ލޮބުވެތި ރަސޫލާ

ދެވަނަ ބައި
ކަށްވަޅުގެ ޙަޔާތް

"سورة آل عمران ގެ 169 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ‎﴿١٦٩﴾‏)‏ * آل عمران: 169)‏ މާނައީ: ﷲ ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށި ކަމެކެވެ. އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ".
آل عمران: 169

ކަށްވަޅު ގައި رَسُوْلُ اللهِ ﷺ ވަނީ ދިރހުންނެވި ޙާލުގައި

ނަބީން އެ ބޭކަލުންގެ ކަށްވަޅުގައި ތިއްބަވަނީ އަހަރެމެންނަށް ނޭނގޭ ފަދަ ޙަޔާތަކުން ދިރިތިއްބަވާ ޙާލުގައެވެ. ވަލީވެރިންނާއި، ޝަހީދުން ވެސް އެބައިމީހުންގެ ޤަބުރުތަކުގައި ތިބޭނީ ދިރިތިބޭ ޙާލުގައެވެ. އެބައިމީހުންގެ ދިރިތިބުން އެއީ ހަމައެކަނި ބަސްތަކެއް ނޫނެވެ. އެމީހުން ތިބޭނީ އަޞްލު ވެސް ދިރިތިބޭ ޙާލުގައެވެ. އެކަން سورة آل عمران ގެ 169 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ‎﴿١٦٩﴾‏)‏ * آل عمران: 169)‏ މާނައީ: "ﷲ ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށި ކަމެކެވެ. އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ".

މި މަތިވެރި އާޔަތުގައި ބަޔާންކުރައްވާފައިވަނީ ޝަހީދުން ދިރިތިބި ކަމަށެވެ. ނަބީން ވަނީ ޝަހީދުންނަށް ވުރެ މާ މަތިވެރި ދަރަޖައެއްގައެވެ.

އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކޮންމެ ނަބީއަކު އަވަހާރަވެފައިވަނީ ޝަހީދެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ އެންމެ ފަހު އާލާސްކަންފުޅާ އޮންނެވި އިރު رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ޚައިބަރު ގައި ތިމަންކަލޭގެފާނު ފަރީއްކުޅުއްވި ކެއުމުގެ ވޭން ތިމަންކަލޭގެފާނަށް އަބަދު ވެސް އިޙްސާސްކުރެވުނެވެ".1 މި ޙަދީޘުން އަންގައިދެނީ رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތީ ޝަހީދެއްގެ ގޮތުގައި ކަމެވެ. އެހެންކަމުން، ހުރިހާ ޝަހީދުން ފަދައިން رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޤަބުރުގައި އޮންނެވީ ދިރިހުންނެވި ޙާލުގައި ކަން ވެސް މިއިން ދޭހަވެއެވެ.

بُخاري އާއި މުސްލިމު ގައި ވާރިދުވެފައިވާ حديث ގައި ބަޔާންކުރައްވާފައިވަނީ، "މިޢުރާޖަށް އަރާވަޑައިގަތް ރޭގައި، ތިމަންކަލޭގެފާނު މޫސާ (‏عليه السّلام)‏ ގެ މަޤްބަރާ ކައިރިން ދެވުނެވެ. އެކަލޭގެފާނު އޭރު ގެންދެވީ އެކަލޭގެފާނުގެ ކަށްވަޅު ގައި ނަމާދުކުރައްވަމުންނެވެ".2

އެހެން ޙަދީޘެއް ގައި ބަޔާންކުރައްވާފައިވާ ގޮތުގައި، "ނަބީންގެ ހަށިކޮޅުތައް ފާކުރުން الله تعالى ވަނީ ފަސްގަނޑަށް މަނާކުރައްވާފައެވެ".3ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި، މިއީ ތެދެކެވެ. بُخاري އާއި މުސްލިމު ގައި ލިޔެވިފައިވާ ގޮތުގައި، "މިޢުރާޖަށް އަރާވަޑައިގެންނެވި ރޭގައި الله تعالى ވަނީ ހުރިހާ ނަބީން رَسُوْلُ اللهِ ﷺ ގެ އަރިހަށް ފޮނުއްވާފައެވެ. އެކަލޭގެފާނު ވަނީ އެ ހުރިހާ ނަބީ ބޭކަލުންގެ އިމާމުގެ ގޮތުގައި ދެ ރަކްޢަތް ނަމާދެއް ކުރައްވާފައެވެ".

ނަމާދު ކުރާ އިރު، ركوع އާއި سجدة ކުރެވެއެވެ. އިސްވެދިޔަ ރިވާޔަތުން ދޭހަކޮށްދެނީ، އެ ބޭކަލުން ނަމާދުކުރެއްވީ ހަށިކޮޅާ އެކު ދިރިތިއްބެވި ޙާލުގައެވެ. ހަމަ އެހެންމެ، موسى (‏عليه السّلام)‏ ކަށްވަޅު ގައި ނަމާދުކުރެއްވުމުން ވެސް ދޭހަވަނީ ހަމަ އެކަމެވެ. "مِشقات" ފޮތުގެ މިޢުރާޖު ބާބުގެ ފުރަތަމަ ބައިގެ ފަހުކޮޅުގައި އަދި المُسلم ގައި أبُو هُرَيرة ގެ އަރިހުން ރިވާވެގެންވާ حديث الشّريف ގައި ބަޔާންވެފައިވާ ގޮތުގައި "ތިމަންކަލޭގެފާނަށް ދެއްކެވި އެވެ. موسى (‏عليه السّلام)‏ ގެންދެވީ ކޮޅަށް ހުންނަވައިގެން ނަމާދުކުރައްވަމުންނެވެ. އެކަލޭގެފާނަކީ ހިމަތޮޅި ބޭކަލެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ހާވާލާފައި އަދި ބަލިކަށްޓެއް ނޫނެވެ. އެކަލޭގެފާނު ފެނިވަޑައިގަތީ، ޝަންޢާ ޤަބީލާގެ ޒުވާން ފިރިހެނެއްގެ ގޮތުގައެވެ. عيسى (‏عليه السّلام)‏ ވައްތަރީ عروة بن مسعود الثقفي އާ އެވެ".4 ޝަންޢާ އަކީ ޔަމަނުގެ ދެ ޤަބީލާއެއްގެ ނަމެވެ.

މި حديثތަކުން ދައްކުވައިދެނީ، ނަބީން، އެ ބޭކަލުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ދިރިތިއްބެވި ކަމެވެ. އެ ބޭކަލުންގެ ހަށިކޮޅުތައް ވެސް އެ ބޭކަލުންގެ ފުރާނަތައް ފަދައިން ވަނީ އުޑަށް އަރުއްވާފައެވެ. އެ ހަށިކޮޅުތައް ބޯވެ ހަރެއް ނުވެއެވެ. އެ ހަށިކޮޅުތައް މާއްދީ އަދި ރޫޙާނީ ދުނިޔޭ ގައި ވެސް ފެނިގެންދާނެ އެވެ.

މި ސަބަބަށް ޓަކައި، ނަބީ ބޭކަލުން، އެ ބޭކަލުންގެ ފުރާނަ އާއި، ހަށިކޮޅާ އެކު ފެނިގެންދާނެ އެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ބަޔާންކުރެވިފައިވާ ގޮތުގައި، موسى އަދި عيسى (‏عليهم السّلام)‏ ތިއްބެވީ ނަމާދުކުރައްވާށެވެ. ނަމާދުކުރުމުގެ މާނައަކީ، ތަފާތު އެކި ޙަރަކާތްތައް ކުރުމެވެ. އެ ޙަރަކާތްތައް ކުރެވޭނީ ހަށިގަނޑުންނެވެ. ފުރާނަ އަކުން ނޫނެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނަށް ފެނިވަޑައިގަތް ގޮތުގައި އެކަލޭގެފާނަކީ މެދުމިނު އިސްކޮޅެއްގެ، އަނަރޫފަ އަދި އިސްތަށިފުޅު ހުޅުޖަހާފައިވާ ބޭފުޅެކެވެ". މިއިން ދޭހަކޮށްދެނީ، އެކަލޭގެފާނަށް ފެނިވަޑައިގަތީ موسى (‏عليهم السّلام)‏ގެ ހަށިކޮޅު ކަމާއި، ފުރާނަ ނޫންކަމެވެ.

الإمام البيهقي ވިދާޅުވެފައި ވެއެވެ. "ނަބީ ބޭކަލުން ފަސްދާނުލެވުމަށް ފަހު، އެ ބޭކަލުންގެ ފުރާނަފުޅުތައް އެ ބޭކަލުންގެ ހަށިކޮޅުތަކަށް ރުޖޫޢަކުރައްވައެވެ. އަހަރެމެންނަމަށް އެ ބޭކަލުން ނުފެންނާނެ އެވެ. އެ ބޭކަލުން، މަލާއިކަތުން ފަދައިން، ހަމަލޮލަކަށް ނުފެންނާނެ އެވެ. އެ ބޭކަލުން ފެންނާނީ ހަމައެކަނި ކަރާމާތްތެރިކަން (‏ނަބީ ބޭކަލުންގެ އުއްމަތްތަކުގެ ވަލީވެރިން މެދުވެރިކޮށް ހިނގާ އާދަޔާޚިލާފު ކަންތައްތައް)‏ ދެއްވާ އިޚްތިރާކުރައްވާ މަދު ބަޔަކަށެވެ". الإمام السُّيُوطي ވެސް މިފަދައިން ވިދާޅުވެފައި ވެއެވެ.

ވަރަށް ގިނަ ބަޔަކު ގިނަ ފަހަރު އަޑުއަހާފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އިން ސަލާމްގެ ޖަވާބު ދެއްވާފައި ވެއެވެ. އަދި ހަމަ އެހެންމެ، އެހެން ނަބީ ބޭކަލުންގެ މަޤްބަރާތަކުން ވެސް ސަލާމުގެ ޖަވާބު އެތައް ފަހަރަކު ދެއްވާފައިވާ އަޑު އިވިފައި ވެއެވެ.

حديث الشّريف ގައި ބަޔާންކުރައްވާފައި ވެއެވެ. "މީހަކު ތިމަންކަލޭގެފާނާ ސަލާމްކުރާ އިރު، الله تعالى ތިމަންކަލޭގެފާނުގެ ފުރާނަފުޅު އަނބުރާ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފޮނުއްވައެވެ. އަދި ތިމަންކަލޭގެފާނު އެ ސަލާމުގެ އިޖާބަދެއްވަމެވެ".5

الإمام السُّيُوطي ވިދާޅުވެފައި ވެއެވެ. "الله تعالى ގެ ރިވެތިކަން ފެނިވަޑައިގަތުމުގައި رَسُوْلُ اللهِ ﷺ ވަނީ ޣަރަޤުވެވަޑައިގެންފައެވެ. ހަށިގަނޑުގެ އިޙްސާސްތައް އެކަލޭގެފާނަށް ވަނީ ހަނދުމަފުޅު ނެތިފައެވެ. މުސްލިމަކު އެކަލޭގެފާނަށް ސަލާމް ކުރާ އިރު، رَسُوْلُ اللهِ ﷺ ގެ ފުރާނަފުޅު އެ ޙާލަތު ދޫކޮށް އެކަލޭގެފާނުގެ ހަށިކޮޅުގެ ޙިއްސުތަކަށް ވެރިވެއެވެ. ހަމައެއާއެކު، މި ޙާލަތުގައި މަރުވެފައިވާ ފުދޭވަރެއްގެ ޢަދަދެއްގެ އެހެން މީހުން ވެސް ވެއެވެ. މި ދުނިޔެއާއި، އާޚިރަތުގެ ވިސްނުންތަކަށް ގެއްލިފައި ތިބޭ މީހުންނަށް އެ މީހުންގެ ކައިރީގައި ދެކެވޭ ވާހަކަތަކެއް އަޑެއް ނީވޭނެ އެވެ. ގެ ރިވެތިކަމާ މެދު ޣަރަޤުވެފައި ހުންނަ މީހަކަށް އަޑެއް އިވުމަކީ ވެދާނެ ކަމެއް ހެއްޔެވެ"؟

القاضي عياض އޭނާގެ ފޮތް "الشفاء" ގައި، سليمان بن سُهيم ގެ ރިވާޔަތާ ޙަވާލާދެއްވައި ވިދާޅުވެފައި ވެއެވެ. "އެއް ރޭ، އަހަރެންގެ ހުވަފެނުގައި އަހަންނަށް رَسُوْلُ اللهِ ﷺ ފެނި، ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އަރިހަށް އައިސް ޒިޔާރަތްކުރާ މީހުން ކުރާ ސަލާމް ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ތޯ އެވެ؟' އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. 'އާނއެކެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ. ތިމަންކަލޭގެފާނަށް ސަލާމް ކުރެވި އަދި އެ ސަލާމަށް ތިމަންކަލޭގެފާނު އިޖާބަދެއްވަމެވެ'".

ނަބީ ބޭކަލުން (‏عليهم السّلام)‏ އެ ބޭކަލުންގެ މަޤްބަރާތަކުގައި ދިރިތިއްބަވައި، އެއްބޭކަލަކު އަނެއް ބޭކަލަކަށް ބާރުދެއްވާ ކަން އެތައް ޙަދީޘެއް ގައި ބަޔާންކުރައްވާފައި ވެއެވެ. މިސާލަކަށް، "ތިމަންކަލޭގެފާނުގެ މަޤްބަރާ ކައިރީގައި ތިމަންކަލޭގެފާނަށް ކުރެވޭ ޞަލަވާތް ތިމަންކަލޭގެފާނަށް އަޑުއިވޭނެ އެވެ. ދުރުގައި ތިބެގެން ތިމަންކަލޭގެފާނަށްކުރެވޭ ޞަލަވާތުގެ މަޢުލޫމާތު ތިމަންކަލޭގެފާނަށް ދެއްވާނެތެވެ".

މި حديث ރިވާކުރައްވާފައިވަނީ أبوبكر بن أبي شَيبَة އެވެ. މި ޙަދީޘާއި މިފަދަ އެހެން حديثތައް حديث ޢިލްމުގެ އެންމެ އަރާތިއްބެވި ހަ އިމާމުންގެ ފޮތްތަކުގައި ވެއެވެ.

عبدالله بن عبّاسގެ ކިބައިން أبن أبي الدُّنيا ރިވާކުރައްވާފައިވާ ޙަދީޘެއް ގައި ވެއެވެ. "މީހަކު އޭނާ ދަންނަ މީހަކުގެ މަހާނަ އަށް ޒިޔާރަތްކޮށް ސަލާމްކޮށްފި ނަމަ، މަރުވެފައިވާ މީހާ އަށް އެނގި އިޖާބަދޭނެ އެވެ. އޭނާ އަށް ނޭނގޭ މަރުވެފައިވާ މީހަކަށް ސަލާމްކޮށްފި ނަމަ، މަރުވެފައިވާ މީހާ އެކަމާ އުފާކޮށް އިޖާބަދެއެވެ".

رَسُوْلُ اللهِ ﷺ އަށް އެއް ވަގުތެއް ގައި ދުނިޔޭގެ އެތަން މިތަނުގައި ކުރެވޭ ކޮންމެ ޞަލަވާތަކާއި ސަލާމަކަށް رَسُوْلُ اللهِ ﷺ އިޖާބު ދެއްވަނީ ކިހިނެއް ތޯ ސުވާލުކޮށްފި ނަމަ، އެ ސުވާލުގެ ޖަވާބަކީ، އެއީ، އިރުން މެންދުރު ގަޑީގައި އެއް ވަގުތެއް ގައި އެތަކެއް ރަށްތަކަކަށް އަލިކަން ދޭ ފަދައިންނެވެ.

"ތިމަންކަލޭގެފާނު ހުވަފެނުގައި ފެންނަ މީހަކަށް ތިމަންކަލޭގެފާނު ހޭލާ ހުންނަ އިރު ފެނުން ފަދައެވެ".
حديث الشّريف

إبراهيم بن بشار (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "އަހަރެން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މަޤްބަރާ އަށް ޒިޔާރަތްކުރުމަށް ޓަކައި އަހަރެން މަދީނާ އަށް ދިޔައިމެވެ. حُجرَة السّعادة (‏رَسُوْلُ اللهِ ﷺ ގެ މަޤްބަރާ)‏ ގެ ކުރިމަތީ ގައި އަހަރެން ސަލާމްކުރީމެވެ. އަހަންނަށް وعليكم السّلام ގެ އިޖާބަ އަޑުއިވުނެވެ".

ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "ތިމަންކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު، ތިމަންކަލޭގެފާނު ދިރިހުންނެވި އިރު ފަހުމުވީ ފަދައިން ފަހުމުވާނެ އެވެ". އެހެން ޙަދީޘެއް ގައި ވެއެވެ. "ނަބީ ބޭކަލުން އެ ބޭކަލުންގެ މަޤްބަރާ ގައި ދިރިތިއްބަވާ ނަމާދުކުރައްވައެވެ".6

ވަރަށް ބޮޑަށް އިތުބާރުކުރެވޭ ގޮތްތަކުގައި ލިޔެވިފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ އަށް ސަލާމްކުރުމުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ވަލީވެރިޔާ ކަމުގައިވާ سيّد أحمد الرّفاعي އާއި، އެހެން ގިނަ ވަލީވެރިންނަށް ސަލާމުގެ އިޖާބައިގެ އަޑު އިވިފައިވާ ކަމަށާއި، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އަތްޕުޅުގައި ބޮސްދިނުމުގެ ޝަރަފު أحمد الرّفاعي ޙާޞިލުކުރެއްވި އެވެ.

الإمام السيوطي އޭނާގެ ފޮތުގައި ލިޔުއްވާފައި ވެއެވެ. "މަތީ ދަރަޖައިގެ ވަލީވެރިންނަށް ނަބީ ބޭކަލުން ފެނިވަޑައިގަންނަވާނީ އެ ބޭކަލުން ނިޔާވެފައި ނުވާ ފަދައިންނެވެ. رَسُوْلُ اللهِ ﷺ އަށް موسى (‏عليه السّلام)‏ އެކަލޭގެފާނުގެ ކަށްވަޅުގައި ދިރިހުންނަވަނިކޮށް ފެނިލެއްވުމަކީ މުޢުޖިޒާތެކެވެ. ވަލީވެރިޔަކަށް އެފަދައިން ފެނިލެއްވުމަކީ ކަރާމަތްތެރި ކަމެކެވެ. ކަރާމާތްތެރިކަން ޤަބޫލުނުކުރުމަކީ ޖާހިލުކަމުގެ ތެރެއިން ވާ ކަމެކެވެ".

إبن هبّان އާއި إبن ماجة އާއި أبو داود ރިވާކުރައްވާފައިވާ ޙަދީޘެއް ގައި ބަޔާންކުރައްވާފައި ވެއެވެ. "ހުކުރު ދުވަސްތަކުގައި ތިމަންކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތްކިޔަވާށެވެ! އެކަން ތިމަންކަލޭގެފާނަށް އަންގަވާނެ އެވެ". "ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ވެސް އެކަން އެނގޭނެ ތޯ އެވެ"؟ އެކަލޭގެފާނު حديث ކުރެއްވި އެވެ. "ފަސްގަނޑު ނަބީންގެ ހަށިކޮޅުތައް ކުނިނުކުރާނެ އެވެ. މުސްލިމަކު ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔަވާ އިރު، މަލާއިކަތަކު ތިމަންކަލޭގެފާނަށް އެކަން އަންގަވާނެ އެވެ. އަދި ވިދާޅުވާނެ އެވެ. 'ކަލޭގެފާނުގެ އުއްމަތުގެ މިވެނި މީހަކުގެ ދަރިޔާ ކަލޭގެފާނަށް ސަލާމް ފޮނުވައި ދުޢާކުރި އެވެ".

رَسُوْلُ اللهِ ﷺ ދިރި ހުންނެވި އިރު އެކަލޭގެފާނަކީ އެކަލޭގެފާނުގެ އަޞްޙާބުންނަށް ޓަކައި الله تعالى ގެ ރަޙްމަތާއި، މަތިވެރި ނިޢުމަތަކަށް ވީ ފަދައިން، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ވެސް މުޅި އުއްމަތަށް ވާ ބޮޑު ނިޢުމަތެކެވެ. އެކަލޭގެފާނަކީ، ހުރިހާ ރަނގަޅު ކަމެއްގެ ސަބަބެވެ.

بكر بن عبد الله المزنيރިވާކުރައްވާފައިވާ ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "ތިމަންކަލޭގެފާނުގެ ޙަޔާތް ތިޔަބައިމީހުންނަށް ފައިދާހުއްޓެވެ. ތިޔަބައި މީހުން ތިމަންކަލޭގެފާނާ ވާހަކަދައްކާ އިރު، ތިމަންކަލޭގެފާނު ތިޔަބައި މީހުންނާ މުޚާޠަބުކުރައްވާ ވާހަކަދައްވަމެވެ. ތިމަންކަލޭގެފާނުގެ ސުވަރުގެވަޑައިގަތުމަށް ފަހު ތިޔަބައި މީހުންނަށް ފައިދާވާނެ އެވެ. ތިޔަބައި މީހުންގެ ޢަމަލުތައް ތިމަންކަލޭގެފާނަށް ދައްކަވާނެ އެވެ. މީހުންގެ ރަނގަޅު ޢަމަލުތައް ފެނިވަޑައިގަތުމުން، ތިމަންކަލޭގެފާނު الله تعالى އަށް ޝުކުރުވެރިވާނަމެވެ. އަދި ތިޔަބައިޔަބައި މީހުންގެ ނުބައި ޢަމަލުތައް ފެނިވަޑައިގަތުމުން، ތިޔަބައި މީހުންގެ ފާފަ ފުއްސަވައި ޢަފޫކޮށްދެއްވުމަށް ތިމަންކަލޭގެފާނު އެކަލާނގެ އަށް ދަންނަވާނަމެވެ".7

رَسُوْلُ اللهِ ﷺ ފަސްދާނުލުމުގައި އުޅުއްވުމުގެ ޝަރަފު قسم بن العبّاس އަށް ލިބިވަޑައިގަތެވެ. ޖަނާޒާ ނިމުމުން، އެންމެ ފަހުން ނިކުންނެވި ބޭފުޅަކީ އޭނާ އެވެ. އޭނާ ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މޫނުފުޅު އެންމެ ފަހުން ދުށް މީހަކީ އަހަންނެވެ. އެކަލޭގެފާނު ކަށްވަޅުގައި އޮންނެވި އިރު، އެކަލޭގެފާނުގެ ބަރަކާތްތެރި ތުންފަތްޕުޅު އަހަރެން ގުދުވެލާފައި އަޑުއެހީމެވެ. އެކަލޭގެފާނު حديث ކުރައްވަމުން ގެންދެވީ 'އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅާގެ އުއްމަތް! 'އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅާގެ އުއްމަތް!'".8

رَسُوْلُ اللهِ ﷺ ފެނުން

رَسُوْلُ اللهِ ﷺ ފެންނާނީ މީހަކު ނިދާފައި އޮންނަ އިރު ނުވަތަ ހޭލާ ހުންނަ އިރު ހެއްޔެވެ؟ އެކަލޭގެފާނު ފެންނަ ނަމަ، އެއީ، ސީދާ އެކަލޭގެފާނު ހެއްޔެވެ، ނުވަތަ އެކަލޭގެފާނާ ވައްތަރު ޞޫރައެއް ހެއްޔެވެ؟ މި ސުވާލުތަކަށް، އަހަރެމެންގެ އުއްމަތުގެ ޢިލްމުވެރިން ތަފާތު ޖަވާބުތައް ދެއްވާފައި ވެއެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ކަށްވަޅު ގައި ދިރިހުންނެވި ކަމަށް އިއްތިފާޤުވުމުގެ އިތުރަށް ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޚުދު އެކަލޭގެފާނު ވެސް ފެންނާނެ އެވެ. މިކަން ވެސް ޙަދީޘުން އެނގެން އެބަ އޮތެވެ. ޙަދީޘެއް ގައި ބަޔާންވެގެންވާ ގޮތުގައި، "ތިމަންކަލޭގެފާނު ހުވަފެނުގައި ފެންނަ މީހަކަށް ތިމަންކަލޭގެފާނު ހޭލާ ހުންނަ އިރު ފެނުން ފަދައެވެ".9

އަންނަނިވި ގޮތަށް الإمام النووي ވިދާޅުވަނީ އެހެންވެގެންނެވެ. "އެކަލޭގެފާނު ހުވަފެނުގައި ފެނުމަކީ، އެކަލޭގެފާނު ޙަޤީޤަތުގައި ވެސް ފެނުމެވެ". ޙަދީޘެއް ގައި ބަޔާންކުރައްވާފައި ވެއެވެ. "ހުވަފެނުގައި ތިމަންކަލޭގެފާނު ފެންނަ މީހަކަށް ތިމަންކަލޭގެފާނު ޞައްޙަގޮތުގައި ފެނިއްޖެ އެވެ. އެހެނީ، ޝައިޠާނާ އަށް ތިމަންކަލޭގެފާނުގެ ޞޫރަ ނުދެއްކޭނެތީ އެވެ".10

إبراهيم لَقاني ވިދާޅުވެފައި ވެއެވެ. "حديث ޢިލްމުވެރިންގެ އިއްތިފާޤުން ވާރިދުވެފައިވާ ގޮތުގައި، ހޭލާ ހުންނަ އިރާއި ހުވަފެނާއި ދެގޮތުގައި ވެސް رَسُوْلُ اللهِ ﷺ ފެނިދާނެ އެވެ. މި ދެ ޙާލަތާ ބެހޭގޮތުން ގިނަ މިސާލުތަކެއް ދެވިދާނެ އެވެ. އޭގެ ތެރެއިން ބައެއް މިސާލުތަކަށް ބަލާލަމާ ހިނގާށެވެ.:

معين الدين الجشتي އޭނާ ވަޑައިގަތް ކޮންމެ ރަށެއްގެ ޤަބުރުސްތާނަށް ޒިޔާރަތްކުރައްވައި ދުވަސްކޮޅަކަށް މަޑުކޮށްލެއްވި އެވެ. އެ ރަށެއްގެ މީހުންނަށް އޭނާ އޭނާ ރަނގަޅަށް އެނގުމުން، ދެން އެ ރަށެއް ގައި މަޑުނުކުރައްވައި، މަޑުމަޑުން ހިލަމެއް ނުވާ ގޮތަށް އެ ރަށަކުން ބޭރުވެލައްވައެވެ. މީގެ ތެރެއިން އެއް ދަތުރަކީ މައްކާ އަށް ކުރެއްވި ދަތުރުފުޅެކެވެ. އޭނާ المكة المكرّمة އަށް ވަޑައިގެން، الكعبة المُعظمة އަށް ޒިޔާރަތްކުރެއްވި އެވެ. އޭނާ މައްކާ ގައި ދުވަސްކޮޅަކު ހުންނަވާފައި ދެން ވަޑައިގެންނެވީ المدينة المُنوَّرة އަށެވެ. އެއް ދުވަހަކު، ގެ ބަރަކާތްތެރި މަޤްބަރާ އަށް ޒިޔާރަތްކުރައްވަމުން ގެންދެވި އިރު، އެކަލޭގެފާނުގެ މަޤްބަރާ އިން "مُعينُ الدِّين އަށް ގޮވާ" މިހެން ކިޔުއްވާ އަޑެއް އިވިގެންދިޔަ އެވެ".

އެއާއެކު، މަޤްބަރާ ބަލަހައްޓާ މީހާ "مُعينُ الدِّين" އޭ ކިޔައި ގޮވާލައިފި އެވެ. ދެން ވަރަށް ގިނަ ދިމަދިމާލުން "އާދެ" އޭ ކިޔާ އަޑު އިވިގެންދިޔަ އެވެ. މީސްތަކުން ސުވާލުކުރި އެވެ. "ތިބާ ތިޔަ ހޯއްދަވަނީ ކޮން ތޯ އެވެ؟ مُعينُ الدِّين ކިޔާ ގިނަ ފިރިހެނުން މިތާ އެބަ އުޅެއެވެ".

ދެން މަޤްބަރާ ބަލަހައްޓާ މީހާ އެނބުރިފައި ގެ ދޮރު ކައިރީގައި ހުއްޓިއްޖެ އެވެ. "معين الدين الجشتي އަށް ގޮވާ" މިހެން ދެ ފަހަރު ބުނި އަޑު އޭނާ އަށް އިވުނެވެ. މި އެންގެވުމަށް ފަހު، މަޤްބަރާ ބަލަހައްޓާ މީހާ މީސްތަކުންނަށް ގޮވާލީ "ޙާޟިރުވުމަށް އެންގިފައިވަނީ معين الدين الجشتي އެވެ".

މި ބަސްފުޅުތައް معين الدين الجشتي އަށް އިވިވަޑައިގަތުމުން އޭނާ އަށް ވެރިވީ މުޅިން ތަފާތު ޙާލަތެކެވެ. ގިސްލަމުން، ކަރުނައަޅާ ރޮމުން ޞަލަވާތް ކިޔަވަމުން، އޭނާ رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އާ ކައިރިވެލައްވައި އަދަބު އިޙްތިރާމާ އެކު ކޮޅަށް ހުއްޓިލައްވައިގެން ހުންނެވި އެވެ. އެ ވަގުތު، "قُطب المشايخ އާދޭ!" މިހެން ބުނާ އަޑު އިވުނެވެ.

رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާ އަކީ، ތިމަންކަލޭގެފާނުގެ ދީނުގެ އެހީތެރިއެކެވެ. ތިބާ އިންޑިޔާ އަށް ދާން އެބަ ޖެހެއެވެ. އަޖްމީރު ނަމަކަށް ކިޔާ ސިޓީއެއް ވެއެވެ. އެތާނގައި ސައްޔިދު حُسين ނަމަކަށް ކިޔާ ތިމަންކަލޭގެފާނުގެ ދަރިއެއް (‏ކާފަ ދަރިއެއް)‏ ވެއެވެ. އޭނާ އެ ރަށަށް ދިޔައީ ޖިހާދުކޮށް ހަނގުރާމަ ކުރުމަށެވެ. މިހާރު އޭނާ ވަނީ ޝަހީދުކޮށްލެވިފައެވެ. ކާފަރުންގެ އަތްދަށަށް އަޖްމީރު ދިއުން ވަރަށް ގާތްވެއްޖެ އެވެ. ތިބާ އެ ރަށަށް ދިއުމާއި، އެކަމުގެ ބަރަކާތުން، އިސްލާމް ދީން ފެތުރި، ކާފަރުން ނިކަމެތިވެ، ނުކުޅަދާނަވެ، އަދި ނާޤާބިލުވާނެ އެވެ". ދެން އެކަލޭގެފާނު އޭނާ އަށް އަންނާރެއް ދެއްވާފައި حديث ކުރެއްވި އެވެ. "ފަރުވާތެރިކަމާ އެކު މި އަންނާރަށް ބަލައިގެން، ތިބާ ދާން އުޅޭ ތަނެއް ބަލައި ދެނެގަންނާށެވެ".

رَسُوْلُ اللهِ ﷺ معين الدين الجشتي އަށް ދެއްވި އަންނާރު ނަންގަވައި، އެންގެވި ގޮތަށް އެއަށް ބައްލަވައި، އިރުމައްޗާއި ހުޅަނގާ ދެމެދު ފުރިހަމައަށް ބައްލަވާލެއްވި އެވެ.

أحمد الرّفاعي ޙައްޖަށް ވަޑައިގަތެވެ. އެބުރިވަޑައިގެންނެވި މަގުމަތީ ގައި المدينة المُنوَّرة ގައި ހުންނަ رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މަޤްބަރާ އަށް ޒިޔާރަތްކުރެއްވި އިރު، އަންނަނިވި މާނަ ދޭހަވާ ގޮތަށް އޭނާ ޅެމެއް ކިޔުއްވި އެވެ.:

"ޙަދީޘް ޢިލްމުވެރިންގެ އިއްތިފާޤުން ވާރިދުވެފައިވާ ގޮތުގައި، ހޭލާ ހުންނަ އިރާއި ހުވަފެނާއި ދެގޮތުގައި ވެސް رسول الله ﷺ ފެނިދާނެ އެވެ".
إبراهيم لقاني (‏رحمه الله)‏

އަޅުގަނޑު ވީ ދުރުގައޭ، ތިބާގެ ބިމުގައި ބޮސްދޭން، އަޅުގަނޑުގެ ސައްޔިދޭ،
އަޅުގަނޑަށް ނާދެވުމުން، އަޅުގަނޑުގެ ބަދަލުގައި އަޅުގަނޑު ފޮނުވީ އަޅުގަނޑުގެ ފުރާނައޭ.
މިހާރު އަޅުގަނޑަށް ކަލޭގެފާނަށް ޒިޔާރަތްކުރުމުގެ ނިޢުމަތް ލިބިއްޖެއޭ.
ތިބާގެ ބަރަކާތްތެރި އަތްޕުޅު ދެއްވާށޭ، އަޅުގަނޑު ބޮސްދެވުނަ ދެއްވާށޭ، ޙަބީބޭ!

އޭނާގެ ޅެން ނިމުމުން، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އަތްޕުޅު މަޤްބަރާ އިން ފާޅުވެއްޖެ އެވެ. ސައްޔިދު أحمد الرّفاعي ވަރަށް އަދަބު އިޙްތިރާމާ އެކު رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ބޮސް ދެއްވައިފި އެވެ. އެތާނގައި ތިބި އެންމެން އެ ޙާދިސާ ބެލީ ޙައިރާންކަމާ އެކުގައެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އަތްޕުޅު ގައި ބޮސްދިނުމަށް ފަހު، އޭނާ روضة المطهّرة ގެ ދޮރާ ދިމާލަށް އޮތް ތަނުގައި އޮށޯންނަވައިފި އެވެ. ކީރިތިކުރައްވަމުން، އެތާނގައި ތިބި މީހުންނަށް އާދޭސްކުރަމުން ވިދާޅުވީ "އަހަރެންގެ ގަޔަށް ފައިން އަރާ"! ޢިލްމުވެރިން ބޭރަށް ނުކުތުން އޮންނަނީ އެހެން ދޮރުތަކުންނެވެ. މިއީ، މިއަދާ ހަމަޔަށް މީހުންގެ ދޫދޫމަތިން ވާރިދުވަމުން އަންނަ ކަރާމަތެކެވެ.

حضرة إبن عابدين އަކީ އޭނާގެ ވަރަޢަވެރިކަމަށާއި، ގިނަގުނަ ކަރާމާތްތަކާއި، ވާހަކަތަކަށް މަޝްހޫރު ބޭކަލެކެވެ. ކޮންމެ ދުވަހެއްގެ ފަސް ނަމާދުގެ التّحيّات ގައި އިންނަވާ އިރު، އޭނާ އަށް رَسُوْلُ اللهِ ﷺ ހަމަލޮލުން ފެނިލައްވައެވެ. އޭނާ އަށް ފެނިނުލެއްވި ނަމަ، އެ ނަމާދެއް އޭނާ އަލުން ކުރައްވައެވެ.

އެންމެ އަރާހުންނެވި އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ދެވަނަ ސާސްކަފުގެ އެއް ކަމުގައިވި حضرة إمام الرّبّاني أحمد فاروقي سرهندي ވިދާޅުވެފައި ވެއެވެ. "ރަމަޟާން މަހުގެ ފަހު ދުވަސްތަކުގެ ތެރޭގައި ވަރަށް ރިވެތިވެގެންވާ ޙާލަތެއް ފާޅުވެއްޖެ އެވެ. އަހަރެން އޮތީ އަހަރެންގެ އެނދު ގައި އޮށޯވެގެންނެވެ. އަހަރެންގެ ދެ ލޯ ވަނީ މެރިފައެވެ. ދެން އަހަންނަށް އިޙްސާސްވީ މީހަކު އައިސް އަހަރެންގެ އެނދުގައި އިށީން ކަމަށެވެ. އަހަންނަށް ފެނުނީ ކޯއްޗެއް ބާއެވެ! އެއީ رَسُوْلُ اللهِ ﷺ އެވެ. އަހަރެން ވަގުތުން ސަމަލުވެއްޖައީމެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ތިމަންކަލޭގެފާނު މި ވަޑައިގަތީ، ތިބާ އަށް إجازة އެއް (‏ހުއްދަ)‏ ލިޔެދޭށެވެ. ތިމަންކަލޭގެފާނު އެއްވެސް މީހަކަށް މިފަދަ إجازةއެއް ނުލިޔަމެވެ'. އަހަންނަށް ފެނުނު ގޮތުގައި، އެ އިޖާޒާގެ ލިޔުމުގައި، މި ދުނިޔޭގެ ބޮޑެތި ނިޢުމަތްތަކުގެ ވާހަކަ ލިޔެވިފައި ވެއެވެ. އަދި އެއާ ޖެހިގެން ލިޔެވިފައިވަނީ އަނެއް ދުނިޔޭގެ ވާހަކައެވެ.

حضرة عبدالقادر الجيلاني އޭނާގެ ފޮތް الغُنيَة ގުޅުއްވަނީ حضرة إبراهيم التّميمي އާ އެވެ.:

خضر (‏عليه السّلام)‏ އަހަންނަށް ވިދާޅުވި އެވެ. "ތިބާގެ ހުވަފެނުގައި رَسُوْلُ اللهِ ﷺ ފެންނަން ބޭނުންވާ ނަމަ، ޢަޞްރު ނަމާދު ކުރުމަށް ފަހު، ކޮޅަށް ތެދުވެ، މަޣްރިބު ނަމާދާ ދެމެދު އެއްވެސް މީހަކާ ވާހަކަނުދައްކާ ހުރެ صلاة الأوّابين ކުރާށެވެ. ކޮންމެ ދެ ރަކްޢަތަކަށް ފަހު ތިބާ ސަލާމްދޭންވާނެ އެވެ.

ތިބާ ޙަމްދު ކިޔަންވާނެ އެވެ. އެއީ، ކޮންމެ ރަކްޢަތެއް ގައި سورة الفاتحة އެއް ފަހަރު އަދި سورة الإخلاص ހަތް ފަހަރު ކޮންމެ ރަކްޢަތެއް ގައި ކިޔުމެވެ. ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމަށް ފަހު، ތިބާ ގެޔަށް ގޮސް ވިތުރި ނަމާދު ކުރާށެވެ. ނިދަން އޮށޯތުމުގެ ކުރިން، ދެ ރަކްޢަތް ނަމާދެއް ކޮށް، ކޮންމެ ރަކްޢަތެއް ގައި سورة الفاتحة ކިޔައި ، سورة الإخلاص ހަތް ފަހަރު ކިޔާށެވެ. ނަމާދަށް ފަހު، ސަޖިދަކޮށް، ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ހަތް ފަހަރު (‏أستغفرُالله ކިޔައި)‏ ދުޢާ ދަންނަވާށެވެ. އަދި 'سُبحان الله والحمدُ لله ولا إله إلّا الله واللهُ أكبر. ولا حول ولا قُوَّة إلّا بالله عليُّ العظيم' މިހެން ހަތް ފަހަރު ކިޔާށެވެ. ދެން ތިބާގެ ސަޖިދައިން ތެދުވެ އިށީންދެ އިނދެ ދެ އަތް މައްޗަށް ނަގައި 'يا حيُّ يا قيُّوم، يا ذى الجلال و الإكرام، يا إله الأولين والآخرين و يا رحمن الدّنيا والآخرة و رحمهما، يا ربّي، يا ربّي، يا ربّي، يا الله، يا الله، يا الله' މިހެން ކިޔާށެވެ.

ދެން ތިބާ ކޮޅަށް ތެދުވެ، ހަމަ އެ ދުޢާ ކިޔާށެވެ. ދެން ސަޖިދަކުރުމަށް ފަހު އަނެއްކާ ވެސް ހަމަ އެ ދުޢާ ކިޔާށެވެ. އޭގެ ފަހުން، ތިބާ ސަޖިދައިން ތެދުވެ، ޤިބްލަ އާ ދިމާލަށް އެނބުރި ތިބާ ބޭނުންވާ ގޮތަކަށް އޮށޯވެ ނިދާށެވެ. ތިބާ ނިދެން ދެން، رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔަވާށެވެ".

އަހަރެން ދެންނެވީމެވެ. "ތިބާ ތި ދުޢާ އެ ބޭކަލެއްގެ ފަރާތުން ދަސްކުރެއްވި ބޭކަލަކީ ކޮބައިކަން ތިބާ އަޅުގަނޑަށް ބުނެދެއްވުން އެދެމެވެ". حضرة خضر ވިދާޅުވި އެވެ. "ތިބާ އަހަރެން ދައްކާ ވާހަކަ ޤަބޫލުނުކުރައްވަން ތޯ އެވެ"؟ އަޅުގަނޑު ދެންނެވީމެވެ. "އަޅުގަނޑު، محمّد رَسُوْلُ اللهِ ﷺ ނަބީއެއްގެ ގޮތުގައި ފޮނުއްވި މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑު ތިބާ ޤަބޫލުކުރަމެވެ".

حضرة خضر ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ މި ދުޢާ ދަސްކޮށްދެއްވައި މި ދުޢާ ކިޔުމަށް އިރުޝާދު ދެއްވި އެއްވުމުގައި އަހަރެން ހުރީމެވެ. އަހަރެން މި ވަނީ މިދުޢާ ދަސްކޮށްފައެވެ. އަހަރެން މި ދުޢާ ދަސްކުރީ މި ދުޢާ ބޭކަލަކަށް ދަސްކޮށްދެވުނު ބޭފުޅާ އަރިހުންނެވެ".

خضر (‏عليه السّلام)‏ ވިދާޅުވި ކޮންމެ ކަމެއް އަހުރެން ކުރީމެވެ. އަހަރެންގެ އެނދުގައި رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔަން އަހަރެން ފެށީމެވެ. ފެންނާނެ ކަމުގެ އުއްމީދުގައި އަހަންނަށް ނުނިދި، ހެނދުނު ވަންދެން ހުރީ ހޭލައެވެ.

ފަތިސް ނަމާދު ކުރުމަށް ފަހު، އިރުއަރަންދެން އިށިނދެގެން އިނީމެވެ. ދެން އަހަރެން ضُحَى ނަމާދު ކުރީމެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. "މި ހެނދުނު އަހަރެން ދިރިހުރެއްޖެ ނަމަ، ރޭގައި އަހަރެން ކަންތައް ކުރި ގޮތަށް ކުރާނަމެވެ". އެ ވަގުތު އަހަންނަށް ނިދިއްޖެ އެވެ. އަހަރެންގެ ހުވަފެނުގައި، މަލާއިކަތުން ވަޑައިގެން އަހަރެން ސުވަރުގެ އަށް ގެންދަވައިފި އެވެ. ސުވަރުގޭގައި އަހަންނަށް ފެނުނީ، ޔާޤޫތާއި، ރުމުރުދާއި، އިތާމުތުގެ ހަވޭލީތަކާއި، ގަނޑުވަރުތަކާއި، މާމުއިގެ ކޯރުތަކާއި، ކިރާއި، ސުވަރުގޭގެ ބުއިންތަކެވެ.

އަހަރެން ސުވަރުގެ އަށް ގެންދެވި މަލާއިކަތުންނާ އަހަރެން ސުވާލުކުރީމެވެ. "އެ ހަވޭލި އެއީ ކާކުގެ ތަނެއް ތޯ އެވެ"؟ އެ ބޭކަލުން ވިދާޅުވި އެވެ. "އެއީ، ކަލޭގެފާނު ތިކުރެއްވި ޢަމަލު ކުރާ މީހުންނަށް ހުރި ތަނެކެވެ". އަޅުގަނޑު ސުވަރުގޭގެ ކާނާ ކައި، ސުވަރުގޭގެ ބުއިންތައް ބުއިމުގެ ކުރިން އެ ބޭކަލުން އަހަރެން ސުވަރުގެއިން ބޭރަށް ނުނެރުއްވި އެވެ. އޭގެ ފަހުން އެ ބޭކަލުން އަހަރެން ސުވަރުގެއިން ނެރުއްވައި، އަހަރެން ހުރި ތަނަސް ގެނެސްދީފި އެވެ.

ދެން އަހަރެންގެ ގާތަށް، ހަތްދިހަ ނަބީންނާއި، ދެ ސަފު ދޭތެރޭގައި ހުޅަނގު ފަރާތާއި އިރުމަތީ ފަރާތާ ދެމެދުގެ ރާސްތާ ހުންނަ ހަތްދިހަ ސަފުގައި ތިއްބެވި މަލާއިކަތުންނާ އެކު رَسُوْلُ اللهِ ﷺ ވަޑައިގެންފި އެވެ. އެ ވަގުތު އަހަރެން ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! خضر (‏عليه السّلام)‏ އަޅުގަނޑަށް ވިދާޅުވެފައިވަނީ ކަލޭގެފާނުގެ އަރިހުން މި ދުޢާ އަޑުއައްސަވާފައި ވާ ކަމަށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޚިޟްރު ވާހަކަދެއްކީ ތެދަށެވެ. އޭނާ އެ ބުނި އެއްޗަކީ ތެދެވެ. خضر އަކީ ބިން މަތީގައިވާ އެންމެ ޢިލްމުވެރި މީހާ އެވެ. އޭނާ އަކީ أبدال (‏ވަލީވެރިންގެ ގްރޫޕެއްގެ ގިނަ ނަން)‏ ގެ އިސް ވެރިޔާ އެވެ. އޭނާ އަކީ ބިން މަތީގައިވާ الله تعالى ގެ ސިފައިންގެ މީހެކެވެ".

ދެން އަޅުގަނޑު ސުވާލު ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މި ޢަމަލު ކުރާ މީހާ އަށް، އަޅުގަނޑަށް މިތާނގައި މި ފެންނަ ކަންތައް ފިޔަވައި އެހެން ޖަޒާއެއް ވޭތޯ އެވެ"؟ އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިބާ އަށް ފެނިފައިވާ އަދި ތިބާއަށް ދެއްވާފައިވާ ޖަޒާ އަށް ވުރެ މަތިވެރި ޖަޒާ އަކީ ކޮބައި ހެއްޔެވެ؟ ތިބާއަށް ސުވަރުގެއިން ހަމަޖައްސަވާފައިވާ ތަން ތިބާ އަށް ފެނިއްޖެއެވެ. ތިބާ ވަނީ ސުވަރުގޭގެ މޭވާ ކައި، ސުވަރުގޭގެ ބުއިންތައް ބޮއެފައެވެ. ތިބާ އަށް ވަނީ ތިމަންކަލޭގެފާނާ އެކު ތިއްބެވި މަލާއިކަތުންނާއި، ނަބީން ފެނިފައެވެ. ތިބާ އަށް ވަނީ ޙޫރުން ފެނިފައެވެ".

އަޅުގަނޑު ސުވާލު ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ކުރި ފަދަ ޢަމަލުތައް ކޮށް، އެކަމަކު އަޅުގަނޑަށް ހުވަފެނުން ފެނުނު ކަންތައްތައް ނުފެންނަ މީހާ އަށް ވެސް އަޅުގަނޑަށް ދެއްވި ނިޢުމަތްތައް ދެއްވާނެ ތޯ އެވެ"؟ އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ޙަޤީޤީ ނަބީއެއްގެ ގޮތުގައި ފޮނުއްވި الله تعالى ގަންދީ ހުވާކުރައްވައި حديث ކުރައްވަމެވެ. އެ މީހާގެ ބޮޑެތި ފާފަތައް ޢަފޫކޮށްދެއްވާނެތެވެ. އެމީހާގެ މައްޗަށް الله تعالى ގެ ކޯފާވެ ވަޑައެއް ނުގަންނަވާނެ އެވެ. ތިމަންކަލޭގެފާނު ޙަޤީޤީ ނަބީއެއްގެ ގޮތުގައި ފޮނުއްވި الله تعالى ގަންދީ ހުވާކުރައްވައި حديث ކުރައްވަމެވެ. ތިބާ އަށް ހުވާފެނުގައި ފެނުނު ކަންތައްތައް ނުފެންނަ މި ޢަމަލު ކުރާ މީހާ އަށް ވެސް ތިބާ އަށް ދެއްވާފައިވާ ނިޢުމަތްތައް ދެއްވާނެތެވެ. މި ޢަމަލު ކުރި މީހާ އަށާއި، އިރުން ހުޅަނގަށް محمّدގެ އުއްމަތަށް الله تعالى ޢަފޫދެއްވާއިފި ކަމަށް އުޑުން އިވޭ އަޑަކުން ބުނާނެތެވެ".

"އެހެން އެއްވެސް ނިޔަތެއް ނެތި، މީހަކު ތިމަންކަލޭގެފާނަށް ޒިޔާރަތްކުރުމަށް އަތުވެއްޖެ ނަމަ، ތިމަންކަލޭގެފާނުގެ ޝަފާޢަތް އެ މީހަކަށް ޙައްޤުވެގެން ވެއެވެ".
حديث الشّريف

އަޅުގަނޑު ސުވާލު ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް ކަލޭގެފާނުގެ މޫނުފުޅާއި، ސުވަރުގެ ފެނިފައި ވާ އިރު، އެ މީހާ އަށް ވެސް އަޅުގަނޑަށް ލިބޭ ފަދަ ޖަޒާ ދެއްވާނރ ތޯ އެވެ"؟ އެކަލޭގެފާނު حديث ކުރެއްވި އެވެ. "އާނއެކެވެ. އެ ހުރިހާ ކަމެއް ދެއްވާނެތެވެ". އަޅުގަނޑު ސުވާލު ދެންނެވީ މެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މި ދުޢާ ހުރިހާ އަންހެން އަފ ފިރިހެން މުއުމިނުންނަށް ކިޔަވައިދީ އޭގެ ޖަޒާގެ މަޢުލޫމާތު ދިނުމަކީ ކުރުން އެކަށީގެންވާ ކަމެއް ތޯ އެވެ"؟އެކަލޭގެފާނު ޖަވާބުގައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ޙަޤީޤީ ނަބީއެއްގެ ގޮތުގައި ފޮނުއްވި الله تعالى ގަންދީ ހުވާކުރައްވައި حديث ކުރައްވަމެވެ. ނިޢުމަތް ދެއްވިގެންވާ މީހުންގެ ގޮތުގައި الله تعالى ޚަލްޤުކުރެއްވި މީހުން މެނުވީ މި ޢަމަލެއް ނުކުރާނެ އެވެ".

ހުވަފެނުގައިرَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޙަޤީޤީ ސޫރައިގައި ދެކޭ މީހާ އަށް ހަމަ ޔަޤީނުން ވެސް އެކަލޭގެފާނު ފެނިއްޖެ އެވެ. އެހެނީ، ޝައިޠާނާ އަށް އެކަލޭގެފާނުގެ ސިފަނުޖެއްސޭތީ އެވެ. އެކަމަކު، ޝައިޠާނާ އަށް އެކި ސިއެއް ގައި ފާޅުވެދާނެ އެވެ. ނޭނގޭ މީހަކަށް ވަކިކޮށް ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. "ހުވަފެނުގައި رَسُوْلُ اللهِ ﷺ އެހެން ޞޫރައަކަށް ފެނުމަކީ، ހަމަ އެކަލޭގެފާނު ފެނުމެވެ. އެކަމަކު، އެއީ، ދީނީގޮތުން އެ މީހެއްގެ އުނިކަން އަންގައިދޭ ޢަލާމާތެކެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޙަޤީޤީ ޞޫރާގައި ފެނި، މުސްލިމެއްގެ ގޮތުގައި މަރުވާ މީހާ ދާނީ ސުވަރުގެ އަށެވެ".

أبو هُريرة އަންނަނިވި حديث ރިވާކުރައްވާފައި ވެއެވެ. "މީހަކު ދެ ރަކްޢަތް ނަމާދެއް ހުކުރު ދުވަހުގެ ރޭ ކޮށް، ކޮންމެ ރަކްޢަތެއް ގައި، سورة الفاتحة އާއި سورة الكُرسى އެއް ފަހަރު ކިޔައި، سورة الإخلاص ފަނަރަ ފަހަރު ކިޔައި، ނަމާދަށް ފަހު، 'اللّهُم صَلِّ على مُحمّدٍ نَبِيّ الأُمِّيِّ' މިހެން އެއްހާސް ފަހަރު ކިޔައިފި ނަމަ، ދެން އަންނަ ހުކުރު ދުވަސް އައުމުގެ ކުރިން އެ މީހަކަށް އޭނާގެ ހުވަފެނުގައި ތިމަންކަލޭގެފާނު ފެންނާނެ އެވެ. އެ މީހަކު އިސްވެދިޔަ ތަނުގައި ކޮށްފައިވާ ހުރިހާ ފާފަތަކާއި، ދެން ކުރާނެ ހުރިހާ ފާފަތައް ފުއްސަވާ ދެއްވާނެ އެވެ. ސުވަރުގެ ލިބޭނީ ތިމަންކަލޭގެފާނު ފެންނަ މީހުންނަށެވެ".

رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އަށް ޒިޔާރަތްކުރުން

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނަށް ޒިޔާރަތްކުރާ މީހާ، ތިމަންކަލޭގެފާނު ދިރިހުންނެވި އިރު ތިމަންކަލޭގެފާނަށް ޒިޔާރަތްކުރުން ފަދަ އެވެ". މި ފޮތުގައި ވާރިދުވެފައިވާ ޙަދީޘެއް ގައި ބަޔާންކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ މަޤްބަރާ އަށް ޒިޔާރަތްކުރާ މީހާ އަށް ޝަފާޢަތްތެރިވުމަކީ ވާޖިބެކެވެ". މި حديث ރިވާކުރައްވާފައިވަނީ އިބްނު ޚުޒައިމާ، ބައްޒާރު، الدار قطني އަދި ޠަބަރާނީ (‏رحمهم الله)‏ އެވެ. ބައްޒާރު ރިވާކުރައްވާފައިވާ އެހެން ޙަދީޘެއް ގައި ބަޔާންކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ މަޤްބަރާ އަށް ޒިޔާރަތްކުރާ މީހުންނަށް ތިމަންކަލޭގެފާނުގެ ޝަފާޢަތްތެރިކަން ޙަލާލުވެއްޖެ އެވެ".

"مُسلم الشّريف" އާއި، أبويكر بن مكاري ގެ ފޮތް "مُعجم" ގައި ރިވާވެގެންވާ ޙަދީޘެއް ގައި ބަޔާންކުރައްވާފައި ވެއެވެ. "އެހެން އެއްވެސް ނިޔަތެއް ނެތި، މީހަކު ތިމަންކަލޭގެފާނަށް ޒިޔާރަތްކުރުމަށް އަތުވެއްޖެ ނަމަ، ތިމަންކަލޭގެފާނުގެ ޝަފާޢަތް އެ މީހަކަށް ޙައްޤުވެގެން ވެއެވެ". މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ رَسُوْلُ اللهِ ﷺ އަށް ޒިޔާރަތްކުރުމަށް މަދީނާ އަށް ދާ މީހުންނަށް رَسُوْلُ اللهِ ﷺ ޝަފާޢަތް ދެއްވާނެ ކަމެވެ.

ބޭ އިޙްތިރާމްކުރުމާ މެދު ހޭވެރިވާށޭ، الله تعالى ގެ ޙަބީބު ވަނީ މިތާނގައޭ،
އިލާހީ ބެއްލެވުން އެ ދިމާލަކަށް ވާ ފަރާތޭ؛ މިއީ مقام المصطفى އޭ!
އެކަލޭގެފާނުގެ ސަލާމުގެ ގޭޓަށް އެދިއެދިހުރި ހިތާމަވެރިޔަކީ އުޑުގައިވާ އާ ހަނދޭ،
އޭގެ އުއްބައްތީގެ ނޫރުން އަރަނީ ޖެމިނީ އޭ.
جناب الحقّ އަރާމުކުރައްވާ ތަނަކީ މިއީއޭ،
އޭގެ އަގަކީ، جناب الكبرياء ގެ عرش އަށް ވުރެ މައްޗޭ.
މި ފަސްގަނޑުގެ އުޖާލާކަމުން، ނެތުމުގެ އަނދިރިކަން ނެތިހިނގައްޖެއޭ.
އަޅާފައިވާ އަނދުނުން ކަނުވެގެން ބުޖޫދުގައިވާ ހުރިހާ އެއްޗެއް ލޯހުޅުވައިފިއޭ.
ހަމައެކަނި ތަވާޟުޢުވެރިކޮށް އުޅުމަށް ޢަޒުމްކަނޑައަޅާ ނަމަ، ނަބިއްޔާ، އެތަނަށް ވަޑައިގަންނަވައޭ،
މަލާއިކަތުން ޒިޔާރަތްކުރައްވަނީ މިތަނަށޭ؛ މިތަނަށޭ ނަބީން ބޮސްދެއްވީ!

ނާބީ

الدار قطني ރިވާކުރެއްވި އެހެން ޙަދީޘެއް ގައި ވާރިދުވެފައި ވެއެވެ. "ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، ތިމަންކަލޭގެފާނަށް ޒިޔާރަތްނުކުރާ މީހާ އެކުރީ ތިމަންކަލޭގެފާނަށް އަނިޔާ އެވެ". رَسُوْلُ اللهِ ﷺ އެހެން މީހުން އެކަލޭގެފާނަށް ޒިޔާރަތްކުރުމަށް ބޭނުންފުޅުވީ ސަބަބަކީ، އެ ގޮތުން ވެސް އެކަލޭގެފާނުގެ އުއްމަތަށް ސަވާބި ލިބުމެވެ.

އަޅުގަނޑުމެންގެ ފިޤްހު ޢިލްމުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، މަދީނާ އަށް އައިސް، مسجد النّبوي ގައި ނަމާދުކުރެއްވުމުގެ ސަބަބަކީ އެއީ އެވެ. ދެން އެ ބޭކަލުން الرّوضة المُطهَّرة އަށް ޒިޔާރަތްކުރައްވައި، العرش الأعلى އަށް ވުރެ މަތިވެރި المِنبَرُ المُنِير އާއި، القبرُ الشَّرِيف (‏رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މަޤްބަރާ)‏ އާއި، އެތަންތަނެއް ގައި رَسُوْلُ اللهِ ﷺ އިށީންނަވައި، ހިންގަވައި، އެތަންތަނުގައި ލެނގިލެއްވި ތަންތަން؛ ވަޙީ ބާވައިލެއްވި އިރު ލެނގިލައްވައިގެން ހުންނެވި ތަނބު، އެ ބޭކަލުންގެ މުދަލާއި، ފައިސާ ދެއްވައިގެން ޝަރަފު ހޯއްދެވި، ބިނާކުރުމުގަޔާއި، މަރާމާތުކުރުމުގައި މަސައްކަތްކުރެއްވި ޞަޙާބީންނާއި ތާބިޢީން މަސައްކަތްކުރައްވަން އުޅުއްވި ތަންތަން ފެނި ބަރަކާތް ހޯއްދެވި އެވެ. އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ޢާލިމުންނާއި، ޞާލިޙުން، ފިޤްހު ޢިލްމުވެރިން ފަދައިން. ޙައްޖަށް ފަހު މަދީނާ އަށް ޒިޔާރަތްކުރެއްވި އެވެ. މިއަދު، އިއްޔެއެކޭ އެއްފަދައިން، ޙައްޖުވެރިން މިގޮތަށް ޢަމަލުކޮށް، مدينة المُنوّرة އަށް ޒިޔާރަތްކުރެއެވެ.

އިސްމާލީ ޢިލްމުވެރިންގެ އިރު ކަމުގައިވާ الإمام أبو حنيفة ވިދާޅުވެފައި ވެއެވެ. "القبر السّعادة (‏رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މަޤްބަރާ)‏ އަށް ޒިޔާރަތްކުރުމަކީ އެންމެ އަގުހުރި عبادة (‏އަޅުކަން)‏ ކަމަކަށް ވެފައި، ވާޖިބު (‏ފަރުޟު ކަންތަކާ ދާދި އެއްވަރަކަށް ލާޒިމުވެފައި، ދޫކޮށްގެންނުވާނެ ޢަމަލެއް)‏ އާ ދާދި އެއްވަރުގެ مُستَحَبّ (‏الله تعالى ރުއްސަވާ ޢަމަލެއް)‏ އެކެވެ".

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި މަޤްބަރާ އަށް ޒިޔާރަތްކުރުމަށް މީހާ ގިނަގުނަ ޞަލަވާތްތައް ކިޔަވަން ވާނެ އެވެ. ޙަދީޘުން ވާރިދުވެގެންވާ ގޮތުގައި، މިގޮތުން ކުރެވޭ ޞަލަވާތާއި ސަލާމް رَسُوْلُ اللهِ ﷺ އާ ހަމައަށް ފޯރައެވެ. رَسُوْلُ اللهِ ﷺ އަށް ޒިޔާރަތްކުރުމުގެ އަދަބުތައް ތިރީގައި މިވަނީ އެވެ.:

ތިބާ އަށް ދުރުން مدينة المُنوّرة ފެންނަ ހިނދު، ޞަލަވާތާއި ސަލާމް ކިޔާށެވެ. ދެން، "اللّهُم هذا حرمُ نبِيِّكَ فَجَعَلهُ وِقايَةً لِي مِنَ النَّار وأَمانًا مِنَ العَذَاب وسُوءِ الحِِساب" މިހެން ކިޔާށެވެ. ކުރެވޭ ނަމަ، މަދީނާ އަށް ނުވަތަ مسجد النّبوي އަށް ވަނުމުގެ ކުރިން ފެންވަރާށެވެ. މީރުވަސްދުވާ ސެންޓެއް ޖަހާށެވެ. އާ، ސާފުތާހިރު ހެދުން ލާށެވެ. މި ޢަމަލުތަކުން ދޭހަކޮށްދެނީ އަދަބުވެރިކަމާއި، އިޙްތިރާމެވެ. ތަވާޟުޢުވެރިކަމާއި، ކަރާމާތްތެރިކަމާއި، މަޑުމައިތިރިކަމާ އެކު مدينة المُنوّرة އަށް ވަންނާށެވެ. "بسم الله و على مِلَّةِ رَسُوْلُ اللهِ" ކިޔުމަށް ފަހު، سورة الإسراء ގެ 80 ވަނަ އާޔަތް (‏وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا ‎﴿٨٠﴾)‏ ކިޔާށެވެ. އެއަށް ފަހު، "اللّهم صل على محمّد و على آل محمّد. واغفر لذُنوبي وافتح لي أبواب رحمتك و فضلك" މިހެން ކިޔުމަށް ފަހު مسجد النّبوي އަށް ވަންނާށެވެ. ދެން، رَسُوْلُ اللهِ ﷺ ގެ މިންބަރު ކައިރީ ގައި تَحِيَّةُ المسجِد ނަމާދުގެ ދެ ރަކްޢަތް ކުރާށެވެ؛ މިންބަރުގެ ތަނބު ހުންނަންވާނީ ތިބާގެ ކަނާތު ކޮންޑާ ދިމާލުގައެވެ.

"ތިމަންކަލޭގެފާނުގެ މަޤްބަރާއާއި ތިމަންކަލޭގެފާނުގެ މިންބަރާ ދެމެދު ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ވެއެވެ. ތިމަންކަލޭގެފާނުގެ މިންބަރު ވަނީ ތިމަންކަލޭގެފާނުގެ حوض (‏ފެންގަނޑު)‏ މަތީގައެވެ".
حديث الشّريف

رَسُوْلُ اللهِ ﷺ އެތާނގައި ނަމާދުކުރެއްވި އެވެ. މި ތަނަކީ رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އާއި މިންބަރާ ދެމެދުގައިވާ ހިސާބެވެ. ޙަދީޘެއް ގައި ވާރިދުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ މަޤްބަރާއާއި ތިމަންކަލޭގެފާނުގެ މިންބަރާ ދެމެދު ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ވެއެވެ. ތިމަންކަލޭގެފާނުގެ މިންބަރު ވަނީ ތިމަންކަލޭގެފާނުގެ حوض (‏ފެންގަނޑު)‏ މަތީގައެވެ".11ދެން ތިބާ الله تعالى އަށް ސަޖިދަޖަހާށެވެ. އެއީ، رَسُوْلُ اللهِ ﷺގެ މަޤްބަރާ އަށް ޒިޔާރަތްކުރުމުގެ ނަސީބު ދެއްވި ކަމަށް ޓަކައެވެ. ނަމާދު ކުރުމަށް ފަހު، ތެދުވެ، رَسُوْلُ اللهِ ﷺގެ މަޤްބަރާ حُجْرَةُ السَّعَادَة އަށް އަންނާށެވެ. ތިބާގެ މޫނު ގެ ބަރަކާތްތެރި މޫނުފުޅާ ކުރިމަތިވާ ގޮތަށް އަދި ފުރަގަސް ޤިބްލަޔާ ދިމާލަށް ވާ ގޮތަށް ބަރަކާތްތެރި މަޤްބަރާ އާ ދެ މީޓަރު ދުރުގައި އަދަބު އިޙްތިރާމާ އެކު ހުއްޓި ހުންނާށެވެ. އެއަށް ވުރެ ކައިރި އަށް ދިއުން އެދެވިގެނެއް ނުވެއެވެ. ތިބާ ހުންނަންވާނީ ޚުޝޫޢަތް ތެރި އަދި މަޑުމައިތިރި ޙާލަތުގައި، އިޙްތިރާމާ އެކުގައި، ކީރިތި قرآن ގައި އަންގަވާފައިވާ ގޮތަށް، އެކަލޭގެފާނު ދިރިހުންނެވި ފަދައިން އަދި ތިބާ އެކަލޭގެފާނުގެ އަރިހުގައި ވާ ފަދައިންނެވެ. ތިބާ އަބަދު ވެސް ހުންނަންވާނީ ހަމަހިމޭނުން އަދި މަޑުމައިތިރިކޮށެވެ. ތިބާގެ ދެ އަތް މަޤްބަރާގެ ފާރުތަކުގައި ނުލުމަށާއި، ވަރަޢަވެރިކޮށް ހުރުމަކީ މާ ބޮޑަށް އެދެވިގެންވާ ކަމެކެވެ. ތިބާ އެތާނގައި ހުންނަންވާނީ ނަމާދުގައި ހުންނަ ފަދައިންނެވެ.

رَسُوْلُ اللهِ ﷺގެ ބަރަކާތްތެރި ޙުޟޫރު ތިބާގެ ސިކުނޑިއަށް ގެނެސް، رَسُوْلُ اللهِ ﷺ އަށް ތިބާ ފެނި، ތިބާގެ ބަސްތަކާއި، ސަލާމާއި، ދުޢާތައް އަޑުއައްސަވައި، ތިބާ އަށް އިޖާބަދެއްވައި، އާމީން حديث ކުރައްވާ ކަމަށް ވިސްނާށެވެ. އެހެނީ، رَسُوْلُ اللهِ ﷺحديث ކުރައްވާފައި ވަނީ، "މީހަކު ތިމަންކަލޭގެފާނުގެ މަޤްބަރާ ގައި ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔާ އިރު، ތިމަންކަލޭގެފާނަށް އޭނާގެ އަޑު އިވެއެވެ". އަދިވެސް ޙަދީޘެއް ގައި ބަޔާންވެގެންވާ ގޮތުގައި، رَسُوْلُ اللهِ ﷺގެ ބަރަކާތްތެރި މަޤްބަރާ ގައި އެކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން އެކަލޭގެފާނަށް ސަލާމް ފޮނުވާ މީހުންގެ ސަލާމް ރައްދުކޮށްދިނުމަށް މަލާއިކަތު ޢައްޔަންކުރެވިފައި ވެއެވެ. ދެން ތިބާ "السّلام عليك يا سيّدي يا رَسُوْلُ اللهِ! السّلام عليك يا نبيّ الله! السّلام عليك يا صفيَّ الله! السّلام عليك يا حبيبُ الله! السّلام عليك يا نبيّ الرّحمتي! السّلام عليك يا شفيع الأُمة السّلام عليك يا سيّدُ المُرْسَلين! السّلام عليك يا خاتم النّبيين"! މިހެން ކިޔާށެވެ.

މާތް ﷲ ތިބާ އަށް އެންމެ މަތިވެރި ޖަޒާ ދެއްވާދޭވެ! ކަލޭގެފާނު، ކަލޭގެފާނުގެ ނަބީކަން ފުރިހަމަކުރެއްވި ކަމަށް އަޅުގަނޑު ހެކިވަމެވެ. ކަލޭގެފާނުގެ ވާޖިބު އަދާކުރެއްވީމު އެވެ. ކަލޭގެވާނުގެ އުއްމަތަށް ކަލޭގެފާނު އިރުޝާދު ދެއްވީމު އެވެ. ކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަން ދެން الله تعالى ގެ މަގުގައި ޖިހާދުކުރެއްވީމު އެވެ. ޤިޔާމަތް ދުވަހާ ޖެހެންދެން ކަލޭގެފާނަށް ޞަލަވާތާއި ސަލާމް ދެއްވާފާދޭވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން ރަސްގެފާނާ ހަމަޔަށް މިއައި ދުރު ހިސާބުތަކުންނެވެ. އަޅުގަނޑުމެން މިއައީ، ކަލޭގެފާނުގެ ބަރަކާތްތެރި މަޤްބަރާ އަށް ޒިޔާރަތްކޮށް، ކަލޭގެފާނަށް އަދަބު އިޙްތިރާމް އަދާކޮށް، ތިބާ މިތާނގައި ކުރި ކަންތައް ބަލައި، ކަލޭގެފާނަށް ޒިޔާރަތްކުރުމުން ބަރަކާތް ލިބިގަތުމަށާއި، الله تعالى ގެ ކުރިން އަޅުގަނޑުމެންނަށް ޝަފާޢަތް ދެއްވުމަށެވެ. އެހެނީ، އަހަރެމެންނަށް ހެދުނު ގޯހުން އަހަރެމެންގެ ދުވަސް ގޮސްފި އެވެ. އަޅުގަނޑުމެންގެ ފާފަތަކުގެ ބަރުމިން އަހަރެމެންގެ ކޮނޑުތަކަށް ވަނީ އެޅިފައެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނަކީ، ޝަފާޢަތް ދެއްވާ ފަރާތެވެ، ހަމައެގޮތަށް، ކަލޭގެފާނަކީ އެފަރާތެއްގެ ޝަފާޢަތް އިޖާބަކުރެވޭ ފަރާތް ވެސް މެއެވެ. މަޙްމޫދުގެ ދަރަޖަ ތިބާ އަށް ވަނީ ވަޢުދުވެވިގެންނެވެ.

މީގެ އިތުރަށް، الله تعالى ކީރިތި قرآن ގެ سورة النّساء ގެ 64 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا ‎﴿٦٤﴾‏‏)‏ * النّساء: 64)‏ މާނައީ: 'ﷲ ގެ އިޒުނަފުޅާ އެކު، ކިޔަމަންވުމަށް ޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. އަދި، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދުނު ނަމަ، އަދި، رسول އާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ކުރެއްވި ނަމަ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ކަލަކު ކަމުގައި އެއުރެން ﷲ ދެކޭނެކަން ކަށަވަރެވެ'. އަޅުގަނޑުމެން މިއައީ ކަލޭގެފާނުގެ މަތިވެރި އަރިހަށެވެ. އެކަމަކު، އަޅުގަނޑުމެންގެ ނަފްސުތަކަށް އަޅުގަނޑުމެން އަނިޔާވެރިވެއްޖައީމުއެވެ. އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާދެއްވުމަށް އަޅުގަނޑުމެން އެދެމެވެ.

މާތް ﷲ ގެ ރަސޫލާ އެވެ! الله تعالى ގެ ޙަޟްރަތުގައި އަޅުގަނޑުމެންނަށް ޝަފާޢަތް ދެއްވުން އެދެމެވެ. މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން ކަލޭގެފާނުގެ މަގުގައި ތިއްބާ އަޅުގަނޑުމެންގެ ފުރާނަތައް ނެންގެވުމަށާއި، ޤިޔާމަތް ދުވަހު މަޙްޝަރު ބިމަށް ކަލޭގެފާނާ އެކު ދާ މީހުންގެ ތެރޭގައި އަޅުގަނޑުމެން ހިމަނާދެއްވުމަށާއި، ކަލޭގެފާނުގެ حوض އަށް ގޮސް ބުއިމުގެ ފުރުޞަތު ދެއްވުމަށް الله تعالى އަށް ދަންނަވާދެއްވާށެވެ. މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން ހޯދުމަށް އެދެނީ ކަލޭގެފާނުގެ ޝަފާޢަތެވެ". ދެން، ކީރިތި قرآن ގެ سورة الحشر ގެ 10 ވަނަ އާޔަތް ކިޔުން ހުއްޓެވެ. (‏‏‏وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾)‏ * الحشر: 10)‏ މާނައީ: "އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނާއި، އަދި އޅަމެންނަށް ވުރެ ކުރިން إيمان ވި، އަޅަމެންގެ أخންނަށް ފާފަފުއްސަވާދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެ އެވެ".

ދެން، ސަލާމް ފޮނުވި މީހުންގެ ސަލާމްތައް ރައްދުކޮށްދިނުމުގެ ގޮތުން ބުނާށެވެ. "السّلام عليك يا رَسُوْلُ اللهِ! މި މީހާ ބޭނުންވަނީމާތް ﷲ ގެ ޙަޟްރަތުގައި އޭނާގެ ޝަފާޢަތްތެރިޔާ އަށް ވެވަޑައިގަތުމަށެވެ. އޭނާ އާއި ހުރިހާ މުސްލިމުންނަށް ޝަފާޢަތް ދެއްވުން އެދެމެވެ". މިހެން ބުނުމަށް ފަހު، ތިބާ އަށް ކިޔޭނެ އެންމެ ގިނަކޮށް ޞަލަވާތް ކިޔަވާށެވެ.

ދެން، ތިބާގެ ކަނާތް ފަރާތަށް ބައި މީޓަރަށް ޖެހިލާފައި، أبوبكر (‏رضي الله عنه)‏ ބަރަކާތްތެރި ބޯކޮޅާ ދިމާވާ ގޮތަށް އެކަލޭގެފާނަށް ސަލާމްކުރުމުގެ ގޮތުން ކިޔާށެވެ. "السّلام عليك يا خليفة رَسُوْلُ اللهِ! السّلام عليك يا رفيقه في الغار! السّلام عليك يا أمينه على الأسرار! މާތް ﷲ ކަލޭގެފާނަށް މި އުއްމަތުގެ އިމާމުގެ ޙައިސިއްޔަތުން އެންމެ މަތިވެރި ޖަޒާ ދެއްވާދޭވެ! ކަލޭގެފާނު، رَسُوْلُ اللهِ ﷺ ގެ ޚަލީފާއަށް ވެވަޑައިގަތީ އެންމެ ރިވެތި ގޮތުގައެވެ. އެކަލޭގެފާނުގެ މަތިވެރި ސުންނަތަށް ތަބަޢަވީ ވެވޭނެ އެންމެ ރަނގަޅަކަށެވެ. މުރުތައްދުވީ މީހުންނާއި، ތެދުމަގުން ކައްސާލި މީހުންނާ ދެކޮޅަށް ކަލޭގެފާނު ހަނގުރާމަކުރެއްވީމު އެވެ. ކަލޭގެފާނު އަބަދު ވެސް ވާހަކަދެއްކެވީ އެކަމެއް އެ އޮންނަ ގޮތަށް ތެދަށެވެ. ކަލޭގެފާނު އަވަހާރަ ވަންދެން ތެދު މަގުގައި ތިބި މީހުންނަށް އެހީތެރިވެދެއްވީމު އެވެ. الله تعالى ގެ ރަޙްމާއި ނިޢުމަތްތައް ކަލޭގެފާނަށް ދެއްވާށިއެވެ! މާތް ﷲ އެވެ! އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނުގެ ލޯބި އޮތް ހިނދު އަޅުގަނޑުމެންގެ ފުރާނަތައް އޯގާތެރިކަމާ އެކު ނަންގަވާދެއްވާދޭވެ! އަޅުގަނޑުމެން އޭނާ އެކަލޭގެފާނަށް ކުރި ޒިޔާރަތް ބޭކާރު ނުކުރައްވާދޭވެ"!

ދެން، ތިބާގެ ކަނާތް ފަރާތަށް ބައި މީޓަރަށް ޖެހިލާފައި، عُمر (‏رضي الله عنه)‏ ބަރަކާތްތެރި ބޯކޮޅާ ދިމާވާ ގޮތަށް އެކަލޭގެފާނަށް ސަލާމްކުރުމުގެ ގޮތުން ކިޔާށެވެ. "السّلام عليك يا أمير المؤمنين! السّلام عليك مُظهرُ الإسلام! السّلام عليك يا مُكثرُ الأًثنام! މާތް ﷲ ކަލޭގެފާނަށް އެންމެ މަތިވެރި ޖަޒާ ދެއްވާދޭވެ! ކަލޭގެފާނު ދިރި ހުންނެވި އިރު އަދި ނިޔާވުމަށް ފަހު ވެސް ވަނީ އިސްލާމް ދީނަށާއި، މުސްލިމުންނަށް އެހީތެރިވެފައެވެ. ކަލޭގެފާނު ވަނީ ޔަތީމުން ޙިމާޔަތްކޮށްދެއްވާފައެވެ. ކަލޭގެފާނުގެ ތިމާގެ މީހުންނަށް ކަލޭގެފާނު ހެޔޮކޮށް ހިތްތެވި އެވެ. މުސްލިމުންނަށް، ކަލެގެފާނަކީ އެމީހުން ހިތްހަމަޖެހުނު މުރުޝިދަކަށެވެ. އަދި ރަނގަޅު މަގަށް މީސްތަކުންނަށް މަގުދެއްކެވި ބޭފުޅާ އެވެ. ކަލޭގެފާނު ވަނީ އެބައި މީހުންގެ ކަންތައްތައް ހަމަޔަކަށް އަޅުއްވާފައެވެ. ކަލޭގެފާނު އެބައި މީހުންގެ ތެރެއިން ފަޤީރުން މުއްސަނދިކުރައްވައި، އެ މީހުންގެ ޒަޚަމްތައް ހެޔޮކޮށްދެއްވީމު އެވެ. الله تعالى ގެ ސަލާމާއި،ރަޙްމާއި، ނިޢުމަތްތައް ކަލޭގެފާނަށް ދެއްވާފާދޭވެ"!

ދެން، أبوبكر (‏رضي الله عنه)‏ އާއި عُمر (‏رضي الله عنه)‏ އާ މުޚާޠަބުކުރަމުން ތިބާ ކިޔާށެވެ. "السّلام عليكما يا ضجيعي رسول اللَّه و رفيقيه و وزيريه و مشيريه و المعاونين له على القيام في الدين، القائمين بعده بمصالح المسلمين. މާތް ﷲ ތިޔަ ދެ ބޭކަލުންނަށް އެންމެ މަތިވެރި ޖަޒާ ދެއްވާދޭވެ! އަޅުގަނޑުމެން ތިޔަ ދެ ބޭކަލުން ބަލައިގަންނަނީ رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގައި މެދުވެރިއަކަށެވެ. އެއީ، އަޅުގަނޑުމެންނަށް ޝަފާޢަތް ދެއްވައި، الله تعالى ގެ ޙަޟްރަތުން އަޅުގަނޑުމެންގެ سعي ޤަބޫލުކޮށްދެއްވުމަށާއި، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންގެ ފުރާނަ ހިތްޕެވުމަށާއި، މުސްލިމުންގެ ގޮތުން އަލުން ދިރިއްވުމަށާއި، ޤިޔާމަތް ދުވަހު رَسُوْلُ اللهِ ﷺ ގެ އަރިސްބޭކަލުންނާ އެކު އަލުން ދިރުއްވުށް ދެންނެވުމެވެ".

"وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾)‏ * الحشر: 10)‏ މާނައީ: އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނާއި، އަދި އޅަމެންނަށް ވުރެ ކުރިން إيمان ވި، އަޅަމެންގެ أخންނަށް ފާފަފުއްސަވާދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެ އެވެ".
سورة الحشر: 10

ދެން، ތިބާގެ އަމިއްލަ ނަފްސަށާއި، ތިބާގެ މައިންބަފައިންނަށާއި، ދުޢާކޮށްދިނުމަށް އެދުނު މީހުންނަށާއި، ހުރިހާ މުސްލިމުންނަށް ދުޢާކުރާށެވެ. އެއަށް ފަހު، އަންނަނިވި سورة النّساء ގެ އާޔަތް ކިޔުމަށް ފަހު رَسُوْلُ اللهِ ﷺގެ ބަރަކާތްތެރި މޫނުފުޅާ ދިމާލަށް ކޮޅަށް ހުންނާށެވެ. ކީރިތި قرآن ގެ سورة النّساء ގެ 64 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏‏‏وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا ‎﴿٦٤﴾)‏ * النّساء: 64)‏12 މާނައީ: ''ﷲ ގެ އިޒުނަފުޅާ އެކު، ކިޔަމަންވުމަށް ޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. އަދި، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދުނު ނަމަ، އަދި، رسول އާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ކުރެއްވި ނަމަ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ކަލަކު ކަމުގައި އެއުރެން ﷲ ދެކޭނެކަން ކަށަވަރެވެ". އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަސުވާމީންގެ މަތިވެރި ބަސްފުޅަށް ކިޔަމަން ގަތުމާއި، އިބަރަސްކަލާނގެ އަމުރުފުޅަށް ބޯލެނބުމާ އެކު، އަޅުގަނޑުމެން ތަޟައްރުޢުވެރިވެ ދަންނަވަނީ އިބަރަސްކަލާނގެ ލޮބުވެތި ރަސޫލާގެ ޝަފާޢަތްތެރި ކަމަށެވެ". ދެން އަންނަނިވި ދުޢާ ކިޔަވާށެވެ. މި ދުޢާ އަކީ سورة الحشر ގެ 10 ވަނަ އާޔަތެވެ. ކީރިތި قرآن ގެ سورة الحشر ގެ 10 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾)‏ * الحشر: 10)‏ މާނައީ: "އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނާއި، އަދި އޅަމެންނަށް ވުރެ ކުރިން إيمان ވި، އަޅަމެންގެ أخންނަށް ފާފަފުއްސަވާދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެ އެވެ".

ދެން ތިބާ، رَسُوْلُ اللهِ ﷺގެ މަޤްބަރާ އާއި، މިންބަރާ ދެމެދުގައި ވާ روضة المطهّرة އަށް އަންނާށެވެ. މިއީ ހަތަރެސް ކަނަށް ހުންނަ ތަނެކެވެ. މި ތާނގައި ތިބާ ބޭނުން ވަރަކަށް ނަމާދާއި ދުޢާ ކުރާށެވެ.ތަސްބީޙަ ކިޔާށެވެ. الله تعالى އަށް ޝުކުރާއި ޘަނާ ކިޔާށެވެ. ދެން މިންބަރު ކައިރިއަށް އަންނާށެވެ. އަދި رَسُوْلُ اللهِ ﷺގެ ބަރަކާތްތެރިކަން ލިބިގަތުމުގެ ނިޔަތުގައި، ތިބާގެ އަތްތިލަ، ޚުޠުބާ ދެއްވަމުން ގެންދެވި އިރު، އެކަލޭގެފާނުގެ އަތްތިލަފުޅު ބޭއްވެވި ތަނުގައި ބާއްވާށެވެ. މި ތަނުގައި ދެ ރަކްޢަތް ނަމާދެއް ކުރާށެވެ. ތިބާ އެދޭ ކަންތައްތަކަށް އެދި الله تعالى އަށް ތަވާޟުޢުވެރިކަމާ އެކު ދަންނަވާށެވެ. الله تعالى ގެ ކޯފާއިން މިންޖުވުމަށް ޓަކައި، އެކަލާނގެ އޯގާވަންތަވެރިކަމުން ރައްކާތެރިކަން ހޯދާށެވެ. ދެން حَنّانة ތަނބު ހުރި ތަނުގައި ބެހެއްޓިފައިވާ ތަނބު ކައިރިއަށް އަންނާށެވެ. حَنّانة އަކީ رَسُوْلُ اللهِ ﷺއެ ތަނބު ދޫކޮށްލައްވާފައި ޚުޠުބާ ދެއްވުމަށް ޓަކައި، މިންބަރަށް އަރާވަޑައިގަތުމުން ރޮއެފައި، އެކަލޭގެފާނު މިންބަރުން ފައިބާވަޑައިގެން އެ ތަނބާ ބައްދާލެއްވި ތަނބެވެ. ދެން، ތިބާ އަންނަންވީ أبو لُبابة އެ ތަނބެއް ގައި ބަނދެވި ތައުބާވެލެއްވި ތަނބެވެ. މި ތަނުގައި ތިބާ ދެ ރަކްޢަތް ނަމާދެއް ކޮށް، الله تعالى އަށް ތައުބާވެ އިސްތިޣްފާރުކުރާށެވެ. ތިބާ ބޭނުންވާ ދުޢާކުރާށެވެ. އެ ވަގުތު ތިބާ މިތާނގައި މަޑުކޮށް، ކީރިތި ޤުރްއާން ކިޔެވުމުގައި ރޭގަނޑު ހޭދަކޮށް، الله تعالى ގެ ނަންފުޅު ކިޔައި، މިންބަރާއި މަޤްބަރާ ކައިރީގައި ސިއްރާއި ފާޅުގައި ދުޢާކޮށް، ރާބިޠާ (‏މީހަކުގެ ހިތް ވަލީވެރިއެއްގެ ހިތާ ބަނދެލުން)‏ ކުރާށެވެ.

رَسُوْلُ اللهِ ﷺގެ މަޤްބަރާ އަށް ޒިޔާރަތްކުރުމަށް ފަހު البقيع ޤަބްރުސްތާނަށް ގޮސް ޒިޔާރަތްކުރުމަކީ މުސްތަޙައްބު ކަމެކެވެ. ދެން އެހެން މަޤްބަރާތަކަށް، ޚާއްޞަކޮށް، سَيِّدُ الشُّهَداء (‏ޝަހީދުންގެ ވެރިޔާ)‏ حَمزَة (‏رضي الله عنه)‏ ގެ މަޤްބަރާ އަށް ޒިޔާރަތްކުރަންވާނެ އެވެ. ހަމައެއާއެކު، البَقِيع ގައި، عبّاس بن عبدالمطّلب، حسن بن علي، زينُالعابدين، އޭނާގެ ދަރިކަލުން محمّد الباقر އަދި އޭނާގެ ދަރި جعفر الصّادق، أميرُالمُؤْمِنِينَ عُثمان (‏رضي الله عنه)‏، رَسُوْلُ اللهِ ﷺގެ ދަރިކަލުން إبراهيم، رَسُوْلُ اللهِ ﷺގެ އަނަބިއަނބިކަނބަލުން، رَسُوْلُ اللهِ ﷺގެ މައިފުށުގެ ބޮޑުދައިތާ صفيّة އަދި އިތުރު ގިނަ ޞަޙާބީންނާއި، تابعين (‏رضي الله عنهم أجمعين)‏ އަށް ޒިޔާރަތްކުރަންވާނެ އެވެ. البقيعގައިވާ مسجد فاطمة ގައި ތިބާ ނަމާދުކުރަންވާނެ އެވެ. ބުރާސްފަތި ދުވަހު أُحد ހަނގުރާމައިގެ ޝަހީދުންނަށް ޒިޔާރަތްކުރުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. އެތާނގައި ކިޔާނީ "سَلامٌ عليكُم بِما صَبَرْتُم. فَنِعْمَ عُقْبَى الدَّار. سلامٌ عليكُم يا أهلَ دَارِ القومِ المُؤْمِنِين و إنّا إن شَاءَ اللهُ عن قريبِ بِكُم لاحقُون". ދެން آية الكُرسي އާއި سورة الإخلاص ކިޔާށެވެ.

حُجْرَةُ السّعادَة އަށް ޒިޔާރަތްކުރާ މީހުން ތިބެންވާނީ ދުނިޔަވީ ޚިޔާލުތައް އެ މީހުންގެ ހިތްތަކުގައި ނުބޭއްވުމަށް ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. مُحمّد (‏عليه السّلام)‏ ގެ ބަރަކާތްތެރި ނޫރުފުޅާއި، އެކަލޭގެފާނުގެ މަތިވެރި ދަރަޖަ އާ މެދު އެ މީހުން ވިސްނަންވާނެ އެވެ. ދުނިޔަވީ ޚިޔާލުތަކާއި، އިސް މަޤާމުތަކުގެ ތިބޭ މީހުންނާ ބައްދަލުކޮށް ފައިދާ ލިބިގަތުމާއި، ވިޔަފާރިކުރުމާ އެކު ކުރެވޭ ދުޢާ، الله تعالى ޤަބޫލުފުޅެއް ނުކުރައްވައެވެ؛ އެއިން އެބައިމީހުން އެދޭ ކަންތައްތައް ޙާޞިލެއް ނުކުރެވޭނެ އެވެ.

حُجرةُ السَّعادة އަށް ޒިޔާރަތްކުރުމަކީ، ވަރަށް ޝަރަފުވެރި އަޅުކަމެކެވެ. މިކަން ޤަބޫލުނުކުރާ މީހުން ދީނުން ބޭރުވެދާނެ ބިރު އެބައޮތެވެ. އެހެނީ، އޭރުން އެބަޔަކު ތިބޭނީ އާއި، އެކަލާނގެ ރަސޫލާ ﷺ އާއި، ހުރިހާ މުސްލިމުންނާ ދެކޮޅަށެވެ. އަށް ޒިޔާރަތްކުރުމަކީ ވާޖިބެއް ކަމަށް مالكي މަޒްހަބުގެ މަދު ޢިލްމުވެރިންތަކެއް ވިދާޅުވެފައިވާ ކަމަށް ވިޔަސް، ދަންނަބޭކަލުންގެ އިޖްމާޢުން ބަޔާންކުރެވިފައިވަނީ އެއީ މުސްތަޙައްބު ކަމެއް ކަމަށެވެ.

الصُّبْحُ بَدَأَ

الصُّبْحُ بَدَا مِنْ طَلْعَتِ
وَاللَّيْلُ دَجا مِنْ وَفْرَتِهِ
فَاقَ الرُّسُلاَ فَضْلاً وَعُلاَ
أَهْدَى السُّبُلاَ لِدَلاَلَتِهِ
كَنْزُ الْكَرِمِ مُوْلِي النِّعَمِ
هَادِي الأُمَمِ لِشَرِيعَتِهِ
أَذْكَى النَّسَبِ أَعْلَى الحَسَبِ
كُلُّ العَرَبِ في خِدْمَتِهِ
سَعَتِ الشَّجَرُ نَطَقَ الحَجَرُ
شُقَّ القَمَرُ بإشَارَتِهِ
جِبْرِيلُ أَتَى لَيْلَةَ أَسْرَى
وَالرَّبُّ دَعَاهُ لِحَضْرَتِهِ
نالَ الشَّرَفَا وَاللهُ عَفَا
عَمَّا سَلَفَا مِنْ أُمَّتِهِ
فَمُحَمَّدُنا هُوَ سَيِّدُنا
فالعِزُّ لَنا لإجَابَتِهِ

عبدالله بن رَواحة (‏رضي الله عنه)‏