ޙުނައިން ހަނގުރާމަ
"މާތް ﷲ ގެ އިރާދަފުޅާ އެކު އެ މީހުން (ހަވާޒިން އަދި ޘަޤީފު) މުސްލިމުންގެ ޣަނީމާ މުދަލަށް ވާނެއެވެ".
حديث الشّريف
ޙުނައިން އަކީ މައްކާ އާއި ޠާއިފާ ދެމެދުގައި އޮންނަ ވާދީއެކެވެ. މި ހަނގުރާމަ އަށް ވެސް ކިޔެނީ ޙުނައިން ހަނގުރާމަ އެވެ. މައްކާ ފަތަޙަކުރެއްވުމުގެ ނިޔަތުގައި رَسُوْلُ اللهِ ﷺ މަދީނާ އިން ނުކުންނެވުމުން، މުސްލިމުން އެ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާނެ ކަމަށް ހީކޮށް، މައްކާގެ ވަށައިގެން ދިރިއުޅޭ ބޮޑު ދެ ޤަބީލާ ކަމުގައިވާ ހަވާޒިން ވަންހަ އާއި، ޘަޤީފު ވަންހަ ހަނގުރާމަ އަށް ތައްޔާރުވާން ފަށައިފި އެވެ. رَسُوْلُ اللهِ ﷺ ވަޑައިގަތީ މައްކާ ފަތަޙަކުރެއްވުމަށް ކަން އެނގުމުން، އެ މީހުންނަށް ހަމަނޭވާއެއް ލެވުނަސް، ޤުރައިޝުންނަށް ފަހު ދެން އޮތީ އެމީހުން ކަމަށް ހީކޮށް ހަނގުރާމަ އަށް ތައްޔާރުވުން އަދި ކުރިޔަށް ވުރެ އަވަސްކުރި އެވެ. އޭގެ އިތުރަށް، އެ މީހުން ބުނޫއެވެ. "އަހަރެމެން ހުވާކޮށްފައި ބުނަމޭ، މުސްލިމުން ދުވަހަކު ވެސް ރަނގަޅަށް ހަނގުރާމަކުރާ ޤައުމަކާ އަދި ކުރިމަތިލާފައެއް ނުވެއެވެ. އެކަލޭގެފާނު އަހަރެމެންނާ ދެކޮޅަށް ނުކުންނެވުމުގެ ކުރިން، އަހަރެމެން މުސްލިމުންނާ ދެކޮޅަށް ނުކުމެ، ހަނގުރާމަކުރުމަކީ ކޮބައިކަން ދައްކަމާ ހިނގާށެވެ". އެ މީހުން ތައްޔާރުވީ، ހަވާޒިން ވަންހައިގެ ވެރިޔާ ކަމުގައިވާ مالك بن عوف ގެ ކޮމާންޑު ކަމުގެ ދަށުން ވިހި ހާސް ސިފައިންގެ ވަރުގަދަ ލަޝްކަރެއް ޖަމާކޮށްގެންނެވެ. އެ މީހުންގެ ސިފައިންގެ ހިތްވަރު ގަދަކޮށް، އުނދަގުލާ ކުރިމަތިވުމުން، އެ މީހުން މައިދާން ދޫކޮށް ދިއުން ހުއްޓުވުމަށް ޓަކައި، އެ މީހުންނާ އެކު އެ މީހުންގެ ހުރިހާ މުދަލަކާއި، އަންހެންވެރިންނާއި، ކުޑަކުދިން ގެ ގެންދިޔައެވެ.
މި ޚަބަރު ދާދި އަވަހަށް މައްކާ އަށް ފޯރައިފި އެވެ. މި ޚަބަރު ތެދު ތޯ ބެއްލެވުމަށް ޓަކައި، رَسُوْلُ اللهِ ﷺ، ޢަބްދުﷲ ބިން އަބީ ޙަދްރަދު، ހަވާޒިން ވަންހަ އާ ހަމަޔަށް ފޮނުއްވި އެވެ. ޢަބްދުﷲ ގެފާނު އޭނާގެ ސިފަބަދަލުކުރައްވައިގެން ޢަދުއްވުންގެ ތެރޭގައި ހުންނަވައިގެން ވަޑައިގެންފި އެވެ. އެ މީހުންގެ ރައުޔުތަކާއި، ކަންތައްކުރާނެ ގޮތް ބައްލަވައި، ވަގުތުން އެކަން رَسُوْلُ اللهِ ﷺ އަށް ޚަބަރުކުރައްވައިފި އެވެ.
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ މަތިވެރި ޞަޙާބީން ވަގުތުން އެއްކުރައްވައިފި އެވެ. މައްކާގެ ގަވަރނަރަކަށް އޭރު ޢުމުރުން އެންމެ ވިހި އަހަރުވީ عتّاب بن أسيد ޢައްޔަންކުރެއްވުމަށް ފަހު އަވަސް އަވަހަށް ނުކުންނަވައިފި އެވެ. އެކަލޭގެފާނުގެ ލަޝްކަރުގެ ބާރަ ހާސް މީހުންނާ އެކު، އަމާޒުފުޅަކަށް ވީ، މުޝްރިކު ހަވާޒިން އަދި ޘަޤީފު ވަންހައިގެ މައި މަރުކަޒަށް ޙަމަލާދެއްވުމަށެވެ. މުޖާހިދުންގެ ދިދަ އުފުއްލަވަމުން ގެންދެވީ علي (رضي الله عنه) އެވެ.1 އެޑްވާންސްޑް ފައުޖުގެ ކޮމާންޑަރަކަށް ހުންނެވީ خالد بن وليد އެވެ.2 رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ހެލްމެޓާއި، ދެ ފަށަލައިގެ ދަގަނޑު ދަހަނާ އަޅުއްވައިގެން، ދުލްދުލް ނަމަކަށް ކިޔާ އެކަލޭގެފާނުގެ ބަޣަލް އަށް ސަވާރުވެވަޑައިގަތެވެ. ޝައްވާލު މަހުގެ އެގާރަ ވަނަ އަށް ވީ ދުވަހު އެ ބޭކަލުން ޙުނައިން ވާދީ އަށް ފޯރައިފި އެވެ. އެ ރޭ، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ލަޝްކަރު އިންސްޕެކްޓްކުރައްވައި ހަނގުރާމައިގެ ތައްޔާރީ ޙާލަތަށް ގެންނެވި އެވެ. ފަތިސް ނަމާދަށް ފަހު، އެކަލޭގެފާނު ހަނގުރާމަ ފެއްޓެވި އެވެ.
މުޝްރިކުންގެ ކޮމާންޑަރ އެ ރޭގެ އެޑްވާންޓޭޖް ނަގައި، އޭނާގެ ސިފައިން ޙުނައިން ވާދީގެ ދެ ފަރާތު ގައި ބޭތިއްބުމަށް ފަހު ރާވާފައި އޮތީ މުސްލިމު ލަޝްކަރު ޙިޞާރުކުރުމަށެވެ. އިސް ސަފުގައި އެކަލޭގެފާނުގެ ފައުޖުގެ ސިފައިންނާ އެކު ހުންނެވި خالد بن وليد، މި ދަންތުރަޖަހާފަ ހުރިކަން އެނގިވަޑައިނުގެން އޭނާގެ އަސް ދުއްވާލެއްވި އެވެ. ހެނދުނުގެ ދަޅައިގެ ސަބަބުން މުސްލިމުންނަށް ޢަދުއްވުން ނުފެނުނެވެ. ކުއްލިއަކަށް، އެތަކެއް ހާސް ދުނި މުޖާހިދުނާ ދިމާލަށް އޮހެންފަށައިފި އެވެ. ހީވެސްކޮށްފައި ނެތް މި ދުނިޖެހުމުން ސަލާމަތްވުމަށް ޓަކައި، މުޖާހިދުންނަށް ޖެހުނީ ފަހަތަށް ޖެހޭށެވެ.
ޣަޒްވަތު ޙުނައިން
"އޭ عبّاس އެވެ! އެ މީހުންނަށް ގޮވާށެވެ! 'އޭ މަދީނާގެ މީހުންނޭވެ! ސަމޫރާ ގަސް ދޮށުގައި ބައިޢަތު ހިފި ޞަޙާބީންނެވެ'".
حديث الشّريف
މި ކުއްލި އެނބުރިއައުމާ އެކު ފަހަތުން އަރަން ތިބި ސިފައިންގެ ތަރުތީބު އޮޅިއްޖެ އެވެ. ބާކީ ސިފި ސިފައިން ވެސް އެނބުރި ދިއުމާ އެކު، ޢަދުއްވުންގެ ވިހި ހާސް ސިފައިން ވާދީ އަށް ތޮއްޖެހެން ފަށައިފި އެވެ.
ޙަމަލާދެމުން އަންނަ މުޝްރިކުންނާ ދިމާލަށް رَسُوْلُ اللهِ ﷺ ގިނިކަންޏާ ބާރަށް ކުރިޔަށް ޖެހިލައްވައިފި އެވެ. ވަރަށް މަސައްކަތުން رَسُوْلُ اللهِ ﷺ އާ ހަމައަށް ވަޑައިގެންނެވުނީ عبّاس، أبوبكر އަދި ސަތޭކައެއްހާ އަޞްޙާބުންނަށް (رضي الله عنهم) އެކަންޏެވެ. رَسُوْلُ اللهِ ﷺ ގެ ހަށިކޮޅުގެ ޙިމާޔަތަކަށް އެ ބޭކަލުންގެ ހަށިކޮޅުތައް ބޭނުންކުރެއްވި އެވެ. އެ ކަލޭގެފާނުގެ ސަވާރީގެ ލަގަނުގައި عبّاس (رضي الله عنه) ހިއްޕަވައިގެން ހުންނެވި އިރު، އަސްދާނުގައި ހިއްޕަވައިގެން ހުންނެވީ سُفيان بن حارث އެވެ. އެއީ، رَسُوْلُ اللهِ ﷺ ގެ ސަވާރީ ގެ ދުވެލި މަޑުކޮށް ޢަދުއްވުންގެ ތެރެއަށް ވަނަނުދިނުމަށް ޓަކައެވެ. الله تعالى ގެ ދީން ނެތިގެންހިނގައިދާނެތީ ހިތާމަކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ عبّاس އެވެ! އެ މީހުންނަށް ގޮވާށެވެ! 'އޭ މަދީނާގެ މީހުންނޭވެ! ސަމޫރާ ގަސް ދޮށުގައި ބައިޢަތު ހިފި ޞަޙާބީންނެވެ'"! عبّاسގެފާނަކީ، ހަށިގަނޑުން ބިޔަ ވަރުގަދަ ބޭފުޅެކެވެ. އެކަލޭގެފާނު ހަޅޭލެވުމުން، ވަރަށް ދުރަށް އިވެއެވެ. އޭނާގެ ހުރި ބާރެއް ލައްވާފައި ހަޅޭލަވައިގެންފައި ވިދާޅުވި އެވެ. "އޭ މަދީނާގެ މީހުންނޭވެ! ސަމޫރާ ގަސް ދޮށުގައި رَسُوْلُ اللهِ ﷺ އަށް ބައިޢަތި ހިފި އަޞްޙާބުންނޭ، ބައިބައިވެގެން ނުގޮސް މި ތަނަށް އެއްވާށެވެ"! މި އަޑު އައްސަވައި، އަޞްޙާބުން އެނބުރި ދާން ބޭނުންވެއްޖެ އެވެ. އެހެން ނަމަވެސް، އެ ބޭކަލުން ސަވާވެގެން ތިއްބެވި ޖަނަވާރުތައް ބިރުގެންފައި ތިބުމުގެ ސަބަބުން އެނބުރި އާދެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން، އެ ބޭކަލުންނަށް ޖެހުނީ، ދަނގަނޑު ދަހަނާ އާއި، ކަނޑި އާއި، ލޮންސި ހިއްޕަވައިގެން އެ ބޭކަލުން ސަވާރުވެގެން ތިބި ޖަނަވާރުތަކުން ފުންމާލާށެވެ. އެ ބޭކަލުން ވަގުތުން އާ ހަމައަށް އައިސް، ޢަދުއްވުންނާ ވަރުގަދަ އަށް ހަނގުރާމަކުރައްވަން ފަށްޓަވައިފި އެވެ. އެ ބޭކަލުން ގެންދެވީ، "الله أكبر! الله أكبر!" ގެ ބަރު އަޑުން ޢަދުއްވުން ބިރުގަންނުވަމުންނެވެ. ބަދުރު، أُحد، ޚަންދަޤު، އަދި ޚައިބަރު ހަނގުރާމައިގައި ވަރުގަދަ ހިތްވަރެއް ދެއްކވި އަޞްޙާބުން، ޚާއްޞަ ގޮތެއް ގައި، علي، أبو دُجانة، زُبيرُ بن عوّام (رضي الله عنه) ގެންދެވީ އާދަޔާ ޚިލާފު ޖޯޝަކާ އެކު، ޢަދުއްވުން ނައްތާލައްވަމުން، އެ މީހުން ފަހަތަށް ޖައްސަވަމުންނެވެ.
އަޞްޙާބު ބޭކަލުން، ހިތާއި، ރޫހުން ހަނގުރާމަކުރައްވަމުން ގެންދެވި ތަން رَسُوْلُ اللهِ ﷺ ގެންދެވީ ބައްވަމުންނެވެ. ކުރެއްވި އަންނަނިވި ދުޢާ ކިޔުއްވަމުން ގެންދެވި އަޑު އިވުނެވެ. "މާތްﷲ އެވެ! އަޅަމެންނަށް އެހީ ފޮނުއްވާފާދޭވެ! އިބަރަސްކަލާނގެ އެބައި މީހުން އަޅަމެންގެ މައްޗަށް ކާމިޔާބު ހޯދަން ބޭނުންވެވޮޑިގެންނުވާނެތެވެ". ދުޢާކުރެއްވުމުގެ ތެރޭގައި رَسُوْلُ اللهِ ﷺ ބިމުން ގޮށްމުށެއްގެ ވެލު ނަންގަވައި މުޝްރިކުންނާ ދިމާލަށް އުއްކަވާލައްވަމުން حديث ކުރެއްވި އެވެ. "އެބައި މީހުންގެ މޫނުތައް ކަޅުކުރައްވާދޭވެ"! رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތެއްގެ ގޮތުން، އެތާނގައި އެ މީހެއްގެ ލޯ ވެލިން ނުފުރޭ ޢަދުއްވުންގެ އެންމެ ސިފައިންގެ މީހެއް ވެސް ނެތެވެ. މަލާއިކަތުން ވެސް رَسُوْلُ اللهِ ﷺ އަށް އެހީތެރިވުމަށް ވަޑައިގެންފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. އެއާއެކު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެބައި މީހުން ބަލިކޮށް ނައްތާލެވިއްޖެ ކަމަށް الله تعالى ގަންދީ ހުވާކުރައްވަމެވެ". މުޝްރިކުން ވިއްސިވިހާލިވެ ދުވެ ފިލައިފި އެވެ. އެ މީހުން ފަހަތަށް ބަލައިލި ކޮންމެ ފަހަރަކު، އެ މީހުންނަށް ފެނުނީ މަތިވެރި ޞަޙާބީން އެ މީހުން ފަހާ ދުވާ ތަނެވެ؛ އެ މީހުން ދުވެވޭނެ އެންމެ ބާރަކަށް ދުރަށް ދުވަމުން ދިޔައީ ހަނގުރާމައިގެ މއިދާނަށް އެމީހުން ގެނައި އެ މީހުންގެ އަނބިންނާއި، ދަރިންނާއި، މުދާ ދޫކޮށްފައެވެ. ފިލައި ދިޔަ ބައެއް މީހުން ޠާއިފު ކިއްލާ ގައި ރައްކާތެރިކަން ހޯދި އެވެ.3 އަދި ބައެއް މީހުން ދިޔައީ ނަޚްލާ އަށާއި އަވްތާސް އަށެވެ. އެ މީހުންގެ ހަތްދިހަ މީހުން މަރުވެ، ހަ ހާސް މީހުން އަސީރުންގެ ގޮތުގައި ހައްޔަރުވެ، ގުނާ ޢަދަދުނުކުރެވޭ ހާ މުދާ ހަނގުރާމައިގެ މައިދާނުގައި ހުއްޓެވެ.
މި ހަނގުރާމާއިގައި، الله تعالى އާއި އެކަލާނގެ ރަސޫލާ ﷺ ގެ ދަރުމައާ އެކު އަނެއްކާ ވެސް ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ. ހަތަރު އަޞްޙާބަކު ޝަހީދުވެ، ބައެއް އަޞްޙާބުން ޒަޚަމްވި އެވެ. خالد بن وليد (رضي الله عنه) ވެސް ޒަޚަމްވީ ޚަބަރު ލިބިވަޑައިގެން އޭނާ އަށް ޒިޔާރަތްކުރައްވައި، އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އޭނާގެ ޒަޚަމް ގައި ބީހިލެއްވުމުން އެ ޒަޚަމް ވަގުތުން ހެޔޮވެއްޖެ އެވެ.
އަވްޠާސް ލަޝްކަރު
ޙުނައިން ހަނގުރާމައިގައި ހަވާޒިން ވަންހައިގެ މުޝްރިކުން ބޮޑު ބައްޔަކުން ބަލިވުމުން އެ މީހުން އަވްޠާސް ނަމަކަށް ކިޔާ ތަނެއް ގައި އެއްވެއްޖެ އެވެ. أبو موسى الأشعريގެ ބޮޑުބޭބޭ أبو عامرގެ ކޮމާންޑް ކަމުގެ ދަށުން، އަވްޠާސް އަށް ފައުޖެއް ފޮނުއްވި އެވެ. އައުޠާސް ގައި އަނެއްކާ ވެސް ވަރުގަދަ ހަނގުރާމައެއް ހިނގި އެވެ. أبو عامر ޝަހީދުވި އެވެ. ދެން އޭނާގެ މަޤާމާ أبو موسى الأشعري ޙަވާލުވެ ޢަދުއްވުން ބަލިކުރައްވައިފި އެވެ.4 މުޖާހިދުން އެނބުރި ވަޑައިގަތީ ގިނަ ޢަދަދެއް އަސީރުންނާއި، ޣަނީމާ މުދަލާ އެކުގައެވެ.
އަސީރުންގެ ތެރޭގައި رَسُوْلُ اللهِ ﷺ ގެ އެއްކިރު ކޮއްކޯ ޝައިމާ ހިމެނެއެވެ. އެ ކަމަނާ ބުންޏެވެ. "އަހަންނަކީ، ކަލޭމެންގެ ރަސޫލާގެ އެއްކިރު ކޮއްކޯއެވެ". އެ މީހުން އެކަން ޤަބޫލެއް ނުކުރި އެވެ. އެ މީހުން އެ ކަމަނާ ޖަމަލަށް އަރުވައިގެން رَسُوْلُ اللهِ ﷺ އާ ހަމަޔަށް ގޮސްފި އެވެ. ޝައިމާ އޭނާގެ ތުއްތު ދުވަސްތަކުގެ ވަރަށް ގިނަ ހަނދާންތައް ކިޔައިދީފި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ރިދާ ބިން މަތީގައި ބާއްވަވާފައި އެ ކަމަނާ އޭގެ މަތީގައި ބައިންދަވައިފި އެވެ. އެކަލޭގެފާނު ވެސް އެތާ އިށީންނަވައި ކީރިތިކުރެއްވި އެވެ.5 ޙަލީމަތުގެފާނާއި، އޭނާގެ ބައްޕާގެ ވާހަކަ އެއްސެވި އެވެ. އެކަމަނާ ވިދާޅުވި އެވެ. "އެ ދެބަފައިން ނިޔާވިތާ ދުވަސްގަނޑެއް ވެއްޖެ އެވެ". އެ ދީލަތިކަން ފެނިފައި އެ ކަމަނާ އިސްލާމްވެއްޖެ އެވެ.6 رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާ ބޭނުން ނަމަ އަހަރެމެންނާ އެކު މަޑުކޮށްލާށެވެ. ތިބާ އަށް އަޅާލެވޭނެ އެވެ. ތިބާ ބޭނުން ނަމަ7 ތިބާގެ މަންޒިލަށް ފޮނުވޭނެ އެވެ". حديث ގައި ވާރިދުވެގެންވާ ގޮތުން ޝައިމާ ބޭނުންވީ އޭނާގެ ވަޠަނެވެ. "އެމީހެއްގެ ވަޠަން ދެކެ ލޯބިވުމަކީ އިމާންތެރިކަމުގެ ތެރެއިން ވާ ކަމެކެވެ". ދެން رَسُوْلُ اللهِ ﷺ އޭނާގެ ވަޠަނަށް ހަދިޔާތަކާ އެކު އޭނާ ފޮނުއްވި އެވެ؛ ޖާރިޔާއަކާއި، ތިން އަޅުންނާއި، ބައެއް ޖަމަލާއި ބަކަރި އެވެ.
ޠާއިފު ހަނގުރާމަ
ޙުނައިނުން ޠާއިފަށް ފިލައިގެން ދިޔަ ޢަދުއްވުންނާ ދެކޮޅަށް ހަނގުރާމަ އަށް ނުކުންނަވައިގެން رَسُوْلُ اللهِ ﷺ ބޭނުންފުޅުވީ ޔަޤީން ނިމުމެކެވެ. އެ މީހުންގެ ކޮމާންޑަރ مالك بن عوف ވީ ޠާއިފަށް ގޮސް ރައްކާތެރިކަން ހޯދި މީހުންގެ ތެރޭގައެވެ. މައްކާ ކައިރީގައިވާ މި ކިއްލާއަކީ ކާފަރުންގެ ބާކީ ހުރި ކިއްލާތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ކިއްލާ އެވެ. ހިޖުރައިގެ ކުރިން رَسُوْلُ اللهِ ﷺ ޠާއިފަށް ވަޑައިގަތެވެ. މަހެއް ވަންދެން އެ މީހުންނަށް رَسُوْلُ اللهِ ﷺ އިރުޝާދު ދެއްވި އެވެ. އެހެން ނަމަވެސް، ޠާއިފުގެ މީހުން ވަނީ ކުރިން ދެވިފައިވާ ނުވާ ފަދަ ބޮޑެތި އަނިޔާތައް رَسُوْلُ اللهِ ﷺ އަށް ދީފައެވެ. އެކަލޭގެފާނުގެ ފައިކޮޅުން ލޭއޮހޮރުވިއެވެ. زيد بن حارثة އާ އެކު، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ހިތާމަވެރި އަދި އެންމެ ވޭންދެނިވި ދުވަސްތައް ހޭދަކުރެއްވީ މި ތަނުގައެވެ.
"އެމީހެއްގެ ވަޠަން ދެކެ ލޯބިވުމަކީ އިމާންތެރިކަމުގެ ތެރެއިން ވާ ކަމެކެވެ".
حديث الشّريف
ހިޖުރައިން އަށް ވަނަ އަހަރުގެ ޝައްވާލު މަހު، رَسُوْلُ اللهِ ﷺ ވަނީ ޙަނީން ހަނގުރާމައިން ލިބުނު ޣަނީމާ މުދާ ޖިރާނާ ގައި ބަހައްޓަވާފައި ޠާއިފަށް ވަޑައިގެންފައެވެ. އެޑްވާންސްޑްކޮށް خالد بن وليد (رضي الله عنه) ފޮނުއްވި އެވެ.8 ދެން، އެކަލޭގެފާނާއި، އެކަލޭގެފާޏުގެ އަޞްޙާބުން ޠާއިފަށް ވަޑައިގެންފި އެވެ. ޠާއިފުގެ ޤަބީލާގެ މީހުން ވަނީ އެ މީހުންގެ ކިއްލާ ގައި ބައިވަރު ކާނާ ރައްކާކޮށްފައެވެ. ވަޑައިގަންނަވާ ތަން އެ މީހުންނަށް ފެނުމުން، އެ މީހުންގެ ގޭޓްތައް ބަންދުކޮށް ދިފާޢީ ހަނގުރާމަ ފަށްޓައިފި އެވެ. އެބައި މީހުން ރައްދުދިނީ އެ ކިއްލާ އާ ދިމާލަށް ވަޑައިގެންނެވި މުޖާހިދުންނާ ދިމާލަށް ދުނި އުކައިގެންނެވެ. ހަނގުރާމަ ކުރިޔަށް ދިޔައީ އެ ގޮތަށެވެ. ޠާއިފުގެ މީހުންނަށް އެ މީހުންގެ ކިއްލާ ދޫކޮށް، މައިދާނުގައި ސީދާ ކުރިމަތިލައިގެން ހަނގުރާމަކުރާކަށް ނުކެރުނެވެ.
ބައެއް ޞަޙާބީން ޚިޔާލުދެއްވީ، ސާޅަނގަ އަކުން ކިއްލާ އާ ދިމާލަށް ހިލަ އުކުމަށެވެ. رَسُوْلُ اللهِ ﷺ މިކަމަށް ހުއްދަ ދެއްވުމުން، ދައްބާބާއޭ ނަމަކަށް ކިޔުނު ވައްތަރެއްގެ ސާޅަނގަތަކެއް ތައްޔާރުކުރެވުނެވެ. މުޝްރިކުންނާ ދިމާލަށް އެ ގޮތަށް ހިލައުކައިގެން އެ މީހުން ޙިޞާރުކުރުން އެކަލޭގެފާނު ކުރިޔަށް ގެންދެވި އެވެ. އަޞްޙާބު ބޭކަލުން މަސައްކަތް ކުރައްވަމުން ގެންދެވީ ވީހާ ވެސް އަވަހަކަށް އެ ކިއްލާ ފަތަޙަކުރެވޭ ތޯ އެވެ. އެ ކިއްލާ އަކީ ވަރަށް ބޮޑަށް ޙިމާޔަތްކުރެވިފައިވާ ކިއްލާއަކަށް ވުމުގެ ސަބަބުން، މިގޮތުން ފަތަޙަކުރުމަށް ހުރަހަކަށް ވެގެންދިޔައެވެ. އެ ވަގުތު، ބާރަ ޞަޙާބީން ޝަހީދުވެއްޖެ އެވެ. أبو سُفيان بن حرب ހިތްވަރާ އެކު ހަނގުރާމަކުރައްވަމުން ގެންދަވަނިކޮށް، އޭނާގެ އެއް ލޯ އުފުރިގެން އަތުވެއްޖެ އެވެ.9 رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ أبو سفيان އެވެ! ތިބާ ބޭނުންވަނީ ކޮން ގޮތަކަށް ހެއްޔެވެ؟ ތިބާ ބޭނުން ނަމަ، ތިމަންކަލޭގެފާނު ދުޢާކުރެއްވުމުން، ތިބާގެ ހަލާކުވެފައިވާ ލޮލުގެ ބަދަލުގައި ލޮލެއް ދެއްވާނެތެވެ. ތިބާ ބޭނުން ނަމަ، الله تعالى ތިބާ އަށް ސުވަރުގޭގައި ލޮލެއް ދެއްވާނެތެވެ". أبو سُفيان ޖަވާބު ދެއްވި އެވެ. "މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު ބޭނުންވަނީ ސުވަރުގޭގައި ލޮލެއް ދެއްވުމެވެ". މިހެން ވިދާޅުވެފައި، އޭނާގެ އަތްތިލައިގެ ތެރޭގައި އޮތް ލޯ، ބިން މައްޗަށް އެއްލާލައްވައިފި އެވެ.10
ޙިޞާރުކޮށްގެން ތިބޭތާ ވިހި ވަނަ އަށް ވީ ދުވަހުގެ ރޭ، رَسُوْلُ اللهِ ﷺ އަށް އެކަލޭގެފާނުގެ ހުވަފެންފުޅުގައި ފެނިވަޑައިގަތީ، އެކަލޭގެފާނަށް ހަދިޔާއަކަށް އެރުވުނު ބަޓަރ ތަށްޓަކީ ހާލެއްގެ ތުނބުން ކޮށްޓައި ބިން މައްޗަށް އެޅިފައިވާ އެއްޗެކެވެ. ޠާއިފު މި އަހަރު ފަތަޙަނުކުރެވޭނެ ކަމަށް މި ހުވަފެން ތަޢުބީރުކުރައްވައި، ޙިޞާރުކުރެއްވުން ހުއްޓަވާލައްވައިފި އެވެ.
މީގެ އަށް އަހަރު ކުރިން، އެކަލޭގެފާނަށް އަނިޔާކުރި ޠާއިފުގެ މީހުންނާ ބެހޭގޮތުން އެ ވަގުތު މަލާއިކާ ވިދާޅުވި އެވެ. "ކަލޭގެފާނު ހުއްދަ ދެއްވައިފި ނަމަ، އެހެރަ ފަރުބަދަތައް އެ މީހުންގެ ބޯތަކުގެ މައްޗަށް ވައްޓާލާނަމެވެ". رَسُوْلُ اللهِ ﷺ ޖަވާބުދެއްވީ އަންނަނި ގޮތަށެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައެވެ. ތިމަންކަލޭގެފާނު ބޭނުންފުޅުވާ ހަމައެކަނި ކަމަކީ، الله تعالى މި މުޝްރިކުންގެ ކިބައިން الله تعالى އަށް ޝަރީކުކުރުމަކާ ނުލައި އެކަލާނގެ އަށް އަޅުކަން ކުރާނެ ޖީލެއް އުފެއްދެވުމެވެ". އަނެއްކާ ވެސް އެކަލޭގެފާނު އޯގާތެރިވެ ދުޢާކުރެއްވީ އަންނަނިވި ފަދައިންނެވެ. "އަޅާ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯ އެވެ! ޠާއިފުގެ މީހުންނަށް ތެދުމަގު ދައްކަވާފާދޭވެ! އެ މީހުން އަޅަމެންނާ ހަމަޔަށް ގެނެސްދެއްވާފާދޭވެ"!
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ އެކު ޠާއިފު ދޫކުރައްވައި، ޙޫނައިން ހަނގުރާމައިގެ އަސީރުންނާއި ޣަނީމާ މުދާ ބެހެއްޓިފައިވާ ޖިރާނާ އަށް ވަޑައިގެންފި އެވެ. ޣަނީމާ މުދަލުގެ ގޮތުގައި، ހަ ހާހަށް ވުރެ ގިނަ ކެރިއާއި، ސާޅީސް ހާސް ކަންބަޅި ބަކަރި އާއި، ބަކަރި އަދި ގުނާ ޢަދަދުނުކުރެވޭ ވަރަށް ގަހަނާ ނަގާފައި ވެއެވެ. އެކަލޭގެފާނު، އެ ޣަނީމާ މުދާތައް އިންޞާފުވެރިކޮށް މުޖާހިދުންގެ މެދުގައި ބެއްސެވި އެވެ.
އެ ވަގުތު، ޚަބަރު ލިބުނީ ހަވާޒިން ވަންހައިގެ ވަފުދަކުން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރަން ބޭނުންވެގެން އެދިފައިވާ ކަމަށެވެ. އެ މީހުން އެދުނު އެދުން رَسُوْلُ اللهِ ﷺ ޤަބޫލުފުޅުކުރައްވައިފި އެވެ. ހަވާޒިން ވަންހަ އެއްކޮށް އިސްލާމްވި ކަމަށް އެ ވަފުދުން ކަނޑައެޅުމުން، رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް އެކަމާ އުފާފުޅު ކުރެއްވި އެވެ. އެއާއެކު، އެކަލޭގެފާނަށް ހަމަޖެހިފައިތިބި އަސީރުން ވަގުތުން މިނިވަންކުރައްވައި، އެ މީހުން އަނބުރާ ފޮނުއްވާލައްވައިފި އެވެ. އަޞްޙާބުން ވެސް رَسُوْلُ اللهِ ﷺ ޢަމަލުފުޅުކުރެއްވި ގޮތަށް ކަންތައް ކުރައްވައިފި އެވެ. رَسُوْلُ اللهِ ﷺ ގެ އޯގާވަންތަވެރިކަމުގެ ސަބަބުން އެއްފަހަރާ ހަ ހާސް އަސީރުން މިނިވަންވީ އެވެ.
މި ޚަބަރު، ޠާއިފުގައި ފިލައި ހުރި ހަވާޒިން ވަންހައިގެ ވެރިޔާ مالك بن عوف އާ ހަމަޔަށް ފޯރުމުން، އޭނާ ވެސް އިސްލާމްވެއްޖެ އެވެ. އޭނާ އަށް رَسُوْلُ اللهِ ﷺ ގިނަގުނަ ހަދިޔާ ދެއްވި އެވެ.11
އެތާގައި ދެން ކުރާނެ ކަމެއް ނެތެވެ. އެ ތާނގައި ސާދަ ދުވަހު ތިއްބެވުމަށް ފަހު، ބުދަ ވިލޭރެއެއް ގައި ޢުމްރާ ކުރެއްވުމަށް ނިޔަތްގަންނަވައިގެން رَسُوْلُ اللهِ ﷺ އިޙްރާމް ބަންނަވައިފި އެވެ. އާދައިގެ މަތިން، ކާމިޔާބާ އެކު އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު رَسُوْلُ اللهِ ﷺ މައްކާ އަށް ވަޑައިގެންފި އެވެ. އެކަލޭގެފާނު كعبة ވަށައިގެން طواف ކުރައްވައި، އެކަލޭގެފާނުގެ ޢުމްރާ އަދާކުރައްވައިފި އެވެ. އަމީރުލް ޙައްޖުގެ ގޮތުން ޙައްޖުގެ ކަންތައްތައް ބެއްލެވުން ޒިއްމާއަކަށް ހައްދަވާފައި، މައްކާގެ ގަވަރނަރަކަށް عتاب بن أُسَيدُ ޢައްޔަންކުރެއްވި އެވެ.12 ހަމަ އެއާ އެކު، ކީރިތި قرآن އާއި، ދީނީ ކަންތައްތައް ކިޔަވާދެއްވުމަށް أبو موسى الأشعري (رضي الله عنه) ޢައްޔަންކުރެއްވި އެވެ.13 أبو سُفيان بن حرب ޢައްޔަންކުރެއްވީ ޔަމަނުގެ ނަޖްރާންގެ ގަވަރނަރއަކަށެވެ. އަދި އޭނާގެ އެސިސްޓެންޓަކަށް ހަމަޖެއްސެވީ كاسر بن عبدالله އެވެ.
ޒަކާތު އޮފިސަރުން ފޮނުއްވުނު ސަރަޙައްދުތައް
ބާކީ ހުރި ޣަނީމާ މުދާ އެތާނގައި ބަހާލެވުނެވެ. ދެން،ޛުލްޤަޢިދާ މަހުގެ ފަހުކޮޅު އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު މަދީނާ އަށް ދަތުރު ފަށްޓަވައިފި އެވެ. އެ ބޭކަލުން މަދީނާ ދޫކުރެއްވީ ރޯދަ މަހުގެ ދިހައެއް ވީ ބުދަ ދުވަހެއްގައެވެ. މި ޣަޒްވާ ހިނގީ ތިން މަސް ދުވަސް ވަންދެނެވެ.
"ތިބާ ވާ ކޮންމެ ތަނެއް ގައި ތަޤްވާވެރިކަމުގައި ހުންނާށެވެ؛ ހިޖުރަ ނުކުރުމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. އެހެން ވިޔަސް، ތިބާގެ ދީން ނުވަތަ ވަޠަނަށް ގެއްލުމެއް ނުވާނެ އެވެ".
حديث الشّريف
އެއް ދުވަހަކު، އަހަރެން ބުރުޖަހަމުންދިޔައީ، ޚިޔާލުތަކުގެ ހިތާމައިގެ ކަނޑުގައޭ،
އަހަރެން ކުރަމުންދިޔަ ކަމެއް ނޭނގިހުރެ، އަހަންނަށް އަމިއްލަ ނަފްސު ގެއްލުނޭ،
އަހަރެންގެ ނިމުމާ ދޭތެރޭ އަހަރެން ބިތުގަތީމޭ، އަހަރެންގެ ފާފަތައް ހަނދާންކުރަމުން،
ތިބާގެ ދަރިފަސްކޮޅުގެ މީހަކު މި ބައިތު ކިޔާ އަޑު އެހީމޭ.
ތިބާ އަކީ އަޙްމަދު އަދި މަޙްމޫދު އަދި މުޙައްމަދޭ، އަހަރެންގެ ސައްޔިދޭ،
ތިބާ އަކީ، އަހަރެމެންނަށް الله تعالى ކަނޑައަޅުއްވާފައިވާ ސުލްޠާނޭ، އަހަރެންގެ ސައްޔިދޭ
އަހަރެމެން އުއްމީދީއޭ، ދެރަވެގެން އަހަރެމެން ނުރޮމޭ.
އީމާންކަމުގެ ވެރިރަށް އަހަރެމެން ހަލާކެއް ނުކުރަމޭ.
ތިބާގެ ގޭޓު ހުއްޓައި އަހަރެމެން އެހެން މީހުން ކައިރިން ޙިމާޔަތް ނުހޯދަމޭ.
އަހަރެމެން އެހެން މީހުންނަށް ބަލާކަށް ނުޖެހެއޭ ތިބާ އަށް ޝުކުރު ހުއްޓޭ.
ތިބާ އަކީ އަޙްމަދު އަދި މަޙްމޫދު އަދި މުޙައްމަދޭ، އަހަރެންގެ ސައްޔިދޭ،
ތިބާ އަކީ، އަހަރެމެންނަށް الله تعالى ކަނޑައަޅުއްވާފައިވާ ސުލްޠާނޭ، އަހަރެންގެ ސައްޔިދޭ
شيخ غالب
ހިޖުރައިން އަށް ވަނަ އަހަރު ހިނގައިދިޔަ ބައެއް ޙާދިސާތައް
ބަނީ ޘަޢްލަބާ ގެ ހަތަރު މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހަށް އަތުވެއްޖެ އެވެ. އެ މީހުން ބުނޫއެވެ. "އަހަރެމެން ފޮނުވީ އަހަރެމެންގެ މީހުންނެވެ. އަހަރެމެންނަށް އަޑުއިވުނު ގޮތުގައި، ހިޖުރަނުކުރާ ނަމަ، އެ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ އެވެ". އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިބާ ވާ ކޮންމެ ތަނެއް ގައި ތަޤްވާވެރިކަމުގައި ހުންނާށެވެ؛ ހިޖުރަ ނުކުރުމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. އެހެން ވިޔަސް، ތިބާގެ ދީން ނުވަތަ ވަޠަނަށް ގެއްލުމެއް ނުވާނެ އެވެ".ދެން، އެކަލޭގެފާނު އެ މީހުން رملة بنت حارث ގެ ގާތަށް ފޮނުއްވައި އެ މީހުންނަށް ކެއުމެއް ދެއްވައިފި އެވެ. އެކަލޭގެފާނު، އެއިން ކޮންމެ މީހަކަށް ހަތަރު އޯކާގެ ރިހި ދެއްވައި، ގެއަށް ދިއުމުގެ ހުއްދަ ދެއްވި އެވެ.
ހަމަ އެ އަހަރު، رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން زينب އަވަހާރަވެއްޖެ އެވެ. އެކަމަނާ އަށް ސަންދޯކެއް ޖެހުނެވެ. އިސްލާމް ދީނުގައި ފުރަތަމަ ޖެހުނު ސަންދޯކަކީ މިއީ އެވެ. އެކަމަނާ އަކީ أبو العاص ގެ އަނބިކަނބަލުންނެވެ. ބަދުރު ހަނގުރާމައިގެ ދުވަސްވަރު، އޭނާ، އެކަމަނާ މައްކާ އިން މަދީނާ އަށް ފޮނުއްވި އިރު، އެ ވަޑައިގަތް މަގު މަތީގައި، ހައްބާރު ނަމަކަށް ކިޔާ މީހަކު އެކަމަނާގެ ޖަމަލާ ދިމާލަށް ލޮންސިއެއް ފޮނުވާލި އެވެ. ޖަމަލުން ވެއްޓުމުން އެކަމަނާ އާލާސްކަންފުޅު ޖެހި ބަނޑުގައި އޮތް ދަރިފުޅު ބައިގެން ހިނގައްޖެ އެވެ. އެކަމަނާ އަވަހާރަވެގެން ދިޔައީ އެ ބަލީގައެވެ. އޭރު ދުނިޔޭގައި ދެ ދަރިން ތިއްބެވެ.
އެ އަހަރުގެ ޛުލްޙިއްޖާ މަހުގެ ތެރޭގައި، رَسُوْلُ اللهِ ﷺ ގެ ދަރިކަލުން إبراهيم އުފަންވެވަޑައިގަތެވެ. އޭނާގެ މަންމާފުޅަކީ مارية (رضي الله عنها) އެވެ. މި އުފާވެރި ޚަބަރު ދެއްވީ أبو رافع އެވެ. އޭނާ އަށް ޓަކައި އަޅެއް މިނިވަންކުރެއްވި އެވެ. އަދި ޢަޤީޤާއެއްގެ ގޮތުން ކަންބަޅި ބަކަރިއެއް ކަތިލެއްވި އެވެ. إبراهيم ގެ ބޯ ބާލުއްވައި އޭނާގެ އިސްތަށީގެ ބަރުދަނަށް ވާ ވަރަށް ރިހި ޞަދަޤާތްކުރެއްވި އެވެ.
ހިޖުރައިން ނުވަ ވަނަ އަހަރު ހިނގައިދިޔަ ބައެއް ޙާދިސާތައް
ހިޖްރައިން ނުވަ ވަނަ އަހަރު ގެ މުޙައްރަމް މަސް ފެށުނު އިރު، ޒަކާތު އޮފިސަރުން ޤަބީލާތަކަށް ޢައްޔަންކުރެއްވި އެވެ. ވީ ވަރަކުން ކޮންމެ ޤަބީލާއަކަށް ވެސް އެ ޤަބީލާގެ މެމްބަރަކަށް ވާ މީހަކު ޢާމިލެއްގެ ގޮތުގައި ހަމަޖެއްސެވި އެވެ. رَسُوْلُ اللهِ ﷺ އަސްލަމް އަދި ޣައްފާރު މި ދެ ޤަބީލާ އަށް ފޮނުއްވީ إبن حاسب الأسلمي އެވެ. ބަނީ ސާލިމް އަދި މުޒައިނާ މި ދެ ޤަބީލާ އަށް ފޮނއްވީ عبّاد بن بِشر އެވެ. عمرو بن عاص ފޮނުއްވީ ފަޒާރާ ވަންހަ އަށެވެ. دهّاك بن سنان ފޮނުއްވުނީ، ބަނީ ކިލާބު ވަންހަ އަށެވެ. رافع بن ك-مكنات الجهني ފޮނުއްވުނީ ޖަހްނިޔާ ޤަބީލާ އަށެވެ. بشر بن سُفيان كعب ފޮނުއްވުނީ ބަނީ ކަޢުބާއި، ބަނީ ތަމީމު ވަންހަ އަށެވެ.
އެއް އަހަރު ފަހުން، ޠާއިފުގެ މީހުން، ހަ މީހުންގެ ވަފުދެއް މަދީނާ އަށް، رَسُوْلُ اللهِ ﷺ ގެ އަރިހަށް އިސްލާމް ވުމަށް ފޮނުވި އެވެ. މީގެ އެއް އަހަރު ކުރިން ތާއިފު ދޫކުރައްވައި ވަޑައިގަންނަވަނިކޮށް، އެކަލޭގެފާނު ކުރެއްވި ދުޢާއެއް ގައި ވަނީ އަންނަނިވި ފަދައިންނެވެ. "މާތް ﷲ އެވެ! ޠާއިފުގެ މީހުންނަށް ތެދުމަގު ދައްކަވައި، އެ މީހުން އަޅަމެންނާ ހަމަޔަށް ގެނެސްދެއްވާދޭވެ"! މިހާރު، ޠާއިފުގެ މީހުން އިސްލާމް ވެއްޖެ އެވެ. އެ މީހުން އިސްލާމް ވުމުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް އެ ކަމާ އުފާކުރެއްވި އެވެ.އެކަލޭގެފާނު އެ މީހުންނަށް ބައެއް ލުއިފަސޭހަތައް ދެއްވައި، އަނބުރާ ޠާއިފަށް ފޮނުއްވާލެއްވި އެވެ. ޠާއިފުގެ ގަވަރނަރަކަށް ޢައްޔަން ކުރެއްވީ، عثمان بن أبي العاص އެވެ.14
ނަޖާޝީ އަވަހާރަވުން
އެއީ ހިޖުރައިން ނުވަ ވަނަ އަހަރުގެ ރަޖަބު މަހެވެ. އެއް ދުވަހަކު އެކަލޭގެފާނުގެ އަޞްޙާބުންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "މިއަދު، ތިޔަބައި މީހުންގެ ތެރޭގައި ހިމެނޭ ވަރަޢަވެރި އެއް އަޚް ނިޔާވެއްޖެ އެވެ. ތެދުވެ އޭނާގެ މައްޗަށް ކަށުނަމާދު ކުރާށެވެ". އެ ކަށުނަމާދުގެ އިމާމުކަން ކުރެއްވީ رَسُوْلُ اللهِ ﷺ އެވެ. ދެން އެކަލޭގެފާނު އެއްސެވި އެވެ. "އަޅަމެން ގެ ކިބަފުޅުން އެދި ދަންނަވަނީ ތިބާމެންގެ އަޚް ނަޖާޝީ އަސްހަމާ އަށް ޢަފޫކުރެއްވުމެވެ".
އިރުގަނޑެއް ފަހުން، ޙަބަޝް ކަރައިން ލިބުނު ޚަބަރެއްގައި ނަޖާޝީ ނިޔާވެއްޖެ ކަން އެނގިގެންދިޔަ އެވެ. އެ ދުވަސް އިއްތިފާޤުން ވެގެންދިޔައީ، رَسُوْلُ اللهِ ﷺ މަދީނާ ގައި ކަށުނަމާދު ކުރެއްވި ދުވަހަށެވެ.15
އަޅުގަނޑުގެ ޙަޔާތް ތިބާ އަށް ޤުރްބާންކުރައްވާށިއޭ،
محمّد، އެކަލޭގެފާނުގެ ނަންފުޅު ރިވެތި، އެކަލޭގެފާނު ރިވެތި،
އެކަލޭގެފާނުގެ މު ކުށްވެރި އަޅާ އަށް ޝަފާޢަތްދެއްވާނެ ކަމަށް އަހަރެން އުއްމީދުކުރަމޭ،
محمّد، އެކަލޭގެފާނުގެ ނަންފުޅު ރިވެތި، އެކަލޭގެފާނު ރިވެތި.
އީމާންވީ މީހުންނަށް ގިނަގުނަ އުނދަގޫތައްވެއޭ،
އެބައިމީހުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ވަނީ އާޚިރަތުގައޭ،
އެކަލޭގެފާނަކީ އަށާރަ ހާސް ޢާލަމްގެ މުޞްޠަފާއޭ،
محمّد، އެކަލޭގެފާނުގެ ނަންފުޅު ރިވެތި، އެކަލޭގެފާނު ރިވެތި.
ހަތް އުޑު ވަށައިގެން ދަތުރުކުރެއްވީ އެކަލޭގެފާނޭ،
ކުރުސީ އާ ހަމައަށް ވަޑައިގަތީ އެކަލޭގެފާނޭ،
މިޢުރާޖުގައި އެކަލޭގެފާނުގެ އުއްމަތަށް ހެޔޮއެދިވަޑައިގަތް ކަލޭގެފާނޭ،
محمّد، އެކަލޭގެފާނުގެ ނަންފުޅު ރިވެތި، އެކަލޭގެފާނު ރިވެތި.
ކަލޭގެފާނާ ނުލައި ޔޫނުސްގެފާނު ދެ ދުނިޔޭގައި ކުރައްވާނީ ކީއްތޯއޭ،
ކަލޭގެފާނަކީ ޙައްޤުގޮތުގައި ވާ ރަސޫލާއޭ، ޝައްކަކާ ނުލައޭ،
ކަލޭގެފާނަށް ތަބަޢަނުވާ މީހުން މަރުވާނީ ކާފަރުންގެ ގޮތުގައޭ،
محمّد، އެކަލޭގެފާނުގެ ނަންފުޅު ރިވެތި، އެކަލޭގެފާނު ރިވެތި.
