުޢާހަދާއެއް ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް، އޭނާ އަށް، އެ ޤަބީލާގެ ވެރިޔާ كعب بن أسد އަށް އޮޅުވާލައިގެން އެ މުޝްރިކުންގެ ލަޝްކަރުގެ ސަފުތަކާ ގުޅުވިދާނެ ކަމަށެވެ. މުޝްރިކުންގެ ލަޝްކަރުގެ ކޮމާންޑަރު ބުންޏެވެ. "އޭ حُيَيُّ އެވެ! كعب بن أسد އާ ހަމައަށް ހަމަ މިހަރު ދާށެވެ. މުސްލިމުންނާ އެކު އެ މީހުން ހަދާފައިވާ މުޢާހަދާ އިން ނުކުމެ އަހަރެމެންނާ އެހީވެރިވުމަށް އޭނާ ކައިރީގައި ބުނާށެވެ"! މުސްލިމުންނާ އެކު ކުރެވުނު މުޢާހަދާގެ އެއް މާއްދާއެއް ގައި އޮންނަނީ، "މުސްލިމުންނާ އެއްބައިވެ، މަދީނާ އަށް ޢަދުއްވުންގެ ލަޝްކަރަކުން ޙަމަލާދީފި ނަމަ އެ ބަޔަކާ ހަނގުރާމަ ކުރުމަށެވެ".

"އޭ ސަލްމާނެވެ! ޔަޤީނުން ވެސް ދިމިޝްޤު ފަތަޙަކުރެވޭނެ އެވެ. ހެރެކްލަޔަސް، އޭނާގެ ޤައުމުގެ އެންމެ ފަޤީރު ހިސާބުގަނޑަށް ފިލައިގެންދާނެ އެވެ. ތިބާ މުޅި ދިމިޝްޤު ގައި ވެރިކަން ކުރާނެ އެވެ. އެކަކަށް ވެސް ތިބާ އަށް ގޮން ނުޖެހޭނެ އެވެ. ޔަޤީނުން ވެސް، ޔަމަނުކަރަ ފަތަޙަކުރެވޭނެ އެވެ. ޔަޤީނުން ވެސް، "އިރުމަތީގެ ބިން" ވެސް ފަތަޙަކުރެވި، ޝާހު ޤަތުލުކުރެވޭނެ އެވެ. ތިމަންކަލޭގެފާނަށް ފަހު، މި ފަތަޙަކުރުންތައް الله تعالى ތިބާ އަށް ދެއްވާނެތެވެ".
حديث الشريف

ޔަހޫދީ حُيَيُّ މުޝްރިކުންގެ ލަޝްކަރު ތިބި ތަނުން بنو قُريضةގެ ވެރިޔާ كعبގެ ގެޔަށް ރޭގަނޑު ގޮސްފި އެވެ. އޭނާ ދޮރުގައި ޓަކި ޖެހުމަށް ފަހު އަމިއްލަ އަށް ތަޢާރަފު ވެލައިފި އެވެ. އޭނާ ބުންޏެވެ. "އޭ كعب އެވެ! އަހަރެން ޤުރައިޝުންގެ ލަޝްކަރާއި، ބަނީ ކިނާނަތާއި، ޣަޠްފާން ފަދަ ގިނަ ޤަބީލާތައް ހިމެނޭ ހެން ދިހަ ހާސް ސިފައިންގެ ލަޝްކަރެއް ގެނެސްފީމެވެ. މިހާރު محمّدގެފާނާއި، އެކަލޭގެފާނުގެ ޞަޙާބީންނަށް ދެން މަރުނުވެ ސަލާމަތެއް ނުވާނެ އެވެ. އެ މީހުން އެއްކޮށް ހަލާކިކޮށްނުލެވެނީސް ނުދިއުމަށް ޤުރައިޝުންނާ އެކު އަހަރެމެން ވަނީ އެގްރީމެންޓެއް ހަދާފައެވެ". كعب އާ އޭނާގެ ކަންބޮޑުވުން ހާމަކުރި އެވެ. "محمّدގެފާނާއި، އެކަލޭގެފާނުގެ ޞަޙާބީން ނުމަރައި، ޤުރައިޝް ވަންހަ އާއި، ޣަޠްފާން ވަންހަ އެނބުރި އެ މީހުންގެ ބިމަށް އަތުވެއްޖެ ނަމަ، އަހަރެމެން މިތާނގައި އެކަނި ދޫކޮށްލެވޭނެ އެވެ. އަހަރެން ބިރުގަންނަނީ، އޭރުން އެ މީހުން އަހަރެމެން އެންމެން މަރާ ހުސްކޮށްލަފާނެތީ އެވެ". "މި ބިރުވެރިކަން ފިލުވައިލުމަށް ޓަކައި، ޤުރައިޝު ވަންހަ އާއި، ޣަޠްފާން ވަންހަ އިން ހަތްދިހަ މީހުން ރަހީނުންގެ ނެގުމަށް ޑިމާންޑްކުރާށޭ. އެ ހޮސްޓެޖުންތައް ކަލޭމެންނާ އެކު ނުވާހާ ހިނދަކު އެ މީހުންނަށް މިތަނަކުން ނުދެވޭނޭ. އެ މީހުން ހަނގުރާމައިން ބަލިވެގެން ހަނގުރާމައިގެ މައިދާން ދޫކޮށް ދާ ކަމުގައި ވާ ނަމަ، އަހަރެން ކަލޭމެން ދޫކޮށެއް ނުލާނަމޭ. ތިޔަބައި މީހުންށް ކުރިމަތިވާ މުޞީބާތް އަހަންނަށް ވެސް ލައިގަންނާނެ އޭ"، މިހެން ބުނެ، حُيَيُّ، كعب އާއި އެހެން ޔަހޫދީންނަށް އޮޅުވާލައިފި އެވެ. އޭނާ އެ މީހުން ލައްވާ، އެ މީހުން މުސްލިމުންނާ އެކު ކޮށްފައިވާ މުޢާހަދާ ވިދާލައިފި އެވެ. އެހެންކަމުން، އެ މުޢާހަދާ އާ ޚިލާފުވެވުނީ އެވެ.

حُيَيُّ ޤުރައިޝުންގެ ލަޝްކަރަށް އެނބުރި އައިސް ޙާލަތު އޮތް ގޮތް އެ މީހުންނަށް ކިޔައިދީފި އެވެ. އޭނާ އެ މީހުންނަށް މަޢުލޫމާތު ދިން ގޮތުގައި، بنو قُريضة އިން މުސްލިމުން ގަޔަށް ފުރަގަހުން ޚަންޖަރު ޖަހާނެ އެވެ.

ހަތް ވަނަ އަށް ވީ ދުވަހު، މުޝްރިކުން އެ މީހުންގެ ދިހަ ހާސް މީހުންގެ ބޮޑު ލަޝްކަރާ އެކު މަދީނާގެ އުތުރާއި، ހުޅަނގު އުތުރަށް ގޮސް އެ މީހުންގެ ޢަސްކަރީ މަރުކަޒު ޤާއިމްކޮށްފި އެވެ. އެ މީހުންގެ މި މަރުކަޒު ހުރީ ޚަންދަޤު ކޮނުނު ދިމާލުގައެވެ. މުޝްރިކުން ރާވައިގެން ތިބީ، އެ މީހުންގެ މި ބޮޑު ލަޝްކަރާ އެކު މަދީނާ އެއްކޮށް އަންދާލައި، رَسُوْلُ اللهِ ﷺ ޝަހީދުކޮށްލުމަށް ފަހު އިސްލާމް ދީން ނައްތާލުމަށެވެ. އެ މީހުންގެ މި ލަޝްކަރަކީ ފެންނަ ފެނުމުގައި ވަރަށް ބޮޑު އަދި އެ މީހުންނާ ދެކޮޅަށް ހަނގުރާމަކުރަން އުނދަގޫ ލަޝްކަރެކެވެ.

މުޝްރިކުންނަށް، އެ މީހުން ހީކޮށްފައި ނެތް، ޚަންދަޤު ގެ ހުރަސް ފެނުމުން އެ މީހުން އަންތަރީސްވެ ނާއުއްމީދު ވެއްޖެ އެވެ. އެހެނީ ޚަންދަޤުގެ ފުޅާމިން ހުރި ވަރުން ބާރަށް ދުވާ އަހަކަށް އެތާނ މަތިން ފުންމައެއްނުލެވޭނެ އެވެ. އެތަނަށް ވެއްޓުނު މީހަކަށް ފަސޭހައިން އަރައެއް ނުގަނެވޭނެ އެވެ. އަދި އަމުދުން ދަނގަޑު ދަހަނާ އަޅާފައި ހުންނަ މީހަކަށް އެތަނުން އަރައިގަތުން އަދި އަމުދުން އުނދަގުލެވެ.

މުޝްރިކުން އަތުވެއްޖެކަން رَسُوْلُ اللهِ ﷺ އަށް އެނގިވަޑައިގަތުމުން، ހަ ދުވަސް ވަންދެން މެދުނުކެނޑި މަސައްކަތް ކުރުމުގެ ސަބަބުން ވަރުބަލިވެފައި ތިބި އެކަލޭގެފާނުގެ ޞަޙާބީން އެއްކުރައްވައި، ސަޢުލް ފަރުބަދައިގެ ބޮޑުގައި އެކަލޭގެފާނުގެ ޢަސްކަރީ މަރުކަޒު ޤާއިމްކުރައްވައިފި އެވެ. އެ ބޭފުޅުންގެ ފުރަގަހުގައި ވަނީ ސަޢުލް ފަރުބަދަ އާއި، މަދިނާ އެވެ. އެ ބޭފުޅުންގެ ކުރިފުޅުމަތީގައި ވަނީ ޚަންދަޤާއި ޢަދުއްވުންނެވެ. އަނެއްކާ ވެސް މަދީނާ ގައި رَسُوْلُ اللهِ ﷺ ގެ ނައިބަކަށް ބެހެއްޓެވީ އިބްނު އުއްމު މަކްތޫމެވެ. އަންހެނުންނާއި، ކުޑަކުދިން ބޭތިއްބީ ކިއްލާއެއްގައެވެ. ތިން ހާސް ސިފައިން އެކުލެވޭ އިސްލާމީ ލަޝްކަރު ގައި ތިރީސް ހަ އަސްވާރުން ހިމެނެއެވެ. ދިދަތައް އުފުއްލެވީ، زيد بن حارثة އަދި سعد بن عُبادة (‏رضي الله عنهما)‏ އެވެ.7 رَسُوْلُ اللهِ ﷺ ގެ ލެދަރ ފޭލިގެ ޖެހީ ސަޢުލް ފަރުބަދައިގެ ބުޑުގައެވެ.

އަނެއްކާ ވެސް ވަރަށް ވަރުގަދަ ހިތްވަރެއް ދެއްކެވި އަޞްޙާބު ބޭކަލުން، ވަރަށް ފަރުވާތެރިކަމާ އެކު ޢަދުއްވުންގެ ޙަރަކާތްތައް ބައްލަވަން ފަށްޓަވައިފި އެވެ. ހަމައެއާއެކު، عُمرُ (‏رضي الله عنه)‏، رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގަތް ތަން ފެނިއްޖެ އެވެ. عُمرُގެފާނު ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! بنو قُريضةގެ ޔަހޫދީން، އަޅުގަނޑުމެންނާ އެކު ކޮށްފައިވާ މުޢާހަދާ މުގުރާލައި، އަޅުގަނޑުމެންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ތައްޔާރުވަމުން އަންނަ ވާހަކަ އަޅުގަނޑު އަޑުއަހައިފީމެވެ". ހީކުރެވިފައި ނެތް މި ޚަބަރު އަޑުއައްސެވުމަށް ފަހު ދެއްވި ޖަވާބަކީ، "حسبنا الله و نعم الوكيل (‏އަހަރެމެންނަށް ފުދެއެވެ. އެކަލާނގެއަކީ، ކިހާ ރިވެތި ބެލެނިވެރިއެއް ހެއްޔެވ!)‏". އެކަލޭގެފާނު ހުންނެވީ ވަރަށް ބޮޑު ހިތާމައެއްގައެވެ. މިހާރު އިސްލާމީ ލަޝްކަރު މި ވަނީ ދެ އަލިފާންގަނޑު ދޭތެރޭ ތާށިވެފައެވެ. އުތުރާއި، ހުޅަނގުގައި މުޝްރިކުންގެ ލަޝްކަރު ތިބި އިރު، އިރު ދެކުނުގައި ތިބީ އިސްލާމީ ލަޝްކަރެވެ.

رَسُوْلُ اللهِ ﷺ، زُبيرُ بن عوّام، بنو قُريضة ގެ ކިއްލާ އަށް ފޮނުއްވައި، އެ މީހުންގެ ކަންތައް ބައްލަވައިފި އެވެ. އޭނާ އެނބުރި ވަޑައިގެން އޭނާ އަށް ފެނުނު ކަންތައްތައް ކިޔައިދެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް ފެނުނީ އެ މީހުންގެ ކިއްލާ މަރާމާތު ކޮށް، ހަނގުރާމައިގެ އުކުޅުތައް ފަރިތަކޮށްކޮށް ތިބި ތަނެވެ. އެ މީހުން ދިޔައީ އެ މީހުންގެ ޖަނަވާރުތައް ވެސް އެއްކުރަމުންނެވެ". އެއާއެކު، بنو قُريضة އަށް އިރުޝާދު ދީ މުޢާހަދާ އާކުރުމަށް ޓަކައި، رَسُوْلُ اللهِ ﷺ، سعد بن مُعاذ، سعد بن عُبادة، خوّات بن جُبيرُ، عمرُو بن عوف އަދި عبدالله بن رواحة ފޮނުއްވި އެވެ.8

މި ފަސް ޞަޙާބީން بنو قُريضة ޔަހޫދީންގެ ކިއްލާ އަށް ވަޑައިގެން އިރުޝާދު ދެއްވައިފި އެވެ. އެހެން ނަމަވެސް އެ އިރުޝާދު އެ މީހުން ޤަބޫލެއް ނުކުރި އެވެ. އެ މީހުން ފެށީ އެ ބޭކަލުންނަށް ހުތުރު އެއްޗެހި ގޮވާށެވެ. ފަހު ބަހެއްގެ ގޮތުން އެ މީހުން ބުނީ، "އަހަރެމެންގެ އަޚުން ކަމުގައިވާ ބަނިއްނަޟީރު ވަންހައިގެ މީހުން އެ މީހުންގެ ބިމުން ބޭރުކުރުމާ އެކު ތިޔަބައި މީހުން ވަނީ އަހަރެމެން އަތްތަކާއި، ފިޔަތައް ބިންދާލާފައެވެ. މުޙައްމަދަކީ ކާކު ހެއްޔެވެ؟ އެކަލޭގެފާނާ އާ އަހަރެމެންނާ ދެމެދު ވަޢުދެއް އަދި މުޢާހަދާއެއް ވެސް ނެތެވެ. އަހަރެމެން ހުވާކޮށްގެން މި ތިބީ، رَسُوْلُ اللهِ ﷺ އަށް ޙަމަލާދީ އަވަހާރަކޮށްލުމަށެވެ. ޔަޤީނުން ވެސް އަހަރެމެންގެ އަޚުންނާ އެކު ވެ އެހީތެރިވާނަމު އެވެ".

سعد بن مُعاذ (‏رضي الله عنه)‏، އާއި، އޭނާގެ އެކުވެރިން رَسُوْلُ اللهِ ﷺ ގެ އަރިހަށް ދުރުވެ ޙާލަތު އޮތް ގޮތް، އެންމެންނަށް ނުވިސްނޭނޭހެން ނުސީދާ ގޮތަކަށް ދަންނަވައިފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިޔަބައި މީހުންގެ ޚަބަރު ސިއްރުކޮށްފައި ބާއްވާށެވެ. އެކަން މިހާރު ވެސް ދަންނަ މީހުން ކައިރީގައި ނޫނީ ކިޔައިނުދޭށެވެ. އެހެނީ، ހަނގުރާމަ އަކި މުޅިން ވެސް ސަމާލުވުމާއި، އޮޅުވާލުމެވެ".9

އަޞްޙާބު ބޭކަލުން ޚަންދަޤުގެ މި ފަރާތުގައި ތިއްބަވައިގެން ގެންދެވީ رَسُوْلُ اللهِ ﷺ އަށް އިންތިޒާރުކުރަމުން، އެ ބޭކަލުން ދެން އަޅުއްވަންޖެހޭނެ ފިޔަވަޅަކާ މެދު ވިސްނުމުގައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން، ޢާލަމްތަކުގެ ސުލްޠާން އަޞްޙާބު ބޭކަލުން ތިއްބެވި ތަނަށް ވަޑައިގެން تكبير ކަމުގައިވާ "الله أكبر! الله أكبر!" ކިޔުއްވި އެވެ. މި އަޑު އައްސަވައި، އަޞްޙާބު ބޭކަލުން އެކީގައި تكبير ކިޔުއްވައި، الله تعالى ގެ މަތިވެރިކަމާއި، ހައިބަތު ހާމަކުރައްވައި، ޚަންދަޤުގެ އަނެއް ފަރާތުގައި ޖަމާވެފައިވާ ކާފަރުންގެ ހިތްތަކަށް ބިރުވެރިކަން ގެނުވައިދީފި އެވެ. މުޝްރިކުންނަށް تكبيرގެ އަޑު އިވުމުން ބުނޫ އެވެ. "ވައްތަރީ، محمّدގެފާނާއި، އެކަލޭގެފާނުގެ ޞަޙާބީންނަށް އުފާވެރި ޚަބަރެއް ލިބިގެން އުޅޭހެންނެވެ".

"އޭ މުސްލިމުންނޭވެ! ހަނގުރާމައިގެ ކާމިޔާބާއި الله تعالى ގެ އެހީފުޅާ މެދު އުފާކުރާށެވެ".
حديث الشريف

ޞަޙާބީންނާ މުޚާޠަބުކުރައްވައި حديث ކުރެއްވިއެވެ. "އޭ މުސްލިމުންނޭވެ! ހަނގުރާމައިގެ ކާމިޔާބާއި الله تعالى ގެ އެހީފުޅާ މެދު އުފާކުރާށެވެ". އެހެންކަމުން، އެ ހަނގުރާމައިގައި މުސްލިމުން ކާމިޔާބު ހޯދާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ. އަޞްޙާބު ބޭކަލުން ވަނީ ވަރަށް ގިނަ ޢަސްކަރީ ސަރިއްޔާތަކާއި، ބަދުރު ހަނގުރާމަ އަޢި، أُحد ހަނގުރާމައިގައ ބައިވެރިލައްވާފައެވެ. الله تعالى ގެ އިޒުނަފުޅާއި، رَسُوْلُ اللهِ ﷺ ގެ ދުޢާ ގެ ބަރަކާތުން ކޮންމެ ފަހަރަކު ވެސް ޢަދަދު ގިނަ އަދި ބާރުގެ ގޮތުން ވަރުގަދަ މުޝްރިކުން ބަލިކުރެއްވި އެވެ. މަޚްލޫޤުންގެ "ތާޖުގެ ޖައުހަރު" އެ ބޭކަލުންނާ އެކު ވާހާ ހިދަކު، އެ ބޭކަލުންނަށް ނުކުރެވޭނެ ކަމެއް އަދި ތަޙައްމަލު ނުކުރެވޭނެ ބުރައެއް ނޯންނާނެ އެވެ. މޫސުން ފިންޏެވެ. رَسُوْلُ اللهِ ﷺ ވެސް ހިމެނޭގޮތުން ބަނޑަށް ޖެހި ބަނޑުހައިހޫނުކަން އިންތިހާއެވެ. ގިނަ ބޭކަލުން ތިއްބެވީ ބަނޑަށް ހިލަ ބަނދެގެންނެވެ. އަނެއް ފަރާތުގައި ތިބި ޢަދުއްވުންގެ ޢަދަދު އެހާ ގިނައެވެ! އެހެން ނަމަވެސް، އަޞްޙާބު ބޭކަލުންނަށް، ޢަދުއްވުންގެ ޢަދަދާއި، އެ ބޭކަލުން ތަޙައްމަލުކުރައްވަމުން ގެންދެވި އުނދަގޫތައް މުހިއްމެއް ނޫނެވެ. އަކީ އެންމެ ބޮޑު އެހީތެރިޔާ އެވެ. އެ ބޭކަލުން އިޢުތިމާދުވީ އެކަލާނގެ އަށެވެ؛ އެ ބޭކަލުން ވަކީލުކޮށް ކުއްތަންވީ އެކަލާނގެއަށެވެ.

އެކީއެކައްޗަކަށް ޙަމަލާދިނުމަށް ނިންމުމުގެ ކުރިން، ޚަންދަޤުގެ އަނެއް ފަރާތަށް ދެވޭނެ ދިމާލެއް ފެނޭތޯ ޤުރައިޝުންގެ އިސް ކޮމާންޑަރުންނާއި، އެ މީހުންނާ އެކު އައި އެހެން ޤަބީލާތަކުގެ ވެރިން މަސައްކަތްކުރަން ފަށައިފި އެވެ. އެ މީހުން ޚަންދަޤުގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގި އެވެ. އެންމެ ފަހުން، ވަގުތު ނުލިބުމުގެ ސަބަބުން ޚަންދަޤުން ރަނގަޅަށް ނުކޮނެވުނު ހިސާބު ގައި މަޑުކޮށް އެ ތަނުން ޙަމަލާ ދިނުމަށް ނިންމައިފި އެވެ. މުޝްރިކުންގެ ހަނގުރާމަވެރިން އެ މީހުންގެ ކޮމާންޑަރުންގެ ފަހަތުން ދިޔައީ، ޚަންދަޤަށާއި، އަޞްޙާބު ބޭކަލުންނާ ދިމާލަށް ޙައިރާންކަމާ އެކު ބަލަމުންނެވެ. އެ މީހުން ބުނޫ އެވެ. "އަހަރެމެން ހުވާކޮށްފައި ބުނަމެވެ. މިއީ ޢަރަބިން ބޭނުންކުރާ އުކުޅެއް ނޫނެވެ. މި ގޮތަށް ހުށަހަޅައިގެން އެ އުޅެނީ އެ ފާރިސީ މީހާ އެވެ"!

ޤުރައިޝުންގެ ކޮމާންޑަރުން އެ މީހުންގެ ސިފައިންނަށް ޚަންދަޤުގެ ހަނި ދިމާ ދައްކާފައި "މި ތަން ހުރަސްކޮށް ފުންމާލާފައި އަނެއް ފަރާތަށް ދެވޭނީ ކާކަށް ހެއްޔެވެ"؟ މިހެން އެހުމުން ފަސް އަސްވާރުން ކުރިޔަށް ޖެހިލައިފި އެވެ. މުސްލިމުންގެ ސިފައިންނާ ވަކި ވަކިން ހަނގުރާމަ ކުރުމަށް ޓަކައި އެ ފަސް މުޝްރިކުން ޚަންދަޤުގެ އަނެއް ފަރާތަށް ގޮސްފި އެވެ. އަޞްޙާބު ބޭކަލުންނާއި، މުޝްރިކުންގެ ހަނގުރާމަވެރިން މި ފަސް އަސްވާރުންގެ ޙަރަކާތްތައް ޝައުޤުވެރިކަމާ އެކު ބައްލަވަން ފަށްޓަވައިފި އެވެ. ދުވެލި ހޯދުމަށްޓަކައި އަސްވާރުން އަނެއްކާ ވެސް ފަހަތަށް ޖެހިލައިފި އެވެ. ދެން އެ މީހުންގެ އަސްތައް ޚަންދަޤުގެ އެންމެ ހަނި ދިމާލަށް އަނބުރާލާފައި ބާރަށް ދުއްވައިފި އެވެ. ސަމައްތަރު ހެޔޮ އެ އަސްތައް އެއް ފުންމުމުގައި ދިޔަ ގޮތަށް ގޮސް އެއް ފުންމުމަކުން ޚަންދަޤު ހުރަސްކޮށްފި އެވެ. ގިނަ އަސްވަރުން، އެ މީހުން ގޮތަށް ހުރަސްކުރާން ބޭނުންވެއްޖެ އެވެ. އެކަމަކު، އެ މީހުންނަށް ނާކާމިޔާބު ވެ، ޖެހުނީ ޚަންދަޤުގެ އަނެއް ފަޅީގައި މަޑުކުރާށެވެ. އެ ގޮތަށް ހުރަސްކުރި މީހުންގެ ތެރޭގައި، ވަރަށް ބާރުގަދަ އަދި ހަނގުރާމައިގައި ބަލިވެފައިނުވާ، އޭނާ ދެކެ އެންމެން ބިރުން ގަންނަ އަދި އޭނާއާ އިދިކޮޅަށް ނުކުންނަން ނުކެރޭ عمرُو ބިން ޢަބްދޫދު ހިމެނެއެވެ. އޭނާ އެކަނި ވެސް ލަޝްކަރަކާ ނުބައްދަލެވެ. އޭނާ، ދިހަ ހާސް ސިފައިންގެ ލަޝްކަރެއް ގައި އައުމުން އެކަން އެބަ ދައްކައެވެ. އޭނާ ހުރީ ބޮލުން ފެށިގެން ފައިގެ ބޮޑުވާއިނގިއްޔާ ހަމަޔަށް ދަނގަނޑު ދަހަނާ އަޅައިގެންނެވެ. އޭނާގެ އަހަށް އަރައި އިންނަ އިރު ފެންނީ ވަރަށް ޝަޚްޞިއްޔަތު ރަނގަޅުކޮށެވެ. އޭނާ ހަނގުރާމައިގެ މައިދާނުގައި ހުރުމުން ބިރުވެރިކަން ގެނެސްދޭ މީނާ، މުޖާހިދުންނާ ދިމާލަށް ހަޅޭލަވައިގެންފައި ބުންޏެވެ. "އަހަންނާ ހަނގުރާމަކުރަން ކެރޭ މީހަކު ހުރި ނަމަ ހަނގުރާމައިގެ މައިދާނަށް ނިކަން ނުކުމެބަލާށެވެ"!

މި ހަރުކަށިކަން ފެނުމުން عليގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ހުއްދައަށް އެދި ދެންނެވި އެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާދޭވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު އޭނާޔާ ހަނގުރާމަކުރުމުގެ ހުއްދަ ދެއްވުން އެދެމެވެ". އޭރު عليގެފާނު ހުންނެވީ ދަނގަނޑު ދަހަނާ ވެސް އަޅުއްވައިގެނެއް ނޫނެވެ. އަޞްޙާބު ބޭކަލުން ޝައުޤުވެރިކަމާ އެކު ބައްލަވަމުން ގެންދެވި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ދަނގަނޑު ދަހަނާ ނަންގަވައި عليގެފާނުގެ ހަށިކޮޅު ގައި އެޅުއްވި އެވެ. އެކަލޭގެފާނުގެ ކަނޑި ވެސް عليގެފާނުގެ އަތްޕުޅަށް ދެއްވި އެވެ. އަދި އެކަލޭގެފާނުގެ ފަގުޑިކޮޅު ބޯކޮޅުން ނަންގަވައި عليގެފާނުގެ ބޮލުގައި އޮޅާލެއްވި އެވެ. ދެން ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! ބަދުރު ހަނގުރާމައިގައި، އަޅާގެ ބޮޑުބޭބޭގެ ދަރިކަލުން عُبيدة އަދި أُحد ހަނގުރާމާގައި އަޅާގެ ބޮޑުބޭބޭ ވަނީ ޝަހީދުވެފައެވެ. އަޅާ އާ އެކު ދެން ހުރީ އަޅާގެ އަޚާ އަދި އަޅާގެ ބޮޑުބޭބޭގެ ދަރިކަލުން علي އެވެ. އޭނާ ޙިމާޔަތްކޮށްދެއްވާދޭވެ! އިބަރަސްކަލާނގެ އެހީތެރިކަން އޭނާ އަށް ދެއްވާދޭވެ! އޭނާ އެކަނި ދޫކޮށްނުލައްވާދޭވެ"!. އަޞްޙާބު ބޭކަލުން "އާމީން!" ވިދާޅުވި އެވެ.

ދުޢާތަކާއި تكبيرގެ އަޑާ އެކު أَسدُ الله ހިންގަވާފައި ކުރިޔަށް ނުކުންނަވާފައި، އޭނާގެ އަހުގެ މަތީ ގައި އިން އިރު ފުރޭތައެއް ހެން ފެންނަ عمرُو ބިން ޢަބްދޫދުގެ ކުރިމަތީގައި ހުއްޓިވަޑައިގެންފި އެވެ. އޭނާގެ ލޯ ފިޔަވައި ހަށިގަނޑުގެ ހުރިހާ ތަނެއް ދަގަނޑު ދަހަނާ އިން ފޮރުވިފައިވާ عمرُو އަކަށް އޭނާގެ ކުރިމަތީގައި ހުއްޓިވަޑައިގެން ހުންނެވި މި ބަޠަލަކީ ކާކު ކަން ނޭނގި، އެއީ ކާކު ތީ އަހައިފި އެވެ. "އަހަންނަކީ علي بن أبي طالب" މިހެން ވިދާޅުވެ އޭނާ އަމިއްލަ އަށް ތަޢާރަފުވެލެއްވުމުން، عمرُو ހަމްދަރުދީވާ ކަން ދޭހަވާ ފަދަ ގޮތަކަށް ޖަވަބު ދިނީ، "އޭ އަހަރެންގެ އަޚާގެ ދަރިކަލުންނޭވެ (‏އެ ޒަމާނުގައި ޢާއްމުކޮށް މީހަކާ މުޚާޠަބުކުރާ ގޮތެއް)‏! ތިބާގެ ބައްޕަ އަކީ، އަހަރެންގެ އެކުވެރިއެކެވެ. މި ސަބަބަށް ޓަކައި، އަހަރެން ތިބާގެ ލޭއޮހޮރުވާކަށް ބޭނުމެއް ނޫނެވެ. އަހަންނާ ކުރިމަތިލުމަށް ތިބާގެ އެއްވެސް ބޮޑުބޭބެއެއް ނެތް ހެއްޔެވެ"؟ އޭނާ ރުޅިއެރުވުމުގެ ގޮތުން عليގެފާނު ވިދާޅުވި އެވެ. "އޭ عمرُو އެވެ! އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން ބޭނުންވަނީ ކަލޭގެ ލޭއޮހޮރުވާށެވެ. އެކަމަކު އަހަރެމެން ދެ މީހުން އެއް ހަމައެއް ގައި ތިބެންވީ ނޫން ހެއްޔެވެ؟ ކަލޭގެ ހިތްވަރުގަދަ ކަމުގެ މަތިވެރިކަމާ އެކަށީގެންވާ ގޮތަކީ އެއީ ނޫން ހެއްޔެވެ؟ އަހަރެން މިހުރީ ފައިމަގުގައެވެ؛ ކަލޭ އަހެއްގައެވެ"!

މި ވާހަކަތައް އަޑުއަހާފައި، عمرُوގެ ހިތްވަރުގަދަ ކަމުގެ ނާރު ފުއްޕާލައިފި އެވެ؛ އޭނާ ވަގުތުން އޭނާގެ އަހުން ފުންމާލައި، އޭނާގެ ކަނޑިން އޭނާގެ އަހުގެ ފައިތައް ކަނޑާލައިފި އެވެ. ދެން އޭނާ ރުޅިވެރިކަމާ އެކު، عليގެފާނުގެ ކުރިފުޅުމަތީގައި ހުއްޓިއްޖެ އެވެ. އޭނާ ޙަމަލާދޭން އުޅެނިކޮށް، أَسدُ الله އޭނާ އާ ސުވާކުރި އެވެ. "އޭ عمرُو އެވެ! އަހަރެން އަޑުއެހި ގޮތުގައި، ކަލޭ ޤުރައިޝު ވަންހައިގެ މީހަކާ ކުރިމަތީލީ އިރު، އޭނާ އެދުނު ދެ ކަމުން ކުރެ އެއް ކަންތައް ކުރުމަށް ކަލޭ ވަޢުދުވި އެވެ. މިއީ ތެދެއް ހެއްޔެވެ"؟ އޭނާ "އާއެނކެވެ. އެއީ ތެދެކެވެ"، މިހެން ޖަވާބު ދިނުމުން، عليގެފާނު އޭނާ އީމާންވުމަށް ދަޢުވަތު ދެއްވައި ވިދާޅުވި އެވެ. "ދެން އަހަރެންގެ ފުރަތަމަ އެދުމަކީ ކަލޭ الله تعالى އަށާއި، އެކަލާނގެ ރަސޫލާ އަށް އީމާންވެ އިސްލާމް ދީން ޤަބޫލުކުރުމެވެ". މި ވާހަކަތައް އަޑުއަހާފައި، عمرُو ރުޅިއައިސްގެން ބުނެފި އެވެ. "ތި ހެން ނުބުނާށެވެ. އަހަރެން ތި ކަމެއް ބޭނުމެއް ނޫނެވެ"! عليގެފާނު ވިދާޅުވި އެވެ. "އަހަރެންގެ ދެވަނަ އެދުމަކީ، ކަލޭ ހަނގުރާމަކުރުން ހުއްޓާލާފައި އެނބުރި މައްކާ އަށް ދިއުމެވެ. އެހެނީ، رَسُوْلُ اللهِ ﷺ ޢަދުއްވުންގެ މައްޗަށް ކާމިޔާބު ހޯއްދަވައިފި ނަމަ، ކަލޭ އެ ގޮތަށް ޢަމަލުކުރުމުން އެއީ އެކަލޭގެފާނަށް އެހީތެރިވީ ކަމަށް ބެލެވޭނެތީ އެވެ". عمرُو ބުންޏެވެ. "ތި ވާހަކަ ވެސް ނުދައްކާށެވެ! އަހަރެން ބަދަލުހިފުމުގެ ކުރިން އަތަރު ނުލުމަށް އަހަރެން މިހިރީ ހުވާކޮށްގެންނެވެ. ތިބާގެ އެހެން އެދުމެއް ވާ ނަމަ، އެ ވާހަކަ ބުނާށެވެ"! عليގެފާނު ވިދާޅުވި އެވެ. "އޭ الله تعالى ގެ ޢަދުއްވާއެވެ! މިހާރު ކަލެޔާ ހަނގުރާމަކުރުން ފިޔަވައި އެހެން ކަމެއް ނެތެވެ"!

މި ބަސްތައް އަޑުއަހާފައި عمرُو ހީގެންފި އެވެ. އޭނާ ބުންޏެވެ. "ޤަބޫލުކުރަން ދަތި ކަމެކެވެ. ޢަރަބި ކަރާގައި އަހަންނާ ހަނގުރާމައަށް ކުރިމަތިލާން ކެރޭނޭ މީހަކު ހުންނާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އޭ އަހަރެންގެ އަޚާގެ ދަރިކަލުންނޭވެ! އަހަރެން ހުވާކޮށްފައި ބުނަމެވެ. އަހަރެން ތިބާ މަރާލާކަށް ބޭނުމެއް ނޫނެވެ. އެހެނީ ތިބާގެ ބައްޕަ އަކީ އަހަރެންގެ އެކުވެރިއެކެވެ. އަހަރެން އުއްމީދުކުރަނީ، أبوبكر ނުވަތަ عُمرُ ފަދަ ޤުރައިޝުންގެ ކަމުވޮށިގެންވާ މީހަކު އަހަންނާ ކުރިމަތިލުމަށެވެ". عليގެފާނު ވިދާޅުވި އެވެ. "އެހެން ކަމުގައި ވިޔަސް، އަހަރެން މި ތަނަށް މި އައީ ކަލޭ މަރާލާށެވެ". عمرُوގެ ބޮލަށް ލޭ އަރައިފި އެވެ. އޭނާ، ކުއްލިއަކަށް، އޭނާގެ ކަނޑި މައްޗަށް ނަގާފައި ތިރިކޮށްލައިފި އެވެ. މި ފަދަ ޙަރަކާތަކަށް ބައްލަވަން ހުންނެވި أسدُالله علي علي (‏رضي الله عنه)‏ ވިދުވަރެއްހެން އެއް ފަރާތަކަށް ފުންމާލައްވާފައި އޭނާގެ އައްޑަނައިން އެ ޙަމަލާ މަތަކުރައްވައިފި އެވެ. އެހެން ނަމަވެސް، عمرُو ވަނީ މީގެ ކުރިން މިފަދަ އެތައް އައްޑަނައެއް މުގުރާލާފައެވެ. އެނެމެ ވަރުގަދަ އައްޑަނަތަކަށް ވެސް އޭނާގެ އެތިފަހަރަކަށް ހިފަހައްޓާނުލެވެއެވެ. ވީ ވެސް އެހެންނެވެ. عليގެފާނުގެ އައްޑަނަ ތެޅި، ކަނޑިން އެކަލޭގެފާނުގެ ބޮލުގައި ޖެހި ޒަޚަމްވެއްޖެ އެވެ. ދެން އައީ، عليގެފާނު ޙަމަލާދެއްވުމުގެ ވަގުތެވެ؛ އޭނާ މާތް ﷲ ގެ ކިބައިން މަދަދަށް އެދިވަޑައިގެން "يا الله" އޭ ވިދާޅުވެ عمرُوގެ ކަރާ ދިމާލަށް ذو الفقار ހޫރާލައްވައިފި އެވެ. އޭނާގެ އެ ޙަމަލާއާ އެކު، އިސްލާމީ ލަޝްކަރުގައި ކިޔަމުންދިޔަ "الله أكبر!الله أكبر!" ގެ އަޑުން އުޑާއި ބިން ގުގުމާލައިފި އެވެ؛ ކާފަރުންގެ ލަޝްކަރުގެ ތެރެއިން އިވެނީ ރޯ އަޑެވެ... އާދޭހެވެ، ރަސޫލުންގެ ސުލްޠާން، މަޚްލޫޤުންގެ ތާޖުގެ ޖައުހަރު ކަމުގައިވާ رَسُوْلُ اللهِ ﷺ ގެ ދުޢާ އިޖާބަކުރައްވައިފި އެވެ. ބިޔަ ބޮޑު عمرُو ބިންމައްޗަށް ވެއްޓިއްޖެ އެވެ؛ އޭނާގެ ލޭ ހޯސްލާފައި އޭނާގެ ހަށިގަނޑުން ނުކުންނަމުން ދިޔަ އިރު، އޭނާގެ ހެލްމެޓާއި ބޯ ދުރައް އަރައިގެން ގޮސްފި އެވެ. އެ މީހުން އެންމެ އިތުބާރުކުރި عمرُو ބަލިވީ ތަން ފެނި އޭނާގެ އެކުވެރިން ވަގުތުން عليގެފާނަށް ޙަމަލާދޭން ފަށައިފި އެވެ. މި ތަން ފެނިފައި، އަޞްޙާބު ބޭކަލުން ވަގުތުން އެ ތަނަށް ވަގުތުން ގޮސްފި އެވެ. زُبيرُ بن عوّام، ނައުފަލު ބިން ޢަބްދުﷲ ޒަޚަމްކުރެއްވުމުން ޚަންދަޤުގެ ތެރެއަށް އޭނާ އަރާ އިން އަހާ އެކު ވެއްޓިއްޖެ އެވެ. عليގެފާނު ޚަންދަޤުގެ ތެރެއަށް ފައިބާވަޑައިގެން ނައުފަލު ދެ ފަޅި ކޮށްލައްވައިފި އެވެ. ދެން އެތަނުގައި ތިބި މުޝްރިކުން އުނދަގުލުން ޚަންދަޤު ހުރަސްކޮށް އެނބުރި އަނެއް ފަރާތަށް ފިލައިފި އެވެ. މުޝްރިކުންގެ ލަޝްކަރުގެ އިސް ކޮމާންޑަރަށް ހަނގުރާމަ ހަމަ ފެށުނުތަނާ މި އޮތީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ.

މިހާރު ހަނގުރާމައިގެ މިޞްރާބު ހުރި ގޮތް ވަރަށް ސާފެވެ. ޚަންދަޤުގެ ސަބަބުން ސީދާ ކުރިމަތިލައިގެން އެކަކު އަނެކަކާ ހަނގުރާމަ ނުކުރެވެއެވެ. އެއް ލަޝްކަރު އަނެއް ލަޝްކަރަށް ގެއްލުންދޭން މަސައްކަތްކުރީ ދުނިޖަހައިގެންނެވެ. އޭގެ ސަބަބުން، ހަނގުރާމަ ދިގުލައިގެން ދިއުން ފިޔަވައި އެހެން ކަމެއް ނުވި އެވެ. އެ ގޮތަށް ހަނގުރާމަ އެ މީހުންނަށް ކާމިޔާބު ނުވާނެ ކަން އެނގި، ޙަމަލާދިނުމަށް އެންމެ އެކަށީގެންވާ ގޮތަކީ، ޚަންދަޤުގެ ހުރިހާ ދިމާލަކުން ޙަމަލާ ދިނުން ކަމަށް ނިންމައި، މުޝްރިކުން ވަރުގަދައަށް ޙަމަލާދޭން ފަށައިފި އެވެ. ދިހަ ހާސް މީހުންގެ ބޮޑު ލަޝްކަރުން މަސައްކަތްކުރަމުން ދިޔައީ ޚަންދަޤުން ހުރަސްކުރެވޭ ތޯ އެވެ. ތިން ހާސް ސިފައިންގެ އިސްލާމީ ލަޝްކަރުން މަސައްކަތްކުރަމުން ދިޔައީ، ދުންޏާއި، ހިލަ އުކައިގެން އެ މީހުން ހުއްޓުވޭތޯ އެވެ. އެއާއެކު، ވަރުގަދަ ކުރިމަތިލުމެއް ފެށުނެވެ. މި ކުރިމަތިލުން ހަވީރާ ހަމައަށް ކުރިޔަށް ދިޔަ އެވެ.

رَسُوْلُ اللهِ ﷺ ޚަންދަޤުގެ އެކި ދިމާލުގައި ރޭގަނޑު ފާރަވެރިން ބޭއްތިއްބެވި އެވެ. ޚުދު އެކަލޭގެފާނު ވެސް ޚަންދަގުގެ ހަނި ދިމާލުގައި ފާރަލައްވަން ހުންނެވި އެވެ. އެކަލޭގެފާނު މަދީނާ ގައި ޕެޓްރޯލްކުރުމަށް ފަސްސަތޭކަ މީހުން ފޮނުއްވާފައި އެ މީހުންނަށް އެންގެވީ މަގުތަކުގައި ހަރު އަޑުން تكبير ކިޔުމަށެވެ. އެއާ އެކު، ޔަހޫދީން ނުވަތަ ޤުރއިޝް ވަންހައިގެ މުޝްރިކުންގެ ފަރާތުން އަންނާނެ ނުރައްކަލަކުން ވަގުތުން ދިފާޢުކުރެވޭނެއެވެ؛ އަންހެނުންނާއި، ކުޑަކުދިން ޙިމާޔަތްކުރެވޭނެ އެވެ.

بنو قُريضةގެ ޔަހޫދީން حُيَيُّ بن أخطب މުޝްރިކުންގެ ގާތަށް ފޮނުވައި، ރޭގަނޑުގެ ޙަމަލާތައް ދިނުމަށް ޓަކައި ދެ ހާސް ސިފައިން ފޮނުވައިދިނުމަށް އެދުނެވެ. ރޭގަނޑު، އެއްވެސް ދިފާޢެއް ނެތް އަންހެނުންނާއި، ކުޑަކުދިންނަށް އެ މީހުން ޙަމަލާ ދިނެވެ. އެކަމަކު، ހެނދުނު ވަންދެން ޕެޓްރޯލްކުރައްވަމުން، تكبير ކަމުގައިވާ "الله أكبر" ކިޔުއްވަމުން ގެންދެވި ޞަޙާބީންގެ ސަބަބުން އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދިޔަ އެވެ. އެއާ އެކު ޢަދުއްވުން އެ މީހުންގެ ކިއްލާ އަށް އެނބުރި ހޮސް ފުރުޞަތަކަށް ބަލަބަލާ ތިއްބެވެ. ފަހަރަކަށް ފަހު ފަހަރެއް ގައި، ކުދި ގްތޫޕްތަކުގައި މަދީނާ އަށް ވަނުމަށް އެ މީހުން މަސައްކަތްކުރި އެވެ.

"عليގެ ކަނޑީގެ ޙަމަލާގެ އަގު، ހުރިހާ އިންސީންނާއި، ޖިންނީންގެ އަޅުކަންތަކުގެ އަގަށް ވުރެ މާ ބޮޑުވެގެން ވެއެވެ".
حديث الشريف

އެއް ރޭ، بنو قُريضةގެ ކަމުވޮށިގެންވާ އެކަކު ކަމުގައިވާ ޣައްޒާލް، رَسُوْلُ اللهِ ﷺ ގެ ބޮޑުދައިތާ صفيّة (‏رضي الله عنه)‏ ގެ ހަވޭލީ އަށް ދިހަ ސިފައިންނާ އެކު އަތުވެއްޖެ އެވެ. އެތެރޭގައި އެތާގައި ތިބީ އަންހެނުނާއި، ކުޑަކުދިންނެވެ. އެ މީހުން އަތުގައި ދިފާޢުވުމަށް ޓަކައި އެންމެ ހަތިޔާރެއް ވެސް ނެތެވެ. ޔަހޫދީން މަސައްކަތްކުރީ ހަވޭއްޔާ ދިމާލަށް ދުނި އުކާށެވެ. ދެން އެ މީހުން ވަނުމަށް މަސައްކަތްކުރި އެވެ. އެވަގުތު، އެ ކަމަނާއާ އެކު ތިބި މީހުން ކައިރީގައި އެއްވެސް އަޑެއް ނުލެއްވުމަށް އިރުޝާދު ދެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ ގެ ހިތްވަރުގަދަ ބޮޑުދައިތާ ތިރީ ފަންގިފިލާ އަށް ފޭބެންނެވުމަށް ފަހު ދޮރުކައިރި އަށް ވަޑައިގަންނަވައިފި އެވެ. ބޮލުގައިއަޅާ ރުމާލަކުން ބާރަށް ބޮލުގައި އޮޅާލައްވައި، ފިރިހެނަކާ ވައްތަރުވެގެން، ދަނޑިގަނޑެއް ނަންގަވައި، އުނަގަނޑުގައި ވަޅިއެއް އައްސަވައިފި އެވެ. އެ ކަމަނާ މަޑުމަޑުން ދޮރު ހުޅުއްވާލައްވައި، އެތާ ހުރި ޔަހޫދީ ކަލޭގެ ފަހަތުން ދުރުވެ އޭނާގެ ބޮލުގައި ދަނގަޑަކުން ޖައްސަވައިފި އެވެ. ވަގުތުކޮޅެއް ވެސް ނަންގަވާނުލައްވައި، އެ ކަމަނާ، ބިންމައްޗަށް ވެއްޓުނު އެ ޔަހޫދީ ކަލޭގެ ޤަތުލުކޮށްލައްވައިފި އެވެ. ދެން، ބޭރުގައި ދުނިއުކުމުގައި މަޝްޣޫލުވެގެން ތިބި ޔަހޫދީންނާ ދިމާލަށް އެ ޔަހޫދީ ކަލޭގެ ބުރިވެފައިވާ ބޯ އެއްލަވާލައްވައިފި އެވެ. އެ މީހުންނަށް، އެ މީހުންގެ އެކުވެރިޔާގެ ބުރިކޮށްފައިވާ ބޯ ފެނުމުން، ޔަހޫދީންތައް ބިރުން ދުރަށް ދުވަން ފަށައިފި އެވެ. އެ މީހުން ބުނަމުންދިޔަ އެވެ. "އަހަރެމެން ކައިރީ ގައި ބުނެފައިވަނީ، ގޭގޭގައި އެންމެ ފިރިހެނަކު ވެސް ނުބަހައްޓާ، މުސްލިމުންގެ ހުރިހާ ފިރިހެނުން ހަނގުރާމައަށް ފޮނުވި ކަމަށެވެ"!10

ހެނދުނު އެ ފޯރީގައި ހަނގުރާމަ ކުރިޔަށް ދިޔަ އެވެ. ދުނިތައް ވައިކަފާލާފައި ދެއެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް حديث ކުރެއްވި އެވެ. "އަހަރެމެންނަށް ކުރިމަތިވެފައިވާ ދަތިކަން ފިލައި، ތިޔަބައި މީހުންނަށ އަމާންކަން ލިބޭނެ ކަމަށް ތިމަންކަލޭގެފާނުގެ ވުޖޫދުވުން އެކަލާނގެ ޙަޟްރަތުގައި ވާ الله تعالى ގަންދީ ހުވާކުރައްވަމެވެ". އެކަލޭގެފާނު އެ ބޭކަލުންނަށް ކެތްތެރިވުމަށް އިރުޝާދު ދެއްވައި، އީމާންވީ މީހުންނަށް ނަޞްރު ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ. މި އުފާވެރި ޚަބަރު އަޑުއައްސަވާފައި، ހިތްވަރުގަދަ ޞަޙާބީންނަށް އެ ބޭކަލުންނަށް ދިމާވެފައިވާ ބަނޑުހައިހޫނުކަމާއި، ބަނޑަށް ޖެހުން ފަދަ އުނދަގޫތަކުގެ މަތިން ހަނދާން ނެތި، ބުރަކޮށް އަދި ހިތުގެ އަޑިން މަސައްކަތްކުރެއްވިއެވެ. އެންމެ މުޝްރިކަކަށް ވެސް ޚަންދަޤުން ލާފައި ހުރަސްކުރަން އެ ބޭކަލުން ފުރުޞަތެއް ނުދެއްވި އެވެ.

ޞަޙާބީންގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ބޭކަލަކު ކަމުގައިވާ سعد بن مُعاذ (‏رضي الله عنه)‏ ގެންދެވީ ވަރަށް ވަރުގަދަކަމާ އެކު ހަނގުރާމަކުރައްވަމުންނެވެ. ހަނގުރާމައިގެ ތެރޭގައި، هبّان بن قيص ނަމަކަށް ކިޔާ މުޝްރިކަކު ފޮނުވާލި ދުންޏަކުން އަރައި އޭނާގެ އަތް ޒަޚަމްވެއްޖެ އެވެ. އެ ދުނި ލޭނާރަކަށް އަރައި ވަރަށް ގިނަ ލޭ ފޭބި އެވެ. އޭނާގެ ވަށައިގެން ތިއްބެވި ބޭކަލުން އޭނާގެ ގައިން ލޭމަނާކުރައްވަން މަސައްކަތްކުރައްވާ ތަން ފެނިފައއޭނާގެ ޙާލު ވަރަށް ސީރިއަސްކަން އޭނާ އަށް ވިސްނި، ދުޢާކުރެއްވީ، "އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! ޤުރައިޝުން ހަނގުރާމައިގެން ކުރިޔަށް ދާ ނަމަ، އަޅާ އަށް ދިރިހުރުން ދެއްވާދޭވެ! އެހެނީ، އިބަރަސްކަލާނގެ ރަސޫލާ ޤަބޫލުނުކޮށް އެކަލޭގެފާނަށް އަނިޔާކޮށް ހެދި މި މުޝްރިކުންނާ ހަނގުރާމަކުރުމަށް ވުރެ ބޮޑަށް އަޅުގަނޑު ބޭނުންވާ އެހެން ކަމެއް ނެތެވެ. މި ދެ ފަރާތުގެ ދެމެދުގައި ކުރާ ހަނގުރާމަ ނިމުމަކަށް އަންނަ ނަމަ، އަޅާ އަށް ޝަހީދެއްގެ ދަރަޖަ ދެއްވާދޭވެ! އެކަމަކު، بنو قُريضةގެ ނިމުން އަޅާ އަށް ނުފެންނަހާ ހިނދަކު އަޅާގެ ފުރާނަ ނުގެންދަވާދޭވެ"! އޭނާގެ ދުޢާ އިޖާބަކުރައްވައި ލޭމަނާވި އެވެ.

عبدالله بن أُبَيُّ بن سلُول ފަދަ މުނާފިޤުން، ޞަޙާބީންނާ އެކު ހަނގުރާމަކުރާ ކަމަށް ބޭރުފުށުން ދައްކައިގެން އެކަމަކު ހަނގުރާމައިގެ މައިދާނުގައި އުޅުނީ ކަންތައްތައް ވަރަށް ލަސްކޮށްލައިގެން ކުރީ ސަފަށް ނާރައެވެ. އޭގެ އިތުރަށް، މުޖާހިދުން ގެ ފޯރި ކުޑަކޮށްލުމަށާއި، ހަމަނުޖެހުން އުފެއްދުމަށް ޓަކައި ބުނަމުންދިޔައީ، "محمّدގެފާނު ވަޢުދުވަމުން ގެންދަވަނީ، ތިޔަބައި މީހުންނަށް ރޯމަން އެމްޕަޔަރގެ އަދި އީރާނުގެ ޝާހުގެ މުދާތައް ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް، އަހަރެމެން މިހާރު މި ތިބީ ޚަންދަޤު ގައި ތާށިވެފައެވެ. ގަތް ބިރަކުން އަހަރެމެންނަކަށް ފާޚާނާ އަށް ދެވެނީކީއެއް ނޫނެވެ. ﷲ އާއި އެކަލާނގެ ރަސޫލާ، އަހަރެމެންނަށް އޮޅުވާލުން ފިޔަވާ އިތުރު ކަމެއް ނުކުރައްވައެވެ. ދުނިޔަވީ ކަމެއްގެ ވަޢުދެއް ނުވެސް ވެއެވެ". އެ މީހުންނަށް ދަތިވާ ކޮންމެ ފަހަރަކު، ޢަދާވާތްތެރިން އެ މީހުންގެ ގެއަށް ޙަމަލާދޭނެ ކަމުގެ ޢުޒުރު ދައްކާފައި، އެ މީހުން ޑިއުޓީ އަށް ތިބޭ ތަންތަން ދޫކޮށްފައި ދެއެވެ. މުނާފިޤުންގެ މި ޢަމަލުތައް ވަމުންދިޔައީ ވަކި އުނދަގުލަކަށް އަދި މައްސަލައަކަށެވެ.

ވީހާ ވެސް އަވަހަކަށް ނަތީޖާ ޙާޞިލުކުރުމަށްޓަކައި، މުޝްރިކުންގެ ލަޝްކަރުން ދިޔައީ އެ މީހުންގެ ހުރިހާ ބާރެއްގެ ބޭނުންކުރަމުން ދިޔަ ކަމުގައި ވިޔަސް، ޝަރަފުވެރި ޞަޙާބީންގެ ހިތްވަރުގަދަ ދިފާޢާ ދެކޮޅަށް އެ މީހުންނަކަށް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެ މީހުން އެންމެ ގިނައިން ޙަމަލާދިން ހިސާބަކީ ހަނި ހިސާބެވެ. رَسُوْلُ اللهِ ﷺ އެ ތަން ދޫކޮށް ނުލައްވައި، އަޞްޙާބު ބޭކަލުންނަށް ހަނގުރާމަކުރުމަށް ހިތްވަރުދެއްވި އެވެ. رَسُوْلُ اللهِ ﷺ ގެ އަރިހުގައި ހަނގުރާމަކުރެއްވުމުގެ ޝަރަފު ބޭނުންފުޅުވި ޞަޙާބީން ހަނގުރާމައިގެ މައިދާނުގައި ގެންދެވީ އާދަޔާ ޚިލާފު ހިތްވަރެއް ނެރުއްވަމުންނެވެ. އެއް ފަހަރަކު، މުޝްރިކުން ވަރަށް ގިނަ ޢަދަދެއްގެ ދުނިތަކެއް އެއްފަހަރާ ފޮނުވަން ފަށައިފި އެވެ. އެ މީހުންގެ ހަމައެކަނި އަމާޒަކަށް ވެފައި ވަނީ رَسُوْلُ اللهِ ﷺ ހުންނެވި ފޭލިގެ އެވެ.

"އަހަރެމެންނަށް ކުރިމަތިވެފައިވާ ދަތިކަން ފިލައި، ތިޔަބައި މީހުންނަށ އަމާންކަން ލިބޭނެ ކަމަށް ތިމަންކަލޭގެފާނުގެ ވުޖޫދުވުން އެކަލާނގެ ޙަޟްރަތުގައި ވާ الله تعالى ގަންދީ ހުވާކުރައްވަމެވެ".
حديث الشريف

رَسُوْلُ اللهِ ﷺ ގެ ހަށިކޮޅު ވަނީ ދަގަނޑު ދަހަނާއަކުން ރައްކާތެރިކުރެވިފައެވެ. އެކަލޭގެފާނުގެ ބޯކޮޅު ގައި ހެލްމެޓެއް ވަނީ އަޅުއްވާފައެވެ. އެކަލޭގެފާނު ހުންނެވީ ފޭލިގޭގެ ކުރިމަތީ ގައި ހަނގުރާމަ ކުރިޔަށް ދިޔަ އިރު އަޞްޙާބު ބޭކަލުންނަށް ކޮމާންޑް ކުރެއްވުމުގައެވެ. ބައެއް ފަހަރު، އެންމެ ބަލިކަށިކޮށް ފެންނަ ދިމާލަކުން މުޝްރިކުންގެ ލަޝްކަރު އެއްކޮށް ޙަމަލާދިނުމުން، އަޞްޙާބު ބޭކަލުން އެ ތަނަކަށް އަވަސް އަވަހަށް ވަޑައިގެން ދީނުގެ ޢަދުއްވުންގެ އެ ޙަމަލާއެއް ނާކާމިޔާބު ވަންދެން ހަނގުރާމަ ކުރައްވައެވެ. މިގޮތަށް ކުރެއްވި ހަނގުރާމަ ވަރުގަދަވެގެން ގޮސް، ހިތްވަރުގަދަ ޞަޙާބީންނަށް ފަރާތަކަށް ބަލައިލަން ވެސް ވަގުތު ނުލިބެއެވެ. އެ ދުވަހު، ހެނދުނު ފެށުނު ހަނގުރާމަ ރޭގަނޑު ދަންވަންދެން ކުރިޔަށްދިޔަ އެވެ. ކޮންމެ ނަމާދު ގަޑިއެއް ޖެހުމުން، ޞަޙާބީން ރަސޫލާ އަށް ދަންނަވައެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންނަށް ނަމާދު ނުކުރެވުނެވެ". ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ވަރަށް ހިތާމަޔާ އެކު ޖަވާބުދެއްވައި حديثކުރައްވައެވެ. "ﷲ ގަންދީ ހުވާކުރަމެވެ. ތިމަންކަލޭގެފާނަކަށް ވެސް (‏ނަމާދު)‏ ނުކުރެވުނެވެ". ނަމާދު ގަޑިޖެހުމުން، އެ ބޭކަލުން އަޅުކަންކުރިޔަ ނުދިން މުޝްރިކުންގެ ބައިގަނޑަށް ވަރަށް ވަރުގަދަ ޙަމަލާއެއް ދެއްވައި، ފަހަތަށް ޖައްސާލައްވައި، ވިއްސިވިހާލި ކޮށްލައްވައެވެ. ޤުރައިޝް އަދި ޣަޠްފާން ޤަބީލާ އަށް އަލުން އިންތިޒާމް ނުކުރެވި، ރޭގަނޑުވުމުން އެ މީހުންގެ މަރުކަޒުތަކަށް އެނބުރި ގޮސްފި އެވެ. މުޖާހިދުން، رَسُوْلُ اللهِ ﷺ ގެ ފޭލިގެއަށް ދުރުވެއްޖެ އެވެ. ދެން، ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވުނު رَسُوْلُ اللهِ ﷺ ، ބަދު ދުޢާކުރެއްވުމަކީ އެކަލޭގެފާނު އާދަކޮށް ކުރައްވާ ކަމަކަށް ނުވިޔަސް، ނަމާދުނުކުރެއްވުމުން އެ ކަމާ ކެތްވެވަޑައިގުގެން، މުޝްރިކުންނާ މެދު حديث ކުރެއްވި އެވެ. "އިރު އޮއްސެން ދެން އެބައި މީހުން އަހަރެމެން ނަމާދުކުރިޔަނުދީ ހިފެހެއްޓި ފަދައިން، އެ މީހުންގެ ބަނޑުތަކާއި، އެ މީހުންގެ ގެޔަކާއި، އެ މީހުންގެ ކަށްވަޅުތައް އަލިފާނުން ފުރާލައްވާ ދޭވެ"! މެންދުރު ނަމާދާއި، އަޞްރު ނަމާދާއި، މަޣްރިނު ނަމާދު ޤަޟާ ކުރެއްވުމަށް ފަހު، ޢިޝާ ނަމާދު އިމާމުވެ ނަމާދު ކުރެއްވި އެވެ.

އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ، މުޝްރިކުން ބަލިކުރައްވާދޭވެ!

އިސްލާމް ދީން އެއްކޮށް ފޮހެލުމަށް ޓަކައި ކުރި ހަނގުރާމަތަކަށް ފަހު، ދުވާލުގެ ވަގުތުގައި މުސްލިމުން ބަލިކުރެވޭނެކަން މުޝްރިކުންނަށް ރޭކާލައިފި އެވެ. އެ މީހުން ދުށްގޮތުގައި، އޮތް ހަމައެކަނި ޙައްލަކީ، ހަމަ މިހާ ވަރުގަދަކޮށް ރޭގަނޑު ޙަމަލާ ދިނުމެވެ. މުސްލިމުން ބަލިކުރޭވެ ހަމައެކަނި ގޮތަކީ އެއީ އެވެ. އެ މީހުންގެ މި ނިންމުން ވަގުތުން ތަންފީޒުކޮށް، ޔަހޫދީންގެ بنو قُريضة އާ އެކު ރޭގަނޑުގެ ޙަމަލާތައް ދޭން ފަށައިފި އެވެ. މުޝްރިކުން އެ މީހުންގެ ލަޝްކަރު ބައިބަޔަށް ބަހައި، އެއް ގްރޫޕަށް ފަހު އަނެއް ގްރޫޕަކުން ޙަމަލަދޭން ފަށައިފި އެވެ. މި ޙަމަލާތައް އެތަކެއް ދުވަސް ވަންދެން ކުރިޔަށް ދިޔަ އެވެ. އެ ބޭކަލުން ބަނޑުހައިހޫނުކޮށް، ނިދިނުލިބި އަދި ވަރުބަލިވެފައި ތިއްބެވިޔަސް، رَسُوْلُ اللهِ ﷺ އާއި އަޞްހާބު ބޭކަލުން ދިފާޢީ ހަނގުރާމަ ކުރިޔަށްގެންދެވި

ޚަންދަޤު ހަނގުރާމަ

އެވެ. ޢަދުއްވުންގެ ސިފައިންގެ އެއްވެސް މީހަކު ޚަންދަޤު ހުރަސްކުރިޔަ ނުދެއްވި އެވެ. ކުރިން ކުރެވުނު ހަނގުރާމަތަކަށް ވުރެ މި ދިފާޢު މާ ބިރުވެރިވެފައި ވަރުގަދައެވެ.

އެތަކެއް ދުވަސް ވަންދެން ހަނގުރާމަކުރަމުންދިޔަ މުޝްރިކުންގެ އަތުގައި ހުރި ކާނާ މަދުވާން ފަށައިފި އެވެ. އެ މީހުންގެ އަސްތަކާއި ޖަމަލުތައް ވެސް ބިންމަތިން ހިކި ވިނަހާ ވަރު ވެސް ނުލިބުމުގެ ސަބަބުން މަރުވާން ފަށައިފި އެވެ. މި ސަބަބަށް ޓަކައި، މުޝްރިކުންގެ ކޮމާންޑަރު، ޟިރާރު ބިން ޚައްޠާބުގެ ކޮމާންޑު ކަމުގެ ދަށުގައި، بنو قُريضةގެ ޔަހޫދީންގެ ގާތަށް ކާނާ ހޯދުމަށް ވަފުދެއް ފޮނުވި އެވެ. އެ މީހުންގެ އަތުގައި ހުރި އެއްޗެއް ވެއްޖިއްޔާ ކާފަރުންނަށް ދެމުން އައި ޔަހޫދީން ވަހުތުން 20 ޖަމަލުގެ ލޯޑުގެ ގޮދަނާއި، ބާލީ އާއި، ކަދުރާއި، ޖަވާރުންނަށް ހުއި ފޮނުވި އެވެ. ޟިރާރު އޭނާގެ ސިފައިންނާ އެކު އުފަލާ އެކު އެނބުރި އަންނަނިކޮށް ޤުބާ ކައިރިން ޞަޙާބީންތަކަކާ ދިމާވެއްޖެ އެވެ. ހިތްވަރުގަދަ އަޞްޙާބުން އެކީ އެކައްޗަކަށް ޙަމަލާ ދެއްވައިފި އެވެ. ލޭއޮހޮރުވާލި ވަރުގަދަ ހަނގުރާމައަކަށް ފަހު، ޢަދުއްވުން ފިލަންދޫކޮށްލެއްވި އެވެ. ލޯޑުކޮށްފައި ހުރި ޖަމަލުތައް رَسُوْلُ اللهِ ﷺ އަށް ޙަވާލުކުރައްވައި، އެކަލޭގެފާނުގެ އަރިހުން ގިނަގުނަ ދުޢާތައް ލިބުނެވެ.11

މަހެއް ވަންދެން ކުރިޔަށް ދިޔަ މި ވަރުގަދަ ހަނގުރާމައިގެ ދަތި އުނދަގޫ ޙާލަތްތައް ތަޙައްމަލުކުރެއްވި ޞަޙާބީންނަށް އެ ބޭކަލުންގެ ބަފައިންނަށް ވުރެ ބޮޑު ލޯތްބެއް ކައުނުގެ ސުލްޠާން رَسُوْلُ اللهِ ﷺ ދެއްވި އެވެ. އަޞްޙާބު ބޭކަލުންގެ އާދަޔާ ޚިލާފު ހިތްވަރަށް ޓަކައި، އެކަލޭގެފާނުގެ ބޯކޮޅު ބިންމަތީގައި ޖައްސަވައި الله تعالى އަށް އާދޭސް ދެންނެވި އެވެ. "ހިތްދަތިކަމުގައި ތިބި މީހުންގެ ސަލާމަތްކަން ދެއްވާ އަޅާގެ ﷲ އެވެ! ބޭނުންޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ މީހުންގެ ދުޢާތައް އިޖާބަކުރައްވާ އަޅާގެ ﷲ އެވެ! ޔަޤީނުން ވެސް، އިބަސުވާމީންގެ އަށް އަޅާ އާއި އަޅާގެ އަޞްޙާބުންގެ ޙާލަތު ދެކެވޮޑިގެން އަދި ދެނެވޮޑިގެން ވަމުއެވެ. އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! ކާފަރުން ބަލިކުރައްވައި، އެ މީހުންގެ މެދުގައި ބައިބައިވުން ފަތުރުއްވައި، އަޅަމެންނަށް އެ މީހުންނާ ދެކޮޅަށް ނަޞްރު ދެއްވާދޭވެ"!

رَسُوْلُ اللهِ ﷺ ގެންދެވީ ހަނގުރާމައިގެ ފަހު ދުވަސްތަކުގައި މި ދުޢާ ތަކުރާރުކުރައްވަމުންނެވެ.

ބަނޑަށްޖެހި ތަޙައްމަލުކުރަން ޖެހުނު ވޭންތަކުގެ ސަބަބުން، މުޝްރިކުން އެ މީހުންގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ވީހާ ވެސް އަވަހަކަށް މުސްލިމުން ނައްތާލުމަށް ދިޔައީ މަސައްކަތްކުރަމުންނެވެ. އެއް ދުވަހެއްގެ ހަވީރު، އޭނާގެ ހޮތުގައި އިސްލާމް ދީނަށް ލޯބިޖެހިފައިވާ މުޝްރިކުންގެ ލަޝްކަރުގެ މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހަށް އަތުވެއްޖެ އެވެ. އެ މީހަކީ، ޣަޠްފާން ވަންހައިގެ ނުޢައިމު ބިން މަސްޢޫދެވެ. އޭނާ رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު މި ތަނަށް މި އައީ، الله تعالى ގެ އެއްކައުވަންތަ ކަމަށާއި، ކަލޭގެފާނަކީ ޙަޤީޤީ ރަސޫލެއް ކަމަށް ހެކިވާށެވެ. އަޅުގަނޑަށް މުސްލިމަކަށް ވެވޭތީ الله تعالى އަށް ޙަމްދު ހުއްޓެވެ. މިހާތަނަށް އަޅުގަނޑު މި ހަނގުރާމަ ކުރަމުންދިޔައީ ކަލޭގެފާނާ ދެކޮޅަށެވެ. މި ވަގުތުން ފެށިގެން އަޅުގަނޑު ދެން ހަނގުރާމަކުރާނީ ކާފަރުންނާ ދެކޮޅަށެވެ. ކަލޭގެފާނު އެންގެވި ކޮންމެ ކަމެއް ކުރަން އަޅުގަނޑު ތައްޔާރެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މީހުންނަކަށް ވެސް އަޅުގަނޑު މުސްލިމަކަށް ވީ ކަމެއް ނޭނގޭނެ އެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކާފަރުންގެ ތެރެއަށް ވަދެގަނެ، އެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފައްދައިގެން އެ މީހުން ބައިބައިކޮށްލެވިދާނެ ހެއްޔެވެ"؟ އޭނާ ބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! الله تعالى ގެ އެހީފުޅާ އެކު، އަޅުގަނޑަށް އެ މީހުންގެ އެއް ބަޔަކު އަނެއް ބަޔަކާ ވަކިކުރެވިދާނެ އެވެ. އެހެން ނަމަވެސް، އަޅުގަނޑު ބޭނުން އެއްޗެއް ބުނެވިދާނެ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ހަނގުރާމަ އަކީ އޮޅުވާލުމެވެ. ތިބާ ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނެވޭނެ އެވެ".

نُعيم بن مسعود (‏رضي الله عنه)‏ އެންމެ ފުރަތަމަ بنو قُريضةގެ ޔަހޫދީންގެ ގާތަށް ދުރުވެ ވިދާޅުވި އެވެ. "އަހަރެން ކަލޭމެން ދެކެ ވާ ލޯބި ކަލޭމެންނަށް އެނގޭނެ އެވެ. އަހަރެމެން ދެމެދުގައި ދައްކާ ވާހަކަ އޮންނަންޖެހޭނީ އަހަރެމެންގެ މެދުގައެވެ. އެހެން އެއްވެސް މީހަކަށް އެނގިގެން ނުވާނެ އެވެ". ޔަހޫދީން ހުވާކޮށްފައި ބުނޫ އެވެ. "އެއްވެސް މީހަކަށް ނޭނގޭނެ އެވެ". އެއާއެކު، نُعيم (‏رضي الله عنه)‏ ވިދާޅުވި އެވެ. "އެ މީހާ (‏رَسُوْلُ اللهِ ﷺ)‏ އެ ކުރައްވާ ކަންތަކުގައި ޙަޤީޤީ މައްސަކަތަކެއް އެބަހުއްޓެވެ. އެ ކަލޭގެ ފާނި ބަނިއްނަޟީރު އަދި ބަނީ ޤައިމުޤާޢު ގެ މީހުންނާ ދޭތެރޭގައި ޢަމަލުކުރެއްވި ގޮތް ކަލޭމެންނަށް އެނގޭނެ އެވެ. އެކަލޭގެފާނު، އެ މީހުންގެ ވަޠަނުން، އެ މީހުންގެ ގެތަކުން ނެރުއްވިކަން ތިޔަބައި މީހުންނަށް ފެންނާނެ އެވެ. މިހާރު، ޤުރައިޝު ވަންހަޔާއި، ޣަޠްފާން ވަންހައިގެ މީހުން އައިސް އެ މީހުން އެދަނީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ކަލޭމެން ތި ދަނީ އެ މީހުންނަށް އެހީތެރިވަމުންނެވެ. އަހަރެމެން އެތަކެއް ދުވަހެއް ވާންދެން ހަނގުރާމަކުރި ކަމުގައި ވިޔަސް، އަހަރެމެންނަކަށް ނަތީޖާއެއް ނުނެރެވުނެވެ. އެ ގޮތަށް ކުރިޔަށް ދާ ނަމަ، ޙިޞާރުކުރުން ދިގުދެމިގެންދާނެ އެވެ. ޤުރައިޝުންނާއި ޣަޠްފާނީންގެ މުދާތަކާއި، ގެތަކާއި، ކުޑަކުދިން ކަލޭމެންނާ ތަފާތެވެ. އެ މީހުންނަށް މި ހަނގުރާމައިގައި ފުރުޞަތެއް ލިބި ނަޞްރު ލިބިއްޖެ ނަމަ. އެ މީހުން ޣަނީމާ މުދާ ނެގުމަށް ފަހު، ދާނެ އެވެ. އެ މީހުން ބަލިވެއްޖެ ނަމަ، ކަލޭމެން މުސްލިމުންނާ އެކު އެކަނި ދޫކޮށްފައި ދާނެއެވެ. އެހެން ނަމަވެސް، މުސްލިމުން ބަލިކުރެވޭހާ ބާރެއް ކަލޭމެން އަތުގައި ނެތެވެ. މިހާރު ހަނގުރާމައިގެ ޙާލަތު ދައްކާގޮތުން، ނަޞްރު ހޯދާނީ މުސްލިމުންނެވެ. އަހަރެން އަންދާޒާކުރާ ގޮތަށް އެކަން އެ ގޮތަށް ވެއްޖެ ނަމަ، މުސްލިމުން ކަލޭމެން ކަނޑި މައްޗަށް އަރުވާނެ އެވެ. މި ސަބަބަށް ޓަކައި، އަހަރެމެން އަވަސް އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ އެވެ".12

މިވާހަކަތަކަށް ބޮޑު ޝައުޤުވެރިކަމަކާއި، ބިރުވެރިކަމާ އެކު އަޑުއަހަމުންދިޔަ ޔަހޫދީން ދުށްގޮތުގައި، نُعيم (‏رضي الله عنه)‏ އެ މީހުންނާ މެދު ވަރަށް ބޮޑަށް ވިސްނަވައިފިއެވެ. އަދި ބުނޫ އެވެ. "ތިބާ ތިވަނީ ތިބާއާ އަހަރެމެންނާ ދެމެދު އޮތް އެކުވެރިކަން ދައްކަވާފައެވެ. އަހަރެމެން ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް ބުނެދޭށެވެ". މި ފަދަ ވާހަތަކެއް ދައްކަފާނެ ކަމުގެ އިންތިޒާރު ގައި ހުންނެވި نُعيم بن مسعود (‏رضي الله عنه)‏ ޖަވާބުދެއްވި އެވެ. "ތެދަކީ، ބައެއް ޤުރައިޝީންނާއި ބައެއް ޣަޠްފާނީން ރަހީނުންގެ ގޮތުގައި ނުނެގޭ ނަމަ، މުސްލިމުންނާ އެކު ހަނގުރާމަ އަށް ނުދާށެވެ. ކަލޭމެންނާ އެކު ރަހީނުން ތިބިހާ ހިނދަކު، އެ މީހުންނަކަށް ހަނގުރާމައަކުން ނުފިލޭނެ އެވެ"! މިއީ ވަރަށް ރަނގަޅު ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ޤަބޫލުކޮށް، ޔަހޫދީން އޭނާ އަށް ޝުކުރު އަދާކޮށް، ހަދިޔާ ހުށަހެޅި އެވެ.

نُعيم (‏رضي الله عنه)‏ ޔަހޫދީން ދޫކޮށް، އެ ދިޔަ ގޮތަށް ޤުރައިޝުންގެ މަރުކަޒަށް ދުރުވެއްޖެ އެވެ. އެ މީހުންގެ ކޮމާންޑަރުންނަށް ވިދާޅުވި އެވެ. "محمّدގެފާނާ ދެމެދު އަހަރެން ޢަދާވާތްތެރިކަން އޮންނަ މިންވަރާއި، އަހަރެމެން ކަލޭމެން ދެކެ ލޯބިވާ ވަރު ކަލޭމެންނަށް އެނގޭނެ އެވެ. އަހަރެމެންގެ ރަޙްމަތްތެރިކަމަށް ޓަކައި، އަހަންނަށް އެނގިފައިވާ ކަމެއް ތިޔަބައި މީހުންނަށް އަންގައިދިނުމަކީ އަހަރެންގެ ވާޖިބެއް ކަމުގައި ދެކެމެވެ. އެކަމަކު، އަހަރެން ބުނަން މި އުޅޭ ވާހަކަ އެހެން އެއްވެސް މީހަކަށް ނާންގާނެ ކަމަށް ކަލޭމެން ބުނެ ހުވާކުރަން ޖެހޭނެ އެވެ". އެ މީހުން އެ ގޮތަށް ހުވާކޮށްފައި ވެގެންއުޅޭ ގޮތެއް ސާފުކުރަން ބޭނުންވާ ކަހަލަ ގޮތަކަށ ބުނޫ އެވެ. "އަހަރެމެން ކައިރީގައި ބުނާށެވެ. އަހަރެމެން މި ތިބީ ތިބާ އަށް އަޑުއަހާށެވެ". އޭނާ ޖަވާބު ދިނެވެ. "بنو قُريضةގެ ޔަހޫދީން މިހާރު ކަލޭމެންނާ އެކު ވީ އެއްބައިވުމާ މެދު ދެރަވެގެން އެބައުޅެއެވެ. އަދި އެ މީހުން محمّدގެފާނަށް މެސެޖެއް ފޮނުވައި ބުނެފޫ އެވެ. 'އަޅުގަނޑުމެން ގޮސް ޤުރައިޝް ވަންހަ އާއި، ޣަޠްފާން ވަންހައިގެ ބޮޑުންގެ ތެރެއިން ބަޔަކު ރަހީނުކޮށްގެން އެ މީހުންގެ ބޯބުރިކުރުމަށް ޓަކައި ކަލޭގެފާނާ ޙަވާލުކުރަން ތޯ އެވެ؟ ދެން އަޅުގަނޑުމެން ކަލޭގެފާނާ އެއްބައިވެ، މުޝްރިކުން ނައްތާލެވެންދެން ހަނގުރާމަކުރަމާ ހިނގާށެވެ! އެހެންނަމަވެސް، ކަލޭގެފާނު އަހަރެމެންގެ އަޚުންކަމުގައިވާ ބަނިއްނަޟީރު ވަންހައިގެ މީހުންނަށް މާފުކޮށްދެއްވައި، އެ މީހުންގެ ގެތައް އަނބުރާ ދެއްވަންވާނެ އެވެ'. محمّدގެފާނު ވަނީ ޔަހޫދީން މި އެދުނު ކަންތައް ޤަބޫލުކުރައްވާފައެވެ. ޔަހޫދީން ކަލޭމެންގެ ފަރާތުން ރަހީނުން ބޭނުންވެގެން އެހިޔަސް އެކަމަށް އެއްބަސް ނުވާށެވެ. އެ މީހުން އެ އެންމެން މަރާލާނެ އެވެ! އަހަރެން މި ބުނި ވާހަކަތައް އެހެން އެއްވެސް މީހަކަށް ނާންގާށެވެ". މި ދެއްވި މުހިއްމު ޚަބަރަށް ޓަކައި، ޤުރައިޝުންގެ މީހުން نُعيم (‏رضي الله عنه)‏ އަށް ޝުކުރު އަދާކޮށް އޭނާ އަށް ވަރަށް އިޙްތިރާމް އަދާކޮށްފި އެވެ.

نُعيم بن مسعود (‏رضي الله عنه)‏ އެ ތަން ދޫކުރައްވައި، ޣަޠްފާނުން ކައިރިއަށް ދުރުވެއްޖެ އެވެ. ޤުރައިޝުން ކައިރީ ގައި ވިދާޅުވި ގޮތަށް އެމީހުން ކައިރީ ފައި ވެސް ވިދާޅުވެއްޖެ އެވެ.

"އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ އަޅާ އަށާއި، އަޅާގެ އަޞްޙާބުންނަށް އޯގާތެރި ވޮޑިގެންނެވި ކަމަށް ޓަކައި އަޅާ އިބަރަސްކަލާނގެ އަށް ޝުކުރު ދަންނަވަމެވެ".
حديث الشريف

ޖެހިގެން އައި ދުވަހު، ޤުރައިޝުންގެ ކޮމާންޑަރު بنو قُريضة އަށް އަންގައިފި އެވެ. "މިތާނގައި ތިބުމަކީ އަހަރެމެންނަށް ވަރަށް އުނދަގޫ ކަމަކަށް ވެއްޖެ އެވެ. އެހެނީ މޫސުން މިހާރު ވަރަށް ގޯސްވެ، އަހަރެމެންގެ ޖަނަވާރުތައް ބަނޑަށް ޖެހިގެން މަރުވަނީ އެވެ. މިރޭ ރަނގަޅަށް ތައްޔާރުވެ، މާދަމާ ވަރުގަދަ ޙަމަލާއެއް ދެމާހިނގާށެވެ". ޔަހޫދީން ޖަވާބު ދިނެވެ. "ފުރަތަމަ ކަމަކަށް ހޮނިހިރު ދުވަހު އަހަރެމެން ހަނގުރާމއެއް ނުކުރާނަމެވެ. ދެވަނަ ކަމަކަށް، އަހަރެމެން ކަލޭމެންނާ އެކު ހަނގުރާމަކުރުމަށް ޓަކައި، ކަލޭމެންގެ ބޮޑުންގެ ގިނަ ބަޔަކު ރަހީނުންގެ ގޮތުގައި އަހަރެމެންނާ ޙަވާލުކުރާށެވެ. ޙިޞާރުކުރެވޭ މުއްދަތު އިތުރުވެ، ކަލޭމެން ހަދާނެ ގޮތް ހުސްވެ، ކަލޭމެންގެ ޤައުމަށް ދާން ޖެހިއްޖެ ނަމަ، ކަލޭމެން އަހަރެމެން محمّدގެފާނާ ޙަވާލުކުރާށެވެ. ކަލޭމެން އަހަރެމެންނަށް ރަހީނުން ދޭ ނަމަ، ކަލޭމެން އަހަރެމެން ދޫކޮށެއް ނުލާނެ އެވެ"!

މި ޚަބަރު ޤުރައިޝުންގެ ކޮމާންޑަރަށް ލިބުމުން، އޭނާ ބުންޏެވެ. "އެހެންވީމާ نُعيم (‏رضي الله عنه)‏ ވިދާޅުވި ބަސްފުޅު ތެދެވެ"! އޭނާ އަނެއްކާ ވެސް ޔަހޫދީންނަށް މެސެޖެއް ފޮނުއްވައިފި އެވެ. "އަހަރެމެންގެ އެންމެ މީހަކު ވެސް ރަހީނުންގެ ގޮތުގައި ކަލޭމެންނަކާ ޙަވާލެއް ނުކުރާނަމެވެ. ކަލޭމެން އައިސް މާދަމާ އަހަރެމެންނާ އެލކު ހަނގުރާމަކޮށްފި ނަމަ، ވަރަށް ރަނގަޅެވެ. އެހެން ނޫން ނަމަ، އަހަރެމެން ދާނީ އަހަރެމެންގެ ވަޠަނަށެވެ. އަދި ކަލޭމެން އޭރުން محمّدގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު އެކަނި ދޫކޮށްލެވޭނެ އެވެ.

މި ވާހަކަތައް އަޑުއެހުމަށް ފަހު، نُعيم (‏رضي الله عنه)‏ ވިދާޅުވި ގޮތަށް ކަންތައް ވީ ކަމަށް ހީކޮށް. بنو قُريضةގެ ޔަހޫދީން ޖަވާބު ދިނެވެ. "މި ޙާލަތުގައި، އަހަރެމެން ކަލޭމެންނާ އެއްބައިވެ މުސްލިމުންނާ އިދިކޮޅަށް ހަނގުރާމއެއް ނުކުރާނަމެވެ..." އެހެންކަމުން، ދެ ބައި މީހުންގެ ހިތްތަކަށް ވެސް ބިރުވެރިކަން ވެރިވެގެންފި އެވެ.13

جبريل (‏عليه السّلام)‏، رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ޠޫފާނެއް ފޮނުއްވައި، الله تعالى މުޝްރިކުން ނައްތާލައްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ. އެއާއެކު، ގުދުވެލައްވައި، އެކަލޭގެފާނުގެ އަތް ނަންގަވައި الله تعالى އަށް ޝުކުރު ދަންނަވައި حديث ކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ އަޅާ އަށާއި، އަޅާގެ އަޞްޙާބުންނަށް އޯގާތެރި ވޮޑިގެންނެވި ކަމަށް ޓަކައި އަޅާ އިބަރަސްކަލާނގެ އަށް ޝުކުރު ދަންނަވަމެވެ". އެކަލޭގެފާނު، މި އުފާވެރި ޚަބަރު އަޞްޙާބު ބޭކަލުންނަށް ދެއްވި އެވެ.

އެއީ ހޮނިހިރު ދުވަހެއްގެ ރެއެވެ. ވަށައިގެން އޮތީ ކަޅުފޮއި އަނދިރި ކަމެވެ. ދެން، އެއަށް ފަހު ފިނި އަދި ގަދަ ވައިޖެހން ފަށައިފި އެވެ. حذيفة بن يمان އެ ރޭ ސިފަކުރައްވާފައިވަނީ ތިރީގައިވާ ގޮތަށެވެ.:

"އަހަރެމެން ހޭދަކުރަމުންދިޔަ ރެއަށް ވުރެ އަނދިރި ރެއެއް ކުރިއަކުން ނުދެކެމެވެ. މި ކަޅުފޮއި އަނދިރިކަމުގެ ތެރޭގައި، ގަދަ އަޑުފަށްގަނޑަކާ އެކު ގަދަ ވައިޖެހެން ފަށައިފި އެވެ. އެވަގުތު، رَسُوْلُ اللهِ ﷺ އަޅުގަނޑުމެންނަށް އެންގެވީ، މުޝްރިކުންގެ ލަޝްކަރު ތިބީ ސިހުންލިބި ބިރުގެންފައި ކަމަށާއި، އެ މީހުން މެދުގައި ހަމަނުޖެހުން އުފެދިފައިވާ ކަމަށެވެ. އެ ރޭގެ ގަދަ ފިންޏާއި، ހައިހޫނުކަމާއި، ބިރުވެރިކަން އަހަރެމެންނަށް ތަޙައްމަލުކުރެވޭ ވަރެއް ނޫނެވެ. އަހަރެމެން ގައި މަތީގައި އެއްޗެއް އެޅުމަށް ފަހު އެ ތިބި ތަނެއް ގައި ތިބީ އެވެ.

رَسُوْلُ اللهِ ﷺ ނަމާދު ކުރައްވަން ފަށްޓަވައިފި އެވެ. އަދި އެ ރޭގެ އެއްބައި ނަމާދުކުރެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ އަހަރެމެންނާ ދިމާލަށް އެނބުރިވަޑައިގެން حديث ކުރެއްވި އެވެ. 'މުޝްރިކުން ލަޝްކަރު ތިބި ތަނަށް ގޮސް، އެ މީހުން މިހާރު ތިބި ޙާލަތު ބަލައި، އެ ޚަބަރު ތިމަން ކަލޭގެފާނަށް ގެނެސްދޭނެ މީހަކު އެބަ ހުރި ހެއްޔެވެ" ތިމަންކަލޭގެފާނު الله تعالى އަށް ދަންނަވާނީ، އެ މީހުންގެ ޚަބަރު ތިމަންކަލޭގެފާނަށް ގެނެސްދޭ މީހަކު ސުވަރުގޭގައި ތިމަންކަލޭގެފާނުގެ އެކުވެރިޔަކަށް ވުމަށެވެ'. ގަދަ ފިންޏާއި، ހައިހޫނުކަމުގެ ސަބަބުން، އެތަނުން އެއްވެސް މީހަކަށް ތެދުވެވޭގޮތެއް ނުވި އެވެ. ދެން، رَسُوْلُ اللهِ ﷺ ތިމަންނާ ގާތަށް ވަޑައިގެންފި އެވެ. އަހަރެން ހުރީ ފިނިގަދަކަމުން އަހަރެންގެ ކަކުލުގައި ހިފާ ވަށްކޮށްގެންނެވެ. އަހަރެންގެ ގައިގައި رَسُوْلُ اللهِ ﷺ އަތްޕުޅުން ބީލިލައްވާފައި حديث ކުރެއްވި އެވެ. "ތީ ކާކު ހެއްޔެވެ"؟ އަހަރެން ޖަވާބު ދިނީމެވެ. 'އަޅުގަނޑަކީ حذيفة އެވެ. މާތް ﷲ ގެ ރަސޫލާ އެވެ'. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އެ ތިބަ މީސްތަކުން އެ ކުރާ ކަމެއް ބަލައިލާފައި އަންނާށެވެ! ތިބާ ތިމަންކަލޭގެފާނުގެ އަރިހަށް އަންނަން ދެން އެއްވެސް މީހަކާ ދިމާލަށް ދުނި ނުވަތަ ހިލަ ނުއުކާށެވެ. އަދި ތިބާގެ ކަނޑިން އެ މީހުންނަށް ޙަމަލާ ނުދޭށެވެ. ތިބާ އެނބުރި ތިމަންކަލޭގެފާނުގެ އަރިހަށް އަންނަންދެން ފިނި ނުވަތަ ހޫނުން ތިބާ އަށް ގެއްލުމެއް ނުވާނެ އެވެ. އަދި ތިމާ ހައްޔަރުކޮށް އަނިޔާކޮށް ނެހެދޭނެ އެވެ'.

އަހަރެން އަހަރެންގެ ކަނޑި އާއި، ދުނިދަނޑި ނަގައިގެން ދިއުމަށް ތައްޔަރާރު ވެއްޖައީ މެވެ. އަހަންނަށްޓަކައި رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. 'އަޅާގެ ﷲ އެވެ. އޭނާ އޭނާގެ ކުރިމަތިންނާއި، އޭނާގެ ކަނާތް ފަރާތުންނާއި ވާތްފަރާތުންނާއި، މަތިންނާއި، އޭނާގެ ތިރިން ރައްކާތެރިކޮށްދެއްވާދޭވެ!'.

އަހަރެން މުޝްރިކުންނާ ދިމާލަށް ހިނގާފައި ދާން ފަށައިފީ މެވެ. އޭރު ހީވީ އަހަރެން ފެންވަރާ ތަނެއް ގައި ހިނގަމުންދިޔަ ހެންނެވެ. އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެތާނގައި ބުރެއް، ފިނިކަމެއް، ނުވަތަ ތުރުތުރުއެޅުމެއް ވެސް އަހަރެންގެ ކިބައިގައި ނެތެވެ. އެންމެ ފަހުން، އަހަންނަށް މުޝްރިކުންގެ މަރުކަޒަށް ދެވިއްޖެ އެވެ. އެ މީހުންގެ ކޮމާންޑަރުންނާއި، ވެރިން ވަނީ އަލިފާންގަނޑެއް ރޯކޮށް، ހޫނުކުރަމުންނެވެ. أبو سُفيان ބުނަމުންދިޔަ އެވެ. 'އަހަރެމެން މިތަނުން ދާންވީ އެވެ'. ވަގުތުން އޭނާ ޤަތުލުކޮށްލަން އަހަރެން ހިތަށް އެރި އެވެ. ދެން އަހަރެންގެ ދުނިއުރައިން ދުންޏެއް ނަގައި، އަހަރެންގެ ދުނިދަންޏަށް ލައިފީމެވެ. އަލިފާނުގެ އަލިކަމުން ފައިދާ ނަގައިގެން އޭނާގެ ގަޔަށް ދުނިޖަހަން އަހަރެން ބޭނުންވި އެވެ. އަހަރެން ދުނި ޖަހަން އުޅެނިކޮށް، އަހަރެން ކައިރީގައި 'ތިބާ ތިމަންކަލޭގެފާނާ ހަމައަށް އެނބުރި އަންނަންދެން، ތިބާ އެއްވެސް ޙާދިސާއެއް ކުރިމަތިކޮށްގެންނުވާނެ' މިހެން حديث ކުރެއްވި ހަނދާންވެ، އޭނާ މަރާލުމުގެ ޚިޔާލު ދޫކޮށްލައިފީމެވެ. އޭގެ ފަހުން، އަހަންގެ ކިބައިގައި ވަރުގަދަ ހިތްވަރެއް އުފެދިއްޖެ އެވެ. އަހަރެން މުޝްރިކުންނާ ހަމައަށް ގޮސް، އަލިފާންގަނޑު ކައިރީ ގައި އިށީންދެއްޖައީމެވެ. އާދަޔާ ޚިލާފު ގަދަ ވަޔާއި، الله تعالى ގެ ނުފެންނަ ލަޝްކަރު (‏މަލާއިކަތުން)‏ ގެ ޙަމަލާ އެ މީހުންނަށް އަރައިފި އެވެ. ގަދަ ވައިގެ ތެރޭގައި، އެބައި މީހުންގެ ބަދިގޭ ސަމާނު ފައިބައި، އެ މީހުން ރޯކޮށްފަ ހުރި އަލިފާނާއި ބައްތިތައް ނިވި، އެ ބައި މީހުންގެ ފޭލިގެތައް އެ މީހުންގެ ބޯ މައްޗަށް ވެއްޓެމުންދިޔަ އެވެ. އެއް ފަހަރަކު، މުޝްރިކުންގެ ލަޝްކަރުގެ ކޮމާންޑަރ أبو سُفيان ކޮޅަށް ތެދުވެފައި ބުންޏެވެ. 'ޚަބަރުދާރު! ކަލޭމެންގެ މެދުގައި ވާހަކަ ހޯދާ މީހުންނާއި، ޖާސޫސުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ؛ ކޮންމެ މީހަކު ވެސް، އޭނާ އާ ޖެހިގެން ހުރީ ކާކު ތޯ ބަލާށެވެ! ކޮންމެ މީހަކު ވެސް އެ މީހާ އާ ޖެހިގެން ހުރި މީހެއްގެ އަތުގައި ހިފާށެވެ'. އެ މީހުންގެ މެދުގައި ބީރައްޓެއްސަކު ހުރިހެން أبو سُفيان އަށް އިޙްސާސްކުރެވުނީ އެވެ. ވަގުތުން، އަހަރެން، އަހަރެންގެ އަތް ދަމާފައި އަހަރެންގެ ކަނާތް ފަރާތާއި، ވާތް ފަރާތުގައި ތިބި ދެ މީހުންގެ އަތުގައި ހިފައިފީމެވެ. އަދި އެ މީހުން އެހުމުގެ ކުރިން، އެ މީހުންގެ ނަން އަހައިފީމެވެ. އެގޮތުން، އެ މީހުންނަށް އަހަރެން އެނގުން ހުއްޓުވީމެވެ.

"މިހާރު މިއީ ތިޔަބައި މީހުންގެ ފަހަރެވެ. މިހާރުން ފެށިގެން، ޤުރައިޝުންނަށް ތިޔަބައި މީހުންނާ ދެކޮޅަށް މާޗްކޮށްފައި ހަނގުރާމަ އަށް ދެނެއް ނާދެވޭނެ އެވެ".
حديث الشريف

އެންމެ ފަހުން، أبو سُفيان އޭނާގެ ލަޝްކަރާ މުޚާޠަބުކޮށްފައި ބުންޏެވެ. 'އޭ ޤުރައިޝްގެ މީހުންނޭވެ! ކަލޭމެން ތި ތިބީ ތިބުން އެކަށީގެންވާ ތަނެއްގައެއް ނޫނެވެ. އަސްތަކާއި، ޖަމަލުތައް މަރުވާން ފަށައިފި އެވެ. ހުރިހާ ދިމާލެއް ގައި ވަނީ ބަނޑުހައިހޫނު ކަމެވެ. ވައިގެ ސަބަބުން އަހަރެމެންނަށް ވެގެންދިޔަ ގޮތް ކަލޭމެންނަށް ފެނިއްޖެ އެވެ. މިހާރުން މިހާރަށް މި ތަން ދޫކޮށް ދާށެވެ! އަހަރެން މިހާރު މި ދަނީ އެވެ'. މިހެން ބުނެފައި، އޭނާގެ ޖަމަލަށް ސަވާރުވެއްޖެ އެވެ، މުޝްރިކުންގެ ލަޝްކަރު ނިކަމެތިވެފައިވާ ޙާލެއް ގައި ތިބެ، މައްކާ އާ ދިމާލަށް ދާން ފަށައިފި އެވެ. އެ މީހުންގެ ބޯ މައްޗަށް ވެއްޔާއި، ހިލަތައް ފައިބަމުންދިޔަ އެވެ.14

މުޝްރިކުންގެ ލަޝްކަރު ދިޔުމުން، އަހަރެން رَسُوْلُ اللهِ ﷺ ހުންނެވި ދިމާލަށް ދިޔައީމެވެ. އެ ގޮތަށް ދިޔަ މަގުމަތީ ގައި މެދެއްހާ ތަނަށް ދެވުނު ތަނާ، ވިހި އަސްވާރުންނާ (‏މަލާއިކަތުން)‏ ބައްދަލުވި އެވެ. އެ ބޭކަލުން އަހަންނަށް ވިދާޅުވީ 'رَسُوْلُ اللهِ ﷺ އަށް ދަންނަވާށެވެ. الله تعالى ޢަދުއްވުން ބަލިކުރައްވައިފި އެވެ...' މިހެންނެވެ. އަހަންނަށް رَسُوْلُ اللهِ ﷺ ހުންނެވި ތަނަށް ދެވުނު އިރު، އެކަލޭގެފާނު ގެންދެވީ ކާޕެޓެއްގެ މަތީގައި ނަމާދުކުރައްވަމުންނެވެ. އެހެން ނަމަވެސް، އަހަރެން ހަމަ އެބުރި އައިތަނާ، ކުރިން ވީ ގޮތަށް ފިނި އަދި ތުރުތުރުއަޅާ ގޮތް ވެއްޖެ އެވެ. ނަމާދަށް ފަހު رَسُوْلُ اللهِ ﷺ އެއްސެވީ އަހަރެން ގެނައީ ކޮން ޚަބަރެއް ތޯ އެވެ. މުޝްރިކުން ތިބި ނިކަމެތި ޙާލުގެ ވާހަކަ އާއި، އެ މީހުން ގޮސްފި ވާހަކަ އަޅުގަނޑު ދަންނަވައިފީމެވެ. މި ޚަބަރާ އެކު رَسُوْلُ اللهِ ﷺ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވައި، ހިނިވަރުނަކުރައްވައިފި އެވެ. އަހަރެމެން ތިބީ އެތަކެއް ދުވަސްތަކެއް ވާންދެން ނުނިދައެވެ. رَسُوْلُ اللهِ ﷺ އަޅުގަނޑު އަރިހަށް ގެންދަވައި، ރަޖައެއްގެ ގޮތުގައި ބޭނުންފުޅުކުރެއްވި އެ ކާޕެޓްގެ ބަޔަކުން އަޅުގަނޑުމެން ދެ މީހުންގެ ގައިގައި އެޅުއްވި އެވެ. އެ ރޭ ހޭދަކުރި އެ ގޮތަށެވެ. رَسُوْلُ اللهِ ﷺ ފަތިސް ގަނޑީ ގައި އަޅުގަނޑު ހޭލެއްވި އެވެ. ހެނދުނު ވީ އިރު، މުޝްރިކުންގެ އަސަރެއް ނެތެވެ.

މުޝްރިކުން މައްކާ އަށް ދެވުމުގެ ކުރިން، ވަރަށް ވަރުގަދަ ވައި ރޯޅިއެއް އެ މީހުންގެ ފަހަތުން އަރައި ފަހަތުން ތަކުބީރު ކިޔާ އަޑު އެ މީހުންނަށް އިވުނެވެ.

ޤުރައިޝުންގެ މުޝްރިކުން އެ މީހުންގެ މަރުކަޒު ދޫކޮށް ފިލުމުން، އެ މީހުންނާ އެކު އައި މުޝްރިކުން ގެ އެހެން ޤަބީލާތައް ވެސް މަދީނާ ދޫކޮށް ގޮސްފި އެވެ. އެ މީހުން ތިބީ، އެ މީހުންނަށް ހަނދާންނައްތާނުލެވޭ ފަދަ ބައްޔެއްގެ ހިތްދަތިކަމާއި، ހިތާމައިގައި ޣަރަޤުވެފައެވެ. އެ މީހުން މި ބަލިވުން ތަޙައްމަލުކުރަމުންދިޔަ އިރު، رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުންގެ އަޞްޙާބުން ގެންދެވީ الله تعالى އަށް ޙަމްދާއި ޝުކުރުކޮށް، ޝުކުރުގެ ސަޖިދައެއް ކުރައްވަމުންނެވެ. މުޖާހިދުން، އުޖާލާވެގެންވާ މަދީނާ އާ ދިމާލަށް ވަޑައިގެންނެވީ، "الله أكبر! الله أكبر!" ގެ އަޑާ އެކުގައެވެ. މަދީނާގެ މަގުތައް ކުއްލިއަކަށް ކުޑަކުދިން ހިފާލައިފި އެވެ؛ އެ ކުދިން މަގުމައްޗަށް ނުކުތީ رَسُوْلُ اللهِ ﷺ އާއި އެ ކުދިންގެ ބަރަކާތް ލެއްވިގެންވާ ބަފައިންނާއި، ބޮޑުބޭބެއިންނާއި، އެހެން އަޚުންނާ ބައްދަލުކުރާށެވެ. އެ ކުދިންނަށް އިޖާބަ ދެއްވީ ހިނިތުންވުމާ އެކުގައެވެ.

ޚަންދަޤު ހަނގުރާމައިގައި ޝަހީދުވީ މުސްލިމުންގެ ތެރެއިން ހ މުސްލިމުންނެވެ.

މި ހަނގުރާމައާ ބެހޭގޮތުން ކީރިތި قرآن ގެ سورة الأحزاب ގެ 25 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏‏وَرَدَّ اللَّهُ الَّذِينَ كَفَرُوا بِغَيْظِهِمْ لَمْ يَنَالُوا خَيْرًا ۚ وَكَفَى اللَّهُ الْمُؤْمِنِينَ الْقِتَالَ ۚ وَكَانَ اللَّهُ قَوِيًّا عَزِيزًا ‎﴿٢٥﴾‏)‏15 * الأحزاب : 25)‏ މާނައީ: " كافرވި މީހުން އެއުރެންގެ ރުޅިވެރިކަމާ އެކު ﷲ (‏އެއުރެން)‏ ރައްދުކުރެއްވި އެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި ﷲ، مؤمن ންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފި އެވެ. (‏އެބަހީ: އެއުރެން ގަދަ ހަނގުރާމައެއް ނުކޮށް އެކަން ނިމއްޖެ އެވެ.)‏ އަދި ﷲ އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ".

ކީރިތި قرآن ގެ سورة الأحزاب ގެ 9 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا ‎﴿٩﴾‏)‏16 * الأحزاب : 9)‏ މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! لشكرތަކެއް ތިޔަބައި މީހުންނާ ހަމަޔަށް އައި ހިނދު، ﷲ ތިޔަބައި މީހުންނަށް ދެއްވި نعمة ތިޔަބައި މީހުން ހަނދާންކުރާށެވެ! ފަހެ، އެ ހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައި މީހުންނަށް ނުފެންނަ لشكرތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައި މީހުން ކަންތައް ކުރާ ގޮތް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ".

މި ހަނގުރާމަ އަށް ފަހު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މިހާރު މިއީ ތިޔަބައި މީހުންގެ ފަހަރެވެ. މިހާރުން ފެށިގެން، ޤުރައިޝުންނަށް ތިޔަބައި މީހުންނާ ދެކޮޅަށް މާޗްކޮށްފައި ހަނގުރާމަ އަށް ދެނެއް ނާދެވޭނެ އެވެ".