ލޮބުވެތި ރަސޫލާ

އެކަލޭގެފާނުގެ بعثة އަދި ދަޢުވަތު

1

محمّد (‏صلّى الله عليه وسلّم)‏ އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުގައި حجرُ الأسود ބޭއްވެވުމަށް ފަހު ޙަދީޘްކުރެއްވި އެވެ. "ކޮންމެ ޤަބީލާއަކުން ވެސް އެކަކު ކަނެއް ފައި ހިފަހައްޓާށެވެ".
އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ محمّد (‏صلّى الله عليه وسلّم)‏

އެކަލޭގެފާނުގެ ޢުމުރުފުޅުން ތިރީސް ހަތް އަހަރު ވީ އިރު، محمّد ގެފާނަށް އަޑުއިވިވަޑައިގެންނެވީ ނޭނގޭ އަޑަކުން "އޭ محمّد އޭ" މިހެން ކިޔާ ގޮވާ އަޑެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން ތިރީސް ހަތް އަހަރު ވީ އިރު، އެކަލޭގެފާނަށް ނޫރު ފެނިވަޑައިގަންވަން ފައްޓަވައިފި އެވެ. މިކަންތައްތަކުގެ ވާހަކަ އޭރު ކިޔުއްވައިދެއްވަނީ ހަމައެކަނި އަނބިކަނބަލުން خديجة އަށް އެކަންޏެވެ.

محمّد (‏عليه السّلام)‏ ގެ ރަސޫލުކަން ކަނޑައެޅުއްވުމުގެ ވަޤުތު ކައިރިވަމުން ދިޔަ އިރު (‏ގާތްގަޑަކަށް ދިހަ އަހަރު ކުރިން)‏، އެ ދުވަސްވަރުގެ އެންމެ މަޝްހޫރު އެއް އަދީބު ކަމުގައިވީ قُص بن ساعد އާ ޢުކާޒުގެ ބާޒާރު ގައި، ބޮޑު އޯޑިއެންސެއްގެ ކުރިމަތީގައި ޖަމަލެއްގެ މަތީގައި ހުރެ ދިން ޚިޠާބެއް ގައި، محمّد ގެފާނު ރަސޫލުކަމަށް ފޮނުއްވުމުގެ އުފާވެރި ޚަބަރު ދިނެވެ. އެ އޯޑިއެންސް ގައި ކީރިތި ރަސޫލާ محمّد (‏عليه السّلام)‏ ވެސް ހުންނެވި އެވެ. قُص بن ساعد އޭނާގެ އެ މަޝްހޫރު އެ ޚިޠާބު ގައި ބުންޏެވެ:

"އޭ މީސްތަކުންނޭވެ! އަންނާށޭ، އަޑުއަހާށޭ، އިންތިޒާރުކުރާށޭ، އަދި ފިލާވަޅު ލިބިގަންނާށެވެ! ދިރިތިބި އެއްޗެހި މަރުވެއެވެ. މަރުވާ އެއްޗެހި ނެތި ފަނާވެ ދެއެވެ. އެއީ ވާނެ ކަމެކެވެ. ވާ ކަމެކެވެ. ސަމާލުކަން ދޭށެވެ. އަހަންނަށް ރަނގަޅަށް އަޑުއަހާށެވެ. އުޑުގައި ޚަބަރެއް ވެއެވެ. ބިން މަތީގައި ޢަލާމާތްތަކެވެ. މާތް ﷲ ގެ ދީނަކާއި، ރަސޫލަކު އެބަ ފޮނުއްވައެވެ. އެކަލޭގެފާނުގެ ވަޑައިގަތުން ވަރަށް ކައިރިވެއްޖެ އެވެ. އެކަލޭގެފާނުގެ ހިޔަނިފުޅު ވަނީ ކަލޭމެންގެ ބޯތަކަށް އެޅިފައެވެ. އެކަލޭގެފާނަށް އަޑުއަހައި، އީމާންވާ މީހުންނަށް ހުރި ބަރަކާތެއްގެ ބޮޑުކަމާއެވެ! އެކަލޭގެފާނަށް އީމާންނުވެ އިދިކޮޅުހަދާ މީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ފަރުވާކުޑަކަމާ އެކު ދިރިއުޅޭ އުއްމަތްތަކަށް ހުރީ ލަދުވެތި ކަމެވެ"!

އެ ދުވަސްވަރު، ޢަރަބި ކަރައިގެ މީހުން ތިބީ އިލާހީ އެންގެވުންތަކާ ދުރުވެ، މުއްސަނދިންނާއި، ފަޤީރުންނާއި، ބާރުގަދަ މީހުންނާއި، ބަލިކަށި މީހުންނާއި، ވެރިމީހާއާއި، އަޅުމީހާ ވަކިކޮށް ގިންތިތަކަކަށް ބެހިފައެވެ. ކުރިގެ އިސްމީހުން ދިޔައީ ބާރުގެ ބޭނުންކޮށް، ފަހުން އަންނަ މީހުންނަކީ އިންސާނުން ގެ ދަރަޖަ ކަމަކަށް ވެސް ނުބެލި އެވެ. ފަޤީރުންގެ މުދާތައް ގަދަކަމުން ފޭރިގަންނަމުން ދިޔަ އިރު، އެކަން ހުއްޓުވޭނެ ބާރެއް ނެތެވެ. الله تعالى އަށް އީމާންވުމުން މީހާއަށް ލިބޭ ލަދުވެރިކަމާއި، ބިރުވެރިކަން ނެތި، އެބައިމީހުން ތިބީ ހެޔޮކަންތައްތަކާ މާބޮޑަށް ވެސް ފެޔަށް ގޮސްފައެވެ. އަބުރާއި ޢިއްޒަތް ގެއްލޭ ފަދަ ހުރިހާ ވައްތަރެއްގެ ބަދުއަޚްލާޤީ މުޑުދާރު ޢަމަލުތައް އެމީހުން ދިޔައީ މިނިވަން ކަމާ އެކު ކުރަމުންނެވެ؛ ޖުވާކުޅުމާއި، ރާބުއިމާއި، ލައްޒަތާއި، ފާޙިޝް ޢަމަލުތަކަށް އަރައިގަތުމުގެ އެއްވުންތައް ފާޅުގައި ދިޔައީ ބާއްވަމުންނެވެ. ޤަތުލުކުރުމާއި، ޒިނޭކުރުމާއި، ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ހަލަބޮލިކަން ދިޔައީ ފެތުރެމުންނެވެ. ކުށެއް ނެތް މީހުންގެ ކެކުރުމާއި، ހިތްދަތި ރުއިމުގެ އަޑުން ޖައްވު އޮތީ ގުގުމާފައެވެ. އަޚްލާޤީ ގޮތުން އޮތީ މުޅިން ބޮއްސުންލައި، މީހުން ވީ ޖަހާލަތުގެ ކަނޑެއް ގައި ޣަރަޤުވަމުންނެވެ. އަގު ހެޔޮ މުދަލެއް ފަދައިން ވިޔަފާރީގައި އަންހެންވެރިން ދިޔައީ ގަނެވިއްކެމުންނެވެ. އަދި ކުޑަ އަންހެން ކުދިން އެއްވެސް ރަޙުމެއް ނެތި ދިރިތިއްބާ ދިޔައީ ވަޅުލެވެމުންނެވެ. އަދި ނުބައި ކަމުގެ އެންމެ ބޮޑު ވަރަކީ، ހިތެއް ނެތް، ގޮތްދޫނުކުރާ، ހިތެއް ނެތް މީހުން ދުށް ގޮތުގައި، އެމީހުންގެ އަމިއްލަ އަތުން ހެދި އަދި އެއަކަށް އެއްވެސް ރަނގަޅެއް ނުބައެއް ނެހެދޭ ބުދުތަކަށް އަޅުކަން ކުރުން އެމީހުން ދުށި ލިބުނު ބޮޑުވެގެންވާ ޝަރަފެއް ކަމަށެވެ.

آدم (‏عليه السّلام)‏ ގެ ދުވަސްވަރުން ފެށިގެން، އެފަދަ އަނިޔާޥެރިކަމާއި، މަގުފުރެދުމާއި، ފާޙިޝް ކަންކަމަށް އަރައިގަތުން ދުނިޔެއަކުން ފެނިފައެއް ނެތެވެ. މީސްތަކުން ޙަޔަވާނުންނަށް ވަނީ ބަދަލުވެފައެވެ. ކޮންމެ މީހަކު ވެސް އަނެކަކާ ވަނީ އިދިކޮޅުވެ، މުޖްތަމަޢު ފަޅަފަޅައިގެން ދާން އޮތީ ތައްޔާރުވެފައެވެ. މިފަދަ އަނދިރިކަމުގައި، ނަފްސަށް ރާޙަތެއް ހޯދުމަށް ޓަކައި، ނިޢުމަތުގެ އިރެއް އެރުމަށް މީސްތަކުންނަށް އޮތީ ބޭނުން ޖެހިފައެވެ. އެ އިރު އެރުމުން، ކާފަރު ކަމުގެ ބަދަލުގައި އީމާންކަން، އަނިޔާވެރިކަމުގެ ބަދަލުގައި އިންޞާފު، ޖާހިލުކަމުގެ ބަދަލުގައި ޢިލްމު ފެތުރި، މީސްތަކުންނަށް ނިމުމެއް ނެތް ނިޢުމަތްތައް ލިބޭނެ އެވެ.

އެންމެ ފަހުން ޙަޤީޤީ ހުވަފެންތައް رَسُوْلُ اللهِ ﷺ އަށް ދެއްކެވުން ފެށިއްޖެ އެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުނީ ތެދު ހުވަފެނާ އެކުގައެވެ. އެކަލޭގެފާނަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވި ހުރިހާ ކަމެއް ޙަޤީޤަތަކަށް ވެގެންދިޔަ އެވެ. މި ގޮތަށް 6 މަސް ވަންދެން ކުރިޔަށް ދިޔަ އެވެ. ވަޙީ ބާވައިލެއްވުން ގާތްވީ ވަރަކަށް "يا محمّد" މިހެން ކިޔައި ގޮވާ އަޑުތައް އިތުރުވެގެންދިޔަ އެވެ. އެ ދުވަސްވަރު، އެކަލޭގެފާނު ޚިޔާރުކުރެއްވީ ގިނިކަންޏާ ހުންނެވުމަށެވެ. އެގޮތުން، ޙިރާ ފަރުބަދައިގެ ހޮހަޅައެއް ގައި މީސްތަކުންނާ ދުރުގައި ހުންނަވައި،تفكّر ކުރެއްވުމުގައި (‏الله تعالى ގެ ސިފަފުޅުތަކާއި، ނިޢުމަތްތަކާ ބެހޭގޮތުން ވިސްނެވުމުގައި)‏ ގިނިކަންޏާ ވަގުތު ހޭދަކުރެއްވި އެވެ. ބައެއް ފަހަރު، އެކަލޭގެފާނު މައްކާ އަށް ވަޑައިގެން ގެފުޅު ވަށައިގެން طواف ކުރެއްވައި، އޭގެ ފަހުން އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ގެކޮޅަށް ވަޑައިގަނެއެވެ. އެކަލޭގެފާނު ގެކޮޅުގައި އިރުގަނޑަކަށް ވަގުތު ހޭދަކުރެއްވުމަށް ފަހުކެއުން ހިއްޕަވައިގެން ޙިރާ ފަރުބަދައިގެ އެ ހޮހަޅަ އަށް ވަޑައިގަތެވެ. ޙިރާ ފަރުބަދައިގެ ހޮހަޅައަށް އެނބުރި ވަޑައިގެން تفكّر ކުރެއްވުމުގައާއި، އަޅުކަމުގައި އަވަދިނެތި އުޅުއްވި އެވެ. ބައެއް ފަހަރު، އެ ހޮހަޅައިގެ ތެރޭގައި އެތަކެއް ދުވަސް ހޭދަކުރެއްވި އެވެ. ދެން خديجة ގެފާނު އެކަލޭގެފާނަށް ކާނާ ގެންގޮސްދެއްވައެވެ. ނުވަތަ ފޮނުއްވަވައެވެ. 2

ފުރަތަމަ وَحِيْ

އަޅުގަނޑުމެންގެ ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ ޢުމުރުފުޅުން ސާޅީސް އަހަރުވުމުން، އައި ރަމަޟާން މަހެއް ގައި، އެކަލޭގެފާނު ޙިރާ ފަރުބަދައިގެ ހޮހަޅައަކަށް ދިރިއުޅުން ބަދަލުކުރައްވައި، ފިކުރުކުރެއް ވުމަށް ސިކުނޑި ހުސްކުރެއްވި އެވެ. ރަމަޟާން މަހުގެ 17 ވަނަ ދުވަހު، ހޯމަ ވިލޭރެއެއްގެ މެންދަން ވުމަށް ފަހު އެކަލޭގެފާނަށް އަޑުއިވި ވަޑައިގަތީ އެކަލޭގެފާނުގެ ނަމުން ގޮވާ އަޑެވެ. އެކަލޭގެފާނުގެ ބޯ ހިއްލާލައްވައި ވަށައިގެން ބައްލަވާލެއްވުމުން އަނެއްކާ ވެސް އިވިވަޑައިގަތީ ކުރިން ވެސް އިވި ވަޑައިގެންނެވި އަޑެވެ. އަދި ހަމަ ހަމަ އެއާއެކު، ހުރިހާ ދިމާލެއް ގައި ނޫރެއް ފެތުރިފައި ވަނިކޮށް ފެނިވަޑައިގަތެވެ. ދެން جبريل (‏عليه السّلام)‏3 ވަޑައިގެން ދެންނެވީ، "إقرأ" ކިޔަވާވިދާޅުވާށެވެ. رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނަކީ ލިޔަންކިޔަން ދަންނަ ބޭކަލެއް ނޫނެވެ". ދެން ޖިބްރީލު (‏عليه السّلام)‏ ، رَسُوْلُ اللهِ ﷺ ގެ ހަށިކޮޅުން ބާރު ދޫވަންދެން رَسُوْلُ اللهِ ﷺ ގެ ހަށިކޮޅު ގައި ހިއްޕަވައި ފިއްތަވާލެއްވުމަށް ފަހު ވިދާޅުވި އެވެ. "إقرأ" ކިޔަވާވިދާޅުވާށެވެ. އަނެއްކާ ވެސް رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނަކީ ލިޔަންކިޔަން ދަންނަ ބޭކަލެއް ނޫނެވެ". ޖިބްރީލު (‏عليه السّلام)‏، އަނެއްކާ ވެސް ގެ ހަށިކޮޅުން ބާރު ދޫވަންދެން رَسُوْلُ اللهِ ﷺ ގެ ހަށިކޮޅު ގައި ހިއްޕަވައި ފިއްތަވާލެއްވުމަށް ފަހު ވިދާޅުވި އެވެ. "إقرأ" ކިޔަވާވިދާޅުވާށެވެ. އަނެއްކާ ވެސް رَسُوْلُ اللهِ ﷺ "ތިމަންކަލޭގެފާނަކީ ލިޔަންކިޔަން ދަންނަ ބޭކަލެއް ނޫނޭ" حديث ކުރެއްވުމުން ތިން ވަނަ ފަހަރަށް ޖިބްރީލު (‏عليه السّلام)‏ رَسُوْلُ اللهِ ﷺ ގެ ހަށިކޮޅުން ބާރު ދޫވަންދެން رَسُوْلُ اللهِ ﷺ ގެ ހަށިކޮޅު ގައި ހިއްޕަވައި ފިއްތަވާލެއްވި އެވެ. ދެން ޖިބްރީލުގެފާބު رَسُوْلُ اللهِ ﷺ ގެ ހަށިކޮޅުން ދޫކޮށްލެއްވުމަށް ފަހު، سورة العلق ގެ ފުރަތަމަ ފަސް އާޔަތް ތަބްލީޣުކުރެއްވި އެވެ. (‏اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ‎﴿١﴾‏ خَلَقَ الْإِنسَانَ مِنْ عَلَقٍ ‎﴿٢﴾‏ اقْرَأْ وَرَبُّكَ الْأَكْرَمُ ‎﴿٣﴾‏ الَّذِي عَلَّمَ بِالْقَلَمِ ‎﴿٤﴾‏ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ‎﴿٥﴾)‏ (‏العلق: 1-5)‏ މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ إسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (‏ހުރިހާ ތަކެއްޗެއް)‏ ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވި އެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެއީ، قلم ން (‏ލިޔަން)‏ އުނގަންނައިދެއްވި ރަސްކަލާނގެ އެވެ. އިންސާނާ އަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވި އެވެ".4 އަދި محمّد (‏عليه السّلام)‏ އެ އާޔަތްތައް حديث ކުރެއްވި އެވެ. އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުނީ މި ގޮތަށެވެ. އެއާއެކު، މުޅި ކައުނު އަލިކޮށް އުޖާލާކުރާ އިސްލާމް ކަމުގެ އިރު އަރައިގެން ދިޔައެވެ.5

"އޭ މުޙައްމަދެވެ. ކަލޭގެފާނުގެ ޢަބާއާ ތުރުކުރައްވާށެވެ! ތެދުވެވަޑައިގަންނަވައި، (‏ﷲ ގެ ޢަޒާބުގެ ވާހަކައިން ކާފަރުންނަށް)‏ ބިރުވެރިކަން ދެއްވާށެވެ! އަދި ކަލޭގެފާނުގެ ރައްބުގެ މަތިވެރިކަން ބޮޑުކޮށް ދައްކަވާށެވެ".
المدّثر: 1-3

ތުރުތުރުއަޅުއްވާ ޙާލު އަދި އުފާވެރިކަމާ އެކު ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ޙިރާ ފަރުބަދައިގެ ހޮހަޅައިން ނިކުމެ ވަޑައިގެން ފައިބާވަޑައިގަންނަވަން ފެއްޓެވި އެވެ. އެކަލޭގެފާނު ފަރުބަދައިގެ މެދަކާ ހަމައަށް ވަޑައިގެންނެވި ތަނާ، އަޑެއް އިވި ވަޑައިގެންނެވި އެވެ. جبريل (‏عليه السّلام)‏ ދެންނެވި އެވެ. "އޭ محمّد އެވެ. ކަލޭގެފާނަކީ الله تعالى ގެ ރަސޫލާއެވެ. އަދި ތިމަންކަލޭގެފާނަކީ جبريل އެވެ". މިހެން ވިދާޅުވެފައި، އެކަލޭގެފާނުގެ ފައިންޕުޅުގެ އިޑިން ބިން މަތީގައި ޖެއްސެވި އެވެ. އެކަލޭގެފާނުގެ ފައިޕުޅުން ބިމުގައި ޖެއްސެވި ހިސާބުން ފެން ނުކުންނަން ފަށައިފި އެވެ. ދެން އެކަލޭގެފާނު ވުޟޫކުރައްވަން ފެއްޓެވި އެވެ. މި މުއްމަތުގެ ރަސޫލާ (‏صلّى الله عليه وسلّم)‏ ހުންނެވީ جبريل ގެފާނު ކަންކުރައްވާ ގޮތް ފަރުވާތެރިކަމާ އެކު ބައްލަވާށެވެ. جبريل (‏عليه السّلام)‏ ވުޟޫކުރައްވާ ނިންމެވުމުން، رَسُوْلُ اللهِ ﷺ އަށް ދެންނެވީ އެކަލޭގެފާނަށް ފެނިލެއްވި ގޮތަށް ވުޟޫކުރެއްވުމަށެވެ. ކީރިތ ރަސޫލާ ވުޟޫކުރައްވައި ނިންމެވުމުން، ޖިބްރީލު (‏عليه السّلام)‏ އިމާމުވެ6 އެ ދެބޭކަލުން ދެ ރަކްޢަތުގެ ނަމާދެއް ކުރެއްވި އެވެ. އޭގެ ފަހުން ޖިބްރީލު (‏عليه السّلام)‏ ދެންނެވި އެވެ. "ކަލޭގެފާނު ހައްދަވައިބޮޑުކުރެއްވި ރައްބު ކަލޭގެފާނަށް މި ސަލާމް ފޮނުއްވެވި އެވެ". ދެން ވިދާޅުވި އެވެ. "ކީރިތި ﷲ ވަޙީކުރެއްވި އެވެ. 'ކަލޭގެފާނަކީ ތިމަން ﷲ ޖިންނީންނާއި އިންސީންނަށް ފޮނުއްވެވި ރަސޫލާ އެވެ. އެހެންކަމުން އެ ބައިމީހުންނަށް ތަވްޙީދުގެ ދަޢުވަތު ދެއްވާށެވެ". އޭގެ ފަހުން جبريل (‏عليه السّلام)‏ އުޑަށް އަރާވަޑައިގަތެވެ. އެހެންކަމުން، ކީރިތ ރަސޫލާ ވަނީ جبريل (‏عليه السّلام)‏ ދެކެވަޑައިގެން އަދި އަޑު އައްސަވާފައެވެ.

ހިލަތަކާއި ގަސްގަހާގެހި ސަލާމްކުރުން

رَسُوْلُ اللهِ ﷺ ފަހަނައަޅުއްވައި ވަޑައިގެންނެވި ކޮންމެ ހިލައެއް އަދި ގަހެއް ވެސް އެކަލޭގެފާނުގެ ބަރަކާތްތެރި ގެކޮޅަށް ފޯރުމާ ހަމައަށް "السّلام عليك، يا رَسُوْلُ اللهِ" މިހެން ކިޔަމުންދިޔަ އަޑު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. އެ ވަޤުތު އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ނިވައިކުރާށެވެ! ތިމަންކަލޭގެފާނު ނިވައިކުރާށެވެ!" އެއާއެކު، އެކަލޭގެފާނުގެ ތުރުތުރުއެޅުއްވުން ހުއްޓެން ދެން މަޑުކޮށްލެއްވި އެވެ. މިވާހަކަ އަނބިކަނބަލުން خديجة ގެފާނުގެ އަރިހުގައި حديث ކުރެއްވި އެވެ. "جبريل (‏عليه السلام)‏ ތިމަންކަލޭގެފާނުގެ ލޮލުމަތިން ގެއްލިއްޖެ އެވެ. އެކަމަކު، އެކަލޭގެފާނުގެ ހައިބަތާއި، ބާރާއި، ގަތް ބިރު ފިލައެއް ނުދެއެވެ. މީސްތަކުން ތިމަންކަލޭގެފާނަކީ މޮޔައެކޭ އަދި އަގުވެއްޓިފައިވާ މީހެކޭ މީހުން ބުނެފާތީ ތިމަންކަލޭގެފާނު ހުންނެވީ ބިރުންނެވެ". މި ދުވަހަށް އަދި މި ޙާލަތަށް އިންތިޒާރުކުރައްވަމުން ގެންދެވި خديجة ގެފާނު ހުންނެވީ މި ކަމަށް ތައްޔާރުވެ ވަޑައިގެންނެވެ. އަދި ދެންނެވި އެވެ. "الله تعالى ކަލޭގެފާނު ރައްކައުތެރިކުރައްވައި، ކަލޭގެފާނަށް ބަރަކާތް ލައްވަވައި، ނިޢުމަތްތައް ދެއްވާށި އެވެ. الله تعالى އަށް ޓަކައި ދަންނަވަމެވެ. ކަލޭގެފާނު ވާނީ މި އުއްމަތުގެ ރަސޫލާ އަށެވެ. އެހެނީ ކަލޭގެފާނު މެހްމާނުންނާ ގަޔާވެ ވަޑައިގަންނަވައެވެ. ކަލޭގެފާނު حديثކުރައްވަނީ ތެދުފުޅެވެ. ކަލޭގެފާނަކީ އިތުބާރުހިފޭ ބޭކަލަކީމުއެވެ. ކަލޭގެފާނު ދެރަ ނިކަމެތި އަދި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ ވަޑައިގެން، ޔަތީމުންނަށް ޙިމާޔަތް ދެއްވަމު އެވެ. ކަލޭގެފާނަކީ، ހެޔޮ ޠަބީޢަތެއްގެ ވެރިއެކެވެ. މި ސިފަތަކުގެ ވެރިޔާއާ މެދު ގަންނަންޖެހޭ އެއްވެސް ބިރެއް އޮވެގެން ނުވާނެ އެވެ".7

ދެން، މި ޙާލަތާ މެދު ސުވާލުކުރުމަށް ورقة بن نوفل ގާތަށް އެ މީހުން ގޮސްފި އެވެ. رَسُوْلُ اللهِ ﷺ حديثފުޅު އަޑުއަހާފައި ވަރަޤަތު ބުނެތްޕެވެ. "ރަނގަޅު ޚަބަރެވެ. އޭ محمّد (‏عليه السّلام)‏ އެވެ! الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. عيسى (‏عليه السّلام)‏ ޚަބަރު ދެއްވި އެންމެ ފަހުގެ ރަސޫލާ އަކީ ކަލޭގެފާނެވެ. ކަލޭގެފާނަށް ފަޅުވި މަލާއިކަތާ އަކީ، ކަލޭގެފާނުގެ ކުރިން موسى (‏عليه السّلام)‏ އާ ހަމައަށް ވަޑައިގެންނެވި جبريل (‏عليه السّلام)‏ އެވެ. އަޅުގަނޑު ޒުވާންވެފައި، އެބައިމީހުން ކަލޭގެފާނު މައްކާ އިން ބޭރުކުރާނެ އިރަކަށް ދިރި ދުނިޔޭގައި ހުންނާނެ ނަމައޭ ހިތަށް އަރައެވެ. އެއީ، އަޅުގަނޑަށް ކަލޭގެފާނަށް އެހީތެރިވުމަށް އަވަސްވެގަނެވޭނެތީ އެވެ. ދާދި އަވަހަށް ދީން ތަބްލީޣުކުރެއްވުމަށާއި ޖިހާދު ކުރެއްވުމަށް ކަލޭގެފާނަށް އަމުރުކުރެވޭނެ އެވެ". މިހެން ބުނެފައި، رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ބޮސްދީފި އެވެ. އޭގެ ފަހުން ދާދި އަވަހަށް އޭނާ މަރުވެއްޖެ އެވެ.8

تبليغ ކުރެއްވުމުގެ އަމުރު

رَسُوْلُ اللهِ ﷺ އަށް، ރަސޫލުކަން ދެއްވައި އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުނު ގޮތަކީ މިއީ އެވެ. ދެން އޭގެ ފަހުން ވަޙީ ބާވައިނުލައްވައި 3 އަހަރު ވޭތުވެގެންދިޔަ އެވެ. ހަމަ އެއާއެކު إسرافيل (‏عليه السّلام)‏ ނަމަކަށް ކިޔާ މަލާއިކަތަކު އެކަލޭގެފާނަށް ބައެއް ކަންތައްތައް ދަސްކޮށްދެއްވަން ވަޑައިގަތެވެ. އެއީ ވަޙީއެއް ނޫނެވެ. އެ ދުވަސްވަރު رَسُوْلُ اللهِ ﷺ ދޭތެރެ ދޭތެރެއިން އާލާސްކަންފުޅު ޖެހެއެވެ. رَسُوْلُ اللهِ ﷺ ހިތާމައާއި މޮޅިވެރިކަމުގައި ހުންނަވަނިކޮށް، ޖިބްރީލު (‏عليه السّلام)‏ ވަޑައިގެން ވިދާޅުވިއެވެ. "އޭ މާތް ﷲ ގެ حبيب އެވެ! ކަލޭގެފާނަކީ الله تعالى ގެ ރަސޫލާ އެވެ". އެއާއެކު، އެކަލޭގެފާނުގެ ހިތާމަ ފިލައިގެން ދެއެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ވަޙީ ބާވައިލެއްވުން ހުއްޓުނީ އެ ވަގުތުއެވެ. ތިމަން ކަލޭގެފާނު ޙިރާ ފަރުބަދައިން ފައިބައިގެން ވަޑައިގެންނެވި އިރު، ތިމަން ކަލޭގެފާނަށް އުޑުން އަޑެއް އިވިވަޑައިގަތެވެ. ތިމަންކަލޭގެފާނު ބައްލަވާލެއްވި އިރު، ފެނިވަޑައިގަތީ ޖިބްރީލު (‏عليه السّلام)‏ އެވެ. އެކަލޭގެފާނު އިންނެވީ އުޑާއި ބިމާ ދޭތެރޭގައި ހުރި ތަޚްތެއް ގައި އިށީނދެވަޑައިގެންނެވެ. އެއާ އެކު، ތިމަންކަލޭގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަން އުފެދިގެންދިޔަ އެވެ. ދެން ތިމަންކަލޭގެފާނު ވަޑައިގަތީ ގެކޮޅަށެވެ. ވަޑައިގެން حديث ކުރެއްވީމެވެ. "ކޮންމެވެސް އެއްޗަކުން ތިމަންކަލޭގެފާނު ގައިގައި އަޅާށެވެ. الله تعالى سورة المدّثر ގެ ފުރަތަމަ އާޔަތްތައް ބާވައިލެއްވެވީ އެ ހިނދު އެވެ. يَـٰٓأَيُّهَا ٱلْمُدَّثِّرُ * قُمْ فَأَنذِرْ * وَرَبَّكَ فَكَبِّرْ * وَثِيَابَكَ فَطَهِّرْ * (‏المدّثر: 1-4)‏ މާނައީ: "އޭ ފޭރާންތައް (‏ގައިކޮޅުގައި)‏ އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! ކަލޭގެފާނު ތެދުވެވަޑައިގެން (‏ދީން ޤަބޫލުނުކުރާ މީހުންނަށް އެކަލާނގެ ޢަޒާބާ މެދު)‏ إنذار ކުރައްވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ކުރައްވާށެވެ!"9 އޭގެ ފަހުން ވަޙީ ބާވައިލެއްވުން ނުހުއްޓެ އެވެ.

ކީރިތި ރަސޫލާ (‏عليه أفضل الصّلوات)‏ މީސްތަކުންނަށް އިސްލާމް ދީނަށް ގޮވާލައްވައި، އެކަލާނގެ އަމުރުފުޅުތަކާއި، ނަހީކުރެއްވި ކަންތައްތައް ތަބްލީޣުކުރައްވަން ފެއްޓެވި އެވެ. ވަޙީއާއިގެން ވަޑައިގަންނަވާ އިރު، جبريل (‏عليه السّلام)‏ބައެއް ފަހަރު ހުންނަވަނީ އިންސާނެއްގެ ސިފައިގައި ޞަޙާބީއެއް ކަމުގައިވާ ދިހްޔަތުލް ކަލްބުގެ ސިފައިގައެވެ. ބައެއް ފަހަރު، جبريل (‏عليه السّلام)‏ ، رَسُوْلُ اللهِ ﷺ ގެ ހިތްޕުޅަށް އިލްހާމުގެ ގޮތުގައި ވެސް ވަޙީ ގެނެސްދެއްވި އެވެ. އެފަދަ ވަޤުތުތަކުގައި، رَسُوْلُ اللهِ ﷺ އަށް جبريل (‏عليه السّلام)‏ ފެނިވަޑައެއް ނުގަންނަވައެވެ. ބައެއް ފަހަރު ހުވަފެނެއްގެ ތެރޭގައި، އަދި އަނެއް ބައި ފަހަރު ބިރުވެރި އަޑަކާ އެކު ވެސް ވަޑައިގަންނަވައެވެ. ބިރުވެރި އަޑަކާ އެކު ވަޙީ ބާވައިލެއްވޭ ވަޤުތުތަކަކީ، رَسُوْلُ اللهِ ﷺ އަށް ވަޙީ ބާވައިލެއްވުނު އެންމެ އުނދަގޫ ގޮތެވެ. އެފަދަ ވަޤުތުތަކުގައި، އެންމެ ފިނި ދުވަސްތަކުގައި ވެސް، رَسُوْلُ اللهِ ﷺ ގެ ދެ ކޯތާފަތުން ދާ އޮހޮރުނެވެ. އެކަލޭގެފާނު ޖަމަލެއްގެ މަތީގައި ހުންނަވަނިކޮށް ވަޙީ ބާވައިލެއްވުނު ފަހަރުތަކުގައި، ވަޙީގެ ބަރުކަމުން އެ ޖަމަލު ގެނބެއެވެ. އެކަލޭގެފާނާ ކައިރީގައި ތިއްބެވި ޞަޙާބީންނަށް ވެސް ވަޙީގެ ބަރުދަން އިޙްސާސްކުރެވުނެވެ. جبريل (‏عليه السّلام)‏ އެކަލޭގެފާނުގެ އަޞްލު ޞޫރައިގައި ވެސް އެތައް ފަހަރަކު ވަޑައިގަތެވެ.

އެއްވެސް މަލާއިކަތު އަދި އެއްވެސް ހުރަހެއް ނެތި، މާނައަކީ އެއްވެސް ވަސީލަތަކާ ނުލައި މި އުއްމަތުގެ ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ އަށް ވަޙީ ބާވައިލެއްވި އެވެ. އެ ގޮތަށް ވީ މިޢުރާޖަށް އަރާ ވަޑައިގެންނެވި ރޭގައެވެ.

ބާވައިލެއްވި ފުރަތަމަ ވަޙީން ފެށިގެން ރަސޫލުކަމުގެ ވާޖިބު އަދާކުރައްވަން ފެއްޓެވި ކީރިތި ރަސޫލާ محمّد المصطفى (‏صلّى الله عليه وسلّم)‏ އިސްލާމް ދީނަށް ގޮވާލެއްވުމުގައި ތޭވީސް އަހަރު ހޭދަކުރެއްވި އެވެ. އޭގެ ތެރެއިން ތޭރަ އަހަރު މައްކާ ގައި ހޭދަކުރެއްވި އިރު، ބާކީ އޮތް ދިހަ އަހަރު ހޭދަކުރެއްވީ މަދީނާގައެވެ. ކީރިތި ޤުރްއާން ބާވައިލައްވައި ފުރިހަމަކުރެއްވީ 22 އަހަރާއި 2 މަހާއި، 22 ދުވަހުންނެވެ.

محمّد (‏عليه السّلام)‏ އަކީ އުއްމީއެކެވެ. މާނައަކީ، އެކަލޭގެފާނަކީ، ލިޔަން ކިޔަން ދަސްކުރައްވައިގެން ހުންނެވި ބޭކަލެއް ނޫނެވެ. އަދި އެއްވެސް މީހެއްގެ ކިބައިން ފިލާވަޅު ނަންގަވައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ މައްކާގައެވެ. އަދި ތަރުބިއްޔަތު ކުރެވުނީ ވަކި ޚާއްޞަ ބައެއްގެ ކައިރީގައެވެ. އެހެން ނަމަވެސް، ތައުރާތާއި، އިންޖީލާއި، ގްރީކުންނާއި، ރޯމަނުން ގެ ދުވަސްވަރު ލިޔެފައި ހުރި ފޮތްތަކުގައި ހުރި ޙާދިސާތަކާއި، މަޢޫލޫމާތުތަކުގެ ޚަބަރުތައް އެކަލޭގެފާނު ގެނެސްދެއްވި އެވެ. އިސްލާމް ދީނުގެ ރިސާލަތު އަންގަވައިދެއްވުމަށް ޓަކައި، އެކަލޭގެފާނު ވަނީ، ރޯމަން، އީރާން އަދި ޙަބަޝީންގެ ވެރިންނާއި، އެހެން ޢަރަބި ރަސްރަސްކަލުންނަށް ހިޖްރައިން ހަވަނަ ޤަރުނުގެ ފަހުކޮޅު އަދި ހިޖްރައިން ހަތް ވަނަ އަހަރުގެ ފެށުނުކޮޅުގައި ސިޓީތަކެއް ފޮނުއްވި އެވެ.

އެކަލޭގެފާނުގެ އަރިހަށް ފަސްދޮޅަހަށް ވުރެ ގިނަ ބޭރުގެ ވަފުދުތައް ޒިޔާރަތްކުރި އެވެ. މި ޙާދިސާ ކީރިތި قرآن ގައި ބަޔާންކުރައްވާފައި ވެއެވެ. وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَـٰبٍۢ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًۭا لَّٱرْتَابَ ٱلْمُبْطِلُونَ * (‏العنكبوت: 48)‏ މާނައީ: "އަދި އޭގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވާވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމު އެވެ. އެކަން އެހެން ވީ ނަމަ، كافر ން شكّ ކުރީހެވެ".10

رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "ތިމަންކަލޭގެފާނަކީ محمّد އެވެ... ތިމަންކަލޭގެފާނަށް ފަހު އެހެން ރަސޫލަކު ނުފޮނުއްވާނެ އެވެ".11އަދި ހަމަ އެއާ އެކު ކީރިތި قرآن ގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَمَا يَنطِقُ عَنِ ٱلْهَوَىٰٓ * إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ * (‏سورة النّجم: 3-4)‏ މާނައީ: "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ، އެކަލޭގެފާނަށް އިއްވަވާ وحي އެއް ކަމުގައި ނޫނީ ނުވެއެވެ".12

"محمّد (‏عليه السّلام)‏ ޙަދީޘްކުރައްވަނީ އެކަލޭގެފާނުގެ އަމިއްލަފުޅު އެކަލޭގެފާނުގެ ބަސްފުޅަކީ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވޭ ވަޙީ ކަން ކަށަވަރެވެ".
نجم: 3-4

އެންމެ ފުރަތަމަ މުސްލިމުން (‏سابقون الإسلام)‏

محمّد (‏صلّى الله عليه وسلّم)‏ އަށް ފުރަތަމަ ވަޙީ ބާވައިލެއްވުމަށް ފަހު އެންމެ ފުރަތަމަ އިސްލާމްވީ خديجة ގެފާނެވެ.13 އެއްވެސް ޖެހިލުންވުމެއް ނެތި، އިސްލާމްދީން ޤަބޫލުކޮށް، ފުރަތަމަ މުސްލިމަކަށް ވުމުގެ ޝަރަފު ހޯއްދެވި އެވެ. رَسُوْلُ اللهِ ﷺ ވަނީ، جبريل (‏عليه السّلام)‏ އުނގަންނައިދެއްވި ގޮތަށް ވުޟޫކުރާނެ ގޮތް خديجة ގެފާނަށް ދަސްކޮށްދެއްވާފައެވެ. ދެން އެއަށް ފަހު ރަސޫލާގެ އިމާމު ކަމުގައި އެ ދެކަނބަލުން ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. خديجة ގެފާނު ވަނީ، رَسُوْلُ اللهِ ﷺ އުނގަންނަވައި ދެއްވި ގޮތަށް އަކުރުން އަކުރަށް އެއަށް ޢަމަލުކުރައްވާފައެވެ. އެހެންކަމުން، އެ ކަމަނާ ވަނީ الله تعالى ގެ ޙަޟްރަތުގައި ވަރަށް މަތިވެރި ދަރަޖައެއް ހޯއްދަވާފައެވެ. ކާފަރުންގެ ޖެއްސުންކުރުމުގެ ސަބަބުން، رَسُوْلُ اللهِ ﷺ ހިތާމަފުޅުކުރައްވާ ކޮންމެ ފަހަރަކު އެކަލޭގެފާނަށް ހިތްވަރުދެއްވަނީ އެ ކަމަނާ އެވެ. އެކަމަނާ ވިދާޅުވާ ކަމަށް ވެއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ހިތާމަ ނުކުރައްވާށެވެ. ކަންބޮޑުވެވަޑައިނުގަންނަވާށެވެ. އާޚިރުގައި އަޅުގަނޑުމެންގެ ދީނަށް ބާރުލިބި، މުޝްރިކުން ހަލާކުކުރައްވާނެތެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނަށް އީމާންވާ ހުއްޓެވެ...". އެކަމަނާގެ ތާއީދުގެ ސަބަބުން، جبريل (‏عليه السّلام)‏ އެއް ދުވަހަކު ވަޑައިގެން ވިދާޅުވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ! الله تعالى ގެ ސަލާމް خديجة ގެފާނަށް ފޯރުކޮށްދެއްވާށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ޚަދީޖާ އެވެ. جبريل (‏عليه السّلام)‏، ގެ ސަލާމް ކަމަނާ އަށް އެބަ ރައްދުކުރައްވައެވެ".14

رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "الله تعالى ތިމަންކަލޭގެފާނަށް އަންގަވާފައިވަނީ ސުވަރުގޭގައި އިތާގެ މުތުން ހަދާފައިވާ ގެއެއް ލިބޭނޭ ކަމުގެ އުފާވެރި ޚަބަރު خديجة ގެފާނަށް ދެއްވުމަށެވެ. އެތާނގައި ބައްޔެއް، ހިތާމައެއް ނުވަތަ ބޮލުރިހުމެއް ނުވެއެވެ".

خديجة ގެފާނަށް ފަހު އިސްލާމްވެ ވަޑައިގަތް ބޭފުޅަކީ، رَسُوْلُ اللهِ ﷺ އާ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ أبوبكر الصدّيق އެވެ. އޭގެ ދިހަ އަހަރު ކުރިން أبوبكر ގެފާނަށް ހުވަފެނެއް ފެނިވަޑައިގަތެވެ: މާ ހަނދު އުޑުން ފައިބައިގެން كعبة ނުވަތަ ގެފުޅަށް ތިރިވެއްޖެ އެވެ؛ އެއަށް ފަހު ހަނދު އެކި ބައިތަކަށް ފަޅިވެގެންދިޔައެވެ. އެއިން ކޮންމެ ބައެއް ވެސް ވެއްޓުނީ މައްކާގެ ގެއަކަށެވެ؛ ދެން އެ ބައިތައް އެކުވެގެން އަނެއްކާ އުޑަށް އަރައިގެންދިޔަ އެވެ. أبو بكر ގެފާނުގެ ގެކޮޅަށް ވެއްޓުނު ބައި އުޑަށް އަރައިގެން ނުދިޔަ އެވެ. ވެއްޓުނު ހަނދުގެ އެ ބަޔަށް ނުދެވޭ ގޮތް ހެދުމަށް ޓަކައި ކަމަށް ދޭހަވާހެން އެ މަންޒަރު ފެނިވަޑައިގެންނެވި އަބަކްރުގެފާނު ވަގުތުން ގެކޮޅުގެ ދޮރު ލެއްޕެވި އެވެ.

أبوبكر ގެފާނު ހުވަފެނުން ހޭލައިވަޑައިގަތީ ޝައުޤުވެރިކަމާ އެކުގައެވެ. އަދި ހެނދުނު ވުމުން ވަގުތުން ޔަހޫދީ ޢިލްމުވެރިއެއްގެ އަރިހަށް ވަޑައިގެން ފެނިވަޑައިގެންނެވި ހުވަފެނުގެ ވާހަކަ ވިދާޅުވި އެވެ. އެ ޢިލްމުވެރިޔާ ވިދާޅުވި އެވެ. "މިއީ ފޮރުވިފައިވާ ހުވަފެންތަކުގެ ތެރެއިން ހުވަފެނެކެވެ. އެހެންކަމުން މި ހުވަފެން ތަޢުބީރެއް ނުކުރެވޭނެ އެވެ". އެކަމަކު، މި ހުވަފެން أبوبكر ގެފާނުގެ ޚިޔާލުފުޅުގައި ހުއްޓެވެ. އަދި ޔަހޫދީ ޢިލްމުވެރިޔާ ދެއްވި ޖަވާބާ މެދު ހުންނެވީ ހިތްހަމަނުޖެހިފައެވެ. އެއް ފަހަރެއް ގައި އެކަލޭގެފާނު ވިޔަފާރި ދަރުރެއް ގައި ބަހީރާ ފާދިރީގެ ބިމުގެ ކައިރިން ދަތުރުކުރެއްވި އެވެ. ބަޙީރާ ގާތުން މި ހުވަފެނުގެ ވާހަކަ އެއްސެވުމުން، ބަޙީރާ އެއްސެވެ. "ތިބާ ކޮން ރަށެއް ހެއްޔެވެ"؟ أبوبكر ގެފާނު "އަހުރެން މީ ޤުރައިޝް ވަންހައިގެ މީހެއް"، މިހެން ވިދާޅުވުމުން ބަޙީރާ ބުންޏެވެ. "އެ ތަނުން ރަސޫލަކު ފާޅުވާނެތެވެ. އަދި އެ ބޭކަލެއްގެ އިރުޝާދުގެ ނޫރު މައްކާގެ ހުރިހާ ދިމާލަކަށް ފޯރާނެ އެވެ. ކަލޭގެފާނު ވާނީ އެކަލޭގެފާނުގެ ދުނިޔޭގައި އެ ބޭކަލެއްގެ ވަޒީރަށެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނުގެ ޚަލީފާއަށެވެ. މި ޖަވާބު އަޑު އައްސަވައި، أبو بكر ގެފާނު ޙައިރާންވެ ވަޑައިގަތެވެ. رَسُوْلُ اللهِ ﷺ އަށް ރަސޫލުކަން ދެއްވުމަށް ދާންދެން އަބުބަކްރުގެފާނު މި ހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެނުގެ އަދި އެ ހުވަފެނުގެ ތަޢުބީރު ކިޔައެއް ނުދެއްވައެވެ. رَسُوْلُ اللهِ ﷺ ގެ ރަސޫލުކަން އިޢުލާންކުރެއްވުމުން، أبو بكر ގެފާނު ދުވެވަޑައިގެން ކީރިތ ރަސޫލާގެ އަރިހަށް ވަޑައިގެން އެއްސެވި އެވެ. "ރަސޫލުންނަށް އެ ބޭކަލުންގެ ރަސޫލުކަމުގެ ޕްރޫފް ލިބިގެންވެއެވެ. ވީމާ، ކަލޭގެފާނުގެ ޕްރޫފަކީ ކޮބައިތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަން ކަލޭގެފާނުގެ ރަސޫލުކަމުގެ ޕްރޫފަކީ، ޔަހޫދީ ޢިލްމުވެރިއެއް ގެ އަރިހުން ތަޢުބީރުކުރުމަށް ކަލޭގެފާނު އެއްސެވި ހުވަފެނެވެ. އެ ޢިލްމުވެރިޔާ ބުންޏެވެ. 'މިއީ ފޮރުވިފައިވާ ހުވަފެންތަކުގެ ތެރެއިން ހުވަފެނެކެވެ. އެހެންކަމުން މި ހުވަފެން ތަޢުބީރެއް ނުކުރެވޭނެ އެވެ'. ދެން ބަޙީރާ ވަނީ އެ ހުވަފެން ޞައްޙަކޮށް ތަޢޫބީރުކޮށްފައެވެ". أبو بكر ގެފާނާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ އަބާ ބަކްރު އެވެ! ﷲ އާއި އެކަލާނގެ ރަސޫލާ އަށް ތިމަންކަލޭގެފާނު ކަލޭގެފާނަށް ދަޢުވަތު ދެއްވަމެވެ".

އެއާ އެކު ޝަހާދަތުގެ ދެ ކަލިމަ ވިދާޅުވެ، أبوبكرގެފާނު އިސްލާމްވެ ވެވަޑައިގެންފި އެވެ.

އެހެން ރިވާޔަތެއް ގައި ވާ ގޮތުގައި، رَسُوْلُ اللهِ ﷺ އަށް ރަސޫލުކަން ދެއްވުމުގެ މަދު ދުވަސްތަކެއް ކުރިން، أبو بكر ގެ ފާނު ވިޔަފާރި ދަތުރުފުޅެއް ގައި ޔަމަނަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި ޔަމަނުގެ ޔަޒްދު ވަންހައިގެ މުސްކުޅި ފިރިހެނަކާ ދިމާވި އެވެ. އެ މީހާ އަކީ ވަރަށް ގިނަ ފޮތް ކިޔާފައިވާ މީހެކެވެ. އެ މުސްކުޅި މީހާ أبو بكر ގެފާނަށް ބަލައިލާ "އަހަންނަށް ހީވަނީ ތިބާ އަކީ މައްކާގެ ބޭކަލެއް" މިހެން ބުނުމުން، أبو بكر ގެފާނު ވިދާޅުވި އެވެ. "އާނއެކެވެ. އަހަންނަކީ މައްކާ މީހެކެވެ". ދެން ތިރީގައިވާ ގޮތަށް އެ މީހާ އާ أبو بكر ގެފާނާ ދެމެދު ވާހަކަދެކެވުނެވެ.

ތިބާ އަކީ ޤުރައިޝް ވަންހައިގެ ބޭކަލެއް ތޯއެވެ؟
އާއެނކެވެ!
ތިބާ އަކީ بني تميم ދަރިކޮޅުގެ ބޭކަލެއް ހެއްޔެވެ؟
އާނއެކެވެ!
އަދި ބާކީ އެއް ޢަލާމާތް ވެއެވެ.
އެއީ ކޮން ޢަލާމާތެއް ހެއްޔެވެ؟
ކަލޭގެފާނުގެ ބަނޑު ކަޝްފުކުރައްވައި ދައްކަވާށެވެ.
މިއިން ކަލޭގެފާނުގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ؟ ވިދާޅުވާށެވެ.

ފޮތްތަކުން އަހުރެން ކިޔާފައިވާ ގޮތުގައި، މައްކާ އިން ރަސޫލަކު ބޭކަލަކު ފާޅުވާނެ އެވެ. ދެ ބޭކަލަކު އެކަލޭގެފާނަށް އެހީތެރިވާނެތެވެ. އޭގެތެރެއިން އެކަކީ، ޒުވާނެކެވެ؛ އަނެކަކީ ޢުމުރުން ދުވަސްވީ މީހެކެވެ. ޒުވާނާ، ގިނަ ދަތި ކަންތައްތައް ފަސޭހަކޮށްދީ، ގިނަ އުނދަގޫތައް ދުރުކޮށްދެއެވެ. އަނެއް ކޮޅުން، ޢުމުރުން ދުވަސްވޫ މީހާއަކީ ހަށިގަނޑުގެ ކުލަ ދޮން، ހިމައޮޅު އުނަގަނޑެއްގެ ވެރި އަދި ބަނޑު ގައި ކަޅުކުލައިގެ އުފަންލަފެއް ހުރި މީހެކެވެ. އަހުރެން ދެކޭގޮތުގައި، އެ ބޭކަލަކީ ކަލޭގެފާނެވެ. ކަލޭގެފާނުގެ ބަނޑު ކަޝްފުކުރައްވައި، އަޅުގަނޑަށް ދައްކަވާށެވެ.

އެއާއެކު، أبوبكر ގެފާނު އެކަލޭގެފާނުގެ ބަނޑު ކަޝްފުކުރައްވައި ދެއްކެވި އެވެ. އަދި އެކަލޭގެފާނުގެ ފޫޅުކޮޅުގައިވާ ކަޅުކުލައިގެ އުފަންލަފު ފެނިފައި ބުންޏެވެ. "އަހުރެން ހުވާކޮށްފައި ބުނަމެވެ. އެ ބޭކަލަކީ ކަލޭގެފާނެވެ". އަދި އެއާއެކު، އެކަލޭފާނަށް ވަރަށް ގިނަ އިރުޝާދު ދިނެވެ.

أبوبكر ގެފާނުގެ މަސައްކަތްޕުޅު ނިމުމުން، އެއްކަލަ މުސްކުޅި މިހާގެ ކައިރިއަށް ވަދާޢީ ސަލާންކުރެއްވުމަށް ފަހު އެދިވަޑައިގަތީ، رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން ޅެން ބައިތުކޮޅެއް ކިޔުމަށެވެ. މިގޮތަށް އެދިވަޑައިގަތުމުން، އޭނާ ބާރަ ޅެންބައިތު ކިޔެވެ. އަދި أبو بكر ގެފާނު އެ ބައިތުތައް ހިތުދަސްކުރެއްވި އެވެ.

أبوبكر ގެފާނު އެކަލޭގެފާނުގެ ވިޔަފާރި ދަތުރުފުޅުން އެނބުރި މައްކާ އަށް ވަޑައިގަތުމުން، عقبة بن أبي مُئيّة، شيبة، أبُو جهل، އަދި أبُو البُحتَرِي ފަދަ މައްކާގެ ނަން މަޝްހޫރު މީހުން، އެކަލޭގެފާނަށް ޒިޔާޒަތްކުރުމަށް އެކަލޭގެފާނުގެ ގެއަށް ދިޔައެވެ. أبوبكر ގެފާނު އެ މީހުންނާ ސުވާލު ކުރެއްވި އެވެ. "ތިޔަބައި މީހުންގެ މެދުގައި އެއްވެސް ކަމެއް ހިނގި ހެއްޔެވެ"؟ އެމީހުން ބުނޫއެވެ. "މި ކަމަށް ވުރެ އާދަޔާ ޚިލާފު ކަމެއް އެބައޮތް ތޯ އެވެ؟ أبو طالب ގެ ޔަތީމު މަނިކުފާނު ރަސޫލުކަމަށް ދަޢުވާކުރައްވައި، އެ ވިދާޅުވަނީ އޭ އަހަރެމެންނަކީ، އަހަރެމެންނާއި އަހަރެމެންގެ ބަފައިންނާއި، ކާފައިން ވަނީ ބާޠިލު ދީނެއްގެ މަތީގައެވެ. ކަލޭގެފާނާ ހެދި ނޫން ނަމަ، އެ މަނިކުފާނު ދިރިހުރިޔަ ނުދޭނަމުއެވެ. ކަލޭގެފާނަކީ، އެކަލޭގެފާނުގެ ގާތް އެކުވެރިއެކެވެ. ވީމާ، މިމައްސަލަ ޙައްލުކޮށްދެއްވާށެވެ"!

أبوبكرގެފާނު އެމީހުން އަނބުރާ ފޮނުއްވާލެއްވި އެވެ. އަދި رَسُوْلُ اللهِ ﷺ ހުންނެވީ خديجة ގެފާނުގެ ގެކޮޅު ގައި ކަން އެނވަޑައިގަތެވެ. أبوبكر ގެފާނު އެ ގެއަށް ވަޑައިގެން ދޮރު ގައި ޓަކިޖެއްސެވި އެވެ. رَسُوْلُ اللهِ ﷺ ދޮރު ހުޅުއްވައި أبوبكر ގެފާނަށް މަރުޙަބާ ވިދާޅުވުމުން، أبوبكر ގެފާނު ވިދާޅުވި އެވެ. "އޭ މުޙައްމަދެވެ! ކަލޭގެފާނާ ބެހޭގޮތުން ތުންތުން މަތިން މި ދެކެވީ ކޮން ވާހަކައެއް ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަކީ، الله تعالى ގެ ރަސޫލާ އެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ ކަލޭގެފާނާއި، ހުރިހާ އާދަމުގެ ދަރިންނަށެވެ. މިކަމަށް އީމާންވެޑައިގަންނަވާށެވެ. الله تعالى ގެ ރުއްސެވުން ލިބި ނަރަކައިން މިންޖުކޮށްދެއްވާނެތެވެ". أبو بكر ގެފާނު، "މި ކަމުގެ ހެއްކަކީ ކޮބައި ތޯ" މިހެން ސުވާލުކުރެއްވުމުން، رَسُوْلُ اللهِ ﷺ حديثކުރެއްވި އެވެ. "ކަލޭގެފާނަށް ޔަމަނުން ފެނިވަޑައިގަތް ޢުމުރުން ދުވަސްވީ މީހާ އަކީ މިކަމުގެ ހެއްކެވެ".

أبوبكر ގެފާނު ވިދާޅުވި އެވެ. "ތިމަންނަ އަށް ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި، ޔަމަނުން ފެނިވަޑައިގަތެވެ". ޖަވާބުގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކަލޭގެފާނަށް 12 ޅެން ބައިތު ހަދައިދިން ޢުމުރުން ދުވަސްވީ މީހާ، އެ ބައިތުތައް ތިމަން ކަލޭގެފާނަށް ފުނުއްވި އެވެ". އެހެން حديثކުރެއްވުމަށް ފަހު އެ 12 ބައިތު ކިޔުއްވި އެވެ. أبوبكر ގެފާނު، "ކަލޭގެފާނަށް މިކަމުގެ ޚަބަރު ދެއްވީ ކާކު ތޯއެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެއީ ތިމަންކަލޭގެފާނުގެ ކުރިން ކުރީގެ ރަސޫލުންނަށް ފޮނުއްވުނު މަލާއިކަތާ އެވެ" رَسُوْلُ اللهِ ﷺ މިހެން حديث ކުރެއްވުމާ އެކު، އެކަލޭގެފާނުގެ އަތްޕުޅުގައި ހިތްޕެވުމަށް ފަހު ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ "أشهد أن لا إله إلّا الله وأشهد أن محمّد عبدالله ورسوله"15 ކިޔުއްވި އެވެ.

މުޅި ޙަޔާތުގައި ވެސް ކުރެވުނު އެންމެ އުފާވެރި އިޙްސާސާ އެކު أبوبكر ގެފާނު އެނބުރި ގެއަށް ވަޑައިގަތީ މިސްލިމެއްގެ ގޮތުގައެވެ. رَسُوْلُ اللهِ ﷺގެ ޙަދީޘެއް ގައި ރިވާވެގެން އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނު އީމާންވުމަށް ހުށަހެޅުއްވި ކޮންމެ މީހަކު ވެސް މޫނު މައްޗަށް ކުލަވަރެއް އަރުވާލައި، ޖެހިލުންވެފައިވާ ގޮތަކަށް ބަލައިލައެވެ. ޖެހިލުންވުމަކާ ނުލައި އީމާންވީ ހަމައެކަނި أبوبكر ގެފާނެވެ".

އެއް ދުވަހަކު علي ގެފާނަށް رَسُوْلُ اللهِ ﷺ އާއި، خديجة ގެފާނު ނަމާދު ކުރައްވަނިކޮށް ފެނިވަޑައިގަތެވެ. އޭރު علي ގެފާނުގެ ޢުމުރުފުޅުން ވާނީ އެންމެ ދިހަ ނުވަތަ ބާރަ އަހަރެވެ. ނަމާދަށް ފަހު علي ގެފާނު އެއްސެވި އެވެ. "މީ ކޮން ކަމެއް ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މިއީ، الله تعالى ގެ ދީނެވެ. ތިމަންކަލޭގެފާނު މި ދީނަށް ކަލޭގެފާނަށް ދަޢުވަތު ދެއްވަމެވެ. الله تعالى އަކީ އެއްކައުވަންތަ ރަސްކަލާނގެ އެވެ؛ އެކަލާނގެ އަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. الله އަށް އީމާންވުމަށް ތިމަންކަލޭގެފާނު ކަލޭގެފާނަށް ދަޢުވަތު އަރުވަމެވެ. އެކަލާނގެއަކީ އެއްކައުވަންތަ ރަސްކަލާނގެ އެވެ، އެކަލާނގެ އަށް ބައިވެރިޔަކު ނުވަތަ އެކަލާނގެއާ އެއްފަދަ ފަރާތެއް ނުވެއެވެ...." علي ގެފާނު ވިދާޅުވިއެވެ. "އަޅުގަނޑުގެ ބައްޕަގެ މަޝްވަރާ މިކަމުގައި ފުރަތަމަ ހޯދާލާނަމެވެ". رَسُوْلُ اللهِ ﷺ عليގެފާނަށް حديث ކުރެއްވި އެވެ. "ކަލޭގެފާނު އިސްލާމް ދީން ޤަބޫލުނުކުރައްވާ ނަމަ، މި ސިއްރު އެއްވެސް މީހަކު ގާތުގައި ވިދާޅުނުވާށެވެ". ޖެހިގެން އައި ހެނދުނު، علي ގެފާނު رَسُوْلُ اللهِ ﷺގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް އިސްލާމް ދީން އުނގަންވައިދެއްވާށެވެ"! އެއާ އެކު އިސްލާމް ވެއްޖެ އެވެ.16 علي ގެފާނަކީ 3 ވަނަ އަށް އިސްލާމްވީ ބޭފުޅާއެވެ. علي ގެފާނު رَسُوْلُ اللهِ ﷺ އަށް ވީ ޤުރުބާނީއަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ.

زيد بن حارثة އަކީ އެންމެ ފުރަތަމަ އިސްލާމްވީ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. زيد ގެފާނަކީ، زيد ގެފާނާއި، أبوبكر ގެފާނާއި، علي ގެފާނަށް ފަހު 4 ވަނަ އަށް އިސްލާމްވީ ބޭފުޅާ އެވެ. އަދި މިނިވަންވެފައި ތިބި އަޅުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވީ ބޭފުޅާ ވެސް މެއެވެ.زيد ގެފާނުގެ އަނބިކަނބަލުން أُمُّ أيمن ވެސް އެކަލޭގެފާނާ އެކު އިސްލާމްވި އެވެ.17

أبوبكر ގެފާނު އިސްލާމްވުމަށް ފަހު، ވަގުތުން އެކަލޭގެފާނުގެ ރަޙްމަތްތެރިންގެ ގާތަށް ވަޑައިގަތެވެ. އެ އެކުވެރިން ވެސް އިސްލާމް ވުމަށް أبوبكر ގެފާނު އެއްބަސްކުރުވި އެވެ. އެ ބޭކަލުންގެ ތެރޭގައި عثمان بن عفّان، طلحة بن عبيدالله، زبير بن عوّام، عبدالرّحمن بن عوف، سعد بن أبي وقّاص ފަދަ ޞަޙާބީންގެ ތެރޭގައި ފާހަގަކުރެވޭ އަދި އެ ބޭކަލުންގެ ވަންހަތަކުގައި ވެސް ފާހަގަކުރެވޭ ބޭކަލުން ހިމެނެއެވެ.18 خديجة ގެފާނުގެ ފަހުން އިސްލާމްވީ 8 ބޭކަލުންނަށް ކިޔޭ ނަމަކީ سابقون الإسلام އެވެ. މާނަ އަކީ ފުރަތަމަ މުސްލިމުންނެވެ.

އެކަލޭގެފާނު އިސްލާމީ ވާހަކަ عثمان ގެފާނު ކިޔައިދެއްވާފައި ވެއެވެ. "ރަމަލުބަލާ އުޅުނު އަޅުގަނޑުގެ ބޮޑުދައިތައެއް އުޅުނެވެ. އެއް ދުވަހަކު، އަޅުގަނޑު ބޮޑުދައިތަގެ ގާތަށް ދިއުމުން ބުންޏެވެ. 'ކަލޭގެފާނަށް އަންތބަކު ލިބޭހުށިކަމެވެ. ކަލޭގެފާނުގެ އަތްބަކު އޭގެ ކުރިއަކުން ނުހުންނާނެ އެވެ. އަދި ނުވަތަ އެ ކަމަނާގެ ފިރިއަކު ކަލޭގެފާނުގެ ކުރިއަކުން ނުހުންނާނެ އެވެ. އެއީ، ރިވެތި، ޢިއްފަތްތެރި އަދި ރަސޫލެއްގެ ދަރިކަނބަލެކެވެ'. ބޮޑުދައިތަ ބުނި އެއްޗަކުން އަޅުގަނޑު ހުރީ ޙައިރާންވެފައެވެ. އޭގެ ފަހުން ބޮޑުދައިތަ ބުންޏެވެ. 'ރަސޫލަކު ވަޑައިގެންފި އެވެ. އުޑުން އެކަލޭގެފާނަށް ވަޙީ ބާވައިލައްވައިފި އެވެ'. އަޅުގަނޑު ބުނީމެވެ. 'ބޮޑުދައިތާ އެވެ! މިފަދަ ސިއްރެއްގެ ވާހަކަ ރަށު ތެރޭގައި ދެކެވޭ އަޑެއް ނާހަމެވެ. އެހެންކަމުން، ތި ބުނާ އެއްޗެއް ސާފުކޮށްދޭށެވެ'. އެއަށް ފަހު ބޮޑުދައިތަ ބުންޏެވެ. 'ރަސޫލުކަމާއިގެން ފޮނުއްވުނީ محمّد بن عبدالله އެވެ. އެކަލޭގެފާނު ގެންދަވަނީ މީސްތަކުންނަށް ދީނަށް ގޮވާލައްވަމުންނެވެ. ދާދި އަވަހަށް، އެކަލޭގެފާނުގެ ދީނުން ދުނިޔެ އުޖާލާވެގެންދާނެ އެވެ. އަދި ޤަބޫލުނުކުރާ މީހުންގެ ބޯ ކަނޑާލެވޭނެ އެވެ'.

އަޅުގަނޑުގެ ބޮޑުދައިތަގެ މި ބަސްތަކުން އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އަދި ކަންބޮޑުވިއެވެ. أبوبكر ގެފާނާ އަޅުގަނޑާ ދެމެދު ގާތް ގުޅުމެއް އޮތެވެ. އަދި އެ ގުޅުން ދުރުވެގެން ގޮސްފައެއް ނުވެއެވެ. ދެ ދުވަސް ފަހުން، މި ކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ޓަކައި أبوبكر ގެފާނުގެ އަރިހަށް ދިޔައިމެވެ. އަޅުގަނޑުގެ ބޮޑުދައިތަ ބުނި ވާހަކަތައް ކިޔައިދިނުމުން، ވިދާޅުވި އެވެ. 'އޭ عثمان އެވެ. ކަލޭގެފާނަކީ ތޫނިފުލި ބޭފުޅެކެވެ. ނުފެންނަ، އަޑުނީވޭ އަދި އެއްވެސް ފައިދާއެއް އަދި ގެއްލުމެއް އެއްވެސް މީހަކަށް ނުދެވޭ ހިލަތަކަކީ އިލާހީ އެއްޗަކަށް ވާނީ ކިހިނެއް ހެއްޔެވެ'؟ އަޅުގަނޑު ދެންނެވީމެވެ. 'ކަލޭގެފާނު ތި ވިދާޅުވީ ރަނގަޅު ވާހަކައެކެވެ. އަޅުގަނޑުގެ ބޮޑުދައިތަގެ ވާހަކަތަކަކީ ތެދު ވާހަކަތަކެކެވެ".

عثمان ގެފާނާ އިސްލާމް ދީނާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ފަހު، أبوبكر ގެފާނުގެ އެކަލޭގެފާނާއިގެން ވަޑައިގަތީ رَسُوْلُ اللهِ ﷺ ގެ އަރިހަށެވެ. ރަސޫލާ عثمان ގެފާނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އޭ ޢުޘްމާނެވެ. ސުވަރުގޭގެ މެހްމާނަކަށް ވުމަށް الله تعالى ދަޢުވަތު ދެއްވައެވެ. މި ދަޢުވަތު ޤަބޫލުކުރައްވާށެވެ. ތިމަންކަލޭގެފާނު އެންމެހާ މީސްތަކުންގެ ގާތަށް ފޮނުއްވުނީ ސީދާ ތެދު މަގު ދެއްކެވުމަށެވެ". رَسُوْلُ اللهِ ﷺ ގެ މާތް ސިފަތަކަށާއި، ބަސްފުޅުތަކަށް އަޅުގަނޑުގެ ޝައުޤުވެރިކަން ދަމައިގެންފި އެވެ. ޝަހާދަތުގެ ދެ ކަލިމަ ވިދާޅުވުމަށް ފަހު عثمان ގެފާނު އިސްލާމްވީ ވަރަށް ފޯރި އާ އެކުގައެވެ.

رَسُوْلُ اللهِ ﷺ ގެ ރަސޫލުކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި رَسُوْلُ اللهِ ﷺ މީސްތަކުންނަށް އިސްލާމް ދީނަށް ގޮވާލެއްވީ ސިއްރިއްޔާތުގައެވެ. އަދި މީހަކަށް ފަހު މީހަކު ދިޔައީ އިސްލާމް ވަމުންނެވެ. އެ ދުވަސްވަރު މުސްލިމުންގެ ޢަދަދު އެރީ ހަމައެކަނި 30 އަށެވެ. އަދި އެ މުސްލިމުން އަޅުކަން ކުރަމުން ދިޔައީ، އެ މީހުންގެ ގެތަކުގައެވެ. އަދި ބާވައިލެއްވުނު ކީރިތި قرآن ގެ އާޔަތްތައް ކިޔަވައި ހިތުދަސް ކުރަމުން ދިޔައީ ސިއްރިއްޔާތުގައެވެ.

ގާތްތިމާގެ މީހުންނަށް ދަޢުވަތު ދެއްވުން

ސޫރަތުލް މުއްދައްޘިރު ބާވައިލެއްވުމާ އެކު، رَسُوْلُ اللهِ ﷺ މީސްތަކުންނަށް އިސްލާމް ވުމަށް ގޮވާލައްވަން ފައްޓަވައިފި އެވެ. މި ދަޢުވަތު ދެއްވީ ސިއްރިއްޔާތުގައެވެ. އޭގެ ފަހުން ކީރިތި قرآن ގެ ސޫރަތުއް ޝޫރާގެ 214 ވަނަ އާޔަތް ބާވައިލެއްވި އެވެ. وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ * (‏سورة الشورى: 214)‏މާނައީ:"ކަލޭގެފާނުގެ އެންމެ ގާތްތިމާގެ قبيلة ގެ މީހުންނަށް إنذار ކުރައްވާށެވެ"!19 އެއަށް ފަހު، އިސްލާމް ދީނަށް ދަޢުވަތު ދެއްވުމަށް ޓަކައި، أبو طالب ގެފާނުގެ ގެކޮޅަށް رَسُوْلُ اللهِ ﷺ ގެ ހުރިހާ ތިމާގެ މީހުން އައުމަށް ކިޔުމަށް علي ގެފާނު ފޮނުއްވި އެވެ. އެމީހުން ގެންނަވައި، އެކަކަށް ވާ ވަރުގެ ކިރުތަށްޓަކާއި، ކާނާގެ ތަށްޓެއް އެމީހުންގެ ކުރިމަތީ ގައި ބެހެއްޓެވި އެވެ. ދެން ބިސްމީގެ ބަރަކާތުން ފަރިއްކުޅުއްވަން ފެއްޓެވުމަށް ފަހު ކެއުމަށް ދެން ތިބި މީހުންނަށް ދަޢުވަތު ދެއްވި އެވެ. އެތަނަށް ގޮސް ތިބީ 40 މީހުންނެވެ. އެހެންނަމަވެސް، އެތާނގައި ހުރި ކާނާ އިން އެ އެންމެންގެ ބަނޑުފުރިގެން ދިޔަ އިރު ވެސް އެއްވެސް ވަރަކަށް މަދެއް ނުވެއެވެ. މި މުޢުޖިޒާތް ފެނި އެ ތަނަށް ގޮސްތިބި އެންމެން ޙައިރާންވެ އަންތަރީސްވިއެވެ. އެ ކެއުމަށް ފަހު رَسُوْلُ اللهِ ﷺ އެ އެމެންނަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވުމަށް ތައްޔާރުވީ ތަނާ އެކަލޭގެފާނުގެ ބޮޑުބޭބެއެއް ކަމުގައިވާ أبو لهب ނުރުހުމާ އެކު ބުންޏެވެ. "މިފަދަ ސިޙުރެއް އަހަރެމެންނަށް ކުރިން ފެނިފައި ނެތެވެ. ކަލޭމެންގެ ތިމާގެ ބޭފުޅާ ކަލޭމެން އެންމެންނަށް ސިޙުރު ހަދައިފި އެވެ. އޭ އަހަރެންގެ އަޚާގެ ދަރިކަލުންނޭވެ! ކަލޭގެފާނު ފަދައިން ނުބައި ކަންތައް ގެންނަ އެހެން މީހަކު ނުދެކެވެ". މިހެން ކިޔައި ހުތުރު އެއްޗެހި ކިޔަމުންދިޔަ އެވެ.

އެއަށް ފަހު، رَسُوْلُ اللهِ ﷺ أبو لهب އަށް ވިދާޅުވި އެވެ. "ޤުރައިޝް ވަންހަ އާއި، ޢަރަބިންގެ ހުރިހާ ޤަބީލާތަކަށް ނުކުދެވޭނެ ފަދަ އަނިޔާ ބޮޑުބޭބެ ތިވަނީ ތިމަންކަލޭގެފާނަށް ދީފައެވެ". އެ އެންމެން ނިކުމެގެން ދިޔައީ، އެއިން އެކަކު ވެސް އިސްލާމް ނުވެއެވެ.

"ކަލޭގެފާނުގެ އެންމެ ގާތްތިމާގެ قبيلة ގެ މީހުންނަށް إنذار ކުރައްވާށެވެ"!
الشّورى: 214

އެ ޙާދިސާގެ އިރުކޮޅެއް ފަހުން، އެކަލޭގެފާނުގެ ތިމާގެ މީހުންނަށް އަނެއްކާ ވެސް ދަޢުވަތު ދެއްވި އެވެ. މީގެ ކުރީ ފަހަރު ފަދައިން، އެމީހުންގެ ކުރިމަތީގައި ކާނާ ބެހެއްޓުނެވެ. ކެއުމަށް ފަހު، رَسُوْلُ اللهِ ﷺ ކޮޅަށް ތެދުވެ ވަޑައިގަންނަވައި، حديث ކުރެއްވި އެވެ. "ޙަމްދު ހުރީ ހަމައެކަނި الله تعالى އަށެވެ. ތިމަންކަލޭގެފާނު މަދަދަށް އެދި ދަންނަވަނީ ހަމައެކަނި އެކަލާނގެ އަށެވެ. ތިމަންކަލޭގެފާނު އީމާންވަނީ އަދި ބަރޯސާވަނީ ހަމައެކަނި އެކަލާނގެ އަށެވެ. އެއްވެސް ޝައްކެއް ނެތި ތިމަންކަލޭގެފާނު އެނގި ހާމަކުރަނީ الله تعالى ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށެވެ؛ އެކަލާނގެއާ އެއްފަދަ ފަރާތެއް ނުވަތަ ބައިވެރިޔަކު ނުވެއެވެ". އަދި އެކަލޭގެފާނުގެ ވާހަކަފުޅުދެއްކެވުން ކުރިޔަށް ގެންދެވި އެވެ. "ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް އެއްގޮތަކަށް އިތުރުފުޅެއް ނަހައްދަވަމެވެ.؛ ތިމަންކަލޭގެފާނު މި އަންގަވަނީ ތެދެވެ. الله تعالى އަށް އީމާންވުމަށް ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ދަޢުވަތު ދެއްވަމެވެ. އެކަލާނގެއަކީ އެއްކައުވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. ތިމަންކަލޭގެފާނަކީ، ތިޔަބައިމީހުންގެ ގާތަށް އަދި އިންސާނިއްޔަތަށް އެކަލާނގެ ފޮނުއްވި ރަސޫލާ އެވެ. ﷲ ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. ތިޔަބައިމީހުން މަރުވާނީ ނިދި އަންނަ ފަދައިންނެވެ؛ ތިޔަބައި މީހުން އަލުން ދިރުއްވޭނީ ނިދިން ހޭލާ ފަދައިންނެވެ. އަދި ކުރި ހުރިހާ ޢަމަލުތަކަށް ޖަޒާދެއްވާނެއެވެ؛ ކުރި ހުރިހާ ހެޔޮ ޢަމަލުތަކަށް ޘަވާބު ލިބޭނެއެވެ. އަދި ކުރި ނުބައި ޢަމަލުތަކަށް ޢަޒާބު ދެއްވާނެއެވެ. އަދި އެއީ ދާއިމަށް އަބަށް ސުވަރުގޭގައި ހުރުން ނުވަތަ ދާއިމަށް އަބަދަށް ނަރަކައިގައި ހުރުމެވެ. އާޚިރަތުގައި ލިބޭނޭ ޢަޒާބުގެ ވާހަކައިން ތިމަންކަލޭގެފާނު ބިރުގެންނުވި އެންމެ ފުރަތަމަ ބަޔަކީ ތިޔަބައި މީހުންނެވެ".

رَسُوْلُ اللهِ ﷺ ގެ މި ބަސްފުޅުތައް އަޑުއެހުމަށް ފަހު، أبو طالب ގެފާނު ވިދާޅުވި އެވެ. "އޭ އަޅުގަނޑުގެ އަޚާގެ ދަރިކަލުންނޭވެ! ކަލޭގެފާނަށް އެހީތެރިވުމަށް ވުރެ އަގުހުރި އެހެން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ކަލޭގެފާނުގެ އިރުޝާދު އަޅުގަނޑުމެން ޤަބޫލުކޮށްފީމުއެވެ. އަދި ކަލޭގެފާނުގެ ބަސްފުޅު ތެދުވެރިކަމާ އެކު ޤަބޫކޮށްފީމު އެވެ. މި ތަނަށް މިހާރު އެއްވެ ތިބި މީހުންނަކީ، ކަލޭގެފާނުގެ ކާފާފުޅު عبدالمطّلب ގެ ދަރިންނެވެ. އަޅުގަނޑަކީ ޔަޤީނުން ވެސް އޭގެ ތެރެއިން އެކެކެވެ. ކަލޭގެފާނު ބޭނުންފުޅުވާ ކަންތައް ކުރުމަށް އެންމެ ފުރަތަމަ އުޅޭނީ އަޅުގަނޑެވެ. ކަލޭގެފާނު ޙިމާޔަތްކުރުން އެންމެ ހިނދުކޮޅަކަށް ނަމަވެސް ހުއްޓާނުލުމަށް އަޅުގަނޑު ވަޢުދުވަމެވެ. ކަލޭގެފާނުގެ މައްޗަށް އިލާހީ އަމުރުކުރެވޭ ގޮތަށް ކަލޭގެފާނު ޢަމަލުކުރައްވާށެވެ. އެހެން ނަމަވެސް، އަޅުގަނޑުގެ މުސްކުޅި ދީން ދޫކޮށްލުމަށް އަޅުގަނޑުގެ ނަފްސު އަދި ނޭދެއެވެ".

أبو طالب ގެފާނު ފިޔަވައި، އެކަލޭގެފާނުގެ ތިމާގެ މީހުންނާއި، ބަފައިފުށުގެ ބޮޑުބޭބެއިން ވާހަކަދެއްކެވީ މަޑުމައިތިކޮށެވެ. އެހެން ނަމަވެސް، أبو لهب ވާހަކަދެއްކީ އިޙްތިރާމް ކުޑަކޮށް އިންޒާރު ދެމުންނެވެ. އޭނާ ބުންޏެވެ. "އޭ عبدالمُطَّلب ގެ ދަރިންނޭވެ! އެކަލޭގެފާނު ހުއްޓުވާށެވެ؛ އެހެން މީހުން އެކަލޭގެފާނުގެ އަތް ބަނދެ ހުއްޓުވުމުގެ ކުރިންނެވެ. އެކަލޭގެފާނު ވިދާޅުވާ އެއްޗެއް މިއަދު ތިޔަބައި މީހުން ޤަބޫލުކޮށްފި ނަމަ، ކަލޭމެން ބޭޒާރުވެ އަގުވެއްޓޭނެ އެވެ. ކަލޭމެން އެކަލޭގެފާނު ޙިމާޔަތްކުރުމަށް އުޅެފި ނަމަ، ކަލޭމެން އެންމެން މަރާލެވޭނެ އެވެ". އަބޫ ލަހަބަށް ރައްދުދިނުމުގެ ގޮތުން، ރަސޫލާގެ ބޮޑުބޭބޭފުޅު أبو طالب ގެފާނު ވިދާޅުވި އެވެ. "އޭ އަހަރެންގެ އަޚާ އެވެ. އަހަރެންގެ އަޚާގެ ދަރިކަލުންނާއި، އެކަލޭގެފާނުގެ ދީނާ ނުބެހި ދޫކޮށްލުމަކީ ތިބާ އަށް ކުރެވިދާނެ ކަމެއް ހެއްޔެވެ؟ ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މިއަދުގެ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، ޢަބްދުލްމުއްޠަލިބުގެ ދަރިފަސްކޮޅުން ރަސޫލަކު ވަޑައިގަންނަވާނެ އެވެ. އެ ރަސޫލަކީ މިއީ އެވެ".

أبو طالب ގެފާނުގެ މި ބަސްފުޅާ އެކު ވެސް، أبو لهب އޭނާގެ މުޑުދާރު ވާހަކަދެއްކުން ކުރިޔަށް ގެންދިޔަ އެވެ. أبو طالب ގެފާނު ދެކެ أبو لهب ވަރަށް ބޮޑަށް ރުޅިއައިސްގެން ބުންޏެވެ. "އޭ މިހިރަ ފިނޑިޔާ އެވެ! ހުވާކޮށްފައި ބުނަމެވެ. އަހަރެމެން ދިރިތިބިހާ ހިނދަކު ތިމަންމެންނަކީ އެކަލޭގެފާނުގެ އެހީތެރިންނެވެ. އަދި ޙިމާޔަތްތެރިންނެވެ.". أبو طالب ގެފާނު رَسُوْلُ اللهِ ﷺ އާ ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވި އެވެ. "އޭ އަހަރެންގެ އަޚާގެ ދަރިކަލުންނޭވެ! ކަލޭގެފާނުގެ ربُّ އަށް އީމާންވުމަށް މީސްތަކުންނަށް ދަޢުވަތު ދެއްވުމަށް ބޭނުންފުޅުވުމުން އަޅުގަނޑުމެންނަށް އަންގަވާލައްވާށެވެ؛ ހަތިޔާރާ އެކު ކަލޭގެފާނާ އެކު ތިބޭނަމެވެ". އޭގެ ފަހުން، ކާއިނާތުގެ ފަޚްރު ކަމުގައިވާ رَسُوْلُ اللهِ ﷺ ވާހަކަފުޅު ދައްކަވަން ފެއްޓެވި އެވެ. "އޭ عبدالمطّلب ގެ ފިރިހެން ދަރިންނޭވެ! ތިމަންކަލޭގެފާނު މި ގެނެސްދެއްވި ދީނަށް ވުރެ މަތިވެރި އަދި ފައިދާހުރި އެއްޗެއް ގެނެސްދިން އެހެން ޢަރަތްބަކު ނުވާ ކަމަށް ތިމަންކަލޭގެފާނު ﷲ ގަންދީ ހުވާކުރައްވަމެވެ. މި ދީނަކީ ތިޔަބައި މީހުންގެ ދުނިޔަވީ ދިރިއުޅުމަށް ވެސް އަދި އާޚިރަތަށް ވެސް ރަނގަޅު ދީނެވެ. ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ދަޢުވަތު މި ދެއްވަނީ، ކިޔާލަން ފަސޭހަ އަދި ތިލަފަތުގައި ބަރުދަން ހުރި ދެ ކަލިމަ ކިޔުމަށެވެ. އެއީ، ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި، ތިމަންކަލޭގެފާނަކީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވުމެވެ. ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، ޔިޔަބައި މީހުންނަށް މި ދީނަށް ދަޢުވަތު ދެއްވުމަށެވެ. އެހެންކަމުން، ތިޔަބައި މީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކޮށް މި ދުނިޔޭގައި ތިމަންކަލޭގެފާނަށް އެހީވެރިވާނީ ކޮން ބައެއް ހެއްޔެވެ"؟ އެހެން حديث ކުރެއްވުމުން އޭގެ ތެރެއިން އެކަކު އެކައްޗެއް ވެސް ނުބުންޏެވެ؛ އެ އެންމެން ވެސް އިސްދަށަށް ޖަހާލި އެވެ. رَسُوْلُ اللهِ ﷺ ގެ މި ބަސްކޮޅު ތިން ފަހަރު ތަކުރާރުކުރެއްވި އެވެ. ކޮންމެ ފަހަރަކު، علي ގެފާނު ތެދުވެ ވަޑައިގަންނަވައެވެ. ތިން ފަހަރު، علي ގެފާނު ވިދާޅުވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. އަޅުގަނޑަކީ މި އެންމެންގެ ތެރެއިން އެންމެ ހަނގު ކުއްޖާ އަށް ވިޔަސް، އަޅުގަނޑު ކަލޭގެފާނަށް އެހީތެރިވާނަމެވެ". އެއަށް ފަހު رَسُوْلُ اللهِ ﷺ علي ގެފާނުގެ އަތްޕުޅު ގައި ހިއްޕެވި އެވެ. ލިބުނު ޙައިރާން ކަމުގައި، އެހެން މީހުން ގޮސްފި އެވެ.

އެކަލޭގެފާނުގެ ތިމާގެ މީހުންގެ ފަރާތުން މި ފެނުނު ކަންތައްތަކުގެ ސަބަބުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. އެހެން ނަމަވެސް، މާޔޫސްވެ ވަޑައިނުގެން، އެ މީހުން ނަރަކައިން މިންޖުކުރައްވައި، ދަރުމަ ހޯއްދަވައިދެއްވުމަށް ޓަކައި، އެ މީހުންނަށް ދަޢުވަތު ދެއްވުން ކުރިޔަށް ގެންދެވި އެވެ.

"އޭ ބޮޑުބޭބެ އެވެ! ތިމަންކަލޭގެފާނުގެ ކަނާތްޕުޅަށް އިރު އަދި ވާތްޕުޅަށް ހަނދު ދީފައި، (‏އެބައި މީހުން ކޮންމެ ކަމެއް ވަޢުދުވިޔަސް)‏ ތިމަންކަލޭގެފާނު މި ދީން ދޫކޮށްނުލައްވާނަމެވެ. އަދި މީސްތަކުންނަށް މި ދީނަށް ގޮވާލެއްވުން ހުއްޓައެއް ނުލައްވާނަމެވެ. އެއް ގޮތަކީ، الله تعالى މި ދީން މުޅި ދުނިޔެ އަށް ފެތުރުއްވުމެވެ. އޭރުން ތިމަންކަލޭގެފާނުގެ ވާޖިބު އަދާވީއެވެ؛ ނުވަތަ މި ގޮތުގައި ތިމަންކަލޭގެފާނުގެ ޙަޔާތް ޤުރުބާންކުރެއްވުމެވެ".
الرسول محمّد (‏صلّى الله عليه وسلّم)‏

بعثة އަށް ހަތަރު ވަނަ އަށް ވީ އަހަރު، سورة الحجر ގެ 94 ވަނަ އާޔަތް ބާވައިލެއްވި އެވެ. فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ * (‏سورة الحجر: 94)‏މާނައީ:"ފަހެ، ކަލޭގެފާނަށް أمر ކުރައްވާ ގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ"! އެއާ އެކު، رَسُوْلُ اللهِ ﷺ ފާޅުގައި މައްކާ މީހުންނަށް އިސްލާމް ދީނަށް ގޮވާލައްވަން ފެއްޓެވި އެވެ. ޞަފާ ފަރުބަދަ އަށް އަރާ ވަޑައިގެން حديث ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނުގެ އަހުލުންނޭވެ! ތިޔަބައި މީހުން ތިމަންކަލޭގެފާނުގެ ކިބައިން އެއްވެސް ދޮގެއް އަޑުއެހިން ހެއްޔެވެ"؟ އެބައި މީހުން އެންމެން އެކީ ޖަވާބުދިނެވެ. "ނޫނެކެވެ. އަޅުގަނޑުމެން ނައަހަމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަށް الله تعالى ރަސޫލުކަން ދެއްވައި ތިޔަބައި މީހުން ގާޓަށް ފޮނުއްވި އެވެ". ދެން އެއަށް ފަހު ސޫރަތުލް އަޢުރާފުގެ 158 ވަނަ އާޔަތް ކިޔަވާވިދާޅުވި އެވެ. قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ * (‏سورة الأعراف: 158)‏މާނައީ:"ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި رسول އާ އެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެ އަށް މިލްކުވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. ދިރުއްވަނީ ވެސް އަދި މަރުގަންނަވަނީ ވެސް، އެކަލާނގެ އެވެ". އަޑުއަހަން ތިބި މީހުންގެ ތެރޭގައި ހުރި أبو لهب ދީން ޤަބޫލުނުކުރުމަށް ގަދަފައިފިއްދައި ބާރަކަށް ހަޅޭލަވައިގަތެވެ. "އަހުރެންގެ އަޚާގެ ދަރިކަލުން މޮޔަފުޅުވެއްޖެ އެވެ. އަހަރެމެންގެ ކަލާނގެތަކަށް އަޅުކަންނުކުރާ އަދި އަހަރެމެންގެ ދީނުގައި ނެތް މީހަކު ދައްކާ ވާހަކަތައް އަޑުނާހާށެވެ". އެތާ ތިބި މީހުން ގޮސްފި އެވެ. އަދި އެއްވެސް މީހަކު އިސްލާމް ދީން ޤަބޫލެއް ނުކުރި އެވެ. رَسُوْلُ اللهِ ﷺ އަކީ އިތުބާރުކުރެވޭ، އަދި މަތިވެރި އަޚްލާޤެއްގެ ފަދަ ބޭފުޅެއް ކަން އެ މީހުންނަށް އެނގޭ އިރު ވެސް، އެ މީހުން އެކަލޭގެފާނަށް ފުރަގަސްދިނެވެ. އަދި ޢަދާވަތްތެރި ވިއެވެ.

އެހެން ދުވަހެއް ގައި. އަމުރު މަޢުރޫފު ހިންގެވުމަށް އެކަލާނގެ އަމުރުކުރެއްވުމުން، ޞަފާ ފަރުބަދަ އަށް އަރާވަޑައިގެން ބާރު އަޑުފުޅަކުން حديث ކުރެއްވި އެވެ. "އޭ ޞަޙާބީންނޭވެ! މި ތަނަށް އައިސް ޖަމާވާށެވެ؛ ތިމަންކަލޭގެފާނު ދެއްވަން އޮތް މުހިއްމު ޚަބަރެއް އެބައޮތެވެ".20މި ދަޢުވަތާ އެކު ޤަބީލާތަކުގެ މީހުންތައް ދުވަމުން އަތުވެއްޖެ އެވެ. ވެގެން އުޅޭ ގޮތެއް ބަލަން އެ މީހުން އިންތިޒާރުގައި ތިއްބެވެ. ނާދެވުނު މީހުން ވެސް، ވީ ގޮތެއް ބެލުމަށް، އެ މީހުންގެ އަޅުން ފޮނުވިއެވެ. އެ ތަނަށް އެއްވެ ތިބި ބަޔަކު رَسُوْلُ اللهِ ﷺ ގެ އަރިހުގައި ދެންނެވި އެވެ. "އޭ محمّدލް އަމީނެވެ! ކަލޭގެފާނު އަޅުގަނޑުމެން އެއްކުރެއްވީ ކީއްވެގެން ތޯ އެވެ؟ ދެއްވަން އޮތް ޚަބަރަކީ ކޮބައި ތޯ އެވެ"؟ ދެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ޤުރައިޝުންގެ ޤަބީލާތަކުގެ މީހުންނޭވެ! ތިމަންކަލޭގެފާނާއި ތިޔަބައި މީހުންނާ ދެމެދުގައި ވާ ޙާލަތުގެ މިސާލަކީ، ޢަދާވާތްތެރިން އަންނާތީ، އޭނާ އަށް ވުރެ ކުރިން އޭނާގެ ޢާއިލާ އާ ހަމައަށް ޢެ ޢަދާވާތްތެރިން ފޯރަފާނެ ކަމުގެ ބިރުވެރި ކަމުގައި، އޭނާގެ ޢާއިލާ އަށް ޚަބަރު ދިނުމަށް 'އޭ ޞަބާޙާ'އޭ ގޮވަމުން ދާ މީހެއްގެ މިސާލެވެ. އޭ ޤުރައިޝުންގެ މީހުންނޭވެ! އެހެރަ ފަރު ބަދައިގެ ބިއްދޮށު ގައި ޢަދާވާތްތެރިންގެ ލަޝްކަރެއް ޙަމަލަދިނުމަށް ތައްޔާރަށް އެބަ ތިއްބޭ ތިމަންކަލޭގެފާނު حديث ކުރައްވައިފި ނަމަ، ތިޔަބައި މީހުން ޤަބޫލުކުރާނަން ހެއްޔެވެ؟" އެ މީހުން ޖަވާބު ގައި ބުނޫ އެވެ. "އާދޭހެވެ. އަޅުގަނޑުމެން ޤަބޫލުކުރާނަމެވެ. އެހެނީ މިހާތަނަށް ކަލޭގެފާނުގެ ކިބައިން ތެދުވެރިކަން ނޫނީ ފެނިފައެއް ނުވެއެވެ. ކަލޭގެފާނު އިތުރުފުޅު ހައްދަވަނިކޮށް އަޅުގަނޑުމެންނަށް ފެނިފައެއް ނުވެއެވެ".

އެއަށް ފަހު، ކޮންމެ ޤަބީލާއެއްގެ ނަން حديث ކުރެއްވުމަށް ފަހު "އޭ ހާޝިމްގެ ދަރިންނޭވެ! އޭ ޢަބްދުލް މަނާފުގެ ފިރިހެން ދަރިންނޭވެ"! މިހެން ހަދީޘްކުރެއްވި އެވެ. "ޔަޤީނުން ވެސް އަންނާން އޮތް ބޮޑު ޢަޒާބުގެ ޚަބަރު ދެއްވަނީ ތިމަންކަލޭގެފާނެވެ. އާޚިރަތުގެ ޢަޒާބުގެ ވާހަކައިން ތިމަންކަލޭގެފާނުގެ ތިމާގެ މީހުން ބިރުގެންނެވުމަށް الله تعالى އަމުރުކުރެއްވި އެވެ. لا إله إلّا الله وحده لا شريك له وأنّني رسوله ކިޔުމަށް ފަހު އިސްލާމްވުމަށް ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ދަޢުވަތު ދެއްވަމެވެ. ތިޔަބައި މީހުން އެ ގޮތަށް އީމާން ވާ ނަމަ، ތިޔަބައި މީހުން ދާނީ ސުވަރުގެއަށެވެ. لا إله إلّا الله މިހެން ނުކިޔާހާ ހިނދަކު ތިމަންކަލޭގެފާނަކަށް ތިޔަބައި މީހުންނަށް މި ދުނިޔޭގައި އެހީތެރިވެ އަދި އާޚިރަތުގައި ޝަފާޢަތްތެރިކަމެއް ނުދެވޭނެ އެވެ". އަޑުއަހަން ތިބި ޤަބީލާތަކުގެ މީހުންގެ ތެރެއިން أبو لهب ބުންޏެވެ. "ކަލޭގެފާނު ތިމަންމެން އެއްކުރެއްވީ މިހެން ވެގެން ހެއްޔެވެ"؟ އެއާއެކު، ބިންމަތިން ގާބުރިއެއް ނަގައި رَسُوْلُ اللهِ ﷺ އާ ދިމާލަށް އެއްލައިފި އެވެ. އެތާ ތިބި އެހެން މީހުންގެ ފަރާތުން އެފަދަ ދެކޮޅުހެދުމެއް ކުރިމަތި ނުވެ، އެކަކު އަނެކަކާ ވާހަކަދައްކަމުން އެންމެން ނުކުމެއްޖެ އެވެ".21

އެބައި މީހުން ތިމަންކަލޭގެފާނުގެ ކަނާތްޕުޅަށް އިރު ދިނަސް

ދީނަށް ގޮވާލެއްވުމުގެ މި ދަޢުވަތުތަކަށް ފަހު، رَسُوْلُ اللهِ ﷺ އަށް މީހަކު ނުވަތަ ބަޔަކު ފެންނަ ކޮންމެ ތާކުން އިސްލާމް ދީނަށް ގޮވާލައްވަމުން ގެންދެވި އެވެ. އެކަލޭގެފާނު حديث ކުރައްވަމުން ގެންދެވީ، ޙަޤީޤީ މިންޖުވުން އޮތީ الله تعالى އަށް އީމާންވެ ހަވާ ނަފްސުގެ އެދުންތަކަށް ނުހެއްލި، އަނިޔާވެރިވުމާއި، ބޭއިންޞާފުވުމާއި، ހުރިހާ ވައްތަރެއްގެ ނުބައި ކަންތައްތަކުން ދުރުވެގެންނެވެ. އެދުންވެރިކަމާއި، ހަވާ ނަފްސަށް ހެއްލިގެންދިޔަ މީހުން، ބަލިކަށި މީހުންނަށް އަނިޔާވެރިވެ، ފާޖިރުކަމުގައި ހައްދުން ނައްޓައިގެން ދިޔަ މީހުން އިސްލާމް ދިޔައީ ދީނަށް ވަންނަން އިންތިހާ އަށް ދެކޮޅުހަދަމުންނެވެ. އެބައި މީހުން ހުރިހާ ފާސިދު ޢަމަލުތަކަށް ނިމުމެއް ގެނެވޭނެ ކަން އެނގިގެން ދިއުމާ އެކު، محمّد (‏صلّى الله عليه وسلّم)‏ ގެ ދަޢުވަތު އެ މީހުން ޤަބޫލެއް ނުކުރި އެވެ. އެބައި މީހުން ވެގެންދިޔައީ، رَسُوْلُ اللهِ ﷺ އާއި، އީމާންވީ މީހުންގެ ޢަދުއްވުންނަށެވެ.

އެންމެ ފުރަތަމަ މުޝްރިކުން ދިޔައީ އިސްލާމް ދީނަށް ހަޖޫޖަހަމުންނެވެ. ދެން، އެ މީހުން ނިންމީ އެމީހުން ކުރަމުން ދިޔަ ޕްރެޝަރާއި، އަނިޔާތައް އިތުރުކުރުމަށެވެ. އެ މީހުން ބޭނުންވީ، އިސްލާމްވީ މީހުންނަށް އަނިޔާދީ، އިސްލާމް ދީން ނައްތާލުމަށެވެ. އެ މީހންގެ ވެރިންނަށް ތިބީ، أبو جهل އާއި، عُتبة، شيبة އާއި، أبو لهب އާއި، عُقبة بن أبي مُعيت އާއި، عاص بن وائل އާއި، أسود بن مط!لب އާއި، أسود بن عبد يغوث އާއި، ވوليد بن مُغيرة އެވެ.

އެއް ދުވަހަކު، عُتبة އާއި، شيبة އާއި، أبو جهل އާ ތިން މީހުން أبو لهب ކައިރީ ގައި ބުނޫއެވެ. "ތިބާ އަކީ އަހަރެމެންގެ ތެރޭގައި ދޮށީ މީހާ އެވެ. އަހަރެމެން އަބަދު ވެސް ތިބާ އަށް އިޙްތިރާމްކޮށް ޤަދަރުކުރަމު އެވެ. މިހާރު ތިބާގެ ކޮއްކޮގެ ދަރިކަލުން އާ ދީނެއް ފައްޓަވައިފި އެވެ. އެކަލޭގެފާނު އަހަރެމެންގެ ބުދުތަކަށް އިހާނެތިކުރައްވައި، ކުފުރުގެ އިލްޒާމް އަޅުއްވައެވެ. އެކަލޭގެފާނަށް ނަސޭހަތް ދޭށެވެ. އެކަލޭގެފާނު އެ ކުރައްވަމުން ގެންދަވާ ކަންތައް ދޫކޮށްލެއްވުމަށް ބާރުއަޅުއްވާށެވެ. އެކަން ނުހުއްޓައިފި ނަމަ އެ ކަމާ ކަންތައް ކުރަންވީ ގޮތް އަހަރެމެންނަށް އެނގެއެވެ. أبو طالب ގެފާނު، އެ މީހުން ހަމައަކަށް އަޅުއްވައި، އެ މީހުން އަނބުރާ ފޮނުއްވައިފި އެވެ. މިކަން ހިނގިކަން أبو طالبގެފާނު رَسُوْلُ اللهِ ﷺ އަށް ނާނަގަވައި ވަންހަނާކުރެއްވި އެވެ. އެއީ، އެ ކަމާ އެކަލޭގެފާނު ހިތްބުރަކުރައްވަފާނެތީ އެވެ. ދުވަސްގަނޑެއް ފަހުން، އަނެއްކާ ވެސް މުޝްރިކުން އެއްވެ، أبو طالب ގެފާނުގެ އަރިހަށް އައިސް ބުނެފޫއެވެ. "ކުރިން ވެސް އަޅުގަނޑުމެން ކަލޭގެފަނުގެ އަރިހަށް އައިސް، ކަން އޮތް ގޮތުގެ ވާހަކަ ދެއްކީމެވެ. ކަލޭގެފާނު އަޅުގަނޑުމެން ދެއްކި ވާހަކަ އަޑުނޭއްސެވީމުއެވެ. އެކަލޭގެފާނު އަދިވެސް އަހަރެމެންގެ ބުދުތަކާ ބެހޭގޮތުން އިހާނެތިކޮށް ވާހަކަދައްކަވަނީ އެވެ. އަޅުގަނޑުމެންގެ ކިބައިގައި މިހާރު ދެން އެއްވެސް ކެތްތެރިކަމެއް ނެތެވެ. ތި ދެ ބޭފުޅުންނާ ދެކޮޅަށް އަހަރެމެންގެ އެންމެ ފަހު ލޭތިއްކަށް ދާންދެން ހަނގުރާމަކުރާނަމު އެވެ. މައްކާ ގައި އެކަލޭގެފާނު ނުވަތަ އަހަރެމެންގެ ދުވަސް ދާނީއެވެ". އެ މީހުން މައިތިރިކުރެއްވުމަށް أبو طالب ގެފާނު މަސައްކަތް ކުރެއްވިޔަސް، އެ މީހުންގެ ހަރުކަށިކަމާއި، ގޮތްދޫނުކުރުން ދުލެއް ނުކުރި އެވެ".22

رَسُوْلُ اللهِ ﷺ ހިތްހަމަޖެހިވަޑައިގަންނަވަން أبو طالب ގެފާނު ބޭނުންފުޅެއް ނުވިއެވެ. އަދި ހަމަ އެއާއެކު، އެބޭކަލުންނާ އެބޭކަލުންގެ ޤަބީލާއާ ދެމެދު ޢަދާވާތްތެރިކަން ބާއްވަވަން ވެސް އެކަލޭގެފާނު ބޭނުންފުޅެއް ނުވި އެވެ. أبو طالب ގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. "އޭ މުޙައްމަދެވެ! އަހަރެމެންގެ ޤަބީލާގެ އެންމެން ކަލޭގެފާނަށް ޢަދާވާތްތެރިވުމުގައި އެ ތިބީ އެއްގަލަކަށް އަރައިގެންނެވެ. އަދި ތިމަންކަލޭގެފާނާ ހަމައަށް އައިސް ޝަކުވާކޮށްފި އެވެ. ތިމާގެ މީހުންގެ މެދުގައި ޢަދާވާތްތެރިކަން ބޭއްވުމަކީ ރަނގަޅު ކަމެއް ނޫނެވެ. ކަލޭގެފާނު އެބައި މީހުންނާ ދިމާލަށް ކާފަރުންނޭ حديث ކުރައްވައި، އެބައިމީހުން ތިބީ ގޯސް މަގުގައޭ حديث ކުރައްވާކަށް އެބައިމީހުން ބޭނުމެއް ނުވެއެވެ". މިހެން ވިދާޅުވުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނުގެ ބޮޑުބޭބެ އެވެ! އެބައިމީހުން ތިމަންކަލޭގެފާނުގެ ކަނާތްޕުޅަށް އިރު ދީފައި، ވާތަށް ހަނދު ދިނަސް، ތިމަންކަލޭގެފާނު މި ދީން ދޫކޮށް، މީސްތަކުން މި ދީނަށް ގޮވާލެއްވުން ހުއްޓަވައެއް ނުލައްވާނަމެވެ. އެހެންޏާ ، މުޅި الله تعالى ދުނިޔެއަށް މި ދީން ފެތުރުއްވުމުން ތިމަންކަލޭގެފާނުގެ ވާޖިބު ފުރިހަމަވީ އެވެ؛ ނުވަތަ މި ގޮތުގައި ތިމަންކަލޭގެފާނުގެ ޙަޔާތް ޤުރްބާންކުރައްވާނީ އެވެ". މިހެން حديث ކުރައްވާފައި ތެދުވެ ވަޑައިގެންނެވި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ލޯފުޅު ކަރުނައިން ތެމިގެންދިޔަ އެވެ.

رَسُوْلُ اللهِ ﷺ ހިތްހަމަޖެހިވަޑައިގަތްނުގަތް ކަން ފެނިވަޑައިގަތުމުން، އެހެން ނުދެންނެވުނު ނަމައޭ أبو طالب ގެފާނު ހިތްޕުޅަށް އެރިއެވެ. އަދި އެކަލޭގެފާނާ ބަޣަލްގީރުކުރައްވާ ވިދާޅުވި އެވެ. "އޭ އަޅުގަނޑުގެ ކޮއްކޮގެ ދަރިފުޅާ އެވެ! ކަލޭގެފާނުގެ ގޮތުގައި ކުރިޔަށް ވަޑައިގަންނަވައި، ބޭނުންފުޅުވާ ކަންތައް ކުރައްވާށެވެ. އަޅުގަނޑު ދުނިޔޭގައި ހުރިހާ ހިނދަކު އަޅުގަނޑު ކަލޭގެފާނު ޙިމާޔަތްކުރާނަމެވެ".23

ކާފަރުންގެ އިސް 10 މީހުންނަށް، أبو طالب ގެފާނު ގެންދަވަނީ رَسُوْلُ اللهِ ﷺ ޙިމާޔަތްކުރައްވަމުންކަން ރޭކާލުމާ އެކު، އެމީހުންނާ އެކު عمارة بن وليد ގެންގޮސް أبو طالب ގެފާނުގެ އަރިހަށް ގޮސްފި އެވެ. އެ މީހުން ހުށަހެޅީ ޤަބޫލުނުކުރެވޭނެ ފަދަ ހުށަހެޅުމެކެވެ. "އޭ أبو طالب އެވެ! ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މި ޢުމާރާ އަކީ، މައްކާގެ ޒުވާނުންގެ ތެރޭގައި ހުރި އެންމެ ރިވެތި، އަޚްލާޤު ރަނގަޅު އަދި އެންމެ ބާރުގަދަ ޒުވާނާ އެވެ. އޭނާ އަކީ ޅެންވެރިއެއް ވެސް މެއެވެ. އޭނާ ކަލޭގެފާނަށް ވެދުމަށް އަރުވާފާނަމެވެ. އޭރުން ކަލޭގެފާނު އޭނާ ކަލޭގެފާނުގެ ވިޔަފާރީގައި ބޭނުންކުރާއްވާނީ އެވެ. ބަދަލުގައި އަޅުގަނޑުމެންނަށް محمّدގެފާނު ދެއްވާށެވެ. ދެން އަޅުގަނޑުމެން އެކަލޭގެފާނު މަރާލަފާނަމެވެ. ފިރިހެނަކަށް ފިރިހެނެކެވެ! ކަލޭގެފާނު އިތުރަށް ބޭނުންފުޅުވަނީ ކޮން ކަމެއް ތޯ އެވެ"؟ މި މީހުން މި ބީދައިން ވާހަކަދެއްކުމުން أبو طالب ގެފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފި އެވެ. އަދި ވިދާޅުވިއެވެ. "ފުރަތަމަ އަހުރެންނަށް ކަލޭމެންގެ އަމިއްލަ ފިރިހެން ދަރިން ދޭށެވެ. ތިމަންނަ އެ މީހުން ޤަތުލުކުރާނަމެވެ. ދެން އޭގަފަހުން އަހަރެންގެ ކޮއްކޮގެ ދަރިކަލުން ޙަވާލުކުރާނަމެވެ". މި ހިސާބުން ޙާލަތުގެ ނުރައްކާތެރިކަން މުޝްރިކުންނަށް ވިސްނި، أبو طالب ގެފާނަށް ދެންނެވި އެވެ. "އެކަމަކު އަޅުގަނޑުމެންގެ ފިރިހެން ދަރިން، އެކަލޭގެފާނު ކުރައްވާހާ ކަމެއް ނުކުރެއެވެ...." أبو طالب ގެފާނު ވިދާޅުވި އެވެ. "އަހުރެން ހުވާކޮށްފައި ބުނަމެވެ. އަހުރެންގެ ކޮއްކޮގެ ދަރިކަލުން ކަލޭމެންގެ ހުރިހާ ފިރިހެން ދަރިންނަށް ވުރެ މަތިވެރިވެގެން ވެއެވެ. ވީމާ، ކަލޭމެންގެ ފިރިހެން ދަރި އަހުރެންނާ ޙަވާލުކޮށް އޭނަ ގެންގުޅެންވީ އެވެ. ކަލޭމެން އަހުރެންގެ ކޮއްކޮގެ ލޯބިވާ ދަރިކަލުން ގެންގޮސް ގަތުލުކޮށްލަންވީ އެވެ! އަންހެން ޖަމަލެއް ވެސް އޭތީގެ ދަރިން ފިޔަވައި އެހެން ޖަމަލެއް ޙިމާޔަތްކުރާކަށް ބޭނުމެއް ނުވާނެ އެވެ. ކަލޭމެން ތި ހުށަހަޅާ ގޮތަކީ އެއްގޮތަކަށް ވެސް ބުއްދި ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. އަދި މަންޠިޤީ ގޮތުން ޤަބޫލުކުރެވޭ ފަދަ ކަމެއް ނޫނެވެ. މިހާރު މިކަން މި ވަނީ އަމިއްލަ ކޮންޓްރޯލުން ނައްޓާފައެވެ. އަހަރެންގެ ކޮއްކޮގެ ދަރިކަލުން محمّد (‏صلّى الله عليه وسلّم)‏ ގެ ޢަދާވާތްތެރިޔަކީ، އަހުރެންގެ ވެސް ޢަދުއްވެވެ. މިކަން ދަންނެ ތިބެ ކަލޭމެން ކުރާ ކަމެއް ކުރާށެވެ"!24 މުޝްރިކުން ތެދުވެ، ރުޅިވެރިކަމާ އެކު އެތަނުން ހިނގައްޖެ އެވެ. أبو طالب ގެފާނު ވަގުތުން هاشم އާއި، عبدالمطّلب ގެ ދަރިން އެއްކުރައްވައިފި އެވެ. ވެގެން އުޅޭގޮތް އެކަލޭގެފާނު އެ މީހުންނަށް ކިޔައިދެއްވައި، رَسُوْلُ اللهِ (‏صلّى الله عليه وسلّم)‏ އަށް އެހީތެރިވުމަށް އެ އެންމެން އެއްބަސްކުރުވައިފި އެވެ. رَسُوْلُ اللهِ ﷺ އަވަހާރަކޮށްލަން މަސައްކަތްކުރަމުންދިޔަ މީހުން ބައިބައިވެގެން ދިޔައެވެ. މި ކަމުގައި އެ މީހުން މުޝްރިކުންނާ ދެކޮޅަށް އެއްބައިވަންތަވި އެވެ. މިކަމުގައި އެ މީހުންނާ ނުގުޅެނީ أبو لهب އެކަންޏެވެ. أبو طالب ގެފާނު އެ މީހުންނަށް ވިދާޅުވި އެވެ. "އޭ ހިތްވަރުގަދަ މީހުންނޭވެ! މާދަމާ ތިއިން ކޮންމެ މީހަކު ވެސް ކަނޑި އުރަޔަށް ލައިގެން އަހަންނާ އެކު އަންނާށެވެ"! ޖެހިގެން އައި ދުވަހު أبو طالب ގެފާނު رَسُوْلُ اللهِ ﷺ ގެ ގެކޮޅަށް ވަޑައިގަތެވެ. އެންމެން އެކުގައި ހިންގަވާފައި الحرمُ الشَّريف އާ ދިމާލަށް ހިންގަވާފައި ވަޑައިގަތެވެ. ހާޝިމްގެ ފިރިހެން ދަރިންގެ ޒުވާނުން އެ ބޭކަލުންނާ އެކު ގައި ދިޔައެވެ. އެ ބޭކަލުން ގެފުޅާ ހަމަޔަށް ވަޑައިގެންފައި، މުޝްރިކުންގެ ކުރިމަތީގައި ހުއްޓި ވަޑައިގަތެވެ. أبو طالبގެފާނު މުޝްރިކުންނަށް ވިދާޅުވި އެވެ. "އޭ ޤުރައިޝު ވަންހައިގެ މީހުންނޭވެ! ތިޔަބައި މީހުން، އަހުރެންގެ ކޮއްކޮގެ ދަރިކަލުން އަވަހާރަކޮށްލަން ނިންމި ވާހަކަ އަހުރެން އަޑުއަހައިފީމެވެ. އަހުރެންގެ ފަހަތުގައި ކަނޑީގައި އަތުން ހިފަހައްޓައިގެން މި ތިބަ ޒުވާނުން އެ ތިބީ އަހުރެންގެ އިޝާރާތަކަށް ބަލަބަލައި ކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟ އަހުރެން ހުވާކޮށްފައި ބުނަމެވެ. ކަލޭމެން محمّدގެފާނު ޤަތުލުކޮށްފި ނަމަ، ތިއިން އެކަކު ވެސް ދިރިހުރިޔަކަ ނުދޭނަމެވެ". ދެން، رَسُوْلُ اللهِ ﷺ އަށް ތަޢުރީފު ކުރައްވައި ޅެން ކިޔުއްވަން ފައްޓަވައިފި އެވެ. މިހެން ވިދާޅުވުމާ އެކު، އެ ތާނގައި ތިބި މުޝްރިކުން އަވަސް އަވަހަށް އެ ތަން ދޫކޮށް ރައްކާވެއްޖެ އެވެ. އެންމެ ފުރަތަމަ އެ ތަނުން ދިޔައީ أيو جهل އެވެ.