ލޮބުވެތި ރަސޫލާ

ތަބޫކު ހަނގުރާމަ

"އޭ ޢުމަރެވެ! ތިޔަ ދެ ބޭކަލުންގެ ދެމެދުގައި ވާ ފަރަޤަކީ، ދެ ބޭކަލުންގެ ބަހުގެ ތަފާތެވެ".
حديث الشّريف

ތަބޫކު އަކީ، مدينة المُنوّرة އާއި، ދިމިޝްޤާ ދެމެދުގައިވާ މަޝްހޫރު ސަރަޙައްދެކެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ ފެންގަނޑެއްގެ ނަމެވެ. މި ހަނގުރާމަ އަށް ތަބޫކު ހަނގުރާމައޭ ކިޔުނީ، އެއީ رَسُوْلُ اللهِ ﷺ ގެ އެންމެ ފަހު ހަނގުރާމަ ކަމުގައި ވާތީ އެވެ. މި ހަނގުރާމަ އަށް فضيحة ވެސް ކިޔެއެވެ. އެހެނީ، މި ހަނގުރާމައިގައި މުނާފިޤުން ބޭޒާރުވުމުންނެވެ. އެ މީހުންނަށް ކިޔުނު ނަމަކީ، ޖައިޝުލް ޢުސްރާ އެވެ. މި ހަނގުރާމައިގައި މުސްލިމުންނަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އޭގެ އިތުރަށް، ތަބޫކަކީ މަދީނާ އާ ވަރަށް ދުރުގައި އޮތް ތަނަކަށް ވެފައި އެ ދުވަސްވަރު އެތާނގެ މޫސުމް ވަރަށް ހޫނެވެ. ޢަދުއްވުންގެ ސިފައިންގެ ޢަދަދު ގިނަވެފައި ވަރުގަދަ އެވެ. ބަނޑުހައިހޫނުކަން އޮތީ ފެތުރިފައެވެ. އެއް ޖަމަލު ގައި ދިހަ މީހުން ދަތުރުކުރި އެވެ. މަހެއް ވަންދެން ގިނަ ސިފައިން ކަދުރު ނޫން އެއްޗެއް ނުކައެވެ. ބައެއް ފަހަރު އެ މީހުން ރޯސްޓްކޮށްފައި ހުރި ބާލީ ކެއެވެ. ބައެއް ފަހަރު އެއެތިކޮޅު ވެސް ނުލިބެއެވެ. ތަބޫކު ހަނގުރާމަ އަށް މުސްލިމުންގެ ލަޝްކަރު ނުކުތީ ހިޖުރައިން ނުވަ ވަނަ އަހަރުގެ ރަޖަބު މަހުގެ ބުރާސްފަތި ދުވަހެއް ގައެވެ.

ހިޖުރައިން ނުވަ ވަނަ އަހަރު، އިސްލާމް ދީން ޢަރަބި ކަރައިގައި ބާރަށް ފެތުރުނު އިރު، ޢަރަބި ކްރިސްޓިއަނުން ބައިޒެންޓައިން އެމްޕެރަރ ހެރަކްލަޔަސް އަށް ސިޓީއެއް ލިޔުނެވެ. މި އެމްޕެރަރ އަކީ، އިސްލާމީ ދައުލަތަށް ޙަސަދަލައިގެން ހުރެ އެ ދީން ފެތުރުން ހުއްޓުވުމަށް ބޭނުންވެފައި ހުރި މީހެކެވެ. އެ މީހުން ބުނޫ އެވެ. "ރަސޫލު ކަމަށް ދަޢުވާކުރި މީހާ މަރުވެއްޖެ އެވެ. މުސްލިމުން މިހާރު ތިބީ ބަނޑުހައިހޫނު ކަމުގައެވެ. ތިބާގެ ދީނަށް އެ މީހުން އަނބުރާލަން ބޭނުން ނަމަ މިއީ އެކަން ކުރަން ރަނގަޅު ވަގުތެކެވެ". މި ސިޓީ އަށް ފަހު މުސްލިމުންނާ ހަނގުރާމަ ކުރުމަށް ޓަކައި، ކުބާދުގެ ކޮމާންޑް ކަމުގެ ދަށުގައި ސާޅީސް ހާސް ސިފައިންގެ ލަޝްކަރެއް ހެރްކްލިޔަސް ފޮނުވި އެވެ.

މިކަން އެނގިވަޑައިގަތުމުން، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުން އެއްކުރައްވައި، ހަނގުރާމަ އަށް ތައްޔާރުވުމަށް އެ ބޭކަލުންނަށް އެންގެވި އެވެ. އެ އަހަރުގެ ހަނަފަސްކަމުގެ ސަބަބުން، ޞަޙާބީން ތިއްބެވީ މާލީގޮތުން ވަރަށް ބޮޑު ތަދުކަމެއް ގައެވެ. އަތްމަތި ތިޔާގިކޮށް ތިބީ ހަމައެކަނި ވިޔަފާރިވެރިންނެވެ. ހަނގުރާމައަށް ތައްޔާރުވެގެން ވަރަށް ގިނަ އިސްލާމީ ސިފައިން ތިއްބެވެ. ކާނާ އާއި، ހަނގުރާމަ އަށް ބޭނުން ތަކެތި މަދެވެ. އުނދަގޫތައް ތަޙައްމަލުކުރަންޖެހޭނެ އެވެ. ހަނގުރާމައިގައި ބައިވެރިވާނެ ސިފައިންނަށް ބޭނުންވާނެ ތަކެތި ހޯދުމަށް އަޞްޙާބު ބޭކަލުންނަށް މާލީ އެހީތެރިކަން ދެއްވަން رَسُوْلُ اللهِ ﷺ ބޭނުންފުޅުވިއެވެ. رَسُوْلُ اللهِ ﷺ ގެ މި އެދުންފުޅާ އެކު ޞަޙާބީން އެކަމާ ގުޅިގެން ޙަރަކާތްތެރިވާން ފަށައިފި އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ އަތުގައ ހުރި އެއްޗެއް ގެނެސް، ޖާނާއި މާލުން ޖިހާދަށް ތައްޔާރުވަމުންދިޔަ އެވެ.

ޙިރާ ފަރުބަދައިގައި رَسُوْلُ اللهِ ﷺ ގެ އެކުވެރިޔާ ކަމުގައިވާ أبو بكر (‏رضي الله عنه)‏ އެކަލޭގެފާނުގެ ހުރިހާ މުދަލެއް ގެންނެވި އެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "އޭ އަބު ބަކްރެވެ! ތިބާގެ ގެއަށް ބެހެއްޓެވީ ކޯއްޗެއް ހެއްޔެވެ"؟ އޭނާ ޖަވާބު ދެއްވި އެވެ. "އަޅުގަނޑު ބެހެއްޓީ الله تعالى އާއި އެކަލާނގެ ރަސޫލާ އެވެ". عُمرُ (‏رضي الله عنه)‏ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ގެންނެވި އެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "އޭ عُمرُ އެވެ! ތިބާގެ ޢާއިލާ އަށް ބެހެއްޓެވީ ކޯއްޗެއް ހެއްޔެވެ"؟ އޭނާ ޖަވާބު ދެއްވި އެވެ. "އަޅުގަނޑު މިތަނަށް ގެނައި ވަރަށް ބެހެއްޓީމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިޔަ ދެ ބޭކަލުންގެ ދެމެދުގައި ވާ ފަރަޤަކީ، ދެ ބޭކަލުންގެ ބަހުގެ ތަފާތެވެ". އެއާއެކު، عُمرُގެފާނު އެކަމާ ގަޔާވެގެން ވިދާޅުވި އެވެ. "އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށިއެވެ! އޭ أبوبكر އެވެ! ހެޔުކަމުގެ މަގުގައި ހިނގާ ކޮންމެ ރޭހެއް ގައި ތިބާ އަޅުގަނޑަށް ވުރެ ކުރި ހޯއްދަވައެވެ. އަޅުގަނޑަށް މިހާރު ވިސްނެނީ، އެއްވެސް ކަމެއް ގައި އަޅުގަނޑަށް ކަލޭގެފާނަށް ވުރެ ކުރިނުހޯދޭނެ ކަމެވެ".1

އަޞްޙާބު ބޭކަލުން ގެންދެވީ އެ ބޭކަލުންނަށް ވީ ވަރަކުން އެހީތެރިވުމަށެވެ. އެކަމަކު، މުނާފިޤުން މުސްލިމުންނަށ މަލާމާތްކުރަމުން ބުނޫއެވެ. "ކަލޭމެން ތި ތަކެތި ތި ދެނީ ކަންދެއްކުމަށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މިއަދު ޞަދަޤާތްދޭ ކޮންމެ މީހަކަށް، الله تعالى ގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހުން އޭނާގެ ޞަދަޤާތް އޭނާ އަށް ޓަކައި ހެކިދޭނެ އެވެ". رَسُوْلُ اللهِ ﷺ ގެ މި ބަރަކާތްތެރި حديث ބަސްފުޅަށް ފަހު މުސްލިމުން އަދި ކުރިޔަށް ވުރެ ބޮޑަށް އެހީތެރިވާން ފަށައިފި އެވެ. عُثمان بن عفّان (‏رضي الله عنه)‏ ލަޝްކަރުގެ ދެ ބައިކުޅަ އެއްބަޔަށް ވާ ވަރަށް އެހީދެއްވި އެވެ.2 عثمان ذي النّورين (‏رضي الله عنه)‏ އިސްލާމީ ލަޝްކަރަށް 950 ޖަމަލާއި، 50 އަސް އޭގެ ގިއަރުތަކާ އެކު، ދެއްވި އެވެ. އޭގެ އިތުރަށް، ދިހަ ހާސް ދީނާރު ނުވަތަ ހަތް ސަތޭކަ ރުކްޔާގެ ރަން ދެއްވި އެވެ.3 އެހެންކަމުން، އެކަލޭގެފާނު ވެވަޑައިގަތީ މުސްލިމުންގެ ތެރެއިން އެންމެ ބޮޑަށް އެހީދެއްވި ބޭފުޅާ އަށެވެ. عثمان ގެފާނު، އިސްލާމީ ލަޝްކަރަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވި ފުރިހަމަކަން ހުރި މިންވަރަކީ، ފެން ހަންތައް މަރާމާތުކުރުމަށް ބޭނުންވާ ތިނޯސްތައް ޕެކްކުރުން ވެސް ހަނދާން ނައްތައެއް ނުލައްވައެވެ. އެކަލޭގެފާނުގެ މި އެހީތެރިކަމާ ގުޅިގެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މި ވަގުތުން ފެށިގެން، عُثمان އަށް އެއްވެސް ފާފައެއް ނުލިޔުއްވާނެ އެވެ".4 ޖިހާދަށް އެހީތެރިވުމުގެ ޘަވާބު ހޯދުމަށް ޓަކައި، ޞަޙާބީންގެ ތެރެއިން އެންމެ ފަޤީރު އެއް ޞަޙާބީ، ކަދުރު ދަނޑުގައި ހުރި ވަޅަކުން ހެނދުނު ވަންދެން އެ ރޭ ފެން ނެންގެވި އެވެ. އޭނާ އަށް ބިނދެވުނު ކަދުރުތައް އޭނާ رَسُوْلُ اللهِ ﷺ އަށް ގެނެސްފައި ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ރުއްސެވުން ހޯދުމަށް ޓަކައި އަޅުގަނޑު މި ތަކެތި ގެނައިމެވެ. މިތަކެތި ޤަބޫލުކޮށްދެއްވުން އެދި ދެންނެވީމެވެ".

މުސްލިމު ފިރިހެނުން އެ މީހުންނަށް ވީ ވަރަކުން އެހީތެރިވުމަށް މަސައްކަތް ކުރަމުންދިޔަ އިރު، މުސްލިމު އަންހެނުން ވެސް ދިޔައީ އެކަނބަލުންގެ ދައުރު އަދާކުރަމުންނެވެ.

އެ ބޭކަލުން ހަނގުރާމަ އަށް ތައްޔާރުވަމުންދިޔަ އިރު، މުސްލިމުން ދިޔައީ ވަރަށް އުނދަގޫ ދުވަސްތަކެއް ތަޙައްމަލުކުރަމުންނެވެ. ބަނޑުހައިހޫނުކަން ފެތުރިފައި އޮތް މިންވަރުގެ ސަބަބުން، އެއްވެސް އެއްޗެއް އަތުގައި ނެތް ގިނަ އަޞްޙާބު ބޭކަލުން رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ އަތުގައި ސަވާރުވާނެ ޖަނަވާރެއް ނެތެވެ! އަޅުގަނޑުމެންގެ އަތުގައި ކާނެ އެއްޗެއް ވެސް ނެތެވެ. އަޅުގަނޑުމެން ބޭނުންވަނީ ހަނގުރާމައިގެ ތެރޭގައި ކަލޭގެފާނާ އެކުގައި ތިބެ، ޖިހާދުކުރުމުގެ ޘަވާބު ލިބިގަތުމެވެ". رَسُوْلُ اللهِ ﷺ ހިތާމަޔާ އެކު އެ މީހުންނަށް އެންގެވީ، އެ މީހުން ސަވާރުވުމަށް ޓަކައި އެކަލޭގެފާނުގެ އަތްޕުޅުގައި އިތުރު ޖަނަވާރެއް ނެތް ކަމެވެ. އެއް ފަހަރަކު، سالم بن عُميرُ އާއި، عبدالله بن مُغفَّلُ އާއި، أبُو ليلى المازِني އާއި، عُلبة بن زيد އާއި، عمرُو بن حُمام އާއި، حَرامِي بن عبدالله އާއި، إرباض بن سارية، މި ބޭފުޅުން رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ހަމަ އެ އެހީތެރިކަމަށް އެދި ދެންނެވި އެވެ. ވަރަށް ހިތާމަޔާ އެކު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިޔަ ބޭކަލުން ސަވާރުވެ ދުއްވުމަށް ޓަކައި ތިމަންކަލޭގެފާނުގެ އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތެވެ". މިހެން حديث ކުރެއްވުމުން، އާ ވަކިވެ، ޖިހާދުކުރެއްވުމަށް ނުދެވޭނެތީ އެ ކަމުގެ ހިތާމައިގައި އަޞްޙާބު ބޭކަލުން ކީރިތިކުރައްވަން ފަށްޓަވައިފި އެވެ. އެއާއެކު، الله تعالى، سورة التّوبة ގެ 113 ވަނަ އާޔަތް ބާވައިލައްވާފިއެވެ. (‏‏وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوا وَّأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنفِقُونَ ‎﴿٩٢﴾)‏5 * التّوبة : 92)‏ މާނައީ: "އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (‏އެދިގެން)‏ ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށް ވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (‏އެއުރެންނަށް)‏ ވިދާޅުވީމުއެވެ. އޭގެ މަތީގައި ތިޔަބައި މީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލޮބިވަދާއިގެންފައެއް ނެތެވެ. (‏އެހިނދު)‏ އެއުރެން އެނބުރި ދިޔައީ، އެއުރެންގެ ލޯތައް ކަރުނައިން ފުރި، އޮހޭ حال ގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނު ކަމުގެ ހިތާމައިގައެވެ". އެންމެ ފަހުން، عبّاس އަދި عُثمان (‏رضي الله عنهما)‏ އިސްލާމީ ލަޝްކަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވި އެވެ.

ހަނގުރާމައިގެ ތައްޔާރީތައް ނިމުމުން، رَسُوْلُ اللهِ ﷺ އިސްލާމީ ލަޝްކަރު ވަދަޢަ ފަރުބަދަ މައްޗަށް އެއްކުރެއްވި އެވެ. މި ހަނގުރާމައިގައި ބައިވެރިނުވާ އެކަކު ވެސް ނެތޭ ބުނެވިދާނެ އެވެ. رَسُوْلُ اللهِ ﷺ ލަޝްކަރު އެއްކުރައްވައި، ކުރިޔަށް ވަޑައިގަތުމަށް ނިންމެވި އިރު، މަދީނާ ގައި އެކަލޭގެފާނުގެ ނައިބަކަށް ހަމަޖެއްސެވީ محمّد بن مسلمة (‏رضي الله عنه)‏ އެވެ.6 އެކަލޭގެފާނު ދަތުރު ފައްޓަވަން ވެފައި ވަނިކޮށް حديث ކުރެއްވި އެވެ. "ތިޔަބައި މީހުންނާ އެކު ހުސް ފައިވާނު ގެންނާށެވެ. އިތުރު ފައިވާނު ހުރިހާ ހިނދަކު ތިޔަބައި މީހުންނަށް ދައްޗެއް ނުވާނެ އެވެ".

"މިއަދު ޞަދަޤާތްދޭ ކޮންމެ މީހަކަށް، الله تعالى ގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހުން އޭނާގެ ޞަދަޤާތް އޭނާ އަށް ޓަކައި ހެކިދޭނެ އެވެ".
حديث الشّريف

އިސްލާމީ ލަޝްކަރު މާޗްކުރަމުންދިޔަ އިރު، މުސްލިމުން ބިރުގެންނެވުމަށް ޓަކައި، މުނާފިޤުންގެ ވެރިޔާ عبدالله بن أُبَيُّ بن سلُول، ނުސިޔާނު ވާހަކަތައް ދައްކާފައި ވެއެވެ. އޭނާ ބުންޏެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަޞްޙާބުން އެކަކު އަނެކަކާ ދެމީހުން ދެމީހުންނާ ވަލުން ބަނދެފައިވާ ތަން ފެންނަ ހެނެވެ...". އޭނާގެ މި ބަސްތަކަށް އަޞްޙާބު ބޭކަލުން އެއްވެސް ސަމާލުކަމެއް ނުދެއްވި އެވެ. އަދި އެބޭކަލުން ޖިހާދުގައި ބައިވެރިވުމުގެ ފޯރި ދިޔައީ އިތުރުވަމުންނެވެ. މި މަންޒަރު ފެނުނު މުނާފިޤުން ހިތްއެލިގެން ނާއުއްމީދުވެގެން ދިޔައެވެ.

رَسُوْلُ اللهِ ﷺ ވަދަޢަ ފަރުބަދައިން ތަބޫކަށް ވަޑައިގަންނަމުން ގެންދެވި އިރު، އިސްލާމީ ލަޝްކަރުގެ ދިދަތައް ނިއުޅާލުމަށް އެންގެވި އެވެ. އެންމެ ބޮޑު ދިދަ ދެއްވީ أبوبكر (‏رضي الله عنه)‏ އަށެވެ. އަދި އަނެއް ދިދަ ދެއްވީ زُبيرُ بن عوّام (‏رضي الله عنه)‏ ގެ އަތްޕުޅަށެވެ. ޢަވްސު ވަންހައިގެ ދިދަ ދެއްވީ أُسيد بن حُضير ގެ އަތްޕުޅަށެވެ. ޚަޒްރަޖު ވަންހައިގެ ދިދަ ދެއްވީ أبو دُجانة ގެ އަތްޕުޅަށެވެ.7 رَسُوْلُ اللهِ ﷺ ގެ ކޮމާންޑްގެ ދަށުގައި ތިއްބެވި އަޞްޙާބު ބޭކަލުންގެ ޢަދަދަކީ ތިރީސް ހާހެވެ؛ އޭގެ ތެރެއިން ދިހަ ހާހަކީ އަސްވާރުންނެވެ. طلحة بن عُبيدُالله (‏رضي الله عنه)‏ ޢައްޔަންކުރެވުނީ ކަނާތް ފަޅީގެ ކޮމާންޑަރަކަށެވެ. އަދި ވާތު ފަޅީގެ ކޮމާންޑަރަކަށް ޢައްޔަންކުރެވުނީ عبدالرّحمن بن عوف (‏رضي الله عنه)‏ އެވެ.8 رَسُوْلُ اللهِ ﷺ ގެ ކޮމާންޑް ކަމުގެ ދަށުން، މަތިވެރި ޞަޙާބީން ކުރިޔަށް ވަޑައިގަތީ ވަރަށް ހޫނު މޫސުމެއްގައެވެ. އެބޭކަލުންގެ އިސް ވެރިޔަކަށް رَسُوْلُ اللهِ ﷺ ހުންނެވިހާ ހިނދަކު ކާނާ އާއި ފެނުގެ ދަތިކަމަކުން އެ ބޭކަލުންގެ މަގުން ކައްސައެއް ނުލިއެވެ. ނުވަތަ މަންޒިލަށް ހުރި ދުރުމިނާއި ޢަދުއްވުންގެ ޢަދަދުގެ ގިނަކަމަކުން އެ ބޭކަލުން ޖެހިލުންވާ ގޮތެއް ނުވި އެވެ. މި ޙާލަތުގައި ކޮންމެ ތަނަކަށް ވެސް އެ ބޭކަލުން ދުރުވާނެ އެވެ.

ތަބޫކު ހަނގުރާމަ

މަޑުކުރާ ކޮންމެ ތަނެއް ގައި އަރާމުކޮށްލެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ އާއި، ޞަޙާބީން ދަތުރު ކުރިޔަށް ގެންދެވި އެވެ. އެ ބޭކަލުންގެ އަށް ވަނަ ހުއްޓުމަކަށް ވީ صالح (‏عليه السّلام)‏ ގެ ޤައުމުގެ މީހުން ނައްތަވާލެއްވި ޙިޖްރު ނަމަކަށް ކިޔާ ސަރަޙައްދެކެވެ. الله تعالى އެބައިމީހުން ނައްތަވާލެއްވީ ބާރުގަދަ އަޑަކުންނެވެ. އެއީ، އެބައިމީހުންގެ މައްޗަށް ފޮނުއްވި ރަސޫލާ އަށް ކިޔަމަންނުވުމުގެ ސަބަބުންނެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "މިރޭ، ބާރުގަދަ ޠޫފާނެއް އިދިކޮޅު ދިމާލުން އުފެދޭނެ އެވެ. އެކުގައި ރަޙްމަތްތެރިޔަކު ނެތް ނަމަ، އެއްވެސް މީހަކަށް ކޮޅަށް ތެދުވެގެން ނުވާނެ އެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ޖަމަލުގެ ކަކޫ ބަންނަންވާނެ އެވެ. މި ތަނަކީ، އެ ތަނަކަށް ޢަޒާބު ފޮނުއްވި ތަނެކެވެ. އެއްވެސް މީހަކު މި ފެން ބޮއެ ނުވަތަ އެއިން ވުޟޫކޮށްގެން ނުވާނެ އެވެ". އެންމެން ވެސް މި އަމުރުފުޅަށް ކިޔަމަންވި އެވެ. ރޭގަނޑު ވަރުގަދަ ކޮޅިގަނޑެއް އުފެދި ހުރިހާ ދިމާލެއް ޚަރާބުކުރަން ފަށައިފި އެވެ. އެވަގުތު، އޭނާގެ ޖަމަލު ބަނުމުގައި ފަރުވާކުޑަކުރި މީހެއް އެ ޖަމަލު ހޯދަން ފަށައިފި އެވެ. އޭނާ، ޠޫފާނުގައި އޮޔާގޮސް ލެއްގީ ޠައްޔު ފަރުބަދައިގެ ބުޑަށެވެ. އެހެން މީހަކު ޤަޟާ ޙާޖަތަށް ދިޔަ ތަނުން، އޭނާ އަށް ހޯއްގޮވާ ކެއްސުން ޖެހިއްޖެ އެވެ. އޭނާ އެ ބަލިން ރަނގަޅުވީ، رَسُوْلُ اللهِ ﷺ އޭނާ އަށް ދުޢާކޮށްދެއްވުމުންނެވެ.

އެ ދުވަހު ހެނދުނު ގަޑީގައި، ފެންހަންތަކުގައި ބާކީ ފެނެއް ނެތެވެ. އެންމެން ވެސް ތިބީ ކަރުހިއްކައިގެން ގޮސް މަރުވާ ހިސާބަށް ގޮސްފައެވެ. މި ޙާލަތު މުނާފިޤުންނަށް ފެނުނީ އެ މީހުންނަށް ލިބުނު ފުރުޞަތެއްގެ ގޮތުގައެވެ. އެއާއެކު ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުގެ ގޮތުން ބުނޫއެވެ. "محمّدގެފާނަކީ، ޙަޤީޤަތުގައި ވެސް ރަސޫލެއް ނަމަ، އެކަލޭގެފާނު ދުޢާކުރައްވައި ވާރޭ ވެއްސަވާނެ އެވެ.".

"މާތް ﷲ ގެ އިރާދަފުޅާ އެކު، ތަބޫކުގެ ފެންގަނޑާ ހަމައަށް ތިޔަބައި މީހުންނަށް މާދަމާގެ ހެނދުނު ދެބައިވާ އިރަށް ދެވޭނެ އެވެ. ތިމަންކަލޭގެފާނު ވަޑައިގަންނަވަންދެން ފެނުގައި އަތްނުލާށެވެ".
حديث الشّريف

މި ވެގެން އުޅޭގޮތުގެ ވާހަކަ رَسُوْلُ اللهِ ﷺ އަށް ދެންނެވުމުން، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅު މައްޗަށް ނަންގަވައި، ވާރޭ ވެއްސެވުމަށް الله تعالى އަށް އާދޭސް ދެންނެވި އެވެ. ހޫނު އަދި ވިލާތައް ނެތް އުޑަކުން ވާރޭ ވިލާތައް ކުއްލިއަކަށް ފާޅުވެއްޖެ އެވެ. ބޯކޮށް ވާރޭ ވެހެން ފަށައިފި އެވެ. އެންމެން އެ މީހުންގެ ފެންހަންތައް ފުރާލައި، ވުޟޫކޮށް، ޖަނަވާރުތަކަށް ފެންދީފި އެވެ. ވާރޭ ހުއްޓާލުމާ އެކު ވިލާތައް ގެއްލިއްޖެ އެވެ. ފެނުނު ގޮތުގައ ވާރޭ ވެހުނީ ހަމައެކަނި އިސްލާމީ ލަޝްކަރުގެ މައްޗަށެވެ. رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން تكبير ކިޔުއްވި އެވެ. އެ ބޭކަލުން الله تعالى އަށް ޙަމްދުކުރެއްވި އެވެ. އެ ބޭކަލުން މުނާފިޤުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލޭމެންނަށް އިތުރަށް ދެއްކޭނެ ޢުޒުރެއް ނެތެވެ. الله تعالى އާއި އެކަލާނގެ ރަސޫލާ އަށް އީމާންވެ ޞާލިޙު މުސްލިމުންނަށް ވާށެވެ"! އެކަމަކު ގޮތެއްފޮތެއް ނެތް މުނާފިޤުން ޖަވާބުދިނެވެ. "ދެން ކީއްހެއްޔެވެ؟ ވާރޭ ވިލާގަނޑެއް މިހެން ދިޔަ އިރު ވާރޭ ވެހިލާފައި އެކަން ނިމިއްޖެ އެވެ"!

ބަނޑުހައިހޫނުކަން އޭގެ ކޮޅުންލައިގެން ގޮސްފި އެވެ. ކަންތައް ގޮސްފައި އޮތް ހިސާބަކީ، އެއް ކަދުރު އޮށް ދެ މީހުންނަށް ބަހަންޖެހިފައި ވެއެވެ. ގަދަ ހޫނާއި، ބަނޑުހައިހޫނު ކަމާއި، ކަރުހިއްކުމާ އެކު ވެސް އެ ބޭކަލުން ތަބޫކާ ހަމައަށް ފޯރައިފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މާތް ﷲ ގެ އިރާދަފުޅާ އެކު، ތަބޫކުގެ ފެންގަނޑާ ހަމައަށް ތިޔަބައި މީހުންނަށް މާދަމާގެ ހެނދުނު ދެބައިވާ އިރަށް ދެވޭނެ އެވެ. ތިމަންކަލޭގެފާނު ވަޑައިގަންނަވަންދެން ފެނުގައި އަތްނުލާށެވެ". ޖެހިގެންއައި ދުވަހު، އިސްލާމީ ލަޝްކަރަށް އެ ހިސާބަށް ދެވިއްޖެ އެވެ. ފެންގަނޑު ގައި ފެން ހުރީ ވަރަށް މަދުންނެވެ. رَسُوْلُ اللهِ ﷺ ފެންފޮދެއް ޓައްޕަކަށް އަޅުއްވައި، އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅު އެއަށް ލެއްވުމަށް ފަހު ނަމާދުކުރެއްވި އެވެ. ދެން އެކަލޭގެފާނު އެ ފެން ތަބޫކުގެ ފެންގަނޑު ތެރެއަށް އެޅުއްވި އެވެ. އެއަށް ފަހު އެ ފެންގަނޑު އިތުރުވެ ކުއްލިއަކަށް މައްޗަށް އަރައިފި އެވެ. އިސްލާމީ ލަޝްކަރުގެ ތިރީސް ހާސް މީހުން އެއްކޮށް ފެންބުއިމުން ވެސް ފެންގަނޑު އެއްގޮތަކަށް ވެސް މަދެއްނުވި އެވެ. އޭގެ ފަހުން، އެ ސަރަޙައްދުގެ ހުރިހާ ހިސާބަކަށް މި ފެނުން ފެންދެވުނެވެ. އެއީ، رَسُوْلُ اللهِ ﷺ އަށް ދެއްވި މުޢުޖިޒާތެކެވެ. އެ ސަރަޙައްދު ވެގެންދިޔައީ، ދަނޑުގޮވާން ގިނަ ފެހިކަންގަދަ ބިމަކަށެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު ތަބޫކަށް ވަޑައިގަތް އިރު، އެ ބޭކަލުންނަށް ބޭޒަންޓައިނުންނާއި، ކްރިސްޓިއަން ދީނަށް ވަދެފައިވާ ޢާމިލާ އާއި، ލަޙްމް އާއި، ޖުޒާމް ފަދަ ޢަރަބި ޤަބީލާތަކުން އެކުލެވިގެންވާ ރޯމަނުންގެ ލަޝްކަރުތަކެއް އެތަނަކުން ނުފެނުނެވެ. މުއުތާ ގައި އެއްލައްކަ ސިފައިންގެ ބާރުގަދަ ރޯމަން ލަޝްކަރު ވަނީ ތިން ހާސް އިސްލާމީ މުޖާހިދުންނާ ކުރިމަތިލައި ބަލިވެފައެވެ. މިފަހަރު، އެ މީހުންނާ ދެކޮޅަށް ތިރީސް ހާސް މުސްލިމު ސިފައިން އެބަތިއްބެވެ. އަދި އެ ސިފައިންގެ ކޮމާންޑަރަކީ ޢާލަމްތަކުގެ ސައްޔިދެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުން އެއްކުރައްވައިގެން ވަޑައިގެންފި ކަމުގެ ޚަބަރު ރޯމަނުންނަށް ލިބުމުން، އެ މީހުންގެ އެންމެން ބެލީ ފިލައިގެން ގޮސް ވަންނާނެ ތަނަކަށެވެ.

އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާކުރެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ ތަބޫކަށް ވުރެ ދުރަކަށް ވަޑައެއް ނުގަންނަވައެވެ.އެ ވަގުތު، އެ ސަރަޙައްދުގެ ބައެއް ޤަބީލާތަކާއި، ޤައުމުތަކަށް އިސްލާމީ ލަޝްކަރު އަންނަ ކަމުގެ ޚަބަރު ލިބިއްޖެ އެވެ. ގަންނާކުރެއްވި ބިރުން، އެ މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަފުދުތައް ފޮނުވައި، ޖިޒްޔަ ދީގެން ޙިމާޔަތް ދިނުމަށް އެދުނެވެ. رَسُوْلُ اللهِ ﷺ އެ މީހުންގެ މައްޗަށް ހަމްދަރުދީ ވެ ވަޑައިގެން އެ މީހުން އެދުނު ގޮތަށް ކަންތައް ކޮށްދެއްވައިފި އެވެ. އެއިން ކޮންމެ ބަޔަކާ އެކު ވެސް މުޢާހަދާއެއް ކުރެވި، އެ މީހުންނަށް ޙިމާޔަތް ލިބިފައިވާ ކަން އެންގުނެވެ.

ވިހި ދުވަސް ވަންދެން ޢަދުއްވުންނަށް رَسُوْلُ اللهِ ﷺ އިންތިޒާރުކުރެއްވި އެވެ. އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު ގިނަގިނައިން ވާހަކަދައްކަވައި، އެ ބޭކަލުންގެ ހިތްތައް ނޫރުގެ ކަނޑުން ދޮވެލެއްވި އެވެ. އެކަލޭގެފާނު ރޫޙާނީ ޢިލްމާއި، އެކަލޭގެފާނުގެ ހިތްޕުޅުން އަޑިން އޮހިގެންއައި ބަރަކާތް އެ ބޭކަލުންގެ ހިތްތަކަށް އެޅުއްވި އެވެ. އެކަލޭގެފާނުގެ ފާހަގަކުރެވޭ އެއް ވާހަކަފުޅެއް ގައި އެއްސެވި އެވެ. "އެންމެ މޮޅު އަދި އެންމެ ޝަރަފުވެރި މީހުންގެ ވާހަކަ ތިމަންކަލޭގެފާނު ޚަބަރުކުރައްވަން ހެއްޔެވެ"؟ އަޞްޙާބު ބޭކަލުން ޖަވާބު ދެއްވި އެވެ. "އާދޭހެވެ! މާތް ﷲ ގެ ރަސޫލާ އެވެ"! އެއާއެކު އެކަލޭގެފާނު ޙާދީޘްކުރެއްވި އެވެ. "މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހާއަކީ، އޭނާގެ އެންމެ ފަހު ނޭވާ އާ ހަމައަށް الله تعالى ގެ މަގުގައި އޭނާގެ އަސް މަތީގައި، ނުވަތް ޖަމަލު މަތީގައި، ނުވަތަ ފައިމަގުގައި މަސައްކަތްކުރާ މީހާއެވެ. މީސްތަކުންގެ ތެރެއިން ނުބައި މީހާ އަކީ، ގެ ފޮތް ކިޔައި އެ ފޮތުން އެއްވެސް ފައިދާއެއް ނުހޯދާ ގޮތްބޮޑުކުރާ މީހާއެވެ".

ޝަހީދުވުމާ ބެހޭގޮތުން ސުވާލުކުރި މީހަކާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އަޅާގެ ވުޖޫދު އެކަލާނގެ އަތްޕުޅުގައި ވާ މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ޤިޔާމަތް ދުވަހު، ޝަހީދުން އަންނާނީ އެ މީހުންގެ ކަނޑިތައް ބުރަކަށީގައި އެޅުވިގެންވާ ޙާލުގައެވެ. އެ މީހުން އިށީންނާނީ ނޫރުންވާ ތަޚްތުތަކެއް ގައެވެ".9

މި ހަނގުރާމަޔަށް ކުރެއްވި ދަތުރުގެ ތެރޭގައި، رَسُوْلُ اللهِ ﷺ ގެ ވަރަށް ގިނަ މުޢުޖިޒާތްތައް ފެނިގެންގޮސްފައި ވެއެވެ. ތަބޫކުން އެނބުރި މަދީނާ އަށް ދިއުމަށް ތައްޔާރުވަމުންދިޔަ ވަގުތެއް ގައި، ބަނޑުހައިހޫނުކަން ތަޙައްމަލުނުކުރެވޭ ވަރަށް ގޮސްފައިވާ ޞަޙާބީން އެކަން رَسُوْلُ اللهِ ﷺ އަށް ދަންނަވައިފި އެވެ. ބާކީ ހުރި ކާނާ رَسُوْلُ اللهِ ﷺ ބެހެއްޓެވީ ލެދަރ ފޮތިގަނޑެއްގެ މަތީގައެވެ. އެތާގައި ބާލީ ހުރީ ކުޑަ ބޮން ތަށްޓަކަށް އެޅޭ ވަރަށެވެ. ވުޟޫ އާކުރައްވައި، ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. އެކަލޭގެފާނުގެ ދެ އަތްޕުޅު މައްޗަށް ނަންގަވައި، ކާނާ އިތުރުކޮށްދެއްވުމަށް ދުޢާ ދެންނެވި އެވެ. ދެން އެކަލޭގެފާނުގެ އަޞްޙާބުންނަށް އެންގެވީ އެ ބޭކަލުންގެ ތަށިތައް ގެނައުމަށެވެ. އެ ހުރިހާ ތަށްޓެއް ކާނާ އިން ފުރާލެވިއްޖެއެވެ. އެހެންކަމުން އެ ބޮޑު ލަޝްކަރުގައި ހުރި ހުރިހާ ތަށްޓަކަށް ފުރާލެވިއްޖެ އެވެ. އަދި ކީއްތޯ އެވެ. ހުރިހާ މުޖާހިދުން ބަނޑު ފުރެންދެން ކެއިން ބެއްލެވިޔަސް، އެ ފޮތިގަނޑު މަތީގައި ހުރި ކާނާ މަދުވާ ތަނެއް ނުފެނެއެވެ.

خالد بن وليد ދައުމަތުލް ޖަންދަލް އަށް ކުރެއްވި ޣަޒްވާ

رَسُوْلُ اللهِ ﷺ ތަބޫކުގައި ހުންނެވި އިރު، ދުއުމަތުލް ޖަންދަލް އަށް خالد بن وليد (‏رضي الله عنه)‏ ފޮނުއްވި އެވެ. އެ ރަށުގެ ޙާކިމް أكيدر بن عبدالملك އަކީ ކްރިސްޓިއަނެކެވެ. އިސްލާމީ ސިފައިން ކިއްލާ އާ ދިމާލަށް ގޮސް އިންތިޒާރުގައި މަޑުކޮށްގެން ތިއްބެވެ. ފަރުބަދަމަތީ ގެރިއެއް ކިއްލާގެ ކުރިމައްޗަށް އައިސް أكيدر އާ ހަމައަށް ފޯރުމުން، އޭނާ، އޭނާގެ އަހުގެ މައްޗަށް ސަވާރުވެގެން އޭތި ޝިކާރަކުރުމަށް ހިނގައްޖެ އެވެ. އަކީދިރު އާއި، އޭނާގެ އަޚް حسن އާއި އޭނާއާ އެކު ތިބި މީހުން ޝިކާރަކުރަމުންދިޔަ އިރު، މުޖާހިދުން ތިއްބެވީ އެ މީހުން ވަށާލައިގެންނެވެ. حسن އޭނާގެ ކަނޑި އުރައިން ދަމައިގަންނަން އުޅެނިކޮށް އޭނާ ޤަތުލުވެއްޖެ އެވެ. أكيدر ހިފައި ހައްޔަރުކުރެވުނެވެ. ދެން ތބި މީހުން ފިލައި ގޮސް ކިއްލާ ތެރެއިން ޙިމާޔަތް ހޯދައިފި އެވެ. އަކީދިރު އާ މުޚާޠަބުކުރައްވައި خالد بن وليد ވިދާޅުވި އެވެ. "އަހަރެން ކަލެއަށް ރައްކާތެރިކަން ދީ، رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންގޮސްދޭނަމެވެ. އެކަމަކު ޝަރުޠެއްގެ މަތިންނެވެ. އެއީ، ކަލޭ ކިއްލާ އަށް ގޮސް ދެ ހާސް ޖަމަލާއި، އަށް ސަތޭކަ އަހާއި. އަށް ސަތޭކަ އައްޑަނަ އާއި، ހަތަރު ސަތޭކަ ލޮންސި ގެނެސްދޭ މަތިންނެވެ. އޭގެ ފަހުން ވެސް މި ރަށުގެ ޙާކިމަކަށް ވާނީ ކަލެއެވެ". أكيدر އެކަން ޤަބޫލުކޮށްފި އެވެ. އެބޭކަލުން ކިއްލާ އަށް ގޮސް، ޣަނީމާ މުދާ ނަންގަވައިގެން މަދީނާ އަށް ވަޑައިގެންފި އެވެ. އަކިދިރު އާއި އޭނާގެ އަޚް ޙަސާރު رَسُوْلُ اللهِ ﷺ އާ ބައްދަލުކުރުމުގެ ފުރުޞަތު ލިބި އިސްލާމް ވެއްޖެ އެވެ.

ބޮނދައިގެން ތިބެ ފާރަލުން

"އަޅާގެ ވުޖޫދު އެކަލާނގެ އަތްޕުޅުގައި ވާ މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ޤިޔާމަތް ދުވަހު، ޝަހީދުން އަންނާނީ އެ މީހުންގެ ކަނޑިތައް ބުރަކަށީގައި އެޅުވިގެންވާ ޙާލުގައެވެ. އެ މީހުން އިށީންނާނީ ނޫރުންވާ ތަޚްތުތަކެއް ގައެވެ".
حديث الشّريف

މުޖާހިދުން ތަބޫކު ދޫކޮށް މަދީނާ އަށް ދިއުމަށް މިޞްރާބު ޖައްސަވައިފި އެވެ. މުނާފިޤުން އެ މީހުންގެ މެދުގައި ސައްލާކޮށް އެއްބަސްވީ، ބޮނދައިގެން ތިބެ رَسُوْلُ اللهِ ﷺ ޝަހީދުކޮށްލުމަށެވެ. އެއް ރޭ، މުސްލިމު ސިފައިން ކުރިޔަށް ދިޔަ ހަނި މަގުގައި ބޯކޮޅު ބަލައިގެން ތިބީ އޮށޯވެގެންނެވެ. رَسُوْلُ اللهِ ﷺ ގެ ޖަމަލުކޮޅުގެ ލަގަނުގައި ހިފަހައްޓައިގެން އޭތި ދަމަމުން ގެންދެވީ عمّار بن ياسر އެވެ. حذيفة بن يمان (‏رضي الله عنه)‏ ވަޑައިގެންނެވީ އެ ބޭކަލުންގެ ފަހަތުންނެވެ. މުނާފިޤުން رَسُوْلُ اللهِ ﷺ ޝަހީދުކޮށްލަން ރާވައިގެން ތިބިކަމުގެ ޚަބަރު جبريل (‏عليه السّلام)‏ ދެއްވި އެވެ. رَسُوْلُ اللهِ ﷺ އަށް އެ ހަނި މަގާ ކައިވުމުން، އެކަލޭގެފާނު ލަޝްކަރާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ތިޔަބައި މީހުން ވާދީގެ ތެރެއަށް ދާށެވެ. އެ ހިސާބު ބޮޑަށް ފަސޭހަވެފައި ބޮޑަށް ފުޅަލެވެ". ހަނި މަގާ ދިމާލަށް ވަޑައިގަތް ވަގުތު، އިސްލާމީ ލަޝްކަރު ވާދީ ގެ ތެރެއަށް ވަދެއްޖެ އެވެ. އެ ހަނި މަގާ ކައިރިއަށް رَسُوْلُ اللهِ ﷺ ވަޑައިގެންނެވުމުން، އެ މުނާފިޤުންގެ ގްރޫޕުން އެ މީހުންގެ މޫނުތަކުގެ މާސްކު އެޅުމަށް ފަހު ޙަމަލާދީފި އެވެ. حذيفة (‏رضي الله عنه)‏ ހަޅޭލަވައިގެންފައި ވިދާޅުވި އެވެ. "އޭ الله تعالى ގެ ޢަދާވާތްތެރިންނޭވެ"! މިހެން ވިދާޅުވެފައި، އޭނާގެ އަތްޕުޅުގައި އޮތް ދަނޑިން މުނާފިޤުންނާއި، އެ މީހުންގެ ޖަނަވާރުތަކުގައި ޖައްސަވަން ފަށްޓަވައިފި އެވެ. މި ހަޅޭލެވުމުގެ އަޑަށް ބިރުން، ވަގުތުން ބާރަ މުނާފިޤުން ސިފައިންގެ އެކި ރޭންކުތަކަށް ބެހިއްޖެ އެވެ. رَسُوْلُ اللهِ ﷺ، حذيفة (‏رضي الله عنه)‏ އަށް އެ މީހުންގެ ނަންތައް އަންގަވާދެއްވައި، އެހެން މީހުން ކައިރީގައި އެ ވާހަކަ ނުބުނުމަށް އިންޒާރު ދެއްވި އެވެ.

މި ޙާދިސާގެ ޚަބަރު އަޑުއިވިވަޑައިގެން، أُسيد بن حُضير (‏رضي الله عنه)‏ ކުރިޔަށް ޖެހިވަޑައިގެން އާދޭސްކުރައްވައި ދަންނަވައިފި އެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާންކުރައްވާށިއެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އެ މީހުންނަކީ ކޮން ބައެއް ކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. އޭރުން އަޅުގަނޑު އެ މީހުންގެ ބޯތައް ކަލޭގެފާނުގެ އަރިހަށް ގެނެސްދީފާނަމެވެ". އެހެން ނަމަވެސް، رَسُوْلُ اللهِ ﷺ އެ ކަމަށް ހުއްދަ ނުދެއްވި އެވެ.10

مسجد الضرار

ބީޒއިންޓައިނުން ބިރުގަންނުވައި، އެ މީހުންގެ ހިތްވަރު އެލުވާލެއްވުމަށް ފަހު رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ ހިތްވަރުގަދަ އަޞްޙާބުން އެންމެ ފަހުން މަދީނާ އަށް ދަތުރު ފަށްޓަވައިފި އެވެ. ޢާލަމްތަކުގެ ސުލްޠާން އެކަލޭގެފާނުގެ އަޞްޙާބުންނަށް އެންގެވީ މަދީނާގެ ކައިރީގައި އޮންނަ ޒީއަވާން ގައި މަޑުކޮށްލުމަށެވެ. ޞަޙާބީން އެތާނގައި އަރާމުކުރައްވަން ތިއްބަވަނިކޮށް، މަދު މުނާފިޤުންތަކެއް އައިސް، رَسُوْلُ اللهِ ﷺ مسجد الضرار އަށް ވަޑައިގަތުމަށް އެދުނެވެ.

مسجد الضرار ހުރީ ޤުބާ ގައެވެ. މުނާފިޤުން މި މިސްކިތް ބިނާކުރީ މަދީނާ އަށް ހިޖްރަކުރެއްވި އިރު رَسُوْلُ اللهِ ﷺ ބިނާކުރެއްވި ޤުބާގެ ފުރަތަމަ މިސްކިތުގެ ކުރިމަތީ ގައެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްހާބުންނާ އެކު ތަބޫކަށް ވަޑައިގަތް މަތުމަތީ ގައި މުނާފިޤުން އެކަލޭގެފާނުގެ އަރިހަށް އައިސް ދަޢުވަތުދިނުމުގެ ގޮތުން ބުނޫ އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން އާ މިސްކިތެއް ބިނާކޮށްފީމު އެވެ. ކަލޭގެފާނު އެ މިސްކިތަށް ވަޑައިގެން އިމާމުވެ ނަމާދު ކުރައްވަފާނަން ތޯ އެވެ"؟ އެކަމަކު ހަނގުރާމަޔަށް ދަތުރުކުރައްވަމުން ގެންދެވި رَسُوْلُ اللهِ ﷺ ޖަވާބު ދެއްވީ އެކަލޭގެފާނު ތަބޫކުރުން އެނބުރި ވަޑައިގަންނަވާ އިރު، ފުރުޞަތު ލިބިވަޑައިގެންފި ނަމަ އެ މިސްކިތަށް ވަޑައިގެންފާނެ ކަމަށެވެ.

މުނާފިޤުންގެ އަމާޒަކީ މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދައި، އެ މީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލުކުރުމަށް ބޭނުންކޮށް، ބައިބައިވުމާއި ހަމަނުޖެހުން އުފައްދައި އެކަކު އަނެކަކާ ޖެއްސުމެވެ. އެ މީހުން އުޅުނީ ބީޒައިންޓައިން ސިފައިން މަދީނާ އަށް އައުމަށް ދަޢުވަތު ދީ ގެނެސް އެ މީހުން މިސްކިތުގައި ފޮރުވާފައި ހުރި ހަތިޔާރުގެ ކަންތަކުގައި އެހީ ހޯދުމަށެވެ. އެ ތަނުގައި رَسُوْلُ اللهِ ﷺ ނަމާދުކުރައްވާނެކަން ޔަޤީންކޮށް، މަސްޖިދުއް ޟިރާރަކީ މުޤައްދަސް ތަނެއް ކަމުގެ ތަޞައްވަރު ދިނުމަކީ އެ މީހުންގެ މަޤްޞަދެކެވެ. އޭރުން، އެތަނުގައި ނަމާދުކުރުމަށް މުސްލިމުން އެކަކު އަނެކަކާ ވާދަކޮށް، މުނާފިޤުންގެ މަޅީގައި ޖެއްސުމެވެ.

رَسُوْلُ اللهِ ﷺ މުނާފިޤުންގެ އެ ދަޢުވަތު ޤަބޫލުކުރައްވައި، އެ ތަނަށް ވަޑައިގަތުމަށް ނިންމެވި އެވެ. الله تعالى، سورة التوبة ގެ 107 އާއި 108 ވަނަ އާޔަތް ބާވައިލައްވައި، އެކަމުގެ ޙަޤީޤަތް އަންގަވައިފި އެވެ. އެއާއެކު، މާލިކު ބިން ދުހުޝުމް އާއި ޢާޞިމް ބިން ޢަދްޔު އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އަނިޔާވެރި ޖަމާޢަތުގެ މީހުންގެ މިސްކިތަށް ވަޑައިގެން ތަޅާލައި އަންދާލާށެވެ". މަޣްރިބު ނަމާދާއި، ޢިޝާ ނަމާދާ ދެމެދު ދެ ބޭކަލުން ދުރުވެއެ ޢިމާރާތުގައި އަލިފާން ރޯކޮށްފި އެވެ. ދެން އެ މީހުން އެ މިސްކިތް ތަޅާލައި ބިމާ ހަމަކޮށްފި އެވެ. މުނާފިޤުން އެ ކަމާ އެއްވެސް އެއްޗެކޭ ނުބުނެ ތިބީ އެވެ.11

رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ މަތިވެރިވެގެންވާ އަޞްޙާބުން ވަޑައިގަންނަވާ ޚަބަރު އަޑުއަހައި، މަދީނާގެ މީސްތަކުން ވަގުތުން އެތަނަށް އެއްވެ، އެ މީހުންނާ ބައްދަލުކުރެއްވުމަށް ވަޑައިގަތީ ބޮޑު ޝައުޤުވެރިކަމާ އެކުގައެވެ.

عبدالله بن أُبَيُّ بن سلُول މަރުވުން

رَسُوْلُ اللهِ ﷺ ތަބޫކުން ވަޑައިގެންނެވިތާ ދެ މަސް ފަހުން، ޝައްވާލު މަހެއްގައި މުނާފިޤުންގެ ވެރިޔާ عبدالله بن أُبَيُّ بن سلُول މަރުވެއްޖެ އެވެ. އޭޣެ ފަހުން، މުނާފިޤުންގެ އެއްބައިވަންތަކަން ގެއްލި އެ މީހުން ވިއްސިވިހާލި ވެއްޖެ އެވެ.12

އެހެންކަމުން، މުނާފިޤުންގެ އިތުރަށް މުޝްރިކުންނާއި، ޢަރަބި ކަރައިގެ ޔަހޫދީން ބަލިކޮށްލެވުނެވެ. އަދި އެ މީހުން އިސްލާމް ދީނާ ދެކޮޅަށް ހިންގި ޙަރަކާތްތައް މަޑުޖައްސާލެވުނެވެ.

ހިޖުރައިން ނުވަ ވަނަ އަހަރު ހިނގި އެހެނިހެން ޙާދިޘާތައް

رَسُوْلُ اللهِ ﷺ ތަބޫކަށް ވަޑައިގެންނެވި އިރު، އައިލާގެ ފުރަތަމަ ޙާކިމް، ދެން ޖަރްބާގެ ޙާކިމް އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވި އެވެ. އެކަން ރިކޯޑްކުރެއްވުމަށް ފަހު އެ ޑޮކިއުމެންޓް އެ މީހުންނާ ޙަވާލުކުރެވުނެވެ. މި ހަނގުރާމައިގެ ދަތުރު ގައި ހެރަކްލަޔަސް އަށް ދަޢުވަތު ދެއްވައި، އަނެއްކާ ވެސް އިސްލާމް ވުމަށް ދަޢުވަތު ދެއްވައިފި އެވެ. އެކަމަކު ހިދާޔަތް ލިބުމުގެ ނަޞީބު އޭނާއަކަށް ނުލިބުނެވެ.

މި އަހަރު، رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން أُمُّ كُلثُوم އަވަހާރަވެއްޖެ އެވެ. އެ ކަމަނާގެ ޖަނާޒާ ނަމާދު އިމާމު ކުރީ އަޅުގަނޑުމެންގެ ރަސޫލާ رَسُوْلُ اللهِ ﷺ އެވެ. އަދި އެކަމަނާ ފަސްދާނު ލެވެމުން ދިޔަ ވަގުތު އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުން ކަރުނަ އޮހި، މަހާނަ މައްޗަށް އެޅުނެވެ.

ވަފުދުތަކުގެ އަހަރު

ތަބޫކު ހަނގުރާމައިން އެނބުރި ވަޑައިގަތުމަށް ފަހު، އެކި ދައުލަތްތަކަށް މަންދޫބުން ފޮނުވައި، އިސްލާމް ދީނަށް ދަޢުވަތު ދެއްވި އެވެ. ޢޮމާނާއި ބަޙްރައިން ގެ މީހުން އިސްލާމް ވުމުގެ ޝަރަފު ހޯދައިފި އެވެ.

މިހާރު އިސްލާމް ދީން ފެތުރެމުން ދަނީ ވަރަށް އަވަހަށެވެ. އިސްލާމް ދީނުގެ އަސާސްތައް އުނގަންނައި ދިނުމަށް ޓަކައި، ވަށައިގެންވާ ޤަބީލާތަކަށާއި ދައުލަތްތަކަށް މުދައްރިސުން ފޮނުވުނެވެ. އަދި އެ މީހުންގެ މައްޗަށް ވެރިކަން ކުރުމަށް ޓަކައި ގަވަރުނަރުން ފޮނުވުނެވެ.

ހިޖްރައިން ނުވަ ވަނަ އަހަރުގައި އިސްލާމް ދީނަށް ވަތް ގިނަ ވަފުދުތައް މަދީނާ އަށް ޖަމާވެއްޖެ އެވެ. އެކި ޤަބީލާތަކުގެ ވަފުދުތައް އައިސް ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އަށް ވަފާތެރިކަން އަންގައި އިސްލާމް ވެއްޖެ އެވެ. މަންދޫބުންގެ ޢަދަދު ގިނަކަމުން މި އަހަރަށް ކިޔުނު ނަމަކީ، سنة الوفود އެވެ.

މަންދޫބަކު އަންނަ އިރަށް، رَسُوْلُ اللهِ ﷺ އަގުހުރި ހެދުން ތުރުކުރައްވައެވެ. ހަމަ އެހެންމެ އަޞްޙާބު ބޭކަލުން ވެސް އަގުހުރި ހެދުން އެޅުއްވުމަށް ބާރުއަޅުއްވައެވެ. މަންދޫބުންނާ ބައްދަލުކުރައްވަނީ، ސާފުތާހިރު އަދި ރިވެތި ތަނެއްގަ އެވެ. ޖާފަތެއް ބާއްވަވައި، އެ މަންދޫބުން އަނބުރާ ފޮނުއްވަނީ ގިނަ ހަދިޔާތަކާ އެކުގައެވެ، އަދި އެ މަންދޫބުން އެނބުރި އެ މީހުންގެ ޤައުމަށް ފޮނުއްވީ ގިނަގުނަ ހަދިޔާތަކާ އެކުގައެވެ. އަދި އެ މީހުން އެނބުރި ދަނީ ހިތްހަމަޖެހިގެންނެވެ. އެމީހުން އެނބުރި ދަނީ، ޝުކުރާއި، ތަޢުރީފުކުރަމުންނެވެ.

މަންދޫބަކު އަންނަ ކޮންމެ ހިނދަކު، މާތް ﷲ ގެ ރަސޫލާ ތުރުކުރައްވަނީ އަގުރުހި ހެދުމެވެ. އަދި އެ ބޭކަލުންނާ ބައްދަލުކުރައްވަނީ ސާފުތާހިރު ރިވެތި ތަނެއް ގައެވެ.

މަނަދޫބުން ފޮނުވި އެއް ޤަބީލާ އަކީ، ބަނީ މުއްރާ އެވެ. އެ މީހުން މަނދޫބުންގެ ގޮތުގައި، ތޭރަ މީހުން ފޮނުވި އެވެ. އެ މީހުން ބުނާ ގޮތުގައި، އެ މީހުންގެ ޤަބީލާ އިސްލާމް ވެއްޖެ އެވެ.އެ މީހުންގެ ކިޔައިދިން ގޮތުގައި، އެ މީހުންގެ އަވަށަކަށް ވާރޭއެއް ނުވެހެއެވެ. ހެދިފައި ހުރި ވިނައެއް ވެސް ނެތެވެ. ގަސްތަކަށް ވަނީ ބަލި އަރާފައެވެ. އެބައި މީހުން رَسُوْلُ اللهِ ﷺ ގެ އަރިހުން އެދުނީ، އެބައި މީހުން ތަޙައްމަލުކުރަމުންދާ ވޭންތަކަށް ނިމުމެއް އައުމަށް ދުޢާކޮށްދެއްވުމަށެވެ. އެކަލޭގެފާނު ދުޢާކުރެއްވި އެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ވާރޭ ފެނުން އެބައި މީހުންގެ ކަރުހިކުން ފިއްލަވައިދޭވެ". ބަނީ މުއްރާގެ މަންދޫބުން އެ މީހުންގެ ޤަބީލާ އަށް އެނބުރި ދިޔަ އިރު، އެ މީހުންނަށް ފެނުނީ އެ މީހުންގެ ޤައުމުގެ މީހުންގެ ވޭންތަކުން ރަނގަޅުވެފައިވާ ތަނެވެ. އެހެނީ، رَسُوْلُ اللهِ ﷺ އެމީހުންނަށް ދުޢާކުރެއްވި ދުވަހު، ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. އެ ވާރޭވެހުން އިއްތިފާޤުން ދިމާވީ ސީދާ އެކަލޭގެފާނު ދުޢާކުރެއްވި ވަގުތާ އެވެ.

ބަނީ އަސަދު ވަންހައިގެ ދިހަ މީހުން އައިސް އިސްލާމްވުމުން އެ މީހުންގެ އަގުވަޒަންކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ. އެ މީހުން ބުނޫ އެވެ. "އަޅުގަނޑުމެން މިއައީ ވަރަށް ދުރުން، އެއް އަހަރު ބަނޑޫހައިހޫނުކަމުގައި އުޅުމަށް ފަހުގައެވެ. އަޅުގަނޑުމެން އިސްލާމް މިވީ، އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމުގެ މަތިން، އަޅުގަނޑުމެންނާ ހަމަޔަށް ސިފައިން އައުމަކާ ނުލައެވެ". سورة الحجرات ގެ 7 ވަނަ އާޔަތް ބާވާލައްވާފައިވަނީ އެ މީހުންނާ ބެހޭގޮތުންނެވެ.

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ވާރޭ ފެނުން (‏ބަނީ މުއްރާ ވަންހައިގެ)‏ އެބައި މީހުން ގެ ކަރުހިކުން ފިއްލަވައިދޭވެ".
حديث الشّريف

ބަނީ ބިކާރު ގެ ވަފުރުދުގެ ވެރިޔާ مُعاوية تبني ثور بن عبيدة بن بكار ގެ ޢުމުރަކީ ސަތޭކަ އަހަރެވެ. އޭނާ އާ އެކުގައި ދެން ތިބީ އޭނާގެ ފިރިހެން ދަރިފުޅު بشير އާއި، مجمع بن عبدالله އާއި، عبدالعمر بن عصم އެވެ. އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހުން އެދުނީ، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅުން އޭނާގެ ފިރިހެން ދަރިފުޅުގެ ހަށިގަނޑުގައި ބީއްސަވާލެއްވުމަށެވެ. އޭނާ ބުންޏެވެ. "އެކަލޭގެފާނު އަޅުގަނޑާ މެދު ކަންތައް ކުރެއްވީ އިޙްތިރާމާ އެކު ވަރަށް ރަނގަޅަށެވެ". رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅުން بشيرގެ މޫނުގައި ފިރުމާލެއްވުމަށް ފަހު، އެ މީހުންނަށް ގިނަ ޢަދަދެއްގެ ބަކަރި ދެއްވި އެވެ. އަދި ހަމަ އެހެންމެ، އެކަލޭގެފާނު، ޢަބްދުލް ޢަމްރުގެ ނަން ޢަބްދުއްރަޙްމާން އަށް ބަދަލުކުރެއްވި އެވެ.

ބަނީ ނަޖީބު ވަންހައިގެ ވަފްދުގައި ހިމެނެނީ ދިހަ މީހުންނެވެ. އެބައި މީހުންގެ މުދަލުގެ ޒަކާތާއި، ޖަނަވާރުތައް އެ މީހުންނާ އެކު ގެނައެވެ. އެ މީހުން އައީތީ އެކަމާ رَسُوْلُ اللهِ ﷺ ވަރަށް އުފާކުރެއްވި އެވެ. އެ މީހުން ރަނގަޅު ހިސާބެއް ގައި އާބާދުކުރުމަށް އެކަލޭގެފާނު އެންގެވި އެވެ. ނަޖީބު ވަންހައިގެ މަންދޫބު ފަރްޟާއި ސުންނަތާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރުމާ އެކު، އޭނާ އަށް رَسُوْلُ اللهِ ﷺ ލޯބި އިތުރުވެގެންދިޔަ އެވެ. އެކަލޭގެފާނު އޭނާ އަށް ދެއްވި އިޙްތިރާމާއި، މެހްމާންދާރީ އިތުރުކުރެއްވި އެވެ. އެކަލޭގެފާނު އޭނާ އާ މުޢާމަލާތުކުރެއްވީ، އެހެން މަންދޫބުންނާ ތަފާތުކޮށެވެ. ހިފާގެންގުޅޭ ތަކެތި ކައިރީގައި މަޑުކޮށްގެން ހުރި ޒުވާނާ އަށް ގޮވާލައްވައި، الله تعالى ފިޔަވައި އެހެން ހުރިހާ އެއްޗެއް ދޫކޮށްލިކަން ފާހަގަކުރެއްވުމުން އޭނާ އަށް ދުޢާކޮށްދެއްވި އެވެ. އެހެން މީހުން ފަދައިން، އެކަލޭގެފާނު އޭނާ އަށް ވެސް ހަދިޔާ ދެއްވި އެވެ. އެ މީހުން އުއްމީދުކޮށްގެންތިބި ފަދައިން، އެ މީހުންގެ ޤަބީލާ އަށް އެ ގްރޫޕް އެނބުރި ދިޔައީ ޖޯޝާއި ފޯރިއާ އެކުގައެވެ.

ބަނީ ކަންޢާނާ ގެ ގްރޫޕެއް މުސްލިމުންނާ ހަމަޔަށް އަތުވެއްޖެ އެވެ. އެ މީހުންގެ ވެރިޔަކަށް ހުރީ ވާސިލާ ތަބްނީ އަސްކަޢް އެވެ. އޭނާ އައި އިރު، رَسُوْلُ اللهِ ﷺ ގެންދެވީ ތަބޫކު ހަނގުރާމައިގެ ދަތުރަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ބައިޢަތަށް ފަހު އޭނާގެ ޤަބީލާގެ ގާތަށް އޭނާ ގޮސްފި އެވެ. އޭނާގެ ބައްޕަ އިސްލާމެއް ނުވި އެވެ. އެކަމަކު އޭނާގެ ދައްތަ އިސްލާމްވި އެވެ. އޭނާ މަދީނާ އަށް ގޮސް ތަބޫކު ހަނގުރާމައިގެ ލަޝްކަރު ފަހަތުން ދިޔައެވެ. އެ ގޮތަށް ގޮސް رَسُوْلُ اللهِ ﷺ އާ އަރާހަމަކުރި އެވެ. އޭނާ ފޮނުވުނީ، خالدގެފާނާއި، އަކީދަރު އާ ދެމެދުގެ ހަނގުރާމަ އަށެވެ. އޭނާ އަށް ގިނަ ޖަމަލު ލައްވާލި އެވެ.

ބަނީ ސާއިދުން دمّام بن ثعلب އަތުވެއްޖެ އެވެ. އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ނަމާދާއި، ރޯދަ އާއި، ޙައްޖާއި، ޒަކާތާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރި އެވެ. އޭނާގެ ސުވާލުތައް ކުރުން ނިމުމުން، އޭނާ ބުންޏެވެ. "އަޅުގަނޑު އީމާންވަމެވެ. ކަލޭގެފާނު މާތް ﷲ ގެ ކިބަފުޅުން ގެންނެވި ހުރިހާ ކަމަކަށް އަޅުގަނޑު އީމާންވަމެވެ". އޭނާގެ ޤައުމުގެ މީހުންގެ ގާތަށް އޭނާ ގޮސް އިސްލާމް ދީނުގެ ވާހަކަ ދެއްކި އެވެ. އަދި އޭނާގެ ޤަބީލާގެ އެންމެން އިސްލާމް ވެއްޖެ އެވެ.

މާތް ﷲ ގެ ރަސޫލާ އެވެ! މީހަކު ބޮސް ނުދޭ ނަމަ،
ކަލޭގެފާނުގެ ގޭޓުގެ އަޅާ ގެ ފައި ބީހުނު ފަސްގަނޑޭ،
އަދި އޭނާގެ ފުރާނަ އޭނާގެ ދިންނެވުމަށް ޤުރުބާން ނުކުރާ ނަމަ،
އޭނާ ތިބާ ދެކެ ލޯތްބެއް ނުވެއޭ؛ އަޅުގަނޑު އޭނާގެ ބަސްތައް ޤަބޫލެއް ނުކުރަމޭ.
ތިބާގެ ފިޔަވަޅު އެޅުއްވި ފަސް، އަޅުގަނޑުގެ ބޮލުގައިވާ ތާޖަށް ލާނަމޭ،
އެ ފަސް އަޅުގަނޑުގެ މޫނުގައި ކާއްތާނަމޭ، އެއީ އަޅުގަނޑުގެ ހިތުގެ ފަރުވާއަށް ހަދާނަމޭ،
ތެދުމަގު ދައްކުވައިދޭ އުއްބައްތި އަށް ހަދާނަމޭ،
އަދި އަޅުގަނޑު ދާނީ ތިބާ ދެއްކެވި މަގުންނޭ، ގަޔާވެގެން ތިބާ ދެކެ ލޯބިންނޭ.
ތިބާގެ މަގުން އަންނަ ކޮންމެ ވަޔެއްގެ ވަސް އަޅުގަނޑު ބަލަމޭ،
ތިބާގެ މީރު ވަހުގެ އަސަރެއް ލިބޭތޯ އޭ،
އަޅުގަނޑުގެ އަނބިމީހާ އާއި، ދަރިން ކަލޭގެފާނަށް ޤުރުބާންކުރައްވާށިއޭ،
އަޅުގަނޑުގެ މަންމަ އާއި، ބައްޕަ އާއި، ތިމާގެ މީހުންނާއި އެތަކެއް ހާސް ފުރާނައެކޭ.
މައުލާނާ خالد ވިދާޅުވެއޭ، ތިބާގެ ތެދުވެރި ތަޢުރީފުކުރާމީހާއޭ،
އޭ ކައުނުގެ ސުލްޠާނޭ، އޭ މި ބިމުގެ ލޯބިވާއޭ،
އަޅުގަނޑަށް ތިބާގެ ފަރާތުން ޙަޔާތެއް ލިބިގެންވެއޭ، އެއީ އަޅުގަނޑަށް ތިބާގެ ހަދިޔާއޭ،
ޤުރުބާންކުރުމަށް ޙަޔާތެއް ގެނައިމޭ ވެސް އަޅުގަނޑަކަށް ނުބުނެވޭނެއޭ.

مولانا خالد البغدادي

كعبة المُعظمة ގެ ރޭގަނޑުގެ ތަޞްވީރެއް