ލޮބުވެތި ރަސޫލާ

رَسُوْلُ اللهِ ﷺ ގެ ރިވެތި ސިފަތައް

رَسُوْلُ اللهِ ﷺ ގެ ރިވެތި ސިފަތަކާ ބެހޭގޮތުން ލިޔެފައިވާ އެތަކެއް ސަތޭކަ ފޮތް އެބަހުއްޓެވެ. މި ތާނގައި، ރިވެތި ސިފަތަކޭ ބުނެވެނީ، މަތިވެރި ރިވެތި ސިފަތަކަށެވެ. އޭގެ ތެރެއިން ބައެއް ސިފަތައް ތިރީގައި އެވަނީ އެވެ.:

ހުރިހާ މަޚްލޫޤުންގެ ތެރެއިން، އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ مُحمَّد رَسُوْلُ اللهِ ﷺ ގެ ނޫރާއި ފުރާނަ އެވެ.
الله تعالى ވަނީ مُحمَّد رَسُوْلُ اللهِ ﷺ ގެ ނަންފުޅު عَرش އާއި، ސުވަރުގޭގަޔާއި، ހަތް އުޑު ގައި ލިޔުއްވާފައެވެ.
އިންޑިޔާގައި ހެދޭ ފިނިފެންމަލެއް ގައި "لا إله إلّا الله محمّدٌ رسُولُ الله" ލިޔެވިފައެވެ.
ޢިރާޤުގެ ބަޞަރާ އާ ކައިރީގައިވާ ކޯރަކުން ބޭނުނު މަހެއް ގެ ކަނާތު ފަޅީގައި "الله" އަދި ވާތު ފަޅީ ގައި "مُحمَّد" ލިޔެވިފައި ވެއެވެ.

މިފަދަ ބައިވަރު ކޭސްތައް ވެއެވެ. 1975 ގައި ލަންޑަން ގައި ޝާއިޢުކުރި މަހުގެ ތާރީޚު މި ފޮތުގެ 200 ވަނަ ޞަފްޙާ ގައި އެ މަހުގެ ނިގުލުގައި "شانُ الله" އަދި ނިގުލުގެ އަނެއް ފަޅީގައި "لاَ إله إلَاالله" ލިޔެވިފައިވާ ކަން ދައްކުވައިދޭ މަހުގެ ފޮޓޯއެއް ވެއެވެ. މިފަދަ އިތުރު އެތައް މިސާލުތަކެއް ވެއެވެ.

އެމީހުންނާ ޙަވާލުކުރެވިފައިވާ މަސައްކަތަކީ مُحمَّد رَسُوْلُ اللهِ ﷺ ގެ ނަންފުޅުލިޔުން ކަމުގައި ވާ މަލާއިކަތުން ތިއްބަވައެވެ.

آدم (‏عليه السّلام)‏ އަށް ސަޖިދަޖެހުމަށް މަލާއިކަތުންނަށް އަމުރުކުރެއްވުނު ސަބަބަކީ، އެކަލޭގެފާނުގެ ނިތްކުރިފުޅު ގައި مُحمَّد رَسُوْلُ اللهِ ﷺ ގެ ނޫރު ލައްވާފައި ވުމުންނެވެ.

ހުރިހާ ނަބީންނަށް الله تعالى ޚަބަރުކުރެއްވީ، مُحمَّد رَسُوْلُ اللهِ ﷺ ވަޑައިގެން، އެކަލޭގެފާނަށް އީމާންވުމަށް އެ ބޭކަލުންގެ އުއްމަތްތަކަށް އަމުރުކުރައްވާނެ ކަމަށެވެ.

އެކަލޭގެފާނު ދުނިޔެ އަށް ވަޑައިގަތުމުގެ އިރުކޮޅެއް ކުރިން، ގިނަގުނަ ޢަލާމާތްތަކެއް ފެނުނެވެ. މިކަންކަން ވަނީ، ތާރީޚާއި، މައުލިދު ފޮތްތަކުގައި (‏ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާއި، އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ކުރިން ހިނގާދިޔަ ޙާދިސާތަކާއި، ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ވަގުތާއި،ފަހުން ހިގައިދިޔަ ޙާދިސާތައް)‏ ލިޔެވިފައެވެ.

އެކަލޭގެފާނު ދުނިޔެ ވަޑައިގަތް އިރު، އެކަލޭގެފާނު ފޫޅު ވަނީ އޭރުވެސް ކެނޑިފައެވެ. އަދި ވަނީ ޚިތާނު ކުރެވިފައެވެ.

އެކަލޭގެފާނު ދުނިޔެ އަށް ވަޑައިގަތުމަށް ފަހު، ޖިންނި ޝައިޠާނުންނަށް އުޑަށް އަރައި މަލާއިކަތުންގެ ފަރާތުން މަޢުލޫމާތު ވަގަށް ނެގުން ދެން ކުރިޔަށް ނުގެންދެވޭނެ އެވެ.

އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އިރު، އެ މީހުން އަޅުކަން ކުރަން ގެންގުޅުނު ހުރިހާ ބުދުތަކާއި މޫނު ވަތަށް ވެއްޓުނެވެ.

މަލާއިކަތުން އެކަލޭގެފާނުގެ ތަންމަތި ތަޅުއްވާނެ އެވެ.

އެކަލޭގެފާނު ތަންމަތީ ގައި އޮންނެވި އިރު، އެކަލޭގެފާނު އުޑުގައިވާ ހަނދާ ވާހަކަދައްކަވައެވެ. އެކަލޭގެފާނުގެ އިނގިލިފުޅުން އިޝާރާތްކުރައްވާ ހިސާބަކަށް އެ ހަނދު ޙަރަކާތްކުރެއެވެ.

ތަންމަތީގައި އޮންނެވި އިރު، އެކަލޭގެފާނު ވާހަކަދައްކަވަން ފެއްޓެވި އެވެ.

ކުޑަކުއްޖެއްގެ ގޮތުގައި، އެކަލޭގެފާނު ބޭރަށް ނުކުމެވަޑައިގަތުމުން، އެކަލޭގެފާނުގެ ބޯ މަތީގައިވާ ވިލާގަނޑެއް އެކަލޭގެފާނާ އެކު ޙަރަކާތްކޮށް އެކަލޭގެފާނަށް ހިޔާ އަޅައެވެ. އެކަލޭގެފާނުގެ ރިސާލަތު ފެށުމާ ހަމަޔަށް މި ކަން ކުރިޔަށް ދިޔައެވެ.

"ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެ މީހަކު ވެސް ނަރަކައިގައި ވާ ނަމަ، ތިމަންކަލޭގެފާނު ހިތްހަމަޖައްސާލައިގެން ނުވާނެ އެވެ".
حديث الشّريف

ކޮންމެ ނަބީއަކަށް ނަބީކަމުގެ ސިއްކަ އެ ބޭކަލެއްގެ ކަނާތުގައި ވެއެވެ. مُحمَّد رَسُوْلُ اللهِ ﷺ ގެ ނަބީކަމުގެ ސިއްކަ ލެއްވީ އެކަލޭގެފާނުގެ ބުރަކަށީގައި، އެކަލޭގެފާނުގެ ވާތު ކޮންޑުކަށިގަނޑު ކައިރީގައި، އެކަލޭގެފާނުގެ ހިތްޕުޅުގެ މަތީގައެވެ. جبريل (‏عليه السَلام)‏ އެކަލޭގެފާނުގެ ހިތްޕުޅު ދޮވެލައްވައި، އެކަލޭގެފާނުގެ މޭފުޅު އަލުން ބަންދުކޮށްލެއްވި އިރު، އެކަލޭގެފާނުގެ ބުރަކަށީ ގައި ސިއްކަ ޖެއްސެވީ ސުވަރުގެއިން ގެންނެވި ސިއްކައަކުންނެވެ.

رَسُوْلُ اللهِ ﷺ ގެ ކުރީގެ ކަންތައްތަކާއި އެކަލޭގެފާނުގެ ފަހުގެ ކަންތައްތައް އެކަލޭގެފާނު ދެކެވަޑައިގަތެވެ.
رَسُوْلُ اللهِ ﷺ އަށް އަލިކަމުގައި ފެނިވަޑައިގަންނަވާ ގޮތަށް އެކަލޭގެފާނަށް އަނދިރީގައި ވެސް ފެނިވަޑައިގަންނަވައެވެ.
رَسُوْلُ اللهِ ﷺ ގެ ކުޅުން ހިތި ފެން ފޮނިކޮށްދީ، ބަލިމީހުން ރަނގަޅުވެ، ކުޑަކުދިންނަށް ކިރު ފަދައިން ދެވުނެވެ.

رَسُوْلُ اللهِ ﷺ ގެ ދެ ލޯފުޅު އަވަހާރަފުޅު ލައްޕަވާ އިރު، އެކަލޭގެފާނުގެ ހިތްޕުޅު ވަނީ ހޭލާއެވެ. (‏ހުރިހާ ނަބީން ވެސް ހަމަ މިހެންނެވެ.)‏

رَسُوْلُ اللهِ ﷺ ގެ މުޅި ޙަޔާތުގައި، އެއްގޮތަކަށް ވެސް އާނުފުރުއްވައެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ދަލުން ދުވާ މީރުވަސް ފިނިފެންމާ ފަދައެވެ. ފަޤީރަކު، އޭނާގެ އަންހެން ދަރިފުޅު ކައިވެނިކޮށްދިނުމުގެ ތެރޭގައި އެހީއަކަށް އެދިއްޖެ އެވެ. رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ގައި އެ ވަގުތު ދެއްވާނެ އެއްޗެއް ނެތެވެ. އެކަލޭގެފާނުގެ ދަލުން އެތިފޮދެއް ފުޅިއަކަށް އަޅުއްވާފައި އޭނާ އަށް ދެއްވި އެވެ. އަންހެންކުއްޖާ އެ ދާ އެ ކުއްޖާގެ މޫނު ގައި ލީ ކޮންމެ ފަހަރަކު އެ އަންހެން ކުއްޖާގެ ގެއިން ދުވަނީ ގޮމަކަސްތޫރީގެ ވަހެވެ. އެ އަންހންކުއްޖާގެ ގެ މަޝްހޫރުވެގެންދިޔައީ "ސެންޓު ގޭ"ގެ ނަމުންނެވެ.

رَسُوْلُ اللهِ ﷺ އަކީ މެދުމިނުގެ އިސްކޮޅެއްގެ ބޭކަލަކަށް ވިޔަސް، އެކަލޭގެފާނު ދިގު މީހުން ކައިރީގައި އުޅުއްވާ އިރު، އެކަލޭގެފާނު ފެންނަނީ އެ މީހުންނަށް ވުރެ ދިގުކޮށެވެ.

އަވީ ގައި ނުވަތަ ހަނދުވަރު ގައި ހިންގަވާފައި ވަޑައިގަންނަވާ އިރު، رَسُوْلُ اللهِ ﷺ ގެ ހިޔަންޏެއް ބިން މައްޗަކު ނުހުރެއެވެ.
މެއްސާއި، މަދިރި އާއި، އެހެން މެއްސާމެހި رَسُوْلُ اللهِ ﷺ ގެ ހަށިކޮޅާއި ހެދުންކޮޅު ގައި ނުޖައްސައެވެ.
ކިތަންމެ ގިނަ ދުވަހަކު ތުރުކުރެއްވިޔަސް رَسُوْلُ اللهِ ﷺ ގެ ހެދުންކޮޅުތައް މިލަވެ ހަޑިއެއް ނުވެއެވެ.

رَسُوْلُ اللهِ ﷺ ހިންގަވާފައި ވަޑައިގަންނަވާ ކޮންމެ ފަހަރަކު، މަލާއިކަތުން އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގަންނަވައެވެ. އެހެންކަމުން، "ތިމަންކަލޭގެފާނުގެ ފަހަތްޕުޅު މަލާއިކަތުންނަށް ދޫކޮށްލައްވާށެވެ"،1 މިހެން حديث ކުރައްވައި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އެކަލޭގެފާނަށް ވުރެ ކުރީގައި ތިއްބަވައިގެން ހިންގެވުމަށް އަންގަވައެވެ.

رَسُوْلُ اللهِ ﷺ ހިލައަކަށް އަރާވަޑައިގަންނަވާ އިރު، އެކަލޭގެފާނުގެ، އެ ހިލަގަނޑު ގައި އެކަލޭގެފާނުގެ ފައިންޕުޅުގެ ނިޝާނެއް ޖެހިގެން ދެއެވެ. އެކަމަކު، އެކަލޭގެފާނު ވެލިމަތީ ގައި ހިންގަވާފައި ވަޑައިގަންނަވާ އިރު، އެކަލޭގެފާނުގެ ފައިންޕުޅުގެ ނިޝާނެއް ނުހުރެއެވެ. އެކަލޭގެފާނު ޤަޟާ ޙާޖަތް ކުރައްވާ އިރު، ބިން ދެ ފަޅިވެގެން ގޮސް، ބޮޑުކަމުދިޔަ އެއްޗެއް ވިއްޔާ ބިންގަނޑު ތެރެއަށް ދަމައިގަނެއެވެ. (‏ހުރިހާ ނަބީން ވެސް ހަމަ މިހެންނެވެ.)‏

ހުރިހާ އިންސީންނާއި، ޖިންނީންގެ ތެރެއިން، އެންމެ ގިނަ ޢިލްމު ދެއްވީ رَسُوْلُ اللهِ ﷺ އަށެވެ. އެކަލޭގެފާނަކީ އުއްމީއަކަށް ވިޔަސް، އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އެއްޗެއް އެކަލޭގެފާނު ދަސްނުކުރައްވައެވެ. الله تعالى ވަނީ އެކަލޭގެފާނަށް ހުރިހާ އެއްޗެއް އުނގަންނަވާ ދެއްވާފައެވެ. آدم (‏عليه السّلام)‏ އަށް ހުރިހާ އެއްޗެއްގެ ނަން އުނގަންނަވާދެއްވި ފަދައިން، ހުރިހާ އެއްޗެއްގެ ނަމާއި، އޭގެ ޢިލލްމު އެކަލޭގެފާނަށް ވަނީ އަންގަވާ ދެއްވާފައެވެ.

رَسُوْلُ اللهِ ﷺ އަށް ވަނީ އެކަލޭގެފާނުގެ އުއްމަތުގެ އެންމެންގެ ނަންތަކާއި، ހުންނަ ގޮތާއި، އެ މީހުންގެ މެދުގައި ކަން ހިނގާނެ ގޮތް އަންގަވާދެއްވާފައެވެ.

رَسُوْلُ اللهِ ﷺ ގެ ސިކުނަޑިފުޅު އެހެން އެންމެންގެ ސިކުނޑިތަކަށް ވުރެ މަތިވެރިވެގެން ވެއެވެ.

އިންސާނުންގެ ކިބައިން ފެންނާނެ އެންމެ ރިވެތި އަޚްލާޤީ ސިފަތަކާއި، އާދަތައް رَسُوْلُ اللهِ ﷺ ގެ ކިބަފުޅުގައި ވަނީ ލައްވާފައެވެ. މަޝްހޫރު ޅެންވެރިޔާ عُمر بن الفارض ގެ ކިބައިން، އޭނާ އަށް ތަޢުރީފުނުކުރަނީ ކީއްވެގެން ތޯ ސުވާލުކުރުމުން، އޭނާ ބުނީ، "އަހަންނަނަށް ވިސްނުނީ، އެކަލޭގެފާނަށް ތަޢުރީފުކުރުމުގެ ކުޅަދާނަކަން އަހަރެންގެ ކިބައިގައި ނެތް ކަމެވެ. އެކަލޭގެފާނަށް ތަޢުރީފުކުރެވޭނެ ލަފްޒުތަކެއް އަހަންނަކަށް ނުފެނުނެވެ".

الله تعالى ވަނީ ޝަހާދަތުގެ ދެ ކަލިމަޔާއި، الآذان (‏ނަމާދަށް ގޮވާ ބަންގި)‏ ގަޔާއި، الإِقامة (‏ފަރުޟު ފަސް ނަމާދު ފަށާ އިރު ކޮޅަށް ހުރެ ކިޔާ ބަސްތައް)‏ ގަޔާއި، ނަމާދުގެ تَشَهُّدْ (‏އައްތޙިއްޔާޓު ގައި އިނދެގެން ދުޢާކުރުން)‏ ގައި ކިޔޭ ދުޢާ ގަޔާއި، ބައެއް އަޅުކަންތަކާއި، ޚުޠުބާ ގައި ކިޔޭ ދުޢާތަކާއި، އިރުޝާދު ދިނުމުގަޔާއި، ދަތި އުނދަގޫ ވަގުތުތަކުގައި (‏ކިޔޭ ދުޢާތަކުގަޔާއި)‏، ކަށްވަޅުގަޔާއި، المحشَر (‏ޙިސާބު ބައްލަވާ ތަން)‏ ގަޔާއި، ސުވަރުގޭގަޔާއި، ހުރިހާ މަޚްލޫޤުން ވާހަކަދައްކާ ބަސްބަހުގައި، الله تعالى ވަނީ رَسُوْلُ اللهِ ﷺ ގެ ނަންފުޅު އެކަލާނގެ އިސްމުފުޅާ ޖެހިގެން ގެނެސްދެއްވާފައެވެ.

رَسُوْلُ اللهِ ﷺ ގެ މަތިވެރި ސިފަތަކުގެ ތެރެއިން އެންމެ މަތިވެރި ކަމަކީ، އެކަލޭގެފާނަކީ، حبيب الله (‏الله تعالى ލޯބިވެވޮޑިގަންނަވާ)‏ ކަމެވެ. ވަނީ އެކަލޭގެފާނކީ، އެކަލާނގެ ލޯބިވާ އަދި އެކުވެރިޔާ ކަމުގައި ލައްވަވާފައެވެ. އެކަލާނގެ، އެކަލޭގެފާނު ދެކެ، އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް، އެއްވެސް މަލާއިކަތަކަށް ވުރެ ގިނައިން، އެކަލާނގެ އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "ތިމަން ރަސްކަލާނގެ إبراهيم، خليل (‏ތިމަން ރަސްކަލާނގެ އެކުވެރިޔާ)‏ ކަމުގައި ލެއްވި ފަދައިން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ލެއްވެވީ ތިމަން ރަސްކަލާނގެ حَبِيبُ ކަމުގައެވެ".

ކީރިތި قرآن ގެ سورة الضُّحَى ގެ 5 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ‎﴿٥﴾‏)‏ * الضُّحَى: 5)‏2 މާނައީ: ''އަދި ނިކަން ހުރެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެ ކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ". މި އާޔަތުން الله تعالى ވަޢުދުވެވަޑައިގަންނަވަނީ، އެކަލާނގެ رَسُوْلُ اللهِ ﷺ އަށް ހުރިހާ ޢިލްމަކާއި، ހުރިހާ ކުރިއަރާދިއުމަކާއި، އިސްލާމް ދީނުގެ ޤަވާޢިދުތަކާއި، ޢަދުއްވުންގެ މައްޗަށް އެހީތެރިކމާއި، ނަޞްރު ދެއްވުމާއި، އެކަލޭގެފާނުގެ އުއްމަތަށް ލިބިގެންދާނެ ފުތޫޙާތުތަކާއި، ނަޞްރުލިބުންތަކާއި، ޤިޔާމަތް ދުވަހު ލިބިގެންދާނެ ހުރިހާ ވައްތަރެއްގެ ޝަފާޢަތްތެރިކަމެވެ. މި އާޔަތް ބާވައިލެއްވުމުން، رَسُوْلُ اللهِ ﷺ، جبريل (‏علبه السّلام)‏ އަށް ބައްލާވާލައްވާފައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެ މީހަކު ވެސް ނަރަކައިގައި ވާ ނަމަ، ތިމަންކަލޭގެފާނު ހިތްހަމަޖައްސާލައިގެން ނުވާނެ އެވެ".

ކީރިތި قرآن ގައި الله تعالى ކޮންމެ ނަބިއްޔަކާ މުޚާޠަބުކުރައްވަނީ އެ ބޭކަލުންގެ ނަންފުޅުތަކުންނެވެ. އެކަމަކު، مُحمَّد رَسُوْلُ اللهِ ﷺ އާ މުޚާޠަބުކުރައްވަނީ "އޭ ތިމަން ރަސްކަލާނގެ ރަސޫލާ އެވެ. އޭ ތިމަން ރަސްކަލާނގެ ނަބިއްޔާ އެވެ"، މިހެންނެވެ.

"ތިމަންކަލޭގެފާނުގެ أهل بيت ންނާ މެދު ޢަދާވާތްތެރިކަން އޮންނަ މީހަކީ މުނާފިޤެކެވެ".
حديث الشّريف

رَسُوْلُ اللهِ ﷺ ހުރިހާ ޢަރަބި ބަހުރުވައަކުން ވާހަކަފުޅު ދެއްކެވި އެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުތައް ވަރަށް ސާފުވެފައި، ވިސްނައިގަންނަން ފަސޭހަ އެވެ. އެކަލޭގެފާނާ ހަމައަށް އެކި ތަންތަނުން މީހުން ޒިޔާރަތްކުރި އިރު، އެކަލޭގެފާނު އެ މީހުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ، އެމީހުންގެ އަމިއްލަ ބަހުރުވައިންނެވެ. އެކަލޭގެފާނަށް އަޑުއެހި މީހުން ތިބީ ޙައިރާންވެފައެވެ؛ އެކަލޭގެފާނު حديث ކުރައްވާފައި ވެއެވެ. "الله تعالى ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވީ ރިވެތިކޮށެވެ".3

رَسُوْلُ اللهِ ﷺ މަދު ބަސްކޮޅަކުން ގިނަ ވާހަކަތަކެއް حديث ކުރެއްވި އެވެ. އެކަލޭގެފާނުގެ އެއް ލައްކަ އަށް ވުރެ ގިނަ ޙަދީޘުން ދައްކައިދެނީ، އެކަލޭގެފާނަކީ، "جوامع الكلام" ކަމެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، مُحمَّد رَسُوْلُ اللهِ ﷺ ވަނީ އިސްލާމް ދީނުގެ ހަތަރު އަސާސް، އަންނަނިވި ހަތަރު ޙަދީޘަކުން ބަޔާންކުރައްވާފައެވެ.:

"ޢަމަލުތައް ވަޒަންކުރެވެނީ ނިޔަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ".4
"ޙަލާލު ކަންތައް ސާފުކޮށް އެނގެއެވެ. އަދި ޙަރާމް ކަންތައް ސާފުކޮށް އެނގެއެވެ".5
"ދަޢުވާކުރާ މީހާ ހެކި ހުށަހަޅަން ޖެހެއެވެ. އަދި ދަޢުވާ ލިބޭ މީހާ ﷲ ގަންދީ ހުވާކުރަން ޖެހެއެވެ".6 އަދި
"މީހަކު އޭނާ އަށް އެނދޭ ކަންތައް، އޭނާގެ މުސްލިމު އަޚާ އަށް ނޭދޭހާ ހިނދަކު އޭނާގެ އީމާންކަން ފުރިހަމައެއް ނުވާނެ އެވެ".7

މި ހަތަރު حديث ގެ ތެރެއިން ފުރަތަމަ ޙަދީޘަކީ، އަޅުކަންކުރުމުގެ ޢިލްމުގެ އަސާސެވެ. ދެވަނަ ޙަދީޘަކީ ޓްރާންސެކްޝަންތަކެވެ. (‏މިސާލަކަށް، ގަނެ ވިއްކުން، ކުއްޔަށްދިނުން، ގުޅިފައިވާ މިލްކުވެރިކަން ފަދަ)‏ ތިންވަނަ އަސާސަކީ، ޢަދުލު އިންޞާފާއި ސިޔާސީ ކަންތައްތަކެވެ. އަދި ހަރަރު ވަނަ އަސާސަކީ، ރިވެތި އާދަކާދަތަކާއި، އަޚްލާޤެވެ.8

مُحمَّد رَسُوْلُ اللهِ ﷺ އަކީ ޙިމާޔަތްކުރެވިގެންވީ މަޢުޞޫމު ބޭކަލެކެވެ. އެކަލޭގެފާނު، އެނގިވަޑައިގެން ނުވަތަ އެނގިވަޑައިނުގެން، ބޮޑު ނުވަތަ ކުޑަ، ސާޅީސް އަހަރުވުމުގެ ކުރިން ނުވަތަ އޭގެ ފަހުން، ވެސް އެއްވެސް ނުބައިކަމެއް ނުކުރައްވައެވެ. އެކަލޭގެފާނު އެއްވެސް ގޮތަކަށް އެކަށީގެންނުވާ ގޮތަކަށް އުޅުއްވި ތަނެއް ފެނިފައެއް ނެތެވެ.

މުސްލިމުންނަށް އަމުރުކުރެވިގެންވަނީ، ނަމާދުގެ التّحيّات ގައި "السّلام عليك أيُّها النَّبِيُّ و رَحمةُ اللهِ"، މިހެން ކިޔައި مُحمَّد رَسُوْلُ اللهِ ﷺ އަށް ސަލާމްކުރުމަށެވެ. ނަމާދުކުރުމުގެ ތެރޭގައ އެހެން ނަބިއްޔަކަށް ނުވަތަ މަލާއިކަތަކަށް ސަލާމްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

قُدْسي ޙަދީޘެއް ގައި ވާރިދުވެގެންވާ ގޮތުގައި، "ކަލޭގެފާނު ނުވާ ނަމަ، ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ނުހެއްސެވީމެވެ".9

އެހެން ރަސޫލު ބޭކަލުން ވެސް ވަނީ، ކާފަރުން އެ ބޭކަލުންގެ އަނބުރާބެހުމަށް ދެއްކި ވާހަކަތަކަށް ރައްދުދެއްވާފައެވެ. الله تعالى ވަނީ، مُحمَّد رَسُوْلُ اللهِ ﷺ އާ ދެކޮޅަށް ވެތުރުނު އަބުރު ކަތިލުމުގެ ވާހަކަތަކަށް ރައްދުދެއްވައި، އެކަލޭގެފާނު ދިފާޢުކުރައްވާފައެވެ.

مُحمَّد رَسُوْلُ اللهِ ﷺ ގެ އުއްމަތުގެ މީހުންގެ ޢަދަދު އެހެން ހުރިހާ ރަސޫލު ބޭކަލުންގެ އުއްމަތްތައް އެއްކޮށްލުމުން އަންނަ ޢަދަދަށް ވުރެ އިތުރެވެ. އެކަލޭގެފާނުގެ އުއްމަތް، އެހެން އުއްމަތްތަކަށް ވުރެ މަތިވެރިވެފައި މާ ޝަރަފުވެރިއެވެ. ޙަދީޘެއް ގައި ވާރިދުވަފައިވާ ގޮތުގައި، ސުވަރުގެ ވަންނަ މީހުންގެ ތިން ބައި ކުޅަ ދެ ބަޔަކީ އެކަލޭގެފާނުގެ އުއްމަތުގެ މީހުންނެވެ.

رَسُوْلُ اللهِ ﷺ އަށް ދެވޭނެ ޘަވާބު، އެހެން ރަސޫލުންނަށް ދެވޭނެ ޘަވާބަށް ވުރެ އެތައް ގުނައެއް އިތުރުވާނެ އެވެ.

މީހަކު އަޅުކަމެއް ނުވަތަ الله تعالى ޤަބޫލުފުޅުކުރައްވާ ޢަމަލެއްކުރާ އިރު، އެ މީހާ އެކަންޏެއް ނޫނެވެ. އޭނާ އަށް ދީން އުނގަންނައިދޭ އުސްތާޒަށް ވެސް އެކަމަށް ޘަވާބު ދެއްވާނެތެވެ. މުދައްރިސްގެ މުދައްރިސަށް ދެވޭ ޘަވާބު، މުދައްރިސަށް ދެވޭ ޘަވާބަށް ވުރެ ހަތަރު ގުނަ އިތުރުވާނެ އެވެ. އަދި އޭނާގެ މުދަރއްރިސަށް ލިބޭނެ ޘަވާބު އަށް ގުނަ އިތުރުވެފައި، އޭނާގެ މުދައްރިސަށް ލިބޭނެ ޘަވާބު ސޯޅަ ގުނަ އިތުރުވާނެ އެވެ. رَسُوْلُ اللهِ ﷺ އާ ހަމަޔަށް ކޮންމެ މުދައްރިސަކަށް، އޭނާގެ ދަރިވަރަށް ލިބޭނޭ ޘަވާބުގެ ދެ ގުނަ ދެއްވާނެތެވެ. މިސާލަކަށް، ފަހަތަށް ގޮސް ވިހި ވަނަ އަށް ވާ މުދައްރިސަށް 524،288 ޘަވާބު ލިބޭނެ އެވެ. އެކަލޭގެފާނުގެ އުއްމަތުގެ ކޮންމެ ހެޔޮ ޢަމަލަކަށް مُحمَّد رَسُوْلُ اللهِ ﷺ އަށް ޘަވާބު ދެއްވާނެ އެވެ.

مُحمَّد رَسُوْلُ اللهِ ﷺ އަށް ކޮންމެ ހެޔޮ ޢަމަލަކަށް ލިބޭނޭ ޘަވާބު މި ހިސާބުކުރުމާ އެއްގޮތަށް ބަލާ ނަމަ، الله تعالى ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ ހުރިހާ ޢަދަދުތަކެއްގެ ޖަވާބު ނޭނގޭނެ އެވެ. سَلِفُ الصّالح (‏އިސްލާމް ދީނުގެ ފުރަތަމަ ޤަރްނުގެ އަޞްޙާބު ބޭކަލުންނާއި، އެހެނިހެން މަޝްހޫރު މުސްލިމުން)‏ ން އެބޭކަލުންނަށް ވުރެ ފަހުން އައި މީހުންނަށް ވުރެ މަތިވެރިވެގެންވާ ކަމަށް ބަޔާންކުރެވިގެން އައިސްފައި ވެއެވެ. މި މަތިވެރިކަން ސާބިތުވަނީ ޘަވާބުގެ ޢަދަދުންނެވެ.

مُحمَّد رَسُوْلُ اللهِ ﷺ އަށް ނަންފުޅުން ސީދާ ގޮތުން ގޮވުމާއި، އެކަލޭގެފާނު ހުންނަވާ ތަނެއް ގައި ބާރަށް ވާހަކަދެއްކުމާއި، ދުރުން އެކަލޭގެފާނަށް ގޮވުމާއު، އެކަލޭގެފާނުގެ ކުރީގައި ހުރެގެން ހިނގުމަކީ ޙަރާމްކަމެކެވެ. އެހެން ރަސޫލުންގެ އުއްމަތްތަކުގެ މީހުން އެ ބޭކަލުންނަށް ނަމުން ދޮވި އެވެ.

جبريل (‏عليه السّلام)‏ އެކަލޭގެފާނުގެ މަލާއިކީ ޞިފައިގައި، رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތެވެ.

رَسُوْلُ اللهِ ﷺ ގެ އަރިހަށް جبريل (‏عليه السّلام)‏ ސައުވީސް ހާސް ފަހަރެއްގެ މަތިން ވަޑައިގަތެވެ. އެހެން ހުރިހާ ރަސޫލުންގެ ތެރެއިން جبريل (‏عليه السّلام)‏ އެންމެ ގިނައިން ވަޑައިގަތީ موسى (‏عليه السّلام)‏ އަށެވެ. އެއީ ހަތަރު ސަތޭކަ ފަހަރެވެ.

مُحمَّد رَسُوْلُ اللهِ ﷺ ގެ އަރިހަށް إسرافيل (‏عليه السّلام)‏ ވެސް ގިނަ ފަހަރެއްގެ މަތިން ވަޑައިގަތެވެ. އެހެން ރަސޫލުން (‏عليهم الصّلاة والسّلام)‏ ގެ އަރިހަށް ވަޑައިގަތީ ހަމަކަނި جبريل (‏عليه السّلام)‏ އެވެ.

مُحمَّد رَسُوْلُ اللهِ ﷺ ގެ ނަންފުޅާ އެކު الله تعالى ގަންދީ ހުވާކުރުން ހުއްދައެވެ. އެކަމަކު، އެހެން ރަސޫލުންނާއި، މަލާއިކަތުންގެ ނަންފުޅާ އެކު الله تعالى ގަންދީ ހުވާކުރުން ހުއްދައެއް ނޫނެވެ.

مُحمَّد رَسُوْلُ اللهِ ﷺ އަށް ފަހު، އެކަލޭގެފާނުގެ ހުވަފަތް އަނބިކަންބަލުންނާ (‏رضي الله تعالى عنهنّ)‏ ކައިވެނިކުރުން ވަނީ ޙަރާމްކުރައްވާފައެވެ. މި ކަމާ ގުޅިގެން، ބަޔާންކުރެވިފައިވާ ގޮތުގައި އެކަނބަލުންނަކީ، މުއުމިނުންގެ މަންމައިންނެވެ.

مُحمَّد رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލުން (‏رضي الله تعالى عنهنّ)‏ ވަނީ، ދުނިޔަވީ އަދި އާޚިރަތާ ބެހޭ ކަންތައްތަކުގައި އެކަލޭގެފާނަށް އެހީތެރިވެ، ކެތްތެރިކަމާ އެކު ފަޤީރުކަން ތަޙައްމަލުކުރައްވައި، ޝުކުރުވެރިވެ އަދި އިސްލާމް ދީން ފެތުރުއްވުމަށް ވަރަށް ބޮޑަށް ޚިދުމަތްކުރައްވާފައެވެ.

ލޭގެ ގުޅުމުން ނުވަތަ ކައިވެނީގެ ގުޅުމުން ތިމާގެވުމުން، ޤިޔާމަތް ދުވަހު ކުރާނެ ފައިދާއެއް ނޯންނާނެ އެވެ. رَسُوْلُ اللهِ ﷺ ގެ ގާތްތިމާގެ މީހުންނަކީ މީގެ އިސްތިސްނާއެކެވެ.

رَسُوْلُ اللهِ ﷺ ގެ ނަންފުޅާ އެކު ނަންގަނެވުމަކީ، މި ދުނިޔެ އާއި، ދެން އަންނަން އޮތް ދުނިޔޭގައި ފައިދާކުރާނެ ކަމެކެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ނަންފުޅާއިގެން ވާ ތެދުވެރި މުއުމިނުން ނަރަކައަކަށް ނުދާނެ އެވެ.

رَسُوْلُ اللهِ ﷺ ގެ ކޮންމެ ބަސްފުޅަކާއި، ކޮންމެ ޢަމަލެއް ޞައްޙަ އެވެ. އެކަލޭގެފާނުގެ ކޮންމެ ޤަރާރަކީ الله تعالى އެ ނިންމެވުން ބަރާބަރުކުރައްވާ ނިންމެވުންތަކެކެވެ.

رَسُوْلُ اللهِ ﷺ ދެކެ ލޯބިވުމަކީ، ކޮންމެ މީހެއްގެ މައްޗަށް فرض އެކެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "الله تعالى ދެކެ ލޯބިވާ މީހާ ތިމަންކަލޭގެފާނު ދެކެ ލޯބިވާނެ އެވެ". އެކަލޭގެފާނު ދެކެ ލޯބިވާ ކަމުގެ ޢަލާމާތަކީ، އެކަލޭގެފާނުގެ ދީނަށާއި، އެކަލޭގެފާނު ދެއްކެވި މަގަށާއި، އެކަލޭގެފާނުގެ ސުންނަތަށާއި، އެކަލޭގެފާނުގެ އަޚްލާޤަށް ޢަމަލުކުރުމެވެ. ކީރިތި قرآن ގައި އެކަލޭފާނު حديثކުރެއްވުމަށް އަމުރުފުޅު ކުރައްވާފައިވެއެވެ. "ތިބާ ތިމަންކަލޭގެފާނަށް ތަބަޢަވާ ނަމަ، الله تعالى ތިބާ ދެކެ ލޯބިވެވޮޑިގަންނަވާނެ އެވެ".

رَسُوْلُ اللهِ ﷺ ގެ أهل البيت ން ދެކެ ލޯބިވުމަކީ ވާޖިބެކެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ أهل البيت ންނާ މެދު ޢަދާވާތްތެރިކަން އިޙްސާސްވާ މީހަކީ މުނާފިޤެކެވެ". އެކަލޭގެފާނުގެ أهل البيت ންނަކީ ޒަކާތް ލިބިގަތުން ޙަރާމްކުރައްވާފައިވާ އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނެވެ. އެއީ، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، އެކަލޭގެފާނުގެ މުނިކާފާފުޅު ހާޝިމްގެ ދަރިކޮޅުން އައިސްތިބި މުއުމިނުންނެވެ. އެއީ، علي، عُقَيلُ، جعفر الطَيَّارُ އަދި عبّاس (‏رضي الله عنهم)‏ ދެ ދަރިފަސްކޮޅެވެ.

رَسُوْلُ اللهِ ﷺ ގެ ހުރިހާ އަޞްޙާބުން ދެކެ ލޯބިވުމަކީ، ވާޖިބެކެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަށް ފަހު، ތިމަންކަލޭގެފާނުގެ އަޞްޙާބުންނާ މެދު ޢަދާވާތްތެރިކަން ނުބާއްވާށެވެ. އެ ބޭކަލުން ދެކެ ލޯބިވުމަކީ، ތިމަންކަލޭގެފާނު ދެކެ ލޯބިވުމެވެ. އެ ބޭކަލުންނަށް ޢަދާވާތްތެރިވުމަކީ، ތިމަންކަލޭގެފާބު ދެކެ ޢަދާވާތްތެރިވުމެވެ. އެ ބޭކަލުންނަށް އަނިޔާދޭ މީހަކީ، ތިމަންކަލޭގެފާނަށް އަނިޔާދޭ މީހުންނެވެ. ތިމަންކަލޭގެފާނަށް އަނިޔާދޭ މީހާއަކީ، الله تعالى އަށް އަނިޔާދޭ މީހެކެވެ. އަދި الله تعالى އަށް އަނިޔާދޭ މީހުންނަށް އެކަލާނގެ ޢަޒާބު ދެއްވާނެއެވެ".

الله تعالى، مُحمَّد رَسُوْلُ اللهِ ﷺ އަށް ޓަކައި އުޑުގައި ދެ އެހީތެރިން އަދި ބިމުގައި ދެ އެހީތެރިން ލެއްވެވި އެވެ. އެއީ، جبريل، ميكائيل، أبوبكرއަދި عُمرُ (‏رضي الله تعالى عنهم أجمعين)‏ އެވެ.10

އެއީ، އަންހެނެއް އަދި ފިރިހެނެއް ކަމުގައި ވިޔަސް، ބާލިޣުވުމަށް ފަހު، މަރުވާ ކޮންމެ މީހަކާ، އެ މީހަކުގެ ކަށްވަޅު ގައި، مُحمَّد رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން ސުވާލުކުރެވޭނެ އެވެ. "ކަލޭ ހައްދަވައި ބޮޑުކުރެއްވި رَبُّ އަކީ ކާކު ތަ"؟ މި ސުވާލާ ޖެހިގެން ކުރެވޭނެ ސުވާލަކީ، "ކަލޭގެ ރަސޫލަކީ ކާކު ތަ"؟ މިއެވެ.

مُحمَّد رَسُوْلُ اللهِ ﷺ ގެ حديث ކިޔުމަކީ އަޅުކަމެކެވެ. حديث ކިޔާ މީހުންނަށް ޘަވާބު ލިބޭނެ އެވެ.

حديث ކިޔުމަށް ޓަކައި، وُضُوء ކޮށް ސާފުތާހިރު ފޭރާން ލައި، ސެންޓު ޖަހައި، حديث ފޮތް ތިމާގެ ހިމަށް ވުރެ މަތީ ގައިވާ އެއްޗެއް ގެ މަތީގައި ބޭއްވުމާއި، حديث ކިޔާ މީހާ، އެތެރެ އަށް އަންނަ މީހުންނަށް ނުތެދުވުމާއި، އަޑުއަހަން ތިބޭ މީހުން އެކަކު އަނެކަކާ ވާހަކަ ނުދެއްކުމަކީ މުސްތަޙައްބު (‏ސުންނަތްކަން ގަދަވެގެންވާ)‏ ކަމެކެވެ. حديث ކިޔާ މީހުންގެ މޫނުތައް އަބަދު ހުންނާނީ، އުޖާލާކޮށް، އަލިކޮށް އަދި ރިވެތިކޮށެވެ. ހަމަ މި އަދަބުތައް، ކީރިތު ޤުރްއާން ކިޔާވާ އިރު ވެސް ހިފަހައްޓަންވާނެ އެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ފުރާނަފުޅު ހިތްޕެވުމަށް عزرائيل (‏عليه السّلام)‏ ވަޑައިގަތީ އިންސާނެއްގެ ޞޫރައިގައެވެ. ވެންނެވުމަށް އެކަލޭގެފާނު ހުއްދަ ހޯއްދެވި އެވެ.

އަހަރެމެންނަށް ނޭނގޭ ދިރުއްވުމަކުން رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ކަށްވަޅު ގައި ދިރިހުންނެވި އެވެ. އެކަލޭގެފާނުގެ ކަށްވަޅު ގައި އެކަލޭގެފާނު ކީރިތި ޤުރްއާން ކިޔަވާވިދާޅުވެ، ނަމާދުކުރައްވައެވެ. (‏ހުރިހާ ނަބީން ވެސް މިހެންނެވެ.)‏

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔަވާ އަޑު މަލާއިކަތުންނަށް އަޑުއިވި، އެކަލޭގެފާނުގެ ކަށްވަޅު ގައި އެ ޚަބަރު ދެއްވައެވެ. ކޮންމެ ދުވަހަކު ވެސް އެކަލޭގެފާނުގެ އަރިހަށް އެތަކެއް ހާސް މަލާއިކަތުން ޒިޔާރަތްކުރައްވައެވެ.

ގެފުޅާއި، ސުވަރުގެތައް ވެސް ހިމެނޭ ގޮތަށް، رَسُوْلُ اللهِ ﷺ ގެ މަހާނައިގައި ވާ ފަސްގަނޑަކީ އެހެން އެއްވެސް ތަނަކަށް ވުރެ މާ އަގުހުރި ފަސްގަނޑެކެވެ.

ކޮންމެ ހެނދުނަކާއި، ކޮންމެ ހަވީރަކު، އެކަލޭގެފާނުގެ އުއްމަތުގެ މީހުން ކުރާ ޢަމަލުތަކާއި، އަޅުކަންތައް އެކަލޭގެފާނަށް ދެއްކެވެއެވެ. މިސްތަކުން ޢަމަލުތައް ކުރާ ތަން އެކަލޭގެފާނަށް ފެނިވަޑައިގަނެ، ފާފަވެރިންނަށް ޢަފޫކޮށްދެއްވުމަށް ދުޢާކުރައްވައެވެ.

رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އަށް ޒިޔާރަތްކުރުމަކީ އަންހެނުންގެ މައްޗަށް ވެސް މުސްތަޙައްބު ކަމެކެވެ. އެހެން މަޤްބަރާތަކަށް ޒިޔާރަތްކުރުމަށް އަންހެނުންނަށް ހުއްދަވެގެންވަނީ، އެތަނެއް ގައި ފިރިހެނުން ނުތިބޭ އިރު ގައްޔާއި، މުސްލިމަކަށް މުނާސަބު ހެދުމުގައެވެ.

رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، އަދި އެކަލޭގެފާނު ދިރިހުންނެވި އިރު، އެކަލޭގެފާނަށް تَوَسُّلކުރާ މީހުން، މާނައަކީ، އެކަލޭގެފާނަށް ޓަކައި ކޮންމެ ތަނެއް ގައި އަދި އަދި ކޮންމެ ވަޤުތެއް ގައި ދަންނަވައި ކުރާ ދުޢާތައް الله تعالى އިޖާބަކުރައްވަތެވެ.

އެއް ދުވަހަކު، ރަށްފުށު މީހަކު އެކަލޭގެފާނުގެ މަޤްބަރާ އަށް ޒިޔާރަތްކޮށްފައި، ބުންޏެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާންކޮ! އިބަރަސްކަލާނގެ އަމުރުފުޅުކުރެއްވީ އަޅުން މިނިވަންކުރުމަށެވެ. މިއީ، އބަރަސްކަލާނގެ އަޅުންގެ ތެރެއިން އަޅެކެވެ. އިބަ ރަސްކަލާނގެ ރަސޫލާ އަށް ޓަކައި، ނަރަކައިގެ އަލިފާނުން އަޅާ މިނިވަންކޮށްދެއްވާދޭވެ"! އަޑެއް އިވުނެވެ. "ތިމަން ރަސްކަލާނގެ އަޅާއެވެ! ހަމައެކަނި ތިބާ މިނިވަންވުމަށް އެދުނީ ކީއްވެގެން ހެއްޔެވެ؟ ތިމަން ރަސްކަލާނގެ ހުރިހާ އަޅުން މިނިވަންވުމަށް ނޭދުނީ ކީއްވެގެން ހެއްޔެވެ؟ މިހާރު ދާށެވެ. ތިމަން ރަސްކަލާނގެ ތިބާ ނަރަކައިން މިނިވަންކޮށްފީމެވެ.

މަޝްހޫރު ވަލީވެރިންގެ ތެރޭގައި ހިމެނޭ حاتم العصام بلهي ގެ މަޤްބަރާ ކައިރީގައި ކޮޅަށް ހުންނަވާ ވިދާޅުވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އިބަރަސްކާލނގެ ރަސޫލާގެ މަޤްބަރާ އަށް އަޅުގަނޑު ޒިޔާރަތްކުރީމެވެ. ހުސްއަތާ އަޅުގަނޑު އަނބުރާ ފޮނުއްވާނުލައްވާށެވެ". ދެން އަޑެއް އިވުނެވެ. "އޭ ތިމަން ރަސްކަލާނގެ އަޅާ އެވެ! ތިމަންރަސްކާލނގެ ލޮބުވެތި ރަސޫލާގެ މަޤްބަރާ އަށް ތިބާ ކުރި ޒިޔާރަތް ތިމަންރަސްކަލާނގެ ޤަބޫލުކުރައްވައިފީމެވެ. ތިބާ އަށާއި، ތިބާ އާ އެކު ޒިރަތްކުރި މީހުންނަށް ތިމަންރަސްކާލނގެ ޢަފޫކޮށްދެއްވައިފީމު އެވެ".

الإمام أحمد قسطلاني (‏رحمه الله)‏ ރިވާކުރައްވާފައި ވެއެވެ. "އެތަކެއް އަހަރެއް ވަންދެން އަހަންނަށް ބައްޔެއް ޖެފިފައި ވީމެވެ. ޑޮކްޓަރުންނަށް ފަރުވާއެއް ނުހޯދުނެވެ. އެއް ރޭ މައްކާ ގައި، އަހަރެން رَسُوْلُ اللهِ ﷺ އަށް ތެދުވެރިކަމާ އެކު އާދޭސް ދަންނަވައިފީމެވެ. އެ ރޭ އަހަންނަށް ހުވަފެނުގައި ބޭކަލަކު ފެނުނެވެ. އޭނާގެ އަތުގައި އޮތް ކަރުދާސް ގަނޑެއްގައި ލިޔެވިފައި ވިއެވެ ' رَسُوْلُ اللهِ ﷺ ގެ އިޒުނަފުޅާ އެކު، أحمد قسطلاني ގެ ބަލީގެ ބޭސް މިއޮތީ ލިޔެވިފައެވެ". އަހަންނަށް ނިދިން ހޭޅެވުނު އިރު، ބަލިން ވަނީ ރަނގަޅުވެފައެވެ".

އަދި ވެސް قسطلاني ރިވާކުރައްވާފައި ވެއެވެ. "އަންހެން ކުއްޖަކަށް އެޕިލެޕްސީ ބަލި ޖެހިފައި ވިއެވެ. އެ ކުއްޖާގެ ބަލީގެ ޝިފާލިބުމަށް އެދި ޝަފާޢަތް ދެއްވުމަށް އަހަރެން رَسُوْلُ اللهِ ﷺ އަށް ވަރަށް އާދޭހާ އެކު ދެންނެވީމެވެ. އަހަރެންގެ ނިދީގައި، އެ އަންހެން ކުއްޖާ އަށް ބަލިޖެއްސި ޖިންނި އަހަންނާ ހަމަޔަށް ކޮންމެވެސް މީހަކު ގެނެސްދީފި އެވެ. އަދި ބުންޏެވެ. 'ތިބާ އާ ހަމަޔަށް އޭނާ ފޮނުއްވީ رَسُوْلُ اللهِ ﷺ އެވެ'. އަހަރެން އެ ޖިންނި އާ ދިމާލަށް އަޅޭލައްވައި، އެއްޗެހި ގޮވީމެވެ. އެ އަންހެން ކުއްޖާ އަށް ދެން ގެއްލުމެއް ނުދޭނެ ކަމަށް އެ ޖިންނި ހުވާކުރި އެވެ. ދެން އަހަރެން ހޭލައފީމެވެ. އަހަންނަށް ޚަބަރު ލިބުނީ، އެ އަންހެން ކުއްޖާ ބަލިން ރަނގަޅުވެއްޖެ ކަމަށެވެ".

ޤިޔާމަތް ދުވަހު، ކަށްވަޅުން އެންމެ ފުރަތަމަ ތެދުވެވަޑައިގަންނަވާނީ مُحمَّد رَسُوْلُ اللهِ ﷺ އެވެ. އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނަވާނީ ސުވަރުގޭގެ ފޭރާމެވެ. އެކަލޭގެފާނު މަޙްޝަރު ބިމަށް ވަޑައިގަންނަވާނީ ބުރާޤަށް ސަވާރުވެވަޑައިގެން، އެކަލޭގެފާނުގެ އަތްޕުޅުން "لِوَاءُ الحَمدُ" އޭ ކިޔުނު ދިދައުފުއްލަވައިގެންނެވެ. ނަބީންނާއި، ހުރިހާ މީސްތަކުން ކޮޅަށް ތިބޭނީ މި ދިދައިގެ ދަށުގައެވެ. އެތާނގައި އެއް ހާސް އަހަރު އިންތިޒާރުގައި ތިވެތިވެ އެ މީހުން ވަރުބަލިވާނެ އެވެ. މީސްތަކުން، ރަސޫލުން ކަމުގައިވާ آدم، نوح، موسى، އަދި عيسى (‏عليهم السّلام)‏ ގެ އަރިހަށް ފަހަރު ބޭކަލެއްގެ އަރިހަށް ގޮސް ޙިސާބު ބެއްލެވުން އަވަސްކޮށްދެއްވުން އެދި ދެންވުމަށް އެދޭނެ އެވެ. ކޮންމެ ރަސޫލަކު ވެސް އެކަމުން ޢުޒުރުވެރުވެ، އެ ބޭކަލުން الله تعالى އަށް ލަދުވެތިވެ ބިރުވެތިވާ ކަމަށް ވިދާޅުވެ ޝަފާޢަތްތެރިވުމުން ބަރީއަވެއެވެ. ދެން އެ މީހުން مُحمَّد رَسُوْلُ اللهِ ﷺގެ އަރިހަށް ގޮސް އާދޭސް ދެންނެވުމުން، އެކަލޭގެފާނު ސަޖިޖަ ޖައްސަވައި، ދުޢާކުރައްވައި، އެކަލޭގެފާނުގެ ޝަފާޢަތްތެރިކަން ޤަބޫލުކުރައްވާނެ ތެވެ. އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެކަލޭގެފާނުގެ އުއްމަތުގެ މީހުންނެވެ؛ ޞިރާޠު ގެ ފާލަން ފުރަތަމަ ހުރަސްކޮށް، އެންމެ ފުރަތަމަ ސުވަރުގެ ވަންނާނީ އެ މީހުންނެވެ. އެ މީހުން ދާ ކޮންމެ ތަނެއް އެމީހުން ދާނީ އަލިކުރަމުންނެވެ.

فاطمة (‏رضي الله عنها)‏ صراط ހުރަސްކުރައްވާ އިރު ބުނާ އަޑު އިވޭނެ އެވެ. "އެންމެން ލޯތައް މަރާށެވެ! مُحمَّد رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން އެބަ ދުރުވެއެވެ.".

ސުވަރުގޭގައި مُحمَّد رَسُوْلُ اللهِ ﷺ ހުންނަވާނެ ދަރަޖައިގެ ނަމަކީ وسيِلَة އެވެ. އެ ގަހެއްގެ ގޮފިތަކުން ސުވަރުގޭގައިވާ ކޮންމެ މީހަކަށް ހިޔާއެޅޭ صِراطُ المُنتَهَى ގަހުގެ މޫ ވަނީ އެތާނގައެވެ. އެ ގޮފިތަކުން ސުވަރުގޭގައިވާ މީހުންނަށް ނިޢުމަތްތައް ލިބޭނެ އެވެ.

"ރަސޫލު ކަމަކީ، އުފަންވެފައިވާ އަޅަކަށް ވުމަށް އެދެމެވެ".
حديث الشّريف

آدم (‏عليه السّلام)‏ ގެ ދުވަސްވަރު ގޮވާއުޅުނު آذان ގައި مُحمَّد رَسُوْلُ اللهِ ﷺ ގެ ނަންފުޅު ހިމެނެއެވެ.

توراة އާއި، إنجيل އަދި زَبُور ގައި، مُحمَّد رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ ޚަލީފާއިން (‏أبو بكر، عُمرُ، عُثمان އަދި عَلِي)‏ ނާއި، އެކަލޭގެފާނުގެ އަޞްޙާބުންނާއި އެކަލޭގެފާނުގެ އުއްމަތުގެ ބައެއް މީހުންނަށް މަދަޙަ އާއި، ޘަނާ ކިޔާފައިވާ އާޔަތްތައް ހިމެނެއެވެ. الله تعالى "مُحَمَّدُ" މިނަން ޚުދު އެކަލާނގެ އިސްމުފުޅެއް ކަމުގައިވާ "مَحمُودُ" އިން ނެރުއްވައި، އެކަލާނގެ حبيب ގެ ނަންފުޅެއްގެ ގޮތުގައި ދެއްވި އެވެ. ހަމަ އެހެންމެ، ވަނީ އެކަލާނގެ އިސްމުފުޅުތަކުގެ ތެރެއިން "رَؤُوفُ" އާއި "رَحِيمُ" މި ނަންތައް ވެސް އެކަލާނގެ حبيب އަށް ދެއްވަވާފައެވެ.

މަލާއިކަތުން ވަނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ތިން އަހަރު ގަޔާއި، ޢުމުރުފުޅުން ސާޅީސް އަހަރު ގައި ރަސޫލުކަމުގެ ޚަބަރު ދެއްވުނު އިރުގަޔާއި، ޢުމުރުފުޅުން ފަންސާސް ދެ އަހަރުގައި މިޢުރާޖަށް އަރާވަޑައިގެންނެވި އިރުގައި، އެކަލޭގެފާނުގެ މޭފުޅު ފަޅާލައްވާފައެވެ. އެ ބޭކަލުން ވަނީ އެކަލޭގެފާނުގެ ހިތްޕުޅު ނަންގަވައި، އެ ހިތްޕުޅު އެ ބޭކަލުން ގެންނެވި ސުވަރުގޭގެ ކަންވާރެއް ގައި ސުވަރުގޭގެ ފެނުން ދޮވެލައްވާފައެވެ.

رَسُوْلُ اللهِ ﷺ އަށް، ކޮންސްޓަލޭޝަން ޓައުރަސް ގައިވާ ސުރައްޔާ ނަމަކަށް ކިޔޭ ހަތް ތަރީގެ ބައިގަނޑެއް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. މި ތަރީގެ ބައިގަނޑަށް "ސެވަން ސިސްޓަރސް" އޭ ވެސް ކިޔެއެވެ.

ޙިޖާމާ އަށް ފަހު رَسُوْلُ اللهِ ﷺ ގެ ލޭފޮދު ބައެއް މީހުން ބޮއެފިއެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެ މީހަކު ނަރަކައިގެ އަލިފާނުން ނައަނދާނެއެވެ".

رَسُوْلُ اللهِ ﷺ ގެ އެންމެ ބޮޑު އެއް މުޢުޖިޒާތަކީ، އެކަލޭގެފާނު މިޢުރާޖަށް އަރާވަޑައިގަތުމެވެ. ސުވަރުގޭގެ ސަވާރީއެއް ކަމުގައިވާ މުރާޤަށް ސަވާރުވެވަޑައިގެން، އެކަލޭގެފާނު މައްކާ އިން ޤުދުސް އަށް ގެންދެވުނެވެ. އަދި އޭގެ ފަހުން މައްޗަށް އުޑަށާއި عرش އާ ހަމަޔަށް އުފުއްލެވި އެވެ. އެތާނގައި އާދަޔާޚިލާފު ކަންތައްތައް އެކަލޭގެފާނަށް ދެއްކެވި އެވެ. ނޭނގޭ ގޮތަކަށް (‏އެ ދެކިލެއްވުން ހިނގާފައިވަނީ މާއްދީ ދުނިޔެއިން ބޭރުން އާޚިރަތުގައި)‏ އެކަލޭގެފާނަށް ގަދަކީރިތިވަންތަ الله تعالى ފެނިވަޑައިގަތެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަލޭގެފާނު އަނބުރާ ގެއަށް ގެނެވުނެވެ. އެހެން އެއްވެސް ރަސޫލަކަށް މިޢުރާޖުގެ މުޢުޖިޒާތް ދެއްވާފައެއް ނުވެއެވެ.

ޢުމުރުން އެއް ފަހަރު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި، ސަލާމް ކިޔެވުން، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ވާޖިބުކުރެއްވި އެވެ. އެކަލޭގެފާނުގެ މައްޗަށް الله تعالى އާއި، މަލާއިކަތުން ވެސް ޞަލަވާތާއި ސަލާމް ކިޔުއްވައެވެ.

ރޭގަނޑު ނިދުމުގެ ތެރޭގައި އަދި ހޭލައްވާ ހުންނަވާ އިރު ވެސް، މީހަކާ އެކު ހުންނާ އިރު އަދި ގިނިކަންޏާ ހުންނަވާ އިރު، ދަތުރުމަތީގަޔާއި، ގޭގަޔާއި، ހަނގުރާމައިގަޔާއި، ހިނިވަރުނަކުރައްވާ އިރުގަޔާއި، ކީރިތިކުރައްވާ އިރު ވެސް އެކަލޭގެފާނުގެ ބަރަކާތްތެރި ހިތްޕުޅު އަބަދު ވެސް ވަނީ الله تعالى އާ އެކުގައެވެ. ބައެއް ފަހަރު ތަކުގައި އެކަލޭގެފާނު ހަމައެކަނި ވީ الله تعالى ގެ ޙަޟްރަތުގައެވެ.

އެކަލޭގެފާނުގެ ދުނިޔަވީ ވާޖިބުތައް ފުރިހަމަކުރެއްވުމަށާއި، އެކަލޭގެފާނުގެ ހިތްޕުޅު އިންސާނުންގެ ދުނިޔެއަށް އަނބުރާލެއްވުމަށް ޓަކައި، އެކަލޭގެފާނުގެ އަނބިކަނަބަލުން عائشة (‏رضي الله عنها)‏ ގެ ގާތަށް ވަޑައިގެން حديث ކުރެއްވި އެވެ. "އޭ عائشة އެވެ! ތިމަންކަލޭގެފާނާ ކުޑަކޮށް ވާހަކަދައްކާށެވެ (‏އޭރުން ތިމންކަލޭގެފާނުގެ އަޞްލު ޒާތަށް އެނބުރި ރުޖޫޢަވާނެ އެވެ)‏". ދެން އޭގެ ފަހުން، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ ބައްދަލުކުރައްވައި، އެ ބޭކަލުންނަށް އިރުޝާދުދެއވައި މަގުދެއްކެވުމަށް ބޭރަށް ނުކުންނެވި އެވެ. ގެކޮޅު ގައި ފަތިސް ނަމާދުގެ ސުންނަތް ނަމާދު (‏މުސްލިމުންގެ މައްޗަށް ކުރުން ލާޒިމުނުވާ ސުންނަތް)‏ ކުރެއްވުމަށް ފަހު، عائشةގެފާނާ ކުޑަކޮށް ވާހަކަދެއްކެވުމަށް ފަހު، އެކަލޭގެފާނުގެ އަޞްހާބުންނާ އެކު ފަތިސް ނަމާދު ޖަމާޢަތުގައި އިމާމު ފަރުޟު ނަމާދުކުރެއްވުމަށް ވަޑައިގަތެވެ. އެކަލޭގެފާނު عائشةގެފާނާ ވާހަކަނުދައްކަވައި ފަތިސް ނަމާދަށް ވަޑައިގަންނަވާ ނަމަ، އެކަލޭގެފާނުގެ މޫނުފުޅު ގައިވާ އިލާހީ ބަރަކާތާއި، ނޫރުގެ އަލިކަން ގަދަކަމުން އެއްވެސް މީހަކަށް އެކަލޭގެފާނުގެ މޫނުފުޅާ ދިމާލަށް ބައިލާކަށް ނުކެރެނޭނެ އެވެ.

މަތީ ދަރަޖައާއި، މިނިވަންކަމަށް އެދިވަޑައިގަތުމުގެ ބަދަލުގައި، އެކަލޭގެފާނު އިސްކަންދެއްވީ، ރަސޫލުކަމަށާއި، ފަޤީރު ކަމަށެވެ. އެއް ދުވަހެއްގެ ހެނދުނު، جبريل (‏عليه السّلام)‏ އާ ވާހަކަދެއްކެވުމުގެ ތެރޭގައި، އެކަލޭގެފާނު ވިދާޅުވީ އޭގެ ކުރީ ރޭ ކާނެ އެތިކޮޅެއް ނުލިބުނު ކަމަށެވެ. އެ ވަގުތު، إسرافيل (‏عليه السّلام)‏ ވަޑައިގެން ވިދާޅުވި އެވެ. "ކަލޭގެފާނު ވިދާވި އެއްޗެއް الله تعالى އަޑުއައްސަވައި، އަޅުގަނޑު ފޮނުއްވީ އެވެ. ކަލޭގެފާނު ބޭނުންފުޅުވާ ނަމަ، ކަލޭގެފާނު ބީހިލައްވާ ކޮންމެ ހިލަގަނޑެއް ރަނާއި، ރިހި ނުވަތަ ޒުމައްރަދަށް ބަދަލުކުރެއްވީހެވެ. ކަލޭގެފާނު ބޭނުންފުޅުވާ ނަމަ ކަލޭގެފާނުގެ ރަސޫލުކަން ހާކިމެއްގެ ގޮތުގައި ވެސް ކުރިޔަށް ގެންދެވިދާނެ އެވެ". ތިން ފަހަރު ތަކުރާރުކުރައްވައި حديث ކުރެއްވި އެވެ. "ރަސޫލު ކަމަކީ، އުފަންވެފައިވާ އަޅަކަށް ވުމަށް އެދެމެވެ".

އެހެން ރަސޫލުން (‏عليهم الصلوات و التسليمات)‏ ނަކީ، ވަކި ދުވަސްވަރަކަށް އަދި ވަކި ޤައުމުތަކަކަށް ފޮނުއްވި ބޭކަލުންނެވެ. مُحمَّد رَسُوْلُ اللهِ ﷺ ފޮނުއްވުނީ، ހުރިހާ އިންސާނުންނަށާއި ޖިންނީންގެ މައްޗަށް ޢިޔާމަތާ ހަމަޔަށެވެ. ބައެއް ޢިމްލުވެރިން ވިދާޅުވާ ގޮތުގައި، އެކަލޭގެފާނަކީ، މަލާއިކަތުންނާއި، ޖަނަވާރުންނާއި، ގަސްގަހާގެއްސާއި، ދިރުންނެތް ތަކެތީގެ، ކުރުކޮށް ބުނާ ނަމަ ހުރިހާ މަޚްލޫޤުތަކުންގެ ރަސޫލާ އެވެ.

އެކަލޭގެފާނުގެ އޯގާތެރިކަމާއި، އިޙްސާންތެރިކަން ހުރިހާ ދިރުންތަކަށް ފޯރައެވެ. މުއުމިނުންނަށް ހުރި އެކަލޭގެފާނުގެ އިޙްސާންތެރިކަން ވަރަށް ސާފެވެ. އެހެން ރަސޫލުން (‏عليهم الصّلوات والسّلام)‏ ގެ ޒަމާންތަކުގައި ކާފަރުންނަށް މި ދުނިޔޭގައި ޢަޒާބުދެއްވައި ހަލާކުކޮށްލެއްވި އެވެ. مُحمَّد رَسُوْلُ اللهِ ﷺ އަށް ކާފަރުވި މީސްތަކުންނަށް ދުނިޔޭގައި ޢަޒާބެއް ނުދެއްވައެވެ. އެއް ދުވަހަކު، އެކަލޭގެފާނު جبريل (‏عليه السّلام)‏ އާ ސުވާލުކުރެއްވި އެވެ. "ތިމަންކަލޭގެފާނަކީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި الله تعالى ކަނޑައަޅުއްވައިފި އެވެ. ތިމަންކަލޭގެފާނުގެ ރަޙްމަތުގެ ޙިއްޞާއެއް ތިބާ އަށް ލިބިއްޖެ ހެއްޔެވެ". جبريل (‏عليه السّلام)‏ ޖަވާބު ދެއްވި އެވެ. "الله تعالى ގެ މަތިވެރިކަމާއި، މަލަކޫލިއްޔަތުގެ ކުރިމަތީގައި އަހަރެން އަބަދު ވެސް އަހަރެންގެ ޤަޟާޤަދަރާ މެދު ބިރުވެތިވީމެވެ. އަޅުގަނޑު ކަލޭގެފާނާ ހަމަޔަށް އަޅުގަނޑަކީ އަމާނާތްތެރިއެއް ކަމަށް ބަޔާންކުރައްވައި ކީރިތި قرآن ގެ سورة التكوير ގެ 20 އަދި 21 ވަނަ އާޔަތް ގެނެސްދިނުމުން އަޅުގަނޑަށް ތަސައްލީއެއް ލިބި އަމާންކަން އިޙްސާސްކުރެވެން ފެށި އެވެ. މިއަށް ބުރެ ބޮޑު ރަޙްމަތެއް ވޭ ތޯ އެވެ"؟

الله تعالى އިރާދަކުރެއްވީ مُحمَّد رَسُوْلُ اللهِ ﷺ ފުރިހަމަޔަށް ހިތްހަމަޖެހިވަޑައިގެން ހުންނެވުމުގެ އިޙްސާސްކުރެއްވުމަށެވެ. (‏35 ވަނަ ޞިފަފުޅުގެ ދަށުން ބަޔާންކުރެވިފައިވާ ފަދައިން، އެކަލޭގެފާނު ބޭނުންފުޅުވާ ކޮންމެ ކަމެއް، އެކަލޭގެފާނު ހިތްހަމަޖެހިވަޑައިގަންނަވަންދެން الله تعالى ދެއްވާނެ އެވެ. މި ޙަޤީޤަތް ވަނީ سورة الضُّحَى ގައި ބަޔާންކުރައްވާފައެވެ.)‏

مَواهبُ اللّدُنيَا މި ފޮތުގައި ލިޔެވިފައިވާ ފަދައިން، ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ ޙަދީޘެއް ގައި ވެއެވެ. "ތިމަންކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި رَبُّ ގެ އަރިހުން އެދި ދެންނެވީ، ތިމަންކަލޭގެފާނުގެ އުއްމަތް ދަލާލަތު (‏ނުބައިކަމެއް، މަގުއޮޅުން، ބިދުޢަ)‏ ގައި އެއްބައިވަންތަ ނުވުމަށެވެ. އެކަލާނގެ އެ އެދުން ޤަބޫލުފުޅުކުރެއްވި އެވެ".

އެހެން ޙަދީޘެއް ގައި އައިސްފައިވެއެވެ. "الله تعالى ވަނީ ތިބާ ތިން ކަމަކުން ރައްކާތެރިކުރައްވާފައެވެ.: ފުރަތަމަ އަށް، އެކަލާނގެ ވަނީ ދަލާލަތުގެ މައްޗަށް އެއްބައިވުމުން ތިބާ ރައްކާތެރިކުރައްވާފައެވެ. ދެ ވަނަ އަށް، ގައިން ގަޔަށް އަރާ ބައްޔެއް ޖެހި މަރުވާ މުސްލިމަކަށް ޝަހީދެއްގެ ޘަވާބު ލިބޭ ހުއްޓެވެ. ތިން ވަނަ އަށް، މުސްލިމެއްގެ ރަނގަޅު ކަމާ މެދު ޞާލިޙު ދެ މުސްލިމުން ހެކިވާ ނަމަ، އެ މުސްލިމަކު ދާނީ ސުވަރުގެ އަށެވެ".

ޙަދީޘެއް ގައި ވެއެވެ. "އަސްޙާބުންގެ މެދުގައިވާ ރައުޔުގެ ތަފާތަކީ، ތިބާ އަށް ލިބިފައިވާ ރަޙްމަތެކެވެ.". އަދި "އުއްމަތުގެ މެދުގައިވާ ރައުޔުގެ ތަފާތަކީ، (‏އަޅުކަންތަކާ ބެހޭގޮތުން މަޛްހަބުތަކަށް ބައިވެގެން ދިއުން)‏ ލިބިފައިވާ ރަޙްމަތެކެވެ". އެކަލޭގެފާނުގެ އުއްމަތް ތެދާއި، ޞައްޙަ ގޮތް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ އިރު، ތަފާތު ރައުޔުތައް އުފެދެއެވެ. އެ މީހުންގެ އިޖްތިހާދުތަކުން (‏الله تعالى ގެ)‏ ރަޙްމަތް ލިބެއެވެ. ދެ ވައްތަރެއްގެ މީހުން މި حديث އިންކާރުކޮށްފައި ވެއެވެ.: އެއް ވައްތަރަކީ، ماجن އެވެ. ދެ ވަނަ ވައްތަރަކީ مُلحِد އެވެ. ماجن އަކީ، ދުނިޔަވީ މަންފާ ހޯދުމަށް ޓަކައި ދީން ބޭނުންކުރާ ޙީލަތްތެރި މީހާ އެވެ. އަދި مُلحِد އަކީ، ކީރިތި قرآن ގެ އާޔަތްތައް އޭނާގެ ދުނިޔަވީ އެދުންތަކާ އެއްގޮތަށް މާނަކޮށްގެން ކާފަރަކަށް ވެފައިވާ ޒިންދީޤެކެވެ. يحيى بن ساعد ވިދާޅުވެފައިވަނީ، "އިސްލާމީ ޢިލްމުވެރިންނަކީ، މަގުފަހިކޮށްދޭ މީހުންނެވެ. އެއިން ޢިލްމުވެރިޔަކު ކަމެއް (‏ޢަމަލެއް، ސުލޫކެއް ފަދަ)‏ ޙަލާލު ކަމަށް ވިދާޅުވާ އިރު، އެހެން ޢިލްމުވެރިޔަކު އެއީ ޙަރާމް ކަމަށް ވިދާޅުވެއެވެ. ހެޔޮލަފާ މީހުންނަށް އެކަމެއް ޙަލާލު ކަމަށް ވިދާޅުވެފައި، ފަސާދައިގެ ވަގުތުގައި ޙަރާމް ކަމަށް ވިދާޅުވެފައި ވެއެވެ".

އިސްވެދިޔަ حديث ތަކުން ދައްކުވައިދެނީ ޢިލްމުވެރިންގެ އިޖްމާޢަކީ، أَدِلَّةُ الشَّرعِيََة ގެ އެއްބައި ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެއީ، އިސްލާމް ދީނުގައި މަޢްރިފާގެ ހަތަރު މަޞްދަރުގެ ތެރެއިން އެއް މަޞްދަރެވެ. ތަފާތު ހަތަރު (‏ގޮތްތައް، ނުވަތަ އިސްލާމް ދީނުގެ ގޮތްތައް ކަމަށް ކިޔޭ)‏ މަޒްހަބަކީ ތެދެވެ. މަޒްހަބުތަކަކީ، މުސްލިމުންނަށް الله تعالى ދެއްވާފައިވާ ރަޙްމަތެކެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްލެއްވިގެންވާ ދަރިކަނބަލުންނާއި، އަނބިއަނބިކަނބަލުންނަކީ (‏رضي الله تعالى عنهُنّ)‏ ދުނިޔޭގައިވާ އެންމެ މަތިވެރި އަންހެނުންނެވެ. އަދި އެކަލޭގެފާނުގެ ހުރިހާ އަޞްޙާބުންނަކީ، ހުރިހާ އެންމެންގެ ތެރެއިން، ނަބީން ފިޔަވައި، އެންމެ މަތިވެރި މީހުންނެވެ. އެކަލޭގެފާނުގެ ސިޓީތައް ކަމުގައިވާ مكّةُ المُكَرَّمَة އާއި، مَدِينةُ المُنوَّرَة އަކީ ބިންމަތީގައިވާ އެންމެ އަގުހުރި ތަންތަނެވެ. އެކަލޭގެފާނުގެ مسجدُ الشَّريف ގައި ކުރެވޭ އެއް ރަކްޢަތަށް އެއް ހާސް ރަކްޢަތުގެ ޘަވާބު ދެއްވާނެތެވެ. އެހެން އަޅުކަންތައް ވެސް އެހެންނެވެ. އެކަލޭގެފާނުގެ މަޤްބަރާ އާއި އެކަލޭގެފާނުގެ މިންބަރާ ދެމެދު ވަނީ ސުވަރުގޭގެ ބަގީޗާއެކެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނަށް ޒިޔާރަތްކުރާ މީހާ ތިމަންކަލޭގެފާނު ދިރިހުންނަވަނިކޮށް ޒިޔާރަތްކުރުން ފަދައެވެ. ދެ ޙަރަމުން ކުރެ ޙަރަމެއް ގައި މަރުވާ މުއުމިނާ އަލުން ދިރުއްވޭނީ، ޤިޔާމަތް ދުވަހު ރައްކާތެރިކަމުގެ އިޙްސާސާ އެކުގައެވެ". މައްކާ އާއި މަދީނާ އާ ދެ ސިޓީ އަށް ކިޔެނީ "الحَرَمَين" އެވެ.

ކޮންމެ މީހެއްގެ ދަރިފަސްކޮޅު ދެމިގެންދަނީ އެ މީހުންގެ ފިރިހެން ދަރިން ފަރާތުންނެވެ. مُحمَّد رَسُوْلُ اللهِ ﷺ ގެ ދަރިފަސްކޮޅު ދެމިގެންއަންނަނީ އެކަލޭގެފާނުގެ ދަރިކަނބަލުން فاطمةގެފާނުގެ ފަރާތުންނެވެ. މި ޙަޤީޤަތް ވަނީ ޙަދީޘެއް ގައި ބަޔާންކުރައްވާފައިވެއެވެ.

ކޮންމެ އިންސާނަކަށް ވެސް ޖިންނީންގެ އެކުވެރިޔަކު ވެއެވެ. އިބްލީހަކީ ކާފަރެކެވެ. އޭތި އަބަދުވެސް ވަސްވާސް (‏ބިރުވެރިކަން، ޝައްކު)‏ ދީ، މީހާގެ އީމާންކަން އޭނާގެ ކިބައިން ނިގުޅައިގަނެ، އޭނާ ފާފަތަކަށް އަރައިގަތުމަށް މަސައްކަތްކުރަމުންދެއެވެ.

رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމުގެ ވަގުތު ކުޑަތަންވަމުން ދިޔަ އިރު، جبريل (‏عليه السّلام)‏ ވަޑައިގެން، الله تعالى ގެ ސަލާމް ރައްދުކޮށްދެއްވާފައި، އެކަލޭގެފާނުގެ ޙާލު ކިހިނެއްތޯ ސުވާލުކުރެއްވި އެވެ. جبريل ގެފާނު ވިދާޅުވީ، އެކަލޭގެފާނުގެ މަރު ގާތްވެއްޖެ ކަމަށެވެ. ދެން، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އުއްމަތާ ބެހޭގޮތުން އުފާވެރި ގިނަ ޚަބަރުތައް ދެއްވި އެވެ.

ކަލޭގެފާނުގެ ފައިންޕުޅުގެ ހިރަފުސް އަޅުގަނޑު ދުނިޔެއަށް ޓަކައި ނުދޭނަމޭ، މާތް ﷲ ގެ ރަސޫލާއޭ!
ކަލޭގެފާނުގެ އިސްތަށްޓެއް ހަތް އުޑަށް ޓަކައި އަޅުގަނޑު ނުވިއްކާނަމޭ، މާތް ﷲގެ ރަސޫލާއޭ!
ޞިއްދީޤުގެ އެދުމަކީ ތިބާގެ އެއް ކުށޭ، މާތް ﷲގެ ރަސޫލާއޭ!
އިރުފާންގެ އުއްމީދަކީ ތިބާގެ ފައިންޕުޅުގެ ހިރަފުހަށް ވުމޭ، މާތް ﷲގެ ރަސޫލާއޭ!