ލޮބުވެތި ރަސޫލާ

ޙުދައިބިއްޔާގެ ޙާދިސާ

ނިޔަތަކީ ޢުމްރާ، ނަތީޖާއަކީ ޙުދައިބިއްޔާ

އެއީ ހިޖުރައިން ހަވަނަ އަހަރުގެ ޛުލްޤަޢިދާ މަހެވެ. އެއް ރޭ، رَسُوْلُ اللهِ ﷺ އަށް ހުވަފެނުން ފެނިވަޑައިގަތީ، އެކަލޭގެފާނާއި، އަޞްޙާބު ބޭކަލުން މައްކާ އަށް ވަޑައިގެން، كعب އާގެ ވަށައިގެން طوافކުރައްވައި، ބައެއް ބޭކަލުން ބޯ ކުރުކުރައްވައި، އަދި ބައެއް ބޭކަލުން ބޯ ބާލުއްވާ ހެއްދެވި ތަނެވެ. އެކަލޭގެފާނުގެ ހުވަފެނާ ބެހޭގޮތުން އަޞްޙާބުން ކައިރީގައި حديث ކުރެއްވުމުން، އެ ބޭކަލުން ތިއްބެވީ އެކަމާ ވަރަށް ޝައުޤުވެރިވެފައެވެ. އެ ބޭކަލުންގެ ރިވެތި ވަޠަން ކަމުގައިވާ ހިޖުރައިން ފެށިގެން ނުދެކޭ، ހަންދާންތަކުން ފުރިފައިވާ، އަދި އެ ރަށެއްގައި ބޮޑުވި މައްކާ އަށް އެ ބޭކަލުން ވަޑައިގެންނެވި އެވެ. މުޤައްދަސް كعبة ގެ ވަށައިގެން طوافކުރެއްވި އެވެ. އަދި އެކަމަކަށް ޝައުޤުވެރިވެފައި ތިބި ފަދައިން، އެ كعبة އާ އާ ދިމާލަށް އެނބުރި ތިބެ ދުވަހުގެ ފަސް ނަމާދު ކުރެއްވި އެވެ. އެއީ ކިހާ ރަނގަޅު ޚަބަރެއް ހެއްޔެވެ؟ رَسُوْلُ اللهِ ﷺ ގެ ފަރާތްޕުޅުން "ކަލޭމެން ޔަޤީނުން ވެސް މަސްޖިދުލް ޙަރާނަށް ވަންނާނެއެވެ". މި އުފާވެރި ޚަބަރު ލިބުމާ އެކު އަޞްހާބު ބޭކަލުން ވަގުތުން ތައްޔާރުވާން ފަށްޓަވައިފި އެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ތައްޔާރީތައް ނިމުމުން، މަދީނާ ގައި އެކަލޭގެފާނުގެ ނައިބަކަށް عبدالله بن أُمُّ مكتُوم ބަހައްޓަވާފައި ނުކުންނެވި އެވެ. ޛުލްޤައިދާ މަހުގެ ފުރަތަމަ ހޯމަ ދުވަހު ޤުސްވާ ކިޔާ އެކަލޭގެފާނުގެ ޖަމަލަށް ސަވާރުވެވަޑައިގަތެވެ. އެކަލޭގެފާނުގެ 1400 އަޞްޙާބުންނާ އެކު މަދީނާ ގައި މަޑުކުރި މީހުންނަށް އަލްވަދާޢު ކިޔުއްވި އެވެ. އެ ބޭކަލުން ޢުމްރާ އަށް ނިޔަތްގަނެގެން މުޤައްދަސްވެގެންވާ ރަށް ކަމުގައިވާ މައްކާ އާ ދިމާލަށް ވަޑައިގަތެވެ. އެ ބޭކަލުންނާ އެކު، ދަތުރުގެ ހަތިޔާރު ކަމުގައިވާ އެ ބޭކަލުންގެ ކަނޑިއާއި، ޤުރްބާންކުރެއްވުމަށް ހަތްދިހަ ޖަމަލު ގެންދެވި އެވެ. ޤާފިލާގެ ދުއިސައްތަ މީހުންނަކީ، އަސްވާރުންނެވެ. އަދި އަންހެން ޞަޙާބީންގެ ހަތަރު ބޭކަނބަލުން ވަޑައިގަތެވެ. އޭގެ ތެރެއިން އެއް ބޭކަނބަލަކީ، رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލެއް ކަމުގައިވާ أُمُّ سلمى (‏رضي الله عنها)‏ އެވެ.

އެ ބޭފުޅުން ذو الحُليفة ނަމަކަށް ކިޔުނު މީޤާތާ (‏މުސްލިމުން ޙަރަމްފުޅަށް ވަނުމުގެ ކުރިން އެއްވާ ތަންތަން. މި އެއްވާ ތަންތަނަށް ވާޞިލުވުމުން، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން މި މުޤައްދަސް ވާޖިބަށް ތައްޔާރުވޭ)‏ ހަމަޔަށް ވާޞިލުވުމުން، އިޙްރާމް (‏ޙައްޖާއި ޢުމްރާ އަށް ލާ ހެދުން)‏ ބަންނަވައި، ޢަޞްރު ނަމާދު ކުރެއްވި އެވެ. ދެން ޤުރްބާން ކުރެވޭނެ ޖަމަލުތަކުގެ ކަންފަތްތަކުގައި ފާހަގަޖައްސަވައި، ކަރުގައި ވާ އެއްސެވި އެވެ. ނާޖިޔާ ބިން ޖުންދުބުލް އަސްލަމީ އަށް އެހީތެރިން ދެއްވައި، އޭނާ ޢައްޔަންކުރެވުނީ ޖަމަލުތައް ބެލެހެއްޓުމަށެވެ. ވިހި އަސްވާރުންގެ ފައުޖެއްގެ ކޮމާންޑަރަކަށް ޢައްބާދު ބިން ބިޝްރު ޢައްޔަންކުރެވި އޭނާ ފޮނުވުނީ ޖާސޫސްކޮށް ވާނުވާ ބެލުމަށެވެ. بشر بن سُفيان ފޮނުވުނީ މައްކާ އަށް ފޮނުވުނު މަންދޫބެއްގެ ގޮތުގައެވެ.1

އިޙްރާމް ބަންނަވައިގެން ހުންނަވައި، رَسُوْلُ اللهِ ﷺ އާއި އަޞްޙާބު ބޭކަލުން الله تعالى އަށް ޙަމްދުކޮށް އެކަލާނގެ މަތިވެރިކަން ހާމަކޮށް އެކަލާނގެ އަށް އާދޭސް ދަންނަވަން ފަށްޓަވައިފި އެވެ.

"لبّيك اللهم لبّيك! لبّيك لا شريك لك لبّيك! إنّ الحمد والنعمة لك والملك لا شريك لك".

މި ބަރަކާތްތެރި تلبية އާ އެކު، އުޑާއި ބިމަށް ގުޑުންއަރައި، ޛުލްޙުލައިފާ އަށް އުޖާލާކުރުވަނިވި ޙާލަތެއް ވެރިވި އެވެ. އެންމެން ވެސް ތިބީ ވަރަށް ބޮޑު ޝައުޤުވެރިކަމެއް ގައެވެ. އެބޭފުޅުން މައްކާ އަށް ވަޑައިގަތުމަށް ޓަކައި، ވަރަށް އަވަހަށް ޛުލްޙުލައިފާ ދޫކޮށް ވަޑައިގެންފި އެވެ.

"ﷲ ގަންދެއްވައި ހުވާކުރައްވަމެވެ. ބައިތުއް ޝަރީފަށް ޤަދަރުކުރުމަށް ޝަރުޠުކޮށް ޤުރައިޝުން ތިމަންކަލޭގެފާނުގެ އަރިހުން އެދޭ ކޮންމެ ކަމެއް ތިމަންކަލޭގެފާނު ފުއްދަވާހުށީމެވެ".
حديث الشريف

ވަޑައިގަތް މަގުމަތީ ގައި، عُمرُ އަދި سعد بن عُبادة (‏رضي الله عنها)‏ އާ ދެބޭކަލުން އާ ބައްދަލުކުރެއްވުމަށް ފަހު އެ ދެ ބޭކަލުންގެ ކަންބޮޑުވުން ހާމަކުރެއްވުމުގެ ގޮތުން ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައިވާ ބައެއްގެ ގާތަށް ހަތިޔާރާ ނުލައި ދަނީ ތޯއެވެ؟ އަޅުގަނޑުމެން ބިރުގަންނަނީ، ޤުރައިޝުން ޙަމަލާދީ ކަލޭގެފާނުގެ ހަށިކޮޅަށް ގެއްލުނެއް ދީފާނެތީ އެވެ". ދެ ދުނިޔޭގެ ސައްޔިދު حديث ކުރެއްވި އެވެ. "ޢުމްރާއެއް ކުރެއްވުމަށް ތިމަންކަލޭގެފާނު ނިޔަތްގަތީމެވެ. ތިމަންކަލޭގެފާނު މި ޙާލަތުގައި ވަނިކޮށް ހަތިޔާރު އުފުލާކަށް ބޭނުމެއް ނޫނެވެ".

ދަތުރު އަމާނެވެ. އެ ބޭކަލުން ދަތުރުކުރެއްވި މަގުމަތީ ގައި އެކި ޤަބީލާތައް އުޅޭ ތަންތަނަށް ގެންދެވީ މަޑުކުރައްވަމުންނެވެ. އަދި رَسُوْلُ اللهِ ﷺ އެ ބައި މީހުންނަށް އިސްލާމް ދީނަށް ގޮވާލައްވަމުން ގެންދެވި އެވެ. ބައެއް މީހުން ތިބީ ދަޢުވަތު ޤަބޫލުކުރުމަށް ޖެހިލުންވެފައެވެ. ބައެއް މީހުން ހަދިޔާ ފޮނުވި އެވެ. މި ގޮތަށް، ދަތުރުގެ މެދަކާ ހަމަޔަށް ދެވުނު އިރު ދެވުނީ ޢުސްމާންގެ ބިއްދޮށުގައި ވާ ޣަދީރުލް އަޝްޠާޠު ނަމަކަށް ކިޔޭ ހިސާބަކަށެވެ. މި ތަނުގައި، މައްކާ މީހުންނަށް ޚަބަރު ދިނުމަށް ހަމަޖެއްސުނު بشر بن سُفيان (‏رضي الله عنه)‏، ޤުރައިޝުންނާ ބައްދަލުކުރެއްވުމަށް ފަހު އެނބުރި ވަޑައިގެންފި އެވެ. އޭނާ އަށް ފެނުނު ކަންތައްތަކުގެ ވާހަކަ އޭނާ رَسُوْلُ اللهِ ﷺ އަށް ކިޔައިދެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ވަޑައިގަންނަވާކަން ޤުރައިޝުންނަށް އެނގިއްޖެ އެވެ. ގަންނާކުރެއްވި ބިރުން އެ މީހުން ކައިރީގައިވާ ޤަބީލާތަކަށް ޖާފަތެއް ދީ، އެ މީހުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ވާނުވާ ބެލުމަށް ޓަކައި ކަލޭގެފާނުގެ ލަޝްކަރާ ދިމާލަށް ދުއިސައްތަ އަސްވާރުންގެ ފައުޖެއް ފޮނުވި އެވެ. އަވަށްޓެރި ޤަބީލާތައް އެ މީހުންގެ އެދުން ޤަބޫލުކޮށް، އެންމެން ބަލްދާ ކޔާ ތަނަކަށް ޖަމާވެއްޖެ އެވެ. އެ މީހުން ޢަސްކަރީ ގިނަ ކިއްލާތައް ބިނާކޮށް، ކަލޭގެފާނު މައްކާ އަށް ވެންންވިޔަނުދޭނެ ކަމަށް ޢަހުދުވިއެވެ". މި ޚަބަރުގެ ސަބަބުން، رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. އަދި حديث ކުރެއްވި އެވެ. "ޤުރައިޝުން ހަލާކުކުރެވިއްޖެ އެވެ. ހަނގުރާމައިގެ ސަބަބުން މިހާރު ވެސް އެ މީހުންގެ ބާރު ދަށްވެއްޖެ އެވެ... ޤުރައިޝުންގެ މުޝްރިކުން ދެކެނީ އެ މީހުން އަތުގައި ބާރު ހުރި ކަމަށް ހެއްޔެވެ؟ ﷲ ގަންދީ ހުވާކުރައްވަމެވެ. ތިމަން ކަލޭގެފާނުގެ ބޯކޮޅު ހަށިގަނޑާ ވަކި ވަންދެން ނުވަތަ އެ ދީނެއް ފެތުރުމަށް ތިމަންކަލޭގެފާނު ފޮނުއްވި މި ދީން އެންމެ ބާރުގަދަ ދީނަށް ވުމުގެ ކުރިން އެ މީހުންނާ ހަނގުރާމަކުރުން ހުއްޓަވައެއް ނުލައްވާނަމެވެ".

ދެން އެކަލޭގެފާނު އަޞްޙާބު ބޭކަލުންނާ ދިމާލަށް އެނބުރިވަޑައިގެންފައި، އެ ކަމާ މެދު އެ ބޭކަލުންގެ ރައުޔަކީ ކޮބައިތޯ އެއްސެވި އެވެ. އެ ބޭކަލުން ހިތުގެ އަޑިން ދެންނެވި އެވެ. "ބޮޑަށް އެނވޮޑިގަންނަވާނީ الله تعالى އަށެވެ. އަދި އެކަލާނގެ ރަސޫލާ ބޮޑަށް އެނގި ވަޑައިގަންނަވާނެ އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ފުރާނަ ކަލޭގެފާނަށް ޤުރްބާންކުރައްވާށި އެވެ! އަޅުގަނޑުމެން މި ދަނީ ﷲ ގެކޮޅުގެ ވަށައިގެން طوافކުރުމަށެވެ. އަޅުގަނޑުމެން މި ތަނަށް މި އައީ އެއްގޮތަކަށް ވެސް އެއްވެސް މީހަކު މަރަން ނުވަތަ ހަނގުރާމަކުރާކަށެއް ނޫނެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން كعبة އަށް ޒިޔާރަތްކުރުން ހުއްޓުވަން ބޭނުންވާ ކަމުގައި ވާ ނަމަ، ޔަޤީނުން ވެސް އަޅުގަނޑުމެން އެ މީހުންނާ ހަނގުރާމަކޮށްގެން އަމާޒަށް ވާޞިލުވާނަމު އެވެ".

އަޞްޙާބު ބޭކަލުންގެ ވަރުގަދަ ޢަޒުމުގެ ސަބަބުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތްޕުޅާ ވެއްޖެ އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ދެން الله تعالى ގެ މަތިވެރިވެގެންވާ ނަންފުޅާ އެކު ހިންގަވާށެވެ"! رَسُوْلُ اللهِ ﷺ ގެ ވަށައިގެން ތިއްބެވި އަޞްޙާބު ބޭކަލުން "لبّيك! اللهم لبّيك"! މި تلبية އަދި "الله أكبر! الله أكبر" މި تكبير ކިޔުއްވަމުން މައްކާ އާ ދިމާލަށް ދަތުރުކުރައްވަން ފަށްޓަވައިފި އެވެ.

މެންދުރު ފަހު. بلال الحبشي، އޭނާގެ ރިވެތި އަޑުފުޅުން ބަންގި ދެއްވި އެވެ. އެ ވަގުތު، ޤުރައިޝުންގެ އަސްވާރުންގެ ދުއިސައްތަ މީހުން އެތަނުގައި، އަޞްޙާބުންނާ މައްކާ އާ ދެމެދަށް ވާ ގޮތަށް އެތާނގައި މަޑުކޮށްފި އެވެ. އެ މީހުން ތިބީ ޙަމަލާ ދިނުމަށް ތައްޔާރަށެވެ. އެހެން ނަމަވެސް، ޢާލަމްތަކުގެ ސައްޔިދު، އެކަލޭގެފާނުގެ އަޞްޙާބުންނާއެކު، ސަފު އަތުރުއްވައި ނަމާދުކުރައްވަން ފަށްޓަވައިފި އެވެ. އެއީ ބަލައިލުން ޙައްޤު މަންޒަރެކެވެ؛ އޭރުގެ ޢަދަދުގެ ގޮތުން ސާދަ ސަތޭކަ އަށް އަރާ، އެކަލޭގެފާނުގެ އަޞްޙާބުން، رَسُوْلُ اللهِ ﷺ ގެ ފަހަތްޕުޅުގައި ސަފުތަކަށް އެތުރިގެން ޙަރަކާތެއް ނެތި ޤިޔާމާއި ރުކޫޢު ގައި ތިއްބެވި މަންޒަރެވެ. ވަކިން ޚާއްޞަކޮށް، އެ ހުރިހާ ބޭކަލުން އެކީގައި ސަޖިދަ އަށް ދިޔަ އިރު، ހީވީ ފަރުބަދައެއް ދުގުވެ ތެދުވާ ހެންނެވެ.

ޙުދައިބިއްޔާގެ ސަރިއްޔާ

"ޤުރައިޝުންގެ މުޝްރިކުން ދެކެނީ އެ މީހުން އަތުގައި ބާރު ހުރި ކަމަށް ހެއްޔެވެ؟ ﷲ ގަންދީ ހުވާކުރައްވަމެވެ. ތިމަން ކަލޭގެފާނުގެ ބޯކޮޅު ހަށިގަނޑާ ވަކި ވަންދެން ނުވަތަ އެ ދީނެއް ފެތުރުމަށް ތިމަންކަލޭގެފާނު ފޮނުއްވި މި ދީން އެންމެ ބާރުގަދަ ދީނަށް ވުމުގެ ކުރިން އެ މީހުންނާ ހަނގުރާމަކުރުން ހުއްޓަވައެއް ނުލައްވާނަމެވެ".
حديث الشريف

އެ ބޭކަލުންގެ ނިތްކުރިތައް ތަވާޟުޢުވެރިކަމާ އެކު ބިންމަތީގައި ގެ ޖެއްސި ތަން ފެނުމުން އެ ތާ ތިބި ޤުރައިޝުންގެ ބައެއް އަސްވާރުންނަށް އިސްލާމް ދީނަށް ލޯބި ޖެހިއްޖެ އެވެ. އަޞްޙާބު ބޭކަލުން ނަމާދު ނިމުމުން ޤުރައިޝުންގެ އަސްވާރުންގެ ކޮމާންށަރ އޭނާ ވީ ދެރަ ހާމަކުރުމަށް ޓަކައި ބުންޏެވެ. "މުސްލިމުން މިހާރު އެ ތިބަ ޙާލަތުގެ އެޑްވާންޓޭޖް އަހަރެމެން ނަގައި އެ މީހުންނަށް ޙަމަލާދިނުމުން އޭގެ ތެރެއިން ގިނަ މީހުން މަރާލެވުނީހެވެ! އެ މީހުން ނަމާދު ކުރަމުން ދަނިކޮށް އަހަރެމެން ޙަމަލާނުދިނީ ކީއްވެގެން ހެއްޔެވެ"؟ ދެން އޭނާގެ ރަޙްމަތްތެރިން ކައިރީގައި ބުނީ މި ފަހަރު ފުރުޞަތު ގެއްލުވާނުކާނެ ކަމަށެވެ. "ކަންބޮޑު ނުވާށެވެ. ހަމަ ޔަޤީނުން ވެސް، އެ މީހުން އެހެން ނަމާދެއް ފަށާނެއެވެ. އެހެނީ ނަމާދަކީ އެމީހުންގެ އަމިއްލަ ފުރާނަ އަށް ވުރެ ބޮޑަށް ލޯބިވާ އެއްޗެކެވެ".

އެބައި މީހުންގެ މި ދެއްކި ވާހަކަ الله تعالى، رَسُوْلُ اللهِ ﷺ އަށް جبريل (‏عليه السّلام)‏ މެދުވެރިކޮށް ވަޙީ ބާވައިލައްވައިގެން ފޯރުކޮށްދެއްވި އެވެ.

ކީރިތި قرآن ގެ سورة النّساء ގެ 102 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِن وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ الَّذِينَ كَفَرُوا لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةً وَاحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰ أَن تَضَعُوا أَسْلِحَتَكُمْ ۖ وَخُذُوا حِذْرَكُمْ ۗ إِنَّ اللَّهَ أَعَدَّ لِلْكَافِرِينَ عَذَابًا مُّهِينًا ‎﴿١٠٢﴾‏‏)‏2 * النّساء : 102)‏ މާނައީ: "އަދި އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފި ނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާ އެކުގައި ނަމާދަށް قائم ވާހުށި ކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (‏އެބަހީ: ހަތިޔާރު އަޅައިގެން ތިބެ ނަމާދުކުރާ ހުށިކަމެވެ!)‏ ދެން، އެއުރެން سجدة ކޮށްފި ނަމަ، (‏އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާންދެން)‏ ނަމާދު ނުކޮށް ފާރަޔަށް ތިބި މީހުން އެއުރެންގެ ފަހަތުގައި ތިބޭހުށި ކަމެވެ! އަދި، އެއުރެން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށި ކަމެވެ! ތިޔަބައި މީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާ މެދު، ތިޔަބައި މީހުން غافل ވާނެ ނަމައޭ ހިތައި، كافر ވި މީހުން (‏އެކަމަށް)‏ އެދުނޫއެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައި މީހުންގެ މައްޗަށް އެއުރެން ލެނބިގެންފާނެތެވެ. (‏އެބަހީ: އެއްފަހަރާ އައިސް حملة ދީފާނެތެވެ.)‏ ވާރެއިން ތިޔަބައި މީހުންނަށް އުނދަގުލެއް ލިބިފައި ވާ ނަމަ، ނުވަތަ، ތިޔަބައި މީހުން ބަލިވެއުޅޭ ބަޔަކު ކަމުގައި ވާ ނަމަ، ތިޔަބައި މީހުންގެ ހަތިޔާރުތައް (‏ނާޅައި)‏ ބެހެއްޓުމަކުން ތިޔަބައި މީހުންގެ މައްޗަށް ކުށެއް ނެތެވެ. އަދި، ތިޔަބައި މީހުން ރައްކާތެރިކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ކާފިރުންނަށް، އިހާނަތްތެރިކަން ދެނިވި عذاب، ﷲ ތައްޔާރުކުރެއްވި އެވެ".

މަޣްރިބު ވަގުތުގައި بلال ގެފާނު ބަންގި ގޮވި އިރު، ޤުރައިޝުންގެ އަސްވާރުން އަނެއްކާ ވެސް ތިބީ އަޞްޙާބުންނާއި މައްކާ އާ ދެމެދުގައި، ޙަމަލާދިނުމަށް ތައްޔާރުވެގެންނެވެ. ކީރިތި قرآن ގައި ވެސް ވާ ފަދައިން އިމާމުވެ ނަމާދުކުރެއްވީ رَسُوْلُ اللهِ ﷺ އެވެ.

މުޝްރިކުން ތިބީ މުސްލިމުން ފަރުވާތެރިކޮށް މި ކުރާ ނަމާދާ މެދު އާޝޯޚުވެފައެވެ. الله تعالى އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދެވި އެވެ. އެއްވެސް ކަމެއް ކުރާކަށް އެ މީހުންނަކަށް ނުކެރުނެވެ. އެ މީހުން އެތަން ދޫކޮށް ޚަބަރު ދިނުމަށް މައްކާ އަށް ގޮސްފި އެވެ. رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން ވެސް ވަޑައިގަތީ މައްކާ އާ ދިމާލަށެވެ.

އެ ބޭކަލުންނަށް މުޤައްދަސް މައްކާގެ ބޯޑަރާ ހަމައަށް ވާޞިލުވެވުނު އިރު، ގެ ޖަމަލު ކަމުގައިވާ ޤުސްވާ، އެއްވެސް ސަބަބަކާ ނުލައި، ކުއްލިއަކަށް ހުއްޓި އިށީނދެއްޖެ އެވެ. އޭތި ތެދުކުރެވޭތޯ އެ ބޭކަލުން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި އެވެ. އެހެންނަމަވެސް، އެ ޖަމަލު ނުތެދުވި އެވެ. އެއާ އެކު حديث ކުރެއްވި އެވެ. "މި ގޮތަށް އިށީނުމަކީ އޭތި ޢާއްމުކޮށް ކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެއް ފަހަރަކު (‏އަބްރަހާގެ)‏ ނީލަގެރި އެތް މައްކާ އަށް ވަނުން ހުއްޓުވި الله تعالى މިހާރު އެ ވަނީ قُصْوَى ހުއްޓުވާފައެވެ. ތިމަންކަލޭގެފާނު، އެކަލާނގެ ބާރުގެ ދަށުގައި ތިމަންކަލޭގެފާނުގެ ވުޖޫދު ވާ، ﷲ ގަންދީ ހުވާކުރައްވަމެވެ. ޙަރާމްކުރައްވާފައިވާ (‏ހަނގުރާމައިގެ މައިދާން ދޫކޮށް ދިއުމާއި، ލޭ އޮހޮރުވުން ފަދަ)‏ ކޮންމެކަމެއް ޤުރައިޝުން ތިމަންކަލޭގެފާނުގެ ކިބަފުޅުން އެދުނު ކަމުގައި ވިޔަސް، އެކަމެއް ތިމަންކަލޭގެފާނު ކޮށްދެއްވާނަމެވެ".

އޭގެ ފަހުން، އެ ބޭކަލުން قُصْوَى ތެދުކުރެވޭތޯ މަސައްކަތް ކުރެއްވި އެވެ. ޖަމަލު ފުންމައިގެން ތެދުވެއްޖެ އެވެ. އޭތި ޙަރަމްފުޅުގެ އިމާ ހަމަޔަކަށް ނުދިޔައެވެ. އެކަމަކު މަޑުކުރީ، އިން ކައިރީގައި ވާ ޙުދައިބިއްޔާ ސަރަޙައްދުގައެވެ.رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން އެތާނގައި މަޑުކުރައްވައިގެން ތިއްބެވީ މަދު ފެން ފޮދަކާ އެކުގައެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ފޭލިގެކޮޅު ބިނާކުރެއްވީ، މައްކާގެ އިމުގެ ބޭރުގައެވެ. އެތާނގައި އަޞްޙާބުންނާ އެކު އިންތިޒާރުކުރައްވަން ފެއްޓެވި އެވެ. ވަގުތު ޖެހުމުން، އެ ބޭކަލުން ނަމާދުކުރައްވަނީ މައްކާގެ ބައުންޑަރީގެ އެތޭގައެވެ. ވަޅުތަކުގައި ބޯން ވެސް އަދި އެހެން ކަންކަމަށް ބޭނުންކުރަން ވެސް ފެން ހުސްވެއްޖެ އެވެ. ފެން ހުރީ ހަމައެކަނި رَسُوْلُ اللهِ ﷺ ގެ ކުރާކޮޅުގައި އެކަންޏެވެ. އުނދަގޫ ޙާލަތެއް ގައި ތިއްބެވި އަޞްޙާބުން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފުރާނަތައް ކަލޭގެފާނަށް ޓަކައި ޤުރުބާންކުރައްވާށި އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ފެން ހުރީ ހަމައެކަނި ކަލޭގެފާނުގެ ކުރާކޮޅުގައި އެކަންޏެވެ. އަޅުގަނޑުމެންގެ ދުވަސް ދިޔައީ އެވެ".

ޢާލަމްތަކުގެ ޞާޙިބު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ތިޔަބައި މީހުންގެ ތެރޭގައި ހުންނެވިހާ ހިނދަކު ތިޔަބައި މީހުންގެ ދުވަހެއް ނުދާނެ އެވެ". ދެން "بسم الله" حديثކުރައްވައި، އެކަލޭގެފާނުގެ ދެ އަތްޕުޅުން ކުރައިގައި ހިއްޕެވި އެވެ. ދެން އެ ކުރާކޮޅު ނަންގަވައި، "ނަގާށެވެ" މިހެން حديث ކުރެއްވުމުން، އެކަލޭގެފާނުގެ ދެ އިނގިލިފުޅު ދޭތެރެއިން ހޯސްލާފައި ފައްވާރާއެއް ފަދައިން ފެން ނުކުންނަން ފަށައިފި އެވެ. އަޞްޙާބު ބޭކަލުން އެ ފެން ހިއްޕަވައި، އެއިން ވުޟޫކުރައްވައި، އެ ބޭކަލުން ގެންގުޅުއްވި ފެން ހަންތައް ފުރެންދެން ފެން އަޅުއްވައި، އެ ބޭކަލުންގެ އަސްތަކަށާއި، ޖަމަލުތަކަށް ފެން ދެއްވި އެވެ. ރަޙްމަތުގެ ކަނޑު ކަމުގައިވާ رَسُوْلُ اللهِ ﷺ ހިނިވަރުނަކުރައްވައި އަޞްޙާބު ބޭކަލުންނަށް ބައްލަވަން ހުންނަވާފައި الله تعالى އަށް ޙަމްދުކުރެއްވި އެވެ.

އެ ދުވަހު އެ ތާނގައި ހުންނެވި جابر بن عبدالله (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "އަހަރެމެންގެ ޢަދަދު ސާދަ ސަތޭކަ އެވެ. އަހަރެމެންގެ ޢަދަދު އެއް ލައްކަ އަށް އެރި ކަމުގައި ވިޔަސް، އެ ފެނުން އަހަރެމެން އެންމެންނަށް ފުދުނީހެވެ".

ބައިޢަތުއް ރިޟްވާން

"އޭ ޢޫރްވާ އެވެ! ﷲ އަށް ޓަކައި ބުނާށެވެ! އެ ޖަމަލުތައް ޤުރްބާންކޮށް، ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ޠަވާފުކުރުމަށް ހުރަސްއެޅުމަކީ ކުރުން އެކަށީގެންވާ ކަމެއް ހެއްޔެވެ"؟
حديث الشريف

رَسُوْلُ اللهِ ﷺ ޙުދައިބިއްޔާ ގައި ހުންނަވަނިކޮށް، މުސްލިމުންނާ އެކުވެރި ޚުޒާޢަތު ވަންހައިގެ ވެރިޔާ ބުދައިލް އައިސް ރިޕޯޓްކުރި ގޮތުގައި، އަވަށްޓެރި ޤަބީލާތަކުން ގުޅިފައިވާ ޤުރައިޝުންގެ ލަޝްކަރު ޙުދައިބިއްޔާ ގައި މަޑުކޮށް ހުވާކުރީ، އެ މީހުންގެ ލަޝްކަރު ވިއްސިވިހާލި ވަންދެން ހަނގުރާމަކުރުމަށެވެ. އެއާއެކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އަހަރެމެން މި ތަނަށް އައީ އެއްވެސް މީހަކާ ހަނގުރާމަކުރާކަށެއް ނޫނެވެ. އަހަރެމެން މި ތަނަށް އައީ ހަމައެކަނި ޢުމްރާގެ އަޅުކަން އަދާކުރުމަށެވެ. މުޤައްދަސް كعبة އަށް ޒިޔާރަތްކޮށް، كعبةގެ ވަށައިގެން طوافކުރުމަށެވެ. އެއާއެކު ވެސް، ﷲ ގެ ގެކޮޅަށް އަހަރެމެން ޒިޔާރަތްކުރުން ހުއްޓުވާ ކޮންމެ މީހަކާ އަހަރެމެން ހަނގުރާމަކުރަނަމުއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، ހަނގުރާމަތަކުގެ ސަބަބުން ޤުރައިޝުން ވަނީ ބަލިކަށިވެ، ބޮޑެތި ގެއްލުންތައް ވެފައެވެ. އެމީހުން އެދޭ ނަމަ، އެ މީހުންނަށް ޞުލްހައިގެ މުއްދަތެއް ދެވިދާނެ އެވެ. އެ މުއްދަތުގައި ތިމަންކަލޭގެފާނުގެ ކިބައިން އެ މީހުންނަށް އަމާންކަން ލިބޭނެ އެވެ. ތިމަންކަލޭގެފާނާ އެހެން ޤަބީލާތަކާ ދެމެދަށް އެ މީހުން އައިސްގެންނުވާނެ އެވެ. އެ ޤަބީލާތަކާ ތިމަންކަލޭގެފާނު މުޢާމަލާތުކުރަން އެ މީހުން ދޫކޮށްލަންވާނެ އެވެ. އެ ޤަބީލާތަކުގެ މައްޗަށް ތިމަންކަލޭގެފާނަށް ނަޞްރު ލިބިގެން، އެ ބައިމީހުންނަށް الله تعالى ހިދާޔަތު ދެއްވައި، އިސްލާމް ވެއްޖެ ނަމަ، ޤުރައިޝުންގެ މުޝްރިކުން ބޭނުންވެއްޖެ ނަމަ އެ މީހުންނަށް ވެސް މުސްލިމުންނަށް ވެވިދާނެ އެވެ. އެ މީހުން އެ ހީކުރާ ފަދައިން، ތިމަން ކަލޭގެފާނަށް އެ ޤަބީލާތަކުގެ މައްޗަށް ނަޞްރު ނުލިބިއްޖެ ނަމަ، އެ މީހުންނަށް ހިތްހަމަޖެހުމާއި، ބާރު ލިބިގެންދާނެ އެވެ. މިކަން ޤަބޫލުނުކޮށް، ޤުރައިޝުންގެ ތިމަންކަލޭގެފާނާ ހަނގުރާމަކުރަން ބޭނުންވެއްޖެ ނަމަ، ތިމަންކަލޭގެފާނުގެ ބޯކޮޅު ހަށިކޮޅާ ވަކިވަންދެން، ތިމަންކަލޭގެފާނު ފެތުރުއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ދީނަށް ޓަކައި ހަނގުރާމަކުރައްވާނެ ކަމަށް، އެ ފަރާތެއްގެ ޤުދުރަތްތެރިކަމުގެ ސަބަބުން ތިމަންކަލޭގެފާނު ވުޖޫދުވާ الله تعالى ގަންދީ ހުވާކުރައްވަމެވެ".

رَسُوْلُ اللهِ ﷺ حديث ކުރެއްވި ގޮތަށް ޤުރައިޝުންނަށް އެނގުމަށް ޚުޒާޢަތު ވަންހައިގެ ވެރިޔާ ބުދައިލު ނުކުމެއްޖެ އެވެ. މުޝްރިކުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި ވާހަކަތައް ބުދައިލުގެ ފަރާތުން އަޑުއެހުމަށް ފަހު، رَسُوْلُ اللهِ ﷺ އާ ބައްދަލުކުރުމަށް އެބައި މީހުންގެ އެންމެ ފާހަގަކުރެވޭ އެކަކު ކަމުގައިވާ ޢުރްވާ ބިން މަސްޢޫދު ފޮނުވި އެވެ. މައްކާ އަށް އެއްވެސް މީހަކު ވަނަނުދިނުމަށް ޤުރައިޝުން ތިބީ ޢަޒުމް ކަނޑައަޅައިގެން ކަމަށް ޢުރްވާ ބުނުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ޢޫރްވާ އެވެ! ﷲ އަށް ޓަކައި ބުނާށެވެ! އެ ޖަމަލުތައް ޤުރްބާންކޮށް، كعبة الله ގެފުޅުގެ ވަށައިގެން طوافކުރުމަށް ހުރަސްއެޅުމަކީ ކުރުން އެކަށީގެންވާ ކަމެއް ހެއްޔެވެ"؟ ދެން އެކަލޭގެފާނު ޢުރްވާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވީ، ޚުޒާޢަތު ވަންހައިގެ ވެރިޔާ އަށް ވެސް ވިދާޅުވި ވާހަކަތަކެވެ.

ޢުރްވާ، رَسُوْلُ اللهِ ﷺ އަށް އަޑުއަހަމުން ދިޔަ އިރު،އޭނާ ދިޔައީ، އަޞްޙާބު ބޭކަލުން ކަންތައް ކުރައްވަމުންގެންދެވި ގޮތް، އެ ބޭކަލުން އެއް ބޭކަލަކު އަނެއް ބޭކަލަކަށް، އަދި رَسُوْلُ اللهِ ﷺ އާ މެދު ޢަމަލުކުރައްވަމުން ގެންދެވި ގޮތް، ކުރަމުންދިޔަ އިޙްތިރާމް ފާހަގަކޮށް ސަމާލުކަން ދެމުންނެވެ. رَسُوْلُ اللهِ ﷺ ގެ ހުށަހެޅުއްވުން އަޑުއެހުމަށް ފަހު، ކޮޅަށް ތެދުވުމަށް ފަހު، ޤުރައިޝުންނަށް ކިޔައިދިނުމަށް ގޮސްފި އެވެ. އޭނާ އެ މީހުން ކައިރި އަށް ގޮސް ބުންޏެވެ. "އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! ކަލޭމެންނަށް އެނގޭނޭ ފަދައިން، މަންދޫބެއްގެ ގޮތުގައި އަހަރެން މީގެ ކުރިން ޤައިޞަރާއި، ނަޖާޝީ އާއި، ޝާހުގެ ފަދަ އެތަކެއް ވެރިންނެއްގެ އަރިހަށް ދިޔައީމެވެ. އަހަރެން ހުވާކޮށްފައި ބުނަމޭ، محمّدގެފާނަށް މުސްލިމުން އިޙްތިރާމްކޮށް ޤަދަރުކުރާ ވަރަށް މުޢާމަލާތްކުރެވޭ އެހެން ވެރިޔަކާ އަހަންނަކަށް ފެނިފައެއް ނުވެއެވެ. އެކަލޭގެފާނުގެ އެއްވެސް ޞަޙާބީއަކު އެކަލޭގެފާނުގެ ހުއްދަ ނެތި ވާހަކަނުދައްކައެވެ. އެކަލޭގެފާނުގެ ބޯކޮޅުން އިސްތަށްޓެއް ވެއްޓިއްޖެ ނަމަ، ބަރަކާތް ލިބިގަތުމަށް ޓަކައި، އެ މީހުން އެ އިސްތަށި ނަގައި މޭގައ ޖައްސާލައެވެ. އެކަލޭގެފާނުގެ ކައިރީގައި ތިބެގެން ވާހަކަދައްކާ އިރު، ކިޔާނުކިޔާ އެއްޗެއް ކިރިޔާ އަޑުއިވޭ ވަރަށް އެ މީހުންގެ އަޑު މަޑުކުރެއެވެ. އެކަލޭގެފާނަށް އެ މީހުން ކުރާ އިޙްތިރާމުގެ ސަބަބުން، އެ މީހުންނަށް އެކަލޭގެފާނުގެ މޫނަށް ބަލާކަށް ނުކެރެއެވެ؛ އެ މީހުން ބަލަހައްޓައިގެން ތިބެނީ މިން މައްޗަށެވެ. އެކަލޭގެފާނުގެ އަޞްޙާބުންނަށް އަމުރެއް ކުރައްވައިފި ނަމަ، ފުރާނަ ޤުރްބާންކޮށްގެން ނަމަވެސް އެ ކަމެއް ކުރެވޭތޯ އެ މީހުން މަސައްކަތް ކުރެއެވެ.

އޭ ޤުރައިޝުންގެ މީހުންނޭވެ! ކަލޭމެންގެ ކަނޑިތައް ކިތަންމެ ފަހަރަކު އުރައިން ނެގިޔަސް، ކަލޭމެން ކޮންމެ ކަމެއް ކުރިޔަސް، އެ މީހުން އެކަލޭގެފާނުގެ އިސްތަށްޓެއް ހާ މިންވަރު ވެސް ކަލޭމެންނަކާ ޙަވާލެއް ނުކުރާނެތެވެ. އެކަލޭގެފާނަށް އެއްވެސް އަނިޔާއެއް ވުމަށް އެ މީހުން ފުރުޞަތެއް ނުދޭނެ އެވެ؛ އެއްވެސް މީހަކު އެކަލޭގެފާނުގެ ހަށިކޮޅުގައި ބީހިލުމުގެ ފުރުޞަ ވެސް އެ މީހުން ނުދޭނެ އެވެ. ޙާލަތަކީ މިއީ އެވެ. ދެން އަންނަން އޮތް ކަމަކާ މެދު ފަރުވާތެރިކަމާ އެކު ވިސްނާށެވެ. މިހެން މިކަން އޮތް އިރު، محمّدގެފާނު އަހަރެމެންނަށް އެ ހުށަހަޅުއްވަނީ ރަނގަޅު ޞުލްޙައެކެވެ. މި ފުރުޞަތުގެ ބޭނުން ފހިފަމާ ހިނގާށެވެ".

ޤުރައިޝުންގެ މުޝްރިކުން މި ބަސްފުޅުތައް ޤަބޫލެއް ނުކުރި އެވެ. އަދި ޢުރްވާ އަށް އިހާނެތިކޮށް ކަންތައް ކޮށް، އޭނާ އަށް ހުތުރު އެއްޗެހި ގޮވައިފި އެވެ.

ޤުރައިޝުންގެ ފަރާތުން ޚަބަރެއް ނުވުމުން، رَسُوْلُ اللهِ ﷺ، حراش بن أُميَّة މަންދޫބެއްގެ ގޮތުން ހަމަ ކުރިން ވެސް ފޮނުއްވި މެސެޖު ފޮނުވުމަށް ޓަކައި، ފޮނުއްވައިފި އެވެ. މުޝްރިކުން މުސްލިމުންގެ މަންދޫބާ ދޭތެރޭ ކަންތައްކުރީ ބޭއަދަބީކޮށެވެ. އެބައިމީހުން ޙިރާޝްގެ ޖަމަލު ކައިލައިގެން ކައި، އޭނާ ޤަތުލުކޮށްކަން ޙަމަލާދިނެވެ. ކިރިޔަކިރިޔާ އެ މީހުންގެ ވަކިތަކުން ސަލާމަތްވި ޙިރާޝް رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ވެގެން އުޅޭގޮތް ދެންނެވުމުން، އެކަލޭގެފާނުގެ މަންދޫބަށް ކުރި އިހާނަތާ މެދު އެކަލޭގެފާނު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައެއް ނުގަތެވެ.

އެ ވަގުތު، އަޙާބީޝް ވަންހައިގެ ވެރިޔާ ހުލައިސް، މުޝްރިކުންގެ މަރުކަޒުން ނުކުންނަ ތަން ފެނިއްޖެ އެވެ. އޭނާ އައީ رَسُوْلُ اللهِ ﷺ އާ ދިމާއަށެވެ. މުޝްރިކުން ވަނީ އޭނާ މަންދޫބަކަށް ޢައްޔަންކޮށްފައެވެ. ހުލައިސް އަންނަ ތަން ފެނިވަޑައިގަތުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެހެރަ އަންނަ މީހާ އަކީ ޤުރްބާނީތަކަށް އިޙްތިރާމްކޮށް الله تعالى ގެ އަމުރުފުޅުތަކަށް ބޯލެނބުމަށާއި، އަޅުކަން ކުރުމަށް ބޭނުންވާ ޤައުމެއްގެ މީހެކެވެ. ޤުރްބާންކުރެވޭ ޖަނަވާރުތައް އޭނާ އަށް ފެންނާނޭ ހެން އޭނާ އާ ދިމާލަށްފޮނުވާށެވެ.". އަޞްޙާބު ބޭކަލުން، ޤުރުބާންކުރެވޭ ޖަމަލުތައް ދޫކޮށްލައްވައި އޭނާ އާ ދިމާލަށް ފޮނުވާލައްވާފައި تلبية ކިޔުއްވި އެވެ. "لبّيك! اللهم لبّيك!"

ޤުރްބާންކުރެވޭ ޖަނަވާރުތައް ކަރުބަދެވި އަދި ކަންފަތްތައް މާކުކޮށްފައިވާ ތަން ހުލައިސަށް ފެނުމުން، އޭނާ އެ އެއްޗިހިތަކަށް ވަރަށް ގިނަ އިރު ވަންދެން ބަލަން އޮތެވެ. ލޯ ކަރުނުން ތެމިފައި އަދި އޭނާގެ ރޫޙުގެ އެންމެ އަޑިން އެ ނުކުތް ހިތާމަވެރި އަޑާ އެކު އޭނާ އަށް ބުނެވުނެވެ. "طوافކުރުމާއި، كعبة އަށް ޒިޔާރަތްކުރުން ފިޔަވައި އެހެން ނިޔަތެއް މުސްލިމުންގެ ކިބައިގައި ނެތެވެ. އެކަން ކުރުމުން ދުރުކުރުން އެއީ ނުބައި ކަމެއް ހެއްޔެވެ! كعبةގެ ވެރި ރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެ މީހުންގެ މި ނުބައި ޢަމަލުގެ ސަބަބުން ޤުރައިޝުން ނެތިގެންދާނެ އެވެ". رَسُوْلُ اللهِ ﷺ އަށް މިހެން ބުނި އަޑު އިވިވަޑައިގެން حديث ކުރެއްވި އެވެ. "އާނއެކެވެ. އެ މީހުން ނެތިގެންދާނެ އެވެ. ބަނީ ކިނާނަތަށް ނިސްބަތްވާ އަޚާއެވެ"! ލަދުގެންފައި ހުރުމުގެ ސަބަބުން ޙުލައިސް އަށް رَسُوْلُ اللهِ ﷺ ގެ އަރިހަށް ނާދެވުނެވެ. އަދި އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުކޮޅާ ދިމާލަށް ބަލައިލާ ކަށް ވެސް ނުކެރުނެވެ. އޭނާ ޤުރައިޝުންގެ މަރުކަޒަށް އެނބުރި އަތުވެއްޖެ އެވެ. އޭނާ އަށް ފެނުނު ކަންތައްތައް އެ މީހުންނަށް ކިޔައިދީ، އޭނާ އެ ކަމުގައި ދެކޭގޮތް ވެސް ޖެހިލުމެއް ނެތި ބުނެފި އެވެ. "އެކަލޭގެފާނު كعبة އަށް ޒިޔާރަތްވެވުނަ ނުދިނުމަކީ، ތިޔަބައި މީހުންނަށް ރަނގަޅު ގޮތް ކަމަކަށް އަހަރެން ނުދެކެމެވެ". ޤުރައިޝުންގެ މުޝްރިކުން ވަރަށް ރުޅި އައިސް، ޙުލައިސް އަކީ ތަންދޮރު ނޭނގޭ މީހެއް ކަމަށް ތުހުމަތުކޮށްފި އެވެ.

މި ފަހަރު، މުޝްރިކުން މަންދޫބެއްގެ ގޮތުގައި ފޮނުވީ، އެމީހެއްގެ އަނިޔާވެރިކަމަށް މަޝްހޫރު މިކްރާޒު ބިން ޙަފްޞް އެވެ. އޭނާ އަށް ވެސް އޭނާގެ ޖަވާބު ލިބި އެނބުރި ހިނގައްޖެ އެވެ. މިރްކާޒުގެ ދަތުރަށް ފަހު މުޝްރިކުން ތިބީ މުސްލިމުންގެ ފަރާތުން އަތުވެދާނެ ކުއްލި ޙަމަލާއަކަށް ބިރުންނެވެ.

ކުރުމަށް ޤަޞްދުކުރެއްވި ކަންތައް ނުނިންމަވާ ދޫކޮށްލައްވާކަށް رَسُوْلُ اللهِ ﷺ ބޭނުންފުޅެއް ނުވި އެވެ. އަދި ބޭނުންފުޅުވީ ޤުރައިޝުން އިޙްތިރާމްކުރާ އެކަލޭގެފާނުގެ ޞަޙާބީއަކު ފޮނުއްވާށެވެ. އެންމެ ފަހުން ނިންމެވީ عُثمان (‏رضي الله عنه)‏ ފޮނުއްވުމަށެވެ. عُثمان بن عفّان އާ މުޚާޠަބުކުރައްވައި حديث ކުރެއްވިއެވެ. "އަހަރެމެން މި ތަނަށް އައީ މިހާރު ހަނގުރާމަކުރުމަށް ނޫން ކަމަށް އެ މީހުން ކައިރީގައި ބުނާށެވެ. އަހަރެމެން މި ތަނަށް އައީ ހަމައެކަނި كعبة އަށް ޒިޔާރަތްކޮށް طوافކުރުމަށެވެ. އަހަރެމެން އަތުގައި ޖަނަވާރުތައް ޤުރްބާންކުރުމަށް ފަހު އަހަރެމެން އެނބުރި ދާނަމުއެވެ. އަދި އެ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދޭށެވެ". އޭގެ އިތުރަށް، އެކަލޭގެފާނު عثمان ގެފާނަށް އިރުޝާދުދެއްވީ، އަވަސް މުސްތަޤްބަލެއް ގައި މައްކާ ފަތަޙަކުރެވޭނެ ކަމުގެ އުފާވެރި ޚަބަރު މައްކާ ގައި ތިބި މުސްލިމުންނަށް ދިނުމަށެވެ.3

عُثمان (‏رضي الله عنه)‏ މުޝްރިކުންނާ ހަމަޔަށް ވަޑައިގެން އެ މީހުން ކައިރީގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި ގޮތަށް ވިދާޅުވެ ދެއްވައިފި އެވެ. عثمان ގެފާނުގެ ހުށަހެޅުއްވުމަށް ފަހު ވެސް އެ މީހުން ރައްދު ދިނީ ސަލްބީކޮށެވެ. އެ މީހުން ބުނީ، ބޭނުންފުޅުވެއްޖެ ނަމަ ގެފުޅުގެ ވަށައިގެން طوافކުރެވޭނީ ހަމައެކަނި عثمان ގެފާނަށް ކަމަށެވެ. عثمان ގެފާނު އެ މީހުންނަށް ޖަވާބުދެއްވައި ވިދާޅުވި އެވެ. "ގެފުޅުގައި طواف ނުކުރައްވަނީ ތިމަންނާ ވެސް ޠަވާފެއް ނުކުރައްވާނަމެވެ"!

"މި ގަހުގެ ދަށުގައި ތެދުވެރިކަމާއެކު ބައިޢަތުހިފި އެކަކު ވެސް ނަރަކަޔަށް ނުވަންނާނެ އެވެ"؟
حديث الشريف

މުޝްރިކުން މި ކަމާ ވަރަށް ރުޅި އައިސް، عثمان ގެފާނު ހައްޔަރުކޮށްފި އެވެ. މި ޚަބަރު އަޞްޙާބު ބޭކަލުންނާ ހަމަޔަށް ފޯރީ "عثمان ގެފާނު ޝަހީދުކޮށްލީ" ކަމަށެވެ. އަޞްޙާބު ބޭކަލުން، ޙާލަތުގެ ވާހަކަ رَسُوْلُ اللهِ ﷺ އަށް ދެންނެވުމުން، އެކަލޭގެފާނު ވަރަށް ހިތާމަކުރައްވައި حديث ކުރެއްވި އެވެ. "ތި ޚަބަރު ތެދު ކަމަށް ވާ ނަމަ، މިބައި މީހުންނާ ހަނގުރާމަކޮށްފައި ނޫނީ އަހަރެމެން މި ތަން ދޫކޮށްފައި ނުދާނަމުއެވެ". ދެން، އެކަލޭގެފާނު ސަމޫރާ ނަމަކަށް ކިޔުނު ގަހެއްގެ ދަށުގައި އިށީންނަވައި، އަޞްޙާބު ބޭކަލުންނަށް ބައިޢަތު ހިފުމަށް ދަޢުވަތުދެއްވަމުން حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަށް ބައިޢަތުހިފުމަށް الله تعالى ތިޔަބައި މީހުންނަށް އަމުރުކުރައްވައިފި އެވެ.

އަޞްޙާބު ބޭކަލުން އެ ބޭކަލުންގެ އަތްޕުޅުތައް رَسُوْلُ اللهِ ﷺ ގެ އަތްޕުޅު މަތީގައި ބޭއްވުމަށް ފަހު ވަޢުދުވި އެވެ. "ނަޞްރު ލިބެންދެން ނުވަތަ ޝަހީދު ވަންދެން ކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަލޭގެފާނަށް އެކަލާނގެ ނަޞްރު ދެއްވަން ދެން ހަނގުރާމަކުރުމަށް އަޅުގަނޑުމެން ބައިޢަތު ހިފަމު އެވެ". އެކަލޭގެފާނުގެ އެއް އަތްޕުޅު އެކަލޭގެފާނުގެ އަނެއް އަތްޕުޅު މަތީގައި ބޭއްވެވުމަށް ފަހު، އޭރު އެ ތާނގައި ނެތް عثمان ގެފާނުގެ ފަރާތްޕުޅުން އެކަލޭގެފާނަށް ބައިޢަތު ހިއްޕެވި އެވެ. އަޞްޙާބު ބޭކަލުންގެ މި ބައިޢަތާ މެދު ވަރަށް ބޮޑަށް އުފާކުރައްވައި حديث ކުރެއްވި އެވެ. "މި ގަހުގެ ދަށުގައި ތެދުވެރިކަމާއެކު ބައިޢަތުހިފި އެކަކު ވެސް ނަރަކަޔަށް ނުވަންނާނެ އެވެ". މި ބައިޢަތަށް ކިޔުނު ނަމަކީ، بيعة الرّضوان އެވެ.4

އަޞްޙާބު ބޭކަލުން އެ ބޭކަލުންގެ ކަނޑި އުރައިން ނަންގަވައި، رَسُوْلُ اللهِ ﷺ ގެ އިޝާރާތަކަށް ބައްލަވަން ތިއްބެވި އެވެ.

އެ ވަގުތު، ޝަހީދު ވަންދެން މި ކަން ޙާޞިލުކުރުމަށް ހަނގުރާމަކުރުމަށް މުޖާހިދުން رَسُوْلُ اللهِ ﷺ އަށް ބައިޢަތުހިއްޕަވައި، އެކަމަށް ތައްޔާރުވަމުންދިޔަ ތަން، އިސްލާމީ މަރުކަޒަށް ފާރަލައިގެންތިބި ޤުރައިޝުންގެ ޖާސޫންނަށް ފެނިއްޖެ އެވެ. އެހެންކަމުން، އެ ޖާސޫސުން ވަގުތުން ޤުރައިޝުންގެ މަރުކަޒަށް ގޮސް، އެ ޚަބަރު އެ މީހުންނަށް ދީފި އެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންގެ ރައްކަލަށް ޓަކައި، ރޭގަނޑު ފާރަވެރިން ބޭތިއްބެވި އެވެ. އެއް ރޭ، عثمان ގެފާނު ޖަލަށް ލާފައި ހުންނެވި އިރު، މުޝްރިކުންގެ ފަންސާސް މީހުންގެ ގްރޫޕަކުން ޙަމަލާދިނެވެ. އެއީ، މުސްލިމުން ނިދީގައި ތިއްބަވަނިކޮށް ޙަމަލާދެވިދާނެ ކަމަށް ބަލާފައެވެ. އެ ރޭ، محمّد بن مسلمة އާއި އޭނާގެ އެކުވެރިން ތިއްބެވީ ޑިއުޓީ ގައެވެ. ކުޑަ އިރުކޮޅެއްގެ ހިފުމަކަށް ފަހު، އެ ބޭކަލުން، ކާފަރުން އަތުލައިގަނެފި އެވެ. ފިލުނީ ހަމައެކަނި މިކުރާޒަށެވެ. އެ ބޭކަލުން ހައްޔަރުކުރި މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންނެވި އެވެ. އޭގެ ބައެއް މީހުން ހައްޔަރުކޮށް، އަނެއް ބައި މީހުންނަށް މާފުކުރެވުނެވެ. ޖެހިގެންއައި ރޭ މުޝްރިކުން ބޭނުންވީ އެހެން ޙަމަލާއެއް ދޭށެވެ. އެކަމަކު، އެ މީހުން އަނެއްކާ ވެސް އަތުލައިގަނެވުނެވެ. رَسُوْلُ اللهِ ﷺ އެ މީހުންނަށް މާފުކުރައްވައި، ދޫކޮށްލެއްވީ އެވެ.

صُلح الحُديبيّة

ރޭގަނޑާއި ދުވާލު އިސްލާމީ ލަޝްކަރު ތިބީ ހަނގުރާމަ އަށް ތައްޔާރުވެގެން ކަމާއި، ކޮންމެ ވަގުތެއް ގައި ޙަމަލާދީފާނެކަން ރޭކާލުމަށް ފަހު، ކާފަރުންގެ ލަޝްކަރުގެ މީހުންގެ ހިތްތަކަށް ބިރުވެރިކަމުން ފުރިއްޖެ އެވެ. މުޢާހަދާއެއް ވެގެން ނޫނީ ސަލާމަތްވެވޭނެ ގޮތެއް ނެތްކަން ފެނި، އެ މީހުން އަވަސް އަވަހަށް މަންދޫބުންގެ ކޮމެޓީއެއް ޢައްޔަންކޮށްފި އެވެ. ސުހައިލި ބިން عمرُوގެ ރިޔާސަތުގެ ދަށުން އިންތިޚާބުކުރެވުނު މި މަންދޫބަށް އެންގުނީ، "މުސްލިމުން މި އަހަރު މައްކާ އަށް ނުވަނުމަށް ޝަރުޠުކޮށް މުޢާހަދާއެއް ކުރާށެވެ".

ޤުރައިޝުންގެ މަންދޫބުންނާ رَسُوْلُ اللهِ ﷺ ބައްދަލުކުރެއްވި އެވެ. މަންދޫބުންގެ ފުރަތަމަ އެދުމަކަށް ވީ، ހައްޔަރުކުރެވިފައިވާ އެ މީހުންގެ މީހުން ދޫކޮށްލުމަށެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މައްކާ ގައި ކަލޭމެން ހައްޔަރުކޮށްފައި ތިބި ތިމަންކަލޭގެފާނުގެ އަޞްޙާބުން ދޫކޮށްނުލާހާ ހިނދަކު، މިތިބަ ކަލޭމެންގެ މީހުން ދޫކޮށެއް ނުލާނަމެވެ". ސުހައިލު، "ތެދުތެދަށް ދަންނަވާ ނަމަ، ކަލޭގެފާނު އަޅުގަނޑުމެންނާ ދޭތެރޭގައި ކަންތައް ކުރައްވާފައިވަނީ އިންޞާފުވެރިކަމާއި، ހަމަހަމަކަމާ އެކުގައޭ"، މިހެން ބުނުމަށް ފަހު، މައްކާ ގައި ހައްޔަރުކޮށްފައިވާ عثمان ގެފާނާއި، އޭގެ ކުރިން ހައްޔަރުކޮށްފައި ތިބި ދިހަ ޞަޙާބީއަކު ދޫކޮށްލައިފި އެވެ. އޭގެ ފަހުން، އެ ޙަމަލާ ގައި އަތުލައިގަނެ ހައްޔަރުކޮށްފައި ތިބި މުޝްރިކުން ދޫކޮށްލެވުނެވެ.

ދިގުދެމިގެންދިޔަ ވާހަކަތަކަށް ފަހު، އެއްބަސްވުމަކަށް އާދެވިއްޖެ އެވެ. އޭގެ ފަހުން އެ މުޢާހަދާ ލިޔަންވީ ވަގުތު ޖެހިއްޖެ އެވެ. ލިޔުމަށް ހަމަޖެއްސެވީ علي (‏رضي الله عنه)‏ އެވެ. ޞުލްޙައިގެ މުޢާހަދާ ލިޔުމަށް ކަރުދާހާއި ގަލަން ގެނެވުނެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު رَسُوْلُ اللهِ ﷺ عليގެފާނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "بسم الله الرّحمن الرّحيم" މިހެން ލިޔުއްވާށެވެ"! ސުހައިލު ވަގުތުން މިކަމާ ދެކޮޅު ހަދާފައި ބުންޏެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. ރަޙްމާން މި ބަހުގެ މާނައެއް އަހަންނަކަށް ނޭނގެއެވެ. އެ ބަސް ނުލިޔާށެވެ. އޭގެ ބަދަލުގައި بسمك اللّهم މިހެން ލިޔާށެވެ. އަހަރެން ޞުލަޙައެއް ނުވާނަމެވެ"! رَسُوْلُ اللهِ ﷺ ދެކެވަޑައިގަތް ގޮތުގައި، ޞުލްޙަވުމުގައި ބޮޑު ޙިކްމަތެއް ވެއެވެ. މި ސަބަބަށް ޓަކައި، އެކަލޭގެފާނު حديث ކުރެއްވި އެވެ. "بسمك اللّهم ވެސް ރީއްޗެވެ". އަދި އެ ގޮތަށް ލިޔުމަށް عليގެފާނަށް حديث ކުރެއްވި އެވެ. ލިޔުމަށް ފަހު حديث ކުރެއްވި އެވެ. "ދެ ފަރާތުން އެއްބަސްވެ ޞުލްޙަވީ ޝަރުޠުތަކަށް ޢަމަލުކުރުމަށް ޓަކައި، سُهيل بن عمرُو އާ އެކު محمّد رَسُوْلُ اللهِ ސޮއިކުރެއްވި މާއްދާތަކަކީ މިއީ އެވެ". ސުހައިލު، عليގެފާނުގެ އަތްޕުޅުގައި ހިފި ތަން ފެނިގެންދިޔަ އެވެ. އޭނާ رَسُوْلُ اللهِ ﷺ އާ ދިމާލަށް އެނބުރިލާފައި ބުންޏެވެ. "އަޅުގަނޑުމެން ކަލޭގެފާނު ﷲ ގެ ރަސޫލާގެ ގޮތުގައި ޤަބޫލުކުރި ނަމަ، އަޅުގަނޑުމެން ކަލޭގެފާނާ ދެކޮޅު ނުހެދީމުއެވެ. ނުވަތަ ކަލޭގެފާނު كعبة އަށް ޒިޔާރަތްކުރުމަށް ދެކޮޅު ނުހެދީމުއެވެ. އެހެންކަމުން، رَسُوْلُ اللهِ ލިޔުމުގެ ބަދަލު ގައި عبدالله ގެ ދަރިކަލުން محمّد މިހެން ލިޔާށެވެ".

رَسُوْلُ اللهِ ﷺ އެ ހުށަހެޅުމަށް ވެސް އެއްބަސްވެ ވަޑައިގެން حديث ކުރެއްވި އެވެ. "ކަލޭ ތިމަންކަލޭގެފާނަށް އީމާންނުވި ނަމަވެސް، ޝައްކެއް ނެތް ގޮތުގައި ތިމަންކަލޭގެފާނަކީ ﷲ تعالى ގެ ރަސޫލާ ކަމަށް ތިމަންކަލޭގެފާނު ﷲ ގަންދެއްވައި حديثކުރައްވަމެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ބައްޕާފުޅުގެ ނަން ލިޔުމަކުން، ތިމަންކަލޭގެފާނުގެ ރަސޫލުކަން ނެތިގެނެއް ނުދެއެވެ. عليއެވެ! އެ ބަސް ކަނޑާލާފައި، عبدالله ގެ ދަރިކަލުން محمّد މިހެން ލިޔާށެވެ".

އުނިކުރާކަށް އެއްވެސް ޞަޙާބީއަކު އެއްބަސްވެ ވަޑައެއް ނުގަތެވެ. ހުރިހާ ކަމެއް ހަނދާންނައްތާލުމަށް ފަހު އެ ބޭކަލުން ބުނޫއެވެ. "އޭ عليގެފާނެވެ! محمّد رَسُوْلُ اللهِ މިހެން ލިޔާށެވެ؛ އެހެން ނޫން ނަމަ، މުޝްރިކުންނާ އަހަރެމެންނާ ދެމެދުވާ މައްސަލަ ޙައްލުވާނީ ހަމައެކަނި ކަނޑިންނެވެ". އެކަލޭގެފާނުންގެ އަޞްޙާބުންގެ ޣީރަތްތެރިކަމާ މެދު رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް އުފާކުރެއްވި އެވެ. އެކަމަކު، އެކަލޭގެފާނުންގެ ބަރަކާތްތެރި އަތްޕުޅުން މަޑުން ތިބުމަށް އިޝާރާތްކުރެއްވި އެވެ. އެ ބަސް އުނިކުރެއްވުމަށް عليގެފާނަށް ވިދާޅުވުމުން، އެކަލޭގެފާނަށް މާފުކުރެއްވުމަށް ދަންނަވައި عليގެފާނު ވިދާޅުވި އެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނަށް ނިސްބަތް އެ މަތިވެރި ސިފަ ފުހެލާކަށް އަޅުގަނޑަކަށް ނުކެރޭނެ އެވެ". އެ ބަޔާންކުރެވުނު ބަސް ދެއްކެވުމަށް حديث ކުރެއްވި އެވެ. ދެއްކެވުމުން، މުޢާހަދާ ނަންނަގަވާފައި، އެކަލޭގެފާނުގެ އަމިއްލަ އިނގިލިފުޅުން އެ ބަސް ފުހެލައްވައިފި އެވެ. عليގެފާނު ލައްވައި، މިހެން ލިޔުއްވި އެވެ.

ދެން، މާއްދާތައް ލިޔެވެން ފަށައިފި އެވެ.:

މުޢާހަދާގެ މުއްދަތަކީ ދިހަ އަހަރު ދުވަހެވެ. މި މުއްދަތުގެ ތެރޭގައި، ދެ ފަރާތުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ހަނގުރާމަކޮށްގެން ނުވާނެ އެވެ.

މުސްލިމުން މި އަހަރު ގެފުޅަށް ޒިޔާރަތްކޮށްގެން ނުވާނެ އެވެ. އެހެން ނަމަވެސް، މީގެ އެއް އަހަރު ފަހުން މުސްލިމުންނަށް (‏ގެފުޅަށް)‏ ޒިޔާރަތްކުރެވެންވާނެ އެވެ.

كعبة އަށް ޒިޔާރަތްކުރުމަށް އަންނަ މުސްލިމުން މައްކާ ގައި ތިން ދުވަސް ވާންދެން ތިބެންވާނެ އެވެ. އަދި ދަތުރުކުރުމުގައި ޢާއްމުކޮށް ގެންގުޅޭ ހަތިޔާރުތައް ފިޔަވައި، އެހެން ހަތިޔާރެއް ގެންގުޅެގެން ނުވާނެ އެވެ.

كعبةގެ ވަށައިގެން މުސްލިމުން طوافކުރާ ވަގުތު، މައްކާގެ މުޝްރިކުން كعبة އިން ނިކުމެ، މުސްލިމުންނަށް މިނިވަންކަމާ އެކު طوافކުރުމަށް މަގުފަހިކޮށްދޭންވާނެ އެވެ.

ޤުރައިޝުންގެ މީހަކު އިސްލާމްވެ، އޭނާގެ ބެލެނިވެރިޔާގެ އިޒުނަ ނެތި މަދީނާ އަށް ގޮސްފި ނަމަ، އޭނާ އަނބުރާ ފޮނުވާލަންވާނެ އެވެ. އެކަމަކު، މުސްލިމަކު ކޮޅު ބަދަލުކޮށްގެން މައްކާ އަށް ގޮސްފި ނަމަ، އޭނާ އަނބުރާ ފޮނުވައިގެންނުވާނެ އެވެ. މި މާއްދާ އާ ގުޅިގެން، عُمرُގެފާނު އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މި ޝަރުޠު ވެސް ކަލޭގެފާނު ޤަބޫލުކުރައްވާނަން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ހިނިވަރުނަކުރައްވައި حديث ކުރެއްވި އެވެ. "އާނއެކެވެ. އަހަރެމެންގެ ތެރެއިން، އެ މީހުން ކޮޅަށް ދާ މީހުންނާ الله تعالى އަހަރެމެން ދުރުވާދޭވެ"!

ޙައްޖު ނުވަތަ ޢުމްރާ ގެ އަޅުކަން އަދާކުރުމަށް ޞަޙާބީއަކު މައްކާ އަށް އަންނަ ކަމުގައި ވާ ނަމަ، އޭނާގެ ފުރާނަޔާއި، މުދާ ރައްކާތެރިވާން ޖެހޭނެ އެވެ.

މުޝްރިކަކު ދިމިޝްޤަށާއި، މިޞްރަށް ނުވަތަ އެހެން ތަނަކަށް ދިއުމުގެ މަގުމަތީ ގައި މަދީނާ ގައި މަޑުކުރާ ނަމަ، އޭނާގެ ފުރާނަޔާއި، މުދާ ރައްކާތެރިވާން ޖެހޭނެ އެވެ.

ޢަރަބި އެހެން ޤަބީލާތަކަށް، އެ މީހުން ބޭނުން ކޮޅެގެ ޙިމާޔަތް ޤަބޫލުކުރެވެންޖެހޭނެ އެވެ. އަދި މުސްލިމުން ނުވަތަ މުޝްރިކުންނާ މިނިވަންކަމާ އެކު އެއްބައިވުމުގެ މިނިވަންކަން އޮންނަންޖެހޭނެ އެވެ.5

"އޭ އަބޫ ޖަންދަލް އެވެ! ކުޑަ އިރުކޮޅަކަށް ކެތްކުރާށެވެ! ތިބާ އާއި، ތިބާ ފަދައިން ބަލިކަށި އަދި އެކަނިވެގެންވާ މުސްލިމުންނަށް الله تعالى ފަސޭހަކުރައްވައި، ސަލާމަތްވާނެ ގޮތެއް ދައްކަވާނެ އެވެ".
حديث الشريف

މުޢާހަދާ ގައި ސޮއިކުރުމުގެ ވަގުތު ޖެހިއްޖެ އެވެ. އެ ވަގުތު، ފެނިގެންދިޔަ މަންޒަރަކީ، މުސްލިމުންގެ ލަޝްކަރާ ދިމާއަށް މީހަކު އޭނާގެ ފައިގައި އަޅުވާފައި އޮތް ހިލިހިލާގަނޑަކާ އެކު ދަމަމުން އަންނަ ތަނެވެ. އޭނާ ކައިރި ވަމުންދިޔަ ވަރަކަށް "އަހަރެން ސަލާމަތްކުރޭ"! މިހެން ގޮވަމުންދިޔަ އެވެ. މިހެން ބުނި އަޑު އަހައި، ޤުރައިޝުންގެ މުޖްތަމަޢުގެ ވެރިޔާ ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެ އެވެ. ކަށި ހުރި ގަސްގަނޑެއް ނަގައި، އެ މީހާގެ ބޮލާއި، މޫނު ގައި ތަޅަން ފަށައިފި އެވެ. ޗެއިން އަޅުވާފައި ހުރި މީހާ رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ފައިންޕުޅާ ދިމާލަށް ތިރިވެ، އެކަލޭގެފާނަށް އާދޭސް ދަންނަވަމުން ބުނެޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ސަލާމަތްކޮށްދެއްވާށެވެ"! މި މީހާ ވަނީ މައްކާ ގައި އިސްލާމް ދީން ޤަބޫލުކޮށްފައެވެ. އެ ސަބަބަށް ޓަކައި، އޭނާގެ ބައްޕަ އެ ވަނީ އޭނާ ހިލިހިލާ ޖަހައިފައެވެ. ކޮންމެ ދުވަހަކު އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށް ބުދުތަކަށް އަޅުކަންކުރުމަށް މަޖްބޫރުކުރެވުނެވެ. މުޝްރިކުން ޙުދައިބިއްޔާ އަށް ދިޔަ ވަގުތުގެ ފައިދާ ނަގައި، އޭނާގެ ހިލިހިލާ ގަނޑު ނައްޓާލައި، އެއްވެސް މީހަކަށް ނުފެންނަ ގޮތަށް މައްކާ އިން ނުކުމެ، މުސްލިމުންގެ ތެރެއަށް ވަނީ އެވެ. ހިދާޔަތް ލިބިގަތް މި މީހާއަކީ މުޝްރިކުންގެ ކޮމެޓީގެ ވެރިޔަކަށް ހުރި ސުހައިލުގެ ފިރިހެން ދަރި އަބޫ ޖަންދަލް (‏رضي الله عنه)‏ އެވެ. ސުހައިލު އޭނާގެ ދަރި އަބޫ ޖަންދަލް އަށް އިޝާރާތްކޮށްފައި رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "އަހަރެމެން ދެންމެ ލިޔުނު މުޢާހަދާގައި ވާ ފަދައިން ތިމަންނަ އާ ކަލޭގެފާނު އެންމެ ފުރަތަމަ މީހާ އަކީ މީނާ އެވެ".

މި ކަމާ ވިދިގެން رَسُوْلُ اللهِ ﷺ އާއި އަޞްޙާބު ބޭކަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ. ކޮންމެ މީހަކު ވެސް ވަރަށް ޝައުޤުވެރިކަމާ އެކު، ގެ ޖަވާބަށް އިންތިޒާރުކުރަމުންނެވެ. އެއްކޮޅުން، އޮތީ ޞުލްޙައިގެ މުޢާހަދާއެވެ، އަދި އަނެއްކޮޅުން، ޞަޙާބީއަކަށް ދިޔައީ އަނިޔާލިބެމުންނެވެ. ސުހައިލާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އަހަރެމެން އަދި ޞުލްޙައިގެ މުޢާހަދާ ގައި ސޮއެ ނުކުރަމެވެ". މުޝްރިކުން މި ކަން ޤަބޫލެއް ނުކުރި އެވެ. سُهيل بن عمرُو އޭނާގެ ދަރި ދަމާކޫއްތާފައި ގެންދިޔަ އިރު، އަބޫ ޖަންދަލް ކީރިތިކުރައްވަމުން ވިދާޅުވަމުން ގެންދެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އޭ އަހަރެބްގެ މުސްލިމު އަޚުންނޭވެ! އަޅުގަނޑު މުސްލިމަކަށް ވެ ތިޔަ ބޭކަލުންނަށް ބަރޯސާވިޔަސް، މުޝްރިކުންނާ އަޅުގަނޑު ޙަވާލުކުރައްވަނީ ތޯ އެވެ؟ ކޮންމެ ދުވަހަކު އަޅުގަނޑަށް، ތަޙައްމަލުނުކުރެވޭ ފަދަ އަނިޔާ ލިބުމަކީ އެކަށީގެންވާ ގޮތް ކަމަށް ދެކެވަޑައިގަންނަވަނީ ތޯ އެވެ؟ މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު އަޅުގަނޑު އެ މީހުންނާ ޙަވާލުކުރއްވަނީ، އެ މީހުން އަޅުގަނޑު ދީނުން ބޭރުކުރުވާނެތީ ތޯ އެވެ"؟

ހިތް ފަޅައިގެންދާ ފަދަ މި އާދޭސް ތަޙައްމަލުކުރުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ. ހިތާމައިން އެ ބޭކަލުން ހިތްތައް ފުރިފައިވާ ޞަޙާބީން ކީރިތިކުރައްވަން ފަށްޓަވައިފި އެވެ. އޯގާވެރިކަމުގެ ކަނޑުކަމުގައިވާ رَسُوْلُ اللهِ ﷺ ގެ ދެ ލޯފުޅު ވަނީ ކަރުނައިން ތެމިފައެވެ. އެކަލޭގެފާނު ސުހައިލުގެ ކައިރިއަށް ވަޑައިގެން އެދިވަޑައިގަތެވެ. "ތިހެން ނަހަދާށެވެ! އޭނާ ތިމަންކަލޭގެފާނާ ޙަވާލުކުރާށެވެ"! އެހެން ނަމަވެސް، ސުހައިލު ޖަވާބު ދިނީ، "އެހެނެއް ހިލާ ނުވާނެ އެވެ. އަހަރެން އޭނާ އަށް މާފެއް ނުކުރާނަމެވެ"!

މިއާއެކު، އޭނާ އަށް ތަސައްލީއެއް ދެއްވުމަށް ޓަކައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ އަބޫ ޖަންދަލް އެވެ! ކުޑަ އިރުކޮޅަކަށް ކެތްކުރާށެވެ! ތިބާ އާއި، ތިބާ ފަދައިން ބަލިކަށި އަދި އެކަނިވެގެންވާ މުސްލިމުންނަށް الله تعالى ފަސޭހަކުރައްވައި، ސަލާމަތްވާނެ ގޮތެއް ދައްކަވާނެ އެވެ". ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. "އަހަރެމެން ވަޢުދުވީ ގޮތަށް ކަން ނުކުރުމަކަށް އެކަމަކުން އަހަރެމެންނަށް ބާރެއް ނާޅާނެ އެވެ". އަބޫ ޖަންދަލް "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް ވިސްނޭ" މިހެން ވިދާޅުވެ، އޭނާ ކެތްތެރިވާނެ ކަމަށް ދަންނަވައިފި އެވެ.

ކޮމެޓީ ގައި ތިބި މުޝްރިކުންނަށް ވެސް މި ހިތް ހަލާކުވާ ފަދަ މަންޒަރު ބަލަން ހިތަށް ނުކުޅަދާނެވެގެން ބުނެފޫއެވެ. "محمّدގެފާނެވެ! ކަލޭގެފާނަށް ޓަކައި، އަހަރެމެން އަބޫ ޖަންދަލް އަހަރެމެންގެ ޙިމާޔަތުގެ ދަށަށް މި ގެންނަނީ އެވެ. ސުހައިލު އޭނާ އަށް އަނިޔާކުރިޔަ ނުދޭނަމުއެވެ".

އޭގެ ފަހުން، رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބިވަޑައިގަތެވެ. (‏މައްކާ ފަތަޙަކުރެއްވުމަށް ފަހު سُهيل بن عمرُو އިސްލާމްވެ ޞަޙާބީންގެ ތެރޭގައި ހިމެނިގެންދިޔަ އެވެ.)‏

ޞުލްޙައިގެ މުޢާހަދާގެ ދެ ކޮޕީ ލިޔެވި ދެ ފަރާތުން ސޮއިކުރި އެވެ. މުޝްރިކުން އެބައި މީހުންގެ މަރުކަޒަށް އެނބުރި ގޮސްފި އެވެ.6

މުސްލިމުންނާ އިދިކޮޅަށް ހުރި ކަމަށް ދައްކާ މުޢާހަދާގެ މި މާއްދާތަކާ މެދު ޤުރައިޝުންގެ ކޮމެޓީން ތިބީ ވަރަށް އުފަލުންނެވެ. އެކަމަކު އެ ހީކުރުމާ ދެކޮޅަށް، މި ޞުލްޙައިގެ މުޢާހަދާ އަކީ، މުސްލިމުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެކެވެ. އަދި މި މާއްދާތަކަކީ މުސްލިމުންނަށް ކަންތައްތައް ފަހިވާ ގޮތަށް ހުރި މާއްދާތަކެކެވެ. އެންމެ ފުރަތަމަ، މުޝްރިކުން އެ ވަނީ އިސްލާމީ ދައުލަތް ޤަބޫލުކޮށްފައެވެ. މައްކާގެ މުޝްރިކަކު، ވިޔަފާރިކުރުމަށް ނުވަތަ އެހެން ބޭނުމަކަށް އޭނާ ދިމިޝްޤަށް ކުރާ ދަތުރުގެ މަގުމަތީ ގައި މައްކާ ގައި މަޑުކޮށްފި ނަމަ، އޭނާގެ ފުރާނަ އާއި މުދަލަށް އަމާންކަން ލިބޭނެ އެވެ. އެހެންކަމުން، މުޝްރިކުންނަށް ވަރަށް ކައިރިން މުސްލިމުން އުޅެމުންދާ ގޮތް ފެނި އިސްލާމް ދީނުގެ ޢަދުލުއިންޞާފާ މެދު ޙައިރާންވެ، އަޞްޙާބުންގެ މެދުގައި އެކަކު އަނެކަކާ މެދު ދެކޭގޮތް ފެނިފައި އިސްލާމް ދީނަށް ލޯބިޖެހޭނެ އެވެ. ނަތީޖާއެއްގެ ގޮތުން، އެ މީހުން އިސްލާމްވެ، ސަޙާބީންގެ ތެރޭގައި ހިމެނިގެންދާނެ އެވެ.

10 އަހަރުގެ މުއްދަތަށް ކުރެވުނު މި މުޢާހަދާ އާ އެކު، މުސްލިމުންގެ ޢަދަދު އިތުރުވެ ވަރުގަދަވެގެންދިޔަ އެވެ. ހުރިހާ ސަރަޙައްދުތަކެއް ގައި އިސްލާމް ދީން ފެތުރިގެންދިޔަ އެވެ.

އެހެން ނަމަވެސް، މި މުޢާހަދާ ގައި ހިމެނޭ މާއްދާ ގައި "ޤުރައިޝުންގެ އެއްވެސް މީހަކު އިސްލާމެ މަދީނާ އިން ޙިމާޔަތް ހޯދައިފި ނަމަ، އޭނާ އަނބުރާ ފޮނުވަންވާނެ އެވެ" މިހެން އޮތުމުން އެކަމާ ހިތާމަކުރެއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ހަމަކަށަވަރުން ވެސް، الله تعالى ފުރުޞަތެއް މެދުވެރިކުރައްވައި، އެ މީހުންނަށް ސަލާމަތްވެވޭނެ މަގެއް ދައްކަވާނެ އެވެ".

މުޝްރިކުންނާ އެކު އިތުރަށް ކުރާނެ ކަމެއް ނެތެވެ. އަޞްޙާބުންނާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކޮޅަށް ތެދުވާށެވެ! ތިޔަބައި މީހުންގެ ޤުރުބާނީ ޖަނަވާރު ކަތިލައްވާށެވެ. ތިޔަބައި މީހުންގެ ބޯ ބޭލުމަށް ފަހު، އިޙްރާމް ބާލާށެވެ". رَسُوْلُ اللهِ ﷺ އެކަލޭގެފާނު ޤުރުބާންކުރައްވާ ޖަނަވާރު އެންމެންގެ ކުރިމަތީގައި ޤުރުބާންކުރައްވައފި އެވެ. އެކަލޭގެފާނުގެ ބޯކޮށާ މީހާ ކަމުގައިވާ ޚިރާޝް ބިން އުމައްޔާ އެކަލޭގެފާނުގެ ބޯކޮޅު ބޭލިއެވެ. ބިން މައްޗަށް ވެއްޓުމުގެ ކުރިން އަޞްޙާބު ބޭކަލުން އެކަލޭގެފާނުގެ އިސްތަށިކޮޅުތައް ނަންގަވައި، ބަރަކާތް ހޯއްދެވުމަށް ބެހެއްޓެވި އެވެ. ޞަޙާބީން ވެސް އެ ބޭކަލުންގެ ޤުރްބާނީ ޖަނަވާރުތައް ކަތިލެއްވި އެވެ؛ ބައެއް ބޭކަލުން ބޯ ބޭލެއްވި އިރު، އަނެއް ބައި ބޭކަލުން ބޯ ކުރުކުރެއްވި އެވެ.7

އެ ބޭކަލުން ޙުދައިބިއްޔާ ގައި ގާތްގަޑަކަށް ވިހި ދުވަސް ވަންދެން ތިއްބެވި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު މަދީނާ އަށް އެނބުރި ވަޑައިގަތުމަށް ދަތުރު ފެއްޓެވި އެވެ. އެ ވަޑައިގެންނެވި މަގުމަތީ ގައި، الله تعالى، رَسُوْلُ اللهِ ﷺ ގެ މައްޗަށް سورة الفتح ބާވައިލެއްވި އެވެ. އަދި އެކަލޭގެފާނުގެ ބަރަކާތްތައް ފުރިހަމަކުރައްވައި، އެހީތެރިވެ ވަޑައިގަންނަވާނެ ކަމުގެ އުވާވެރި ޚަބަރު ދެއްވި އެވެ.

ނަޞްރު ލިބިވަޑައިގެން މަދީނާ އަށް ވަޑައިގަތް ދުވަސްތަކުގެ ތެރޭގައި، ޤުރައިޝް ވަންހައިގެ ޘަޤީފު ޤަބީލާގެ އަބޫ ބަސީރު މުސްލިމަކަށް ވެއްޖެ އެވެ. މުޝްރިކުންގެ ތެރޭގައި ނޫޅެވޭނެކަން އެނގިވަޑައިގެން، އަބޫ ބަސީރު މަދީނާ އަށް ފައިމަގުގައި ވަޑައިގަތެވެ. ޙުދައިބިއްޔާ މުޢާހަދާގެ ދަށުން އޭނާ މަދީނާ ދޫކުރައްވައި، ރަތް ކަނޑުގެ އައްސޭރި ފަށުގައިވާ އީސް ނަމަކަށް ކިޔާ ރަށެއްގައި ވަޒަންވެރިވެއްޖެ އެވެ.8

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުރިހަމަ ނަޞްރެއް ދެއްވައިފި އެވެ".
الفتح: 1

އެތަން އޮތީ، ޤުރައިޝުންގެ މުޝްރިކުން ދިމިޝްޤަށް ވިޔަފާރި އަށް ދާ މަގުމަތީގައެވެ. އެއަށް ފަހު، ޤުރައިޝުންގެ ތެރެއިން އިސްލާމްވި މީހުން މައްކާ ދޫކޮށް ދިޔައީ މަދީނާގެ ބަދަލުގައި އީސް އަށް އަބޫ ބަސީރުގެ އަރިހަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގަތީ އަބޫ ޖަންދަލް (‏رضي الله عنه)‏ އެވެ. މި ގޮތަށް އެތައް ދުވަހެއް ވަންދެން ކުރިޔަށް ދިޔައެވެ. މިގޮތަށް އިތުރުވަމުން ގޮސް ފަންސާސް ހަމަވެ، ސަތޭކަ، ދުއިސައްތަ، ތިން ސަތޭކަ އަށް އަރައިގެން ދިޔަ އެވެ. ޤުރައިޝުންގެ ޤާފިލާ ދިމިޝްޤަށް ދާ މަގުމަތީގައި ދާން ޖެހެނީ މިހެން ލާފައެވެ. އަބޫ ބަސީރު (‏رضي الله عنه)‏ އާއި އޭނާ އާ އެކުގައި ތިއްބެވި މުސްލިމުން، އެހެން ދާ މުޝްރިކުންނާ ހަމަކުރައްވައި އިސްލާމްވުމަށް ދަޢުވަތު ދެއްވަމުން ގެންދެވި އެވެ. މުސްލިމުންނަށް ނުވާ މީހުންނާ ހަނގުރާމަކުރައްވައި، އެ މީހުންނަށް ދަތި އުނދަގޫތައް ކުރިމަތިކުރެއްވި އެވެ.

އެ މީހުންގެ ވިޔަފާރި މަގު ބްލޮކް ވީތަން ފެނުމާ އެކު، މައްކާގެ މުޝްރިކުން މަދީނާ އަށް ކޮމެޓީއެއް ފޮނުވި އެވެ. އެ މީހުން އާދޭސްކުރީ ޙުދައިބިއްޔާ މުޢާހަދާ ގައި ވާ "ޤުރައިޝުންގެ މީހަކު އިސްލާމްވެ، އޭނާގެ ބެލެނިވެރިޔާގެ ހުއްދައާ ނުލައި މަދީނާ އަށް ގޮސްފި ނަމަ، އަނބުރާ ފޮނުވަންޖެހޭނެ" މި ގޮތަށް ލިފައިވާ މާއްދާ އުނިކުރުމަށެވެ. رَسُوْلُ اللهِ ﷺ ރަޙުމް ބަހައްޓަވައި، އެ މީހުންގެ އެދުނު ގޮތް ޤަބޫލުކުރައްވައިފި އެވެ. އެހެންކަމުން، ޤުރައިޝުން ދިމިޝްޤަށް ދާ ވިޔަފާރި މަގު ހުޅުވުނީ އެވެ. އެ މީހުންގެ ކެތްތެރިކަމުގެ އަގެއްގެ ގޮތުން، މުސްލިމުން މަދީނާ އަށް، رَسُوْلُ اللهِ ﷺ ގެ އަރިހަށް އަތުވެއްޖެ އެވެ.

ރިވެތި މީހުންގެ ތެރެއިން އެންމެ ރިވެތި ބޭފުޅާ އޭ

ރިވެތި މީހުންގެ ތެރެއިން އެންމެ ރިވެތި ބޭފުޅާއޭ، ތިބާ އަޅުގަނޑު އަންދަބީ ތިބާގެ ލޯބިންނޭ!
އަޅުގަނޑުގެ ލޮލަށް އެއްވެސް އެއްޗެއް ނުފެނެއޭ؛ އަޅުގަނޑުގެ ސިކުނޑިވަނީ ތިބާގެ ވިޝަންއިން ފުރިފައޭ!
ތިބާ އަކީ كعبة ޤައުސައިނި ގެ ޝާހޭ އަދި އަޅުގަނޑަކީ ނުކިޔަމަންތެރި އަޅަކީމޭ،
ޙައިރާންވެފައިވާ މި މީހާ އަށް ތިބާގެ މެހްމާނަކަށް ވެވޭނީ ކިހިނެއް ތޯ އޭ؟
ތިބާ ހަމްދަރްދީވެ އެއް ފަހަރު ބެއްލުމުން، ތިބާ މަރުވެފައިވާ ހިތްތައް ދިރުއްވެވިއޭ،
ތިބާގެ ނިމުމެއް ނެތް ރަޙްމަތުގައި، އަޅުގަނޑު ތިބާގެ ދޮރުގައި ޓަކިދިނީމޭ
ތިބާއަކީ ރަނގަޅުކަމުގެ މަޞްދަރޭ، ޝިފާތަކުގެ ކަނޑޭ!
އަޅާއަށް ތިއްކެއް ދެއްވާދޭ، އަޅުގަނޑު މިހިރީ ފަރުވާ ނުލިބިފައޭ!
ކޮންމެ މީހަކު ވެސް މައްކާ، كعبة، ޞަފާ، މަރްވާ އަށް އާދެއޭ.
އެކަމަކު، އަޅުގަނޑު ތިބާއަށް ޓަކައި ފަރުބަދަތައް ހުރަސްކުރީމޭ،
ރޭގައި، އަޅުގަނޑުގެ ހުވަފެނުގައި، އަޅުގަނޑުގެ އަތް އުޑުގައި ބީހުނޭ،
އަޅުގަނޑު ހީކުރީ ތިބާގެ ގޭގެ ދޮރުމަތީގައި ތިބި ނޯކަރުން އަޅުގަނޑުގެ ކަރަށް ފައިން އެރީ ކަމަށޭ.
އޭ ޖާމީގެފާނެވެ! އަޅުގަނޑުގެ ލޯބިވެރިޔާގެ ނައިޓިންގޭލް އޭ،
ތިބާގެ ޅެންތަކުގެ ތެރެއިން އަޅުގަނޑު އިޚްތިޔާރުކުރީ މި ބައިތޭ:
"ގިނަ ކުއްތާތައް ފަދައިން، ދޫތައް އެލިފައި ތިބެގެން،
ކުޑަ ތިއްކަކަށް އުއްމީދުކޮށްގެން، އަޅުގަނޑު މިއައީ ތިބާގެ ދަރުމައިގެ ކަނޑަށޭ".

مولانا خالد البغدادي

رَسُوْلُ اللهِ ﷺ ގެ ދަޢުވަތުގެ ސިޓީތައް