މައްކާ ފަތަޙަކުރެއްވުން
"(އޭ މައްކާގެ މުސްލިމުންނޭވެ!) لَبَّيْكَ! ތިމަންކަލޭގެފާނު ތިޔަބައި މީހުންގެ ދަޢުވަތު ޤަބޫލުކުރައްވަމެވެ".
حديث الشّريف
އެއީ ހިޖުރައިން އަށް ވަނަ އަހަރެވެ. ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާގެ އެއް މާއްދާ އަކީ، "ދެ ޤަބީލާ ފިޔަވައި، ޢަރަބި ޤަބީލާތަކަށް ކޮންމެ ބައެއްގެ ޙިމާޔަތް ވެސް ހޯދޭނެ އެވެ؛ އެ މީހުންނަށް، މުސްލިމުން ނުވަތަ މުޝްރިކުންނާ އެކު އިއްތިޙާދުވުމުގެ މިނިވަންކަން ލިބިފައި ވެއެވެ"، މިއެވެ. މިއާ އެއްގޮތަށް، ޚުޒާ ޤަބީލާ އިން މުސްލިމުން ކޮޅަށް ޖެހުނު އިރު، ބަނީ ބަކްރު ޤަބީލާ އިން އެރީ މުޝްރިކުން ކޮޅަށެވެ. ޚުޒާ ޤަބީލާ އާއި، ބަނީ ބަކްރު ވަންހަ އަކީ ޒަމާންވީ ހަތުރުންނަށް ވެފައި، ފުރުޞަތެއް ލިބޭ އިރަށް އެއް ބަޔަކު އަނެއް ބަޔަކަށް ޙަމަލާދެމުން އަންނަ ދެ ޤަބީލާ އެވެ. ޙުދައިބިއްޔާގެ ޞުލްޙަ އަށް ފަހު، އެ ދެ ވަންހައިން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން އައި ޙަމަލާތަކަށް ވެސް މަޑުޖެހުމެއް އައެވެ. އެހެން ނަމަވެސް، ބަނީ ބަކްރު ވަންހަ އަށް މި އަށް ޢަމަލުކުރެވުނީ އެންމެ ދެ އަހަރު ވަންދެނެވެ. ބަނީ ބަކްރު ވަންހައިގެ رَسُوْلُ اللهِ ﷺ އަށް އެއްޗެހި ކިޔައި މީހަކު ޅެމެއް ކީ އިރު، ޚުޒާ ވަންހައިގެ މީހަކަށް މި އަޑު އިވި، އެ ކަމަށް ކެތްނުކުރެވިގެބް އެ މީހާގެ ބޮލުގައި ޖަހައިފި އެވެ. ބަކްރު ބަންހައިގެ މީހުން މި ދަނޑިވަޅަކީ ލިބުނު ފުރުޞަތަކަށް ބަލައި، މުޢަހަދާގެ ދަށުން އެއްވެސް ނުރައްކަލަކުން ސަލާމަތްކަން ލިބިގެންވާ ޚުޒާ ވަންހަ އަށް ޙަމަލާދީފި އެވެ. ޤުރައިޝުންގެ މުޝްރިކުން ހަތިޔާރުދީ އަދި ސިއްރުން ސިފައިން ފޮނުވައިގެން މި ޙަމަލާ އަށް އެހީތެރިކަން ދިނެވެ. އެ ގޮތުން ޚުޒާ ވަންހައިގެ ތިރީހަށް ވުރެ ގިނަ މީހުން ޙަރަމުއްޝަރީފުގައި ޤަތުލުކޮށްލި އެވެ. އެ ހަނގުރާމައިގެ ތެރޭގައި، ޚުޒާ ވަންހައިގެ ބައެއް މުސްލިމުން، رَسُوْلُ اللهِ ﷺ ގެ އަރިހުން އެހީތެރިކަމަށް އެދިއްޖެ އެވެ. އެ ރޭތަކުގައި ބަކްރު ވަންހައިގެ މީހުންގެ ތެރޭގައި ޤުރައިޝުންގެ މުޝްރިކުން ތިބި ތަން ބައެއް މީހުންނަށް ވަނީ ފެނިފައެވެ.
އެ ރޭ، މަދީނާގައި ميمونةގެފާނުގެ ގޭގައި ނަމާދުކުރެއްވުމަށް ވުޟޫކުރައްވަން ހުންނެވި رَسُوْلُ اللهِ ﷺ އަށް، الله تعالى ގެ އިޒުނަފުޅާ އެކު މުޢުޖިޒާތެއްގެ ގޮތުން މައްކާގެ މުސްލިމުން އެކަލޭގޭފާނުގެ އެހީތެރިކަމަށް އެދުނު އިރު އެ އަޑު އިވިވަޑައިގަތެވެ. އެ މީހުންނަށް ޖަވާބު ދެއްވުމުގެ ގޮތުން އެކަލޭގެފާނު "لبّيك! (ތިބާމެންގެ ދަޢުވަތު ތިމަންކަލޭގެފާނު ޤަބޫލުކުރައްވަމެވެ!)" އޭ حديث ކުރެއްވި އެވެ. އެތާގައި މީހަކު ނެތީސް رَسُوْلُ اللهِ ﷺ މި ގޮތަށް ވާހަކަދައްކަވާ ތަން ފެނިލެއްވުމުން ميمونةގެފާނު އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނާ އެކު އެއްވެސް މީހަކު އެބަ ހުރި ތޯ އެވެ"؟
މައްކާ ގައި ހިނގި ހާދިސާގެ ވާހަކަ އަދި އެކަމުގައި ޤުރައިޝުން ބައިބެރިވި ވާހަކަ އެ ކަމަނާ އަށް رَسُوْلُ اللهِ ﷺ ކިޔުއްވައިދެއްވި އެވެ.
ބަނީ ބަކްރު ވަންހަ އަށް އެހީތެރިވެ ޚުޒާ ޤަބީލާ އަށް ޙަމަލާދީ ޤަތުލުކުރުމާ އެކު ޤުރައިޝުންގެ މުޝްރިކުން އެ ވަނީ ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ ގެ ޝަރުޠުތަކާ ޚިލާފުވެ، ޞުލްޙަވެރިކަން ނަގާލާފައެވެ.
رَسُوْلُ اللهِ ﷺ އަށް މި ޚަބަރު ވަގުތުން ލިބިވަޑައިގަތެވެ. އޭގެ އިތުރަށް، އެ ޙާދިސާ އަށް ތިން ދުވަސް ވީ ފަހުން، ޚުޒާ ވަންހައިގެ عمرو بن سالم ސާޅީސް އަސްވާރުންނާ އެކު އައިސް އެ ޙާދިސާ ހިނގައިދިޔަ ގޮތް رَسُوْلُ اللهِ ﷺ އަށް އޮޅުންފިލުވައިދިނެވެ.
އެހެން ނަމަވެސް، އެ ދުވަސްވަރު ދިމިޝްޤަށް ވިޔަފާރި ދަތުރެއް ގައި ގޮސް ހުރި ޤުރައިޝުންގެ ވެރިޔާ أبو سُفيان އަށް މި ޙާދިސާ ހިނގިކަން އެނގިފައެއް ނެތެވެ.
رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޚުޒާ ވަންހައަށް ތިމަންކަލޭގެފާނު އެހީތެރިވެވަޑައިނުގެންފި ނަމަ ތިމަންކަލޭގެފާނަށް އެހީތެރިކަން ނުލިބިދާނެ އެވެ"! މިހެން حديث ކުރެއްވުމަށް ފަހު، ސިޓީއެއް ލިޔުއްވި އެވެ. ޤުރައިޝުންގެ މުޝްރިކުންނަށް ފޮނުއްވި އެ ސިޓީ ގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކަލޭމެން އެހެންޏާ ބަނޫ ބަކްރާ އެކު އޮތް ގުޅުން ކަނޑާލައި ފަހަތަށް ޖެހެންޖެހޭނޭ، ނުވަތަ ޚުޒާ ވަންހައިން މަރާލި މީހުންގެ ފިދުޔަ ދޭންޖެހޭނޭ! މިއިން އެއް ކަމެއް ވެސް ކަލޭމެން ނުކޮށްފި ނަމަ، ކަލޭމެންނާ ހަނގުރާމަ ކުރުމަށް ތިމަންކަލޭގެފާނު ޤަރާރު ނަންގަވަމެވެ"!
މި ރަޙްމުވަންތަކަން ޤުރައިޝުންނަށް ވިސްނައި ވެސް ނުގަނެވުނެވެ. އެބައި ފޮނުވި މެސެޖުގައި ބުނަނީ "އަހަރެމެން ގެ އެ މީހުންނާ އެކު އޮތް ގުޅުމެއް ވެސް ނުކަނޑާނަމުއެވެ! އަދި ފިދުޔަ ވެސް ނުދޭނަމުއެވެ! އަހަރެމެން ހަމައެކަނި ކުރާނީ ހަނގުރާމައެވެ"! އެހެން ނަމަވެސް، އެބައި މީހުން ކުރި ކަންތަކާ މެދު އެ މީހުން ވަރަށް ބޮޑަށް ތިބީ ދެރަވެފައެވެ. އަދި ބިރުގަނެފައި ތިބި ވަރުން، أبو سُفيان މުޢާހަދާ އާ ކޮށްދޭނެ ދުވަހަކަށް އިންތިޒާރުކުރަން ފަށައިފޫއެވެ.
أبو سُفيان ދިމިޝްޤުން އެނބުރި އައުމުން، ކަން ހިނގައިދިޔަ ގޮތުގެ ވާހަކަ އެބައި މީހުން އޭނާ އަށް ކިޔައިދިނުމުގެ ގޮތުން ބުނޫއެވެ. "މި ކަމަކީ، ރަނގަޅުކޮށްލަންޖެހޭ ކަމެކެވެ. މިކަން ރަނގަޅު ނުކުރެވިއްޖެ ނަމަ، محمّدގެފާނު އަހަރެމެން މައްކާއިން ބޭރުކުރައްވާނެ އެވެ". ޖަވާބު ގައި أبو سُفيان ބުންޏެވެ. "އަހަންނަށް ތި ޙާދިސާ ހިނގިކަން ނޭނގުނަސް، މުޢާހަދާ އައުކޮށް މުއްދަތު އިތުރުކުރުމަށް ޓަކައި އަހަރެން ވަގުތުން ވަގުތުން ދާން އެބަޖެހެއެވެ". މިހެން ބުނެފައި، ވަގުތުން މަދީނާ އަށް ދިއުމަށް ދަތުރު ފަށައިފި އެވެ.1
أبو سُفيان މަދީނާ އަށް ފޯރުމުގެ ވެސް ކުރިން އޭނާ އަންނަ ވާހަކަ رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުންނަށް ޚަބަރު ދެއްވައި حديث ކުރެއްވި އެވެ. "أبو سُفيان މަދީނާ އަށް އަންނަނީ ޞުލްޙައިގެ މުޢާހަދާ އައުކޮށް ޞުލްޙައިގެ މުއްދަތު އިތުރުކުރަންކަން ތިމަންކަލޭގެފާނަށް ވިސްނިވަޑައިގަންނަވައެވެ. އެކަމަކު، އޭނާ އެނބުރި ދާނީ އޭނާގެ މަޤްޞަދު ޙާޞިލުނުވެއެވެ"!
އޭރު އަދި އިސްލާމްނުވާ أبو سُفيان، مدينة المُنوّرة އަށް އައިސްފި އެވެ. އޭނާ ދިޔައީ އޭނާގެ ދަރިކަނބަލުން އަދި رَسُوْلُ اللهِ ﷺ ގެ އަނބިކަނަބލުން أُمُّ حبيبة (رضي الله عنها) ގެ ގެކޮޅަށެވެ. އޭނާ ބޭނުންވީ، رَسُوْلُ اللهِ ﷺ ގެ ގޮދަޑިކޮޅުގައި އިށީންނާށެވެ. أُمُّ حبيبة ވަޑައިގެން أبو سُفيان އަށް ނުއިށީންދެވެނީސް އެ ގޮދަޑި އެތަނުން ނަންގަވައިފި އެވެ. އެކަމަނާގެ ބައްޕާ މި ކަމާ ވަރަށް ހިތްހަމަނުޖެހި ޙައިރާންވެފައި ހުރެ ބުންޏެވެ. "އޭ އަހަރެން ދަރިކަނބަލުންނޭވެ! ތިބާ އަހަރެން ދެކެ ތިހާ ވަރަށް ރުޅި އަންނަނީ މި އެނދަށް ޓަކައި ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ އަށް އޮންނަ ލޯބި އެހެން ހުރިހާ ލޯތްބަކަށް ވުރެ މަތީގައި ބާއްވަވާ أُمُّ حبيبة އެކަމަނާގެ ބައްޕާފުޅަށް ޖަވާބު ދެއްވި އެވެ. "މި އެނދަކީ الله تعالى ގެ ރަސޫލާ އެނދުކޮޅެވެ. މުޝްރިކުންނަށް މި ތާނގައި ނުއިށީނދެވޭނެ އެވެ. ތިބާ އަކީ މުޝްރިކެކެވެ، އަދި ނަޖިސް (ނުތާހިރު) މީހެކެވެ! މި އެނދުގައި ތިބާ އިށީނުމަކީ ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ."!
އެކަމަނާގެ ބައްޕާ ބުންޏެވެ. "އޭ އަހަރެންގެ ދަރިކަނބަލުންނޭވެ! ތިބާ އަހަރެންގެ ގެ ދޫކޮށްލި ފަހުން ކަމަނާ އަށް ކޮންމެވެސް ކަމެއް ވެއްޖެ އެވެ. އެކަމަނާ ވިދާޅުވިއެވެ. "الحمد لله. الله تعالى އަހަންނަށް އިސްލާމް ދީން ދެއްވައިފި އެވެ. އަދި ތިބާ އަޅުކަން ކުރާނީ އަޑެއް ނީވި އަދި ވާހަކަނުދައްކާ އަދި ނުފެންނަ ބުދުތަކަކަށެވެ. އޭ ބައްޕާ އެވެ! ޤުރައިޝް ވަންހައިގެ ވެރިޔާ އަދި ގިނަ ދުވަސްވީ މީހާ އަށް ވާ ކަލޭގެފާނު ފަދަ ބޭކަލަކު އިސްލާމް ދީނާ ދުރުވަނީ ކީއްވެގެން ބާވައެވެ". އެކަމަނާގެ ބައްޕަ ވަރަށް ބޮޑަށް ރުޅިއައިސްގެން ޖަވާބުދިނެވެ. "ތިބާ އަހަންނަށް އިޙްތިރާމް ކުޑަކޮށް، ޖާހިލުކަމަށް ތުހުމަތުކުރަނީއެވެ. ވީމާ، އަހަރެންގެ ކާބަފައިން އެތަކެއް އަހަރެއް ވަންދެން އަޅުކަންކުރި އިލާހުންތައް ދޫކޮށްލައި محمّدގެފާނުގެ ދީން ޤަބޫލުކުރަންވީ ހެއްޔެވެ"؟ މިހެން ބުނުމަށް ފަހު އޭނާ އެތަނުން ގޮސްފި އެވެ.2
ޤުރައިޝުންގެ ވެރިޔާ رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ބުންޏެވެ. "އަޅުގަނޑު މިއައީ ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ އައުކޮށް އޭގެ މުއްދަތު އިތުރުކުރުމަށެވެ. އަހަރެމެންގެ ދެމެދުގައި ވެފައިވާ މި މުޢާހަދާ ލިޔުމުން އައުކުރަމާ ހިނގާށެވެ". رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ އާ ޚިލާފު އެއްވެސް ކަމެއް އަހަރެމެން ނުކުރަމެވެ. އަދި އަހަރެމެން އެ މުޢާހަދާ ބަދަލެއް ނުކުރާނަމު އެވެ". ޤުރައިޝުންގެ ވެރިޔާ "ޞުލްޙައިގެ މުޢާހަދާ ބަދަލުކުރަމާހިނގާށެވެ"! ތަކުރާރުކޮށް މިހެން ބުނުމުން رَسُوْلُ اللهِ ﷺ އޭނާ އަށް އެއްވެސް ޖަވާބެއް ނުދެއްވި އެވެ. ޤުރައިޝުންގެ ވެރިޔާ އަށް، އޭނާ ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބިވި ތަން ފެނުމުން، އޭނާ އެނބުރި މައްކާ އަށް ގޮސް ވެގެން ދިޔަ ގޮތް މުޝްރިކުންނަށް ކިޔައިދީފި އެވެ. އެ މީހުން އޭނާ އަށް ފާޑުކިޔުމަށް ފަހު ބުނޫ އެވެ. "ވީމާ، ތިބާ އެނބުރި ތިޔައީ އެއްވެސް ކަމެއް ނުކުރެވިތާ އެވެ. އެހެން ނޫން ހެއްޔެވެ"؟! އިންތިޒާރުކުރުން ފިޔަވައި އެ މީހުން އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ.
المسجد الحرام ގައި ޙިމާޔަތްހޯދާ ކޮންމެ މީހެއް
"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅަމެން ކުއްލިއަކަށް އެބައި މީހުންގެ ވަޠަނަށް ދެވެންދެން، ޤުރައިޝުންގެ ޖާސޫސުންނާއި، މެސެޖުގެންދާ މީހުން ހިފަހައްޓަވައި، އެ މީހުން ކަނުކުރައްވައި އަދި ބީރުކުރައްވާދޭވެ! އެމީހުންނަށް އަޅަމެން ކުއްލިއަކަށް ފެންނާނެ ގޮތަށް ހަމަޖައްސަވާދޭވެ".
حديث الشّريف
أبو سُفيان މަދީނާ ދޫކޮށް ދިއުމުން، رَسُوْلُ اللهِ ﷺ ނިންމެވީ މައްކާ ފަތަޙަކުރެއްވުމަށެވެ.ޤުރައިޝުން އެ މީހުންގެ ވަޢުދު ފުއްދާފައިނުވާތީ، އަދި މުޢާހަދާ އާ ޚިލާފުވެފައި ވާތީ އެވެ. އެކަލޭގެފާނު ހުންނެވީ މިކަން ސިއްރުކުރައްވައިގެންނެވެ؛ އެކަލޭގެފާނު މައްކާ ފަތަޙަކުރައްވަން ބޭނުންފުޅުވީ، މުޝްރިކުންނަށް ތައްޔާރުވާނެ ފުރުޞަތު ނުދެއްވައި، އަދި الحرم الشَّريف ގައި ލޭ އޮހޮރުވުމެއް ނެތި އެވެ. އެއީ، ހަނގުރާމައިގެ ސަމާލުވުމެކެވެ. އެހެނީ، މައްކާ ފަތަޙަކުރެއްވުމުން، މުސްލިމުންނަށް ވާނެ މީހުންގެ ޢަދަދު އެނގޭނީ ކާކަށް ހެއްޔެވެ؟
އެކަލޭގެފާނު أبوبكر ގެފާނާއި، އެކަލޭގެފާނުގެ އަޞްޙާބުން ތެރޭގައި ތިއްބެވި ބައެއް ފާހަގަކުރެވޭ ބޭކަލުންނަށް މިކަން އެންގެވި އެވެ. ޣަޒްވާ އަށް ތައްޔާރުވުމަށް އެކަލޭގެފާނު އަޞްޙާބުންނަށް އެންގެވި އެވެ. އެކަމަކު ދާންވީ ކޮން ތަނަކަށް ކަމެއް ޙާދީޘެއް ނުކުރައްވައެވެ. އަޞްޙާބު ބޭކަލުން ޖިހާދަށް ތައްޔާރުވާން ފަށްޓަވައިފި އެވެ. އަވަށްޓެރި މުސްލިމު ޤަބީލާތައް ކަމަށް ވާ އަސްލަމް، އަޝްޖަޢު، ޖުހައިނާ، حُسين، ޣިފާރު، މުޒައިނާ، ސުލައިމް، ޟަމްރާ އަދި ބަނީ ޚުޒާ އަށް ވެސް رَسُوْلُ اللهِ ﷺ މެސެޖު ފޮނުއްވި އެވެ. އެ މެސެޖުގައި حديث ކުރައްވާފައި ވެއެވެ. "الله تعالى އާއި އާޚިރަތަށް އީމާންވާ މީހުން، ރަމަޟާން މަސް ފެށޭ އިރު ތިބެންވާނީ މަދީނާގައެވެ". އެ މީހުންނަށް ދަޢުވަތު ދެވުނީ ހަނގުރާމައިގައި ބައިވެރިވުމަށެވެ.
ރައްކަލެއްގެ ގޮތުން رَسُوْلُ اللهِ ﷺ عُمرُގެފާނާ ޙަވާލުކުރެއްވީ މައްކާ އަށް ދާން ހުރި މަގުތައް ބްލޮކްކޮށްގެން މުވާޞަލާތީ ގުޅުންތައް ކަނޑުވާލުމަށެވެ. عُمرُގެފާނު ވަގުތުން ފަރުބަދަ މަތީ މަގުތަކާއި، ހަނިގޯޅިތަކާއި، އެހެނިހެން މަގުތަކަށް ފާރަވެރިން ލައްވައި އެ މީހުންނަށް އެންގެވީ "މައްކާ އަށް ދާން ބޭނުންވެގެން އަންނަ އެންމެން އަނބުރާ ފޮނުވާލާށެވެ"!
رَسُوْلُ اللهِ ﷺ ދުޢާކުރައްވަމުން ގެންދެވީ މި ތައްޔާރީތަކުގެ މަސައްކަތް ސިއްރިޔާތުގައި ކުރެއްވުމަށެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅަމެން ކުއްލިއަކަށް އެބައި މީހުންގެ ވަޠަނަށް ދެވެންދެން، ޤުރައިޝުންގެ ޖާސޫސުންނާއި، މެސެޖުގެންދާ މީހުން ހިފަހައްޓަވައި، އެ މީހުން ކަނުކުރައްވައި އަދި ބީރުކުރައްވާދޭވެ! އެމީހުންނަށް އަޅަމެން ކުއްލިއަކަށް ފެންނާނެ ގޮތަށް ހަމަޖައްސަވާދޭވެ".
رَسُوْلُ اللهِ ﷺ أبو قتادة (رضي الله عنه) ފޮނުއްވީ އުތުރަށް އިޒާމް ވާދީ އަށެވެ. އެއީ، އެ ބޭކަލުން އުތުރު ބޭޒަންޓައިންސް ގައި މުޝްރިކުންނަށް ޙަމަލާދެއްވަން އުޅުއްވާކަން ދެއްކެވުމަށް ޓަކައެވެ.
އެ ވަގުތު، މުޢުޖިޒާތެއްގެ ގޮތުން، މަދީނާ ގައި ވަމުންދާ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު މައްކާގެ މުޝްރިކުންނަށް ދިނުމަށް ސިޓީއެއް ފޮނުވުނު ޚަބަރު رَسُوْلُ اللهِ ﷺ ދެއްވި އެވެ. رَسُوْلُ اللهِ ﷺ عليގެފާނު ފޮނުއްވައި އެ ޖާސޫސް އަތުލައިގަތެވެ.
ރަމަޟާން މަހުގެ ދެވަނަ ދުވަސް ވަންދެން، އަވަށްޓެރި ޤަބީލާތަކުން އެހީތެރިކަން ލިބި، އެ މީހުން އަބޫ އިނާބާ ފެންވަޅުގެ ވަށައިގެން ފޭލިގޭގައި އެއްވެއްޖެ އެވެ. ހަނގުރާމަ އަށް އެއްވި އަޞްޙާބުންގެ ޢަދަދު ބާރަ ހާހަށް އަރައިފި އެވެ. އޭގެ ތެރެއިން ހަތަރު ހާސް ބޭކަލުންނާކީ އަންޞާރުންނެވެ. ހަތް ހާސް ބޭކަލުންނަކީ މުހާޖިރުންނެވެ. ބާކީ ތިއްބެވީ ކައިރި ޤަބީލާތަކުގެ މުސްލިމުންނެވެ.3
މަދީނާގައި އެކަލޭގެފާނުގެ ނައިބަކަށް رَسُوْلُ اللهِ ﷺ ހަމަޖެއްސެވީ عبدالله بن أُمُّ مكتُوم (رضي الله عنه) އެވެ.4 ދުއިސައްތަ މީހުންގެ އަސްވާރުންގެ ޔުނިޓްގެ ވެރިޔާގެ ގޮތުން ސްކައުޓެއްގެ ގޮތުން ކުރިޔަށް ފޮނުއްވީ زُبيرُ بن عوّام (رضي الله عنه) އެވެ.
ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހުގެ ދިހަ ވަނައަށް ވީ ހޯމަ ދުވަހު رَسُوْلُ اللهِ ﷺ މަދީނާ އިން ނުކުންނެވީ الله تعالى ގެ ނަންފުޅާ އެކުގައި الله تعالى އާއި އެކަލާނގެ ރަސޫލާއަށް އޮތް ލޯބި ފުރިފައިވާ އެކަލޭގެފާނުގެ ބާރަ ހާސް ސިފައިންގެ ލަޝްކަރުގެ ވެރިޔާގެ ގޮތުގައެވެ. އެހިތްތައް ވަނީ الله تعالى އާއި، ލޯބިންފުރިފައެވެ. އެ މީހުން ދިޔައީ މީގެ އަށް އަހަރު ކުރިން އެ މީހުން ބޭރުކުރެވުނު އެ މީހުންގެ ވަޠަން ކަމުގައިވާ މައްކާ އަށެވެ. އެ މީހުން އުޅުނީ މަތިވެރި كعبة އަދި ބުދުތަކުން ސަލާމަތްކުރުމެވެ. އެ ބޭކަލުން، ގޮތްދޫކުރުން ދޫކޮށްލަން ބޭނުންނުވި މުޝްރިކުންނަށް ތެދުމަގާއި، އިންޞާފާއި، ހަމްދަރުދީ ދައްކަވާނެ އެވެ... އެ ބޭކަލުން، الله تعالى ގެ ދީން ފަތުރުއްވައި، ޖަހަންނަމްގެ އަބަދީ ޢަޒާބުން ދިންނެވުމަށް ބޭނުންވާ މީހުންނަށް އެހީތެރިވެދޭނެ އެވެ. އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކލާނކޮ! އެއީ ކިހާ ބޮޑު ރަޙްމަތެއް ތޯ އެވެ!
އިސްލާމީ ލަޝްކަރު ޒުލްޙުލައިފާ އަށް ދިއުމުން، رَسُوْلُ اللهِ ﷺ ގެ ބޮޑުބޭބޭފުޅު عبّاسގެފާނާ ބައްދަލުވި އެވެ. އޭނާ އޭރު އޭނާގެ ޢާއިލާއާ އެކު މައްކާ އިން ހިޖްރަކުރައްވަނީ އެވެ. رَسُوْلُ اللهِ ﷺ ގެ ބޮޑުބޭބޭފުޅު ވަޑައިގަތުމުން އެކަލޭގެފާނު ވަރަށް އުފާކުރައްވައި حديث ކުރެއްވި އެވެ. "އޭ عبّاسއެވެ! ތިމަންކަލޭގެފާނަކީ އެންމެ ފަހުގެ ރަސޫލާ ކަމަށް ވާ އިރު، ތިބާ އަކީ، އެންމެ ފަހުގެ މުހާޖިރެވެ". عبّاسގެފާނު މަދީނާގައި ހުންނެވީ ގެ އަރިހުގައެވެ. އަދި މައްކާ ފަތަޙަކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތެވެ.5
އެ ބޭކަލުންނަށް މައްކާގެ ކައިރީގައި އޮންނަ ޤުދައިދު އަށް ވަޑައިގެންނެވުނު އިރު، رَسُوْلُ اللهِ ﷺ ވަނީ އަޞްޙާބު ބޭކަލުން ލައްވާ ހަނގުރާމަ އަށް އަތުރުވާފައެވެ. އެކަލޭގެފާނު ކޮންމެ ޤަބީލާ އަކަށް ވަކި ދިދައެއް ދެއްވި އެވެ. ކޮންމެ ޤަބީލާއަކުން ދިދަ އުފުލާ މީހުންނާ ދިދަ ޙަވާލުކުރެއްވި އެވެ. މުހާޖިރުންގެ ދިދަ އުފުއްލެވީ علي بن أبي طالب، زُبيرُ بن عوّام، އަދި سعد بن أبي وقّاص (رضي الله عنهم) އެވެ. އަންޞާރުންގެ މެދުގައި ދިދަ އުފުއްލަވާ ބާރާ ބޭކަލުން، އަޝްޖަޢު އަދި ސުލައިމު ވަންހައިގެ މީހުންނަށް ދިދަ އުފުލާ އެކަކު، މުޒައިނާ ވަންހަ އަށް ތިނެއް، އަސްލަމް ވަންހަ އަށް ދޭއް، ބަނީ ޚުޒާ ވަންހަ އަށް ތިނެއް، އަދި ޖުހައިނާ ވަންހަ އަށް ހަތަރު ދިދަ އުފުލާ މީހުން ތިއްބެވެ.6
އެ ބޭކަލުން މަދީނާ އިން ނިކުންނެވިތާ ދިހަ ދުވަސް ވެއްޖެ އެވެ. ހަވީރުކޮޅަށް އަޅާލުމުން މައްކާ އާ ކައިރި އަށް ދެވިއްޖެ އެވެ. އަދި ޢިޝާ ނަމާދު ވަގުތު ޖެހުނު އިރު، މައްރުއްޒަހްރާން އާ ހަމައަށް ދެވިއްޖެ އެވެ. އަޞްޙާބު ބޭކަލުންނަށް رَسُوْلُ اللهِ ﷺ އެންގެވީ އެ ތާނގައި މަޑުކުރުމަށެވެ. އަދި عُمرُ (رضي الله عنه) އަށް އެންގެވީ، ކޮންމެ މުޖާހިދަކު ވެސް އަލިފާންގަނޑެއް ރޯކުރާކަން ޔަޤީންކުރުމަށެވެ.7 ކުއްލިއަކަށް ދިހަހާހަށް ވުރެ ގިނަ އަލިފާންގަނޑު ރޯކުރުމުން މައްކާ އޮތީ އަލިކަމުން ފުރިފައެވެ. އެއްވެސް ކަމެއް ނުދަނެތިބި މައްކާގެ މުޝްރިކުން ތިބީ ޙައިރާންވެ އަންތަރީސްވެފައެވެ. ވަމުންދާ ގޮތެއް ބެލުމުގެ މަސްއޫލިއްޔަތު އެ މީހުން ޙަވާލުކުރީ އަބޫ ސުފްޔާނާ އެވެ. އޭނާ ބައެއް މީހުން ގޮވައިގެން ސިއްރު ސިއްރުން ގޮސް އިސްލާމީ ލަޝްކަރާ ހަމަޔަށް ގޮސްފި އެވެ. އެވަގުތު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އަބޫ ސުފްޔާނ ފެނޭތޯ ބަލާށެވެ. ތިޔަބައި މީހުންނަށް ޔަޤީނުން ވެސް އޭނާ ފެންނާނެ އެވެ".
ޤުރައިޝުން ކުރިޔަށް ޖެހެމުންދިޔަ ވަރަކަށް، އެ މީހުންގެ ޙައިރާންކަން އިތުރުވެ، އެ މީހުން ބިރުގެންފި އެވެ. މައްކާގެ ވަށައިގެން އެއްވެތިބި ސިފައިން ޢަދަދު ގިނަ ކަމާއި، ރޯކޮށްފައި ހުރި އަލިފާނުގެ ޢަދަދު ގިނަ ކަމެވެ... އެ ކަންތައްތަކާ މެދު ވާހަކަދައްކަމުން އެ މީހުންނަށް އާދެވުނީ އިރަކް ނަމަކަށް ކިޔާ ހިސާބަކަށެވެ.
އެ ވަގުތު، حديث ކުރެއްވި އެވެ. "أبو سُفيان މިހާރު ހުރި އިރަކް ގައެވެ".
عبّاس (رضي الله عنه) ވަގުތުން، އިރަކް އާ ދިމާލަށް ވަޑައިގެން އޭނާގެ އަމިއްލަ ނަފްސަށް ވިދާޅުވި އެވެ. "މައްކާ އަށް ފޮނުވައި، އިސްލާމީ ލަޝްކަރު އެ މީހުންނާ ދިމާލަށް އަންނަކަމުގެ ޚަބަރުދިނުމަށްޓަކައި އަހަރެން މީހަކު ހޯދާން އެބަޖެހެއެވެ. އޭރުން ހަނގުރާމަ ފެށުމުގެ ކުރިން، މައްކާ މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ސަލާމަތަށް އެދެވޭނެ އެވެ". އެކަން ކުރުމަށް ކޮންމެވެސް މީހަކު ހޯއްދަވަމުން ދިޔަ ވަގުތު، އަޑުން أبو سُفيان ކަން ދެނެގަނެވި ގޮވާލެއްވި އެވެ. "އޭ أبا حنظلة އެވެ"! أبو سُفيان އަށް އޭނާ އެނގި ބުންޏެވެ. "އޭ أبو الفضل އެވެ! އެއީ ތިބާއެވެ! އަހަރެމެންގެ މައިންބަފައިން ތިބާ އަށް ޓަކައި ޤުރްބާންކުރައްވާދޭވެ". ދެން އެކީ އެ ދެ މީހުން އިސްލާމީ ފޭލިގެއާ ދިމާލަށް ދިޔައެވެ.
"أبو سُفيان ގެ ގެއަށް ވަދެ ޙިމާޔަތް ހޯދާ ކޮންމެ މީހަކަށް ޙިމާޔަތް ލިބިގެންވެއެވެ. އަދި ޤަތުލުން ޙިމާޔަތް ލިބިގެން ވެއެވެ... މަސްޖިދުލް ޙަރާމަށް ވަދެ އެ ތަނުން ޙިމާޔަތް ހޯދާ މީހުންނަށް ރައްކާތެރިކަން ލިބިގެން ވެއެވެ! އެމީހެއްގެ ގޭގެ ދޮރު ލައްޕައި އޭނާގެ ގޭގައި ހުންނަށް މީހާ އަށް ރައްކާތެރިކަން ލިބިގެން ވެއެވެ".
حديث الشّريف
ދިޔަ މަގުމަތީގައި، أبو سُفيان عبّاسފާނުގެ އަރިހުން އެހިއެވެ. "ޚަބަރަކީ ކޮބައި ހެއްޔެވެ"؟ އޭނާ ޖަވާބު ދެއްވި އެވެ. "އޭ އަބޫ ސުފްޔާނެވެ! ކަލޭ ލަދުވެތިވާށެވެ! ކަލެއާ ދެކޮޅަށް رَسُوْلُ اللهِ ﷺ އެ ވަޑައިގަންނަވަނީ ކަލެއަށް ހިފަހައްޓާނުލެވޭ ވަރުގެ ލަޝްކަރަކާ އެކުގައެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. ޤުރައިޝުންގެ ޙާލަތު ދައްކަނީ ވަރަށް ގޯސްކޮށެވެ. އެ މީހުންގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ"! އަބޫ ސުފްޔާނާއި، އޭނާއާ އެކުގައި ތިބި މީހުން މުޖާހިދުންގެ ތެރެއިން ވަރަށް އުއްމީދާ އެކު އައިސް رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމައްޗަށް އަތުވެއްޖެ އެވެ. އެ މީހުންނަށް އޯގާތެރިކަމާ އެކު މަރުޙަބާ ކިޔުއްވި އެވެ. މައްކާ މީހުންނާ ބެހޭ މަޢުލޫމާތު އެކަލޭގެފާނަށް އޮތީ ލިބިވަޑައިގެންފައެވެ. ރޭގަނޑު ދަންވަންދެން އެ މީހުންނާ ވާހަކަދެއްކެވުމަށް ފަހު، އެކަލޭގެފާނު އެ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވައިފި އެވެ. ޙާކިމް ބިން ޙިޒާމް އާއި، ބުދައިލް ވަގުތުން ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމް ވެއްޖެ އެވެ. އެކަމަކު، أبو سُفيان ގެ ފަސްޖެހުމަކަށް ހުއްޓުމެއް ނައެވެ.
ހެނދުނު، ދީލަތިކަމުގެ ކަނޑު ކަމުގައިވާ حديث ކުރެއްވި އެވެ. "އޭ އަބޫ ސުފްޔާނެވެ! ކަލޭ ލަދުގަންނަނެޖެހޭ އެވެ! ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް ޤަބޫލުކުރަންވީ ވަގުތު އަދި ނުޖެހޭ ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. "އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށިއެވެ! އޯގާތެރިކަމާއި، ޝަރަފުވެރިކަމާއި، ގާތްތިމާގެ މީހުންގެ ޙައްޤުތަކަށް ރިޢާޔަތްކުރުމުގައި ކަލޭގެފާނަށް ވުރެ މަތިވެރި މީހެއް ނެތެވެ. އަޅުގަނޑުމެން ކަލޭގެފާނަށް ދިން ހުރިހާ އަނިޔާތަކަށް ފަހު ވެސް، ކަލޭގެފާނު އަދިވެސް އަޅުގަނޑުމެންނަށް ތެދުމަގަށް ތި ދަޢުވަތު ދެއްވަނީ އެވެ. ކިހާ ރިވެތި ދީލަތިކަމެއް ތޯ އެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނެތް ކަމަށް އަޅުގަނޑު އީމާންވަމެވެ... އެހެން އިލާހަކު ވާ ނަމަ އެ އިލާހަކު އަޅުގަނޑަށް އެހީތެރިވެދިނީހެވެ. ކަލޭގެފާނަކީ ﷲ ގެ ރަސޫލާ އެވެ". އެހެންކަމުން، އޭނާ އަޞްޙާބުންގެ ތެރޭގައި ހިމެނިގެންދިޔަ އެވެ.8
عبّاسގެފާނު ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މައްކާ މީހުން އިޙްތިރާމްކުރާނޭ ފަދަ އެއްޗެއް ކަލޭގެފާނު أبو سُفيان އަށް ދެއްވަފާނަން ތޯ އެވެ"؟ އެ ޚިޔާލު ޤަބޫލުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "أبو سُفيان ގެ ގެއަށް ވަދެ ޙިމާޔަތް ހޯދާ ކޮންމެ މީހަކަށް ޙިމާޔަތް ލިބިގެންވެއެވެ. އަދި ޤަތުލުން ޙިމާޔަތް ލިބިގެން ވެއެވެ". أبو سُفيان (رضي الله عه) "މާތް ﷲ ގެ ރަސޫލާ އެވެ! ޙިމާޔަތް އިތުރުކޮށްދެއްވާނަން ތޯ އެވެ"؟ މިހެން ދެންނެވުމުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "مسجد الحرام އަށް ވަދެ އެ ތަނުން ޙިމާޔަތް ހޯދާ މީހުންނަށް ރައްކާތެރިކަން ލިބިގެން ވެއެވެ! އެމީހެއްގެ ގޭގެ ދޮރު ލައްޕައި އޭނާގެ ގޭގައި ހުންނަށް މީހާ އަށް ރައްކާތެރިކަން ލިބިގެން ވެއެވެ".
عبّاسގެފާނާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ ފަރުބަދަ މަތީ ގައި ވާދީ ހަނިވެގެން އަސްތައް ތޮއްޖެހިގެން ދެމިގަނެގެންދާ މަގަށް ގެންދާށެވެ. އޭރުން އޭނާ އަށް ﷲ ގެ ލަޝްކަރު ކަމުގައިވާ މުސްލިމުންގެ މަތިވެރިކަން ފެނިގެންދާނެއެވެ". އޭރުން أبو سُفيان އަށް އިސްލާމީ ލަޝްކަރުގެ ހައިބަތާއި، ޢަދަދު ފެނި، މައްކާގެ މުޝްރިކުންގެ ގާތު އެ ވާހަކަ ދެއްކޭނެ އެވެ.
أبو سُفيان އަށް އެ ތަން ފެނި، އޭރުން އެއްވެސް މީހަކަށް އެ މަންޒަރު ނުބަލާ ނުހުރެވޭނެ އޭނާ އަށްފެނުނު މަންޒަރާއި މުޝްރިކުންނަށް ކިޔައިދެވޭނެ އެވެ. އެހެންކަމުން، ޙަރަމުއްޝަރީފުގައި އެއްވެސް ލެއެއް ނުއޮހޮރުވޭނެ ވެސް މެއެވެ.
عبّاسގެފާނު، އަބޫ ސުފްޔާނާ އެކު ފަރުބަދަމަތީ މަގުން ދިޔަ އިރު، މުޖާހިދުން ހަނގުރާމަ އަށް ސަފު އަތުރާލައިފި އެވެ. އެ ބޭކަލުންގެ ދިދަތައް ނިއުޅާލާފައި ވުމުން، ކޮންމެ ޤަބީލާއަކުން ފަރުބަދަމަތީ މަގުން ކުރިޔަށް ދާން ފަށައިފި އެވެ. އެ އެންމެން ތިބީ ހަތިޔާރުއަޅައި ދަގަނޑު ދަހަނާ އަޅައިގެންނެވެ. އެ ގޮތުން އެހެން ދިޔަ އިރު ކޮންމެ ގްރޫޕަކުން ވެސް تكبير ކިޔަމުންދިޔަ އެވެ. أبو سُفيان (رضي الله عنه) އެއްސެވި އެވެ. "މިއީ ކޮން ބައެއް ހެއްޔެވެ"؟ عبّاسގެފާނު ޖަވާބު ދެއްވި އެވެ. "މިއީ ބަނީ ސުލެއިމް އެވެ! އެ މީހުންގެ ކޮމާންޑަރަކީ، خالد ބިން ވަލީދެވެ... މިއީ ބަނީ ޣިފާރެވެ... މިއީ ބަނީ ކަޢްބު އެވެ"! "الله أكبر! الله أكبر!" ގެ އަޑުން އުޑާއި ބިން އޮތީ ގުގުމާފައެވެ. އަދި އެތަކެއް މުޖާހިދުން އަދި އެ ބޭކަލުންގެ ހަތިޔާރުތަކުގެ ވިދުމުން ލޯތައް ތަރަތަރަލައިގެން ދެއެވެ.
أبو سُفيان (رضي الله عنه) އެންމެ ބޮޑަށް ޝައުޤުވެރިވީ رَسُوْلُ اللهِ ﷺ އަށެވެ. ހަނގުރާމަވެރިން އެކަލޭގެފާނު ވަށައިގެން މާޗްކުރާތަން ފެނި، އެކަމާ މެދު ޝައުޤުވެރިކަން އުފެދި، އެހެން ހަނގުރާމަވެރިންނަށް ވުރެ ތަފާތުވާނެ ކަމަށް ހީކުރެވުނެވެ. މި ސަބަބަށް ޓަކައި، އޭނާ އަށް އަހާލެވުނެވެ. "މިއީ رَسُوْلُ اللهِ ﷺ ގެ ސިފައިން ތޯ އެވެ"؟ އެންމެ ފަހުން، ރަސޫލުންގެ ސުލްޠާން ކަމުގައިވާ ޢާލަމްތަކުގެ ސައްޔިދު އެކަލޭގެފާނުގެ ޖަމަލުކޮޅު ކަމުގައިވާ قُصْوَى ގެ މަތީގައި ސަވާރުވެވަޑައިގެން، އިރު ފަދައިން ވިދަމުން ފެނިލައްވައިފި އެވެ. އެކަލޭގެފާނުގެ ވަށައިގެން، މުހާޖިރުންނާއި، އަންޞާރުން ތިއްބެވި އެވެ. އެ ބޭކަލުން ވަޑައިގަތީ، އެއިން ކޮންމެ ބޭކަލަކު ވެސް ބޮލުން ފެށިގެން ފައިގެ ބޮޑުވާއިގިއްޔާ ހަމަޔަށް ދަގަނޑު ދަހަނާ އަޅުއްވައިގެން، އިންޑިޔާ ކަނޑިން ހަތިޔާރު އަޅުއްވައިގެން އަދި އަސްތަކާއި ޖަމަލުތަކަށް ސަވާރުވެގެންނެވެ.
أبو سُفيان (رضي الله عنه) އަށް އެބޭކަލުން ފެނިލެއްވުމުން، އޭނާ ޝައުޤުވެރިކަމާ އެކު އެއްސެވި އެވެ. "އޭ عبّاس އެވެ! މިއީ ކޮން ބައެއް ތޯ އެވެ"؟ عبّاسގެފާނު ޖަވާބު ދެއްވި އެވެ. "މެދުގައި އެ ހުންނެވީ رَسُوْلُ اللهِ ﷺ އެވެ. އެކަލޭގެފާނު ވަށައިގެން އެ ތިއްބެވީ ޝަހީދުވުމުގެ އެދުންވެރިކަމުގައި އަނދަމުންދާ އަންޞާރުންނާއި، މުހާޖިރުންނެވެ"!
އެ ބޭކަލުންގެ ކައިރިން رَسُوْلُ اللهِ ﷺ ވަޑައިގެންނެވި އިރު، އެކަލޭގެފާނު أبو سُفيان (رضي الله عنه) އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "މިއަދަކީ، الله تعالى كعبةގެ މަތިވެރިކަން އިތުރުކުރައްވާ ދުވަހެވެ. މިއަދަކީ، ﷲ ގެ ގެކޮޅު ނިވައިވާ ދުވަހެވެ! މިއަދަކީ، ރަޙްމަތުގެ ދުވަހެވެ... މިއަދަކީ، ޤުރައިޝުން (އިސްލާމް ދީނުން) މަތިވެރިކުރައްވާ ދުވަހެވެ".
أبو سُفيان (رضي الله عنه) އަށް ފެނި އަދި އަޑުއިވުނު ކަންތައްތައް އޭނާ އަށް ފުދޭވަރު ވެއްޖެ އެވެ. "ރޯމަން އަދި އީރާނުގެ އެމްޕަޔަރތަކުން ކުރި ވެރިކަންތައް އަހަންނަށް ފެނިފައި ވެއެވެ. އެކަމަކު މިހާ ރިވެތި އެއްވެސް ކަމެއް އަހަންނަކަށް ފެނިފައެއް ނުވެއެވެ. މިއަދާ ހަމަޔަށް، މިފަދަ ލަޝްކަރެއް ނުވަތަ މުޖްތަމަޢެއް އަހަންނަށް ފެނިފައެއް ނުވެއެވެ. މި ފަދަ ލަޝްކަރެއް އެއްވެސް މީހަކަށް ހިފަހައްޓައެއް ނުލެވޭނެ އެވެ. އެއްވެސް މީހަކަށް އެ ބޭކަލުންގެ މައްޗަށް ގަދައެއް ނުވެވޭނެ އެވެ". މިހެން ވިދާޅުވެ މައްކާ އަށް ދާން ދަތުރު ފަށްޓަވައިފި އެވެ...
أبو سُفيان (رضي الله عنه) މައްކާ އަށް ވަޑައިގެން، އޭނާ އަށް ޝައުޤުވެރިކަމާ އެކު އިންތިޒާރުކުރަމުންދިޔަ މުޝްރިކުން ކައިރީގައި އޭނާ އިސްލާމްވީ ވާހަކަ އިޢުލާންކުރައްވަމުން ވިދާޅުވި އެވެ. "އޭ ޤުރައިޝުންގެ މީހުންނޭވެ! محمّد (عليه السلام) ކަލޭމެން ކައިރި އަށް ކަލޭމެންނަށް ހިފަހައްޓާނުލެވޭ ފަދަ ލަޝްކަރަކާ އެކު ވަޑައިގެންފި އެވެ. އެއްވެސް ކޮޅެއްގައި ނުޖެހޭ ގޮތަށް ތިބާގެ އަމިއްލަ ނަފްސަށް އޮޅުވާނުލާށެވެ. ތިބާ މިންޖުވުމަށް ޓަކައި މުސްލިމުންނަށް ވާށެވެ. ތިބާ އަށް ނުފެންނަ ކަންތައް އަހަންނަށް ފެނުނެވެ. ގުނާ ޢަދަދު ނުކުރެވޭ ޢަދަދުގެ ހަނގުރާމަވެރިންނާއި، އަސްތަކާއި، ހަތިޔާރުތައް އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެބައިމީހުން ހުއްޓުވައެއް ނުލެވޭނެ އެވެ. أبو سُفيان ގެ ގެއަށް ވަންނަ ކޮންމެ މީހަކަށް ޙިމާޔަތާއި، ޤަތުލުވުމުން ރައްކާތެރިކަން ރައްކާތެރިކަން ލިބިގެންވެއެވެ. ﷲ ގެ ގެކޮޅުގައި ޙިމާޔަތް ހޯދާ ކޮންމެ މީހަކަށް ރައްކާތެރިކަން ގެރެންޓީވެގެން ވެއެވެ. އޭނާގެ އަމިއްލަ ގެއަށް ވަދެ ދޮރު ލައްޕާ މީހާ އަށް ވެސް އޭނާގެ ރައްކާތެރިކަން ގެރެންޓީވެގެން ވެއެވެ".9
މިއާއެކު، އެންމެ ވަރުގަދަ މުޝްރިކުން أبو سُفيان (رضي الله عنه) އާ ދެކޮޅުހަދައި، އޭނާ އަށް ޖެއްސުންކުރި އެވެ. އިސްލާމީ ލަޝްކަރާ ކުރިމަތިލުމަށް އެބައި މީހުން އަވަސްއަރުވާލައިގެން ތައްޔާރުވާން ވެސް ފަށްޓައިފި އެވެ. އެކަމަކު އެ މީހުންގެ ޢަދަދު ވަރަށް މަދެވެ. ދެން ތިބި މީހުން އެމީހުންގެ ދައްކާ ވާހަކައަކަށް އަޑު ނާހައި، އެމީހުންގެ ގެތަކަށް ދުވެ ގޮސްފި އެވެ. އޭގެ ތެރެއިން ބައެއް މީހުން مسجد الحرام ގައި ރައްކާތެރިކަން ހޯދި އެވެ.
"މިއަދަކީ، الله تعالى ކަޢްބާގެ މަތިވެރިކަން އިތުރުކުރައްވާ ދުވަހެވެ. މިއަދަކީ، ﷲ ގެ ގެކޮޅު ނިވައިވާ ދުވަހެވެ! މިއަދަކީ، ރަޙްމަތުގެ ދުވަހެވެ... މިއަދަކީ، ޤުރައިޝުން (އިސްލާމް ދީނުން) މަތިވެރިކުރައްވާ ދުވަހެވެ".
حديث الشّريف
رَسُوْلُ اللهِ ﷺ އާއި، މަތިވެރި ޞަޙާބީން (رضي الله عنهم) ޒީ ތުވަޢް ވާދީ އަށް ވަޑައިގެން އެތަނަށް އެއްވެއްޖެ އެވެ. އަޞްޙާބު ބޭކަލުންނަށް އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުން ބެއްލެވުމަށް ފަހު، މީގެ އަށް އަހަރު ކުރިން އެކަލޭގެފާނު މައްކާ އިން ނުކުންނަވައި، މަދީނާ އަށް ހިޖުރަކުރެއްވުން އެކަލޭގެފާނުގެ ސިކުނޑިފުޅަށް އެރިއެވެ. މުޝްރިކުން އެކަލޭގެފާނުގެ ގެކޮޅު ވަށައިލި ގޮތާއި، ޔާސީން ސޫރަތް ކިޔުއްވަމުން އެކަލޭގެފާނުގެ ގެކޮޅުން އެކަލޭގެފާނު ނުކުންނެވި ގޮތާއި، އެކަލޭގެފާނާއި، أبوبكر ގެފާނު އެއްވެސް މީހަކަށް ނުފެނި ثور ފަރުބަދައިގެ ހޮހަޅަ އަށް ވެންނެވި ގޮތާއި، މައްކާގެ ސަރަޙައްދު ދޫކުރައްވުމުގެ ކުރިން އެކަލޭގެފާނު މައްކާ އަށް އެންމެ ފަހު ބެއްލެވުމަކަށް ބެއްލެވި އިރު އަންނަނިވި ފަދައިން حديث ކުރެއްވި ކުރެއްވުން އެކަލޭގެފާނުގެ ހަނދުފުޅަށް އައެވެ. "(އޭ މައްކާއޭ!) ތިބާ އަކީ، الله تعالى ހެއްދެވި ތަންތަނުގެ ތެރެއިން އެންމެ ރަނގަޅު ތަން ކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެ ތަންތަނުގެ ތެރެއިން އަޅާ ގެ ރައްބަށް އަދި ތިމަންކަލޭގެފާނު އެންމެ ލޮބުވެތި ތަނަކީ ތިބާ އެވެ. ތިމަންކަލޭގެފާނު ތި ރަށުން ބޭރުނުކުރެވުނު ނަމަ، ތިމަންކަލޭގެފާނު ތިބާ ދޫކޮށްނުލީހެވެ". އަދި އެކަލޭގެފާނުގެ ހިތާމައިގެ ދަނޑިވަޅުގައި، އެކަލޭގެފާނަށް ތަސައްލީއެއް ދެއްވުމަށް ޓަކައި، جبريل (عليه السّلام) ގެ 85 ވަނަ އާޔަތް ގެނެސްދެއްވައި، އެކަލޭގެފާނު އެނބުރި މައްކާ އަށް ވަޑައިގަންނަވާނޭ ކަމުގެ އުވާފެރި ޚަބަރު ދެއްވި ގޮތާއި، އެކަލޭގެފާނުގެ މަދު އަޞްޙާބުންނާ އެކު ބަދުރު، أُحد، ޚައިބަރު އަދި މުއުތާ ހަނގުރާމަތަކުގައި ނަޞްރު ހޯއްދެވި ގޮތް ހަނދުމަފުޅު ކުރެއްވި އެވެ. އެ ވަގުތު، މައްކާ އަށް ވަނުމަށް އެކަލޭގެފާނުގެ އަމުރުފުޅެއްގެ އިންތިޒާރުގައި އެކަލޭގެފާނުގެ ބާރަ ހާސް އަޞްޙާބުން އެކަލޭގެފާނުގެ ވަށައިގެން އެއްވެފައި ތިއްބެވި އެވެ. މިހުރިހާ ކަމެއް ދެއްވި الله تعالى އަށް، ޝުކުރުވެރިކަމުގެ އިޙްސާސްތަކާ އެކު ޙަމްދުކުރެއްވި އެވެ. ނިކަމެތި ކަމުގައި އެކަލޭގެފާނުގެ ބަރަކާތްތެރި ބޯކޮޅު ގުދުކޮށްލެއްވި އެވެ.
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުން ހަތަރު ގްރޫޕަކަށް ބައްސަވާލެއްވި އެވެ. خالد بن وليد (رضي الله عنه) ޢައްޔަންކުރެއްވީ ކަނާތް ފަޅީގެ ކޮމާންޑަރަކަށެވެ. زُبيرُ بن عوّام (رضي الله عنه) ޢައްޔަންކުރެއްވީ ވާތު ފަޅީގެ ކޮމާންޑަރަކަށެވެ. أبو عُبيدة بن جرّاح (رضي الله عنه) ޢައްޔަންކުރެއްވީ އިންފެންޓްރީ ނުވަތަ ފައިމަގުގައި ހަނގުރާމަކުރާ ސިފައިންގެ އެއް ޔުނިޓްގެ ކޮމާންޑަރަކަށް أبو عُبيدة بن جرّاح (رضي الله عنه) ޢައްޔަންކުރެއްވި އިރު، އަނެއް ޔުނިޓް ގެ ކޮމާންޑަރަކަށް ޢައްޔަންކުރެއްވީ سعد بن عُبادة އެވެ. خالد بن وليد (رضي الله عنه) މައްކާގެ ދެކުނުން ވަންނަވައި، ދެކޮޅުހަދާ ކޮންމެ މުޝްރިކަކަށް އަދަބުދެއްވައި، ޞަފާ ފަރުބަދަ ހިސާބުން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރެއްވި އެވެ. زُبيرގެފާނު މައްކާގެ އުތުރުން ވަންނަވައި، ހަޖޫން އޭ ކިޔުނު ހިސާބެއް ގައި ދިދަ ނެންގެވުމަށް ފަހު رَسُوْلُ اللهِ ﷺ އަށް އިންތިޒާކުރައްވައިގެން ހުންނެވި އެވެ. ހުޅަނގު ފަރާތުން ވެންނެވީ سعد بن عُبادة (رضي الله عنه) އެވެ.10
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ކޮމާންޑަރުންނަށް حديث ކުރެއްވި އެވެ. "ކަލޭމެންނަށް ޙަމަލާނުދެވޭހާ ހިނދަކު އެއްވެސް ބަޔަކާ ހަނގުރާމަނުކުރާށެވެ. ކަލޭމެން އެއްވެސް މީހަކު ނުމަރާ ހުށްޓެވެ". އެހެން ނަމަވެސް، އެ މީހުންގެ ނަންތައް ކުރިން ބުނެ ފާހަގަކޮށްފައިވާ މީހުން، كعبة ގެ ނިވަލުގައި ތިބިކަމުގައި ވިޔަސް، އެ މީހުންގެ ބޯކަނޑާލެވުނެވެ.11
ތެދު އައިސް، ދޮގުވެރިކަން ނެތިހިނގައްޖެ
خالد بن وليد (رضي الله عنه) ވަޑައިގަންނަވާކަން މައްކާގެ މުޝްރިކުންނަށް އެނގުމުން، عكرمة بن أبي جهل އާއި، صفوان بن أُميّة އާއި، سُهيل بن عمرُو އާއި، ބަކްރު ވަންހަ އާއި، حارث ވަންހައިގެ ބައެއް މީހުން މަގު ބަންދުކޮށްފައި އިންތިޒާރުކުރަން ފަށައިފި އެވެ. މުޖާހިދުންގެ ތެރެއިން އެންމެ ފުރަތަމަ ޙަމަލާދެއްވި ބޭކަލަކީ خالد بن وليد (رضي الله عنه) އެވެ. އެކަލޭގެފާނު މައްކާގެ ދެކުނުން ޚަންދަމާ ފަރުބަދައިގެ ބުޑަށް ވަޑައިގެންނެވި އިރު، ރުޅިއައިސް ތިބި ޤުރައިޝުންގެ މުޝްރިކުން އެ ބޭކަލުންނާ ދިމާލަށް ދުނިއުކަމުން ދިޔަ ތަން ފެނިވަޑައިގަތެވެ. ދެ މުޖާހިދުން ޝަހީދުވިއެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ، كُرز بن جابر އެވެ. އަނެއް ބޭކަލަކީ، حبش بن أشهر އެވެ. خالد بن وليد (رضي الله عنه) އޭނާގެ ސިފައިންނަށް ހަނގުރާމައިގައި ސަފު އެތުރޭނެ ގޮތުގެ އޯޑަރ ދެއްވިއިރު ވިދާޅުވީ، "ނުމަރާ ދޫކޮށްލާނީ ބަލިވެގެން ފިލަން ދުވާ މީހުން އެކަންޏެވެ". މިހެން ވިދާޅުވުމުން އިސްލާމީ ސިފައިން ބާރަށް ކުރިޔަށް ޖެހިލައިފި އެވެ. އެދިޔަ ގޮތަށް ގޮސް މުޝްރިކުންގެ ޙަމަލާ ނާކާމިޔާބުކޮށްލުމަށް ފަހު، އެ ބޭކަލުން ބާރަށް ވަޑައިގަތީ مسجد الحرام އަށެވެ. އެ ހަނގުރާމައިގައި ހަތްދިހަ މުޝްރިކުން ޤަތުލުކުރެވުނެވެ.12 ބައެއް މުޝްރިކުން ފިލަން ފަރުބަދަތަކަށް އެރުމަށް ދިޔައިރު، އަނެއް ބަޔަކު ފިލަން ދިޔައީ އެ މީހުންގެ ގެތަކަށެވެ.
المكَّةُ المُكرَّمة ފަތަޙަކުރެއްވުން
މުޤައްދަސް މައްކާ އަށް އެހެން ދިމަދިމާލުން ވެންނެވި މަތިބެރި ޞަޙާބީންނާ އެއްވެސް ދެކޮޅުހެދުމަކާ ކުރިމަތިލާކަށް ނުޖެހުނެވެ. މަރާލުމަށް އޯޑަރކުރެވިފައިވާ ފަސް މީހަކު ހިފާ ވަގުތުން މަރުގެ އަދަބު ދެވުނެވެ. އެހެން މީހުން މައްކާ ދޫކޮށް ފިލީއެވެ.
"އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެ އެވެ. އަދި باطل ގޮތް ނެތި ފިލައި ހިނގައްޖެ އެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައި ވިއެވެ".
الإسراء: 81
ބުރާސްފަތި ދުވަހު، ރަމަޟާން މަހުގެ 20 ވަނަ ދުވަހު، މުޖާހިދުން މައްކާ އަށް ވަންނަމުން ދިޔައީ ވަރަށް ފޯރިއާ އެކު، ބައިގަނޑަކަށް ފަހު ބައިގަނޑެއް، تكبيرގެ އަޑު ކަމުގައިވާ "الله أكبر! الله أكبر!" ގެ ތެރޭގައެވެ.
رَسُوْلُ اللهِ ﷺ ވަރަށް ތަވާޟުޢުވެރިކަމާ އެކު، އެކަލޭގެފާނުގެ އުފަން ރަށް ކަމުގައިވާ މުޤައްދަސް މައްކާ އަށް ވަންނަވައިފި އެވެ. އެކަލޭގެފާނު ހުންނެވީ އެކަލޭގެފާނުގެ ޖަމަލު ކަމުގައިވާ قُصْوَى ގެ މައްޗަށް أُسامة بن زيد އާ އެކު ސަވާރުވެވަޑައިގެންނެވެ. މިއަދު ދެއްކެވި ކަމަށް ޓަކައި އަށް އެކަލޭގެފާނު ޙަމްދުކުރައްވައި، މައްކާ ފަތަޙަކުރެއްވުމުގެ އުފާވެރި ޚަބަރު ދެއްވާފައިވާ سورة الفتح ތިލާވާކުރެއްވި އެވެ.
رَسُوْلُ اللهِ ﷺ ވަރަށް އުފަލާ އެކު، كعبة المُعظَّمة އާ ދިމާލަށް ވަޑައިގަތުމަށް އެކަލޭގެފާނުގެ ނަޞްރުވެރި އަޞްޙާބުންނާ އެކު ނުކުންނަވައިފި އެވެ. އެކަލޭގެފާނު كعبة އާ ދިމާލަށް ވަޑައިގަތީ، އެކަލޭގެފާނުގެ ކަނާތް ފަރާތުގައި أبو بكرގެފާނު، އަދި أُسيد بن حُضير އެކަލޭގެފާނުގެ ވާތް ފަރާތުގައެވެ. حجرُ الأسود އަށް ޒިޔާރަތްކުރުމަށް ފަހު، އެކަލޭގެފާނު تلبية އާއި تكبير ކިޔުއްވި އެވެ. މިގޮތަށް ޞަޙާބީން ޢަމަލުކުރެއްވި އެވެ. އަދި މައްކާގެ އުޑުމަތި ގުގުމާލާފަ އޮތީ "الله أكبر! الله أكبر!" ގެ އަޑުންނެވެ. މި މަތިވެރި މަންޒަރު ފެނިފައި، މުސްލިމުން އުފަލުން ރޮމުން ދިޔަ އިރު، الحرم الشَّريف ގައި ޙިމާޔަތް ހޯދި މުޝްރިކުންނާއި، އަމިއްލަ ގޭގައި ތަޅުލައިގެން ތިބި މީހުން އިންތިޒާރުކުރަމުން ދިޔައީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
ދެން، رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުން طواف ކުރައްވަން ފަށްޓަވައިފި އެވެ. ހަތް ވަނަ طواف ފުރިހަމަކުރެއްވުމަށް ފަހު، އެކަލޭގެފާނުގެ ޖަމަލުން ފައިބާވަޑައިގެން، مقام إبراهيم ނަމަކަށް ކިޔާ ތަނެއް ގައި ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. ދެން އޭގެ ފަހުން عبّاسގެފާނު ވަޅުން ނެންގެވި ޒަމްޒަމް ފެން ހިއްޕެވި އެވެ. رَسُوْلُ اللهِ ﷺ ބޭނުންފުޅުވީ ޒަމްޒަމް ފެނުން ވުޟޫކުރެއްވުމަށެވެ. ވުޟޫކުރައްވަމުން ގެންދެވި އިރު، ވުޟޫކުރެއްވި ފެން ބިމުގައި ޖެހުމުގެ ކުރިން އަޞްޙާބު ބޭކަލުން ނަންގަވަމުން ގެންދެވި އެވެ. މި މަންޒަރު ފެނުނު މުޝްރިކުން އެކަމާ ޙައިރާންވެގެން ބުނޫއެވެ. "އަހަރެމެންގެ ޙަޔާތުގައި މިފަދަ ވެރިޔެއްގެ ވާހަކަ އަޑުއިވި ނުވަތަ ނުވަތަ ފެނިފައެއް ނުވެއެވެ".
رَسُوْلُ اللهِ ﷺ ބޭނުންފުޅުވީ كعبة ވަށައިގެން ހުރި ބުދުތައް ނައްތާލެއްވުމަށެވެ. އެއާއެކު سورة الإسراء ގެ 81 ވަނަ އާޔަތް ތިލާވާކުރެއްވި އެވެ. ކީރިތި قرآن ގެ سورة الإسراء ގެ 81 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾) * الإسراء: -81)13 މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެ އެވެ. އަދި باطل ގޮތް ނެތި ފިލައި ހިނގައްޖެ އެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައި ވިއެވެ". އޭގެ ފަހުން، ބުދުތަކާ ދިމާލަށް އަތްޕުޅުން އިޝާރާތްކުރެއްވި އެވެ. ޞަޙާބީން ބީހިލެއްވި ކޮންމެ ބުދެއް ވެސް ބުދަކަށް ފަހު ބުދެއް މޫނު ވަތަށް ވެއްޓުނެވެ. ތިން ސަތޭކަ ފަސްދޮޅަސް ބުދު ހަލާކުކޮށްލެވުނެވެ.14
ޢަޞްރު ނަމާދު ވަގުތު ޖެހުނު އިރު، رَسُوْلُ اللهِ ﷺ بلال ގެފާނަށް އެންގެވީ كعبة ގައި ބަންގި ގޮވުމަށެވެ. بلال ގެފާނު ވަގުތުން އެ މުޤައްދަސް ވާޖިބު އަދާކުރެއްވި އެވެ. ބަންގި ގޮވަމުން ދިޔަ އިރު، މުސްލިމުންގެ ހިތްތަކުގައި ހިތްހަމަޖެހުން އުތުރި އަރައިގެން ދިޔައެވެ. އަދި މުޝްރިކުންނަށް ލިބިގެން ދިޔައީ، ހިތްދަތިކަމާއި، ހިތާމަ އެވެ.15
كعبةގެ ތަޅުދަނޑި ކޮބައި ތޯ رَسُوْلُ اللهِ ﷺ އެއްސެވި އެވެ. އެބައި މީހުން ގެފުޅުގެ ތަޅުދަނޑި ގެނައެވެ. ގެފުޅުގެ އެތެރެ، ކުރެހުންތަކުންނާއި، ތަޅާލެވުނު ބުދުތަކުން ސާފުކުރެވުމުން، އެކަލޭގެފާނު كعبة ގެ ތެރެއަށް ވެންނެވީ، أُسامة بن زيد އާއި، بلال އަދި عُثمان بن طلحة (رضي الله عنه) އާ އެކުގައެވެ. އެތެރޭގައި، ދޮރާ ދިމާލަށް ފުރަގަސް ދެއްވައިގެނ ހުންނަވާ އެކަލޭގެފާނު ދެ ރަކްޢަތް ނަމާދު ކުރެއްވި އެވެ. ކޮންމެ ކަމެއް ގައި، تكبير ކިޔުއްވައި ނަމާދުކުރެއްވި އެވެ. خالد بن وليد ގެފުޅުގެ ދޮރުމަތީގައި ކޮޅަށް ހުންނަވައި، އެތާގައި މީސްތަކުން ޖަމާވެ ތޮއްޖެހުން ހުއްޓުވުމަށް މަސައްކަތްކުރެއްވި އެވެ.
ގެފުޅުގެ ދޮރުފަތުގެ ދެ ފަޅީގައި ހިފަހައްޓަވައިގެން ހުންނެވި އެވެ. ޤުރައިޝް ވަންހައިގެ އެންމެން مسجد الحرام އަށް އެއްވެ، އުއްމީދާއި ބިރުވެތިކަމާ އެކު رَسُوْلُ اللهِ ﷺ އާ ދިމަލަށް ބަލަހައްޓައިގެން ތިއްބެވެ. އެހެނީ، އެމީހުން ވަނީ، އަށް މަލާމާތްކޮށް، އެކަލޭގެފާނުގެ ހަށިކޮޅުގައި ތަޅައި، އަވަހާރަކޮށްލަން މަސައްކަތްކޮށްފައެވެ! އެބައިމީހުން ވަނީ، އެކަލޭގެފާނުގެ އަޞްހާބުންނަށް އެތަކެއް އަނިޔާއެއް ކޮށްފައެވެ. ބައެއް އަޞްހާބު ބޭކަލުންގެ ކަރުގައި ވަލުން އައްސައި ދަމާފައި ވެއެވެ. އެ ބޭކަލުން އަނިފާނުގެ ތެރެއަށް އުކައި އަންދާލަން މަސައްކަތްކޮށްފައެވެ. ހޫނުކޮށްފައި ހުރި ހިލަތައް އެ ބޭކަލުންގެ މޭތަކަށް އަރުވައި، ހޭނެތެން ދެން އަނިޔާކޮށްފައެވެ. އަލިފާނުގައި ދޮންކޮށްފައިވާ ދަގަނޑު ރޮޑްތައް އެ ބޭކަލުންގެ ހަށިތަކަށް ހަރާފައި ވެއެވެ. އެ ބޭކަލުން ކާނާ އާއި ބޯފެން ނުދީ ތިން އަހަރު ވަންދެން ޖަލަށް ލައި ހުރިހާ އެއްޗަކުން މަޙްރޫމްކޮށްފައި ވެއެވެ. އެ ބޭކަލުންގެ ފައިތައް ޖަމަލުތަކުގައި ބަނދެއެކި ދިމާލަށް ދަމައި، އެ ބޭކަލުންގެ ހަށިތައް ވީދާލައި ވެއެވެ. އަދި ކީއްތޯ އެވެ! އެ ބޭކަލުންގެ ވަޠަނުން އެ ބޭކަލުން ވަނީ ބޭރުކޮށްފައެވެ. އެވަރުން ނުފުދިގެން، މުސްލިމުން އެއްކޮށް ނައްތާލުމަށް ޓަކައި، އެތައް ފަހަރަކު ހަނގުރާމަކޮށްފައި ވެއެވެ.
މިހުރިހާ ކަމަކާ އެކު ވެސް މުސްލިމުން ތިބީ އުއްމީދާ އެކުގައެވެ. އެހެނީ، އެ ބޭކަލުންގެ ކުރިން، އޯގާތެރިކަމުގެ ކަނޑު ވަނީ ދުނިޔެ އަށް ފޮނުއްވާފައެވެ. އެ މީހުންނާ ދިމާލަށް ބައްލަވާލެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ޤުރައިޝުންގެ މީހުންނޭވެ! ތިމަންކަލޭގެފާނު ކަލޭމެންނާ ދޭތެރޭ ކަންތައް ކުރައްވަންވީ ގޮތާ މެދު ކަލޭމެން ދެކެނީ ކިހިނެއް ހެއްޔެވެ"؟ އެބައި މީހުން ޖަވާބު ދިނެވެ. "އަޅުގަނޑުމެން ކަލޭގެފާނުގެ ކިބައިން ދެކޭހިތްވަނީ ރަނގަޅު ކަންތައްތަކެވެ. އަދި އުއްމީދުކުރެވެނީ، ރަނގަޅު ކަންތައްތަކެވެ. އެހެނީ، ކަލޭގެފާނަކީ، ދީލަތި އަޚެކެވެ. ކަލޭގެފާނަކީ، ދީލަތި އަދި ރަނގަޅު އަޚެއްގެ ދަރިކަލުންނެވެ. ކަލޭގެފާނު އަޅުގަނޑުމެން ބަލިކުރައްވައިފީމުއެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ ކިބައިން އުއްމީދުކުރަނީ ރަނގަޅު ކަންތައްތަކެވެ".
އެބައިމީހުންނަށް ހިނިވަރުނަކުރެއްވުމަށް ފަހު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އަހަރެމެންގެ ދެމެދުގައިވާ ޙާލަތް ވާނީ يوسف (عليه السّلام) އާއި އެކަލޭގެފާނުގެ އަޚުންނާ ދެމެދުގައިވީ ޙާލަތް ފަދަ ޙާލަތަކަށެވެ. ތިމަންކަލޭގެފާނު حديث ކުރައްވާނީ އޭނާ ވިދާޅުވި ގޮތަށެވެ. ކީރިތި قرآن ގެ سورة يوسف ގެ 92 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ﴿٩٢﴾) * يوسف: -92)16 މާނައީ: 'މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެތަބަހެއް ނެތެވެ. ތިޔަބައި މީހުންނަށް ﷲ ފާފަފުއްސަވާށި އެވެ' ދާށެވެ! ތިޔަބައި މީހުންނަކީ މިނިވަނުންނެވެ".
އާދަޔާ ޚިލާފު މި އޯގާތެރިކަމުގެ ސަބަބުން، ހަރު ހިތްތައް މަޑުކުރައްވައި، ނަފްރަތު، ލޯތްބަށް ބަދަލުވެގެން ހިނގައްޖެ އެވެ. ޢާލަމްތަކުގެ ސައްޔިދު އެ މީހުންނަށް އިސްލާމް ދީނަށް ގޮވާލެއްވުމުން، އިސްލާމް ވުމަށް ޓަކައި އެ މީހުން އެއްވެއްޖެ އެވެ.
އެ ތަނެއް ގައި ހުންނަވައިގެން އެންމެ ފުރަތަމަ ޤުރައިޝުންނަށް ރަސޫލުކަން އިޢުލާންކުރައްވައި، އެ މީހުންނަށް އިސްލާމް ދީނަށް ގޮވާލެއްވި ޞަފާ ފަރުބަދަ އަށް رَسُوْلُ اللهِ ﷺ އެރުއްވި އެވެ. އަނެއްކާވެސް، އެތަނުގައި ހުންނަވައިގެން، މައްކާގެ ޒުވާން އަދި ދުވަސްވީ، ފިރިހެން އަދި އަންހެން މައްކާ މީހުންގެ ތާއީދުކުރުން ޤަބޫލުކުރެއްވި އެވެ. އެހެންކަމުން، ޤުރައިޝުން މުސްލިމުންނަށް ވެ، އަޞްޙާބުންގެ ސަފުތަކާ ގުޅިއްޖެ އެވެ.
"އަހަރެމެންގެ ދެމެދުގައިވާ ޙާލަތް ވާނީ يوسف (عليه السّلام) އާއި އެކަލޭގެފާނުގެ އަޚުންނާ ދެމެދުގައިވީ ޙާލަތް ފަދަ ޙާލަތަކަށެވެ. ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނީ އޭނާ ވިދާޅުވި ގޮތަށެވެ. ކީރިތި قرآن ގެ سورة يوسف ގެ 92 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ﴿٩٢﴾) * يوسف: -92) މާނައީ: 'މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެތަބަހެއް ނެތެވެ. ތިޔަބައި މީހުންނަށް ﷲ ފާފަފުއްސަވާށި އެވެ' ދާށެވެ! ތިޔަބައި މީހުންނަކީ މިނިވަނުންނެވެ".
حديث الشّريف
ފިރިހެނުންގެ އެއްބަސްވުން އިންތިޒާމްކުރެއްވުމަށް ފަހު، ބައެއް މައްސަލަތަކުގައި އަންހެނުންގެ ވަޢުދުތައް ވެސް ނެގުނެވެ.17 އޭގެތެރޭގައި، މާތް ﷲ އަށް ޝަރީކުނުކުރުމާއި، رَسُوْلُ اللهِ ﷺ އަށް ނުކިޔަމަންތެރި ނުވުމަށާއި، ވައްކަން ނުކުރުމަށާއި، ޢިއްފަތްތެރިކަން ރައްކާތެރިކުރުމަށާއި، ބުހުތާނު ދޮގު ނުހެދުމަށާއި، އަންހެން ދަރިން ނުމެރުމަށެވެ.
رَسُوْلُ اللهِ ﷺ ގެ އަރިހުގައި ތިބި އަންހެނުން މި ހުރިހާ ކަންތައްތަކެއް ޤަބޫލުކޮށް، އަނގަބަހުން ހުވާކޮށްފި އެވެ. އެ މީހުންނަށް ބަރަކާތްލެއްވުން އެދިވަޑައިގެން އަދި އެ މީހުންގެ ފާފަތައް ފުއްސަވައި ދެއްވުން އެދިވަޑައިގެން رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. أبو سُفيانގެ އަނބިކަނބަލުން އަދި معاوية (رضي الله عنه) ގެ މަންމާފުޅު هند (رضي الله عنها) އެ މީހުންގެ ތެރޭގައި ހުންނެވި އެވެ. އަންހެނުންގެ މި ބައިޢަތާ ބެހޭގޮތުން، އެ ކަމަނާ އެ މީހުންގެ ފަރާތުން ވާހަކަދެއްކެވި އެވެ. (އެ ކުރެއްވި ހުވަޔާއި، ދުޢާގެ ސަބަބުން އެ ކަމަނާގެ އާޚިރަތް ކާމިޔާބުކުރައްވައިފި ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެއްވެސް މުސްލިމު އަންހެނަކު މި ޝަރުޠުތައް ޤަބޫލުކޮށް ޢަމަލުކުރާ ނަމަ، މި ހުވައިގައި ބައިވެރިވީ ކަމަށް ބެލެވި އަދި އެ ދުޢާ އިން ފައިދާކުރާނެ އެވެ.)
އިސްލާމްވީ އެންމެން، އެ މީހުންގެ ގޭގޭގައި ހުރި ބުދުތައް ތަޅާލި އެވެ. ވަށައިގެން އުޅުނު ޤަބީލާތަކަށް ޢަސްކަރީ ޔުނިޓްތައް ފޮނުވި، ބުދުތައް ވެސް ތަޅާލެވުނެވެ. އެހެންކަމުން، ޙައްޤު ފާޅުވެ، ބާޠިލު ފިލައިގޮސްފި އެވެ.
ކުށްވެރިން
އިސްލާމް ދީނުގެ ފުރަތަމަ ދުވަހުން ފެށިގެން ހިޖުރައިން އަށް ވަނަ އަހަރާ ހަމައަށް، ތަފާތު އެކި ކުށްތައް ކުރުމުން މަރުގެ ޙުކުމް އިއްވިފައިވާ މީހުން ތިއްބެވެ. رَسُوْلُ اللهِ ﷺ އެ މީހުންގެ ނަންތައް (އެގާރަ ފިރިހެނުންނާއި ހަ އަންހެނުން) حديث ކުރައްވައި އަމުރުކުރެއްވި އެވެ. "ފެނުނު ކޮންމެ ތާކުން މި މީހުން މަރާށެވެ". ކުށްވެރިވެރިވެފައި ތިބި ފިރިހެނުންނަކީ، عكرمة بن أبي جهل އާއި، وحشي بن حرب الوحشي އާއި، عبدالله بن أبي سرح އާއި، حرب بن أسود އާއި، صفوان بن أُميّة އާއި، كعب بن زُهير އާއި، عبدالله بن زبعري އާއި، عبدالعزّى بن خطل އާއި، حُويرس بن مُعاذ އާއި، مقيص بن صبابة އާއި، حارث بن طُلعة އެވެ. ކުށްވެރިވެފައި ތިބި އަންހެނުންނަކީ، هند بنت عُتبة އާއި، إبن حنظلة ގެ ގެ އަޅު އަންހެނަކާއި، ސާރާ އާއި ބަނީ عبدالمطّلب ގެ އަޅަކާއި، أُمُّ سعد އެވެ.
ރަޙްމަތް ލިބުނު މީހުން
هند بنت عُتبة: އިސްލާމްވީ މީހުންގެ ތެރޭގައި، މަރަންޖެހޭ މީހުންގެ ލިސްޓުގައި ހިމެނޭ أبو سُفيان ގެ އަނބިމީހާ ކަމުގައިވާ ހިންދު ހިމެނެއެވެ. އެކަމަކު، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި رَسُوْلُ اللهِ ﷺ އޭނާ އަށް ވެސް މާފުދެއްވި އެވެ. އޭނާ އަކީ މުސްލިމުންނަށް އަނިޔާކޮށް ދުއްތުރާ ކުރަމުންދިޔަ މީހެކެވެ. أُحد ހަނގުރާމައިގައި حمزة ގެފާނާއި، އެހެން ޝަހީދުންނަށް ކުރި އަނިޔާތަކުގެ ފަހަތުގައި އޭނާ ވެއެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު، رَسُوْلُ اللهِ ﷺ ޞަފާ ފަރުބަދަ އަށް ވަޑައިގެން އެތާނގައި އިށީންނެވި އެވެ. عُمرُ (رضي الله عنه) އެކަލޭގެފާނުގެ އަރިހުގައި އިށީންނެވި އެވެ. އެންމެ ފުރަތަމަ ފިރިހެނުން، ދެން އަންހެނުން އައިސް މީހަކަށް ފަހު މީހަކު އިސްލާމްވެއްޖެ އެވެ. އަންހެނުންގެ ތެރޭގައި علي (رضي الله عنه) ގެ ކޮއްކޮ أُمُّ هاني އާއި، مُعاوية (رضي الله عنه) ގެ މަންމަ ހިނދު ހިމެނެއެވެ. އެ ކަމަނާ رَسُوْلُ اللهِ ﷺ އަށް ބައިޢަތު ހިފި އެވެ. އެކަމަނާ އަންހެންވެރިންގެ ފަރާތުން رَسُوْلُ اللهِ ﷺ އާ އެކު މުޢާހަދާއެއްވި އެވެ. ރިވެތި ދުޢާއެއް އެކަމަނާ އަށް ލިބިގެންދިޔަ އެވެ.
عكرمة بن أبي جهل: އޭނާ އަކީ أبو جهل ގެ ފިރިހެން ދަރި އެވެ. އޭނާ ހިމެނިގެންދިޔައީ ރަޙްމަތް ލިބިގެންދިޔަ މީހުންގެ ތެރޭގައެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު، އޭނާ ޞަޙާބީއަކު ޝަހީދުކުރުމަށް ފަހު، ޔަމަނަށް ފިލައިގެން ދިޔައެވެ. މި ޚަބަރު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތުމުން، އެކަލޭގެފާނު ހިނިވަރުނަ ކުރެއްވި އެވެ. އަޞްހާބު ބޭކަލުން އެކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭނާ ޝަހީދުކޮށްލި މީހާގެ އަތުގައި ހިފައިގެން عكرمة ސުވަރުގޭގައި އެބަ ހިންގައެވެ". އޭނާގެ އަންހެނުން އުއްމު حاكم بن حارث بن هشام ވަނީ بيعة النّساء (އަންހެނުންގެ ބައިޢަތު) ގެ ތެރެއިން އިސްލާމްވެ، عكرمة އަށް މަޢާފުކޮށްދެއްވުން އެދި رَسُوْلُ اللهِ ﷺ އަށް ދަންނަވާފައެވެ. އޭނާ އެނބުރި މައްކާ އަށް އައީ أُمُّ حاكم އާ އެކުގައެވެ. އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް މަޢާފުކޮށްދެއްވުމަޢް ދެންނެވި އެވެ. އަތްޕުޅު ދިއްކޮށްލައްވައި، ދެއްވި މަޢާފު ބަލައިގަތުމަށް އެންގެވި އެވެ. އިސްލާމް ވުމަށް ފަހު، عكرمة (رضي الله عنه) ވެގެން ގޮސްފައިވަނީ، ގަދައަޅައި މަސައްކަތްކުރެއްވި ބޭކަލަކަށެވެ. އޭނާ ވެގެން ގޮސްފައިވަނީ އަޞްޙާބުންގެ ތެރެއިން ބަޠަލަކަށެވެ. އޭނާ އޮމާން އާއި، ޔަމަން ގައި ހަނގުރާމަކުރެއްވި އެވެ. އަދި ޝަހީދުވީ ޔަރްމޫކު ހަނގުރާމައިގައެވެ.
وحشي بن حرب حبشي: އޭނާ އަކީ، أُحد ހަނގުރާމައިގައި حمزة ގެފާނު ޝަހީދުކޮށްލި މީހާ އެވެ. ވަޙްޝީ އަށް ލަޢުނަތް ނުލެއްވީ ކީއްވެގެން ތޯ ސުވާލު ދެންނެވުމުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މިޢުރާޖު ވިލޭރޭ، حمزة އާއި ވަޙްޝީ އަތާއި އަތް ގުޅާލައިގެން ސުވަރުގެ ވަންނަނިކޮށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ". ވަޙްޝީ ވަނީ މައްކާ ފަތަޙަކުރެވުނު ދުވަހު ފިލައިގެން ގޮސްފައެވެ. ކުރެވުނު ކުށުގެ ބޮޑުކަން އިޙްސާސްވެފައި ހުރިލެތް ބޮޑުކަމުން، އޭނާ ޠާއިފުގެ މީހުންނާ އެކު މަދީނާގެ މިސްކިތަށް ގޮސް، ސަލާމް ގޮވާލައިފި އެވެ. رَسُوْلُ اللهِ ﷺ އޭނާގެ ސަލާމަށް އިޖާބަ ދެއްވި އެވެ. އެއާއެކު އޭނާ އިސްލާމް ވެއްޖެ އެވެ. އޭނާ އަށް މަޢާފުކުރެވުނެވެ. އެހެން ނަމަވެސް، ޔަމާމާ އަށް ދިއުމަށް އޭނާ އަށް އަމުރުކުރެވުނެވެ. ގެ ކުރިފުޅުމަތީގައި އޭނާ ލަދުވެތިކަން އިޙްސާސްވީލެއް ބޮޑުކަމުން އޭނާ ހުންނަނީ އިސްދަށަށް ޖަހައިގެންނެވެ. އޭގެ ފަހުން އޭނާ މަދީނާ އަށް އައިސްފައެއް ނުވެއެވެ. އިސްލާމް ވުމަށް ފަހު އޭނާގެ ފާފަތައް ފޮހެވިގެންދިޔަ އެވެ. ހުރިހާ އައުލިޔާވެރިންނަށް ވުރެ އޭނާގެ ދަރަޖަ މަތިވެރިވެގެން ވެއެވެ.
ހިޖުރައިން 11 ވަނަ އަހަރު، މުރުދައްދުވީ މީހުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ޔަމާމާ ގައި ކުރެވުނެވެ. މުސައިލަމަތުގެ ސިފައިންގެ ވިހި ހާސް ސިފައިންނާއި، خالد بن وليد ގެ ސިފައިންގެ ތެރެއިން ދެ ހާސް ސިފައިން އެ ހަނގުރާމައިގައި މަރުވި އެވެ. ހަނގުރާމައިގެ މައިދާން ދޫކޮށް ފުރަތަމަ ދިޔައީ މުސްލިމުންނެވެ. ދެން وحشي (رضي الله عنه) ހިތްވަރާ އެކު ޙަމަލާދެއްވައި، حمزة ގެފާނު އެ ލޮންސިއަކުން ޝަހީދުކޮށްލި ލޮންސިން ޖަހައި مُسيلمةُ الكذّاب ޤަތުލުކުރައްވައިފި އެވެ.18 މި ތަން ފެނި، މުސްލިމުން ޙަމަލާދީ އެ ހަނގުރާމަ ފަތަޙަކޮށްފި އެވެ. އެހެންކަމުން، އޭރު، ވަޙްޝީ ޔަމާމާ އަށް ފޮނުވިކަން އެއީ ވަރަށް ބޮޑު މުޢުޖިޒާތެއް ކަން އެނގިގެންދިޔަ އެވެ. ހިޖުރައިން ބާރަ ވަނަ އަހަރު ހިނގި ޔަރްމޫކް ހަނގުރާމައިގައި ވެސް އޭނާ ބައިވެރިވެ، ރޯމަނުންނާ ދެކޮޅަށް ވަރުގަދަ ހިތްވަރެއް ދެއްކެވި އެވެ. އޭނާ ދިރިއުޅުއްވީ ޙުމްސް ގައެވެ. އެ ރަށުގައި އޭނާ އަވަހާރަވީ ޢުޡްމާން (رضي الله عنه) ގެ ޚިލާފަތުގެ ދުވަސްވަރު އެވެ.
ކުށަށް އަރައިގަންނަ މީހުންގެ މަޢާފަށް އެދުން އެކަލޭގެފާނު ޤަބޫލުކުރައްވާނީ ރިވެތިކަމާ އެކުގައޭ.
ފާހަގަކުރެވޭ ފަދަ ޞިފަފުޅެއް، ރަޙްމުން ފުރިގެންވުން، ދީލަތިކަމުގެ ފެށުމޭ.
މުއްސަނދިކަމުގެ މައްޗަށް ފަޤީރުކަން އެކަލޭގެފާނު އިސްކަން ދެއްވައި އެކަމަށް ފަޚްރުވެރިވެވަޑައިގަތޭ.
އެހީ ބޭނުންވާ މީހުންނާ ރަޙްމަތްތެރިވެ ވަޑައިގަތޭ، ދީލަތިކަމުގެ ފެށުމޭ.
އެކަލޭގެފާނުގެ އަމިއްލަފުޅު ހެދުންކޮޅު ގަނޑުއަޅުއްވައި، އަދި މަރަވަޅި ވެސް ތުރުކުރެއްވިއޭ.
ބަލި މީހުންނަށް ޒިޔާރަތްކުރައްވައި އެ މީހުންގެ ބަލި ފަސޭހަކޮށްދެއްވިއޭ، ދީލަތިކަމުގެ ފެށުމޭ.
އެކަލޭގެފާނުގެ ޢާއިލާ އަށް އަމިއްލަފުޅަށް ޚިދުމަތްކުރެއްވިއޭ.
އަދި ހުރިހާ ދަތިކަމެއް ފިލުއްވިއޭ، ދީލަތިކަމުގެ ފެށުމޭ.
އެކަލޭގެފާނު ހަމައެކަނި މުގު ސޫޕާއި، ބާލީ ޕާނުގެ ކެއުމަކަށް ދަޢުވަތު އެރުވުނަސް،
މެހްމާނަކަށް ވުމަށް ދަޢުވަތު ޤަބޫލުކުރެއްވިއޭ، ދީލަތިކަމުގެ ފެށުމޭ.
އެކަލޭގެފާނު ބައެއް ފަހަރު ޖަމަލަކަށް ނުވަތަ އަހަކަށް، ބައެއް ފަހަރު ޙިމާރަކަށް ސަވާރުވެވަޑައިގަތޭ،
އެކަލޭގެފާނު ބައެއް ފަހަރު ހިންގަވާ އުޅުއްވިއޭ، ދީލަތިކަމުގެ ފެށުމޭ.
