رَسُوْلُ اللهِ ﷺ އާ އެކު تَوَسُّل ކުރުން
"(އޭ آدم އެވެ!) އެކަލޭގެފާނަކީ، ތިބާގެ ނަސަބުން ވަޑައިގަންނަވާނޭ ރަސޫލެކެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނު ޚަލްޤުނުކުރެއްވި ނަމަ، ތިމަންރަސްކަލާނގެ ކަލޭގެފާނާއި، ކަލޭގެފާނުގެ ދަރިފަސްކޮޅު ޚަލްޤުނުކުރައްވާނަމެވެ. ތިބާ އެކަލޭގެފާނު ޝަފާޢަތްތެރިޔާ އަށް ހެދުމުން ތިމަންރަސްކަލާނެ ތިބާ އަށް ޢަފޫކޮށްދެއްވައިފީމެވެ".
حديث قُدسي
رَسُوْلُ اللهِ ﷺ އާ އެކު މީސްތަކުން އަބަދު ވެސް تَوَسُّل1 ކުރިއެވެ؛ އެކަލޭގެފާނު ޚަލްޤުކުރެއްވުމުގެ ކުރިންނާއި، ޚަލްޤުކުރެއްވުމުގެ ފަހުންނާއި، އެކަލޭގެފާނު ދުނިޔޭގައި ދިރިހުންނެވި އިރުގަޔާއި، އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ފަހުންނާއި، އެކަލޭގެފާނުގެ ކަށްވަޅުގެ ޙަޔާތުގެ ތެރޭގަޔާއި، ޤިޔާމަތް ދުވަހު އަލުން ދިރުއްވުމަށް ފަހު އަރްސާތު ކިޔޭ ތަނެއްގަޔާއި، ސުވަރުގޭގައެވެ. واصلة (މެދުވެރިޔާ، ރުޖޫޢަވުން) އަކީ، الله تعالى ޚަލްޤުކުރެއްވި ކޮންމެ ކަމަކަށް ވެސް، ކައިރިވުމާށައި، ބޭނުންވާ ކަންތައް ޙާޞިލުކުރުމަށް ސަބަބެއް މެދުވެރި ކުރެއްވި އެވެ.
رَسُوْلُ اللهِ ﷺ އާ އެކު تَوَسُّل ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ. تَوَسُّل ކުރުމަކީ، رَسُوْلُ اللهِ ﷺ އަކީ الله تعالى ގެ ޙަޟްރަތުގައި ވަޞީލަތަކަށް ހަދައި، އެކަލޭގެފާނުގެ އެހީތެރިކަމާއި، ޝަފާޢަތަށް އެދުމެވެ. މިއީ، ނަބީންނާއި، ސަލަފުއްޞާލިޙުންނާއި، ޢިލްމުވެރިންނާއި، އެހެން މުސްލިމުން ކުރަމުން އަންނަ ކަމެކެވެ. މުސްލިމަކު މިއީ ގޯސް ކަމެއް ކަމަށް ދެކެފައެއް ނެތެވެ. މިއަދާ ހަމައަށް، ބާޠިލު މަޒްހަބެއް ގައި ހުރި މީހަކު ފިޔަވައި، މިކަން ދޮގުކުރި މީހެއް ނެތެވެ.
އިންސާނުންގެ ބައްޕާފުޅު آدم (عليه السّلام) ބިމަށް ފޮނުއްވުމުން، އެކަލޭގެފާނު ވަޞީލާ އަށް رَسُوْلُ اللهِ ﷺ ހައްދަވާފައެވެ. رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ޙަދީޘެއް ގައި މި ޙާދިސާ އާ ޙަވާލުދެއްވާފައި ވެއެވެ. "آدم (عليه السّلام) ކުށަށް އަރައިގަންނަވައި އަދި ސުވަރުގެއިން ނެރެލެއްވުމުން، އެކަލޭގެފާނު ދެންނެވި އެވެ. 'އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މުޙައްމަދަށް ޓަކައި އަޅުގަނޑުގެ ފާފަ ފުއްސަވާ ދެއްވާށެވެ.' الله تعالى އެއްސެވި އެވެ. 'އޭ آدم އެވެ! ތިބާ އަށް محمّد އެނގެނީ ކިހިނެއްހެއްޔެވެ؟ ތިމަންރަސްކަލާނގެ އަދި އެކަލޭގެފާނު ޚަލްޤުނުކުރައްވަމެވެ.' آدم (عليه السّلام) ޖަވާބު ދެއްވި އެވެ. ''އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާ ޚަލްޤުކުރައްވައި، އަޅުގަނޑުގެ ފުރާނަ ލައްވައި، އަޅުގަނޑުގެ ދެ ލޯ ހުޅުވާލާ އިރަށް ފެނުނީ، عرش ގެ އެއް ފަރާތުގައި لا إله إلّا الله محمّدُ رَسُوْلُ اللهِ ލިޔެވިފައިވާ ތަނެވެ. އެކަލޭގެފާނުގެ ނަމަކީ، އިބަރަސްކަލާނގެ އިސްމުފުޅާ އެކު އޮތުމަށް އިބަރަސްކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ނަންފުޅެވެ'. الله تعالى ވަޙީކުރެއްވި އެވެ. 'އޭ آدم އެވެ. ތިބާ ތި ވިދާޅުވީ ރަނގަޅަށެވެ. އެކަލޭގެފާނަކީ، މަޚްލޫޤުންގެ ތެރެއިން ތިމަންރަސްކަލާނގެ އެންމެ ލޯބިވެ ވޮޑިގަންނަވާ މަޚްލޫޤެވެ. ތިމަންރަސްކަލާނގެ ތިބާ އަށް ޢަފޫކުރައްވައިފީމު އެވެ. އެހެނީ، ތިބާ ޢަފޫކޮށްދެއްވުމަށް އެދުނީ އެކަލޭގެފާނަށް ޓަކައި ކަމުގައި ވާތީއެވެ'".2އެހެން ރިވާޔަތެއް ގައި ވާ ގޮތުން الله تعالى ވަޙީކުރެއްވި އެވެ. "އެކަލޭގެފާނަކީ، ތިބާގެ ނަސަބުން ވަޑައިގަންނަނަވާނެ ނަބީއެކެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނު ޚަލްޤުނުކުރައްވާ ނަމަ، ތިމަންރަސްކަލާނގެ ތިބާ އާއި ތިބާގެ ދަރިން ޚަލްޤު ނުކުރެއްވީމުހެވެ. ތިބާ، އެކަލޭގެފާނުގެ ޝަފާޢަތްތެރިކަމަށް ކަމަށް އެދުމުން ތިމަންރަސްކަލާނގެ ތިބާ އަށް ޢަފޫކޮށްދެއްވައިފީމު އެވެ".3
މި ކަމުގެ އެތަކެއް ހާސް މިސާލުތައް ވެއެވެ. އޭގެ ތެރެއިން ބައެއް މިސާލުތައް ތިރީގައި މިވަނީ އެވެ.:
ދެ ލޯ ކަނު މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހުން އެދުނީ އޭނާގެ ލޮލުގެ ފެނުން ގެނައުމަށް ޓަކައި އޭނާ އަށް ދުޢާކޮށްދެއްވުމަށެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާ ބޭނުން ނަމަ ތިމަންކަލޭގެފާނު ދުޢާކޮށްދެއްވާނަމެވެ. އެކަމަކު، ތިބާ ކެތްތެރިވެ، ތަޙައްމަލުކޮށްފި ނަމަ ތިބާ އަށް އެ ގޮތް ހެޔޮކަން އިތުރުވެގެން ވެއެވެ". އޭނާ ބުންޏެވެ. "ކެތްތެރިވުމަށް ޓަކައި، އަޅުގަނޑުގެ ކިބައިގައި ވަރެއް ނެތެވެ. އަޅުގަނޑު އާދޭސް ދަންނަވަނީ ދުޢާކޮށްދެއްވުމަށެވެ". ދެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ވުޟޫ ކުރުމަށް ފަހު އަންނަނިވި ދުޢާ ކިޔާށެވެ.: "اللّهُمَّ إِنِّي أَسأَلُكَ وَ أَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَة، يّا مُحَمَّدُ إِنِّيْ أَتَوَجَّهُ بِكَ إِلَى رَبِّيْ فِيْ حَاجَةِ هَذِهِ, ِلِتَقْضِيَ لِيْ اللَّهُمَّ فشفعه في".
حديث ޢިލްމުވެރިއެއް ކަމަށްވާ الإمام النّسائي ރިވާކުރައްވާފައިވާ ގޮތުގައި، އެ މީހާ ދުޢާކުރުމުން އޭނާގެދުޢާ އިޖާބަކުރެއްވައި، އޭނާ އަށް ލޮލުގެ ފެނުން ލިބިގެންދިޔަ އެވެ.
رَسُوْلُ اللهِ ﷺ އާ އެކު تَوَسُّل ކުރުމާ ބެހޭގޮތުން عثمان بن حنيف (رضي الله عنه) އަންނަނިވި ޙާދިޘާ ކިޔައިދެއްވާފައި ވެއެވެ. "عُثمان بن عَفَّان (رضي الله عنه) ޚަލީފާއަކަށް ހުންނެވި އިރު، ވަރަށް ބޮޑު ހިތްދަތިކަމެއް ގައި ވީ މީހަކު އެކަމުގެ ޝަކުވާ އަހަރެން ގާތު ކުރިއެވެ. ސަބަބަކީ، ޚަލީފާގެ ކުރިފުޅުމައްޗަށް އަންނަން އޭނާ ލަދުގަތުމެވެ. އަހަރެން އޭނާ ކައިރީގައި ބުނީ، 'ވުޟޫ ކޮށްގެން ވަގުތުން مسجدُ النّبوِي އަށް ދާށެވެ! މަތީގައިވާ ދުޢާ ކިޔުމަށް ފަހު ބޭނުންވާ ކަމެއް ބުނާށެވެ'.
ނަމާދުކުރުމަށް ފަހު، ޚަލީފާ ހުންނެވި ތަނަށް ދިޔުމުން، އޭނާ ޚަލީފާގެ ކުރިފުޅު މައްޗަށް ގެނެވުނެވެ. ޚަލީފާ އޭނާ، ޚަލީފާގެ سجَّادَة (ނަމާދުކުރާ މުޞައްލާ) ގައި އިށީނުމަށް ވިދާޅުވެ، އޭނާ އަށް ދަތިވާ ކަންތަކުގެ ވާހަކަ އަޑުއައްސަވައި، އޭނާގެ އެދުނު ކަންތައް ޤަބޫލުކުރައްވައިފި އެވެ. އޭނާގެ މައްސަލަތައް އެކީ އެކައްޗަކަށް ޙައްލުވެއްޖެކަން އެ މީހާ އަށް ފެނުމުން، އޭނާ އުފަލުން އަޅުގަނޑު ގާތަށް އައިސް ބުންޏެވެ. 'الله تعالى ތިބާ އަށް ރުއްސަވާދޭވެ! ތިބާ ޚަލީފާ އަރިހުގައި އެއްޗެއް ނުދަންނަވާ ނަމަ، މި މައްސަލަތަކުން އަހަންނަށް ސަލާމަތެއް ނުވެވުނީހެވެ' އޭނާ އަށް ވިސްނުނީ އަހަރެން ޚަލީފާ އާ ވާހަކަދެއްކީ ކަމަށެވެ".
عُمَرُ (رضي الله عنه) ޚަލީފާއަކަށް ހުންނެވި އިރު، ބަނޑުހައިހޫނުކަމެއް އޮތެވެ. ޞަޙާބީއެއް ކަމުގައިވާ بلال بن الحارث (رضي الله عنه) رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އަށް ވަޑައިގެން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އުއްމަތް ބަނޑަށް މަރުވަނީއެވެ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުން އެދި އާދޭސް ދަންނަވަނީ، ވާރޭ ވެއްސެވުމަށް ޓަކައި ޝަފާޢަތް ދެއްވުމަށެވެ". އެ ރޭ، އޭނާގެ ހުވަފެނުގައި رَسُوْلُ اللهِ ﷺ ފެނި އެކަލޭގެފާނު حديث ކުރެއްވި އެވެ. "ޚަލީފާގެ އަރިހަށް ދާށެވެ! ތިމަންކަލޭގެފާނުގެ ސަލާމް އެކަލޭގެފާނަށް ރައްދުކޮށްދޭށެވެ. އަދި ވާރޭ ވެހުމަށް އެދި ދުޢާކުރެއްވުމަށް ދަންނަވާށެވެ"! ވާރޭ ވެއްސެވުމަށް އެދި ދުޢާކުރެއްވުމަށް ވަޑައިގެންނެވުމުން ވާރޭ ވެހެން ފަށައިފި އެވެ.
އެކަލާނގެ ލޯބިވެވޮޑިގަންނަވާ މީހުންނަށް ޓަކައި، الله تعالى ދުޢާ އިޖާބަކުރައްވައެވެ. އެކަލާނގެ، رَسُوْلُ اللهِ ﷺ ދެކެ ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވައެވެ. އެހެންކަމުން، މީހަކު، "اللهُم إِنِّي أسأَلُكَ بجاه نبيّك المُصطَفَى" މިހެން ކިޔައި ދުޢާކޮށްފި ނަމަ، އޭނާގެ ދުޢާ އިޖާބަނުކުރައްވާ ދޫކޮށްނުލައްވާނެ އެވެ. އެކަމަކު، ކުދިކުދި ދުނިޔަވީ ކަންތައްތަކަށް رَسُوْلُ اللهِ ﷺ އަށް ވާޞިލާ ކުރުމަކީ އަދަބާ ޚިލާފު ކަމެކެވެ.
بُرهانُ الدِّين إبراهيم المالكي ވިދާޅުވެފައި ވެއެވެ. "ބަންޑުހައިކަން މަތީ ހުރި ފަޤީރަކު އަށް ގޮސް ބުންޏެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު މިހިރީ ބަނޑުހައިވެފައެވެ'. އިރުކޮޅެއް ފަހުން، ކޮންމެވެސް މީހަކު އައިސް އޭނާގެ ގެއަށް އެ ފަޤީރު މީހާ ގެންގޮސް ކާންދީފި އެވެ. އެ ފަޤީރު މީހާ، އޭނާގެ ދުޢާ ޤަބޫލުކުރައްވައިފި ކަމަށް ބުނުމުން އެ މީހާ ބުންޏެވެ. 'އަހަރެންގެ އަޚާ އެވެ! ތިބާ، ތިބާގެ ޢާއިލާ ގޭގައި ބައިތިއްބާފައި، رَسُوْلُ اللهِ ﷺ އަށް ޒިޔާރަތްކުރުމަށް ޓަކައި، ތި ވަނީ ދިގު އަދި ދަތުރެއް ކޮށްފައެވެ. ގެ އަރިހަށް ރޮށިކޮޅެއް ހޯދުމަށް ތަކައި ދިއުމަކީ އެހާ އެކަށީގެންވާ ކަމެއް ހެއްޔެވެ؟ އެކަލޭގެފާނުގެ ބަރަކާތްތެރި އަރިހުގައި ސުވަރުގެއަށް އަދި ނިމުމެއް ނިއުމަތްތަކަށް އެދުނު ނަމަ މާ ރަނގަޅުވީހެވެ. އެ ތަނުގައި ކުރާ ދުޢާ އިޖާބަނުކުރައްވާ ދޫކޮށްނުލައްވައެވެ'. رَسُوْلُ اللهِ ﷺ ގެ އަރިހަށް ޒިޔާތްކުރުމުގެ ނަޞީބު ލިބޭ މީހުން، ޤިޔާމަތް ދުވަހު އެކަލޭގެފާނުގެ ޝަފާޢަތްތެރިކަން ލިބުމަށް އެދި ދުޢާކުރަންވާނެ އެވެ".
އެއް ދުވަހަކު، الإمام أبوبكر المُقرئ އިންނެވީ الإمام الطّبراني އާއި أبو الشيخ އާ އެކު ގައި އިށީންނަވައިގެންނެވެ. އެއްވެސް އެއްޗެއް ނުކާތާ ދުވަސްކޮޅެއް ވެފައި ވުމާ އެކު އެ ދެ ބޭކަލުން ތިއްބެވީ ވަރަށް ބަނޑުހައިވެފައެވެ. ދެން އިތުރަށް ކެތްނުކުރެވިގެން الإمام أبوبكر ވިދާޅުވި އެވެ. "އަޅުގަނޑު ބަނޑުހައި ވެއްޖެ އެވެ. މާތް ﷲ ގެ ރަސޫލާ އެވެ"! އެހެން ވިދާޅުވެފައި ކަނަކަށް ޖެހިލައްވައިފި އެވެ. ކަމުވޮށިގެންވާ ބޭކަލަކު ދެ ނޯކަރުންނާ އެކު އަތުވެއްޖެ އެވެ. އަދި ބުންޏެވެ. "އަހަރެންގެ އަޚުންނޭވެ! ތިޔަ ދެ ބޭކަލުން އަހަރެންގެ ކާފަ رَسُوْلُ اللهِ ﷺ ގެ އަރިހުން ތި އެދުނީ ބަނޑުހައިވެފައި ތިބުމުން އެހީތެރިކަމަށެވެ. އެކަލޭގެފާނު ތިމަންނަ އަށް އަމުރުކުރެއްވީ ތިޔަ ދެ ބޭކަލުންނަށް ކާންދިނުމަށެވެ". އެ ހުރިހާ އެންމެން ކެއީ އެއްކޮށެވެ. އޭނާ ވަޑައިގަތ ބާކީ ހުރި ކާނާ އެ ދެ ބޭކަލުންނަށް ދޫކޮށްލައްވާފައެވެ.
"ކަމަކުން ގެއްލުމެއް ލިބިފައިވާ ކޮންމެ މީހަކު، ވުޟޫކޮށްގެން ދެ ރަކްޢަތް ނަމާދެއްކުރާހުށި ކަމެވެ! ދެން ކިޔާށެވެ. 'يا ربّي! އަޅާ އިބަރސްކަލާނގެ އަށް ދަންނަވަމެވެ. ޢާލަމްތަކުގެ ރަޙްމަތް ކަމުގައިވާ رَسُوْلُ اللهِ ﷺ ގެ ޝަފާޢަތް މެދުވެރިކޮށް އަޅާ އިބަރަސްކަލާނގެ އަށް އާދޭސް ދަންނަވަމެވެ. يا حضرة محمّد! އަޅުގަނޑުގެ ދުޢާ އިޖާބަކޮށްދެއްވުމަށް އަޅާގެ އަށް ޝަފާޢަތަށް ދެންނެވުމަށް އަޅުގަނޑު ތިބާ އިޚްތިޔާރުކުރަމެވެ. މި މަތިވެރި ނަބިއްޔާ އަޅާގެ ޝަފާޢަތްތެރިޔާ އަށް ހައްދައިދެއްވާދޭވެ".
حديث الشريف
އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ أبو عبدالله بن نُعمان مراكشي التلمساني (އަވަހާރަވީ ހިޖުރައިން 683/ މީލާދީން 1284 ގައި) رَسُوْلُ اللهِ ﷺ އަށް ވާޞިލާ ކޮށް ދުޢާކޮށްގެން އެބައިމީހުން ބޭނުންވީ ކަންތައް ޙާޞިލުކުރި އެތަކެއް ސަތޭކަ މުސްލިމުންގެ ވާހަކަތައް، އޭނާގެ ފޮތް مِصبًاحُ الظلام ގައި ތަފްޞީލުކޮށް ލިޔުއްވާފައި ވެއެވެ. އެ ގޮތުން رَسُوْلُ اللهِ ﷺ އަށް ވާޞިލާ ކޮށްގެން ބޭނުންވީ ކަންތައްޙާޞިލުކުރި އެކަކީ، محمّد بن المنكدر އެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "މީހަކު އަށްޑިހަ ރަން ފައުނު އަހަރެންގެ ބައްޕަ އަތަށް ރައްކާކޮށްފައި ބެހެއްޓުމަށް ދީފައި ޖިހާދުކުރުމަށް ހިނގައްޖެ އެވެ. އޭނާ ބުނެފައިވެއެވެ. 'މިތަކެތި އަޅުގަނޑަށް ޓަކައި ބަހައްޓަވާށެވެ! ބޭނުންޖެހިފައި ތިބޭ މީހުންނަށް ތިބާ މިތަކެތި ލޭންދޭނަށް ދެވިދާނެއެވެ'. އެ ދުވަސްވަރު މަދީނާ ގައި ބަނޑުހައިހޫނުކަން އޮތެވެ. އަހަރެންގެ ބައްޕަ، ބަނޑަށްޖެހިފައި ތިބި މީހުންނަށް އެ ހުރިހާ ރަނެއް ދެއްވައިފި އެވެ. އެ މީހާ އެނބުރި އައިސް އޭނާގެ ރަން ދިނުމަށް އެދިއްޖެ އެވެ. އަހަރެންގެ ބައްޕަ ވިދާޅުވީ 'ޖެހިގެން އަންނަ ރޭ އައުމަށެވެ'. އޭނާ އަށް ގޮސް، ހެނދުނު ވަންދެން އަށް ޞަލަވާތް ކިޔަވަން ހުއްޓެވެ. މެނަދމު ވަގުތު، މީހަކު އައިސް ބުންޏެވެ. 'ތިބާގެ އަތްތިލަ ހުޅުވާށެވެ'. އޭނާ އަށް ރަން ކޮތަޅެއް ދެއްވުމުން އޭނާ ގޮސްފި އެވެ. އަހަރެންގެ ބައްޕަ، ގޭގައި ރަން ފައުނުތައް ގުނުމުން އަށްޑިހަ ފައުނު އޮތްތަން ފެނިވަޑައިގަތެވެ. ބައްޕާފުޅު އެކަމާ އުފާކުރައްވައި ވަގުތުން އޭގެ ވެރިޔާ އަށް ދެއްވައިފި އެވެ".
މި ފޮތުގައި أبو عبدالله التلمساني، އޭނާ ތަޖްރިބާކުރެއްވި ޙާދިސާއެއް ސިފަކުރައްވާފައިވަނީ ތިރީގައިވާ ފަދައިންނެވެ.: "ހިޖުރައިން 637 ވަނަ އަހަރު (މީލާދީން 1239)، އަހަރެމެން ކަމުވޮށިގެންވާ ބޭކަލުން ކޮޅަކާ އެކު ޞަދަރު ކިއްލާ ދޫކޮށް ނުކުމެއްޖައީމުއެވެ. އަހަރެމެންނަށް މަގުދައްކައިދޭން މީހަކު ހުއްޓެވެ. އިރުގަނޑަކަށް ދިއުމަށް ފަހު، އަހަރެމެން އަތުން ފެން ހުސްވެއްޖެ އެވެ. އަހަރެން ޤަޟާޙާޖަތަކަށް ގޮސްފީމެވެ. އެ ވަގުތު، އަހަރެން ގާތަށް ވަރަށް ބޮޑަށް ނިދި އަތުވެއްޖެ އެވެ. އެމީހުން ނައްތާލަންވީމާ، އަހަންނަށް އެ މީހުން ގޮވާނެ ކަމަށް ޔަޤީންކޮށްގެން، ބިންމަތީގައި ބޯންޖައްސާލައިގެން އޮށޯވެލައިފީމެވެ.
އަހަރެން ނިދިން ހޭލި އިރު، އަހަންނަށް ފެނުނީ އަހަރެން ސަޙަރާގެ މެދުގައި އޮތްވައެވެ. އަހަރެންގެ އެކުވެރިން އަހަރެން މަތިން ހަނދާން ނެތި ދޫކޮށްލާފައި ގޮސްފި އެވެ. އެކަނިމާ އެކަނި ވުމުން އަހަރެން ވަރަށް ބިރުގެންފި އެވެ. ސަޙަރާ ގެ ތެރޭގައި އަހަރެން އާވާރާވެގެން ހިނގަންފަށައިފީމެވެ. އަހަރެން ވީ ތަނެއް އަދި ދާންވީ ތަނެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. ހުރިހާ ދިމާލެއްގައި ވެސް ވަނީ އޮމާން ވެއްޔެވެ. ދާދި އަވަހަށް އަނދިރިވެއްޖެ އެވެ. އަހަރެން އެ މީހުންނާ އެކު ދަތުރުކުރަމުންދިޔަ ވިޔަފާރި ޤާފިލާގެ ހިލަމެއް ވެސް ނެތެވެ. ރޭގަނޑުގެ ކަނު އަނދިރި ކަމުގައި އަހަރެން ހުރީ އެކަނިމާ އެކަންޏެވެ. އަހަރެންގެ ބިރުވެރިކަން އަދި އިހުނަށް ވުރެ ބޮޑުވެއްޖެ އެވެ. އަވަސް އަވަހަށް ދިއުމަށް ތަކައި، އަހަރެން ބާރަށް ހިނގަން ފަށައިފީމެވެ.
އިރުގަނޑަކަށް ދިޔަ ފަހުން، ކަރުހިއްކައިގެން، ވަރުބަލިވެ ގައިން ބާރުދޫވެގެން އަހަރެން ބިން މައްޗަށް ވެއްޓިއްޖެ އެވެ. އަހަރެން ދިރިހުރުމާ މެދު އުއްމީދު ކަނޑައެއް ނުލަމެވެ. އަދި މަރުކައިރިވަމުން އަންނަ ކަމުގެ އިޙްސާސް ކުރެވުނެވެ. އަހަރެން ހުރީ ކިޔައިނުދެވޭ ފަދަ ވޭނެއްގައެވެ؛ އަހަރެން އުފުލަމުންދިޔަ ބުރައާއި، ވޭން ދާނެ އެންމެ މައްޗަކަށް ގޮސްފި އެވެ. ކުއްލިއަކަށް އަހަރެންގެ ހިތަށއެރި އެވެ. ރޭގަނޑުގެ އަނދިރިކަމުގައި، އަހަރެންގެ ހުރި ބާރެއް ލާފައި، އިޚްލާޞްތެރި ކަމާއެކު އަހަރެން ބުނީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! އެހީދެއްވާށެވެ! الله تعالى ގެ އިޒުނަފުޅާ އެކު އަޅުގަނޑަށް އެހީދެއްވުމަށް އަޅުގަނޑު އެދި ދަންނަވަމެވެ'!
އަހަރެން ދައްކަމުންދިޔަ ވާހަކަ ހަމަ ނިމުމާ އެކު، ކޮންމެވެސް މީހަކު އަހަންނަށް ގޮވާ އަޑު އިވިއްޖެ އެވެ. އެ އަޑު އަންނަ ދިމާލަށް އަހަރެން ބަލައިލި އިރު، އަހަންނަށް ފެނުނީ، ސާފު ހުދު ކުލައިގެ ހެދުމެއް ލައިގެން ހުންނެވި، ރޭގަނޑުގެ އަނދިރިކަމުގައި އެ ބޭކަލެއް ވަށައިގެން އަލިކަން ފެތުރިފައިވާ، ކުރިން އަހަރެން ދެކެފައިނުވާ ބޭކަލަކު އަހަންނަށް ގޮވާ ތަނެވެ. އެ ބޭކަލަކު އަހަންނާ ހަމަޔަށް ވަޑައިގެން އަހަރެންގެ އަތުގައި ހިއްޕެވި އެވެ. އެ ވަގުތު، އަހަރެންގެ ހުރިހާ ވަރުބަލިކަމަކާއި ކަރުހިއްކުމެއް ފިލައިގެން ހިނގައްޖެ އެވެ. އެއާއެކު އަހަންނަށް އިޙްސާސްކުރެވުނީ އަލުން ދުނިޔެ އަށް އުފަންވީ ހެންނެވެ. އަހަރެން ވަގުތުން އެ ބޭކަލަކަށް މަރުޙަބާ ކިޔައިފީމެވެ. އިރުކޮޅެއް ވަންދެން، އަހަރެމެން ދެ މީހުން އަތާއި އަތް ޖޯޑުކޮށްގެން ހިނގާފައި ދިޔައިމެވެ. އަހަންނަށް އިޙްސާސްކުރެވުނީ، އަހަރެންގެ ޙަޔާތުގެ އެންމެ ރިވެތި ވަގުތުތައް ތަޖްރިބާކުރަމުން ދިޔަ ކަމަށެވެ. ވެލި ފުންޏެއްގެ މަތިން އެރުމަށް ފަހު، އަހަރެން ދަތުރުކުރަމުން ދިޔަ ވިޔަފާރި ޤާފިލާގެ އަލިކަން އަހަންނަށް ފެނި، އަހަރެންގެ ރަޙްމަތްތެރިން ވާހަކަދައްކާ އަޑު އިވެން ފަށައިފި އެވެ. އަހަރެމެން އެ މީހުންނާ ދިމަލަށް ދިޔައިމެވެ.
އަހަރެން ދުއްވަމުންދިޔަ ޖަނަވާރު ދިޔައީ ވިޔަފާރި ޤާފިލާ ފަހަތުންނެވެ. ކުއްލިއަކަށް، އޭތި އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެ އެވެ. އަހަރެންގެ ގޮނޑި އަހަރެންގެ ކުރިމަތިން ފެނުމުން، އަހަރެން ކުޑަކޮށް އުފަލުން ރޮވިއްޖެ އެވެ. އަހަރެން ރޮއެގަތުމުން، އަހަންނާ އެކު ހުންނެވި ބޭކަލަކު އަހަރެންގެ އަތުން ދޫކޮށްލައްވައިފި އެވެ. ދެން، އެ ބޭކަލަކު އަނެއްކާ ވެސް އަހަރެންގެ އަތުގައި ހިތްޕަވައި، އަހަރެންގެ ޖަނަވާރަށް ސަވާރުވާން އެހީތެރލި ވެލެއްވި އެވެ. އޭގެ ފަހުން، އެ ބޭކަލަކު ވިދާޅުވި އެވެ. 'ކަމަކަށް އެދޭ މީހަކު ނުވަތަ އެހީއަށް އެދޭ އެއްވެސް މީހަކު އަހަރެމެން އަނބުރާ ފޮނުވާނުލަމެވެ". މިހެން ވިދާޅުވެފައި އެ ބޭކަލަކު އެތަން ދޫކުރައްވައި ވަޑައިގެންފި އެވެ. އެ ވަގުތު، އަހަންނަށް ވިސްނުނީ އެއީ، އަހަރެމެންގެ ރަސޫލާ رَسُوْلُ اللهِ ﷺ ކަމެވެ. އެ ބޭކަލަކު އެނބުރި ވަޑައިގަންނަވަމުން ގެންދެވި އިރު، އެކަލޭގެފާނުގެ ހަށިކޮޅުން އަރަމުންދިޔަ ނޫރު ދިޔައީ ރޭގަނޑުގެ އަނދިރިކަމުގައި އުޑަ ދިމާލަށެވެ. އޭނާ އެ ބޭކަލަކު އަހަރެންގެ ނަޒަރުން ގެއްލުމުން، އަހަރެން ކުއްލިއަކަށް އަހަރެންގެ އިޙްސާސްތަކަށް އާދެވުނެވެ. ދެރަވެފައި، އަހަރެންގެ އަމިއްލަ ނަފްސާ މުޚާޠަބުކޮށް ބުނީމެވެ. 'رَسُوْلُ اللهِ ﷺ ގެ ދެ އަތްކޮޅާއި ދެ ފައިކޮޅުގައި އަހަރެން ބޮސްނުދިނީ ކީއްވެގެން ހެއްޔެވެ'؟ އެހެންނަމަވެސް، އޭރު މާ ލަސްވެ، އަހަންނަށް ފުރުޞަތު ގެއްލިއެވެ".
މަދީނާ ގައި ބަނޑުހައި ހޫނުކަމުގެ ފަސް ދުވަހަށް ފަހު، أبو الخير، حُجرة السعادة އަށް ދުރުވެ رَسُوْلُ اللهِ ﷺ އަށް ސަލާމްކޮށްފި އެވެ. އޭނާ ބުނުއްވި ގޮތުގައި، އޭނާ ހުރީ ބަންޑުހައިވެފައެވެ. އަދި ދާދި އަވަހަށް ނިދިޖެހިގެން އެއް ފަރާތަކަށް ވެއްޓިއްޖެ އެވެ. އޭނާގެ ހުވަފެނުގައި، އޭނާ އަށް ފެނުނީ، رَسُوْلُ اللهِ ﷺ ވަޑައިގަންނަވާ އިރު، އެކަލޭގެފާނުގެ ކަނާތްފަރާތުގައި أبوبكر الصدّيق، ވާތްފަރާތުގައި عمرالفاروق އަދި علي المُرتَضَى (رضي الله تعالى عنهم أجمعين) އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހިންގަވަމުން ދިޔަ ތަނެވެ. علي (رضي الله عنه) ވަޑައިގެން ވިދާޅުވި އެވެ. "އޭ أبا الخير އެވެ! ތެދުވާށެވެ. އޮށޯވެގެން އޮންނެވީ ކީއްވެގެން ތޯ އެވެ؟ رَسُوْلُ اللهِ ﷺ އެބަ ވަޑައިގަންނަވައެވެ"! އޭނާ ވަގުތުން ކޮޅަށް ތެދުވެ ވަޑައިގެންފި އެވެ. ވަޑައިގެން އޭނާ އަށް ބޮޑު ޕާނެއް ދެއްވައިފި އެވެ. އޭގެ ފަހުން، أبو الخير ބުނުއްވިއެވެ. "އަހަރެން ވަރަށް ބޮޑަށް ބަނޑުހައިވެފައި ވުމާއެކު، އަހަރެން ވަގުތުން ކާން ފަށައިފީމެވެ. އޭގެ ދެބައިކުޅަ އެއްބައި އަހަންނަށް ކެވިފައިވަނިކޮށް އަހަންނަށް ހޭލެވިއްޖެ އެވެ. ބަކީ ހުރި ބައި އަހަންނަށް ފެނުނީ އަހަރެންގެ އަތުގައި ހުއްޓައެވެ".
مِصبًاحُ الظلام ގައި އަދިވެސް ލިޔެވިފައި ވެއެވެ.: أحمد بن محمّد صوفي ވިދާޅުވި އެވެ. ވިދާޅުވި އެވެ. "ޙިޖާޒުގެ ސަޙަރާ ގައި އަހަރެން އަތުގައި ހިފާގެންގުޅޭ ތަކެތި ހުސްވެއްޖެ އެވެ. އަހަންނަށް މަދީނާ އަށް ވާޞިލުވެއްޖެ އެވެ. حُجرة السّعادة ކައިރި އަށް ދެވުމުން އަހަރެން رَسُوْلُ اللهِ ﷺ އަށް ސަލާމް ކުރީމެވެ. ދެން، އެއްފަރާތެއް ގައި އިށީނދެ އިންދާ ނިދިއްޖެ އެވެ. رَسُوْلُ اللهِ ﷺ ފާޅުވެ حديث ކުރެއްވި އެވެ. 'އަޙްމަދު، ތިއައި ހެއްޔެވެ؟ ދެއަތް ހުޅުވާށެވެ'! އެކަލޭގެފާނު އަހަރެންގެ ދެ އަތްތިލަ ރަނުން ފުރާލެއްވި އެވެ. އަހަރެން ހޭލި އިރު، އަހަރެންގެ އަތްތިލަ ހުރީ ރަނުން ފުރިފައެވެ".
الإمام السمهودي އޭނާ އާ ދިމާވި ޙާދިސާއެއް އޭނާގެ ފޮތް "މަދީނާގެ ތާރީޚު" ގައި ސިފަކުރައްވާ ގޮތުގައި: އަހަރެންގެ ތަޅުދަނޑި ގެއްލިއްޖެ އެވެ. އަހަންނަކަށް އެ ތަޅުދަނޑި ނުފެނުނެވެ. އަހަރެން حُجرة السّعادة އަށް އައިސް ބުނީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ތަޅުދަނޑި ގެއްލިއްޖެ އެވެ؛ އަޅުގަނޑަކަށް ގެއަކަށް ނުދެވޭނެ އެވެ. އެވަގުތު، ކުޑަ ފިރިހެން ކުއްޖެއް އައެވެ. އޭނާގެ އަތުގައި އޮތް ތަޅުދަނޑި ދައްކަމުން އެ ކުއްޖާ ބުންޏެވެ. "މީ އަހަރެން ހޯދި ތަޅުދަނޑިއެކެވެ. މިއީ، ތިބާގެ ތަޅުދަނޑިއެއް ހެއްޔެވެ"؟
ކަލިސް ގެ مصطفى عشقي أفندي އޭނާގެ ފޮތް المَوارد المجيديّة ގައި ލިޔުއްވި އެވެ.: "އަހަރެން މަދީނާ ގައި ވިހި އަހަރު ވަންދެން ހުރީމެވެ. ފަސްދޮޅަސް ރަން ފައުނު ރައްކާކުރުމަށް ފަހު، އަހަންނާއި، އަހަރެންގެ އަނބިމީހާ އާއި، ދަރިން މަދީނާ އަށް އައީ، ހިޖުރައިން 1247 (މީލާދީން 1831) ގައެވެ. އަތުގައި ހުރި ހުރިހާ ފައިސާއެއް ދަތުރު ތެރޭގައި އަހަރެމެން އެއްކޮށް ހޭދަކުރީމެވެ. މެހްމާނުންގެ ގޮތުގައި ރައްޓެއްސެއްގެ ގެއަށް އަހަރެމެން ދިޔައިމެވެ. އަހަރެން حُجرة السّعادة އަށް ޒިޔާރަތްކޮށް رَسُوْلُ اللهِ ﷺ ގެ އެހީތެރިކަމަށް އެދުނީމެވެ. ތިން ދުވަސް ފަހުން އަހަރެމެން ތިބި ގެއަށް ފިރިހެނަކު އައިސް ބުނީ އޭނާ އަހަރެމެން ތިބުމަށް ގއެއް ކުއްޔަށް ހިފި ވާހަކައެވެ. އޭނާ އަހަރެންގެ ތަކެތި އެ ގެއަށް ގެންދިއުމުގެ ކަންތައް ހަމަޖެއްސި އެވެ. އޭނާ އެއް އަހަރުގެ ކުލި ދެއްކި އެވެ. މަސްތަކެއް ފަހުން، އަހަރެން ބަލިވެ އެއް މަސް ވަންދެން އެނދުމަތިވެފައި އޮތީމެވެ. ގޭގައި ކާނެ ނުވަތަ ވިއްކާނެ އެއްޗެއް ނެތެވެ. އަހަރެންގެ އަންހެނުންގެ އެހީތެރިކަމާ އެކު އަހަރެން ފުރާޅަށް އެރީމެވެ. އަހަރެން ބޭނުންވީ އަހަންނަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކަ، رَسُوْلُ اللهِ ﷺ ގެ މަޤްބަރާ އާ ދިމާލަށް އެނބުރި ބުނެ އެހީތެރިކަމަށް އެދުމެވެ. އެކަމަކު، ނަމާދުކުރުމަށް ޓަކައި، އަހަރެންގެ ދެ އަތް ނެގުމާ އެކު، ދުނިޔަވީ ކަމަކަށް އެދުމަށް ލަދުގެންފި އެވެ. އަހަންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އަހަރެންގެ ކޮޓަރިއަށް ފައިބާފީމެވެ.
ޖެހިގެން އައި ދުވަހު، ކޮންމެވެސް މީހަކު އައިސް ބުންޏެވެ. 'މިވެނި މީހަކު މި ރަން ފައުނުތައް ފޮނުވީ ހަދިޔާއެއްގެ ގޮތުގައެވެ'. އަހަރެން އެ ކޮތަޅު ނެގީމެވެ. އަހަރެމެންގެ ދިރިއުޅުމުގެ ޙާލަތު ބަދަލު ވިޔަސް، އަހަރެންގެ ބަލި ރަނގަޅެއް ނުވި އެވެ. އެހީތެރިކަމާ އެކު، އަހަރެން އަށް ގޮސް رَسُوْلُ اللهِ ﷺ ގެ އަރިހުން އެދުނީ ބަލިން ރަނގަޅުކޮށްދެއްވުމަށެވެ. އަހަރެން މިސްކިތް ދޫކޮށް އެއްވެސް މީހަކުގެ ކައިރިން އެހީތެރިކަމަށް ނޭދި ހިނގާފައި ދިޔައީ ގެއަށެވެ. އަހަރެން ގެއަށް ވަން އިރު އަހަރެންގެ ބަލިން އެއްކޮށް ފަސޭހަވެއްޖެ އެވެ. ޝައިޠާނީ ނަޒަރުން ސަލާމަތްވުމަށް ޓަކައި، މަދު ދުވަސްކޮޅެއް ވަންދެން އުޅުނީ ބޭރުގައެވެ. ދާދި އަވަހަށް، ފައިސާކޮޅު ހުސްވެއްޖެ އެވެ. އަހަރެންގެ އަނބިމީހާ އާއި ދަރިންނަށް ވާނުވާ ނާންގާ ހުރެ، އަހަރެން ދިޔައީ مسجدُ النّبَوٍي އަށެވެ. ޢިޝާ ނަމާދަށް ފަހު، އަހަރެންގެ މައްސަލަތަކުގެ ވާހަކަ رَسُوْلُ اللهِ ﷺ އަށް ދެންނެވީމެވެ. ގެއަށް އެނބުރި ދިޔަ މަގުމަތީގައި، އަހަރެން ނުވެސް ދަންނަ މީހަކު އަހަންނާ ބައްދަލުކޮށް، އަހަންނަށް އަތްދަބަހެއް ދިނެވެ. އޭގެ ތެރޭގައި ސާޅީސް ނުވަ ރަން ފައުނު ހުއްޓެވެ. އެއިން ކޮންމެ ފައުނެއްގެ އަގަކީ ނުވަތަ ކުރުސް އެވެ. އުއްބައްތި އާއި ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށް ފަހު އެނބުރި އައީ ގެއަށެވެ."
(وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا ﴿٦٤﴾) * النّساء: 64) މާނައީ: "އަދި، އެއުރެން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދުނު ނަމަ، އަދި، رسول އާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ކުރެއްވި ނަމަ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ކަލަކު ކަމުގައި އެއުރެން ﷲ ދެކޭނެކަން ކަށަވަރެވެ".
سورة النّساء: 64
شقايق النُّعمانيّة ފޮތުގެ ތަރުޖަމާގެ ދެވަނަ ޢަދަދު ގައި ލިޔެވިފައި ވާ ގޮތުގައި، އިސްލާމީ މޮޅު ޢިލްމުވެރިޔާ ޢުޘްމާނީ ދައުލަތުގެ އެންމެ ފުރަތަމަ شيخ الإسلام، އަދި އޭނާގެ ޒަމާނުގެ مُجَدِّدُ ކަމުގައިވާ مولانا شمس الدّين محمّد بن حمزة فناري ކަޓަރެކްޓްސް ބަލި ޖެހި ލޯ ކަނުވެއްޖެ އެވެ. އެއް ރޭ އޭނާގެ ހުވަފެނުގައި رَسُوْلُ اللهِ ﷺ ފެނިއްޖެ އެވެ. އެކަލޭގެފާނު އޭނާ އާ ސުވާލުކުރެއްވީ "سورة طه ތަފްސީރު ކޮށްދޭށެވެ". އޭނާ ޖަވާބުދިނެވެ. "ކަލޭގެފާނުގެ އަރިހުގައި ކީރިތި ޤުރްއާން ތަފްސީރުކުރުމުގެ ކުޅަދާނަކަމެއް އަޅުގަނޑުގެ ނެތެވެ. ހަމައެހެންމެ އަޅުގަނޑަށް ލޮލުގައި ނުފެނެއެވެ". ނަބީންގެ ތެރެއިން ބަލިތައް ފަސޭހަކުރައްވާ ނަބިއްޔާ ކަމުގައިވާ އެކަލޭގެފާނުގެ ބަރަކާތްތެރި ހިރްކާ އިން ކަފަކޮޅެއް ނަންގަވައި، އެކަލޭގެފާނުގެ ބަރަކާތްތެރި ކުޅުން ތެތްކުރެއްވުމަށް ފަހ، އޭނާގެ ލޮލުގެ މަތީގައި އެޅުއްވި އެވެ. މައުލާނާ ފަނާރީ ހޭލެއްވި އިރު، ކަފަ ކޮޅު ފެނުނީ އޭނާގެ ލޮލުގެ ތެރޭގައި ވަނިކޮށެވެ. އޭނާ އެކަފަކޮޅު ނެންގެވުމުން އޭނާގެ ލޮލަށް ފެންނަން ފަށައިފި އެވެ. އޭނާ އަށް الله تعالى ޙަމްދާއި ޝުކުރުކުރެއްވި އެވެ. އޭނާ އެ ކަފަކޮޅު ނެންގެވުމަށް ފަހު ވަޞިއްޔަތްކުރެއްވީ އޭނާ މަރުވުމަށް ފަހު އެ ކަފަކޮޅު އޭނާގެ ލޯމަތީގައި ބޭއްވުމަށެވެ. އޭނާ ބަޞަރާ ގައި ހިޖުރައިން 834 (މިލާދީން 1431) ގައި އަވަހާރަވުމުން އެ މީހުން އޭނާގެ ވަޞިއްޔަތް ފުރިހަމަކުރިއެވެ.
حضرة الإمام مالك، ޢައްބާސީ ދައުލަތުގެ ޚަލިފާއެއް ކަމުގައިވާ أبو جعفرُالمَنصُور އާ އެކު ވާހަކަދައްކަވަމުން ގެންދެވީ مسجد النّبوي ގައެވެ. އޭނާ ވިދާޅުވި އެވެ. "އޭ މަންޞޫރުއެވެ! މިއީ مسجدُ النَّبَوِي އެވެ! ތިބާގެ އަޑު މަޑުކުރާށެވެ! الله تعالى ގްރޫޕަކަށް ލަޢުނަތް ލައްވައި، سورة الحُجرات ގައި ވަޙީކުރައްވާފައިވެއެވެ. ކީރިތި قرآن ގެ سورة الحُجرات ގެ 2 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ ﴿٢﴾) * الحُجرات: 2)4 މާނައީ: ''އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައި މީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައި މީހުން އެއްބަޔަކު އަދި ތިޔަބައި މީހުން އެއްބޔަކު އަނެއް ބަޔަކަށް ގަދަ އަޑުން ވާހަކަދައްކާ ފަދައިން އެކަލޭގެފާނަށް ގަދަ އަޑުން ބަސް ނުދަންނަވާށެވެ! (އެއީ) ތިޔަބައި މީހުންނަށް ނޭނގި ތިއްބާ، ތިޔަބައި މީހުންގެ عملތައް باطل ވެދާނެތީއެވެ". އަދި سورة الحُجرات ގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِندَ رَسُولِ اللَّهِ أُولَٰئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ﴿٣﴾) * الحُجرات: 3)5 މާނައީ: ''ހަމަކަށަވަރުން، ﷲ ގެ رسول އާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ މީހުންނީ އެއުރެންގެ ހިތްތައް ﷲ، إمتحان ކުރައްވައި، تقوى ވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ހުށްޓެވެ". އެކަލާނގެ ވަނީ މަޑުން ވާހަކަދައްކާ މީހުންނަށް ތަޢުރީފުކުރައްވާފައެވެ. رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު އެކަލޭގެފާނަށް އިޙްތިރާމް ކުރުން، އެކަލޭގެފާނު ދުނިޔޭގައި ހުންނެވި އިރު އިޙްތިރާމްކުރުމާ އެއްފަދަވެގެން ވެއެވެ".
منصور އޭނާގެ ބޯ ގުދުކުރައްވާފައި ވިދާޅުވި އެވެ. "އޭ أبا عبدالله އެވެ! އަޅުގަނޑު ކުރިމަތިލާންވީ ޤިބްލަ އަށް ތޯ އެވެ، ނުވަތަ حُجرة السّعادة އާ ދިމާލަށް ހެއްޔެވެ"؟ حضرة إمام مالك ވިދާޅުވި އެވެ. "ތިބާގެ މޫނު رَسُوْلُ اللهِ ﷺ އާ ދުރަށް ނާނބުރާށެވެ. ޤިޔާމަތް ދުވަހުގެ ޝަފާޢަތްތެރިޔާ ކަމުގައިވާ އެ މަތިވެރި ވާނީ ޤިޔާމަތް ދުވަހު ތިބާ އާއި، ތިބާގެ ބައްޕާފުޅު آدم (عليه السّلام) ގެ ދިންނެވެމުގެ ވާޞިލާ އަށެވެ.
قبر السّعادة އަށް ކުރިމަތިލައްވައިގެން ހުރެ ތިބާ އެކަލޭގެފާނުގެ ޝަފާޢަތަށް އެދި، ގެ ބަރަކާތްތެރި ރޫޙާ ގުޅިލަންވާނެ އެވެ. ކީރިތި قرآن ގެ سورة النّساء ގެ 64 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا ﴿٦٤﴾) * النّساء: 64) މާނައީ: ''ﷲ ގެ އިޒުނަފުޅާ އެކު، ކިޔަމަންވުމަށް ޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. އަދި، އެއުރެން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދުނު ނަމަ، އަދި، رسول އާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ކުރެއްވި ނަމަ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ކަލަކު ކަމުގައި އެއުރެން ﷲ ދެކޭނެކަން ކަށަވަރެވެ". މި އާޔަތުން އެކަލާނގެ ވަޢުދުފުޅުވަނީ رَسُوْلُ اللهِ ﷺ ވާޞިލާއަކަށް ހަދާ މީހުންގެ ތައުބާ އެކަލާނގެ ޤަބޫލުފުޅުކުރައްވާނެ ކަމަށެވެ".
އެއާ އެކު މަންޞޫރު ކޮޅަށް ތެދުވެ، حُجرة السّعادة ގެ ކުރިމައްޗަށް ދުރުވިއެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަރާމާތްތެރި އާޔަތުގައި، އިބަރަސްކަލާނގެ ވަޢުދުވެވޮޑިގެންފައިވަނީ، އިބަސުވާމީންގެ ރަސޫލާ އަށް ވާޞިލާކުރާ މީހުންގެ ތައުބާ ޤަބޫލުފުޅުކުރައްވާނެ ކަމަށެވެ! އަޅުގަނޑު ވެސް އިބަރަސްކަލާނގެ އަށް ދުޢާ ދަންނަނަވަނީ، އިބަރަސްކަލާނގެ ރަސޫލާގެ މަތިވެރި ޙާޟިރު ގައި ޢަފޫކޮށްދެއްވުމަށެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވި އިރު، އިބަ ރަސްކަލާނގެ ޢަފޫކޮށްދެއްވި އިބަ ރަސްކަލާނގެ އަޅުންގެ ފާފަތައް ވެސް ފުއްސަވައި ދެއްވި ފަދައިން އަޅުގަނޑުގެގެ ފާފަތައް ވެސް ފުއްސަވައިދެއްވާދޭވެ! އަޅުގަނޑު އިބަރަސްކަލާނގެ އަށް އާދޭސް ދަންނަވަނީ، އިބަރަސްކަލާނގެ މަތިވެރި ނަބިއްޔާ ރަޙްމަތުގެ ނަބިއްޔާ ވާޞިލާ އަކަށް ހަދައިގެންނެވެ. އެންމެ މާތް ނަބިއްޔާ محمّد އެވެ! އަޅުގަނޑު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް އާދޭސް ދެންނެވީ، ކަލޭގެފާނަށް تَوَسُّلކޮށްގެންނެވެ. އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކާލާކޮ! މަތިވެރި ރަސޫލާ އަޅުގަނޑުގެ ޝަފާޢަތްތެރިޔާ ކަމުގައި ލައްވާދޭވެ"! އޭނާ ނަމާދުކުރައްވަމުން ގެންދެވި އިރު، އޭނާ ހުކޮޅަށް ހުންނެވީ އޭނާގެ ބުރަކަށި ޤިބްލަޔަށް ވާ ގޮތަށެވެ. އަދި އޭނާގެ މޫނު ގެ ކުޑަދޮރކުރިމަތިވާ ގޮތަށެވެ. އޭނާގެ ވާތް ފަރާތުގައި ހުރީ المنبر النّبوي އެވެ.
حضرة الإمام مالك، ޚަލީފާ މަންޞޫރަށް ދެއްވި އިރުޝާދުން ހާމަކޮށްދެނީ، حُجرى السّعادة ގެ ކުރިމަތީގައި ނަމާދުކުރާ މީހުން ވަރަށް ބޮޑަށް ސަމާލުވެގެން ތިބެންޖެހޭ ކަމެވެ. ބުނެވޭ ގޮތުގައި، މި ތަނުގައި ރަނގަޅަށް ތަވާޟުޢުވެރިނުވެވޭ އަދި އިޙްތިރާމް ނުކުރާ މީހުން ދިގު މުއްދަތަކަށް މަދީނާ ގައިމަޑުކުރުން އެދެވިގެން ނުވެއެވެ.
مدينة المُنوّرة ގައި މަޑުކޮށް އެ ރަށުން ކައިވެނިކޮށްގެން ވަކި ޚިދުމަތްތަކެއް ދެމުންދިޔަ މީހާ އަނަޓޯލިޔާގެ އަވަށެއްގެ މީހަކު އެތަކެއް އަހަރެއް ވަންދެން ދިޔައީ ޙުޖްރަތުއް ސަޢާދާގައި ވަކިޚިދުމަތެއް ދެމުންނެވެ. އެއް ދުވަހަކު، ހުން އައިސް އައިރަން (ޔޮގަޓާއި ފެނުން ތައްޔާރުކުރާ ފިނި ބުއިމެއް) ބޯން ބޭނުންވެއްޖެ އެވެ. އޭނާ ވިސްނުނުގޮތުގައި، "އަހަރެން، އަހަރެންގެ އަވަށުގައި ހުރި ނަމަ، ޔޮގަޓުން ހަދާފައި ހުންނަ އައިރާން ލިބުނީހެވެ". އެ ރޭ، ޝައިޚުލް ޙަރަމްގެ ހުވަފެނުގައި رَسُوْلُ اللهِ ﷺ ފެނި، އެހެން މީހަކަށް އެ ޚިދުމަތެއް ދިނުމަށް އަމުރުކުރެއްވި އެވެ. އޭނާ ޖަވާބު ދިނެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އުއްމަތުގެ އެވެނި މީހަކު އެކަން އެބަކުރެއެވެ" رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެމީހަކު ކައިރީގައި އޭނާގެ އަވަށަށް ގިސް އައިރާން ބޯން ބުނާށެވެ". ޖެހިގެން އައި ދުވަހު، މި އަމުރު އެމީހަކަށް އެންގުމުން، އަވަށުމީހާ ބުންޏެވެ. "ކަލޭގެފާނު އަންގަވާ ގޮތެކެވެ"! މިހެންބުނެފައި، އޭނާގެ ރަށަށް ގޮސްފި އެވެ.
ހިތުގައި ހިނގާ އެންމެ ޚިޔާލަކުން ވަރަށް ބޮޑު ގެއްލުމެއް ދެވޭ އިރު، ޖޯކަކަށް ވިޔަސް، އަދަބާޚިލާފު ބޭއަދަބީ ޢަމަލަކުން ނުވަތަ ބަހަކުން ކިހާ ބޮޑު ގެއްލުމެއް ދެވިދާނެ ކަން ވިސްނައިގަންނަން ޖެހެއެވެ.
ތިބާ ދެކެ ލޯބިވާ މުއުމިނާގެ ހިތުގައި ވާ އީމާނަކީ ތިބާއޭ،
ތިބާއަކަށް އުނދަގުލެއް ނުވާނެއޭ، އޭނާގެ ހިތާމައިގެ ފަރުވާއަކީ ތިބާއޭ،
ތިބާގެ ޝަފާޢަތަށް އޭނާ އިންތިޒާރުކުރެއޭ، އޭނާގެ ހިތުގެ ޤަރާރަކީ ތިބާއޭ،
އެހީއަށް އުއްމިދުކުރާ މީހާ އަށް ޔަޤީނުން އެ ލިބޭނެއޭ، މާތް ﷲ ގެރަސޫލާއޭ.
رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔުމުގެ މުހިއްމުކަން
އެކަލޭގެފާނުގެ ނަންފުޅު އަޑުއިވޭ ނުވަތަ ލިޔެވިފައިވާ ކޮންމެ ފަހަރަކު رَسُوْلُ اللهِ ﷺ އަށް ކުރާ އިޙްތިރާމެއްގެ ގޮތުން އެކަލޭގެފާނަށްޞަލަވާތް ކިޔުމަކީ އެންމެ މުހިއްމު އެއް ވާޖިބެވެ. ކީރިތި قرآن ގެ سورة الأحزاب ގެ 56 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴿٥٦﴾) * الأحزاب: 56) މާނައީ: ''ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުން އެދި ތިޔަބައި މީހުން ގިނަގިނައިން دعاء ކުރާށެވެ"!
ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މި އާޔަތުގައި ބަޔާންކުރައްވާފައިވާ "صلاة" މި ކަލިމައިގެ މާނައަކީ، رحمة (އޯގާވަންތަވެރިކަން)، މަލާއިކަތުން ކުރައްވާ إستغفار (ފާފަ ފުއްސެވުން އެދި ދުޢާކުރުން)، އަދި މުސްލިމުން ކުރާ ދުޢާ އެވެ. ހުރިހާ އިސްލާމީ ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި، ޢުމުރުން އެއް ފަހަރު ޞަލަވާތް ކިޔެވުމަކީ، ފަރްޟެކެވެ. ފުރަތަމަ ފަހަރަށް މީހަކު (رَسُوْلُ اللهِ ﷺ ގެ ނަންފުޅުތަކުގެ ތެރެއިން ނަން ފުޅެއް) ބުނެ، އަޑުއަހައި، ކިޔައި، ނުވަތަ ލިޔެ ހަދާ އިރު، ޞަލަވާތް ކިޔެވުމަކީ ވާޖިބެކެވެ. އަދި رَسُوْلُ اللهِ ﷺ ނަންފުޅު ތަކުރާރުކުރެވޭ ކޮންމެ ފަހަރަކު ޞަލަވާތް ކިޔެވުމަކީ މުސްތަޙައްބު ކަމެކެވެ.
الله تعالى ގެ ޙަޟްރަތުން ކަމެއް ބޭނުންވާ ކޮންމެ މީހަކު ފުރަތަމަ الله تعالى އަށް ޙަމްދު ސަނާ ކިޔުމަށް ފަހު، رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔަންވާނެ އެވެ. މިފަދަ ދުޢާއެއް އިޖާބަކުރެއްވުން އައުލާކަން ބޮޑުވެގެން ވެއެވެ. ދެ ޞަލަވާތާ އެކު (ދުޢާގެ ފެށުމާއި ނިމުމުގައި) ކުރެވޭ ދުޢާ ޤަބޫލުނުކުރައްވާ ނުދެއެވެ.
أبو طلحة (رضي الله عنه) ރިވާކުރައްވާފައި ވެއެވެ.: އަހުރެން رَسُوْلُ اللهِ ﷺ ގެ އަރިހަށް ދިޔައިމެވެ. އެކަލޭގެފާނުގެ ކިބަފުޅުން އަހަންނަށް މީގެ ކުރިން އެއްގޮތަކަށް ވެސް ފެނިފައިނުވާ ފަދަ އުފާޥެރިކަމެއް އަހަންނަށް ފެނުނެވެ. އޭގެ ސަބަބާ ބެހޭގޮތުން، އަހަރެން އެކަލޭގެފާނަށް ސުވާލު ދެންނެވުމުން އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު އުފާނުކުރައްވަންވީ ކީއްވެގެން ހެއްޔެވެ؟ މީގެ ކުޑަ އިރުކޮޅެއް ކުރިން، حبريل (عليه السّلام) އުފާވެރި ޚަބަރު ގެނެސްދެއްވި އެވެ. الله تعالى ވަޙީކުރެއްވި އެވެ. 'ކަލޭގެފާނުގެ އުއްމަތުގެ މީހަކު ކަލޭގެފާނުގެ މައްޗަށް އެއް ފަހަރު ޞަލަވާތް ކިޔާ އިރު، އޭގެ ބަދަލުގައި الله تعالى ދިހަ ޞަލަވާތް ވަޙީކުރައްވައެވެ'".6
މި މައުޟޫއުގެ މައްޗަށް އައިސްފައިވާ ބައެއް حديثތައް ތިރީގައި މިވަނީ އެވެ.:
"ތިމަންކަލޭގެފާނުގެ ނަންފުޅު އެ މީހެއްގެ ކައިރީގައި ކިޔޭ އިރު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔާ ފަޟީޙަތްކުރައްވާށި އެވެ. ރަމަޟާން މަސް އައިސް ނިމިގެންދާ އިރު، އެ މީހެއްގެ ފާފަތައް ނުފުއްސަވާ މީހާ ފަޟީޙަތްކުރައްވާށި އެވެ. އެ މީހެއްގެ މައިންބަފައިން މުސްކުޅި ޢުމުރަށް އެޅުމުން އެ މީހުން ހިތްރުއްސާނުލެވި ސުވަރުގެ އަށް ނުވަދެވޭ މީހާ ފަޟީޙަތްކުރައްވާށި އެވެ".
"ބަޚީލު މީހާ އަކީ، އެ މީހެއްގެ ޙާޒިރު ގައި ތިމަންކަލޭގެފާނުގެ ނަންފުޅު ބުނެވި، އެކަމަކު ތިމަންކަލޭގެފާނުގެ މައްޗަށް صلاة އާއި سلام ނުފޮނުވާ މީހާ އެވެ".
"ތިމަންކަލޭގެފާނަށް އެއް ފަހަރު ޞަލަވާތް ފޮނުވާ މީހަކަށް الله تعالى ދިހަ ފަހަރު ސަލަވާތް ފޮނުއްވައި، އޭނާގެ ދިހަ ފާފައެއް ފުއްސަވާދެއްވައި، އޭނާގެ ދަރަޖަ ދިހަ ފަހަރު އުފުއްލަވައެވެ".
حديث الشريف
أبو حُميد السّاعدي (رضي الله عنه) ވިދާޅުވެފައި ވެއެވެ. "ބައެއް ޞަޙާބީން رَسُوْلُ اللهِ ﷺ ގެ އަރިހުން ސުވާލުކުރި އެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ މައްޗަށް އަޅުގަނޑުމެން ޞަލަވާތާއި ސަލާމް ކިޔަވާނީ ކިހިނެއް ތޯ އެވެ'؟ حديث ކުރެއްވި އެވެ. 'اللّهُمَّ صلِّ على مُحمّدٍ وَ أَزْوَاجِهِ وَ ذُرِّيَّاتِهِ كما صَلَّيتَ عَلَى إبْراهيمَ و بارِكْ على مُحمَّدِ وأَزْواجِهِ و ذُرِّيَّاتِهِ كما باركتَ علَى إبراهيمَ إِنَّكَ حميدٌ مَجيد'،7 މިހެން ކިޔާށެވެ".
ބައެއް ޞަލަވާތްތައް ތިރީގައި މި ވަނީ އެވެ.:
"عليه السّلام".
"صلَّى اللهُ عليه وسلَّم".
"عليه الصّلاةُ والسّلامُ والتَّحيَّة".
"اللَّهُمَّ صلِّ على سَيِّدِنَا مُحَمَّد".
"اللَّهُمَّ صلِّ على مُحَمَّدٍ وعلَى آلِهِ و أَصحابِهِ أَجْمَعين".
"علِيهِ و علَى جَميعِ منَ الصَّلَوَاتِ أَتَمُّهَا و منَ التَّحِيّاتِ أَيْمَنُهَا".
"اللّهُمَّ صلِّ على مُحَمَّدٍ وعلَى آلِ مُحَمَّدٍ كَمَا صَلَّيتَ عَلَى إبْراهيمَ و علَى آلِ إِبرَاهيم...".
ކޮންމެވެސް މީހަކު އަންނަނިވި ފަދައިން މިކަން ގުޅުވާލިއެވެ.: އަހަރެންގެ އެކުވެރިޔަކު އޭނާ ފޮނުވި ސިޓީ ގައި ގެ ނަންފުޅު ބަޔާންކުރެވޭ ކޮންމެ ފަހަރު "صَلّى اللهُ عليه و سلَّمَ تَسْلِيمًا كَثِيرّا كَثِيْرًا"، މިހެން ލިޔެފައި ވެއެވެ. އަހަންނަށް އޭނާ ފެނުމުން، އޭނާ އެކަން އެ ގޮތަށް ކުރީ ކީއްވެގެން ތޯ ސުވާލުކުރުމުން، އޭނާ ބުންޏެވެ. "އަހަރެން ޒުވާން އިރު އަހަރެން حديث ފޮތްތައް ލިޔުނީމެވެ. އޭރު، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ނަންފުޅު ލިޔުނި އިރު ޞަލަވާތް ނުލިޔަމެވެ. އަހަރެންގެ ހުވަފެނުގައި رَسُوْلُ اللهِ ﷺ ފެނި އެކަލޭގެފާނުގެ އަރިހށް ދިޔައިމެވެ. އެކަލޭގެފާނުގެ މޫނުފުޅު ދުރަށް އަނބުރާލެއްވި އެވެ. އަހަރެން އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ގޮސް ހުއްޓިފައި ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ މޫނުފުޅު އަޅުގަނޑާ ދުރަށް އަނބުރާލެއްވީ ކީއްވެގެން ތޯ އެވެ"؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "ސަބަބަކީ، ތިބާގެ ފޮތުގައި ތިމަންކަލޭގެފާނުގެ ނަންފުޅު ލިޔުނު އިރު ޞަލަވާތް ލިޔެފައެއް ނެތެވެ". އޭގެ ފަހުން، އަބަދު ވެސް އަހަރެން އެކަލޭގެފާނުގެ ނަންފުޅު ލިޔަނީ ޞަލަވާތާ އެކުގައެވެ".
ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ.:
"ތިމަންކަލޭގެފާނަށް އެއް ފަހަރު ޞަލަވާތް ފޮނުވާ މީހަކަށް الله تعالى ދިހަ ފަހަރު ސަލަވާތް ފޮނުއްވައި، އޭނާގެ ދިހަ ފާފައެއް ފުއްސަވާދެއްވައި، އޭނާގެ ދަރަޖަ ދިހަ ފަހަރު އުފުއްލަވައެވެ".
"ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނާ އެންމެ ކައިރީގައިވާނީ، އަދި ތިމަންކަލޭގެފާނުގެ ޝަފާޢަތް އެންމެ ބޮޑަށް ޙައްޤުވާނީ، ތިމަންކަލޭގެފާނުގެ މައްޗަށް އެންމެ ގިނައިން ޞަލަވާތާއި ސަލާމް ކިޔާ މީހާ އެވެ".
މާތް ﷲ، موسى (عليه السّلام) އާ މުޚާޠަބުކުރައްވައި ވަޙީކުރެއްވި އެވެ. "އޭ މޫސާ އެވެ. ތިބާގެ ބަސްތައް ތިބާގެ ދުލާ ކައިރިވާ ވަރަށް ވުރެ ތިމަން ރަސްކަލާނގެ ތިބާ އާ ކުއްތަންވާން، ތިބާގެ ޚިޔާލުތަކަށް ވުރެ ތިބާގެ ހިތާ ތިމަން ރަސްކަލާނގެ ތިބާ އާ ކުއްތަންވާން، ތިބާގެ ފުރާނަ އަށް ވުރެ ތިބާގެ ހަށިގަނޑާ ތިމަން ރަސްކަލާނގެ ތިބާ އާ ކުއްތަންވާން، އަދި އަލިކަމަށް ވުރެ ދެލޮލާ ތިމަން ރަސްކަލާނގެ ތިބާ އާ ކުއްތަންވާން ތިބާ ބޭނުން ހެއްޔެވެ"؟ އެކަލޭގެފާނު ދެންނެވި އެވެ. "އާދޭހެވެ. އަޅުގަނޑު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ އެވެ"! الله تعالىވަޙީކުރެއްވި އެވެ. "ދެން مُحمّد (عليه السّلام) ގެ މައްޗަށް ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވާށެވެ". الله تعالىވަޙީކުރެއްވި އެވެ. "އޭ މޫސާ އެވެ! ތިބާ ޤިޔާމަތް ދުވަހު ކަރުހިއްކުން ތަޙައްމަލުނުކުރަން ބޭނުން ހެއްޔެވެ"؟ އެކަލޭގެފާނު ދެންނެވި އެވެ. "އާދޭހެވެ. އަޅުގަނޑު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ އެވެ"!الله تعالىވަޙީކުރެއްވި އެވެ. "ދެން مُحمّد (صلّى الله عليه وسلّم) ގެ މައްޗަށް ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވާށެވެ".8
رَسُوْلُ اللهِ ﷺ حديث ކުރެއްވާފައި ވެއެވެ.:
"ތިޔަބައި މީހުންގެ ތެރެއިން ޤިޔާމަތް ދުވަހުގެ ކޮންމެ ދަރަޖައެއް ގައި ތިމަންކަލޭގެފާނާ އެންމެ ގާތްވާނީ ދުނިޔެމަތީގައި ތިމަންކަލޭގެފާނަށް ގިނައިން ޞަލަވާތް ކިޔަވާ މީހާއެވެ. ހުކުރު ދުވަހާއި ހުކުރު ދުވަހުގެ ރޭ ތިމަންކަލޭގެފާނުގެ މައްޗަށް ސަތޭކަ ޞަލަވާތް ކިޔަވާ ކޮންމެ މީހަކުގެ ސަތޭކަ ބޭނުމެއް الله تعالى ފުއްދަވާދެއްވާނެތެވެ. އޭގެ ތެރެއިން ހަތްދިހަ ކަމަކީ އާޚިރަތުގެ ކަންތައްތަކެވެ. އަދި އޭގެ ތެރެއިން ތިރީސް ކަމަކީ މި ދުނިޔޭގެ ކަންތައްތަކެވެ. ދެން الله تعالى އެ ޞަލަވާތްތައް މަލާއިކަތެއް މެދުވެރިކުރައްވައި ތިމަންކަލޭގެފާނުގެ މަޤްބަރާ އަށް ގެނެސްދެއްވައެވެ. އެއީ، ލިބޭ ހަދިޔާއެއް ފަދަ އެއްޗެކެވެ. މަލާއިކަތާ، އެ ޞަލަވާތް ފޮނުވި މީހާގެ ނަމާއި، ނަސަބާއި، ޤަބީލާ ތިމަންކަލޭގެފާނަށް ކިޔައިދެއްވައި، ތިމަންކަލޭގެފާނުގެ އަރިހުގައި ވާ ހުދު ގަނޑެއް ގައި ލިޔުއްވައެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނަށް ކަންކަން އެނގިވަޑައިގަތުން ތިމަންކަލޭގެފާނު ދިރި ހުންނަވާ އިރު ކަންކަން އެނގިވަޑައިގަތުން ފަދައެވެ".9
"ބުރާސްފަތި ދުވަސްދުވަހު، الله تعالى، ރިހި ކުލައިގެ ނޯޓްފޮތްތަކަކާއި، ރަން ކުލައިގެ ގަލަންތަކެއް އެ ބޭކަލުން އަތްޕުޅުގައިވާ މަލާއިކަތުންތަކެއް ފޮނުއްވައެވެ. އެ ބޭކަލުން އެ ފޮތްތަކުގައި ލިޔުއްވަނީ، ހުކުރު ވިލޭރޭ (ބުރާސްފަތި ދުވަހާއި ހުކުރު ދުވަހާ ދެމެދުވާ ރޭ) رَسُوْلُ اللهِ ﷺ ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވާ މީހުންނެވެ".
"ދެ މުސްލިމަކު ބައްދަލުވެ، އެކަކު އަނެކަކަށް ބޮސްދީ އަދި رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔަވާ ނަމަ، އެ މީހުންގެ އިސްވެދިޔަ ފާފަތައް އަންނަނަނިވި ފުއްސަވާދެއްވާނެތެވެ".
"ތިޔަބައި މީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަންނަ ހިނދު، އެ މީހަކު رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔަވައި، أَعُوذُ بالله منَ الشَّيطَانِ الرَّجِيمِ' މިހެން ކިޔާށެވެ".10
އެހެން ރިވާޔަތެއް ގައި އައިސްފައި ވެއެވެ. "މިސްކިތުން ނުކުންނަ އިރު، 'اللّهُمَّ إِنِّي أَسأَلُكَ من فَضْلِكَ' މިހެން ކިޔާށެވެ".
الله تعالى އަށް ޙަމްދު ޘަނާ އާއި، رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔުމަކާ ނުލައި ދުޢާ ކުރިޔަށް ގެންދާ ނަމަ، އެ ދުޢާ ވާނީ ފަރުދާއެއްގެ ފުރަގަހުގައެވެ. الله تعالى އަށް ޙަމްދު ޘަނާ އާއި، رَسُوْلُ اللهِ ﷺ އަށް ޞަލަވާތާ އެކު ކުރެވޭ ދުޢާ އިޖާބަކުރައްވާނެތެވެ.
رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނު އާލުންނަށް ޞަލަވާތް ނުކިޔޭހާ ހިދަކު، ދުޢާކުރާ މީހާ އާއި، އުޑާ ދެމެދު ފަރުދާއެއް ވެއެވެ. ޞަލަވާތް ކިޔުމުން، އެ ފަރުދާ ވީދާލެވި، ދުޢާ އުޑަށް އަރުއްވައެވެ. ޞަލަވާތް ނުކިޔާ ކަމުގައި ވާ ނަމަ، ދުޢާ އެނބުރި އާދެއެވެ.
އެއްވާ އެއްވުންތަކުގައި، الله تعالى ގެ އިސްމުފުޅު ނުކިޔައި، އަދި އަށް ޞަލަވާތް ނުކިޔަވާ ކަމުގައި ވާ ނަމަ، އެތަނަށް އެއްވެ ތިބި މީހުންގެ މައްޗަށް ދުއްރައެއް ތައްޔާރަށް އޮވެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފި ނަމަ އެކަލާނގެ އެބައި މީހުންނަށް ޢަޒާބުދެއްވާނެ އެވެ. އަދި އަދި އެކަލާނގެ އިރާދަކުރައްވައިފި ނަމަ އެކަލާނގެ އެބައި މީހުންގެ ފާފަތައް ފުއްސަވާދެއްވާނެ އެވެ.
"ތިބާގެ ކަންފަތުގައި ގުގުމާ އިރު، ތިމަންކަލޭގެފާނުގެ މަތިން ހަނދުމަކޮށް ތިމަންކަލޭގެފާނުގެ މައްވަށް ޞަލަވާތް ކިޔަވާށެވެ".
"ކަމެއް ކުރަން ބޭނުންވާ މީހަކު އެކަމަކާ ބެހޭގޮތުން އިސްތިޚާރާ ކުރާހުށި ކަމެވެ. އޭނާ ކުރަން ބޭނުން ކަންތަކާ ބެހޭގޮތުން ރަގަޅު ގޮތަށް ކަނޑައެޅުމަށް الله تعلى އޭނާ އަށް މަގުދައްކަވާނެ އެވެ. މީހަކު އެއްޗެއް ބުނަން ބޭނުންވެފައި ހަނދާންނެތޭ މީހާ، ތިމަން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާ ހުށިކަމެވެ. އެހެނީ، އޭމާ ތިމަން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމުން، އޭނާ ބުން ބޭނުންވި ބަސް ހަނދާންވެގެން ބުނެވޭނެ ކަމުގެ އުއްމީދު އެބައޮތެވެ.".11
"الله تعالى ގެ އިސްމުފުޅާއި، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތާ ނުލައި ފައިދާހުރި ކަމެއް ނުފަށައިފި ނަމަ، އެ މަސައްކަތުގައި ރަނގަޅު ކަމެއް ނެތެވެ. އަދި ހުރިހާ ބަރކާތެއް އެކަމަކުން ނެތިކުރައްވާނެތެވެ".12
ފާހަގަކުރެވޭ މުސްލިމެއް ކަމުގައިވާ أبو حفص الكاغدي (رضي الله عنه) އަވަހާރަވުމަށް ފަހު، ކޮންމެވެސް މީހަކަށް އޭނާ ހުވަފެނުގައި ފެނި، އަހައިފި އެވެ. "ﷲ ތިބާއާ ދޭތެރޭ ކަންތައް ކުރައްވަނީ ކީއްތޯ އެވެ"؟ އޭނާ ވިދާޅުވި އެވެ. "އެކަލާނގެ އޯގާވަންތަކަން ދައްކަވައި، އަހަންގެ ފާފަ ފުއްސަވައި، އަހަރެން ނަރަކަ ޢަށް ލެއްވި އެވެ". އެ މީހާ ސުވާލުކުރި އެވެ. "ސަބަބަކީ ކޮބައި ހެއްޔެވެ"؟ އޭނާ ޖަވާބި ދެއްވި އެވެ. "އެކަލާނގެ އަހަރެން މަލާއިކަތުންގެ މެދުގައި ކޮޅަށް ބެހެއްޓެވި އެވެ. އެ ބޭކަލުން އަހަރެންގެ ފާފަތަކާއި، ޞަލަވާތްތައް މިނެކިރާލި އިރު، އަހަރެން ކީ ޞަލަވާތް އަހަރެން އަރައިގަތް ފާފަތަކަށް ވުރެ ގިނަ އެވެ". އެ މީހުންނާ މުޚާޠަބުކުރައްވައި الله تعالى ވާހަކަދެއްކެވި އެވެ. 'އޭ ތިމަން ރަސްކަލާނގެ މަލާއިކަތުންނޭވެ. ތިޔަ ބޭކަލުންގެ މަސައްކަތް އެ ނިމުނީ އެވެ. '"!
"ތިބާގެ ކަންފަތުގައި ގުގުމާ އިރު، ތިމަންކަލޭގެފާނުގެ މަތިން ހަނދުމަކޮށް ތިމަންކަލޭގެފާނުގެ މައްވަށް ޞަލަވާތް ކިޔަވާށެވެ".
حديث الشريف
سلف الصّالح ންގެ ތެރެއިން ކޮންމެވެސް ބޭކަލަކު ވިދާޅުވެފައި ވެއެވެ.: އަހަރެން އެކީގައި حديث ދަސްކުރަމުންދިޔަ ރަޙްމަތްތެރިޔަކު ނިޔާވެއްޖެ އެވެ. ހުވަފެނެއް ގައި، އަހަންނަށް އޭނާ ފެނުނީ ސުވަރުގޭގެ ފެހި ހެދުން ލައިގެން ހުއްޓައެވެ. އޭގެ ސަބަބަކީ ކޮބައި ތޯ އެހުމުން، އޭނާ ބުންޏެވެ. "އަހަންނަށް ފެނުނު ކޮންމެ ޙަދީޘެއް ގައި ވާ رَسُوْلُ اللهِ ﷺ ގެ ނަންފުޅާ ޖެހިގެން އަހަރެން 'صلّى الله عليه وسلّم' ލިޔުނީމެވެ". އަނެއްކާ ވެސް سلف الصّالح ންގެ ތެރެއިން އެހެން ބޭކަލަކު ވިދާޅުވެފައިވެއެވެ.: ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހަރެންގެ އަވަށްޓެރިޔަކު ނިޔާވެއްޖެ އެވެ. އަހަންނަށް އޭނާ ހުވަފެނުގައި ފެނުމުން الله تعالى އޭނާ އާ ދޭތެރޭ ކަންތައް ކުރެއްވީ ކިހިނެއް ތޯ ސުވާލުކޮށްފީމެވެ. އޭނާ ބުނީ، الله تعالى އޭނާ އަށް ޢަފޫކޮށްދެއްވާފައި ކަމަށެވެ. އޭގެ ސަބަބަކީ ކޮބައި ތޯ އެހުމުން، އޭނާ ބުންޏެވެ. "އެހެނީ، އަހަރެން رَسُوْلُ اللهِ ﷺ ގެ ނަންފުޅު ލިޔުނު ކޮންމެ ފަހަރަކު، އެ ނަންފުޅާ ޖެހިގެން އަހަރެން 'صلّى الله عليه وسلّم' ލިޔުނީމެވެ".
أبو سُليمان الداراني ރިވާކުރައްވާފައި ވެއެވެ.: حديث ކިޔާ އިރު، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ނަންފުޅަށް ފަހު، އަހަރެން 'وسلّم' އިތުރު ނުކޮށް 'صلّى الله عليه' މިހެން ލިޔެއުޅުނީމެވެ. އަހަން ހުވަފެނުގައި އެކަލޭގެފާނު ފެނުނެވެ، އެކަލޭގެފާނު އަހަންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އޭ أبا سُليمان އެވެ! ތިބާ ތިމަންކަލޭގެފާނުގެ ނަންފުޅު حديث ގައި ކިޔާ އިރު، صلاة އާ އެކު 'وسلَّم' ވެސް ލިޔާށެވެ. އެއީ ހަތަރު އަކުރެވެ. އެއިން ކޮންމެ އަކުރަކަށް ދިހަ ސަވާބު ވެއެވެ. ތިބާ އެހެން ނުލިޔާ ކަމުގައި ވާ ނަމަ، އޭގެ މާނަ އަކީ ތިބާ ސާޅީސް ސަވާބު ދޫކޮށްލީ އެވެ". މި އާދަ ގެންގުނު އެހެން މީހަކު ވެސް އުޅުނެވެ. އޭނާގެ ހުވަފެނުގައި އޭނާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަށް ފުރިހަމަ ޞަލަވާތް ނުލިޔުމަށް ޓަކައި ތިބާ އަށް ވީ ކިހިނެއް ހެއްޔެވެ"؟
أبو بكر الصّدّيق ވިދާޅުވި އެވެ. "އެ ބައެއްގެ ހަނދާން ނެތިދާނެ ކަމުގެ ބިރު އޮތް މީހުން، رَسُوْلُ اللهِ ﷺ ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވާށެވެ".
محمّد بن ساعد مطرف ތެދުވެރި މުސްލިމެއް ކަމުގައިވާ ރިވާކުރައްވާފައި ވެއެވެ.: ކޮންމެ ރެއަކު، އަހަރެން ނިދަން އޮށޯންނަ އިރު، ވަކި ޢަދަދަކަށް ޞަލަވާތް ކިޔަވަމެވެ. އެއް ރޭ، ހުވަފެނެއް ގައި އަހަންނަށް رَسُوْلُ اللهِ ﷺ ފެނިއްޖެ އެވެ. އެކަލޭގެފާނު އެތެރެއަށް ވެންނެވި އެވެ. އަހަރެންގެ ކޮޓަރި އޮތީ ނޫރުން ފުރިފައެވެ. ދެން، އެކަލޭގެފާނު އަހަންނާ ހަމައަށް ވަޑައިގެން حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ މައްޗަށް ގިނަ ގިނައިން ޞަލަވާތް ކިޔަވާ ތިބާގެ އަނގަޔަށް ތިމަންކަލޭގެފާނު ބޮސްދެނީ އެވެ". އަހަރެންގެ އަނގަ ދިއްކުރުމަށް އަހަރެން ހުރީ ލަދުގެންފައެވެ. އެހެންކަމުން، އަހަރެންގެ ކޯތާފަތް ދިއްކޮށްލީމެވެ. އެކަލޭގެފާނު ބޮސްދެއްވީ އެކަލޭގެފާނުގެ ބަރަކާތްތެރި އަނގަފުޅުންނެވެ. އަހަންނަށް ހޭލެވުނީ ހިތްހަމަޖެހުމާއި ގަޔާވުމާ އެކުގައެވެ. އަހަރެންގެ ކޮޓަރީ ގައި އެއްވަސްކޮށްލާފަ އޮތީ ގޮމަކަސްތޫރީގެ ވަހުންނެވެ. އަށް ދުވަސް ވަންދެން، އެ މީރު ވަސް އަހަރެންގެ ކޯތާފަތުން ފިލައިގެނެއް ނުދިޔަ އެވެ.
ސަލަފުއްޞާލިހުންގެ ތެރެއިން މަޝްހޫރު ބޭފުޅެއް ކަމުގައިވާ خلّاد بن كثيرއަވަހާރަވުމުން، އެ ބޭކަލުންނަށް އެކަލޭގެފާނުގެ ބޮލުގެ ދަށުން ފެނުނީ ލިޔެފައިވާ ގަނޑެކެވެ. އޭގައި ލިޔެފައިވަނީ، "މިއީ خلّاد بن كثير ނަރަކައިން މިންޖުވާނެ ޗާޓާރެވެ". އެ ބޭކަލުން އޭނަގެ ތިމާގެ މީހުން ކައިރިން އެއްސެވީ، އޭނާ ކުރި ޢަމަލުތަކަކީ ކޮބައިތޯ އެވެ. އެ މީހުން ބުނޫއެވެ. "އޭނާ އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ޞަލަވާތް ކިޔެވި އެވެ.".
الشّيخ زين الدين عيني ގެ ފޮތް زين المجالس ގައި ލިޔެފައި ވެއެވެ.: رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޤިޔާމަތް ދުވަހު، އޭގެ ހިޔާ ފިޔަވައި އެހެން ހިޔަލެއް ނުވާ العرش ގެ ހިޔަލުގައި ތިން ގްރުޕެއްގެ މީހުން ތިބޭނެ އެވެ". އެއީ ކޮން ބައެއް ތޯ އެކަލޭގެފާނުގެ އަރިހުން ސުވާލު ދެންނެވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެއީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްސަލަތައް ޙައްލުކުރާ މީހުންނެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދިރުވާ މީހުންނެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔވާ މީހުންނެވެ".
الشّيخ أبو موسى الضريري ރިވާކުރައްވާފައި ވެއެވެ. "އަހަރެމެން ތިބީ ކަނޑުގައި ޠޫފާނެއް ގައި ޖެހިފައެވެ. ކޮންމެ މީހަކު ވެސް މަރުވެދާނެ ކަމުގެ ބިރަށް ދިޔައީ ރޮމުންނެވެ. އެ ވަގުތު، އަހަރެން ނިޖިއްޖެ އެވެ. އަހަރެންގެ ހުވަފެނުގައި رَسُوْلُ اللهِ ﷺ ފެނުނެވެ. އެކަލޭގެފާނު حديث ކުރެއްވީ އެ އުޅަނދުގައި ތިބި މީހުން އެއްހާސް ފަހަރުއަންނަނިވި ފަދައިން ކިޔުމަށެވެ. 'اللّهُمَّ صَلِّ عِلَى سَيِّدِنَا مُحمَّدٍ و عَلَى آلِ سَيِّدِنَا مُحَمَّد، صَلاتًا تُنجِينَا بِهَا مِنْ جَمِيعِ الأَحوَالِ والآفَات و تَقضِي لَنَا بِهَا جمِيعَ الحاجاتِ و تُطَهِّرُنَا بِهَا مِنْ جَمِيعِ السّيِّئَاتِ و تَرْفَعُنَا بِهَا عِنْدَكَ عَلَى الدَّرَجَاتِ و تُبَلِّغُنَا بِهَا أقصى الغايات من جَميعِ الخَيرَات فِي حَيَاتِيْ وبَعْدَ المَمَاتِ'. އަހަރެމެންނަށްތިން ސަތޭކަ ފަހަރު އެހެން ކިޔުނު ތަނާ ޠޫފާން ހިނދި، ނުރައްކަލުން ސަލާމަތްވެއއްޖެ އެވެ". ކޮންމެ މުހިއްމު ކަމަކާއި، ކޮންމެ ދަތިކަމަކާއި، ކާރިޘއަކާއި، ބިންހެލުމެއް ގައި މި ޞަލަވާތް ކިޔުމަށް އިރުޝާދު ދެވިފައި ވެއެވެ.
ރޭގަނޑާއި ދުވާލުގައި އަހަރެންގެ ދޫ ކިޔަނީ ޞަލަވާތާއި ސަލާމޭ،
ތިބާގެ ބަރަކާތްތެރި ފުރާނައަށޭ، އޭ ފަޚްރުލް އަނާމޭ!
އިތުބާރުހިފޭ ފޮތްތަކުގައި، ޞަލަވާތް ކިޔާނޭ ގޮތާ ބެހޭ ސާޅީހަށް ވުރެ ގިނަ حديث ވެއެވެ. އޭގެ ތެރެއިން އެއް حديث ތިރީގައި މިވަނީ އެވެ.:
اللّهُمَّ صَلِّ علَى مُحَمَّدٍ وعَلٍى آلِ مُحَمِّد، كَمَا صَلَّيتَ عَلَى إَبْرَاهِمَ و عَلَى آلِ إِبرَاهِيم، وبَارِكْ علَى مُحَمَّدٍ وعَلٍى آلِ مُحَمِّد، كَمَا بَارَكْتَ عَلَى إَبْرَاهِمَ و عَلَى آلِ إِبرَاهِيم إِنَّكَ حَمِيْدٌ مَجِيْد.
اللّهُمَّ صَلِّ وسَلِّم و بارِكْ وارحَمْ عَلَى سَيِّدِنَا مُحمَّدٍهُوَ سَيِّدُ الَرَبِ والعَجَم.
و إِمامِ مكَّةِ المُكَرَّمَةِ المُكَرَّمَةِ والمَدِينَةِ المُنَوَّرَة و الحَرَم.
علَّمَ الإِنسانَ ما لَم يَعلَمْ.
أَصلُهُ نُورٌ و نَسلُهُ آدَمْ
بعثُهَا مُؤَخَّرٌ و خَلقُها مُقَدَّم.
إِسمُهُ الشَّرِيفُ مَكْتُوبٌ علَي اللَّوحِ المَحْفُوطِ بِيَاقُوتِ الكَلَام.
و جِسمُهُ الشَّرِيفُ مَدْفُونٌ فِي المَدِيْنَةِ المُنَوَّرَة والحَرَم.
بَا لَيتَ أكتحلُ تُرَابَ اللَّذِي تَحْتَ القَدَمِ.
فَطُوبَى ثُمََ طُوبَى لِمَنْ دَعَا وتَبِعَهُ ولِمَنْ أَسْلَمِ صَاحِبُ الشَّفَاعَةِ للأَجْمَعِين.
قَائِلًا يَا رَبّي! سَلِّمْ أماهي أماهي و أمها يا ذَى اللُّطْفِ والكَرَم.
فَيُنَادِي المُنَادِي من قِيَلِ الرَّحمن، قابلتُ شَفاعتَكَ يَا نَبِيًَّ المًحْتَرَم.
أولوالجَنَّةَ لا خوفٌ عليكُم ولاَ حُزْنٌ ولَا أَلَمْ.
ثُمَّ رَضِيَ اللهُ تَعالَى عَن أَبِيْ بَكْرٍ و عُمَرَ و عُثْمَانَ و عَلِيٍّ ذِي الكَرَم.
وصَلََى اللهُ عَلَى سَيَِدِنَا مُحَمَّدٍ والحَمْدُ لَكَ يَا رَبَّ العَالَمِيْن.
بِحُرْمَةِ سَيِّدِ المُرْسَلَيْن.
އެކަލޭގެފާނުގެ ނޫރުގައި ހެނދުނުގެ ވައިރޯޅި ބީހޭ އިރު،
އެ ފުރިފާވަނީ، އެންމެ މީރުވަހޭ، ވަޔޭ.
އެކަލޭގެފާނުގެ މުތްތަކެއް ފަދަ ފަތްޕުޅުގެ އުޖާލާކަމުން،
ރޭގަނޑު ތިނޯހެއް ހޯދިދާނޭ.
އެކަލޭގެފާނުގެ މޭފުޅުގެ ނޫރުން ކަޅުފޮއި ރެއެއް ގައި،
އެ އަލިކަމުގައި މީސްތަކުންނަށް ހިނގާބިނގާވެ އުޅެވޭނެއޭ.
އެކަލޭގެފާނު އިނގިލިފުޅު ދިއްކޮށްލެއްވުމުން،
ހަނދު ދެ ފަޅިވިއޭ.
އެކަލޭގެފާނު ދާހިއްލައިފި ނަމަ، އެކަލޭގެފާނުގެ ދާ ފިނިފެންމަލަށް ބަދަލުވެއޭ،
މީސްތަކުން އެ ފިނިފެން ތިކިތައް ނެގިއޭ.
ދުނިޔޭގެ ޝާހު ގަސްތައް އިންދެވިއޭ،
ވަގުތުން، އެ ގަސްގަހުގައި ކަދުރު އެޅިއޭ.
އެކަލޭގެފާނުގެ މުޢުޖިޒާތައް މަޙްޝަރުވުމާ ހަމަޔަށް ކިޔައިދިނަސް،
އަދި މަޙްޝަރުގެ ފަހަށް ވެސް ނުނިމޭނެއޭ.
އަލިފާނުން ސަލާމަތްވާން ތބާ ބޭނުންވާ ނަމަ،
ލޯތްބާ އެކު އަދި އާ އަބަދު ޞަލަވާތް ކިޔަވާށޭ.
الصّلاة و السّلام عليكَ يا رَسُوْلُ اللهِ!
الصّلاة و السّلام عليكَ يا حبيب الله!
الصّلاة و السّلام عليكَ يا نورُ العرش الله!
