رَسُوْلُ اللهِ ﷺ ގެ ރިވެތި އަޚްލާޤު
الله تعالى، رَسُوْلُ اللهِ ﷺ އަށް ދެއްވި ދަރުމަޔާއި، ނިޢުމަތްތައް ޙިސާބުކުރެއްވުމާ އެކު، އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީއެއް ދެއްވުމުގެ ތެރޭގައި ކީރިތި قرآن ގެ سورة القلم ގެ 4 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤﴾)2 * القلم: 4) މާނައީ: ''އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خُلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ". خُلقُ العَظِيم ގެ މާނަ އަކީ، الله تعالى އާއެކު ސިއްރުތަކެއް ވުމާއި، މީސްތަކުންނާ މެދު ހިތްހެޔޮވުމެވެ. عِكرِمة (رضي الله عنه) ވިދާޅުވެފައި ވެއެވެ. "عبد الله بن عبّاس ގެ ކިބައިން އަހަންނަށް އަޑުއިވިފައި ވެއެވެ.: މި އާޔަތުގައި 'خُلقُ العَظِيم' އޭ ބުނެވޭ ރިވެތި އަޚްލާޤަކީ، ކީރިތި قرآن ގައި ކަނޑައަޅުއްވާފައިވާ އަޚްލާޤެވެ".
"އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خُلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ".
قلم: 4
رَسُوْلُ اللهِ ﷺ ގެ ރިވެތި އަޚްލާޤުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އިސްލާމް ދީނަށް ވަނުމަށް މެދުވެރިވިއެވެ.
އެކަލޭގެފާނުގެ ބަސްފުޅުތައް ވަރަށް ފޮންޏެވެ؛ އެ ބަސްފުޅުތައް ހިތްތަކުގައި ބީހިލައި، ރޫޙުތައް ޝައުޤުވެރިކުރުވައެވެ. އެކަލޭގެފާނުގެ ބުއްދި ރަނގަޅުކަމުން، ޢެރޭބިއަން ޕެނިންސިއުލާ އިން ވަޑައިގެން، ރަށްފުށުގެ އެންމެ ހިތްހަރު މީހުންގެ ތެރޭގައި، އެކަލޭގެފާނު އެ މީހުންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހެއްޓަވައި، އެ މީހުން ދިން އަނިޔާތައް ތަޙައްމަލުކުރައްވައި، އެބައި މީހުން މަޑުމައިތިރިކަމާއި، ކިޔަމަންގަތުމަށް ގެނެސްދެއްވި އެވެ. އޭގެ ތެރެއިން ގިނަ މީހުން އެ މީހުންގެ ދީންތައް ދޫކޮށް، މުސްލިމުންނަށް ވެ، އެ މީހުންގެ ބަފައިންނާއި، ފިރިހެން ދަރިންނާ ދެކޮޅަށް، އިސްލާމް ދީނަށް ޓަކައި ހަނގުރާމަކުރެއްވި އެވެ. އެކަލޭގެފާނަށް ޓަކައި، އެ މީހުން، އެ މީހުންގެ މުދަލާއި، އެބައި މީހުންގެ ވަޒަން ޤުރުބާންކޮށް، އެބައި މީހުންގެ ލޭ އޮހޮރުވާލި އެވެ. މިފަދަ ކަންތައްތަކަށް އެބައިމީހުން ތިބީ އާދަވެފައެއް ނޫނެވެ. އެކަލޭގެފާނަކީ، ޠަބީޢަތް ރަނގަޅު، މަޑު، މާފުކޮށްދޭ، ކެތްތެރި، އޯގާތެރި، އަދި ދީލަތި، އެންމެންނަށް ކަމުދިޔަ ބޭކަލަކަށެވެ. އެކަލޭގެފާނު ދެކެ، އެކަލޭގެފާނަށް އަޑުއެހި މީހުން އުފަލާ އެކު އިސްލާމްވި އެވެ.
އެކަލޭގެފާނުގެ އެއްވެސް ޢަމަލެއް ގައި އަދި އެއްވެސް ބަސްފުޅެއް ގައި ހުތުރުކަމާއި، އުނިކަމެއް ފެނިފައެއް ނެތެވެ. އެއްވެސް މީހަކު އެކަލޭގެފާނަށް ކުޑައިމީސްކޮށް ކަންތައް ކޮށްފައި ނެތަސް، އިސްލާމް ދީނުގެ ޢަދުއްވުންނާއި، ދިނާ މެދު ނޭއްގާނި ގޮތަކަށް ވާހަކަދައްކައި، ދީނަށް ހުރަސްއެޅި މީހުންނާ މެދު އެކަލޭގެފާނު ވަނީ ވަރުގަދަކަމާއި، ހަރުކަށިކަން ދައްކަވާފައެވެ.
رَسُوْلُ اللهِ ﷺ ގެ އެތަކެއް ހާސް މުޢުޖިޒާތް ފެނި، އެކުވެރިންނާއި، ޢަދާވާތްތެރިން ހިމެނޭގޮތަށް އެންމެން މިހެން ބުނޫއެވެ. މި މުޢުޖިޒާތްތަކުގެ ތެރެއިން، އެންމެ އަގުހުރި މުޢުޖިޒާތްތަކަކީ، ޢަމަލުކުރެއްވި މަތިވެރި ސުލޫކާއި، ރިވެތި އަޚްލާޤެވެ.
أبو سعيد الخضري (رضي الله عنه) ވިދާޅުވެފައި ވެއެވެ.: "رَسُوْلُ اللهِ ﷺ ޖަނަވާރުތަކަށް ވިނަ ދެއްވައެވެ. އެކަލޭގެފާނު ޖަމަލުތައް ބަންނަވައެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ އަސް ސާފުކުރައްވައެވެ. އެކަލޭގެފާނުގެ ކަންބަޅި ބަކަރިން ކިރު ފެއްލަވައެވެ. އެކަލޭގެފާނުގެ ފައިވާންކޮޅު މަރާމަތުކުރައްވައި، އެކަލޭގެފާނުގެ ހެނދުންކޮޅުތަކުގއި ރޮދިޖައްސަވާ ހައްދަވައެވެ.3 އެކަލޭގޭފާނު ފަރިއްކުޅުއްވަނީ އެކަލޭގެފާނުގެ ނޯކަރާ އެކުގައެވެ. ހޭންޑް މިލް ގައި މުގުރުމުގައި އެކަލޭގެފާނުގެ ނޯކަރު ވަރުބަލިވީމާ، އެކަލޭގެފާނު އޭނާ އަށް އެހީތެރިވެވަޑައިގަތެވެ. އެކަލޭގެފާނު ބާޒާރުން ތަކެތި ބައްލަވައިގެން ކޮތަޅެއް ގައި ގެއަށް ގެންނަވައެވެ. އެކަލޭގެފާނު މީހަކާ ބައްދަލުވުމުން، އެއީ، ފަޤީރަކަސް މުއްސަންޖަކަސް، ޒުވާނަކަސް، މުސްކުޅިއަކަސް، ސަލާންކުރާ ފުރަތަމަ މީހަކީ އެކަލޭގެފާނެވެ. މުޞާފަޙާކުރެއްވުމަށް ފުރަތަމަ އަތް ދިއްކޮށްލައްވާނީ އެކަލޭގެފާނެވެ. އަޅު މީހާ އާއި، ސައްޔިދު މީހާ އާއި، ވެރި މީހާ އާއި، ކަޅު މީހާ އާއި، ދޮން މީހާ ގެ ދެމެދުގައި ހަމަހަމަކުރައްވައެވެ. ދަޢުވަތުދިނީ ކޮންމެ މީހަކަށް ވިޔަސް، އެކަލޭގެފާނަށް ދަޢުވަތުދެވޭ ކޮންމެ ތަނަކަށް އެކަލޭގެފާނު ވަޑައިގަތެވެ. އެކަލޭގޭފާނުގެ ކުރިފުޅުމަތީގައި ކެއުމަށް ބޭއްވޭ ކާތަކެތި، އެއީ ކިތަންމެ މަދު މިންވަރެއް ނަމަ ވިޔަސް، ދެރަ އެއްޗެއްގެ ގޮތުގައި ނުބައްލަވައެވެ. އެކަލޭގެފާނު، ހަވީރާއި ހެދުނާ ދެމެދުގެ ކެއުމާއި، ހެނދުނާއި ހަވީރާ ދެމެދުގެ ކެއުން ދުލެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ރަނގަޅު މިޒާޖެއްގެ ބޭފުޅެކެވެ. އެކަލޭގެފާނަކީ، ރަނގަޅު ކަންތައްތައް ކުރައްވަން ބޭނުންފުޅުވި، އަދި އެންމެންނާ ވެސް ގުޅިވަޑައިގެން އުޅުއްވި ބޭފުޅެކެވެ. އެކަލޭގެފާނަކީ ހިނިތުންވުމެއްގެ ވެރި މޫނެއްގެ ވެރިއެކެވެ. އެކަލޭގެފާނަކީ ވާހަކަދެއްކެވުން ރީތި ބޭފުޅެކެވެ. އެކަމަކު، އެކަލޭގެފާނު ވާހަކަދެއްކެވި އިރު ހިނިވަރުނަ ނުކުރައްވައެވެ. އެކަލޭގެފާނު ފެނުނީ ހިތާމަވެރިކޮށެވެ. އެކަމަކު، އެކަލޭގެފާނު މާޔޫސެއް ނުވެއެވެ. އެކަލޭގެފާނަކީ، ހިތްތިރި ބޭފުޅެކެވެ. އެކަމަކު، އެކަލޭގެފާނަކީ ރޫޙުގެއްލިފައިވީ ބޭފުޅެއް ނޫނެވެ. އެކަލޭގެފާނަކީ، ހައިބަތު ބޮޑު، އިޙްތިރާމާއި، ބިރުވެރިކަން ހޯއްދެވި ބޭފުޅެކެވެ. އެކަމަކު އެކަލޭގެފާނަކީ، ހަރުކަށި ބޭފުޅެއް ނޫނެވެ. އެކަލޭގެފާނަކީ، އޯގާތެރި އަދި ދީލަތި ބޭފުޅެކެވެ. އެކަމަކު، އެކަލޭގެފާނަކީ، އެއްވެސް އެއްޗެއް އިސްރާފުކުރެއްވައި، ބޭކާރުގޮތުގައި ތަކެތި ދެއްވާ ބޭފުޅެއް ނޫނެވެ. އެކަލޭގެފާނު އެންމެންނަށް ވެސް ހަމްދަރުދީ ވެލެއްވި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ބޯކޮޅު އަބަދު ވެސް ހުންނަވަނީ އިސްޖައްސަވައިގެންނެވެ. އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އެއްޗެއް އެކަލޭގެފާނު ބނުންފޫލެއް ނުވިއެވެ. އުފާވެރިކަމާއި، ޞުލްޙަވެރިކަން ބޭނުންވާ ކޮންމެ މީހަކު ވެސް ވާންވީ އެކަލޭގެފާނު ފަދައިންނެވެ".
أنس بن مالك (رضي الله عنه) ވިދާޅުވެފައި ވެއެވެ. "އަހަރެން ދިހަ އަހަރު ވަންދެން އަށް ޚިދުމަތްކުރީމެވެ. އެކަލޭގެފާނު 'އާހ' އޭ حديث ކުރައްވާފައެއް ނެތެވެ. ތިބާ މިކަން ނުކުރީ ކީއްވެގެން ތޯ، މިވެނި ކަމެއް ނުކުރީ ކީއްވެގެން ތޯ އެކަލޭގެފާނު حديث ކުރައްވާފައެއް ނުވެއެވެ".4
أبو هُرَيرة (رضي الله عنه) ވިދާޅުވެފައި ވެއެވެ. "ހަނގުރާމައެއްގެ ތެރޭގައި، އަހަރެމެން رَسُوْلُ اللهِ ﷺ ގެ އަރިހުގައި މުޝްރިކުންހަލާކުކޮށްލެއްވުމަށްއެދި ދުޢާކޮށްދެއްވުމަށް ދެންނެވީމެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. "ތިމަންކަލޭގެފަނު ފޮނުއްވުނީ، ބަދުދުޢާކުރެއްވުމަކަށް، ނުވަތަ މީސްތަކުންނަށް އަނިޔާދެއްވުމަކަށް ނޫނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ، އެންމެންނަށް ރަނގަޅަށް ކަންތައް ކުރައްވައި، މީސްތަކުންނަށް ޞުލްޙަ ހޯދައިދިނުމަށް ޓަކައެވެ".5ކީރިތި قرآن ގެ سورة الأنبياء ގެ 107 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧﴾) * الأنبياء: 107) މާނައީ: ''އަދި عالم ތަކަށް އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނި ނުފޮނުއްވަމެވެ".
أبو سعيد الخضري (رضي الله عنه) ވިދާޅުވެފައި ވެއެވެ.: "رَسُوْلُ اللهِ ﷺ ގެ ލަދުވެތިކަން ބިކުރުވެރި މުސްލިމު އަންހެން ކުދިންނަށް ވުރެ ވެސް ބޮޑެވެ".6
أنس بن مالك (رضي الله عنه) ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ މީހަކާ މުޞާފަޙާ ކުރައްވާ އިރު، އެ މީހަކު އަތް ދުރަށް ނުޖައްސާހާ ހިނަދކު އެކަލޭގެފާނުގެ އަތްޕުޅު އެ މީހަކާ ދުރަކަށް ނުޖައްސަވައެވެ. އެ މީހަކުގެ މޫނު އަނބުރާލުމުގެ ކުރިން رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ މޫނުފުޅު ދުރަށް އަނބުރައެއް ނުލައްވައެވެ.7 އެކަލޭގެފާނު މީހަކާ ޖެހިގެން އިށީންނަވާ އިރު، އެ މީހަކަށް އިޙްތިރާމްކުރެއްވުމުގެ ގޮތުން، އެކަލޭގެފާނުގެ އިށީންނަވަނީ އެކަލޭގެފާނުގެ ދެ ކަކޫ މަތީގައެވެ. އަދި އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ކަކޫ މައްޗަށް ވާ ގޮތަށް އިށީނދެވަޑައެއް ނުގަންނަވައެވެ".
جابر بن سُمرَة (رضي الله عنه) ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ حديث ކުރައްވަނީ މަދުންނެވެ. އެކަލޭގެފާނު ވާހަކަފުޅު ދައްކަވަނީ، ކޮންމެހެން ޟަރޫރީވީމައެވެ ނުވަތަ އެކަލޭގެފާނުގެ އަރިހުން ސުވާލެއް ކުރެވުނީމައެވެ". މިއިން ދޭހަކޮށްދެނީ، ކޮންމެ މުސްލިމަކު ވެސް ބޭކާރު ނުވަތަ ބޭނުމެއް ނެތް ވާހަކަތައް ދެއްކުމުން ދުރުވެ، މަޑުން ހުރުން ހުއްޓެވެ. އެކަލޭގެފާނުވަރަށް ސާފުކޮށް އަދި ތަރުތީބުން حديث ކުރެއްވުމުން، ފަސޭހައިން ދޭހަކޮށްގަނެވެއެވެ.
أنس بن مالك (رضي الله عنه) ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ ބަލިމީހުންނަށް ޒިޔާރަތްކުރައްވައި، މަރުވެފައިވާ މީހުން ޤަބުރުސްތާނަށް ގެންދެވޭ އިރު، ފަހަތުން ހިންގަފާއި ވަޑައިގަންނަވާ، އެކަލޭގެފާނަށް ދަޢުވަތުދެވޭ ތަންތަނަށް ވަޑައިގަންނަވައެވެ. އެކަލޭގެފާނު ޙިމާރު ދުއްވަވައެވެ. ޚައިބަރު ހަނގުރާމައިގައި އަހުރެން رَسُوْلُ اللهِ ﷺ ދުށީމެވެ. އެކަލޭގެފާނު ހުންނެވީ، ޙިމާރެއްގެ މަތީގައި ލަގަނަކާ އެކުގައެވެ. رَسُوْلُ اللهِ ﷺ ފަތިސް ނަމާދު ކުރައްވައިގެން ނިކުމެވަޑަގެންނެވި އިރު، މަދީނާގެ ކުޑަކުދިންނާއި، މަދީނާގެ މަސައްކަތްތެރިން އެ މީހުންގެ ފެންއަޅާ ފުރާފައި ހުރި ކަންވާރުތައް އެކަލޭގެފާނާ ހަމަޔަށް ގެނެސް، އެކަލޭގެފާނުގެ ބަރަކާތްތެރި އިނގިލިފުޅު އެ ކަންވާރުތަކުގައި ލެއްވުމަށް އެދުނެވެ. ފިނި މޫސުމަށް ވެފައި ފެން ފިނިކޮށް ވިޔަސް އެކަލޭގެފާނު އެ މީހުންގެ އެ އެދުން ބޮލާލައިނުޖައްސަވައެވެ. އެކަލޭގެފާނު އެ މީހުންގެ ހިތްހަމަޖައްސަވާދެއްވި އެވެ".8
އަނެއްކާ ވެސް، أنس بن مالك (رضي الله عنه) ވިދާޅުވެފައި ވެއެވެ. "ކުޑަ އަންހެންކުއްޖަކު رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ހިފައި ކޮންމެވެސް ކަމަކާ ތަނަކަށް ގެންދަން ބޭނުންވެއްޖެ ނަމަ، އެކަލޭގެފާނު އެ ކުއްޖާއާ އެކު ވަޑައިގެން އެ ކަމެއް ޙައްލުކޮށްދެއްވަވައެވެ".
جابر(رضي الله عنه) ވިދާޅުވެފައި ވެއެވެ. "އެކަލޭގެފާނުގެ އަރިހުން އެދެވިއްޖެ ކަމަކަށް "ނޫނެކޭ" حديث ކުރެއްވި އަޑެއް އިވިފައެއް ނެތެވެ".
ލަދުވެތިކަމުގައި ވެސް، ހުރިހާ މަޚްލޫޤުންގެ މައްޗަށް رَسُوْلُ اللهِ ﷺ މަތިވެރިވެގެންވި އެވެ. ލާއިޤުވެގެންނުވާ ކަންތައްތަކަށް އެކަލޭގެފާނުގެ ދެ ލޯފުޅު މަރާލެވިފައިވާ ފަދައެވެ. އެކަލޭގެފާނު އެއްވެސް މީހަކަށް ހިތްގައިމު ނޫން ވަނަމަކުން ގޮވާލައްވާފައެއް ނެތެވެ.
عائشة (رضي الله عنها) ވިދާޅުވެފައި ވެއެވެ. "މީހަކު ނޭދެވޭ ކަމެއްކަމެއް ކޮށްގެން އުޅޭ ކަމުގެ ޚަބަރު رَسُوْلُ اللهِ ﷺ އަށް އެރުވުމުން އެމީހެއްގެ ނަން ބަޔާންކުރެއްވުމެއް ނެތި އެކަލޭގެފާނު ޢާއްމުކޮށް حديثކުރައްވަނީ 'އެ މީހުން އެކަން އެގޮތަށް ކުރަނީ ކީއްވެގެން ހޭ'؟ މިގޮތަށް، ނަން ބަޔާންކުރެއްވުމެއް ނެތި، އެ ނޭދެވޭ ވާހަކަ ދެއްކުމުން ނުވަތަ ނޭދެވޭ ކަންތައް ކުރުމުން އެކަލޭގެފާނު އޭނާ ދުރުކޮށްދެއްވައެވެ".9
أنس بن مالك (رضي الله عنه) ވިދާޅުވެފައި ވެއެވެ. "އެއް ދުވަހަކު، މޫނުގައި ރީނދޫ ކުލައިގެ އެއްޗެއް އުނގުޅިފައި ހުރި މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސްފި އެވެ. އެ މީހާ ހިތުގައި ޖެހިދާނެ އެއްވެސް އެއްޗެއް އެކަލޭގެފާނު ޙަދީޘެއް ނުކުރައްވައެވެ. އެ މީހާ ބޭރަށް ނުކުތުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. 'އޭނާ ކައިރީ ގައި އެހެންބުނަންވާނެ އެވެ. އޭރުން އޭނާ އަށް އޭނާގެ މޫނު ދޮވުނީހެވެ".10
رَسُوْلُ اللهِ ﷺ އަކީ، މީސްތަކުން އެއްބައިވަންތަ ކުރެއްވި ބޭފުޅެކެވެ. އެކަލޭގެފާނު، އެ މީހުންގެ އެއބްޔަކު އަނެއް ބަޔަކަށް ނަފްރަތުކުރާ ގޮތަކަށް ނަހައްދަވައެވެ. އެކަލޭގެފާނު، ކޮންމެ ޤަބީލާއެއްގެ ވެރިޔާ އަށް ހަދިޔާ ދެއްވައި، އެ މީހުން ޝަރަފުވެރިކަމުގެ ގޮނޑީގައި ބައިތިއްބަވައެވެ.
އެއްވެސް މީހަކަށް އެކަލޭގެފާނު ފެނުމުން މަޙްރޫމް ނުކުރައްވައެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ޙާލު އަޙްވާލު ބައްލަވައި، ޙާޒިރުވެފައި ނެތް މީހުންނާ ބެހޭގޮތުން ސުވާލުކުރައްވައެވެ. އެކަލޭގެފާނާ އެކު އިށީނދެގެން ތިބޭ މީހުންނަށް އިރުޝާދު ދެއްވި އެވެ.
އެކަލޭގެފާނުގެ ސުލޫކު ފެނިފައި، އެކަކަށް ވުރެ އަނެކަކު ދެކެ އެކަލޭގެފާނު ލޯބިވާ ކަމަކަށް އެކަކު ވެސް ނުދެކޭނެ އެވެ. އެކަލޭގެފާނުގެ އަރިހަށް ޝަކުވާއަކާ އެކު އަންނަ މީހާގެ ޝަކުވާ އައްސަވައި ކެތްކުރައްވައެވެ.
ޒިޔާރަތްކުރަން އަންނަ މީހާ އެނބުރި ދަންދެން، އެކަލޭގެފާނު އެ މީހަކު ދޫކޮށެއް ނުލައްވާނެ އެވެ. އެކަލޭގެފާނުގެ ރިވެތި އަޚްލާޤާއި، ރިވެތި ސިފަތައް އެންމެންނަށް ވީހާ ވެސް ރަގަނޅަށް ދައްކަވައެވެ. އެކަލޭގެފާނުގެ ނަޒަރުގައި ކޮންމެ މީހަކު ވެސް ޙައްޤުތަކާއި، އިންޞާފު ގައި ހަމަހަމަ އެވެ. އެއްވެސް މީހަކަށް އަނެކާގެ މައްޗަކަށް މަތިވެރިކަމެއް ނުވަތަ ޚާއްޞަ ކަމެއް ނެތެވެ.
عائشة (رضي الله عنها) ވިދާޅުވެފައިއެވެ. "ގެ ކިބަފުޅުގައި ހުރި އަޚްލާޤަށް ވުރެ ރިވެތި އަޚްލާޤެއްގެ ވެރިއެއް އަހަރެން ނުދެކެމެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ބޭކަލެއް ނުވަތަ ޢާއިލާގެ ބޭފުޅަކު އެކަލޭގެފާނަށް ގޮވާލުމުން، އެކަލޭގެފާނު ޖަވާބުދެއްވަނީ، 'އާނ (އިޙްތިރާމްކުރައްވާ ގޮތަކަށް)' މިހެންނެވެ".11
އެކަލޭގެފާނުގެ އަޞްޙާބުންނަށް ގޮވާލައްވަނީ އެންމެ ރިވެތި ނަންތަކުންނެވެ. މީހަކު ވާހަކަދައްކަމުން ދާ އިރު، އެކަލޭގެފާނު އޭނާގެ ވާހަކަ މެދުނުކަނޑުއްވާނެ އެވެ. ވާހަކަދައްކާ މީހަކު އޭނާ ދައްކާ ވާހަކަ ހުއްޓާލާ ނުވަތަ ދާން ތެދުވުމުން މެނުވީ، އެކަލޭގެފާނު އޭނާގެ ވާހަކަ މެދުކަނޑައެއް ނުލައްވާނެ އެވެ.
އެކަލޭގެފާނުގެ އޯގާތެރި މުޢާމަލާތްކުރެއްވުމާއި، ލޯތްބާއި، ރަޙްމަތާ ބެހޭގޮތުން ކީރިތި قرآن ގެ سورة التّوبة ގެ 128 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾) * التّوبة: 128) މާނައީ: ''ހަމަ ތިޔަބައި މީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައި މީޙުންގެ ގާތަށް ވަޑައިގެންފި އެވެ. ތިޔަބައި މީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑު ކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައި މީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންފައިވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ.
سورة الأنبياء ގެ 107 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧﴾) * الأنبياء: 107) މާނައީ: ''އަދި عالم ތަކަށް رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ". رَسُوْلُ اللهِ ﷺ ވަނީ ބައެއް ކަންތައްތައް އެކަލޭގެފާނުގެ އުއްމަތަށް އުނދަގޫވެދާނެ ކަމުގެ ބިރުހީފުޅުވެގެން ފަސޭހަކޮށްދެއްވާފައެވެ. އެކަލޭގެފާނު حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ އުއްމަތަށް އުނދަގުލަކަށް ނުވާނެ ނަމަ، ކޮންމެ ފަހަރަކު ވުޟޫކުރާ އިރު މިސްވާކު ބޭނުންކުރުމަށް އެންގެވީމުހެވެ".12
ބަހުގެ އިތުބާރަށް ބަލާ އިރު، رَسُوْلُ اللهِ ﷺ އަށް ވުރެ މަތިވެރި މަޚްލޫޤެއް ނެތެވެ.
عبدالله بن أبي الحمساء ރިވާކުރައްވާފައި ވެއެވެ. "ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން، رَسُوْلُ اللهِ ﷺ އާ އެކު އަހަރެން ވިޔަފާރިކުރީމެވެ. އަހަރެންގެ ފަރާތުން އެކަލޭގެފާނަށް ލިބެންޖެހޭ ބައެއް މުދާތައް ހުއްޓެވެ. ވަކި ވަގުތެއް އަދި ވަކި ތަނެއް ގައި އެކަލޭގެފާނާ ބައްދަލުކުރުމަށް އަހަރެން ވަޢުދުވީމެވެ. ދެން، އަހަންނަށް އެކަން ހަނދާން ނެތިއްޖެ އެވެ. ތިން ދުވަސް ފަހުން، އަހަންނަށް އަހަރެންގެ ވަޢުދުގެ މަތިން ހަނދާންވެ، އެ ތަނަށް ދުވެ ގޮސްފީމެވެ. އެކަލޭގެފާނު އެ ތާނގައި ތިން ދުވަސް ވަންދެން އިންތިޒާރުގައި ހުންނެވި ތަން ފެނިފައި އަހަރެން ޙައިރާންވެއްޖެ އެވެ. އެކަލޭގެފާނު އަހަންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. 'ޒުވާނާ އެވެ! ތިބާ އަހަރެން ވަރުބަލިކޮށްފީމު އެވެ! ތިމަންކަލޭގެފާނު މިތާނަގައި ތިބާ އަށް އިންތިޒާރުކޮށްގެން ހުންނަވާތާ ތިން ދުވަސް ވެއްޖެ އެވެ'".
رَسُوْلُ اللهِ ﷺ ގެ ތަވާޟުޢުވެރިކަން މަތިވެރިވެފައި ތަފާތުވީ މިންވަރަކީ، އެހެން އެއްވެސް މީހެއްގެ ކިބައިން، އެހެން އެއްވެސް ނަބީ ބޭކަލެއްގެ (عليهم السّلام) ފަރާތުން ވެސް އެ ވަރުގެ ތަވާޟުޢުވެރިކަމެއް ފެނިފައި ނުވުމެވެ.
"ރަނަށް ބަދަލުކުރުމަށް ޓަކައި، ތިމަންކަލޭގެފާނަށް މައްކާގެ ފަހާއި ހިލަތައް ދެވުނެވެ. ތިމަންކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. 'ނޫނެކެވެ، އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅާ އެއް ދުވަހު ބަނޑުހައިހޫނު ކަމުގައި އަދި އަނެއް ދުވަހު ބަނޑުފުރުއްވާ ދޭވެ! އަޅާ ބަނޑުހައިކޮށް ހުންނަ ދުވަހު އަޅާ އިބަރަސްކަލާނގެ އަށް ނަމާދުކުރާނަމެވެ. އަޅުގަނޑުގެ ބަނޑުހައިހޫނުކަން ފިލާ ދުވަހު އަޅާ އިބަރަސްކަލާނގެ ޙަޟްރަތަށް ޝުކުރާއި ޙަމްދު ދަންނަވާނަމެވެ".
حديث الشّريف
އެކަލޭގެފާނުގެ ކިބައިގައި ކިބުރުވެރިކަމުގެ އިޙްސާސް އެއްގޮތަކަށް ވެސް ހިނގާފައެއް ނުވެއެވެ. رَسُوْلُ اللهِ ﷺ އަށް މަލަކީ ނަބިއްޔަކަށް ނުވަތަ (މާތް ﷲ އަށް) އަޅަކަށް ވުމުގެ މިނިވަންކަން ދެއްވުމުން، އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ އެކަލާނގެ އަޅަކަށް އަދި ނަބީއަކަށް ވެވަޑައިގަތުމަށެވެ.13
އެއާއެކު، إسرافيل (عليه السّلام) رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "ތަވާޟުޢުވެރިކަމާ އެކު ކަލޭގެފާނު ދޫކޮށްލެއްވި މަޤާމު ވަނީ ދެއްވާފައެވެ. އެހެނީ، ޤިޔާމަތް ދުވަހު، އާދަމުގެ ދަރިން (މާނައީ، އިންސާނުން) ގެ ތެރެއިން އެންމެ މަތިވެރި ބޭފުޅާއަށެވެ. ކަށްވަޅުން ތެދުވާނެ އެނެމެ ފުރަތަމަ މީހަކީ ތބާއެވެ. ޝަފާޢަތް ދެއްވާނެ ފުރަތަމަ ފަރާތަކީ ތިބާ އެވެ".
عائشة (رضي الله عنه) އާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ އެއް ފަހަރަކު حديث ކުރެއްވި އެވެ. "ރަނަށް ބަދަލުކުރުމަށް ޓަކައި، ތިމަންކަލޭގެފާނަށް މައްކާގެ ފަހާއި ހިލަތައް ދެވުނެވެ. ތިމަންކަލޭގެފާނު حديث ކުރެއްވީމެވެ. 'ނޫނެކެވެ، އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅާ އެއް ދުވަހު ބަނޑުހައިހޫނު ކަމުގައި އަދި އަނެއް ދުވަހު ބަނޑުފުރުއްވާ ދޭވެ! އަޅާ ބަނޑުހައިކޮށް ހުންނަ ދުވަހު އަޅާ އިބަރަސްކަލާނގެ އަށް ނަމާދުކުރާނަމެވެ. އަޅުގަނޑުގެ ބަނޑުހައިހޫނުކަން ފިލާ ދުވަހު އަޅާ އިބަރަސްކަލާނގެ ޙަޞްރަތަށް ޝުކުރާއި ޙަމްދު ދަންނަވާނަމެވެ".14
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެ އަރިހަށް جبريل (عليه السّلام) ވަޑައިގެން ދެންނެވި އެވެ. "الله تعالى އެކަލާނގެ ސަލާމް ކަލޭގެފާނަށް ފޮނުއްވި އެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ.: އެކަލޭގެފާނު އެދިވަޑައިގަންނަވާ ނަމަ، ތިމަންރަސްކަލާނގެ އެހެރަ ފަރުބަދަތައް ރަނަށް ބަދަލުކުރައްވާނަމެވެ. އެ ރަނުގެ ފަރުބަދަތައް، އެކަލޭގެފާނު ވަޑައިގަންނަވާހާ ތަނެއް ގައި ވާނީ އެކަލޭގެފާނާ އެކުގައެވެ.".
رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އޭ جبريل އެވެ! ދުނިޔެއަކީ، ގެއެއް ނެތް މީހުންގެ ގޮވައްޗެވެ. އަދި އެހެންމެ، އެއީ، މުދަލެއް ނެތް މީހުންގެ މުދަލެވެ. އެ ތަކެތި ޖަމާކޮށްގެން އުޅެނީ، ބުއްދިއެއް ނެތް މީހުންނެވެ".15
އެއާއެކު، جبريل (عليه السّلام)ދެންނެވި އެވެ. "مُحمّدُ ގެފާނެވެ! ވަނީ ހަރުދަނާ ބަސްފުޅުތަކުން ކަލޭގެފާނަށް ސާބިތުކަން ދެއްވާފައެވެ".
عائشة (رضي الله عنه) ވިދާޅުވި އެވެ. "ބައެއް ފަހަރު އަހަރެމެންގެ ގޭގައި (ކެއްކުމަށް ޓަކައި) އެއްވެސް އަލިފާނެއް ނުޖަހައެވެ. ހުންނަނީ ހަމައެކަނި ކަރުދާއި ފެނެވެ".
إبن عبّاس ވިދާޅުވި އެވެ. "ގިނަ ރޭތަކެއް ގައި، رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ ގެކޮޅު ގައި އުޅޭ މީހުން އަވަހާރަފުޅުލައްޕަނީ ރޭގަނޑުގެ ކެއުން ފަރީނުކުޅުއްވައެވެ. ރޭގަނޑު ފަރީކުޅުއްވާނެ އެއްޗެއް އެ ބޭފުޅުންނަށް ނުލިބުނީ އެވެ".
عائشة (رضي الله عنه) ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ބަނޑުފުޅު އެއްވެސް އިރެއް ގައި ފުރިފައި ނުހުރެއެވެ. އެކަލޭގެފާނު މި ކަމުގެ ޝަކުވާ އެއްވެސް މީހެއްގެ ކައިރީ ގައި ނުކުރައްވައެވެ. އެކަލޭގެފާނަށް، ފަޤީރުކަން މުއްސަނދިކަމަށް ވުރެ ރަނގަޅެވެ. އެކަލޭގެފާނު މުޅި ރޭގަނޑު ބަނޑުހައިފުޅު ވިޔަސް، ދުވާލު ރޯދަ އަށް ހުންނެވުމަކަށް ހުރަހަކަށް ނުވެއެވެ".16
އެކަލޭގެފާނު ބޭނުންފުޅުވި ނަމަ، އެކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުން ދުނިޔޭޣެ ހުރިހާ މުދަލަކާއި، ކާނާއަކާއި، ތަނަވަސްކަމަށް އެދި ދެންނެވީހެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނު މި ޙާލަތުގައި ވާ ތަން ފެނުމުން އަޅުގަނޑު ދެރަވެގެން ރޮމެވެ. އަހަރެން އެކަލޭގެފާނުގެ ބަރަކާތްތެރި ބަނޑުފުޅު ގައި އަތް ކާއްތާލާފައި ބުނަމެވެ.:
'އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާންކުރައްވާށި އެވެ! ކަލޭގެފާނަށް ކަލޭގެފާނަށް ގަދަކަން ލިބޭނޭ މި ދުނިޔޭގެ ބައެއް ފައިދާ ލިބުން އެކަށީގެން ނުވޭ ތޯ އެވެ'؟
އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. ''އޭ عائشة އެވެ. ދުނިޔެ އިން ތިމަންކަލޭގެފާނު ކުރައްވާނީ ކޮން ކަމެއް ހެއްޔެވެ؟ ތިމަންކަލޭގެފާނުގެ އަޚް ރަސޫލުން ކަމުގައިވާ أولوالعظم (އެންމެ މަތިވެރި ރަސޫލުން) މިއަށް ވުރެ މާ ދަތި އުނދަގޫތައް ވަނީ ތަޙައްމަލުކުރައްވާފައެވެ. އެކަމަކު، އެ ބޭކަލުން އެ ގޮތުގައި ދިރިއުޅުއްވުން ކުރިޔަށް ގެންދެވި އެވެ. އެ ބޭކަލުން، އެބޭކަލުންގެ رَبّ އާ ހަމަޔަށް ވާޞިލުވެއްޖެ އެވެ. މި ސަބަބަށް ޓަކައި، އެ ބޭކަލުން ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ވަނީ، އެ ބޭކަލުން އެ ކަލާނގެއަށް އެނބުރި ދިއުން ވަރަށް ރިވެތިކުރައްވައި، ސަވާބު އިތުރުކޮށްދެއްވާފައެވެ. ތަނަވަސް ދިރިއުޅުމެއް އުޅުމަށް ތިމަންކަލޭގެފާނު ލަދުވެތިވަމެވެ. އެފަދަ ދިރިއުޅުމަކުން ތިމަންކަލޭގެފާނު އެ ބޭކަލުންނަށް ވުރެ ފަހަތަށް ދިއުމަށް މެދުވެރިވެދާނެ އެވެ. ތިމަންކަލޭގެފާނަށް އެންމެ ރިވެތި އަދި އެންމެ ލޮބުވެތި ކަމަކީ، ތިމަންކަލޭގެފާނުގެ އަޚުންނާއި އެކުވެރިންނާ ބައްދަލުވުމެވެ".
عائشة (رضي الله عنه) ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތީ، މިހެން حديث ކުރެއްވިތާ ގާތްގަޑަކަށް އެއް މަސް ފަހުންނެވެ".
رَسُوْلُ اللهِ ﷺ ގެ ދީލަތިކަމަކީ މަޝްހޫރު ކަމެކެވެ. އެކަލޭގެފާނުގެ މި ރިވެތި ސިފައިގައި އެއްވެސް މީހަކަށް އެކަލޭގެފާނާ ވާދަނުކުރެވޭނެ އެވެ.
إبن عبّاس އެއް ފަހަރަކު ވިދާޅުވި އެވެ. "މީސްތަންގެ ތެރެއިން ހެޔޮ ޢަމަލުތައް ކުރުމުގައި އެންމެ ދީލަތީ رَسُوْلُ اللهِ ﷺ އެވެ. ރޯދަ މަހު އަދި އެކަލޭގެފާނު جبريل (عليه السَلام) އާ ބައްދަލުވެވަޑައިގަތުމުން، ހެނދުނުގެ ފިނިވައިރޯޅި އަށް ވުރެ އެކަލޭގެފާނު ދީލަތިވާނެ އެވެ".
أنس بن مالك (رضي الله عنه) ވިދާޅުވެފައި ވެއެވެ. "އެއް ދުވަހަކު އަހަރެން އާ އެކު ހިނގަމުން ދިޔައިމެވެ. އެކަލޭގެފާނު ހުންނެވީ ނަޖްރާންގެ ހެދުމެއް ތުރުކުރައްވައިގެންނެވެ. އާދެ، އެކަލޭގެފާނު ހުންނެވީ، ޔަމަނުގެ ފޮތިން ފަހާފައިވާ ކޯޓެއް ތުރުކުރައްވައިގެންނެވެ. އަވަށްގަނޑުގެ މީހަކު ފަހަތްޕުޅުން ގޮސް އެކަލޭގެފާނުގެ ހެދުމުގެ ގިރުވާނުގައި ހިފައި ވަރަށް ބާރަށް ދެމިދެމީހުން އެކަލޭގެފާނުގެ ކަރުފުޅު މަށައިގެންގޮސް ލަކުނެއް ލައިފި އެވެ. އޭނާގެ އެ ޢަމަލާ މެދު ހަމައެކަނި ހިނިވަރުނަކުރައްވާފައި، އެންގެވީ އޭނާ އަށް ކޮންމެ ވެސް އެއްޗެއް ދިނުމަށެވެ".
"އާއެނކެވެ. ތިބާމެން ހުރިހާ ކަމެއް ކުރާނެކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. އެކަމަކު، މަސައްކަތްކުރާ މީހުންނާ ވަކިން، އެކަނި އިށީނދެވަޑައިގެން އިންނަވަން ތިމަންކަލޭގެފާނު ބޭނުންފުޅެއް ނުވެއެވެ. ވަކިވެގަނެގެން، އޭނާގެ އެކުވެރިންނާ ދުރުގައި އިށީންދެގެން ހުންނަން ގަޔާވާ މީހަކަށް الله تعالى ރުހިވޮޑި ނުގަންނަވައެވެ".
حديث الشّريف
رَسُوْلُ اللهِ ﷺ ގެ އަވަށްޓެރިޔަކަށް މުސްކުޅި އަންހެނަކު އުޅުނެވެ. އެ އަންހެންމީހާ އޭނާގެ އަންހެން ދަރިފުޅު رَسُوْلُ اللهِ ﷺ ގެ އަރިހަށް ފޮނުވީ ސަލާންޖެހުމަށެވެ. "ނަމާދުކުރުމަށް ނިވާވާން އަޅުގަނޑު އަތުގައި ހެދުމެއް ނެތެވެ. ނަމާދުކުރާ އިރު އަޅުގަނޑު ނިވާވާން ހެދުމެއް ފޮނުއްވާދެއްވާށެވެ". އެ ވަގުތު رَسُوْلُ اللهِ ﷺ އަތްޕުޅު ގައި ހެދުމެއް ނެތެވެ. އެކަލޭގެފާނުގެ އޭރު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ނަންގަވައި، އެ އަންހެންމީހާ އަށް ފޮނުއްވައިފި އެވެ. ނަމާދު ވަގުތު ޖެހުމުން، އެކަލޭގެފާނަށް ހެދުމާ ނުލައި މިސްކިތަށް ވަޑައެއް ނުގެންނެވުނެވެ. މި ޙާލަތުގެ ޚަބަރު އަޞްޙާބު ބޭކަލުންނަށް އިވުމުން، އެ ބޭކަލުން ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ދީލަތިކަމުން އަތްޕުޅުގައި މިހާރު ތުރުކުރައްވާނެ ހެދުމެއް ނެތެވެ. އަދި އެކަލޭގެފާނަށް ޖަމާޢަތަށް މިސްކިތަށް ވަޑައެއް ނުގެންނެވުނެވެ. އަހަރެމެން އަތުގައި ހުރި ހުރިހާ އެއްޗެއް ފަޤީރުންނަށް ދެމާ ހިނގާށެވެ. ވަގުތުން، سورة الإسراء ގެ 29 ވަނަ އާޔަތް ބާވައިލައްވައިފި އެވެ. (وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴿٢٩﴾) * الإسراء: 29) މާނައީ: ''ތިބާގެ ކަނދުރާއާ އެކު ކަސްތަޅު އެޅިގެންވާ އެއްޗެއް ކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައި ވެސް ނުލާށެވެ! ފަހެ، އޭރުން މަލާމާތް ލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެ އެވެ".
އެ ދުވަހު، ނަމާދަށް ފަހު، علي (رضي الله عنه) رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މިއަދު، އަޅުގަނޑުގެ ޢާއިލާގެ ކާބޯތަކެއްޗަށް އަޅުގަނޑު އަށް ދިރުހަމްގެ ރިހި ގަތީމެވެ. އަޅުގަނޑު އޭގެ ދެބައިކުޅަ އެއްބައި ދޭނަމެވެ. ކަލޭގެފާނަށް ހެދުންކޮޅެއް ބައްލަވާގަންނަވާށެވެ". رَسُوْلُ اللهِ ﷺ ބާޒާރަށް ވަޑައިގެން، ދެ ދިރުހަމަށް ހެދުމެއް ބައްލަވައިގަތެވެ. ބާކީ އޮތް ދެ ދިރުހަމަށް ކާނާ ބައްލަވައިގަތުމަށް އުޅުއްވަނިކޮށް، އިށީނދެގެން އިން ލޯފަން މީހަކު އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ މީހާ ބުނަމުންދިޔައީ، "މާތް ﷲ އަށް ޓަކައި އަހަންނަށް ގަމީހެއް ދީ، ސުވަރުގޭގެ ހެދުން ހޯދަން ބޭނުންވަނީ ކާކު ހެއްޔެވެ؟". އެކަލޭގެފާނު ބައްލަވައިގަތް ހެދުން އޭނާ އަށް ދެއްވައިފި އެވެ.
ލޯ ކަނު މީހާ އެ ހެދުން ނެގުމުން އޭނާ އަށް ދުވީ ގޮމަކަސްތޫރީގެ ވަހެވެ. އޭނާ އަށް ރޭކާލީ އެ ވަސް އަންނަނީ، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އަތްޕުޅުންނެވެ. އެހެނީ، އެއްވެސް އިރެއް ގައި رَسُوْلُ اللهِ ﷺ ތުރުކުރައްވާފައިވާ ހެދުން، ބާވެ ހަލާކުވެފައި އޮތަސް، އެއިން ކޮންމެ އެތިކޮޅެއް ގައި ވެސް ދުވަނީ ގޮމަކަސްތޫރީގެ ވަހެވެ.
ލޯފަން މީހާ ދުޢާކުރިއެވެ. "މާތް ﷲ އެވެ! މި ހެދުމަށް ޓަކައި އަޅާގެ ދެ ލޯ ހުޅުއްވާފާދޭވެ". އޭނާގެ ދެ ލޯ އެއްފަހަރާ ހުޅުވިއްޖެ އެވެ. رَسُوْلُ اللهِ ﷺ އެތަން ދޫކޮށްވަޑައިގެންފި އެވެ. އެކަލޭގެފާނު އެއް ދިރުހަމަށް ހެދުމެއް ބައްލަވައިގަތެވެ. އަނެއް ދިރުހަމަށް ކާނާ ބައްލަވައިގަތުމަށް ވަޑައިގަތް އިރު ރޯން އިން އަންހެން ނޯކަރު ކުއްޖެއް ފެނިވަޑައިގެން އެއްސެވި އެވެ. "ދަރިފުޅާ އެވެ. ތިބާ ތި ރޮނީ ކީއްވެގެން ހެއްޔެވެ"؟ އެ ކުއްޖާ ބުންޏެވެ. "އަޅުގަނޑަކީ، ޔަހޫދީއެއްގެ ނޯކަރަކީމެވެ. އޭނާ އަޅުގަނޑު އަތަށް އެއް ދިރުހަމް ދީފައި ބުނީ ބައި ދިރުހަމަށް ފުޅިއެއް ގަނެފައި، އަނެއް ބައި ދިރުހަމަށް ތެޔޮ ގަތުމަށެވެ. އަޅުގަނޑު އެތަކެތި ގަނެގެން އެނބުރި ދަނިކޮށް އަޅުގަނޑު އަތުން ފުޅި ވެއްޓިއްޖެ އެވެ. ފުޅި އާއި ތެޔޮ ވެސް ގެއްލިދިޔައީ އެވެ؛ މިހާރު ހަދާނެ ގޮތް އަޅުގަނޑަކަށް ނޭނެގެއެވެ". ގެ އަތްޕުޅު ގައި އޮތް އެންމެ ފަހު ދިރުހަމް އެ އަންހެންކުއްޖާ އަށް رَسُوْلُ اللهِ ﷺ ދެއްވައިފާ حديث ކުރެއްވި އެވެ. "މި ދިރުހަމަށް ފުޅިއަކާއި ތެޔޮ ގަނެގެން ގެއަށް ގެންދާށެވެ". އެކަމަކު ފަޤީރު ކުއްޖާ ބުންޏެވެ. "އެކަމަކު ލަސްވުމުން އެ ޔަހޫދީ މީހާ އަޅުގަނޑު ގައިގާ ތަޅާފާނެތީ ބިރުގަނެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ބިރުނުގަންނާށެވެ! ތިބާ އާ އެކު ތިމަންކަލޭގެފާނު ވަޑައިގެން ތިބާ ގައިގާ ނުތެޅުމަށް حديث ކުރައްވާނަމެވެ".
އެ އަންހެންކުއްޖާ އާއި رَسُوْلُ اللهِ ﷺ ޔަހޫދީ މީހާގެ ގެއަށް ވަޑައިގެން ދޮރު ގައި ޓަކި ޖައްސަވައިފި އެވެ. ޔަހޫދީ މީހާ ދޮރު ހުޅުވި އިރު رَسُوْلُ اللهِ ﷺ ފެނިފައި، އޭނާ ޙައިރާންވެއްޖެ އެވެ. އެކަލޭގެފާނު ޔަހޫދީ މީހާ އަށް ކަން ވެގެންދިޔަ ގޮތް حديث ކުރައްވައި، އެ އަންހެން ކުއްޖާ އަށް އެއްވެސް ގޮތެއް ނުހެދުމަށް އެދިވަޑައިގެންފި އެވެ. އެ ޔަހޫދީ މީހާ رَسُوْلُ اللهِ ﷺ ގެ ފައިބުޑަށް ތިރިވެ ދެންނެނެވި އެވެ. "އެތަކެއް ހާސް މީހުންގެ އެންމެ މުހިއްމު އިންސާނާ ކަމުގައިވާ، އަދި އެތަކެއް ހާސް ސިންގާތައް އެކަލޭގެފާނު އަންގަވާ ގޮތަކަށް އިންތިޒާރުކޮށްގެންތިބި މާތް ރަސޫލާ އެވެ! ނޯކަރު އަންހެން ކުއްޖަކަށް ކަލޭގެފާނު ތި ވަޑައިގައިގަތީ އަޅުގަނޑު ފަދަ ނާއުއްމީދުވެފައިވާ މީހެއްގެ ދޮރާށްޓަށެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ ޝަރަފު ގައި އަޅުގަނޑު މި އަންހެން ކުއްޖާ މިނިވަންކޮށްފީމެވެ. އަޅުގަނޑަށް އީމާންކަމާއި އިސްލާމްކަން ދަސްކޮށްދެއްވާށެވެ. ކަލޭގެފާނުގެ ޙާޟިރުގައި އަޅުގަނޑު އިސްލާމްވާން ބޭނުމެވެ". رَسُوْلُ اللهِ ﷺ އޭނާ އަށް އިސްލާމް ދީން އުނގަންނަވައިދެއްވާއިފި އެވެ. އޭނާ އިސްލާމް ވެއްޖެ އެވެ. އޭނާގެ ގެއަށް އޭނާ އެނބުރި ގޮސް ވީގޮތް އޭނާގެ ޢާއިލާ އަށް ކިޔައިދީފި އެވެ. އެ އެންމެން އިސްލާމް ވެއްޖެ އެވެ. މި ހުރިހާ ކަމެއް ވީ رَسُوْلُ اللهِ ﷺ ގެ ރިވެތި އަޚްލާޤުގެ ސަބަބުންނެވެ.
ކޮންމެ މުސްލިމަކު ވެސް رَسُوْلُ اللهِ ﷺ ގެ މި ރިވެތި އާދަތައް ނަމޫނާ އަކަށް ބަލަންޖެހޭނެ އެވެ. الله تعالى ގެ އަޚްލާޤު އަށްގެންނެވުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ޟަރޫރީ ކަމެކެވެ. އެހެނީ، رَسُوْلُ اللهِ ﷺ حديث ކުރައްވާފައިވަނީ، "الله تعالى ގެ އަޚްލާޤު ޙާޞިލުކުރާށެވެ".
މިސާލަކަށް، الله تعالى ގެ އެއް ސިފަފުޅަކީ، "السَتَّار" އެވެ. މާނައަކީ، ފާފަތައް ފޮރުއްވަވާ ފަރާތެވެ. މުސްލިމު މީހާ ވެސް ދީނީގޮތުން އޭނާގެ އަޚާގެ ކުށްތަކާއި، އުނިކަންކަން ފޮރުވަންވާނެ އެވެ. ހަމައެއާއެކު، މުސްލިމުން އެކަކު އަނެކަކުގެ އުނިކަންތައްތަކާއި، ފާފަތައް ފޮރުވަންވާނެ އެވެ. الله تعالى އަކީ އަކީ ދީލަތިވަންތަ އަދި ރަޙީމްވަންތަ ރަސްކަލާނގެ އެވެ. މާނައަކި، އެކަލާނގެ ނިޢުމަތްތައް ގިނަގުނަވެފައި، އެކަލާނގެ ރަޙުމް ބޮޑުކަމެވެ. މުސްލިމެއް ނަމަ، ދީލަތިވެފައި ކުލުނު ހުންނަންވާނެ އެވެ. ހުރިހާ އަޚްލާޤީ ސިފަތައް ވެސް ހަމައެހެންނެވެ.
رَسُوْلُ اللهِ ﷺ ގެ ކިބަފުޅުގައި ރިވެތި އެތަކެއް އަޚްލާޤެއް ވިއެވެ. ކޮންމެ މުސްލިމަކު ވެސް އެކަންތައްތައް އުނގެނި އެ މީހުންގެ އަޚްލާޤު އެއާ އެއްގޮތަށް ބަދަލުކުރަންޖެހޭނެ އެވެ. އެހެންކަމުން، މި ދުނިޔެއާއި އާޚިރަތުގައި ކާރިޘާތަކާއި، ދުއްތުރާތަކުން ދުރުވެ، رَسُوْلُ اللهِ ﷺ ގެ ޝަފާޢަތްތެރިކަން ހޯދުމެވެ.
އެކަލޭގެފާނުގެ ރިވެތި ބައެއް އަޚްލާޤީ ސިފަތައް ތިރީގައި އެ ވަނީ އެވެ:
رَسُوْلُ اللهِ ﷺ ގެ ޢިލްމު، إرفان (ޙިކްމަތް)، فهم (ދޭހަ)، إيقان (އީޖާބީ ޢިލްމު)، ވިސްނުން، ސިއްރު މަޢުލޫމާތު، ދީލަތިކަން، ތަވާޟުޢުވެރިކަން، ކުލުނު، ކެތްތެރިކަން، ފޯރި، ވަޠަނިއްޔަތު، ވަފާތެރިކަން، އިތުބާރު، ހިތްވަރުގަދަކަން، މަތިވެރިކަން، ކެރުންތެރިކަން، ބަލާޣާތްތެރިކަން، މަޖާޒީ، ސަމާސާ، ރިވެތިކަން، ވަރަޢަވެރިކަން (ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެ، ޝައްކުއުފެދޭ ކަންތައްތަކުން؛ މިސާލަކަށް، ޙަރާމާ ގާތް ކަންތައްތަކުން ދުރުވުން)، ޢިއްފަތްތެރިކަން، އޯގާތެރިކަން، ހަމަހަމަކަން، ލަދުވެތިކަން، ޒުހުދުވެރިކަން (ދުނިޔަވީ ކަންތައްތަކަށް ޝައުޤުވެރިވުން)، އަދި ތަޤްވާވެރިކަން (އިޙްސާންތެރިކަން) އެހެން ހުރިހާ ރަސޫލުންނަށް ވުރެ އިތުރުކަން ބޮޑުވެގެން ވެއެވެ.
އެކަލޭގެފާނުގެ އެކުވެރިންނާއި، ޢަދުއްވުންގެ ފަރާތުން ލިބިފައިވާ އަނިޔާއާއި ޢަޒާބަށް އެކަލޭގެފާނު މަޢާފުދެއްވާނެއެވެ. އެކަލޭގެފާނު ބަދަލެއް ނުހިއްޕަވާނެ އެވެ. أُحد ހަނގުރާމައިގައި މުޝްރިކުން އެކަލޭގެފާނުގެ ކޯތާފަތްޕުޅުން ލޭއޮހުރުވާލައި، އެކަލޭގެފާނު ދަތްޕުޅު ބިންދާލުމުން އެކަލޭގެފާނު އެ މީހުންގެ މައްޗަށް ކުރެއްވި ދުޢާ އަކީ، "އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެ މީހުންނަށް ޢަފޫކޮށްދެއްވާދޭވެ! އެ މީހުންގެ ޖަހާލަތަށް އެ މީހުންނަށް މަޢާފުކޮށްދެއްވާދޭވެ".
އެކަލޭގެފާނަކީ ވަރަށް އޯގާތެރި އެކެވެ. އެކަލޭގެފާނު ޖަނަވަރުތަކަށް ފެންދެއްވި އެވެ. އެކަލޭގެފާނުގެ އަތްޕުޅުން ފެން ޓައްޕު ގައި ހިފަހައްޓަވައި ޖަނަވާރުތައް ކަރުހިއްކުން ފިލަންދެން މަޑުކޮށްލައްވައެވެ. އެކަލޭގެފާނު ދުއްވެވި އަހުގެ މޫނާއި ލޮލުގައި ފެން ކާއްތަވައެވެ.
އެކަލޭގެފާނަށް ކޮންމެ މީހަކު ގޮވިޔަސް، އެކަލޭގެފާނު ޖަވާބު ދެއްވީ، "لَبَّيكَ (އިޙްތިރާމާ އެކު އާނއެކޭ ބުނުން)". އެކަލޭގެފާނުގެ ދެ ފައި އެއްވެސް މީހެއް ކުރިމަތީ ގައި ދަމައެއްނުލައްވައެވެ. އެކަލޭގެފާނު އިށީންނަވަނީ އެކަލޭގެފާނުގެ ދެ ކަކޫ މަތީގައެވެ.
އެކަލޭގެފާނު، އެއްވެސް މީހެއްގެ މައްޗަށް އަރާހުންނެވި ކަމަކަށް ނުބައްލަވައެވެ. ހަނގުރާމައެއްގެ ތެރޭގައި އެ ބޭކަލުން ބަކަރި ކަބާބު ހައްދަވަން އުޅުއްވި އިރު، ކޮންމެވެސް މީހަކު ބުނީ، ބަކަރު ކަތިލާނީ އަހަންނެވެ؛ އަނެކަކު ބުނީ، އޭތީގެ ހަން ނޮޅާނީ އަހަންނެވެ؛ އަނެކަކު ބުނީ އަހަރެން ކައްކާނަމެވެ. އެކަލޭގެފާނު އިތުރަށް ދަރުއެއްކުރައްވާނެ ކަމަށް حديث ކުރެއްވުމުން އެ މީހުން ދެންނެވިއެވެ. "މާތް ﷲ ގެރަސޫލާއެވެ! އިށީނދެވަޑައިގެން އަރާމުކޮށްލައްވާށެވެ. ދަރު އެއްކުރާނީ އަޅުގަނޑުމެންނެވެ". އެއާއެކު އެކަލޭގެފާނު حديث ކުރެއްވި އެވެ. "އާއެނކެވެ. ތިބާމެން ހުރިހާ ކަމެއް ކުރާނެކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. އެކަމަކު، މަސައްކަތްކުރާ މީހުންނާ ވަކިން، އެކަނި އިށީނދެވަޑައިގެން އިންނަވަން ތިމަންކަލޭގެފާނު ބޭނުންފުޅެއް ނުވެއެވެ. ވަކިވެގަނެގެން، އޭނާގެ އެކުވެރިންނާ ދުރުގައި އިށީންދެގެން ހުންނަން ގަޔާވާ މީހަކަށް الله تعالى ރުހިވޮޑި ނުގަންނަވައެވެ". ދެން، އެކަލޭގެފާނު ތެދުވެވަޑައިގެން، ދަރުއެއްކުރައްވަން ވަޑައިގެންފި އެވެ.
رَسُوْلُ اللهِ ﷺ، އެކުގައި އިށީނދެގެން ތިއްބަވާ އެކަލޭގެފާނުގެ އަޞްޙާބުންގެ ގްރޫޕަކާ ގުޅިވަޑައިގަންނަވާ ކޮންމެ ފަހަރަކު، ޝަރަފުވެރިކަމުގެ ގޮނޑި އެކަލޭގެފާނު ނުނަންގަވައެވެ. އެކަލޭގެފާނު އިށީންނަވާނީ، އެ ތަނުން ހުސްކޮށް ހުރި ތަނެއްގައެވެ. އެއް ދުވަހަކު، ހިންގަވަން ބޭނުންކުރައްވާ ޢަޞާ އަތަށް ލައްވައިގެން އެކަލޭގެފާނު ބޭރަށް ވަޑައިގަތުމުން، އެކަލޭގެފާނު ފެނުނު މީހުން ކޮޅަށް ތެދުވެއްޖެ އެވެ. އެކަލޭގެފާނު އެ މީހުންނާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ބައެއް މީހުން އެކަކު އަނެކަކަށް ތެދުވެހަދާ ގޮތަށް ތިމަންކަލޭގެފާނަށް ޓަކައި ނުތެދުވާށެވެ. ތިމަންކަލޭގެފާނަކީ، ތިޔަބައި މީހުން ފަދައިން އިންސާނަކީމެވެ. އެހެން އެއްވެސް މީހެކޭ އެއްފަދައިން ތިމަންކަލޭގެފާނު ފަރިއްކުޅުއްވަމެވެ. އަދި ތިމަންކަލޭގެފާނު އިށީންނަވަނީ ތިމަންކަލޭގެފާނު ވަރުބަލިފުޅުވެވަޑައިގަތުމުންނެވެ".
"މުޖްތަމަޢެއްގެ ސައްޔިދު އަދި އެންމެ މަތިވެރި މީހަކީ، އެ މީހުންނަށް ޚިދުމަތްކޮށްދޭ މީހާ އެވެ".
حديث الشّريف
އެކަލޭގެފާނުގެ ނޯކަރުން ވެސް އެކަލޭގެފާނު ފަރިއްކުޅުއްވައި، ހެދުން ތުރުކުރައްވާ ގޮތަށް ކަންތައް ކުރުމަށް އެންގެވި އެވެ. އެއްވެސް ކަމެއް ގައި އެ މީހުން އެކަލޭގެފާނާ ވަކިނުކުރައްވައެވެ. އެކަލޭގެފާނު ނޯކަރުންގެ މަސައްކަތުގައި އެހީތެރިވެވަޑައިގަތެވެ. އެއްވެސް މީހަކުގެ ގައިގައި ޖައްސަވާ އެއްޗެހިކިޔުއްވާ ތަނެއް ފެނިފައެއް ނުވެއެވެ.
އެކަލޭގެފާނުގެ ޚިދުމަތުގައި އަބަދު ވެސް ހުންނަވާ أنس بن مالك (رضي الله عنه) ވިދާޅުވެފައި ވެއެވެ. "އަހަރެން رَسُوْلُ اللهِ ﷺ އަށް 10 އަހަރު ވަންދެން ޚިދުމަތްކުރީމެވެ. އެކަލޭގެފާނު އަހަންނަށް ކޮށްދެއްވި ޚިދުމަތް، އަހަރެން އެކަލޭގެފާނަށް އެރުވި ޚިދުމަތަށް ވުރެ ބޮޑެވެ. އެކަލޭގެފާނު އަޅުގަނޑަށް ކޯފާއިސްކުރައްވައި، ފާޑުކިޔުއްވައި ހެއްދެވި ތަނެއް އަހަރެން އެއްގޮތަކަށް ވެސް ނުދެކެމެވެ".17
އެކަލޭގެފާނުގެ ހެދުންކޮޅުތަކުގެ ރޮދިޖައްސަވައި، އެކަލޭގެފާނުގެ ކަންބަޅި ބަކަރިތަކުން ކިރު ފެއްލަވައި، އެކަލޭގެފާނުގެ ޖަނަވާރުތަކަށް ކާންދެއްވި އެވެ. އެކަލޭގެފާނު ބާޒާރުން ބައްލަވައިގަންނަވާ ތަކެތި އެކަލޭގެފާނު ގެއަށް ގެންނަވައެވެ. ދަތުރުކުރައްވާ އިރު، އެކަލޭގެފާނުގެ ޖަނަވާރުތަކަށް ކާންދެއްވައި، ބައެއް ފަހަރު އެ ޖަނަވާރުތައް ރީތިކުރައްވައެވެ. ބައެއް ފަހަރު އެކަން ކުރައްވަނީ ގިނިކަންޏާ އެވެ. އަދި ބައެއް ފަހަރު، އެ ކަން ކުރުމުގައި އެކަލޭގެފާނުގެ ނޯކަރުންނަށް އެހީތެރިވެވަޑައިގަންނަވައެވެ.
ބައެއް މީހުން އެބައި މީހުންގެ ނޯކަރުން އެކަލޭގެފާނަށް ފޮނުވުމުން، އޭރު އެކަން މަދީނާގެ އާދަކާދައިގައި އޮންނަ ފަދައިން، އެކަލޭގެފާނު ނޯކަރުންނާ އެކު އެ މީހުންގެ އަތުގައި ހިއްޕަވައިގެން ވަޑައިގަންނަވައެވެ.
އެކަލޭގެފާނު ބަލިމީހުންނަށް ޒިޔާރަތްކުރައްވައި، ޖަނާޒާތަކަށް ވަޑައިގެންނެވި އެވެ. އެ މީހުންގެ ހިތްތައް ފަތަޙަކުރެއްވުމަށް ޓަކައި، އެކަލޭގެފާނު މުޝްރިކުންނާއި، މުނާފިޤުންގެ ގެތެރެއިން ބަލިވާ މީހުންނަށް ވެސް ޒިޔާރަތްކުރައްވައި އުޅުއްވި އެވެ.
رَسُوْلُ اللهِ ﷺ ޖަމާޢަތުގައި ފަތިސް ނަމާދު ކުރެއްވުމަށް ފަހު، ޖަމާޢަތަށް ކުރިމަތިމަތިވާ ގޮތަށް އިށީންނަވައި، އައްސަވައެވެ. "އަހަރެމެންގެ އެއްވެސް އަޚަކު ބަލިވެ އެބަ އުޅޭ ހެއްޔެވެ؟ އަހަރެމެން އެ މީހަކަށް ޒިޔާރަތްކުރަމާ ހިނގާށެވެ". ބަލި މީހަކު ނެތް ނަމަ، އެކަލޭގެފާނު އައްސަވައެވެ. "އެއްވެސް ޖަނާޒާއެއް އެބައޮތް ހެއްޔެވެ؟ އަހަރެމެން ގޮސް އެހީވަމާ ހިނގާށެވެ". ޖަނާޒާއެއް އޮތް ނަމަ، މައްޔިތާ ހިނަވައި ކަފުންކުރުމުގައި އެކަލޭގެފާނު އެހީތެރިވެ ވަޑައިގެން، صلاة الجنازة އިމާމުވެ ކުރައްވައި، ކަށްވަޅަށް މައްޔިތާ ގެންދިއުމުގައި ހިންގަވާފައި ވަޑައިގެންނެވި އެވެ. ޖަނާޒާއެއް ނެތް ނަމަ، އެކަލޭގެފާނު حديث ކުރައްވާފައި ވަނީ، އެއްވެސް މީހަކަށް ހުވަފެނެއް ފެނިފައި ވާ ނަމަ، ކިޔައިދޭށެވެ! އަހަރެމެން އެއަށް އަޑުއަހައި ތަޢުބީރުކުރަމަމާ ހިނގާށެވެ"!
رَسُوْلُ اللهِ ﷺ އަށް އެކަލޭގެފާނުގެ އަޞްޙާބުންގެ ބޭކަލަކު ފެނިވަޑައިނުގެން ތިން ދުވަސް ވެއްޖެ ނަމަ، އެ ބޭކަލެއްގެ ޚަބަރު ބައްލަވައެވެ. އެ ޞަޙާބީ އަކު ވަޑައިގަތީ ދަތުރަކު ނަމަ، އެ ބޭކަލަކަށް ދުޢާކުރައްވައެވެ. އަދި އެ ބޭކަލަކު ވީ ރަށު ތެރޭގައި ކަމަށް ވާ ނަމަ، އެކަލޭގެފާނު އެ ބޭކަލަކަށް ޒިޔާރަތްކުރައްވައެވެ.
މަގުމަތިން رَسُوْلُ اللهِ ﷺ އާ މުސްލިމަކާ ދިމާވުމުން ސަލާމްކުރެއްވުމުގައި އިސްނެންގަވަނީ އެކަލޭގެފާނެވެ.
رَسُوْلُ اللهِ ﷺ ޖަމަލާއި، އަހާއި، ބަޣަލް އާއި، ޙިމާރު އަމިއްލަފުޅަށް ދުއްވަވައެވެ. އަދި ބައެއް ފަހަރު، ކޮންމެ ވެސް މީހަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ޖަނަވާރުގައި ބައިންދަވައެވެ.
رَسُوْلُ اللهِ ﷺ ގެ މެހްމާނުންނާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށް އެކަލޭގެފާނު ޚިދުމަތް ކުރައްވައެވެ. އަދި حديثކުރައްވާފައި ވެއެވެ. "މުޖްތަމަޢެއްގެ ސައްޔިދު އަދި އެންމެ މަތިވެރި މީހަކީ، އެ މީހުންނަށް ޚިދުމަތްކޮށްދޭ މީހާ އެވެ".
އެއްގޮތަކަށް ވެސް رَسُوْلُ اللهِ ﷺ ބާރަށް ހިނިފުޅުވަޑުވާ ތަނެއް ފެނިފައެއް ނެތެވެ. އެކަލޭގެފާނު ހިނިތުންވެލައްވަނީ މަޑުމަޑުންނެވެ. ބައެއް ފަހަރު، އެކަލޭގެފާނު ހިނތުން ވެލެއްވުމުން، އެކަލޭގެފާނުގެ ބަރަކާތްތެރި ކުރިމަތީ ދަތްތައް ފެނެއެވެ.
އެކަލޭގެފާނު އަބަދު ވެސް ފެންނަނީ ވިސްނުންތެރި އަދި ހިތާމަވެރި ކޮށެވެ. ވާހަކަދެއްކެވީ މަދުންނެވެ. އެކަލޭގެފާނު މިހާރު ވާހަކަދައްކަވަން ފައްޓަވަނީ ހިނިތުންވުމަކާ އެކުގައެވެ.
رَسُوْلُ اللهِ ﷺ ބޭނުމެއް ނެތް ބޭކާރު ވާހަކަ ނުދައްކަވައެވެ. ކޮންމެހެން ބޭނުންޖެހުމުން، އެކަލޭގެފާނު ވާހަކަދައްކަވާނީ ކުރުކޮށް، ފުރިހަމައަށް އަދި ސާފު މާނައަކާ އެކުގައެވެ. ވިސްނައިދެއްވުމަށް ޓަކައި، އެކަލޭގެފާނު ބައެއް ފަހަރު ތިން ފަހަރު ތަކުރާރު ކުރައްވައެވެ.
رَسُوْلُ اللهِ ﷺ، ބީރައްޓެހިންނާއި، ދެކެފަރިތަ މީހުންނާއި، ކުޑަކުދިންނާއި، މުސްކުޅި އަންހެނުންނާއި، އެކަލޭގެފާނުގެ މަޙްރަމް އަންހެނުންނާ (އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން، ގާތްތިމާގެ މީހުން، އަދި ކިރުގެ ގޮތުން ތިމާގެ މީހުން) އެކު ސަމާސާކުރައްވައެވެ. އެކަމަކު، އެކަމުގެ ސަބަބުން، އެންމެ ހިނދުކޮޅަކަށް ވެސް الله تعالى ހަނދާން ނެތުމަށް މެދުވެރިނުވެއެވެ.
رَسُوْلُ اللهِ ﷺ ގެ ޖާހުގެ މަތިވެރިކަމުން އެއްވެސް މީހަކަށް އެކަލޭގެފާނުގެ މޫނުފުޅަށް ބަލައިލާކަށް ނުކެރެއެވެ. ކޮންމެވެސް މީހަކު އެކަލޭގެފާނުގެ މޫނުފުޅަށް ބެލުމުން، އެ މީހަކު ތުރުތުރުއަޅައިގެންފި އެވެ. އެކަމާ ބެހޭގޮތުން އެކަލޭގެފާނު ޙާދީޘްކުރެއްވި އެވެ. "ހާސްނުވާށެވެ. ތިމަންކަލޭގެފާނަކީ ރަސްކަލެއް ނޫނީމެވެ. އަދި ތިމަންކަލޭގެފާނަކީ، އަނިޔާވެރި ވެރިއެއް ނޫނީމެވެ. ތިމަންކަލޭގެފާނަކީ، ހިކި މަސް ކައިއުޅުނު އަންހެނެއްގެ ދަރިއެކެވެ". މި ބަސްތަކުން އެ މީހާގެ ބިރުފިލައިގެން ގޮސް، އޭނާ ދައްކަން ބޭނުންވި ވާހަކަ ދައްކަން ފެށި އެވެ.
رَسُوْلُ اللهِ ﷺ ގެ ގެކޮޅުގައި ފާރަވެރިންނެއް ނުވަތަ ދޮރުވާނުނެއް ނެތެވެ. ކޮންމެ މީހަކަށް އެކަލޭގެފާނާ ހަމަޔަށް ފަސޭހައިން އައިސް ގޮސް، އެމީހުންގެ ދަތިތައް ދަންނަވައެވެ.
އެކަލޭގެފާނުގެ ކިބަފުޅުގައި ތަވާޟުޢުވެރިކަމުގެ ބާރުގަދަ އިޙްސާސެއް ވިއެވެ.
رَسُوْلُ اللهِ ﷺ އެއްވެސް މީހެއްގެ ކުށުގެ ވާހަކަ އެ މީހާގެ ކުރިމަތީގައި ނުދައްކަވައެވެ. އެކަލޭގެފާނު އެއްވެސް މީހަކާ ބެހޭގޮތުން ޝަކުވާކުރައްވައި، ނުވަތަ އެ މީހަކަށް ނޭނގި އޭނާގެ ވާހަކައެއް ނުދައްކަވައެވެ. މީހެއްގެ ސުލޫކު ނުވަތަ ބުނި ބަހަކާ މެދު އެކަލޭގެފާނު ހިތްހަމަޖެހިވަޑައިނުގަންނަވާ ނަމަ، އެކަލޭގެފާނު حديث ކުރައްވަނީ "ބައެއް މީހުން އެހެން ހަދަނީ ކީއްވެގެން ބާ؟" މިހެންނެވެ.
رَسُوْلُ اللهِ ﷺ އަކީ الله تعالى ގެ ލޮބުވެތި ޙަބީބު އަދި ރަސޫލާ ކަމުގައި ވިޔަސް، އެކަލޭގެފާނު حديثކުރައްވާފައިވަނީ، "ތިޔަބައި މީހުންގެ ތެރެއިން، އެންމެ ރަނގަޅަށް އެނގޭނީ ތިމަންކަލޭގެފާނަށެވެ".
"ތިމަންކަލޭގެފާނަށް ފެނުނު ކަންތައްތައް ތިޔަބައި މީހުންނަށް ފެނުނު ނަމަ، ތިޔަބައި މީހުން ހޭނީ މަދުންނެވެ".18 އެކަލޭގެފާނަށް އުޑުން ވިލާގަނޑެއް ފެނިވަޑައިގަތުމުން، އެކަލޭގެފާނު حديث ކުރައްވަނީ، "މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި ވިލާގަނޑާ އެކު އަޅުގަނޑުމެންގެ މައްޗަށް އާފާތެއް ނުފޮނުއްވާފާދޭވެ"، މިހެންނެވެ. ވައިޖެހުމުން އެކަލޭގެފާނު ދުޢާކުރައްވަނީ، "މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ފައިދާހުރި ވައި ފޮނުއްވާދޭވެ"، މިހެންނެވެ. އެކަލޭގެފާނަށް ގުގުރީގެ އަޑު އިވިވަޑައިގަތުމުން، އެކަލޭގެފާނު حديث ކުރައްވަނީ، "މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ކޯފާފުޅުން އަޅަމެން މަރުނުގަންނަވާފާދޭވެ. އަދި އިބަ ރަސްކަލާނގެ އާފަތުން އަޅަމެން ނެތިނުކުރައްވާދޭވެ. އަދި އޭގެ ކުރިން، އަޅަމެންނަށް ފުރިހަމަ ޞިއްޙަތެއް ދެއްވާފާދޭވެ"، މިހެންނެވެ.
އެކަލޭގެފާނުގެ ހިތްޕުޅުގެ ވަރުގަދަކަމާއި، އެކަލޭގެފާނުގެ ހިތްވަރުގަދަކަން އާޝޯޚުވާ ވަރު ވެއެވެ. ޙުނައިނު ހަނގުރާމައިގެ ތެރޭގައި މުސްލިމުންގެ ލަޝްކަރު ވިއްސިވިހާލިވެ، رَسُوْلُ اللهِ ﷺ އާ އެކު ބާކީ ތިބީ އެންމެ ހަތަރު މުޖާހިދުންނެވެ. މުޝްރިކުންގެ ޙަމަލާތައް އެތައް ފަހަރަކު އެކަލޭގެފާނު ކިނިކަންޏާ ދިފާޢުކުރައްވައި ފަހަތަށް ޖެހިވަޑައިނުގެން ހުންނެވި އެވެ. އެ މީހުންނާ ދެކޮޅަށް ސާބިތުކަމާ އެކު ހުންނަވައި، އެ މީހުން މައިދާން ދޫކޮށް ފިލަން ދާ ވަރުކޮށްލެއްވި އެވެ.
رَسُوْلُ اللهِ ﷺ އަކީ ވަރަށް ދީލަތި ބޭކަލެކެވެ. އެކަލޭގެފާނު އެތަކެއް ސަތޭކަ ޖަމަލާއި، ކަންބަޅު ބަކަރި ޚައިރާތަށް ދެއްވައި، އަތްޕުޅުގައި އެއްޗެއް ނޯވެއެވެ. ދީލަތިކަމުގެ މި ޢަމަލުތައް ފެނި، ހިތް ހަރު އެތަކެއް މުޝްރިކުން އިސްލާމްވެއްޖެ އެވެ.
އެއްޗަކަށް އެދި ދެންނެވުމުން رَسُوْلُ اللهِ ﷺ 'ނޫނެކޭ' حديث ކުރައްވާ އަޑު އިވިފައެއް ނެތެވެ. އެދުނު އެތި رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި އޮތް ނަމަ، އެ އެއްޗެއް ދެއްވައެވެ. އެދުނު އެތި އަތްޕުޅު ގައި ނެތް ނަމަ، އެކަލޭގެފާނު ހުންނަވަނީ މަޑުންނެވެ.
الله تعالى "އަހާށެވެ. އަދި ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ" މިހެން ވަޙީކުރެއްވި އިރު، އެކަލާނގެ އެއްސެވީ ދުނިޔަވީ މުއްސަނދި ކަމަކަށް ނޫނެވެ. ފުރޭނި ގޮދަންފުށުން ތައްހާރުކޮށްފައި ހުންނަ ރޮށި އެކަލޭގެފާނު ބޭނުމެއް ނުކުރެއްވި އެވެ. އެކަލޭގެފާނު އަބަދު ވެސް ރޮށި ހިއްޕަވަނީ، ފުރާނާފައިނުވާ ބާލީ ފުށުން ތައްޔާރުކޮށްފައިވާ ރޮށްޓެވެ. އެކަލޭގެފާނު ގެ ބަނޑު ފުރެންދެން އެއްވެސް ގޮތަކަށް ފަރިއްކުޅުއްވި ކަމެއް އެނގިފައެއް ނެތެވެ.
"الله تعالى ގެ އަޅުންގެ ތެރެއިން އެންމެ ޝުކުރުވެރިވާ އަޅާ އަށް ތިމަންކަލޭގެފާނު ވާން ނުޖެހޭ ހޭ".
حديث الشّريف
އެކަލޭގެފާނުގެ ގެކޮޅު ގައި އެއްވެސް އެއްޗެއް ނުކެއްކި ޒަމާނެއް ދިޔައެވެ؛ ދެ ތިން މަސް ވަންދެން އެއްވެސް ޕާނެއް ތައްޔާރުނުކުރެވި ދިޔައެވެ؛ އެކަލޭގެފާނު ހަމައެކަނި ފަރިއްކުޅުއްވަނީ ކަދުރެވެ. ދެ ތިން ދުވަސް ވަންދެން އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވާ ދުވަސް ވަރު ދިޔައެވެ.
رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތް އިރު، އެކަލޭގެފާނުގެ ދަގަނޑު ދަހަނާ ތިރީސް ކިލޯ ބާލީއަށް ޔަހޫދީއަކަށް އޮތީ ރަހުނަށް ދެއްވާފައެވެ.
رَسُوْلُ اللهِ ﷺ "ތިމަންކަލޭގެފާނަށް މި ކެއުން ގަޔާނުވޭ" މިހެން حديث ކުރެއްވި އަޑުފުޅެއް އިވިފައެއް ނެތެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަނީ، އެކަލޭގެފާނަށް ކަމުދާ އެއްޗިއްސެވެ. އެކަލޭގެފާނަށް ކަމުނުދާ ތަކެތި ފަރިއްނުކުޅުއްވައެވެ. އަދި އެކަމާ އެއްޗެކޭ ވިދާޅެއް ނުވެއެވެ.
އެކަލޭގެފާނު ކޮންމެ ދުވަހަކު ފަރިއްކުޅުއްވަނީ އެއް ކެއުމެވެ. ބައެއް ފަހަރު އެކަލޭގެފާނު ފަރިއްކުޅުއްވަނީ ހެނދުނު އެވެ. އަދި ބައެއް ފަހަރު ހަވީރު އެވެ. އެކަލޭގެފާނު ގެއަށް ވަޑައިގެންފައި حديث ކުރައްވައެވެ. "ކާނެ އެއްވެސް އެއްޗެއް އެބަހުރި ހެއްޔެވެ"؟ ޖަވާބު ސަލްބީ ނަމަ، އެކަލޭގެފާނު ރޯދަ ހިއްޕަވައެވެ. މޭޒު ފޮތިގަނޑާއި، ތަބަތް ނުވަތަ މޭޒުމަތީ ގައި ކެއުން ބެހެއްޓެވުމުގެ ބަދަލުގައި، އެކަލޭގެފާނު ބިން މަތީ ގައި ކެއުން ބަހައްޓަވާ، ކަކޫ ޖައްސަވާ، އެއްވެސް އެއްޗަކަށް ލެނގިނުލައްވާ ހުންނަވާ ފަރިއްކުޅުއްވައެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަނީ، ބިސްމިންނެވެ. އެކަލޭގެފާނު ފަރިއްކުޅުއްވީ، އެކަލޭގެފާނުގެ ކަނާތުންނެވެ.
އެކަލޭގެފާނު ބައެއް ފަހަރު އެއް އަހަރަށް ވާ ވަރަށް ބާލީ އާއި ކަދުރު، އެކަލޭގެފާނުގެ އަނބިންނަށާއި، މަދު ނޯކަރުންނަށް ރައްކާކުރައްވާފައި ބަހައްޓަވައެވެ. އަދި އެއިން ޒަކާތްނެރުއްވައި ފަޤީރުންނަށް ދެއްވައެވެ.
އެހެން ރަސޫލުން ފަދައިން، އެކަލޭގެފާނު ޒަކާތް ނުނަންގަވައެވެ. އެކަލޭގެފާނު ހަދިޔާ ޤަބޫލުކުރެއްވި އެވެ. ގިނަ ފަހަރު ބަދަލުގައި އެކަލޭގެފާނު ގިނަ ޢަދަދަކަށް ހަދިޔާ ދެއްވައެވެ.
رَسُوْلُ اللهِ ﷺ ގެ އެނދުކޮޅު ތައްޔާރުކުރެވިފައިވަނީ، ކަދުރުރުކުގެ ރޯނު އަޅާފުރާފައިވާ ލެދަރުންނެވެ. ކެހެރި އަޅާފައިވާ އެނދެއް ގެނައުމުން އެ ޤަބޫލުނުކުރައްވައި، حديث ކުރެއްވި އެވެ. "އޭ عائشة އެވެ! ތިމަންކަލޭގެފާނު الله تعالى ގަންދެއްވައި حديث ކުރައްވަމެވެ. ތިމަންކަލޭގެފާނު ބޭނުންފުޅު ނަމަ، ތިމަންކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތާކު ރަނާއި، ރިހި ފުނި ފުންޏަށް ތިމަންކަލޭގެފާނާ އެކު ލެއްވީހެވެ".
އެ ރެއަށް ފަހު، މެންދަން ވަންދެން އަވަހާރަލައްޕަވާފައި، ފަތިސް ނަމާދު ވަގުތު ޖެހެންދެން އަޅުކަން ކުރައްވައެވެ. އެކަލޭގެފާނުގެ ކަނާތް ފަރާތަށް، ކަނާތްޕުޅު ކަނާތު ކޯތާފަތުގައި ޖައްސަވައިގެން ބައެއް ސޫރަތްތައް ކިޔުއްވުމަށް ފަހު، އަވަހާރަފުޅުލައްޕަވައެވެ.
އެކަލޭގެފާނަކީ تفائُل (ޙާދިސާތަކުން ރަނގަޅު ގޮތް ހޯދައިގަތުން) ކުރައްވާ ބޭކަލެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އެކަލޭގެފާނަށް ފުރަތަމަ ފަހަރަށް ނުވަތަ ކުއްލިއަކަށް ދިމާވާ ކަންތައްތައް މާނަކުރައްވަނީ ރަނގަޅު ގޮތުގައެވެ. އެއްވެސް ކަމަކީ ނާއުއްމީދީ ކަމެއްގެ ގޮތުގައި ނުބައްލަވައެވެ.
އެކަލޭގެފާނު ހިތާމަވެރި އިރު، އެކަލޭގެފާނުގެ ބޮލުގައި ހިއްޕަވާ ވިސްނަވައެވެ.
އެކަލޭގެފާނު ހިތާމަ އިޙްސާސްކުރެއްވޭ ކޮންމެ ފަހަރަކު، އެކަލޭގެފާނު ނަމާދުކުރައްވަން ފައްޓަވައެވެ. ނަމާދުކުރެއްވުމުގައި ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމާއި، ހިތްއުވާފެރިކަމުގެ ސަބަބުން ހިތާމަ ފިލައިގެން ދެއެވެ.
ޣީބަ (މީހަކު ނެތް ތާނަގައި އޭނާގެ ވާހަކަ ދެއްކުން) ބުނާ މީހުންގެ ވާހަކަތައް އެކަލޭގެފާނު އަޑު ނާއްސަވައެވެ.
ހިނަގަވާ އިރު، އެކަލޭގެފާނު އެއް ފަރާތަކަށް ނުވަތަ ފަހަތަށް ބައްލަވަން ބޭނުންފުޅު ނަމަ، އެކަލޭގެފާނުގެ މުޅި ހަށިގަނޑު އެއްކޮށް އަނބުރާލައްވާފައި ބައްލަވައެވެ. ހަމައެކަނި އެކަލޭގެފާނުގެ ބޯކޮޅު އަނބުރާނުލައްވައެވެ.
رَسُوْلُ اللهِ ﷺ، الله تعالى އަށް ބިރުވެތިވެ، އެކަލާނގެ އަށް ކިޔަމަންތެރިވެ ވަޑައިގެން، އެކަލާނގެ އަށް އަޅުކަން ކުރެއްވި މިންވަރުގެ ބޮޑު ކަމަކީ، އެކަލޭގެފާނާ އެއްވަރަށް އެހެން އެއްވެސް މީހަކަށް އެ ދަރަޖަ އަށް ނުދެވޭނެ މިންވަރެކެވެ. އެކަލޭގެފާނުގެ ފައިންޕުޅު ދުޅަ ވަންދެން އެކަލޭގެފާނު ނަމާދުކުރެއްވި އެވެ. އަޞްޙާބު ބޭކަލުން އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާފައި ވާއިރު، ކަލޭގެފާނު ތިހާ ބުރައުފުއްލަވަނީ ކީއްވެގެން ތޯ އެވެ"؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "الله تعالى ގެ އަޅުންގެ ތެރެއިން އެންމެ ޝުކުރުވެރިވާ އަޅާ އަށް ތިމަންކަލޭގެފާނު ވާން ނުޖެހޭ ހޭ"؟
ފުރާނައިގެ ނައިޓިންގޭލް އެދެނީ ފިނިފެންމަލަކަށޭ،
ބީރައްޓެހިންނާ މައްސަލަޖެހެން ބޭނުންވާ ކަމަށް ނުދެކޭށޭ.
ކޮމްޕަސްއެއް ފަދައިން އޭގެ ވަށައިގެން އޭތި އެނބުރެއޭ،
ފުރާނަ ޤުރުބާންކުރުމަށް ފުރުޞަތަކަށް ބަލަބަލައޭ.
އަހަންނަށް ފެނުނީ ލޯބިލޯބި ފިނިފެންމާ އޭގެ ސިއްރު އެހެން މީހުންނަށް ހާމަނުކުރެއޭ،
ނައިޓިންގޭލް އަށް އޭތި ބޭނުންވާ ފިނިފެންމަލުގެ ކަރުގަނޑެކޭ އެއްފަދައޭ.
އޭގެ ރިވެތި ކޯތާފަތް ބީރައްޓެހިންނަށް ފޮރުވިއޭ،
އެ މީހުން ވޭނުގައި އިންތިޒާރުކުރަނީ އޭގެ ލޯތްބަށޭ.
އަހަރެންގެ ޒާތޭ! މަޖްނޫނު ފަދައިން ހިނގަމުންދަނީ ލޯބިވާއާ ހަމަޔަށް ފޯރުމަށޭ،
އޭނާ އާވާރާވެގެން، އޭނާ އެދެނީ ލައިލާ އަށޭ.
