ލޮބުވެތި ރަސޫލާ

އެކަލޭގެފާނުގެ ޒުވާންކަން އަދި ކައިވެނި

އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު

"އެކަލޭގެފާނުގެ ތެދުވެރިކަމާއި ވަފާތެރިކަން ބޮޑުކަމުން، މވަރަށް ރަނގަޅު އިންސާނެއް ކަމަށް މުޅި ދުނިޔެ ވެސް ދެކޭ محمّد (‏عليه السّلام)‏ އަށް އެކެލޭގެފާނުގެ އެންމެ ބޮޑު ދުޝްމަނުންނާއި، ބޮޑެތި ކާފަރުން ވެސް ކިޔައި އުޅުނީ محمّد الأمين (‏އަމާނާތްތެރި)‏ މިހެންނެވެ".
حسين حلمي بن ساعد (‏رحمة الله عليه)‏

އެކަލޭގެފާނުގެ ޒުވާން ޢުމުރުފުޅުގައި ވެސް، ހުރިހާ ގޮތަކުން ވެސް މަތިވެރި محمّد (‏صلّى الله عليه وسلم)‏ އެކަލޭގެފާނުގެ އެކުވެރިންނަށް ވުރެ މައްކާގެ މީހުން އެކަލޭގެފާނު ދެކެ ލޯބި ވިއެވެ. އެކަލޭގެފާނުގެ މަތިވެރި އަޚްލާޤާއި، މީހުންނާ މުޢާމަލާތުކުރައްވާ އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި، މަޑުމޮޅިކަމާއި، އެހެން ވެސް މަތިވެރި ސިފަތަކުގެ ސަބަބުން އެންމެން ވެސް އެކަލޭގެފާނަށް ލޯބިވެ އިޙްތިރާމްކުރި އެވެ. އެކަލޭގެފާނުގެ އާދަޔާ ޚިލާފު ތެދުވެރިކަމާއި، އިތުބާރުގެ ސަބަބުން، މައްކާގެ މީހުން އެކަލޭގެފާނަށް ކިޔާއުޅުނީ "الأَمِينُ" ގެ ނަމުންނެވެ. މާނައަކީ، "އަމާނާތްތެރި އިތުބާރުހިފޭ" މި މާނަ އެވެ. އެހެންކަމުން، އެކަލޭގެފާނުގެ ޒުވާން ޢުމުރުފުޅުގައި މަޝްހޫރުވެގެންވީ މި ނަމުންނެވެ.

އަޅުގަނޑުމެންގެ މާތް ރަސޫލާގެ ޒުވާން ޢުމުރުގައި، ޢަރަބިން އުޅެމުން ދިޔައީ، ކޮންޓްރޯލެއް ނެތް ޖަހާލަތެއްގައެވެ. ބުދަށް އަޅުކަންކުރުމާއި، ރަލާއި، ގޭމްބްލިންގ އާއި، ޒިނޭކުރުމާއި، ރިބާ ނެގުމާއި، އެހެނިހެން ވެސް ނުބައި އެތައް ކަމެއް އެބައިމީހުންގެ ތެރޭގައި އޮތީ ފެތުރި ޢާއްމުވެފައެވެ. رَسُوْلُ اللهِ ﷺ އެބައިމީހުންގެ އެ ނުބައި ކަންތައްކަތަށް ނަފްރަތުކުރެއްވި އެވެ. އެކަލޭގެފާނު ހުންނެވީ އެބައިމީހުންގެ އެ ނުބައި ޢަމަލުތަކާ ދުރުގައެވެ. މައްކާގެ އެންމެންނަށް ވެސް އެކަން އެނގި އެކަމާ މެދު ޙައިރާންވެފައެވެ. އެކަލޭގެފާނު ބުދުތަކަށް ނުލާހިކު ނަފްރަތު ކުރައްވައި އެ އެއްޗިއްސާ ކައިރިވެ ވަޑައިނުގަންނަވައެވެ. ބުދަށް ޤުރުބާންކޮށް ކަތިލެވުނު އެއްވެސް ޖަނަވާރެއްގެ މަސް އެކަލޭގެފާނު ކޭންނުބައްލަވައެވެ. އެކަލޭގެފާނުގެ ޅަ ޢުމުރުގައި އެކަލޭގެފާނުގެ މިލްކުގައިވީ ޖަނަވާރު ތައް ޖިޔާދު ފަރުބަދައިގަޔާއި، އެ ސަރަޙައްދުގައި ހުއިހެއްޕެވިއެވެ. އެކަލޭގެފާނުގެ ރިޒްޤު ހޯއްދެވީ އެ ގޮތުގައެވެ. ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ މުޖްތަމަޢާ ދުރުގައި އެކަލޭގެފާނު އުޅުއްވި އެވެ. އެއް ފަހަރަކު رَسُوْلُ اللهِ ﷺ ޞަޙާބީ ބޭކަލުންނަށް حديث ކުރެއްވި އެވެ. "ބަކަރި ހުއިނުހިއްޕަވާ އެއްވެސް ރަސޫލަކު ނުވެއެވެ". އެ ބޭކަލުން އެއްސެވި އެވެ. "ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ވެސް ބަކަރު ހުއިހެއްޕެވިން ތޯ އެވެ؟" އެކަލޭގެފާނު حديثކުރެއްވި އެވެ. "އާއެނކެވެ. ތިމަންކަލޭގެފާނު ވެސް ބަކަރި ހުއިހެއްޕެވީމެވެ".

އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާގެ ޢުމުރުފުޅުން ވިހި އަހަރުގައި މައްކާ ގައި އޭރު އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އަނިޔާވެރިވުމަކީ އޭރު ވަރަށް ޢާއްމު ކަމެކެވެ؛ މުދަލާއި، ޖާނާއި، ޢިއްފަތްތެރިކަމުގެ ސަލާމަތްތެރިކަން ވަނީ ގެއްލިގެންގޮސްފައެވެ. ވިޔަފާރިއަށާއި، ގެފުޅަށް ޒިޔާރަތްކުރުމަށް މައްކާ އަށް އަންނަ ބީރައްޓެހިންނަށް މައްކާ މީހުން ދިޔައީ އަނިޔާވެރިވަމުންނެވެ. އެގޮތުން އަނިޔާ ލިބޭ މީހުންނަށް. އެ މީހުންގެ ޙައްޤުތައް އަނބުރާ ހޯދުމަށް ކުރެވޭނެ އެއްވެސް ކަމެއް ވެސް އޭރަކު ނޯވެއެވެ. މިހެން މިކަން އޮތްވާ، ބިން ވާއިލް ނަމަކަށް ކިޔުނު މައްކާ މީހަކު، ޔަމަނުގެ ވިޔަފާރިވެރިޔަކުގެ މުދާ ގަދަކަމުން ޖަހައިގެންފި އެވެ. މި ޙާދިސާ ހިނގުމުން، އެ ޔަމަނު މީހާ އަބު ޤުބައިސް ފަރުބަދަ އަށް ގޮސް ރޮއެހޭރި، އޭނާގެ ޙައްޤުތައް ހޯދުމަށް އެދި އެ ސަރަޙައްދުގެ ޤަބީލާތަކުގެ މީހުންނަށް އެދި އާދޭސްކޮށްހެދިއެވެ. އަނިޔާވެރިކަން އޭގެ ޙައްދުން ނައްޓައިފިކަން ހާމަވި މި ޙާދިސާ އާ ވިދިގެން، ހާޝިމްގެ ދަރިންގެ ވަންހަތަކާއި، ޒުހުރާގެ ދަރިންނާއި، އެހެން ޤަބީލާތައް ޢަބްދުﷲ ބިން ޖަދްޢާނުގެ ގެއަށް ޖަމާވިއެވެ. އެމީހުން ނިންމީ މައްކާ މީހަކަށް ވިޔަސް އަދި ބީރައްޓެއްސަކަށް ވިޔަސް، ދެވޭ އަނިޔާވެރިކަން ހުއްޓާލައި، އަނިޔާކުރެވިފައިވާ މީހުންގެ ޙައްޤުތައް އަނބުރާ ދިނުމަށެވެ. މި ސަބަބަށް ޓަކައި، ޢަދުލުވެރިކަމާ ބެހޭ ޖަމްޢިއްޔާއެއް އެމީހުން ޤާއިމް އެވެ.1

رَسُوْلُ اللهِ ﷺ ވެސް ޅަ ޢުމުރުފުޅުގައި ގުޅިވަޑައިގެންނެވި، ފެށިގެންދިޔަ އިރު ނުފޫޒު ގަދަ މި ޖަމްޢިއްޔާގެ ނަމަކީ حلف الفضول އެވެ. އޭގެ ކުރިން މިފަދަ އެހެން ޖަމްޢިއްޔާއެއް فَضل އާއި فُضَيل ނަމަކަށް ކިޔުނު ދެ މީހަކު ވެގެން އުފެއްދި އެވެ. ވުމާއެކު، މި ޖަމްޢިއްޔާ އަށް މި ނަން ދެވުނީ ކުރިގެ ޖަމްޢިއްޔާ އާ ގުޅުވާލުމަށެވެ. މި ޖަމްޢިއްޔާ އިން ވަނީ، އަނިޔާވެރިކަން ހުއްޓުވައި، މައްކާ ގައި އަމާންކަން އަނެއްކާ ވެސް ޤާއިމްކޮށްދީ، އެކަން އެ ގޮތުގައި ދިގު މުއްދަތަކަށް ދަމަހައްޓައިފައެވެ. އަހަރެމެން ރަސޫލާ އެކަލޭގެފާނަށް ރަސޫލުކަން ފޮނުއްވުމަށް ފަހު އަޞްޙާބު ބޭކަލުންނަށް حديثކުރެއްވި އެވެ. "عبدالله بن جدعان ގެ ގޭގައި ހުވާކުރުން އޮތް އިރު، ތިމަންކަލޭގެފާނު ޙާޒިރުވެ ހުންނެވީމެވެ. ރަތް ހަމުގެ ޖަމަލަށް ވުރެ އެ ހުވާކުރުން ތިމަންކަލޭގެފާނަށް ލޯބިވެގެންވެއެވެ. މިއަދު، ތިމަންކަލޭގެފާނަށް އެފަދަ އެއްވުމަކަށް ދަޢުވަތު ދެވިއްޖެ ނަމަ ބައިވެރިވެ ވަޑައިގަންނަވާނަމެވެ".2

އެކަލޭގެފާނުގެ ވިޔަފާރިކުރެއްވުން

"މުސްލިމަކު ޙަލާލު ގޮތުގައި އާމްދަނީ ހޯދައި، އެހެން މީހުންގެ މައްޗަށް ބަރޯސާނުވެ، އޭނާގެ އަވަށްޓެރިންނާއި، ތިމާގެ މީހުންނަށް އެހީތެރިވާ ނަމަ، ޤިޔާމަތް ދުވަހު، އޭނާ ވާނީ ހުޅެވި ހަނދު ފަދައިން އަލިވެ އުޖާލާވެގެންނެވެ".
حديث الشّريف

ޤަދީމީ ޒަމާނުއްސުރެ މައްކާ މީހުންނަކީ، ވިޔަފާރިކޮށް، އެމީހުންގެ ކާބޯތަކެތި އެގޮތުން ހޯދައިއުޅުނު ބައެކެވެ. ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ ބަފައިފުށުގެ ބޮޑުބޭބޭފުޅު أبو طالب ގެފާނަކީ ވިޔަފާރީގައި ވެސް އުޅުއްވި ބޭފުޅެކެވެ. ލޮބުވެތި ރަސޫލާގެ ޢުމުރުފުޅުން ގާތްގަޑަކަށް ފަންސަވީސް އަހަރު ގައި، މައްކާގެ އިޤްތިޞާދީ ދަތިކަން ވަރަށް ބޮޑުވެގެން ދިޔައެވެ. އެ ސަބަބަށް ޓަކައި، ދިމިޝްޤަށް ދިއުމަށް ޓަކައި މައްކާގެ މީހުން ބޮޑު ވިޔަފާރި ޤާފިލާއެއް ތައްޔާރުކުރި އެވެ. އެ ދުވަސްވަރު، أبو طالب ގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. "އަހުރެންގެ ކޮއްކޮ ގެ މަތިވެރިވެގެންވާ ދަރިކަލުންނޭވެ! ފަޤީރުކަން ވަނީ އޭގެ އިންތިހާ އަށް ގޮސްފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އަހަރެމެން ދަތިކަމާއި އުދަނގުލުގައި ހޭދަކޮށް އަތްމަތި ހުސްވެއްޖެ އެވެ. މިތާނގައި ޤުރައިޝުންގެ ދިމިޝްޤަށް ދާން އެ އޮތީ ތައްޔާރުވެގެންނެވެ. خديجة ގެފާނު މި ޤާފިލާއާ އެކު މުދާ ފޮނުއްވާނެ އެވެ. މިކަން ކުރުމަށް ޓަކައި އެކަމަނާ ތެދުވެރި އަމާނާތްތެރިއަކު ހޯއްދަވާނެ ކަމަށް ބެލެވެއެވެ. ހަމަކަށަވަރުން ވެސް ކަލޭގެފާނު ފަދަ ތެދުވެރި އަދި އިތުބާރުހިފޭ މީހަކަށް އެކަމަނާ ބޭނުންފުޅުވާނެ އެވެ. އެކަމަނާއާ ހަމައަށް ގޮސް ވާހަކަދައްކައި، ކަލޭގެފާނު އެ ކަމަނާގެ ޑެޕިއުޓީގެ ގޮތުގައި ކަލޭގެފާނު ހަމަޖެއްސިއްޖެ ނަމަ ރަނގަޅުވާނެ އެވެ. ޙަޤީޤަތުގައި ކަލޭގެފާނު ދިމިޝްޤަށް ވަޑައިގަންނަވާކަށް ތިމަންނަ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، އެހެން އެއްވެސް ޙައްލެއް އަހުރެންނަކަށް ނުފެނުނެވެ". رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބަށް ދެންނެވީ "ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ޢަމަލުކުރައްވާ" މިހެންނެވެ.

خديجة ގެފާނަކީ، އެކަމަނާގެ ރިވެތިކަމާއި، މުއްސަނދިކަމާއި، ވިސްނުންތޫނުކަމާއި، ޢިއްފަތްތެރިކަމާއި، ރިވެތި ސިފަތަކުގެ ވެރިއެއްގެ ގޮތުގައި ޢަރަބި ކަރައިގައި ވަރަށް ނަންހިނގާފައިވާ ބޭކަނބަލެކެވެ. އެހެންކަމުން، އެތައް ބަޔަކު ތިބީ އެ ކަމަނާއާ ކައިވެނިކުރުމަށް ބޭނުންވެފައެވެ. އެހެންނަމަވެސް، އެ ކަމަނާ އަށް ފެނުނު ހުވަފެނެއްގެ ސަބަބުން އެއިން އެއްވެސް މީހަކަށް އެ ކަމަނާގެ ޝައުޤުވެރިކަމެއް ނެތެވެ. އެކަމަނާގެ ހުވަފެނުގައި ހަނދު އުޑުން ފައިބައިގެން އައިސް ވަންނަނީ އެ ކަމަނާގެ މޭފުޅަށެވެ؛ އެ ހަނދުގެ ދޯދިތައް އެ ކަމަނާގެ ކިހިލިފަތް ދޭތެރެއިން ނިކުމެގެން ގޮސް މުޅި ކައުނު ދިއްލައިލި އެވެ. ހެނދުނު ވުމުން، އެކަމަނާ އަށް ފެނުނު ހުވަފެނުގެ ވާހަކަ އެ ކަމަނާގެ ތިމާގެ މީހެއް ކަމުގައިވާ ورقة بن نوفل އަށް ކިޔައިދެއްވިއެވެ. އޭނާ ބުންޏެވެ. "ފަހު ޒަމާނުގެ ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފި އެވެ. އެކަލޭގެފާނު ކަމަނާއާ ކައިވެނިކުރައްވާނެ އެވެ. އަދި ކަމަނާ ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނަށް ވަޙީ3 ބާވައިލައްވާނެތެވެ. އެކަލޭގެފާނުގެ ދީނުގެ ނޫރުން ދުނިޔެ ފުރާނލާނެ އެވެ. ކަމަނާ ވާނީ އެންމެ ފުރަތަމަ އީމާންވާ އެންމެ ފުރަތަމަ ބޭފުޅަކަށެވެ. އެ ރަސޫލާ ވާނީ ޤުރައިޝް ވަންހައިގެ ބަނީ ހާޝިމްގެ ދަރިކޮޅުންނެވެ". މި ޖަވާބުން خديجة ގެފާނު އުފާކުރެއްވި އެވެ. އަދި ރަސޫލާގެ ވަޑައިގަތުމަށް އިންތިޒާރުކުރައްވަން ފެއްޓެވި އެވެ.

خديجة ގެފާނު ވިޔަފާރިކުރެއްވުމުގައި އުޅުއްވި އެވެ؛ އެކަމަނާ އެބަޔަކާ އެއްބަސްވީ ބަޔަކާ ޕާޓްނަރޝިޕް ހެއްދެވި އެވެ. ކަން އޮތް ގޮތުގެ ވާހަކަ أبو طالب ގެފާނު خديجة ގެފާނަށް ދެންނެވި އެވެ. އެއާއެކު، رَسُوْلُ اللهِ ﷺ، خديجة ގެފާނުގެ އަރިހަށް ވަޑައިގެން ވާހަކަދެއްކެވުމުގެ ދަޢުވަތު ދެއްވި އެވެ. އެކަލޭގެފާނުގެ ރިވެތި، ނިޔަނެތި، އަދި މަތިވެރި މޫނުފުޅު އެކަމަނާ އަށް ކަމުގޮސްފި އެވެ. އެއާއެކު، އެކަމަނާ رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "ކަލޭގެފާނަކީ ތެދުވެރި، އަމާނާތްތެރި، އިތުބާރުހިފޭ، އަދި ރިވެތި އަޚްލާޤެއްގެ ވެރި ބޭފުޅަކު ކަން އަޅުގަނޑަށް އެނގެއެވެ. މި ވަޒީފާ އަށް އަޅުގަނޑު މިހާތަނަށް ދިން މުސާރައަށް ވުރެ ބޮޑު މުސާރައެއް ދޭހުށީމެވެ...". މުސާރައިގެ ވާހަކަ ދެއްކެވުމަށް ފަހު، ވަޒީފާއަށް ބޭނުންވާ ހެނދުން ދެއްވައި، ޞުލްޙަވެރި ހިތަކާ އެކު، އަލްވަދާޢު ދެންނެވި އެވެ. އަދި ހަމަ އެއާއެކު، رَسُوْلُ اللهِ ﷺ މަގުމަތީގައި ތުރުކުރެއްވުމަށް ޓަކައި މައިސަރާ އަތަށް އަގުހުރި ހެދުން ދެއްވި އެވެ.

ރަސޫލުކަމުގެ ޢަލާމާތްތައް خديجة ގެފާނަށް އެނގިވަޑައިގަތީ، އެކަމަނާގެ ބަފައިފުށުގެ ބޮޑު ބޭބެ ورقة بن نوفل ގެ ކިބައިންނެވެ. އޭނާ އަކީ މަސީޙީ ދީނުގައި ކިޔަވާފައި ހުރި މީހެކެވެ. އެހެންކަމުން، رَسُوْلُ اللهِ ﷺ އެކަމަނާ އާ ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ ކިބައިން ރަސޫލުކަމުގެ ޢަލާމާތްތައް ފެނުނެވެ. އެ ސަބަބަށް ޓަކައި، އެ ކަމަނާގެ އަޅު މައިސަރާ އަށް ވިދާޅުވި އެވެ. "ޤާފިލާ މައްކާ އަށް ދާ ވަޤުތު ޖެހުމުން ޖަމަލުގެ ލަގަން محمّد (‏صلّى الله عليه وسلّم)‏ އަށް ދޭށެވެ. އޭރުން މައްކާ މީހުން ފާޑުފާޑުގެ އަޑުތައް ނުފަތުރާނެ އެވެ. ކަލޭ ސިޓީއާ ދުރަށް ގޮސް މައްކާ މީހުންނަށް ނުފެންނަ ހިސާބަށް ދިއުމުން، އެކަލޭގެފާނު ލައްވާ މި އަގުހުރި ހެދުން ތުރުކުރުވާށެވެ"!

ދެން، އެކަމާނގެ ޖަމަލުތަކުގެ ތެރެއިން އެންމެ ރިވެތި ޖަމަލު، ރަސްރަސްކަލުންނާ މުނާސަބުވާ ހެން ތައްޔާރުކުރެއްވުމަށް ފަހު މައިސަރާ އަށް ވިދާޅުވި އެވެ. "އެކަލޭގެފާނު ޖަމަލަށް ސަވާރުވެ ވަޑައިގަންނަވަން އިޙްތިރާމާ އެކު އެހީތެރިވާށެވެ. ލަގަނުގައި ހިފެހެއްޓުމަށް ފަހު، ކަލެއަކީ އެކަލޭގެފާނުގެ ޚާދިމު ކަން ދަންނާށެވެ! އެއްވެސް ކަމެއް އެކަލޭގެފާނުގެ އިޒުނަފުޅާ އެކު މެނުވީ ނުކުރާށެވެ. އަދި އޭގެ ސަބަބުން ކަލޭގެ ފުރާނަދިޔަޔަސް ކޮންމެ ނުރައްކަލަކުން އެކަލޭގެފާނު ޙިމާޔަތްކުރާށެވެ! ކަލޭ ދާ އެއްވެސް ތަނެއް ގައި ވަޤުތު ބޭކާރުނުކުރޮށް، އަވަހަށް އެނބުރި އަންނާށެވެ. ހާޝިމީންގެ ގާތު އަހަރެމެން ބޭޒާރުނުވާނީ އޭރުންނެވެ. އަހުރެން މި ބުނި ހުރިހާ ކަމެއް އެގޮތަށް ކޮށްފި ނަމަ، އަހުރެން ކަލޭ މިނިވަންކޮށް، ކަލޭ ބޭނުން ވަރަކަށް ހަދިޔާބަދިޔާ ދޭނަމެވެ".

ޤާފިލާ ތައްޔާރުކުރެވިއްޖެ އެވެ؛ ތިމާގެ މީހުންނަށް އަލްވަދާޢު ކިޔުމަށް ޓަކައި، މައްކާގެ މީހުން ބައިބަޔަށް އަތުވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ގެ ތިމާގެ މީހުން، އެކަލޭގެފާނުގެ ބޮޑުބޭއިންނާއި، هاشم ވަންހައިގެ ދުވަސްވީ އިސް ވެރިން ވެސް ޙާޒިރުވެތިބޫއެވެ. رَسُوْلُ اللهِ ﷺ ގެ ބޮޑުދައިތާފުޅަށް އެކަލޭގެފާނު އަޅެއްގެ ހެދުމުގައި ޖަމަލުގެ ލަގަން ހިއްޕަވައިގެން ހުންނެވި ތަން ފެނުމުން، އެ ކަމަނާގެ ކަކޫ ތުރުތުރުލައިގަތެވެ. އެކަމަނާ ކީރިތިކުރައްވާ ކަރުނަ އޮއްސެވި އެވެ. ކަރުނަފޮއްސަވަމުން އެ ކަމަނާ ވިދާޅުވި އެވެ. "އޭ عبدالمُطّلب އެވެ! ޒަމްޒަމް ފެންވަޅު ހޯއްދެވި ވަރުގަދަ ބޭފުޅާއެވެ! އޭ ޢަބްދުﷲ އެވެ! ތިބޭފުޅުންގެ ކަށްވަޅުން ތެދުވެ މި ބަރަކާތްތެރި ކަލޭގެފާނު ހުންނެވި ޙާލަތު ބައްލަވާށެވެ"! أبو طالب ގެފާނަށް ވެސް ކުރެވުނީ ހަމަ އެއް އިޙްސާސެކެވެ. رَسُوْلُ اللهِ ﷺ މުތީތަކެއް ފަދަ ކަރުނަތައް އެކަލޭގެފާނުގެ ބަރަކާތްތެރި ލޯފުޅުން އޮއްސަވަމުން حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ހަނދުމަނައްތާ ނުލައްވާށެވެ. ތިމަންކަލޭގެފާނު ހުންނެވީ ގެއާ ދުރުގައި ހިތާމައާއި ވޭނުގައި ކަން ހަނދުމަކުރައްވާށެވެ". މިހެން حديث ކުރެއްވި އަޑު އެހި ކޮންމެ މީހަކު ވެސް ރުޔެވެ. އުޑުގައިވާ މަލާއިކަތުން އެ މީހުންނާ ގުޅުނެވެ އަދި އެ މަލާއިކަތުން ދެންނެވިއެވެ. "އޭ ހައްދަވާ ބޮޑުކުރައްވާ ރަސްކަލާކޮ! މިއީ އިބަރަސްކަލާނގެ ޙަބީބުގެ އެންމެ މަތީ ދަރަޖަ ދެއްވާފައިވާ محمّد (‏عليه السّلام)‏ އެވެ. މި ޙާލަތުގެ ޙިކްމަތަކީ ކޮބައިތޯއެވެ"؟ ދެން الله تعالى ވަޙީކުރެއްވި އެވެ. "އާއެކެވެ. އެއީ ތިމަން ރަސްކަލާނގެ ޙަބީބެވެ. އެކަމަކު ތިޔަބައި މީހުންނަށް ލޯބީގެ ސިއްރެއް ނޭނެގޭނެ އެވެ. ލޯބިވާ މީހާ އާއި، ލޯބިވެވޭ މީހާ އާ ދެމެދުގައިވާ ސިއްރުތަކެއް ތިޔަބައި މީހުންނަށް ވިސްނައެއް ނުގަނެވޭނެ އެވެ. އެއްވެސް މީހަކަށް އެ ޙާލަތެއް ނޭނގޭނެ އެވެ. ފޮރުވިފައިވާ މި ކަމުން އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ އެވެ".

ޤާފިލާ މައްކާ އާ ދުރަށް ނުފެންނަ ހިސާބަށް ދިއުމުން، خديجة ގެފާނު ދެއްވި އޯޑަރާ އެއްގޮތަށް މައިސަރާ، ރަސޫލާ އަގުހުރި ހެދުންކޮޅު ތުރުކުރުވިއެވެ. ގިނަ ގަހަނާތަކުން ޒީނަތްތެރިކުރެވިފައިވި ޖަމަލަށް އެކަލޭގެފާނު ސަވާރުވެ ވަޑައިގަތުމަށް އޭނާ އެހީތެރިވިއެވެ. އެ ޖަމަލުގެ ލަގަނު ގައި ވެސް ދެން ހިފީ އޭނާ އެވެ.

"އެ ބުދުތައް ގަންދީ ތިމަންކަލޭގެފާނު ހުވައެއް ނުކުރައްވާނަމެވެ. އެ ބުދުތައް ކައިރިން ތިމަންކަލޭގެފާނު ވަޑައިގަންނަވާ އިރު، ތިމަންކަލޭގެފާނުގެ މޫނުފުޅު އެހެން ދިމާއަކަށް އަނބުރާލައްވަމެވެ".
حديث الشّريف

އެ ދަތުރުގައި، ދުނިޔެ އަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވުނު رَسُوْلُ اللهِ ﷺ އަށް ވިލާގަނޑަކުން ހިޔާ އަޅަމުން ދިޔަ ތަނާއި، ދޫނިގެ ސިފައިގައި ދެ މަލާއިކަތުން އެކަލޭގެފާނާ އެކު ދަތުރު ނިމެންދެން ތިއްބެވިތަން އެ ޤާފިލާގެ މީހުންނަށް ފެނުނެވެ.4 ވަރުބަލިވެގެން ޤާފިލާގެ ފަހަތަށް ސޮއްސާލި ދެ ޖަމަލުގައި އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅުން ފިރުމާލެއްވުމުން، އެ ދެ ޖަމަލު ކުރިޔަށް ވުރެ ބާރަށް ދުވަން ފެށި އެވެ. އެ މަންޒަރާއި، އެހެން އެތައް ކަމެއް ފެނުނު މީހުން ވަގުތުން އެކަލޭގެފާނަށް ލޯބިޖެހި، އެކަލޭގެފާނުގެ މަޝްހޫރުކަން ބޮޑުވާނެކަން ވިސްނިގެންދިޔަ އެވެ.

ބުޞްރާ އަށް އެ ޤާފިލާ ފޯރުމުން، އެބައިމީހުން އަނެއްކާ ވެސް މަޑުކުރީ ކުރިން ވެސް މަޑުކުރި ފައްޅީގެ ކައިރީގައެވެ. ގިނަ ޢަލާމާތްތަކެއް ފެނުމުން، ވިސްނިގެން އެކަލޭގެފާނަކީ އެންމެ ފަހުގެ ރަސޫލާ ކަމަށް ބުނި ފާދިރީ ބަހީރާ އޭރު ވަނީ ނިޔާވެފައެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް އިސްކޮށްފައި ހުރީ ނަސްތޫރާ ނަމަކަށް ކިޔުނު މީހެކެވެ. ފައްޅި ކައިރިއަށް މަޑުކުރި ޤުރައިޝުންގެ ޤާފިލާ ބަލަންހުރި ނަސްތޫރާ އަށް ފެނިގެންދިޔައީ، މަރުވެފައިވާ ގަހެއްގެ ދަށުގައި މީހަކު އިށީނުމުން އެ ގަސް ފެހިވެގެންދިޔަ ތަނެވެ. އެ މަންޒަރު ފެނުމުން، ނަސްތޫރާ މައިސަރާ ކުރެން އެއްސެވެ. "އެ ގަހުގެ ދަށުގައި އިށީނދެގެން އެ ހުންނެވީ ކޮން ބޭކަލެއް ހެއްޔެވެ"؟ މައިސަރާ ޖަވާބު ދިނެވެ. "އެއީ، ޤުރައިޝް ވަންހައިގެ އަޝްރާފުންގެ ތެރެއިން ބޭކަލެކެވެ". ދެން ނަސްތޫރާ އެއްސެވެ. "މިއަދާ ހަމައަށް އެ ގަހުގެ ދަށުގައި ރަސޫލު ބޭކަލުން ފިޔަވައި އެހެން މީހަކު ނުށީނެދެވެ". ދެން އެއްސެވެ. "އެކަލޭގެފާނުގެ ދެ ލޯފުޅުގައި ކޮންމެވެސް ވަރަކަށް ހިތާމައިގެ އަސަރު ހުރޭ ހެއްޔެވެ"؟ މަސްތޫރާ ޖަވާބު ދިނެވެ. "އާއެކެވެ. އެ ދެލޯފުޅުން ރަތްކަން އެއްގޮތަކަށް ވެސް ކެނޑިގެން ނުދެއެވެ". ދެން ނަސްތޫރާ ބުންޏެވެ. " عيسى (‏عليه السّلام)‏ އަށް އިންޖީލު ފޮނުއްވި الله تعالى ގެ ނަންފުޅު ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނު ވާނީ އެންމެ ފަހުގެ ރަސޫލާ އަށެވެ. އެކަލޭގެފާނަށް ރަސޫލުކަން ބާވައިލެއްވެން ދެން އަހުރެން ދުނިޔޭގައި ހުންނާނެ ނަމަތާއެވެ"!

ބުޞްރާގެ މާކެޓު ގައި محمّد (‏عليه السّلام)‏ خديجة ގެފާނުގެ މުދާ ވިއްކަވަން ހުންނަވަނިކޮށް، މުދަލުގެ އަގަށް އެއްބަސްނުވި ޔަހޫދީއަކު ބުންޏެވެ. "ލާތާއި ޢުއްޒާ ކިޔުނު ބުދުތައް ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހުރެން ކަލޭގެފާނަށް އީމާންވާ ހުށީމެވެ". محمّد (‏عليه السّلام)‏ حديث ކުރެއްވި އެވެ. "އެ ބުދުތައް ގަންދީ ތިމަންކަލޭގެފާނު ހުވައެއް ނުކުރައްވާނަމެވެ! އެ ބުދުތައް ކައިރިން ތިމަންކަލޭގެފާނު ވަޑައިގަންނަވާ އިރު، ތިމަންކަލޭގެފާނުގެ މޫނުފުޅު އެހެން ދިމާއަކަށް އަނބުރާލައްވަމެވެ". ރަސޫލުކަމުގެ އެހެން ޢަލާމާތްތައް ފެނުނު މި ޔަހޫދީ މީހާ ބުންޏެވެ. "ތި حديثކުރައްވަނީ ކަލޭގެފާނުގެ ބަސްފުޅެވެ. އަހުރެން ހުވާކޮށްފައި ބުނަމެވެ. މި ކަލޭގެފާނަކީ ރަސޫލު ބޭކަލެކެވެ". އޭނާގެ ހިތްހަމަޖެހުން ހާމަކޮށްދިނުމަށް ޓަކައި އޭނާ ބުންޏެވެ. "މި ބޭކަލެއްގެ ސިފަފުޅުތަކުގެ ވާހަކަ އަހަރެމެންގެ ދަންނަބޭކަލުން ވަނީ ފޮތްތަކުގައި ލިޔުއްވާފައެވެ".

މައިސަރާ ދިޔައީ، رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން އޭނާ އަށް ފެނުނު ކޮންމެ ކަމަކާއި، އިވުނު ކޮންމެ ވާހަކައެއް އޭނާގެ ސިކުންޑީގައި ބިންވަޅުނަގަމުންނެވެ. އަދި އޭނާގެ ޝައުޤުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ޢާލަމްތަކުގެ ސައްޔިދާ މެދު މައިސަރާގެ ހިތުގައި ވަރަށް ބޮޑު ކުލުނެއް އުފެދުނެވެ. މިހާރު، މައިސަރާ ދިޔައީ ރަސޫލާ އަށް ވަރަށް ލޯތްބާއި އިޙްތިރާމާ އެކު ޚިދުމަތްކުރަމުން، އެކަލޭގެފާނުގެ އެދިވަޑައިގެންނެވި ކަމެއް ނަމަ ވަރަށް ފަރުވާތެރިކަމާ އެކު ކުރަމުންނެވެ.

މުދާތައް ވިކި ހުސްވެ، رَسُوْلُ اللهِ ﷺ ގެ ބަރަކާތާ އެކު، އެހެން ފަހަރުތަކަށް ވުރެ ވިޔަފާރީގެ ފައިދާ ބޮޑުވެއްޖެ އެވެ. ޤާފިލާ އިން އެނބުރި މައްކާ އަށް ދިއުމުގެ ދަތުރު ފަށައިފި އެވެ. މައްރުޒަހްރާން ނަމަކަށް ކިޔާ ހިސާބަކަށް އެ ޤާފިލާ އަށް ދެވުމުން، މައިސަރާ رَسُوْلُ اللهِ ﷺ އަށް ހުށަހެޅީ މައްކާ އަށް އުފާވެރި ޚަބަރު ދެއްވުމަށެވެ. رَسُوْلُ اللهِ ﷺ އެ ޚިޔާލު ޤަބޫލުފުޅުކުރެއްވުމަށް ފަހު، ޤާފިލާ ދޫކޮށްލައްވައި މައްކާ އަށް ވަޑައިގަތެވެ.

نفيسة بنت مُنيّة ރިވާކުރެއްވި އެވެ. "ޤާފިލާ އެނބުރި އަންނަ ވަގުތު ކުޑަތަންވެއްޖެއެވެ. ކޮންމެ ދުވަހަކު ވެސް خديجة ގެފާނާއި، އެކަމަނާގެ އަޅުން އެކަމަނާގެ ގޭގެ ފުރާޅު މަތިން އެ ޤާފިލާ ގެ އެނބުރި އައުމަށް އިންތިޒާރުކުރައްވަތެވެ. އެފަދަ ދުވަހެއް ގައި، އަހުރެން ހުރީ އެކަމަނާ އަރިހުގައެވެ. ކުއްލިއަކަށް ޖަމަލެއް ގައި ސަވާރުވެގެން އަންނަ މީހަކު ދުރުން އެބަ ފެނެއެވެ. ވިލާގަނޑަކާއި، ދޫނިތަކެއްގެ ސިފައިގައި ތިއްބެވި ދެ މަލާއިކަތުން އެ މީހަކަށް ދިޔައީ ހިޔާއަޅަމުންނެވެ. އިތުރު އެކަލޭގެފާނުގެ ނިތްކުރިފުޅުގައި ވާ ނޫރު ވިދަމުން ދިޔައީ ހަނދުފަދައިންނެވެ. خديجة ގެފާނަށް އެ ވަޑައިގަންނަވަނީ ކޮން ބޭކަލެއް ކަން އެނގިވަޑައިގެން، އެ ކަމަނާގެ ހިތް ލުއިވީ ކަމުގެ އިޙްސާސް ކުރެއްވުނެވެ. އެކަމަކު، އެ ވަކި ބޭކަލަނު އެނގިވަޑައިނުގަންނަވާ ކަމަށް ދައްކަވަން ވެގެން އެއްސެވި އެވެ. "މި ހޫނު ދުވަހު އަންނަނީ ކާކު ބަވައެވެ"؟ އެކަމަނާގެ އަޅުން ދެންނެވި އެވެ. "އެ އަންނަ ބޭކަލަކު ހީވަނީ محمّد (‏عليه السّلام)‏ ހެންނެވެ". އެ މީހުންނަށް ފެންނަމުން ދިޔަ މަންޒަރުން އެ މީހުން ތިބީ އަންތަރީސްވެފައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، محمّد (‏عليه السّلام)‏ خديجة ގެފާނުގެ ގެކޮޅަށް ވަޑައިގެން ވިޔަފާރި ދަތުރުގައި ކަންވީގޮތް ކިޔައިދެއްވި އެވެ. އެކަލޭގެފާނު ގެންނެވި ރަނގަޅު ޚަބަރުން އެކަމަނާ އަށް އުފާވެރިކަން ގެނެސްދެއްވި އެވެ.

އިރުގަނޑެއް ފަހުން، ޤާފިލާ މައްކާ އަށް ވަދެއްޖެ އެވެ. ދަތުރު ގެ ތެރޭގައި رَسُوْلُ اللهِ ﷺ އަށް ހިޔާއެޅިފައިވީ ކަމާއި، ނަސްތޫރާ ފާދިރީ ދެއްކި ވާހަކައާއި، ބަލިކަށި ޖަމަލުތައް ބާރަށް ދުވި ވާހަކައާއި، އެ ނޫނަސް އޭނާ އަށް ފެނުނު އާދަޔާ ޚިލާފު ކަންތައްތަކުގެ ވާހަކަ ކިޔައިދިނެވެ. އަދި رَسُوْلُ اللهِ ﷺ އަށް ތަޢުރީފުކުރެވޭނެ އެންމެ ބޮޑަކަށް ތަޢުރީފުކުޅަ އެވެ. އެ ކަންތައްތައް خديجة ގެފާނަށް އޭރު ވެސް އެނގިވަޑައިގަންނަވައެވެ. އެކަމަކު، މައިސަރާގެ ބަސްތަކުން އެ ކަމަނާގެ ޔަޤީންކަން އިތުރުވެގެންދިޔަ އެވެ. އެކަމަނާ މައިސަރާ ގެ ސަމާލުކަމަށް ވިދާޅުވި އެވެ. "މި ދަތުރުގައި މައިސަރާ އަށް ފެނުނު ކަންތައްތައް އެއްވެސް މީހަކަށް ކިޔައިނުދޭށެވެ".5

خديجة ގެފާނު ورقة بن نوفل ގެ ގާތަށް ދުރުވެ އެ ކަމަނާ އަށް އަޑުއިވުނު މި ވާހަކަތައް ކިޔައިދެއްވައިފި އެވެ. ورقة ބުންޏެވެ. އޭ ޚަދީޖާ އެވެ. ކަމަނާ ކިޔައިދެއްވި ވާހަކަ ތެދުކަމުގައި ވާ ނަމަ، محمّد (‏عليه السّلام)‏ ވާނީ މި އުއްމަތުގެ ރަސޫލާ އަށެވެ".

محمّدގެފާނުގެ ޢުމުރުން 12 އަހަރު ގައި އެ ކަލޭގެފާނު ބުޞްރާ އަށް އެކަލޭގެފާނުގެ ބޮޑޫބޭބޭފުޅު أبو طالب ގެފާނުގެ އަރިހުގައި ވިޔަފާރި ދަތުރެއް ކުރެއްވި އެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން 17 އަހަރު ގައި އެކަލޭގެފާނުގެ ބޮޑު ބޭބޭފުޅު زُبير ގެފާނުގެ އަރިހުގައި ޔަމަނަށް ވަޑައިގަތެވެ. ޢުމުރުފުޅުން 20 އަހަރުގައި أبو بكر ގެފާނާ އެކު ދިމިޝްޤަށް ވަޑައިގަތެވެ. އަދި ޢުމުރުފުޅުން 25 އަހަރު ގައި خديجة ގެފާނުގެ މުދާ ވިއްކެވުމަށް އަނެއްކާ ވެސް ދިމިޝްޤަށް ވަޑައިގަތެވެ.6 އެހެންކަމުން މުޅިއެކު 4 ފަހަރު ދަތުރުކުރެއްވި އެވެ. މި ނޫން ދަތުރެއް އެކަލޭގެފާނު ނުކުރައްވައެވެ.

خديحة ގެފާނާ ކައިވެނިބައްލަވައިގަތުން

ورقة بن نوفل ދިން އުފާވެރި ޚަބަރާ އެކު، އަދި محمّد ގެފާނުގެ ރިވެތި ޝަޚްޞިއްޔަތު ފެނުމުން، خديجة ގެފާނު ބޭނުންފުޅުވީ، އެކަލޭގެފާނާ ކައިވެނި ބައްލަވައިގެން އެކަލޭގެފާނަށް ޚިދުމަތްކުރުމުގެ ޝަރަފު ހޯދުމަށެވެ. ނަފީސާ ބިންތި މުނިއްޔާ އަށް މިކަން އިޙްސާސްކުރެވިގެން، މެދުވެރިއެއްގެ ދައުރު އަދާކުރެއްވި އެވެ. އެ ނިޔަތާ އެކު އެކަމަނާ محمّد ގެފާނުގެ އަރިހަށް ވަޑައިގެން އެއްސެވި އެވެ. " محمّد ގެފާނެވެ! ކަލޭގެފާނު ކައިވެނި ނުބއްލަވައި ހުންނަވަނީ ކީއްވެގެން ތޯއެވެ"؟ محمّد ގެފާނު ވިދާޅުވިއެވެ. "ކައިވެނި ކުރުމަށް ބޭނުންވާ ވަރަށް ތިމަން ކަލޭގެފާނުގެ އަތްޕުޅު ގައި ފައިސާއެއް ނެތެވެ". ނަފީސަތުގެފާނު ވިދާޅުވި އެވެ. "محمّد ގެފާނެވެ! ކަލޭގެފާނު ޢިއްފަތްތެރި، ޢިއްޒަތްތެރި، މުއްސަނދި އަދި ރިވެތި ބޭކަނަބަލަކާ ކައިވެނިކުރައްވަން ބޭނުންފުޅުވާ ނަމަ، އެކަން ކުރުމަށް އެހީތެރިވާން އަޅުގަނޑު މިހިރީ ތައްޔާރަށެވެ". رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "އެއީ ކޮން ބޭކަނބަލެއް ހެއްޔެވެ"؟ އެކަމަނާ ޖަވާބު ދެއްވި އެވެ. "އެ ކަމަނާ އަކީ خديجة بنت خويلد އެވެ". ކީރިތ ރަސޫލާ "މެދުވެރިޔަކަށް ވާނީ ކާކު ތޯ އޭ" އެއްސެވުމުން، އެ ކަމަނާ ޖަވާބު ދެއްވި އެވެ. "އަހުރެން"ނޭ ވިދާޅުވެފައި އެ ތަނުން ހިނގައްޖެ އެވެ. އެ ކަމަނާ خديجة ގެފާނުގެ އަރިހަށް ދުރުވެ އެ އުވާފެރި ޚަބަރު ދެއްވި އެވ خديجة ގެފާނުގެ ޢާއިލާ ތިމާގެ ބޭފުޅުން ކަމަށް ވާ عامر بن أسد އާއި، ورقة بن نوفل ގެނެސް، ވެގެން އުޅޭގޮތް ކިޔައިދެއްވި އެވެ. އަދި ހަމަ އެއާއެކު، رَسُوْلُ اللهِ ﷺ އަށް ވެސް ވަކި ވަޤުތެއް ގައި ވަޑައިގަތުމަށް ދަޢުވަތު ދެއްވި އެވެ. أبو طالب އާއި، އެކަލޭގެފާނުގެ ބޭބެއިންތައް ވެސް ތައްޔާރީތައް ކުރައްވައިގެން رَسُوْلُ اللهِ ﷺ އާ އެކު ވަޑައިގަތެވެ.

"މި ހުރިހާ މުދަލެއްގެ ވެރިޔަކީ ކަލޭގެފާނެވެ. އަޅުގަނޑު ކަލޭގެފާނު ބޭނުމެވެ، އަދި ކަލޭގެފާނަށް ޝުކުރުވެރިވަމެވެ".
خديجة الكُبرى (‏رضي الله عنها)‏

خديجة ގެފާނު އެ ކަމަނާގެ ގެކޮޅު ގަހަނާ އިން ޒީނަތްތެރިކުރެއްވި އެވެ. އެ ދުވަހުގެ އުފަލަށް ޓަކައި، އެ ކަމަނާގެ ގަހަނާތައް އެ ކަމަނާގެ އަޅުންނަށް ހަދިޔާކުރެއްވި އެވެ. ދެން އޭގެ ފަހުން އެ އަޅުންތައް މިނިވަންކޮށް ދޫކޮށްލެއްވި އެވެ. رَسُوْلُ اللهِ ﷺ، خديجة ގެފާނުގެ ގެއަށް ވަޑައިގަތީ އެ ކަލޭގެފާނުގެ ބޮޑުބޭބެ އިންނާ އެކުގައެވެ. أبو طالب ގެފާނު ވިދާޅުވި އެވެ. "ޝުކުރާއި ޘަނާ ހުރީ އަޅަމުން ހެއްދެވި ފަރާތަށެވެ. އެކަލާނގެ އަޅަމެން ހެއްދެވީ إبراهيم (‏عليه السّلام)‏ ގެ ދަރިންގެ ކިބައިން، އަދި إسماعيل (‏عليه السّلام)‏ ގެ ދަރިފަސްކޮޅުންނެވެ. ގެފުޅުގެ ބެލެނިވެރިން ކަމުގައި އެކަލާނގެ އަޅަމެން ހެއްދެވި އެވެ. ނުބައި ކަންތައްތަކުން އެކަލާނގެ ރައްކައުތެރިކުރައްވާ ޢާލަމްތައް އެ ތަނެއްގެ ވަށައިގެން طوافކުރާ، މީސްތަކުންގެ ޤިބުލަ އަދި މުޤައްދަސް ގެ ކަމުގައިވާ الحرم الشّريف އެކަލާނގެ ވަނީ ނިޢުމަތެއްގެ ގޮތުގައި އަޅަމެންނަށް ދެއްވާފައެވެ. އަޅުގަނޑުގެ ކޮއްކޮ ޢަބްދުﷲ ގެ ދަރިކަލުން محمّد، ޤުރައިޝުންގެ ކޮންމެ މީހަކާ އަޅާކިޔުނު ކަމުގައި ވިޔަސް މަތިވެރިވެގެން ވެއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި މާގިނަ މުދަލެއް ނެތެވެ. އެކަމަކު މުދަލަކީ، ޙަޤީޤީ އަގެއް ނޫނެވެ. އެހެނީ، މުދަލަކީ، ހިޔަންޏެއް ފަދަ އެއްޗެކެވެ. މުދާ އެއް އަތުން އަނެއް އަތަށް ބަދަލުވަމުން ވަމުން އެ ގޮތުގައި ކުރިޔަށް ދެއެވެ. އަޅުގަނޑުގެ ކޮއްކޮގެ ދަރިކަލުން މަތިވެރިކަން ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެގޭނެއެވެ. މިހާރު އެކަލޭގެފާނު ބޭނުންފުޅުވަނީ خديجة بنت خويلد އާ ކައިވެނި ކުރެއްވުމަށެވެ. ކަމަނާ އަހުރެންގެ މުދަލުން ބޭނުންފުޅުވަނީ ކިހާވަރެއްގެ ރަނެއް7 ހެއްޔެވެ؟ محمّدގެ ދަރަޖަ ވަރަށް މަތިވެރިވާންޖެހޭ ކަމަށް އަހުރެން ހުވާކުރަމެވެ". އެކަލޭގެފާނުގެ މި ބަޔާންތައް ورقة بن نوفل ޔަޤީންކޮށްދިނެވެ. خديجة ގެފާނުގެ ބަފައިފުށުގެ ބޮޑުބޭބޭ عمرو بن أسد ބުންޏެވެ. " خديجة بنت خويلد، محمّد (‏عليه السّلام)‏ އާ އަހުރެން ކައިވެނިކޮށްދީފި ކަމަށް ހެކިވާށެވެ". މިއާއެކު، ނިކާޙުގެ ކޮންޓްރެކްޓް (‏ކައިވެނި)‏ ފުރިހަމަކުރެވިއްޖެ އެވެ. ރިވާޔަތެއް ގައި ވާ ގޮތުގައި، ރަނަކީ، 400 މިޘްޤާލުގެ ރަނެވެ. ނުވަތަ އެހެން ރިވާޔަތެއް ގައި ވާ ގޮތުގައި، އެއީ 500 ދިރުހަމެވެ. އަދި އެހެން ރިވާޔަތެއް ގައި ވާ ގޮތުގައި، އެއީ 20 ޖަމަލެވެ.8 [‏އެއް މިޘްޤާލަކީ ހަތަރު ގްރާމާއި އަށްޑިހަ ސެންޓިގްރާމެވެ.]‏

ކައިވެނީގެ ޖާފަތަށް أبو طالب ގެފާނު ޖަމަލެއް ކަތިލައްވައި، މައްކާ ގައި އެހާތަނަށް ނުބާއްވާ ފަދަ ކެއުމެއް ދެއްވި އެވެ. خديجة ގެފާނު، އެ ކަމަނާގެ ހުރިހާ މުދަލެއް رَسُوْلُ اللهِ ﷺ އަށް ވެދުމަށް އެރުވި އެވެ. އަދި ދެންނެވި އެވެ. "މި ހުރިހާ މުދަލެއް މިލްކުވެގެންވަނީ ކަލޭގެފާނަށެވެ. އަޅުގަނޑު ކަލޭގެފާނު ބޭނުންވެއެވެ. އަދި ކަލޭގެފާނަށް ޝުކުރުވެރިވަމެވެ".

ދެ މަފިރިންގެ ކައިވެނި ކުރައްވައިގެން ތިއްބެވި ހުރިހާ ދުވަހަކު ވެސް خديجة ގެފާނު ކީރިތި ރަސޫލާ محمّد (‏عليه السّلام)‏ އަށް ޚިދުމަތްކުރައްވައި އެހީތެރިވެ ވަޑައިގެންނެވި އެވެ. އެ ދެބޭފުޅުންގެ ކައިވެނި 25 އަހަރަށް ދެމިގެންދިޔަ އެވެ. އެއީ خديجة ގެފާނު އަވަހާރަވުމަށް ދާންދެނެވެ. އޭގެ ތެރެއިން 15 އަހަރަކީ އެކަލޭގެފާނަށް ރަސޫލުކަން ފޮނުއްވުމުގެ ކުރިއެވެ. އަދި 10 އަހަރަކީ ރަސޫލުކަން ފޮނުއްވުމުގެ ފަހެވެ. خديجة ގެފާނު ދުނިޔޭގައި ހުންނަވަނިކޮށް، رَسُوْلُ اللهِ ﷺ އެހެން އެއްވެސް ބޭކަނބަލަކާ ކައިވެނި ނުކުރައްވައެވެ. رَسُوْلُ اللهِ ﷺ އަށް 6 ދަރިން ލިބިވަޑައިގަތެވެ. އެއީ 2 ފިރިހެން ދަރިކަލުންނާއި، ހަތަރު ދަރިކަނބަލުންނެވެ. އެ ބޭފުޅުންގެ ނަންތަކަކީ، قاسم، زينب، رُقيَّة، أمُّ كُلثُوم، فاطمة، އަދި عبدُالله (‏طيِّبُ ނުވަތަ طاهِرُ)‏ އެވެ. ހަމައެހެންމެ، ރަސޫލުކަމަށް ފޮނުއްވުނު ފަހުން ކައިވެނިކުރެއްވި مارية ގެފާނާ ކައިވެނި ބައްލަވައިގެން إبراهيم ނަމަކަށް ކިޔުނު ދަރިކަލަކު ވެސް ހުންނެވި އެވެ. އެހެން އަނބިންގެ ފަރާތުން ދަރިއަކު ލިބިވަޑައެއް ނުގަންނަވައެވެ. زينب އަކީ އެކަލޭގެފާނުގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެކަލޭގެފާނުގެ އެންމެ ހަނގު ދަރިކަނބަލުން فاطمة އަކީ އެކަމަނާގެ ބައްޕާފުޅު އެންމެ ލޯބިވެވަޑައިގެންނެވި ދަރިފުޅެވެ. އެ ކަމަނާ އުފަންވެވަޑައިގަތީ ހިޖުރައިގެ 13 އަހަރު ކުރިންނެވެ. އެކަލޭގެފާނުގެ ފިރިހެން ދަރިން ޅަ ޢުމުރުގައި ވަނީ އަވަހާރަވެފައެވެ. އަދި فاطمة ގެފާނު ފިޔަވައި، އެކަލޭގެފާނުގެ ހުރިހާ އަންހެން ދަރިން ވަނީ އެކަލޭގެފާނަށް ވުރެ ކުރިން އަވަހާރަވެފައެވެ. فاطمة ގެފާނު އަވަހާރަވީ رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތުމުގެ 6 މަސް ފަހުންނެވެ. ކީރިތި ރަސޫލާ محمّد (‏عليه السّلام)‏ ގެ ދަރިފަސްކޮޅު، فاطمة ގެފާނުގެ ދަރިންގެ ފަރާތުން ވަނީ ދެމިގެން ގޮސްފައެވެ.9

ކީރިތި ރަސޫލާ محمّد (‏عليه السّلام)‏ ވަނީ އެކަލޭގެފާނުގެ ވިޔަފާރިކުރެއްވުން، خديجة ގެފާނާ ކައިވެނި ކުރެއްވުމަށް ފަހު ކުރިޔަށް ގެންދަވާފައެވެ. އެ ދެ ބޭފުޅުންގެ އާމްދަނީ އިން، ޒިޔާރަތްކުރާ މެހްމާނުންނަށް ބޯހިޔާވަހިކަން ދެއްވައި، ޔަތީމުންނަށާއި، ފަޤީރުންނަށް އެހީތެރިވެވަޑައިގެންނެވި އެވެ.

زيدُ بن حارثة

زيد بن حارثة، އެކަލޭގެފާނު ކުޑަ އިރު، އެކަލޭގެފާނުގެ މަންމާފުޅު سُعدَة އާ އެކު ތިމާގެ މީހުންނަށް ޒިޔާރަތްކުރުމަށް ނުކުންނެވި އެވެ. ދިޔަ މަގުމަތީގައި އެހެން ޤަބީލާއަކުން ޙަމަލާދީ އެކަލޭގެފާނު ހައްޔަރުކުރި އެވެ. އަދި އަޅެއްގެ ގޮތުގައި ވިއްކާލުމަށް ޢިކާޒުގެ ބާޒާރަށް ގެނައެވެ. خديجة ގެފާނުގެ ބޭބެ حزام ގެ ދަރިކަލުން حكيم بن حزام، زيد ގެފާނު ގަތީ 400 ދިރުހަމަށެވެ. حكيم بن حزام ކުރެއްވި ކަމަކީ زيد ގެފާނު ހަދިޔާއެއްގެ ގޮތުގައި خديجة ގެފާނަށް ދެއްވުމެވެ. ދެން އެކަމަނާ زيد ގެފާނު ހަދިޔާކުރެއްވީ رَسُوْلُ اللهِ ﷺ އަށެވެ. رَسُوْلُ اللهِ ﷺ ވަގުތުން زيد ގެފާނު މިނިވަންކުރެއްވި އެވެ. އެކަމަކު އެއަށް ފަހު އެކަލޭގެފާނުގެ ގެކޮޅުގައި زيد ގެފާނަށް ހުރެވޭގޮތް ހަމަޖެއްސެވި އެވެ. މިނިވަންވުމަށް ފަހު زيد ގެފާނު ދާނެ ތަނެއް އަދި އަޅާލާނެ މީހަކު ނެތުމުން زيد ގެފާނު އުފަލާ އެކު ރަސޫލާ އަރިހުގައި މަޑުކުރެއްވި އެވެ.

رَسُوْلُ اللهِ ﷺ ވަރަށް އޯގާތެރި ކަމާއެކު زيد بن حارثة އަށް އެހީތެރިވެވަޑައިގެންނެވި އެވެ. رَسُوْلُ اللهِ ﷺ ހައްދަވާފައިވަނީ ކަންތައްތައް ފުރިހަމަކުރެއްވުމަށެވެ. رَسُوْلُ اللهِ ﷺ އަށް ރަސޫލުކަން ބާވައިލެއްވުމުގެ ކުރިން ވެސް، ޢަދުލުވެރިކަން، ރަޙުމް، ލޯބި، އިންސާނީވަންތަކަން، އާދަޔާޚިލާފަށް ވިސްނުންތޫނުކަން، ކުލުނުވެރިކަން، އިޙްސާންތެރިކަން، ވަޢުދުފުއްދުން، ޚައިރާތުދިނުން، ދީލަތިކަން، އިތުބާރުކުރެވޭ، އަނިޔާލިބޭ މީހުންނާއި ފަޤީރުން ޙިމާޔަތްކުރުން، ކުޑަކުދިންނަށް އަޅާލުމާއި ލޯބިވުން، އަމާނާތްތެރިކަން، ތެދުވެރިކަން، އިޙްތިރާމްކުރުން، ތަޥާޟުޢުވެރިކަން، މެދުމިންކަން، މީހުންނާ މަޑުމައިތިރިކޮށް މުޢާމަލާތުކުރުން، ޖެހިލުންކުޑަކަން، ހިތްވަރުގަދަކަން، ފަދަ ފެންނަ ނުވަތަ ނުފެންނަ އަދި އެނގިފައިވާ ނުވަތަ އެނގިގެންނުވާ ހުރިހާ ވައްތަރެއްގެ ރިވެތި އަޚްލާޤީ ސިފަތައް ލިބިވަޑައިގެންފައި ވެއެވެ. ދުނިޔެއަށް އައިސްފައިވާ އަދި އަންނާނެ ހުރިހާ މަޚްލޫޤޫންގެ ތެރެއިން އެންމެ މަތިވެރީ އެކަލޭގެފާނެވެ. އަދި އެންމެންގެ އިތުބަރު ހޯއްދަވައިގެން އެކަލޭގެފާނު މަޝްހޫރުވެފައިވަނީ "الأمين" ގެ ލަޤަބުންނެވެ. زيد ގެފާނު އެކަލޭގެފާނުގެ ބައްޕައާއި މަންމަ އަށް ވުރެ ވެސް ބޮޑަށް رَسُوْلُ اللهِ ﷺ އަށް ލޯބިވެލެއްވި އެވެ.

އެ ދެމަފިރިންގެ ދަރިކަލުން ގެންދެވުނު ތަނެއް އަދި ވީ ގޮތެއް، زيد بن حارثة ގެފާނުގެ މަންމާފުޅަށާއި، ބައްޕާފުޅަށް އެނގިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނުގެ ބައްޕަ حارثة، ދަރިކަލުން ދެކޭހިތުން ވަށައިގެން އެކަލޭގެފާނު ހޯދުމަށް ހިންގެވި އެވެ. ޔަމަނުން ފެށިގެން އެކި ޤައުމުތަކަށް ދަތުރުކުރި ތިމާގެ މީހުންނާއި، ދެކެފަރިތަ މީހުން ކައިރިން ދަރިކަލުން زيد ގެ ޚަބަރެއް ލިބޭތޯ އައްސަވަމުން ގެންދެވި އެވެ. ޅެން ކިޔުއްވައި ކީރިތިކުރައްވަމުން ގެންދެވި އެވެ.

"ކަލޭގެފާނުގެ މައްޗަށް އެހެން މީހަކު އަޅުގަނޑު ބޭނުމެއް ނޫނެވެ. ކަލޭގެފާނަކީ އަޅުގަނޑުގެ ބައްޕައެއް އަދި ބޮޑުބޭބެއެއް ވެސް މެއެވެ. އަޅުގަނޑު ބޭނުންވަނީ ކަލޭގެފާނު އަރިހުގައި އުޅޭށެވެ".
زيد بن حارثة (‏رضي الله عنه)‏

އަހަރެން ރޮނީ މަގޭ ޒައިދަށޭ؛ އެކޮއި ކުރި ކަމެއް އަހަންނަކަށް ނޭނގެއޭ،
އެކުއްޖާ ދިރިހުރިބާވައޭ، ނުވަތަ ވަނީ މަރުވެފައި ހޭ؟
އެ ކުއްޖާ ކޮބައިހޭ ނާހާށޭ، ޖަވާބެއް ނުލިބޭނެއޭ، އޭ އަހަރެންގެ ހިތާއޭ!
އެ ކުއްޖާގެ ގަބުރު ވަނީ ދަނޑެއްގައި ތޯ ނޫނީ ފަރުބަދަ މަތީގައި ތޯ.
ދަރިކަލުން ދެކޭ ހިތްވާވަރު އަންގައިދޭ އެހެން ޅެމެއް:
އޭ އަހަރެންގެ زيدއޭ، އަހަރެންގެ ދަރިފުޅާއޭ! ދިޔަ މީހުން އެނބުރި އަންނާނެކަން އެނގޭނެނަނަމައޭ!
ތިބާ ފިޔަވައި އެއްވެސް މީހަކު އެނބުރި އަންނާކަށް ނޭދޭނަމޭ.
ވައިޖެހޭ އިރު އަހުރެން އޭނާ ހަނދާންވެއޭ، ކުޑަކުއްޖަކު ފެންނަ އިރު،
އިރު ކޮންމެ ހެނދުނަކު އަރާ އިރު ތިބާ މަތިން ހަނދުމަކޮށްދެއޭ.
އަހަރެންގެ ލޯބިވާ ކޮޔަށް ޓަކައި އަހުރެން ރޮމޭ؛ އަހުރެން އެއްހާސް ފަހަރު ރޮމޭ،
އަހަރެންގެ އަސް މަތީގައި އޭނާ ފެނޭތޯ ހޯދަމޭ، އަހުރެންގެ ދުވަސް ގޮސްފައި ވިޔަސް.
އަހަންނާ އަހަރެންގެ އަހަށް ނޭނެގެއޭ އަރާމުކުރުމެއް ނުވަތަ ވަރުބަލިވުމެއް،
އަހުރެންގެ ދަރިފުޅު ހޯދިދާނެ ކަމުގައި ވުމުން.
އެހެނަސް، އުއްމީދަކީ މީހަކު މޮޔަކޮށްލާ ކަމެކޭ؛ އެންމެ ފަހުން ނިމިދެއޭ،
އަހަރެންގެ ދަރިކަލުންތައް! قيص، عمرو، ޔيزيد، جبل! އަހަރެންގެ زيد ތިމާމެންނާ ޙަވާލޭ.

އެންމެ ފަހުން، އިސްލާމް ދީން އައުމުގެ ކުރިން، ގެފުޅަށް ޒިޔާރަތްކުރި ބަނީ ކަލްބު ވަންހައިގެ ބައެއް މީހުންނަށް زيد ގެފާނު ފެނި އެނގުނެވެ. زيد ގެފާނު އެ މީހުންނަށް ވިދާޅުވީ، "އަހަރެންގެ ޢާއިލާ އަހަރެންނަށް ޓަކައި ރޯކަން އެނގެއެވެ. މި ޅެން ބައިތުތައް އަހަރެންގެ ޢާއިލާ އަށް ގެނެގޮސްދޭށެވެ". އަދި މި ޅެން ކިޔުއްވި އެވެ.:

އަހުރެންގެ ހިތުގައި ވަނީ އަލިފާން ހިފާފައޭ؛ އަހަރެން ވަނީ ގެއާ ދުރުގައޭ
އަހަންނަކީ އަހަރެންގެ މައިންބަފައިންގެ ދަރިއެއް ނަމަވެސް، އަހަންނަކީ كعبةގެ އަވަށްޓެރިއެކޭ.
ތިބާގެ ހިތްދަތިކަން ތިބާގެ ހިތުގައި އަލިފާން ރޯކުރުވިޔަނުދޭށޭ،
ތިބާގެ ކަނުއެޅުން އުޑާ ހަމައަށް ފޯރިޔަނުދޭށޭ.
އަހަރެން މިފަދަ ގެއެއް ގައި ވީތީ މައުލާ އަށް ޘަނާ ހުއްޓޭ،
އަހަންނަށް ދައްކަވާފައިވާ ޢިއްޒަތާއި، އޯގާތެރިކަމަށް އަހަރެން ޝުކުރުވެރިވަމޭ.

މި ޚަބަރު ލިބުމުން حارثة ވަރަށް އުފާވެއްޖެ އެވެ. ވަގުތުން، ވަރަށް ގިނަ ޢަދަދެއްގެ ފައިސާއާ އެކު އޭނާގެ އަޚް كعب އާ އެކު މައްކާ އަށް އަތުވެއްޖެ އެވެ. މައްކާ އަށް ވަޑައިގެން رَسُوْلُ اللهِ ﷺ ގެ ގެކޮޅު ހުރި ތަން ހޯދައި رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގަތެވެ. ދެން ރަސޫލާ އަށް ދެންނެވި އެވެ. "އޭ ޤުރައިޝު ވަންހައިގެ ވެރިޔާ އެވެ. އޭ عبدالمطّلب ގެ ކާފަ ދަރިކަލުންނޭވެ. އޭ بني هاشم ގެ ދަރިކޮޅުގެ ދަރިކަލުންނޭވެ! ކަލޭގެފާނަކީ، الحرم الشّريف ގެ އަވަށްޓެރިޔާ އެވެ. ކަލޭގެފާނުގެ މެހްމާނުންނަށް ކަމޭހިއްތަވަމުއެވެ. ކަލޭގެފާނުގެ އަޅުން މިނިވަންކުރައްވައި، ހައްޔަރުން ސަލާމަތްކޮށްދެއްވަމު އެވެ. ކަލޭގެފާނުގެ އަޅެއްގެ ގޮތުގައި ހުރި އަޅުގަނޑުގެ ދަރިފުޅު މިނިވަންކުރެއްވުމަށް ކަލޭގެފާނު ބޭނުންފުޅުވާތީ، ކަލޭގެފާނު ބޭނުންފުޅުވާ ހާ މިންވަރަކަށް ފައިސާ ދޭން ބޭނުމެވެ؛ އަޅުގަނޑުމެންގެ މި އެދުން ބޮލާލާ ނުޖއްސެވުން އެދެމެވެ"! ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ حديثކުރެއްވި އެވެ. "زيد އަށް ގޮވައި ވެގެންއުޅޭ ގޮތެއް ކިޔައިދެމާހިނގާށެވެ. زيد ބޭނުން ގޮތެއް ހަދަން ދޫކޮށްލަމާ ހިނގާށެވެ. އޭނާ ބޭނުންވަނީ ދާން ކަމަށް ވާނަމަ، ތިމަންކަލޭގެފާނަށް އެއްވެސް ފައިސާއެއް ނުދީ ގެންދާށެވެ. އެކަމަކު އޭނާ ބޭނުންވަނީ ތިމަންކަލޭގެފާނާ އެކު ހުންނަން ކަމުގައި ވާ ނަމަ، ﷲ ގަންދީ ހުވާކޮށްފައި حديثކުރައްވަމެވެ. ތިމަންކަލޭގެފާނާ އެކު އުޅެން ބޭނުން ކަމަށް އިޚްތިޔާކުރުމުން ތިމަންކަލޭގެފާނު އޭނާ ދޫކޮށްނުލައްވާނަމެވެ. އޭނާ މަޑުކުރާނީ ތިމަންކަލޭފާނާ އެކުގައެވެ".

رَسُوْلُ اللهِ ﷺ ގެ މި ޖަވާބުފުޅުން حارثة އާއި އޭނާގެ އަޚާ ވަރަށް އުފާވެއްޖެ އެވެ. އަދި ބުންޏެވެ. "ކަލޭގެފާނު އަޅުގަނޑުމެނާ މުއާމަލާތް ތި ކުރެއްވީ ވަރަށް އިންޞާފުވެރިކަމާއި، ހެޔޮ ޟަމީރަކާ އެކުގައެވެ"!

ދެން رَسُوْلُ اللهِ ﷺ، زيد ގެފާނަށް ގޮވާލައްވައި އަރިހަށް ވަޑައިގަތުމަށް حديث ކުރެއްވި އެވެ. "މި ތިބަ މީހުން ކަލޭގެފާނަށް އެނގޭ ހެއްޔެވެ"؟ އޭނާ ޖަވާބު ދެއްވި އެވެ. "އާދޭހެވެ. އެއިން އެކަކީ އަޅުގަނޑުގެ ބައްޕާ އެވެ. އަނެކަކީ އަޅުގަނޑުގެ ބޮޑުބޭބެ އެވެ". ދެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ زيد އެވެ! ތިބާ އަށް ތިމަންކަލޭގެފާނަކީ ކާކު ކަން އެނގިއްޖެ އެވެ؛ ތިމަންކަލޭގެފާނުގެ އޯގާތެރިކަމާއި، ހިތްހެޔޮކަމާއި، ތިބާ އާ ދޭތެރޭ މުއާމަލާތްކުރާ ގޮތް އެނގިއްޖެ އެވެ. މި ތިބަ މީހުން އައީ، ތިބާ ގެންދާށެވެ. އެހެންކަމުން، ތިމަންކަލޭގެފާނު އިޚްތިޔާރުކޮށް، ތިމަންކަލޭގެފާނާ އެކު މަޑުކުރާށެވެ. ނުވަތަ އެ މީހުން އިޚްތިޔާރުކޮށް އެ މީހުންނާ އެކު ދާށެވެ".

زيد ގެފާނުގެ ބައްޕަ އާއި ބޮޑުބޭބެ އުއްމީދުކޮށްގެން ތިބީ، زيد، ބައްޕަ އާއި، ބޮޑު ބޭބެ އިޚްތިޔާރުކުރުމަށް ފަހު، އެ މީހުންނާ އެކު ގެއަށް ދާނެ ކަމަށެވެ. زيد ވިދާޅުވި އެވެ. "ކަލޭގެފާނުގެ މައްޗަށް އަޅުގަނޑު އެއްވެސް އެހެން މީހަކު އިޚްތިރާރެއް ނުކުރާނަމެވެ. ކަލޭގެފާނަކީ، އަޅުގަނޑަށް ބައްޕަ އަކަށް އަދި ބޮޑޫ ބޭބެއަކަށް ވެސް ފުދެއެވެ. އަޅުގަނޑު ބޭނުންވަނީ ކަލޭގެފާނާ އެކު ހުންނާށެވެ".

އެކަލޭގެފާނުގެ މި ޖަވާބުން އެކަލޭގެފާނުގެ ބައްޕަ އާއި، ބޮޑު ބޭބެ އަށް ލިބުނީ ޝޮކެކެވެ. زيد ގެ ބައްޕަ ބުންޏެވެ. "ކަލެ އަށް ލަދުވެތިކަން ހުއްޓެވެ. އެހެންވީމާ، ކަލޭ ބޭނުންވަނީ މިނިވަންކަމާއި، ކަލޭގެ މަންމަ އާއި ބައްޕަ އާއި، ބޮޑު ބޭބެގެ މައްޗަށް އަޅުވެތިކަން ތާއެވެ". زيد އެކަލޭގެފާނުގެ ބައްޕަ އަށް ޖަވާބު ދެއްވި އެވެ. "ބައްޕާ އެވެ. މި ހުންނެވި ކަލޭގެފާނުގެ ކިބައިން އަހަންނަށް ފެނުނު އޯގާތެރިކަމާއި، ހެޔޮފުޅުކަމުން، އެހެން އެއްވެސް މީހަކު އެކަލޭގެފާނުގެ މައްޗަށް އިޚްތިޔާރެއް ނުކުރެވޭނެ އެވެ".

رَسُوْلُ اللهِ ﷺ، زيد ގެފާނު ދެކެ ވަރަށް ލޯބިވެވަޑައިގަތެވެ. زيدގެފާނުގެ ވަފާތެރިކަމާއި، އެކަލޭގެފާނަށް ހުންނަ ކުލުނުގެ ސަބަބުން، ގެފުޅަށް ގެންނަވައި މީސްތަކުންނަށް ވިދާޅުވި އެވެ. "މިކަމަށް ހެކިވާށެވެ! زيد އަކީ ތިމަންކަލޭގެފާނުގެ ދަރިކަލުންނެވެ. ތިމަންކަލޭގެފާނަކީ زيد ގެ ވާރުތަވެރިވެރިޔާ އެވެ. އަދި زيد އަކީ ތިމަންކަލޭގެފާނުގެ ވާރުތަވެރިޔާ އެވެ". زيدގެ ބައްޕައާއި ބޮޑު ބޭބެ އަށް އެތަން ފެނުމުން، އެ ދެ މީހުންގެ ރުޅިވެރިކަން ފިލައި ހިނގައްޖެ އެވެ. އެ ދެމީހުންގެ ވަޒަނަށް އެނބުރި ދިޔައީ އުފަލާ އެކުގައެވެ. އެއަށް ފަހު، އަޞްޙާބު ބޭކަލުން زيدގެފާނަށް ކިޔައި އުޅުނީ زيد بن محمّد (‏محمّد ގެ ދަރިކަލުން)‏ ގެ ނަމުންނެވެ. އޭގެ ފަހުން، سورة الأحزاب ގެ 5 ވަނަ އާޔަތުގައި 'އެޑަޕްޝަން' އަށް ދެވިފައި އޮތް ހުއްދަ މަނާކުރެއްވި އެވެ. (‏ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌۭ فِيمَآ أَخْطَأْتُم بِهِۦ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا * الأحزاب: 5)‏ މާނައީ: "އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެ ގޮތް ﷲ ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭ ނަމަ، ފަހެ، އެއީ، دين ގެ ފަރާތުން ތިޔަބައި މީހުންގެ أخ ންނެވެ. އަދި ތިޔަބައި މީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައި މީހުންނަށް ނޭނގިގެން (‏ކުށުން)‏ ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައި މީހުންގެ މައްޗަކަށް ނެތެވެ. އެހެނެއް ކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައި މީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަ ފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެން ވެއެވެ". މި އާޔަތަށް ފަހު، زيد ގެފާނަށް ބައްޕަގެ ނަމާ އެކު އަނެއްކާ ވެސް ކިޔަން ފެށި އެވެ. އެއީ، "حارثةގެ ދަރިކަލުން زيد" (‏زيد بن حارثة)‏ އެވެ.10

ގެފުޅުގައި ބޭއްވުނު ޝަރީޢަތް

رَسُوْلُ اللهِ ﷺ ގެ ޢުމުރުފުޅުން 35 އަހަރު ވީއރު، ގެފުޅާ ބެހޭގޮތުން ހުށަހެޅުނު މައްސަލައެއްގެ ޝަރީޢަތް ކުރެއްވި އެވެ. އެ ދުވަސްވަރަކީ، ވާރޭ ވެހި ފެންބޮޑުވެގެން ގެފުޅުގެ ފާރުތަކަށް ގެއްލުން ލިބިފައިވީ ދުވަސްވަރެކެވެ. އަދި އޭގެ އިތުރަށް، ރޯވި އަލިފާންގަނޑަކުން ގެފުޅު ވަނީ އޭރު ހަލާކުވެސް ވެފައެވެ.11 އެހެންކަމުން އަލުން ގެފުޅު އެޅުމަކީ އޭރު އޮތީ ވަރަށް މުހިއްމު ކަމަކަށް ވެފައެވެ. އެއާއެކު، ޤުރައިޝް ވަންހައިގެ މީހުން، إبراهيم ގެ ފާނު ބިނާކުރެއްވި ގެފުޅު ތަޅާ ބިމާ ހަމަކޮށް، އަލުން ބިނާކުރަން ފަށައިފި އެވެ. އެގޮތުން އެ މީހުން ގެފުޅު ދެން ބިނާކުރީ ކޮންމެ ވަންހައަކަށް ބައެއް ދެމުންނެވެ. އެކަމުން ބޮޑު ޤަދަރެއް ލިބޭކަން އެނގޭތީ، حجر الأسود ބަހައްޓާނެ ތަނަކާ މެދު ގަބީލާތަކަށް އެއްބަހެއް ނުވެވުނެވެ. ކޮންމެ ގަބީލާއަކުން ބޭނުންވީ އެ ޝަރަފު ހޯދުމަށް ކަމަށް ވާތީ، އެބައިމީހުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެއްޖެ އެވެ. عبد الدّار ގެ ފިރިހެން ދަރިން ބުނެފޫއެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް އެއްވެސް މީހަކު އެއްބަސްވެއްޖެ ނަމަ، އަހަރެމެން ލޭ އޮހުރުވާނަމެވެ". ހަތަރު ފަސް ދުވަހަށް ދެމިގެންދިޔަ މި ދެބަސްވުމާ އެކު ލޭއޮހޮރުވެއް ނުހިނަގީ ކިރިޔާ އެވެ،

ހޯމަ ދުވަހު، عبد المطّلب ގެ މަންމަ ފަރަތުގެ ބޮޑު ބޭބެ ކަމުގައިވި އިޙްތިރާމް ލިބިގެންވީ حذيفة بن مغيرة ވިދާޅުވި އެވެ. "އޭ ޤުރައިޝްގެ މުޖްމަޢައެވެ. ތިޔަބައިމީހުންގެ މެދުގައިވާ ޚިޔާލުތަފާތުވުމާ މެދު ގޮތއް ނިންމުމަށް ޓަކައި، މި ގޭޓުން ދެން އެންމެ ފުރަތަމަ ވަންނަ މީހަކީ މައްސަލަ ބަލާ މީހާ ކަމަށް ހަދާށެވެ". ދެން އެހެން ބުނެފައި ގެފުޅަށް ވަންނަން ހުންނަ ގޭޓު ބަނީ شَيبَة ގޭޓު ދައްކައިފި އެވެ. މި ހުށަހެޅުން އެ މީހުން ޤަބޫލުކޮށް، ބަނީ شَيبَة ގޭޓާ ދިމާލަށް ބަލަހައްޓައިގެން ތިބޫ އެވެ. އެ ޙައްސާސީ ދަނޑިވަޅު އެންމެ ފުރަތަމަ އެ ގޭޓުން ވަނދެ އެ މައްސަލަ ޙައްލުކުރާނެ މީހަކަށް އިންތިޒާރުކުރަން ފަށައިފި އެވެ. އެންމެ ފަހުން، އެ މީހުންނަށް ފެނުނީ، އެ މީހުން އެ ބޭކަލެއްގެ ތެދުވެރިކަމާއި، ރިވެތި އަޚްލާޤަށް ޓަކައި، ނުހަނު ޤަދަރުކުރާ، އަދި އެ ބޭކަލަކަށް الأمين ގެ ލަޤަބު އަރުވާފައިވާ محمّد (‏عليه السّلام)‏ ވަޑައިގަންނަވާ ތަނެވެ. މާނައަކީ އަބަދުވެސް އިތުބާރުކުރެވޭ ވާހަކައެވެ. އެބައިމީހުން ބުނޫއެވެ. "މިވަޑައިގަތީ الأمين އެވެ. އެކަލޭގެފާނުގެ ޙުކުމަށް ތިމަންމެން ރުހޭހުށީމެވެ".

ވެގެން އުޅޭގޮތް رَسُوْلُ اللهِ ﷺ އަށް ދެންނެވުމުން، އެކަލޭގެފާނުގެ ކޯޓު ބާލައްވާފައި ބިން މަތީގައި ބޭއްވެވި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ކޯޓުގެ މަތީގައި حجر الأسود ބާއްވަވާފައި حديث ކުރެއްވި އެވެ. "ކޮންމެ ޤަބީލާއަކުން ވެސް އެކަކު ކަނެއް ގައި ހިފަހައްޓާށެވެ". ދެން އެމީހުން ލައްވާ އެ ހިލަ ކުރިން އޮތް ތަނަށް ހިއްލާލައިގެން ގެންދެވި އެވެ. ދެން އެއަށް ފަހު އެކަލޭގެފާނު حجر الأسود އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން ނަންގަވައި އެ ހިލަ އޮންނަންވީ ތަނުގައި ބޭއްވެވި އެވެ. އެހެންކަމުން، ކިރިކިރިޔާ ގަޔަށް ބޮލަށް އަރައިގަންނަން ތައްޔާރަށް ތިބި ތިބުމުން ދުރުކުރެއްވި ތަން ފެނުމުން، ޤާބީލާތަކުގެ މީހުން ތިބީ މި ކަމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައެވެ. ދެން، އެމީހުންގެ މަސައްކަތް ކުރިން ކޮށްފަ އޮތް ހިސާބުން ފަށައިގެން، ގެފުޅު ބިނާކުރުމާއިގެން ކުރިޔަށް ގޮސް، ފާރުތައް ނިންމާލައިފި އެވެ.12