ލޮބުވެތި ރަސޫލާ

އާޚިރަތުގެ ޙަޔާތް

އާޚިރަތުގެ ޙަޔާތް ފެށެނީ މަރުވާ ވަގުތުން ފެށިގެން

މަރުވުމުގެ މާނަ އަކީ، ވުޖޫދުވުން ނިމުމެއް ނޫނެވެ. މަރަކީ، ވުޖޫދުވުން ހުއްޓުވާ ޙާދިޘާއެއް ނޫނެވެ. މަރަކީ، ފުރާނަ އާ ހަށިގަނޑާ ވާ ގުޅުން ނިމުމެވެ. އެއީ، ފުރާނަ ހަށިގަނޑު ދޫކޮށްލުމެވެ. މަރަކީ، އިންސާނާ އެއް ޙާލަތުން އަނެއް ޙާލަތަކަށް ބަދަލުވުމެވެ. އެއީ، އެއް ގެއިން އަނެއް ގެއަށް ބަދަލުވުމެވެ. عمر بن عبدالعزيز (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "ތިބާ ޚަލްޤުކުރައްވާފައިވަނީ އަބަދަށް، ނިމުމެއްނުވާ ގޮތަށެވެ. ހަމައެކަނި ތިބާ އެއް ގެއިން އަނެއް ގެއަށް ނަޤްލުވާނީ އެވެ" މަރަކީ، މުއުމިނާ އަށް ލިބޭ ނިޢުމަތެކެވެ. އަދި ހަދިޔާއެކެވެ. މަރަކީ، ފާފަވެރިންނަށް މުޞީބާތެކެވެ. އެއީ، ފަޤީރުންށް ލިބޭ ތަސައްލީއެކެވެ. އަދި މުއްސަނދިންނަށް ކުރިމަތިވާ ކާރިޘާއެކެވެ. ޙިކްމަތްތެރިކަމަކީ، الله تعالى ދެއްވާފައިވާ ހަދިޔާއެކެވެ. ޖާހިލުކަމަކީ، ގެއްލެނިވެގެންދިއުމުގެ ސަބަބެވެ. މީސްތަކުން މަރަކަށް އުއްމީދެއްނުކުރެއެވެ. އެހެން ނަމަވެސް، ޙަޤީޤަތުގައި، މަރަކީ، ފިތުނަ އަށް ވުރެ ފައިދާހުރި އެއްޗެކެވެ. މީސްތަކުން ދިރިހުރުމަށް ލޯބިކުރެއެވެ. އެހެން ނަމަވެސް، އެބައި މީހުންނަށް މަރު މާ ރަނގަޅެވެ. މަރާ އެކު ޙަޤީޤީ މުއުމިނު މި ދުނިޔޭގެ ޢަޒާބާއި ވަރުބަލިކަމުން މިންޖުވެއެވެ. އަނިޔާވެރިންގެ މަރާ އެކު، އުއްމަތްތަކަށާއި، މީސްތަކުންނަށް ހަމަޖެހުން ލިބެއެވެ.

މުސްލިމަކުގެ ފުރާނަ އޭނާގެ ހަށިގަނޑު ދޫކޮށްދިއުން، ހައްޔަރުކޮށްފައި ވާ މީހަކު ޖަލުން މިނިވަންވުން ފަދަ އެވެ. މަރުވުމުން، މުއުމިނާ އެނބުރި މި ދުނިޔެ އަށް އަންނާކަށް ބޭނުމެއް ނުވެއެވެ. އެނބުރި ދުނިޔެ އަށް އަންނަން ބޭނުންވަނީ ހަމައެކަނި ޝަހީދުންނެވެ. އެއީ، އަދި އެއް ފަހަރު ޝަހީދުވުމަށް ޓަކައެވެ. ދުނިޔޭގެ ރަނގަޅުކަން އެއްކޮށް ގޮސްފި އެވެ. އެ ދުނިޔޭގެ ހިތާމަތައް ނޫން އެހެން އެއްޗެއް ނެތެވެ. އެހެންކަމުން، މަރަކީ، ކޮންމެ މުސްލިމަކަށް ހަދިޔާއެކެވެ. މީހެއްގެ އީމާންތެރިކަން އޭނާގެ ކަށްވަޅުން މެނުވީ ޙިމާޔަތެއް ނުކުރެވެއެވެ. މުއުމިނުންނަށް ދެވޭ އެންމެ ފުރަތަމަ ހަދިޔާ އަކީ، މަރުވާ އިރު އިޙްސާސްކުރެވޭ އުފަވެރިކަމެވެ. މުއުމިނަކަށް ލިބޭ ހަމައެކަނި ރާޙަތަކީ الله تعالى އަށް ވާޞިލުވުމެވެ. ކޮންމެ މުއުމިނަކަށް، ދިރިހުރުމަށް ވުރެ މަރު މާ ރަނގަޅެވެ. ކާފަރުންނަށް ވެސް މަރަކީ ބޭނުންތެރި އެއްޗެކެވެ.

މުސްލިމު އަންހެނެއްގެ މަރާ ގުޅޭގޮތުން

"މި ތާނގައި ދިރިއުޅޭނެ ވަގުތުގެ ދިގުމިނާ އެއްވަރަށް ދުނިޔެ އަށް މަސައްކަތްކުރާށެވެ. އަދި އެ ތާނގައި ދިރިއުޅޭނެ ވަގުތުގެ ދިގުމިނާ އެއްވަރަށް آخرة އަށް އަށް މަސައްކަތްކުރާށެވެ".
حديث شريف

ނިފާސްކަމުގެ ސަބަބުން، ނުވަތަ މާބަނޑު އިނުމުގެ ސަބަބުން، ނުވަތަ ޠާޢޫނެއްގެ ސަބަބުން، ނުވަތަ އެތެރެހަށްޓަށް ލިބޭ އަނިޔާއެއްގެ ސަބަބުން، އަންހެނަކު މަރުވެއްޖެ ނަމަ، ނުވަތަ މަރުވީ މިއިން އެއްވެސް ސަބަބަކާ ނުލައި ޠަބީޢީ މަރަކުން ކަމުގައި ވާ ނަމަ، އަދި އެ އަންހެންމީހާ ދިރުއުޅެނީ މަޙްރަމް ނޫން ފިރިހެނުންނަށް އޭނާގެ ހަށިގަނޑު ފުރިހަމަ އަށް (‏އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް)‏ ނިވާކޮށްގެން ނޫނީ ނުދައްކާ ކަމަށް ވެފައި، އޭނާގެ ފިރިމީހާ އޭނާއާ މެދު ހިތްހަމަޖެހޭ ކަމަށް ވާ ނަމަ، އެ އަންހެން މީހާ މަރުވާ އިރު، ސުވަރުގޭގެ މަލާއިކަތުން އައިސް އޭނާގެ ކުރިމަތީގައި ސަފު ހަދާލާފައި ތިބެ، އިޙްތިރާމާ އެކު އޭނާ އަށް ސަލާމް ކޮށް ފައި ބުނާނެ އެވެ. "އޭ الله تعالى ގެ ލޮބުވެތި ޝަހީދެވެ! ނުކުމެގެން އަންނާށެވެ. ދުނިޔަވީ މި ތަނުގައި ތިބާ ތިކުރަނީ ކީއްހެއްޔެވެ؟ الله تعالى ތިބާ އަށް ރުއްސަވާ ވޮޑިގެން ވެއެވެ. އަދި ތިބާގެ މި ބަލިމަޑުކަމަކީ، ތިބާގެ ފާފަތައް ފުއްސެވުމުގެ ސަބަބަކަށް ލައްވަވައި، ތިބާ އށް ސުވަރުގެ ދެއްވެވި އެވެ. އަންނާށެވެ. އަދި ތިބާ ރައްކާތެރިކޮށް ބެލެހެއްޓި ފުރާނަ ޙަވާލުކުރާށެވެ". އެ އަންހެން މީހާ އަށް އޭނާ އަށް ލިބޭނެ މަތިވެރި ދަރަޖަ ފެނުމާއެކު، އޭނާ ބޭނުންވަނީ އޭނާގެ ފުރާނަ ޙަވާލުކުރާށެވެ. އެހެން ނަމަވެސް، އެ އަންހެން މީހާގެ އޭނާގެ ވަށައިގެން ހޯދުމަށް ފަހު ބުނާނެ އެވެ. "الله تعالى އަޅުގަނޑުގެ އެކުވެރިންގެ މައްޗަށް ރަޙުމް ބަހައްޓަވައި، އެ މީހުންގެ ފާފަތައް ފުއްސެވުމުން، އަހަރެން އަހަރެންގެ ފުރާނަ ޙަވާލުކޮށްފީމެވެ". މަލާއިކަތުން، އެ އަންހެންމީހާ އެދޭގޮތް جناب الحق އަށް ހުށަހެޅުއްވި އެވެ. އެއަށް ފަހު الله تعالى ގެ ވަޙީބަސްފުޅު އިއްވެވި އެވެ. "ތިމަންރަސްކާލާނގެ މަތިވެރިކަމުގެ ޙައްޤު ގައި ވަޙީކުރައްވަމެވެ. ތިމަންރަސްކަލާނގެ މި އަޅާގެ ހުރިހާ ދުޢާތަކެއް އިޖާބަކުރައްވައިފީމެވެ". އެހެންކަމުން، މަލާއިކަތުން އެ ކަމަނާ އަށް އުފާވެރިކަމުގެ ޚަބަރު ދެއްވި އެވެ. އެއަށް ފަހު، އެ ތަނަށް ملكُ الموت އާއި، ސަތޭކަ ވިހި ރަޙްމަތުގެ މަލާއިކަތުން ވަޑައިގަތެވެ. އެ އެންމެންގެ މޫނުގައިވާ ނޫރުގެ އަލިކަން عرش އަ ހަމަޔަށް ފޯރައި، ތާޖުތައް އެމީހުންގެ ބޮލުގައި އެޅިއެވެ. އެ މީހުން ނިވާކޮށްގެން ތިބީ ނޫރުގެ ފޭރާމުންނެވެ. އަދި ރަން ފައިވާންތަކެއް ލައިގެންނެވެ. އަދި އެ މީހުންނަށް ލިބިގެންވީ ފެހި ފިޔަތަކެކެވެ. އެ މީހުންގެ އަތުގައި ކޮމަކަސްތޫރީގެ ވަސް ހުރި ސުވަރުގޭގެ މޭވާތަކާ އެކު އެ ބޭކަލުން ފައިބާވަޑައިގެން ވިދާޅުވާނެތެވެ. "الخلّاق العالم (‏ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި ޚާލިޤު)‏ އެކަލާނގެ ސަލާމް ތިބާ އަށް އެބަ ފޮނުއްވައެވެ. އަދި ތިބާ، އެކަލާނގެ ލޮބުވެތި رَسُوْلُ اللهِ محمد ﷺ ގެ އަވަށްޓެރިޔަކަށް ހައްދަވައި، عائشة (‏رضي الله عنها)‏ ގެ ޞާޙިބަކަށް ހައްދަވާނެތެވެ".

އީމާންތެރި އަންހެން މީހާ އަށް އޭނާ އާ ދިމާލަށް ބުނެވޭ ވާހަކަތައް އިވި، އޭނާގެ ކުރިމަތީގައިވާ ފަރުދާ ހުޅުވި، އީމާންތެރި އަންހެނުންތަކާއި، ކުރި ފާފަތަކުގެ މައްޗަށް ޢަޒާބު ލިބެމުންދާ އަންހެނުންތައް ފެންނާނެ އެވެ. އެހެންކަމުން އެ އަންހެންމީހާ އާދޭސް ދަންނަވާނެ އެވެ.: އަޅާގެ رَبَُ އެވެ! އެބައި މީހުންގެ ފާފަތައް ފުއްސަވާދެއްވާދޭވެ"! އެއާއެކު، جنابُ العزّة ގެ ޙަޟްރަތުން އަޑުފުޅެއް އިވިގެންދާނެ އެވެ. "އޭ ތިމަންރަސްކަލާނގެ ޖާރިޔާއެވެ! ތިމަންރަސްކަލާނގެ ތިބާގެ ހުރިހާ އެދުންތަކެއް ޙަޤީޤަތަކަށް ހައްދަވައިފީމެވެ. މިހާރު، ތިބާގެ ސަލާމަތްތެރިކަން ޙަވާލުކުރާށެވެ. ތިމަންރަސްކަލާނގެ حبيبُ ގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ތިބާގެ އިންތިޒާރުގައި ތައްޔާރަށް އެބަ ތިއްބެވެ". މި އަޑު އެކަނބުލޭގެ އަށް އިވުނުތަނާ ހެން، އޭނާގެ ފުރާނަ ތަޟްޙިޔާކުރުމަށް މަސައްކަތްކޮށް، އޭނާގެ ފުރާނަ ތުރުތުރުލައި، އޭނާގެ ދެފައިތިލަ އަވަހަށް ކުރިޔަށްޖެހި، އޭނާ ދާހިއްލާ ފޯވެއްޖެ އެވެ. ދެ މަލާއިކަތަކު ވަޑައިގެންނެވި އިރު، އޭނާގެ ފުރާނަ ދޫކުރުމަށް ވަރަށް ކައިރިވެއްޖެ އެވެ. އެއިން ކޮންމެ ބޭކަލަކު އެ ބޭކަލުންގެ އަތްޕުޅުން ނަރަކައިގެ ޢަޞާއެއް ހިއްޕަވައިގެން، އެ ދެ ބޭކަލުން އެ ކަނބުލޭގެ ދެ ފަރާތުގައި، އެއް ބޭކަލަކު ކަނާތްފަރާތުގައި، އަދި އަނެއް ބޭކަލަކު ވާތް ފަރާތުގައި، ކޮޅަށް ހުއްޓިވަޑައިގަތެވެ. އެ ވަގުތު، ލަޢުނަތްލެއްވިގެންވާ ޝައިޠާނާ ދުވަމުން ދުވަމުން އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން އައިސް ބުނާނެއެވެ. "މިކަމުން އަހަންނަށް މާ ބޮޑު އެއްޗެއް ލިބިދާނެ ކަމަކަށް އުއްމީދެއް ނުކުރަމެވެ. އެކަމަކު ބަލަމާ ހިނގާށެވެ"! ޝައިޠާނާ އެ އަންހެން މީހާ އާ ދިމާލަށް ކުރިޔަށް ޖެހިލާފައި، ގަހަނާ އިން ތައްޔާރުކުރެވިފައިވާ ތެއްޔަކާއި، އޭގެ ތެރޭގައިވާ ފިނިފިނި ފެން އެ އަންހެންމީހާ އަށް ދައްކައެވެ. އެ ދެ މަލާއިކަތުންނަށް، އެ ނުބައިނުލަފާ މަޚްލޫޤު ފެނުމާ އެކު، އެ ބޭކަލުންގެ އަތްޕުޅުގައި އޮތް ޢަޞާ އިން އޭނާ އުފުލަމުންދިޔަ ތެލި ތަޅާލައްވައި، އޭނާ އެ ތަނުން ފައްސާ ފޮނުވާލއިފި އެވެ. އެ ދެ ބޭކަލުންނަށް ބަލަން ހުރި އިރު އެ މުސްލިމު އަންހެނާ ހެމުންދިޔައެވެ. އޭގެ ފަހުން، ސުވަރުގޭގެ ޙޫރުން އެ އަންހެންމީހާ އަށް ކައުޘަރު ކީ އާރުން ޖަވާހިރުން ހަދާފައިވާ ތަށިތަކެއް ގައި ސުވަރުގޭގެ ޝަރުބަތު ދިނުމުން އެ އަންހެންމީހާ އެ ބުޔެވެ. ސުވަރުގޭގެ ބުއިން މީރުކަމުން އެ ކަނބުލޭގެ ރޫޙު ފުންމައިގެން ގޮސް އެ ތަށީގައި ތައްލަވައިފި އެވެ. ދެން ملك الموت އެ ރޫޙު ނަންގަވައެވެ. މަލާއިކަތް ބޭކަލުން އެއް ބޭކަލަކު އަނެއް ބޭކަލަކަށް އެ މަރުގެ ވާހަކަ އިޢުލަންކުރައްވައި ވިދާޅުވާނެ އެވެ.: إنّا لله وإنّا إليه راجعُون. ދެން ތަންތަން ބަލައިލަން ކުރާ ދަތުރެއްގެ ގޮތުގައި އެ ފުރާނަ އުޑަށް ގެންދަވާ އިރު، އެ އަންހެން މީހާ އަށް ސުވަރުގޭގައި އޭނާ އަށް ވާ ތަން ދައްކަވައި، ލޯ މަރާލާފައި ހުޅުވާލާހާ އަވަހަށް އެ ފުރާނައާއިގެން އެނބުރި ވަޑައިގެން، އެ ފުރާނަ މަރުވެފައިވާ ހަށިގަނޑުގެ ބޮލުގެ ކައިރީގައި ބާއްވަވާނެ އެވެ. އަދި ތަންތަން ބަލައިލަން ކުރާ ދަތުރެއް ފަދައިން އެ ބޭކަލުން އެ ފުރާނަ ސުވަރުގެ އަށް ގެންދަވައި، ސުވަރުގޭގައި އޭނާގެ ތަން ދެއްކެވުމަށް ފަހު، އެސްފިޔަޖަހާލާހާ އަވަހަށް އެނބުރި ވަޑައިގެން، މަރުވެފައިވާ މުޅަ މަސްގަނޑުގެ އެއް ފަރާތުގައި އެ ފުރާނަ ބާއްވަވާނެ އެވެ.

އެމީހުން އެ އަންހެންމީހާގެ ހެދުންތައް ބާލައި، އިސްތަށިގަނޑު ނިއުޅާލުމުން، އޭނާގެ ފުރާނަ އޭނާގެ މުޅަ މަސްގަނޑުގެ ބޮލުގެ ކައިރިއަށް އައިސް ބުނާނެއެވެ.: "އޭ ދޮންނަ މީހާ އެވެ! ތި ހަށިގަނޑުގައި މަޑުން ހިފާށެވެ. އެހެނީ، عزرائيل ގެ ވަކިތަކުން މަރުގަންނަވާ ވަރުގެ ޒަޚަމެއް ހަށިގަނޑަށް މިވަނީ ލިބިފައެވެ. އަދި ލިބުނު ހުރިހާ ވަރުބަލިކަމަށް ފަހު އަހަރެންގެ ހަންގަނޑު ވަނީ ބަލިކަށިވެފައެވެ". ހަށިގަނޑު ހިނަވާ މޭޒު މައްޗަށް ގެނެވުމުން، ފުރާނަ އަނެއްކާ ވެސް އައިސް ބުނާނެ އެވެ. "ފެން މާ ހޫނުނުކުރާށެވެ! އަހަރެންގެ ހަންގަނޑު ވަރަށް ބަލިކަށްޓެވެ. ތިބާގެ ދެ އަތުން އަހަރެން އަވަހަށް މިންޖުކޮށްދޭށެވެ. އަހަންނަށް ރާޙަތެއް ލިބޭނީ އޭރުންނެވެ". ހަށިގަނޑު ހިނަވާ ކަފުންކުރެވޭ ވަގުތު ފުރާނަ އިރުކޮޅަކަށް މަޑުކޮށްލާފައި ބުނާނެ އެވެ. "މިއީ އަހަންނަށް ދުނިޔެ ފެންނާނެ ފަހު ވަގުތެވެ. އަހަރެންގެ އަހުލުންނާއި، އަހުލުބައިތުން ދެކެލިޔަ ދޭށެވެ. އަދި އެ މީހުންނަށް އަހަރެން ފެނުނަ ދޭށެވެ. އެއީ، އެ މީހުންނަށް އިންޒާރެއްގެ ގޮތުގައެވެ. އެހެނީ، އަހަރެން ފަދައިން އެ މީހުން ވެސް އަވަހަށް މަރުވާނެތީ އެވެ. އަހަރެންގެ މައްޗަށް އެ މީހުން ރޮއެ ހޭރުނަ ނުދޭށެވެ. އެ މީހުންނަށް އަހަރެން ހަނދާން ނައްތާލިޔަ ނުދޭށެވެ. އަދި އަބަދު ވެސް އަހަރެންގެ މަތިން ހަނދާންވިޔަދޭށެވެ. ޤުރްއާން ކިޔަވާށެވެ. (‏އަދި އެ މީހުންގެ ޞާލިޙު އެ ޢަމަލުގެ ޘަވާބު އަހަންނަށް ފޮނުވާށެވެ.)‏ އަހަރެން ދޫކޮށްފައިމިދާ މުދަލާ މެދު އެ މީހުން އަރާރުންވިޔަ ނުދޭށެވެ. އެއީ، އެ މީހުންގެ އަރާރުމުގެ ސަބަބުން އަހަންނަށް ކަށްވަޅުގައި ޢަޒާބު ނުލިބޭނީ އޭރުންނެވެ. އެ މީހުން އަހަރެން ހުކުރު ދުވަސްތަކާއި، ޢީދު ދުވަސްތަކުގައި ހަނދާންކުރިޔަދޭށެވެ".

އޭގެ ފަހުން، މައްޔިތާ ބޭއްވިފައިވާ ސަންދޯއް މުޞައްލަ މަތީ ގައި (‏ކަށުނަމާދު ކުރުމަށް)‏ ބޭއްވުމުން ފުރާނަ ގޮވާނެ އެވެ.: "އޭ އަހަރެންގެ ދަރިކަލުންނޭ، އަދި އަހަރެންގެ ދަރިކަނބަލުންނޭ، އަހަރެންގެ މަންމާ އޭ އަދި އަހަރެންގެ ބައްޕާ އޭ! ވަކިވާ އެހެން އެއްވެސް ދުވަހެއް މިއަދާ އެއްގޮތެއް ނޫނެވެ. އަހަރެމެން ދެން ބައްދަލުވަންދެން، އަހަރެމެން އެކަކު އަނެކަކު ދެކޭހިތްވާނެ އެވެ. ޤިޔާމަތް ދުވަހަށް ވުރެ އަވަހަކަށެއް ނޫނެވެ. އަހަންނަށް ޓަކައި، ރޯ މީހުންނަށް އަލްވަދާޢެވެ"!

ކޮނޑުތަކަށް ސަންދޯއް އުފުލުމުން، އެ އަންހެނާގެ ފުރާނަ އަނެއްކާ ވެސް ގޮވާނެ އެވެ. "އަހަރެން މަޑުން އުފުލާށެވެ! ތިބާގެ ބޭނުމަކީ ޘަވާބު ހޯދުން ކަމަށް ވާ ނަމަ، އަހަންނަށް އެއްވެސް މައްސަލައެއް ކުރިމަތިނުކުރާށެވެ! އަދި އަހަރެން ތިބާއާ އެކު ވާ ރުހުން الله تعالى ގެ ޙަޟްރަތަށް ގެންދިޔަދޭށެވެ". ސަންދޯއް ކަށްވަޅުގައި ބޭއްވުމުން، އެ ކަނބުލޭގެ ފުރާނަ އަނެއްކާ ވެސް ގޮވާނެ އެވެ.: "އަހަރެން މިބާ ޙާލަތު ނިކަން ދެކިބަލާށެވެ. އަދި މިއީ ތިބާ އަށް ވާ އިންޒާރެއް ކަމަށް ދެކޭށެވެ! މިހާރު، ތިބާ އަހަރެން އަނދިރި ތަނެއް ގައި ބޭއްވުމަށް ފަހު އަހަރެން ދޫކޮށްފައިދާނެ އެވެ. އަހަރެން އެކަނި އޮންނާނީ އަހަރެންގެ ޢަމަލާ (‏މާނައަކީ ދުނިޔޭގައި އަހަރެން ކުރި ޢަމަލުތައް)‏ އެކުގައެވެ. މި ދޮގުވެރި ދުނިޔޭގެ ކެހިވެރިކަމުގެ ދަޅައިގައި ޖެހި ގެއްލެނިވެގެން ނުދިއުމަށް ޓަކައި، މި ހިނދުކޮޅުތަކާ މެދު ވިސްނާ ހަދާށެވެ". މައްޔިތާ ކަށަވަޅު ގައި ބޭއްވުމުން، މައްޔިތާގެ ބޮލުގެ ކައިރީގައި ފުރާނަ މަޑުކޮށްލާނެ އެވެ. މައްޔިތާ ކަށްވަޅު ގައި ކުރުމަކާ ނުލައި ދޫކޮށްލުމަކީ ޖާއިޒުކަމެއް ނޫނެވެ. [‏ވަޅުލުމަށް ފަހު تَلقِين ކުރުމަކީ ޞާލިޙު މުސްލިމެއްގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. އެ މީހުން ބުނާގޮތުގައި އެއީ ބިދުޢައެކެވެ. އެ މީހުން ބުނާގޮތުގައި މަރުވެފައިވާ މީހަކަށް ތިބާގެ އަޑެއް ނީވޭނެ އެވެ. أهل السُّنَّة ގެ ޢިލްމުވެރިން (‏رحمهم الله تعالى)‏ ވަނީ އެތައް ފޮތެއް ލިޔުއްވައި، تَلقِين ކުރުމަކީ ސުންނަތެއްކަން ދަލީލުތަކުން ސާބިތުކޮށްދެއްވާފައެވެ. މި އަގުހުރި ފޮތްތަކުގެ ތެރެއިން އެއް ފޮތަކީ، مصطفى بن إبراهيم سيامي (‏رحمه الله تعالى)‏ ލިޔުއްވާފައިވާ نُورُ اليقين في مبحث التلقين އެވެ.]‏ الله تعالى ގެ އަމުރުފުޅާ އެކު ކަށްވަޅުގައިވާ މައްޔިތާ، ނިދިން ހޭލާ ގޮތަށް ހޭލައ، އަނދިރި ތަނެއް ގައި ވާ ތަން ދެކޭނެ އެވެ. އަދި އޭނާގެ ޚާދިމު ނުވަތަ އަޅުމީހާއަށް ނުވަތަ ދުނިޔޭގައި ޚިދުމަތްކޮށްދޭން އުޅުނު މީހަކަށް ގޮވާލާފައި ބުނާނެތެވެ.: "އަހަންނަށް އުއްބައްތިއެއް ގެނެސްދީ ބަލާށެވެ"! ދެން އެއްވެސް ޖަވާބެއް ނުލިބޭނެ އެވެ. އެންމެ އަޑެއްވެސް ނީވޭނެ އެވެ. ކަށްވަޅު ދެ ބަޔަކަށް ބެހި، (‏مُنكِرُ އަދި نَكِيرُ ނަމަކަށް ކިޔޭ)‏ ދެ މަލާއިކަތުން ފާޅުވާނެ އެވެ. އެ ދެ ބޭކަލުންގެ އަނގައިން އަލިފާން ހުޅުތައް ނުކުމެ އެ ދެބޭކަލުންގެ ނޭފަތުން ގަދަ ދުން ނުކުންނާނެ އެވެ. އެ ދެ ބޭކަލުން އެ އަންހެންމީހާ އާ ކައިރިވެލާފައި އައްސަވާނެ އެވެ.: "من ربّك؟ و ما دينك؟ و من نبيك؟ (‏މާނަ އަކީ ތިބާގެ رَبُّ އަކީ ކާކު ހޭ، އަދި ތިބާގެ ދީނަކީ ކޮބައި ހޭ، އަދި ތިބާގެ نبي އަކީ ކާކުހޭ"؟)‏ އެ ކަނބުލޭގެ މި ސުވާލުތަކަށް ރަނގަޅަށް ޖަވާބުދީފި ނަމަ އެ ދެ މަލާއިކަތުން އޭނާ އަށް الله تعالى ގެ ރަޙްމަތުގެ އުފާވެރި ޚަބަރު ދެއްވާފައި އެ ތަން ދޫކޮށް ދާނެ އެވެ. ކުއްލިއަކަށް ކަށްވަޅުގެ ކަނާތްފަރާތުން ކުޑަދޮރެއް ހުޅުވި، އެ ދޮރުން ހަނދެއް ފަދަ އުޖާލާ މޫނެއްގެ ވެރި ބޭކަލަކު ވަންނަވާނެ އެވެ. އެ މުއުމިނު އަންހެންމީހާ އަށް އޭނާގެ ކައިރީގައިވާ އެ ރިވެތި މީހާ ފެނުމާ އެކު އެ ބޭކަލަކާ އެކު ވުމުން އުފާވެގެން ގޮސް ސުވާލުކުރާނެތެވެ.: "ތިބާ އަކީ ކޮން ބޭކަލެއް ތޯ އެވެ؟" ޖަވާބު ގައި ބުނެވޭނެ އެވެ. "އަހަރެން އުފެދިފައިވަނީ ދުނިޔޭގައި ތިބާ ވީ ކެތްތެރިކަމާއި، ޝުކުރުވެރިކަމުންނެވެ. އަހަންނަކީ ޤިޔާމަތާ ހަމަޔަށް ތިބާގެ ރަފީޤެވެ".

ކާފިރުގެ މަރާ ބެހޭ

"މީސްތަކުން ވަނީ ނިދާފައެވެ. އެ މީހުން ހޭއަރާނީ އެ މީހުން މަރުވީމައެވެ".
حديث شريف

ކާފިރަކު ނުވަތަ މުރުތައްދުވެފައިވާ މީހަކު ނުވަތަ އިސްލާމް ދީނަށް ނަފްރަތުކޮށް، القرآن الكريم އަކީ ޞަޙަރާގެ ޤަނޫނު ކަމަށާއި، އޭނާގެ ޖާހިލުކަމާއި، އަޚްލާޤީ ފެންވަރު ދަށްކަމުން ގޮސް، އެންމެ މަތިވެރި އަދި އެންމެ ޝަރަފުވެރި އިންސާނާ ހުރިހާ ނަބިއްޔުންގެ ސައްޔިދު ކަމުގައިވާ އަކީ ޖަމަލު ހުއިހައްޕާ މީހަކު ކަމަށާއި (‏މިފަދަ ޖާހިލު ޢަމަލުތަކުން، الله تعالى އަހަރެމެން ރައްކާތެރިކޮށްދެއްވާދޭވެ)‏، އިޖްތިމާޢީ އަދި އަމާންކަމާއި، އުފާވެރިކަމުގެ އަސާސް ކަމުގައިވާ، އަދި ޢިލްމާއި، އަޚްލާޤާއި، ސާފުޠާހިރުކަމާއި، ޞިއްޙަތާއި، ޢަދާލަތުގެ މަޞްދަރު ކަމުގައިވާ، އަދި ހުރިހާ ޘަޤާފަތެއްގެ ތަހްޒީބުކޮށްދޭ އިސްލާމް ދީނަށް ބެލިބެލުމުގެ ނަތީޖާއެއް ގޮތުން ދީން ތަކަކީ ކޮންމެހެން ޟަރޫރީ އެއްޗެއް ނޫންކަމަށް، މުޅަ މަސްތަކެއް އަޅާފައިވާ ފޮށިގަނޑެއްހާ ކުނިވެފައިވާ ސިކުނޑިއެއްގެ ގޮތެއްފޮތެއް ނެތް މިންގަޑެއްގެ ދަށުން، ގޮވާ މޮޔައަކު މަރުވާން ކައިރިވުމުން، އޭނާގެ ލޮލުގެ ކުރިމަތީގައިވާ ފަރުދާ ހިއްލޭނެ އެވެ. އޭނާ އަށް ސުވަރުގެ ދެއްކޭނެ އެވެ. ރިވެތި މަލާއިކަތަކު އޭނާ އަށް ވިދާޅުވާނެ އެވެ. "އޭ ކާފިރެވެ! މުސްލިމުންނަކީ، ބޯހަމަނުޖެހޭ މީހުން ކަމަށް ބުނާ ނިކަމެތިމީހާއެވެ. އަދި ޝަހުވަތަށް ތަބަޢަވި މީހުންނޭވެ! އަދި އަޚްލާޤީ މަބްދައުތަކާ ޚިލާފުވީ 'މުސްތަނީރީންނާއި، ޒަމާނީ މީހުންނޭވެ'! ތިޔަބައި މީހުން ވީ ގޯސް މަގުގައެވެ. ތިޔަބައި މީހުން ދިޔައީ ޙައްޤު ދީން ކަމުގައިވާ އިސްލާމް ދީނަށް ދެރަނިކަމެތިކުރަމުންނެވެ. رَسُوْلُ اللهِ ﷺ މާތް ﷲ ގެ ޙަޟްރަތުން ގެނެސްދެއްވި ޢިލްމުތަކަށް އީމާންވެ އިޙްތިރާމްކުރި މީސްތަކުން ސުވަރުގެ ވަންނާނެ އެވެ". އޭނާ އަށް ސުވަރުގެއިން ނިއުމަތްތައް ފެންނާނެ އެވެ. އަދި ސުވަރުގޭގެ ޙޫރުން ބުނާނެތެވެ. "الله تعالى ދެއްވާ ޢަޒާބުން އީމާންތެރި މީހުން ސަލާމަތްކުރެވޭނެ އެވެ". އޭގެ ފަހުން، ފާދިރީއެއްގެ ސިފައިގައި އިބުލީސް ފާޅުވާނެ އެވެ. އަދި ބުނާނެ އެވެ. "އޭ މިހިރަ، މި ވެނި މީހެއްގެ މިވެނި މިވެނި ދަރިއާ އެވެ! މީގެ އިރުކޮޅެއް ކުރިން ތިބާ އާ އެކު ތިބި މީހުންނަކީ ދޮގުވެރިންނެވެ. މި ހުރިހާ ބަރަކާތަކީ ތިބާ އަށް ވާ އެއްޗެކެވެ". ދެން އޭނާ އަށް ނަރަކަ ދެއްކޭނެ އެވެ. އަލިފާން ފަރުބަދަތަކާއި، ޙިމާރު ވަރުގެ ނަގުލަންދާށިތަކާއި، ފަނިފަކުސަތައް އެ ތާނގައި ވެއެވެ. حديث ގައި ބަޔާންކުރައްވާފައިވާ ފަދަ ޢަޒާބުތައް އޭނާ އަށް ފެންނާނެ އެވެ. ޒަބާނީންގެ ނަމުން ނަންދެވިފައިވާ ނަރަކައިގެ މަލާއިކަތުން، މީހުން ގައިގައި ދަނޑިބުރިތަކުން ތަޅައެވެ. އެ މީހުންގެ އަނގަތަކުން އަލިފާން ހުޅުތައް ނުކުމެއެވެ. މުންނާރުތައް ހާ އެ މީހުން އިސްކޮޅުން ދިގެވެ. އަދި އެ މީހުންގެ ދަތްތައް ހީވަނީ އެތުގެ ދަޅަ ހެންނެވެ. އެމީހުންގެ އަޑު ހީވަނީ ގުގުރި ހެންނެވެ. އެ މީހުންގެ އަޑުއިވުމުން ކާފިރު މީހާ ތުރުތުރުއަޅައި، އޭނާގެ މޫނު ޝައިޠާނާ އާ ދިމާލަށް އަނބުރާލައެވެ. ޝައިޠާނާ ބިރުން ގޮސް އެ ތަނުން ދުވެ ރައްކާވެއްޖެ އެވެ. މަލާއިކަތުން އޭނާ ހިފަހައްޓަވައި، އޭނާގެ ގައިގައި ޖެހިޖެހީހުން ބިންމައްޗަށް ވައްޓާލައްވައެވެ. ކާފިރު މީހާ އަށް ގޮންޖައްސަވަމުން، އެ ބޭކަލުން ވިދާޅުވެއެވެ. "އޭ އިސްލާމް ދީނުގެ ޢަދުއްވާ އެވެ! ދުނިޔޭގައި ކަލޭ رَسُوْلُ اللهِ ﷺ އަށް އީމާނެއް ނުވަމު އެވެ. އަދި މިހާރު ކަލޭ މަލާއިކަތުންގެ ބަސް ޤަބޫލެއް ނުކުރަމު އެވެ. އަދި އަނެއްކާ ވެސް ނުބައިކަން ބޮޑުވެގެންވާ ޝައިޠާނާ އޮޅުވާލައިފި އެވެ". އެ ބޭކަލުން އޭނާގެ ކަރުގައި އަލިފާނުންވާ ޗޭނުތަކެއް އަޅުއްވައި، އޭނާގެ ދެ ފައި ބޮލުގެ ފުރަގަހަށް ވާ ގޮތަށް އޭނާގެ ދެ ފައި ބޮލާ ހަމަޔަށް ދަމައި، އޭނާގެ ކަނާތް އޭނާގެ މޭގެ ވާތްފަރާތަށް ގެނެސް، އޭނަގެ އަތް ފުރަގަހުން ނުކުމެފައި ހުންނާނޭހެން އޭނާގެ ވާތް އޭނާގެ ކަނާތު އަރިކަށީ ގައި ބާއްވަވާނެ އެވެ. މި ހިތާމަވެތި ކަންތައްތައް އަންގަވައި މާތް ﷲ ވަނީ ވަޙީ ބާއްވާލައްވާފައެވެ.1 ކީރިތި قرآن ގެ غافر سورة ގެ 71-72 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ ‎﴿٧١﴾‏ فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ ‎﴿٧٢﴾‏)‏ * غافر: 71-72)‏ މާނައީ: "އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާ ހިނދު ގައެވެ. (‏71)‏ ކެކިކެކިހުރި ހޫނު ފެނުގެ ތެރެއަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެއުރެން އަންދަވާނެތެވެ. (‏72)‏". ދުނިޔޭގައި އޭނާ އަށް ޚުޝާމަދުކުރި މީހުންށް އެހީއަށް އެދި އޭނާ ގޮވާނެ އެވެ. އޭގެ ބަދަލުގައި އޭނާ އަށް އަންނަނިވި ފަދައިން ޖަވާބުދެއްވާނީ ޒަބާނީންނެވެ. "އޭ ކާފިރެވެ! އޭ މުސްލިމުންނަށް މަލާމާތްކުރި މޮޔަޔާ އެވެ! މިއީ، އާދޭސްކުރުމގެ ވަގުތެއް ނޫނެވެ. ދެނެއް ކަލޭގެ ކިބައިން ދުޢާއާއި އިމާންތެރިކަމެއް ބަލައެއް ނުގަނެވޭނެ އެވެ. އަދި ކީއްހޭ، ކަލޭގެ ކާފަރުކަމަށް ޢަޒާބުދެވޭނެ ވަގުތު ޖެހިއްޖެ އެވެ". އެބައި މީހުން އޭނާގެ ދޫ ކަރުގެ ފުރަގަހުން ނެރުއްވާނެ އެވެ. އެ މީހުން އޭނާގެ ދެލޯ އުފުރުއްވާނެ އެވެ. ވޭނީ އެހެން އެތައް ވައްތަރެއްގެ ޢަޒާބު ބޭނުންކުރައްވައިގެން އެ ބޭކަލުން އޭނާގެ ނުބައިކަން ބޮޑު ފުރާނަ ނެރުއްވައި ނަރަކަ ތެރެއަށް އެއްލާލައްވައެވެ.

އަޅަމެންގެ ފުރާނަ محمد رَسُوْلُ اللهِ ﷺ ގެ ދީނުގައި ހިފަހައްޓުމާއި، އެންމެ މަތިވެރި ރަސޫލާގެ ދީން ޞައްޙަ ކަމާ އެކު އަހަރެންނާ ހަމަޔަށް ގެނެސްދެއްވި أهل السُّنّة ގެ ޢިލްމުވެރިން ލިޔުއްވާފައިވާ ޢަޤީދާ ގައި ހިފެއްޓުމުގެ ނިޢުމަތް މާތް ﷲ އަޅަމެންނަށް ދެއްވާށިއެވެ! އާމީން.

ފާފަވެރި ނުވަތަ ފާފަނުކުރާ ހުރިހާ މުއުމިނުންނާ ވެސް ކަށްވަޅުގައި ސުވާލުކުރެވޭނެ އެވެ. ފާފަ ނުފުއްސަވާ މީހުންނަށާއި، ކާފިރުންނަށް ވެސް ޢަޒާބު ލިބޭނެ އެވެ. މުސްލިމުންގެ މެދުގައި ދެބައޮޑުވާ މީހުންނާއި، ފާޚާނާކުރާ އިރު، ގަޔަށް ފަހަރުވާ ބުރުއްސާ މީހުންނަށް ކަށްވަޅުގައި ޢަޒާބު ދެވޭނެ އެވެ. (‏ކަށްވަޅުގެ ޢަޒާބު ދެވޭނީ ހަމައެކަނި ފުރާނައަކަށް ނޫނެވެ. އެކަމަކު، ފުރާނައަށާއި، ހަށިގަނޑަށެވެ. [‏މާނަ އަކީ، ޖިސްމާނީ ގޮތުން ވެސް މެއެވެ.]‏ މި ޙަޤީޤަތްތަކަކީ، އިންސާނާގެ ސިކުނޑި އަށް ވިސްނައިގަނެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން، އަހަރެމެންގެ ބުއްދީން މިކަންކަން ޙައްލުކުރުމާ ދުރުވާން ޖެހެއެވެ.)‏

އެ މީހާ އީމާން ނުވެ ހުރެ (‏މާނަ އަކީ، ކާފިރެއްގެ ގޮތުގައި ހުރެ)‏ މަރުވެއްޖެ ނަމަ، މަޙްޝަރާ (‏މާނަ އަކީ ޤިޔާމަތް ދުވަސް)‏ ޖެހެންދެން (‏އަދި އޭގެ ފަހުން ނަރަކައިގައި ވެސް)‏ ވޭންދެނިވި ޢަޒާބު ދެވޭނެ އެވެ.

ތިބާގެ ޙަޤީޤީ އަގު ވިސްނާގަންނަން އަޅުގަނޑުމެން ވަނީ ނުކުޅަދާނަވެގެންނޭ،
އެ ސަބަބަށް ޓަކައި، ތަޢުރީފުކުރުމަށް ވުރެ، އެއްޗެކޭ ނުބުނެ ހުރުން މާ ރަނގަޅޭ.
ދަންނާށޭ، އަހަރެމެންގެ ރަސޫލާ އިރެއް ފަދައޭ،
އެކަލޭގެފާނުގެ ކިބަފުޅުން ރަސޫލުކަމުގެ ތަރިތައް ވިދައޭ.
ﷲ އެކަލޭގެފާނު ހެއްދެވީ ރިވެތި އަޚްލާޤާ އެކުގައޭ،
އެކަލާނގެ އެކަލޭގެފާނު ޒީނަތްތެރިކުރެއްވިއޭ ރިވެތި އަޚްލާޤާއި، ހިނތުންވުމެއްގެ ވެރި މޫނުފުޅަކުން.
އެކަލާނގެ އެކަލޭގެފާނު ހެއްދެވީ ފިނފެންމަލާއި، މާތައް ފަދައިން ރިވެތިކޮށޭ،
ބަދުރު ހަނދު ފަދައިން އެކަލޭގެފާނު އުޖާލާވެފައި މަތިވެރިއޭ.
ޒަމާން ފަދައިން ނުހުއްޓުވެއޭ، ނަބިއްޔާގެ އޯގާތެރިކަމާއި، ފަޟްލުވަންތަކަން،
އެކަލޭގެފާނުގެ އޯގާތެރިކަމާ އަޅާބަލާއިރު، ކަނޑުތަކަކީ ހަމައެކަނި ތިކިތަކެކޭ.
އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅާ ބައްދާލާ ވެލީގެ ވަސް،
ޤަބޫލުކުރާށޭ، ކޮމަކަސްތޫރި އަށް ވުރެ މީރޭ.
އުފާވެރިކަން ހުރީ އެ ވެލީގެ ވަސް ބަލައި ބޮސްދިން މީހުންނަށޭ،
އެ ބަރަކާތްތެރި ވަހުން އެ މީހުންގެ ފުއްޕާމޭ ފުރާލި މީހުންނަށޭ.
އެކަލޭގެފާނަކީ، ޢަރަބީންނަށް ވިޔަސް ނުވަތަ ނުވިޔަސް، ހުރިހާ އެންމެންގެ ސައްޔިދޭ،
އަދި ކައުނު އުފެއްދެވުމުގެ ސަބަބަކީ އެއީއޭ.
އެކަލޭގެފާނު މުންކަރާތްތައް ނަހީކުރައްވައި، ހެޔޮ ކަންތަކަށް އަމުރުކުރައްވައޭ،
އެކަލޭގެފާނުގެ އަމުރުފުޅުތަކާއި، ނަހީކުރެއްވި ކަންތައްތަކަކީ، އިލާހީ އަމުރުފުޅުތަކޭ.

قصيدة البردة