كُفْرُ
ހުރިހާ ނުބައި ކަމެއްގެ ތެރެއިން އެންމެ ނުބައި ކަމަކީ، الله تعالى (ވޮޑިގެންވުން) ޤަބޫލުނުކޮށް، މުލްޙިދަކަށް ނުވަތަ ދީން ޤަބޫލުނުކުރާ މީހަކަށް ވުމެވެ. مُحمّد رَسُوْلُ اللهِ ﷺ ގެ ރަސޫލުކަން ޤަބޫލުނުކުރުމަކީ ކުފުރުވުމެވެ. إيمان ގެ މާނަ އަކީ، الله تعالى، مُحمّد رَسُوْلُ اللهِ ﷺ އަށް ބާވައިލައްވައި، އަހަރެމެންނާ ހަމައަށް ތަބްލިޣުކުރައްވާފައިވާ ހުރިހާ ވަޙީއެއް ހިތުގެ އަޑިން ޤަބޫލުކޮށް، ދުލުން އެ ޤަބޫލުކުރުން ބަޔާންކުރުމެވެ. ފާޅުގައި އެހެން ބުނުމުން ދުރުކުރުވާ ކަމެއް ވާ ނަމަ، ދުލުން ބަޔާންނުކުރުން ހުއްދަވެގެން ވެއެވެ. އީމާން ވުމަށް ޓަކައި، ކުފުރުގެ ޢަލާމާތްތައް ކަމަށް އިސްލާމް ދީން ކަނޑައަޅުއްވާފައިވާ ކަންތައްތައް ބުނުމުން ނުވަތަ ބޭނުންކުރުމުން ވެސް ދުރުވާންޖެހޭނެ އެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށް، މާނައަކީ، ކުރުމަށް އަމުރުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތަކަށް ފުރައްސާރަކުރުމަކީ، ނުވަތަ ކީރިތި قرآن އާއި، މަލާއިކަތުންނާއި، އެއްވެސް ރަސޫލަކަށް، ޖެއްސުންކުރުމާއި، އެ ބޭކަލުން އަންގަވާފައިވާ އެއްވެސް ކަމެއް ޤަބޫލުނުކުރުމަކީ ކުފުރުވެރިވާ ކަމެކެވެ. އިންކާރުކުރުމަކީ، ޤަބޫލުނުކުރުމެވެ. އަޑުއިވުމަށް ފަހު ޤަބޫލުނުކުރުމެވެ. އީމާންވުން ވާޖިބުވާ ކަންތައްތަކާ މެދު ޝައްކުކުރުމަކީ ވެސް ކުރުފުވެރިވާ ކަމެކެވެ. އިސްލާމް ދީނުގައި ކުފުރުގެ ޢަލާމާތެއް ކަމަށް ކަނޑައަޅުއްވާފައިވާ ކަމެއް ބުނުމުން ނުވަތަ ކުރުމުން، އޭނާ އީމާނަކުން އީމާންވެ އޭނާގެ އިސްލާމްކަން އިޢުލާންކޮށްފައި ވިޔަސް، އޭނާ ވާނީ ކާފިރަކަށެވެ. އިސްލާމް ދީން އެކަމަކަށް އެއްޗެހި ގޮވުމަށް އަމުރުކުރައްވާދފައިވާ ކަމަކަށް އިޙްތިރާމްކޯށް، އިސްލާމް ދީން އެކަމަކަށް އިޙްތިރާމް ކުރުމަށް އަމުރުކުރައްވާފައިވާ ކަމަކަށް އިހާނެތިވުމަކީ ކުފުރުގެ ޢަމަލެކެވެ.
كُفْرُ ވުމަށް މެދުވެރިވާ ސަބަބުތައް
"عرش އިން ނުވަތަ އުޑުން އަހަރެމެން ކުރާ ކަންތައްތައް الله تعالى އެބަ ބައްލަވައޭ"، މިހެން ބުނުމަކީ ކުފުރުވުމެވެ. އެހެނީ ވަކި ތަނެއްގައި ވުޖޫދުވުމުން ދުރުހެލިވެގެން ވެއެވެ. އެކަލާނގެ ބިމުގައި، އުޑުގައި، މަތީގައި، ތިރީގައި، ކަނާތްފަރާތުގައި، ވާތްފަރާތުގައި ވޮޑިގެންވާ ކަމަށް ބުނުމަކީ ހުއްދަކުރެވިގެންވާ ކަމެއް ނޫނެވެ.
"ތިބާ އަށް الله تعالى ޢަޒާބު ދެއްވަނީ ތިބާ އަހަންނަށް އަނިޔާކުރުމުންނޭ"، މިހެން ބުނުމަކީ ކުފުރުވުމެވެ. އެހެނީ، الله تعالى އަކީ އަނިޔާވެރިއެއް ނޫނެވެ. އަދި އެކަލާނގެ އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. އަނިޔާވެރިކަމަކީ الله تعالى އަށް ނިސްބަތްކުރެވޭނެ ބަހެއް ނޫނެވެ.
ވަކި މުސްލިމެއްގެ ނަން ކިޔާފައި، "އަހަންނަށް އޭނާ އަކީ ޔަހޫދީއެއް ފަދަ އެވެ"، މިހެން ބުނުމަކީ ކުފުރުވުމެވެ.
ދޮގެއް ހަދާފައި، އެ ވާހަކައިގެ ތެރެއަށް "އެއީ ތެދެއްކަން މާތް ﷲ ދެނެވޮޑިގެން ވެއެވެ"، މިހެން އިތުރުކުރުމަކީ ކުފުރުވުމެވެ.
މަލާއިކަތުންނަށް ނިސްބަތްކޮށް ފުރައްސާރަކުރުމުގެ ކޮމެންޓްތައް ކުރުމަކީ ކުފުރުވުމެވެ.
ކީރިތި ޤުރްއާނާ ބެހޭގޮތުން ނުވަތަ އެ ފޮތުގެ އެންމެ އަކުރަކާ ބެހޭގޮތުން ފުރައްސާރަކޮށް އެއްޗެއް ބުނުމަކީ ނުވަތަ އެ ފޮތުގެ އެންމެ އަކުރަކަށް އީމާންނުވުމަކީ ކުފުރުވުމެވެ.
މިޔުޒިކް އާލާތްތަކާ އެކު ކީރިތި قرآن އާއި، ބަންގިއާއި، މައުލިދު ކިޔުމަކީ ކުފުރުވުމެވެ.
ނަބިއްޔުންނާ މެދު ފުރައްސާރަކޮށް ވާހަކަދެއްކުމަކީ ކުފުރުވުމެވެ.
ޞަދަޤާތްކުރާ މަޝްގޫރު މީހަކާ ބެހޭގޮތުން "އެ ބޭފުޅާ ނަބިއްޔަކަށް މާ ރަނގަޅު" ކަމަށް ބުނުމަކީ ކުފުރުވުމެވެ.
މީހަކު ރަސޫލެއް ކަމަށް ދަޢުވާކޮށްފި ނަމަ، އޭނާ އާއި، އޭނާ އަށް އީމާންވާ މީހުން ކާފިރުންނަށް ވެގެންދާނެ އެވެ.
ކަށްވަޅުގައި ނުވަތަ އާޚިރަތުގައި ޢަޒާބު ލިބޭނެ ކަމަށް ޤަބޫލުނުކުރުމަކީ (ނުވަތަ އެއީ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ކަންތައްތަކެއް ނޫނޭ ބުނުމަކީ) ކުފުރުވެރިވުމެވެ.
ސުވަރުގޭގައި މުއުމިނުންނަށް الله تعالى ފެންނާނެ ކަމަށް އިންކާރުކުރުމަކީ ކުފުރުވުމެވެ.
އެނގިގެންވާ ސުންނަތްތަކުގެ ތެރެއިން އެއްވެސް ސުންނަތަކަށް ނުރުހުމަކީ ކުފުރުވުމެވެ.
އިސްލާމީ ޢިލްމު ޤަބޫލުނުކުރުން، ނުވަތަ އިސްލާމީ ޢިލްމާއި، އިސްލާމީ ޢިލްމުވެރިންނަށް ނަފްރަތުކުރުމަކީ ކުފުރުވުމެވެ.
ކާފިރަކަށް ވުމަށް ބޭނުންވާ މީހާ، ކާފިރަކަށް ވުމަށް ބޭނުންވާ އިރުން ފެށިގެން ކާފިރަކަށް ވާނެ އެވެ.
ކުފުރުވާ ފަދަ ބަސްތައް ގަސްދުގައި އަދި ބުނަން ބޭނުންވެގެން ބުނެފި ނަމަ، އެ މީހާ ކާފިރަކަށް ވާނެ އެވެ. އޭނާ އެ ފަދަ ބަސްތައް ބުނަނީ، އެ ބަސްތައް ބުނުމުން ކުފުރުވާނެކަން ނޭނގިހުރެ ކަމަށް ވިޔަސް، އިސްލާމީ ޢިލްމުވެރިންގެ އަޣްލަބިއްޔަތަށް ބަލާ އިރު، އެ ފަދަ މީހަކު ކުފުރުވާނެ އެވެ.
ނަނެއް ފަދަ ބެލްޓެއް އުނަގަނޑުގައި ބަނުމަކީ، ނުވަތަ ކާފިރުކަމުގެ ޢަލާމާތަކަށް ވާ ފަދަ އެއްވެސް އެއްޗެއް ލުމަކީ، އެ މީހަކު ކުފުރުވާނެ ކަމެކެވެ. ވިޔަފާރިވެރިޔަކު އެފަދަ އެއްޗެހި ބޭނުންކުރަނީ، ކާފަރު ޤައުމެއްގައި މިހާ ފޮރުވިގެން އުޅުމަށް ކަމަށް ވާ ނަމަ، އޭނާ ކުފުރުވާނެ އެވެ. އެފަދަ ތަކެތި ބޭނުންކުރަނީ، ޖޯކުޖެހުމަށް ނުވަތަ އެހެން މީހުން ހެއްވާލުމަށް ކަމުގައި ވާ ނަމަ، އެއީ އެމީހަކު ކުފުރުވާނެ ކަމެކެވެ.
"ކީރިތި قرآن ގެ النساء سورة ގެ 116 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا ﴿١١٦﴾) * النساء: 116) މާނައީ: "ހަމަކަށަވަރުން، ﷲ، އެކަލާނގެ އަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވާނެތެވެ. ﷲ އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ".
النّساء: 116
ކާފަރުން އެ މީހުންގެ ދީނީ ޢީދުތައް ފާހަގަކުރާ އިރު، އެ މީހުން އެ ޚާއްޞަ ދުވަހު ކުރާ ކަންތައްތައް ކުރުމަކީ ކުފުރުވާނެ ކަމެކެވެ. ހަމައެހެންމެ، އެ ދީނީ ޢީދަށް ޚާއްޞަ ތަކެތި ހަދިޔާއެއްގެ ގޮތުން އެ މީހުންނަށް ދިނުމަކީ ކުފުރުވާނެ ކަމެކެވެ.
އެ މީހެއްގެ ޝައިޠާނީ ސިފަތައް ދަށްކޮށްލުމުގެ ގޮތުން، އޭނާ އާ ދިމާލަށް ކާފިރެކޭ ބުނުމުން ކުފުރެއް ނުވާނެ އެވެ. ކުފުރުވާނީ، އެފަދައިން ބުނީ އެ މުސްލިމު މީހާ ކާފިރަކަށް ވުމަށް އެދިގެން ކަމަށް ވާ ނަމަ އެވެ.
އޭނާގެ ބައްޕަ އޭނާ ކުޑައިރު މުސްލިމަކާ ކައިވެނިކޮށްދީފައިވާ ކުޑަ އަންހެން ކުއްޖާ ބުއްދީގެ ތަޞައްރަފު ފުދި ބާލިޣުވާ ޢުމުރު ހަމަވުމަށް ފަހު، އިސްލާމް ދީނާއި އެ ދީނުގެ ޙުކުމްތައް ނޭނގޭ ނަމަ، ނުވަތަ އެ ކަންތައްތަކާ ބެހޭގޮތުން އޭނާ އާ ކުރެވޭ ސުވާލުތަކަށް ޖަވާބުނުދެވޭ ނަމަ، އޭނާގެ ކައިވެނި ބާޠިލުވެ، މުރުތައްދުވާނެ އެވެ. ހަމަ އެ ޙުކުމް ކުޑަ ފިރިހެން ކުއްޖާގެ މައްޗަށް ވެސް ތަޠްބީޤުވާނެ އެވެ.
އެއްވެސް ޙައްޤަކާ ނުލައި މީހަކު އެހެން މީހެއްގެ ގައިގައި ޖަހައިފި ނަމަ ނުވަތަ މަރައިފި ނަމަ، "ތިބާ ކުރީ ވަރަށް ރަނގަޅު ކަމެއް. އެއީ ހަމަ އޭނާ އަށް ހަމަހަދަންވީ ގޮތް" ފަދަ ބަސްތައް ބުނެ އޭނާގެ އަނިޔާވެރި ޢަމަލު ހުއްދަކުރުމަކީ ކުފުރުވާނެ ކަމެކެވެ.
އިސްލާމް ދީނުގެ އަމުރުފުޅުތަކާ މެދު ސީރިއަސް ނުވުމަކީ ކުފުރުވުމެވެ. މިސާލަކަށް ދަންނަވާނަމަ، ނަމާދުނުކޮށް، ޒަކާތް ނުދީ، ރޯދަ ނުހިފަނީ، އެ މީހަކު އެކަންތައްތައް މުހިއްމު ނޫން ކަމަށް ދެކިގެން، ނުވަތަ އެ މީހެއްގެ މައްޗަށް ވާޖިބުވާ ކަމެއް ކަމެއް ޤަބޫލުނުކުރާތީ ކަމަށް ވާ ނަމަ، އެއީ ކުރުފުވުމެވެ.
ގެ ރަޙްމަތާ މެދު މާޔޫސްވުމަކީ ކުފުރުވުމެވެ.
ޢާއްމުކޮށް ޙަރާމްވެގެންނުވާ، އެކަމަކު ބޭރުގެ ސަބަބަކާ ހެދި ޙަރާމްވާ ފައިސާ، ނުވަތަ މުދާ، ނުވަތަ މިލްކުވެރިކަމުގައި ހުންނަ ތަކެއްޗަށް ކިޔެނީ حرام لغيره އެވެ. މީގެ މިސާލަކީ، ވަގަށް ނަގާފައިވާ ތަކެތި ނުވަތަ މަނާކުރެވިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ހޯދާ ތަކެއްޗެވެ. އެކަންކަން ނޭނގި އެތަކެތި ޙަލާލު ކަމަށް ބުނުމަކީ ކުފުރުވާނެ ކަމެއް ނޫނެވެ. މުޅަމަހާއި، އޫރު މަހާއި، ރާ ފަދަ އޭގެ ޒާތުގައި ޙަރާމް ތަކެއްޗަށް ކިޔެނީ حرام لِعَيْنِهِ އެވެ. އެތަކެތި ޙަލާލު ކަމަށް ބުނުމަކީ ކުފުރުވުމެވެ.
ޔަޤީނުން ވެސް އެނގިގެންވާ ފާފަތައް ޙަލާލު ކަމަށް ބުނުމަކީ ކުފުރުވުމެވެ.
އިސްލާމް ދީނުގައި އިޙްތިރާމް ކުރެވިގެންވާ ކަންތައްތައް، މިސާލަކަށް ބަންގިގޮވުމާއި، މިސްކިތްތަކާއި، ފިޤްހު ފޮތްތަކަށް ފުރައްސާރަކޮށް ޖެއްސުންކުރުމަކީ، ކުފުރުވާނެ ކަމެކެވެ.
ވުޟޫ ނެތްކަން އެނގިހުރެ ނަމާދުކުރުމަކީ ކުފުރުވާނެ ކަމެކެވެ.
މީހަކު ނަމާދުކުރަނީ ޤިބްލަ ނޫން ދިމާލަކަށް ކުރިމަތިލައިގެން ހުރެ ކަން އެނގޭ ނަމަ އެއީ ކުފުރުވުމެވެ. ޤިބްލަ އަށް ކުރިމަތިލައިގެން ހުރެ ނަމާދުކުރުމަކީ ކޮންމެހެން ޟަރޫރީ ކަމެއް ނޫން ކަމަށް ބުނުމަކީ ކުފުރުވުމެވެ.
ޝަރުޢީ ސަބަބަކާ ނުލައި، އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިޔަކަށް ޙަސަދަވެރިވުމަކީ ނުވަތަ ލަޢުނަތް ދިނުމަކީ، ކުފުރުވުމެވެ.
މީހަކު އޭނާ ނުރުހޭ މީހަކާ ދިމާލަށް "އަހަންނަށް ކަލޭގެ މޫނަކީ ملك الموت ގެ މޫނު ފަދައޭ" ބުނުމަކީ ކުފުރުވާނެ ކަމެކެވެ. ملك الموت (عزرائيل (عليه السّلام)) އަކީ މަތިވެރިވެގެންވާ މަލާއިކަތެކެވެ.
ޒިނޭކުރުމާއި، އެއް ޖިންސުން ގުޅުންހިންގުމާއި، ރިބާއާއި، ދޮގުހެދުން ފަދަ ކޮންމެ ދީނެއް ގައި ވެސް ޙަރާމް ކަންތައްތައް، ޙަލާލު ކަންތަކަށް ވުމަށް އެދުމަކީ ކުފުރުވުމެވެ.
އަކީ އެންމެ ފަހު ޒަމާނުގެ (ޤިޔާމަތާ ހަމައަށް ހިނގާ މުއްދަތު) ރަސޫލާ ކަމަށް ޤަބޫލުނުކުރާ މީހަކީ ކާފިރެކެވެ.
އެއްކޮށް ރިހި ފޭރާން ލައިގެން ހުރި ފިރިހެނަކާ ދިމާލަށް "ތިބާ އަށް ބަރަކާތް ލައްވާށީ" އޭ ބުނާ ކޮންމެ މީހެއްގެ އީމާންތެރިކަން ގެއްލިދާ ހުއްޓެވެ.
ތަފްސީރާއި ފިޤްހު ފޮތްތަކަށް ހުތުރު އެއްޗެހި ގޮވައި، ނަފްރަތުކޮށް، ހުތުރުކޮށް ވާހަކަދެއްކާ ކޮންމެ މީހަކު ވެގެންދަނީ ކާފިރަކަށެވެ.
"ކަލޭ އޮރިޔާމުން ތިހިރީ جبريل ގެ ޅަ ގެރި ފަދައިންނޭ" މިހެން ބުނާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ. މިހެން ބުނުމަކީ މަލާއިކަތުންނަށް ފުރައްސާރަކުރުމެވެ.
مُحمّد رَسُوْلُ اللهِ ﷺ "އަކީ ކަޅު ކުލައިގެ ބޭކަލެކޭ" ބުނާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ.
"ނަމާދު ނުކުރުމަކީ ފައްކާ ކަމެއް" މިހެން ބުނާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ. "އާދޭ ނަމާދުކުރަން" މިހެން ބުނެވޭ އެއްވެސް މީހަކުގެ ޖަވާބު ގައި "ނަމާދު ކުރުމަކީ އަހަންނަށް ދަތި އުނދަގޫ ކަމެއް" މިގޮތަށް ބުނާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ.
الله تعالى އާ ބެހޭގޮތުން "ބައްޕަ" އޭ ބުނާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ.
މީހަކު " رَسُوْلُ اللهِ ﷺ ފަރިއްކުޅުއްވުމަށް ފަހު އެކަލޭގެފާނުގެ އިނގިލިފުޅުތައް ލޮއެހެއްދެވި" މިހެން ބުނުމުން "ތިއީ ކުރުން އެކަށީގެންވާ ކަމެއް ނޫން" މިހެން ބުނާ މީހާ ކާފިރަކަށް ވާނެ އެވެ.
ހަމައެކަނި އޭނާގެ ވިސްނުމާ އެއްގޮތަށް ކީރިތި قرآن ގެ ތަފްސީރު ކުރާ މީހާ ކާފިރަކަށް ވާނެ އެވެ.
ކީރިތި ޤުރްއާން ރިކޯޑްކޮށްފައި ހުންނަ ކެސެޓްތަކާއި، ރޯލުތައް މުޞްޙަފު ފަދައިން އަގުހުރި ތަކެއްޗެވެ. އެތަކެއްޗަށް އިޙްތިރާމްނުކުރުމަކީ ކުފުރުވުމެވެ.
"އަޅާގެ رَبُّ އެވެ! ކުފުރުވުމުން ނުނިމޭނެ އީމާންތެރިކަމަށް މި އަޅާ އަށް ދެއްވުން އެދި ދަންނަވަމެވެ".
حديث الشّريف
ޖިންނީންނާ ބައްދަލުކުރާ ކަހީނުން، ނުވަތަ ހޮރޮސްކޯޕް ބޭނުންކޮށްގެން ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭ މީހުން، ނުވަތަ ސިޙުރުހަދާ މީހުން ދައްކާ ވާހަކަތަކައި، ކުރާ ކަންތައްތައް، އޭގައި ކޮންމެވެސް ވަރެއްގެ ތެދެއް ވާ ނަމަވެސް، ޤަބޫލުކުރުމުގެ މާނަ އަކީ، الله تعالى ފިޔަވައި އެހެން ފަރާތަކަށް ހުރިހާ ކަމެއް އެނގޭކަމާއި، ބޭނުން ކޮންމެ ކަމެއް ކުރެވޭނެކަން ޤަބޫލުކުރުމެވެ. މިއީ ކުފުރުވުމެވެ. (ސައިންޓިފިކް ޢިލްމު ޤަބޫލުކުރުމަކީ ކުފުރުވުމެއް ނޫނެވެ.)
އިހުމާލުން ނުވަތަ މުހިއްމު ނޫން ކަމަށް ދެކިގެން ސުންނަތް ދޫކޮށްލުމަކީ ކުފުރުވުމެވެ.
"ސިޙުރުވެރިޔާ އަށް އޭނާގެ ސިޙުރުން ކޮންމެ ކަމެއް ވެސް ކުރެވިދާނެ އެވެ. ހަމަ ޔަޤީނުން ވެސް އޭނާގެ ސިޙުރުން އަސަރުކުރާނެ އެވެ" މިހެން ބުނާ ކޮންމެ މީހަކާއި، މި ބަސްތައް ޤަބޫލުކުރާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ.
މުސްލިމަކާ އާ ދިމާލަށް ކާފަރެކޭ ބުނާ މީހާ އަށް ޖަވާބުގައި "އާނއެކޭ" ބުނެ ޖަވާބުދީފި ނަމަ، އޭނާ ކާފިރަކަށްވާނެ އެވެ.
ކައިވެނިކުރުން ޙަރާމްވެގެންވާ މަޙްރަމް އަންހެނަކާ ކައިވެނިކުރުން ޙަލާލު ކަމަށް ދަޢުވާ ކުރުމަކީ ކުފުރުވުމެވެ.
މީހެއްގެ އަތުގައިވާ ޔަޤީނުން ވެސް ޙަރާމް މުދަލުން އެކަމުން ޡަވާބު ހޯދުމަށް އެދި ޞަދަޤާތް ދޭ މީހާ އާއި، އެއީ ޙަރާމް މުދަލުން ދިން ޞަދަޤާތްކަން އެނގިހުރެ އެ ޞަދަޤާތް ބަލައިގަތް ފަޤީރުމީހާ "މާތް ﷲ ތިބާ އަށް ރުއްސަވާދޭވެ"، މިހެން ބުނުމުން، އެ ޞަދަޤާތް ދިން މީހާ ނުވަތަ އެހެން މީހަކު "އާމީން" އޭ ބުނުމުން، އެ އެންމެން ކުފުރުވާނެ އެވެ.
الله تعالى ފިޔަވައި އެހެން މީހަކާ ދިމާލަށް ނުވަތަ އެއްޗަކާ ދިމާލަށް ކޮންމެ މާނައެއް ގައި ވިޔަސް "ހެއްދެވިފަރާތް" މިހެން ބުނުމަކީ، ކުފުރުވުމެވެ.
"ޢަބްދުލް ޤާދިރު" ގެ ބަދަލުގައި ޤަސްދު ގައި ޢަބްދުލް ގޯދިރު ކިޔުމަކީ ކުފުރުވުމެވެ. ހަމައެހެންމެ، ޢަބްދުލް ޢަޒީޒުގެ ބަދަލުގައި އަބްދޯ، محمّدގެ ބަދަލުގައި މެމޯ، حسن ގެ ބަދަލުގައި ހަސޯ، إبراهيمގެ ބަދަލުގައި އިބޯ ކިޔުމުން ވެސް، ކުފުރުވާނެ އެވެ. ބައެއް ވިޔަފާރިވެރިން މި ބަރަކާތްތެރި އިސްމުފުޅުތައް ފައިވާން ނުވަތަ ފެންފައިވާނުގައި އިޝްތިހާރަކަށް އެ މީހުންގެ ނަންތައް ކަމުގައި ވާތީ ލިޔެ، އެ ގަންނަ މީހުން އެ އަށް އަރައި ހަދައެވެ. އެ ގޮތަށް އިސްމުފުޅުތައް ލިޔާ މީހުންނާއި، އެއަށް އަރާ މީހުންނާއި ދެ ބައި މީހުންގެ އީމާންކަން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.
"އަހަރެމެން ވަލީވެރިންގެ މަޤްބަރާތައް ހަލާކުކޮށްލަނީ، އެ ބޭކަލުންނަކީ ޚާލިޤުން ކަމަށް ޖާހިލުން ހީކޮށްފާނެ ކަމުގެ ބިރަށެވެ"، މިހެން ކިޔައި ދަޢުވާކުރުމަކީ ކުފުރުވުމެވެ.
އިސްލާމީ ލިޔުންތަކެއް ނުވަތަ އިސްލާމީ އެންމެ އަކުރެއް ލިޔެފައި ވިޔަސް، (އިސްލާމް ދީނަށް އިހާނެތިކުރުމުގެ ނިޔަތުގައި އެ ޢަމަލު ހިންގި ނަމަ) ކަރުދާސްގަނޑެއް، ކަވަރެއް، ނުވަތަ ނަމާދު މުޞައްލައެއް ބިންމަތީގައި ބޭއްވުމަކީ ކުފުރުވުމެވެ.
"أبوبكر الصدّيق އަދި عمرالفاروق (رضي الله تعالى عنهم) އަށް ޚަލީފާކަމުގެ ޙައްޤު ލިބިފައެއް ނުވޭ" މިހެން ބުނުމަކީ ކުފުރުވުމެވެ.
އެއްވެސް މީހަކު، ޚާއްޞަކޮށް އެ މީހަކުގެ އަމިއްލަ ދަރިފުޅު ކާފިރަކަށް ވުމަށް މެދުވެރިވުމަކީ، ކުފުރުވުމެވެ.
ރޭޑިޔޯ އަކުން ނުވަތަ ލައުޑް ސްޕީކަރަކުން ކީރިތި ޤުރްއާން އަޑުއިވުމުން، އެ އިވުނު އަޑަކީ ސީދާ ކީރިތި ޤުރްއާނަށް ނުވެފައި، މެގްނެޓިކް ވައިބްރޭޝަންތަކަށް ވިޔަސް، އިޙްތިރާމް ނުކުރުމަކީ ކުފުރުވުމެވެ.
ސުންނަތަށް ނަފްރަތުކުރުމަކީ ކުފުރުވުމެވެ. ސުންނަތަށް އަހައްމިއްޔަތުކަން ނުދިނުމަކީ، ކުފުރުވުމެވެ.
މަރުވާ މީހުން ބިމުގައި ވަޅުލުމަކީ ފަރްޟެކެވެ. މި ޚިދުމަތަށް އަހައްމިއްޔަތުކަން ނުދީ އަދި ޢިލްމުން ޙުއްޖަތް ދީ "މަރުވާ މީހުން ވަޅުލުމަކީ ކަޓުމުއްލާ ކަމެކެވެ. ބުޑިސްޓުންނާއި، ބްރަހަމުން ނުވަތަ ކޮމިއުނިސްޓް ކާފަރުން ފަދައިން އެ މީހުން އެންދުން މާރަނގަޅެވެ"، މިހެން ބުނާ މީހާ ކުފުރުވާނެ އެވެ.
"ކަންތައްތައް އަވަސްކޮށްދޭ ބައްޕާ އެވެ"، މިހެން ބުނުމަކީ ހުތުރުވެގެންވާ އަދި ކުފުރުވުމެވެ. (ޢާއްމުކޮށް މިހެން ބުނެވެނީ ނިޔާވެފައިވާ ވަލީވެރިންނަށެވެ.)
ޒިނޭކުރުމާއި، އެއްޖިންސުން ގުޅުންހިންގުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށް ދަޢުވާކުރުމަކީ، ކުފުރުވުމެވެ.
نصّ ގައި (ކީރިތި قرآن ގެ އާޔަތެއް ނުވަތަ حديث) ވާރިދުވެގެންވާ ނުވަތަ އިޖްމާޢު (ކަމަކާ މެދު އަޞްޙާބު ބޭކަލުން އަދި ތާބިއީން އިއްތިފާޤުވާ ކޮމެންޓް، އިއްތިފާޤުވުން، ނުވަތަ ކަމަކާ މެދު އިއްތިފާޤު) ވެފައިވާ ޙަރާމް ކަމަކަށް އަހައްމިއްޔަތުކަން ނުދިނުމަކީ ކުފުރުވުމެވެ.
ބޮޑެތި ފާފަތައް ކުރުމުގައި ދެމިހުރުމާއި، އެ ފާފަތައް ކުރުމަށް ބާރުއެޅުމަކީ، އެކަން ކުރާ މީހާ ކުފުރުގެ ތެރެއަށް ވައްދާ ކަމެކެވެ. ނަމާދަށް އަހައްމިޔަތުކަން ނުދިނުމަކީ ކުފުރުވުމެވެ.
ހިތުން، ނުވަތަ ދުލުން އެ އަޅާ ދިރިދުނިޔޭގައި ހުންނެވިޔަސް، ނުވަތަ ނިޔާވެފައި ވިޔަސް، ވަލީވެރިޔަކަށް އިންކާރުކުރުމަކީ ކުފުރުވުމެވެ.
އިސްމާކީ ތަޢުލީމާ އެއްގޮތަށް ޢަމަލުކުރައްވާ ވަލީވެރިންނާއި، އިސްލާމީ ޢިލްމުވެރިންނާ ދޭތެރޭ ޢަދާވާތްތެރިކަން ބޭއްވުމަކީ ކުރުފުވުމެވެ.
ވަލީވެރިންނަށް ޢިޞްމަތްތެރިކަމުގެ (ޠާހިރުކަން) ސިފަ ލިބިގެންވާ ކަމަށް ބުނުމަކީ ކުފުރުވުމެވެ. (ޢިޞްމަތުގެ މާނަ އަކީ، އެއްވެސް އިރެއްގައި އެއްވެސް ފާފައަކަށް އަރައިނުގަތުމެވެ. މިއީ ހަމައެކަނި ރަސޫލުންނަށް ލިބިގެންވާ ޞިފައެކެވެ.)
ޙާދިޘާތައް ހިނގަނީ އޭގެ ޒާތުގައި ކަމަށް ޤަބޫލުކޮށް، ޖަނަވާރުތައް އުފެދި އިތުރުވެގެން އައިސްފައިވަނީ އެއް ސެލްގެ ދިރިހުރި އެއްޗެހިން، ކުރިއަރާފައިވާ ދިރިހުރި މަޚްލޫޤުންނަށް، ދެން އިންސާނުންނަށް ކަމަށް ބުނުމަކީ ކުފުރުވުމެވެ.
ކާފަރުންގެ އަޅުކަންތައް، މިސާލަކަށް އޯގަން އެއް ނުވަތަ ރަނގަބީލެއް ފަދަ އެ މީހުން އެބައި މީޙުންގެ ފައްޅިތަކާއި، މިސްކިތްތައް ނުވަތަ އެއްޗެއް ކުޅުން، ނުވަތަ އިސްލާމް ދީނުގައި ކުފުރުވުމުގެ ޢަލާމާތްތައް ބުނާ ކަންތައްތައް، އެކަމުގެ ޟަރޫރަތެއް ނެތި ކުރުމަކީ ކުފުރުވުމެވެ.
އަޞްޙާބު ބޭކަލުންނަށް ބަދުދުޢާކުރާ މީހުންނަށް ކިޔޭ ނަމަކީ مُلحِدُ އެވެ. مُلحِدُ އަކީ ކާފިރެކެވެ.
ޞަލީބަށާއި، ތަރިތަކަށާއި، އިރަށާއި، ބަކަރި އަށް ނުވަތަ އެހެން އެއްވެސް އެއްޗަކަށް ނުވަތަ ތަޞްވީރަކަށް، ނުވަތަ ބުދުތަކަށް، ލިބިފައިވަނީ އިލާހީ ސިފަތަކެއް ކަމަށާއި، ނުވަތަ ބޭނުން ކޮންމެ ކަމެއް ޚަލްޤުކޮށް ނުވަތަ ބަލި މީހުންނަށް ޝިފާ ދެއްވާ ކަމަށް އިޙްތިރާމްކުރުމަކީ، ކުފުރުވުމެވެ.
عائشة (رضي الله عنها) ގެ އަގުވައްޓާލާ ކޮންމެ މީހަކީ (އެ ކަމަނާ އަކީ ޒިނޭކުރި މީހެއް ކަމަށް ބުނާ ކޮންމެ މީހަކީ)، ނުވަތަ އެކަމަނާގެ ބައްޕާފުޅަކީ ޞަޙާބީއެއް ކަމަށް ޤަބޫލުނުކުރާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ.
عيسى (عليه السّلام) އުޑުން ފައިބާވަޑައިގަންނަވާނެ ކަމީ، ކަނޑައެޅިގެން އެނގެންހުރި ކަމެކެވެ. މިކަން ޤަބޫލުނުކުރާ ކޮންމެ މީހަކު ވެގެންދާނީ ކާފިރަކަށެވެ.
ކީރިތި ޤުރްއާން ނުވަތަ حديث شريف ގައިވާ ސުވަރުގޭގެ އުފާވެރި ޚަބަރުދޭ މީހާ އަކީ ކާފަރެއް ކަމަށް ގޮވުމަކީ ކުފުރުވުމަށް މެދުވެރިވާ ސަބަބެކެވެ.
މުސްލިމު އަންހެނަކު ބޮލާއި، ދެ އަތާއި، ދެ ފައި ކަޝްފުކޮށް ފިރިހެނުންނަށް ދެއްކުމަކީ ޙަރާމް އަދި ފާފަވެރި ޢަމަލެކެވެ. މި ޙަޤީޤަތާ މެދު އަޅާނުލައި، އަހައްމިއްޔަތުކަމެއް ނުދޭ ކަމުގައި ވާ ނަމަ، އެ ފަދަ އަންހެނެއްގެ އީމާންތެރިކަން ގެއްލި ކާފިރަކަށް ވާނެ އެވެ.
މަލާއިކަތުންނާއި، ޖިންނީން ވުޖޫދުވާ ކަމަށް އީމާންނުވާ ކޮންމެ މީހަކު ކާފިރަކަށް ވާނެ އެވެ.
އެއްވެސް މީހަކު މުސްލިމަކާ ދިމާލަށް "އޭ ކާފިރު" އޭ ގޮވައި (ނުވަތަ މީހަކު މުސްލިމަކާ ދިމާލަށް މާސޫނީއެކޭ ނުވަތަ ކޮމިއުނިސްޓެކޭ ގޮވާނަމަ) އަދި އެ މުސްލިމަކީ ކާފިރެއް ކަމަށް ޤަބޫލުކޮށްފި ނަމަ، ޚުދު އޭނާ ވެގެންދާނީ ކާފިރަކަށެވެ.
"لا إله إلّا الله ކިޔުމާ އެކު ތިބާގެ އީމާންކަން އާކުރާށެވެ".
حديث الشّريف
ނަބިއްޔުންގެ ޢަދަދު ސީދާ އެނގިގެން ނުވެއެވެ. ނަބިއްޔުންގެ ސީދާ ޢަދަދެއް ބުނުމުން އެއިން ދޭހަވެގެންދަނީ، ނަބިއްޔަކަށް ނުވާ މީހަކީ ނަބިއްޔެއް ކަމަށް އީމާންވުން، ނުވަތަ ނަބިއްޔެއްގެ ނަބީކަން ޤަބޫލުނުކުރުމެވެ. މިއީ ކުފުރުވުމެވެ. އެހެނީ، ނަބިއްޔެއް އިންކާރުކުރުމުގެ މާނައަކީ ނަބިއްޔުންގެ ތެރެއިން ކޮންމެ ނަބިއްޔެއް ވެސް އިންކާރުކުރުމެވެ. މި މައުޟޫޢު ގައި އިސްލާމީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ނަބިއްޔުންގެ ޢަދަދު އެއް ލައްކަ ސައުވީސް ހާހަށް ވުރެ އިތުރުވެގެން ވެއެވެ.
ކުފުރުވާނެ ކަމަށް އިސްލާމީ ޢިލްމުވެރިން އިޖްމާޢުވެފައިވާ ބަހެއް ނުވަތަ ޢަމަލެއް، މުސްލިމު ފިރިހެނަކަށް ވިޔަސް އަދި އަންހެނަކަށް ވިޔަސް، އެކަން އޭނާ ކޮށްފި ނަމަ ކުފުރުވާނެކަން އެނގިހުރެ، ކޮށްފި ނަމަ އޭނާގެ އީމާންކަން ގެއްލޭނެ އެވެ. އެކަމަކު، އެ މީހަކު އެކަން ކުރީ ޤަސްދު ގައި (އަމިއްލަ އިޚްތިޔާރުގައި މަޖްބޫރުކަމެއް ނެތި) ކަމަށް ވިޔަސް، ނުވަތަ އެ މީހަކު އެކަން ކުރީ ނުވަތަ ބުނީ ސީރިއަސްކޮށް ނުވަތަ ޖޯކެއްގެ ގޮތުގައި ވިޔަސް، އެ ބުނެވެނީ ކީކޭކަން ނޭނގުމަކީ މި ޤަވާޢިދުން އިސްތިސްނާ ވާ ކަމެއް ނޫނެވެ. އެ މީހަކު ވާނީ މުރުތައްދުވެފައިވާ މީހަކަށެވެ. މުރުތައްދުވީ މީހާ އަށް ކުރިން ލިބިފައިވާ ޘަވާބުތައް ބާޠިލުވާނެ އެވެ. މުރުތައްދުވީ މީހާ ތައުވާވެއްޖެ ނަމަ، އޭނާ ކުރިން ކުރި އަޅުކަންތަކުގެ ޘަވާބުތައް އިޢާދައެއް ނުވާނެ އެވެ. އޭނާ އަކީ މުއްސަނދި މީހެއް ނަމަ، އޭނާ އަދި އަލުން ޙައްޖުވުން ހުއްޓެވެ. ތައުބާވުމަށް ޓަކައި، ހަމައެކަނި ޝަހާދަތުގެ ދެ ކަލިމަ ކިޔުމުން ނުފުދެއެވެ. މުރުދައްދުވާން މެދުވެރިވީ ޢަމަލަށް ތައުބާވާން ވެސް ޖެހެއެވެ. (އޭނާ އިސްލާމް ދީނަށް އަލުން ވަންނަންވީ އޭނާ ކުރިން އެ ދީނުން ނިކުތް ދޮރުންނެވެ.) މިކަންކަން ނޭނގުމަކީ ޢުޒުރެއް ނޫނެވެ. އެކަމަކީ މުސްލިމެއްގެ މައްޗަށް ވާ ބޮޑު ފާފައެކެވެ. އެހެނީ، ކޮންމެ މީހަކަށް އެނގުން ލާޒިމުވާ ކަންތައްތައް އުނގެނުމަކީ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މުރުތައްދުވުމަށް ސަބަބަކަށް ވާ ފަދަ ބަހެއް، ނޭނގި، އޮޅުމެއްގެ ތެރޭގައި ނުވަތަ މާނަކުރުމުގެ ގޮތުން ބުނެވުނަސް މީހާގެ ކައިވެންޏާއި، އީމާންކަން ބާޠިލެއް ނުވާނެ އެވެ. މި ޙާލަތުގައި، ތައުބާވެ އިސްތިޣްފާރުކުރުމަކީ، ނުވަތަ އީމާންކަން އާކުރުމަކީ، މުސްތަޙައްބު ވެގެންވާ ކަމެކެވެ.
ކާފިރަކު މުސްލިމަކަށް ވަނީ كلمة التّوحيد ކިޔުމުންނެވެ. ހަމައެހެންމެ، އެންމެ ބަހެއް ބުނެގެން މުސްލިމަކު ކާފިރަކަށް ބަދަލުވެދާނެ އެވެ. ކޮންމެ މުސްލިމަކު، އަންނަނިވި ދުޢާ، ކޮންމެ ހެނދުނަކާއި، ކޮންމެ ހަވީރަކު ކިޔައި، ތައުބާވެ، އެ މީހާގެ އީމާންކަމާއި، ކައިވެނި އާކުރަންވާނެ އެވެ.:
"اللَّهُمَّ إنِّي أعُوذُ بِكَ من أن أُشركَ بِكَ شيئا وأنا أعلم. و أستغفرك لما لا أعلم. إنّك أنت علّام الغُيُوب".
"اللَّهُمَّ إِنِّي أُريدُ أن أُجَدِّدَ الإيمان و النّكاحَ تجديدا بقول لا إله إلّا الله محمّدٌ رسُولُ الله".
ތިބާ ހޯދުމަށް ޓަކައި ވަށާ ހޯދަން ބޭނުންވެއޭ،
ތިބާގެ ފިޔަވަޅުގެ ހިރަފުހުން އަޅުގަނޑުގެ މޫނު ފުހެން،
ތިބާގެ މޫނުފުޅު ދުށުމަށް ﷲ އަށް ދަންނަވަމޭ،
محمّدގެފާނޭ، އަޅުގަނޑުގެ ރޫޙު ތިބާ އަށް އެދެނީއޭ.
ބަރަކާތްތެރި ދަތުރެއް ގައި އަޅުގަނޑަށް ދެވޭނެނަމައޭ،
އަދި ގެފުޅުގެ މަގުތަކުގެ ވެއްޔަށް ގެނބި،
ތިބާގެ ރިވެތި މޫނުފުޅު އެއްފަހަރު ހުވަފެނުގައި ފެންނާނެތޯއޭ،
محمّدގެފާނޭ، އަޅުގަނޑުގެ ރޫޙު ތިބާ އަށް އެދެނީއޭ.
އަޅުގަނޑުގެ ހިތުގައި އޮޅުވާލުމެއް ބާކީ ނެތޭ،
އަޅުގަނޑުގެ ޙައްޤުގެ މަގަށް ތެދުވެރިކަމާ އެކު ވަދެފީމޭ،
أبو بكر، عُمر، عُثمان ވެސް މެއޭ،
محمّدގެފާނޭ، އަޅުގަނޑުގެ ރޫޙު ތިބާ އަށް އެދެނީއޭ.
