މުރުތައްދުވުމުގެ ޙަރަކާތްތައް
"މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴿٣١﴾) * آل عمران: 31) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި މީހުން، ﷲ ދެކެ ލޯބިވާ ކަމުގައި ވަނީ ނަމަ، ފަހެ، ތިޔަބައި މީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، ﷲ ތިޔަބައި މީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައި މީހުންނަށް ޓަކައި، ތިޔަބައި މީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ އެވެ".
آل عمران: 31
رَسُوْلُ اللهِ ﷺ ގެ ނަބީ ކަމުގެ ތޭވީސް އަހަރުގެ ތެރޭގައި މުޅި ޢަރަބި ކަރަޔާއި، ތަފާތި އެކި ސަރަޙައްދުތަކުގެ މީހުން ގްރޫޕް ގްރޫޕަށް އައިސް އިސްލާމް ވެއްޖެ އެވެ. އެބައި މީހުން الله تعالى އަށް އީމާންވެ، رَسُوْلُ اللهِ ﷺ ގެ ކޮންމެ ބަސްފުޅަކާއި ޢަމުފުޅަކަށް ކިޔަމަންގަތެވެ. رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމުން، ދުނިޔޭގައި އެއް ލައްކަ ސައުވީސް ހާސް (އެހެން ރިވާޔަތެއް ގައި އެއް ލައްކަ ފަންސާސް ހާސް) ޞަޙާބީން ތިއްބެވި އެވެ.
حجّة الوداع އަށް ފަހު، ޢަރަބިންގެ ތެރެއިން ބައެއް މީހުން އެ މީހުންނަކީ ނަބީން ކަމަށް ދަޢުވާކުރި އެވެ. އޭގެ ތެރެއިން ފުރަތަމަ މީހަކީ، ބަނީ عنس ވަންހައިގެ أسود العنسي އެވެ. އޭނާގެ ޙަޤީޤީ ނަމަކީ، عَبهلة بن كعب އެވެ. ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން، އޭނާ ޔަމަނުގެ ގިނަ ބަޔަކު މޮޔަހައްދައިލި އެވެ. ނަޖްރާން ގެ މީހުން ވެސް އޭނާ އަށް ތަބަޢަވި އެވެ. އޭނާ ޞަންޢާ އަށް ވެރިވެގަނެ، އޭނާގެ ފަސާދައިގެ ދާއިރާ ބޮޑުކޮށްލި އެވެ. رَسُوْلُ اللهِ ﷺ އާލާސްކަންފުޅާ އުޅުއްވި ނަމަވެސް، أسود العنسي ފަދަ ދޮގުވެރިން ގެ ސަބަބުން ލިބުނު ގެއްލުންތަކަށް ސަމާލުކަން ދެއްވި އެވެ. މި ދޮގުވެރިޔާ ޤަތުލުކުރުމުން، އެ ކަން رَسُوْلُ اللهِ ﷺ އަށް ވަޙީގެ ޒަރީޢާ އިން އެންގެވި އެވެ. މި އުފާވެރި ޚަބަރު رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނަށް ދެއްވަމުން حديث ކުރެއްވި އެވެ. "ރޭގައި، އަހަރެމެންގެ އަޚުންގެ ތެރެއިން އަޚަކު ކައްޒާބު الأسود العنسي ޤަތުލުކޮށްލައިފި އެވެ".
رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، މުނާފިޤުންނާއި، ޔަހޫދީންނާއި، ނަޞާރާއިންގެ ޖެއްސުންކުރުންތަކާ އެކު ޖަމާޢަތްތަކުގެ މެދުގައި މުރުތައްދުވުމުގެ ޙަރަކާތްތަކެއް ހިނގަން ފެށި އެވެ. މި ޙަރަކާތްތައް ވަރަށް ބޮޑަށް ފުޅާވެގެންދިޔަ އެވެ.
رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، ހުރިހާ އަޞްހާބުން (رضي الله عنهم) އިއްތިފާޤުން ޚަލީފާ އަކަށް أبوبكر الصدّيق (رضي الله عنه) އިޚްތިޔާރުކުރެއްވި އެވެ.
އެފަދަ މީހުން މުސްލިމުންގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، އޭރު އަދި އިސްލާމް ދީން ޤަބޫލުނުކުރާ ބައެއް ބަދަވީ ޢަރަބިން، رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުން ބެލީ، ބައެއް ފަރުޟު އަޅުކަންތައް، ޚާއްޞަކޮށް ޒަކާތްދިނުން، ޤަބޫލުނުކުރުމަށް ލިބިގެންދިޔަ ފުރުޞަތަކަށެވެ. ޒަކާތް ނެގުމަށް އެބައި މީހުންގެ ގާތަށް ވަޑައިގަތް އަޞްޙާބުން، އެބައި މީހުން ޝަހީދުކުޅަ އެވެ. އެބައި މީހުން އިސްލާމް ދީން ދޫކޮށްލި އެވެ. އެބައި މީހުން ވެގެންދިޔައީ މުރުތައްދުވީ މީހުންނަށެވެ. ޔަމަނާއި، އެހެން ސަރަޙާއްދުތަކުގެ އޮފިޝަލުން އެނބުރި ވަޑައިގަތީ، މި ގޯސް ޚަބަރާ އެކުގައެވެ. މުރުތައްދުވުމުގެ ނުރައްކާތައް ކުއްލިއަކަށް އިތުރުވެގެން ގޮސްފި އެވެ/ ހުރިހާ ދިމާލެއް ގައި ވެސް އޮތީ ބިރުވެރިކަމެވެ.
މުރުތައްދުވީ މީހުންގެ ޢަދަދާ އަޅާބަލާ އިރު، މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މުރުތައްދުވީ މީހުންނާ ހަނގުރާމަ ކުރެއްވުމުގެ ނުރައްކާ أبوبكر الصدّيق (رضي الله عنه) ނެންގެވި އެވެ. ރޭގަނޑު، މަދީނާ އަށް ޙަމަލާދިނުމަށް ތައްޔާރުވަމުންދިޔަ ޢަދުއްވުންނާ ދެކޮޅަށް أبوبكر ގެފާނު ނުކުމެވަޑައިގެން، ހެނދުން ވަންދެން ހަނގުރާމަ ކުރެއްވި އެވެ. އެކަލޭގެފާނު އެ އެންމެން ރޫޅާލެއްވި އެވެ. ދުރު ހިސާބުތަކުގައި ތިބި މުރުތައްދުވީ މީހުންނާ ދެކޮޅަށް ނުކުންނެވުމަށް ޓަކައި، أبوبكر ގެފާނު އެކަލޭގެފާނުގެ ޖަމަލަށް ސަވާރުވެވަޑައިގަތެވެ.
عائشة (رضي الله عنها) ވިދާޅުވި އެވެ. "އަޅުގަނޑުގެ ބައްޕާފުޅު އެ ދުވަސްވަރު އެކަލޭގެފާނުގެ ކަނޑިކޮޅު ނަންގަވައި އެކަލޭގެފާނުގެ ޖަމަލަށް އަރާވަޑައިގެންނެވި ތަނާ علي (رضي الله عنه) ވަޑައިގެން ބައްޕާފުޅުގެ ޖަމަލުގެ ލަގަނުގައި ހިއްޕަވާފައި ދެންނެވި އެވެ. 'އޭ رَسُوْلُ اللهِ ﷺ ގެ ޚަލީފާ އެވެ! ކަލޭގެފާނު ތި ވަޑައިގަންނަވަނީ ކޮން ތާކަށް ތޯ އެވެ؟ أُحد ހަނގުރާމައިގެ ތެރޭގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި ބަސްފުޅު އަޅުގަނޑު ދަންނަވާފާނަމެވެ. އެ ދުވަހު، އެކަލޭގެފާނު ތިބާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވީ، "ތިބާގެ ކަނޑި އުރަޔަށް ލައްވާށެވެ. ކަލޭގެފާނުގެ މަރުން އަހަރެމެން އަނދާނުލާށެވެ"! އަޅުގަނޑު الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ތިބާ އަށް ކަމެއް ވެއްޖެ ނަމަ، ތިބާ އަށް ފަހު މުސްލިމުންނަށް ހަމަޖެހުމެއް ނުލިބޭނެ އެވެ"! ހުރިހާ އަޞްޙާބުން ވެސް علي (رضي الله عنه) އެ ވިދާޅުވި ވާހަކަ އަށް ތާއީދުކުރެއްވި އެވެ. ޚަލީފާ أبوبكر مدينة المُنوّرة އަށް އެނބުރި ވަޑައިގެންފި އެވެ. މުރުތައްދުވީ މީހުންނާ ދެކޮޅަށް އެކަލޭގެފާނު ލަޝްކަރުތައް ފޮނުއްވި އެވެ.
އެންމެ ފުރަތަމަ، މަދީނާ އާ ކައިރީގައި ދިރިއުޅޭ ގަތަރު ޤަބީލާ އާ ދެކޮޅަށް ޚަލީފާ ހަނގުރާމަ އަށް ނުކުންނަވައި އެ މީހުން ލައްވާ އަމާން ދިނުމަށް ބާރުއަޅުއްވައި އެކަން ކާމިޔާބުކުރެއްވި އެވެ. ދެން ޚަލީފާ أبوبكر الصدَيق އެގާރަ ޤަބީލާ އަކަށް ސިފައިން ފޮނުއްވި އެވެ. އޭގެ ތެރެއިން، عكرمة ގެ ކޮމާންޑް ކަމުގެ ދަށުގައި ތިބި ސިފައިންނަށް ޔަމާމާ ގައި مُسيلمةُ الكذّاب ގެ ސާޅީސް ހާސް ސިފައިންނާ ދެކޮޅަށް ހިފަހައްޓައެއް ނުލެވުނެވެ. އެހީތެރިވުމަށް ޓަކައި، ޚަލީފާ ފޮނުއްވީ خالد بن الوليد އެވެ. خالد ހަނގުރާމަކުރައްވައި، طليحة بن خويلد އާއި، سُجاح بنت حارث އާއި، مالك بن نُويرة ބަލިކޮށްލެއްވުމަށް ފަހު އެނބުރި މަދީނާ އަށް ވަޑައިގެންފި އެވެ. އޭނާ ޔަމާމާ ގައި ކާމިޔާބު ހޯއްދެވި އެވެ. އެގޮތުން ވިހި ހާސް މުރުތައްދުވީ މީހުން އޭނާ ޤަތުލުކޮށްލެއްވި އެވެ. ގާތްގަޑަކަށް ދެ ހާސް މުސްލިމުން ޝަހީދުވެގެންދިޔަ އެވެ. عمرو بن العاص، ޚުޒާ ޤަބީލާ އީމާންކަމުގެ ތެރެއަށް ގެންނެވި އެވެ. علاء بن الحضرمي ގަދަ ހިތްވަރާ އެކު ބަޙްރައިން ގައި ހަނގުރާމަކުރައްވައި، މުރުތައްދުވީ މީހުން ވިއްސިވިހާލިކޮށްލެއްވި އެވެ. حُذَيْفَةُ بْنُ الْيَمَانِ އާއި، عرفجة بن هرثمة بن عبد العزى އާއި، عكرمة بن أبي جهل ޢޮމާން އާއި، ބަޙްރައިން ގައި އެއްބައިވަންތަވެ، މުރުތައްދުވީ މީހުން ބަލިކޮށްލެއްވި އެވެ. އެގޮތުން އެ ތިން ބޭކަލުން ދިހަ ހާސް މުރުތައްދުވީ މީހުން ޤަތުލުކޮށްލެއްވި އެވެ. ޚަލީފާ، خالد بن وليد ޢިރާޤާ ދިމާލަށް ފޮނުއްވި އެވެ. އޭނާ، އެއްލައްކަ ރަނުގެ ޖިޒްޔާ ޙިރާ ޤަބީލާއިން ނަންގަވައި، ޙުރުމުޒުގެ ކޮމާންޑްގެ ދަށުގައި އޮތް އީރާނުގެ ލަޝްކަރު ބަލިކޮށްލެއްވި އެވެ. ބަޞަރާ ގައި ތިރީސް ހާސް ސިފައިންގެ ލަޝްކަރެއް ބަލިކޮށްލެއްވި އެވެ. އެހީތެރިވާން އައި ލަޝްކަރުގެ ތެރެއިން ހަތްދިހަ ހާސް ކާފަރުން ޤަތުލުކޮށްލެވުނެވެ. ދެން ތަފާތު އެކި ހަނގުރާމަތަކުން ބޮޑެތި ރަށްތައް ހިތްޕެވި އެވެ. ޚަލީފާ، މަދީނާ ގައި ލަޝްކަރެއް ޖަމާކުރައްވައި، أبُو عُبيدة ދިމިޝްޤަށް އަދި عمرُو بن العاصފަލަސްޠީނަށް ފޮނުއްވި އެވެ. ދެން، ލަޝްކަރު އިތުރަށް ވަރުގަދަކުރެއްވުމަށް ޓަކައި، يزيد بن أبو سُفيان ދިމިޝްޤަށް ފޮނުއްވި އެވެ. ދެން ސިފައިން ޖަމާކުރައްވައި، މުޢާވިޔަތުގެ ކޮމާންޑް ކަމުގައި އޭނާގެ އަޚް ޔަޒީދަށް އަށް އެހީތެރިވުމަށް ފޮނުއްވި އެވެ. އަދި ހަމަ އެހެންމެ خالد بن وليد، ޢިރާޤުން ދިމިޝްޤަށް ފޮނުއްވި އެވެ. خالد بن الوليد، އޭނާގެ ބައެއް ސިފައިން މުސަންނާ ގައި ބޭތިއްބެވުމަށް ފަހު، ގިނަ ހަނގުރާމަތަކާއި، ކާމިޔާބުތަކަށް ފަހު، ސީރިޔާ އަށް ވަޑައިގެންފި އެވެ. އިސްލާމީ ލަޝްކަރު އެއްބައިވެ، އަޖްނަދިޔާން ގައި ވަރުގަދަ ރޯމަން އެމްޕަޔަރ ބަލިކޮށްލެއްވި އެވެ. ދިގު އަދި ވަރުގަދަ ހަނގުރާމަތަކަކަށް ފަހު، ސާޅީސް ހާސް ސިފައިންގެ އިސްލާމީ ލަޝްކަރު ވަނީ ޔަރުމޫކު ގައި ހެރަކްލަޔަސް ގެ އެއް ލައްކަ އަށް ވުރެ ގިނަ ސިފައިންގެ މައްޗަށް ނަޞްރު ހޯދާފައެވެ. އެ ހަނގުރާމައިގައި ރޯމަން ސިފައިންގެ އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން ޤަތުލުކުރެވުނެވެ. ތިން ހާސް މުސްލިމުން ޝަހީދުވެގެންދިޔަ އެވެ. މި ހަނގުރާމައިގައި މުސްލިމު އަންހެނުން ވެސް ހަނގުރާމަކުރި އެވެ. ކޮމާންޑަރ އިން ޗީފް خالد بن وليد އާއި، ފައުޖެއްގެ ކޮމާންޑަރ ޢިކްރިމަތު ބިން އަބީ ޖަހުލުގެ ފަރާތްޕުޅުން އާދަޔާޚިލާފު ހިތްވަރެއް ފެނިގެން ގޮސްފައި ވެއެވެ. މި ހުރިހާ ނަޞްރެއް ލިބިގެންދިޔައީ، ޚަލީފާ أبوبكر الصدّيق ގެ ހިތްވަރުގަދަ، ވިސްނުންތެރި، މޮޅު ހިންގުންތެރިކަމާއި، ބަރަކާތާ އެކުގައެވެ.
أبوبكر (رضي الله عنه) ގެ އާދަޔާޚިލާފު ޢަޒުމާއި، ގުޑުވާނުލެވޭ ފަދަ ހިތްވަރާއި، ލަޝްކަރަށް އެކަލޭގެފާނު ގެންނެވި ބަރާބަރު ބަދަލުތަކާ އެކު، رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގެންނެވުމަށް ފަހު ޢަރަބި ކަރައިގައި އަލިފާންހެން ފެތުރިގެންދިޔަ މުޒާހަރާތަކާއި، މުރުތައްދުވުމުގެ ޙަރަކާތްތައް އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ހުއްޓުވުނެވެ. أُسامة ގެ ފައުޖު ސީރިޔާ އަށް ފޮނުވައިގެން މުޒާހަރާތައް ހުއްޓުވުމުގައި، عُمرُ (رضي الله عنه) ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި އެވެ. عبدالله بن سُهيل، އޭނާގެ ތަޤްރީރުތަކުގެ ޛަރީޢާ އިން އެތައް ބަޔަކު މުރުތައްދުވުމުން ދުރުކޮށްދެއްވި އެވެ. މުޒާހަރާތައް ހުއްޓުވުމުގައި أبو دُجانة ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި އެވެ.މުރުތައްދުވީ މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގައި نُعمان بن مُقرِّن އާއި، خالد بن ساعد ބައިވެރި ވަޑައިގެން ވަރަށް ބޮޑެތި ކާމިޔާބުތަކެއް ޙާޞިލުކުރެއްވި އެވެ. އެހެންކަމުން، މުރުތައްދުވުމުން އިތުރަށް ފެތުރުނަނުދިނުމުގެ ސަބަބުން، ބޮޑު ކާރިސާއެއް ހިނގުން ހުއްޓުވި، މުސްލިމުންގެ މެދުގައި އޮތް އެއްބައިވަންތަކަމަށް ލޮޅުންއެރުވުމުގެ މަޤްޞަދުގައި ފެތުރިގެންދިޔަ ދެބަސްވުންތަކުގެ ހުޅުގަނޑު ނިއްވާލެވުނެވެ.
އެހެންނަމަވެސް، މުރުތައްދުވެ، ފާޅުކަން މަތީ އެ މީހުންގެ މަޤްޞަދު ޙާޞިލުނުވިކަން ރޭކާލި ބައެއް މީހުން ފިތުނަވެރިކަމުގެ ޙަރަކާތްތަކުގައި ފަހުގެ މުއްދަތުތަކުގައި ބައިވެރިވެފައި ވެއެވެ. އެ މީހުން ވަނީ މުސްލިމުންގެ މެދުގައި ދީނީ އަދި ސިޔާސީ ބައިބައިވުން އުފައްދާފައެވެ. އިސްލާމް ދީނުގެ ތާރީޚުގައި، އެ ޙަރަކާތްތަކަށް ފަހު، ދީން ޤަބޫލުނުކުރުމާއި، މުރުތައްދުވުމަށް إرتجاع (reaction)، އަދި مرتجع (reactionist) މި ދެބަސް ބޭނުންކުރަން ފެށުނެވެ.
"أبوبكر (رضي الله عنه) ނެތް ނަމަ، محمّد (عليه السّلام) ގެ އުއްމަތް محمّد (عليه السّلام) ސުވަރުގެ ވަޑައިގަތުމަށް ފަހު ނެތިގެންދިޔައީ ހެވެ".
أبو هُريرة (رضي الله عنه)
މުރުތައްދުވީ މީހުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި أبوبكر (رضي الله عنه) ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި އެވެ. އެފަދަ ވިސްނުންތެރި ބޭފުޅަކު ނެތް ނަމަ، އެ ނުރައްކާތެރިކަން މުޅި ޢަރަބި ކަރައިގައި ފެތުރިގެންދިޔައީހެވެ. އެއާ އެކު، عائشة الصدّيق (رضي الله عنها) ވިދާޅުވި އެވެ. "ސުވަރުގެ ވަޑައިގަތް އިރު، ޢަރަބިން މުރުތައްދުވިއެވެ. މުނާފިޤުކަން އިތުރުވެގެންދިޔަ އެވެ. ކުރިމަތިވި ކާރިޘާތައް އަޅުގަނޑުގެ ބައްޕާފުޅު މައިތިރިކުރެއްވީހެވެ".1
أبُو هُرَيرة (رضي الله عنه) ވިދާޅުވެފައި ވެއެވެ. "أبوبكر (رضي الله عنه) ނެތް ނަމަ، محمّد (عليه السّلام) ގެ އުއްމަތް محمّد (عليه السّلام) ސުވަރުގެ ވަޑައިގަތުމަށް ފަހު ނެތިގެންދިޔައީ ހެވެ".2 އޭނާ އަދިވެސް ވިދާޅުވެފައި ވެއެވެ. "އެ ކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވާ މާތް ﷲ ގަންދީ ހުވާކޮށްފައި އަހަރެން ބުނަމެވެ. أبوبكر (رضي الله عنه) ޚަލީފާކަމާ ޙަވާލުވެވަޑައިނުގަތް ނަމަ، މާތް ﷲ އަށް އަޅުކަންކުރާނެ މީހަކު ނުހުންނާނެ އެވެ"! މިހެން ތިން ފަހަރު ތަކުރާރުކުރެއްވި އެވެ.
أبو رجاء العطاردي ވިދާޅުވި އެވެ. "އަހަރެން މަދީނާ އަށް ވަން އިރު، މީސްތަކުން އެއްތާކަށް ޖަމާވަމުންދިޔަ ތަން ދުށީމެވެ. އަދި އޭގެ ތެރެއިން އެކަކު އެހެން ފިރިހެނެއްގެ ނިތްކުރީގައި ބޮސްދެމުން ބުންޏެވެ. 'އަޅުގަނޑު ކަލޭގެފާނަށް ޓަކައި ޤުރުބާންކުރައްވާދޭވެ! މާތް ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ތިބާ ނެތް ނަމަ، ޔަޤީނުން ވެސް އަޅުގަނޑުމެން ގެ ދުވަސް ދިޔައީހެވެ.'! އަޅުގަނޑު އެހީމެވެ. 'ބޮސް ދިން ދިން މީހާ އާއި ބޮސް ދެވުނު މީހަކީ ކާކު ހެއްޔެވެ'؟ ބައެއް މީހުން ޖަވާބުދިނެވެ. 'މުރުތައްދުވީ މީހުންނާ ދެކޮޅަށް އެކަލޭގެފާނު ކުރައްވާ ހަނގުރާމައިގެ ސަބަބުން، ''عُمرُ، أبوبكر ގެ ނިތއްކުރީގައި ބޮސްދެނީ އެވެ".3
عائشة (رضي الله عنها) އެ ދުވަސްތައް ސިފަކުރައްވަނީ އަންނަނިވި ގޮތަށެވެ.: رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، ގިނަ ޢަރަބި ޤަބީލާތައް މުރުތައްދުވި އެވެ. ފިނިމޫސުމުގެ ވިއްސާރައިގައި ތާށިވީ ކަހަލަ ގޮތަކަށް މުސްލިމުންނަށް ލިބިގެންދިޔަ އެވެ. އަދި ހަމަ އެއާއެކު، އެ ވަގުތު މައްކާގެ ގިނަ މީހުން ދިޔައީ އިސްލާމް ދީން ދޫކޮށްލުމަށް ތައްޔާރުވަމުންނެވެ.
ގެފުޅުގެ ދޮރުކޮޅު މަތީގައި ހުއްޓި ހުންނަވައި، سُهيل بن عمرُو މައްކާގެ މީހުންނާ މުޚާޠަބުކުރައްވައި ޚިޠާބެއް ދެއްވި އެވެ. އޭނާ ވަރަށް އަސަރުގަދަ ޚިޠާބެއް ދެއްވައި، އެ މީހުންގެ ޝައްކުތައް ފިލުވައިދެއްވައި، މުރުތައްދުވުމުން އެ މީހުން ދުރުކޮށްދެއްވި އެވެ. އޭނާ އެބައި މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ.:
"އޭ މައްކާގެ މީހުންނޭވެ! ތިޔަބައި މީހުން ހިމެނެނީ އެންމެ ފަހުން އިސްލާމްވީ މީހުންގެ ތެރޭގައެވެ. އެންމެ ފުރަތަމަ މުރުތައްދުވެ އިސްލާމް ދީން ދޫކޮށްލާ މީހުންގެ ތެރޭގައި ތިޔަބައި މީހުން ނުވާށެވެ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައިވާ ގޮތަށް މާތް ﷲ މިކަން ފުރިހަމަކޮށްދެއްވާނެތެވެ. އަހަރެން ކޮޅަށް ހުއްޓި މިހިރަ ތާނގައި رَسُوْلُ اللهِ ﷺ ގިނިކަންޏާ ކޮޅަށް ހުންނަވާފައި އަންނަނިވި ގޮތަށް ވިދާޅުވި ތަން އަހަރެން ދުށީމެވެ. 'ތިމަންކަލޭގެފާނާ އެކު لا إله إلّا الله ކިޔާށެވެ. އޭރުން ތިޔަބައި މީހުން މިސާލަކަށް ބަލައިގެން، ޢަރަބިން އިސްލާމްވާނެ އެވެ. އަދި ޢަޖަމީން ތިޔަބައި މީހުންނަށް ޖިޒްޔަ ދޭނެ އެވެ! ތިމަންކަލޭގެފާނު މާތް ﷲ ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. ސީޒަރާއި، އީރާނުގެ ޝާހުގެ މުދާ، މާތް ﷲ ގެ މަގުގައި ހޭދަކުރެވޭނެ އެވެ'!
ފުރައްސާރަކުރި މީހުންތައް ޒަކާތާއި ޞަދަޤާތް ނަގަން ދިޔަ މީހުންނަށް ވީ ތަން ތިޔަބައި މީހުންނަށް ފެނިފައި ވެއެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ބާކީ ހުރި ކަންތައް ވެސް ޙަޤީޤަތަކަށް އަދި ވާނެ އެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަކީ، އިރު އަރައި އޮއްސޭހާ ހިނދަކު، މި ދީން ކުރިޔަށް ދާނެ އެވެ. ތިޔަބައި މީހުންގެ ތެރޭގައި ވާ އެ ފަދަ މީހުންނަށް ތިޔަބައި މީހުންނަށް އޮޅުވާލިޔަނުދޭށެވެ! އަހަންނަށް އެނގޭ ކަންތައްތައް އެބައި މީހުންނަށް ވެސް އެނގެއެވެ.
އެހެންނަމަވެސް، هاشم ވަންހަ އާ ދޭތެރޭ އެ މީހުން އޮންނަ ޙަސަދަވެރިކަން ވަނީ އެ މީހުންގެ ހިތްތަކުގައި ހަރުލާފައެވެ.
އޭ މީސްތަކުންނޭވެ! ޤުރައިޝުންގެ ތެރޭގައި، ބިމާއި ކަނޑުގެ އެންމެ ގިނަ އުޅަނދުތައް އެންމެ ގިނައިން ހުރި މީހަކީ އަހަންނެވެ. ތިޔަބައި މީހުންގެ ޙާކިމަށް ބޯލަނބައި، ތިޔަބައި މީހުންގެ ޒަކާތް ދޭށެވެ.
ފަހު ވަގުތާ ހަމަޔަށް އިސްލާމް ދީން ދެމި ނޯންނަ ނަމަ، ތިޔަބައި މީހުން ދެއްކި ޒަކާތް އަހަރެން އަނބުރާ ދައްކާނެ ކަމުގެ ޔަޤީންކަން ދެމެވެ"!
އޭނާ މިހެން ވިދާޅުވެ ކީރިތިކުރެއްވި އެވެ. އެއާއެކު، މީސްތަކުން ހަމަޔަކަށް އެޅިއްޖެ އެވެ.4
حجرة السعادة – مسجد النّبوي
ކުރިމަތިން ފެންނަނީ، رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން އެންމެ ގާތް أبوبكر (رضي الله عنه) އާއި عُمرُ (رضي الله عنه) ގެ މަޤްބަރާގެ ޤިބްލައާ ވީ ދިމާލެވެ.
سُهيل بن عمرُو (رضي الله عنه) އޭނާގެ އަސަރުގަދަ ތަޤްރީރާ އެކު މައްކާގެ މީހުން މުރުތައްދުވުމާ ދެކޮޅުވުމުން، މައްކާގެ ގަވަރނަރ عطّاب بن أسيد އަށް ނުކުންނަވަން ކެރިވަޑައިގެންފި އެވެ.
سُهيل بن عمرُو އަކީ ބަދުރު ހަނގުރާމައިގެ އަސީރެކެވެ. عُمرُ بن الخطّاب (رضي الله عنه) ބޭނުންފުޅުވީ އޭނާ ޤަތުލުކޮށްލައްވާށެވެ. އެ ވަގުތު، عُمرُގެފާނާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ މަރާލަން ތިބާ ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދޫކޮށްލައްވާށެވެ. ތިބާ ގަޔާވާ ތަނަކަށް މާތް ﷲ އޭނާ ގެނެސްދެއްވުމަކީ ވުން އެކަށީގެންވާ ކަމެކެވެ. އުއްމީދުކުރެވޭ ގޮތުގައި އޭނާ މީސްތަކުންނާ މުޚާޠަބުކޮށް ވާހަކަދައްކާނެ އެވެ"! ކަންވީ ގޮތަކީ،حديث ގައި ގެނެސްދެއްވާފައި އޮތް އުފާވެރި ޚަބަރަކީ، މުޤައްދަސް ތަނެއް ގައި سُهيل بن عمرُو (رضي الله عنه) ދެއްވި މި ތަޤްރީރެވެ.5
"ކަލޭގެފާނަކީ ޙަޤީޤަތުގައި ވެސް ރަސޫލާ ކަމަށް އަޅުގަނޑު ހެކިވަމެވެ".
عُمر (رضي الله عنه)
عُمرُ (رضي الله عنه) އަށް سُهيلُ ގެ ތަޤްރީރު އަޑު އިވިވަޑައިގަތުމުން، ސުހައިލުގެފާނާ ބެހޭގޮތުން رَسُوْلُ اللهِ ﷺ حديث ކުރެއްވި ބަސްފުޅުގެ މަތިން ހަނދުމަފުޅުވެ، ވިދާޅުވެވުނެވެ. "ކަލޭގެފާނަކީ ޙަޤީޤަތުގައި ވެސް ރަސޫލާ ކަމަށް އަޅުގަނޑު ހެކިވަމެވެ".6
ތިބާގެ ލޯތްބަކީ ހުރިހާ ވޭންތަކަކަށް އޮތް ފަރުވާއޭ، މާތް ގެ ރަސޫލާއޭ،
ތިބާގެ ދޮރުކޮޅަކީ ބޭނުންތައް ޖަމާވާ ތަނޭ، މާތް ﷲ ގެ ރަސޫލާ އޭ.
ތިބާގެ ނޫރު ފެނުނު ލޯތަކުން ހަނދާއި، ތަރިތަކަށް ނުބަލާނެއޭ،
އެހެނީ، ތިބާގެ ނޫރުގެ ސަބަބުން ރޭގަނޑާއި ދުވާލު އަލިވެއޭ، މާތް ﷲ ގެ ރަސޫލާއޭ.
ތިބާގެ ދަލުން ފިނިފެންމާތައް ފޮޅެއޭ، ތިބާގެ ބަސްފުޅުތަކުން މާމުޔޭ،
ތިބާއަކީ ބަލި ހިތްތަކުގެ ޝިފާއެކޭ، މާތް ﷲ ގެ ރަސޫލާއޭ.
ޕާދިޝާހުންގެ ޙަބީބަކީ ތިބާ އޭ، ބަލިމީހުންނަށް ޝިފާދެއްވަނީ ތިބާ އޭ،
ތިބާގެ ޝަފާޢަތްތެރިކަމަކީ، ފާފަވެރިންގެ އުފަލެކޭ، މާތް ﷲ ގެ ރަސޫލާ އޭ.
ހަނދާއި، އިރާއި، ހަތް ގުރަހަ ތިބާ އަށް ކޮންމެ ދުވަހަކު ތަޢުރީފުކުރައްވައޭ،
ތިބާގެ ބަސްފުޅުތަކާ ވަކިންވާ ލަފްޒަކީ ހެދުނު ގޯހެކޭ، މާތް ﷲ ގެ ރަސޫލާ އޭ.
ޝައިޠާނާ ތިބާ އަށް ޙަސަދަވެއްޖެއޭ، އެ މޮޔަ ވެގެންދިޔައީ އޮޅުވާލާ މީހަކަށޭ،
އިދްރީސް ބާރުގަދައޭ، އެއީ އޭނާ ތިބާ ދެކެ ލޯބިފާތީއޭ، މާތް ﷲ ގެ ރަސޫލާއޭ.
އެމީހުން ތިބާގެ ސުންނަތް ދަމަހައްޓަނީ ފަސް ފަހަރު އެކަމަށް ގޮވައިގެންނޭ،
މި ގޮވާލުމަށް އިޖާބަދޭ މީހާ، ދަޢުވަތު ވަނީ އޭނާ އަށޭ، މާތް ﷲ ގެ ރަސޫލާ އޭ.
ކަށިތަކުގައި އަޅާފައިވަނީ ފަށުވިއޭ، ލެވިފައިވާ މީރު ވަސްތަކޭ،
ތިބާގެ ވޭނަކީ، އީމާންތެރިންގެ ހިތްދަތިކަމޭ، މާތް ﷲ ގެ ރަސޫލާ އޭ.
ޔޫސުފު އަލް-ކަންޢާން ސިއްރުން ކުޑަ އަގަކަށް ވިއްކާލެވުނޭ،
ތިބާ ދުށުން، އަޅުގަނޑަށް އެއްހާސް ފުރާނައާ އެއްވަރޭ، މާތް ﷲ ގެ ރަސޫލާ އޭ.
އެކަލޭގެފާނުގެ ބަރަކާތްލެއްވިގެންވާ މަޤްބަރާ ވަނީ ބިންމަތީގައޭ، ނޫރުން ފުރިފައޭ،
އެކަމަކު ތިބާގެ ފުރާނަ ވަނީ އުޑުތަކުގައޭ، މާތް ﷲ ގެ ރަސޫލާ އޭ.
ދާއޫދުގެ ބުރަކަށީގައިވަނީ ތިބާގެ ވެރިކަމުގެ ހެދުމޭ، إبراهيمގެ މޭޒުމަތީގައި ތިބާގެ ބަރަކާތޭ،
މޫސާގެ އަތްޕުޅުގައިވާ ތިބާގެ ފިލާވަޅަކީ ޢަޞާއޭ، މާތް ﷲ ގެ ރަސޫލާ އޭ.
ތިބާގެ ސްޓޭޝަނަކީ ޒަމްޒަމް كعبة އޭ، އެ كعبة އަބަދުވެސް ސާބިތުކަމާ އެކު ކޮޅަށް ހުންނާނެއޭ،
އަބަދުވެސް ޚިޟްރު ތިބާގެ އުއްމަތަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަވައޭ، މާތް ﷲ ގެ ރަސޫލާ އޭ.
ޝައްޔާދުލް حمزة އެ ޝާހުގެ ކިބައިން އެދެނީ ހިތާމައިން މިންޖުކޮށްދިނުމަށޭ،
ތިބާ އަށް ތަޢުރީފުކުރުމަކީ، މާތް ﷲ ގެ ކިބަފުޅުން ލިބޭ ހަދިޔާއެކޭ، މާތް ﷲ ގެ ރަސޫލާ އޭ.
شيّادُ حمزة
މަޑުމަޑުން
ތިބާގެ މައްޗަށް عزرائيل ވަޑައިގަންނަވާ އިރު،
ފައިތަކާއި އަތްތައް މަޑުމަޑުން ވަކިވެގެންދާނެއޭ.
ދީނާއި، އީމާންކަން މައުލާ ދެއްވާދޭވެ،
ތިބާގެ ދެލޮލުން މަޑުމަޑުން ކަރުނަ އޮހިގެންދެއޭ.
މަތީގައި އުދުހެމުންދާ ހިތް އެއް ދުވަހަކުން ވަރުބަލިވާނެއޭ،
އެއް ދުވަހަކުން އެ ހިތަށް މީޒާނެއް ބެހެއްޓޭނެއޭ.
ކޮންމެ މީހަކު ކުރި ޢަމަލުތަކާ މެދު އެއްދުވަހަކުން ސުވާލުކުރެވޭނެއޭ،
އަޅާގެ ރައްބުއޭ، ދޫ ޙަރަކާތްކުރާނީ ލަހުން ތޯ އޭ؟
ތިބާ އަބަދު ވެސް ހަވާނަފްސަށް ތަބާވެއޭ، ތައުބާނުވެއޭ،
ތިބާ ފެނުނުހާ އެއްޗެއް ކެއީމުއޭ، ޝުކުރުވެރިނުވަމުއޭ.
އެންމެ ފަހުން، ތިބާ ތިއައީ މި ކަޅު ފަސްގަނޑަށޭ،
ތިބާގެ ދެއަތް ދުނިޔެއިން މަޑުމަޑުން ފައިބާނެއޭ.
އެބައިމީހުން ހިލަގަނޑެއް ތިބާގެ މަހާނާގައި ބާއްވާނެއޭ،
ތިބާގެ ބޯ ބާއްވާނީ ފަސްކޮޅެއްގެ މަތީގައޭ.
ބައްޕަޔަށް ފިރިހެންދަރި ނުފެންނާނެއޭ، އަޚާ އޭނާގެ އަޚާއޭ،
އެނބުރި އައުމެއް ނެތޭ؛ މަގު މަޑުމަޑުން ދަނީއޭ.
އެމީހުން ތާފަނާ ފެން ކާފޫރާ އެއްކުރާނެއޭ،
އެމީހުން އެ ނާޒުކު ހަށިގަނޑު އެއްކޮށް ކަޝްފުކުރާނެއޭ.
ތިބާގެ މަރުގެ ވާހަކަ ތިބާގެ އަވަށްޓެރިންނަށް އިވޭނެއޭ،
ތިބާގެ އެކުވެރިން މަޑުމަޑުން އެނބުރި ދާނެއޭ.
