ލޮބުވެތި ރަސޫލާ

އަނިޔާކުރުމާއި، ހަރުކަށިކަން

"އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! ތިމަންކަލޭގެފާނަށް އަޑުއަހާށެވެ! ތިމަންކަލޭގެފާނުގެ ވުޖޫދުކުރެއްވި الله تعالى ގަންދީ ހުވާކޮށްފައި ޙަދީޘްކުރައްވަމެވެ. ތިމަންކަލޭގެފާނަށް ޚަބަރުކުރެވިފައިވާ ގޮތުގައި ތިޔަބައި މީހުންނަކީ، ނިކަމެތިކުރައްވާނެ ބައެކެވެ".
އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ محمّد (‏صلّى الله عليه وسلّم)‏

މިހާރު، މުޝްރިކުންނަށް رَسُوْلُ اللهِ ﷺ ގިނިކަންޏާ ފެންނަ ކޮންމެ ފަހަރަކު އެކަލޭގެފާނަށް ޙަމަލަދީ، ހުތުރު އެއްޗެހި ކިޔައި، އެކަލޭގެފާނުގެ ހަށިކޮޅު ގައި ޖަހަން ވެސް މަސައްކަތް ކުރެއެވެ. އަދި ހަމަ އެހެންމެ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އަނިޔާކުރާކަށް ވެސް އެ މީހުން ޖެހިލުމެއް ނުވެއެވެ. އެއް ދުވަހަކު، މުޝްރިކުންގެ ބޮޑުން ތިބީ ގެފުޅުގެ ކައިރީ ގައި އިށީނދެގެންނެވެ. އެ މީހުން رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން ވާހަކަދައްކަން ފަށައިފި އެވެ. ތިމަންމެން އެކަލޭގެފާނަށް ކެތްކޮށްފީމުއެވެ. އެކަލޭގެފާނު ވިދާޅުވަނީ އަހަރެމެންނަކީ ގޯސްބައެއް ކަމަށެވެ؛ އެކަލޭގެފާނު އަހަރެމެންގެ ކަލާނގެތަކަށް ހުތުރު އެއްޗެހި ކިޔުއްވައި، އަހަރެމެންގެ ދީން ކުށްވެރިކުރައްވައި، އަހަރެމެންގެ މުޖްތަމަޢު ބައިބައި ކުރައްވައެވެ. އެކަމަކު ވެސް އަހަރެމެން މި ތިބެނީ އެކަމަށް ކެތްކޮށްގެން މަޑުންނެވެ". އެ ވަގުތު، رَسُوْلُ اللهِ ﷺ ގެފުޅަށް ޒިޔާރަތްކުރައްވައިފި އެވެ. އެކަލޭގެފާނު حجرُ الأسود ގައި ބޮސްދެއްވައި طواف ކުރައްވަން ފެއްޓެވި އެވެ. މުޝްރިކުން ކައިރިން رَسُوْلُ اللهِ ﷺ ވަޑައިގެންނެވި ވަގުތު އެބައި މީހުން އެކަލޭގެފާނަށް މަލާމާތްކުރަން ފެށިއެވެ. އެ ބަސްތަކުން رَسُوْلُ اللهِ ﷺ އަށް ހިތާމަވެރިކަން ގެނުވި އެވެ. އެކަމަކު އެއްވެސް އެއްޗެކޭ حديث ނުކުރައްވައި، طواف ކުރިޔަށް ގެންދެވި އެވެ. ތިން ވަނަ ފަހަރު އެމީހުން ފަހަނައަޅައި ވަޑައިގަންނަވާފައި حديث ކުރެއްވި އެވެ. "އޭ ޤުރައިޝުންގެ މީހުންނޭވެ! ތިމަންކަލޭގެފާނަށް އަޑުއަހާށެވެ. އެކަލާނގެ ޙަޟްރަތުގައި ތިމަންކަލޭގެފާނުގެ ވުޖޫދުވުން ވާ الله تعالى ގަންދީ ހުވާކުރައްވަމެވެ. ތިމަންކަލޭގެފާނަށް ޚަބަރުކުރައްވާފާ ގޮތުގައި ތިޔަބައިމީހުން ނިކަމެތިކުރެއްވޭނެ އެވެ". ހަދާނެ ގޮތެއް ނޭނގިގެން އެތާ ތިބި މުޝްރިކުން ހަދާނެ ގޮތް ހުސްވެއްޖެ އެވެ. އެބައިމީހުންނަށް އެންމެ ބަހެއް ވެސް އަނގައިން ނުބުނެވުނެވެ. رَسُوْلُ اللهِ ﷺ ގެ އަރިހަށް އަންނަން ކެރުނީ ހަމައެކަނި އަބޫޖަހުލަށެވެ. އައިސް އާދޭސްކޮށް ބުންޏެވެ. "އޭ އަބުލް ޤާސިމް އެވެ! ކަލޭގެފާނަކީ ބީރައްޓެއްސެއް ނޫނެވެ. އަޅުގަނޑުމެންގެ ޙަޔާތްކުޑަ ސުލޫކާ މެދު އަޅާނުލައްވައި، އަޅުކަން ކުރެއްވުމައިގެން ކުރިޔަށް ގެންދަވާށެވެ. ކަލޭގެފާނަކީ އަޅުގަނޑުމެންނާ އެކު އުޅުއްވާނެ ފަދަ ތަންދޮރުނުދަންނަ ބޭކަލެއް ނޫނެވެ". އެއަށް ފަހު رَسُوْلُ اللهِ ﷺ އެތަނުން ވަޑައިގެންފި އެވެ.

ޖެހިގެން އައި ދުވަހު، މުޝްރިކުން ހަމަ އެތަނަށް ޖަމާވި އެވެ. އަނެއްކާ ވެސް رَسُوْلُ اللهِ ﷺ އާ ދެކޮޅަށް ވާހަކަދައްކަން ފެށި އެވެ. އެ ވަގުތު رَسُوْلُ اللهِ ﷺ އެތަނަށް ވަޑައިގެންފި އެވެ. މުޝްރިކުން ކުއްލިއަކަށް رَسُوْلُ اللهِ ﷺ އަށް ޙަމަލާދީފި އެވެ. އެބައިމީހުންގެ ތެރޭގައި ހިމެނޭ އެންމެ ނުބައިކަން ބޮޑު އެކަކު ކަމުގައިވާ عُقبة بن مُغيرة، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ކަރުފުޅު ގައި ހިފައި، رَسُوْلُ اللهِ ﷺ އަށް ނޭވާފުޅުލައްވަން ދަތިފުޅުވާ ވަރަށް ފިތާލައިފި އެވެ. ދެން أبو بكر ގެފާނު އެތަނަށް ވަޑައިގެން رَسُوْلُ اللهِ ﷺ ގެ ދިފާޢު ގައި އެތަނަށް ޖަމާވެތިބި މުޝްރިކުންގެ މައްޗަށް ފުންމާލެއްވި އެވެ. އަދި ހަޅޭލައްވާފައި ވިދާޅުވި އެވެ. "ﷲ އަކީ ތިމަންކަލޭގެފާނު ހެއްދެވި ރަސްކަލާނގެއޭ حديث ކުރައްވާ ބޭކަލަކު ތިޔަބައި މީހުން ޤަތުލުކުރާނަން ހެއްޔެވެ؟ އެކަލޭގެފާނު އާޔަތްތައް ގެނެސްދެއްވީ ޢާލަމްތައް ހެއްދެވި ފަރާތުންނެވެ...". މުޝްރިކުން رَسُوْلُ اللهِ ﷺ ދޫކޮށްލި އެވެ. އަދި أبو بكر ގެފާނަށް ޙަމަލަދޭން ފެށި އެވެ. ނުބއިކަން ބޮޑުވެގެންވާ ޢުޤްބާ ބިން މުޣީރަތު އޭނާގެ ފައިވާނުން أبو بكر ގެފާނުގެ މޫނުކޮޅުގައި ޖަހައި ލޭއޮހޮރުވައިފި އެވެ. އެކަލޭގެފާނުގެ ސިފަގެއްލޭ ވަރަށް އަނިޔާކުރި އެވެ. އެވަގުތު އެ ތަނަށް ތައިމުގެ ފިރިހެން ދަރިން އައިސް އެ މީހުން ދުރުނުކުރި ނަމަ، ތެޅިތެޅީނުން أبو بكر ގެފާނު ޝަހީދުކޮލީހެވެ. އެކަލޭގެފާނުގެ ޤަބީލާގެ މީހުން، އެކަލޭގެފާނުގެ ގެކޮޅަށް ގެންގޮސް އަށްޓެއްގެ މަތީގައި ބާއްވާއިފިއެވެ. އެއާއެކު ވަގުތުން ގެފުޅާ ދިމާލަށް އެނބުރިލާފައި ބުނޫއެވެ. "أبو بكر އަވަހާރަވެއްޖެ ނަމަ، عُتبة ވެސް ޤަތުލުކުރާނެ ކަމަށް އަހަރެމެން ހުވާކުރަމެވެ"! ދެން އެބައިމީހުން أبو بكر ގެފާނުގެ އަރިހަށް ދިޔައެވެ.1

أبو بكر ގެފާނަށް ގިނަ އިރުތަކެއް ވަންދެން ހޭވެރިކަން ނައިސް އޮންނެވި އެވެ. އެކަލޭގެފާނުގެ ބައްޕާފުޅާއި، ބަނީ ތައިމް ވަންހައިގެ މީހުން، އެކަލޭގެފާނަށް ހޭވެރިކަން ގެނައުމަށް ޓަކައި ވަރަށް މަސައްކަތްކުރި އެވެ. އެހެންނަމަވެސް أبو بكر ގެފާނަށް ހޭފުޅުލެއްވީ ހަވީރު ގަޑީގައެވެ. އެކަލޭގެފާނުގެ ލޯފުޅު ހުޅުވާލުމާ އެކު ބަލިކަށި އަޑަކުން މަންމާފުޅު އުއްމު ޚައިރު އަރިހުން އެއްސެވި އެވެ. " رَسُوْلُ اللهِ ﷺ ކުރައްވަނީ ކޮން ކަމެއް ހެއްޔެވެ. އެކަލޭގެފާނުގެ ޙާލުކޮޅު ކިހިނެއް ހެއްޔެވެ؟ އެބައި މީހުން އެކަލޭގެފާނަށް ވެސް ދުއްތުރާކުރި އެވެ". "އެކަލޭގެފާނު އެއްވެސް އެއްޗެއް ފަރީއްކުޅުއްވަން ނުވަތަ އެއްވެސް ބުއިމެއް ހިއްޕަވަން ބޭނުންފުޅުތޯ އައްސަވާށެވެ". أبو بكر ގެފާނުގެ ހަށިކޮޅުގައި އޭރު ބާރެއް ނެތެވެ. އެކަލޭގެފާނު އެއްވެސް ކެއުމެއް ނުވަތަ ބުއިމެއް ހިއްޕަވާކަށް ބޭނުންފުޅެއްނުވި އެވެ. ގެއިން މީހުން ހުސްވުމުން އެކަލޭގެފާނުގެ މަންމާފުޅު އެއްސެވި އެވެ. "ދަރިފުޅު ފަރީއްކުޅުއްވަން ބޭނުންފުޅުވަނީ ކޮން ކެއުމެއް ނުވަތަ ކޮން ބުއިމެއް ތޯ އެވެ"؟ أبو بكر ގެފާނުގެ ލޯފުޅު ހުޅުއްވާލައްވާފައި އެކަލޭގެފާނުގެ ޙަޔާތަށް ވުރެ ބޮޑަށް ލޯބިވެވަޑައިގެންނެވި ބޭފުޅާ އާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ. "ﷲ ގެ ރަސޫލާގެ ޙާލުކޮޅަކީ ކޮބައިތޯ އެވެ؟ އެކަލޭގެފާނު ކުރައްވަނީ ކީއްތޯއެވެ"؟ އެކަލޭގެފާނުގެ މަންމާފުޅު ޖަވާބު ދެއްވި އެވެ. "ކަލޭގެފާނުގެ އެކުވެރިޔާއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށް ހުވާކޮށްފައި ބުނަމެވެ". أبو بكر ގެފާނު ވިދާޅުވި އެވެ. "ޚައްޠާބުގެ ދަރިކަނބަލުން އުއްމު ޖަމީލު ގާތަށް ވަޑައިގެން ރަސޫލާގެ ޚަބަރު އައްސަވާށެވެ"!

أمُّ جميل އަކީ عُمرُގެފާނުގެ އަންހެން ކޮއްކޯފުޅެވެ. އޭރު އެ ކަމަނާ އިސްލާމް ވެއްޖެ އެވެ. އަބޫބަކަރުގެފާނުގެ މަންމާފުޅު އުއްމު ޚައިރު أُمُّ جميل ގާތަށް ވަޑައިގެން އެއްސެވި އެވެ. "އަހަރެންގެ ދަރިފުޅު أبوبكر އެ އައްސަވަނީ محمّد (‏عليه السّلام)‏ އާ ބެހޭގޮތުންނެވެ. އެކަލޭގެފާނުގެ ޙާލުކޮޅު ކިހިނެއް ހެއްޔެވެ"؟ أُمُّ جميل ވިދާޅުވިއެވެ. "محمّد (‏عليه السّلام)‏ ނުވަތަ أبو بكر ގެފާނާ ބެހޭ މަޢުލޫމާތެއް އަހަންނަކަށް ނޭނގެއެވެ. ދެ މީހުން އެކީގައި ދާންވީ ހެއްޔެވެ"؟ އުއްމު ޚައިރު އާނއެކޭ ވިދާޅުވުމުން، އެ ދެ ބޭފުޅުން ވަޑައިގަތީ أبو بكر ގެފާނުގެ އަރިހަށެވެ. أبو بكر ގެފާނު އެ ބަލި ޙާލުގައި ފާރުތަކާ އެކު އޮންނެވި ތަން ފެނުމުން ހަޅޭލަވައިގެންފައި ވިދާޅުވި އެވެ. "ކަލޭގެފާނަށް މިކަން ކުރި މީހުންނަކީ، އަނިޔާވެރި އަދި ޙައްދުފަހަނައަޅާފައިވާ ބައެކެވެ. ގެ ޙަޟްރަތުން އަހުރެން އެދި ދަންނަވާ ކަމަކީ، އެބައި މީހުން މި ކުރި ކަންތަކުގެ ޝަޒާ އެބައި މީހުންނަށް ދެއްވުމެވެ". أبوبكر ގެފާނު أُمُّ جميل ގާތުން އެއްސެވި އެވެ. "ﷲ ގެ ރަސޫލާގެ ޙާލުކޮޅަކީ ކޮބައިތޯ އެވެ؟ އެކަލޭގެފާނު ކުރައްވަނީ ކީއްތޯއެވެ"؟ "ކަލޭގެފާނުގެ މަންމާފުޅު މިތަނަށް ދުރުވެ އެބަ އިންނެވި. އަޅުގަނޑު ދަންނަވާ އެއްޗެއް އެ ކަމަނާ އަށް އަޑުއިވޭނެ" ވާހަކަ އުއްމު ޖަމީލު ވިދާޅުވުމުން، أبوبكر ގެފާނު ވިދާޅުވި އެވެ. "އެ ކަމަނާގެ ކިބައިން ކަމަނާ އަށް އެއްވެސް ގެއްލުނެއް ނުލިބޭނެ އެވެ؛ ކަމަނާގެ ސިއްރު އެ ކަމަނާ ނުފަތުރާނެ އެވެ". أُمُّ جميل ވިދާޅުވި އެވެ. "އެ ކަލޭގެފާނު ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަ ހުންނެވި އެވެ". أبوبكر ގެފާނު އަނެއްކާ ވެސް އެއްސެވި އެވެ. "އެކަލޭގެފާނު މިހަރު ހުންނެވީ ކޮން ތާކު ހެއްޔެވެ"؟ އުއްމު ޖަމީލު ޖަވާބު ދެއްވި އެވެ. "އެކަލޭގެފާނު ހުންނެވީ އަރްޤާމްގެ ގޭގައެވެ". أبوبكر ގެފާނު ވިދާޅުވި އެވެ. "ހުވާކޮށްފައި ބުނަމެވެ. އަހުރެން ގޮސް ﷲ ގެ ރަސޫލާ ފެނުމުގެ ކުރިން އަހުރެން އެއްވެސް ކައިބޮއި ނަހަދާނަމެވެ". އެކަލޭގެފާނުގެ މަންމާފުޅު ވިދާޅުވި އެވެ. "ކުޑަ އިރުކޮޅަކަށް މަޑުކޮށްލަމާ ހިންގާށެވެ. އެންމެން ނިދީމާ އަހަރެމެން ދާނަމެވެ".

އެންމެން ނިދައި، މަގުތައް ހުސްވުމުން، އެކަލޭގެފާނުގެ މަންމާފުޅާއި، أُمُّ جميل މަޢުލޫމާތު ދެއްވި ގޮތަށް أبوبكر ގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގަތެވެ. رَسُوْلُ اللهِ ﷺ އާ ބައްދާލައްވައި، ދޮންދެއްވައި، އެކަލޭގެފާނުގެ މުސްލިމު އަޚުންނާ ބައްދާލެއްވި އެވެ. أبوبكر ގެފާނުގެ މި ޙާލަތު ފެނިވަޑައިގެން رَسُوْلُ اللهِ ﷺ ހިތާމަކުރެއްވި އެވެ. أبوبكر ގެފާނު ވިދާޅުވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މަންމަ އާއި ބައްޕަ ކަލޭގެފާނަށް ޓަކައި ޤުރުބާން ކުރައްވަން ހެއްޔެވެ؟ އަނިޔާކުރި މީހާ އަޅުގަނޑުގެ މޫނު ބިންމަތީގައި ކާއްތައި، މީހާ ނޭނގޭ ވަރުކޮށްލި ކޮށްލުން ފިޔަވައި، އެހެން ކަމަކާ އަޅުގަނޑު ދެރަނުވަމެވެ. އަޅުގަނޑާ ޖެހިގެން މިހިރީ އަޅުގަނޑު މި ދުނިޔެއަށް ގެނައި އަޅުގަނޑުގެ މަންމަ ސަލްމާ އެވެ. އަޅުގަނޑުގެ މަންމަ އަށް ދުޢާކޮށްދެއްވުމަށް އަޅުގަނޑު ކަލޭގެފާނުގެ އަރިހުން އެދި އާދޭސް ދަންނަވަމެވެ. އަޅުގަނޑުގެ އުއްމީދަކީ، ކަލޭގެފާނުގެ ޝަފާޢަތްތެރިކަމުން، الله تعالى އަޅުގަނޑުގެ މަންމަ ނަރަކައިގެ އަލިފާނުން މިންޖުކޮށްދެއްވުމެވެ". أبوبكر ގެފާނު މިހެން ދެންނެވުމާ އެކު، ސަލްމާ މުސްލިމަކަށް ހެއްދެވުމަށް އެދި رَسُوْلُ اللهِ ﷺ الله تعالى އަށް އާދޭސް ދެންނެވި އެވެ. رَسُوْلُ اللهِ ﷺ ގެ ދުޢާ الله تعالى އިޖާބަ ކުރެއްވި އެވެ. އެހެންކަމުން، އުއްމު ޚައިރަށް ވެސް ހިދާޔަތް ލިބި އިސްލާމްވި އެވެ. އެގޮތުން، އެކަމަނާ ހިމެނެނީ އެންމެ ފުރަތަމަ އިސްލާމްވުމުގެ ޝަރަފު ލިބުނު މީހުންގެ ތެރޭގައެވެ.

أبُو لَهبُ ގެ ދެ އަތް ވާކުރެއްވުން

" أبولهب ގެ ދެ އަތް ގެއްލި (‏ބާރު ކެނޑި)‏ ހަލާކުވެދާށި އެވެ! (‏އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.)‏ އަދި ގެއްލި ހަލާކު ވެއްޖެ އެވެ. އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާއަކަށް (‏އެއްވެސް ކަމެއް)‏ ފުއްދައެއް ނުދިނެވެ. ހުޅުގަނޑުގެ ވެރި ނަރަކައަށް، ނިކަންހުރެ އޭނަ ވަންނާނެތެވެ. އަދި ދަރު އުފުލަމުން ހިނގާ (‏އެބަހީ: ދެބައޮޑުވަމުން ހިނގާ)‏ އޭނާގެ އަނބިކަނބުލޭގެ ވެސް މެއެވެ. ކަށި ގަސްގަހުގެ ކަށްޓާއި ކިފުޅިން އެޅިފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައި ވެއެވެ".
المسد: 1-5

رَسُوْلُ اللهِ ﷺ ގެ ގެކޮޅު ހުރީ ބޮޑު ދެ މުޝްރިކުން ކަމުގައިވާ أبو لهب އާއި، عقبة بن معيت ގެ ގެއާ ދެމެދުގައެވެ. ލިބޭ ކޮންމެ ދަނޑިވަޅެއް ގައި رَسُوْلُ اللهِ ﷺ އަށް ދުއްތުރާކުރުމަށް އެ މީހުން ދިޔައީ މަސައްކަތްކުރަމުންނެވެ. އެގޮތުން، رَسُوْلُ اللهِ ﷺ ގެ ގެކޮޅުގެ ދޮރުމައްޗަށް ރޭގަނޑު ގަޑީ ގައި ކަރުގޮހޮރު އަޅަމުންދިޔައެވެ. އެކަލޭގެފާނުގެ ބޮޑު ބޭބޭ أبو لهب އަށް މިވަރުން ވެސް ހިތްހަމަޖެހުން ނުލިބި، އޭނާގެ އަވަށްޓެރިޔާ عدي ގެ ގެއިން އެކަލޭގެފާނާ ދިމާލަށް ހިލައުކި އެވެ. أبو لهب ގެ އަނބިމީހާ أُمُّ جميل އަކީ ވެސް އޭނާ ފަދަ ނުބައި މީހެކެވެ؛ އެ ގޮތުން رَسُوْلُ اللهِ ﷺ ހިންގަވާ މަގުތައް މަތީގައި އެ އަންހެނާ އެއްކޮށްފައި ހުންނަ ކަށިހުންނަ ގަސްގޮފިގަނޑުތައް رَسُوْلُ اللهِ ﷺ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް މަގުތަކަށް އަޅައެވެ. އެއީ، އެކަލޭގެފާނުގެ ބަރަކާތްތެރި ފައިތިލަކޮޅަށް ހެރުމަށް ޓަކައެވެ. އެއް ދުވަހަކު رَسُوْلُ اللهِ ﷺ ގެ ގެކޮޅުގެ ދޮރުމައްޗަށް أبو لهب ނަޖިސް އަޅަމުން ދަނިކޮށް حمزة ގެފާނަށް ފެނިވަޑައިގެންނެވި އެވެ. އެކަލޭގެފާނު ވަގުތުން އެކަލޭގެފާނުގެ އަޚާ أبو لهب ހިފަހައްޓަވައި، އޭނާ ގެނައި ނަޖިސް އެއްޗެހި އޭނާގެ ބޮލަށް އެޅުއްވި އެވެ.

أبو لهب އާއި، އޭނާގެ އަނބިމީހާގެ މި މިދުއްތުރާތަކަށް ފަހު، އެ ދެމީހުންނާ ބެހޭގޮތުން سورة المسد ބާވައިލެއްވި އެވެ. تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ * مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ * سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ * وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ * فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ * (‏سورة المسد: 1-5)‏މާނައީ:"أبولهب ގެ ދެ އަތް ގެއްލި (‏ބާރު ކެނޑި)‏ ހަލާކުވެދާށި އެވެ! (‏އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.)‏ އަދި ގެއްލި ހަލާކު ވެއްޖެ އެވެ. އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާއަކަށް (‏އެއްވެސް ކަމެއް)‏ ފުއްދައެއް ނުދިނެވެ. ހުޅުގަނޑުގެ ވެރި ނަރަކައަށް، ނިކަންހުރެ އޭނަ ވަންނާނެތެވެ. އަދި ދަރު އުފުލަމުން ހިނގާ (‏އެބަހީ: ދެބައޮޑުވަމުން ހިނގާ)‏ އޭނާގެ އަނބިކަނބުލޭގެ ވެސް މެއެވެ. ކަށި ގަސްގަހުގެ ކަށްޓާއި ކިފުޅިން އެޅިފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައި ވެއެވެ".

އެ ދެމަފިރިންނާ ބެހޭގޮތުން ކީރިތި قرآن ގެ ސޫރަތެއް ބާވައިލެއްވިކަން أبو لهب ގެ އަންހެނުން އުއްމު ޖަމީލު އަށް އެނގުމުން، رَسُوْلُ اللهِ ﷺ ހޯދުމަށް ފަށައިފި އެވެ. އެކަލޭގެފާބު ގެފުޅުގައި ވީކަން އެނގުމާއެކު، ބޮޑު ހިލައެއް ނަގައިގެން އެތަނަށް ގޮސްފި އެވެ. އެ ވަގުތު أبوبكر ގެފާނު ގެންދެވީ رَسُوْلُ اللهِ ﷺ އާ ވާހަކަފުޅު ދައްކަވަމުންނެވެ. އުއްމު ޖަމީލު އަތުގައި ހިލަގަނޑަކާ އެކު ހުއްޓާ ފެނިވަޑައިގަތުމުން ދެންނެވި އެވެ. " رَسُوْلُ اللهِ ﷺ އެވެ. އުއްމު ޖަމީލު އެ އަންނަނީ އެވެ. އެއީ، ނުބައިކަން ބޮޑުވެގެންވާ އަންހެނެކެވެ؛ އެ އަންހެނާ ކަލޭގެފާނަށް ހާނީއްކައެއް ކޮށްފާނެ ކަމަށް އަޅުގަނޑު ބިރުހީވެއެވެ. އަނިޔާއެއް ނުދެވޭނޭ ހެން ކަނަކަށް ޖެހިވަޑައިގަންނަވާށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ އަންހެނާ އަށް ތިމަންކަލޭގެފާނު ނުފެންނާނެއެވެ". އުއްމު ޖަމީލު أبوبكر ގެފާނުގެ ކުރިފުޅުމަތީގައި ހުއްޓި ހުރެފައި ބުންޏެވެ. "އޭ އަބޫ ބަކްރެވެ! ކަލޭގެފާނުގެ އެކުވެރިޔާ ހުންނެވި ތަނެއް އަހަންނަށް އަވަހަށް ބުނެދީބަލާށެވެ. އެކަލޭގެފާނު ވަނީ އަހަންނާއި އަހަރެންގެ ފިރިމީހާ އަށް މަލާމާތްކޮށް އެއްޗިހި ކިޔުއްވާފައެވެ. އެކަލޭގެފާނަކީ، ޅެންވެރިއެއް ކަމުގައި ވާ ނަމަ އަހަންނާއި އަހަރެންގެ ފިރިމީހާ އަކީ ވެސް ޅެންވެރިންނެވެ. އެހެންކަމުން އަހަރެން އޭނާ އަށް ޖެއްސުންކުރަމެވެ. އަހަރެމެން އެކަލޭގެފާނާ ދެކޮޅަށް ތެދުވަމެވެ؛ އަހަރެމެން އެކަލޭގެފާނުގެ ރަސޫކަލެއް ޤަބޫލެއް ނުކުރަމެވެ. އަދި އެކަލޭގެފާނުގެ ދީނަކާ ގަޔައެއް ނުވަމުއެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އަހަންނަށް އެކަލޭގެފާނު ފެނިއްޖެ ނަމަ، މި ހިލަގަނޑުން އެކަލޭގެފާނުގެ އިސްތަށިކޮޅު ގައި ޖަހާނަމެވެ". أبوبكر ގެފާނު ވިދާޅުވި އެވެ. "އަހަރެންގެ ސައްޔިދަކީ ޅެންވެރިއެއް ނޫނެވެ. އަދި އެކަލޭގެފާނު ކަލެއަކަށް މަލާމާތެއް ނުކުރައްވައެވެ". މިހެން ވިދާޅުވުމުން އުއްމު ޖަމީލު އެ ތަނުން ގޮސްފި އެވެ. أبوبكر ގެފާނު رَسُوْلُ اللهِ ﷺ އާ ދިމާއަށް އެނބުރި ލައްވާފައި އެއްސެވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ! އެ އަންހެންމީހާ އަށް ކަލޭގެފާނު ނުފެނުނު ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އެ އަންހެން މީހާ އަކަށް ތިމަން ކަލޭގެފާނު ނުފެނުނެވެ. އޭނާގެ ލޮލަށް ތިމަންކަލޭގެފާނު ނުފެންނަ ގޮތަށް الله تعالى ހެއްދެވީ އެވެ".2

رَسُوْلُ اللهِ ﷺ ގެ ދަރިދަރިކަނބަލުންގެ ތެރެއިން أمُّ كُلثُوم އެންގޭޖްކުރެވިފައިވީ أبو لهب ގެ ފިރިހެންދަރި عُتيبة އެވެ. އަދި أبو لهب ގެ عُتبة އެންގޭޖްވީ رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން رُقيّة އާ އެވެ. އޭރު އަދި އެ ކަނބަލުންގެ ކައިވެންޏެއް ނުކުރެވެއެވެ. މަސަދު ސޫރަތް ބާވައިލެއްވުމަށް ފަހު، ނަރަކަ ޙައްޤުވެގެންވީ أبو لهب އާއި، އޭނާގެ އަންހެނުންނާއި، ޤުރައިޝް ވަންހައިގެ ބޮޑުން عُتبة އާއި، عُتيبة އަށް ހުށަހެޅި އެވެ. "އެކަލޭގެފާނުގެ ދަރިކަނބަލުންނާ އެންޖޭޖެވުމުން ކަލޭމެން ތި ވަނީ އެކަލޭގެފާނުގެ މައްޗަށް އޮތް ބުރަ ލުއިކޮށްދީފައެވެ. އެކަލޭގެފާނަށް އުނދަގޫ ޖެއްސުމަށް ޓަކައި، އެކަލޭގެފާނުގެ ދަރިކަނބަލުން ވަރިކޮށްލާށެވެ. ކަލޭމެން އެދޭ ޤުރައިޝް ވަންހައިގެ ކޮންމެ އަންހެން ކުއްޖެއް ވެސް އަހަރެމެން ހަމަޖައްސައިދޭނަމެވެ". މި ހުށަހެޅުން އެ ދެ މީހުން ޤަބޫލުކުރުމަށް ފަހު ބުންޏެވެ. "އެންމެ ރަނގަޅެވެ. އަހަރެމެން އެ ދެ ކަނބަލުން ވަރިކޮށްފީމެވެ". ގޮތެއްފޮތެއް ނެތް عُتيبة، ކަންތައް މާ މައްޗަށް ޖައްސާލައި، رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް އެކަލޭގެފާނަށް ހުތުރު އެއްޗެހި ކިޔާ ހެދިއެވެ. އެގޮތުން ބުންޏެވެ. "އޭ محمّد އެވެ! އަހަރެން ކަލޭގެފާނެއް ވެސް އަދި ކަލޭގެފާނުގެ ދީނެއް ވެސް ޤަބޫލެއް ނުކުރަމެވެ. އަހަރެން މިހާރު ކަލޭގެފާނުގެ ދަރިކަނބަލުން ވަރިކޮށްފީމެވެ. މިހާރުން ފެށިގެން، ކަލޭގެފާނު އަހަރެން ދެކެ ރުހުމެއް ނުވާނެ އެވެ. އަދި އަހަރެން ކަލޭގެފާނު ދެކެ ރުހުމެއް ނުވާނެ އެވެ. ކަލޭގެފާނު އަހަރެން ކައިރިއަށް އައުމެއް ނެތެވެ. އަދި އަހަރެން ކަލޭގެފާނުގެ އަރިހަށް ދިއުމެއް ނެތެވެ". މިހެން ބުނުމަށް ފަހު އޭނާ رَسُوْلُ اللهِ ﷺ އަށް ޙަމަލަދީ، އެކަލޭގެފާނުގެ ގިރުވާނުގައި ހިފައ، އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ވީދާލައި އިހާނަތްކޮށްފި އެވެ. އެއާއެކު رَسُوْلُ اللهِ ﷺ އޭނާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! މީނާގެ މައްޗަށް އިބަ ސުވާމީންގެ ޙަޟްރަތުން ވަލުޖަނަވާރެއް ފާކުރައްވާނދޭވެ"! عُتيبة އޭނާގެ ބައްޕަގެ ގާތަށް ގޮސް މި ވާހަކަ ކިޔައިދުމުން أبو لهب ބުނެތްޕެވެ. "އަހަރެންގެ ދަރިޔާގެ މައްޗަށް محمّدގެފާނު ކުރެއްވި ދުޢާ އާ މެދު އަހަރަން ބިރުވެތިވަމެވެ".

އޭގެ ދުވަސްކޮޅެއް ފަހުން أبو لهب އޭނާގެ ދަރި عُتيبة ފޮނުވީ ވިޔަފާރި ދަތުރެއް ގައި ދިމިޝްޤަށެވެ. ރޭކުރުމަށް ޓަކައި، އެ ޤާފިލާ މަޑުކުރީ ޒަރްޤާ ނަމަކަށް ކިޔޭ ހިސާބަކަށެވެ. ކުއްލިއަކަށް އެތަން ވަށައި ސިންގާއެއް ހިނގަން ފަށައިފި އެވެ. ޢުތައިބާ އަށް މި މަންޒަރު ފެނުމާއެކު ބުންޏެވެ. "އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! محمّدގެފާނުގެ ދުޢާ އިޖާބަކުރައްވައިފި އެވެ. މި ސިންގާ އަހަރެން ކާލާނެ އެވެ. އެކަލޭގެފާނު މައްކާ ގައި ހުންނެވިޔަސް އަހަރެންގެ ޤާތިލަކީ އެކަލޭގެފާނެވެ". އޭގެ ހިނދުކޮޅެއް ފަހުން، ސިންގާ ގެއްލިއްޖެ އެވެ. ޢުތައިބާ ނިދުމަށް ޓަކައި، އެ ޤާފިލާ މީހުން ހަމަޖެއްސީ އުސްކޮށް ހުރި ތަނެކެވެ. އެ ސިންގާ އަނެއްކާ ވެސް އެ ތަނަށް އެ ރޭ އަތުވެއްޖެ އެވެ. އަދި އެ ޤާފިލާގެ ކޮންމެ މީހަކު ގައިން ވަސް ބަލަން ފަށައިފި އެވެ. އޭތި ޢުތައިބާ އާ ހަމައަށް ގޮސް އޭނާގެ ގައިމައްޗަށް ފުންމައިގެން ގޮސް އަރައިގެންފި އެވެ. އޭތި އޭނާގެ ބަނޑޫ ކަފާލައި، އޭނާގެ ބޮލުގައި ހިފައި، އޭނާ ގެ ގައިގައި ދަތްއެޅިއެޅީނުން މަރާލައިފި އެވެ. އޭނާ މަރުވަމުން ދިޔައ އިރު ޢުތައިބާ ބުންމުން ދިޔަ އެވެ. "محمّدގެފާނަކީ އެންމެ ތެދުވެރި ބޭފުޅާ ކަމަށް އަހަރެން ނުބުނަން ހެއްޔެވެ"؟ އޭނާގެ ދަރި ސިންގާއެއްގެ ޙަމަލާއިން ލޫދާލެވުނު ޚަބަރު ލިބުމުން أبو لهب ބުންޏެވެ. "އަހަރެންގެ ދަރިޔާގެ މައްޗަށް محمّدގެފާނު ކުރެއްވި ދުޢާ އާ މެދު އަހަރަން ބިރުވެތިވަމޭ، ނުބުނަން ހެއްޔެވެ"؟3

ނަރަކައިގެ އަލިފާނުން މީސްތަކުން މިންޖުކުރެއްވަށް ޓަކައި، ﷲ ވުޖޫދުވުމާއި، ﷲ ގެ އެއްކައުވަންތަ ކަމަށް އީމާންވުމަށް، رَسُوْلُ اللهِ ﷺ ގެންދެވީ މީސްތަކުންނަށް ގޮވާލައްވަމުންނެވެ. އެކަމަކު ކާފަރުން ދިޔައީ ބުދަށް އަޅުކަންކުރުމާއިގެން ކުރިޔަށެވެ. އެއާއެކު، އެ މީހުން ބުނަމުން ދިޔައީ، "މި ދީނަކީ އަހަރެމެންގެ ކާބަފައިންގެ ދީނޭ"، މިހެން ބުނަމުންނެވެ. رَسُوْلُ اللهِ ﷺ އެ މީހުންނަށް ދަޢުވަތު ދެއްވަމުން ގެންދެވީ، އިންސާނިއްޔަތު ކަމާއެކު ދިރިއުޅުމަށާއި، އަބުރުވެރިވުމަށާއި، ޝަރަފުވެރިކަމާ އެކު އުޅުމަށާއި، ދެރަނިކަމެތިކަމުން އަރައިގަނެ، ރޫޙާނީގޮތުން މަތިވެރި ދަރަޖަތަކަށް އުފުލިގަތުމަށެވެ. އެކަމަކު، އެ މީހުންގެ ހަރުކަށިކަމުގައި އެ މީހުން ދިޔައީ ހިފަހައްޓަމުންނެވެ. رَسُوْلُ اللهِ ﷺ އަށް މަލާމާތްކޮށް، ދުއްތުރާކުރި މީހުންގެ އެންމެ އިސް މީހަކަށް ހުރީ އަބޫ ލަހަބެވެ. އޭނާ ދިޔައީ މެދުކެނޑުމެއް ނެތި رَسُوْلُ اللهِ ﷺ ގެ ފަސްފަހަތުން ގޮސް މީސްތަކުން އެކަލޭގެފާނުގެ ވާހަކަފުޅު އަޑު އެހުމާ ދުރަށް ގެންދެވޭތޯ އަދި އެ މީހުންގެ ހިތުގައި ޝައްކު އުފެއްދޭ ތޯ މަސައްކަތްކުރަމުންނެވެ. رَسُوْلُ اللهِ ﷺ ޢާއްމު ތަންތަނާއި، ބާޒާރުތަކުގައި "އޭ މީސްތަކުންނޭވެ! لا إله إلّا الله މިހެން ކިޔާށެވެ. ތިޔަބައި މީހުން ދިންނަވާނީ އޭރުންނޭ"، މިހެން حديث ކުރައްވާ ކޮންމެ ފަހަރަކު، أبو لهب އައިސް ބުނަމުން ދިޔައީ، "އޭ މީސްތަކުންނޭވެ! އެ ވާހަކަދައްވަނަކީ އަހަރެންގެ ކޮއްކޮގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލުނުކުރާށެވެ. އެކަލޭގެފާނާ ދުރުވާށެވެ".

އެއްދުވަހަކު، رَسُوْلُ اللهِ ﷺ ގެންދެވީ ގެފުޅު ގައި ނަމާދުކުރައްވަމުންނެވެ. ޤުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނޭ އަބޫ ލަހަބާއި، شَيبَة އާއި، ބިން ރާބިޢާ އާއި، عُتبة بن رابعة އާއި، ޢުޤްބާ ބިން އަބީ މުޢީތު ހިމެނޭ ގޮތަށް މުޝްރިކުންގެ ހަތް މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް އިށީނދެއްޖެ އެވެ. އޭގެ ކުރީ ދުވަހު ކަތިލާފައިވާ ޖަމަލެއްގެ ކަރުގޮހޮރާއި، ބާކީ ބައިތައް އެތަނަށް ދޫކޮށްލާފައެވެ. ހުތުރުކަން ބޮޑުވެގެންވާ أبو جهل އޭނާގެ ވަށައިގން ތިބި މީހުންނަށް ބަލާލައިފާ ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ހުށަހެޅި އެވެ. އޭނާ ބުންޏެވެ. "އެ ޖަމަލުގެ ކަރުގޮހޮރު ނަގައި محمّدގެފާނުގެ ދެ ކޮނޑު ދޭތެރޭގައި އެކަލޭގެފާނު ސަޖިދައިގައި އޮންނަވާ އިރު ބާއްވާނީ ތިޔައިގެ ތެރެއިން ކާކު ހެއްޔެވެ"؟ އެ މީހުންގެ ތެރޭގައި ހުރި އެންމެ އަނިޔާވެރި، އެންމެ ގޮތްކުޑަ، އެންމެ ރަޙުމްކުޑަ އަދި އެންމެ ބަދު ނަސީބު މީހާ ކަމުގައިވާ عقبة بن معيط ވަގުތުން ކޮޅަށް ތެދުވެފައި "އަހަރެން ނޭ" ބުނެފި އެވެ. އެގޮތުން އޭނާ ޖަމަލުގެ ކަރުގޮހޮރާއި އެއާ އެއްކޮށްވާ ހުރިހާ އެއްޗަކާ އެކު رَسُوْلُ اللهِ ﷺ ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ކޮނޑު މަތީގައި ބާއްވާފިއެވެ. މިތަން ބަލަންތިބި މުޝްރިކުން ކޮންޓްރޯލެއް ނެތި ހޭން ފަށައިފި އެވެ. رَسُوْلُ اللهِ ﷺ ސަޖިދާގައި ގިނަ އިރު އޮންނެވި އިރު ބޯކޮޅު ހިއްލާނުލައްވައި އޮންނެވި އެވެ. އެ ވަގުތު، ޞަޙާބީންގެ ތެގޭގައި ހިމެނި ވަޑައިގަންނަވާ ޢަބްދުﷲ ބިން މަސްޢޫދަށް މިތަން ފެނިވަޑައިގަތެވެ. މި ޙާދިސާ عبدالله بن مسعود ސިފަކުރައްވަނީ ތިރީގައިވާ ގޮތަށެވެ.

"އެ ޙާލަތުގައި رَسُوْلُ اللهِ ﷺ އޮންނެވި ތަން އަހަންނަށް ފެނުނު ހިނދު، އަހަރެންގެ ބޮލަށް ލޭ ދައުރުވުން އަވަސްވި އެވެ. އެކަމަކު، އެ ވަގުތު އަހަންނާ އެކު، މުޝްރިކުންގެ ކިބައިން އަހަރެން ޙިމާޔަތްކޮށްދޭނެ ބައެއް ނުވަތަ ޤަބީލާއެއް ނެތެވެ. އަހަރެން ހުރީ ބަލިކަށިކަމާ އެކު އެކަންޏެވެ. އެ ވަގުތު، އަހަންނަކަށް ވާހަކައެއް ވެސް ނުދެއްކުނެވެ. رَسُوْلُ اللهِ ﷺ އަށް އަހަރެން ބަލަހައްޓައިގެން ހުރީ ހިތާމަޔާއި މޮޅިވެރިކަމާ އެކުގައެވެ. އަހަންނާ އެކު އަހަރެން ޙިމާޔަތްކޮށްދޭނެ މީހަކު ހުރި ނަމަ رَسُوْلُ اللهِ ﷺ ކޮންޑުފުޅު ގައި ބާއްވާފައިވާ ކަރުގޮހޮރު ނަގައި އެއްލާލީމުސްހެވެ. އަހަރެން އެތާ މަޑުކޮށްގެން ހުރި އިރު رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން فاطمة ގެފާނަށް އެކަމުގެ ޚަބަރު ދެވުނެވެ. އެ ވަގުތު، فاطمة ގެފާނަކީ ކުޑަކުއްޖެކެވެ. އެކަމަނާ ދުވަމުން ވަޑައިގެން އެކަލޭގެފާނުގެ ކޮނޑުފުޅު މަތީގައިވާ ކަރުގޮހޮރު ނަގައި އެއްލާލައްވައިފި އެވެ. އެކަން ކުރި މީހުންނާ ދެކޮޅަށް އެ ކަމަނާ ހަރުކަށިކޮށް ވާހަކަދައްވައި ބަދު ދުޢާ ކުރެއްވި އެވެ.

ނަމާދު ނިމިވަޑައިގެން ކަމެއް ނުވާހެން ހީވާ ކަހަލަ ގޮތަކަށް رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އޭ އަޅާގެ ﷲ އެވެ. ޤުރައިޝުންގެ އެ ގްރޫޕް އަޅުގަނޑު ދޫކޮށްލާނީ އިބަރަސްކަލާނގެ އަށެވެ. އޭ އަޅާގެ ﷲ އެވެ! عتبة بن رابعة އާ މެދު ޢަމަލުކުރައްވަންވީ ގޮތް އަޅާ ދޫކޮށްލާނީ އިބްރަސްކަލާނގެ އަށެވެ. އޭ އަޅާގެ ﷲ އެވެ! شيبة بن رابعة އާ މެދު ޢަމަލުކުރައްވަންވީ ގޮތް އަޅާ ދޫކޮށްލާނީ އިބަރަސްކަލާނގެ އަށެވެ. އޭ އަޅާގެ ﷲ އެވެ! هقبة بن معيط އާ މެދު ޢަމަލުކުރައްވަންވީ ގޮތް އަޅާ ދޫކޮށްލާނީ އިބްރަސްކަލާނގެ އަށެވެ. އޭ އަޅާގެ ﷲ އެވެ! أميّة بن خلف އާ މެދު ޢަމަލުކުރައްވަންވީ ގޮތް އަޅާ ދޫކޮށްލާނީ އިބްރަސްކަލާނގެ އަށެވެ. އޭ އަޅާގެ ﷲ އެވެ! وليد بن عتبة އާ މެދު ޢަމަލުކުރައްވަންވީ ގޮތް އަޅާ ދޫކޮށްލާނީ އިބްރަސްކަލާނގެ އަށެވެ. އޭ އަޅާގެ ﷲ އެވެ! عمارة بن وليد އާ މެދު ޢަމަލުކުރައްވަންވީ ގޮތް އަޅާ ދޫކޮށްލާނީ އިބްރަސްކަލާނގެ އަށެވެ'. މި ދުޢާ އަޑު އަހާފައި، މުޝްރިކުން ހުނުން ހުއްޓާލައިފި އެވެ. އެމީހުން ބިރުގަންނަން ފަށައިފި އެވެ. އެހެނީ އެ މީހުން ޤަބޫލުކުރި ގޮތުގައި رَسُوْلُ اللهِ ﷺ ގެފުޅުގައި ކުރެއްވި ދުޢާ އިޖާބަކުރައްވާނެއެވެ. رَسُوْلُ اللهِ ﷺ އަބޫ ޖަހުލާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. 'ﷲ ގަންދީ ހުވާކުރައްވައި حديث ކުރައްވަމެވެ. ކަލޭ މިކަން ދޫކޮށްނުލައިފި ނަމަ، الله تعالى ކަލޭގެ މައްޗަށް ބޮޑު އާފާތެއް ފާކުރައްވާނެތެވެ'. އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. رَسُوْلُ اللهِ ﷺ އެބައެއްގެ ނަން حديث ކުރެއްވި މީހުންބަދުރު ހަނގުރާމައިގައި ގަތުލުވެގެން ކުނިވަސްދުވާ ޙާލު އެތާ ހުރި ބަދުރު ވަޅުގަނޑަށް އަޅާލެވުނެވެ".

އެއް ދުވަހަކު أبو جهل ޤުރައިޝުންގެ މުޝްރިކުންނާ ދިމާލަށް ގެފުޅު ކައިރީގައި ހުރެ ބުންޏެވެ. "އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! ތިޔަބައި މީހުންނަށް ފެންނާނޭ ފަދައިން، އަހަރެމެން ދީން ކުށްވެރިކުރައްވައި، އަހަރެމެންގެ ބުދުތަކާއި، އެ ބުދުތަކަށް އަޅުކަންކުރި އަހަރެމެންގެ ކާބަފައިންނާ ދެކޮޅަށް ވާހަކަދައްކަވައި، އަހަރެމެންނަކީ މޮޔައިންނަށް ހައްދަވާކަށް محمّد ގެފާނު ޖެހިލުންވެ ވަޑައެއް ނުގަންނަވައެވެ. އަހަރެން ތިޔަބައި މީހުންގެ ކުރިމަތީގައި ހުވާކޮށްފައި ބުނަމެވެ. މާދަމާ އެކަލޭގެފާނު މިތަނަށް ވަޑައިގެން، ނަމާދުކުރައްވާ އިރު ސަޖިދަކުރައްވާ އިރު، އަހަރެން އެކަލޭގެފާނުގެ ބޯކޮޅު ގައި އަހަންނަށް ކިރިޔާ އުފުއްލޭ ވަރުގެ ބޮޑު ހިލަޔަކުން ޖަހާނަމެވެ. އޭގެ ފަހުން، عبدالمطّلب ގެ ދަރިންނާ ދެކޮޅަށް ތިޔަބައި މީހުން އަހަރެންނަށް ޙިމާޔަތްދިނަސް ނުދިނަސް ހެވެ. އަހަރެން އެކަލޭގެފާނު ޤަތުލުކުރުމަށް ފަހު، އެކަލޭގެފާނުގެ ޢާއިލާގެ މީހުން ބޭނުން ގޮތެއް، އަހަރެންނާ ދެކޮޅަށް ކުރަންވީ އެވެ". އެތާ ތިނި މުޝްރިކުން އޭނާ އިތުރަށް ފޯރިއެރުވުމަށް ބުނޫއެވެ. "ކަލޭ އެކަލޭގެފާނު ޤަތުލުކުރާހާ ހިދަކު، އަހަރެމެން ހުވާކޮށްފައި ބުނަމެވެ. އަހަރެމެން ކަލޭ ޙިމާޔަތްކުރާނަމުއެވެ. އަދި އެއްވެސް މީހަކަށް ގޮތެއް ހެދިޔަކަ ނުދޭނަމުއެވެ".

ހެނދުނު ގަޑީގައި أبو جهل އަތަށް ބޮޑު ހިލަގަނޑެއް ހިފައިގެން ގެފުޅަށް އަތުވެއްޖެ އެވެ. އޭނާ މުޝްރިކުންނާ އެކު އެތާ އިށީނދެ އިނދެ އިންތިޒާރުކުރަން ފަށައިފި އެވެ. އާދައިގެ މަތިން رَسُوْلُ اللهِ ﷺ محمّد (‏صلّى الله عليه و سلّم)‏ ގެފުޅަށް ވަޑައިގެން ނަމާދުކުރައްވަން ފަށްޓަވައިފި އެވެ. رَسُوْلُ اللهِ ﷺ ގެ ހަށިކޮޅުގައި ހިލައިން ޖެހުމަށް ޓަކައި، أبو جهل ތެދުވެގެން رَسُوْلُ اللهِ ﷺ އާ ދިމާލަށް ދިޔައެވެ. އެތާ ތިބި ހުރިހާ މުޝްރިކުން ވެސް ޝައުޤުވެރިކަމާ އެކު އެ މަންޒަރު ބަލަން ތިއްބެވެ. أبو جهل رَسُوْلُ اللهِ ﷺ އާ ކައިރިވުމުން އޭނާ ތުރުތުރުއަޅަން ފަށައިފި އެވެ؛ އޭނާގެ މޫނު އަޅިކުލައަށް ބަދަލުވެ، ބިރުވެރިކަމާ އެކު ފަހަތަށް ޖެހިއްޖެ އެވެ. މުޝްރިކުން ޙައިރާންކަން މަތީ أبو جهل ކައިރިއަށް އައިސް އަހައިފި އެވެ. "އޭ عمرو بن هشام އެވެ! ވީ ގޮތް އަހަރެމެންނަށް ބުނެދޭށެވެ"! أبو جهل ބުންޏެވެ. "އެކަލޭގެފާނު ޤަތުލުކުރުމަށް އަހަރެން ހިލަގަނޑު ހިއްލާލިތަނާ އަހަރެންގެ ކުރިމަތިން ފާޅުވީ ވަރުގަދަ ޖަމަލެކެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. މީގެ ކުރިއަކުން އެ ޖަމަލުހާ ދިގު ފައެއް ލާފައި ހުރި، ތޫނު ދަތްތަކެއް ހުރި ވަރުގަދަ ޖަމަލެއް އަހަރެންގެ ޙަޔާތުގައި ނުދެކެމެވެ. އަހަރެން އެއަށް ވުރެ ކައިރިއަށް ދިޔަ ނަމަ، އޭތި އަހަރެން މަރާލީސްކަން ކަށަވަރެވެ".

އަނެއްކާ އަނެއް ދުވަހަކު، أبو جهل ކާފަރުންތައް އެއްކޮށްފައި ސުވާލުކުރި އެވެ. "ޢަބްދުﷲ ގެ ޔަތީމު ނަމާދުކޮށް، މޫނުކޮޅު މިތާ ބިންމަތީ ގައި ކޭއްތި ހެއްޔެވެ"؟ އެމީހުން ބުނޫއެވެ. "އާއެކެވެ". އެ ޖަވާބު ލިބޭނެ ކަމަށް އިންތިޒާރު ގައި ހުރި أبو جهل ބުންޏެވެ. "އަހަރެންނަށް އެކަލޭގެފާނު އެ ގޮތަށް ފެނިއްޖެ ނަމަ އަހަރެންގެ ފައިން އެކަލޭގެފާނުގެ ބޯކޮޅު ޗިސްކޮށްލާނަމެވެ". އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެންދެވީ ގެފުޅު ގައި ނަމާދު ކުރައްވަމުންނެވެ. أبو جهل ހުރީ އޭނާގެ އެކުވެރިންނާ އެކު އިށީނދެގެންނެވެ. އޭނާ ތެދުވެގެން ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ އާ ދިމާލަށް ދިޔައެވެ. އެގޮތުން، އޭނާ ވަރަށް ކައިރި އަށް ދިޔައެވެ. އެކަމަކު، އޭނާ ކުއްލިއަކަށް މޫނު ފޮހެމުން ދުވަން ފަށައިފި އެވެ. މުޝްރިކުން أبو جهل ކައިރިއަށް ގޮސް އަހައިފި އެވެ. "ކަލެއަށް ވީ ކީއްހެއްޔެވެ؟" أبو جهل ބުންޏެވެ. "އަހަރެމެން ދެމީހުން ދެމެދުގައި ބޮޑު އަލިފާންގަނޑެއް ފާޅުވީއެވެ. އަހަންނާ ދިމާލަށް ބައެއް މީހުން ބާރަކަށް ދުވެފައި އަންނަ ތަން ފެނުމުން އަހަރެން އެނބުރި އައީ އެވެ".

ކާފަރުންގެ ތެރެއިން، وليد بن مُغيرة އާއި، أبو جهل (‏عمرو بن هشام)‏ އާއި، أسود بن مطّلب އާއި، أمية بن خلف އާއި، أسوح بن عبد المغيث އާއި، عاص بن وائل އާއި، حاث بن قيص ފަދަ ކަމުވޮށިގެންވާ މީހުން رَسُوْلُ اللهِ ﷺ އަށް ފުރައްސާރަކުރުމުގެ ގޮތުން ބުނަމުންދިޔަ އެވެ. "އެކަލޭގެފާނު ހިތްޕުޅަށް އަރަނީ އެކަލޭގެފާނަކީ ރަސޫލެއް ކަމަށާއި، جبريل (‏عليه السّلام)‏ އެކަލޭގެފާނާ ހަމައަށް ވަޑައިގެންނެވި ކަމަށެވެ". މިހެން މިކަން ވެފައި ވަނިކޮށް، رَسُوْلُ اللهِ ﷺ ވަރަށް ހިތްޕުޅާނުވެ ހުންނަވަނިކޮށް، އެއްދުވަހަކު جبريل (‏عليه السّلام)‏ ވަޑައިގެން ބައެއް އާޔަތްތައް ރަސޫލާ އަށް އުނގަންނައި ދެއްވި އެވެ.

سورة الأنعام ގެ 10 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ (‏وَلَقَدِ ٱسْتُهْزِئَ بِرُسُلٍۢ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ * الأنعام : 10)‏ މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށް ވެސް ފުރައްސާރަކުރި އެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންދިޔަ ފުރައްސާރައިގެ ކަންތައް (‏އެބަހީ: އެކަމުގެ ކޯފާއާއި عذاب އައިސް)‏ އެއުރެން ވަށައިލި އެވެ".4

سورة الحجر ގެ 95-97 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ (‏إِنَّا كَفَيْنَـٰكَ ٱلْمُسْتَهْزِءِينَ * ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ * وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ * الحجر : 95-97)‏ މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން ތިމަން ރަސްކަލާނގެ ކަލޭފާނު ރައްކާތެރިކުރައްވާ ހުށީމެވެ! އެއުރެންނީ، الله އާ އެކު އެހެން إله އަކު ލައި، شريك ކޮށް އުޅުނު މީހުންނެވެ. ނިކަން ހުރެ އެއުރެންނަށް އެނގޭ ހުށްޓެވެ. ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވަމެވެ".5

"އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށް ވެސް ފުރައްސާރަކުރި އެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންދިޔަ ފުރައްސާރައިގެ ކަންތައް (‏އެބަހީ: އެކަމުގެ ކޯފާއާއި عذاب އައިސް)‏ އެއުރެން ވަށައިލި އެވެ".
الأنعام: 10

އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެފުޅު ގައި طوافކުރައްވަނިކޮށް جبريل (‏عليه السّلام)‏ ވަޑައިގެން ވިދާޅުވި އެވެ. "(‏ކަލޭގެފާނަށް ފުރައްސާރަކުރާ މީހުން)‏ ހަލާކުކުރުމަށް ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފި އެވެ". އެހެން ވިދާޅުވިތާ ވަރަށް އަވަހަށް، وليد ބިން މުޣީރާ އެ ހިސާބުން ގޮސްފި އެވެ. "އެއީ ކޮން ކަހަލަ މީހެއް ތޯ" جبريل (‏عليه السّلام)‏ އެއްސެވުމުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ އަކީ الله تعالى ގެ އަޅުންގެ ތެރެއިން އެންމެ ނުބައި އެކެކެވެ". رَسُوْلُ اللهِ ﷺ އެހެން حديث ކުރެއްވުން، جبريل (‏عليه السّلام)‏ وليد ބިން މުޣީރާގެ ފަޔާ ދިމާލަށް އިޝާރާތްކުރައްވާ ވިދާޅުވި އެވެ. "އަހަރެން އޭނާ ހަލާކުކުރައްވައިފީމެވެ". އޭގެ އިރުގަނޑެއް ފަހުން، ޢާޞް ބިން ވާއިލު އެ ހިސާބުން ގޮސްފި އެވެ. އޭނާ އަކީ ކޮން ކަހަލަ މީހެއްތޯ جبريل (‏عليه السّلام)‏ ސުވާލުކުރެއްވުމުން، رَسُوْلُ اللهِ ﷺ ދެއްވީ އެއް ޖަވާބެކެވެ. އެއަށް ފަހު جبريل (‏عليه السّلام)‏ ޢާޞް ބިން ވާއިލުގެ ބަނޑާ ދިމާލަށް އިޝާރަތްކުރައްވާ ވިދާޅުވި އެވެ. "އަހަރެން އޭނާ ހަލާކުކުރައްވައިފީމެވެ". އަސްވަދު ބިން މުއްޠަލިބު އެ ހިސާބުން ދިއުމުން އޭނާގެ އަތާ ދިމާލަށް އިޝާރާތްކުރައްވާجبريل (‏عليه السّلام)‏ ވިދާޅުވި އެވެ. އަދި حارث ބިން ޤައިސް އެ ހިސާބުން ދިއުމުން އޭނާގެ ބަނޑާ ދިމާލަށް ކުރައްވާ جبريل (‏عليه السّلام)‏ ވިދާޅުވި އެވެ. "އޭ މުހައްމަދުގެފާނެވެ! الله تعالى ވަނީ އެމީހުންގެ ނުބައިކަމުން ކަލޭގެފާނު ރައްކާތެރިކުރައްވާފައެވެ. އެއިން ކޮންމެ މީހަކަށް ވެސް ބަލާވެރިކަމެއް ލައިގަންނާނެ އެވެ".

عاص بن وائل ގެ ފައިތިލަ އަށް ކަށްޓެއް ހެރިއްޖެ އެވެ. އެތައް ބޭހެއް ބޭނުންކޮށްގެން ވެސް އޭނާގެ ފައި ރަނގަޅުވާނެ ބޭހެއް ނުކުރެވުނެވެ. އެންމެ ފަހުން އޭނާގެ ފައި ދުޅަވެގެން ގޮސް ޖަމަލެއްގެ ކަރުހާ ފަލަވެ، އޭގެ ފަހުން އޭނާ މަރުވެއްޖެ އެވެ. އޭނާ މަރުވަމުން ދިޔަ އިރު ގޮވަމުންދިޔައީ، "محمّدގެފާނުގެ ﷲ އަހަރެން މަރުގަންނަވައިފި އެވެ".

أسود بن مطّلب ބަޢުދުއްސޫން ކިޔާ ހިސާބެއް ގައި ހުއްޓާ، އޭނާގެ މޫނާއި، ހަށިގަނޑު ގަދަ ކަޅު ކުލައަށް ބަދަލުވެއްޖެ އެވެ. އޭނާގެ ގެއަށް އޭނާ ދިޔުމުން އޭނާގެ ޢާއިލާ އަށް އެ ވަކި މީހަކު ވަކިނުކުރެވުނެވެ. އަދި އޭނާ ގެއިން ފައްސާލި އެވެ. އޭނާ މަރުވީ، ވީ ދެރައިން އޭނާގެ ގޭގެ ދޮރުގައި ބޯތަޅައިގެންނެވެ.

حارث بن قيص ލޮނު މަސް ކައިގެން އޭގެ ފަހުން ކަރުހިއްކައިގެންފި އެވެ. އޭނާ ކިތަންމެ ވަރަކަށް ފެން ބުޔަކަސް، އޭނާގެ ކަރުހިއްކުން ފިލައިގެންދާ ގޮތެއް ނުވި އެވެ. އެންމެ ފަހުން ގޮސް އޭނާގެ ހަށިގަނޑު ފަޅައިގެން ގޮސް މަރުވެއްޖެ އެވެ.

وليد بن مغيرة ގެ އަރިކަށްޓަށް ދަނގަނޑުކޮޅެއް ހެރިއްޖެ އެވެ. އޭނާގެ އެ ޒަޚަމް އެއްގޮތަކަށް ވެސް ރަނގަޅުވާ ގޮތެއް ނުވިއެވެ. އެއާ އެކު އޭނާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭފައިބަމުން ގޮސް މަރުވެއްޖެ އެވެ. އޭރު އޭނާ ގޮވަމުން ދިޔައީ، "محمّدގެފާނުގެ ﷲ އަހަރެން މަރުގަންނަވައިފި އެވެ".

އެއިން ކޮންމެ މީހަކަށް ވެސް ލިބިގެންދިޔައީ އެ މީހުންނަށް ޙައްޤު ޝަޒާ އެވެ. ހަމަ އެއާއެކު، ކީރިތި قرآن ގައި ﷲ ވަޙީކުރައްވާފައިވަނީ މުޝްރިކުން ދާއިމަށް އަބަދަށް ނަރަކައިގައި ދެމިތިބޭނެ ކަމަށެވެ.

އެއް ދުވަހަކު ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ އާ حكم بن أبو العاص އާ ދިމާވެއްޖެ އެވެ. އޭނާގެ އަނގަޔާއި، މޫނާއި ހަށިގަނޑުގެ ޙަރަކާތްތަކުން ޙަކަމް رَسُوْلُ اللهِ ﷺ އާ ދިމާލަށް ވައްތަރުޖައްސާ މަލާމާތްކޮށްފިއެވެ. رَسُوْلُ اللهِ ﷺ އަށް ޙަކަމްގެ ޢަމަލުތައް ފެނިގެންދިޔައީ ރަސޫލުކަމުގެ ނޫރާ އެކުގައެވެ. ޙަކަމް އެ ވައްތަރުޖެއްސި ގޮތަށް އޭނާ ދެމިހުރުމަށް رَسُوْلُ اللهِ ﷺ ދުޢާ ކުރެއްވުމުން، އޭނާ މަރުވަންދެން ޙަކަމް ހުރީ އެ ގޮތުގައެވެ.

އަޞްޙާބު ބޭކަލުންނަށް ކުރި ދުއްތުރާ

މުޝްރިކުން މަލާމާތްކޮށް ޖެއްސުންކުރަމުން ދިޔައީ ހަމައެކަނި رَسُوْلُ اللهِ ﷺ އަކަށް ނޫނެވެ. އެމީހުން ދިޔައީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ވެސް ދުއްތުރާކުރަމުންނެވެ. އެ މީހުން ދުއްތުރާކުރުމަށް ބޮޑަށް އަމާޒުކުރީ އެ ބޭކަލުންގެ ތެރެއިން ފަޤީރު، އަޅާލާނެ މީހަކު ނެތް ފަދަ ބޭކަލުންނަށެވެ؛ އެ ބޭކަލުންނަށް ދުއްތުރާކޮށް ހިތަށް ނުގެނެވޭ ފަދަ ބޮޑެތި އަނިޔާ ދީފައި ވެއެވެ. މުޝްރިކުން އެންމެ ބޮޑަށް އަނިޔާކުރީ بلال الحبشي އާއި، زنيرة ގެފާނާއި، خبّاب بن عرت އާއި، عمّار بن ياسر އާއި އެ ކަލޭގެފާނުގެ ޢާއިލާ އަށެވެ. މި ބޭފުޅުންނަށް ދިން އަނިޔާތަކުގެ ތެރޭގައި، ހޫނުކޮށްފައި ހުންނަ ހިލަ ބައެއް ބޭފުޅުންގެ ގަޔާ ދިމާލަށް އުކުމާއި، ބައެއް ބޭފުޅުން ބަނޑޫހައިހޫނު ކަމުގައި ބައިތިއްބުމަށް "محمّدގެފާނުގެ ދީން ދޫކުރާށޭ" ކިޔައި އަމުރުކުރަމުން އަނިޔާކުރުން ހިމެނެއެވެ. މި ހުރިހާ ބޭފުޅުން އެ ފަދަ ބޮޑެތި އަނިޔާތައް ދިން އިރު ވެސް އިސްލާމް ދީން ދޫކޮށްލައްވާފައެއް ނެތެވެ.

ﷲ އަކީ އެއްކައުވަންތަ ރަސްކަލާނގެ، ﷲ އަކީ އެއްކައުވަންތަ ރަސްކަލާނގެ

މުޝްރިކުންގެ މީހެއް ކަމުގައިވާ أُميّة بن خلفގެ އަޅެއްގެ ގޮތުހައި ހުންނެވި بلالގެފާނު އިސްލާމްވެވަޑައިގެންނެވީ أبو بكر الصدّيق މެދުވެރިކޮށެވެ. އެހެނީ، އޭނާގެ 12 އަޅުންގެ ތެރެއިން أميّة އަށް އެންމެ ބޮޑަށް ކަމުދިޔައީ بلال ގެފާނަށް ވުމުން، ބުދު ފައްޅީގެ ގާޑަކަށް ހެދީ بلال ގެފާނެވެ. بلال ގެފާނު މުސްލިމަކަށް ވެވަޑައިގަތުމުން، ހުރިހާ ބުދުތައް ސަޖިދައަށް ގޮސްފަ ތިބި ގޮތަށް އަތުރވާލެއްވި އެވެ. އުމައްޔާ އަށް މިކަން އެނގުމުން، އޭނާ އަށް ލިބުނީ ޝޮކެކެވެ. بلال ގެފާނު ގެނެސް އަހައިފި އެވެ. "ކަލޭ މުސްލިމަކަށް ވެ، محمّدގެފާނުގެ ވެރި ރަސްކަލާނގެ އަށް ސަޖިދަކުރާ ކަމަށް ކަމަށް އެ މީހުން އެބަ ބުނެއެވެ. އެއީ ތެދެއް ހެއްޔެވެ"؟ بلال ގެފާނު ވިދާޅުވި އެވެ. "އާއެކެވެ. އަހަރެން ސަދިޖަކުރަނީ الله تعالى އަށެވެ. އެކަލާނގެ އަކީ އެންމެ ގަދަކީރިތި ވަންތަ އެންމެ ކުޅަދުންވަންތަ ރަސްކަލާނގެ އެވެ". މި ޖަވާބު އުމައްޔާ އަށް ލިބުމުން އޭނާ އެކަމާ ނުރުހި، ވަގުތުން بلال ގެފާނަށް އަނިޔާކުރަން ފަށައިފި އެވެ. މެންދުރުވެ އިރު މެދުޖެހުމުން، بلال ގެފާނުގެ ހެދުންކޮޅު ބާލުއްވައި، އިރުގެ ތިލަ ހޫނުން ހޫނުވެފައި ހުރި ހިލަކޮޅުތައް އެކަލޭގެފާނުގެ ހަށިގަނޑު މައްޗަށް އަޅައި އެކަލޭގެފާނު އަނދާލައިފި އެވެ. ހޫނު ހިލަތަކުގެ މަތީގައި އުއްޑުން ބާއްވައި، ބައެއް ހިލަ އެކަލޭގެފާނުގެ ބަނޑުކޮޅު މައްޗަށް އެޅުމަށް ފަހު އުމައްޔާ ބުންޏެވެ. "އިސްލާމް ދީން ދޫކޮށްލާށެވެ. ލާތާއި ޢުއްޒާ މި ބުދުތަކަށް އީމާންވާށެވެ". އެކަމަކު، بلال ގެފާނުގެ އީމާންކަން އިޢުލާންކުރެއްވުމާ އެކު ވިދާޅުވަމުން ގެންދެވީ "الله تعالى އަކީ އެއްކައުވަންތަ ރަސްކަލާނގެ އެވެ". މިހެންނެވެ.

بلال ގެފާނުގެ މި ކެތްތެރިކަން އުމައްޔަތު ބިން ޚަލަށް ފެނުމުން، އޭނާގެ ރުޅިގަނޑު ފަޅައިގެން ގޮސް، ކަށިތައް މަތޫގައި އެކަލޭގެފާނު ކޫއްތާ ދަމައި، އެކަލޭގެފާނުގެ ހަށިކޮޅު ޒަޚަމްކޮށްލައި، އަނިޔާދީ ހެދިއެވެ. އެކަލޭގެފާނުގެ ހަށިކޮޅުން ފައިބަމުންދިޔަ ލެޔަށް ބެއްލެވުމެއް ނެތި بلال ގެފާނު ވިދާޅުވަމުން ގެންދެވީ "އޭ އަޅަގެ ﷲ އެވެ! އިބަރަސްކަލާނގެ ޙަޟްރަތުން ފޮނުއްވާ ކޮންމެ ކަމަކަށް އަޅާ ހިތްރުހެއެވެ! އޭ ﷲ އެވެ! އިބަރަސްކަލާނގެ ޙަޟްރަތުން ފޮނުއްވާ ކޮންމެ ކަމަކަށް އަޅާ ހިތްރުހެއެވެ"! މިހެން ވިދާޅުވެ އީމާންކަންމަތީ ސާބިތުވެ ހުންނެވި އެވެ. މި ޙާދިސާތައް بلال ގެފާނު ވިދާޅުވެދެއްވާފައިވަނީ ތިރީގައިވާ ގޮތަށެވެ:

"ނުބައިނުލަފާ އުމައްޔާ. އެ ހޫނު ގައި ދުވާލު ގަޑީގައި އަޅުގަނޑުގެ ބަނދެފައި ބޭއްވުމަށް ފަހު ރޭގަނޑު އަނިޔާކުރެއެވެ. އެއީ ހޫނު ދުވަހެކެވެ. އަބަދު ވެސް ކަންކުރާ ގޮތަށް އެ ދުވަހު ވެސް އަޅުގަނޑަށް އަނިޔާކުރަން ފެށި އެވެ. އޭނާ 'އަހަރެމެންގެ ބުދުތަކަށް އަޅުކަން ކުރޭ! محمّدގެފާނުގެ ﷲ އަށް އިންކާރުކުރޭ، އިންކާރުކުރޭ' މިހެން ބުނެ އިސްލާމް ދީން ދޫކޮށްލުމަށް ބާރުއެޅުމުން އަޅުގަނޑު ބުނަނީ، 'ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ އެވެ. ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ އެވެ'. އަޅުގަނޑަށް އޮތް އެ ރުޅިގަނޑު ފިލުވާލުމަށް އޭނާ އަޅުގަނޑުގެ މޭމަތީގައި ބާއްވނީ ވަރަށް ބޮޑު ހިލައެކެވެ. އެ ވަގުތު އަޅުގަނޑުގެ ހޭނެތިއްޖެ އެވެ. އަޅުގަނޑުގެ ހޭޖެހުނު ވަގުތު އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އަޅުގަނޑުގެ ގައިމަތީގައި އޮތް ހިލަ ވަނީ ނަގާފައެވެ. އޭރު އިރު އޮއްސިއްޖެ އެވެ. الله تعالى އަށް ޝުކުރު ދެންނެވުމަށް ފަހު އަމިއްލަ ނަފްސަށް ބުނީމެވެ. "އޭ ބިލާލެވެ! މާތް ރަސްކަލާނގެ ޙަޟްރަތުން ކުރިމަތިވާ ކޮންމެ ކަމަކީ ވެސް ރިވެތިވެގެންވާ ހިތްގައިމު ކަންތައްތަކެވެ".

އަދި އެހެން ދުވަހެއްގައި، أُميّة بن خلف، އަނިޔާކުރުމަށް ޓަކައި، بلال ގެފާނު ބޭރަށް ނެރުއްވި އެވެ. އެކަލޭގެފާނުގެ ހެދުން ބާލުވައި، ދޫކޮށްލީ ހަމައެކަނި ޖަނގިޔަލުގައެވެ. އަދި އެއާ އެކު ހޫނު ދޮންވެލި މަތީގައި ބާއްވުމަށް ފަހު ހަށިކޮޅު މައްޗަށް ހިލަތައް ޖަމާކުރި އެވ. މުޝްރިކުން ޖަމާވެ، بلال ގެފާނަށް އަނިޔާކުރަމުން ބުނަމުން ދިޔައެވެ. "ކަލޭގެ ދިން ދޫކޮށްނުލައިފި ނަމަ، އަހަރެމެން ކަލޭގެފާނު ޤަތުލުނަމެވެ". ވޭންދެނިވި އެ އަނިޔާތައް ލިބެމުންދިޔަ އިރު، بلال ގެފާނު ވިދާޅުވަމުންގެންދެވީ، "ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ އެވެ. ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ އެވެ". އެ ވަގުތު رَسُوْلُ اللهِ ﷺ އެ ހިސާބުން ވަޑައިގަތެވެ. رَسُوْلُ اللهِ ﷺ އަށް بلال ގެފާނު ހުންނެވި ޙާލު ފެނިވަޑައިގަތުމުން، އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ޙާދީޘްކުރެއްވި އެވެ. "الله تعالى ގެ ނަންފުޅު ކިޔުމުން ކަލޭގެފާނު ސަލާމަތްވާނެ އެވެ".

رَسُوْلُ اللهِ ﷺ ގެއަށް ވަޑައިގަތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި أبو بكر ގެފާނު ޒިޔާރަތްކުރެއްވި އެވެ. بلال ގެފާނު ތަޙައްމަލުކުރަން ޖެހުނު އަނިޔާގެ ވާހަކަ رَسُوْلُ اللهِ ﷺ، أبو بكر ގެފާނަށް ކިޔައިދެއްވައި حديثކުރެއްވި އެވެ. "ތިމަންކަލޭގެފާނު ވަރަށް ހިތާމަކޮށްފީމެވެ". أبو بكر ގެފާނު ވަގުތުން އެތަނަށް ވަޑައިގެންފި އެވެ. އެކަލޭގެފާނު މުޝްރިކުންނަށް ވިދާޅުވި އެވެ. "بلال ގެފާނަށް ތިގޮތަށް އަނިޔާދީގެން ކަލޭމެންނަށް ޙާޞިލުވާނީ ކޮން ކަމެއް ހެއްޔެވެ؟ އެކަލޭގެފާނު އަހަންނަށް ވިއްކާށެވެ". އެ މީހުން ބުނޫއެވެ. "ދުނިޔެއާ އެއްވަރަށް ކަލޭގެފާނު އަހަރެމެންނަށް ރަން ދެއްވިޔަސް، އަހަރެމެން އެކަލޭގެފާނު ނުވިއްކާނަމެވެ. އެކަމަކު ކަލޭގެފާނުގެ އަޅު ޢާމިރާ ބަދަލުކޮށްފާނަމު އެވެ". أبو بكر ގެފާނުގެ އަޅު ޢާމިރަކީ، އެކަލޭގެފާނުގެ ވިޔަފާރި ހިންގަވައި ގިނަ ޢަދަދެއްގެ އާމްދަނީ ހޯދައިދިން މީހެކެވެ. أبو بكر ގެފާނުގެ އަމިއްލަ މުދަލުގެ އިތުރަށް، އެކަލޭގެފާނުގެ އަތްޕުޅުގައި ދިހަ ހާސް ރަން ފައިސާފޮތި ހުއްޓެވެ. އޭނާ އަކީ، أبو بكر ގެފާނުގެ ކަންތައްތައް ބެލެހެއްޓި އެކަލޭގެފާނުގެ އެހީތެރިޔާ އެވެ. އެކަމަކު، އެ ޢާމިރަކީ އިސްލާމް ދީން ޤަބޫލުނުކޮށް ހުރި އަދި އެގޮތުގައި ކާފަރުކަން މަތީ ހުރި މީހެކެވެ. أبو بكر ގެފާނު ވިދާޅުވި އެވެ. "بلال ގެފާނަށް ޓަކައި، ޢާމިރާއި އޭނާގެ ހުރިހާ މުދަލަކާ އެކު ކަލޭމެންނަށް ދީފީމެވެ". އުމައްޔާ ބިން ޚަލަފާއި އެހެން މުޝްރިކުން މިކަމާ އުފަލުން ބުންޏެވެ. "އަހަރެމެން أبو بكر ގެފާނަށް އޮޅުވާލައިފީމެވެ".

ވަގުތުން، بلال ގެފާނުގެ ގައިމައްޗަށް އެ މީހުން އަރުވާފަހުރި ބަރު ހިލަތައް أبو بكر ގެފާނު ނެންގެވި އެވެ. އަދި އެކަލޭގެފާނު ކޮޅަށް ނަންގަވައި ތެދުކުރެއްވި އެވެ. ދީފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން بلال ގެފާނު ހުންނެވީ ވަރަށް ބަލިކަށި ކޮށެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައި، بلال ގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންދެވި އެވެ. "رَسُوْلُ اللهِ ﷺ އެވެ! ﷲ އަށް ވާ ލޯބިން އަޅުގަނޑު މިއަދު بلال ގެފާނު މިނިވަންކޮށްފީމެވެ". މިކަމާ رَسُوْلُ اللهِ ﷺ ވަރަށް އުވާވެވަޑައިގަތެވެ. މިކަމާ ގުޅިގެން رَسُوْلُ اللهِ ﷺ أبو بكر ގެފާނަށް ޓަކައި ދުޢާކުރެއްވި އެވެ. އެ ވަގުތު جبريل (‏عليه السّلام)‏ سورة اللّيل ގެ 17 ވަނަ އަދި 18 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏وَسَيُجَنَّبُهَا ٱلْأَتْقَى *ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ اللّيل: 17-18)‏ މާނައީ: "އަދި تقوى ވެރިކަން ބޮޑު މީހާ، އެ ނަރަކައާ ދުރުކުރައްވާނެތެވެ. އެ މީހާއީ، އެ މީހާ طاهر ވެގަތުމަށް ޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާ އެވެ".

ހިތަށް ނުގެނެވޭވަރުގެ އަނިޔާ

"އޭ ބިލާލެވެ! الله تعالى ގެ ނަންފުޅު ކިޔުމުން ތިބާ ސަލާމަތްވާނެ އެވެ".
حديث الشّريف

خبّاب بن الأرت އަކީ އިސްލާމް ދީން ދޫކޮށްލުމަށް މަޖްބޫރުކުރުމުގެ ގޮތުން އަނިޔާ ދެވުނު ޞަޙާބީ އެކެވެ. އެކަލޭގެފާނުގެ ތިމާގެ މީހެއް ނެތެވެ. އެކަލޭގެފާނަކީ، އުއްމު އަންމާރު ނަމަކަށް ކިޔުނު މުޝްރިކު އަންހެނެއްގެ އަޅެކެވެ. ޙިމާޔަތްކޮށްދޭނެ ތިމާގެ މީހެއް ނެތުމާ އެކު، މުޝްރިކުން އެއްވެ އެކަލޭގެފާނުގެ ހެދުންކޮޅު ވީދާލައި، އެކަލޭގެފާނުގެ ހަށިކޮޅަށް ކަށި ހަރާ ހެދިއެވެ. ބައެއް ފަހަރު، ދަގަނޑުން ހަދާފައިވާ ގަމީހެއް އެކަލޭގެފާނުގެ ހަށިކޮޅަށް ލައްވައި އިރުގެ ދިލަ އަވީގައި ބައިންދައެވެ. އިރުގެ އަވިން ހޫނުކޮށްފައިވާ ހިލަ އެކަލޭގެފާނުގެ ހަށިކޮޅުގައި ޖައްސާ ފިއްތާ ހެދުމަށް ފަހު ބުނަމުންދިޔައީ "ކަލޭގެފާނުގެ ދީން ދޫކޮށްލާށެވެ. ލާތާއި ޢުއްޒާ އަށް އަޅުކަންކުރާށެވެ". خبّاب އެކަލޭގެފާނުގެ އީމާންކަމުގައި ސާބިތުކަން މަތީގައި ހުންނަވާ ވިދާޅުވި އެވެ. "لاأله إلّا الله محمّد رَسُوْلُ اللهِ".

އެއް ދުވަހަކު، މުޝްރިކުން އެއްވެ، ރަށުގެ މެދު ގައި އަލިފާންގަނޑެއް ރޯކޮށްފި އެވެ. އަދި خبّابގެފާނު ބަނދެގެން ގެނެސްފި އެވެ. އެކަލޭގެފާނުގެ އަންނައުނުކޮޅު ބާލުވައި އަލިފާންގަނޑަށް ލިއެވެ. އެ މީހުން ބޭނުންވީ އެކަލޭގެފާނުގެ ދީން ދޫކުރުމަށް މަޖްބޫރުކުރުން ނުވަތަ އަލިފާނުގައި އަންދާލުމެވެ. އަލިފާންގނަޑުގެ މެދުގައި އުއްޑުން ބާއްވާފައިވާ خبّابގެފާނު ދުޢާ ދެންނެވި އެވެ. "އޭ ﷲ އެވެ! އިބަ ރަސްކަލާނގެ އަޅާގެ ޙާލަތު ދެކެވޮޑިގަންނަވަމުއެވެ؛ އަޅާގެ ޙާލަތު އެނގިވޮޑިގެންވަމުއެވެ. އަޅާގެ އީމާންކަން އަޅާގެ ހިތުގައި ގަދަކޮށްދެއްވައި، އަޅާ އަށް ކެތްތެރިކަން ދެއްވާދޭވެ"! އެތަނުން އެއް މުޝްރިކަކު خبّابގެފާނެގެ މޭކޮޅަށް އެރިއެވެ. އެކަމަކު އެ މީހުންނަށް ނޭނގުނު ކަމަކީ، الله تعالى އީމާންވީ މީހުން ރައްކާތެރިކޮށްދެއްވި ކަމެވެ.

އޭގެ އެތަކެއް އަހަރެއް ފަހުން، خبّابގެފާނުގެ އަރިހުން އެކަލޭގެފާނަށް ދެވުނު އަނިޔާގެ ވާހަކަ އެހުމުން، އެކަލޭގެފާނުގެ ބުރަކަށީ ގައި ހުރި ލަކުނުތައް ދެއްކެވި އެވެ. "އެބައިމީހުން އަލިފާންގަނޑެއް ރޯކޮށްފައި، އޭގެ ތެރެއަށް އަޅުގަނޑު ލިއެވެ. އެ އަލިފާން ނިއްވައިލީ އަޅުގަނޑުގެ ހަށިގަނޑުގެ މަހެވެ".

އެގޮތަށް، ބޭރުތެރޭގައި خبّاب ގެފާނަށް އަނިޔާކުރަމުން ދިޔަ އިރު، އެކަލޭގެފާނުގެ މާލިކާ އުއްމު އަންމާރު އަލިފާންގަނޑު ތެރޭގައި ދަގަނޑުގަނޑެއް ހޫނުކުރުމަށް ފަހު، އެކަލޭގެފާނުގެ ދީން ދޫކޮށްލުމަށް މަޖްބޫރުކުރުމުގެ ގޮތުން، އެކަލޭގެފާނުގެ ބޯކޮޅު ގައި ޖައްސައި ފިއްތާހެދިއެވެ. އެކަލޭގެފާނުގެ ދީނަށް ޓަކައި، މި ހުރިހާ ވޭނެއް ތަޙައްމަލުކުރައްވައި، އެމީހުން އެދުނު ގޮތަށް އެކަލޭގެފާނުގެ ދީން ދުލެއް ނުކުރެއްވި އެވެ.

އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެ އަރިހަށް خبّاب بن الأرت ވަޑައިގެން ދެންނެވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ! ކާފަރުންނަށް އަޅުގަނޑު ފެންނަ ކޮންމެ ތާކުން އެބައި މީހުން އަޅުގަނޑު އަލިފާނުން އަންދައެވެ. ގޭގައި އުއްމު ޢަންމާރު، އަޅުގަނޑުގެ ބޯ ދޮންކޮށްފައިވާ ދަނގަޑުން އަންދައެވެ. ކަލޭގެފާނުގެ ދުޢާ އަށް އަޅުގަނޑު އެދި ދަންނަވަމެވެ". އޭގެ ފަހުން އޭނާގެ ބުރައްކަށްޓާއި ބޮލުގައި ހުރި ލަކުނުތައް رَسُوْلُ اللهِ ﷺ އަށް ދެއްކެވި އެވެ. رَسُوْلُ اللهِ ﷺ އަށް ޚައްބާބަށް ވަރަށް ބޮޑަށް ހަމްދަރުދީވެ ވަޑައިގަތެވެ. އެކަލޭގެފާނަށް ދެވުނު އަނިޔާތަކަށް ކެތްތެރިވެވަޑައިގަތީ ދީން ދޫކޮށްނުލުމުގެ ޢަޒުމްގައެވެ. އަދި ދުޢާ ދެންނެވޮ އެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޚައްބާބަށް އެހީތެރިވެ ވަޑައިގަންނަވާށެވެ!". رَسُوْلُ اللهِ ﷺ ގެ ދުޢާ އެކަލާނގެ ވަގުތުން އިޖާބަކުރައްވައި، عمّار ގެ ބޮލަށް ގަދަފަދަ ރިހުމެއް ޖެއްސެވި އެވެ. މި ބޮލުރިހުމުގެ ސަބަބުން މުޅި ރޭގަނޑު ރޮއެހޭރި އުޅުނެވެ. އޭނާ އަށް ބޭސްކުރާ މީހުން އޭނަ ގާތު ބުނީ، ބޮލުގެ ރިހުން ރަގަޅުކުރުމަށް ދޮންކޮށްފައިވާ ދަނގަޑެއް ބޮލުގައި ޖެއްސުމަށެވެ. އެންމެ ފަހުން އޭނާ ޚައްބާބަށް ގޮވައި އަލިފާނުން ދޮންކޮށްފައިވާ ދަގަނޑު އޭނާގެ ބޮލުގައި ޖައްސައި ފިތުމަށް އެންގިއެވެ. އެއާއެކު، خبّاب، عمّار ގެ ބޮލުގައި ދޮންކޮށްފައި އޮތް ދަނގަޑަކުން ޖެއްސި އެވެ.

އިސްލާމް ދީނުގެ އެންމެ ކުރީ ދުވަސްވަރު މުޝްރިކުން خبّاب بن الأرت އަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަމަކު، މުސްލިމުންގެ ޢަދަދު ދުވަހަކަށް ވުރެ ދުވަހެއް ދިޔައ އިތުރުވަމުންނެވެ. އެންމެ ފަހުން މުޝްރިކުންނަށް ޖެހުނީ އެކަން ސީރިއަސްކޮށް ނެގުމަށެވެ. އެއާއެކު އެމީހުން ޚައްބާބަށް ދެމުންދިޔަ އަނިޔާތައް އިތުރުކޮށްފި އެވެ. އެމީހުން خبّابގެ ގައިކޮޅުގައި ޖަހާ، ތަޅައި، ޒަޚަމްކޮށް އަދި އަނިޔާކޮށް ހެދިއެވެ.

އެ ހުރިހާ އަނިޔާއެއް ދިން އިރު ވެސް، خبّابގެފާނު އީމާންކަމަށް އެއްވެސް ބުރުލެއް އެރިޔަނުދެއްވި އެވެ. އެކަމަކު، އެމީހުން ދެމުންދިޔަ އަނިޔާތައް ތަޙައްމަލުނުކުރެވޭ ވަރަށް އިތުރުވެގެންދިޔަ އެވެ. އެކަލޭގެފާނަށް ވަމުންދިޔަ ގޮތް رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. އެ ގޮތުން ދެންނެވީ "އޭ ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންނަށް ލިބެމުންދާ އަނިޔާ އިން މިންޖުކުރެއްވުމަށް ދުޢާކޮށްދެއްވާތޯ ދަންނަވަމެވެ".

"ކަލޭގެފާނުގެ ކުރިން އައި އުއްމަތްތަކުގައި ތިބި މީހުންގެ ތެރޭގައި ދަގަނޑު ފުނަޔަކުން އެ މީހުންގެ ހަމާއި، މަސް ދަލައި ލޫދާލެވުނެވެ. އެކަމަކު، އެފަދަ މީހުން އެ މީހުންގެ ދީނުން ބޭރުކޮށެއް ނުލެވުނެވެ. ބޮލުން ފެށިގެން ކީއްސަކުން ދެފަޅިއަށް ކަފާލި އިރު ވެސް އެ އަނިޔާއަކުން އެ ބޭކަލުން އިސްލާމް ދީނުން ބޭރުކޮށްނުލެވުނެވެ. ހަމަ ކަށަވަރުން ވެސް الله تعالى އިސްލާމް ދީން ފުރިހަމަކުރައްވާނެތެވެ. އެހެން ހުރިހާ ދީންތަކަށް ވުރެ މަތިވެރިކުރައްވާނެތެވެ. އޭރުން، ޔަމަނުގެ ސަންޢާ އިން ޙަޟްރަމައުތަށް ދަތުރުކުރަމުންދާ މީހާ، ބަކަރިތަކަށް ހިޔަޅު ބައިގަނޑަކުންދޭ ޙަމަލައެއް ފިޔަވައި الله تعالى ފިޔަވައި އެހެން މީހަކަށް، ބިރެއް ނުގަންނާނެ އެވެ. އެކަމަކު ކަލޭގެފަނު ތިވަނީ އަވަސް އަރުވާލާފައެވެ". އެހެން حديث ކުރައްވައި އޭނާގެ ބުރަކަށީގައި ފިރުމާލެއްވި އެވެ. ފުރާނަތަކަށް ފަރުވާއާއި ދިރުންލއްބައިދެނިވި رَسُوْلُ اللهِ ﷺ ގެ މި ހިތްވަރުލިބެނިވި ބަސްފުޅުން خبّابގެފާނުގެ ރިހުންތަކަށް ތަސައްލީއެއް ލިބިގެންދިޔަ އެވެ.

خبّابގެފާނަށް މީސްމީހުން ތިބީ ވަރަށް ބޮޑަށް ދަރާފައެވެ. ޚާއްޞަކޮށް، އެންމެ ބޮޑަށް ދަރާފައިތިބި މީހުންގެ ތެރޭގައި ނުލަފާ މުޝްރިކެއް ކަމުގައިވާ عاص بن وائل ހިމެނެއެވެ. އެ ދަރަނި އަނބުރާ ހޯއްދެވުމަށް ޓަކައި عاص بن وائل ގެ ގާތަށް ދިއުމުން އޭނާ "ކަލޭގެފާނު محمّدގެފާނާ ނުޤަބޫލުވުމުން މެނުވީ އަހަރެން ކަލޭގެފާނުގެ ދަރަނި ނުދައްކާނަމޭ"، ބުނުމުން، خبّابގެފާނު ޖަވާބު ގައި ވިދާޅުވި އެވެ. އަހަންނަކަށް އަހަރެންގެ ރަސޫލާ، ދިރިހުރުމުގައި އަދި މަރުވުމަށް ފަހު އަހަރެންމެ ޤަބުރުން ތެދުވުމަށް ފަހު ގައި ވެސް ދޫކޮށެއް ނުލެވޭނެ އެވެ. އެހެން ހުރިހާ ކަމެއް ދޫކޮށްލެވިދާނެ އެވެ. އެކަމަކު، ތިޔަ އެދުނު ގޮތަށް، رَسُوْلُ اللهِ ﷺ ދޫކޮށެއް ނުލެވޭނެ އެވެ". خبّابގެފާނުގެ މި ޖަވާބު އަޑުއިވުމުން، عاص بن وائل ބުންޏެވެ. "މަރުވުމަށް ފަހު އަހަރެމެން އަލުން ދިރުއްވޭނެ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ، އަހަރެންގެ މުދަލާއި ދަރިންނާ އެކު އަހަރެންގެ ދަރަނި ކަލޭގެފާނަށް އެ ދުވަހަކުން ދައްކާނަމެވެ".

عاص بن وائل ގެ މި ބަސްތަކަށް ފަހު މާތް ﷲ سورة مريم ގެ 77 ވަނަ އާޔަތުން ފެށިގެން 79 އާޔަތުގެ ނިޔަލަށް ވަޙީ ބާވައިލެއްވި އެވެ. (‏أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًۭا وَوَلَدًا * أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًۭا * كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّۭا * مريم: 77-79)‏ މާނައީ: "ތިމަން ރަސްކަލާނގެ آية ތަކަށް كافر ވެ، އަދި ހަމަކަށަވަރުން، ތިމަންނާ އަށް މުދަލާއި، ދަރިން ދެއްވާހުއްޓޭ ބުނި މީހާ، ކަލޭގެފާނު ފަހެ، ދެކެވަޑައިގަތީމު ތޯއެވެ؟ އޭނާ އަށް غيب އެނގުނީ ހެއްޔެވެ؟ ނުވަތަ رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެ އެވެ. އޭނާ ބުނާ އެއްޗެއް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި އޭނާ އަށް عذاب އިތުރުކުރައްވައި ދިގުކުރައްވާހުށީމެވެ".

ހޭނެތެން ދެން އަނިޔާކުރުން

"އޭ އަބޫ ޖަހުލެވެ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަން އޮތީ ކަލޭ ތިބުނާ ގޮތަކަށެއް ނޫނެވެ. ކަލޭ ލާތަ އާއި ޢުއްޒާއޭ ތިކިޔާ ބުދުތަކަކީ އެއްވެސް ބޭނުމެއް ހިފޭ އެއްޗެއް ނޫނެވެ؛ އެ އެއްޗިއްސަށް އަޅުކަންކުރަނީ ކޮންބައެއް ކަމާއި، އަޅުކަން ނުކުރަނީ ކޮން ބައެއްކަން އެ އެއްޗިއްސަކަށް ނޭނގެއެވެ. ހަމަކަށަވަރުން އަހަރެންގެ ލޮލުގެ ނޫރު އަލުން ދެއްވައި، އަހަރެން ކުރިން ހުރި ޙާލަތަށް އެނބުރި ރުޖޫޢަކުރެއްވުމަށް އަހަރެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކުޅަދުންވަންތައެވެ".
زنيرة (‏رضي الله عنها)‏

އަނިޔާކުރުމުގައި މުޝްރިކުން އަންހެނަކާ ފިރިހެނަކާ ތަފާތެއް ނުކުރެއެވެ. زنيرة ގެފާނަކީ އެންމެ ފުރަތަމަ އިސްމްވީ މީހުންގެ ތެރޭގައި ހިމެނޭ ބޭކަނބަލެކެވެ. އަދި އެކަމަނާ އަކީ އެކަމަނާގެ ތިމާގެ އެއްވެސް މީހެއް ނެތް އަޅު އަންހެނެކެވެ. މުޝްރިކުންނަށް، زنيرة ގެފާނު އިސްލާމީ ޚަބަރު ލިބުމުން، އެ ކަމަނާ އަށް އަނިޔާކުރާކަށް ޖެހިލުމެއް ނުވި އެވެ. ލާތަ އާއި ޢުއްޒާ އަށް އަޅުކަން ކުރުމަށް ޒުނައިރަތުގެފާނަށް މަޖްބޫރުކުރެވުނެވެ؛ އެކަމަނާ އަށް ނޭވާނުލެވި ހޭނެތެންދެން އެކަމަނާ އަށް އަނިކޮށް ކަރުގައި ހިފިއެވެ. އެހެން ކަމާ އެކު ވެސް، އެކަމަނާގެ ދީން ދޫކޮށެއް ނުލެއްވި އެވެ. އަދި އެ މީހުންގެ ބަސް ނޭއްސެވި އެވެ. ޚާއްޞަކޮށް أبو جهل ވަކިން އެކަމަނާ އަށް އަނިޔާކޮށްހެދި އެވެ. ނަތީޖާއެއްގެ ގޮތުން، ޒުނައިރަތުގެފާނުގެ ލޮލުގެ ފެނުން ގެއްލިގެންދިޔަ އެވެ. އެއް ފަހަރަކު أبو جهل ބުންޏެވެ. "ކަލޭ ނިކަން ދެކޭށެވެ. ލާތަ އާއި ޢުއްޒާ ކަމަނާގެ ފެނުން ގެންދިޔައީ އެވެ". އެކަމަނާގެ އީމާންތެރިކަމުން ވިދާޅުވި އެވެ. "އޭ އަބޫ ޖަހުލެވެ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަން އޮތީ ކަލޭ ތިބުނާ ގޮތަކަށެއް ނޫނެވެ. ކަލޭ ލާތަ އާއި ޢުއްޒާއޭ ތިކިޔާ ބުދުތަކަކީ އެއްވެސް ބޭނުމެއް ހިފޭ އެއްޗެއް ނޫނެވެ؛ އެ އެއްޗިއްސަށް އަޅުކަންކުރަނީ ކޮންބައެއް ކަމާއި، އަޅުކަން ނުކުރަނީ ކޮން ބައެއްކަން އެ އެއްޗިއްސަކަށް ނޭނގެއެވެ. ހަމަކަށަވަރުން އަހަރެންގެ ލޮލުގެ ނޫރު އަލުން ދެއްވައި، އަހަރެން ކުރިން ހުރި ޙާލަތަށް އެނބުރި ރުޖޫޢަކުރެއްވުމަށް އަހަރެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކުޅަދުންވަންތައެވެ".

زنيرة ގެފާނުގެ ދެގޮތެއް ނުވާ އިމާންތެރިކަން ފެނިފައި أبو جهل ހުރީ ޙައިރާންވެ އަންތަރީސްވެފައެވެ. الله تعالى زنيرة ގެފާނުގެ ދުޢާ އިޖާބަކުރައްވައި، އެކަމަނާގެ ލޮލުން އިހުނަށް ވުރެ ތޫނުކޮށް ފެންނަން ފަށައިފި އެވެ. أبو جهل އާއި، ޤުރައިޝް ވަންހައިގެ އެހެން މުޝްރިކުންނަށް މި ޙާލަތު ފެނުމުން ވެސް، އެމީހުން ގޮތްދޫނުކޮށް އިސްލާމް ދީން ޤަބޫލެއް ނުކުރި އެވެ. އަދި ކީއްހެއްޔެވެ؟ އެމީހުން ބުނޫއެވެ. "މި ކަމަކީ ވެސް އެ މީހުންގެ ރަސޫލާގެ ސިޙުރެވެ. محمّدގެފާނުގެ ދެއްކެވި މަގުން ދާ މީހުންގެ މޮޔަކަން ކަލޭމެން ނުދެކެން ހެއްޔެވެ؟ އެ މަގަކީ ރަނގަޅު އަދި ތެދު މަގު ނަމަ އެންމެ ފުރަތަމަ އެއަށް ތަބާވަނީ އަހަރެމެންނެވެ. އަހަރެމެންނަށް ވުރެ ކުރިން އެ މަގު ފެނުނީ އަޅަކަށެވެ؛ އެހެން ހެއްޔެވެ"؟

މި ޙާދިސާ އަށް ފަހު الله تعالى سورة الأحقاف ގެ 11 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًۭا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌۭ قَدِيمٌۭ * الأحقاف: 11)‏ މާނައީ: "އަދި كافر ވި މީހުން إيمان ވި މީހުންނަށް ބުނޫއެވެ. (‏އެކަލޭގެފާނު ގެންނެވި ތަކެއްޗަށް إيمان ވުމަކީ)‏ އެއީ ހެޔޮކަމެއް ކަމުގައި ވީނަމަ، ތިމަންމެންގެ މައްޗަކަށް އެއުރެން އެކަމަށް އިސްނަގައިގެން ނުދިޔައީއެވެ. އަދި އެއުރެންނަށް އެއިން ތެދުމަގު ނުލިބުނު ހިނދު، ފަހެ، އެއުރެން ބުނާނެތެވެ. މިއީ، އިހުގެ (‏ފުލޯކުގެ ތެރެއިންވާ)‏ ދޮގެކެވެ".

ދާރުލް އަރްޤަމް

އެކަލޭގެފާނުގެ ޞަޙާބީންނަށް މައްކާގެ މުޝްރިކުން ދެމުންދިޔަ އަނިޔާތަކާއި، ކުރަމުންދިޔަ ދުއްތަރާތަކާ މެދު رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. އިސްލާމް ދީން ފަތުރައި އުނގަންނައި ދެއްވުމަށް އަމާން ތަނަކަށް އޮތީ ބޭނުންޖެހިފައެވެ. رَسُوْلُ اللهِ ﷺ މި މުޤައްދަސް މަސައްކަތަށް އިޚްތިޔާރުކުރެއްވީ ޞަޙާބީ ބޭކަލެއް ކަމުގައިވާ އަރްޤަމްފާނުގެ ގެކޮޅެވެ.6 އެ ގެކޮޅު ހުރީ ޞަފާ ފަރުބަދައިގެ އިރުމަތިން ހަނި ގޯޅިއެއް ގައި އުސް ބިމެއް ގައެވެ. އެ ހިސާބުން ގެފުޅު ރީއްޗަށް ފެނެއެވެ. އެ ގެކޮޅުގެ ވަންނަ ދޮރާއި ނުކުންނަ ދޮރު ހުރީ އެހެން ދާ މީހުން ފަސޭހައިން ޗެކްކުރެވޭ ގޮތަށެވެ. އޭގެ އިތުރަށް، އަރްޤާމްގެފާނަކީ، މައްކާގެ އަޝްރާފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިއްޒަތްތެރި ބޭފުޅެކެވެ. رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުންނަށް އިސްލާމް ދީން އުނގަންނަވައި ދެއްވީ މި ގެކޮޅުގައެވެ. އިސްލާމް ދީނަށް ވަންނަން ބޭނުންވި މީހުން ވެސް އެ ގެކޮޅަށް އައިސް، ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމް ދީން ޤަބޫލުކޮށް، ހިތްތަކަށް ފިނިކަން ގެނެސްދޭ رَسُوْلُ اللهِ ﷺ ގެ ބަސްފުޅުތައް އަޑުއަހައެވެ. އެ މީހުން رَسُوْلُ اللهِ ﷺ ގެ ބަސްފުޅުތައް ކަނުލާ އަޑުއަހަން ތިބެއެވެ. އެގޮތުން އެ މީހުން رَسُوْلُ اللهِ ﷺ ގެ ބަސްފުޅުތައް ބަރާބަރަށް ހިތުދަސްކުރެއެވެ. ކީރިތި ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ ގެ ދުވާލުގެ ވަގުތުތައް ދާރުލް އަރްޤަމް ގައި ހޭދަކުރައްވައި، ހެނދުނުން ފެށިގެން ހަވީރާ ހަމައަށް އަޞްޙާބު ބޭކަލުންނަށް ކިޔަވައިދެއްވައެވެ. މިގެއަކީ، "ދާރުލް އިސްލާމް" އެވެ. މުސްލިމުންގެ ފުރަތަމަ ހެޑްކުއާޓަރެވެ. އިސްލާމް ދީނަށް އެންމެ ފުރަތަމަ ކޮޅު ވަން މީހުން އެއްވަނީ މި ގޭގައެވެ. އެހެނީ، އޭރުން މައްކާގެ މުޝްރިކުންގެ ނުބައި ނުލަފާކަމުން ރައްކާތެރިކަން ލިބޭނެތީ އެވެ.

މަރުވަންދެން އަނިޔާކުރުން

عمّار بن ياسر ގެ ފަރާތުން ރިވާވެގެން ވެއެވެ. " رَسُوْلُ اللهِ ﷺ ގެ ފައިންޕުޅު ދެކި އިސްލާމް ވުމަށް ޓަކައި، ދާރުލް އަރްޤަމަށް ދާން އަހަރެން ބޭނުންވި އެވެ. އެ ގޭގެ ދޮރުމަތިން އަހަންނާ ދިމާވީ ސުހައިބުގެފާނާ އެވެ. އެކަލޭގެފާނު އަރިހުން "މި ތާނގައި ތި ކުރައްވަނީ ކީއްތޯ" އޭ ސުވާލު ދެންނެވުމުން، އެކަލޭގެފާނު އަޑުގަނޑު ކައިރިން އެއްސެވީ ވެސް ހަމަ އެ ސުވާލެވެ. އަޅުގަނޑު ދެންނެވީމެވެ. 'އަޅުގަނޑު ބޭނުންވަނީ، محمّدގެފާނާ ބައްދަލުކޮށް، އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހައި އިސްލާމް ވުމަށެވެ". ދެން ސުހައިބުގެފާނު ވިދާޅުވި އެވެ. 'އަޅުގަނޑު މިއައީ ވެސް ތިކަމާ އެވެ". رَسُوْلُ اللهِ ﷺ ބައްދަލުކުރުމަށް އެ ގެކޮޅަށް ވަނީ އަޅުގަނޑުމެން ދެ މީހުން އެކުގައެވެ. رَسُوْلُ اللهِ ﷺ އަޅުގަނޑުމެންނަށް އިސްލާމް ދީން އުނގަންނަވައި ދެއްވި އެވެ. އަޅުގަނޑުމެން އުފަލާ އެކު އިސްލާމް ވެއްޖައީމުއެވެ".7

عمّار ގެފާނަކީ، އެއްވެސް ޖެހިލުމެއް ނެތި އިސްލާމްކަން ހާމަކުރެއްވި މުޖާހިދުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އިސްލާމް ދީން ދޫކޮށްނުލެއްވުމަށް ޓަކައި، އެންމެ ވޭންދެނި ރަޙްމެއް ނެތް އަނިޔާތައް އެކަލޭގެފާނު ތަޙައްމަލުކުރެއްވި އެވެ. މުޝްރިކުންނަށް އެކަލޭގެފާނު އެކަނި ހުއްޓާ ފެނުމުން ރަމްޟާ ކިޔާ ސަރަޙައްދަށް، މައްކާގެ ހިލަތައް ހުންނަ ހިސާބަށް ގެންގޮސް، ހެދުން ބާލުވައި، ދަގަނޑު ދަހަނާއެއް ލައްވައި އަނިޔާކޮށް އުޅުނެވެ. އެގޮތުގައި، ދިލަ ހޫނުގައި ބައިންދާ އަނިޔާކުރިއެވެ. ބައެއް ފަހަރު އެކަލޭގެފާނުގެ ބުރަކަށިކޮޅުގައި އަލިފާން ޖައްސައި އެކަލޭގެފާނަށް ބޮޑެތި އަނިޔާތައް ދީ އުޅުނެވެ. ކޮންމެ ފަހަރު އެ މީހުން ބުނަނީ "އިސްލާމް ދީން ދޫކުރޭ! އިސްލާމް ދީން ދޫކުރޭ! ލާތަ އާއި ޢުއްޒާ އަށް އަޅުކަން ކުރޭ! ސަލާމަތްވާނީ އޭރުންނެވެ". ކެތްނުކުރެވޭ ވަރުގެ މި އަނިޔާތަކަށް ރައްދުދެއްވަމުން އާދަޔާ ޚިލާފު ކެތްތެރިކަމާ އެކު عمّار ގެފާނު ވިދާޅުވަމުން ގެންދެވީ، "އަހަރެން ހައްދަވައި ބޮޑުކުރެއްވި އިލާހަކީ ﷲ އެވެ. އަހަރެންގެ ރަސޫލަކީ محمّد (‏صلّى الله عليه وسلّم)‏ އެވެ". މިހެން ވިދާޅުވުމުން، މުޝްރިކުން އަދި އިހުނަށް ވުރެ ބޮޑަށް ރުޅިއާދެއެވެ؛ އެމީހުން އެކަލޭގެފާނުގެ މޭމައްޗަށް ހޫނުކޮށްފައި ހުންނަ ހިލަ އަރުވައެވެ. އަދި ބައެއް ފަހަރު، ވަޅަކަށް ލައި، ގަންބުވާލާ ޤަތުލުކޮށްލަން ވެސް އުޅުނެވެ. އެއް ދުވަހަކު، عمّار ބިން ޔާސިރު رَسُوْلُ اللهِ ﷺ އަރިހުގައި ހުންނަވައި ދެންނެވި އެވެ. "ރަސޫލާ އެވެ! މުޝްރިކުން އަޅުގަނޑުމެންނަށް ދޭ އަނިޔާ މިހާރު ޙައްދުން ނައްޓައިފި އެވެ". رَسُوْلُ اللهِ ﷺ عمّارގެފާނަށް ހަމްދަރުދީވެ ވަޑައިގެން حديثކުރެއްވި އެވެ. "ޔަހްޒާން ބައްޕާއެވެ! ކެތްރެރިވެލައްވާށެވެ". ދެން رَسُوْلُ اللهِ ﷺ ދުޢާ ދެންނެވި އެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! عمّارގެ ޢާއިލާގެ އެއްވެސް މެމްބަރަކަށް ނަރަކައިގެ ރަހަ ނުދެއްވާދޭވެ"!

ފުރަތަމަ ޝަހީދު، ފުރަތަމަ ލޭއޮހުރުވުން

عمّارގެފާނުގެ ބައްޕާފުޅު ޔާސިރުގެފާނާއި، އެކަލޭގެފާނުގެ މަންމާފުޅު ސުމައްޔަތުގެފާނާއި، ކޮއްކޯފުޅު ޢަބްދުﷲގެފާނު އިސްލާމްވެ ވަޑައިގަތީ ޢާއިލާ އެއްކޮށެވެ. މުޝްރިކުން عمّارގެފާނަށް އަނިޔާކުރި ވަރަށް ވުރެ ބޮޑަށް އެކަލޭގެފާނުގެ ޢާއިލާ އަށް އަނިޔާކުރި އެވެ. އެގޮތަށް އަނިޔާކުރާ އިރު، މުރުތައްދުވާ ފަދަ ވާހަކަތައް ގަދަކަމުން ބުނުވަމުން އުޅުމުން، އެ ބޭފުޅުންގެ ޖަވާބަކީ، "ތިޔަބައި މީހުން އަހަރެމެންގެ ހަންގަނޑު ނޮޅާލައި މަސްގަނޑު ކަފާލިޔަސް، އަހަރެމެން ކަލޭމެންގެ އަޑެއް ނާހާނަމުއެވެ". ދެން އެއަށް ފަހު "لا إله إلّا الله, محمّد رَسُوْلُ اللهِ" މިހެން ކިޔުއްވައެވެ. އަދި އެހެން ދުވަހަކު، ބަޘާ އޭ ކިޔުނު ސަރަޙައްދެއް ގައި ޔާސިރުގެފާނަށް ޢާއިލާ އަށް އަނިޔާކުރެވުނު ފަހަރެއް ގައި، އެ ދިމާލުން رَسُوْلُ اللهِ ﷺ އެ ދިމާލުން ވަޑައިގަތެވެ. އެކަލޭގެފާނު ޞަޙާބީން ބަރުދާސްތު ކުރައްވަމުން ގެންދެވި ތަޙައްމަލުނުކުރެވޭ ފަދަ އަނިޔާ ފެނިވަޑައިގެން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަތެވެ. ޔާސިރުގެފާނު رَسُوْلُ اللهِ ﷺ އަރިހުން " رَسُوْلُ اللهِ ﷺ އެވެ! އަޅުގަނޑުމެންގެ ދިރިއުޅުން ފުރިގެންވާނީ މި ފަދަ އަނިޔާ އިން ތޯ އެވެ"؟ އޭގެ ޖަވާބު ގައި رَسُوْلُ اللهِ ﷺ حديثކުރެއްވި އެވެ. "ޔާސިރުގެ ޢާއިލާއެވެ. ކެތްރެރިވާށެވެ! عمّارގެ ޢާއިލާ އެވެ. އުފާކުރާށެވެ. ޝައްކެއް ނެތް ގޮތުގައި ތިބާމެންގެ ޖަޒާއަކީ ސުވަރުގެއެވެ".

އަނެއްކާ އެހެން ދުވަހަކު، މައްކާގެ މުޝްރިކުން ދިޔައީ عمّارގެފާނަށް އަލިފާނުން އަނިޔާކުރަމުންނެވެ. رَسُوْلُ اللهِ ﷺ އެ ތަނަށް ވަޑައިގެން حديثކުރެއްވި އެވެ. "އޭ އަލިފާނާ އެވެ! إبراهيمގެފާނަށް ހެދި ފަދައިން ޢައްމާރަށް ފިނި އަދި އަމާން އެއްޗެއް ކަމުގައި ވާށެވެ"! އޭގެ ފަހުން ޢައމާރުގެފާނު ކުރަކަށިކޮޅު ޙަސާކޮށްލެއްވި އިރު އަނދާފަހުރި ތަން ފެނެއެވެ. އެ ލަކުނަކީ رَسُوْلُ اللهِ ﷺ ގެ ދުޢާގެ ކުރިން ލާފަ ހުރި ލަކުނެވެ.

އެހެން ދުވަހެއް ގައި ޔާސިރުގެފާނުގެ ޢާއިލާ އަށް އަނިޔާ ދިން ދުވަހެއް ގައި އެބައި މީހުން ދުނިދަނޑިއަކުން ޖަހާ ޔާސިރުގެފާނާއި، ދަރިކަލުން ޢަބްދުﷲގެފާނު ޝަހީދުކޮށްލައިފި އެވެ. أبو جهل އޭރު ވަނީ ސުމައްޔަތުގެފާނުގެ ފައި ބަނދެލާފައެވެ. އެ ވަލުގެ ދެކޮޅުގައި ދެ ޖަމަލު ބަދެ، ދެކޮޅަށް ދަމަމުން ދަމަމުން ގޮސް އެ ކަމަނާ ވީދި އިރިގެން ގޮސް ޝަހީދު ވެއްޖެ އެވެ. އަބޫ ޖަހުލާއި އެހެން މުޝްރިކުންގެ ރަޙުމެއް ހަމްދަރުދީއެއް ނެތް އަނިޔާވެރިކަމުން ޔާސިރުގެފާނުގެ ޢާއިލާ ޝަހީދުކޮށްލި ޚަބަރު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތުމުން، އެ ބޭކަލުން ވަރަށް ބޮޑަށް އެކަމާ ހިތާމަކުރެއްވި އެވެ. މި ޙާދިސާ އަށް ފަހު އަޞްޙާބު ބޭކަލުން އިހުނަށް ވުރެ ބޮޑަށް އެކަތިގަނޑަކަށް ވެއްޖެ އެވެ.8

އަޞްޙާބު ބޭކަލުން ނަމާދު ކުރެއްވި އިރު، ސިއްރުން އަޅުކަން ކުރެއްވުމަށް ޓަކައި، ވަޑައިގެން އުޅުއްވީ އެކަހެރި ހިސާބު ތަކަށެވެ. އަނެއްކާ ވެސް އެފަދަ ދުވަހެއް ގައި، މައްކަގެ އަބޫ ދުބު ކިޔާ ސަރަޙައްދެއް ގައި ނަމާދުކުރައްވަމުން ގެންދެވީ سعد بن أبي وقّاص އާއި، سعد بن زيد އާއި، عبدالله بن مسعود އާއި، عمّار بن ياسر އާއި، خبّاب بن الأرت އެވެ. އެ ވަގުތު، އެބޭކަލުންގެ ފަސް ފަހަތުން ދިޔަ أحنس بن شريك އާއި އެހެން ބައެއް މުޝްރިކުން، އެ ބޭކަލުންގެ އަޅުކަންކުރެއްވުމަށް ޖެއްސުންކޮށް ހުތުރު އެއްޗެހި ގޮވައިފި އެވެ. އެކަން ތަޙައްމަލުނުކުރެއްވިގެން، سعد بن أبي وقّاص އާއި، އެކަލޭގެފާނުގެ އެކުވެރިން މުޝްރިކުންނަށް ޙަމަލާ ދެއްވައިފި އެވެ. ސަޢުދުގެފާނަށް ޖަމަލެއްގެ ކަށިގަނޑު ފެނިވަޑައިގެން، އޭގެ ތެރެއިން އެއް މުޝްރިކުގެ ބޮލުގައި އެ ކަށިގަނޑުން ޖައްސަވައި އޭނާގެ ބޯ ދެފަޅިކޮށްލައްވައިފި އެވެ. މުޝްރިކުން ބިރުން އެތަނުން ފިލައި ދުވެ ރައްކާވެއްޖެ އެވެ. މިއީ، މުސްލިމުން ކާފަރުންގެ ލޭއޮހުރުވާލި ފުރަތަމަ ފަހަރެވެ.

أبز ذر الغفاري އިސްލާމްވެވަޑައިގަތުން

"ޔާސިރުގެ ޢާއިލާއެވެ. ކެތްރެރިވާށެވެ! عمّار ގެ ޢާއިލާ އެވެ. އުފާކުރާށެވެ. ޝައްކެއް ނެތް ގޮތުގައި ތިބާމެންގެ ޖަޒާއަކީ ސުވަރުގެއެވެ".
حديث الشريف

މީހަކަށް ފަހު މީހަކަށް ހިދާޔަތް ލިބި، އިސްލާމް ދީނުގެ ނޫރު މައްކާ އިން ބޭރަށް ފެތުރި، ދުނިޔެ އުޖާލާކުރެވެން ފަށައިފި އެވެ. އިސްލާމް ދީން ކުރިއަރައި ފެތުރިގެންދާ ކަމުގެ ޚަބަރު ލިބި، މުޝްރިކުން ދިޔައީ އެކަން ހުއްޓުވުމަށް ޓަކައި، އެތަކެއް މަސައްކަތެއް ކުރަމުންނެވެ. އެންމެ ފަހުން މި ޚަބަރު ބަނީ ޣިފާރު ވަންހަ އާ ހަމަޔަށް ވެސް ފޯރައިފި އެވެ. أبو ذر الغفاري އަށް މި ޚަބަރު ލިބުމާ އެކު، އެކަލޭގެފާނުގެ އަޚް އުނައިސް މައްކާ އަށް ފޮނުއްވައި، އެންގެވީ ވެގެން އުޅޭ ގޮތެއް ތަޙްޤީޤުކުރުމަށެވެ. އުނައިސް މައްކާ އަށް ގޮސް، رَسُوْلُ اللهِ ﷺ ގެ ބައްދަލުވުމަކަށް ގޮސްފި އެވެ. އޭނާ އެނބުރި އައީ، رَسُوْلُ اللهِ ﷺ އާ މެދު ވަރަށް ޝައުޤުވެރިވެގެންނެވެ. އޭނާގެ އަޚް އަބޫ ޒައްރުގެފާނު "ތިބާ ގެނައީ ކޮން ޚަބަރެއް ހޭ؟" އެއްސެވުމުން ޖަވާބު ގައި އުނައިސް ބުންޏެވެ. "އަޅަމެންގެ ޞާޙިބާ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން ދުށީ ވަރަށް މާތް ބޭކަލެކެވެ. އެކަލޭގެފާނު އަބަދު ވެސް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތައް ނަހީކުރައްވައެވެ". "އެކަލޭގެފާނާ މެދު މީސްތަކުން ކިޔަނީ ކީކޭ ހެއްޔެވެ؟" މިހެން އ أبو ذر ގެފާނު އެއްސެވުމުން، އޭރުގެ މަޝްހޫރު ޅެންވެރިންގެ ތެރޭގައި ހިމެނޭ އޭނާގެ އަޚް އުނައިސް ޖަވާބު ގައި ބުންޏެވެ. "އެބައި މީހުން ބުނަނީ، އެކަލޭގެފާނަކީ ޅެންވެރިއެއް ކަމަށެވެ. ރަމަލުބަލާ މީހެއް ކަމަށެވެ. ސިޙުރުވެރިއެއް ކަމަށެވެ. އެހެން ނަމަވެސް، އެކަލޭގެފާނުގެ ބަސްފުޅުތަކަކީ، ރަމަލުބަލާ މީހުން ނުވަތަ ސިޙުރުވެރިންގެ ބަސްތައް ފަދަ ބަސްފުޅުތަކެއް ނޫނެވެ. އަހަރެން ވެސް އެކަލޭގެފާނުގެ ބަސްފުޅުތައް، ޅެންވެރިންގެ ހުރިހާ ވައްތަރެއްގެ ޅެމާ އަޅާބަލައިފީމެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އެ ޅެންތަކާ އެއްގޮތެއް ނޫނެވެ. މި ޚާއްޞަ ބަސްފުޅުތައް އެއްވެސް މީހެއްގެ ބަހަކުން މިނެއް ނުކުރެވޭނެ އެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނު އެ حديثކުރައްވަނީ ތެދެވެ. އެކަލޭގެފާނު ޤަބޫލުނުކުރާ މީހުންނަކީ ދޮގުވެރިންނެވެ. އަދި މަގުގެއްލިފައިވާ މީހުންނެވެ".

މި ޚަބަރު ލިބުމާ އެކު أبو ذر ގެފާނު ނިންމެވީ މައްކާ އަށް ދަތުރުކުރައްވާ، رَسُوْلُ اللهِ ﷺ އާ ބައްދަލުކޮށް އިސްލާމްވުމަށެވެ. ހިނގާ ދަނޑިގަނޑަކާއި، ބައެއް ކާނާ ހިއްޕަވައިގެން މައްކާ އަށް ވަޑައިގަތުމުގެ ދަތުރު ފެއްޓެވި އެވެ. މައްކާ އަށް ފޯރުމަށް ފަހު، އެކަލޭގެފާނުގެ ނިޔަތް އެއްވެސް މީހެއް ކައިރީގައި ބުނެއެއް ނުދެއްވައެވެ. އެހެނީ، މުޝްރިކުން ތިބީ رَسُوْلُ اللهِ ﷺ އާއި މުސްލިމުންނާ ވަރަށް ބޮޑަށް ޢަދާވާތްތެރިވެގެން، އެމީހުންގެ ދުއްތުރާތައް ދިޔައީ އިތުރުކުރަމުންނެވެ. ޚާއްޞަ ގޮތެއްގައި، އެމީހުން އަނިޔާ ދިނީ މުސްލިމުންގެ ތެރޭގައި ތިބި ފަގީރު އަދި ވާލެއް ނެތް މީހުންނަށެވެ. އަބޫ ޒައްރަށް މައްކާގެ އެއްވެސް މީހެއް ނޭނގެއެވެ. އެކަލޭގެފާނަކީ މައްކާ ގައި ބީރައްޓެއްސެކެވެ. އެހެންކަމުން، އެކަލޭގެފާނު އެއްވެސް މީހެއްގެ ކައިރިން އެއްވެސް އެއްޗެއް ނާއްސަވައެވެ. ގެފުޅު ކައިރީ ގައި رَسُوْلُ اللهِ ﷺ ފެނޭތޯ އިންތިޒާރުކުރައްވައި، އެކަލޭގެފާނު އުޅުއްވާ ހިސާބެއްގެ އިޝާރާތަކަށް ބެއްލެވި އެވެ.

ހަވީރުކޮޅަށް އެޅުމުން، ކަނަކަށް ޖެހިވަޑައިގަތެވެ. علي ގެފާނަށް أبو ذر ފެނިވަޑައިގަތެވެ. أبو ذر ގެފާނަކީ ބީރައްޓެއްސެކަން އެނގިވަޑައިގެން، އެކަލޭގެފާނުގެ ގެއަށް ގެންދެވި އެވެ. އެކަލޭގެފާނުގެ ޙާލަތު ނޭއްސެވުމާ އެކު، އެކަލޭގެފާނުގެ ސިއްރު ހާމައެއް ނުކުރެއްވި އެވެ. އަނެއް ދުވަހު ހެނދުނު އަނެއްކާ ވެސް ގެފުޅަށް ވަޑައިގަތެވެ. ހަވީރު ވަންދެން އެ ހިސާބުގައި އުޅުއްވިޔަސް، އެކަލޭގެފާނުގެ އުއްމީދު ޙާޞިލުވާ ގޮތެއް ނުވިއެވެ. އޭގެ ކުރިން ވެސް ހުންނެވި ތަނަށް ވަޑައިގެން އެތާނގައި އަނެއްކާ ވެސް އިށިނދެވަޑައިގެންފި އެވެ. علي ގެފާނު އަނެއްކާ ވެސް އެ ރޭ އެ ހިސާބުން ވަޑައިގަތެވެ. އަދި ވިދާޅުވި އެވެ. "ވީމާ، މި ފަގީރު މީހާ އަށް އަދިވެސް އޭނާގެ ގެ ހުންނަ ތަން ނޭނގެނީ ބާވައެވެ"؟ މިހެން ވިދާޅުވެފައި، އަނެއްކާ ވެސް އޭނާ އެ ކަލޭގެފާނުގެ ގެއަށް ގެންދަވައިފިއެވެ. އަނެއް ދުވަހު ހެނދުނު، އަނެއްކާ ވެސް ގެފުޅަށް ގޮސް، ކުރިން ވެސް މަޑުކުރެއްވި ކަނުގައި މަޑުކުރައްވައިފި އެވެ. علي ގެފާނު އަނެއްކާ ވެސް އޭނާ އެކަލޭގެފާނުގެ ގެއަށް ގެންދަވައިފި އެވެ. މި ފަހަރު، އޭނާ އައި ތަނަކާއި އައި ސަބަބެއް އައްސަވައިފި އެވެ. أبو ذر ގެފާނު ވިދާޅުވި އެވެ. "ކަލޭގެފާނު ރަނގަޅު މަޢުލޫމާތު ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފި ނަމަ، އަޅުގަނޑު އަޅުގަނޑު ދަންނަވަފާނަމެވެ". "ބުނެދޭށެވެ. ތިބާގެ ޙާލަތު އެއްވެސް މީހެއް ކައިރީގައި އަހަރެން ބުނެނުދޭނަމޭ"، މިހެން علي ގެފާނު ވިދާޅުވުމުން، އަބޫ ޒައްރުގެފާނު ވިދާޅުވި އެވެ. رَسُوْلُ اللهِ ﷺ މި ތަނަށް ވަޑައިގަންނަވާ ވާހަކަ އަޅުގަނޑު އަޑުއެހީމެވެ. އަޅުގަނޑު އައީ އެކަލޭގެފާނާ ވާހަކަދައްކައި ބައްދަލުކޮށްލުމަށެވެ". علي ގެފާނު ވިދާޅުވި އެވެ. "ކަލޭގެފާނަށް ތެދަކީ ކޮބައިކަން އެނގިވަޑައިގެން ތި ކަންތައް ކުރެއްވީ ބުއްދިވެރިކޮށެވެ. އަޅުގަނޑު މިހާރު މި ދަނީ އެކަލޭގެފާނު އަރިހަށެވެ. އަޅުގަނޑު ފަހަތުން ވަޑައިގެން އަޅުގަނޑު ވަންނަ ގެއަށް ވަންނަވާށެވެ. މަގުމަތިން މީހަކު ކަލޭގެފާނަށް ހާނީއްކައެއް ކޮށްފާނެހެން ހީވާ މީހަކު ހުރިކަން އަޅުގަނޑަށް އެނގިއްޖެ ނަމަ، އަޅުގަނޑުގެ ފައިވާން ހެޔޮވަރުކުރާ ގޮތަށް އަޅުގަނޑު ކަންތައް ކުރާނަމެވެ. އެހެން ވެއްޖެ ނަމަ، ކަލޭގެފާނު އަޅުގަނޑަށް އިންތިޒާރުނުކުރައްވައި، އަޅުގަނޑު ފަހަނައަޅައި ދުރުވާށެވެ".

أبو ذر الغفاري، علي ގެފާނުގެ ފަހަތުން ވަޑައިގަތެވެ. އެންމެ ފަހުން، ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ ގެ މޫނުފުޅު ފެނުމުގެ ޝަރަފު ލިބިވަޑައިގަތެވެ. އަދި رَسُوْلُ اللهِ ﷺ އަށް "السّلام عليكم" އޭ ދަންނަވައި ސަލާމްކުރެއްވި އެވެ. މިއީ، އިސްލާމް ދީނުގެ ފުރަތަމަ ސަލާމެވެ. އަދި أبو ذر ގެފާނަކީ އެންމެ ފުރަތަމަ ސަލާމް ވިދާޅުވި ބޭފުޅާ އެވެ. އެކަލޭގެފާނުގެ ސަލާމަށް އިޖާބަދެއްވުމަށް ފަހު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. ގެ ރަޙްމަތް ކަލޭގެފާނުގެ މައްޗަށް ލައްވާށި އެވެ"! رَسُوْلُ اللهِ ﷺ ، "ތީ ކާކު ހޭ؟" މިހެން އެއްސެވުމުން، أبو ذر ޖަވާބު ދެއްވި އެވެ. "އަޅުގަނޑަކީ ޣިފާރު ވަންހައިގެ މީހަކީމެވެ". رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "މިތާނގައި ހުންނަވާތާ ކިތައް ދުވަސް ވެއްޖެ ތޯއެވެ"؟ އޭނާ ޖަވާބު ދެއްވި އެވެ. "އަޅުގަނޑު މި ރަށުގައި ހުންނަތާ ތިން ދުވަހާއި ތިން ރޭ ވެއްޖެ އެވެ. ދެން "ކަލޭގެފާނަށް ކާން ދެނީ ކާކު ތޯ" އޭ رَسُوْلُ اللهِ ﷺ އެއްސެވުމުން، އ أبو ذر ވިދާޅުވި އެވެ. "ޒަމްޒަމް ފެން ފިޔަވައި ކާނެ އަދި ބޯނެ އެއްޗެއް އަޅުގަނޑަކަށް ނުލިބެ އެވެ. ޒަމްޒަމް ފެން ބުއިހާ ހިނދަކު، އަޅުގަނޑު ކަރެއް ނުހިއްކައެވެ. އަދި ބަނޑުހައެއް ނުވެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޒަމްޒަމް ފެނަކީ ބަރަކާތްތެރިވެގެންވާ ފެނެކެވެ. އެ ފެނުން ބަނޑުހައިކަން ފިލައެވެ". ދެން أبو ذر الغفاري رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "އަޅުގަނޑަށް އިސްލާމް ދީނުގެ ވާހަކަ ކިޔުއްވައި ދެއްވާށެވެ". رَسُوْلُ اللهِ ﷺ އޭގެ ފަހުން އަބޫ ޒައްރަށް ޝަހާދަތުގެ ދެ ކަލިމަ ކިޔުއްވައިދެއްވި އެވެ. އަބޫ ޒައްރު އޭގެ ފަހުން ޝަހާދަތުގެ ދެ ކަލިމަ ކިޔުއްވައި، އެންމެ ފުރަތަމަ ކޮޅު އިސްލާމްވީ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަތެވެ".9

މުސްލިމަކަށް ވުމަށް ފަހުގައި، أبو ذر الغفاري رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "ރަސޫލާ އެވެ! ކަލޭގެފާނު ޙަޤީޤި ރަސޫލެއްގެ ގޮތުގައި ފޮނުއްވި ﷲ ގަންދީ ހުވާކޮށްފައި އަޅުގަނޑު ދަންނަވަމެވެ. އަޅުގަނޑު އިސްލާމްވީ ކަން މުޝްރިކުންގެ ތެރޭގައި ހުރެގެން އަޅުގަނޑު ފާޅުކަން މަތި އިޢުލާންކުރާނަމެވެ". ދެން އެކަލޭގެފާނު ގެފުޅަށް ވަޑައިގެން، ހަރު އަޑުފުޅުން ވިދާޅުވި އެވެ. "އޭ ޤުރައިޝުންގެ މީހުންނޭވެ! 'أشهد أن لّا إله إلّا الله و أشهد أن محمّدا عبده و رسوله'" މި އަޑު އިވި، މުޝްރިކުން ވަގުތުން އެކަލޭގެފާނަށް ޙަމަލާ ދިނެވެ. އެ މީހުން އެކަލޭގެފާނުގެ ގައިކޮޅުގައި ހިލައިންނާއި، ދަނޑިންނާއި، ކަށިގަނޑުގަނޑުން ތަޅައި، އެކަލޭގެފާނު ލެއިން ތަތްތެޅޭ ވަރަށް އަނިޔާކޮށްފި އެވެ. މި މަންޒަރު ފެނިވަޑައިގަތް عبّاسގެފާނު ވިދާޅުވިއެވެ. "އެކަލޭގެފާނު ދޫކޮށްލާށެވެ. ތި ވަރަށް ތަޅަނިކޮށް އެކަލޭގެފާނު މަރުވެދާނެ އެވެ! އެކަލޭގެފާނަކީ، ކަލޭމެންގެ ވިޔަފާރި ޤާފިލާތައް ދަތުރުކުރާ މަގެއްގެ މަތީގައި އޮންނަ ހިސާނެއް ދިރިއުޅޭ ބައެކެވެ. މީގެ ފަހުން ކަލޭމެން އެހެން ދާނީ ކިހިނެއް ހެއްޔެވެ"؟ އެހެންކަމުން، މުޝްރިކުންގެ އަނިޔާއިން أبو ذر ގެފާނު ސަލާމަތްކޮށްދެއްވީ عبّاسގެފާނެވެ. މުސްލިމަކަށް ވުމުން، އެކަމުގެ އުފަލުގައި أبو ذر އަށް އެއްތަނެއް ގައި މަޑަކުން ނުހުންނެވެއެވެ. ޖެހިގެން އައި ދުވަހު އަނެއްކާ ވެސް ގެފުޅުގައު ހުންނަވައިގެން ޝަހާދަތުގެ ދެކަލިމަ ހަރު އަޑުފުޅުން ވިދާޅުވެއްޖެ އެވެ. މުޝްރިކުން އަނެއްކާ ވެސް އެކަލޭގެފާނުގެ ހަށިކޮޅު ގައި ތަޅައިގެންފި އެވެ. އެއާއެކު އެކަލޭގެފާނު ބިން މައްޗަށް ވެއްޓި ވަޑައިގެންފި އެވެ. އަނެއްކާ ވެސް عبّاسގެފާނު ވަޑައިގެން އަބޫ ޒައްރުގެފާނު ސަލާމަތްކޮށްދެއްވައިފި އެވެ.

ކީރިތި ރަސޫލާ (‏صلّى الله عليه وسلّم)‏ أبو ذر الغفاري އަށް އަމުރުކުރެއްވީ އެކަލޭގެފާނުގެ ރަށަށް ވަޑައިގެން، އެ ރަށުގައި އިސްލާމް ދީން ފެތުރުއްވުމަށެވެ. رَسُوْلُ اللهِ ﷺ ގެ މި އަމުރުފުޅާ އެކު، އެކަލޭގެފާނުގެ ޤަބީލާ އަށް ވަޑައިގެން، الله تعالى އަކީ އެއްކައުވަންތަ ރަސްކަލާނގެ ކަމާއި، محمّد (‏صلّى الله عليه وسلّم)‏ އަކީ އެކަލާނގެ ރަސޫލާކަން އަންގަވައި ދެއްވައިފި އެވެ. أبو ذر ގެފަނު ވިދާޅުވީ، محمّدގެފާނު ތަބްލީޣުކުރައްވަނީ ޙަޤީޤަތް އަދި ތެދުކަމަށާއި، އެބައި މީހުން އަޅުކަންކުރާ ބުދުތަކަކީ ނުރަނގަޅު، ހުސް އަދި މާނައެއް ނެތް އެއްޗެހިތަކެއް ކަމަށެވެ. އެކަލޭގެފާނުގެ ވާހަކަ އަޑުއަހަން އެތާ ތިބި ބައެއް މީހުން އެ ވާހަކަ އާ ދެކޮޅުހަދަން ފަށައިފި އެވެ. އެ ވަގުތު އެ ޤަބީލާގެ ޗީފް ޙައްފާފު، އެތާ ތިބި މީހުން މައިތިރިކޮށްފައި ބުންޏެވެ. "މަޑުކުރާށެވެ. އަޑުއަހައި އެކަލޭގެފާނު ވިދާޅުވަނީ ކީކޭ ތޯ ބަލަމާ ހިނގާށެވެ"! އެއާއެކު، އަބޫ ޒައްރުގެ ވާހަކަ ކުރިޔަށް ގެންދެވި އެވެ.

"ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނު އެ ޙަދީޘްކުރައްވަނީ ތެދެވެ. އެކަލޭގެފާނު ޤަބޫލުނުކުރާ މީހުންނަކީ ދޮގުވެރިންނެވެ. އަދި މަގުގެއްލިފައިވާ މީހުންނެވެ".
أنيس الغفري (‏ر ضي الله عنه)‏

"އަހަރެން މުސލިމަކަށް ވުމުގެ ކުރިން އެއް ދުވަހަކު އަހަރެން ނުހާމޭ ކިޔުނު ބުދު ކައިރި އަށް ގޮސް އޭގެ ކުރިމަތީގައި ކިރު ބެހެއްޓީމެވެ. އަހަންނަށް ފެނުނީ ކުއްތާއެއް އައިސް، ކިރުފޮދު ބޮއެލާފައި، އެ ބުދުގެ މައްޗަށް ހީސްލީ ތަނެވެ. އަހަންނަށް ވަރަށް ސާފުކޮށް އެނގުނު ކަމަކީ، އެކަން ހުއްޓުވުމުގެ ބާރު އެ ބުދަށް ލިބިގެންނުވާ ކަމެވެ. ކުއްތާއެއް ވެސް އިހާނެތިކޮށް ކަންތައް ކުރާ ބުދަކަށް ތިބާ އަޅުކަންކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ މޮޔަކަން ނޫން ހެއްޔެވެ؟ ކަލޭމެން ތި އަޅުކަންކުރާ އެއްޗަކީ އެއީ އެވެ".

އެތާ ތިބި އެންމެ ބޯ ވަތަށް ޖަހައިގެން ތިބެ އެ ތަނުން ތެދުވެއްޖެ އެވެ. އޭގެ ތެރެއިން އެކަކު އަހައިފި އެވެ. "ދެން ކަލޭގެފާނު ތި ބުނާ ރަސޫލާ حديث ކުރެއްވީ ކީކޭ ތޯ އެވެ؟ އެކަލޭގެފާނު އެ ވިދާޅުވަނީ ތެދުކަން ކަލޭގެފާނަށް އެނގުނީ ކިހިނެއް ހެއްޔެވެ"؟ އޭގެ ޖަވާބުގައި أبو ذر ގެފާނު ވަރަށް ބާރު އަޑަކުން ވިދާޚުވި އެވެ.

"އެކަލޭގެފާނު ވިދާޅުވަނީ الله تعالى އަކީ އެއްކައުވަންތަ ރަސްކަލާނގެ ކަމަށާއި، އެކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށާއި، އެކަލާނގެ އަކީ ހުރިހާ އެއްޗެއް ހެއްދެވި ޚާލިޤު ކަމަށާއި، ހުރިހާ އެއްޗެއްގެ މާލިކު ކަމަށެވެ....އެކަލޭގެފާނު މީސްތަކުންނަށް ދަޢުވަތު ދެއްވަނީ، އެކަލޭގެފާނަށް އީމާންވުމަށެވެ. އެކަލޭގެފާނު އެބައި މީހުންނަށް ދަޢުވަތު ދެއްވަނީ ރަނގަޅު ކަންތައްތަކަށާއި، ރަނގަޅު އަޚްލާޤަށާއި، އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. އެކަލޭގެފާނު ވިދާޅުވަނީ، ޅަ އަންހެން ކުދިން ދިރިހުއްޓާ ވަޅުލުމުގެ ނުބައިކަމާއި، އެހެން ހުރހާ ނުބައި ކަމާއި، ތިޔަބައި މީހުން ވާ ބޭއިންޞާފާއި، ކުރާ އަނިޔާވެރިކަމުގެ ނުބައި ކަމުގެ ވާހަކަ އާއި، އެ ކަންތައްތަކުން ދުރުވުމަށެވެ". އެއާއެކު، އިސްލާމް ދީން ތަފްޞީލުކޮށް އޮޅުންފިލުއްވައި ދެއްވި އެވެ. އެކަލޭގެފާނުގެ ޤަބީލާގެ މީހުން ކުރާ ހުރިހާ ނުބައި ކަމެއްގެ ވާހަކަ ވިދާޅުވި އެވެ. ދެން އެކަލޭގެފާނު އޮޅުންފިލުއްވައިދެއްވީ، ނުބައި ކަންތައްތަކުން ލިބޭ ގެއްލުންތަކާއި، ހުތުރުކަމެވެ. އެ ޤަބީލާގެ ޗީފް ޙައްފާފާއި، އޭނާގެ ދެ ކޮއްކޮއިންނާއި، އެ ކަލޭގެފާނުގެ އަޚް އުނައިސް ވެސް ހިމެނޭ ގޮތަށް އެ ތަނަށް އެއްވެ ތިބި ގިނަ މީހުން، އިސްލާމް ވެއްޖެ އެވެ.10

كعبة ގައި ހަރުއަޑުން ކީރިތި ޤުރްއާން ކިޔަވާވިދާޅުވުން

އެއް ދުވަހަކު ޞަޙާބީން އެއްވެ ތިއްބެވީ ވަކިން އޮތް އެކަހެރި ތަނެއްގައެވެ. އެ ތަނުގައި ތިއްބެވީ ވާހަކަ ދައްކަވާށެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. رَسُوْلُ اللهِ ﷺ ފިޔަވައި، އެހެން މީހަކަށް، ޤުރައިޝުންގެ މުޝްރިކުން ފާޅުގައި ކީރިތި ޤުރްއާން އަޑުއަހަން ނުޖެއްސޭނެ އެވެ". عبدالله بن مسعود ވެސް އެތާ ހުންނެވި އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. "އަހަރެން އެމީހުން އަޑުއަހާނެ ގޮތަށް ހަދާނަމެވެ". ބައެއް ޞަޙާބީން ވިދާޅުވި އެވެ. "އޭ ޢަބްދުﷲ އެވެ. މުޝްރިކުން ކަލޭގެފާނަށް އަނިޔާކޮށްފާނެތި އަހަރެމެން ބިރުގަނެއެވެ. އަހަރެމެން ބޭނުންވަނީ، ބޭނުމެއް ޖެހުމުން އެ ބޭކަލަކު މުޝްރިކުންގެ ކިބައިން ސަލާމަތްކޮށްދޭނެ ޤަބީލާއެއްގެ މީހެކެވެ. އަދި އޭނާގެ މީހުން ތިބި މީހެކެވެ". އެކަލޭގެފާނު ބާރާއކު ވިދާޅުވި އެވެ. "އަހަރެން ދިޔަ ދޭށެވެ. އެކަލާނގެ އަހަރެން ރައްކައުތެރި ކުރައްވާނެތެވެ".

ޖެހިގެން އައި ދުވަހުގެ މެންދުރުވުމުގެ ކުރިން، އެކަލޭގެފާނު މަޤާމު އިބްރާހީމަށް ވަޑައިގަތެވެ. މުޝްރިކުން ތިބީ އެ ތަނަށް ޖަމާވެގެންނެވެ. إبن مسعود އެތާ ކޮޅަށް ހުންނަވާ ބިސްމި ވިދާޅުވެ އޭގެ ފަހުން سورة الرّحمن ކިޔަވާ ވިދާޅުވާން ފަށްޓަވައިފި އެވެ. މުޝްރިކުން އެކަކު އަނެކަކަށް އަހައިފި އެވެ. "أمُّ عبد އެ ކިޔަނީ ކީކޭހެއްޔެވެ؟ އޭނާ އެ ކިޔާ ކަމަށް ވާނީ محمّد ގެނެސްދެއްވި ބަސްތަކެވެ". އެހެން ކިޔާފައި އެކަލޭގެފާނަށް ޙަމަލަދީފި އެވެ. ގޮށްމުށުން ތަޅަމުން، ކަންކަށިމަތީ ގައި ޖަހަމުން، ގައިކޮޅު ގައި ތަޅަމުން، އެ މީހުން އެކަލޭގެފާނުގެ ލޮލާއި މޫނު ނޫފައިގެންދާ ވަރުކޮށް، މީހާ ނޭނގޭ ވަރުކޮށްލައިފި އެވެ. އެކަމަކު، އެކަލޭގެފާނުގެ ގައިކޮޅު ގައި ތަޅަމުންދިޔަ އިރު ވެސް ގެންދެވީ ކީރިތި ޤުރްއާން ކިޔަވާވިދާޅުވަމުންނެވެ. އެކަލޭގެފާނު އެނބުރި އަޞްޙާބު ބޭކަލުންގެ ގާތަށް ވަޑައިގަތް އިރު، މޫނު ގައި ޒަޚަމްތަކާއި، ފާރުގަނޑުތައް ހުއްޓެވެ. މި މަންޒަރު ފެނި އަޞްޙާބު ބޭކަލުން ވަރަށް ހިތާމަކުރައްވައި ވިދާޅުވި އެވެ. "ކަލޭގެފާނަށް ތިހެން ވެދާނެ ކަމަށް އަޅުގަނޑުމެން ތިބީ ބިރުންނެވެ. އެންމެ ފަހުން ކަންތައް މިވީ ވެސް އަޅުގަނޑުމެން ބިރުހީވި ގޮތަށެވެ".

އެހެން ނަމަވެސް، عبدالله بن مسعود ހުންނެވީ އެއްވެސް ގޮތަކަށް ދެރަވެގެނެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. "މިއަދު އެމީހުން ތިބިހާ ބަލިކަށިކޮށް الله تعالى ގެ ޢަދުއްވުން ތިބި ދުވަހެއް އަޅުގަނޑު މީގެ ކުރިޔަކުން ނުދެކެވެ. ތިޔަ ބޭކަލުން ބޭނުންފުޅު ނަމަ، މާދަން ހެނދުނު ވެސް އެ މީހުންނަށް އަޑު އިއްވާލަދީފާނަމެވެ. މިއަދު ވެސް އެމީހުން އަޑުއަހަން ޖެއްސި ގޮތަށް، މާދަން ވެސް އެ މީހުންނަށް އަޑު އިއްވިދާނެ އެވެ". އަޞްޙާބު ބޭކަލުން ވިދާޅުވި އެވެ. "ނޫނެކެވެ. މިވަރުން ކަލޭގެފާނަށް ފުދެއެވެ. އެ ނުބައިނުލަފާ ކާފަރުން ގަޔާނުވާ އެއްޗެއް އަޑު އިއްވަން ކަލޭގެފާނު މަޖްބޫރުކުރައްވައިފީމު އެވެ".11

طُفيل بن عمرو އިސްލާމްވުން

އަހަރުތައް ފައިތުވީ ވަރަކަށް ފާޅުކަމާ އެކު މައްކާ ގައި އިސްލާމް ދީނަށް ގޮވާލެއްވުމަށް رَسُوْلُ اللهِ ﷺ ފަށްޓަވައިފި އެވެ. އެކަލޭގެފާނު ރެއާއި ދުވާލު މީސްތަކުންނަށް އިރުޝާދު ދެއްވައި، އިސްލާމް ދީނަށް ދަޢުވަތު ދެއްވަމުން ގެންދެވި އެވެ. މައްކާގެ މުޝްރިކުން ދިޔައީ، رَسُوْلُ اللهِ ﷺ ގެ މި މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންނެވެ. އެމީހުން ދުށް ގޮތުގައި، އެންމެހާ ބާވަތެއްގެ ދޮގާއި، އަވަގުރާނައާއި، އަނިޔާ އަކީ، رَسُوْلُ اللهِ ﷺ ގެ ބަސްފުޅުތައް ޤަބޫލުކުރާ މީހުންނަށް މުނާސަބު ކަންތަކެވެ. رَسُوْلُ اللهِ ﷺ އާ މީހަކު ވާހަކަދައްކަން ހުންނަ ތަން ފެންނަހާ ހިނދަކު، އެ މީހުން ވަގުތުން އެ ކަލޭގެފާނުގެ ކައިރި އަށް ގޮސް، އެކި ބާވަތުގެ އުކުޅުތަކާއި، ދޮގުހަދައިގެން رَسُوْلُ اللهِ ﷺ ވާހަކަދައްކަން ހުރި މީހަކު އެކަލޭގެފާނުގެ ވާހަކަފުޅު އަޑު ނާހާނެ ގޮތަށް އަދި އެ ވާހަކަތައް ޤަބޫލުނުކުރާނެހާ ވަރު ކޮށްލައެވެ. މައްކާ އަށް އަންނަ މީހުން رَسُوْلُ اللهِ ﷺ އާ ބައްދަލުނުކުރެވޭނެ ހާ ކަންތައްތައް އެ މީހުން ކޮށްއުޅުނެވެ.

ކާފަރުން، މުސްލިމުންނަށް ކުރަމުންދިޔަ އަނިޔާތަކުގެ ވޭނުގައި މުސްލިމުން ތިބި ދުވަސްވަރެއް ގައި، ޠުފައިލު ބިން عمرُو މައްކާ އަށް ޒިޔާރަތްކުރައްވައިފި އެވެ. މި ތަން ފެނިފައި، މައްކާގެ މުޝްރިކުންގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް ގޮސް ބުނެފޫއެވެ. "އޭ ޠުފައިލެވެ! ކަލޭގެފާނު ތި ވަޑައިގަތީ އަޅުގަނޑުމެންގެ ރަށަށެވެ. އަހަރެމެން ތެރޭގައި އުޅުއްވާ عبدالمطّلب ގެ ޔަތީމު ބޭފުޅާ ވަރަށް ޙައިރާންކުރުވަނިވި ކަންތައް އެބަ ކުރައްވައެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ ސިޙުރެއް ފަދަ އެއްޗެކެވެ. އެބައިމީހުން ދަނީ ބައްޕަޔާ ފިރިހެން ދަރިޔާ ވަކިކޮށް، ބޭބެ އާ ކޮއްކޮ ވަކިކޮށް، ފިރިމީހާ އަނބިމީހާ ވަކިކުރުވަމުންނެވެ! އެކަލޭގެފާނު ދެއްވާ ޚިޔާލުތަކުން ގެންދަވަނީ ހަމަނުޖެހުން އުފައްދަވަމުންނެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއަހާ ފިރިހެން ދަރިޔަކު މިހާރަކު އޭނާގެ ބައްޕަ ކިޔާ އެއްޗެއް އަޑުއަހަނީކީއެއް ނޫނެވެ؛ އޭގެ ބަދަލުގައި ކިޔަމަންވަނީ އެކަލޭގެފާނަށެވެ. މިހާރު މީސްތަކުން އެކަކު އަނެކަކު ދައްކާ ވާހަކައެއް އަޑުނާހައި، މީސްތަކުން ދަނީ އިސްލާމްވަމުންނެވެ. އަހަރެމެން ބިރުގަންނަނީ އަހަރެމެންގެ މައްޗަށް މި ފާވި މި ވަކިވެގަތުމުގެ މުޞީބާތް ކަލެއާއި ކަލޭގެ މީސްތަކުންގެ މައްޗަށް ވެސް އަންނާނެ އެވެ. އަހަރެމެން ކަލޭމެންނަށް ދޭ ނަޞޭޙަތަކީ، އެކަލޭގެފާނާ އެއްގޮތަކަށް ވެސް ވާހަކަނުދެއްކުމަށެވެ! އެކަލޭގެފާނާ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، އެކަލޭގެފާނު ދައްކަވާ ވާހަކަ އަޑު ނޭހުމަށެވެ. އެކަލޭގެފާނު حديثކުރައްވާ އެއްޗަކަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭށެވެ. ވަރަށް ބޮޑަށް ފަރުވާތެރިވާށެވެ. މިތަން ދޫކޮށް އަވަހަށް ދާށެވެ"!

ދެން ކަން ހިނގާދިޔަ ގޮތް ޠުފައިލު ބިން ޢަމްރު ދެއްވަނީ ތިރީގައިވާ ގޮތަށެވެ.

"އަހަރެން ހުވާކޮށްފައި ބުނަމެވެ. އެމީހުން އެގޮތަށް އެތައް ފަހަރަކު ބުނެފައިވާތީ، އެއްގޮތަކަށް ވެސް އެކަލޭގެފާނާ ވާހަކަނުދެއްކުމަށާއި، އެކަލޭގެފާނު حديثފުޅުތަކަށް އަޑުނޭހުމަށް އަހަރެން ނިންމީމެވެ. އަދި ކީއްހެއްޔެވެ؟ އަހަރެން ގެފުޅަށް ވަން އިރު، އެކަލޭގެފާނު ދައްކަވާ ވާހަކަ އަޑުއިވިދާނެތީ، އަހަރެންގެ ކަންފަތަށް ކަފަށް ކޮށްޕައިގެން ވެސް އުޅުނީމެވެ. ޖެހިގެން އައި ދުވަހު ހެނދުނު ގަޑީގައި އަހަރެން ގެފުޅަށް ދިޔައިމެވެ. އެތާނގައި رَسُوْلُ اللهِ ﷺ ނަމާދުކުރައްވަނިކޮށް ދުށީމެވެ. އަޅުގަނޑު މަޑުކުރީ އެކަލޭގެފާނާ ކައިރި ހިސާބެއްގައެވެ. ﷲ ގެ ޙިކްމަތްފުޅުން އެކަލޭގެފާނު ކިޔަވާ ވިދާޅުވި ބައެއް ދުޢާތަކާއި ޒިކުރުތައް އަޅުގަނޑުގެ ކަންފަތާ ހަމައަށް ފޯރި އެވެ. އަޅުގަނޑު އަމިއްލަ ނަފްސަށް ބުނީމެވެ. 'އަހަންނަކީ ހެވާއި ނުބައި ވަކިކުރެވޭ ވަރުގެ ފިރިހެނެއް ނޫނެވެ. އަނެއްކާ އަހަންނަކީ ޅެންވެރިއެކެވެ. މި ބޭފުޅާ މި ކިޔުއްވާ އެއްޗެއް އަހަރެން އަޑުނާހަންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް އެކަލޭގެފާނުގެ ބަސްފުޅު ރަނގަޅު ކަމަށް ފެނިއްޖެ ނަމަ އަހަރެން އެ ވާހަކަތައް ޤަބޫލުކުރާނީއެވެ؛ އެހެން ނޫން ނަމަ އަހަރެން އެވާހަކަތައް ދޫކޮށްލާނީ އެވެ'. އަހަރެން ކޮންމެވެސް ހިސާބެއް ގައި ފިލައި އޮވެ رَسُوْلُ اللهِ ﷺ ނަމާދުކޮށް ނިންމަވައި ގެކޮއަށް ވަޑައިގަންނަވަން ދެން އަހަރެން އިންތިޒާރުކުރީމެވެ.

އޭގެ ފަހުން އަހަރެން އެކަލޭގެފާނުގެ ފަސް ފަހަތުން ދިޔައީމެވެ. އެކަލޭގެފާނު ގެކޮޅަށް ވެންނެވުމުން، އަހަރެން ވެސް ގޮސް ވަދެ ދަންނަވައިފީމެވެ. 'محمّد (‏صلّى الله عليه وسلّم)‏ ގެފާނެވެ! އަޅުގަނޑު މި ބިމަށް އައި ވަގުތު، ކަލޭގެފާނުގެ މީހުން އެކި ވާހަކަތައް ދައްކައިފިއެވެ. އެބައިމީހުން ބޭނުންވީ އަޅުގަނޑު ކަލޭގެފާނާ ދުރުގައި ހުރުމަށެވެ. ބިރުން އަޅުގަނޑު ހުރީ ކަންފަތަށް ކަފަޖަހައިގެންނެވެ. އެއީ، ކަލޭގެފާނުގެ ބަސްފުޅު އަޑުނޭހުމަށެވެ. އެކަމަކު، الله تعالى މެދުވެރިކުރެއްވީ ކަލޭގެފާނު حديث ކުރެއްވި ބައެއް ވާހަކަތައް އަޅުގަނޑަށް އަޑުއިވުމަށެވެ. ކަލޭގެފާނުގެ ވާހަކަފުޅު އަޅުގަނޑަށް ވަރަށް ރީތިވެއްޖެ އެވެ. މިހާރު، ވިދާޅުވާން ހުރި ވާހަކަތައް ވިދާޅުވެދެއްވާށެވެ! އެވާހަކަތައް ޤަބޫލުކުރުމަށް އަޅުގަނޑު ތައްޔާރެވެ'.

رَسُوْلُ اللهِ ﷺ އިސްލާމް ދީނުގެ ވާހަކަ ވިދާޅުވެދެއްވައި، ކީރިތ قرآن ގެ ބައެއް އާޔަތްތައް ވިދާޅުވެ ދެއްވި އެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އެއަށް ވުރެ ރިވެތި ބަސްތަކެއް މުޅި ޙަޔާތު ގައި ވެސް ނާހަމެވެ. ވަގުތުން، ޝަހާދަތުގެ ދެ ކަލިމަ ކިޔައި، އިސްލާމް ވެއްޖައީމެވެ.

"ކީރިތި ރަސޫލާ ދުޢާ ދެންނެވި އެވެ. 'އަޅާގެ ހައްވާބޮޑުކުރައްވާ ރަސްކަލާނގެ އެވެ! ދައުސް ވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވައި، އެބައި މީހުން އިސްލާމް ދީނަށް ގެނެސްދެއްވާދޭވެ'! އެކަލޭގެފާނު އަޅުގަނޑަށް ޙަދީޘްކުރެއްވި އެވެ. 'ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް އެނބުރި ވަޑައިގަންނަވާށެވެ! ހިނިތުންވުމުގެ މޫނަކާއި، ފޮނި ބަސްތައް ބޭނުންކުރައްވައިގެން އެބައި މީހުންނަށް އިސްލާމް ދީނަށް ގޮވާލެއްވުމުގައި ކުރިޔަށް ވަޑައިގަންނަވާށެވެ!'".
طفيل بن عمر (‏ر ضي الله عنه)‏

އެ ވަގުތު، އަހަރެން ދެންނެވީމެވެ. 'ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ޤައުމުގެ މީހުންގެ ތެރޭގައި އަޅުގަނޑަކީ، ނުފޫޒު ހުރި އަދި އިޙްތިރާމް ލިބިގެންވާ މީހަކީމެވެ. އެއިން އެކަކު ވެސް އަޅުގަނޑާ ދެކޮޅެއް ނުވާނެއެވެ. އަޅުގަނޑު މިދަނީ އެ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދިނުމަށެވެ. އަޅުގަނޑަށް ޢަލާމާތެއް ދެއްވާ ތޯ الله تعالى އަށް ދުޢާ ދަންނަވައި ދެއްވާތޯ ދަންނަވަމެވެ. އޭރުން، މީސްތަކުންނަށް އިސްލާމް ދީނަށް ދަޢުވަތު ދޭ އިރު އެ ޢަލާމާތުން އަޅުގަނޑަށް އެހީތެރިކަމެއް ދެއްވާތޯ އެވެ'. މި އެދުމާ އެކު، رَسُوْلُ اللهِ ﷺ ދުޢާ ދެންނެވީ، 'އަޅަގެ ﷲ އެވެ! އާޔަތެއް، ޢަލާމާތެއް އޭނާ އަށް ދެއްވާފާދޭވެ'!

އެއަށް ފަހު، އަހަރެންގެ ރަށަށް އެނބުރި ހިނގައްޖައީމެވެ. އއަނދިރި ރެއެއް ގައި އަހަރެންގެ ޤަބީލާ އުޅޭ ރަށުގެ ފެންނަގާ ވަޅާ ދިމާލުގައި އޮންނަ ފަރުބަދައަކާ ހަމަވީތަނާ، އަހަރެންގެ ނިތްކުރިއާ ދިމާލަށް ބައްތިއެއް ކަހަލަ ބޮތްކެއް ދިއްލެން ފަށައިފި އެވެ. ދެން އަހަރެން ދުޢާ ކުރީމެވެ. 'އަޅަގެ ﷲ އެވެ. އަޅާގެ ނިތްކުރިއާ ދިމާލަށް އެވާ އަލިކަން އެހެން ތަނަކަށް ބަދަލުކޮށްދެއްވާދޭވެ! މި އަލިކަން އަޅާގެ ނިތްކުރިއާ ދިމާލުގައި ﷲ ލެއްވީ އަޅާގެ ކާބަފައިންގެ ދީނުން ބޭރުވުމުން ދެއްވި އިލާހީ އަދަބެއްގެ ގޮތުގައި ކަމަށް ދައުސް ވަންހައިގެ ޖާހިލުން ހީކޮށްފާނެތީ އެވެ'. އެ އަލިކަން ކުއްލިއަކަށް އަހަރެންގެ އަތުގައި އޮތް އެއްތެޔޮ ގަނޑެއްގެ ކޮޅަށް، ބައްތިއެއް ގޮތަށް އަތުވެއްޖެ އެވެ. އަހަރެންގެ ޤަބީލާގެ ރަށާ ދިމާލަށް ގޮސް، އެތާ އޮތް އަޑިގަނޑުން ތިރިއަށް ދަނިކޮށް، އަހަރެންގެ އަތުގައި އޮތް ދުއްރާސްގެ ކޮޅުގައި ބައްތިއެއް ހެން ދިއްލެމުންދާ އަލިކަން، އެތާ ތިބި މީހުން އެކަކު އަނެކަކަށް ދައްކަން ފަށައިފި އެވެ. އެ ޙާލަތުގައި، އަހަރެން އަޑިގުޑަންގަނޑުން ލާފައި ގޮސް އަހަރެންގެ ގެއަށް ގޮސްފީމެވެ. އެންމެ ފުރަތަމަ، އަހަރެންގެ ބައްޕަ އައިސް މިގޮތުގައި އަހަރެން ދެކެފި އެވެ. ބައްޕަ އަހަންނާ ލޯބިން ބައްދާލި އެވެ. އަހަރެންގެ ބައްޕަ އޭރު ވަރަށް މުސްކުޅި އެވެ.

އަހަރެން ބައްޕަ އަށް ދެންނެވީމެވެ. 'ބައްޕާ އެވެ! ބައްޕަ މިހާރު ތިހިރަ ގޮތުގައި ހުރެއްޖެ ނަމަ، އަހަންނަކީ ބައްޕަ ފަރާތުން އައި މީހެއް ނޫނެވެ. އަދި ބައްޕަ އަކީ އަހަރެން ފަރާތު މީހެއް ނޫނެވެ'. އަހަރެންގެ ބައްޕަ އަށް މިހެން ބުނި އަޑު އިވުމުން ޙައިރާންވެގެން އައްސަވައިފި އެވެ. 'ދަރިފުޅާ އެވެ! ސަބަބަކީ ކޮބައި ހެއްޔެވެ"؟ ބައްޕަ ގެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި، އަހަރެން ބުނީމެވެ. ' محمّد (‏صلّى الله عليه وسلّم)‏ ގެ ދީން ޤަބޫލުކޮށް، އަހަރެން މުސްލިމަކަށް ވެއްޖައީމެވެ'.

އެއާއެކު، އަހަރެން ބައްޕަ ބުންޏެވެ. 'އަހަރެންގެ ދަރިފުޅާއެވެ، ދަރިފުޅު ޤަބޫލުކުރި ދީން އަހަރެން ވެސް ޤަބޫލުކޮށްފީމެވެ. ތިބާގެ ދީނަކީ އަހަރެންގެ ވެސް ދީން ކަމުގައި ހަދަމާ ހިނގާށެވެ. މިހެން ބުނުމަށް ފަހު ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމް ވެއްޖެ އެވެ. އޭގެ ފަހުން އަހަންނަށް އިސްލާމް ދީނާ ބެހޭގޮތުން އެނގޭ މިންވަރަށް ކިޔަވައިދީފީމެވެ. ދެން، ބައްޕަ ފެންވެރުމަށް ފަހު އާ ހެދުން ކިއެވެ. އޭގެ ފަހުން އަހަރެންގެ އަންހެނުން އަހަރެންގެ ކައިރި އަށް އަތުވެއްޖެ އެވެ. އޭނާ އަށް ކިޔައިދިނީ އެކައްޗެކެވެ. އެކަނބުލޭގެ ވެސް އެ ވާހަކަ ޤަބޫލުކޮށް އޭގެ ފަހުން އިސްލާމް ވެއްޖެ އެވެ.

ހެނދުނު އަހަރެން ދައުސް ވަންހައަށް ޒިޔާރަތްކުރީމެވެ. އެބައި މީހުންނަށް އިސްލާމް ދީނުގެ ވާހަކައި ކިޔައިދިނުމަށް އެ ދީނަށް ވަނުމަށް ދަޢުވަތު ދީފީމެވެ. އެކަމަކު، އެބައި މީހުން އިސްލާމް ދީން ޤަބޫލުކުރަމުން ދިޔައީ ލަސްލަހުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެބައި މީހުން ދިޔައީ އިސްލާމް ދީނާ ދެކޮޅުހަދަމުންނެވެ. އެބައި މީހުންގެ ފާފަވެރި އަދި ނުބައި ކަންތައްތައް ދޫކޮށެއް ނުލިއެވެ. އަދި އެއަށް ވުރެ ވެސް ގޯސްކޮށް ކަންތައް ކޮށް އަހަންނަށް ފުރައްސާރަކޮށް ހާރުވާ ހެދިއެވެ. އެބައި މީހުން ރިބާ ހޯދުމަށާއި، ޖުވާކުޅުމަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން އެބައި މީހުން އަހަރެން ދެއްކި ވާހަކައެއް އަޑެއް ނޭހި އެވެ. އެބައި މީހުން އިސްލާމް ދީން ޤަބޫލެއް ނުކުރި އެވެ. މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާ އަށް އެބައި މީހުން ނުކިޔަމަންތެރި ވެއްޖެ އެވެ.

ދުވަސްގަނޑަކަށް ފަހު، އަހަރެން މައްކާ އަށް ގޮސް، رَسُوْلُ اللهِ ﷺ އަރިހުގައި އަހަރެންގެ ޤަބީލާގެ މީހުންގެ ޝަކުވާ ކުރަމުން ދެންނެވީމެވެ. "رَسُوْلُ اللهِ ﷺ އެވެ! ދައުސް ވަންހައިގެ މީހުން الله تعالى އަށް އުރެދުން ވެއްޖެ އެވެ. އިސްލާމް ދީން ޤަބޫލުކުރުމަށް އަޅުގަނޑު ދިން ދަޢުވަތު އެބައި މީހުން ޤަބޫލެއް ނުކުރި އެވެ. އެބައި މީހުންނަށް ދުޢާ ދަންނަވާ ދެއްވާށެވެ!' އެންމެންނަށް ވެސް ރަޙުމާއި އޯގާތެރި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަތްޕުޅު ހުޅުއްވާލައްވައި، ގެފުޅާ ދިމާއަށް އެނބުރިވަޑައިގެން ދުޢާ ދެންނެވި އެވެ. "އަޅާގެ ހައްވާބޮޑުކުރައްވާ ރަސްކަލާނގެ އެވެ! ދައުސް ވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވައި، އެބައި މީހުން އިސްލާމް ދީނަށް ގެނެސްދެއްވާދޭވެ'! އެކަލޭގެފާނު އަޅުގަނޑަށް حديث ކުރެއްވި އެވެ. 'ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް އެނބުރި ވަޑައިގަންނަވާށެވެ! ހިނިތުންވުމުގެ މޫނަކާއި، ފޮނި ބަސްތައް ބޭނުންކުރައްވައިގެން އެބައި މީހުންނަށް އިސްލާމް ދީނަށް ގޮވާލެއްވުމުގައި ކުރިޔަށް ވަޑައިގަންނަވާށެވެ! އެބައި މީހުންނާ މެދު މަޑުމައިތިރިކޮށް ކަންތައް ކުރައްވާށެވެ'! އަހަރެންގެ ރަށަށް ވަގުތުން އެނބުރި ގޮސްފީމެވެ. ދައުސް ވަންހައިގެ މީހުންނަށް އިސްލާމް ދީނަށް ގޮވާލުމުގައި ހުއްޓުމެއް ނެތި ކުރިޔަށް ގެންދިޔައީމެވެ.12

ފެސްޓިވަލްތަކުގައި ދަޢުވަތު

ވަކި ޚާއްޞަ ދުވަސްތަކެއް ގައި ގެފުޅަށް ޒިޔާރަތް ކުރުމަށް ޓަކައި، ކޮންމެ އަހަރަކު، ތަފާތު އެކި ސިޓީތަކުން މީހުން މައްކާ އަށް އާދެއެވެ. އެގޮތުން އަންނަ މީހުންނަށް رَسُوْلُ اللهِ ﷺ މަރުޙަބާ ދަންނަވައި، އެއިން ކޮންމެ ގްރޫޕަކަށް ވެސް އިސްލާމް ދީނުގެ ވާހަކަ ކިޔުއްވައިދެއްވައެވެ. އެބައި މީހުންނަށް އެކަލޭގެފާނު އަންގަވަނީ، ގެ އެއްކައުވަންތަކަމާއި، އެކަލޭގެފާނަކީ ތެދު ރަސޫލާކަމާއި، ދިންނެވުން އޮތީ އެކަލޭގެފާނުގެ މަގުގައި ކަމެވެ.

އެއް ދުވަހަކު، وليد بن مغيرة، މުޝްރިކުން އެއްކުރައްވައި، ވިދާޅުވި އެވެ. "އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! ގެފުޅަށް ޒިޔާރަތްކުރުމުގެ މޫސުން އަނެއްކާ ވެސް އަތުވެއްޖެ އެވެ. ޢަރަބި ޤަބީލާތަކުން އަންނަނީ އެކަލޭގެފާނުގެ އަރިހަށެވެ؛ އެކަލޭގެފާނުގެ ފޮނި ބަސްފުޅުތަކުން އެބައި މީހުންގެ ހިތްތަކަށް ހޫނު ކަމެއް ލިބެއެވެ. އަދި އެބައި މީހުން އިސްލާމް ދީން ޤަބޫލު އެބަ ކުރެތެވެ. މިކަން ހުއްޓުވާނެ ގޮތެއް އަހަރެމެބް ހޯދަން އެބަޖެހެއެވެ. މިގޮތުން ކުރާނެ އެއް ކަމަކަށް އެއްބަސްވަމާ ހިނގާށެވެ. އޭރުން، އެކަލޭގެފާނާ މެދު ތަފާތު އެކި ވާހަކަތައް ނުދައްކާނެ ކަމަށް އެއްބަސްވަމާ ހިނގާށެވެ".

ޤުރައިޝް ވަންހައިގެ މީހުން ބުނޫ އެވެ. "އޭ ޢަބްދުއް ޝަމްސުގެ ބައްޕާ އެވެ! އަހަރެމެންގެ ތެރޭގައި ހުންނެވި އެންމެ ދުރުވިސްނޭ ބޭކަލަކީ ތިޔައީ އެވެ. ތިބާ އަށް އެންމެ އެކަށޭނަ ވާހަކައެއް އަހަރެމެން އެ މީހުން ކައިރީގައި ބުނާނަމު އެވެ".

وليد ބުންޏެވެ. "ނޫނެކެވެ. ކަލޭމެން ކިޔައިދޭށެވެ. އަހަރެން އަޑުއަހާނަމެވެ". އެ މީހުން ބުނޫއެވެ. "އަހަރެމެން ބުނާނީ އެކަލޭގެފާނަކީ ރަމަލު ބަލާ މީހެއް ކަމަށެވެ". وليد ވަގުތުން އެކަމާ ދެކޮޅު ހައްދަވައި ވިދާޅުވި އެވެ. "ނޫނެކެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނަކީ ރަމަލުބަލާ މީހެއް ނޫނެވެ. އަހަރެމެންނާ ވަރަށް ގިނަ ރަމަލުބަލާ މީހުންނާ ދިމާވެއްޖެ އެވެ. އެ މީހުން ތެދު ބުނެ ދޮގު ހަދަނީ އެއްވެސް ޖެހިލުމެއް ނެތި އެވެ. محمّدގެފާނު ވިދާޅުވާ ބަސްފުޅުތަކަކީ، ރަމަލުބަލާ މީހުން ދައްކާ ކަހަލަ ވާހަކަތަކެއް ނޫނެވެ. އަދި ހަމަ އެހެންމެ، محمّدގެފާނުގެ ފަރާތުން މިހާތަނަށް އެއްވެސް ދޮގެއް އަހަރެމެންނަށް އަޑުއިއވިފައެއް ނެތެވެ. އަހަރެމެން އެހެން ބުނާކަމުގައި ވާ ނަމަ އެ ވާހަކަ އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ އެވެ".

މިފަހަރު އެ މީހުން ބުނޫއެވެ. "އެކަލޭގެފާނަކީ މޮޔައެކޭ ބުނަމާ ހިނގާށެވެ". وليدގެފާނު އަނެއްކާ ވެސް އެކަމާ ދެކޮޅު ހެއްދެވި އެވެ. "ނޫނެކެވެ! އަހަރެން ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނު މޮޔައެއް ނުވަތަ ބޯސަކަރާތެއް ނޫނެވެ. އަހަރެމެންނަށް މޮޔައިންނާއި، މޮޔަކަމުގެ ޢަލާމާތްތައް އެނގެއެވެ. އެކަލޭގެފާނު ކަރުގައި އަޅައިގަނެ، ތުރުތުރުލައި ނުވަތަ ކަމަކާ ނުލައި ބިރުގަތުމެއް ނުހުރެއެވެ. އަހަރެމެން އެހެން ބުނާ ކަމުގައި ވާ ނަމަ އެމީހުން އެ ވާހަކައާ ދެކޮޅުވާނެ އެވެ".

މިފަހަރު އެބައި މީހުން ބުނޫއެވެ. "އެހެންވެއްޖިއްޔާ އެކަލޭގެފާނަކީ ޅެންވެރިއެކޭ ބުނަމާ ހިނގާށެވެ". وليد ވިދާޅުވި އެވެ. "އެކަލޭގެފާނަކީ ޅެންވެރިއެއް ވެސް ނޫނެވެ. ހުރިހާ ވައްތަރެއްގެ ޅެންވެރިކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ، އެއްވެސް ވައްތަރެއްގެ ޅެންވެރިކަމާ އެއްގޮތް އެއްޗެއް ނޫނެވެ".

މިފަހަރު އެ މީހުން ބުނެފޫއެވެ. "އެކަލޭގެފާނަކީ ސިޙުރުހަދާ މީހެކޭ ބުނަމާ ހިނގާށެވެ". وليد ބުންޏެވެ. "އެކަލޭގެފާނަކީ ސިޙުރުވެރިއެއް ނޫނެވެ. އަހަރެމެންނަށް ވަނީ ސިޙުރުވެރިންނާއި، އެ މީހުން ހަދާ ސިޙުރު ފެނިފައެވެ؛ އެއީ ވެސް އަހަރެމެން ދަންނަ ބައެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގައި ސިޙުރުގެ އެއްވެސް ޢަލާމާތެއް ނެތެވެ. محمّدގެފާނުގެ ބަސްފުޅުތަކަކީ، މުޅި ދުނިޔޭގެ މައްޗަށް ފަލާޙެކެވެ. އެކަލޭގެފާނަކީ މީހުން ނުދަންނަ ބޭކަލެއް ވެސް ނުމެ ނޫންމެއެވެ. މީސްތަކުން އެކަލޭގެފާނާ ދުރަށް ލައި، އެކަލޭގެފާނާ ވާހަކަނުދެއްކޭނެ ގޮތެއް ނެހެދޭނެ އެވެ. ވާހަކަދެއްކެވުމުގެ ބަލާޣާތްތެރިކަމާއި، ދޫފަރިތަކަމާއި، ރިވެތި ކަމާއި، މާނަހުރި ގޮތަށް ވާހަކަދެއްކެވުމުގައި އެކަލޭގެފާނަކީ އެހެން މީހުންގެ މައްޗަށް އަރާހުންނެވި ބޭކަލެކެވެ. ކުރުކޮށް ބުނާ ނަމަ، އަހަރެމެން އެކަލޭގެފާނާ މެދު ކޮންމެ ވާހަކައެއް ދެއްކިޔަސް، އެއީ ދޮގެއް ކަން މީސްތަކުންނަށް ވިސްނޭނެ އެވެ".

ޤުރައިޝް ވަންހައިގެ މީހުންނަށް ބުނާނެ އެހެން އެއްޗެއް ނޭނގުމުން، ބުނެފޫއެވެ. "ތިބާއަކީ، އަހަރެމެންގެ ތެރޭގައި ހުންނެވި އެންމެ ދުވަސްވީ އަދި އެންމެ ތަޖްރިބާކާރު ބޭފުޅާ އެވެ. ކަލޭގެފާނު ވިދާޅުވާ ގޮތެއް އަހަރެމެން ޤަބޫލުކުރާނަމުއެވެ".

އެއާއެކު، وليد ބިން މުޣީރާ އިރުކޮޅަކަށް ވިސްނަން ހުއްޓެވެ. ދެން އޭގެ ފަހުން އޭނާގެ ވަށައިގެން ތިބި މީހުން ގާތު ބުންޏެވެ. "ކިޔަން އެންމެ ރަނގަޅުވާނީ އެކަލޭގެފާނަކީ ސިޙުރުވެރިއެކޭ ބުނުމެވެ؛ އެންމެ ބުއްދި ޤަބޫލުކުރެވޭ ވާހަކައަކީ އެއީ އެވެ. އެހެނީ، އެކަލޭގެފާނުގެ ބަސްފުޅުތަކުން، އެކަލޭގެފާނު މީސްތަކުން އެބައި މީހުންގެ ޤަބީލާތަކާއިމ ޢާއިލާތަކާ ދުރުކުރުވައެވެ. އެކަލޭގެފާނު އަޚުންނާއި އެކުވެރިން އެކަކު އަނެކަކާ ވަކިކުރުވައެވެ".

ޤުރައިޝް ވަންހައިގެ މީހުން ވަގުތުން އެތަނުން ގޮސް، މައްކާގެ މީހުން ގާތު ބުނަން ފަށައިފި އެވެ. "محمّدގެފާނަކީ، ސިޙުރުވެރިއެކެވެ"! މިހެން ކިޔައި މީސްތަކުން މެދުގައި އެ ވާހަކަ ފަރުރައިފި އެވެ. ގެފުޅަށް ޒިޔާރަތްކުރުމަށް ޤަބީލާތައް ފެށުމުން، رَسُوْلُ اللهِ ﷺ އާ ވާހަކަދެއްކުމާ ދެކޮޅަށް އިންޒާރުނުދެވޭ މީހަކު ނެތެވެ.

"ނޫނެކެވެ. އަހަރެން ގޮސް އަލުން ކިޔާނަމެވެ. މިއަދު ހާ ބަލިކަށިކޮށް މުޝްރިކުން ތިބި އިރެއް އަހަރެން ނުދެކެމެވެ. އެމީހުންގެ އެ ބަލިކަށިކަމަކީ، އަހަރެން ވަރަށް ހިތްހަޖެހޭ ކަމެކެވެ. އަހަންނަށް އެމީހުން ކުރާ އަނިޔާތަކުން އަހަންނަށް ތަދު އިޙްސާސެއް ނުވެއެވެ".
عبدالله بن مسعود (‏ر ضي الله عنه)‏

މުޝްރިކުންގެ މި ޢަމަލުތަކާ ހެދި ހުރިހާ ޢަރަބި ޤައުމެއް ގައި އިސްލާމް ދީނާ މެދު މީސްތަކުން ވިސްނަން ފަށައިފި އެވެ. އަދި ބުދުތަކާ މެދު މީސްތަކުންގެ ހިތުގައި ޝައްކުތަކާއި، ސުވާލުތައް އުފެދެން ފަށައިފި އެވެ.

މުޝްރިކު وليد بن مغيرة އަށް ވޭންދެނިވި ޢަޒާބު ދެއްވާނެ ކަމަށް الله تعالى ވަޙީކުރައްވާފައި ވެއެވެ. ކީރިތި قرآن ގެ سورة المدّثر ގެ 11-29 އާޔަތްތަކުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. (‏ذَرْنِیْ وَ مَنْ خَلَقْتُ وَحِیْدًا (‏11)‏ وَّ جَعَلْتُ لَهٗ مَالًا مَّمْدُوْدًا (‏12)‏ وَّ بَنِیْنَ شُهُوْدًا (‏13)‏ وَّ مَهَّدْتُّ لَهٗ تَمْهِیْدًا (‏14)‏ ثُمَّ یَطْمَعُ اَنْ اَزِیْدَ (‏15)‏ كَلَّاؕ-اِنَّهٗ كَانَ لِاٰیٰتِنَا عَنِیْدًاﭤ(‏16)‏  سَاُرْهِقُهٗ صَعُوْدًاﭤ(‏17)‏  اِنَّهٗ فَكَّرَ وَ قَدَّرَ (‏18)‏ فَقُتِلَ كَیْفَ قَدَّرَ(‏19)‏  ثُمَّ قُتِلَ كَیْفَ قَدَّرَ(‏20)‏  ثُمَّ نَظَرَ (‏21)‏ ثُمَّ عَبَسَ وَ بَسَرَ (‏22)‏ ثُمَّ اَدْبَرَ وَ اسْتَكْبَرَ (‏23)‏ فَقَالَ اِنْ هٰذَاۤ اِلَّا سِحْرٌ یُّؤْثَرُ (‏24)‏ اِنْ هٰذَاۤ اِلَّا قَوْلُ الْبَشَرِﭤ (‏25)‏ سَاُصْلِیْهِ سَقَرَ(‏26)‏  وَ مَاۤ اَدْرٰىكَ مَا سَقَرُﭤ(‏27)‏ لَا تُبْقِیْ وَ لَا تَذَرُ(‏28)‏  لَوَّاحَةٌ لِّلْبَشَرِ(‏29)‏ * المدّثر: 29-11)‏ މާނައީ: "ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަން ރަސްކަލާނގެ އަށް ދޫކޮށްލައްވާށެވެ! އަދި ގިނަވެގެންވާ މުދަލާއި ކައިރރީގައި ތިބޭނޭ ފިރިހެން ދަރިން، ތިމަން ރަސްކަލާނގެ އޭނާ އަށް ދެއްވީމެވެ. އަދި (‏ދުނިޔޭގެ ހުރިހާ ކަމެއް)‏ ތަނަވަސްކޮށްދެއްވައި، އޭނާ އަށް ފަސޭހަކޮށްދެއްވީމެވެ. ދެން ވެސް އޭނާ އެދެނީ، ތިމަން ރަސްކަލާނގެ އިތުރުކިށްދެއްވުމަށެވެ. ހަމަހިލާ އެހެންނަކުން ނުވާނެ އެވެ. ހަމަކަށަވަރުން އޭނާ ވީ، ތިމަން ރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ މީހެއް ކަމަށެވެ. ނިކަން ހުރެ ތިމަން ރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާ އަށް ޖައްސަވާ ހުށީމެވެ. ހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވި އެވެ. ފަހެ، އޭނާ އަށް لعنة ލެއްވި އެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ ދެން އޭނާ އަށް لعنة ލެއްވި އެވެ. އޭނާ ރޭވީ ކޮން ފަދައަކުން ހެއްޔެވެ؟ ދެން އޭނާ ބަލައި ވިސްނި އެވެ. ދެން އޭނާ މޫނު ކުނިކޮށްލިއ އެވެ. އަދި މޫނު ހެދި އެވެ. ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ. ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ. آدم ގެ ދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ. ނިކަން ހުރެ ތިމަން ރަސްކަލާނގެ އޭނާ ނަރަކަ އަށް ވައްދަވާހުށީމެވެ. އެ ނަރަކަ އަކީ، ކޮން އެއްޗެއް ކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއް ތޯ އެވެ"؟

މުޝްރިކުން ކީރިތި ޤުރްއާން އަޑުއެހުން

މުޝްރިކުންގެ ބޮޑުން ދިޔައީ އެކި އުކުޅުތަކާއި، އަނިޔާވެރިކަން ބޭނުންކޮށްގެން މީސްތަކުން އިސްލާމް ދީނަށް ވަނުމުން ދުރުކުރަމުންނެވެ. رَسُوْلُ اللهِ ﷺ ކިޔަވާވިދާޅުވި ކީރިތި قرآن ގެ އާޔަތްތައް އަޑުއެހުން، އެމީހުން އޮތީ މައްކާގެ މީހުންނަށް މަނާކޮށްފައެވެ. އަނެއްކޮޅުން، އެބައިމީހުން ރޭގަނޑު ދަންވަރު ސިއްރުސިއްރުން رَسُوْلُ اللهِ ﷺ ގެ ގެކޮޅުގެ ކައިރި އަށް ގޮސް އެތާ ކަނެއްގައި ފިލާތިބެގެން رَسُوْلُ اللهِ ﷺ ކީރިތި ޤުރްއާން ކިޔަވާވިދާޅުވި އަޑު އަހަމުން ދިޔައެވެ. ހެނދުނު ގަޑި ޖެހި އަލިވިލުމުން، މުޝްރިކުންގެ ބޮޑުންނަށް ފެނިގެންދަނީ، ރޭގަނޑު އެމީހުން ކީރިތި ޤުރްއާން އަޑުއަހަން، އެކަކު އަނެކަކަށް ނުވެސް އެނގި ތިބި ކަމެވެ. ދެން އެކަކު އަނެކަކަށް ބުނެތެވެ. "ދެން މިހެން ނަހަދަމާ ހިނގާށެވެ". އެކަމަކު، ޖެހިގެން އަންނަ ރޭ ވެސް އެކަކު އަނެކަކަށް އެނގުމެއް ނެތި އެތާ ކަނެއް ގައި ސިއްރުން ފިލާ ތިބެ ކީރިތި ޤުރްއާނަށް އަޑުއަހަން ތިބެއެވެ. ހެނދުނު އެކަކު އަނެކަކު ފެނި ޙައިރާންވެފަ ތިބެއެވެ. ދެން އަނެއްކާ ވެސް އެކަކު އަނެކަކާ ވަކިވަނީ ދެން އެހެން ނުހެދުމަށް ހުވާކޮށްގެންނެވެ. އެކަމަކު ވީ ވަޢުދާ އެއްގޮތަށް ޢަމަލެއް ނުކުރެވެއެވެ. އެކަމަކު، ހަވާ ނަފްސަށް ހެއްލި، މަތިހަށި ނަގައި، އެހެން މުޝްރިކުން އެކަން ކުށްވެރިކުރާނެ ކަމަށާއި، އެހެން ވެސް ބޭކާރު ވިސްނުންތަކުގައި ތިބެ، އެ މީހުން އިސްލާމް ދީން ޤަބޫލުނުކޮށް ތިބީއެވެ. އަދި އެހެން މީހުން އިސްލާމް ދީނަށް ވަނުން ވެސް ހުއްޓުވީއެވެ. އަދި ކީއްތޯއެވެ؟ އެބައި މީހުން މަގުމަތީގައި ހަޅޭލަވަމުން ދިޔައީ، "محمّد ގެ ފާނަކީ، ސިޙުރުވެރިއެކޭ" ކިޔާ ގޮވަމުންނެވެ.

"وَمِنَ الْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ الدَّوَائِرَ ۚ عَلَيْهِمْ دَائِرَةُ السَّوْءِ ۗ وَاللَّهُ سَمِيعٌ عَلِيمٌ ‎﴿٩٨﴾‏ * المدّثر: 29-11)‏ މާނައީ: "އަދި (‏ﷲ ގެ މަގުގައި)‏ ހޭދަކުރާ އެއްޗެއް އެއީ، ގެއްލުމެއް ކަމުގައި ބަލައި، ތިޔަބައި މީހުންނަށް ދެރަ ގޮތްތައް މެދުވެރިވުން އެދި ބަލަބަލާ ތިބޭ މީހުން، أعرابي ންގެ ތެރެއިން ވެއެވެ. ނުބައި ގޮތް ދިމާވުން އޮތީ އެއުރެންގެ މައްޗަށެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ".
التّوبة: 98

އެއް ދުވަހެއްގެ ހަވީރު، މުޝްރިކުން ގެފުޅުގެ ވަށައިގެން އެއްވެއްޖެ އެވެ. އަދި ބުނެފޫއެވެ. "محمّد ގެފާނަށް ދަޢުވަތު ދީ މިކަމާ މަޝްވަރާކުރަމާ ހިނގާށެވެ! އޭރުން އެންމެ ފަހުން މީސްތަކުން އަހަރެމެން ކުށްވެރިނުކޮށް، އަހަރެމެންނަށް މާފުކުރާނެތެވެ". އެމީހުން ދެން رَسُوْلُ اللهِ ﷺ އަށް ދަޢުވަތު ފޮނުވި އެވެ. އެ ދަޢުވަތަށް ފަހު، رَسُوْلُ اللهِ ﷺ ގެފުޅަށް ވަޑައިގެން މުޝްރިކުންނާ ކުރިމަތިވާ ގޮތަށް އިށީދެވަޑައިގެންފި އެވެ.

މުޝްރިކުން ބުނޫއެވެ. "محمّد ގެފާނެވެ! އަހަރެމެން ކަލޭގެފާނަށް މި ދަޢުވަތު ދިނީ، ކަލޭގެފާނާ އެކު އެއްބަސްވުމަކަށް އައުމަށެވެ. ކަލޭގެފާނު ފަދައިން އެ މީހެއްގެ ޤައުމުގެ މީހުންނަށް ދަތިކަން ގެނުވި އެހެން މީހަކު ނުވާ ކަމަށް އަހަރެމެން ހުވާކޮށްފައި ބުނަމުއެވެ. ކަލޭގެފާނު ވަނީ އަހަރެމެންގެ ދީން ކުށްވެރިކުރައްވާފައެވެ! ކަލޭގެފާނު ވަނީ އަހަރެމެންގެ ކަލާނގެތަކަށް ކުޑައިމީސްކޮށް ވާހަކަދައްކަވާފައެވެ! އަހަރެމެން ވިސްނާ ގޮތަށް ކަލޭގެފާނު ޤަދަރެއް ނުކުރެއްވި އެވެ! ކަލޭގެފާނު ވަނީ އަހަރެމެންގެ އެއްބައިވަންތަކަން ބައިބައިކޮށް، އަހަރެމެންގެ އެކަކު އަނެކަކާ ދެކޮޅުކޮށްފައެވެ! ކަލޭގެފާނު އަހަރެމެންނާ ދެކޮޅަށް ނުކުރައްވާ ގޯސް ކަމެއް ނެތެވެ! ކަލޭގެފާނުގެ މި ޢަމަލުތަކާއި، ބަސްފުޅުތަކުން މުއްސަނދިވާން ބޭނުންފުޅު ނަމަ، ކަލޭގެފާނު ބޭނުންފުޅު ވާ ވަރަށް ވުރެ ގިނަ މުދާ އަހަރެމްނ އެއްކޮށްދޭ ނަމެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ، މަޝްހޫރުކަމާއި، ޢިއްޒަތް ކަމުގައި ވާ ނަމަ، ކަލޭގެފާނަކީ އަހަރެމެންގެ ސައްޔިދު ކަމަށް ޤަބޫލުކޮށްފާނަމު އެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ، ވެރިޔަކަށް ވުމަށް ކަމުގައި ވާ ނަމަ، ކަލޭގެފާނަކީ އަހަރެމެންގެ ވެރިޔާ ކަމަށް ހަމަޖައްސައި، ކަލޭގެފާނުގެ ވަށައިގެން އެއްވާނަމު އެވެ. ކަލޭގެފަނު ހުންނެވީ އެއްޗެއްގެ އަވާގައި ޖެހިފައި ކަމުގައި ވާ ނަމަ، އެ އެއްޗަކުން ކަލޭގެފާނު ސަލާމަތް ކޮށްދީފާނަމު އެވެ. ޖިންނީންގެ ފަރާތުން ދިމާވެގެން އުޅޭ ބައްޔެއް ކަމުގައި ވާ ނަމަ، އަހަރެމެންނަށް ލިބިފައިވާ ހުރިހާ މުއްސަނދިކަމެއް ބޭނުންކޮށްގެން އެބަލީގެ ފަރުވާ ހޯދަން ހެއްޔެވެ"؟

އެ މީހުންގެ ވާހަކަތައް ކެތްތެރިކަމާ އެކު އަޑުއައްސަވަން އިންނަވާފައި، رَسُوْلُ اللهِ ﷺ ދެއްވީ މި ފުރިހަމަ ޖަވާބެވެ. "އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! ކަލޭމެން ތިބުނި އެއްވެސް މައްސަލައެއް ތިމަންކަލޭގެފާނުގެ ކިބައިގައި ނެތެވެ. ތިޔަބައި މީހުންނާ ހިސާބަށް މި ގެނެސްދެއްވި އެއްޗެއް ގެނެސްދެއްވީ، ތިޔަބައި މީހުންގެ ފަރާތުން މުދަލެއް ހޯދުމަށް ނުވަތަ މަޝްހޫރުކަމެއް އަދި ޝަރަފެއް ހޯދަން، ނުވަތަ ތިޔަބައި މީހުންގެ ވެރިޔާއަށް ވުމަކަށް ވެސް ނޫނެވެ. އެހެން ނަމަވެސް، الله تعالى ތިމަންކަލޭގެފާނު ތިޔަބައި މީހުންގެ ގާތަށް ފޮނުއްވީ ތިޔަބައި އެކަލާނގެ ރަސޫލާގެ ގޮތުގައި ފޮތަކާ އެކުގައެވެ. އެކަލާނގެ ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައި ވަނީ، ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު އީމާންވާ މީހުންނަށް ދިނުމަށާއި، އީމާން ނުވާ މީހުންނަށް ނަރަކައިގެ ބިރުވެރި ޚަބަރު ދިނުމަށެވެ. ތިމަންކަލޭގެފާނުހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ މި އަމުރުފުޅު ތިޔަބައި މީހުންނާ ހަމަޔަށް ފޯރުކޮށްދީ އިރުޝާދު ދިނީމެވެ. ތިމަންކަލޭގެފާނު ގެނެސްދެއްވި ދީން ޤަބޫލުކޮށްފި ނަމަ، އެއީ ތިޔަބައި މީހުންނަށް މި ދުނިޔެއާއި އާޚިރަތުން ލިބެން އޮތް ޙިއްޞާ އާއި ރިޒުޤެވެ. ތިޔަބައި މީހުން އީމާންނުވެ، ދެކޮޅުހަދައިފި ނަމަ، ތިމަންކަލޭގެފަނުގެ ވާޖިބަކީ، ތިޔަބައި މީހުންނާ ތިމަންކަލޭގެފާނާ ދެމެދު އެކަލާނގެ ޙުކުމްކުރައްވަންދެން، އެކަލާނގެ އަމުރުފުޅަށް އިޖާބަދިނުމުގައި ދިމާވާ ކޮންމެ އުނދަގުލެއް ތަޙައްމަލުކުރުމެވެ".

أبو جهل އާއި، أميّة بن خلف އާއި އެހެން މުޝްރިކުން ބުނެފޫއެވެ. "އޭ محمّد ގެފާނެވެ! ދިރިއުޅުމުގައި އަހަރެމެންނަށް ވުރެ އުނދަގޫ ޙާލަތުގައި ވާ އެހެން ބަޔަކު ނެތްކަން ކަލޭގެފާނަށް އެނިވަޑައިގަންނަވަނެ އެވެ. ކަލޭގެފާނަކީ ރަސޫލަކަށް ވާ އިރު، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް ދަންނަވައިގެން އަހަރެމެންގެ ދިރިއުޅުމަށް އުނދަގޫވާ ބޮޑެތި މައްސަލަތައް ޙައްލުކޮށްދެއްވުމަށް ދަންނަވާދެއްވާށެވެ. އެ ފަރާތުން އަހަރެމެންގެ ބިން ފުޅާކުރައްވައި، އެ ބިމުގައި ދިމިޝްޤާއި، ޢިރާޤުގައި ވާ ފަދައިން ކޯރުތައް ދެމޭގޮތަށް ހައްދަވައިދެއްވަންވާނެ އެވެ. އޭގެ އިތުރަށް، އަހަރެމެންގެ ބައެއް ކާބަފައިން، ޚާއްޞަކޮށް قُصي بن كلاب އަލުން ދިރުއްވަންވާނެ އެވެ. قُصي بن كلاب އަކީ، ތެދުވެރި ރަނގަޅު އިންސާނެކެވެ. އޭނަ ކައިރިން ކަލޭގެފާނުގެ ބަސްފުޅުތައް ތެދު ތޯ، ނުވަތަ ދޮގު ތޯ އެހުމުގެ ފުރުޞަތު ހޯދައިދޭށެވެ. އޭނާ ކަލޭގެފާނު ޤަބޫލުކޮށް، އަހަރެމެން އެދޭ ކަންތައް ކަލޭގެފާނު ކޮށްދޭ ކަމުގައި ވާ ނަމަ، އަހަރެމެން ކަލޭގެފާނު ޤާބޫލުކުރާނަމު އެވެ. މި ގޮތުން، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ކަލޭގެފާނުގެ މަޤާމު އަހަރެމެންނަށް އެނގިގެންދާނެ ވެސް މެއެވެ. ކަލޭގެފާނުގެ ބަސްފުޅުތަކުގެ ތެދުކަން ޔަޤީންކޮށްދެއްވައި އަހަރެމެން ކަލޭގެފާނާ ދުރަށް ޖައްސަވާނޭ މަލާއިކަތަކު ފޮނުއްވާދެއްވާށޭ އެކަލާނގެ އަށް ދަންނަވާށެވެ. ހަމައެއާއެކު، މާލީ ދަތިތަކުން ކަލޭގެފާނު އަރައިގަތުމަށް ޓަކައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް ބަގީޗާތަކާއި، ހަވޭލީތަކާއި، ޚަޒާނާތައް ދެއްވަންވާނެ އެވެ! އެހެނީ، ކަލޭގެފާނު ގެންދަވަނީ ބާޒާރުތަކުގައި ހިންގަވައި، އަހަރެމެންނެކޭ އެއްފަދައިން، ކަލޭގެފާނުގެ ދިރިއުޅުއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ވާތީ އެވެ".

رَسُوْلُ اللهِ ﷺ އެމީހުންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ކަލޭމެންގެ ގާތަށް ފޮނުއްވުނީ ތިއެއްޗިއްސާ އެކުގައެއް ނޫނެވެ. ތިމަންކަލޭގެފާނު ތިޔަބައި މީހުންގެ ގާތަށް މާތް ﷲ ގެ ކިބަފުޅުން ގެނައީ ހަމައެކަނި އެކަލާނގެ އެ އެއްޗަކާ އެކު ފޮނުއްވި އެއްޗަކާ އެކުގައެވެ. އެ ކަންތައްތައް ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ތަބްލީޣުކޮށްދެއްވައިފީމެވެ. ތިމަންކަލޭގެފާނަކީ، ހެއްދެވި ފަރާތުގެ ޙަޟްރަތުން މުއްސަނދިކަމާއި، މުދަލަށް އެދޭނޭ މީހެއް ނޫނެވެ. الله تعالى ތިމަންކަލޭގެފާނު ފޮނުއްވީ ތިމަންކަލޭގެފާނު ފޮނުއްވި ރިސާލަތަށް އީމާންވާ މީހުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށާއި، ކާފަރުވީ މީހުންނަށް ހުރި ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ބިރުވެރި ޚަބަރު ދެއްވުމަށެވެ".

މި ފަހަރު މުޝްރިކުން ބުނޫއެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ އިރު، އުޑު ދެ ފަޅިކުރައްވައި އަހަރެމެންގެ މައްޗަށް ވެއްޓެވުމަށް ދަންނަވާށެވެ! ކަލޭގެފާނު އެކަން ނުކުރައްވާހާ ހިނދަކު، އަހަރެމެން ކަލޭގެފާނަށް އީމާނެއް ނުވާނަމު އެވެ". رَسُوْلُ اللهِ ﷺ ޖަވާބު ގައި حديث ކުރެއްވި އެވެ. "އެކަން ކުރެއްވުން އޮތީ الله تعالى އަށެވެ. އެއަށް ފަހު މުޝްރިކުން އަދި އެއަށް ވުރެ މައްޗަށް ޖައްސާލާފައި ބުނޫ އެވެ. "އޭ محمّد އެވެ! ތިމަންމެން ކަލޭގެފާނާ އެކު ނީށީންނާނެ ކަމާއި، އަހަރެމެން ކަލޭގެފާނާ ކުރާނެ ސުވާލަކައި، އަހަރެމެން ކަލޭގެފާނުގެ އަރިހުން އެދޭނެ ކަންތަކާއި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެނިވޮޑިނުގަންނަވާ ހެއްޔެވެ؟ އެ ކަންތައްތައް ކަލޭގެފާނަށް ކުރިން ނާންގަވާ ހެއްޔެވެ؟ ކަލޭގެފާނު އަހަރެމެންނަށް ތަބްލީޣުކުރެއްވި ކަންތައްތައް އަހަރެމެން ޤަބޫލުނުކުރާ ނަމަ އެކަލާނގެ ހައްދަވާނެ ގޮތެއް ކަލޭގެފާނަށް ނޭންގެވީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެފާނުގެ ބަސްތަކުގެ ހެކިވެރިޔަކަށް މަލާއިކަތަކު ނުގެންނަވާ ހާ ހިނދަކު، އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނަމު އެވެ. މީގެ ފަހުން ކަލޭގެފާނަކަށް އަހަރެމެންގެ އެއްވެސް ޒިއްމާއެއް ނެތެވެ. އަހަރެމެން ހުވާކޮށްފައި ބުނަމެވެ. މީގެ ފަހުން އަހަރެމެން ކަލޭގެފާނު އެކަނި އުޅުނަކު ނުދޭނަމެވެ. އަހަރެމެން ކަލޭގެފާނު ހަލާކުކުރުން ނޫނީ، ކަލޭގެފާނު އަހަރެމެން ހަލާކުކުރައްވާނީ އެވެ". އެބައި މީހުން އެކަލޭގެފާނާ ކައިރިވުމަށް ފަހު ހައްތާ ދަނީ ފެއަށް ކަން ފެނިވަޑައިގަތުމުން އެތަން ދޫކުރައްވައި ވަޑައިގެންފި އެވެ".13

މައްކާގެ މުޝްރިކުން ކައުނުގެ ސުލްޠާނާ ދެކޮޅުހެދުމުން، جبريل (‏عليه السّلام)‏ މެދުވެރިކުރައްވައި الله تعالى ވަޙީ ބާވައިލެއްވި އެވެ. އެގޮތުން އެ މީހުން ތަޙައްމަލުކުރަންޖެހޭނެ ވޭންދެނިވި ޢަޒާބެއްގެ ވާހަކަ ބަޔާންކުރައްވައެވެ. سورة الأنعام ގެ 4 ވަނަ އާޔަތުން ފެށިގެން 11 ވަނަ އާޔަތާ ހަމަޔަށް ވަޙީކުރެއްވި އެވެ. )‏ وَ مَا تَاْتِیْهِمْ مِّنْ اٰیَةٍ مِّنْ اٰیٰتِ رَبِّهِمْ اِلَّا كَانُوْا عَنْهَا مُعْرِضِیْنَ (‏4)‏ فَقَدْ كَذَّبُوْا بِالْحَقِّ لَمَّا جَآءَهُمْؕ-فَسَوْفَ یَاْتِیْهِمْ اَنْۢبٰٓؤُا مَا كَانُوْا بِهٖ یَسْتَهْزِءُوْنَ (‏5)‏ اَلَمْ یَرَوْا كَمْ اَهْلَكْنَا مِنْ قَبْلِهِمْ مِّنْ قَرْنٍ مَّكَّنّٰهُمْ فِی الْاَرْضِ مَا لَمْ نُمَكِّنْ لَّكُمْ وَ اَرْسَلْنَا السَّمَآءَ عَلَیْهِمْ مِّدْرَارًا۪-وَّ جَعَلْنَا الْاَنْهٰرَ تَجْرِیْ مِنْ تَحْتِهِمْ فَاَهْلَكْنٰهُمْ بِذُنُوْبِهِمْ وَ اَنْشَاْنَا مِنْۢ بَعْدِهِمْ قَرْنًا اٰخَرِیْنَ (‏6)‏ وَ لَوْ نَزَّلْنَا عَلَیْكَ كِتٰبًا فِیْ قِرْطَاسٍ فَلَمَسُوْهُ بِاَیْدِیْهِمْ لَقَالَ الَّذِیْنَ كَفَرُوْۤا اِنْ هٰذَاۤ اِلَّا سِحْرٌ مُّبِیْنٌ (‏7)‏ وَ قَالُوْا لَوْ لَاۤ اُنْزِلَ عَلَیْهِ مَلَكٌؕ-وَ لَوْ اَنْزَلْنَا مَلَكًا لَّقُضِیَ الْاَمْرُ ثُمَّ لَا یُنْظَرُوْنَ(‏8)‏  وَ لَوْ جَعَلْنٰهُ مَلَكًا لَّجَعَلْنٰهُ رَجُلًا وَّ لَلَبَسْنَا عَلَیْهِمْ مَّا یَلْبِسُوْنَ (‏9)‏ وَ لَقَدِ اسْتُهْزِئَ بِرُسُلٍ مِّنْ قَبْلِكَ فَحَاقَ بِالَّذِیْنَ سَخِرُوْا مِنْهُمْ مَّا كَانُوْا بِهٖ یَسْتَهْزِءُوْنَ (‏10)‏* الأنعام: -4-10)‏ މާނައީ: "އެ آية ތަކަށް އެއުރެން ފުރަގަސްދޭ ކަމުގައިވި آية ތަކެއް މެނުވީ، އެއުރެންގެ ވެރި ރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެއެވެ. (‏4)‏ ފަހެ، ހަމަކަށަވަރުން، حق ބަސްފުޅު އެއުރެންގެ ގާތަށް އައި ހިނދު، އެއުރެން އެ ބަސް ދޮގުކުޅައޫއެވެ. ފަހެ، އެ ކަމަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ خبر ތައް އަދި ފަހުން އުއުރެންގެ ގާތަށް އަންނާނެތެވެ. (‏5)‏ އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވި ކިތައްކިތައް جيل ގެ މީހުންކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށް ވެހޭ ވާރޭ އެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެން ކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އުއުރެންގެ ފާފަތަކުގެ ސަބަބުން ތިމަން ރަސްކަލާނގެ އުއުރެން ހަލާކުކުރައްވައި ނެތިކުރެއްވީމެވެ. އަދި އުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން جيل އެއްގެ ބަޔަކު އުފެއްދެވީމެވެ. (‏6)‏ އަދި ކަރުދާހެއް ގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވިޔަސް ދެން އެއުރެންގެ އަތްތަކުން އެ ފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއް ކަމުގައި މެނުވީ ތިޔަ ފޮތް ނުވެޔޭ كافر ވީ މީހުން ބުނީހެވެ. (‏7)‏ އަދި އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިލައްވާފައިވާ ނުވަނީ ކީއްވެގެން ބާވައެވެ؟ (‏ދަންނާށެވެ!)‏ ތިމަން ރަސްކަލާނގެ ملائكة އަކު ބާވައިލެއްވި ނަމަ، ކަންތަކުގެ ނިޔާކަނޑައެޅި މިނިއްޖައީހެވެ. (‏އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވައިފީހެވެ.)‏ ދެން (‏އެއަށް ފަހު)‏ އެއުރެންނަށް مهلة އެއް ނުދެއްވާ ހުށްޓެވެ. (‏8)‏ ތިމަންރަސްކަލާނގެ رسول އަކީ، ملائكة އަކު ކަމުގައި ލެއްވި ނަމަ، އެ ملائكة އަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ. އަދި އެއުރެން އޮޅުވައިލާ ކަންތައް (‏އޭރުން ވެސް)‏ އެއުރެންނަށް އޮޅުވައިލާ ގޮތް ތިމަން ރަސްކަލާނގެ ހެއްދެވީމުހެވެ. (‏9)‏ (‏އިތުރު ބަޔާން: މި آية ން އެ އަންގަވަނީ މާތް ﷲ، رسول ކަމާއިގެން ملائكة އަކު ފޮނުއްވި ނަމަ، އެ ملائكة އަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގަ އެވެ. އެހެނީ، ملائكة އެއްގެ أصل ސޫރައިގައި ފޮނުއްވި ނަމަ، އެ ملائكة އަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، آدم ގެ ދަރިންނަށް ކުޅަދާނަވެގެންވާ ކަމެއް ކަމުގައި ނުވީހެވެ. އެހެންކަމުން، އެއުރެން އޮޅުވައިލަން އުޅުނު އޮޅުން އެއުރެންނަށް އޮޅޭނޭ ގޮތް ﷲ ހެއްދެވީހެވެ.)‏ އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށް ވެސް ފުރައްސާރަކުރި އެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންދިޔަ ފުރައްސާރައިގެ ކަންތައް (‏އެބަހީ: އެ ކަމުގެ ކޯފާ އާއި عذاب އައިސް)‏ އުއުރެން ވަށައިލި އެވެ. (‏10)‏ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި މީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށް ފަހު، ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައި މީހުން ދެކޭށެވެ". (‏11)‏

سورة الفرقان ގެ 7 ވަނަ އާޔަތުން ފެށިގެން 10 ވަނަ އާޔަތާ ހަމަޔަށް ވަޙީކުރައްވާފައި ވެއެވެ (‏وَ قَالُوْا مَالِ هٰذَا الرَّسُوْلِ یَاْكُلُ الطَّعَامَ وَ یَمْشِیْ فِی الْاَسْوَاقِؕ-لَوْ لَاۤ اُنْزِلَ اِلَیْهِ مَلَكٌ فَیَكُوْنَ مَعَهٗ نَذِیْرًا (‏7)‏ اَوْ یُلْقٰۤى اِلَیْهِ كَنْزٌ اَوْ تَكُوْنُ لَهٗ جَنَّةٌ یَّاْكُلُ مِنْهَاؕ-وَ قَالَ الظّٰلِمُوْنَ اِنْ تَتَّبِعُوْنَ اِلَّا رَجُلًا مَّسْحُوْرًا (‏8)‏ اُنْظُرْ كَیْفَ ضَرَبُوْا لَكَ الْاَمْثَالَ فَضَلُّوْا فَلَا یَسْتَطِیْعُوْنَ سَبِیْلًا (‏9)‏  تَبٰرَكَ الَّذِیْۤ اِنْ شَآءَ جَعَلَ لَكَ خَیْرًا مِّنْ ذٰلِكَ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُۙ-وَ یَجْعَلْ لَّكَ قُصُوْرًا(‏10)‏ * الفرقان: -7-10)‏ މާނައީ: "އަދި އެއުރެން ބުނޫއެވެ. މި رسول އާ އަށް ވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވަތެވެ. އަދި ބާޒާރުގައި ހިންގަވައި އުޅުއްވަތެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި إنذار ކުރައްވައި އުޅުއްވުމަށް، އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ (‏7)‏ ނުވަތަ އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ،ނުވަތަ އެކަލޭގެފާނު އެތަނުން ފަރީއްކުޅުއްވައި އުޅުއްވުމަށް، އެކަލޭގެފާނަށް ބަގީޗާއެއް ނެތީ ކީއްވެގެން ހެއްޔެވެ؟ އަދި އަނިޔާވެރިން ބުނޫއެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައި މީހުން تبع އެއް ނުވަމުއެވެ. (‏8)‏ ކަލޭގެފާނާ މެދު އެއުރެން މިސާލުޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން މަގުފުރެދިއްޖެއޫއެވެ. ފަހެ، މަގެއް ހޯދުމަކަށް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެއެވެ. (‏9)‏ އެކަލާނގެ އިރާދަކުރައްވައިފި ނަމަ، އެއަށް ވުރެ ހެޔޮ ގޮތް ކަލޭގެފާނަށް ލައްވައިދެއްވާ ރަސްކަލާނގެ މަތިވެރިވެ ވޮޑީގެންފި އެވެ. (‏އެއީ)‏ އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އަދި އެކަލާނގެ (‏އެތާނގައި)‏ ކަލޭގެފާނަށް ޓަކައި ގަނޑުވަރުތައް ލައްވާނެތެވެ". (‏10)‏

ހަމަ އެހެންމެ، سورة الفرقان ގެ 21 ވަނަ ވަޙީކުރައްވާފައި ވެއެވެ. (‏وَ قَالَ الَّذِیْنَ لَا یَرْجُوْنَ لِقَآءَنَا لَوْ لَاۤ اُنْزِلَ عَلَیْنَا الْمَلٰٓىٕكَةُ اَوْ نَرٰى رَبَّنَاؕ-لَقَدِ اسْتَكْبَرُوْا فِیْۤ اَنْفُسِهِمْ وَ عَتَوْ عُتُوًّا كَبِیْرًا(‏21)‏ * الفرقان: -7-10)‏ މާނައީ: "ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭ މީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ ތަކާ މެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނައަޅައިދިއުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ". (‏21)‏

وَ نَحْشُرُهُمْ یَوْمَ الْقِیٰمَةِ عَلٰى وُجُوْهِهِمْ عُمْیًا وَّ بُكْمًا وَّ صُمًّاؕ-مَاْوٰىهُمْ جَهَنَّمُؕ-كُلَّمَا خَبَتْ زِدْنٰهُمْ سَعِیْرًا(‏97)‏ * إسراء: -97)‏ މާނައީ: " އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް محشر އަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރު ބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވި ތަނަކީ ނަރަކަ އެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެ ފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ". (‏97)‏
الإسراء - 97

سورة سبا ގެ 9 ވަނަ ވަޙީކުރައްވާފައި ވެއެވެ. (‏اَفَلَمْ یَرَوْا اِلٰى مَا بَیْنَ اَیْدِیْهِمْ وَ مَا خَلْفَهُمْ مِّنَ السَّمَآءِ وَ الْاَرْضِؕ-اِنْ نَّشَاْ نَخْسِفْ بِهِمُ الْاَرْضَ اَوْ نُسْقِطْ عَلَیْهِمْ كِسَفًا مِّنَ السَّمَآءِؕ-اِنَّ فِیْ ذٰلِكَ لَاٰیَةً لِّكُلِّ عَبْدٍ مُّنِیْبٍ(‏9)‏ * سباء: -9)‏ މާނައީ: "އަދި އުޑާއި، ބިމުން އެއުރެންގެ ކުރިމަތީގައި ވާ ތަނާއި، އެއުރެންގެ ފުރަގަހުގައި ވާ ތަން، އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އިރާދަކުރައްވާ ނަމަ، ބިންގަނޑު އެއުރެންނާއިގެން ގަންބަވައިގެންފާ ހުށީމެވެ. ނުވަތަ އުޑުން ތަންތަންގަނޑު އެއުރެންގެ މައްޗަށް ވައްޓަވައިފާހުށީމެވެ. ހަމަކަށަވަރުން، އެކަމުގައި އެކަލާނގެ އަށް توبة ވެ، رجوع ވާ ކޮންމެ އަޅަކަށް ހެތްކެއް ވާ ކަން ކަށަވަރެވެ". (‏9)‏

سورة إسراء ގެ 97 ވަނަ ވަޙީކުރައްވާފައި ވެއެވެ. (‏وَ مَنْ یَّهْدِ اللّٰهُ فَهُوَ الْمُهْتَدِۚ-وَ مَنْ یُّضْلِلْ فَلَنْ تَجِدَ لَهُمْ اَوْلِیَآءَ مِنْ دُوْنِهٖؕ-وَ نَحْشُرُهُمْ یَوْمَ الْقِیٰمَةِ عَلٰى وُجُوْهِهِمْ عُمْیًا وَّ بُكْمًا وَّ صُمًّاؕ-مَاْوٰىهُمْ جَهَنَّمُؕ-كُلَّمَا خَبَتْ زِدْنٰهُمْ سَعِیْرًا(‏97)‏ * إسراء: -97)‏ މާނައީ: "ﷲ ތެދުމަގު ދެއްކެވި މީހާ (‏ދަންނާށެވެ!)‏ ފަހެ، އެމީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (‏ދަންނާށެވެ!)‏ ފަހެ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވެދޭނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް محشر އަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރު ބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވި ތަނަކީ ނަރަކަ އެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެ ފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ". (‏97)‏

އެބައި މީހުންނާ ބެހޭގޮތުން ކީރިތި قرآن ގެ އާޔަތްތައް ބާވައިލެއްވުމަށް ފަހު މުޝްރިކުންގެ ޢަދާވާތްތެރިކަން އަދި އިހުނަށް ވުރެ އިތުރުވެގެން ދިޔަ އެވެ. ޚާއްޞަކޮށް، أُبَيًُّ بن خلف އާއި، އޭނާގެ އަޚް اُميّة ގެ ޢަމަލުތަކުން رَسُوْلُ اللهِ ﷺ އަށް ހިތާމަވެރިކަން ގެނުވައިދިނެވެ. ގެއްލެނިވެގެންވާ أُبيُّ، رَسُوْلُ اللهِ ﷺ ގެ އަރިހަށް އެއް ފަހަރަކު ފީވެފައި އޮތް ކަށިގަނޑެއް ހިފައިގެން އަތުވެއްޖެ އެވެ. ގޮސް ބުންޏެވެ. "އޭ محمّد ގެފާނެވެ! ކަލޭގެފާނުގެ ވެރި ރަސްކަލާނގެ މި ކަށިގަނޑު ފަނާވުމަށް ފަހު އެއިން އަލުން ދިރުއްވާނެ، އެހެން ނޫން ހެއްޔެވެ؟ މި ކަށިގަނޑު ފީވެ ފަނާވުމަށް ފަހު އެއިން އަލުން ދިރުއްވާނެ ކަމަށް ކަލޭގެފާނު ހީފުޅުކުރައްވައެވެ". އެހެން ކިޔާފައި އެ ކަށިގަނޑަށް ފިއްތާ ޗިސްޗިސްކޮށްކައިފި އެވެ. ދެން، އޭގެ އަޅި رَسُوْلُ اللهِ ﷺ އާ ދިމާލަށް ފުލެލައިފި އެވެ. ދެން ވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔަ އެވެ. "އޭ محمّد ގެފާނެވެ! މި ކަށިގަނޑު ފަނާވުމަށް ފަހު އެއިން އަލުން ދިރުމުގެ ކުޅަދާނަކަން ލިބިގެންވަނީ ކާކަށް ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވައި حديث ކުރެއްވި އެވެ. "އާނއެކެވެ! الله تعالى ކަލެއާއި، އޭތި ވެސް މަރުގަންނަވާނެ އެވެ... ދެން، އެކަލާނގެ ކަލޭ އަލުން ދިރުއްވައި، ކަލޭ ނަރަކައަށް ވައްދަވާނެތެވެ". މި ޙާދިސާ އަށް އެކަލާނގެ سورة يـٰسٓ ގެ 77 ވަނަ އާޔަތުން 81 ވަނަ އާޔަތާ ހަމައަށް ބާވައިލެއްވި އެވެ. (‏اَوَ لَمْ یَرَ الْاِنْسَانُ اَنَّا خَلَقْنٰهُ مِنْ نُّطْفَةٍ فَاِذَا هُوَ خَصِیْمٌ مُّبِیْنٌ(‏77)‏ وَ ضَرَبَ لَنَا مَثَلًا وَّ نَسِیَ خَلْقَهٗؕ-قَالَ مَنْ یُّحْیِ الْعِظَامَ وَ هِیَ رَمِیْمٌ(‏78)‏ قُلْ یُحْیِیْهَا الَّذِیْۤ اَنْشَاَهَاۤ اَوَّلَ مَرَّةٍؕ-وَ هُوَ بِكُلِّ خَلْقٍ عَلِیْمُﰳ(‏79)‏ الَّذِیْ جَعَلَ لَكُمْ مِّنَ الشَّجَرِ الْاَخْضَرِ نَارًا فَاِذَاۤ اَنْتُمْ مِّنْهُ تُوْقِدُوْنَ(‏80)‏ اَوَ لَیْسَ الَّذِیْ خَلَقَ السَّمٰوٰتِ وَ الْاَرْضَ بِقٰدِرٍ عَلٰۤى اَنْ یَّخْلُقَ مِثْلَهُمْﳳ-بَلٰىۗ-وَ هُوَ الْخَلّٰقُ الْعَلِیْمُ(‏81)‏ * يـٰسٓ: 77-81)‏ މާނައީ: "ހަމަކަށަވަރުން، މަނި ތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާ އަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާ ވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. (‏77)‏ އަދި އެ އިންސާނާ ތިމަންރަސްކަލާނގެ އަށް އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވި ގޮތް އޭނާ ހަނދުމަނައްތައިލި އެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެގައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކު ހެއްޔެވެ؟ (‏78)‏ ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަމަ ފަހަރު އެ ކަށިތައް އުފެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ (‏79)‏ އެކަލާނގެއީ، ފެހި ކުލައިގެ ގަހުން ތިޔަބައި މީހުންނަށް ޓަކައި އަލިފާން ލެއްވި ރަސްކަލާނގެ އެވެ. ފަހެ، އެހާރުން ތިޔަބައި މީހުން އެ ގަސްގަގުން އަލިފާން ރޯކޮށް އުޅެމުއެވެ. (‏80)‏ އެއުރެން ފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭ ހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ'. (‏81)‏"14

خالد بن ساعد އިސްލާމްވުން

އިސްލާމް ދީނަށް ގޮވާލެއްވުމުގެ ފުރަތަމަ ދުވަސްކޮޅު، خالد بن ساعد ދެކެލެއްވި ހުވަފެނެއް ވެއެވެ. އޭނާގެ ހުވަފެނުގައި އޭނާ ހުއްޓިވަޑައިގެން ހުންނަވަނީ ނަރަކައިގެ އަރިމަތީގައެވެ. އަދި އޭނާގެ ބައްޕަ އުޅުއްވީ ކޮއްޕާ އޭނާ ސުވަރުގެއަށް ވައްޓާލެއްވުމަށެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ، އެ ވަގުތު رَسُوْلُ اللهِ ﷺ އޭނާގެ އުނަގނަޑުގައި ހިއްޕަވައި ނަރަކައަށް ވެއްޓުމުން ސަލާމަތްކުރެއްވި ތަނެވެ. އޭނާ އަށް ހޭލެވުނީ، "ﷲ ގަންދީ ހުވާކޮށްފައި ބުނަމޭ، މި ހުވަފެނަކީ ޙަޤީޤަތެކޭ" މިހެން ކިޔައި ހަޅޭއްލަވަމުންނެވެ. ދެން އޭނާ ބޭރަށް ނުކުންނެވި ފަހަރެއް ގައި أبو بكر ގެފާނާ ދިމާވެގެން މި ހުވަފެނުގެ ވާހަކަ ދަންނަވައިފި އެވެ. أبو بكر ގެފާނު އޭނާ އަށް ވިދާޅުވި އެވެ. "ތިބާގެ ހުވަފެނަކީ ތެދު ހުވަފެނެކެވެ؛ އެ ބޭފުޅަކީ الله تعالى ގެ ރަސޫލާ އެވެ. މިހާރު ވަޑައިގެން رَسُوْلُ اللهِ ﷺ އަށް އީމާންވާށެވެ. އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ގެނެސްދެއްވި ދީން ޤަބޫލުކޮށް އެކަލޭގެފާނާ އެކު ވާށެވެ. ކަލޭގެފާނުގެ ހުވަފެނުގައި ފެނުނު ގޮތަށް ނަރަކަ އަށް ވެއްޓުމުން އެކަލޭގެފާނު ސަލާމަތްކޮށްދެއްވާނެ ތެވެ. އެކަމަކު، ކަލޭގެފާނުގެ ބައްޕަ ދެމިހުންނާނީ ނަރަކައިގައެވެ"!

خالد بن ساعد ހުންނެވީ އެ ހުވަފެނުގެ ނުފޫޒުގައި ޖެހިފައެވެ. އެއްވެސް ވަގުތެއް ބޭކާރުކުރުމެއް ނެތި، އެކަލޭގެފާނު ވަޑައިގަތީ އަޖްޔަދު ނަމަކަށް ކިޔޭ ހިސާބަކަށް، محمّد (‏صلّى الله عليه وسلّم)‏ ގެ އަރިހަށެވެ. އަދި އެއްސެވި އެވެ. "އޭ محمّد ގެފާނެވެ! ކަލޭގެފާނު މީސްތަކުންނަށް ދަޢުވަތު ތި ދެއްވަނީ ކޯއްޗަކަށް ތޯ އެވެ؟"

رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު މީސްތަކުންނަށް ދަޢުވަތު ދެއްވަނީ އެކަލާނގެ އަށް ޝރީކަކު އަދި އެއްފަދަ ފަރާތެއް ނުވާ އެއްކައުވަންތަ ﷲ އަށާއި، محمّد (‏عليه السّلام)‏ އަކީ އެކަލާގެ އަޅާ އަދި ރަސޫލާ ކަމަށް އިމާންވުމަށެވެ. އަދި އަޑު ނީވޭ އަދި ނުފެންނަ، އަދި އެއްވެސް ގެއްލުމެއް އަދި ހެވެއް ނުދެވޭ، އަދި އެއެއްޗެއްސަށް އަޅުކަންކުރަނީ އަދި ނުކުރަނީ ކާކު ކަން ނޭނގޭ ބައެއް ހިލަކޮޅުތަކަށް އަޅުކަންކުރުން ދޫކޮށްލުމަށެވެ".

މި ޙާދިސާ އަށް ފަހު، ޝަހާދަތުގެ ދެ ކަލިމަ ކިޔުއްވުމަށް ފަހު خالد بن ساعد ވަގުތުން އިސްލާމް ވެއްޖެ އެވެ. އެކަލޭގެފާނު އިސްލާމްވުމުން رَسُوْلُ اللهِ ﷺ ވަރަށް އުފާޥެވަޑައިގެންނެވި އެވެ. އެކަލޭގެފާނަށް ފަހު، އޭނާގެ އަނބިކަނބަލުން أُميّة ވެސް އިސްލާމެވެއްޖެ އެވެ.

خالد بن ساعد ބޭނުންވެ ވަޑައިގަތީ، އެކަލޭގެފާނުގެ އަޚުން ވެސް މުސްލިމުންނަށް ވުމަށްވެ. އަދި އެ ކަމަށް މަސައްކަތް ވެސް ކުރެއްވި އެވެ. އޭގެ ތެރެއިން عمر بن ساعد އިސްލާމްވެ ވަޑައިގަތެވެ. އެކަލޭގެފާނުގެ ބައްޕަ އިސްލާމް ދީނުގެ ގަދަވެގެންވާ ޢަދުއްވެއް ކަމުގައިވާ، އަބޫ އުހައިހާ އަށް، ޚާލިދާއި، عُمرُ އިސްލާމްވީ ޚަބަރާއި، މައްކާގެ އެކަހެރި ހިސާބެއް ގައި ނަމާދުކުރައްވަމުން ދާ ކަން އެނގިގެން، އެ ދެ ބޭކަލުން ގެނައުމަށް އޭނާގެ އިސްލާމް ނުވާ ދަރިން ފޮނުވި އެވެ. ދެން ގެނައުމަށް ފަހު އެ ދެ ބޭކަލުންނަށް އެންގީ އެ ދެ ބޭކަލުންގެ އާ ދީން ދޫކޮށްލުމަށެވެ. އަދި އެ ދެބޭކަލުންނާ ދިމާލަށް ހުތުރު އެއްޗިހި ކިޔައި ތަޅަން ފެށި އެވެ.

ދެން އޭނާ خالد بن ساعد އާ މުޚާޠަބުކޮށްފައި ބުންޏެވެ. "ކަލޭ محمّد ގެފާނަށް ތަބާވަނީ ހެއްޔެވެ؟ އެހެންނަމަވެސް، އެކަލޭގެފާނު ޢަމަލުކުރައްވަމުން ގެންދަވަނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ދެކޮޅުވެ، އެކަލޭގެފާނު ގެންނެވި އެއްޗަކުން އަހަރެމެންގެ ބުދުތަކަށާއި، ކާބަފައިންނަށް ބަދުބަސް ވިދާޅުވަމުންނެވެ".

خالد بن ساعد ވިދާޅުވި އެވެ. "އަހުރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެ ވިދާޅުވަނީ ތެދުފުޅެވެ. އަހަރެން އެކަލޭގެފާނަށް އީމާން ވެއްޖައީމެވެ. އަހަރެން މަރުވެދާނަމެވެ. އެކަމަކު އަހަރެންގެ ދީނެއް ދުލެއް ނުކުރާނަމެވެ". މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ ބައްޕަ އަދި އިހުނަށް ވުރެ ރުޅި ގަދަވެގެންދިޔަ އެވެ.

ދަނޑިބުރިއެއް ބުރިވަންދެން އެއިން އަޅާފައި ބުންޏެވެ. "އޭ އަހަރެންގެ ނުބައި ދަރިޔާއެވެ! ކަލޭ ދާން ބޭނުންވާ ތަނަކަށް ދާށެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އަހަރެންގެ ފަރާތުން ކޮށްތެއް ނުލިބޭނެ އެވެ"!

خالد ގެފާނު ވިދާޅުވި އެވެ. "ބައްޕާ އަހަންނަށް ދޭ ކޮށްތު ދިނުން ހުއްޓާލައިފި ނަމަ، ހަމަ ކަށަވަރުން ވެސް الله تعلى އަހަންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތް މިންވަރުކުރައްވާނެތެވެ".

"އަޅާގެ ﷲ އެވެ! އެބައިމީހުންގެ ފާފަތައް ފުއްސަވާދޭވެ! އެބައި މީހުންނަށް އެބައި މީހުން ކުރަމުންދާ ކަންތައް ހަމަ ނޭނގެނީ އެވެ".
حديث الشريف

خالد ގެފާނުގެ ބައްޕަ، އޭނާގެ އެހެން ދަރިންނަށް ވެސް އިންޒާރު ދީ ބުންޏެވެ. "ކަލޭމެންގެ ތެރެއިން އެކަކު ވެސް އެކަލޭގެފާނާ ވާހަކަދައްކައިފި ނަމަ، ޚާލިދަށް ހެދި ގޮތް ހަދާނަމެވެ". މައްކާގެ ހޫނު ގައި އަބޫ އުހައިހާ ވަނީ، އޭނާގެ ދަރި ކާލިދު ތިން ދުވަސް ވަންދެން ކާއެއްޗެއް ނުދީ ބަނޑުހައިހޫނު ކަމުގައި އޭނާގެ ގޭގެ ބިންގަރާސް ގުދަނުގައި ބަންދުކޮށްގެން ގެންގުޅެފައެވެ. ފުރުޞަތެއް ލިބިގެން خالدގެފާނު އެތަނުން ސަލާމަތްވެގެން ނިކުންނެވީ އެވެ. އެކަލޭގެފާނުގެ ބައްޕަ އަށް ވަރަށް ނުރައްކާތެރި ބައްޔެއް ޖެހުނީ އެވެ. އިސްލާމް ދީނަށް އޮތް ޢަދާވާތްތެރިކަމެއް ބޮޑުކަމުން، އެދުގައި ބަލިވެ އޮވެ، އުހައިހާ ބުނަމުން ދިޔަ އެވެ. "އަހަރެން މި ބަލިން ރަނގަޅުވެއްޖެ ނަމަ، މައްކާގެ އެންމެން އަޅުކަންކުރާނީ އަހަރެމެންގެ ބުދުތަކަށެވެ. އެއްވެސް މީހަކަށް، އެ އެއްޗިއްސަށް ނޫން އެއްޗަކަށް އަޅުކަންކުރާކަށް ހަމަ ހިލާ ކުޅަދާނައެއް ނުވާނެ އެވެ"! އެކަލޭގެފާނުގެ ބައްޕަ އިސްލާމް ދީނަށް އޮންނަ ޢަދާވާތްތެރިކަން ނިމުމަމަށް ގެނެސް، އެކަލޭގެފާނުގެ މުސްލިމު އަޚުންނަށް ގެއްލުންދިނުން ހުއްޓުވުމަށް ޓަކައި، خالدގެފާނުގެ ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރެއްވި އެވެ. "ޢާލަމްތައް ހެއްދެވި އަޅާގެ ﷲ އެވެ! މި ބަލިން އަޅާގެ ބައްޕަ ރަނގަޅުނުކުރައްވާދޭވެ"! މާތް ﷲ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވި އެވެ؛ އަބޫ އުހައިހާ އޭނާގެ ބަލިން ރަނގަޅެއް ނުވި އެވެ.

مُصعب بن عمير އިސްލާމްވުން

مُصعبُ بن عُمير (‏رضي الله عنه)‏ އަކީ މައްކާގެ ކަމުވޮށިގެންވާ މުއްސަނދި ޢާއިލާއެއްގެ މެމްބަރެކެވެ. މުޞްޢަބުގެފާނަށް رَسُوْلُ اللهِ ﷺ ގެ ބަސްފުޅު އަޑުއިވުމާ އެކު ހިތުގައި ވަރަށް ބޮޑު ލޯތްބެއް އުފެދިގެން ދިޔައެވެ. رَسُوْلُ اللهِ ﷺ ގެ ފައިންޕުޅު ދެކިލުމަށް މުޞްޢަބުގެފާނު ހުންނެވީ ވަރަށް ބޮޑަށް ބޭނުންފުޅުވެފައެވެ. އެންމެ ފަހުން، އޭނާ ދާރުލް އަރްޤަމް އަށް ވަޑައިގެން މުސްލިމަކަށް ވެވަޑައިގެންފި އެވެ. މި ޚަބަރު ލިބި، އޭނާގެ މަންމަ އާއި ބައްޕަ، ހުރިހާ އެއްޗަކުން އެކަލޭގެފާނު މަޙްރޫމްކޮށް، އަނިޔާކުރަން ފަށައިފި އެވެ. އެކަލޭގެފާނުގެ ދީން ދޫކޮށްލާތޯ އެ ގޭގެ ބިންގަރާސް ގުދަނުގައި ބަންދުކޮށް، އެތަކެއް ދުވަސް ވަންދެން ބަނޑުހައިހޫނު ކަމުގައި ބާއްވައިފި އެވެ. ޢަރަބިކަރައިގެ ދިލަގަދަ އަވީގައި އެމީހުން މުޞްޢަބުގެފާނަށް ގަދަފަދަ އަދި ކެތްނުކުރެވޭ ފަދަ އަނިޔާކޮށްފި އެވެ. އެކަމަކު ވެސް، އެ ގަދަފަދަ އަދި ރަޙުމެއްނެތް އަނިޔާތައް ތަޙައްމަލުކުރައްވައި، އިސްލާމް ދީން ދުލެއް ނުކުރެއްވި އެވެ.

މުސްލިމަކަށް ވުމުގެ ކުރިން، އެކަލޭގެފާނުގެ ޢާއިލާގެ މުއްސަނދިކަމާ އެކު، مصعب بن عُمير ބޮޑުފުޅުވެވަޑައިގަތީ ތަނަވަސްކަމާއި މުއްސަނދިކަމުގައެވެ. އެންމެން ވެސް އެކަލޭގެފާނަށް ޙަސަދަލިއެވެ. އެކަލޭގެފާނު މުސްލިމަކަށް ވުމުން، އެކަލޭގެފާނުގެ ޢާއިލާ އިން އެކަލޭގެފާނު ހުރިހާ އެއްޗަކުން މަޙްރޫމުކޮށް އަނިޔާދިނެވެ. އެއް ދުވަހަކު، އެކަލޭގެފާނުގެ ދީނަށް ޓަކައި، ހުރިހާ ދަތިއުނދަގުލެއް ތަޙައްމަލުކުރެއްވި مُصعب بن عُمير رَسُوْلُ اللهِ ﷺގެ އަރިހަށް ވަޑައިގަތެވެ. މުޞްޢަބުގެފާނު ގެ ޒިޔާރަތް، علي ގެފާނު ސިފަކުރައްވަނީ ތިރީގައިވާ ގޮތަށެވެ. "އަހަރެމެން ތިބީ ﷲ ގެ ރަސޫލާގެ އަރިހުގައެވެ. އެ ވަގުތު، مصعب بن عُمير ވަޑައިގަތެވެ. އެކަލޭގެފާނު ހުންނެވީ ޕެޗުއަޅާފަ ހުރި ހެދުން ތުރުކުރައްވައިގެން ހަމްދަރުދީ ވެވޭ ފަދަ ޙާލަތެއްގައެވެ. رَسُوْلُ اللهِ ﷺ އަށް مصعب ގެފާނު ހުންނެވި ޙާލަތު ފެނިވަޑައިގަތުމުން އެކަލޭގެފާނު ލޯފުޅު ފެންކަޅިވެގެންދިޔަ އެވެ. ދިން އަނިޔާ އާއި، އޭގެ ފަހުން އުޅުއްވަން ޖެހުނު ފަޤީރުކަމާ ހެދި ވެސް، އެކަލޭގެފާނުގެ ދީން ދުލެއް ނުކުރެއްވި އެވެ. އެއާއެކު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ ބޭކަލެއްގެ ހިތް އުޖާލާކުރައްވާފައިވާ މި ކަލޭގެފާނަށް ނިކަން ބައްލަވާށެވެ. އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނަށް އެންމެ ރަނގަޅު ކާނާ އާއި ބުއިންތަކުން ކާންބޯން ދެއްވި ތަން ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. ތިބޭކަލުންނަށް މިހާރު ތި ފެންނަ އެކަލޭގެފާނު ހުންނެވި ޙާލަތަކީ، الله تعالى އާއި އެކަލާނގެ ރަސޫލާ އަށް ވާ ލޯބިން ބަދަލުކޮށްލާފައިވާ ޙާލަތެކެވެ".

ފޯރިއާ އެކު ޙައްޤު ބަޔާންކުރާށޭ!
ތިބާ އަށް ހެޔޮކަންތައްތައް ގިނައިން ލިބޭނޭ،
ހުރިހާ ދޮރެއް ތިބާއަށް ޓަކައި ހުޅުވޭނެއޭ،
ﷲގެ ޖަމާޢަތް ތިބާ އަށް ފާޅުވާނޭ.
ޝަމްސު ތަބްރީޒީ އަށް މިކަން އެނގެޔޭ،
ދުނިޔެ ދެމިއެއް ނޯންނާނޭ، ދުނިޔެ ނިމޭނޭ،
ހެއްދެވި ހުރިހާ އެއްޗެއް ނެތިދާނޭ،
އަބަދަށް ވުޖޫދުވެވޮޑިގަންނަވާނީ ހަމައެކަނި ﷲ އޭ.
صلاة الله سلام الله
عليك يا رَسُوْلُ اللهِ