ލޮބުވެތި ރަސޫލާ

رَسُوْلُ اللهِ ﷺ ގެ أهل بيت

"އަޅާ ހައްދަވާބޮޑުކުރެއްވި رَبُّ އެވެ! މިއީ ތިމަންކަލޭގެފާނުގެ ބޮޑުބޭބެ އަދި ތިމަންކަލޭގެފާނުގެ ބައްޕާފުޅުގެ ބޭބެ އެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ أهل بيت ންނެވެ. ތިމަންކަލޭގެފާނު އެ ބައިމީހުންނަށް ރައްކާތެރިކަން ދެއްވި ގޮތަށް، އިބަރަސްކަލާނގެ ވެސް އެބައިމީހުންނަށް ރައްކާތެރިކަން ދެއްވައި، ނަރަކައިގެ އަލިފާނުން އެބައިމީހުން ރައްކާތެރިކޮށްދެއްވާދޭވެ".
حديث شريف

رَسُوْلُ اللهِ ﷺ ގެ ޢާއިލާގެ ހުރިހާ މެމްބަރުންނަށް ކިޔެނީ "أهل بيت" އެވެ.އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، އެކަލޭގެފާނުގެ ދަރިކަނބަލުން فاطمة (‏رضي الله عنها)‏ އާއި، علي بن أبي طالب (‏رضي الله عنه)‏ އާއި، އެ ދެމަފިރިންގެ ދަރިން ކަމުގައިވާ حسن އަދި حُسين (‏رضي الله عنهما)‏ އާއި، އެ ދެ ބޭކަލުންގެ ހުރިހާ ދަރިންނާއި، ކާފަދަރިންނާއި، رَسُوْلُ اللهِ ﷺ ގެ ދަރިފަސްކޮޅު ނިސްބަތްވާ هاشم ޢާއިލާ އަކީ أهل البيت ންނެވެ.

رَسُوْلُ اللهِ ﷺ ގެ أهل البيت ންގެ ތެރޭގައި ހިމެނެނީ ތިން ގްރޫޕެކެވެ.: ފުރަތަމަ ގްރޫޕަކީ، ޢާއިލީ ގޮތުން ތިމާގެ މީހުންނެވެ. ދެވަނަ ގްރޫޕަކީ، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނެވެ. ތިން ވަނަ ގްރޫޕަކީ، އަބަދު ވެސް އެކަލޭގެފާނުގެ ގެކޮޅުގައި ތިބެ، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ބޮލުގައި ފުނާއަޅައިފީ، ކައްލާ، ކޮޓަރިތައް ފޮޅައި، އަންނައުނު ދޮވެ، ގޭތެރޭގެ މަސައްކަތް ކޮށްއުޅުނު ނޯކަރުންނެވެ. ބޭރުތެރޭގެ މަސައްކަތްތައްކޮށް، މިސްކިތުގައި ބަންގިގޮވާ އުޅުއްވި بلال، سلمان، އަދި سُهَيبُ ވެސް ކޭންބެއްލެވީ ނިޢުމަތްތަކުގެ ގެއިންނެވެ.

އެއް ދުވަހަކު، رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބޭ عبّاس ގެ ގެއަށް ވަޑައިގެން، عبّاس އާއި، އޭނާގެ ދަރިން އެކަލޭގެފާނުގެ އަރިހުގައި ބޭއްތިއްބެވި އެވެ. އެކަލޭގެފާނުގެ އިޙްރާމުން އޭނާ ނިވައިކުރެއްވުމަށް ފަހު حديث ކުރެއްވި އެވެ. "އަޅާ ހައްދަވާބޮޑުކުރެއްވި رَبُّ އެވެ! މިއީ ތިމަންކަލޭގެފާނުގެ ބޮޑުބޭބެ އަދި ތިމަންކަލޭގެފާނުގެ ބައްޕާފުޅުގެ ބޭބެ އެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ أهل البيت ންނެވެ. ތިމަންކަލޭގެފާނު އެ ބައިމީހުންނަށް ރައްކާތެރިކަން ދެއްވި ގޮތަށް، އިބަރަސްކަލާނގެ ވެސް އެބައިމީހުންނަށް ރައްކާތެރިކަން ދެއްވައި، ނަރަކައިގެ އަލިފާނުން އެބައިމީހުން ރައްކާތެރިކޮށްދެއްވާދޭވެ"!

رَسُوْلُ اللهِ ﷺ ގެ ކައިވެނިފުޅުތައް ކުރެއްވި ސަބަބުތައް

رَسُوْلُ اللهِ ﷺ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ، އެކަލޭގެފާނުގެ ޢުމުރުފުޅުން ފަންސަވީސް އަހަރު ގައި خديجة (‏رضي الله عنها)‏ އާ އެވެ. އެކަމަނާއަކީ ޢުމުރުން ސާޅީސް އަހަރު ވެފައިވާ ހުވަފަތް އަންހެން ބޭކަނބަލެކެވެ. އެކަމަކު، އެ ކަމަނާ އަށް މުއްސަނދިކަމާއި، ރިވެތިކަމާއި، ވިސްނުން ތޫނުކަމާއި، ޢިލްމުވެރިކަމާއި، ޢިއްޒަތްތެރިކަމާއި، ނަސަބުގެ މޮޅުކަމާއި، ޢިއްފަތްތެރިކަމާއި، ފަޟްލުވަންތަކަން ލިވިފައިވިއެވެ. އެ ދެމަފިރިން ކައިވެނި ކުރައްވައިގެން އެކުގައި ދިރިއުޅުއްވީ ފަންސަވީސް އަހަރު ވަންދެނެވެ. ޚަދީޖާ ދިރިހުންނެވި އިރު، رَسُوْلُ اللهِ ﷺ އެހެން ކައިވެންޏެއް ނުކުރައްވައެވެ.

خديجة (‏رضي الله عنها)‏ އަވަހާރަވުމަށް ފަހު، رَسُوْلُ اللهِ ﷺ ދެވަނަ ފަހަރަށް ކައިވެނި ބައްލަވައިގަތީ އެކަލޭގެފާނުގެ ޢުމުރުފުޅުން ފަންސާސް ފަސް އަހަރު ގައި، أبو بكر الصدّيق ގެ ދަރިކަނބަލުން عائشة (‏رضي الله عنها)‏ އާ އެވެ. رَسُوْلُ اللهِ ﷺ އެ ކަމަނާ އާ ކައިވެނި ބައްލަވައިގަތީ الله تعالى ގެ އަމުރުފުޅެއްގެ ދަށުންނެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަންނަވަން ދެން އެކަލޭގެފާނު ދިރިއުޅުއްވީ އަށް އަހަރު ވަންދެން ދިރިއުޅުއްވީ އެ ކަމަނާ އާ އެއްކޮށެވެ. އެކަމަނާ އަކީ ވަރަށް ވިސްނުންތޫނު، ޢިލްމު އުނގެނިފައިވާ، ރިވެތި ސިފަތަކުގެ ވެރި، ޢިއްފަތްތެރި އަދި ތަޤްވާވެރި ބޭކަނަބަލެކެވެ. އެ ކަމަނާގެ ހަނދާން ވަރަށް ވަރުގަދަކަމުން، ގިނަ އަޞްޙާބު ބޭކަލުން އެކަމަނާ އަރިހުން ސުވާލުކޮށް ގިނަ ކަންތަކެއް ޙާޞިލުކުރެއްވި އެވެ.

އެކަލޭގެފާނު ކުރެއްވި އެހެން ކައިވެނިތަކަކީ، އަބަދުވެސް ދީނީ، ސިޔާސީ، ސަބަބުތަކަށް ޓަކައި ނުވަތަ ރަޙްމާއި، އިޙްސާންތެރިކަމަށް ޓަކައި ކުރެއްވި ދީނީ އަޅުކަންތަކެވެ. އެ ހުރިހާ އަނބިއަނބިކަނބަލުންނަކީ، ހުވަފަތްވެ، ދުވަސްވެފައި ތިއްބެވި އަނނއަނބިކަނބަކުންނެވެ. މިސާލަކަށް ދަންނަވާނަމަ:

މައްކާގެ ކާފަރުން މުސްލިމުންނަށް ދެމުންދިޔަ އަނިޔާތައް ތަޙައްމަލުނުކުރެވޭ ހިސާބަ ދިއުމުން، އަޞްޙާބު ބޭކަލުންގެ ގްރޫޕެއް ޙަބަޝް ކަރަޔަށް ހިޖުރަކުރި އެވެ. ޙަބަޝް ކަރައިގެ އެމްޕަރަރ ނަޖާޝީ އަކީ މަސީޙީއެކެވެ. އޭނާ މުސްލިމުންނާ އެތައް ސުވާލެއް ކޮށް، އޭނާ އަށް ލިބުނު ޖަވާބުތަކުން ޙައިރާންވެފައި ހުރެ، އިސްލާމް ވެއްޖެ އެވެ. އޭނާ މުސްލިމުންނަށް އެތައް ހެޔޮކަންތަކެއް ވަނި ކޮށްދީފައެވެ. ފަޤީރުކަމުން މިންޖުވުމުގެ ބޭނުމުގައި، އީމާންކަން ބަލިކަށި عُبيدُالله بن جحش އަށް ފާދިރީން ވަސްވާސްދީ، ދުނިޔެ އަށް ޓަކައި، އޭނާގެ ދީން ދޫށްލީއެވެ.1 رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑުބޭބޭގެ ދަރި ކަމުގައިވާ ލައުނަތްލެއްވިގެންވާ މި މީހާ، އޭނާގެ އަނބިމީހާ أُمُّ حَبيبة އޭނާގެ ދީން ދޫކޮށް މުއްސަނދިވުމަށް މަޖްބޫރުކޮށް ހިތްވަރުދިނެވެ. އެކަމަނާ، ފަޤީރުކަމާއި، މަރުވުން ޤަބޫލުކޮށް، އެކަމަކު އޭނާގެ ދީން ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވުމުން އޭނާ އެކަމަނާ ވަރިކޮށްލައިފި އެވެ. އޭނާ އިންތިޒާރުކޮށްގެންހުރީ، އެކަމަނާ ފަޤީރުކަމުގައި މަރުވަންދެނެވެ. އެކަމަކު، ދާދި އަވަހަށް ޚުދު އޭނާ މަރުވެއްޖެ އެވެ. أُمُّ حَبيبة އަކީ، މައްކާގެ ޤުރައިޝުންގެ ކޮމާންޑަރ އިން ޗީފް أبو سُفيان ގެ ދަރިކަނބަލުންނެވެ. އެ ދުވަސްވަރު، رَسُوْلُ اللهِ ﷺ ގެންދެވީ ޤުރައިޝުންގެ ލަޝްކަރާ ދެކޮޅަށް ވަރަށް ވަރުގަދަ ހަނގުރާމަތަކެއް ކުރައްވަމުންނެވެ. އަދި أبو سُفيان ގެންދިޔައީ، އޭނާގެ ހުރި އެންމެ ވަރުގަދަ ބާރާ އެކު އިސްލާމް ދީން ނައްތާލުމަށް ހަނގުރާމަކުރަމުންނެވެ.

أُمُّ حَبيبة (‏رضي الله عنها)‏ ގެ އީމާންކަމުގެ ވަރުގަދަކަމާއި، އެކަމަނާ އާ ކުރިމަތިވި ވޭންދެނިވި ޙާލަތުގެ ވާހަކަ رَسُوْلُ اللهِ ﷺ އަށް އިވިވަޑައިގެންފި އެވެ. އެކަލޭގެފާނު ނަޖާޝީ އަށް ފޮނުއްވި ސިޓީއެއް ގައި ލިޔުއްވާފައި ވެއެވެ. "ތި ތަނުގައި އުޅެމުންދާ أُمُّ حبيبة އާ ތިމަންކަލޭގެފާނު ކައިވެނިކުރައްވާނަމެވެ. ކައިވެނި ނިންމަވާށެވެ! ދެން އެކަމަނާ ތިމަންކަލޭގެފާނާ ހަމަޔަށް ފޮނުވާށެވެ". ނަޖާޝީ ވަނީ އޭގެ ކުރިން އިސްލާމްވެފައެވެ. މި ސިޓީ އަށް ނަޖާޝީ ވަރަށް ބޮޑު އިޙްތިރާމެއް ކުރުމަށް ފަހުއޭނާގެ ގަނޑުވަރު ގައި މުސްލިމުންނަށް ދަޢުވަތުދީގެން ޖާފަތެއް ބާއްވައިފި އެވެ. ކުރެވުނީ ހިޖްރައިން ހަތް ވަނަ އަހަރުގައި މި ކައިވެނި ކޮށް ގިނަ ޢަދަދެއްގެ ހަދިޔާ ދިނެވެ. އެހެންކަމުން، أُمُّ حَبيبة އަށް އެ ކަމަނާގެ އީމާން ކަމުގެ އިނާމު ޙާޞިލުކުރެވި، އެތާނގައި މުއްސަނދިވެ ހިތްފަސޭހަ ދިރިއުޅުމެއް އުޅުއްވި އެވެ. އެކަމަނާގެ މި ނަމޫނާ ފެނި، މުސްލިމުން ކުރިޔަށް ވުރެ ހިތްހަމަޖެހިއްޖެ އެވެ. އަންހެންވެރިން ސުވަރުގޭގައި ތިބޭނީ އެ މީހުންގެ ފިރިންނާއެކު ގައި ކަމަށް ވާ އިރު، ސުވަރުގޭގެ އެންމެ ދަރަޖަ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު އެކަމަނާ އަށް ލިބުނެވެ. މި އުފާވެރި ޚަބަރާ އަޅާބަލާ އިރު، މި ދުނިޔޭގެ ހުރިހާ އަރާމަކާއި، ނިޢުމަތްތައް ކުޑައެވެ. މި ކައިވެންޏަކީ، ކުރިޔަށް އޮތް ތަނުގައި أبو سُفيان އިސްލާމްވުމަށް މެދުވެރިވި އެއް ސަބަބަށެވެ. ފެންނަން ހުރި ފަދައިން، މި ކައިވެނިން، رَسُوْلُ اللهِ ﷺ ގެ ޙިކްމަތްތެރިކަމާއި، ވިސްނުންތޫނުކަމާއި، ބުއްދިވެރިކަމާއި، ދީލަތިކަމާއި، ރަޙްމްވަންތަކަން ދައްކުވައި ދެއެވެ.2

ދެ ވަނަ މިސާލަކީ، ހުވަފަތްވެފައި ހުންނެވި عمر بن خطاب (‏رضي الله عنه)‏ ގެ ދަރިކަނބަލުން أًمَُ المؤمنين حفصة (‏رضي الله عنها)‏ އެވެ. ހިޖުރައިން ތިން ވަނަ އަހަރު، عمر بن خطاب (‏رضي الله عنه)‏، أبوبكر الصدّيق (‏رضي الله عنه)‏ އާއި عُثمان عفّان (‏رضي الله عنه)‏ އާ މުޚާޠަބުކުރައްވާ ވިދާޅުވި އެވެ. "އަޅުގަނޑުގެ ދަރިކަނބަލުންނާ ކައިވެނިކުރައްވާނަން ތޯ އެވެ"؟ އެ ދެ ބޭކަލުން ވެސް ދެއްވި ޖަވާބަކީ، "އަޅުގަނޑު ތިކަމާ ވިސްނާނަމެވެ"، މިހެންނެވެ. އެއް ދުވަހު، އެ ތިން ބޭކަލުން އެއްކޮށް އެހެން ބަޔަކާ އެކު ތިއްބެވި ތަނެއް ގައި رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. "އޭ عُمر އެވެ! ތިބާ ހިތާމައިން އިންނެވި ތަން ތިމަންކަލޭގެފާނަށް އެބަ ފެނިވަޑައިގަނެއެވެ. ސަބަބކީ ކޮބައި ހެއްޔެވެ"؟ ފުޅިއެއް ގައި ހުންނަ ކުލަ ފަސޭހަކަމާ އެކު ފެންނަ ފަދައިން، އެންމެ ފަހަރަކު ބައްލަވާލެއްވުމުން ކޮންމެ މީހެއްގެ ވިސްނުން رَسُوْلُ اللهِ ﷺ އަށް އެނގިވަޑައިގަންނަވައެވެ. ކޮންމެހެން ކުރައްވަން ޖެހޭ ނަމަ އިތުރަށް ސުވާލުކުރައްވައެވެ. رَسُوْلُ اللهِ ﷺ އަށާއި، އެހެން އެންމެންނަށް ވެސް ތެދު ބަހުން ވާހަކަދެއްކުމަކީ ފަރްޟަކަށް ވާ އިރު، عُمرُގެފާނު ޖަވާބު ދެއްވި އެވެ. "އަޅުގަނޑުގެ ދަރިކަނބަލުން أبوبكر އާއި عُثمان އަށް އެރުވީމެވެ. އެކަމަކު އެ ދެ ބޭކަލުން އެ ކަމަނާ ޤަބޫލެއް ނުކުރެއްވި އެވެ". رَسُوْلُ اللهِ ﷺ އެންމެ ބޮޑަށް ކުލުނުޖެހިފައިވާތިން ޞަޙާބީން ހިތާމައިގައި ތިއްބަވާކަށް އެކަލޭގެފާނު ބޭނުންފުޅެއް ނުވި އެވެ. އެ ބޭކަލުން ހިތްހަމަޖައްސަވާދެއްވުމަށް ޓަކައި، އެކަލޭގެފާނު ވަގުތުން حديث ކުރެއްވި އެވެ. "އޭ عُمر އެވެ! ތިބާގެ ދަރިކަނބަލުން أبوبكر އާއި عُثمان އަށް ވުރެ ރަނގަޅު ބޭކަލަކާ ތިމަންކަލޭގެފާނު ޙަވާލުކުރައްވަން ހެއްޔެވެ"؟ عُمرُގެފާނު ޙައިރާންވެއްޖެ އެވެ. އެހެނީ، أبوبكر އާއި عُثمان އަށް ވުރެ ރަނގަޅު މީހަކު ނެތްކަން އޭނާ އަށް އެނގިވަޑައިގަންނަވާތީ އެވެ. އޭނާ ވިދާޅުވި އެވެ. "އާދޭހެވެ. މާތް ﷲ ގެ ރަސޫލާ އެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާގެ ދަރިކަލުން ތިމަންކަލޭގެފާނަށް ދެއްވާށެވެ"! އެހެންކަމުން حفصة (‏رضي الله عنها)‏ ވެވަޑައިގަތީ أبوبكر އާއި عُثمان އާއި ހުރިހާ މުސްލިމުންގެ މަންމާފުޅަށެވެ. އަދި އެ ބޭކަލުން ވެގެންދިޔައީ، އެ ކަމަނާގެ ޚާދިމުންނަށެވެ. އަދި أبوبكر އާއި، عُمر އާއި، عُثمان (‏رضي الله عنهم)‏ އެއް ބޭކަލަކު އަނެއް ބޭކަލަކާ އިހުނަށް ވުރެ ގާތްވެއްޖެ އެވެ.3

"ތިމަންކަލޭގެފާނުގެ ހުރިހާ އަނބިންނާ އެކު ވީ ކައިވެނިތަކާއި، ތިމަންކަލޭގެފާނުގެ ހުރިހާ ދަރިދަރިކަނބަލުންގެ ކައިވެނިތައް ކުރެވިފައިވަނީ، جبريل (‏عليه السّلام)‏ الله تعالى ގެ ޙަޟްރަތުން ގެނެސްދެއްވި ހުއްދައާ އެކުގައެވެ".
حديث شريف

ތިން ވަނަ މިސާލު: ހިޖުރައިން ފަސްވަނަ ނުވަތަ ހަވަނަ އަހަރު، بني مصطلق ވަންހައިން ހައްޔަރުކުރެވުނު އެތަކެއް ސަތޭކަ އަސީރުންގެ ތެރޭގައި އެ ޤަބީލާގެ ޒަޢީމު حارثގެ ދަރިކަނބަލުން جُويرية ހިމެނެއެވެ. رَسُوْلُ اللهِ ﷺ އެ ކަމަނާ މިނިވަންކުރައްވައި، ކައިވެނިކުރެއްވި އިރު، ހުރިހާ އަޞްޙާބު ބޭކަލުން ވިދާޅުވީ، "رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލުންގެ ތިމާގެ މީހުން އަންހެން އަޅުން ނުވަތަ ނޯކަރުންގެ ގޮތުގައި ގެންގުޅެން އަޅުގަނޑުމެން ލަދުގަންނާނަމެވެ". ހުރިހާ އަޞްޙާބުން ވެސް އެ ބޭކަލުންގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރެއްވި އެވެ. މި ކައިވެންޏަކީ، އެތަކެއް ސަތޭކަ އަސީރުން މިނިވަންވުމަށް މެދުވެރިވި ސަބަބަކަށެވެ. جُوَيرِيَة (‏رضي الله عنها)‏ އަބަދު ވެސް ބަޔާންކުރައްވައި، އެކަމާ މެދު ފަޚްރުވެރިވެފައި ވެއެވެ. عائشة (‏رضي الله عنها)‏ ވިދާޅުވެފައި ވެއެވެ. "އަށް ވުރެ ބަރަކާތްލެއްވިގެންވާ އަންހެނަކު އަހަރެން ނުދެކެމެވެ".4

ޙަދީޘެއް ގައި އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނުގެ ހުރިހާ އަނބިންނާ އެކު ވީ ކައިވެނިތަކާއި، ތިމަންކަލޭގެފާނުގެ ހުރިހާ ދަރިދަރިކަނބަލުންގެ ކައިވެނިތައް ކުރެވިފައިވަނީ، جبريل (‏عليه السّلام)‏ الله تعالى ގެ ޙަޟްރަތުން ގެނެސްދެއްވި ހުއްދައާ އެކުގައެވެ".

رَسُوْلُ اللهِ ﷺ ގިނަ ފަހަރު ކައިވެނިކުރެއްވުގެ މުހިއްމު އަނެއް ސަބަބަކީ، އިސްލާމް ދީން އުނގަންނަވައިދެއްވުމެވެ. ޙިޖާބުގެ އާޔަތް ބާވައިލެއްވުމުގެ ކުރިން، މާނައަކީ، އަންހެނުން ނިވައިވުމަށް އެންގެވުމުގެ ކުރިން، އަންހެން ކަނބަލުން ވެސް ގެ އަރިހަށް އައިސް ނޭނގޭ ކަންތައްތައް ދަސްކުރުމަށް އައިސްގޮސްވެއެވެ. رَسُوْلُ اللهِ ﷺ މީހަކުގެ ގެއަށް ވަޑައިގެންފި ނަމަ، އަންހެންވެރިން ވެސް އައިސް އިށީނދެ ތިބެ، ފައިދާ ލިބިގަތުމަށް ޓަކައި، އަޑުއަހައި ހެދިއެވެ. ޙިޖާބާ ބެހޭ އާޔަތް ބާވައިލެއްވުމަށް ފަހު، މަޙްރަމް ނޫން މީހުން އެކީގައި އިށީނދެ ތިބެ ވާހަކަދައްކާ ހެދުން ޙަރާމްކުރެއްވުމާ އެކު، މަޙްރަމް ނޫން އަންހެނުން ބައްދަލުވުންތަކަށް ނުވައްދަވައެވެ. އެކަލޭގެފާނު އެ ބޭކަލުންނަށް އަމުރުކުރެއްވީ، އެކަލޭގެފާނުގެ ބަރަކާތްތެރި އަނބިކަނބަލުން عائشة (‏رضي الله عنها)‏ އާ ޢިލްމު އުނގެނުމަށް ޓަކައި ސުވާލުކުރެއްވުމަށެވެ. ސުވާލު ކުރުމަށް އަންނަ އަންހެންވެރިން ގިނަކަމުން عائشةގެފާނަށް އެ ހުރިހާ ސުވާލަށް ޖަވާބުދެއްވުމަށް ވަގުތު ލިބިވަޑައެއް ނުގަތެވެ. މި މުހިއްމު ޚިދުމަތަށް މަގުފަހިކުރެއްވުމަށް ޓަކައި، އަދި عائشةގެފާނުގެ ކޮނޑުފުޅުގައި އެޅިފައި އޮތް ބޮޑު ބުރަ ފިލުއްވުމަށް ޓަކައި، ބޭނުންވާހާ ގިނަ އަންހެނުންނާ ކައިވެނިކުރެއްވި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި އަނއަނބިކަނބަލުން މެދުވެރިކުރައްވައި، އެކަލޭގެފާނު ވަނީ އަންހެނުންނާ ބެހޭ ޙައްސާސީ އެތައް ސަތޭކަ މަޢުލޫމާތެއް ފޯރުކޮށްދެއްވާފައެވެ. އެކަލޭގެފާނުގެ ހުރީ އެންމެ އަނބިކަނބަލެއް ނަމަ، ހުރިހާ އަންހެންވެރިން އެ ބޭކަނބަލެއް މެދުވެރިކޮށް އުނގެނުމަކީ ވަރަށް އުނދަގޫ، އަދި ފަހަރެއްގައި މުސްތަޙީލު ކަމަކަށް ވެސް ވީހެވެ. الله تعالى ގެ ދީން ތަބްލީޣުކުރެއްވުމަށް ޓަކައި، ގިނަ އަނބިއަނބިކަނބަލުންނާ ކައިވެނިކުރެއްވުމުގެ ތަކްލީފު ނެންގެވީ އެވެ.

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރިވެގެންވާ އަނބިއަނބިކަނބަލުން

خديجة الكبرى (‏رضي الله عنها)‏: އެކަމަނާ އަކީ ޤުރައިޝް ވަންހައިގެ ޝަރަފުވެރި އަބުރުވެރި ޢާއިލާއަކަށް ނިސްބަތްވާ ކަނބަލެކެވެ. އެކަމަނާ އަކީ، خويلد بن أسد بن عبدالعُزّى بن قصيّ ގެ ދަރިކަނބަލުންނެވެ. އެ ކަމަނާ އަކީ، ގެ ފުރަތަމަ އަނބިކަނބަލުންނެވެ. އެކަމަނާގެ ބައްޕާފުޅުގެ ނަމަކީ، خُوَيلَدُ އެވެ. އަދި އެކަމަނާގެ މަންފާފުޅުގެ ނަމަކީ، فاطمة އެވެ.

رَسُوْلُ اللهِ ﷺ އާ ކައިވެނި ބައްލަވައިގެންނެވި އިރު، އެ ކަމަނާ އަކީ ޢުމުރުފުޅުން ސާޅީސް އަހަރުގެ ހުވަފަތް ކަނބަލެކެވެ. އޭރު، رَسُوْلُ اللهِ ﷺ ގެ ޢުމުރުފުޅުން ވީ ފަންސަވީސް އަހަރެވެ. رَسُوْلُ اللهِ ﷺ އަށް އެކަމަނާ މެދުވެރިކޮށް ހަތަރު ދަރިކަނބަލުންނާއި، ދެ ދަރިކަލުން ލިބިވަޑައިގެންނެވި އެވެ. އެ ކަމަނާ އަކީ، ވިޔަފާރިކުރެއްވުމުގެ އުޅުއްވި ހުވަފަތް އަންހެން ކަނބަލެކެވެ. އެ ކަމަނާގެ ދަށުގައި، އަތްގާތްކޮށްދޭ މީހުންނާއި، ސެކްރެޓަރީންނާއި، އަޅުން ތިއްބެވެ. އެކަމަނާ އަކީ، އޭރު ވަރަށް މުއްސަނދިވެފައި، ޢިލްމުވެރި، އަދި ވިސްނުންތޫނު ކަނބަލެކެވެ. އެންމެ ފުރަތަމަ އިސްލާމްވި މިނިވަން އަންހެނަކީ އެކަމަނާ އެވެ.

جبريل (‏عليه السّلام)‏އެންމެ ފުރަތަމަ އަށް ފަޅުވެލެއްވި ވަގުތު، އެކަލޭގެފާނު ހުންނެވީ ބިރުފުޅުގެންފައެވެ. ކަން ހިނގިގޮތުގެ ވާހަކަ އެކަލޭގެފާނު خديجة ގެފާނަށް ކިޔުއްވައިދެއްވި އެވެ. އެންމެ ފުރަތަމަ އިސްލާމް ދީން ޤަބޫލުކުރެއްވީ خديجة ގެފާނެވެ. އިސްލާމް ދީން ޤަބޫލުނުކުރި ކާފަރުން ބުދުތަކަށް އަޅުކަންކޮށް، ޤަބޫލުނުކޮށް، އެކަލޭގެފާނަށް ފުރައްސާރަކުރަމުން ދިޔައެވެ. އެބައި މީހުން އެކަލޭގެފާނަށް ވަރަށް ބޮޑަށް އަނިޔާކޮށްހެދި އެވެ. خديجة (‏رضي الله عنها)‏ އެކަލޭގެފާނު ހިތްހަމަޖައްސައިދީ، ހިތްވަރުދެއްވާ ހެއްދެވި އެވެ. އެކަމަނާގެ ހުރިހާ މުއްސަނދިކަމަކާއި، މުދަލެއް އެކަލޭގެފާނަށް ޤުރުބާންކުރެއްވި އެވެ. އެކަމަނާ ވަނީ ވަފާތެރިކަމާއެކު އަށް ފަންސަވީސް އަހަރު ވަންދެން رَسُوْلُ اللهِ ﷺ އަށް ޚިދުމަތްކުރައްވާފައެވެ. އެކަމަނާ އެންމެ ފަހަރަކު ވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި ނުޖައްސަވައެވެ.

خديجة ގެފާނު އަވަހާރަވީ ޢުމުރުފުޅުން ފަސްދޮޅަސް ފަސް އަހަރުގައި المكَّةُ المُكرَّمةގައި ހިޖުރައިގެ ތިން އަހަރު ކުރިންނެވެ. އަދި أبو طالب ގެފާނު އަވަހާރަވީތާ 3 ދުވަސް ފަހުންނެވެ.

رَسُوْلُ اللهِ ﷺ، އެކަލޭގެފާނު އަވަހާރަވުމާ ހަމަޔަށް، ކޮންމެ ކަމެއް ގައި ވަނީ خديجة ގެފާނަށް ތަޢުރީފުކުރައްވާފައެވެ. އެއް ދުވަހެއް ގައި، އެކަލޭގެފާނު، އެކަމަނާ އަށް ތަޢުރީފުކުރައްވަމުން ގެންދަވަނިކޮށް، عائشةގެފާނަށް ކެތްނުކުރެވިގެން ދެންނެވި އެވެ. "ޖަނާބުލް ޙައްޤު ވަނީ ކަލޭގެފާނަށް މާ ރަނގަޅު އަނތްބެއް ދެއްވާފައެވެ". ޖަވާބުގައި އެކަލޭގެފާނު حديث ކުރެއްވި އެވެ. "ނޫނެކެވެ! އެ ކަމަނާ އަށް ވުރެ ރަނގަޅު އަންހެނަކު ތިމަންކަލޭގެފާނަށް ނުދެއްވައެވެ. އެންމެން ތިމަންކަލޭގެފާނާ ދިމާލަށް ދޮގުވެރިއެކޭ ބުނަމުންދިޔަ އިރު އެ ކަމަނާ ތިމަންކަލޭގެފާނު ޤަބޫލުކުރިއެވެ. އެންމެން ތިމަންކަލޭގެފާނަށް އަނިޔާކުރަމުންދިޔަ އިރު، އެކަމަނާ ތިމަންކަލޭގެފާނަށް އެހީތެރިވިއެވެ. އެކަމަނާ ތިމަންކަލޭގެފާނުގެ ހިތާމަތައް ފިލުވައިދިނެވެ".

خديجة ގެފާނާއި، އެކަމަނާގެ ދަރިކަނބަލުން فاطمة الزّهراء އަކީ، رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ބަޔާންކުރައްވާފައިވާ މުޅި ދުނިޔޭގައި ވާ ހުރިހާ އަންހެނުންގެ ތެރެއިން އެންމެ މަތިވެރި ހަތަރު އަންހެން ކަނބަލުންގެ ތެރޭގައި ހިމެނޭ ދެ ކަނބަލުންނެވެ. ތިން ވަނަ ކަނބަލަކީ، ފިރުޢައުނުގެ އަނބިކަނބަލުން آسِيَة (‏رضي الله عنها)‏ އެވެ. ހަތަރު ވަނަ ކަނބަލަކީ عيسى (‏عليه السلام)‏ مريم (‏رضي الله عنها)‏ އެވެ.

"ނޫނެކެވެ! އެ ކަމަނާ އަށް ވުރެ ރަނގަޅު އަންހެނަކު ތިމަންކަލޭގެފާނަށް ނުދެއްވައެވެ. އެންމެން ތިމަންކަލޭގެފާނާ ދިމާލަށް ދޮގުވެރިއެކޭ ބުނަމުންދިޔަ އިރު އެ ކަމަނާ ތިމަންކަލޭގެފާނު ޤަބޫލުކުރިއެވެ. އެންމެން ތިމަންކަލޭގެފާނަށް އަނިޔާކުރަމުންދިޔަ އިރު، އެކަމަނާ ތިމަންކަލޭގެފާނަށް އެހީތެރިވިއެވެ. އެކަމަނާ ތިމަންކަލޭގެފާނުގެ ހިތާމަތައް ފިލުވައިދިނެވެ".
حديث شريف

عائشة (‏رضي الله عنها)‏: އެކަމަނާ އަކީ رَسُوْلُ اللهِ ﷺ ގެ ދެވަނަ ހުސްތާހިރު އަނބިކަމަނާ އެވެ. އެ ކަމަނާ އަކީ أبوبكر الصدّيق (‏رضي الله عنه)‏ ގެ ދަރިކަނބަލުންނެވެ. އެކަމަނާގެ މަންމާފުޅުގެ ނަމަކީ، أمُّ رُومان އެވެ. އެ ކަމަނާ އުފަންވީ ހިޖުރައިގެ ކުރީގެ 8 ވަނަ އަހަރު އެވެ. އެ ކަމަނާ އަށް ދަރިން ނުލިބެއެވެ. رَسُوْلُ اللهِ ﷺ އެ ކަމަނާ އާ ކައިވެނި ބައްލެވީ، خديجة الكبرى (‏رضي الله عنها)‏ އަވަހާރަވިތާ އެއް އަހަރު ފަހުން އަދި ހިޖުރައިގެ 2 އަހަރު ކުރިންނެވެ. އޭގެ ތިން އަހަރު ފަހުން، މަދީނާ ގައިވާ حجرة السعادة އަށް ގެންނެވުމުގެ ޝަރަފު ލިބުނެވެ. އެ ކަމަނާ އަށް ލިބިފައިވާ ވިސްނުންތޫނު ކަމާއި، ޢިއްފަތްތެރިކަމާއި، ތަޤްވާވެރިކަން ހުރީ އާދަޔާޚިލާފު މިންވަރަކަށެވެ. އެ ކަމަނާ އަށް رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ތަޢުރީފުކުރެއްވި އެވެ. އެކަމަނާގެ ކައިވެނި ކުރެވުނީ، الله تعالى ގެ އަމުރުފުޅުގެ ދަށުންނެވެ. ކީރިތި ޤުރްޢަނުގެ އާޔަތެއް ގައި އެ ކަމަނާ އަށް ތަޢުރީފުކުރައްވާފައި ވެއެވެ. އަޞްޙާބުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެ ކަމަނާގެ އެހީތެރިކަން ހޯއްދަވާފައި ވެއެވެ. رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތް އިރު އެ ކަމަނާގެ ޢުމުރުން 18 އަހަރެވެ. އެކަމަނާގެ އިޖްތިހާދު، عليގެފާނުގެ އިޖްތިހާދާ ދިމާނުވާ އިރު، އެކަމާ ހިމެނެނީ، ޖަމަލު ހަނގުރާމައިގައި عليގެފާނާ ދެކޮޅަށް ހަނގުރާމަ ކުރެއްވި އަޞްޙާބުންގެ ތެރޭގައެވެ. عليގެފާނު ޝަހީދުކޮށްލެވުމުން، عائشةގެފާނު ވަރަށް ބޮޑަށް އެކަމާ ވަރަށް ހިތާމަކުރެއްވި އެވެ. ޙުރީފީންނަކީ، عائشةގެފާނު ވަރަށް ބޮޑަށް ބަދުނާމުކުރާ ބައެކެވެ. އެ މީހުން ބުނާގޮތުގައި، އެކަމަނާ عليގެފާނާ ހިތާވި އެވެ. އެހެން ނަމަވެސް، "علي އަށް ލޯބިކުރުމަކީ އީމާންތެރިކަމުގެ ތެރެއިން ވާ ކަމެކެވެ"، މި حديث ރިވާކުރެއްވީ ޚުދު އެކަމަނާ އެވެ. އެހެންކަމުން، އެކަމަނާ އިޢުލާންކުރައްވާފައިވަނީ، އެކަމަނާ عليގެފާނަށް ލޯބިކުރައްވާ ކަމާއި، އަދި އެހެން މީހުން ވެސް عليގެފާނަށް ލޯބިކުރަންޖެހޭނެ ކަމަށެވެ.

عائشةގެފާނު އަވަހާރަވީ ހިޖުރައިން 57 ވަނަ އަހަރު ޢުމުރުފުޅުން 65 އަހަރުގައެވެ. އެކަމަނާގެ މަޤްބަރާ ވަނީ جنّة البقيع ޤަބުރުސްތާނު ގައެވެ.

سودَة بنت زَمعة (‏رضي الله عنها)‏: އެކަމަނާ އަކީ، رَسُوْلُ اللهِ ﷺ ގެ ތިން ވަނަ އަނބިކަނބަލުންނެވެ. އެކަމަނާ އާއި، އެކަމަނާގެ ކުރީގެ ފިރިމީހާ އިސްލާމްވުމަށް ފަހު ހިޖުރަކުރީ ޙަބަޝްކަރަޔަށެވެ. އެ ދެމަފިރިން މައްކާ އަށް އެނބުރި އައިތަނާ އެ ކަމަނާގެ ފިރިމީހާ މަރުވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ފުރަތަމަ عائشة ގެފާނާ ކައިވެނިކުރެއްވުމަށް ފަހު، ދެން سودة ގެފާނާ ކައިވެނިކުރެއްވި އެވެ. رَسُوْلُ اللهِ ﷺ سودة ގެފާނު މައްކާ ގައި ހުންނަ އެކަލޭގެފާނުގެ ގެއަށް ގެންނަވައި، މަދީނާ ގައި ހުންނަ އެކަލޭގެފާނުގެ ގެއަށް ގެންދެވީ عائشة ގެފާނެވެ. އެކަމަނާ އަކީ، ވަރަށް އޯގާތެރި އަދި ޢިއްފަތްތެރި އަންހެން ކަނބަލެކެވެ.

سودة ގެފާނު އަވަހާރަވީ عُمرُގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ.5

حَفصَة (‏رضي الله عنها)‏: އެކަމަނާ އަކީ عُمر (‏رضي الله عنه)‏ ގެ ދަރިކަނބަލުންނެވެ. އެކަމަނާގެ ފުރަތަމަ ފިރިމީހާ އަކީ خُنَيس بن حذافة السهمي އެވެ. ޙަބަޝް ކަރަޔަށާއި، މަދީނާ އަށް ހިޖުރަކުރެއްވީ އެ ދެމަފިރިން އެކުގައެވެ. ޒުވާން ޢުމުރު ގައި އެ ކަމަނާ ހުވަފަތްވުމުން، އެ ކަމަނާގެ ބައްޕާފުޅު، އެ ކަމަނާ ފުރަތަމަ ހުށަހެޅުއްވީ أبوبكر الصدّيق (‏رضي الله عنه)‏ އަށެވެ. ދެން عُثمان بن عفّان (‏رضي الله عنه)‏ އަށެވެ. އެ ދެ ބޭކަލުން ވެސް އެ ހުށަހެޅުން ޤަބޫލެއް ނުކުރެއްވި އެވެ. މިކަމާ عُمرُގެފާނު ހިތާމަކުރެއްވި އެވެ. ހިޖުރައިން ތިން ވަނަ އަހަރު، އެ ކަމަނާގެ ކައިވެނި رَسُوْلُ اللهِ ﷺ އާ ކުރުމުގެ ޝަރަފު އެ ކަމަނާ އަށް ލިބިގެންދިޔަ އެވެ. ދުވަސްގަނޑަކަށް ފަހު، رَسُوْلُ اللهِ ﷺ އެ ކަމަނާ ވަރިކުރެއްވި އެވެ. جبريل (‏عليه السّلام)‏ ގެ އިޝާރާތަކަށް رَسُوْلُ اللهِ ﷺ އަލުން އެ ކަމަނާއާ ކައިވެނިކުރެއްވި އެވެ. އެ ކަމަނާ ވަރަށް ގިނައިން ރޯދަ ހިއްޕަވައި، ނަމާދުކުރައްވައެވެ.

އެކަމަނާ އަވަހާރަވީ، ހިޖުރައިން 41 ވަނަ އަހަރު އެކަމަނާގެ ޢުމުރުން ފަސްދޮޅަސް އަހަރު ގައެވެ.

زينب بنت خُزَيمة (‏رضي الله عنها)‏: އެކަމަނާ ވަނީ ގިނަގިނައިން އަޅުކަންކުރައްވައި، ގިނަ ގުނަ ޞަދަޤާތް ދެއްވާފައެވެ. ކުރިން، އެ ކަމަނާ އަކީ عبدالله بن جَحش ގެ އަނބިކަނބަލުންނެވެ. عبدالله بن جَحش ގެ މަންމާފުޅަކީ، رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑުދައިތާފުޅު أُمَيمَة އެވެ. أُحد ހަނގުރާމައިގައި عبدالله بن جَحش ޝަހީދުވީ އެވެ.

އެކަމަނާ رَسُوْلُ اللهِ ﷺ އާ ކައިވެނިކުރުމުގެ ޝަރަފު ލިބިވަޑައިގަތަސް، ކައިވެނިކުރެއްވިތާ އަށް މަސް ފަހުން އެ ކަމަނާ އަވަހާރަވީ އެވެ.6

أُمُّ سَلْمَة (‏رضي الله عنها)‏: އެކަމަނާގެ ނަމަކީ ކުރިން هِندُ އެވެ. އެކަމަނާ ޙަބަޝް ކަރަޔަށް ހިޖުރަކުރެއްވީ އޭރުގެ ފިރިކަލުން أبُو سَلمة އާ އެކުގައެވެ. أبُو سَلمة ގެ މަންމަ އަކީ، رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑު ދައިތާ بَرَّة بن عبدالمطّلب އެވެ. أبُو سَلمة އަވަހާރަވީ أُحد ހަނގުރާމައިގައި ވީ ޒަޚަމްތަކުގެ ސަބަބުން ހިޖްރައިން ހަތަރު ވަނަ އަހަރުގައެވެ. އެކަމަނާ އަށް أبُوبكر ގެފާނާއި، عُمرُ ގެފާނުގެ ފަރާތުން ހުށަހެޅުއްވި ކައިވެނީގެ ހުށަހެޅުއްވުން ޤަބޫލެއް ނުކުރެއްވި އެވެ. رَسُوْلُ اللهِ ﷺ އާ ކައިވެނި ކުރުމުގެ ޝަރަފު އެ ކަމަނާ އަށް ލިބުނެވެ.

އެކަމަނާ އަވަހާރަވީ މަދީނާ ގައި ހިޖްރައިން ފަންސާސް ނުވަ ވަނަ އަހަރުގައި، ޢުމުރުން އަށްޑިހަ ހަތަރު އަހަރުގައެވެ. رَسُوْلُ اللهِ ﷺ ގެ އަނބިއަނބި ކަނބަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވި ބޭކަނބަލަކީ އެކަމަނާ އެވެ.7

جُوَيْرِيَة (‏رضي الله عنها)‏: އެކަމަނާ އަކީ، بني المُصطَلَق ޤަބީލާ ގެ ވެރިޔާ الحارث بن أبي ضرار ގެ ދަރިކަނބަލުންނެވެ. އެކަމަނާ ވަނީ ހިޖްރައިން ފަސް ވަނަ އަހަރު ކުރެވުނު مُرَيسِيع ހަނގުރާމައިގައި އަސީރުކޮށްފައެވެ. އެ ހަނގުރާމައިގައި އެކަމަނާގެ ބޮޑުބޭބެ ގެ ދަރި ކަމުގައިވާ އެ ކަމަނާގެ ފިރިމީހާ ވަނީ ޤަތުލުވެފައެވެ. އޭރު އެކަމަނާގެ ޢުމުރުން ވިހި އަހަރެވެ. އަދި ވަރަށް ރީއްޗެވެ. ވިއްކާލުމަށް ހުށަހެޅުމުން، ބުނެވޭގޮތުގައި، އެ ކަމަނާގެ ބައްޕަ ވަނީ ޖަމަލުތަކެއް ހިފައިގެން އެކަމަނާ ގަތުމަށް މަދީނާ އަށް ގޮސްފައެވެ. އޭނާ އަތުގައި އޮތް މޮޅު ދެ ޖަމަލު ދޫނުކޮށްލަން ވެގެން، އޭނާ ހެދި ގޮތަކީ އެ ދެ ޖަމަލު ސިޓީގެ ރަށްބޭރުގައި ފޮރުވީއެވެ. رَسُوْلُ اللهِ ﷺ އޭނާ އަށް حديث ކުރެއްވީ މި ވެނި ތަނެއް ގައި ފޮރުވި ދެ ޖަމަލު ގެނައުމަށެވެ. މި ކަމާ ވަރަށް ޙައިރާންވެ؛ އޭނާ އާއި، އޭނާ ދެ ދަރިންނާއި، އިތުރު އެތައް ބަޔަކު އިސްލާމް ވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ޖަމަލުތައް ނަންގަވައި، އޭނާގެ ދަރިކަނބަލުން އަނބުރާ ދެއްވައިފި އެވެ. އެ ކަމަނާ ވެސް އިސްލާމް ވެއްޖެ އެވެ. رَسُوْلُ اللهِ ﷺ جُويرية އާ ކައިވެނިކުރެއްވުމަށް އޭނާގެ ބައްޕަ ކައިރިން އެދިލެއްވުމަށް ފަހު، އެކަމަނާއާ ކައިވެނި ކުރެއްވި އެވެ.

އެކަމަނާ އަވަހާރަވީ ހިޖުރައިން ފަންސާސް ހަވަނަ އަހަރުގައެވެ.

زَينَبُ بنتِ جَحش (‏رضي الله عنها)‏: އެކަމަނާ އަކީ، رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑުދައިތާ أميمة بِنْت عَبْد المُطَّلِب ގެ ދަރިކަނބަލުން، އަދި عبد الله بن جحشގެ އަންހެން ކޮއްކޮ އެވެ. އެކަމަނާގެ ބައްޕަގެ ނަމަކީ ބައްރާ އެވެ. އޭނާ އިސްލާމްނުވުމުން އޭނާ އަށް ކިޔުނީ ޖަޙްޝް އެވެ. زينب ހިމެނެނީ އެންމެ ފުރަތަމަ އިސްލާމްވީ މީހުންގެ ތެރޭގައެވެ.

رَسُوْلُ اللهِ ﷺ އެންމެ ފުރަތަމަ އެ ކަމަނާ ކައިވެނިކުރެއްވީ، އެކަލޭގެފާނު އެޑޮޕްކުރައްވައިގެން ގެންގުޅުއްވި زيد بن حارثة އާ އެވެ. އެ ދެމަފިރިން ވަރިކުރީ ހިޖުރައިން ތިން ވަނަ އަހަރު އެވެ. ސަބަބަކީ، زيد އެކަމަނާގެ ޙައްޤުތަކަށް ރިޢާޔަތް ނުކުރުމެވެ.

رَسُوْلُ اللهِ ﷺ ބޭނުންފުޅުވީ އެ ކަމަނާ އާ ކައިވެނިކުރެއްވުމެވެ. ޒައިނަބަށް މި ޚަބަރު އިވިލެއްވުމުން، އެ ކަމަނާ އުފަލުން ގޮސް ދެ ރަކްޢަތް ނަމާދެއް ކުރައްވައި، އަންނަނިވި ދުޢާކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އިބަރަސްކަލާނގެ ރަސޫލާ ބޭނުންފުޅުވަނީ އަޅާ އާ ކައިވެނިކުރައްވާށެވެ. އިބަރަސްކަލާނގެ އިރާދަކުރައްވަނީ އެކަލޭގެފާނުގެ އަނބިމީހާ އަށް ވުމުގެ ޝަރަފު އަޅާ އަށް ދެއްވުމަށް ކަމަށް ވާ ނަމަ، އަޅާ އެކަލޭގެފާނަށް ދެއްވާދޭވެ". الله تعالى އެކަމަނާގެ ދުޢާ އިޖާބަކުރެއްވި އެވެ. އެއާއެކު، ކީރިތި قرآن ގެ الأحزاب سورة ގެ 37 ވަނަ އާޔަތް ބާވައިލެއްވިއެވެ. (‏لَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا)‏ * الأحزاب: 37)‏ މާނައީ: "ފަހެ، زَيدُ، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފި ހިނދު (‏އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު ވަރިކޮށް عدة ހަމަވުމުން)‏ ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ". އެކަމަނާގެ ކައިވެނި ކުރައްވާފައިވަނީ الله تعالى ކަމުގައިވާތީ، رَسُوْلُ اللهِ ﷺ އެކަމަނާ އަށް އެހެން ކައިވެންޏެއް ނުކުރައްވައެވެ. زينب (‏رضي الله عنها)‏ އެކަމާ އަބަދު ވެސް ފަޚްރުވެރިވެ ވިދާޅުވެއެވެ. "ކޮންމެ އަންހެނަކު ވެސް ކައިވެނިކޮށްދެނީ އެ ކަނބަލެއްގެ ބައްޕައެވެ. އަހަންނަށް ބަލާ އިރު، އަހަރެންގެ ކައިވެނި ކޮށްދެއްވާފައިވަނީ الله تعالى އެވެ". އޭރު އެ ކަމަނާގެ ޢުމުރުން ތިރީސް ހަތް އަހަރެވެ.

އެ ކަމަނާ އަވަހާރަވެފައިވަނީ ހިޖުރައިން ވިހި ވަނަ އަހަރު ޢުމުރުފުޅުން ފަންސާސް ތިން އަހަރު ގައެވެ.8

زينب ގެފާނަކީ ވަރަށް ދީލަތި، އަދި ޞަދަޤާތް ދެއްވުމަށް ލޯބިކުރެއްވި ބޭކަނބަލެކެވެ. އެކަމަނާ، އަތްތެރި މަސައްކަތަށް ވެސް ވަރަށް ހުނަރުވެރި އެވެ. އެ ކަމަނާ އަތްތެރި މަސައްކަތުން އުފެއްދެވި ތަކެއްޗާއި، އެ ކަމަނާ އަށް ލިބުނު ހުރިހާ އެއްޗެއް ދެއްވީ އެ ކަމަނާގެ ތިމާގެ މީހުންނަށާއި، ފަޤީރުންނަށެވެ. رَسُوْلُ اللهِ ﷺ ގެ ހަތަރު އަނބިކަނބަލުންނަށް، ޚަލީފާ عُمر ބާރަ ހާސް ދިރުހަމް ދެއްވި އެވެ. زينب بنت جحش އަށް އެ ފައިސާ ލިބުނުހާ އަވަހަކަށް ފަޤީރުންނަށް ބައްސަވައެވެ. عائشة (‏رضي الله عنها)‏ އެ ކަމަނާ އަށް ތަޢުރީފުކުރެއްވި އެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނުގެ އަނބިންގެ ތެރެއިން އެންމެ ފުރަތަމަ ތިމަންކަލޭގެފާނާ ހަމަޔަށް ފޯރާނީ ވަރަށް ދީލަތި ކަމަނާ އެވެ".9 މި ޙަދީޘުން އަންގަވާފައިވަނީ އެކަމަނާ އެންމެ ފުރަތަމަ އަވަހާރަވާނެ ކަމަށެވެ. އެހެނީ، އެންމެ ގިނަ ޞަދަޤާތް ދެއްވީ އެ ކަމަނާ އެވެ.

"ސައްޔިދުންނާއި، ޝަރަފުވެރިން ދެކެ ލޯބިވުމުން މީހަކުގެ ފަހު ނޭވާ ގައި އީމާންކަމުގައި ކާމިޔާބު ލިބޭ ސަބަބެކެވެ".
أبو مُشاهد بن نظيف (‏رحمة الله عليه)‏

އަޚްލާޤީގޮތުން ގޮތެއްފޮތެއް ނެތް ބަދުބަސް ބުނަމުންދިޔަ ފަރަންސޭސި ޝާޢިރު ވޮލްޓެއަރ ލިޔުނު ޑްރާމާއެއް ގައި، ތާރީޚާއި، ޙަޤީޤަތްތަކާއި، ރިވާވެގެން އައިސްފައިވާ ގޮތާ މުޅިން ޚިލާފަށް، ގޮތެއް ފޮތެއް ނެތް އަދި ހަދަހަދައިގެން ބަދުބަސް ބުނަމުން، رَسُوْلُ اللهِ ﷺ زينبގެފާނާ ކައިވެނިކުރެއްވުމާ ގުޅޭގޮތުން ޅެމެއް ލިޔުނެވެ. އޭނާ އެ ލިޔުނު، މުފައްކިރަކާ އަދި ލިޔުންތެރިޔަކާ މުނާސަބު ނޫން ހުތުރު އަދި މުޑުދާރު ފޮތް، އޭނާ ފައްޅިން ބޭރުކޮށްފައިވާ އޭނާގެ ޢަދުއްވު ޕޯޕަށް ކަމުގޮސްގެން އޭނާ އަށް ތަޢުރީފުކޮށް ސިޓީއެއް ލިޔުނެވެ.

މި ޑްރާމާ، ސްޓޭޖް ގައި ކުޅެންއުޅޭ ކަމުގެ ޚަބަރު، މުސްލިމުންގެ ޚަލީފާ ސުލްޠާން ޢަބްދުލްޙަމީދު 2 އަށް ލިބިވަޑައިގެން، ފަރަންސޭސި އަދި އިނގިރޭސި ސަރުކާރުތަކަށް މުހުލަތެއް ދެއްވާ އިންޒާރު ދެއްވައިގެން ވަގުތުން އެކަން ހުއްޓުވައި، މުޅި އިންސާނިއްޔަތު ލަދުވެތިކަމުންނާއި، ވެއްޓިދާނެ ދަށު ދަރަޖައަކުން ސަލާމަތްކޮށްދެއްވި އެވެ.

صَفِيَّة (‏رضي الله عنها)‏: އެކަމަނާ އަކީ، ޚައިބަރުގެ ޔަހޫދީންގެ ވެރިޔާ حُيَيَ بن أخطبُ ގެ ދަރިކަނބަލުންނެވެ. އެ ކަމަނާ ވަނީ ޚައިބަރު ގައި ޔަހޫދީއަކާ އެންގޭޖްކޮށްފައެވެ. ދެން، އެ ކަމަނާ ކައިވެނިކުރެއްވީ، ވަރަށް މުއްސަނދި މީހެއް ކަމަށް ވާ كنانة بن أبي الحقيق އާ އެވެ. ހިޖުރައިން ހަތް ވަނަ އަހަރު ޚައިބަރު ފަތަޙަކުރެވުނު އިރު، صفيّة ވެސް އަސީރެއްގެ ގޮތުގައި ހައްޔަރުކުރެވުނެވެ. އެ ކަމަނާ رَسُوْلُ اللهِ ﷺ ގެ ޙިއްޞާ އަށް ލައްވާލުމުން، އެކަލޭގެފާނު އެ ކަމަނާ މިނިވަންކުރެއްވި އެވެ. އެ ކަމަނާ އިސްލާމްވެ، رَسُوْلُ اللهِ ﷺ އާ ކައިވެނިކުރުމުގެ ޝަރަފު ލިބިވަޑައިގަތެވެ.

އެ ކަމަނާ އަވަހާރަވީ، ހިޖުރައިން ފަންސާސް ވަނަ އަހަރު މަދީނާ ގައެވެ.10

أُمُّ حَبيية (‏رضي الله عنها)‏: އެކަމަނާ އަކީ، أبو سُفيان بن حرب بن أُميّة ގެ ދަރިކަނބަލުން އަދި معاوية بن أبي سُفيان ގެ ދައްތަ އެވެ. އެ ކަމަނާގެ މަންމާފުޅަކީ، هند އެވެ. އެކަމަނާ އޭނާގެ ފިރިމީހާ އާ އެކު އިސްލާމްވެ، އޭގެ ފަހުން ޙަބަޝް ކަރަޔަށް ހިޖުރަކޮށްފި އެވެ. އެ ކަމަނާގެ ދަރިކަނބަލުން ޙަބީބާ ޙަބަޝް ކަރަޔަށް އުފަންވެފައި ވުމާ އެކު، އެ ކަމަނާ އަށް ވަނަމަކަށް ކިޔާ އުޅުނީ أُمُّ حّبِيبَة އެވެ. އެ ކަމަނާގެ ފިރިމީހާ އަށް އެތަނުގެ ފާދިރީ ގެ މަގުފުރެއްދުމުގައި ޖެހި، މުރުތައްދުވެ އެ ގޮތުގައި އޭނާ މަރުވެއްޖެ އެވެ. އެ ކަމަނާ އެކަނިވެ ފަޤީރު ޙާލުގައި ޖެހިއްޖެ އެވެ. އެ ކަމަނާ ވިދާޅުވެފައި ވެއެވެ. "އަހަރެން رَسُوْلُ اللهِ ﷺ ގެ ދީން ދުލެއް ނުކުރާނަމެވެ". أُمُّ حّبِيبَة އަށް އުފާވެރިކަން ގެނެސްދެއްވުމަށް ޓަކައި، رَسُوْلُ اللهِ ﷺ ބޭނުންފުޅުވީ އެ ކަމަނާ އާ ކައިވެނިކުރައްވާށެވެ. ހިޖުރައިން ހަތް ވަނަ އަހަރު، އެކަލޭގެފާނު ނަޖާޝީ އަށް ސިޓީއެއް ފޮނުއްވި އެވެ. رَسُوْلُ اللهِ ﷺ ގެ މި އެންގެވުމާ ގުޅިގެން ނަޖާޝީ ވަނީ އެ ކަމަނާ އާ رَسُوْلُ اللهِ ﷺ ކައިވެނިކޮށްދީ، އެ ކަމަނާ މަދީނާ އަށް ފޮނުވާފައެވެ.

އެ ކަމަނާ އަވަހާރަވީ ހިޖުރައިން ސާޅީސް ހަތަރު ވަނަ އަހަރުގައި މަދީނާގައެވެ.

مَيمُونة (‏رضي الله عنها)‏: އެކަމަނާގެ އަޞްލު ނަމަކީ بَرَّة ކަމަށް ވާ އިރު، ميمُونة އަށް ނަން ބަދަލުކުރެއްވީ رَسُوْلُ اللهِ ﷺ އެވެ. އެ ކަމަނާގެ ފިރިމީހާ މަރުވެއްޖެ އެވެ. ޚައިބަރު ފަތަޙަކުރެއްވުމަށް ފަހު، ޢުމްރާ އަށް މަދީނާ އަށް ވަޑައިގަތް ފަހަރެއް ގައި، رَسُوْلُ اللهِ ﷺ އާ ކައިވެނި ކުރެއްވުމުގެ ޝަރަފު އެ ކަމަނާ އަށް ލިބިވަޑައިގަތީ، އެނބުރި މަދީނާ އަށް ވަޑައިގަތް މަގުމަތީގައެވެ. ހިޖުރައިން ފަންސާސް ތިން ވަނަ އަހަރު އެ ކަމަނާ އަށް އާލާސްކަންފުޅެއް ޖެހުނެވެ. އެ ކަމަނާ ވިދާޅުވެފައި ވެއެވެ. "އަހަރެން މައްކާ އިން ބޭރަށް ގެންގޮސްދޭށެވެ. އެހެނީ، رَسُوْلُ اللهِ ﷺ ޚަބަރު ދެއްވާފައިވަނީ އަހަރެން މަރުވާނީ މައްކާ އިން ބޭރުގައި ކަމަށެވެ". އެ މީހުން އެ ކަމަނާ ބޭރުކުރުމުން، އެ ކަމަނާ އަވަހާރަވީ، އެ ކަމަނާ އާ رَسُوْلُ اللهِ ﷺ ގެ ކައިވެނި ކުރެވުނު ތަން ކަމުގައިވާ ސަރްފު ގައެވެ.11

مارية القِبْطِيّة (‏رضي الله عنها)‏: އެކަމަނާ އިސްލާމްވީ، رَسُوْلُ اللهِ ﷺ ގެ އަންހެން އަޅެއްގެ ގޮތުގައި ވީ ދުވަސްވަރު އެވެ. އަދި އެއާއެކު، رَسُوْلُ اللهِ ﷺ އާ ކައިވެނިކުރުމުގެ ޝަރަފު ލިބިވަޑައިގަތެވެ. مارية ފޮނުވާފައިވަނީ، މިޞްރުގެ އިސްކަންދަރިއްޔާގެ ޙާކިމް މުޤައުޤިސްގެ ފަރާތުން ފޮނުވި ހަދިޔާއެއްގެ ގޮތުން ކަމަށް ވުމާ އެކު، އެ ކަމަނާގެ ނަސަބާއި، އުފަން ތާރީޚު ޔަޤީންކަމާ އެކު އެނގޭކަށް ނެތެވެ. مارية ގެ ފަރާތުން إبراهيم ކިޔާ ދަރިކަލަކު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތެވެ. مارية ގެފާނަކީ ވަރަށް މަޑުމައިތިރި ބޭކަނބަލެކެވެ. އެ ކަމަނާ އަވަހާރަވީ، عُمر (‏رضي الله عنه)‏ ގެ ޚިލާފަތުގެ ފަހު ދުވަސްވަރު މީލާދީ ސަނަތުން 637 (‏ހިޖުރައިން 16)‏ ގައެވެ. އެ ކަމަނާ ފަސްދާނު ލެވިފައިވަނީ جنّة البقيع ޤަބުރުސްތާނު ގައެވެ.12

رَيحَانة (‏رضي الله عنها)‏: އެކަމަނާ އިސްލާމްވީ، رَسُوْلُ اللهِ ﷺ ގެ އަންހެން އަޅަކަށް އިންނެވި ދުވަސްވަރު އެވެ. އެ ކަމަނާ އަކީ މަދީނާގެ ޔަހޫދީ بني قُريضة ޤަބީލާގެ ބޭކަނބަލެކެވެ. އެ ކަމަނާގެ ނަސަބަކީ، ريحانة بنت شمعون بن يزيد ނުވަތަ ريحانة بنت زيد بن عمرو بن حنفة بن شمعون بن يزيد އެވެ. އެ ކަމަނާގެ ސީދާ އުފަން ދުވަހެއް އެނގިފައެއް ނެތެވެ.

އެ ކަމަނާ އަވަހާރަވީ، މީލާދީ ސަނަތުން 631 (‏ހިޖުރައިން 10)‏ ގައި މަދީނާ ގައި، رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތުމުގެ ކުރިންނެވެ. އެ ކަމަނާ ފަސްދާނު ލެވިފައިވަނީ جنّة البقيع ޤަބުރުސްތާނު ގައެވެ.13

رَسُوْلُ اللهِ ﷺ ގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން

رَسُوْلُ اللهِ ﷺ އަށް ހަތް ދަރިން، ތިން ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިން ލިބިވަޑައިގަތެވެ. فاطمة (‏رضي الله عنها)‏ ފިޔަވައި، އެހެން ހުރިހާ ދަރިން ވަނީ رَسُوْلُ اللهِ ﷺ އަށް ވުރެ ކުރިން އަވަހާރަވެފައެވެ. رَسُوْلُ اللهِ ﷺ ގެ ނަސަބު ދެމިގެން ގޮސްފައިވަނީ، فاطمة (‏رضي الله عنها)‏ މެދުވެރިކޮށެވެ. އެކަލޭގެފާނުގެ ކާފަދަރިންގެ ދަރިފަސްކޮޅުގެ ތެރެއިން، حُسين (‏رضي الله عنه)‏ ގެ ދަރިފަސްކޮޅަށް ކިޔެނީ ސައްޔިދު އެވެ. حَسَن (‏رضي الله عنه)‏ ގެ ދަރިފަސްކޮޅަށް ކިޔެނީ ޝަރީފު އެވެ.

ސައްޔިދުންނާއި، ޝަރީފުންނަށް އިޙްތިރާމްކުރުމަކީ رَسُوْلُ اللهِ ﷺ އަށް އިޙްތިރާމް ކުރުމެވެ.
ސައްޔިދުންނާއި، ޝަރިފުން ދެކެ ލޯބިވުމުކީ، އެ މީހަކު ގެ ފަހު ނޭވާ ގައި މުސްލިމެއްގެ ގޮތުގައި މަރުވުމަށް މެދުވެރިވާ ސަބަބެކެވެ.

قاسم (‏رضي الله عنه)‏: قاسم އަކީ رَسُوْلُ اللهِ ﷺ ގެ ތިން ދަރިކަލުންގެ ތެރެއިން އެންމެ ދޮށީ ދަރިކަލުންނެވެ. މި ސަބަބަށް ޓަކައި، رَسُوْلُ اللهِ ﷺ އަށް أبو القاسم (‏ޤާސިމްގެ ބައްޕާފުޅު)‏ އޭ ކިޔުނެވެ. އުފަންވެވަޑައިގަތީ މައްކާ ގައި بِعْثَة ގެ ކުރިންނެވެ. އޭނާގެ މަންމާފުޅަކީ خَدِيجَةُ الكُبْرَى އެވެ.

قاسم އަވަހާރަވީ، އޭނާގެ ޢުމުރުފުޅުން ހަތް މަހުގައެވެ.14

زينب (‏رضي الله عنها)‏: زينب އަކީ رَسُوْلُ اللهِ ﷺ ގެ ހަތަރު ދަރިކަނބަލުންގެ ތެރެއިން އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެ ކަމަނާ އުފަންވެވަޑައިގަތީ، رَسُوْلُ اللهِ ﷺ ގެ ޢުމުރުފުޅުން ތިރީސް އަހަރުގައެވެ. رَسُوْلُ اللهِ ﷺ އަށް ރަސޫލުކަން ދެއްވިކަން އެންގެވުމުގެ ކުރިން އެ ކަމަނާ ކައިވެނިކުރައްވައިގެން ހުންނެވީ އެ ކަމަނާގެ މަންމާފުޅު خديجة ގެފާނުގެ އުޚުތުގެ ދަރިކަލުން أبو العاص بن ربيع އާ އެވެ.15

އެންމެ ފުރަތަމަ، أبو العاص އިސްލާމެއް ނުވެއެވެ. ބަދުރު ހަނގުރާމައިގައި އޭނާ އަސީރެއްގެ ގޮތުގައި ހައްޔަރުކުރެވި، އޭނާ ދޫކޮށްލެވުނީ އޭނާގެ އަނބިކަނބަލުން މަދީނާ އަށް ފޮނުވުން ޝަރުޠުކޮށްފައެވެ. އޭނާ އެ ކަމަނާ ފޮނުވީ އޭނާގެ ބޭބެ އާ އެކުގައި ކަމަށް ވިޔަސް، މުޝްރިކުން، زينبގެފާނު އަނބުރާ ފޮނުވާލި އެވެ. زيد بن حارثة މައްކާ އަށް ފޮނުއްވައި، ރޭގަނޑުގެ ވަގުތު ގައި زينبގެފާނު މަދީނާ އަށް ގެންދެވި އެވެ. ޙުދައިބިއްޔާ ހަނގުރާމަ އަށް ފަހު، أبو العاص އިސްލާމްވެއްޖެ އެވެ. އޭނާ އަށް زينبގެފާނު އަނެއްކާ ވެސް ދެވުނެވެ.

"ތިމަންކަލޭގެފާނުގެ أهل البيت ން، نُوحُ (‏عليه السَلام)‏ ގެ ނައު ފަދައެވެ. އެ ބޭފުޅުންނަށް ތަބަޢަވާ މީހަކަށް ދިންނެވުން ލިބޭހުއްޓެވެ. ދެން ތިބޭ މީހުން ނެތިދާނީ އެވެ".
حديث شريف

އެ ކަމަނާ އަވަހާރަވީ، ހިޖުރައިން އަށް ވަނަ އަހަރުގައި، ޢުމުރުފުޅުން އެއްތިރީސް އަހަރުގައެވެ. އޭރު އެ ކަމަނާގެ ދެ ކުދިން ދުނިޔޭގައި ތިއްބެވި އެވެ. އެއް ކުއްޖަކީ علي އެވެ. އޭނާގެ ފުރާވަރަށް އެރުމުގެ ކުރިން އަވަހާރަވެއްޖެ އެވެ. އަނެއް ކުއްޖާ އަކީ أًمامة އެވެ. زينبގެފާނު، فاطمةގެފާނަށް ވީ ވަޞިއްޔަތަކީ، އެ ދެ ކުދިން عليގެފާނުގެ ބެލުމުގެ ދަށުގައި ބޭއްތިއްބުމަށެވެ. އެ ކަމަނާގެ ދަރިފުޅު علي ހުންނެވީ، މައްކާ ފަތަޙަކުރެއްވި އިރު، رَسُوْلُ اللهِ ﷺ ގެ ޖަމަލަށް ސަވާރުވެގެންނެވެ. عليގެފާނު أًمامة އާ ކައިވެނިކުރެއްވި އެވެ.16

رُقية (‏رضي الله عنها)‏: رُقية އަކީ رَسُوْلُ اللهِ ﷺ ގެ ދެ ވަނަ ދަރިކަނބަލުންނެވެ. އެ ކަމަނާ އުފަންވެވަޑައިގަތީ، رَسُوْلُ اللهِ ﷺ ގެ ޢުމުރުފުޅުން ތިރީސް ތިން އަހަރުގައެވެ. އެ ކަމަނާގެ މަންމާފުޅަކީ خديجة ގެފާނެވެ. އެ ކަމަނާ އަކީ ވަރަށް ރީތި ބޭކަނބަލެކެވެ. އެ ކަމަނާ އަކީ عُثمان بن عفّان (‏رضي الله عنه)‏ ގެ އަނބިކަނބަލުންނެވެ. ކުރިން، އެ ކަމަނާ ހުންނެވީ أبُولهب ގެ ދަރި عُتبة އާ އެންގޭޖްވެގެންނެވެ. رَسُوْلُ اللهِ ﷺ އަށް ހިތްދަތިކަން ދިނުމަށް ޓަކައި، أبُولهب އާއި އޭނާގެ އަނބިމީހާ، އެ ދެމަފިރިންގެ ދަރިފުޅު ލައްވާ އެ އެންގޭޖްމެންޓް ރޫޅުވާލީ އެވެ. "سورة المَسَد" ބާވައިލެއްވި އިރު، عُتبة ވަނީ، ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން އެ ކަމަނާ ވަރިކޮށްފައެވެ. ވަޙީ ބާވައިލެއްވުމާއެކު، އެ ކަމަނާ عثمان ގެފާނާ ކައިވެނި ކުރެވުނެވެ. عثمان ގެފާނާ އެކު އެ ކަމަނާ ދެ ފަހަރެއްގެ މަތިން ޙަބަޝް ކަރަޔަށް، ދެން މަދީނާ އަށް ހިޖުރަކުރެއްވި އެވެ.

ބަދުރު ހަނގުރާމައިގެ ކުރިން رُقيّةގެފާނުގެ ޢުމުރުން 22 އަހަރު ގައި އެ ކަމަނާ އާލާސްކަންފުޅާ ޖެހިއްޖެ އެވެ. عُثمان ގެފާނަށް އެންގެވުނީ، ބަދުރު ހަނގުރާމަ އަށް ވަޑައިނުގެން، އަނބިކަނބަލުންނަށް ޚިދުމަތްކުރެއްވުމަށެވެ. އެ ކަމަނާ އަވަހާރަވީ، ބަދު ހަނގުރާމައިގައި ނަޞްރު ލިބުނު ކަމުގެ ޚަބަރު މަދީނާ އަށް ފޯރި ދުވަހު އެވެ. އަދި ހަމަ އެ ދުވަހު އެ ކަމަނާ ފަސްދާނު ލެވުނެވެ.17

أُمُّ كُلثُوم (‏رضي الله عنها)‏: قاسم އަކީ رَسُوْلُ اللهِ ﷺ ގެ ތިން ވަނަ ދަރިކަނބަލުންނެވެ. އެ ކަމަނާ އެންގޭޖްވެފައިވަނީ، أبُولَهَبُ ގެ ދެވަނަ ފިރިހެންދަރި ޢުތައިބާ އާ އެވެ. "سورة المسد" ބާވައިލެއްވި އިރު، ޢުތައިބާ ވަނީ ކައިވެނީ ޙަފުލާގެ ކުރިން އެ ކަމަނާ ވަރިކޮށްފައެވެ. އަދި رَسُوْلُ اللهِ ﷺ އަށް ނިސްބަތްކޮށް ނުސިޔާނު ބަސްތަކެއް ބުނެފައެވެ. އެއާއެކު، رَسُوْلُ اللهِ ﷺ އޭނާ އަށް އަންނަނިވި ބަދު ދުޢާ ކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އިބަސުވާމީންގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް އޭނާގެ މައްޗަށް ފާކުރައްވާދޭވެ"! ދިމިޝްޤަށް ދިޔަ މަގުމަތީގައި ސިންގާއެއް ޢުތައިބާ އަށް ޙަމަލާދީ ފޮތިފޮތިކޮށްލައިފި އެވެ. رُقيّةގެފާނު އަވަހާރަވުމަށް ފަހު، ވަޙީ ބާވައިލައްވައި، أُمُّ كُلثُوم ވެސް عثمان ގެފާނާ ކައިވެނި ބައްލަވައިގެންފި އެވެ.

އެ ކަމަނާ އަވަހާރަވީ ހިޖުރައިން ނުވަ ވަނަ އަހަރުގައެވެ. އެކަމަނާގެ ޖަނާޒާ ނަމާދު އިމާމުވެ ކުރެއްވީ رَسُوْلُ اللهِ ﷺ އެވެ. އަދި އެ ކަމަނާ ފަސްދާނު ލެވުނު އިރު، އެ ކަމަނާގެ މަހާނަ ކައިރީގައި ކޮޅަށް ހުއްޓި ހުންނެވި އިރު، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުން ކަރުނަ އޮހެމުންދިޔަ އެވެ.18

فاطمة (‏رضي الله عنها)‏: އެ ކަމަނާ އަކީ، رَسُوْلُ اللهِ ﷺ ގެ ހަތަރު ވަނަ ދަރިކަނބަލުންނެވެ. އަދި علي (‏رضي الله عنه)‏ ގެ އަނބިކަނބަލުންނެވެ. އެ ކަމަނާ ކައިވެނިކުރެއްވި އިރު، އެ ކަމަނާގެ ޢުމުރުން ފަނަރަ އަހަރެވެ.19 "مواهبُ اللدُنيَا" މި ފޮތުގެ ސަވީޤު ހަނގުރާމަ ޗެޕްޓަރ ގައި ލިޔެވިފައިވާ ގޮތުގައި، އެ ކަމަނާގެ ކައިވެނީގެ ރަނުގެ މިންވަރަކީ ހަތަރު ސަތޭކަ މިޘްޤާލުގެ ރިއްސެވެ. އެއީ، 57.14 މިޘްޤާލުގެ ރަނާ އެއްވަރުގެ މިންވަރެކެވެ. (‏މިއަދުގެ 38 ރަން ފައުނެވެ.)‏ علي (‏رضي الله عنه)‏ ގެ ޢުމުރުފުޅުން ފަންސަވީސް އަހަރެވެ. އެކަލޭގެފާނު ހިމެނެނީ أهل البيت ންގެ ތެރޭގައެވެ. އެ ކަމަނާ ދޮންވެފައި ވަރަށް ރީއްޗެވެ. އެ ކަމަނާ އުފަންވެ ވަޑައިގަތީ ހިޖުރައިގެ ތޭރަ އަހަރު ކުރިން މައްކާގައެވެ. އަދި އަވަހާރަވީ، ޢުމުރުފުޅުން ސައުވީސް އަހަރުގައި، ހިޖުރައިން އެގާރަ ވަނަ އަހަރުގައެވެ. حسن އާއި، حُسين އާއި، مُحْسِن އާ މި ތިން ފިރިހެން ދަރިންކަލުންނާއި، ދެ އަންހެން ދަރިކަނބަލުން ކަމަށްވާ أُمُّ كُلثُوم އާއި، زَينَبُ އެ ކަމަނާގެ ތިއްބެވި އެވެ.20

رَسُوْلُ اللهِ ﷺ ގެ ނަސަބު ނުވަތަ ދަރިފަސްކޮޅު ދެމިގެންގޮސްފައިވަނީ، فاطمةގެފާނުގެ މެދުވެރިކޮށެވެ. زينب، عبدالله بن جعفرالطّيّار އާ ކައިވެނިކުރައްވައި، علي އާއި، أُمُّ كُلثُوم އާ ދެ ދަރިން ލިބުނެވެ. މި ދަރިފަސްކޮޅަށް ކިޔެނީ الشّريف الجعفري އެވެ.

جنّةُ البقيع- مدينة المُنوّرة – أهل بيت – بناتُ النَّبِيِّ (رَسُوْلُ اللهِ ﷺ ގެ ދަރިދަރިކަނބަލުން) – شًهَداءُ البَقِيع (جنّةُ البَقِيع ގެ ޝަހީދުން) – أَزْوَاجُ النَّبِيِّ (رَسُوْلُ اللهِ ﷺ ގެ އަނބިއަނބިކަނބަލުން) – إمام مالك

عبدالله (‏رضي الله عنه)‏: عيدالله އަކީ، خديجة ގެފާނުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި رَسُوْلُ اللهِ ﷺ ގެ އެންމެ ހަނގު ދަރިފުޅެވެ. އޭނާ އުފަންވެވަޑައިގަތީ، رَسُوْلُ اللهِ ﷺ އަށް އެކަލޭގެފާނުގެ ރިސާލަތު ފޮނުއްވިކަން އެންގެވުމަށް ފަހު އެވެ. އަދި އޭނާ ތުއްތު ކުއްޖެއްގެ ގޮތުގައި ވަނިކޮށް އަވަހާރަވެއްޖެ އެވެ. އޭނާ އަށް طيّب އަދި طاهر އޭ ވެސް ކިޔެއެވެ. عبدالله އަވަހާރަވުމުން، عاص بن وائل ބުންޏެވެ. "مُحمّد ގެފާނަށް އެކަލޭގެފާނުގެ ދަރިފަސްކޮޅު ގެއްލިއްޖެ އެވެ". ކާފަރު عاص އަށް ރައްދުދެއްވައި الله تعالى سورة الكوثر ބާވައިލެއްވި އެވެ.21 الكوثر سورة ގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏إِنَّا أَعْطَيْنَاكَ الْكَوْثَرَ ‎﴿١﴾‏ فَصَلِّ لِرَبِّكَ وَانْحَرْ ‎﴿٢﴾‏ إِنَّ شَانِئَكَ هُوَ الْأَبْتَرُ ‎﴿٣﴾‏‏)‏ * الكوثر: 3-1)‏ މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން (‏އޭގެތެރޭގައި كوثر އޭ ކިޔުނު އާރު ވެސް)‏ ކަލޭގެފާނަށް ދެއްވީމެވެ. (‏1)‏ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ! (‏2)‏ ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރުވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާ އެވެ. (‏3)‏"

إبراهبم (‏رضي الله عنه)‏: إبراهيم އަކީ رَسُوْلُ اللهِ ﷺ ގެ ތިން ވަނަ ދަރިކަލުންނެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ، ހެރަކްލިޔަސް ޢައްޔަންކޮށްފައި ހުރި މިޞްރުގެ ގަވަރނަރ މުޤައުޤިސް ފޮނުއްވި مارية القبطية އެވެ. އޭނާ އުފަންވެވަޑައިގަތީ ހިޖުރައިން އަށް ވަނަ އަހަރުގައެވެ. އަދި އަވަހާރަވީ، އޭނާގެ ޢުމުރުފުޅުން ތިން އަހަރާއި ބައިގައެވެ. އޭނާ އާލާސްކަންފުޅާ އޮންނެވި އިރު، رَسُوْلُ اللهِ ﷺ އޭނާ އަތްޕުޅުގައި ބާއްވަވައިގެން ހުންނަވާ އިރު، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުން ކަރުނަ އޮހޮރެމުންދިޔަ އެވެ. إبراهيم އަވަހާރަވުމުން، حديث ކުރެއްވި އެވެ. "އޭ إبراهيم އެވެ! ތިބާގެ މަރާއެކު އަހަރެމެން މި ތިބީ ވަރަށް ހިތާމައިގައެވެ. އަހަރެމެންގެ ލޯތައް ރޮނީއެވެ؛ އަހަރެމެންގެ ހިތްތަކުގައި ތަދުވަނީ އެވެ. އެކަމަކު، އަހަރެމެން ހައްދަވާ ބޮޑުކުރެއްވި رَبُّ އަށް އިހާނެތިވާނޭ އެއްވެސް އެއްޗެއް އަހަރެމެން ނުބުނާނަމެވެ".22 إبراهيم ފަސްދާނު ލެވިފައިވަނީ جنّة البقيع ޤަބުރުސްތާނު ގައެވެ.

އެ ދުވަހު އިރުކޭތައެއް ހިފި އެވެ. ބައެއް މީހުން ބުނިގޮތުގައި، އިރުކޭތަ ހިފީ إبراهيم އަވަހާރަވުމުގެ ސަބަބުންނެވެ. މި ވާހަކަ رَسُوْلُ اللهِ ﷺ އަށް އިވިވަޑައިގަތުމުން އަންނަނިވި ފަދައިން حديث ކުރެއްވި އެވެ. "ހަނދާއި އިރަކީ، އެކަލާނގެ ވޮޑިގެންވުމާއި، އެއްކައުވަންތަކަން ދައްކުވައިދޭ، އެކަލާނގެ ދެ މަޚްލޫޤުންނެވެ. އެ ދޭތި ކޭތަހިފަނީ، އެއްވެސް މީހެއްގެ މަރަކުން ނުވަތަ ދިރިހުރުމަކުނެއް ނޫނެވެ. އެ ދޭތި ފެންނަ އިރު الله تعالى ގެ މަތިން ހަނދުމަކުރާށެވެ".

އަޅާގެ އިލާހެވެ! فاطمةގެ ދަރިފުޅަށް ޓަކައި،
އަޅާގެ އެންމެ ފަހު ބަހަކީ كلمة التّوحيد ކަމުގައި ލައްވާދޭވެ!
އަޅާގެ މި ދުޢާ އިޖާބަކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް،
އަޅާ އަށް رَسُوْلُ اللهِ ﷺ ގެ أهل البيت ންނަށް ލެނގިލެވޭނެ އޭ.

رَسُوْلُ اللهِ ﷺ ގެ أهل البيت (‏آل الرسول)‏

ކީރިތި قرآن ގެ الأحزاب سورة ގެ 33 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ‎﴿٣٣﴾‏)‏ * الأحزاب: 33)‏ މާނައީ: "ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައި މީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައި މީހުން طاهر ކުރެއްވުމަށެވެ".23

"ކައްސާނުލައި ޞިރާޠުގެ ފާލަމުން ދެވޭނެ މީހުންނަކީ ތިމަންކަލޭގެފާނުގެ أهل البيت ންނާއި، އަޞްޙާބުން ދެކެ ވަރަށް ލޯބިވީ މީހުންނެވެ".
حديث شريف

أصحاب الكرام ސުވާލުކުރެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! أهل البيت ންނަކީ ކޮން ބައެއް ތޯ އެވެ"؟ ހަމަ އެ ވަގުތު الإمام علي ވަޑައިގަތެވެ. رَسُوْلُ اللهِ ﷺ، عليގެފާނު އެކަލޭގެފާނުގެ ކޯޓުކޮޅުގެ ދަށަށް ލެއްވި އެވެ. ދެން، فاطمة الزّهراء، إمام حسن، إمام حُسَين، ބޭފުޅަކަށް ފަހު އަނެއް ބޭފުޅަކު ވަޑައިގެންފި އެވެ. އެ ބޭފުޅުން އެކަލޭގެފާނުގެ ދެ ފަރާތަށް ލެއްވުމަށް ފަހު حديث ކުރެއްވި އެވެ. "މިތާ މި ތިބީ ތިމަންކަލޭގެފާނުގެ أهل البيت ންނެވެ". މި މާތް ބޭފުޅުންނަށް "آل الآباء އަދި آل الرّسُول" އޭ ވެސް ކިޔެއެވެ.24

أهل البيت النّبوي ން ދެކެ ލޯބިވުމަކީ، އެ މީހަކު އީމާން ކަމާ އެކު އާޚިރަތަށް ދިއުމަށާއި، ފަހު ނޭވާ ގައި ދިންނެވުން ލިބޭނެ ސަބަބެކެވެ. ން ދެކެ ލޯބިވުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ފަރްޟެކެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނުގެ أهل البيت ން، نُوحُ (‏عليه السَلام)‏ ގެ ނައު ފަދައެވެ. އެ ބޭފުޅުންނަށް ތަބަޢަވާ މީހަކަށް ދިންނެވުން ލިބޭހުއްޓެވެ. ދެން ތިބޭ މީހުން ނެތިދާނީ އެވެ".25

أهل البيت النّبوي ން ގެ ކިބައިގައި ތަފާތު އެކި ރިވެތި ސިފަތައް ވެއެވެ. އެ ސިފަތައް ގުނާ ޢަދަދު ނުކުރެވޭ ހާ ގިނައެވެ. އިންސާނުންނަށް ލިބިފައިވާ ލަޔާޤަތަކީ، އެ ބޭފުޅުން ސިފަކޮށް، އެ ބޭފުޅުންނަށް ތަޢުރީފުކުރެވޭ ވަރުގެ ލަޔާޤަތެއް ނޫނެވެ. އެ ބޭފުޅުންގެ އަގާއި، މަތިވެރިކަން ފަހުމްވާނީ ހަމައެކަނި ކީރިތި قرآن ގެ އާޔަތްތަކުންނެވެ.

އެ ތިއްބެވީ علي އާއި، حسن އާއި، حُسين އޭ،
އެ ބޭކަލުންގެ ލޯބި ވަނީ ހިތްތަކާއި ފުރާނަތަކުގައޭ،
މަޙްޝަރު ދުވަހުގައި، މަތީ މަޖިލިސް ގައި،
އޭ محمّدގެފާނޭ، އަޅުގަނޑުގެ ހިތް އެދެނީ ތިބާއަށޭ.
އަޅަމެންގެ ފަރުބަދައަކީ ޢަރަފާތް ފަރުބަދައޭ،
އަޅަމެންގެ ދުޢާތައް އެތާނގައި އިޖާބަކުރެވެއޭ،
އަޅަމެންގެ ރަސޫލާ އޮންނެވީ މަދީނާ ގައޭ،
އޭ محمّدގެފާނޭ، އަޅުގަނޑުގެ ހިތް އެދެނީ ތިބާއަށޭ.

الإمام الشّافعي މިކަން ވަރަށް ރީތިކޮށް އަންނަނިވި ފަދައިން ހާމަކުރައްވާފައި ވެއެވެ. "އޭ رَسُوْلُ اللهِ ﷺ ގެ أهل البيت ންނޭވެ! ކީރިތި قرآن ގައި الله تعالى ވަނީ ތިޔަބޭފުޅުންނަށް ލޯބިވުމަށް އަންގަވާފައެވެ. ތިޔަބޭފުޅުންނަށް ޞަލަވާތް ނުކިޔަވާ ނަމާދުކުރާ މީހުންގެ ނަމާދު ޤަބޫލުނުކުރައްވާ ތީ އެއިން ދޭހަވަނީ، ތިޔަބޭފުޅުންގެ އަގުހުރި މިންވަރާއި، މަތީ ދަރަޖަ އެވެ. ތިޔަބޭފުޅުންގެޝަރަފުވެރިކަން ބޮޑުކަން ހުރި މިންވަރަކީ، الله تعالى ކީރިތި قرآن ގައި ތިޔަބޭފުޅުންނަށް ސަލާމްކުރައްވައެވެ".

أنس (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "رَسُوْلُ اللهِ ﷺ ގެ އަރިހުން ސުވާލުކުރެވުނެވެ. 'ކަލޭގެފާނު އެންމެ ބޮޑަށް ލޯބިފުޅުވަނީ ކާކަށް ތޯއެވެ'؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. ''حسن އަދި حُسين އެވެ".26

أبو هُريرة (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. "އަހަރެން ހުރީ رَسُوْلُ اللهِ ﷺ ގެ އަރިހުގައެވެ. حسن ގެފާނު ވަޑައިގެންފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އަޅާ އޭނާ ދެކެ ލޯބިފުޅު ވަމެވެ. އިބަރަސްކަލާނގެ ވެސް އޭނާ އާއި، އޭނާ ދެކެ ލޯބިވާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާދޭވެ'. އަދި އެހެން ފަހަރެއް ގައި އެކަލޭގެފާނު حديث ކުރެއްވި އެވެ. 'حسن އާއި حُسَين އަކީ، ތިމަންކަލޭގެފާނުގެ ދުނިޔޭގެ ހުވަނދެވެ'".

އަނެއްކާ، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިޔަބައި މީހުންނަށް ތިމަންކަލޭގެފާނަށް ފަހު ދެ އެއްޗެއް ދޫކޮށްލެވީމެވެ. އެ ދެ ކަންތަކުގައި ތިޔަބައި މީހުން ހިފައފި ކަމުގައި ވާ ނަމަ، ތިޔަބައި މީހުން މަގުގެއްލިގެން ނުދާނެ އެވެ. ފުރަތަމަ އެތި ދެވަނަ އެއްޗަށް ވުރެ މަތިވެރިވެގެން ވެއެވެ. ފުރަތަމަ އެއްޗަކީ، އުޑުން ބިމަށް ދެމިފައިވާ ވަރުގަދަ ވަލެއް ކަމުގައިވާ، الله تعالى ގެ ފޮތް القُرْآنُ الكَرِيم އެވެ. ދެވަނަ އެއްޗަކީ، ތިމަންކަލޭގެފާނުގެ أهل البيت ންނެވެ. މި ދޭއްޗަކީ ވަކިނުކުރެވޭ ފަދަ ދޭއްޗެވެ. މި ދޭއްޗަށް ޢަމަލުނުކުރާ މީހާ ތިމަންކަލޭގެފާނުގެ މަގުން ކައްސާލާނެ އެވެ".27

حسن އާއި، حُسين (‏رضي الله عنهما)‏ އާލާސްކަންފުޅު ޖެހިއްޖެ އެވެ. رَسُوْلُ اللهِ ﷺ علي (‏رضي الله عنه)‏ އާއި، فاطمة (‏رضي الله عنها)‏ އާ މުޚާޠަބުކުރައްވައި حديث ކުރެއްވިއެވެ. "ތިޔަ ދެ ބޭފުޅުންގެ މި ލޮބުވެތި ދަރިންނަށް ނަދުރެއް ކުރައްވާށެވެ"! علي (‏رضي الله عنه)‏ އާއި، فاطمة (‏رضي الله عنها)‏ އާއި، އެ ދެ މަފިރިންގެ ޖާރިޔާ فِضَّة ނަދުރު ވިދާޅުވީ ތިން ދުވަސް ވަންދެން ރޯދް ހިއްޕެވުމަށެވެ. ސުވަރުގޭގެ ދެ ހުވަނދު ކަމުގައިވާ އެ ދެ ބޭކަލުންގެ ބަލި ރަނގަޅު ވެއްޖެ އެވެ. އެކަމަކު، ގޭގައި ކާނެ އެއްޗެއް ނެތެވެ. عليގެފާނު ޔަހޫދީއެއްގެ އަތުން 3 ساع28 ގެ ބާލީ ލޭންދޭނަށް ނެންގެވިއެވެ. އެ ތިން ބޭފުޅުން ވެސް އެ ބޭފުޅުން ނަދުރުގަތް ރޯދަހިއްޕެވުމަށް ނިޔަތްގަތެވެ. فاطمةގެފާނު އެ ތަނުން އެއް ސްކޭލްގެ ބާލީ ހިމުންކުރެއްވި އެވެ. އަދި ފަސް ޕާން ފޮތި ފިއްސެވި އެވެ. އެއީ ފަސް ބޭފުޅުންނެވެ. އިފްޠާރުގެ ވަގުތު ޖެހިއްޖެ އެވެ. فاطمةގެފާނު އެ ތަނުން އެއް ފޮތި ޕާން عليގެފާނުގެ ކުރިފުޅުމަތީގައި، އަނެއް ފޮތި حسنގެ ފާނުގެ ކުރިފުޅުމަތީގައި، އަނެއް ފޮތި حُسينގެ ފާނުގެ ކުރިފުޅުމަތީގައި، އަނެއް ފޮތި ޖާރިޔާ فِضَّة ގެ ކުރިފުޅުމަތީގައި، އަދި އަނެއް ފޮތި އެ ކަމަނާގެ ކުރިފުޅުމަތީގައި ބޭއްވެވި އެވެ. އެ ބޭފުޅުން އިފްޠާރުގެ ވަގުތާ ޖެހިއްޖެ އެވެ. ހަމަ އެ ވަގުތު ވަރަށް ފަޤީރު އައިސް ބުންޏެވެ. "އޭ رَسُوْلُ اللهِ ﷺ ގެ أهل البيت ންނޭވެ! އަޅުގަނޑަކީ ފަޤީރު މުސްލިމުންގެ ތެރޭގައި ހިމެނޭ ފަޤީރު މީހަކީމެވެ. الله تعالى ކަލޭގެފާނަށް ސުވަރުގޭގެ ނިޢުމަތުގެ ހެޔޮ ޖަޒާ ދެއްވާދޭވެ!". އެ ބޭފުޅުން، އެ ބޭފުޅުންގެ އަތްޕުޅުގައި ހުރި ކާނާ ޞަދަޤާތެއްގެ ގޮތުގައި އެ މީހާއަށް ދީ، ރޯދަ ފެނުން ކަނޑާލެއްވި އެވެ. ޖެހިގެން އައި ދުވަހު، އެ ބޭފުޅުން އަނެއްކާ ވެސް ރޯދަ ހިއްޕައިފި އެވެ. އިތުރު އެއް ސްކޭލްގެ ބާލީ ޖާރިޔާ ހިމުންކޮށް ފަސް ޕާން ފޮތި ފިއްސެވި އެވެ. އިފްޠާރު ވަގުތު، އެ ބޭފުޅުން ރޯދަކަނޑާލައްވަން އުޅުއްވަނިކޮށް، ޔަތީމު ކުއްޖަކު އެ ތަނަށް އަތުވެއްޖެ އެވެ. ފަސް ބޭފުޅުން ވެސް އެ ބޭފުޅުންގެ އަތުގައި ހުރި ހުރިހާ ޕާނެއް އެ ޔަތީމު ކުއްޖާ އުފާކޮށްދިނުމުގެ ގޮތުން އޭނާ އަށް ދީފި އެވެ. އެ ބޭފުޅުން އެ ދުވަހު ވެސް ފެނުން އިފްޠާރު ކުރައްވައި ނިދިކުރައްވައިފި އެވެ. ޖެހިގެންއައި ދުވަހު، އެ ބޭފުޅުން އަނެއްކާ ރޯދަ ހިއްޕަވައިފި އެވެ. އެ ބޭފުޅުން އަނެއްކާ ވެސް ބާކީ ހުރި އެއް ސްކޭލްގެ ބާލީ އިން ފަސް ފޮތި ޕާން ފިއްސަވައިފި އެވެ. އެ ބޭފުޅުން އިފްޠާރު ނަންގަވަން ހަމަ އުޅުއްވަނިކޮށް، އަސީރަކު އައިސް ދެންނެވި އެވެ. "އަޅުގަނޑު ބަނޑުހައިކޮށް ހުންނަތާ ތިން ދުވަހެވެ. އެ މީހުން އަޅުގަނޑު ބަނދެފައި ބޭއްވި އިރު އެއްވެސް ކާއެއްޗެއް ނުދެއެވެ. الله تعالى އަށް ޓަކައި އަޅުގަނޑަށް އޯގާތެރިވެލައްވާށެވެ". އެ ފަސް ބޭފުޅުން ވެސް އެ ބޭފުޅުންގެ އަތުގައި ހުރި ހުރިހާ ޕާނެއް އޭނާ އަށް ދީފައި އަނެއްކާ ވެސް ފެނުން އިފްޠާރު ކުރައްވައިފި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވަޙީ ބާވައިލެއްވި އެވެ. ކީރިތި قرآن ގެ الإنسان سورة ގެ 7 ވަނަ އާޔަތުން 9 ވަނަ އާޔަތަށް الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا ‎﴿٧﴾‏ وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا ‎﴿٨﴾‏ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ‎﴿٩﴾‏)‏29 * الإنسان: 9-7)‏ މާނައީ: "އެއުރެން ނަދުރު ފުއްދަތެވެ. އަދި އެ ދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންވާ ދުވަހަކަށް (‏އެބަހީ: قيامة ދުވަހަށް)‏ އެއުރެން ބިރުވެތިވެތެވެ. (‏7)‏ އަދި އެ ތަކެއްޗަށް ލޯބި ހުރުމާ އެކު ވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (‏8)‏ (‏ބުނަމުންނެވެ.)‏ ތިމަންމެން ތިޔަބައި މީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ وجه ފުޅަށް ޓަކައެވެ. ތިޔަބައި މީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ". (‏9)‏ ކީރިތި قرآن ގެ الإنسان سورة ގެ 21 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (‏وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا ‎﴿٢١﴾‏)‏30 * الإنسان: 21)‏ މާނައީ: "އަދި އެއުރެންގެ ވެރި ރަސްކަލާނގެ، އެއުރެންނަށް ސާފު طاهر ބުއިމެއް ބޯންދެއްވާނެތެވެ".

أبو هُريرة (‏رضي الله عنه)‏ ރިވާކުރައްވާފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ حديث ކުރެއްވިއެވެ. "ތިޔަބައި މީހުންގެ ތެރޭގައިވާ ރަނގަޅު މީހުންނަކީ، ތިމަންކަލޭގެފާނަށް ފަހު، ތިމަންކަލޭގެފާނުގެ أهل البيت ންނަށް ރަނގަޅު މީހުންނެވެ".

علي (‏رضي الله عنه)‏ ރިވާކުރައްވާފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ حديث ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ أهل البيت ންނަށް ރަނގަޅު މީހުންނަށް، ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނު ޝަފާޢަތް ދެއްވާނަމެމެވެ".

"ކައްސާނުލައި ޞިރާޠުގެ ފާލަމުން ދެވޭނެ މީހުންނަކީ ތިމަންކަލޭގެފާނުގެ أهل البيت ންނާއި، އަޞްޙާބުން ދެކެ ވަރަށް ލޯބިވީ މީހުންނެވެ".

الإمام الرّبّاني ރިވާކުރައްވާފައިވާ رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި އައިސްފައި ވެއެވެ. "علي ދެކެ ލޯބިވާ މީހާ ޔަޤީނުން ވެސް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖެ އެވެ. علي އަށް ޢަދާވާތްތެރިވެއްޖެ މީހާ ޔަޤީނުން ވެސް ތިމަންކަލޭގެފާނަށް ޢަދާވާތްތެރިވެއްޖެ އެވެ. علي އަށް ހިތްދަތިކުރާ މީހާ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ހިތްދަތިކޮށްފި އެވެ. އަދި ތިމަންކަލޭގެފާނަށް ހިތްދަތިކުރާ މީހާ ހަމަކަށަވަރުން الله تعالى އަށް ހިތްދަތިކޮށްފި އެވެ".

رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "الله تعالى ތިމަންކަލޭގެފާނަށް އަމުރުފުޅުކުރެއްވީ ހަތަރު މީހަކު ދެކެ ލޯބިވުމަށެވެ. އެކަލާނގެ ވަޙީކުރެއްވީ އެކަލާނގެ ވެސް އެ ހަތަރު މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ކަމަށެވެ". އެކަލޭގެފާނުގެ އަރިހުން "އެއީ ކޮން ބައެއް ތޯއެވެ؟ މާތް ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ ނަންތައް އަންގަވާދެއްވުން އެދިދަންނަވަމެވެ". އެކަލޭގެފާނު حديث ކުރެއްވި އެވެ. "علي އަކީ އޭގެ ތެރެއިން އެކެކެވެ. علي އަކީ އޭގެ ތެރެއިން އެކެކެވެ. أبُو ذَر، مِقداد، އަދި سلمان އެވެ".

"ތިމަންކަލޭގެފާނުގެ ޢާއިލާގެ ސަބަބުން ތިމަންކަލޭގެފާނަށް ހިތްދަތިކުރި މީހުންނަށް ގަދަވެގެންވާ ޢަޒާބު ލިބޭ ހުއްޓެވެ".

ޙަދީޘެއް ގައި އައިސްފައި ވެއެވެ. "فاطمة އަކީ ތިމަންކަލޭގެފާނުގެ ބައެކެވެ. އެ ކަމަނާ އަށް ހިތްދަތިކުރާ މީހަކީ ތިމަންކަލޭގެފާނަށް ހިތްދަތިކުރާ މީހެކެވެ". أبو هُريرة (‏رضي الله عنه)‏ ވިދާޅުވެފައި ވެއެވެ. " رَسُوْلُ اللهِ ﷺ عليގެފާނާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. 'ތިބާ އަށް ވުރެ ތިމަންކަލޭގެފާނަށް فاطمة ލޮބުވެތިވެގެން ވެއެވެ. އެ ކަމަނާ އަށް ވުރެ ތިމަންކަލޭގެފާނުގެ އަރިހުގައި ތިބާގެ އަގުވަޒަންކުރެވިގެން ވެއެވެ.'".31

އަދިވެސް އެކަލޭގެފާނު حديث ކުރައްވާފައި ވެއެވެ. "އިސްލާމް ދީން ތިބާއާ ހަމަޔަށް ގެނެސްދިނުމުން އޭގެ ބަދަލުގައި ތިމަންކަލޭގެފާނު އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. ތިމަންކަލޭގެފާނު ތިނާގެ ކިބައިން އެދޭ ހަމައެކަނި ކަމަކީ، ތިމަންކަލޭގެފާނާ ގާތް ތިމަންކަލޭގެފާނުގެ أهل البيت ންނަށް ލޯބިވުމެވެ".

އިސްލާމީ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި أهل البيت ން ދެކެ ލޯބިވުމަކީ، އީމާންކަންމަތީ މަރުވުމަށް އޮތް ޝަރުޠެކެވެ. އެ ފަދަ މީހުންގެ ކިބައިގައި رَسُوْلُ اللهِ ﷺ ގެ ބައިތައް ވެއެވެ. أهل البيت ންނަށް އިޙްތިރާމް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

ފުންނާބު އުސް އިސްލާމީ ޢިލްމުވެރިޔާ الإمام الرّبّاني (‏رحمة الله عليه)‏ ވިދާޅުވެފައި ވެއެވެ. "އަހަރެންގެ ބައްޕައަކީ، ޒާހިރީ އަދި ބާޠިނީ ޢިލްމު، މާނައަކީ ރޫޙާނީ ޢިލްމު ގައި ވަރަށް އަރާހުރި ޢިލްމުވެރިއެކެވެ. أهل البيت ންނަށް ލޯބިވުމަށް ބައްޕާ އަބަދުވެސް އިރުޝާދުދެއްވައި ހިތްވަރުދެއްވައެވެ. ބައްޕަ ވިދާޅުވި ގޮތުގައި، ހުވާސް ހިނގާ އިރު މިހާގެ އީމާންކަން ލެހެއްޓެވުމަށް މި ލޯބި ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. އެ ވަގުތު ޖެހުމުން އަހަރެން ބައްޕަ ގެ ކައިރިގައި ހުރީމެވެ. ބައްޕަގެ ފަހު ވަގުތުތަކުގައި، ބައްޕަގެ ހޭވެރިކަން ގެއްލެމުންދިޔަ ވަގުތު، އެ ނަސޭޙަތުގެ މަތިން ބައްޕަ އަށް ހަނދާންކޮށްދީ، އެ ލޯބިން ބައްޕަ އަށް ކުރަނީ ކޮން އަސަރެއް ތޯ އަހައިފީމެވެ. އެ ޙައްސާސީ ވަގުތުގައި ވެސް ބައްޕަ ބުންޏެވެ. 'އަހަރެން ފަތަމުން މިދަނީ أهل البيت ންގެ ލޯބީގެ ކަނޑުގައެވެ'. ހަމަ ވަގުތުން އަހަރެން އަށް ޘަނާ އާއި މަދަޙަ ދަންނަވައިފީ މެވެ. أهل البيت ން ދެކެ ލޯބިވުމަކީ، أهل السُّنَّة އިންގެ ރައުސުލްމާލެވެ. އަދި މި ރައުސުލްމާލުން އާޚިރަތުގެ ފައިދާތައް ލިއްބައިދޭނެ އެވެ ".

فاطمة (‏رضي الله عنها)‏ އާއި ޤިޔާމަތް ދުވަހާ ޖެހެންދެން މި ދުނިޔެ އަށް އަންނާނެ އެ ކަމަނާގެ ދަރިފަސްކޮޅަކީ أهل البيت ންނެވެ. އެ ބޭފުޅުން ބަޣާވާތްކުރެއްވިޔަސް، އެ ބޭފުޅުން ދެކެ ލޯބިވުމަކީ ޟަރޫރީ ކަމެކެވެ. أهل البيت ންނަށް ލޯބިވެ، ހިތާއި، ޖާނާއި، މާލުން އެ ބޭފުޅުންނަށް އެހީތެރިވެ، އެ ބޭފުޅުންނަށް އިޙްތިރާމްކޮށް، އެ ބޭފުޅުންނަށް ކިޔަމަންގަތުމުން، އެ މީހަކު އީމާންކަން މަތީ މަރުވުމަށް މަގުފަހިވާނެ އެވެ.

(‏ސީރިޔާގެ ޙަމާ ގައި، ސައްޔިދުންނަށް (‏رَسُوْلُ اللهِ ﷺ ގެ ދަރިފަސްކޮޅަށް)‏ ޚާއްޞަ ކޯޓެއް ހުއްޓެވެ. މި ބަރަކާތްތެރި ނަސަބުން އުފަންވާ ކުޑަކުދިން، ޤާޟީއެއްގެ ޙާޒިރުގައި ދެ ހެކިވެރިންނާ އެކު ރަޖިސްޓަރކުރެވެމުން ދިޔައެވެ. މި ކޯޓު އުވާލެއްވީ ބްރިޓިޝް އެމްޕަޔަރ ގެ ވަފާތެރި އެކުވެރިޔާ މުޞްޠަފާ ރާޝިދު ޕާޝާ އެވެ.)‏

أهل السُّنًّة ގެ އިމާމުން، إيمان، فقه، تصوُّف އަދި تفسير އާއި، حديث ޢިލްމު އުނގެނުނީ أهل البيت ންގެ ތެރެއިންވާ އިމާމުންގެ ފަރާތުންނެވެ. އެ ބޭފުޅުން ހެދިބޮޑުވީ އެ ބޭކަލުންގެ ތަޢުލީމުގެ ދަށުންނެވެ. އެ ބޭކަލުން ކުރިއަރައިގެންދިޔައީ، އެ ބޭފުޅުންގެ އެހީތެރިކަމާ އެކުގައެވެ. أهل السُّنًّة ގެ އިމާމުންނަށް، أهل البيت ންގެ އިމާމުންގެ ފަރާތުން އުފާވެރި ޚަބަރުތައް ލިބިވަޑައިގަތެވެ.

މުސްލިމުން، رَسُوْلُ اللهِ ﷺ ގެ أهل البيت ން ދެކެ އެހެން އެއްވެސް މީހަކަށް ލޯބިނުވާ ވަރަށް ލޯބިވެއެވެ. އަދި ހަމަ އެއާއެކު، أهل البيت ން ދެކެ ލޯބިވާ މީހުން ދެކެ ވެސް މުސްލިމުން ލޯބި ވެއެވެ. أهل البيت ންނަށް ލޯބިވެ، އެ ބޭފުޅުންގެ ދެއްކެވި މަގުން ހިނގާ މީހުންނަށް ކިޔެނީ "أهل السُّنَّة" އެވެ. أهل السُّنًّة އިންގެ އެންމެން ވެސް އެބައިމީހުންގެ ނަމާދު ގައި أهل البيت ންނަށް ދުޢާކުރެއެވެ.

މާތް ﷲ ގެ ރަސޫލާ ދުށް މީހާ އަށް ކިޔެނީ 'ޞަޙާބީ'އޭ.
މުޅި މުޖްތަމަޢަށް ކިޔޭ ނަމަކީ أصْحَابُ الكِرَام އޭ.
ރަސޫލާ ދެކެފައިވާ ހިތެއް ގައި ވަގުތުން ނޫރުން ފުރާލެވުނޭ،
ކީރިތި ޤުރްއާނުން އެކަލޭގެފާނުގެ ޞަޙާބީންނަށް ވަރަށް ބޮޑަށް ތަޢުރީދުކުރެއޭ.
އެއެންމެން ވެސް އެމީހުންގެ މުދަލާއި، ފުރާނަ އެކަލޭގެފާނު ކުރައްވަން ބޭނުންފުޅު ކަންތަކަށް ދިނޭ،
ޞުލްޙައިގެ ވަގުތުގައި އެ ބޭކަލުންނީ ޢިލްމުގެ މަޞްދަރަށޭ އަދި ހަނގުރާމަތަކުގައި ސިންގާތަކެކޭ.
ޙަދީޘުތަކުގައި އެކަލޭގެފާނުގެ ޞަޙާބީން ރަމްޒުކޮށްދެއްވަނީ ރޭގަނޑުގެ ތަރިތަކާއޭ،
އެއިން ކޮންމެ ބޭކަލަކު ނަމޫނާއަކަށް ބެލިނަމަވެސް، ތިބާ ތިވަނީ ވަރަށް އުޖާލާ މަގަކަށޭ!
އެކަލޭގެފާނުގެ ޞަހާބީން އެކަކު އަނެކަކާމުޢާމަލާތުކުރެއްވީ، ލޯތްބާއި، ތަޢުރީދުކުރުމާ އެކުގައޭ؛
އެ ބޭކަލުންގެ ފަހުން އައި މުސްލިމުން އިއްތިފާޤުވެ އެހެންބުނޫއޭ.
އެ ބޭފުޅުން އަޅުގަނޑުމެންނަށް ކީރިތި قرآن އާއި، حديث ގެނެސްދެއްވިއޭ،
އެ ބޭފުޅުން ހިތްތަކުގެ ތާހިރުކަމުން ސިކުނޑިތަކަށް އިތުބާރު ހޯދައިދިނޭ.
އެއިން ބޭފުޅަކަށް އިހާނެތިވުމުގެ މާނަ އަކީ، އިސްލާމް ދީނުގެ މޫ ޒަޚަމްކުރުމޭ،
އަޞްޙާބުންނަށް އިހާނެތިވާ މީހާ ކީރިތި قرآن ގެ މޭނާ ކުނިކޮށްލާނެއޭ.
ތިބާއަކީ ތެދުވެރި މުސްލިމެއް ނަމަ، އެއިން ކޮންމެ ބޭފުޅެއްގެ ގައިގައި އިޙްތިރާމާއެކު ހިފަހައްޓާށޭ،
އަދި ފުރަތަމަ، ރަސޫލާގެ أهل بيت ންނަށް ސަލާމާއި ޞަލަވާތް ކިޔަވާށޭ!