މުއުތާ ހަނގުރާމަ
ހިޖުރައިން އަށް ވަނަ އަހަރު، އިސްލާމް ދީން ފެތުރުއްވުމަށް ޓަކައި، ޢާލަމްތަކުގެ ރަޙްމަތް ކަމުގައިވާ رَسُوْلُ اللهِ ﷺ، އެކި ޤަބީލާތަކަށް މަންދޫބުން ފޮނުއްވި އެވެ. އެގޮތުން ފޮނުއްވި ބައެއް މަންދޫބުންގެ ފަރާތުން ރަނގަޅު ނަތީޖާ ނުކުތެވެ. އެކަމަކު، ބުސްރާގެ ގަވަރުނަރާ ހަމަޔަށް ފޮނުއްވި حارث بن عُمير (رضي الله عنه)، ދިމިޝްޤުގެ ބަލްކާ ގެ މުއުތާ އަވަށުގައި ތިބި މަސީޙީ ހަނގުރާމަވެރިން ހައްޔަރުކުރި އެވެ. رَسُوْلُ اللهِ ﷺ ގެ މަންދޫބަށް ވިޔަސް، ދިމިޝްޤުގެ ގަވަރނަރ شرحبيل بن عمرُو އާ ހަމަޔަށް ގެންދުނު حارث (رضي الله عنه) ވަރަށް އަނިޔާވެރިކޮށް ޤަތުލުކޮށް ޝަހީދުކޮށްލެވުނެވެ.1
މި ޚަބަރު ލިބިވަޑައިގެން رَسُوْلُ اللهِ ﷺ ވަރަށް ހިތާމަކުރައްވައި، އެކަލޭގެފާނުގެ ހިތްވަރުގަދަ އަޞްޙާބުން އެއްވުމަށް އެންގެވި އެވެ. މި އަމުރުފުޅު ލިބިވަޑައިގަތް އަޞްޙާބުން އެ ބޭކަލުންގެ ދަރިންނަށް އަލްވަދާޢުކިޔުއްވުމަށް ފަހު ޖުރުފް ޢަސްކަރީ މަރުކަޒަށް ޖަމާވެއްޖެ އެވެ. ޢަޞްރު ނަމާދު ޖަމާޢަތުގައި ކުރެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޖިހާދަށް ދާނެ މީހުންގެ ކޮމާންޑަރަކަށް ތިމަންކަލޭގެފާނު ޢައްޔަންކުރެއްވީ زيد بن حارثة އެވެ. زيد بن حارثة ޝަހީދުވެއްޖެ ނަމަ، އޭނާގެ މަޤާމުގައި ހުންނަވާނީ جعفر بن أبي طالب އެވެ. جعفر بن أبي طالب ޝަހީދުވެއްޖެ ނަމަ، އޭނާގެ މަޤާމަށް ގެންނަންވާނީ عبدالله بن رواحة އެވެ. عبدالله بن رواحة ވެސް ޝަހީދުވެއްޖެ ނަމަ، މުސްލިމުންގެ ތެރެއިން އެކަށީގެންވާ މީހަކު ހޮވުމަށް ފަހު ކޮމާންޑަރަކަށް ހަމަޖައްސާށެވެ". އެއާއެކު، އެ ބަޠަލުންގެ ނަންފުޅުތައް ބަޔާންކުރެވުނު އަޞްޙާބުން ޝަހީދުވާނެ ކަން އަޞްޙާބު ބޭކަލުންނަށް ވިސްނިވަޑައިގަތެވެ. އެ ބޭކަލުން ރޯން ފެއްޓެވުމަށް ފަހު ބުނޫ އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. އެ ބޭކަލުންގެ ފަރާތުން އަޅުގަނޑުމެންނަށް ފައިދާ ލިބުމަށް ޓަކައި އެ ބޭކަލުން ދިރިތިއްބަވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަމެވެ". އެ ބޭކަލުންނަށް ޖަވާބު ނުދެއްވައި އެއްޗެއް حديث ނުކުރައްވައި މަޑުން ހުންނެވި އެވެ.2
އެތާނގައި ތިއްބެވި زيد، حعفر އަދި عبدالله (رضي الله عنهم) އަށް ވެސް މި ވާހަކަ އަޑުއިވި ތިއްބެވި ވަރަށް ބޮޑަށް އުފަލުންނެވެ. އެހެނީ. އެ ބޭކަލުންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ، الله تعالى ގެ ދީން ފެތުރުއްވުމުގައި އުޅުއްވަނިކޮށް ޝަހީދުވުމެވެ. މިހާރު، އުފާވެރި ޚަބަރު އެ ބޭކަލުންގެ އަމިއްލަ ކަންފަތްތަކުން އިވިއްޖެ އެވެ. މުޖާހިދުން އެ ބޭކަލުންގެ ތައްޔާރީތައް ފުރިހަމަކުރައްވައި، އެ ބޭކަލުންގެ ކޮމާންޑަރުގެ އިންތިޒާރުގައި ތިއްބެވި އެވެ. رَسُوْلُ اللهِ ﷺ، އިސްލާމް ދީނުގެ ހުދު ދިދަ زيد بن ثابت (رضي الله عنه) އާ ޙަވާލުކުރައްވައިފި އެވެ. زيد ގެފާނަށް رَسُوْلُ اللهِ ﷺ އަމުރުކުރެއްވީ، حارث بن عُمير (رضي الله عنه) ޝަހީދުވީ ތަނަށް ވަޑައިގެން އިސްލާމް ދީނަށް ގޮވާލެއްވުމަށެވެ. އަދި އަމުރުކުރެއްވީ، އިސްލާމް ދީނަށް ދޭ ދަޢުވަތު ދިނުމުން ޤަބޫލުނުކޮށްފި ނަމަ ޢަދުއްވުންނާ ހަނގުރާމަ ކުރުމަށެވެ.
އޭނާއާއި، އޭނާއާ އެއްކޮށް ތިއްބެވި އެހެން ކޮމާންޑަރުން ވަދާޢުކިޔުއްވުމުން، عبدالله بن رواحة رضي الله عنه) ކީރިތިކުރެއްވި އެވެ. އެ ބޭކަލުން އެއްސެވި އެވެ. "އޭ ރަވާޙާގެ ފިހެން ދަރިކަލުންނޭވެ! ތިބާ ރޮނީ ކީއްވެގެން ހެއްޔެވެ"؟ ޅެންވެރިއެއް ކަމުގައިވީ عبدالله بن رواحة رضي الله عنه) ވިދާޅުވި އެވެ.
"ޖިހާދަށް ދާނެ މީހުންގެ ކޮމާންޑަރަކަށް ތިމަންކަލޭގެފާނު ޢައްޔަންކުރެއްވީ زيد بن حارثة އެވެ. زيد بن حارثة ޝަހީދުވެއްޖެ ނަމަ، އޭނާގެ މަޤާމުގައި ހުންނަވާނީ ]جعفر بن أبي طالب އެވެ. جعفر بن أبي طالب ޝަހީދުވެއްޖެ ނަމަ، އޭނާގެ މަޤާމަށް ގެންނަންވާނީ عبدالله بن رواحة އެވެ. عبدالله بن رواحة ވެސް ޝަހީދުވެއްޖެ ނަމަ، މުސްލިމުންގެ ތެރެއިން އެކަށީގެންވާ މީހަކު ހޮވުމަށް ފަހު ކޮމާންޑަރަކަށް ހަމަޖައްސާށެވެ".
حديث الشّريف
އަހަރެން ރޯ ސަބަބަކީ،
ދިރިއުޅުމުގެ ލޯތްބެއް ނޫނޭ،
އަދި އަހުރެން الله تعالى ގަންދީ ހުވާކުރަމޭ،
ސަބަބަކީ އަހަރެން ތިބާ ހަނދާންވުމެއް ނޫނޭ.
ޙަޤީޤީ ސަބަބަކީ އެއީ،
ކީރިތި قرآن ގައި،
އަޅަމެންގެ ރައްބު އަންގަވައޭ،
އެ ފޮތުގެ އާޔަތެއް ގައި:
'ދަންނާށޭ، ހަމަކަށަވަރުން،
ތިޔަބައިމީހުންގެ ތެރޭގައި އެކަކު ވެސް ނުވެއޭ،
އެ މީހަކު ނުދާނެއޭ
ޖަހަންނަމު ތެރެއިން ދާނެ...'
އަހަންނަށް މި އާޔަތް އަޑުއިވުނޭ،
ﷲ ގެ ރަސޫލާ ތިލާވާކުރެއްވި އިރު،
ކިހިނެއްހޭ އަހަރެން އެކަން ތަޙައްމަލުކުރާނީ،
އަހަރެން ޖަހަންނަމް ގައި މަޑުކޮށްފި ނަމަ؟
އޭނާގެ އެކުވެރިން އޭނާ އަށް ދުޢާކުރިއެވެ. "ތިބާ އަކީ އެކަލާނގެ ލޯބިވޮޑިގަންނަވާ އަޅެއް ކަމުގައި الله تعالى ތިބާ ލައްވާދޭވެ؛ ޒާހިދުންގެ ތެރެއިންވާ މީހެއް ކަމުގައި ތިބާ ލައްވާދޭވެ"! ދެން عبدالله بن رواحة رضي الله عنه) ވިދާޅުވި އެވެ. "އަހަރެން އަށް ދުޢާކޮށް ދަންނަވަނީ ޢަފޫކުރެއްވުމަށެވެ. އަދި އަހަރެން ބޭނުންވަނީ، ލޭ ކޯދުލާފަ ފައިބާ ފަދަ ކަނޑީގެ ޙަމަލާއެއް ނުވަތަ އަހަރެންގެ މެޔާއި، ގޮހޮރު ހަލާކުކޮށްލާނެ ލޮންސީގެ ޙަމަލާއެކެވެ". ދިއުމަށް ޓަކައި، ލަޝްކަރު ތައްޔާރުވުމުން، عبدالله بن رواحة رضي الله عنه) ގެ އަރިހަށް ވަޑައިގެން އަލްވަދާޢު ކިޔުމަށް ފަހު ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު ހިތުދަސްކޮށް ސިކުނޑީގައި ބަހައްޓާނެ އެއްޗެއްގެ އިރުޝާދު ދެއްވަފާނަންތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މާދަމާ، އެ ޤައުމެއް ގައި الله تعالى އަށް ސަޖިދަކުރުން ވަރަށް މަދު ޤައުމަކަށް ތިބާ އަށް ދެވޭނެ އެވެ. އެ ތާނގައި ތިބާ ސަޖިދަކޮށް ނަމާދުކުރާ ވަރު އިތުރުކުރާށެވެ". عبدالله بن رواحة رضي الله عنه) އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް އަދި އިތުރަށް އިރުޝާދު ދެއްވަފާނަން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އަބަދު ވެސް اله تعالى ހަނދުމަކުރާށެވެ. އެހެނީ، ހަނދުމަކުރުމުން ތިބާ އުއްމީދުކުރާ ކަންތައް ޙާޞިލުކުރަން އެހީތެރިވެދޭނެ އެވެ".
ތިން ހާސް ސިފައިންގެ އިސްލާމީ ލަޝްކަރު "الله أكبر! الله أكبر!" ގެ އަޑާ އެކު ކުރިޔަށް ދާން ފަށްޓައިފި އެވެ. رَسُوْلُ اللهِ ﷺ އާއި މަދީނާ ގައި މަޑުކުރެއްވި އަޞްޙާބުން، މުޖާހިދުންނާ އެކު ވަދާޢު ފަރުބަދައާ ހަމަޔަށް ވަޑައިގަތެވެ. މި ތާނގައި، رَسُوْلُ اللهِ ﷺ އިސްލާމީ ލަޝްކަރާ މުޚާޠަބުކުރައްވައި، އަންނަނިވި ފަދައިން حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ތިބާ އަށް އިރުޝާދު ދެއްވަނީ، الله تعالى އަމުރުކުރެއްވި ކަންތައް ކޮށް، ނަހީކުރެއްވި ކަންތައް ދޫކޮށްލުމަށާއި، މުސްލިމުންނަށް ފައިދާހުރި ކަންތައްކުރުމަށާއި، އެ މީހުންނާ ތަނގަޅަށް މުޢާމަލާތް ކުރުމަށެވެ. އެކަލާނގެ އިސްމުފުޅު ކިޔައިގެން الله تعالى ގެ މަގުގައި ހަނގުރާމަކުރާށެވެ. ޣަނީމާ މުދަލުގެ ގޮތުގައި ނަގާ މުދަލަށް ޚިޔާނާތްތެރިނުވާށެވެ. ތިބާގެ ވަޢުދާ ޚިލާފުނުވާށެވެ. ކުޑަކުދިން ނުމަރާށެވެ! އެތާނގައި، ކްރިސްޓިއަނުންގެ ފައްޅިތަކުގައި، މީސްތަކުންނާ އެކަހެރިވެ، އަޅުކަން ކުރުމަށް އެ މީހުންގެ ހަށިތައް ތަކްރީސްކޮށްގެން ތިބޭ ބައެއް ބަޔަކާ ދިމާވާނެ އެވެ. އެ ފަދަ މީހުންނަށް ގެއްލުންދިނުމުން ދުރުވާށެވެ! އެ މީހުން ފިޔަވާ، އެ ބައެއްގެ ބޮލުގައި ޝައިޠާނާގެ ހާލިހަދާފައިވާ ބައެއް މީހުންނާ ދިމާނެ އެވެ. އެފަދަ މީހުންގެ ބޯ ކަނޑާލައްވާށެވެ. އަންހެނުންނާއި، ޢުމުރުން ދުވަސްވީ މީހުން ނުމަރާށެވެ. ގަސްތައް އަނދައި ނުވަތަ ކަނޑާ ނުހަދާށެވެ. ގެތައް ސުންނާފަތިކޮށްނުލާށެވެ".
ކޮމާންޑަރ އިން ޗީފް زيد بن حارثة އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ތިބާގެ މުޝްރިކު ޢަދުއްވުންނާ ކުރިމަތިލާ އިރު، އެ މީހުންނަށް ތިން ކަމަކުން ކަމަކަށް ދަޢުވަތު ދޭށެވެ! (އެ މީހުން މުސްލިމުންނަށް ވެއްޖެ ނަމަ) އެ މީހުން، މުހާޖިރުންގެ އަމިއްލަ ރަށް ކަމުގައިވާ މަދީނާ އަށް ހިޖްރަކުރުމަށް ދަޢުވަތުދޭށެވެ! އެ މީހުން ތިބާގެ ދަޢުވަތު ޤަބޫލުކޮށްފި ނަމަ، މުހާޖިރުންނާ އެއް ޙައްޤުތަކެއް އެ މީހުންނަށް ވެސް ލިބޭނެ ކަމަށާއި، އަދި މުހާޖިރުންނާ އެއް މަސްއޫލިއްޔަތުތަކެއް އެ މީހުންގެ މައްޗަށް ވެސް ވާނެ ކަމަށް އެ މީހުން ކައިރީގައި ބުނާށެވެ.އެ މީހުން މުސްލިމުންނަށް ވެ އެ މީހުންގެ އަމިއްލަ ޤައުމުގައި އުޅެން ބޭނުންވެއްޖެ ނަމަ، އެ މީހުން ވާނީ ޢަރަބި ބަދަވީ މުސްލިމުން ފަދައިން ކަމަށާއި، އެ މީހުންގެ މައްޗަށް ހިންގޭ އިލާހީ ޤާނޫނުތައް، އެ މީހުންގެ މައްޗަށް ވެސް ހިނގާނެ ކަމަށް އެ މީހުން ކައިރީގައި ވިދާޅުވާށެވެ؛ ހަނގުރާމައިގެ ޣަނީމާ އިން އެއްވެސް އެއްޗެއް ނުލިބޭނެ އެވެ. ޣަނީމާ މުދާ ލިބޭނީ ހަމައެކަނި މުސްލިމުންނާ އެކު ހަނގުރާމަކުރާ މީހުންނަށެވެ.
އެބައި މީހުން އިސްލާމް ދީން ޤަބޫލުނުކޮށްފި ނަމަ، ޖިޒްޔަ ދިނުމަށް ދަޢުވަތު ދެއްވާށެވެ! އެކަން ޤަބޫލުކުރާ އެއްވެސް މީހަކަށް އަނިޔާނުދޭށެވެ! އަދި ހަމައެއާއެކު ޖިޒްޔާ ދައްކަން ދެކޮޅުހަދާނަމަ، الله تعالى ގެ މަދަދާ އެކު އެ މީހުންނާ ހަނގުރާމަކުރާށެވެ"!
މި އިރުޝާދަށް ފަހު، އެކަލޭގެފާނު މުޖާހިދުންނާ އަލްވަދާޢު ކުރެއްވި އެވެ. އިސްލާމީ ލަޝްކަރު ހަނގުރާމައަށް ނުކުތީ تكبيرގެ އަޑާ އެކުގައެވެ. ނުގޮސް މަޑުކުރި ބޭކަލުން، ހަނގުރާމަ އަށް ނުކުންނެވި ބޭކަލުންނަށް އަތުން ހަނާއަޅުއްވަމުން ގެންދެވި އިރު، ދުޢާކުރައްމުން ގެންދެވީ، "الله تعالى ތިޔަ ބޭކަލުން ހުރިހާ ވައްތަރެއްގެ ނުރައްކަލުން ސަލާމަތްކުރައްވައި، ރައްކާތެރިކަމާއި، ގަދަވެ ސަލާމަތުން ތިބުމާ އެކު އަނބުރާ ގެނެސްދެއްވާދޭވެ..." އެ ބޭކަލުން އުދަރެހުން ގެއްލެންދެން، މަދިނާގައި ތިއްބެވި ބޭފުޅުން އެ މަންޒަރު ބައްލަވަމުން ގެންދެވީ ކަރުނައިން ތަތްތެޅިފައިވާ ލޮލުންނެވެ...
زيد بن حارثة ގެ އަތްޕުޅުގައިވާ މުޤައްދަސް ދިދަ ދިޔައީ ވިހުރެމުންނެވެ؛ މުޖާހިދުން ދަތުރުކުރައްވަމުން ގެންދެވީ، الله تعالى ގެ ދީނަށް ޚިދުމަތްކުރުމަށް ޓަކައި، އެހާތަނަށް އެނގިފައިނުވާ އަދި ދިގު މަގެކެވެ. އިސްލާމީ ލަޝްކަރު އަވަސް ބާރުމިނެއް ގައި ދިޔައީ ސީރިޔާ އާ ދިމާލަށެވެ. އެ ދަތުރުގައި މައްސަލަތަކެއް ނުޖެހި އުފާވެރި އެވެ. މުޖާހިދުން ގެންދެވީ ޢަދުއްވުންނާ ވީހާ ވެސް އަވަހަކަށް ކުރިމަތިލުމަށް ބައްލަވަމުންނެވެ. ޝަހީދެއްގެ ދަރަޖަ ލިބުމަށް އެންމެ ބޮޑަށް ބޭނުންވެފައިވީ އެއް ބޭކަލަކީ، عبدالله بن رواحة (رضي الله عنه) އެވެ. زيد بن أرقم ރިވާކުރައްވާފައި ވެއެވެ.:
"އަހަންނަކީ ޔަތީމު ކުއްޖަކީމެވެ. އަދި ބޮޑުވީ عبدالله بن رواحة ގެ ބެލުމުގެ ދަށުންނެވެ. އޭނާ މުއުތާ ހަނގުރާމަ އަށް ވަޑައިގެންނެވި އިރު، އެކަލޭގެފާނުގެ ޖަމަލުގެ ބުރަކަށީ ގައި އަޅުގަނޑު ބެހެއްޓެވި އެވެ. އަހަރެމެންނަށް ރޭވެގެން އިރުގަނޑެއް ވުމުން އޭނާ މި ޅެންބައިތުތައް ކިޔުއްވި އެވެ.:
އޭ އަހަރެންގެ ޖަމަލާއޭ! ތިބާ އަށް އަހަރެން ވެލިގަނޑަށް، ވަޅާ ހަމަޔަށް އުފުލޭނެ ނަމަ،
އަދި އިތުރު ހަތަރު ދުވަހުގެ ރާސްތާއަކަށް އެ ތަނުން.
ދަތުރުތަކަށް އިތުރަށް ތިބާ ނުގެންނާނެ ކަމަށް އަހަރެން ވަޢުދުވަމޭ.
އަވަހަށް، ތިމާގެ މާލިކެއް ނުހުންނާނޭ.
އަހަރެންގެ ގެއަށް އަހަރެން އެނބުރި ނުގޮސްދާނޭ،
މި ހަނގުރާމައިގައި އަހަރެން ޝަހީދަކަށް ވާނެ ކަމަށް އަހަރެން އުއްމީދުކުރަމޭ.
އޭ ރަވާޙާގެ ދަރިކަލުންނޭ، އެންމެ ފަހުން މަޑުކުރާ ތަނުގައި ކާފަރުން،
ބާރަށް އަހަރެން ފަސްދީ ހިނގައްޖޭ، ތިބާގެ އެންމެ ތިމާގެ މީހުން ވެސްމެއޭ.
އަޚުވަންތަކަމުގެ ގުޅުން ކެނޑުމަށް ފަހުގައޭ، އެ މީހުން ފަސްދީ ދިޔައީ،
އެބައި މީހުން ތިބާ ދޫކޮށް ދިޔައީ حقّ تعالى ގެ ޙަޟްރަތަށޭ އަދި އިސްވެ ގޮސްފިއޭ.
އަހަރެންގެ ދުނިޔަވީ މުދާތަކާ މެދު އަހަރެން ނުވިސްނަމޭ،
ގަސްތަކަށް ނުވަތަ ކަދުރުތަކަށް އަހަރެން އިތުރަކަށް އަޅާނުލަމޭ.
މި ވާހަކަތައް އަޑުއިވުމުން އަހަންނަށް ކަރުނައަޅާ ރޮވުނެވެ. عبدالله بن رواحة، އޭނާގެ ދުއްރައިން އަހަރެންގެ ގައިގައި ޖައްސާލުމަށް ފަހު ވިދާޅުވި އެވެ. 'އޭ ނުލަފާ މީހާ އެވެ! ތިބާ އަށް އެއީ ކޯއްޗެއް ހެއްޔެވެ؟ ތިމާ އަށް އެއިން ދެނީ ކޮން އަނިޔާއެއް ހެއްޔެވެ؟ އަހަންނަށް ޝަހީދެއްގެ ދަރަޖަ ދެއްވައިފި ނަމަ، ތިބާ ޖަނަވާރު މައްޗަށް އެނބުރި އަރައި، ތިބާގެ މަންޒިލަށް ވާޞިލުވާނެ އެވެ. އަހަންނަށް ބަލާ ނަމަ، އަހަރެން ދުނިޔޭގެ ހުރިހާ ދަތިތަކުންނާއި، ހިތާމަތަކުން މިންޖުވެ ޞުލްޙަވެރިކަން ލިބޭނެ އެވެ'. އޭނާ ފައިބާވަޑައިގެން، ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. އޭނާ، މާތް ﷲ އަށް ދިގު ދުޢާއެއް ކުރުމަށް ފަހު، އަހަންނަށް ގޮވާލި އެވެ. 'އޭ ދަރިކފުޅާއެވެ! އަހަރެން 'އާނއެކޭ' ދެންނެވުމުން އޭނާ ބުންޏެވެ. "ﷲ ގެ އިރާދަފުޅާ އެކު މި ޣަޒްވާ ގައި އަހަންނަށް ޝަހީދެއްގެ ދަރަޖަ ދެއްވާނެ އެވެ.
"ތިމަންކަލޭގެފާނު އަބަދު ވެސް الله تعالى ހަނދުމަކުރަމެވެ. އެހެނީ، الله تعالى ހަނދުމަކުރުމުން، ތިބާ އުއްމީދުކުރާ ކަންތައް ޙާޞިލުކުރުމަށް އެހީތެރިވެދޭނެ އެވެ".
حديث الشريف
ހިތްވަރުގަދަ ޞަޙާބީން ސީރިޔާ އާ ކައިވަމުން ދިޔަ އިރު، އިސްލާމީ ލަޝްކަރު އަންނަ ޚަބަރު ދިމިޝްޤުގެ ގަވަރނަރ شرحبيل بن عمرُو އަށް އޮތީ އޭރު ލިބިފައެވެ. އޭނާ ވަގުތުން ބީޒަންޓައިން އެމްޕެރަރ ހާރކްލިޔަސް އަށް ރިޕޯޓްކޮށް، ބޮޑު އެހީތެރިކަމެއް ލިބުމުން ހުރީ ހިތްހަމަޖެހިފައެވެ. އެހެނީ، އޭނާ އަށް ލިބިފައިވާ ޖާސޫސީ މަޢުލޫމާތުތަކަށް ބަލާ އިރު، މުސްލިމު ލަޝްކަރުގެ ޢަދަދަކީ ތިން ހާހާއި ފަސް ހާހާ ދެމެދުގެ ޢަދަދެކެވެ. އަނެއްކޮޅުން، އޭނާގެ ލަޝްކަރުގެ ޢަދަދު އެއް ލައްކަ އަށް ވުރެ ގިނަ އެވެ. ހަތިޔާރަށް ބަލާ އިރު، އެ މީހުންގެ ހަތިޔާރުގެ ޢަދަދު ގުނޭ ވަރަށް ވުރެ ގިނަ އެވެ.
އަޞްޙާބު ބޭކަލުންނަށް، ދިމިޝްޤުގެ ހިސާބެއް ކަމުގައިވާ މަޢާން ނަމަކަށް ކިޔާ ސަރަޙައްދަކަށް ދެވުމުން، އޭ ބޭކަލުންނަށް އެނގިގެންދިޔައީ، އެއް ލައްކަ އަށް ވުރެ ގިނަ ސިފައިންނާ އެކު ރޯމަނުން އިރުމަތީ ރޯމަނުން އެ ބޭކަލުންނާ ދިމާލަށް މާޗްކުރަމުން އަންނަ ކަމެވެ. އެ ބޭކަލުން އެތާނގައި ފޭލިހެޖަހައިގެން ދެ ރޭ ވަންދެން އެ ތާނގައި މަޑުކުރެއްވި އެވެ. ކޮމާންޑަރ زيد بن حارثة، އޭނާގެ އެކުވެރިން ޖަމާކުރައްވައި، ވެގެން އުޅޭ ގޮތް އެ ބޭކަލުންނަށް ކިޔައިދެއްވައިފި އެވެ. ރޯމަނުންގެ ލަޝްކަރާ ދެކޮޅަށް ހަދަންވީ ގޮތަކާ މެދު އެ ބޭކަލުންގެ ރައުޔަކީ ކޮބައިތޯ އެއްސެވި އެވެ. ބައެއް ޞަޙާބީން ވިދާޅުވި އެވެ. "ރޯމަނުންގެ ލަޝްކަރާ ކުރިމަތިނުލައި، އެ މީހުންގެ ޤައުމަށް ކުއްލި ޙަމަލާއެއް ދީ، އެ މީހުންގެ މީހުން އަސީރުކޮށްގެން އެނބުރި މަދީނާ އަށް ދަމާހިނގާށެވެ". ބައެއް އެހެން ޞަޙާބީން ވިދާޅުވި އެވެ. "ޢަދުއްވުންގެ ޢަދަދު އެކަލޭގެފާނަށް ޚަބަރުކޮށް، އަހަރެމެންނާ ގުޅެން އިތުރު ސިފައިން އަވަހަށް ފޮނުއްވައި، ނުވަތަ އަހަރެމެން ކަންކުރަންވީ ގޮތް އަންގަވައި ދެއްވުމަށް އެދި رَسُوْلُ اللهِ ﷺ އަށް ސިޓީއެއް ލިޔަމާ ހިންގާށެވެ". ދެވަނަ އަށް ލިބުނު ރައުޔު އެންމެ ރަނގަޅު ކަމަށް ނިންމުމުގެ ކުރިން عبدالله بن رواحة (رضي الله عنه) ވިދާޅުވި އެވެ.:
އޭ އަހަރެން މީސްތަކުންނޭވެ! ތިބާމެން ޖެހިލުންވުމުގެ ސަބަބަކީ ކޮބައި ހޭ؟
އަހަރެމެން ހަނގުރާމަ ކުރުމަށް މިއައީ ޝަހީދުވުމުގެ ނިޔަތުގައި ނޫން ހޭ؟
އަހަރެމެން ކާފަރުންނާ ދެކޮޅަށް އަދި ހަނގުރާމއެއް ނުކުރަމޭ،
އެއީ އަހަރެމެންގެ ޢަދަދު ގިނަވުމުންނޭ.
އަހަރެމެން ހަނގުރާމަކުރީ މި ދީނުގެ ބާރުންނޭ،
الله تعالى ދެއްވުމުން، އަހަރެމެން މީ ސިންގާއެއް ފަދައިންނޭ.
ގޮސް ހަނގުރާމަކުރާށޭ، ހަމަޔަޤީނުން ވެސް، މީގައި ރަނގަޅުކަން އެބަވެއޭ،
މިކަން ނިމުމުން ނަޞްރުލިބުން ނުވަތަ ޝަހީދުވުމޭ.
މާތް ﷲ ގަންދީ ހުވާކުރަމޭ، ބަދުރުގެ ދުވަހު އަހަރެމެން އަތުގައި އޮތީ ދެ އަހޭ،
أُحدގައި އަހަރެމެން އަތުގައި އޮތީ އަހަކާއި، މަދު ހަތިޔާރޭ.
އަހަރެމެންގެ ޤަޟާޤަދަރު ގައި މި ހަނގުރާމައިގައި ނަޞްރު ލިބެން އޮތް ނަމަ،
މިހާރު ވެސް މާތް ﷲ އާއި އެކަލާނގެ ރަސޫލާ ވަނީ ވަޢުދުކުރައްވާފައޭ.
ޙައްޤު ތަޢާލާ އެކަލާނގެ ވަޢުދާ ޚިލާފުވެވޮޑިނުގަންނަވައޭ،
ވީމާ، ކުރިޔަށް މާޗްކޮށް ދާށޭ، މުއުމިނުންނޭ!
އަހަރެމެންގެ ޤަޟާޤަދަރުގައި ޝަހީދުވުން އޮތް ނަމަ،
ސުވަރުގޭގައިވާ އަހަރެމެންގެ އަޚުންނާ އެކު އަހަރެމެން އެއްބައިވާނަމޭ.
މުއުތާ ހަނގުރާމަ
عبدالله بن رواحة (رضي الله عنه) ގެ މި ބަސްފުޅުތަކުން މުޖާހިދުންނަށް ހިތްވަރު ލިބިގެންދިޔަ އެވެ. އެ ބޭކަލުން ވިދާޅުވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ރަވާޙާ ގެ ދަރިކަލުން އެ ވިދާޅުވަނީ ތެދެކެވެ".
"އޭ އަހަރެން މީސްތަކުންނޭވެ! ތިބާމެން ޖެހިލުންވުމުގެ ސަބަބަކީ ކޮބައި ހޭ؟ އަހަރެމެން ހަނގުރާމަ ކުރުމަށް މިއައީ ޝަހީދުވުމުގެ ނިޔަތުގައި ނޫން ހޭ؟".
ޢަބްދުﷲ ބިން ރަވާޙާ (رضي الله عنه)
މިހާރު، ކަންކުރަންވީ ގޮތް ވަނީ ނިންމާފައެވެ. އެ ބޭކަލުން ޝަހީދު ވަންދެން ހަނގުރާމަ ކުރައްވާނެ އެވެ. މަތިވެރި ޞަޙާބީން މުއުތާ ނަމަކަށް ކިޔޭ އަވަށަކަށް ވަޑައިގެންނެވިތަނާ، އެ ބޭކަލުންނާ ކުރިމަތިލީ ރޯމަނުންގެ އެއް ލައްކަ ސިފައިންނާ އެވެ. ފަރުބަދަތަކާއި، ވާދީތައް ވަނީ ޢަދުއްވުންގެ ސިފައިންތަން ފުރިފައެވެ. އެއް ފަރާތުގައި ތިބީ، الله تعالى ގެ ދީން ފެތުރުއްވުމަށް ޓަކައި މަދީނާ އިން ދިމިޝްޤަށް އައިސް ތިބި ތިން ހާސް ސިފައިންގެ އިސްލާމީ ލަޝްކަރެވެ؛ އަނެއް ފަރާތުގައި ތިބީ، އިސްލާމް ދީން ނައްތާލުމަށް ޓަކައި އެއްވެ ތިބި އެއް ލައްކަ ސިފައިންގެ ކާފަރުންގެ ބައިގަނޑެކެވެ. ފެންނަ ފެނުމުގައި، ބާރުގެ ތިލަފަތުގެ ތަފާތު ވަރަށް ބޮޑެވެ. އެންމެ މުސްލިމަކު، ރޯމަނުންގެ ތިރީސް މީހުންނާ ހަނގުރާމަކުރަން ޖެހެއެވެ.
ދެ ފަރާތުން ހަނގުރާމަ އަށް ސަފު އަތުރާލައިފި އެވެ. އެ ވަގުތު، رَسُوْلُ اللهِ ﷺ ގެ އެންގެވުމުގެ މަތިން ރޯމަނުން ފޭލިގެ ޖަހައިގެން ތިބި ދިމާލަށް އިސްލާމީ ލަޝްކަރުގެ ފަރާތުން ކޮމެޓީއެއް ގޮސްފި އެވެ. އެ ބޭކަލުން ރޯމަނުންގެ ލަޝްކަރަށް ހުށަހެޅުއްވީ، އިސްލާމް ދީން ޤަބޫލުކުރުމަށް ނުވަތަ ޖިޒްޔަ ދިނުމަށެވެ. އެކަމަކު، އެ މީހުން އެ ދަޢުވަތު ޤަބޫލެއް ނުކުރި އެވެ. ވަގުތު ބޭކާރުކުރަން އިތުރު ވަގުތެއް ނެތެވެ. ކޮމާންޑަރ زيد بن ثابت (رضي الله عنه) އިސްލާމް ދީނުގެ މުޤައްދަސް ދިދަ ހިއްޕަވައިގެން ހުންނަވައި، އޭނާގެ ލަޝްކަރަށް އެންގެވީ ޙަމަލާ ދިނުމަށެވެ. އެ ވަގުތަށް ބަލަބަލާ ތިއްބެވި މުޖާހިދުން، ތީރުތަކެއް ފަދައިން "الله أكبر" ގެ އަޑާ އެކު ކުރިޔަށް ޖެހިލައްވައިފިއެވެ. އެ ބޭކަލުންގެ ކަނޑިތައް ވިދުވަރެއްހާ އަވަހަށް ނަންގަވައި، ޠޫފާނެއް ފަދައިން ޢަދުއްވުންގެ މެދަށް ދެމިގެންފި އެވެ. އަސްތަކުގެ ކެކުރުމާއި، ކަނޑިތައް ކޭއްތޭ އަޑާއި، تكبيرގެ އަޑާއި، ޒަޚަމްވެފައިވާ މީހުންގެ ރުއިމުން މުޅި ޖައްވު އޮތީ ގުގުމާފައެވެ. އަދި ހަނގުރާމައިގެ އެންމެ ކުރީކޮޅުހަނގުރާމަ ވެގެންދިޔައީ، ލޭގެ ކޯރަކަށެވެ. މަތިވެރި ޞަޙާބީން ކަނޑިޖަހާ ކޮންމެ ފަހަރަކު، އެހެންޏާ ބޮލެއް ނުވަތަ އަތެއް ބުރިވެގެން ވެއްޓެއެވެ.
رَسُوْلُ اللهِ ﷺ ގެ ހުދު ދިދަ ހިއްޕަވައިގެން ހުންނަވައި، ޢަދުއްވުންގެ މެދުތެރޭގައި ހުންނަވައިގެން، "الله, الله" ކިޔުއްވަމުން زيدގެފާނު ހަނގުރާމަކުރައްވަމުން ގެންދަވައެވެ. އެކަލޭގެފާނުގެ ކަނޑި ހޫރާލެއްވުމުން ޢަދުއްވުން ފަހަތަށް ޖެހި އެކަލޭގެފާނާ ކުރިމަތިލާން ޖެހޭތީ ހިތާމަކުރެތެވެ. މަތިވެރި ޞަޙާބީންނަށް، އެ ބޭކަލުންގެ ކޮމާންޑަރުގެ ހިތްވަރުގަދަ ހަނގުރާމަ ކުރެއްވުން ފެނުމުން ހަމަ އެގޮތަށް ޙަމަލާދެއްވަމުން ގެންދެވި އެވެ. ކޮންމެ ޞަޙާބީއަކު ވެސް އުޅުއްވީ ޢަދުއްވުންގެ ތިރީސް ސިފައިންނާ ހަނގުރާމަ ކުރުމަށެވެ. ވަކި ހިސާބަކުން، زيد ގެފާނުގެ މޭފުޅަށް އެތަކެއް ލޮންސި ހެރުނު ތަން ފެނިގެންދިޔަ އެވެ. އެހެން ލޮންސިތައް އެ ބޭކަލުންނާ ދިމާލަށް ފޮނުވުނެވެ. މަތިވެރިވެގެންވާ މި ޞަޙާބީގެ ހަށިކޮޅު ވަނީ ލޮންސި ހެރުނު ލޯވަޅުތަކުން ފުރިފައެވެ. زيد بن حارثة (رضي الله عنه) ހޫނު ބިންމައްޗަށް ވެއްޓި، އޭނާ އެދިއެދި ހުރި ގޮތަށް ޝަހީދުވެގެން ދިޔައެވެ.
زيد بن حارثة (رضي الله عنه) އަށް ވާނުވާ ބައްލަވަން ހުންނެވި حعفر بن أبي طالب ވަގުތުން ދިދަ އަތުލެއްވި އެވެ. އިސްލާމީ ދިދަ ވިހުރުވޭ ތަން މުޖާހިދުންނަށް ފެނި، އާ ހިތްވަރަކާ އެކު ހަނގުރާމަ ކުރިޔަށް ގެންދެވި އެވެ. ޖަޢުފަރުގެފާނު ވެސް ހަނގުރާމަ ކުރައްވަމުން ގެންދެވީ، زيد بن حارثة (رضي الله عنه) ފަދައިން ހިތްވަރުގަދަކަމާ އެކުގައެވެ. އޭނާ ހަނގުރާމަ ކުރައްވަމުން ގެންދެވި އިރު، އޭނާގެ އެކުވެރިންނަށް ވެސް ހތްވަރުދެއްވަމުން ގެންދެވި އެވެ. ހިތްވަރުގަދަކަމާ އެކު ހަނގުރާމަކުރައްވަމުން ގެންދެވި އާ ކޮމާންޑަރ އޭނާގެ ކަނޑި އަވަސް އަދި ހަލުވި ޙަރަކާތްތަކެއް ގައި ހޫރުއްވަމުން ގެންދެވީ ޢަދުއްވުންނަށް ހިންދެމިލާނެ ވަގުތެއް ނުދެއްވައެވެ. އޭނާ ގަދަޔަށް ހަނގުރާމަކުރައްވަމުން ގެންދެވި އިރު، އެހެން އެއްވެސް މީހަކު ނުދާހާ ދުރަށް ޖަޢުފަރުގެފާނު ކުރިޔަށް ޖެހިލައްވައިފި އެވެ. އޭނާ އެކަނި ހަނގުރާމަކުރައްވަމުން ގެންދެވީ ރޯމަނުންގެ ތެރޭގައި ހުންނަވައިގެން، ދިމާވާ ކޮންމެ ރޯމަނެއްގެ ގައިގައި އޭނާގެ ކަނޑިން ޖައްސަވަމުންނެވެ. ދާދި އަވަހަށް އޭނާ އަށް ރޭކާލީ ދެން އެނބުރި ދެވޭނެ ގޮތެއް ނެތް ކަމެވެ. ހިތްވަރުގަދަ ކޮމާންޑަރ ވިދާޅުވި އެވެ. "އަހަރެންގެ ވާޖިބަކީ، ކޮންމެ ކާފަރެއްގެ ގައިގައު އަހަރެންގެ ކަނޑިން ޖެހުމެވެ". އޭނާގެ ބާރު އާކުރައްވަމުން ގެންދެވީ "الله أكبر! الله أكبر"! މި ބަރަކާތްތެރި ބަސް ފުޅުތައް ކިޔަމުންނެވެ. އޭނާގެ ކޮންމެ ކަނޑީގެ ޙަމަލާ އަކާ އެކު، އޭނާ ގެންދެވީ ޢަދުއްވުން ނައްތާލައްވަމުން، އެއްވެސް މީހަކަށް އޭނާ އާ ކައިރިވިޔަ ނުދެއްވަމުންނެވެ. އޭނާ ގެންދެވީ الله تعالى ގެ މަތިވެރި އިސްމުފުޅު ތަކުރާރުކޮށް ވިދާޅުވަމުން ނިމުމެއް ނެތް ބާރަކުން ހަނގުރާމަކުރައްވަމުންނެވެ. އެންމެ ފަހުން، ޢަދުއްވުންގެ ސިފައިންގެ މީހަކު ކުއްލިއަކަށް ޖަޢުފަރުގެފާނުގެ ކަނާތަށް އޭނާގެ ކަނޑިން ޙަމަލަދީފި އެވެ. އެއާއެކު، އޭނާގެ ކަނާތް ބުރިވެއްޖެ އެވެ. ޖަޢުފަރުގެފާނު އޭނާގެ ވާތުން އިސްލާމީ ލަޝްކަރުގެ މުޤައްދަސް ދިދަ ވެއްޓުމުގެ ކުރިން ނެންގެވި އެވެ. އޭނާ ދިދަ ނަންގަވައި އަނެއްކާ ވެސް ދިދަ ހޫރާލާއިފި އެވެ. ދެން އެހެން ކަނޑީގެ ޙަމަލާއެއް އަރައިފި އެވެ. އޭނާގެ ވާތް ވެސް ކަނޑާލައިފި އެވެ. މި ވަގުތު އޭނާ މަސައްކަތްކުރީ، ދިދަ އޭނާގެ މެޔާއި ކެނޑިފައިވާ އަތާ ދެމެދުގައި ބާއްވައިގެން ދިދަ އުފުއްލެވުމަށެވެ. އެހެން ނަމަވެސް، ޢަދުއްވުންގެ ކަނޑިތަކުގެ ޙަމަލާތައް ގިނަވެގެން ގޮސް، އޭނާ އެދިއެދި ހުރި ގޮތަށް ޝަހީދުވެއްޖެ އެވެ. އޭނާގެ ބަރަކާތްތެރިވެގެންވާ ފުރާނަ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އުދުހިގެންދިޔަ އެވެ. އޭނާގެ ހަށިގަނޑު ގައި ނުވަދިހަ އަށް ވުރެ ގިނަ ކަނޑި އާއި ލޮންސީގެ ޙަމަލާ އަރާފައި ވެއެވެ.3
އިސްލާމީ ލަޝްކަރުގެ ކޮމާންޑަރ ޝަހީދުވި ތަން ފެނުމުން މުޖާހިދުން ބިންމައްޗަށް ވެއްޓިފައިވާ އިސްލާމީ ދިދަ ނަންގަވައި، عبدالله بن رواحة (رضي الله عنه) އާ ޙަވާލުކޮށްފި އެވެ. އޭނާ ވެސް، އޭނާގެ އަސް މަތީ ގައި އިންނަވާ އިސްލާމީ ދިދަ ހޫރުއްވަމުން ޢަދުއްވުންނަށް ވަރުގަދަ ޙަމަލާ ދެއްވި އެވެ. އެއް ކޮޅުން، އޭނާ އަށް ދިމާލަށް އައި ޢަދުއްވުން އޭނާ ގެންދެވީ ބަލިކުރައްވަމުންނެވެ. އަނެއް ކޮޅުން، އޭނާ ވިދާޅުވަމުން ގެންދެވި އެވެ.:
އޭ އަހަރެންގެ ނަފްސާއޭ، ޔަޤީނުންވެސް ކަލޭ އަހަންނަށް ކިޔަމަންވާނެ އޭ،
އަހަރެން ހުވާކޮށްގެން މިހިރީ މި ހަނގުރާމައިގައި އަހަރެން ޝަހީދަކަށް ވުމަށޭ.
އެހެންޏާ، ތިބާ އެކަން އުފަލުން ޤަބޫލުކުރުމޭ،
ނުވަތަ އަހަރެން ތިބާ އެކަން ކުރުމަށް މަޖްބޫރުކުރުމޭ.
މި ހަނގުރާމައިގައި ތިބާ މަރުވާނަމަ ބުނާށޭ،
ތިބާ ދެކޭގޮތުގައި ތިބާ އެއްގޮތަކަށް ވެސް މަރުވާނީނީ ހޭ؟
ރަނގަޅުވާނީ ތިބާ ކޮން ކަމެއް ކޮންގެން ތޯ ދަންނާށޭ،
جعفر بن أبي طالب އާއި زيد بن ثابت އެކަން ކޮށްފިއޭ.
އެ ބޭކަލުން ޝަހީދުވެއްޖެއޭ، އޭ އަހަރެންގެ ނަފްސާއޭ، ފަހަތަށް ނުޖެހޭށޭ،
އެހެންނޫންނަމަ، ތިބާ ދެރަވާނޭ، ގޮސް ޙަމަލާދޭށޭ!
عبدالله ގެފާނު ގެންދެވީ "الله أكبر" ކިޔުއްވަމުން ޢަދުއްވުންނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރައްވަމުންނެވެ. މިހެން އުޅުއްވަނިކޮށް، އެއް ވަގުރެއް ގައި އޭނާގެ އިނގިއްޔަކަށް ކަނޑީގެ ޙަމަލާއެއް އަރައި، ކެނޑުނު އިނގިލި އޮތީ، އެލިފައެވެ. الله تعالى އާއި އެކަލާނގެ ރަސޫލާ އަށް ވާ ލޯބިން އަނދަމުންދިޔަ ބަރަކާތްތެރި ކޮމާންޑަރ ވަގުތުން އޭނާގެ އަހުން ފުންމާލެއްވި އެވެ. ހަނގުރާމަކުރުމަށް ހުރަހަކަށް ވި އޭނާގެ ކެނޑިފައިވާ އިނގިލި އޭނާ ލެއްވީ އޭނާގެ ފައިގެ ދަށުގައެވެ. އަދި ވިދާޅުވި އެވެ. "ތިއީ ހަމައެކަނި ޒަޚަމްވެފައިވާ އިނގިއްޔެއް ނޫން ހެއްޔެވެ؟ ތި ޙާދިސާ ތިބާ އަށް ތި ދިމާވީ الله تعالى ގެ މަގުގައެވެ". މިހެން ވިދާޅުވެ އެ އިނގިލި އުފުރާލައްވައިފި އެވެ. އެއަށް ފަހު، އޭނާގެ އަހަށް ފުންމައިގެން ސަވާރުވެ އޭނާގެ ހުރި ހުރިހާ ބާރަކާ އެކު ހަނގުރާމަކުރައްވަން ފަށްޓަވައިފި އެވެ. އެހެން ނަމަވެސް، އޭނާގެ ހުރިހާ މަސައްކަތާ އެކު ވެސް ޝަހީދަކަށް ނުވެވުމުން އެކަމާ އޭނާ ކަންބޮޑުވެއްޖެ އެވެ... އޭނާ ޢަދުއްވުންނަށް ތަކުރާރުކޮށް ޙަމަލާދެއްވަމުން ގެންދެވި އެވެ. އެންމެ ފަހުން، އެރި ލޮންސި ޙަމަލާއެއް ގައި އޭނާ ބިންމައްޗަށް ވެއްޓިއްޖެ އެވ. އެކަލާނގެ ރަސޫލާ رَسُوْلُ اللهِ ﷺ މަގުގައި ހަނގުރާމަކުރައްވަމުން ގެންދަވަނިކޮށް އޭނާ ޝަހީދުވެ، ބަރަކާތްތެރިވެގެންވާ ފުރާނަ ސުވަރުގެއަށް އުދުހިގެން ގޮސްފި އެވެ.
އެ ވަގުތު، އަބްދުﷲ ގެފާނާ އެކު ހނަގުރާމަކުރައްވަމުން ގެންދެވި أبو اليُسر كعب بن عُمير، ދިދަ އުފިއްލެވުމަށް މަސައްކަތް ކުރެއްވި އެވެ. އޭނާގެ ވަށައިގެން ބައްލަވަމުން ގެންދެވީ، އޭނާ އަށް ވުރެ ދޮށީ އަދި ތަޞައްރަފު ފުދިފައިވާ ބޭކަލަކު ޞަޙާބީންގެ ތެރެއިން ފެނޭތޯ އެވެ. އޭނާ އަށް ثابت بن أكرم ފެނިލެއްވުމުން، އޭނާގެ އަތަށް އިސްލާމީ ދިދަ ދެއްވައިފި އެވެ. ޘާބިތުގެފާނު ދިދަ މުޖާހިދުންގެ ކުރިމަތީގައި ޖެއްސެމުށް ފަހު ވިދާޅުވި އެވެ. "އޭ އަހަރެންގެ އަޚުންނޭވެ! އަވަސްކުރާށެވެ. ތިޔަބައި މީހުންގެ ތެރެއިން ކޮމާންޑަރެއް އިޚްތިޔާރުކުރުމަށް ފަހު، އެ ބޭކަލަކަށް ބޯލަނބާށެވެ". އޭނާ ޖަވާބު ދެއްވި އެވެ. އެބައި މީހުން ޖަވާބު ދެއްވި އެވެ. "އަޅުގަނޑުމެން އިޚްތިޔާރުކުރަނީ، ތިބާއެވެ". އެހެން ނަމަވެސް ޘާބިތުގެފާނު އެކަން ޤަބޫލެއް ނުކުރެއްވި އެވެ. އޭނާގެ ނަޒަރު ހުއްޓުނީ خالد بن وليد ގެ މައްޗަށެވެ. އަދި ދެންނެވި އެވެ، "އަބޫ ސުލައިމާން! މި ދިދަ ނަންގަވާށެވެ"! خالدގެފާނު އިސްލާމްވީ ވަރަށް ފަހުންނެވެ. އޭނާގެ ވަރަޢަވެރިކަމުން ގޮސް މުޤައްދަސް ދިދަ ނަންގަވާކަށް ބޭނުމެއް ނުވިއެވެ. އަދި حديث ކުރެއްވި އެވެ. "ތިބާ އަތުން ތި ދިދަ އަޅުގަނޑަކަށް ނުނެގޭނެ އެވެ. އަހަންނަށް ވުރެ ބޮޑަށް ތިކަން ޙައްޤުވަނީ ތިބާ އެވެ. އެހެނީ ތިބާ ދޮށިވެފައި، ބަދުރު ހަނގުރާމައިގައި رَسُوْلُ اللهِ ﷺ އާ އެކީ ގައި ހަނގުރާމަކުރުމުގެ ޝަރަފު ލިބިފައެވެ".
"އޭ ޚާލިދެވެ! رسول الله ﷺ ގެ މުޤައްދަސް ދިދަ އަވަހަށް ނަންގަވާށެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން އެ ދިދަ ނެގީ ތިބާ އަށް ދިނުމަށެވެ. އަހަންނަށް ވުރެ ބޮޑަށް ހަނގުރާމައިގެ ވައްޓަފާޅި ތިބާ އަށް އެނގޭނެ އެވެ".
ޘާބިތު ބިން އަކްރަމް (رضي الله عنه)
އެކަމަކު ވަގުތަކީ އަގުހުރި އެއްޗެކެވެ. އެ ބޭކަލުންގެ ވަށައިގެން ތިއްބެވި އަޞްޙާބު ބޭކަލުން ގެންދެވީ ޢަދުއްވުންނާ ދެކޮޅަށް ވަރުގަދަ އަށް ހަނގުރާމަކުރައްވަމުން އެއް ލައްކަ ސިފައިން ފަހަތަށް ޖައްސާލުމަށް މަސައްކަތްކުރައްވަމުންނެވެ. ޘާބިތުގެފާނު، އޭނާގެ ބަސްފުޅު ތަކުރާރުކުރައްވައިފި އެވެ. "އޭ ޚާލިދެވެ! رَسُوْلُ اللهِ ﷺ ގެ މުޤައްދަސް ދިދަ އަވަހަށް ނަންގަވާށެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން އެ ދިދަ ނެގީ ތިބާ އަށް ދިނުމަށެވެ. އަހަންނަށް ވުރެ ބޮޑަށް ހަނގުރާމައިގެ ވައްޓަފާޅި ތިބާ އަށް އެނގޭނެ އެވެ". އަދި އޭނާގެ ވަށައިގެން ތިއްބެވި މުޖާހިދުންނާ ސުވާލުކުރެއްވި އެވެ. "އޭ އަހަރެންގެ އަޚުންނޭވެ! خالد ކޮމާންޑަރަކަށް ހެދުމާ މެދު ދެކެނީ ކިހިނެއް ތޯ އެވެ؟". އެ ބޭކަލުން އެންމެން އިއްތިފާޤުން ވިދާޅުވި އެވެ. "އަހަރެމެން އެކަލޭގެފާނު އަހަރެމެންގެ ކޮމާންޑަރަކަށް ހަދައިފީމު އެވެ".
އެއާއެކު، رَسُوْلُ اللهِ ﷺ އެ ދިދަޔަކަށް ބޮސްދެއްވާފައިވާ ދިދަ ވަރަށް އަދަބު އިޙްތިރާމާ އެކު خالدގެފާނު ނަންގަވައިފި އެވެ. އޭނާފުންމައިގެން އޭނާގެ އަހަށް ސަވާރުވެ އޭނާގެ ހުރި ހުރިހާ ބާރަކާ އެކު ޙަމަލާދެއްވައިފި އެވެ.4
ހިތްވަރުގަދަ ޞަޙާބީން، އާ ކޮމާންޑަރަށް ތަބާވުމުގެ ގޮތުން އަނެއްކާ ވެސް ޙަމަލާ ދެއްވައިފި އެވެ. خالدގެފާނު ހަނގުރާމަ ކުރައްވަމުން ގެންދެވީ، ދެވަނައެއް ނެތް ފަދަ ހިތްވަރަކާއި، ހުނަރުން، ކުރިމަތިވާ ކޮންމެ މީހަކަށް ޙަމަލާދެއްވަމުންނެވެ. އެ ވަގުތު، ކުތުބާ ބިން ޤަތާދާ، މުޝްރިކުންގެ ކޮމާންޑަރެއް ކަމުގައިވާ މާލިކް ބިން ޒަފީލާގެ ބޯ ބުރިކޮށްލައްވައިފި އެވެ. ރޯމަނުންގެ ފޯރިކުޑަވެއްޖެ އެވެ. އެކަމަކު، ވަގުތު ދިޔައީ ފާއިތުވަމުންނެވެ. ހަވީރުވެ އަނދިރިވާން ފަށައިފި އެވެ. އަނދިރީގައި ހަނގުރާމަ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ، އަމިއްލަ އެކުވެރިން ވެސް އެކްސިޑެންޓަކުން ޤަތުލުކޮށްލިދާނެހެން ހީވެއެވެ.
މި ސަބަބަށް ޓަކައި، ދެ ފަރާތުން ވެސް އެ ބައެއްގެ މަރުކަޒަށް އެނބުރި ގޮސްފި އެވެ. ޒަޚަމވެފައިވާ މީހުންނަށް ފަރުވާދެވުނެވެ. خالدގެފާނަކީ، ޙަޤީޤަތުގައި ވެސް ހަނގުރާމަތަކާ ބެހޭ މާހިރެކެވެ. އޭނާ ބޭނުންވީ، އާ އުކުޅުތައް ބޭނުންކޮށްގެން ޢަދުއްވުންނާ ހެނދުނު ގަޑީގައި ކުރިމަތިލައި އެ މީހުންނަށް އޮޅުވާލުމަށެވެ. އެ ރޭ، އޭނާ ސިފައިން ތިބޭ ތަންތަން ބަދަލުކޮށްލެއްވި އެވެ. އެ ގޮތުން ކަނާތް ފަރާތުގައި ތިބި ސިފައިން ވާތް ފަރާތަށް، ވާތް ފަރާތުގައި ތިބި ސިފައިން ކަނާތް ފަރާތަށް، ކުރީގައި ތިބި ސިފައިން ފަހަތަށް، އަދި ފަހަތުގައި ތިބި ސިފައިން ކުރިޔަށް ބަދަލުކުރެއްވި އެވެ.
ހިތްވަރުގަދަ މުޖާހިދުން އަނެއްކާ ވެސް ހެނދުނު ޙަމަލާދީފި އެވެ. އެ ބޭކަލުން ހަނގުރާމަކުރައްވަން ފެށްޓެވީ "الله أكبر" ގެ އަޑާ އެކުގައެވެ. ޢަދާވާތްތެރި ސިފައިންނަށް ފެނުނީ ސިފައިން މުޅިން އަލަށް އެ މީހުންނަށް ޙަމަލާދެމުންދިޔަ ތަނެވެ. އެއީ، އިއްޔެ ހަނގުރާމަކުރި މީހުނެއް ނޫނެވެ.
އެ ވާނީ މުސްލިމުންނަށް އެހީތެރިވުމަށް އާ ލަޝްކަރެއް އައީ ކަމަށެވެ! އިތުރު ސިފައިން ކަމަށް ބިރުން، ރޯމަން ސިފައިންގެ ރޫޙު ގެއްލިއްޖެ އެވެ. އެ މީހުން ބިރުގަނެ ފިލަން ދުވަން ފަށައިފި އެވެ. އިސްލާމީ ލަޝްކަރުން މި ފުރުޞަތުގެ ބޭނުން ހިފައި، ރޯމަން ސިފައިންނަށް ވަރުގަދަ ޙަމަލާއެއް ދިނެވެ.
ޢަދާވާތްތެރިން ބަލިވުމަށް ފަހު، އިސްލާމީ ލަޝްކަރު ދިޔައީ މޫތާގެ ކިއްލާ އަށެވެ. އެ ބޭކަލުން އެ ކިއްލާ ފަތަޙަކުރެއްވުމަށް ފަހު، އެ މީހުންގެ ފާހަގަކުރެވޭ ގިނަ ބަޔަކު ނައްތާލައްވައިފި އެވެ. އެ ދުވަހު خالدގެފާނާއި، ހިތްވަރުގަދަ އެހެން ޞަޙާބީން އެ ދުވަހު އަދި މާ މޮޅަށް ހަނގުރާމަކުރައްވައި، ކަނޑިން ޖެހިޖެހީނުން އޭގެ ތެރެއިން އެތަކެއް ހާސް ފުރާނަ ޖަހަންނަމަ އަށް ފޮނުއްވައިފި އެވެ. އެ ދުވަހު، خالد بن وليد ގެ އަތްޕުޅުން ނުވަ ކަނޑި ބިނދިގެންދިޔަ އެވެ.5
الله تعالى ގެ ވާގިފުޅާ އެކު، އަދި رَسُوْلُ اللهِ ﷺ ގެ ދުޢާތަކާ އެކު، ތިން ހާސް މުޖާހިދުން ބަލިކޮށްލީ ޢަދުއްވުންގެ އެއް ލައްކަ ސިފައިންނެވެ. މި މަތިވެރި ހަނގުރާމައިގައި، މުސްލިމުންގެ ފަނަރަ މުޖާހިދުން ޝަހީދުވި އެވެ. އެހެންކަމުން، ބީޒަންޓައިން އެމެޕަޔަރ އެ ތިބި ތަނުގައި ހިފަހައްޓައި، އިތުރަށް ދެކުނަށް ޙަމަލާދިނުން ހުއްޓުވިއްޖެ އެވެ.
ހަނގުރާމައިގެ މައިދާނުން އެކަލޭގެފާނުގެ އަރިހަށް ޚަބަރު އައުމުގެ ކުރިން، މުއުތާގައި ކަން ހިނގާދިޔަ ގޮތް ކިޔުއްވައިދެއްވުމަށް ޓަކައި، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީން މިސްކިތުގައި އެއްކުރެއްވި އެވެ. ގެ ބަރަކާތްތެރި މޫނުފުޅުން ވަރަށް ސާފުކޮށް ފެންނަންހުރި ގޮތުގައި އެކަލޭގެފާނު ހުންނެވީ ވަރަށް ބޮޑު ހިތާމައެއްގައެވެ. އެ ހތާމަ ބޮޑުވެދާނެތީ، އެއްވެސް މީހަކަށް ސުވާލެއް ކޮށްލާކަށް ވެސް ނުކެރުނެވެ. އެންމެ ފަހުން، ޞަޙާބީއަކު އައްސަވައިފި އެވެ. "އަޅުގަނޑުމެންގެ ފުރާނަތައް ކަލޭގެފާނަށް ޤުރުބާންކުރައްވާށި އެވެ! މާތްﷲ ގެ ރަސޫލާ އެވެ. ކަލޭގެފާނު ހިތާމައިގައި ހުންނެވި ތަން ފެނުމުން އަޅުގަނޑުމެންގެ ހިތްތަކަށް ރޮވުނެވެ. އަޅުގަނޑުމެންގެ ހިތާމައިގެ ބޮޑުމިން ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.". رَسُوْلُ اللهِ ﷺ ގެ ދެ ލޯފޮދުން ކަރުނަ އޮހޮރިއޮހޮރި ހުރި ޙާލުގައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ހިތާމައިގެ ސަބަބަކީ، ތިމަންކަލޭގެފާނުގެ ކިބައިން ތި ފެންނަ މޮޅިވެރިކަން ވެރިވީ އަދި ތިމަންކަލޭގެފާނުގެ އަޞްޙާބުންގެ ޤަތުލުވުމުގެ ސަބަބުންނެވެ. އެ ޙާލަތު ދެމިއޮތީ، ތިމަންކަލޭގެފާނަށް އެ ދެ ބޭކަލުން އެއް ބޭކަލަކު އަނެއް ބޭކަލަކާ ކުރިމަތިވާ ގޮތަށް ސުވަރުގޭގައި ތަޚްތުގައި އަޙުންތަކެއް ފަދައިން އިށީންނަވައިގެން އިއްބެވި ތަން ފެނުމުންނެވެ. ދިދަ ހިއްޕަވައިގެން ހުންނެވީ زيد بن حارثة އެވެ. އެންމެ ފަހުން، އޭނާ ޝަހީދުވީ އެވެ. މިހާރު، އޭނާ ސުވަރުގެ ވަންނަވައިފި އެވެ. ސުވަރުގޭގައި އޭނާ ދުވެ ހައްދަވަނީ އެވެ. ދެން، ދިދ ނެންގެވީ ޖަޢްފަރު ބިން އަނީ ޠާލިބެވެ. އޭނާ ޢަދުއްވުންގެ ލަޝްކަރަށް ޙަމަލާ ދެއްވި އެވެ. އޭނާ ހަނގުރާމަ ކުރައްވައި އެންމެ ފަހުން އޭނާ ޝަހީދުވެގެން ދިޔައީ އެވެ. އޭނާ އެދޭފަދައިން ޝަހީދެއްގެ ގޮތުގައި ސުވަރުގެ ވަންނަވައި، ޒަމަރަދުން ވާ ފިޔަގަނޑަކުން އުދުހެނީއެވެ. ޖަޢްފަރަށް ފަހު ދިދ ނެންގެވީ ޢަބްދުﷲ ބިން ރަވާޙަތެވެ. އޭނާ އަތުން ދިދަ ނަންގަވައިގެން ހުންނައި، އޭނާ ޢަދުއްވުންނާ ހަނގުރާމަކުރައވައި ޝަހީދުވެގެން ސުވަރުގެ ވެންނެވި އެވެ. އެ ބޭކަލުން ތިމަންކަލޭގެފާނަށް ދެއްކެވީ ސުވަރުގޭގައި ވާ ރަން ތަޚްތުގައެވެ. މާތް ﷲ އެވެ! ޖަޢްފަރަށް ޢަފޫކޮށްދެއްވާދޭވެ، މާތް ﷲ އެވެ! عبدالله بن رواحة އަށް ޢަފޫކޮށްދެއްވާދޭވެ"!
އަދިވެސް رَسُوْلُ اللهِ ﷺ ގެ ދެ ލޯފުޅުން ކަރުނަ އޮހޮރެމުން ދިޔަ އެވެ. އެކަލޭގެފާނު އެ ޙާލުކޮޅުގައި ވެސް ވާހަކަދެއްކެވުން ކުރިޔަށް ގެންދެވި އެވެ. "عبدالله بن رواحة އަށް ފަހު، ދިދަ ނެންގެވީ خالد ބިން ވަލީދެވެ. އޭރު ހަނގުރާމަ ވަނީ ވަރަށް ގަދަވެފައެވެ. މާތް ﷲ އެވެ! އޭނާ (خالد بن وليد) އަކީ އިބަ ރަސްކަލާނގެ ކަނޑިތަކުގެ ތެރެއިން ކަނޑިއެކެވެ. އޭނާ އަށް އެހީތެރިވެވަޑައިގަންނަވާދޭވެ"!6
"މާތް ﷲ އެވެ! ޖަޢްފަރަށް ޢަފޫކޮށްދެއްވާދޭވެ، މާތް ﷲ އެވެ! ޢަބްދުﷲ ބިން ރަވާޙަތު އަށް ޢަފޫކޮށްދެއްވާދޭވެ".
حديث الشّريف
މުޢުޖިޒާތެއްގެ ގޮތުން، الله تعالى ގެ އިޒުނަފުޅާ އެކު، رَسُوْلُ اللهِ ﷺ އަށް، އެއް ހާސް ކިލޯމީޓަރަށް ވުރެ ދުރުގައިވާ ހަނގުރާމައިގެ މައިދާނުގެ ޙާލަތު އެނގިވަޑައިގެން، އެކަލޭގެފާނުގެ އަޞްޙާބުންނަށް ޚަބަރު ދެއްވި އެވެ. جعفر بن أبي طالب ޝަހީދުވީ ދުވަހު ހިނގާދިޔަ މި ޙާދިސާގެ ޚަބަރު ދެއްވުމަށް ފަހު، އެކަލޭގެފާނު ތެދުވަޑައިގެން ޖަޢުފަރުގެފާނުގެ ގެޔަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން أسمى އޭރު ގޭތެރޭގެ މަސައްކަތްތައް ނިންމަވާލައްވައި، އެކަމަނާގެ ދަރިން ފެންވަރުވައި، އެ ކުދިންގެ ބޮލުގައި ފުނާއެޅުއްވި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ޢަޞްމާ އެވެ! ޖަޢުފަރުގެ ދަރިން ކޮބައި ހެއްޔެވެ؟ އެ ކުދިން ތިމަންކަލޭގެފާނާ ހަމަޔަށް ގެންނާށެވެ"! ޢަސްމާ، ދަރިން ގެންނެވި އިރު، رَسُوْلُ اللهِ ﷺ އެ ކުދިންނާ ބައްދާލައްވައި، ދޮންދެއްވި އެވެ. އެކަލޭގެފާނުގެ ހިތްޕުޅަށް ބަރުދާސްތުކުރެވޭ ގޮތް ނުވެ، އެކަލޭގެފާނުގެ ދެ ލޯފުޅުން ކަރުނަ އޮހޮރެން ފެށިއެވެ. މި ތަން ފެނިފައި، ޖަޢްފަރުގެފާނުގެ އަނބިކަނބަލުން އާދޭހާ އެކު އެއްސެވި އެވެ. "އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާދޭވެ! މާތް ﷲ ގެ ރަސޫލާ އެވެ! ޔަތީމު ކުދިންނަށް ކަލޭގެފާނު ދެއްވާ އަޅާލުން އަޅުގަނޑުގެ ދަރިންނަށް ތި ދެއްވަނީ ކީއްވެގެން ތޯ އެވެ؟ ޖަޢްފަރުގެފާނާއި އޭނާގެ އެކުވެރިންނާ ބެހޭގޮތުން ހިތާމަވެރި ޚަބަރު ލިބިލެއްވީ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ހުންނެވީ ވަރަށް ބޮޑު ހިތާމައެއް ގައެވެ. އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "އާނއެކެވެ! އެ މީހުން މިއަދު ވަނީ ޝަހީދުވެފައެވެ". أسمىގެފާނު ކީރިތިކުރައްވަމުން އެ ޔަތީމު ކުދިންނާ ބައްދާލެއްވި އެވެ. رَسُوْلُ اللهِ ﷺ އަށް އެ މަންޒަރު ބައްލަވަން ދަތިފުޅުވެގެން އެތަން ދޫކުރައްވައި ވަޑައިގަތީ އެވެ.7
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ޖަޢްފަރުގެ ޢާއިލާ އަށް ކެއުން ތައްޔާރުކުރަން ހަނދާން ނައްތާނުލާށެވެ". ތިން ދުވަސް ވަންދެން، ޝަހީދުންގެ ޢާއިލާތަކަށް ކާނާ ފޮނުވުނެވެ.
يعلى بن أُميّة އުފާވެރި ޚަބަރު ގެނެސްދެއްވިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ވީ ގޮތް ކިޔައި ދެއްވުމުގެ ކުރިން رَسُوْلُ اللهِ ﷺ އޭނާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ވީ ގޮތް ތިބާ ބުނެދޭނީ ހޭ، ނޫނީ ތިމަންކަލޭގެފާނު حديثކުރައްވަން ވީ ހޭ"؟ މިހެން حديث ކުރެއްވުމަށް ފަހު، ހަނގުރާމައިގެ މައިދާނުގައި ހިނގާދިޔަ ކަންތައްތައް ތަފްޞީލުކޮށް حديث ކުރެއްވި އެވެ. އެއާ އެކު، يعلى بن أُميّة ވިދާޅުވި އެވެ. "ކަލޭގެފާނު ރަސޫލެއް ކަމުގައި ތެދު ދީނަކާއި، ތެދު ފޮތަކާ އެކު ފޮނުއްވި الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. މުޖާހިދުން ތަޙައްމަލުކުރި ކަންތައްތަކުގެ ތެރެއިން ކަލޭގެފާނު ކިޔައިނުދެއްވައި ނެތެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "الله تعالى ވަނީ ދުރުމިން ތިމަންކަލޭގެފާނަށް ނައްތަވާލައްވާފައެވެ. އެހެންކަމުން، ތިމަންކަލޭގެފާނުގެ ދެ ލޯފުޅުން ހަނގުރާމައިގެ މައިދާން ދެކެވަޑައިގަތީމެވެ".
މަދު ދުވަސްތަކެއް ފަހުން، އުފާވެރި ޚަބަރުދޭ މީހުން އިޢުލާންކުރި ގޮތުގައި އިސްލާމީ ލަޝްކަރު މަދީނާ އެނބުރި އެބަ އާދެއެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު މަދީނާ އިން ބޭރަށް އިސްލާމީ ލަޝްކަރާ ބައްދަލުކުރެއްވުމަށް ނުކުންނެވި އެވެ. ދުރުން، ހިރަފުސް ވިލާގަނޑެއް އަރަމުންދިޔަ އިރު، މުޤައްދަސް އިސްލާމީ ދިދަ ވިހުރެމުންދިޔަ އެވެ. ކަނޑިތަކާއި، އައްޑަނަތަކުގެ ވިދުވަރުން ވަށައިގެންވާ މާޙައުލު ލޯގަނޑެއް ހެން ވިދަމުން ދިޔައެވެ... އެންމެން ވެސް ތިބީ ވަރަށް ބޮޑު ޝައުޤުވެރިކަމެއް ގައެވެ. ކުޑަ ވަގުތުކޮޅެއް ފަހުން، خالد بن وليد އިސްކޮށް ހުންނަވާ ޣާޒީ މުޖާހިދުން (رضي الله عنهم) މަދީނާ އަށް ވަންނަވައިފި އެވެ.
ޙޫރު އަންހެންކުދިން އަތުވެއްޖެއޭ،
ނޫރުން އެކަލޭގެފާނު ވަށައިލި އޭ،
އެ އެންމެން މުޙައްދު މަތިވެރިކުރިއޭ،
محمّد އުފަންވެވަޑައިގަތް ރޭގައޭ.
އުޑުގެ ގޭޓްތައް ހުވިއްޖެއޭ،
ކައުނު ވަނީ ރަޙްމަތުން ފުރިފައޭ،
ސުވަރުގޭގެ ފޭރާންތައް ފެހިއްޖެއޭ،
محمّد އުފަންވެވަޑައިގަތް ރޭގައޭ.
ޔޫނުސް ވިދާޅުވެއޭ، އޭ އަޚުންނޭ،
ލޯތަކުން ލޭގެ ކަރުނަތައް ފޯދިގެންފިއޭ،
ފަރުބަދަތަކާއި، ހިލަތައް ސަދިޖަޖަހައިފި އޭ،
محمّد އުފަންވެވަޑައިގަތް ރޭގައޭ.
