އެކަލޭގެފާނުގެ ތުއްޕުޅު އިރު
އެކަލޭގެފާނު ކިރުމަޔަކާ ޙަވާލުކުރެއްވުން
"އަހަރެމެން ހައްދަވާފައިވަނީ ކުޅިވަރުކުޅޭކަށެއް ނޫނެވެ".
حديث الشّريف
އަހަރެމެންގެ މަންމާފުޅު ޙަޟްރަތު އާމިނަތުގެފާނުގެ ބަރަކާތްތެރިވެގެންވާ ދަރިކަލުން ނެންގެވުމުން، އެ ކަމަނާގެ ފިރިކަލުން ޢަބްދުﷲ ގެފާނު އަވަހާރަވުމުގެ ހިތާމަ ކުޑަވެގެން ދިޔަ ކަމުގެ އިޙްސާސްކުރެއްވުނެވެ.
އެކަލޭގެފާނުގެ މަންމާފުޅު ގެ ކިބައިން 9 ދުވަސް ވަންދެން ކިރުފޮދު ހިތްޕެވުމަށް ފަހު، أبو لهب ގެ ޖާރިޔާއެއް ކަމުގައިވި ސިއްތި ސުވައިބާ، އެކަލޭގެފާނަށް މަދު ދުވަސްކޮޅަކަށް ކިރުފޮދު އެރުވިއެވެ. އޭގެ ކުރިން، ސިއްތި ސުވައިބާ ވަނީ حمزة ގެފާނަށާއި، އަބޫ ސަލާމާގެ ފާނަށް ކިރުފޮދުއަރުވައިފައެވެ.
حافظ بن جزيري ގެ އަރިހުން ރިވާވެގެން ވެއެވެ. "أبو لهب ހުވަފެނެއް ގައި ފެނުމުން، އޭނަ ކައިރީގައި ޙާލު ކިހިނެއް ތޯ އެހެމުން އޭނާ ބުނި ގޮތުގައި، އޭނާ އަށް ނަރަކައިގައި ދަނީ ޢަޒާބު ލިބެމުންނެވެ. އެކަމަކު، ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހު ޢަޒާބު ލުއިކުރެވެއެވެ. އަހަރެންމެ ދެ އިނގިލި ދޭތެރެއިން އޮހޭ ފިނި ފެން ބޮއެގެން އަހަންނަށް ތަސައްލީއެއް ލިބެއެވެ. އަހަރެންގެ ޖާރިޔާ ސުވެއިބާ ރަސޫލާގެ އުފަންވުމުގެ ޚަބަރު ދިނުމުން، އެކަމާ އުފަލުން އެ ކަނބުލޭގެ މިނިވަންކޮށް، އެކަލޭގެފާނުގެ ކިރުމަޔަށް ވުމަށް އެންގީމެވެ. އެ ސަބަބަށް ޓަކައި، އެ ރޭތަކުގައި އަހުރެންގެ ވޭން ކުޑަވެގެންދެއެވެ".
އެ ދުވަސްތަކުގައި، މައްކާގެ މީހުން އެބައިމީހުންގެ ދަރިން، މޫސުމާއި، ފެން ރަނގަޅު ސަރަޙައްދުތަކުގައި ދިރިއުޅޭ ކިރުމއިންނާ ޙަވާލުކޮށް އުޅުނެވެ. އެހެނީ މައްކާގެ މޫސުން ވަރަށް ހޫނެވެ. އެ ސަބަބަށް ޓަކައި، ކޮންމެ އަހަރަކު މައްކާ އަށް އެތަކެއް އަންހެނުން އައިސް އުޅުނެވެ. އެއިން ކޮންމެ އަންހެނަކު ވެސް، ކިރުމައިކަން ކުރުމަށް ކުޑަކުއްޖަކާ ޙަވާލުވިއެވެ. އެ ކުދިން ތަރުބިއްޔަތުކޮށް އަނބުރާ އެ ކުދިންގެ މައިންބަފައިންނާ ޙަވާލުކުރުމުން، ފައިސާއާއި، ގިނަގުނަ ހަދިޔާތައް އެ ކަނބަލުންނަށް ލިބުނެވެ.
އެހެން އަހަރެކޭ އެއްފަދައިން، رَسُوْلُ اللهِ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރުގައި، سعد ވަންހައިގެ އެތަކެއް އަންހެނުން ކިރުމައިންނަށް ވުމަށް ޓަކައި މައްކާ އަށް އައެވެ. އޭގެ ކޮންމެ މީހަކު ވެސް ކިރުދިނުމަށް ކުއްޖަކު ހޯދިއެވެ. މައްކާގެ ޤަބީލާތަކުގެ ތެރެއިން سعد ވަންހަ އަކީ އެ މީހުންގެ ޢިއްޒަތާއި، ދީލަތިކަމާއި، ހިތްވަރުގަދަކަމާއި، ހިތްމަޑުމޮޅިކަމާއި، ޢަރަބިބަހުގެ މޮޅުކަމުގައި މަޝްހޫރު ޤަބީލާ އެކެވެ. ޤުރައިޝް ވަންހައިގެ ކަމުވޮށިގެންވާ މީހުން އެ މީހުންގެ ދަރިން ޙަވާލުކުރަން ބޮޑަށް ބޭނުންވީ سعد ވަންހަ އާ އެވެ. އެ އަހަރު، سعد ވަންހައިގެ މީހުންގެ ސަރަޙައްދު ގައި ވަރަށް ބޮޑަށް ހަނަފަސްކަން އޮތެވެ.
އެ ޤަބީލާގެ ޙަލީމަތުގެފާނު އެ ޙާލަތު ތިރީގައި ވާ ގޮތަށް ރިވާކުރައްވަތެވެ. "އެ އަހަރު އަހުރެން ވިނަތައް މަތީ ވިނަ އެއްކުރަމުން ހިނގަމުންދާ އިރު، ފެނުނު ކަމަށްޓަކައި الله تعالى އަށް ޝުކުރު ދަންނަވަމެވެ. ބައެއް ފަހަރު ކާނެ އެއްޗެއް ނުފެނި 3 ދުވަސް ވަރު ވެސް ހޭދަވެއެވެ. މި ޙާލަތުގައި، އަހުރެން ދަރިއަކު ވިހެއީމެވެ. ދަރިއަކު ހޯދުމުގައި، ބަނޑުހައިހޫނުކަމާއި، އުނދަގޫތައް ތަޙައްމަލުކުރަން ޖެހުނެވެ. ރެއާއި ދުވާލު އަދި ބިމާއި އުޑު ވަކިކުރަން ނޭނގޭ ވަގުތުތައް ވެސް އާދެއެވެ. އެއް ރެއަކު އަހުރެން ދަނޑުތެރެއަށް ވެއްޓުނެވެ. އަހުރެންގެ ހުވަފެނުގައި، ކޮންމެވެސް މީހަކު، ކިރަށް ވުރެ ހުދު ފެނެއް ބޯންދިނެވެ. އަދި ބުންޏެވެ. 'މި ފެން ބޯށެވެ'. އަހުރެން ކަރުހިކުން ފިލަންދެން އެ ފެން ބުއީމެވެ. އެ މީހަކު އަހުރެން އިތުރަށް ބޯން މަޖްބޫރުކުރިއެވެ. އެ ފެން މާމުޔަށް ވުރެ ފޮންޏެވެ؛ އަހުރެން ބޮމުން ބޮމުން ދިޔައީމެވެ. 'އޭ ޙަލީމަތުގެފާނެވެ. ކަމަނާގެ ކިބައިގައި ގިނަ ޢަދަދަކަށް ކިރު ގަންނަވާށިއެވެ. ކަމަނާ އަށް ތިމަން އެނގޭ ހެއްޔެވެ"؟ އޭނާ އެއްސެވި އެވެ. އަހުރެން ނުދަންނަމޭ ބުނުމުން އެ ބޭކަލަކު ވިދާޅުވި އެވެ. 'އަހުރެންނަކީ، ކަމަނާ އުނދަގޫތައް ތަޙައްމަލުކުރައްވަމުން ގެންދެވި އިރު ދެންނެވި ޙަމްދާއި ޝުކުރެވެ. އޭ ޙަލީމާ އެވެ! މައްކާ އަށް ވަޑައިގަންނަވާށެވެ. އެ ތާނގައި ނޫރެއް ކަމަނާގެ އެކުވެރިޔާ އަށް ވާނެ އެވެ. އަދި ކަމަނާ އަށް ގިނަގުނަ ނިޢުމަތްތައް ލިބޭހުށި ކަމެވެ. މި ހުވަފެނުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ވިދާޅުނުވާށެވެ!' އަހުރެން ހޭލި އިރު، އަހުރެންގެ ކިބައިގައި ހުރި ހުރިހާ ބަނޑުހައިހޫނު ކަމަކާއި، ވޭނެއް ގޮސް އަހުރެންގެ އުރަމަތި ވަނީ ކިރުން ފުރިފައެވެ".
އެ އަހަރުގެ ތެރޭގައި ބަނޑަށްޖެހުމެއް ގޮސްފައިވުމާ އެކު، އުނދަގޫ ދުވަސްތައް ތަޙައްމަލުކުރުމަށް ޓަކައި، އެހެން ފަހަރުތަކަށް ވުރެ ގިނައިން ކިރުމައިން މައްކާ އަށް ގޮސް ތިއްބެވެ. އެ އެންމެން ވެސް އަވަސްވެގަތީ މުއްސަނދި ޢާއިލާތަކުގެ ކުދިން ލިބޭތޯއެވެ. އެއިން ކޮންމެ އަންހެނަކަށް ވެސް ކުއްޖަކު ލިބުނެވެ. އަހަރެމެންގެ رَسُوْلُ اللهِ ﷺ އާ ޙަވާލުވާކަށް އެ މީހުންގެ ޝައުޤުވެރިކަމެއް ނެތެވެ. އެކަލޭގެފާނަކީ ޔަތީމު ކުއްޖެކެވއެ މީހުން ހީކުރި ގޮތުގައި، އެކަލޭގެފާނާ ޙަވާލުވުމަކުން މާގިނަ އެއްޗެއް ނުލިބޭނެއެވެ. އެ އަންހެންވެރިންގެ ތެރޭގައި، އެކަމާނގެ ޢިއްފަތްތެރިކަމާއި، ސާފުކަމާއި، އޯގާތެރިކަމާއި، ތަވާޟުޢުވެރިކަމާއި، މަތިވެރި އަޚްލާޤީ ސިފަތަކުޖެ ވެރިޔާ ކަމަށް މަޝްހޫރުވެފައިވާ ޙަލީމަތުގެފާނު ހިމެނިވަޑައިގެންނެވި އެވެ. ފާއިތުވެދިޔަ ހަފުތާގައި އެވެރިން ސަވާރުވެގެން ދުއްވަމުން ދިޔަ ޖަނަވާރު ބަލިކަށިވެފައިވުމާއެކު، އެބައިމީހުންނަށް މައްކާ އަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އެކަމަކު އެ ލަސްވުމުގެ ސަބަބުން، އެބައިމީހުން ބޭނުންވީ ވަރަށް ވުރެ ގިނަ ކަންތައް ފަހިވެގެން ހިނގައްޖެއެވެ. އެކަމަނާ އާއި، އެކަމަނާގެ ފިރިކަލުން ކުއްޖަކު ހޯދަމުން ދަނިކޮށް، ފާހަގަކުރެވިގެން ދިޔަ ކަމަކީ، މުއްސަނދި ޢާއިލާތަކުގެ ކުދިންނާ ޙަވާލުނިމިފައިވާ ތަނެވެ. އެކަމަކު، ހުސްއަތާ ދާކަށް އެ ދެމަފިރިން ބޭނުމެއް ނުވިއެވެ. އެއާއެކު، ދެން އެ މަފިރިންގެ ހަމައެކަނި އުއްމީދަކަށް ވެފައިއޮތީ، ކުޑަކުއްޖަކާ އެކު ގެއަށް ދިއުމަށެވެ.
"ތިމަންކަލޭގެފާނުގެ ކާބަފައިންގެ ތެރެއިން އެއްވެސް ކާފައެއް ޒިނޭކުރައްވާފައެއް ނެތެވެ. ތިމަންކަލޭގެފާނު ހެއްދެވީ، ފަޟްލުވަންތަކަމާއި، ރަނގަޅު ބަފައިންނާއި ޠާހިރު މައިންގެ ކިބައިންނެވެ".
حديث الشّريف
އެންމެ ފަހުން، އެ ދެމަފިރިންނާ ދިމާވީ، އިޙްތިރާމް ކުރެވޭ ފަދަ ގަޔާވާ ފަދަ މޫނެއްގެ ވެރިއަކާ އެވެ. އެއީ، މައްކާގެ ވެރިޔާ ޢަބްދުލް މުއްޠަލިބެވެ. އެބައިމީހުންގެ ވާހަކަތައް އަޑުއެހުމަށް ފަހު، عبدالمطّلب އެބައިމީހުންނަށް ވިދާޅުވީ، އެކަލޭގެފާނުގެ ކާފަ ދަރިކަލުންނާ ޙަވާލުވުމުން އެބައިމީހުންނަށް މަތިވެރިވެގެންވާ ބަރަކާތާއި، ނިޢުމަތް ލިބޭހުށި ކަމެވެ. عبدالمطّلب ގެފާނުގެ އެކުވެރިކަމާއި، ތެދުވެރިކަމުގެ ސަބަބުން އެ ދެމަފިރިންގެ ޝައުޤުވެރިކަން އުފެދިއްޖެ އެވެ. އެކަލޭގެފާނުގެ ހުށަހެޅުން ވަގުތުން ޤަބޫލުކުރިއެވެ. އޭގެ ފަހުން، މުސްކުޅި ކާފާފުޅު، ޙަލީމަތުގެފާނު، އާމިނަތުގެފާނުގެ ގެއަށް ގެންނެވި އެވެ.
ޙަލީމަތުގެފާނުގެ ކިބައިން ވާރިދުވެފައި ވެއެވެ. "އަހުރެން ކުޑަ ކުއްޖާ އަރިހަށް ދިޔަ އިރު، އެ ތުއްތު ކުއްޖާ އޮންނެވީ ގައިކޮޅުގައި ފޮތިން އޮޅާފައި، ފެހި ކުލައިގެ އޫ ފޮތީގެ ޝީޓެއްގެ މަތީގައެވެ. އަދި އެ ކޮޓަރި ތެރޭގައި ވަނީ ގޮމަކަސްތޫރީގެ ވަސް ފެތުރިފައެވެ. އަހުރެންގެ އަތްތިލަ އެކަލޭގެފާނުގެ މޭމަތިކޮޅުގައި ބޭއްވުމުން އެކަލޭގެފާނު ހޭފުޅުލައްވައި، ތިމަންނައާ ބައްލަވާލައްވައި، ހިނިވަރުނަކުރެއްވި އެވެ. އެކަލޭގެފާނުގެ ހިނިވަރުނަކުރެއްވުމަށް އަހުރެންގެ ޝައުޤުވެރިކަން ދަމައިގަތެވެ. ދެން އަހުރެން އެކަލޭގެފާނުގެ މޫނުފުޅު ނިވައިކޮށް؛ ގަޔާކައިރިކޮށްލީމެވެ. އެހާ ރީތި އަދި ބަރަކާތްތެރި ކުއްޖަކު، އެކަލޭގެފާނުގެ މަންމާފުޅު އަޅުގަނޑާ ޙަވާލުނުކުރައްވަފާނެތީ އެވެ. އަހުރެންގެ ކަނާތު އުރަމަތި ކިރުދޭން ދިނީމެވެ؛ އެކަލޭގެފާނު ޤަބޫލުކުރައްވައިފި އެވެ. އަހުރެންގެ ވާތު އުރަމަތި ދިނުމުން ޤަބޫލުފުޅެއް ނުކުރެއްވި އެވެ. عبدالمطّلب ގެފާނު އަޅުގަނޑާ ދިމާލަށް އެނބުރިވަޑައިގެންފައި ވިދާޅުވި އެވެ. 'ކަމަނާ އަށް އުވާފެރި ކަން ހުއްޓެވެ. އެހެން އެއްވެސް އަންހެނަކަށް މިފަދަ ނިޢުމަތެއް ނުލިބެއެވެ'.1
އަގުހުރި ކުއްޖާ އާ ޙަވާލުވެލެއްވުމަށް ފަހު، އާމިނަތުގެފާނު އަހުރެންނަށް ވިދާޅުވިއެވެ. 'އޭ ޙަލީމާ އެވެ. މީގެ ތިން ދުވަސް ކުރިން އަހުރެންނަށް މީހަކު ކިޔާތީ އަޑުއިވުނެވެ. ކަމަނާގެ ދަރިކަލުންނަށް ކިރުދެއްވާ ކިރުމައި ކަމަނާ ވާނީ سعد ވަންހައިގެ އަބޫ ޒުވައިބުގެ ދަރިފަސްކޮޅުންނެވެ'. އެހެން ވިދާޅުވުމާއެކު، އަހުރެން ދެންނެވީމެވެ. 'އަޅުގަނޑަކީ سعد ވަންހައިގެ މީހަކީމެވެ. އަޅުގަނޑުގެ ބައްޕަގެ ވަނަމަކީ އަބޫ ޒުވައިބެވެ".
ޙަލީމަތުގެފާނު އަދިވެސް ރިވާކުރައްވަތެވެ. "އާމިނަތުގެފާނު އެކަލޭގެފާނާ ބެހޭގޮތުން އެހެން ވަރަށް ގިނަ ޙާދިސާތައް އަޅުގަނޑަށް ވިދާޅުވެ ދެއްވައި އިރުޝާދު ދެއްވި އެވެ. އަޅުގަނޑު ވެސް، މައްކާ އަށް ދަތުރުފެށުމުގެ ކުރިން އަޅުގަނޑަށް ފެނުނު ހުވަފެނުގެ ވާހަކައާއި، މައްކާ އަށް އައި މަގުމަތީގައި ކަނާތް ފަރާތުންނާއި ވާތްފަރާތުން އަޑުއިވުނު އަޑުގެ ވާހަކަ ދެންނެވީމެވެ. އެ އަޑުން ބުންޏެވެ. 'އޭ ޙަލީމާއެވެ! ކަމަނާ އަށް ހުރި ޚަބަރުގެ އުވާފެރިކަމާއެވެ! ލޯތައް ތަރަތަރަލައްވާ، އަދި ކައުނު އަލިކޮށްދޭ ނޫރުގެ ކިރުމަޔަކަށް ވުމުގެ ޚާއްޞަކަން ކަމަނާ އަށް ލިބޭނެ އެވެ'".
ޙަލީމަތުގެފާނު ވިދާޅުވި އެވެ. "محمّد (عليه السّلام) އާ ޙަވާލުވެވަޑައިގެން ނަންގަވައިގެން އާމިނަތުގެފާނުގެ ގެކޮޅުން ނުކުމެއްޖައީމެވެ. އަހުރެން ދިޔައީ އަހުރެންގެ ފިރިކަލުންގެ ގާތަށެވެ. ކުޑަ ކުއްޖާގެ މޫނު ފެނުމުން، އޭނާ ވެސް ހިތްދަމައިގަނެގެން ގޮސްފިއެވެ. އަދި ވިދާޅުވި އެވެ. 'އޭ ޙަލީމާ އެވެ! މީގެ ކުރިން އަހުރެން މިހާ ރިވެތި މޫނެއް ނުދެކެވެ'. އެކަލޭގެފާނާ ޙަވާލުވުމަށް ފަހު އަހަރެމެންނަށް ލިބިގެންދިޔަ ބަރަކާތް ފެނިފައި އޭނާ ބުންޏެވެ. 'އޭ ޙަލީމާ އެވެ! ދަންނާށެވެ. ކަމަނާ ތިޙަވާލުވީ ވަރަށް ގިނަ ގުނަ ނިޢުމަތްތައް ދެއްވާފައިވާ އަގުހުރި ކުޑަކުއްޖަކާއެވެ'. އަހުރެން ޖަވާބު ގައި ބުނީމެވެ. "އަހުރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހުރެން މިކަމަށް އެދުނީމެވެ. އަދި އެ އެދުން ފުއްދަވައިދެއްވައިފި އެވެ".
އެ ދެމަފިރިން، محمّد (عليه السّلام) އާ އެކު މައްކާ ދޫކޮށްލެއްވި ވަގުތު، އެކަލޭގެފާނުގެ ސަބަބުން ޙަލީމަތުގެފާނަށާއި، ފިރިކަލުންނަށް ނިޢުމަތްތައް ލިބެން ފަށައިފި އެވެ. އެ ދެމަފިރިންގެ އަތުގައި އޮތް ބަލިކަށި އަދި ލަސް ޙިމާރު ދަތުރުކުރަމުން ދިޔައީ ޢަރަބި އަހެއް ދާ ގޮތަށެވެ. އެ ދެމަފިރިން މައްކާ އަށް އައި ޤާފިލާ މައްކާ އިން އެނބުރި ގޮސް ދުރު ރާސްތާއަކަށް ދެވިފައި ވަނިކޮށް، އެ ޤާފިލާ އާ ހަމަކޮށް އެ މީހުން ފަހަނައަޅައި ދިޔައެވެ. ބަބީ ސަޢުދުގެ ބިމަށް އާދެވެމަށް ފަހު ކުރިން ލިބިފައިވާ ނުވާ މިންވަރަށް ތިޔާގިކަމާއި، ނިޢުމަތްތައް ލިބިގެންދިޔައެވެ. ކުރިން މަދު ކިރުފޮދެއް ދިން ޖަނަވާރުތައް ގިނަ ޢަދަދެއްގެ ކިރު އުފައްދަން ފެށިއެވެ. އެ މީހުންގެ އަވަށްޓެރިން މިކަމާ ޙައިރާންވެ އަންތަރީސްވި އެވެ. އަދި އެމީހުންނަށް މިކަމުން އެނގިގެންދިޔައީ، އެ ނޢުމަތްތައް ލިބުމުގެ އަޞްލު ސަބަބަކީ، ކިރުދިނުމަށް ޓަކައި، އެމީހުންނަށް ލިބުނު ކުޑަކުއްޖާގެ ސަބަބުންނެވެ.
އަޅުގަނޑުމެންގެ ސައްޔިދު، رَسُوْلُ اللهِ ﷺ ކިރުފޮދު ހިތްޕެވީ ހަމައެކަނި ޙަލީމަތުގެފާނުގެ ކަނާތް ފަރާތުންނެވެ. ވާތް ފާތް ދޫކޮށްލައްވަނީ އެކަލޭގެފާނުގެ އެއްކިރު އަޚާ އަށެވެ. ޢުމުރުން އެންމެ ދެ މަހުގައި ފިރުކޭން ފައްޓަވައިފި އެވެ. އަދި ތިން މަހުގައި ކޮޅަށް ތެދުވަން ފައްޓަވައިފިއެވެ. ހަތަރު ވަނަ މަހުގައި ފާރުގައި ހިފަހައްޓަވައިގެން ހިންގަވަން ފެއްޓެވި އެވެ. ޢުމުރުފުޅުން ފަސް މަހުގައި ހިންގަވަން ފައްޓަވައިފި އެވެ. އަދި ހަވަނަ މަހުގައި ބާރަށް ހިންގަވަން ފައްޓަވައިފި އެވެ. ހަތް މަހުގައި، ބޭނުން ކޮންމެ ތަނަކަށް ވަޑައިގަންނަވަން އެނގިވަޑައިގެންފި އެވެ. އަށް ވަނަ މަހުގައި ދައްކަވާ ވާހަކަ މަފްހޫމްކޮށްލެވޭ ވަރު ވިއެވެ. އަދި ނުވަނަ ވަނަ މަހުގައި ވަރަށް ސާފުކޮށް ވާހަކަދައްވަން ފައްޓަވައިފި އެވެ. ދިހަ ވަނަ މަހުގައި ދުނިދަނޑި ޖައްސަވަން ފައްޓަވައިފި އެވެ.
حليمة ގެފާނު ރިވާކުރައްވާފައި ވެއެވެ. "އެންމެ ހިންގަވަން ފެއްޓެވި އިރު، އެކަލޭގެފާނު حديث ކުރެއްވި އެވެ. 'لا إله إلّا الله والله أكبر. والحمد لله ربّ العالمين' އެ ދުވަހުން ފެށިގެން الله تعالى ގެ ނަންފުޅު ގަނެފަ ނޫނީ އެއްވެސް އެއްޗެއް ނުނަންގަވައެވެ. އެކަލޭގެފާނު ހިންގަވަން ފެއްޓެވި އިރު، ކުޑަކުދިން ކުޅެން ތިބޭ ސަރަޙައްދާ ކައިރިވެ ވަޑައިނުގެން އެ ކުދިންނަށް ވިދާޅުވެއެވެ. 'އަހަރެމެން ހައްދަވާފައި ވަނީ މިކަމަށް ޓަކައެއް ނޫނެވެ.' ކޮންމެ ދުވަހަކު އަވި ފަދަ ނޫރެއް އެކަލޭގެފާނު ވަށައިލުމަށް ފަހު ގެއްލިގެން ދެއެވެ. އެކަލޭގެފާނު ހަނދާ ވާހަކަދައްވައެވެ. އަދި އެކަލޭގެފާނު ހަނދާ ދިމާލަށް އިޝާރާތްކޮށްލެއްވުމުން، ހަނދު ޙަރަކާތްކުރެއެވެ".
ހަނަފަސް ކަމުގެ ސަބަބުން، އެބައިމީހުންނަށް ގިނަގުނަ އުނދަގޫތައް ތަޙައްމަލުކުރަން ޖެހުނެވެ. އަދި އެއް ފަހަރަކު، ފެން ދެއްވާތޯ الله تعالى އަށް ނަމާދުކުރުމަށް ބޭރަށް ނުކުތެވެ. އެބައި މީހުން ނަމާދުކުރަން ދިޔަ އިރު، އެ މީހުންނާ އެކު محمّد (عليه السّلام) ގެންދިޔައެވެ. އަދި އެކަލޭގެފާނުގެ ސަބަބުން އެ މީހުންނަށް ގިނައިން ވާރޭ ފެން ލިބި އެހެން ނިޢުމަތްތައް ވެސް ލިބިގެންދިޔަ އެވެ.
ޙަލީމަތުގެފާނު ރިވާކުރައްވާފައި ވެއެވެ. "محمّد (عليه السّلام) ގެ ޢުމުރުފުޅުން 2 އަހަރު ވުމުން އެކަލޭގެފާނަށް ކިރު ދިނުން ހުއްޓާލައިފީމެވެ. އޭގެ ފަހުން، އަހުރެން އަހުރެންގެ ފިރިމީހާ އާ އެކު، އެކަލޭގެފާނުގެ މަންމާފުޅާ އެކަލޭގެފާނު ޙަވާލުކުރުމަށް މައްކާ އަށް ދިޔައިމެވެ. އެކަލޭގެފާނުގެ ސަބަބުން ވަރަށް ގިނަ ނިޢުމަތްތައް އަހަރެމެންނަށް ލިބިފައި ވުމާ އެކު، އެކަލޭގެފާނު ދޫކޮށްލައި، އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ މޫނު ފެންނަ ގޮތް ނުވުމަކީ އުނދަގޫ ކަމަކަށް ވިއެވެ. އެކަމަނާ އަށް އެކަލޭގެފާނުގެ (ޢަމަލުތަކާއި، އާދަތަކުގެ) ވާހަކަ ދެންނެވީމެވެ. އާމިނަތުގެފާނު ވިދާޅުވި އެވެ. 'އަހުރެންގް ދަރިކަލުންނަށް ވަރަށް ބޮޑު މަތިވެރިކަމެއް ލިބިގެން ވެއެވެ'. އަހުރެން ދެންނެވީމެވެ. 'ﷲ ގަންދީ ވުހާކޮށްފައި ދަންނަވަމެވެ. އެކަލޭގެފާނަށް ވރެ ބޮޑަށް ބަރަކާތް ލެއްވިގެންވާ އެހެން އެއްވެސް މީހަކު ނުދެކެވެ'. އަހަރެމެންނާ އެކު އެކަލޭގެފާނު އިތުރަށް ބެހެއްޓުމަށް ޓަކައި އާމިނަތުގެފާނަށް އެތަކެއް ޢުޒުރުތަކެއް ދެއްކީމެވެ. އެކަމަނާ އަހަރެމެންގެ އެދުން ބޮލައިލާ ނުޖެއްސެވި އެވެ. އަދި އަހަރެމެންނާ އެކި އިތުރަށް ބެހެއްޓުމުގެ ހުއްދަ ދެއްވިއެވެ. އެހެންކަމުން އަހަރެމެންގެ ގެ ވަނީ އެކި އެއްޗެހިން ފުރިފައެވެ. އަދި އަހަރެމެންގެ މުދަލާއި، މިލްކިއްޔާތު އިތުރުވެއްޖެ އެވެ. އަދި ގުނާ ޢަދަދުނުކުރެވޭ ވަރަށް ނިޢުމަތްތައް ލިބިއްޖެ އެވެ".2
އެކަލޭގެފާނު ބަރަކާތްތެރި ބޯކޮޅުމަތީގައި ވިލާގަނޑެއް
ޙަލީމަތުގެފާނު ރިވާކުރެއްވި އެވެ. "އެއް ދުވަހަކު سروار السّلام (صلّى الله عليه وسلّم) އަޅުގަނޑާ ސުވާލުކުރެއްވި އެވެ. 'އަޅުގަނޑުގެ އަޚް ކުދިން ދުވާލު ގަނޑީގައި ނުދެކެމެވެ. އޭގެ ސަބަބަކީ ކޮބައި ހެއްޔެވެ؟' އަޅުގަނޑު ދެންނެވީމެވެ. 'އެ ކުދިން ދަނީ ބަކަރި ހުއިހެއްޕުމަށެވެ. އެ ކުދިން ގެއަށް އަންނަނީ ރޭގަނޑުވެފައި ހުއްޓައެވެ'. ރަސޫލާ حديث ކުރެއްވި އެވެ. 'އަޅުގަނޑު ވެސް އެ ކުދިންނާ އެކު ފޮނުއްވައިދެއްވާށެވެ. ތިމަންކަލޭގެފާނު ވެސް ބަކަރި ހުއިހެއްޕުމަށް ދޫކޮށްލައްވާށެވެ'. އެކަލޭގެފާނު ނުފޮނުވަން އަހުރެން ގިނަގުނަ ޢުޒުރތުތަކެއް ދެއްކީމެވެ. އެންމެ ފަހުން އެކަލޭގެފާނު ރުއްސުމަށް ޓަކައި އަހުރެން އާދޭހޭ ދެންނެވީމެވެ.
"އަހުރެން ކިރުއެރުވި އިރު محمّد (صلّى الله عليه وسلّم) އާ މެދު އަހުރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެކަލޭގެފާނު އެއްވެސް އެއްޗެއް ހަޑިނުކުރައްވައެވެ. އެކަލޭގެފާނު ކުޑަކަމު ވަޑައިގަތީ ދުވާލަކު އެއް ފަހަރު އަދި ރޭގަނޑަކު އެއް ފަހަރު އެވެ. ދެން އިތުރަކަށް ކުޑަކަމު ވަޑައެއް ނުގަންނަވައެވެ".
حليمة ގެފާނު
ދެން ޖެހިގެންއައި ދުވަހު، އަހުރެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ފުނާއެޅައި، ހެދުންލައްވައި، އެކަލޭގެފާނުގެ އެއްކިރުގެ އަޚުންނާ އެކު ފޮނުއްވީމެވެ. އެކުދިންނާ އެކު ދެ ދުވަހެއް ވަންދެން އެކީގައި އުޅުއްވި އެވެ. އެއް ދުވަހަކު، އެކަލޭގެފާނުގެ އެއްކިރުގެ ދައްތާ ޝާއިމާ ވިނަތައް އޮތް ހިސާބުން އެނބުރި އައުމުން އަހުރެން އެހީމެވެ. 'އަހުރެންގެ ލޮލޮގެ އަލިކަން، އަހުރެންގެ ދަރިކަލުން محمّد ކޮބައި ހެއްޔެވެ؟ އެކަމަނާ ވިދާޅުވި އެވެ. އެކަލޭގެފާނު ވީ ސަޙަރާގައެވެ. އެކަލޭގެފާނު ސަޙަރާގެ ދިލަ ހޫނަށް ކެތްކުރައްވަނީ ކިހިނެއްތޯ އޭ ސުވާލުކުރުމުން، އެކަމަނާ ވިދާޅުވި އެވެ. 'އޭ ލޮބުވެތި މަންމާއެވެ! އެކަލޭގެފާނަކަށް އެއްވެސް ގެއްލުމެއް ނެތެވެ. އެހެނީ، އެކަލޭގެފާނުގެ ބޯކޮޅުމަތީގައި އެކަލޭގެފާނު ވަޑައިގަންނަވާ ދިމާލަކަށް ދަތުރުކުރުކޮށް، އެކަލޭގެފާނު އިރިގެ ދިލަ ހޫނުން ރައްކާތެރިކޮށްދޭ ވިލާގަނޑެއް ވެއެވެ'. އަހުރެން ބުނީމެވެ. 'ދަރިފުޅު ތި ކިޔަނީ ކީކޭ ހެއްޔެވެ؟ ތިބުނި ހުރިހާ ކަމެއް ހަމަ ތެދު ހެއްޔެވެ'؟ އެކަމަނާ ހުވާކޮށްފައި އެއީ ތެދެއް ކަމުގައި ވިދާޅުވި އެވެ. އަހުރެންނަށް ތަސައްލީއެއް ލިބުނީ ދެނެވެ.
އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ މޭފުޅު ފެޅުއްވުން
އަނެއްކާ ވެސް އެއްދުވަހެއްގެ މެންދުރު އެކަލޭގެފާނުގެ އެއްކިރުގެ ބޭބެ ދަމްރާ އަހުރެން ކައިރި އަށް އައިސް ބުންޏެވެ. މަންމާ! އެހީތެރިވެދީ!... އަހަރެމެން ތިބީ އަހަރެންގެ ޤުރައިޝީ އަޚާ އެކު ބަކަރި ހުއިހައްޕާށެވެ. ކުއްލިއަކަށް، ބޮލުން ފައިތިލައާ ހަމައަށް ފެހި ކުލައިގައި ތިބި ތިން މީހަކު އައިސް އަހަރެންގެ އަޚް ގޮވައިގެން ފަރުބަދަ މައްޗާ ދިމާލަށް ގޮސްފި އެވެ. އެ މީހުން އެކަލޭގެފާނު އުއްޑުން ބާއްވާފައި އެކަލޭގެފާނުގެ ބަނޑުކޮޅު ވަޅިއަކުން ކަފާލައިފި އެވެ. އަހުރެން މަންމާ އަށް މި ޚަބަރުދޭން އައި އިރު ވެސް، އެ މީހުން އެތާ ތިއްބެވެ. އެކަލޭގެފާނު ދިރުހުންނެވި ކަމެއް އަވަހާރަވީ ކަމެއް ނޭނގެއެވެ".
މި ވާހަކައިގެ ދެން އޮތް ބައި ޙަލީމަތުގެފާނު ކިޔައދެއްވާފައި ވެއެވެ. "އަހުރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެތަނަށް އަހަރެމެން ވަރަށް އަވަހަށް ގޮސް އެކަލޭގެފާނު ދުށީމެވެ. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ އިސްތަށިފުޅުގައި ބޮސްދީ ބުނީމެވެ. 'އޭ އަހަރެންގެ ދެ ލޮލުގެ އަލިކަމާއެވެ! އޭ ކައުނުގެ ރަޙުމަތް ކަމުގައިވާ އަހަރެން ދަރިކަލުންނޭވެ! ކަލޭގެފާނަށް ވީ ކީއްތޯ އެވެ؟ ކަލޭގެފާނަށް އަނިޔާކުރީ ކޮން ބައެއް ހެއްޔެވެ؟"
އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. ތިމަންކަލޭގެފާނު ގެ ދޫކޮށްލެއްވި ފަހުން ފެހިކުލައިގެ ހެދުން ލައިގެން ތިބި ދެ މީހަކު ދުށީމެވެ. އޭގެތެރެއިން އެކަކު ހުރީ ރިހި ކުލައިގެ ކުރައެއް ހިފައިގެންނެވެ. އަނެކަކު ހުރީ ޒުމައްރަދުން ވާ ބޮންތަށްޓެއް ހިފައިގެންނެވެ. ބޮންތަށި ހުރީ ސްނޯ އަށް ވުރެ ހުދު އެއްޗަކުން ފުރިފައެވެ. އެ މީހުން ތިމަންކަލޭގެފާނު ފަރުބަދަ މައްޗަށް ގެންދިޔައެވެ. އެއަށް ފަހު އޭގެތެރެއިން އެކަކު ތިމަންކަލޭގެފާނު އުޑުތިލަމަތިން ބޭއްވި އެވެ. ތިމަންކަލޭގެފާނު ބައްލަވައިގެން ހުންނަވަނިކޮށް އޭނާ ތިމަންކަލޭގެފާނުގެ މޭފުޅު ބަނޑުކޮޅާ ހަމައަށް ކަފާލިއެވެ. ތިމަންކަލޭގެފާނަކަށް އެއްވެސް ތަދެއް އިޙްސާސެއް ނުވިއެވެ. އެ ބޭކަލަކުގެ އަތް ބާނުއްވައި އެތާގައި ހުރި އެއްޗެއް ނެންގެވި އެވެ. އެބޭކަލުން ހުދު އެއްޗަކުން ދޮންނެވުމަށް ފަހު އަލުން ލެއްވި އެވެ. އެއް ބޭކަލަކު އަނެއް ބޭކަލަކަށް ވިދާޅުވި އެވެ. 'ކޮޅަށް ތެދުވެވަޑައިގަންނަވާ އަޅުގަނޑުގެ ވާޖިބު އަދާކުރިޔަ ދެއްވާށެވެ'. ދެން އެ ބޭކަލަކު އަތް އެތެރެއަށް ލައްވައި ތިމަންކަލޭގެފާނުގެ ހިތް ނެންގެވިއެވެ. ހިތް އޮތީ ދެ އެއްޗަކުންނެވެ. އެއިން ކަޅު ކުލައިގެ އެއްޗެއް ނެންގެވުމަށް ފަހު އޭތި އެއްލަވާލެއްވި އެވެ. އަދި ވިދާޅުވި އެވެ. 'އެއީ ކަލޭގެފާނުގެ ހަށިކޮޅުގައިވާ އިބިލީހުގެ ޙިއްޞާ އެވެ. އަޅުގަޑުމެން އޭތި ނެގީއެވެ. އޭ ލޮބުވެތި الله تعالى ގެ ލޮބުވެތި ކަލޭގެފާނެވެ! އަޅުގަނޑުމެން ކަލޭގެފާނު ޝައިޠާނާގެ ވަސްވާހާއި3، އުކުޅުތަކުން ސަލާމަތްކޮށްފީމުއެވެ'. ދެން އެ ބޭކަލުން ތިމަންކަލޭގެފާނުގެ ހިތްޕުޅު ލުއި އަދި މަޑު އެއްޗަކުން ފުރާލެއްވި އެވެ. އެ ލެއްވި އެއްޗަކާ ނޫރު އެއްކޮށް ތަތްކޮށްލެއްވި އެވެ. އަދި ވެސް އެ ތަތްކޮށްލުމުގެ ތެތްކަން މުޅި ހަށިގަނޑުގައި އެބަ އިޙްސާސްކުރެވެއެވެ. އޭގެ ތެރެއިން އެއް ބޭކަލަކު އެކަލޭގެފާނުގެ އަތްޕުޅު ތިމަންކަލޭގެފާނުގެ ޒަޚަމުގައި އަތްޖައްސަވާލެއްވުމުން އެ ޒަޚަމް ރަގަނޅުވެއްޖެ އެވެ. ދެން އެބޭކަލުން ތިމަންކަލޭގެފާނު ކިރުއްވީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ދިހަ މީހުންނާ ދެކޮޅަށެވެ؛ ބަރުވީ ތިމަންކަލޭގެފާނެވެ. ދެން އެބޭކަލުން ތިމަންކަލޭގެފާނު ކިރުއްވީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ އެއްހާސް މީހުންނާ ދެކޮޅަށެވެ؛ އަދިވެސް ބަރުވީ ތިމަންކަލޭގެފާނެވެ. ދެން އޭގެ ތެރެއިން އެއް ބޭކަލަކު އަނެއް ބޭކަލެއްގެ އަރިހުގައި ދެންނެވި އެވެ. 'އެކަލޭގެފާނު ކިރުއުއްވުން ހުއްޓާލައްވާށެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނުގެ މުޅި އުއްމަތާ ދެކޮޅަށް ކިރި ކަމުގައި ވިޔަސް، ބަރުވާނީ އެކަލޭގެފާނެވެ'. ދެން އެއިން ކޮންމެ ބޭކަލަކު ވެސް ތިމަންކަލޭގެފާނުގެ އަތާއި މޫނުގައި ދޮންދިނުމަށް ފަހު މި ތަން ދޫކޮށް ގޮސްފި އެވެ'. އެ ޢަލާމާތް ލޮބުވެތި ރަސޫލާ ގެ މޭކޮޅު މަތިން ވެސް އެ ޢަލާމާތް ވަނީ ނުފެނިފައެވެ4'.
سورة الإنشراح ގެ ފުރަތަމަ އާޔަތުގައި އަހަރެމެންގެ ލޮބުވެތި ރަސޫލާ ތަޖްރިބާކުރެއްވި މި ޙާދިސާ
އަށް ކިޔެނީ "شق الصدر" ނުވަތަ މޭ ފެޅުއްވުމެވެ.
އެކަލޭގެފާނަށް ރަސޫލުކަން ބާވައިލެއްވުމަށް ފަހު، ބައެއް އަޞްޙާބު ބޭކަލުން އެކަލޭގެފާނަށް ދެންނެވި އެވެ. "އޭ ރަސޫލުﷲ އެވެ! ކަލޭގެފާނާ ބެހޭގޮތުން އަޅުގަނޑުމެންނަށް އިތުރަށް ވިދާޅުވެދެއްވާށެވެ". އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނަކީ، ކާފާކަލުން އިންފާހީމްގެފާނުގެ ދުޢާ އެވެ. ތިމަންކަލޭގެފާނަކީ، އަޚް ޢީސާގެފާނު ދެއްވެވި އުފާވެރި ޚަބަރެވެ. ތިމަންކަލޭގެފާނަކީ، ތިމަންކަލޭގެފާނުގެ މަންމާފުޅުގެ ހުވަފެނެވެ. އެކަމަނާ ތިމަންކަލޭގެފާނަށް ބަލިވެއިންނެވި އިރު، އެކަމަނާގެ ހަށިގަނޑުން ނޫރެއް ފެތުރިގެން ގޮސް ދިމިޝްޤުގެ ގަނޑުވަރުތައް ދިއްލިގެންދިޔަ ތަން ފެނުވަޑައިގަތެވެ. ތިމަންކަލޭގެފާނަށް ކިރުދެވި، ތަރުބިއްޔަތުކުރެވިގެންދިޔައީ، بني سعد بن بقر ގެ ދަރިންގެ މެދުގައެވެ".
އެކަލޭގެފާނަށް ޢުމުރުފުޅުން ހަރަތު އަހަރުވުމަށް ފަހު، ޙަލީމަތުގެފާނު އެކަލޭގެފާނު މައްކާ އަށް ގެންނަވައި، އެކަލޭގެފާނުގެ މަންމާފުޅާ ޙަވާލުކުރެވުނެވެ. އެކަލޭގެފާނުގެ ކާފާފުޅު عبدالمطّلب ގެފާނު، އެކަމަނާ އަށް ނުހަނު ގިނަ ހަދިޔާ ދެއްވި އެވެ. އެކަލޭގެފާނު މައްކާ އަށް ދޫކޮށްލައްވައި ވަށޑައިގަންނަވަމުން، ޙަލީމަތުގެފާނު އެކަމަނާގެ ހިތާމާވެރިކަން ހާމަކޮށްދެއްވުމަށް ވިދާޅުވި އެވެ. "ހީވަނީ އަހުރެންމެ ފުރާނައާއި ހިތް އެކަލޭގެފާނާ އެކު ވާ ހެންނެވެ".
އެކަލޭފާނުގެ މަތިވެރި މަންމާފުޅު އަވަހާރަވުން
އަހަރެމެންގެ ލޮބުވެތި ރަސޫލާ (صلَى الله عليه وسلّم) ބޮޑުފުޅުވެ ވަޑައިގަތީ ޢެކަލޭގެފާނަށް ޢުމުރުން 6 އަހަރު ވަންދެން މަންމާފުޅު އަހިހުގައެވެ. أُمُّ أَيمن ނަމަކަށް ކިޔާ ޖާރިޔާ އަކާ އެކު އެކަލޭގެފާނާއި، އެކަލޭގެފާނުގެ މަންމާފުޅާ އެކީ މަދީނާ އަށް ވަޑައިގަތީ އެކަލޭގެފާނުގެ ތިމާގެ މީހުންނަށް ޒިޔާރަތްކުރުމަށާއި، އެކަލޭގެފާނުގެ ކާފާފުޅު عبدالمطّلب ގެ މަހާނައަށް ޒިޔާރަތްކުރުމަށެވެ.
އެ ދެމައިން މަދީނާ ގައި އެއް މަސް ވަންދެން މަޑުކުރެއްވި އެވެ. ނައްޖާރުގެ ސަރިންގެ ޕޫލް ގައި ފެއްތެވުމަށް އެކަލޭގެފާނު ދަސްކުރެއްވި އެވެ. އެއާއެކު، ޔަހޫދީ ޢިލްމުވެރިޔަކަށް، އެ ކަލޭގެފާނުގެ ކިބަފުޅުން ރަސޫލުކަމުގެ ޢަލާމާތްތައް ފެނުނެވެ. އެ ޢިލްމުވެރިޔާ محمّدގެފާނާ ހަމައަށް އައިސް އެކަލޭގެފާނުގެ ނަމަކީ ކޮބައިތޯ ސުވާލުކުރި އެވެ. "އަޙްމަދު" މިހެން އެކަލޭގެފާނު ވިދާޅުވުމުން އެ ޢިލްމުވެރިޔާ ހަޅޭލަވައިގަތެވެ. "މި ކުޑަކުއްޖާ ވެގެންދާނީ ފަހުޒަމާނުގެ އެންމެ ފަހު ރަސޫލާ އަށެވެ". ހަމައެއާއެކު، ބައެއް އެހެން ޔަހޫދީ ޢިލަމުވެރިން ވެސް އެކަލޭގެފާނުގެ ކިބަފުޅުން ރަސޫލުކަމުގެ ޢަލާމާތްތައް ފެނި، އެކަލޭގެފާނުގެ ރަސޫލުކަމުގެ ވާހަކަތައް ދައްކައި މަޝްވަރާކޮށް އުޅުނެވެ.
أُمُّ أَيمَن އަށް މި މަޝްވަރާތަކުގެ އަޑު އިވިގެން އާމިނަތުގެފާނަށް އެ ވާހަކަ ދެންނެވި އެވެ. އެކަލޭގެފާނަށް ބަޔަކު ހާނީއްކައެއް ކޮށްފާނެ ކަމުގެ ބިރުގައި އެކަލޭގެފާނުގެ ނަންގަވައި، މައްކާ ދޫކޮށްލެއްވީ އެވެ. ޢަބްވާ އޭ ކިޔުނު ތަނަކަށް ފޯރުމުން އާމިނަތުގެފާނު އާލާސްކަންފުޅު ޖެހިއްޖެއެވެ. އެކަމަނާގެ ޞިއްޙީ ޙާލުކޮޅު އިތުރަށް ގޯސްވެ ގިނަ ގިނައިން ހޭނެތެން ވެސް ފަށައިފި އެވެ.
އެކަމަނާއާ އެކުގައި އެތާ އިންނެވި އެކަމަނާގެ ދަރިކަލުންނަށް ބައްލަވަން އޮންނަވާ ވިދާޅުވި އެވެ. "އޭ ލޮބުވެތި ބޭފުޅާގެ ދަރިކަލުންނޭވެ! އެކަލޭގެފާނަކީ، الله تعالى ގެ މަތިވެރި ނިޢުމަތާއި އެހީތެރިކަމާ އެކު ސަތޭކަ ޖަމަލު ދެއްވައިގެން މަރުގެ ދުންދަނޑިން ސަލާމަތްވި ކަލޭގެފާނެވެ. الله تعالى ކަލޭގެފާނަށް ބަރަކާތްލައްވާށިއެވެ! އަހުރެންނަށް ފެނުނު ހުވަފެން ތެދުކަމުގައި ވަނީ ނަމަ، މަތިވެރިވަންތަ އަދި ނުހަނު ދީލަތި ވަންތަ الله تعالى، ޙަލާލާއި ޙަރާމް އެންގެވުމަށް ޓަކައި އެންމެހާ އިންސާނިއްޔަތަށް ކަލޭގެފާނު ފޮނުއްވާނެތެވެ. ބުދުތަކާއި، ބުދަށް އަޅުކަންކުރުމުގެ އެތަކެއް ޤަރުނެއްވީ އާދަކާދަ އިން الله تعالى ކަލޭގެފާނު ރައްކާތެރިކުރައްވާނެތެވެ". އަދި އެކަލޭގެފާނަށް ތިރީގައިވާ ޅެން ބައިތު ކިޔުއްވައިދެއްވި އެވެ.
"ހަމަކަށަވަރުން ވެސް ކުރީގެ ޤައުމުތަކުން އަދި ޝިރުކު މެދުވެރިވެގެން އައިސްފައިވާ ބުދުތަކުން ޖަނާބުލް ޙައްޤު، ހަމަކަށަވަރުން ވެސް ކަލޭޣެފާނު ސަލާމަތްކުރައްވާނެ އެވެ".
آمنة ގެފާނު
އާ އެއްޗެހި ބާވައޭ، ދިރިހުންނަ ތަކެތި މަރުވެއޭ،
ގިނައިން ހުންނަ ތަކެތި މަދުވެއޭ، ޒުވާންކޮށް އަބަދަށް ހުންނަ އެއްޗެއް ހުރޭހޭ؟
އަހުރެން ވެސް މަރުވާނޭ؛ އަހުރެންގެ ތަފާތަކީ،
އަހުރެން ކަލޭގެފާނު ވިއްސެވީމޭ؛ އަހުރެންގެ ޝަރަފަކީ އެއީއޭ.
އަހުރެންގެ ރަނގަޅު ދަރިކަލައް ދޫކޮށްލީމޭ،
އަހުރެން ލޯމަރާލަމޭ؛ އަހުރެންގެ ހިތަށް ތަސްލީއެކޭ.
އަހުރެންގެ ނަން އަބަށް މެ ހަނދުމަކުރެވޭނެއޭ،
ކަލޭގެފާނުގެ ލޯބި ހިތްތަކުގައި ދިރިދިރި ހުންނާނެތޭ
ދެން އޭގެ ފަހުން އެ ކަމަނާ އަވަހާރަވެއްޖެ އެވެ. އެ ކަމަނާ ފަސްދާނުލެވުނީ އެތާނގައެވެ. އާމިނަތުގެފާނު އަވަހާރަވީ، އެ ކަމަނާގެ ޢުމުރުފުޅުން 20 އަހަރުގައެވެ.
أُمُّ أَيمن ކައުނުގެ ސައްޔިދު ގެންދެވި އެވެ. އަދި މަދު ދުވަސްކޮޅެއްގެ ދަތުރަށް ފަހު އެބޭކަލުން މައްކާ އަށް ފޯރައްޖެ އެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލާ، އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލް މުއްޠަލިބާ ޙަވާލުކުރެއްވެވީ އެ ދަތުރުގައެވެ.5
އެކަލޭފާނުގެ މަންމާފުޅާއި ބައްޕާފުޅާ ދެ ބޭފުޅުންނަކީ މުއުމިނުން
އަހަރެމެންގެ ލޮބުވެތި حبيب الأكرم (صلَى الله عليه وسلّم) ގެ ބައްޕާފުޅާއި މަންމާފުޅު ތިއްބެވީ إبراهيم (عليه السلام) ގެ ދީން މަތީގައެވެ. އެހެންކަމުން އެ ދެބޭފުޅުންނަކީ މުއުމިނުންނެވެ. محمّد (عليه السّلام) އަށް ރަސޫލުކަން ބާވައިލެއްވުމަށް ފަހު، އެ ދެ ބޭފުޅުންނަށް އަލުން ދިރުން ދެއްވި އެވެ. އެއީ، އެކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ ބަޔަކަށް ވުމަށް ޓަކައެވެ؛ އެ ދެބޭފުޅުންނަށް ޝަހާދަތުގެ ދެ ކަލިމަ އަޑު އިވި އެކަލޭގެފާނުގެ އުއްމަތުގެ ތެރޭގައި ހިމެނޭ މުއިމުންނަށް ވެގެންދިޔައެވެ.6
އެކަލޭގެފާނުގެ ކާފާފުޅުގެ އަރިހުގައި
ޢުމުރުފުޅުން 8 އަހަރު ވުމާ ހަމަޔަށް محمّد (عليه السّلام) ބޮޑުފުޅުވެވަޑައިގަތީ، އެކަލޭގެފާނުގެ ކާފާފުޅު عبدالمطّلب ގެފާނުގެ އަރިހުގައެވެ. عبد المطّلب ކީ، ހައިބަތްތެރި، ކެތްތެރި، ހެޔޮލަފާ، ތެދުވެރި، ހިތްވަރުގަދަ، ދީލަތި އަދި މައްކާ ގައި ލޯބިލިބިގެން ތަފާތު އެކި ކަންތައްތައް ހިންގަވައި ބެލެހެއްޓެވި މައްކާގެ ވެރިޔާ އެވެ. ބަނޑުހައިގެންފައިވާ އަދި ފެންބޮވައިގެންފައިވާ ފަގީރުންނާއި ޖަނަވާރުތަކަށް ވެސް އެކަލޭގެފާނު ކާންދެއްވި އެވެ. އެކަލޭގެފާނު الله تعالى އާއި އާޚިރަތަށް އީމާންވެލެއްވި އެވެ. ނުބައި ކަންތައްތަކުން އެކަލޭގެފާނު ދުރުވެލައްވައި، ޖާހިލީ ޒަމާނުގެ ވިޔާނުދާ އާދަތައް ވެސް ދުރުވެލެއްވި އެވެ. މައްކާގައި އަނިޔާވެރިކަމާއި، ބޭއިންޞާފު އެއްކިބާކުރައްވައި، ޒިޔާރަތްކުރާ މީހުންނަށް ފަހިވާ ގޮތް ހެއްދެވި އެވެ. ރަމަޟާން މަހު ޙިރާ ފަރުބަދައިގައި އެކަހެރިވެ ވަޑައިގަތުމަކީ އެކަލޭގެފާނުގެ އާދައެވެ. ކުޑަކުދިން ދެކެ ނުހަނު ލޯބިވެ ވަޑައިގެން، އޯގާތެރިވެ ވަޑައިގަތް عبدالمطّلب ގެފާނު، އެކަލޭގެފާނުގެ ލޮބުވެތި ކާފަ ދަރިފުޅު ދެކެ ވަރަށް ލޯބިވެވަޑައިގަތެވެ. އެހެންކަމުން، ރެއާއި ދުވާލު އެކަލޭގެފާނު ގެންގުޅުއްވީ ކައިރީގައެވެ. ވަރަށް ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ ވަޑައިގަތެވެ. ގެފުޅުގެ ހިޔަނީ ގައި، އެކަލޭގެފާނަށް ޚާއްޞަކޮށްފައި ހުންނަ ތަނުގައި އެކަލޭގެފާނުގެ ކާފަ ދަރިފުޅާ އެކު އިށީނދެވަޑައިގެން ހުންނަވައިގެން އެކަން ހުއްޓުވަން އުޅޭ މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ. "އަހުރެންގެ ދަރިކަލުން އެކަނި ދޫކޮށްލާށެވެ. އެކަލޭގެފާނު ވަނީ މަތިވެރިވެގެންނެވެ".7 އެކަލޭގެފާނު އިތުރު އެކަލޭގެފާނު ރަނގަޅަށް ބެއްލެވުމަށް، رَسُوْلُ اللهِ ﷺ ގެ ނަނީ ކަމުގައިވި أُمُّ أَيمن އަށް އެކަލޭގެފާނު އިންޒާރު ދެއްވި އެވެ. އެގޮތުން އެކަމަނާ އަށް އެކަލޭގެފާނު ވިދާޅު ވިއެވެ. "އަހުރެންގެ ދަރިކަލުންގެ ކަންތައްތައް ރަނގަޅަށް ބައްލަވާށެވެ. އަހްލު ކިތާބުން ކިޔައިދޭ ގޮތުގައި އެކަލޭގެފާނު ވާނީ މި އުއްމަތުގެ ރަސޫލާ ކަމަށެވެ". أُمُّ أَيمن ވިދާޅުވި އެވެ. "އެކަލޭގެފާނު ތުއްޕުޅު އިރު، ހައިހޫނު ކަމާއި، ފެންބޮވައިގަތުމުގެ ޝަކުވާ އެކަލޭގެފާނު ތުއްޕުޅު އިރު ނުކުރައްވައެވެ. ހެނދުނު، އެކަލޭގެފާނު ޒަމްޒަމް ފެން ތިއްކެއް ހިތްޕަވައެވެ. އެކަލޭގެފާނަށް ކެއުން ދެއްވުމަށް ބޭނުންވުމުން އެދަޅުގެ ފާނު ވިދާވެއެވެ. "އަޅުގނަޑު ބޭނުމެއް ނޫން. އަހަރެންގެ ބަނޑު ފުރިއްޖެ އެވެ".
އެކަލޭގެފާނު ފިޔަވައި އިތުރު މީހަކަށް عبد المطّلب ގެފާނުގެ ކޮޓަރިކޮޅުގައި ނިދީ ގައި ނުވަތަ އެކަނި ހުންނަވާ އިރު، ނުދެއްވައެވެ. އެކަލޭގެފާނު އިތުރު އެކަލޭގެފާނުގެ ބަސްމަގަށާއި ސުލޫކަށް عبدالمطّلب ވަރަށް ގަޔާވެލެއްވި އެވެ. ކެއުންތަކުގެ އެންމެ މީރު ބައި عبد المطّلب ގެފާނު ދެއްވަނީ އިތުރު އެކަލޭގެފާނަށެވެ. محمّدގެފާނުގެ ކުރިން އެކަލޭގެފާނު ކޭންނުބައްލަވައެވެ. އިތުރު ރަސޫލާއާ ބެހެގޮތުން އެތަކެއް ހުވަފެންފުޅު ފެނި، އެކަލޭގެފާނާ މެދު ގިނަގުނަ ޙާދިސާތައް ދެކެވަޑައިގަތެވެ.
އެއް އިރެއް ގައި މައްކާ ގައި ބަނޑުހައިހޫނުކަމާއި، ތަދުމަޑުކަން އޮތެވެ. ފެނިވަޑައިގަތް ހުވަފެންފުޅަކާ ވިދިދގެން، عبدالمطّلب ގެފާނު، ރަސޫލާގެ އަތްޕުޅު ގައި ހިފައިގެން، އަބޫ ޤުބައިސް ފަރުބަދައާ ހަމަޢަށް ވަޑައިގަތެވެ. އެކަލޭގެފާނު ދުޢާކުރައްވައި ދެންނެވި އެވެ. "އޭ މާތް ﷲ އެވެ! މި ދަރިފުޅަށް ޓަކައި، އަޅަމެންނަށް ހެޔޮއެދުމުގެ ވާރޭ ވެއްސަވައި އަޅުގަނޑުމެންނަށް އުފާވެރިކަން ދެއްވާދޭވެ"! އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. އޭރުގެ ޅެންވެރިން، މި ޙާދިސާ އެ މީހުން ލިޔުނު ޅެންތަކުގައި ވަނީ ބަޔާންކޮށްފައެވެ.
ނަޖްރާންގެ ފާދިރީ
އެއް ދުވަހަކު، عبدالمطّلب ގެފާނު ގެފުޅުގެ ކައިރީގައި އިށީނދެ އިންނަވަނިކޮށް، ނަޖްރާގެ ފާދިރީއަކު އައިސް އެ ކަލޭގެފާނާ ވާހަކަދައްކަން ފެށި އެވެ. މި ވާހަކައިގެ ތެރެއިން އޭނާ ބުންޏެވެ. "އިސްމާޢީލުގެފާނުގެ ދަރިންގެ ތެރެއިން އަންނާނޭ ރަސޫލެއްގެ ސިފަތައް އަހަރެމެން ފޮތްތަކުން ކީމެވެ. މި މައްކާ އަކީ އެ ބޭކަލެއްގެ އުފަން ރަށެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކަކީ މިހިރަ މިހިރީ އެވެ". އެއަށް ފަހު އެ ސިފަތައް ގުނަން ފެށި އެވެ. އެ ވަގުތު، رَسُوْلُ اللهِ ﷺ އެ ތަނަށް ވަޑައިގަތެވެ. ނަޖްރާނުން އައި ފާދިރީ، އެކަލޭގެފާނަށް ބަލަން ފަށައި؛ އަރިހަށް ގޮސް އެކަލޭގެފާނުގެ ލޯފުޅަށާއި، އެކަލޭގެފާނުގެ ބުރަކަށްޓާއި، އެކަލޭގެފާނުގެ ފައިތިލަކޮޅަށް ބެލުމަށް ފަހު ޖޯޝާ އެކު ބުނެތްޕެވެ. "މިއީ އެކަލޭގެފާނެވެ. މި ކުޑަކުއްޖާއަކީ ކަލޭގެފާނުގެ ދަރިފަސްކޮޅުން އައި ދަރިފުޅެއް ހެއްޔެވެ"؟ عبدالمطّلب ގެފާނު ޖަވާބު ދެއްވި އެވެ. "މިއީ އަހަރެންގެ ދަރިކަލުންނެވެ". ނަޖްރާންގެ ފާދިރީ ބުނެތްޕެވެ. "މި ފޮތްތަކުން އަހަރެމެން ކިޔާފައިވާ ގޮތުގައި، އެކަލޭގެފާނުގެ ބައްޕާފުޅު ދިރި ދުނިޔެއަކު ނުހުންނަވާނެ އެވެ". عبدالمطّلب ގެފާނު ވިދާޅުވި އެވެ. "މިއީ އަހަރެންގެ ދަރިކަލުންގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ ބައްޕާފުޅު، އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން، އެކަލޭގެފާނުގެ މަންމާފުޅު ބަނޑުބޮޑުވެފައި ހުއްޓާ، އަވަހާރަވެއްޖެއެވެ". ފާދިރީ ދެން ބުނެތްޕެވެ. "މިހާރު، ކަލޭގެފާނު ތި ވިދާޅުވީ ތެދުފުޅެވެ". އެއަށް ފަހު عبدالمطّلب ގެފާނު، އެކަލޭގެފާނުގެ ފިރިހެން ދަރިންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ. "ތި ކުދިންގެ އަޚާގެ ދަރިކަލުންނާ ބެހޭގޮތުން މި ބުނެވޭ އެއްޗެއް އަޑުއަހައި އެކަލޭގެފާނު ރަނގަޅަށް ޙިމާޔަތްކޮށްދޭށެވެ".
އެކަލޭގެފާނުގެ ކާފާފުޅު ނިޔާވުން
عبدالمطّلب ގެފާނުގެ މަރު ކައިރިވަމުން ދިޔަ އިރު، އެކަލޭގެފާނުގެ ފިރިހެން ދަރިން އެއްކުރައްވައި ވިދާޅުވި އެވެ. "އަހުރެން މި ދުނިޔެ އިން އާޚިރަތަށް ހިޖްރަކުރަންވީ ވަގުތު ޖެހިއްޖެ އެވެ. އަހުރެންގެ ހަމައެކަނި ކަންބޮޑުވުމަކީ، މި ޔަތީމު ކުއްޖާ އެވެ. އަހަރެންނަށް ދިގު ޢުމުރެއް ދެއްވި ނަމަ ކިހާ ރަނގަޅުހޭ ހިތަށް އަރައެވެ. އޭރުން، މި ދޭ ޚިދުމަތް އުފަލާއެކު މެދުނުކަނޑާ ކުރިޔަށް ގެންދެވުނީހެވެ. އެހެންނަމަވެސް، އަހުރެންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަހުރެންގެ ޙަޔާތް ނުފުދޭނެ އެވެ. މިހާރު، އަހުރެންގެ ދުލާއި، ހިތް ދަނީ އަނދަމުންދަނީ މި ޝައުޤުވެރިކަމުގެ އަލިފާނުންނެވެ. މި މުތް އަހުރެން ބޭނުންވަނީ ތިއިން ބޭކަލަކާ ޙަވާލުކުރުމަށެވެ. އެކަލޭގެފާނުގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށް، އެކަލޭގެފާނަށް ޚިދުމަތް ކުރުމުގައި ފެއިލްނުވާނީ ކާކު ހެއްޔެވެ"؟ أبو لهب ކުޑަކަކޫ ޖަހައިގެން އިށީނގެ އިނދެ ބުނެފި އެވެ. "އޭ ޢަރަބިންގެ ސައްޔިދެވެ! ބައްޕާފުޅުގެ ސިނކުޑީގައި މި ޚިދުމަތަށް އެކަކުގެ ނަން އޮތަސް ރަނގަޅުވާނެ އެވެ. އެހެން ނޫން ނަމަ އަޅުގަނޑު ތި ޚިދުމަތް ކުރާނަމެވެ". عبدالمطّلب ގެފާނު އަބޫލަހަބަށް ވިދާޅުވި އެވެ. "ކަލޭގެ މުދާތައް ގިނައެވެ. އެކަމަކު ކަލެއަކީ، ފިނި ހިތެއްގެ ވެރިއެކެވެ. އަދި ކަލެއަކީ އޯގާތެރިކަން ވަރަށް ކުޑަ މީހެކެވެ. ޔަތީމު ކުދިންގެ ހިތް ވަނީ ޒަޚަމްވެ ބަލިކަށިވެފައެވެ. އެ ހިތަށް ފަސޭހައިން އަސަރުކުރާނެ އެވެ". އެކަލޭގެފާނު އެހެން ބައެއް ދަރިން ވެސް ހަމަ އެ ޝައުޤުވެރިކަން ފާޅުކުރި އެވެ. عبدالمطّلب ގެފާނު އެއިން އެއްވެސް ބޭކަލެއްގެ އެދުން ޤަބޫލެއް ނުކުރައްވައެވެ. އެއީ، އެއިން ކޮންމެ ބޭކަލެއްގެ ސިފަތައް ހާމަކޮށްދިނުމާ ވެސް އެކުގައެވެ. أبو طالبގެފާނާ ޖެހުމުން، އެކަލޭގެފާނު ވިދާޅުވި އެވެ. "އެހެން އެންމެންނަށް ވުރެ ބޮޑަށް އަހުރެން އެކަން ބޭނުމެވެ. އެކަމަކު އަޅުގަނޑުގެ ދޮށްޓަށް ތިއްބެވި ބޭކަލުންނަށް ވުރެ ކުރިޔަށް ޖެހުމަކީ އެހާ މުނަސިބު ކަމަކަށް ނުވާނެ އެވެ. އަޅުގަނޑުގެ މުދާތައް އެހާ ގިނައެއް ނުވާނެ އެވެ. އަޅުގަނޑުގެ ތެދުވެރިކަން އަޅުގަނޑުގެ އެހެން އަޚުންނަށް ވުރެ ބޮޑުވާނެ އެވެ". عبدالمطّلب ގެފާނު ވިދާޅުވި އެވެ. "ކަލޭގެފާނު ތި ވިދާޅުވީ ތެދަށެވެ. މިކަން ޙައްޤުވަނީ ކަލޭގެފާނަށެވެ. އެކަމަކު، ހުރިހާ ކަމެއް ގައި ވެސް ތިމަންނާ އެކަލޭގެފާނާ މަޝްވަރާކޮށް، އެކަލޭގެފާނު ބޭނުންފުޅުވާ ގޮތަށް ޢަމަލުކުރައްވަމު އެވެ. އެގޮތަށް ޢަމަލުކުރުމުން، އަހުރުންނަށް އަބަދުވެސް ރަނގަޅު ނަތީޖާ އަށް އާދެވެއެވެ. މި ކަމުގައި ވެސް އަހުރެން އެކަލޭގެފާނާ މަޝްވަރާކުރަންވާނެ އެވެ. ތިޔައިގެ ތެރެއިން، އެކަލޭގެފާނު ބޭނުންފުޅުވާ ބޭފުޅަކަށް އަހުރެން ރުހި ޤަބޫލުވާނަމެވެ".
"މިއީ އަހުރެން މި ދުނިޔެއިން އާޚިރަތަށް ހިޖުރަކުރަންވީ ވަގުތެވެ. އަހުރެންގެ ހަމައެކަނި ކަންބޮޑުވުމަކީ މި ޔަތީމު ކުއްޖާއެވެ. މި ޚިދުމަތް އުފަލާއެކު ދިނުމުގައި ދެމިހުރުމަށް ޓަކައި، އަހުރެންނަށް ދިގު ޢުމުރެއް ދެއްވި ނަމައޭ ހިތަށް އަރައެވެ. އެކަމަކު އަހުރެންނަށް ކުރެވޭނީ ކީއްތޯއެވެ؟ އަހުރެންގެ ޢުމުރު ނުފުދޭނެ އެވެ. މިހާރު، އަހުރެންގެ ހިތާއި، ދޫ އަނގަމުންދަނީ މި އެދުމުގެ އަލިފާނުންނެވެ".
عبدالمطّلب
ދެން عبدالمطّلب ގެފާނު رَسُوْلُ اللهِ ﷺ އާ ދިމާއަށް އެނބުރި ވަޑައިގެންފައި ދެންނެވި އެވެ. "އަހުރެން ދެ ލޮލުގެ އަލިކަމާ އެވެ! އަހުރެން އާޚިރަތަށް މި ދަނީ، ކަލޭގެފާނަށް އޮތް ލޯތްބާ އެކުގައެވެ. ކަލޭގެފާނުގެ ބޮޑުބޭބޭފުޅުންގެ ތެރެއިން ކަލޭގެފާނު އިޚްތިޔާރުކުރައްވަނީ ކާކު ތޯ އެވެ"؟ އަޅުގަނޑުމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ ތެދުވެވަޑައިގެން أبو طالب ގެފާނާ ބަޣަލްޤީރުކުރައްވައި، އެކަލޭގެފާނުގެ އުނގުގައި އިށީނދެވަޑައިގަތެވެ. މި މަންޒަރު ފެނިވަޑައިގަތުމުން، عبدالمطّلب ގެފާނުގެ ހިތަށް ތަސައްލީއެއް ލިބިގެންދިޔަ އެވެ. عبدالمطّلب ގެފާނު ވިދާޅުވި އެވެ. "ޙަމްދު ހުރީ الله تعالى އަށެވެ. އެވީ އަހުރެން ބޭނުންވެފައި ހުރި ގޮތެވެ". ދެން أبو طالب ގެފާނާ ދިމާއަށް އެނބުރިވަޑައިގެންފައި ވިދާޅުވި އެވެ. "އޭ އަބޫ ޠާލިބެވެ! މި މުތަކީ މައިންބަފައިންގެ އޯގާތެރިކަން ލިބުނު ކުއްޖެއް ނޫނެވެ. އެހެންކަމުން، އެކަލޭގެފާނު ބަލަހައްޓަވާނީ އެކަމަށް ރިޢާޔަތްކޮށްގެންނެވެ. އަހުރެން ކަލޭގެފާނު ބަލަނީ އަހުރެންގެ އެހެން ކުދިންނަށް ވުރެ މަތިވެރި ކަމަށެވެ. އަހުރެން މި މަތިވެރި ދަރިފުޅު ކަލޭގެފާނާ ޙަވާލުކުރަމެވެ. އެހެނީ، އެހެނީ ކަލޭގެފާނާއި އެކަލޭގެފާނުގެ ބައްޕަޔަކީ ވެސް އެއް މަންމައެއްގެ ދަރިންނެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސު ރައްކާތެރިކުރައްވާ ގޮތަށް އެކަލޭގެފާނު ވެސް ރައްކާތެރިކުރައްވާށެވެ. އަހުރެންގެ އެންމެ ފަހު ވަޞިއްޔަތް ޤަބޫލުފުޅު ކުރައްވައިފިން ތޯ އެވެ"؟ އެކަލޭގެފާނު ގަވާބުގައި ވިދާޅުވި އެވެ. "އާދޭހެވެ! ޤަބޫލުކޮށްފީމެވެ." عبدالمطّلب، އަޅަމެންގެ ރަސޫލާ އާ ބައްދާލެއްވުމަށް ފަހު އެކަލޭގެފާނުގެ ނިތްކުރިފުޅާއި، މޫނުންފުޅުގައި ދޮންދެއްވައި، އެކަލޭގެފާނުގެ ގައިގައި ދުވާ މީރު ފަހުން ވަސް ބެއްލެވި އެވެ. ދެން عبدالمطّلب ގެފާނު ވިދާޅުވި އެވެ. ދެން ވިދާޅުވި އެވެ. "މި އަށް ވުރެ މީރު ވަސް ދުވާ އަތަރެއް ނުވަތަ ސެންޓެއްގެ ވަސް ވިޔަސް، ނުބައްލަވާ ކަމަށް ހެކިވާށެވެ. އަހުރެން މިއަށް މީރު ވަސް ދުވާ ސެންޓެއްގެ ވަސް ނުބަލާ ކަމަށާއި، މިއަށް ވުރެ ރީތި މޫނެއް ދުވަހަކު ވެސް ނުދެކެމެވެ".8
أبُو طالب ގެފާނުގެ ޙިމާޔަތުގައި
އެކަލޭގެފާނުގެ ކާފާފުޅު ނިޔާވުމަށް ފަހު، ކައުނުގެ ސައްޔިދު (صلّى الله عليه و سلّم) ދިރިއުޅުއްވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު أبو طالب ގެފާނުގެ އަރިހުގައެވެ. އަދި ބޮޑުފުޅުވީ އެކަލޭގެފާނުގެ ޙިމާޔަތުގައެވެ. أبو طالب ގެފާނަކީ އެކަލޭގެފާނުގެ ބައްޕާފުޅު ޢަބްދުލްމުއްޠަލިބުގެފާނާ އެއްގޮތް ބޭފުޅެކެވެ؛ އެކަލޭގެފާނަކީ މައްކާގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަލޭގެފާނަކީ މީހުން ލޯބިވާ، އަދި އެކަލޭގެފާނު ދައްކަވާ ވާހަކަ އެންމެން އަޑުއަހައެވެ. އެކަލޭގެފާނު ވެސް އަހަރެމެންގެ ސައްޔިދަށް ލޯޔްބާއި އަޅާލުން ދެއްވި އެވެ. އެކަލޭގެފާނުގެ ދަރިންނަށް ވުރެ ވެސް ބޮޑަށް رَسُوْلُ اللهِ ﷺ ދެކެ ލޯބިވެވޮޑިގެންނެވި އެވެ. އެކަލޭގެފާނާ ނުލައި ނިދުމެއް އަދި ބޭރަށް ދުރުވުމެއް ވެސް ނެތެވެ. رَسُوْلُ اللهِ ﷺ އަށް أبو طالب ގެފާނު ދެންނެވި އެވެ. "ކަލޭގެފާނަކީ ވަރަށް މަތިވެރި ވަރަށް ބަރަކާތްތެރި ބޭފުޅެކެވެ". رَسُوْلُ اللهِ ﷺ އަށް ވުރެ ކުރިން أبو طالب ގެފާނު ކޭންނުބައްލަވައެވެ. ބައެއް ފަހަރު އެކަލޭގެފާނަށް ވަކި މޭޒެއް ހަމަޖައްސަވައެވެ. رَسُوْلُ اللهِ ﷺ ހެނދުނު ނިދިން ހޭލެއްވެމުން، އެކަލޭގެފާނުގެ މޫނުފުޅު ހަނދު ފަދައިން ދިއްލިފައިވާ ތަނާއި، ބޮލުގެ އިސްތަށި ފުނާއެޅިފައިވާ ތަން ފެނެއެވެ. އަބޫ ޠާލިބަކީ އެހާ މުދާ ގިނަ ބޭކަލެއް ނޫނެވެ. އަދި ޢާއިލާ ތެރޭގައި ކުދިން ވަރަށް ގިނައެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބެލުމުގެ ދަށަށް ގެންނެވުމަށް ފަހު އެކަލޭގެފާނަށް ތިޔާގި ކަމާއި މުއްސަނދިކަން ލިބިގެންދިޔަ އެވެ. މައްކާ ގައި ހަނަފަސްކަން އިތުރުވެ މީސްތަކުން ދަތި ޙާލުގައި އުޅެން ޖެހުމުން، أبو طالب ގެފާނު، رَسُوْلُ اللهِ ﷺ ގެފުޅަށް ގެންންނަވައި ނަމާދުކުރެއްވި އެވެ. އެއާ އެކު، އެކަލޭގެފާނަށް ޓަކައި، ވަރަށް ގިނައިން ވާރޭ ވެހުނެވެ. ހަނަފަސްކަމާއި، ބަނޑަށް ޖެހުމުން އެބައި މީހުން ސަލާމަތްކުރެވުނެވެ.9
ރަސޫލަކު ވަޑައިގަންނަވާނީ މަތީ ފަންތީގެ ދަރިފަސްކޮޅަކުންނޭ،
އެ ބޭކަލަކު ވަޑައިގަންނަވާނީ ޒަމްޒަމް އާ ހާޖަރާ ދެމެދު އޭ
ރަށުގެ ހުރިހާ އެންމެންގެ ތެރެއިން އެކަލޭގެފާނަށް އެހީދޭނީ ކަލޭގެފާނޭ،
އޭ އަމީރުގެ ދަރިފުޅާ އޭ، ބަރަކާތް އޮތީ އެކަލޭގެފާނަށް އެހީވުމުގައޭ
ފާދިރީ ބަހީރާ
"ކަލޭގެފާނަކީ ގެ ރަސޫލާ ކަމަށް އަހުރެން ހެކިވަމެވެ!.. ތިޔައީ ޢާލަމްތަކުގެ ސައްޔިދެވެ. ތިޔައީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މަތިވެރިވެގެންވާ ރަސޫލާ އެވެ!"
ފާދިރީ ބަހީރާ
އެއް ދުވަހަކު، އެކަލޭގެފާނުގެ ޢުމުރުފުޅުން ބާރަ އަހަރު ވުމުން، أبو طالب ގެފާނު ވިޔަފާރި ދަތުރަކަށް ތައްޔާރުވަމުން ދިޔަތަން ކީރިތި ރަސޫލާ (صلّى الله عليه وسلّم) އަށް ފެނިވަޑައިގަތެވެ. أبو طالب ގެފާނު، رَسُوْلُ اللهِ ﷺ ގެންދެވުމަށް ބޭނުންފުޅުނުވާ ކަން އެނގިވަޑައިގަތުމުން ވިދާޅުވި އެވެ. "މި ރަށުގައި އަޅުގަނޑު ދޫކޮށްލައްވާނީ ކާކުގެ ބެލުމުގެ ދަށުގައި ތޯއެވެ؟ އަޅުގަނޑަށް ލޯބިދޭނެ ބައްޕަޔަކު ނުވަތަ އެހެން މީހަކު ވެސް ނެތެވެ". މި ބަސްފުޅުތަކުން ކުރި އަސަރެއްގެ ބޮޑުކަމުން أبو طالب ނިންމެވީ އެކަލޭގެފާނު އެ ދަތުރުގައި ގެންދެވުމަށެވެ. ދިގު ދަތުރަކަށް ފަހު، އެ ވިޔަފާރި ޤާފިލާ މަޑުކުރީ ބުސަރާ ގައި ހުންނަ ކްރިސްޓިއަން ފައްޅިއެއްގެ ކައިރީގައެވެ.
އެ ފައްޅީގައި ބަހީރާ ނަމަކަށް ކިޔުނު ފާދިރީއަކު އުޅުނެވެ. އޭނާ އަކީ ކުރިން ޔަހޫދީ ޢިލްމުވެރިއެއްގެ ގޮތުގައި ހުރެފައި މަސީޙީ ދީނަށް ވަން މީހެކެވެ. މި ޢިލްމުވެރި ފާދިރީ އަތުގައި، އެކި މީހުންގެ ފަރާތުން ނަޤްލުވަމުންވަމުން އައިސްފައިވާ ފޮތެއް އޮތެވެ. އޭނާއާ ކުރެވޭ ސުވާލުތަކަށް އޭނާ ޖަވާބުދެނީ އެ ފޮތުންނެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޤުރައިޝުންގެ ވިޔަފާރި ޤާފިލާ އެ ސަރަޙައްދަށް އެތައް ފަހަރަކު ޒިޔާރަތްކުރި ކަމުގައި ވިޔަސް، އޭނާގެ ފަރާތުން އެއްވެސް ޝައުޤުވެރިކަމެއް ފާޅުކޮށްފައެއް ނެތެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ވެސް އެ ފައްޅީގެ ފުރާޅަށް އަރައި، އެ ދިމާލުން ދަތުރުކޮށްފައި އަންނަ ޤާފިލާތަކަށް ބަލަހައްޓައިގެން ހުންނަނީ، އޭނާ ކޮންމެވެސް ކަމަކަށް އިންތިޒާރުކޮށްގެން ހުންނަ ގޮތަށެވެ. މިފަހަރު، ފާދިރީ ބަހީރާ އަށް ކޮންމެވެސް ކަމެއް ވެއްޖެ އެވެ؛ އައި ޝައުޤުވެރިކަމެއްގެ ބޮޑުކަމުން، ޙަރަކާތްތެރިވާން ފަށައިފި އެވެ. އޭނާ އަށް ފެނުނީ އެ މީހުންނާ އެކު ވިލާގަނޑެއް ހިޔާއަޅަމުން އަންނަ ތަނެވެ. އެ ވިލާގަނޑުން رَسُوْلُ اللهِ ﷺ އަށް ހިޔާއަޅަމުން ދިޔައެވެ. ހަމަ އެއާއެކު، އެ ޤާފިލާ އަރާމުކޮށްލަން މަޑުކޮށްގެން ތިއްބާ، ބަހީރާ އަށް ފެނުނީ، رَسُوْلُ اللهِ ﷺ ގަހެއްގެ ދަށުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، އެ ގަހުގެ ގޮފިތައް އެކަލޭގެފާނުގެ މައްޗަށް ވާ ގޮތަށް ލެނބިފައިވީ ތަނެވެ. އެއާއެކު، އެ ފާދިރީގެ ޝައުޤުވެރިކަން އިހުނަށް ވުރެ އިތުރުވެގެން ދިޔައެވެ. ވަގުތުން، އޭނާ އަމުރުކުރީ އެ ރޭގެ ކާމޭޒުތައް ތައްޔާރުކުރުމަށެވެ. ދެން، އޭނާ ކޮންމެވެސް މީހަކު ފޮނުވައި، ޤުރައިޝް ވަންހައިގެ އެ ޤާފިލާ އަށް އެ ރޭގެ ކެއުމަށް ދަޢުވަތު ދިނެވެ.
ޤާފިލާ ގައި ތިބި މީހުން، ޤާފިލާގެ އެއްޗެހީގެ މައްޗަށް ފާރަޔަށް ކީރިތި ރަސޫލާ (صلّى الله عليه وسلّم) ބެހެއްޓުމަށް ފަހު ފާދިރީ އާ ހަމަޔަށް ގޮސްފިއެވެ. އެތަނަށް ދިޔަ މީހުންނަށް ބަހީރާ ވަރަށް ރަނގަޅަށް ބެލުމަށް ފަހު ބުންޏެވެ. "އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! ތިޔަބައި މީހުންގެ ތެރޭގައި ރޭގަނޑުގެ ޖާފަތަށް ނާންނަ މީހަކު އެބަ ހުރި ހެއްޔެވެ"؟ އެބައިމީހުން ބުނޫއެވެ. "އާދޭހެވެ. އެކަކު އެބަ ހުއްޓެވެ". ޤުރައިޝުން އެތަނަށް އަޔަސް، އެ ވިލާގަނޑު އަދިވެސް ވީ ކުރިން ހުރި ހިސާބުގައެވެ. މި މަންޒަރު ބަޙީރާ އަށް ފެނުމުން، ޤާފިލާއާ އެކު އަދި އެކަކު އެތާ ވެއްޖެކަން އޭނާ އަށް އެނގިއްޖެ އެވެ. ފާދިރީ ބަޙީރާ ބާރުއެޅީ އެ މީހަކު ވެސް ޖާފަތަށް އައުމަށެވެ. އެ މީހަކު އައިހާ އަވަހަކަށް، ބަޙީރާ އެ މީހަކާ ދިމާލަށް ވަރަށް ރަނގަޅަށް ބަލައި ހަދައިފި އެވެ. ދެން އަބޫ ޠާލިބަށް ދެންނެވި އެވެ. "މި ކުއްޖާ އަކީ ކަލޭގެފާނުގެ ދަރިފަސްކޮޅުގެ ކުއްޖެއް ހެއްޔެވެ"؟ أبو طالب ގެފާނު "މިއީ އަހުރެންގެ ދަރިކަލުން"ނޭ ވިދާޅުވުމުން ބަހީރާ ބުންޏެވެ. "ފޮތްތަކުގައި ވާ ގޮތުން މި ކުއްޖާގެ ބައްޕަ ދުނިޔެއަކު ނެތެވެ؛ މިއީ ކަލޭގެފާނުގެ ދަރިކަލުންނެއް ނޫނެވެ". މި ފަހަރު أبو طالب ގެފާނު ވިދާޅުވި އެވެ. "މިއީ އަހުރެންގެ އަޚާގެ ދަރިކަލުންނެވެ". ބަހީރާ ސުވާލުކުރި އެވެ. "މި ކުއްޖާގެ ބައްޕައަށް ވީ ކިހިނެއް ހެއްޔެވެ"؟ އެކަލޭގެފާނު ވިދާޅުވި އެވެ. "މި ކުއްޖާ ވިހެއުމުގެ ކުރިން މި ކުއްޖާގެ ބައްޕަ ނިޔާވެއްޖެ އެވެ". ދެން ބަހީރާ ބުންޏެވެ. "ތި ވިދާޅުވީ ތެދެކެވެ. މި ކުއްޖާގެ މަންމައަށް ވީ ކިހިނެއް ހެއްޔެވެ؟". أبو طالب ވިދާޅުވި އެވެ. "އެ ކަމަނާ ވެސް ނިޔާވެއްޖެ އެވެ". މި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް ފަހު، ބަހީރާ رَسُوْلُ اللهِ ﷺ އާ ދިމާއަށް އެނބުރިފައި ބުދުތަކުގެ ނަމުގައި ހުވައެއް ކުރި އެވެ. އެކަމަކު رَسُوْلُ اللهِ ﷺ ބަހީރާއަށް حديثކުރެއްވި އެވެ. "ބުދުތަކުގެ ނަމުގައި ހުވާނުކުރާށެވެ. މި ދުނިޔޭގައި މިއަށް ވުރެ ބޮޑު ޢަދާވާތްތެރިއެއް ނެތެވެ. ތިމަންކަލޭގެފާނު އެ އެއްޗިއްސަށް ނަފްރަތުކުރައްވަމެވެ". ބަހީރާ ދެން الله تعالى ގެ ނަންފުޅުގައި ހުވާކޮށްފައި ސުވާލުކުރި އެވެ."ކަލޭގެފާނު ނިދަން ހެއްޔެވެ"؟ އެކަލޭގެފާނު حديثކުރެއްވި އެވެ. ތިމަންކަލޭގެފާނުގެ ދެ ލޯ ނިދި ކަމުގައި ވިޔަސް ތިމަންކަލޭގެފާނުގެ ހިތް ނުނިދައެވެ".
ގިނަ ސުވާލުތައް ކުރުމާއިގެން ބަހީރާ ކުރިޔަށް ދިޔައެވެ. އަދި އެ ހުރިހާ ސުވާތަކުގެ ޖަވާބު ވެސް ހޯދިމެއެވެ. މި ޖަވާބުތައް، އޭނާ ކުރިން ކިޔާފައިވާ ފޮތްތަކުގައި ލިޔެފައިވާ ވާހަކަތަކާ އެއްގޮތެވެ. ދެން رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ދެ ލޯފުޅަށް ބަލަހައްޓައިގެން ހުރެ أبو طالب ގެފާނާ ސުވާލުކުރެއްވި އެވެ.:
މި ރަތްކަން އެކަލޭގެފާނުގެ ބަރަކާތްތެރި ދެލޯކޮޅުގައި އަބަދު ވެސް ހުރޭ ހެއްޔެވެ"؟
"އާދެ"، އޭނާ ބުންޏެވެ. "އެ ރަތްކަން ކެނޑިގެންދާ ތަނެއް އަހަރެމެންނަކަށް ނުފެނެއެވެ".
އެކަލޭގެފާނުގެ އަރިހުން މި ޢަލާމާތް ފެނުމަށް ފަހު، ބަހީރާ ބޭނުންވީ ރަސޫލުކަމުގެ ތަތްގަނޑު ދެކެލުމަށެވެ. އެއީ، އޭނާގެ ހިތުގައި އީމާންކަމުގެ ޔަޤީންކަން އަށަގެންނެވުމަށް ޓަކައެވެ. އެކަމަކު އިތުރު ރަސޫލާ (صلّى الله عليه وسلّم) އެކަލޭގެފާނުގެ ބުރަކަށިފުޅު ކަޝްފުކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ.
އެކަމަކު أبو طالب ގެފާނު "އޭ އަހަރެންގެ ދެލޮލުގެ އަލިކަމާއެވެ! އެކަލޭގެފާނުގެ މި އެދުން ވެސް ފުރިހަމަކޮށްދެއްވާދޭވެ"! ދެން އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ބުރަކަށިކޮޅު ކަޝްފުކުރެއްވުމުން، ބަހީރާ މުހުރުއްނުބުއްވާ އޭގެ ރިވެތިކަމާ އެކު އެކަލޭގެފާނުގެ ހިތަށް ގެންނެވި އެވެ. އެކަލޭގެފާނުގެ ދެލޮލުން ކަރުނަފޮދު ފައިބަމުން ފައިބަމުންދިޔަ އިރު މޫނުކޮޅަށް أبو طالب ގެފާނު ބޮސްދެއްވި އެވެ. ދެން ވިދާޅުވި އެވެ.
"ކަލޭގެފާނަކީ الله تعالى ގެ ރަސޫލާ ކަމަށް އަހުރެން ހެކިވަމެވެ"! އަދި ބާރު އަޑަކާ އެކު އެތާ ތިބި އެންމެންނާ މުޚާޠަބުކޮށް އެ ފާދިރީ ކަލޭގެ އެންމެންނާ މުޚާޠަބުކޮށްފައި ބުންޏެވެ. "ޢާލަމްތަކުގެ ސައްޔިދަކީ މިއީ އެވެ. ...ޢާލަމްތަކުގެ ރައްބުގެ ރަސޫލާ މި ހުންނެވީ އެވެ. ...ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މަތިވެރިވެގެންވާ ރަސޫލަކީ މިއީ އެވެ....".
ޤުރައިޝުން ތިބީ ޙައިރާންވެ އަންތަރީސްވެފައެވެ. އެމީހުން ބުނޫއެވެ. "މި ފާދިރީ ދެކޭގޮތުން ނަމަ، މުޙައްމަދަށް ލިބިގެންވަނީ މަތިވެރިވެގެންވާ ދަރަޖައެކެވެ".
"މިއީ ހުރިހާ ރަސޫލުން ތެރެއިން އެންމެ މަތިވެރި ރަސޫލާ އެވެ. އެކަލޭގެފާނުގެ ދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، ކުރީގެ ދީންތައް ބާޠިކުރައްވާނެ އެވެ.މި ކުއްޖާ ދިމިޝްޤަށް ނުގެންދާށެވެ. އިޒްރާއީލުގެ ދަރިން (ޔަހޫދީން) އެކަލޭގެފާނަށް ތިބެނީ ޙަސަދަލައިގެންނެވެ. މި ކުއްޖާ އަށް އަނިޔާދިނުމަށް އެ މީހުން މަސައްކަތްކޮށްފާނެ ކަމަށް ޓަކައި، އަހުރެން ބިރުގަނެއެވެ. އެކަލޭފާނާ ގުޅިގެން އެތައް ބައިވަރު ވަޢުދާއި ހުވާތައް ކުރެވުނެވެ".
أبو طالب ގެފާނު އެއްސެވި އެވެ.
- "މި ކުރެވޭ ހުވާތަކަކީ ކޯއްޗެއް ހެއްޔެވެ"؟
ބަހީރާ ޖަވާބު ދިނެވެ.
- "الله تعالى ވަނީ ހުރިހާ ރަސޫލުބޭކަލުން އަދި އެންމެ ފަހުން ފޮނުއްވުނު ޢީސާ (عليه السّلام) ވެސް، ފަހު ޒަމާނުގައި ވަޑައިގަންނަވާނޭ ރަސޫލާ (صلّى الله عليه وسلّم) ގެ ޚަބަރު ދޭން ވަޢުދުވުމަށް އަމުރުކުރެއްވި އެވެ". ބަހީރާގެ މި ވާހަކަތައް އަޑުއެއްސެވުމަށް ފަހު أبو طالب ގެފާނު ދިމިޝްޤަށް ވަޑައިގަތުމުގެ ޚިޔާލު ބަދަލުކޮށްލެއްވި އެވެ. ބުޞްރާ ގައި ހުރި އެކަލޭގެފާނުގެ ހުރިއްޔާ ހުރި މުދަލެއް ވިއްކަވާލެއްވުމަށް ފަހު މައްކާ އަށް އެނބުރި ވަޑައިގަތެވެ.10 އެކަލޭގެފާނުގެ މުޅި ޙަޔަތުގައި ބަހީރާގެ ފަރާތުން އިވުނު ވާހަކަތައް ހަނދުމަކޮށްލެއްވި އެވެ. އެއާ އެކު އަހަރެމެންގެ ސައްޔިދު ރަސޫލާ ދެކެ އޭނާ ވީ ލޯބި އިހުނަށް ވުރެ ވީ ގަދައެވެ. އޭނާ މަރުވަންދެން އެކަލޭގެފާނު ޙިމާޔަތްކޮށްދެއްވައި، ހުރިމާ ކަމެއް ގައި ވެސް އެހީތެރިކަން ދެއްވި އެވެ.
އެކަލޭގެފާނުގެ ބޮޑުބޭބޭ ފުޅު زُبيرُ ގެފާނާ އެކު ޔަމަނަށް ކުރެއްވި ދަތުރުފުޅު
ރިވެތި، ވަޟަޢަވެރި އަދި ޝަރަފުވެރި އަހަރެންގެ ރަސޫލާ ބޮޑުފުޅުވެ ޢުމުރުން ސަތާރަ އަހަރު ވެއްޖެ އެވެ، އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑޫބޭބޭފުޅު زُبيرގެފާނު ވިޔަފާރި ދަތުރެއް ގައި ޔަމަނަށް ވަޑައިގަތް އިރު، އެ ވިޔަފާރި މަތިވެރިކުރުމަށް ޓަކައި އެކަލޭގެފާނު ގެންދެވި އެވެ. މި ދަތުރު ގައި އެކަލޭގެފާނާ ގުޅިގެން އާދަޔާޚިލާފު ވަރަށް ގިނަ ކަންތައްތައް ވިއެވެ. "އެބައިމީހުން މައްކާ އަށް އެނބުރި ދިއުމުން މި ޙާދިސާތައް ކިޔައިދެވުނެވެ. އަދި ޤުރައިޝް ވަންހައިގެ ތެރޭގައި ކިޔާ އަޑު އިވެން ފެށި އެވެ. ”މި ކަލޭގެފާނުގެ މަތިވެރިކަން ހުންނާނީ އެންމެ މަތީ ފެންވަރުގައެވެ..."11
