ލޮބުވެތި ރަސޫލާ

މަރުވެފައިތިބޭ މީހުންނަށް ދީނީގޮތުން ކުރަންޖެހޭ ކަންތައްތައް

މަރުގެ ޢަލާމާތްތައް ފެނުމުން ކުރަންޖެހޭ ކަންތައްތައް

"މަރު އައުމުގެ ކުރިން މަރުވާށެވެ. ޙިސާބު ބެއްލެވުމުގެ ކުރިން ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތައް ޙިސާބު ބަލާށެވެ".
حديث الشّريف

މަރު ގާތްވަމުން އަންނަ ކަމުގެ ޢަލާމާތްތަކަކީ، ފައި ބަރުހެލިވިމާއި، ދިގުވުމާއި، ނޭފަތް އެނބުރުމާއި، ބޮލުގެ ފުށްކިބަ އެތެރެއަށް ޖެހުމެވެ. މި ޙާލަތުގައި ވާ ބަލި މީހަކު ބާއްވާނީ އޭނާގެ ކަނާތު ފަޅިއަށް އޭނާގެ މޫނު ޤިބްލަ އަށް ވާ ގޮތަށެވެ. މި ގޮތަށް އޮށޯވެފައި ބޭއްވުމަކީ ސުންނަތެކެވެ. އޭނާގެ ފައި ޤިބްލައަށް ވާ ގޮތަށް އުއްޑުން ބޭއްވުން ވެސް ހުއްދަ އެވެ. މި ގޮތަށް ހެދުން މި ފަހަކަށް އައިސް ޢާއްމު ވެއްޖެ އެވެ. އެކަމަކު، ކޮންމެވެސް އެއްޗެއް މަރުވާ މީހާގެ ބޯދަށުގައި ބާއްވަންވާނެ އެވެ. އެހެންކަމުން، އޭނާގެ މޫނު ޤިބްލައަށް ދިމާވާ ގޮތަށް އޮންނާނީ އޭރުންނެވެ. އެފަދައިން ބޭއްވުމަށް އުނދަގޫ ކަމަށް ވާ ނަމަ، ފަސޭހައިން ބޭއްވޭނެ ކޮންމެ ގޮތަކަށް ބޭއްވުން ވެސް ހުއްދަވެގެން ވެއެވެ.

ތައުޙީދުގެ ކަލިމަ ލައިދޭ އިރު، "محمّد رسُولُ الله" އިތުރުކުރުން ރަނގަޅުވާނެ އެވެ.

މަރުގެ ޢަލާމާތްތަކަކީ، ހަށިގަނޑު ހަރުވުން (‏މަރުގެ ހަރުވުން)‏، ފިނިވުން، އަދި ކުނިވުމެވެ. މި ޢަލާމާތްތަކުގެ ކުރިން ވެސް މަރު ސާބިތުވުމަކީ ވެދާނެ ކަމެކެވެ. (‏މިސާލަކަށް، ނޭވާލުން ހުއްޓުމެވެ. ލޯގަނޑެއް ބޭނުންކޮށްގެން އެކަން ޔަޤީންކުރެވިދާނެ އެވެ. އެއީ، މަރުވެފައިވާ މީހާގެ އަނގަޔާ ދިމާލަށް ލޯގަނޑު ދިއްކޮށްލުމުން ލޯގަނޑުގައި އާވި ނުއުފެދުމެވެ. އަދި ހިތް ހުއްޓުމެވެ. އެކަން ޔަޤީންކުރެވޭނީ ވިންދުންނެވެ.)‏ މަރުވެފައިވާ މީހާގެ ދެ ލޯ ލައްޕާލުމާއި، އޭނާގެ ދަތްދޮޅި ބަނުމަކީ ސުންނަތެކެވެ.

މަރުވުމުން ކަންތައް ކުރަންވީ ގޮތް

މަރުވެފައިވާ މީހާގެ ދެ ލޯ ލައްޕާލުމާއި، އޭނާގެ ދަތްދޮޅި ބަނުމަކީ ސުންނަތެކެވެ. ދަތްދޮޅި ބަންނަންވާނީ ފުޅާ ފޮތިކޮޅަކުން ބޮލުގެ މަތީގައި ގޮށްޖަހައިގެންނެވެ. މައްޔިތާގެ ދެ ލޯ ލައްޕާ އިރު، "بسم الله وعلى ملّة رسول الله"، މިހެން އަދި އެހެން ދުޢާއެއް ކިޔުމަކީ ސުންނަތެކެވެ. މައްޔިތާގެ މުޅަ މަސްގަނޑު ފިނިވެގެންދިއުމުގެ ކުރިން، އޭނާގެ އިނގިލިތައް ހުޅުވުމަށް ފަހު މަޅާލުމަށް ފަހު، އޭނާގެ ދެ ކަކުލާއި، ދެ އަތާއި، ދެ ފައި ސީދާކޮށްފައި ބެހެއްޓުމަކީ ސުންނަތެކެވެ. އޭރުން، ހިނަވައި ކަފުންކުރަން ފަސޭހަވާނެ އެވެ. މުޅަ މަސްގަނޑު ފިނިވުމުގެ ކުރިން، އޭނާ ލައިގެން ހުރި ހެދުން ބާލައި، ލުއި އަދި ފުޅާ ފޮތިގަނޑަކުން ނިވާކުރަންވާނެ އެވެ. މި ގޮތުން އަޅާ ފޮތިގަނޑު އަޅާނީ، އެއް ކޮޅު މައްޔިތާގެ ބޯ ދަށުގައި، އަދި އަނެއް ކޮޅު މައްޔިތާގެ ދެ ފައިތިލައިގެ ދަށުގައެވެ. މައްޔިތާގެ މުޅަ މަސްގަނޑު ފޮސްވެގެންދިއުން ހުއްޓުމަށް ޓަކައި، ކޮންމެވެސް އެއްޗެއް (‏ވަޅިއެއް ނުވަތަ ދަގަނޑުން ހަދާފައިވާ ކޮންމެވެސް އެއްޗެއް)‏ މައްޔިތާގެ ބަނޑު މަތީގައި، ނުވަތަ އަޅާފައިވާ ފޮތިގަނޑުގެ މަތީގައި ނުވަތަ ދަށުގައި ބާއްވާށެވެ. މިގޮތުން ބާއްވާ އެއްޗެއްގެ ބަރުދަނުގައި މަދުވެގެން ސަތޭކަ ގުރާމް ހުންނަންވާނެ އެވެ.

މައްޔިތާ ހިނަވައި، ކަފުންކޮށް، ޖަނާޒާ ނަމާދު (‏ކަށު ނަމާދު)‏ ކޮށް، ވަޅުލުމަކީ ކިފާޔަތުގެ ފަރުޟެކެވެ. އޭގެ މާނަ އަކީ، މި ކަންކަން އެކަށީގެންވާ ޢަދަދެއްގެ މީހުން ކުރުމުން، އެހެން މީހުންގެ މައްޗަށް އެކަންކަން ފަރުޟެއް ނުވާނެ އެވެ. މައްޔިތާ ހިނެވުމަކީ ކުޑަކުއްޖެއްގެ މައްޗަށް ކުރުން ޖާއިޒު ކަމެކެވެ. އަންހެނަކު ނެތް ޙާލަތުގައި، އަންހެން މައްޔިތާގެ މުޅަ މަސްގަނޑު ފިރިހެނަކު ހިނެވުން ހުއްދަވެގެން ނުވެއެވެ. އެކަމަކު، މައްޔިތާގެ މުޅަ މަސްގަނޑު ބޮލުން ފެށިގެން ދެ ފައިތިލައާ ހަމަޔަށް ނިވާކުރުމަށް ފަހު، އެ މައްޔިތާގެ ތިމާގެ މީހަކު ނުވަތަ ތިމާގެ މީހަކު ނެތް ނަމަ، އެހެން މީހަކު އަތުގައި ފޮތިކޮޅެއް އޮޅާލުމަށް ފަހު، އަޅާފައިވާ ފޮތުގަނޑުގެ ދަށުން އަތް ގެންގޮސް އެ މުޅަ މަސްގަނޑު ތަޔައްމަމުކުރާނީ އެވެ. އެހެނީ، މައްޔިތާގެ ޢައުރައަކީ، ދިރިހުރި މީހާގެ ވެސް ޢައުރަ އެވެ. އެހެން މީހުންނަށް ބެލުން ޙަރާމްވެގެންވާ ހަށިގަނޑުގެ ޢައުރަ ގުނަވަނެއް ގައި ބީހުމަކީ ވެސް އެ މީހުންގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. މި ޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ، ކުޑަކުއްޖަކަށް ހިނަވާނެ ގޮތް ދަސްކޮށްދިނުމަށް ފަހު، އެ ކުއްޖާ ލައްވާ މައްޔިތާ ހިނެވުމެވެ.

حَنَفِي މަޒްހަބު ގައި ފިރިމީހާ އަށް އޭނާގެ އަނބިމީހާ ހިނަވައި އަތްލުން ހުއްދަވެގެން ނުވެއެވެ. އެހެނީ، އަނބިމީހާ މަރުވުމާ އެކު ކައިވެނި ބާޠިލުވެގެންދާނެތީ އެވެ. އަނބިމީހާގެ މުޅަ މަސްގަނޑަށް ބެލުން އޭނާ އަށް ހުއްދަވެގެން ވެއެވެ. އަނެއް ތިން މަޒްހަބުގައި، ފިރިމީހާ އަށް އޭނާގެ އަނބިމީހާ ހިނެވުން ހުއްދަވެގެން ވެއެވެ. حَنَفِي މަޒްހަބު ގައި ވެސް އަނބިމީހާ އަށް އޭނާގެ ފިރިމީހާ ހިނެވުން ހުއްދަވެގެން ވެއެވެ. އެހެނީ، ފިރިމީހާ ނިޔާވުމަށް ފަހު، ޢިއްދަ (‏ހަތަރު މަހާއި ދިހަ ދުވަސް)‏ ހަމަވަންދެން، ކައިވެނި ޞައްޙަކަން މަތީގައި ދެމި އޮންނާނެ އެވެ. ފިރިހެނުންނަށް އަނހެނުން ހިނެވުން ހުއްދަވެގެން ނުވެއެވެ. އަދި އަންހެނުންނަށް ފިރިހެނުން ހިނެވުން ހުއްދަވެގެނެއް ނުވެއެވެ. އޮތް ގޮތަކީ، ފޮތިކޮޅެއް އަތަށް އޮޅާލުމަށް ފަހު، މައްޔިތާ ތަޔައްމުމުކުރުމެވެ. މިގޮތުން ތަޔައްމުމްކުރާ ފިރިހެނަކަށް މަޙްރަމް ނޫން އަންހެނާގެ ކަޝްފުވެފައިވާ ދެ އަތަށް ބެލުން ޖާއިޒުވެގެނެއް ނުވެއެވެ. މައްޔިތާ އަކީ މަޙްރަމެއް ކަމުގައި ވާ ނަމަ، ފޮތިގަނޑެއް އެޅުމުގެ ބޭނުމެއް ނެތެވެ. އެހެނީ، މަޙްރަމުންގެ އަތާއި މޫނަށް ބެލުމާއި އަތްލުން ހުއްދަވެގެން ވެއެވެ.

މައްޔިތާގެ ބޯ ނުވަތަ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ފެނިއްޖެ ކަމުގައި ވާ ނަމަ، ހިނަވާކަށް ނުޖެހެއެވެ. އަދި ޖަނާޒާ ނަމާދު ކުރަކަށް ވެސް ނުޖެހެއެވެ. އެކަމަކު އެ އޮތް ގޮތަށް ވަޅުލާނީ އެވެ. ހަށިގަނޑުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ބޮލާ ނުލައި ނަމަވެސް ފެނިއްޖެ ނަމަ، ނުވަތަ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ބޮލާ އެކު ފެނިއްޖެ ނަމަ ހިނަވައި، ޖަނާޒާ ނަމާދު ކުރަން ޖެހެއެވެ.

މައްޔިތަކު ހިނަވާން އުޅޭ މީހަކު ފުރަތަމަ އަމިއްލައަށް ހިނައިގަތުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ޖުނުބުވެރިކަނުގައި އަދި ޙައިޟުގައި ވާ މީހަކު މައްޔިތާ ހިނެވުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. މައްޔިތާ ހިނަވާ ފެން ވެގެންދާނީ ނަޖިހަށެވެ. އެހެންކަމުން، މައްޔިތާ ހިނަވާ މީހާ، ހިނަވާ އިރު، ގަޔަށް ފެން ބުރުވައިގެން ނުވާނެ އެވެ. ނުވަތަ ބޮޑު ފޮތިގަނޑެއް ހިނަވާ މީހާ ގައިގައި އޮޅާލަންވާނެ އެވެ. މުޅަ މަސްގަނޑު ހިނެވުމުން ޠާހިރުވީ އެވެ.

ހިނަވާ މީހާ އާއި، އޭނާގެ އެހީތެރިޔާ ފިޔަވައި އެހެން މީހަކަށް ހިނަވާ ސަރަޙައްދަށް ވަނުން ހުއްދައެއް ނޫނެވެ. މައްޔިތާ ހިނަވާ މީހާ ވާންޖެހޭނީ އިތުބާރުކުރެވޭ މީހަކަށެވެ. އެ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ، މައްޔިތާގެ މުޅަ މަސްގަނޑު ގައި ވާ ނިޢުމަތްތަކުގެ ޢަލާމާތްތައް ފާޅުކޮށް، ނުބައި ކަމުގެ ޢަލާމާތްތައް ވަންހަނާކުރުމެވެ. މައްޔިތާގެ ޢައުރަ ފަޟީޙަތްކުރުން އެ މީހުންނަށް ހުއްދަވެގެނެއް ނުވެއެވެ. މައްޔިތާގެ ބަލަދުވެރިޔާ ހިންވާ ތަނަށް ވަނުން ހުއްދަވެގެނެ ވެއެވެ.

رَسُوْلُ اللهِ ﷺ ހިނެވީ فضل بن عبّاس (‏رضي الله عنه)‏ އެވެ. އެ ވަގުތު، އެކަލޭގެފާނުގެ ހަށިކޮޅަށް ފެން އަޅުއްވަމުންގެންދެވީ أُسامة (‏رضي الله عنه)‏ އެވެ. އަދި عبّاس (‏رضي الله عنه)‏ ގެންދެވީ އެ ކޮޓަރި އަށް ވަންންވާފައި ނިކުންނަވާފައި ޗެކްކުރައްވަމުންނެވެ.

ދިރިހުރި މީހަކަށް ވޭން މެދުވެރިވާ ކޮންމެ ކަމަކުން މަރުވެފައިވާ މީހާ އަށް ވެސް ވޭންލިބޭނެ އެވެ. މި ސަބަބަށް ޓަކައި، ވަރަށް ފިނި އަދި ވަރަށް ހޫނު ފެނުން މައްޔިތާ ނުހިނަވާށެވެ. (‏ހަމަ އެހެންމެ، ކުނިވުން ހުއްޓުވުމަށް ޓަކައި، އައިސްއަޅާފައި މައްޔިތާ ބޭއްވުމެއް ވެސް ނެތެވެ. ކުނިވުން ހުއްޓުވާނީ ވަގުތުން ވަޅުލައިގެންނެވެ. އަދި ދުރުގައި ތިބި ތިމާގެ މީހުން އަންނަން ދެން އިންތިޒާރުގައި މައްޔިތާ ބޭއްވުން ހުއްދަވެގެނެއް ނުވެއެވެ.)‏ މައްޔިތާ ޒަމްޒަމް ފެނުން ހިނެވުން ހުއްދަވެގެން ނުވެއެވެ.

މައްޔިތާ ހިނެވުން

ފުރަތަމަ، ބަޚޫރު އަންދައި ހިނަވާ މޭޒު ވަށައިގެން ތިން ފަހަރު އުފުލަންވާނެ އެވެ. އަދި ފަސް ފަހަރު ދިއުން ވެސް ހުއްދަ އެވެ. ބަޚޫރަކީ، ގަހެކެވެ. ބަޚޫރު ތައްޔާރުކުރަނީ، އެލޯ ލަކުޑި އާއި، ކުމުންޒާނި އާ އެއްކޮށްގެންނެވެ. ދެން މިތަކެތި އެއްކޮށްގެން އެއްޗަކަށް އަޅައި އަންދަމުން ހިނަވާ މޭޒަށް ފަތުރާލެވެއެވެ.

"ކަށްވަޅުގައިވާ މައްޔިތާއެކޭ ފެތެން އުޅޭ މީހެކޭ އެއްފަދައެވެ. އޭނާ އަބަދުވެސް ހިތްއެދެނީ، އޭނާގެ މައިންބަފައިންނާއި، އަޚުންނާއި، އެކުވެރިންގެ ފަރާތުން ދުޢާ ލިބުމަށެވެ".
حديث الشّريف

މައްޔިތާ ހިނަވަން ބޭނުންކުރާ މޭޒުގެ އުސްމިން އާދައިގެ އިންސާނެއްގެ ފޫޅުގެ އުސްމިނަށް ހުރެފައި، ކޮންމެވެސް ވަރަކަށް އަރިވާން ޖެހޭނެ އެވެ. ހަލަވެލި ފަތު ކެއްކި ފެން ނުވަތަ ޙަލާވާ ޢަރަޤު ގެނެސް ކާފޫރު އަޅައި ފިނިކޮށްލަންވާނެ އެވެ. އެފެން އެހާ ހޫނު ނުވެފައި ލޮނު ވާންޖެހޭނެ އެވެ. ފިނި އަދި ލޮނު ފެނުން ހަށިގަނޑު ކުނިވުން ލަސްކޮށްލައެވެ.

މައްޔިތާ ހިނަވާ އިރު ނިޔަތް ގަތުމަކީ ސުންނަތެކެވެ. ނިޔަތްނުގަތަސް މައްޔިތާ ޠާހިރުވާނެ އެވެ. އެކަމަކު، ފަރުޟުގެ ލާޒިމުކަން ކެނޑިގެނެއް ނުދެއެވެ.

ނިވާކުރެމުންދާ އިރު، މައްޔިތާ ބާއްވަންވާނީ ދޮވެ އަތަރުލާފައިވާ ދޮންނަ މޭޒުމަތީގައި އުއްޑުން ނުވަތަ ފަސޭހަ ގޮތަކަށެވެ. މައްޔިތާ ހިނަވަންވާނީ ފޫޅާއި ދެ ކަކޫ ދެމެދު ނިވާކޮށްގެންނެވެ. އެހެން އަންހެނުނަނަށް ނިވާކުރަންޖެހޭ އަންހެނެއްގެ ޢައުރަ ގުނަވަންތަކަކީ، އެހެން ފިރެނުންނަށް ނިވާކުރަންޖެހޭ ފިރިހެނެއްގެ ޢައުރަ ގުނަވަންތަކެވެ. ދޮންނަ މޭޒު މަތީގައި މައްޔިތާ ޤިބްލަ އަށް ކުރިމަތިވާ ގޮތަށް ބޭއްވުމަކީ ސުންނަތެކެވެ.

މައްޔިތާ އަކީ ކުޑަކުއްޖަކަށް ވިޔަސް، ފުރަތަމަ ވުޟޫކުރުވާނީ އެވެ. އެކަމަކު، މައްޔިތާގެ އަނގަޔަށާއި، ނޭފަތަށް ފެން އެޅުމުގެ ބަދަލުގައި، އެ ދެ ގުނަވަން ސާފުކުރަންވާނީ ފޮތިކޮޅަކުންނެވެ. އަނގަޔަށް ފެންއެޅިއްޖެ ނަމަ، ކުނިވުން އަވަސްވާނެ އެވެ. ފުރަތަމަ، ދޮންނާނީ މޫނެވެ. ދެން ދެ އަތް ދޮވެ؛ ބޮލާއި، ދެ ކަންފަތާއި، ކަރުގެ ފުރަގަހުގައި ފެން ފޮހެލައި، ދެ ފައި ދޮންނާނީ އެވެ.

ބޮލާއި، ތުނބުޅި ދޮންނާނީ މާޝްމެލޯ އިން ނުވަތަ ސައިބޯނިންނެވެ. ދެން މައްޔިތާގެ ހަށިގަނޑު ވާތްފަރާތަށް ވާ ގޮތަށް އަނބުރާލައި، ކަނާތްފަރާތަށް ފެން އަޅާނީ އެވެ. ހިނަވާ މޭޒު ގައި ޖެހިފައިވާ މައްޔިތާގެ ހަށިގަނޑުގެ ބައިތަކުގައި ވެސް ފެންޖައްސަންވާނެ އެވެ. ދެން މައްޔިތާގެ ހަށިގަނޑު ކަނާތްފަރާތަށް ބޭއްވުމަށް ފަހު، ވާތްފަރާތަށް ބޮލުން ފެށިގެން ދެ ފައިތިލައަށް ފެން އަޅާނީ އެވެ. ދެން، މައްޔިތާ އިށީންނަ ގޮތަށް ބައިނދައި، ބަނޑަށް ކުޑަކޮށް ފިތާލާނީ އެވެ. އެއާ އެކު ހަށިގަނޑުން ބޭރުވާ ކޮންމެ އެއްޗެއް ފެން އަޅައިގެން ސާފުކުރާނީ އެވެ. ދެން މައްޔިތާގެ ހަށިގަނޑު ވާތްފަރާތަށް ބޭއްވުމަށް ފަހު އަނެއްކާ ވެސް ކަނާތްފަރާތް ދޮންނާނީ އެވެ. (‏މާނަ އަކީ ބޮލުން ފެށިގެން ދެ ފައިތިލައާ ހަމަޔަށް ފެން އަޅާނީ އެވެ.)‏ އެހެންކަމުން، ސުންނަތުގައި އައިސްފައިވާ ފަދައިން، ތިން ވަނަ ފަރަހަށް ދޮވެވުނީ އެވެ. ހިނެވުމަށް ފަހު، ވުޟޫ ގެއްލޭ ފަދަ އެއްޗެއް ބޭރުވެއްޖެ ނަމަ، ދެވަނަ ފަހަރަށް ހިނަވައި ވުޟޫކުރުމެއް ނެތެވެ.

އެއްވެސް އިސްތަށްޓެއް ފައިބައިފި ނަމަ ބާއްވާނީ ކަފުނުފެ ތެރޭގައެވެ. މައްޔިތާގެ ހަށިގަނޑުން ފައިބާ، ނުވަތަ ކަނޑާފައިވާ، ނުވަތަ އުފުރާފައިވާ ނިޔަފަތިތަކާއި، އިސްތަށްޓާއި، ދަތްތައް ވެސް ވަޅުލުމަކީ ސުންނަތެކެވެ.

ހިނެވުމަށް ފަހު، ހިނަވާ މޭޒުމަތީ ގައި މައްޔިތާ ބޭއްވުމަށް ފަހު، ފޮތިގަނޑަކުން ފެން ފުހެ ހިއްކަންވާނެ އެވެ. އެއަށް ފަހު، ކާފޫރު ނުވަތަ ބައެއް އެއްޗެހި އެއްކޮށްގެން ހަދާފައި ހުންނަ ޙާނޫތު ބޮލުގެ އިސްތަށިގަނޑާއި، ތުބުޅި އަށް ވިއްސާލާނީ އެވެ. ސަފަރޯން ލުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. ކާފޫރު އުނގުޅާފައިވާ ކަފަ، ސަޖިދައިގައި އޮންނަ އިރު ޖެހޭ ގުނަވަންތަކުގައި (‏މިސާލަކަށް، ނިތްކުރި، ނޭފަތް، ދެ ކަކޫ، އިނގިލިތައް، ބޮޑުވައިއިނގިލިތައް)‏ އަޅާނި އެވެ.

އަނގަޔަށާއި، ދެ ނޭފަތަށާއި، ދެ ކަންފަތަށް ނުވަތަ ލޯމަތީ ގައި ކަފަ އެޅުމަކީ ހުއްދަވެގެންވާ ކަމެކެވެ.

ގެނބިގެން މަރުވާ މީހާ ތިން ފަހަރު ހިނަވައި، ނުވަތަ ހިނެވުމުގެ ނިޔަތުގައި ފެންގަނޑުގައި ތިން ފަހަރު ތަޅުވާލާނީ އެވެ. ވާރެއިން ތެމިފޯވެފައި އޮންނަ މީހާ ވެސް ހިނަވަންވާނެ އެވެ.

ފިރިހެނުން ކަފުންކުރުން

ފިރިހެނެއްގެ ކަފުނުގައި ތިން ބައެއް ހިމެނުން ސުންނަތްވެގެން ވެއެވެ. އެއީ:
إزار: އަޅާނީ ބޮލުން ފެށިގެން ދެ ފައިތިލައާ ހަމައަށެވެ. ފުޅާ މިނަކީ މީޓަރަކަށް ވުރެ ދިގެވެ.

قميص (‏ދިގު ގަމީހެއް)‏: ކޮނޑަށް ވުރެ ދެ ގުނަ ފަޔާ ހަމަޔަށް ހުންނަންވާނެ އެވެ. މެދުން ފަށްޖެހުމަށް ފަހު، ފަށްޖެހި ހިސާބުން ބޯ ވަންނަ ވަރަށް ކަނޑާލާނީ އެވެ. ދެ އަތް ވައްދާ ތަނާއި، އަތުކުރި ނުކަނޑާ ބަހައްޓާނީ އެވެ.

لِفَافَة: ބޮލާއި، ދެ ފައިތިލަ އަށް ވުރެ ފުޅާކޮށް ދެމިގެންވާނެ އެވެ. އޭގެ ކޮޅުތައް ބާއްވާނީ ބޮލުގެ މަތީގަޔާއި ދެ ފައިތިލައިގެ ދަށުގައި، ފޮތިކޮޅަކުން ބަނދެ ހަރުކޮށްފަ އެވެ.

الإمام الرّبّاني ވިދާޅުވެފައިވާ ގޮތުގައި، ތިން ބަޔަށް ވުރެ ގިނަ ބައި ހިމެނޭ ކަފުން ބޭނުންކުރުމަކީ، ބިދުޢައެކެވެ. ކަފުނުގެ ކޮންމެ ބައެއް ގައި، ސަންދޯލަށް ލުމުގެ ކުރިން ވަކި ވަކިން މީރުވަސް ޖެއްސުމަކީ އެދެވިގެންވާ ކަމެކެވެ.

ތަޤްވާވެރި ނުވަތަ ވަލީވެރި މުސްލިމުންގެ ހެދުންތަކުން ނުވަތަ ފޭރާންތަކުން ކަފުން ތައްޔާރުކުރުމަކީ، ނުވަތަ ކަފުނުގައި ބޭއްވުމަކީ، ނުވަތަ މައްޔިތާގެ މޫނު މަތީގައި ނުވަތަ މޭ މަތީ ގައި ބޭއްވުމަކީ، ފައިދާހުރި ކަމެކެވެ.

އެންމެ ފުރަތަމަ ސަންދޯކުގެ މަތީގައި لِفَافَة އަޅާލާނީ އެވެ. ދެން، އޭގެ މަތީ ގައި إزار ބާއްވާނީ އެވެ. އަދި ގަމީސް ވެސް ސަންދޯގުގައި ބާއްވާނީ އެވެ. ދެން، ސަންދޯކުގެ ވަށައިގެން ބަޚޫރު ތިނެއް ނުވަތަ ފަސް ފަހަރު އަނބުރާލާނީ އެވެ. ކަފުނުގެ ތިން ބައިގެ މައްޗަށް ވެސް ޙާނޫތު ބުރުއްސާލާނީ އެވެ.

މައްޔިތާގެ މުޅަ މަސްގަނޑުން ފެން ހިއްކުމަށް ފަހު، ސަންދޯކުން ގަމީސް ނެގުމަށް ފަހު، ބޮލަށް ލައްވާލައި ދެ ފައިތިލަ އާ ހަމައަށް ދަމާލާނީ އެވެ. އެއީ، އެއްބައި މައްޔިތާގެ ކުރިމައްޗަށް އަދި އަނެއް ބައި މައްޔިތާގެ ފުރަގަހަށެވެ. ބިސްމި ކިޔަމުން، މައްޔިތާ إزار މަތީ ގައި ސަންދޯކުގެ އެތެރޭގައި ބާއްވާނީ އެވެ. ފުރަތަމަ، إزار ގެ ވާތުފަޅި، ދެން ކަނާތުފަޅި މައްޔިތާގެ މުޅަ މަސްގަނޑު ގައި އަޅާނީ އެވެ. لِفَافَة ލައްވާނީ ވެސް ހަމަ މިހެންނެވެ. އެއީ، ކަނާތުފަޅި ލައްވާނީ ވާތުފަޅިއަށް ބާއްވައިގެންނެވެ.

އަންހެނުން ކަފުންކުރުން

އަންހެނުންގެ ކަފުނުގައި ފަސް ބައެއް ހިމެނުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެ ފަސް ބަޔަކީ: قميص، إزار، لِفَافَة، خِمار، އަދި މޭމަތީގެ ފޮތިކޮޅެވެ. خِمار އަކީ، ގާތްގަޑަކަށް ހަތްދިހަ ފަސް ސެންޓި މީޓަރު ދިގު، ބޯ ނިވާކުރާ ފޮތިގަނޑެވެ. އޭގެ ނިމެކޮޅުތައް ބޮލުގައި އޮލާލުމުގެ ބަދަލުގައި ބާއްވާނީ މޫނުމަތިން ވެއްޓިފާ ގޮތަށެވެ. މޭމަތީގައި އަޅާ ފޮތިގަނޑު އޮންނަންވާނީ ދެ ކޮންޑުން ފެށިގެން ދެ ކަކުލާ ހަމައަށެވެ.

އެންމެ ފުރަތަމަ ސަންދޯކުގެ މަތީގައި لِفَافَة އަޅާލާނީ އެވެ. ދެން، އޭގެ މަތީ ގައި إزار ބާއްވާނީ އެވެ. އަދި ގަމީސް ވެސް ސަންދޯގުގައި ބާއްވާނީ އެވެ. މޭމަތީގެ ފޮތިކޮޅު إزار ގެ ކުރިން ނުވަތަ ފަހުން ބާއްވާނީ އެވެ. އަންހެނާގެ ގަމީސް ލެއްވުމުން، އެ މައްޔިތާގެ ބޮލުގެ އިސްތަށިގަނޑު މެދުން ދެބައިކޮށް ދެ ބައި ދެ ފަރާތަށް ވައްޓާލައި، މޭ މަތިން ގަމީސް ލައްވާނީ އެވެ. ޚިމާރު ބޯމަތިން އެޅުވުމަށް ފަހު، إزار އިން ނިވާކުރާނީ އެވެ. މޭމަތީގެ ފޮތިކޮޅު إزار ގެ ކުރިން ނުވަތަ ފަހުން މުޅަ މަސްގަނޑުގެ ވަށައިގެން އޮޅާލާނީ އެވެ. ދެން لِفَافَة އިން ނިވާކުރާނީ އެވެ. لِفَافَة ގެ ބޮލާއި ފަޔާ ވީ ކޮޅާއި މެދު (‏ބަނޑާ ދިމާލުން)‏ ފޮތިކޮޅަކުން އޮޅާލައި ބަނދެލަންވާނެ އެވެ.

ބޮޑު ކުޑަކުއްޖަކު ކަފުންކުރާނީ ބޮޑު ފިރިހެނެއް ގޮތަށެވެ. އަދި ބޮޑު ކުޑައަންހެން ކުއްޖަކު ޖަފުންކުރާނީ ބޮޑު އަންހެނެއް ގޮތަށެވެ. ކުޑަކޮށް ހުންނަ ކުޑަކުއްޖަކު ކަފުންކުރާނީ އެއްގަނޑެތިންނެވެ. އަދި ކުޑަކޮށް ހުންނަ ކުޑަ އަންހެން ކުއްޖަކު ކަފުންކުރާނީ ދެ ގަނޑެތިންނެވެ. މަރުވެފައިވާ ޙާލު ވިހާ ކުޑަކުއްޖާ ނުވަތަ ވައްޓާލާ ކުއްޖާ ނުވަތަ އިންސާނެއްގެ ގުނަވަނެއް (‏މިސާލަކަށް އަތް)‏ ކަފުން ކުރާކަށް ނުޖެހެއެވެ؛ އޭގެ ބަދަލުގައި ފޮތިގަނޑެއްގައި އޮޅާލުމަށް ފަހު ވަޅުލާނީ އެވެ.

ސަންދޯއް ޖަހަންވާނީ އެއްވެސް އިސްކުރެއް ނުޖަހައި ގުޅުވާލައިގެންނެވެ.

ކުރު ނަމާދަކަށް ފަހު އަދި މަރުވެފައިވާ މީހާގެ މައްޗަށް ހުރި ހުރިހާ ޙައްޤަކުން ތަނާޒުލުވުމަށް ފަހު، މައްޔިތާގެ މުޅަ މަސްގަނޑު (‏ސަންދޯކުގައި)‏ މުޞައްލާ (‏ސަންދޯއް ބަހައްޓާ ގަލުން ހަދާފައިވާ ބެންޗު)‏ ގެ މަތީގައި ބާއްވައި، ކަނާޒާ ނަމާދުކުރާނީ އެވެ.

ޤަބުރުސްތާނަށް ޒިޔާރަތްކުރުމާއި، ކީރިތި قرآن ކިޔެވުން

"މީހަކު އޭނާގެ މައިންބަފައިންގެ މަޤްބަރާތަކަށް ނުވަތަ އޭނާގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކުގެ މަޤްބަރާ އަށް ކޮންމެ ހުކުރު ދުވަހަކު ޒިޔާރަތްކޮށްފި ނަމަ އޭނާގެ ފާފަތައް ފުއްސަވާ ދެއްވާނެ އެވެ. އަދި އޭނާ އެ ދެމީހުންގެ ޙައްޤުތައް އަދާކޮށްފި އެވެ".
حديث الشّريف

شريعة الإسلام މި ފޮތުގެ ފަހު ޞަފްޙާތަކުގައި ލިޔެވިފައިވާ ގޮތުގައި، މަޤްބަރާ އަށް ޒިޔާރަތްކުރުމަކީ، ސުންނަތް ޢަމަލެކެވެ. (‏މަޤްބަރާތަކަށް މަދުވެގެން ހަފުތާއަކު އެއް ފަހަރު ނުވަތަ މަދުވެގެން ޢިދު ދުވަސް ތަކުގައި ޒިޔާރަތްކުރަންޖެހޭނެ އެވެ. އެންމެ ގިނައިން ޘަވާބު ލިބޭ ޒިޔާރަތަކީ، ބުރާސްފަތި ނުވަތަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ކުރާ ޒިޔާރަތެވެ.)‏ މުޅަ މަސްގަނޑުތައް ކަށްވަޅުގައި ކުނިވެގެންދާނެ ކަމާ ދޭތެރޭ ޒިޔާރަތްކުރާ މީހާ ވިސްނުންހިންގުމަކީ އޭގެ ޒާތުގައި އޭނާ އަށް ލިބޭ އިންޒާރެކެވެ. عُثمان (‏رضي الله عنه)‏ މަޤްބަރާއެއްގެ ކައިރިން ހިންގަވާފައި ވަޑައިގަންނަވާ ކޮންމެ ފަހަރަކު، އެކަލޭގެފާނު ކީރިތިކުރައްވާލެއް ބޮޑުކަމުން، އެކަލޭގެފާނުގެ ތުނބުޅި ތެމެއެވެ. (‏ޒިޔާރަތްކުރާ މީހާ އަށް ލިބިގެންދާ އިންޒާރެއްގެ)‏ އިތުރުން، އޭނާގެ މައްޗަށް ކުރެވޭ ދުޢާގެ ސަބަބުން ޤަބްރުގައިވާ މައްޔިތާ އަށް ފައިދާވެއެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ތިމާގެ މީހުންނާއި، އަޞްޙާބު ބޭކަލުންގެ (‏رضي الله عنهم)‏ ޤަބްރުތަކަށް ޒިޔާރަތްކުރެއްވި އެވެ. ސަލާމްކޮށް، ދުޢާކުރުމަށް ފަހު، ޒިޔާރަތްކުރާމީހާ، މަހާނައާ ކުރިމަތިވާ ގޮތަށް އަދި ޤިބްލައަށް ފުރަގަސް ދީގެން އިށީންނާނީ އެވެ. ދެ އަތާއި، މޫނު މަޤްބަރާ ގައި ކޭއްތުމަކީ، ނުވަތަ މަހާނައިގެ ވެލީގައި ބޮސްދިނުމަކީ، ނަޞާރާއިންގެ އާދައެކެވެ. މަހާނައިގައި ހުންނަ ވެލީގައި ބޮސްދިނުން ޖާއިޒުވެގެންވަނީ ހަމައެކަނި، އެއީ އެ މީހެއްގެ މަންމަ ނުވަތަ ބައްޕަގެ މަހާނަ ކަމުގައި ވާ ނަމައެވެ.

رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ.:

"މީހަކު، އޭނާ ދަންނަ މީހެއްގެ މަޤްބަރާ އަށް ޒިޔާރަތްކޮށް އޭނާގެ މައްޗަށް ސަލާމްކޮށްފި ނަމަ، މަރުވެފައިވާ މީހާ އަށް އޭނާ އެނގޭނެ އެވެ. އަދި އޭނާގެ ސަލާމް ޤަބޫލުކުރާނެ އެވެ".

"މުއުމިނެއްގެ މަޤްބަރާ އަށް ޒިޔާރަތްކޮށް އަންނަނވި ދުޢާކޮށްފި ނަމަ، ޤިޔާމަތް ދުވަހާ ޖެހެންދެން މަރުވެފައިވާ މީހާ ޢަޒާބުން މިންޖުވާނެ އެވެ.: 'اللّهم إني أسألك بحرمة محمّد عليه السّلام أن لا تُعذِّبَ هذا الميّت'".

"މީހަކު އޭނާގެ މައިންބަފައިންގެ މަޤްބަރާތަކަށް ނުވަތަ އޭނާގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކުގެ މަޤްބަރާ އަށް ކޮންމެ ހުކުރު ދުވަހަކު ޒިޔާރަތްކޮށްފި ނަމަ އޭނާގެ ފާފަތައް ފުއްސަވާ ދެއްވާނެ އެވެ. އަދި އޭނާ އެ ދެމީހުންގެ ޙައްޤުތައް އަދާކޮށްފި އެވެ".

އަހަރެމެން ދިރިއުޅޭ ހިސާބާ ދުރުގައިވާ މަތިވެރި ބޭބޭފުޅުންގެ މަޤްބަރާތަކަށް ޒިޔާރަތްކުރުމަށް ޚައްޞަކޮށްގެން ވަކިން ދިގު ދަތުރެއް ކުރުމަށް ވުރެ، ތަނަކަށް މުހިއްމު އެހެން ކަމަކަށް ކުރާ ދަތުރެއްގެ ތެރެއިން އެފަދަ މަޤްބަރާތަކަށް ޒިޔާރަތްކުރުން އައުލާކަން ބޮޑުވެގެން ވެއެވެ. އެހެން ނަމަވެސް، رَسُوْلُ اللهِ ﷺ އަށް ޒިޔާރަތްކުރުމަށް ވަކިން ޚާއްޞަ ދިގު ދަތުރެއް ކުރުމަކީ އެކަމަށް ގިނަގުނަ ޘަވާބު ލިބޭ ކަމެކެވެ. رَسُوْلُ اللهِ ﷺ އާއި ވަލީވެރިންގެ މަޤްބަރާތަކަށް ޒިޔާރަތްކުރާ މީހަކަށް، އެ ބޭކަލުންގެ ބަރަކާތްތެރި ރޫޙުތަކުގެ ފައިދާ ލިބޭނެ އެވެ. އޭނާގެ ހިތް، އެ ބޭކަލުންނަށް ވާ ލޯތްބާއި ގުޅުމުގެ ސީދާ ނިސްބަތުން ޠާހިރުވެގެންދާނެ އެވެ. ވަލީވެރިންގެ މަޤްބަރާތަކުގައި ފާފަވެރި ޢަމަލެއް، މިސާލަކަށް، ރަނގަޅަށް ނިވައިނުކޮށް ތިބޭ އަންހެނުން ވެސް އެ ބޭކަލުންނަށް ޒިޔާރަތްކުރާ ނަމަ، އެ ބަރަކާތްތެރި ތަންތަނަށް ޒިޔާރަތްކުރުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫނެވެ؛ އެފަދަ ޤަވާޢިދާ ޚިލާފު ކަންތައްތައް އަހަރެމެންނަނށް ނުހުއްޓުވޭ ނަމަ، އަހަރެމެންގެ ހިތްތަކުން އެ ފަދަ މީހުންނަށް ނަފްރަތުކުރަންވާނެ އެވެ. ހަމަ އެއާއެކު، އެތަނެއް ގައި އަންހެނުން ތިބެފައި، މިޔުޒިކާއި، ތަޢުޒިޔާގެ ބަސްތައް ގޮވާހަދައި، ތަޤްރީރުތައް ދެވުނަސް، މުއުމިނެއްގެ ޖަނާޒާ އަށް އަހަރެމެން ޙާޒިރުވާންވާނެ އެވެ. މަޤްބަރާ ގެ ކައިރީގައި ނުވަތަ އެހެން ކޮންމެ ތަނެއް ގައި ކީރިތި ޤުރްއާން ކިޔަވައި، އެކަމުގެ ޘަވާބު މަރުވެފައިވާ މުއުމިނުންގެ ފުރާނަތަކަށް ހަދިޔާކޮށް، އެ މީހުންނަށް ދުޢާކުރަންވާނެ އެވެ. އެހެނީ، ކީރިތި ޤުރްއާން ކިޔެވޭ ތަނަކަށް ރަޙްމަތާއި، ބަރަކާތް ލައްވާނެ އެވެ. އެ ތަނުގައި ކުރެވޭ ދުޢާ (‏الله تعالى)‏ ޤަބޫލުކުރައްވާނެ އެވެ.

"جلاء القلوب" މި ފޮތުގައި ލިޔެވިފައިވާ ގޮތުގައި: ޤަބުރުސްތާނަށް ޒިޔާރަތްކުރާ މީހާ ކޮޅަށް ހުރެ ކިޔަންވީ "السّلام عليكم يا أهل دار القوم المؤمنين! إنّا إن شاء الله عن قريبِ بكم لاحقون" މިހެންނެވެ. އޭގެ ފަހުން އޭނާ ބިސްމި ކިޔައި އޭގެ ފަހުން އެގާރަ ފަހަރު سورة الإخلاص (‏ކޮންމެ ފަހަރަކު ބިސްމި އާއެކު)‏ އަދި سورة الفاتحة އެއް ފަހަރު (‏ފެށުމުގެ ކުރިން ބިސްމި އަށް ފަހު)‏ ކިޔާނީ އެވެ. ދެން، އޭނާ ކިޔާނީ އަންނަނިވި ދުޢާ އެވެ.: "اللهم ربّ الأجساد البالية، و العظام النّخرة اللتي خرجت من الدنيا وهي بك مؤمنة إدخل عليهم روحا من عندك و سلاما منّي". އޭނާ މަޤްބަރާ އަށް ވަންނާނީ މައްޔިތާގެ ކަނާތު ފަޔާ ވީ (‏މަހާނައިގެ ޤިބްލައާ ވީ ފަޅިއާ)‏ ދިމާލުންނެވެ. އޭނާ ސަލާން ގޮވަންވާނެ (‏السّلام عليكم ކިޔުން)‏ އެވެ. ކޮޅަށް ހުރެ. ނުވަތަ ކަކޫ ޖައްސައިގެން ހުރެ، ނުވަތަ އިށީނދެގެން އިނދެ، އޭނާ سورة البقرة ގެ ފަހު ބައި ކިޔުމަށް ފަހު، سورة يس ކިޔުމަށް ފަހު، سورة تبارك، سورة التّكاثر، الإخلاص الشريف، އަދި سورة الفاتحة ކިޔައި، ލިބުނު ޘަވާބު މައްޔިތާ އަށް ހަދިޔާއެއްގެ ގޮތުން ފޮނުވާނީ އެވެ.

"كتاب الفقه على المذاهب الأربعة" މި ފޮތުގައި ލިޔެވިފައިވެއެވެ.: "މަރުވެފައި ތިބޭ މީހުންގެ ފަރާތުން އިންޒާރު ލިބިގަތުމަށް ޓަކައި، އަދި آخرة އާ މެދު ވިސްނައިހެދުމަށް ޓަކައި، މަޤްބަރާތަކަށް ޒިޔާރަތްކުރުމަކީ ފިރިހެނުންގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. ކައިރީގައިވާ އަދި ދުރުގައިވާ ހުރިހާ މަޤްބަރާތަކަށް ޒިޔާރަތް ކުރެވެއެވެ. އަދި ކީއްކުރަން ތޯ އެވެ! ދިގު ރާސްތާއެއް ކަޑައްތު ކުރުމަށް ފަހު، ޞާލިޙު މުސްލިމުންނާއި، ވަލީވެރިންގެ މަޤްބަރާތަކަށް ޒިޔާރަތްކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އަށް ޒިޔާރަތް ކުރުމަކީ، އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ރަނގަޅަށް ނިވައިކޮށްފައި ތިބުން ޝަރުޠުކޮށް، މަޤްބަރާ އަށް ޒިޔާރަތްކުރުމަކީ، ޢުމުރުން ދުވަސްވީ އަންހެނުންގެ މައްޗަށް ވެސް ޖާއިޒުވެގެންވާ ކަމެކެވެ. މަހާނަ ވަށައިގެން طوافކުރުން ނުވަތަ ވެލީގައި ބޮސްދިނުނ، ނުވަތަ މަރުވެފައިވާ މީހާގެ ކިބައިން އޭނާ އަށް ނުކުރެވޭ ފަދަ ކަމަކަށް އެދުމަކީ ކުރުން ހުއްދަ ކަމެއް ނޫނެވެ. ވަލީވެރިންގެ ފަރާތުން الله تعالى ގެ ބަރަކާތްތެރިކަން ލިބުމަށް ޓަކައި ޝަފާޢަތް ދެއްވުން އެދި ދަންނަވައެވެ.

އެ ސަރުވާރަކީ އަޅަމެންގެ ربُّ ގެ އަޅެކޭ،
ކޮންމެ ނުރައްކާތެރި ދަނޑީވަޅެއް ގައި، އުއްމީދަކީ އެކަލޭގެފާނުގެ ޝަފާޢަތޭ.
އެކަލޭގެފާނަކީ މީސްތަކުންނަށް ގޮވާލައްވާ ރަސޫލާއޭ،
ﷲ އަށް އަޅުކަންކޮށް، އެންމެން އެކަލާނގެ އަށް ކިޔަމަންގަތުމަށް.
އެފަދައިން ޢަމަލުކުރާ މީހާއަށް އަމާންކަމާއި ހިތްހަމަޖެހުން އިޙްސާސްވާނެއޭ،
ނުކެނޑޭ ވަރުގަދަ ވަލެއް ގައި ހިފަހައްޓައިގެން ހުރި ފަދައޭ.
يا إلهي، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް،
އަދި އެކަލޭގެފާނަށް ތަބަޢަވީ ތަޤވާވެރިންނަށް.
އެމީހުންނަށް ރަޙްމަތުގެ ވިލާތައް ދެއްވާދޭ،
ލަޠީފީ އަދި އޯގާތެރި އަޅުންނަށް ރަޙްމަތް ލިބުމަށް.
يا رَبُّ، ހެނދުނުގެ މަޑު ރޯޅި ޖެހުމާ އެކު،
އަދި މުރަނގަ ގަހުގެ ގޮފިތައް ވަޔާ ލެނބިގެންދާ އިރު.
ޤާފިލާގެ ވެރިޔާގެ ޙައިސިއްޔަތުން،
އޭނާގެ ފޮނި ލަވަތަކުން ޖަމަލުތައް އާޝޯޚުކުރުވައޭ.
فخر الكائنات އަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް،
އެ ބޭކަލުންނަށް ތަބަޢަވީ މީހުންނަށް އިބަރަސްކަލާނގެ ރަޙްމަތުގެ ވިލާތައް ފޮނުވުނޭ.

قصيدة البردة

مقام إبراهيم

إبراهيم (‏عليه السّلام)‏ ގެފުޅު ބިނާކުރެއްވި އިރު މައްޗަށް އަރުއްވަން އަދި މީސްތަކުންނަށް މާތް ﷲ ގެ ދީނަށް ދަޢުވަތު ދެއްވުމުގައި އުސް އެއްޗެއްގެ ގޮތުގައި ބޭނުންކުރެއްވި އެކަލޭގެފާނުގެ ގެ ފައިންޕުޅުގެ ނިޝާން ހުރި ހިލަ. إبراهيم (‏عليه السّلام)‏ އަށް ދެއްވި މުޢުޖިޒާތެއްގެ ގޮތުން، މިސްކިތް ބިނާކުރެއްވި އިރު، އެކަލޭގެފާނު ބޭނުންފުޅުވީ ވަރަކަށް އެލެވޭޓަރެއް ފަދައިން މައްޗަށް އުފުލި ތިރިވި އެވެ. މި ހިލަ އޭގެ ތެރޭގައި އޮތް مقصورة، الملك فيصل ގެ ދުވަސްވަރު ވަނީ ހަލާކުކޮށް، ހަ ކަނުގެ ބިއްލޫރި ކޮށްޓެއް ހަދައި، މިއަދާ ހަމަޔަށް ހުރީ އެ ގޮތަށެވެ.